-

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-21) 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-56)

 

ގަވާއިދު ނަންބަރު 2020-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 99 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން. 99.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިންށުއަރެންސްގެ ވިޔަފާރުކުރާ ފަރާތްތަކުން، އިންކަމް ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅާނީ، "އިންކަމް ޓެކްސް ބަޔާން-އިންށުއަރެންސް ވިޔަފާރިކުރާ ފަރާތް" (MIRA 605) ފޯމެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 100 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

އިންޓެރިމް ޕޭމަންޓް ހިސާބުކުރުން 1-100.

(ހ) ފުރަތަމަ އިންޓެރިމް ބަޔާނުގައި ނުވަތަ ދެވަނަ އިންޓެރިމް ބަޔާނުގައި ވެސް، އިންޓެރިމް ޕޭމަންޓުގެ އަދަދު، ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ރ) ގެ ދަށުން އަންދާޒާކުރެވިދާނެއެވެ.

(ށ) ގާނޫނުގެ 43 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ، އުނިކުރާނެކަމަށް ބެލެވޭ ވިތުހޯލްޑިންގ ޓެކުހުގެ އަދަދު އުނިކުރެވޭނީ އިންޓެރިމް ޕޭމަންޓުގެ އަދަދު، ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ރ) ގެ ދަށުން އަންދާޒާކުރާ ހާލަތުގައި އެކަންޏެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 102 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ކޮންސޮލިޑޭޓެޑް ފައިނޭންށަލް ސްޓޭޓްމަންޓްތައް މީރާއަށް ހުށަހެޅުން 1-102.

(ހ) ޓެކްސް ދައްކާ ފަރާތަކީ ޕޭރެންޓް އެންޓިޓީއެއް ނަމަ، އެ އެންޓިޓީގެ އިންކަމް ޓެކްސް ބަޔާނާއެކު، އެ އެންޓިޓީ ނިސްބަތްވާ ގުރޫޕުގައި ހިމެނޭ، ހުރިހައި އެންޓިޓީއެއް ހިމެނޭ ގޮތުން ތައްޔާރުކޮށްފައިވާ ކޮންސޮލިޑޭޓެޑް ފައިނޭންށަލް ސްޓޭޓްމަންޓްތައް މީރާއަށް ހުށަހަޅަންވާނެއެވެ. އަދި އެ ކޮންސޮލިޑޭޓެޑް ފައިނޭންށަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރަންވާނީ މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑަކާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް؛

  1. ޕޭރެންޓް އެންޓިޓީއެއް ކަމުގައި ބެލެވޭނީ މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑަކުން އެ އެންޓިޓީއަކީ ޕޭރެންޓް އެންޓިޓީއެއް ކަމަށް ކަނޑައަޅާނަމައެވެ.
  2. ގުރޫޕް ކަމަށް ބުނެފައި އެ ވަނީ، ޕޭރެންޓް އެންޓިޓީއާއި އެ ޕޭރެންޓް އެންޓިޓީގެ އެންމެހައި ސަބްސިޑިއަރީތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕޭރެންޓް އެންޓިޓީއަކީ ކުންފުންޏެއް ކަމުގައިވާ ނަމަ، ގާނޫނުގެ (9) ވަނަ މާއްދާގެ (ނ) އާއި ގާނޫނުގެ 79 ވަނަ މާއްދާގެ (ފ) ގެ ބޭނުމަށް، އެ ކުންފުނިތަކުގެ ގުރޫޕުގައި ހިމެނޭ ކުންފުނިތަކަކީ، އެ ކުންފުންޏާއި، ގާނޫނު އެ ކުންފުނިތަކުގެ މައްޗަށް ހިނގާ އެންމެހައި ސަބްސިޑިއަރީ ކުންފުނިތަކެވެ.

(ރ) މި މާއްދާގެ ބޭނުމަށް، ސަބްސިޑިއަރީއެއް ކަމުގައި ބެލެވޭނީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑަކުން އެ އެންޓިޓީއަކީ ޕޭރެންޓް އެންޓިޓީއެއްގެ ސަބްސިޑިއަރީއެއްކަމަށް ކަނޑައަޅާނަމައެވެ.

(ބ) މި މާއްދާގެ ދަށުން އެއްވެސް އެންޓިޓީއަކުން ކޮންސޮލިޑޭޓެޑް ފައިނޭންށަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރިކަމުގައި ވިޔަސް، ގުރޫޕުގައި ހިމެނޭ ކޮންމެ އެންޓިޓީއަކުންވެސް، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ އެންޓިޓީއަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންދާ އެކައުންޓިންގ ސްޓޭންޑަޑަކާ އެއްގޮތްވާ ގޮތުގެ މަތިން ސެޕަރޭޓް ފައިނޭންށަލް ސްޓޭޓްމަންޓްތައް ތައްޔާރުކޮށް ވަކި އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 122 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ހިސާބުކުރުމުގެ މިންގަޑުތައް 122.

ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ބައިނަލްއަގްވާމީގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަޑުތަކަކީ؛

(ހ) އިންޓަރނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްސް (IFRS) އަދި އިންޓަރނޭށަނަލް އެކައުންޓިންގ ސްޓޭންޑަޑްސް (IAS)؛

(ށ) އިންޓަރނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްސް ފޮރ ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓިޓީސް (IFRS for SMEs)؛

(ނ) އެކައުންޓިންގ އެންޑް އޮޑިޓިންގ އޮގަނައިޒޭށަން ފޮރ އިސްލާމިކް ފައިނޭންށަލް އިންސްޓިޓިއުށަންސް (AAOIFI) ސްޓޭންޑަޑްސް.

 

5 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-21)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު