-

ޕްރެޒިޑެންށަލް ކޮމިށަން އޮން ކޮރަޕްށަން އެންޑް އެސެޓް ރިކަވަރީން މައްސަލަ ބަލައި ތަހުގީގު ކުރުމުގައި އަމަލުކުރާނެ އުސޫލުތަކާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 57/2020)

 

1 ވަނަ މާއްދާ - ތައާާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 4/2019  (ރިޔާސީ ކޮމިށަންތަކުގެ ގާނޫނު) ގެ 23  ވަނަ މާއްދާގެ (ހ) އިން މި ކޮމިށަނަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޕްރެޒިޑެންށަލް ކޮމިށަން އޮން ކޮރަޕްށަން އެންޑް އެސެޓް ރިކަވަރީން މައްސަލަ ބަލައި ތަހުގީީގު ކުރުމުގައި އަމަލުކުރާނެ އުސޫލުތަކާ ބެހޭ ގަވާއިދު" މިހެންނެވެ.

 

2 ވަނަ މާއްދާ - ކޮމިށަނުން ތަހުގީީގު ކުރުމަށް ހަމަޖެހިފައިވާ މައްސަލަތައް

ކޮމިށަނުން ތަހުގީީގު ކުރުމަށް ހަމަޖެހިފައިވާ މައްސަލަތައް ތިރީގައި މިވަނީއެވެ.

(ހ) 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިންގައިފައިވާ، ހިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކުގެ ތެރެއިން، އެކަށީގެންވާ މިންވަރަށް ތަހުގީީގު ނުކުރެވި ހުރި މައްސަލަތަކުގެ ތެރެއިން އެކި ފަރާތްތަކުން ކޮމިށަނަށް ހުށަހަޅާ މައްސަލަތަކާއި، ކޮމިށަނުގެ އަމިއްލަ އިސްނެގުމަށް ބަލާ މައްސަލަތައް؛ އަދި

(ށ) ކޮމިށަނުން ބަލަންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މައްސަލަތައް.

 

3 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

(ހ) ކޮމިށަނަށް މައްސަލަ ހުށަހަޅާއިރު، އެ މައްސަލަ ހުށަހަޅާ ފަރާތަށް އެނގުނު މިންވަރަކުން، އަންނަނިވި މައުލޫމާތު ދޭންވާނެއެވެ. 

  1. މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައުލޫމާތު؛
  3. ކުށެއް ކުރިކަމަށް ގަބޫލުކުރެވޭ ސަބަބުތައް؛
  4. ކުށް ކުރިކަމަށް ބެލެވޭ ތާރީހުު؛ އަދި
  5. މައްސަލަ ހިނގިކަމަށް ބެލެވޭ ތަން.
  6. މައްސަލަ ހިނގި ގޮތްކަމަށް މައްސަލަ ހުށަހަޅާ ފަރާތަށް ގަބޫލުކުރެވޭ ގޮތް.

(ށ) ތަހުގީީގީެއް ފަށައިގަތުމަށް ބޭނުންވާ މިންވަރަށް މައްސަލަ ހުށަހެޅި ފަރާތުން މއުލޫމާތު ހިމަނައިފައި ނުވިނަމަވެސް، އެ މައްސަލައަކީ ތަހުގީީގު ކުރަންޖެހޭ މައްސަލައެއްކަމަށް ކޮމިށަނަށް ފެންނަނަމަ، ތަހުގީީގީެއް ފެށޭ މިންވަރަށް މައުލޫމާތު އެއްކުރުމަށް ކޮމިށަނުން މަސައްކަތް ކުރަންވާނެއެވެ.

(ނ) ކޮމިށަނަށް ހާޒިރުވެ މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް އެކަން ކުރެވޭނެ އިންތިޒާމު ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން ހާމަކުރަންވާނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކާކުކަން ނޭނގޭ ގޮތަށް ވެސް ކޮމިށަނަށް މައްސަލަ ހުށަހެޅިދާނެއެވެ.

 

4 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން ދޫކުރުން

ކޮމިށަނަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ ކޮމިށަނުގައި ރަޖިސްޓަރީކުރިކަމުގެ ލިޔުމެއް، މައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - މައްސަލަ ބަލާނެކަން ނުވަތަ ނޫންކަން ކަނޑައެޅުން

(ހ) ކޮމިށަނަށް ހުށަހަޅާ މައްސަލަތަކަކީ ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ނިންމާނީ ކޮމިށަނުގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

(ށ) މައްސަލައެއް ހުށަހަޅާތާ 5 (ފަހެއް) މަސައްކަތު ދުވަހުގެ ތެރޭގައި އެއީ ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކޮމިށަނުން ކަނޑައަޅަންވާނެއެވެ.

(ނ) މައްސަލައާމެދު އަމަލުކުރުމަށް ކޮމިށަނުން ކަނޑައެޅި ގޮތް، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.

 

6 ވަނަ މާއްދާ - ތަހުގީީގަށް މީހުން ހާޒިރުކުރުން

(ހ) ކޮމިށަނުން ތަހުގީީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނަށް ހާޒިރުކުރަން ބޭނުންވާ ފަރާތްތައް، ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށް ހާޒިރުކުރެވިދާނެއެވެ.

  1. ފޯނުން ނުވަތަ އެހެންވެސް ގޮތަކުން އަންގައިގެން؛
  2. ހާޒިރުވުމަށް އަންގާ އަމުރު ފޮނުވައިގެން؛ އަދި،
  3. ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން.

(ށ) ތަހުގީީގަށް ހާޒިރުކުރެވޭ ފަރާތް ކޮމިށަނަށް ހާޒިރުވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ފޮޓޯ ޖެހި ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.

 

7 ވަނަ މާއްދާ - ހާއްސަ އާިނާޔަތް ދީފައިވާ ފަރާތްތައް

(ހ) ކޮމިށަނުގެ ތަހުގީީގަށް ހާޒިރުކުރަންޖެހޭ މީހަކީ ބަލިހާލު ހުރި ގޮތުން، ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ކޮމިށަނަށް ހާޒިރުވުމަށް އުޒުރުވެރިވާ މީހަކު ނަމަ، އެ ފަދަ މީހެއްގެ ބަޔާން ނަގާނީ އެ މީހަކު ދިރިއުޅޭ ތަނަކަށް ކޮމިށަނުގެ ތަހުގީީގު ޓީމު ގޮސްގެންނެވެ.

(ށ) ކޮމިށަނުން ހިންގާ ތަހުގީީގީެއްގައި ބަޔާން ނަގަންޖެހޭ މީހަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ހާލަތެއްގައިވާ މީހަކަށް ވެފައި، އޭނާއާ ތަހުގީީގުގައި ސުވާލުކުރުމަކީ އޭނާގެ ބަލީގެ ޒާތުން އޭނާގެ ސިއްހީީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއްކަމަށް ބަޔާންކޮށް މެޑިކަލް ޑޮކްޓަރަކު ނުވަތަ ރަޖިސްޓަރީކޮށްފައިވާ ސިއްހީީ މަސައްކަތްތެރިއަކު ލިޔުން ދޫކޮށްފައިވާނަމަ، މި ލިޔުމަށް ރިއާާޔަތްކޮށް އޭނާގެ ބަޔާން ނުނަގައި ދޫކޮށްލުމުގެ އިހުްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ބަންދުކޮށްފައި ހުރި މީހަކު ހާޒިރުކުރުން

ބަންދުކޮށްފައި ހުރި މީހަކު ކޮމިށަނަށް ހާޒިރުކުރަން ބޭނުންވެއްޖެ ނަމަ، އެ މީހަކު ހާޒިރުކުރާނީ، އެ މީހަކު ބަންދުކުރި، ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށްގެންނެވެ.

 

9 ވަނަ މާއްދާ - ތަހުގީީގަށް ހާޒިރުކުރެވޭ މީހުން  އަމަލުތައް ބަހައްޓަންވީ ގޮތް

(ހ) ކޮމިށަނުގެ ތަހުގީީގަށް ހާޒިރުކުރެވޭ މީހަކު، ފޮޓޯ ނެގޭ އަދި އޯޑިއޯއާއި ވީޑިއޯ ކުރެވޭ ފަދަ އެއްވެސް އާލާތެއް ތަހުގީީގުކުރާ ތަނަށް ވައްދައިގެން ނުވާނެއެވެ. 

(ށ) ތަހުގީީގަށް ހާޒިރުވާ މީހުންނާއެކު ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލަކު ފިޔަވައި އެހެން މީހަކު ތަހުގީީގުކުރާ ތަނަށް ވަދެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުޑަކުދިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ލިޔަންކިޔަން ނުދަތުމުގެ ސަބަބުން އެހެން މީހެއްގެ އެހީއެއް ބޭނުންވާ މީހުންނާއެކު ގާނޫނީ ވަކީލުގެ އިތުރުން، އެ ކުއްޖެއްގެ ނުވަތަ މީހެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭނޭ މީހަކު، ތަހުގީީގުކުރާ ތަނަށް ވަނުމަށް ކޮމިށަނުން ހުއްދަ ދެވިދާނެއެވެ.

(ރ) މީހަކަށް ޖިސްމާނީ ގެއްލުމެއް ދެވިދާނެ އެއްވެސް އެއްޗެއް، ތަހުގީީގުކުރާ ތަނަށް  ވައްދައިގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ދިނުން

(ހ) ތުހުމަތުކުރެވޭ މީހަކާ ސުވާލުކުރަން ފެށުމުގެ ކުރިން ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އޭނާއަށް ދޭންވާނެއެވެ. އަދި ގާނޫނީ ވަކީލަކު އައްޔަނު ކުރެވިއްޖެކަމަށް ބަލާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ގާނޫނީ ވަކީލު އައްޔަނުކުރުމަށް އެދޭ ފޯމު" ފުރިހަމަކޮށްފައި ހުށަހެޅުމުން، ކޮމިށަނުން އެ ގާނޫނީ ވަކީލަކު އައްޔަނު ކުރެވިއްޖެކަމަށް ނިންމުމުންނެވެ.

ތަހުގީީގު ފަށާއިރު ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުން ނޫންކަމުގައި ބުނެފައި، ތަހުގީީގު ފެށުމަށްފަހު ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތަށް އެދުނުކަމުގައިވިޔަސް، އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.

(ށ) ތަހުގީީގުކުރެވޭ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުންވާނަމަ، ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް 24 (ސައުވީސް) ގަޑިއިރުގެ މުއްދަތެއް ދޭންވާނެއެވެ. ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ މުއްދަތު އިތުރުކުރުމަށް އެދިއްޖެނަމަ، އިތުރު 24 (ސައުވީސް) ގަޑިއިރުގެ މުއްދަތެއް ދޭންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ގާނޫނީ ވަކީލަކު އައްޔަނުކޮށްފައި ނުވާނަމަ، އެ މީހަކު ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ދޫކޮށްލީކަމަށް ބެލެވިދާނެއެވެ.

(ނ) ތަހުގީީގުކުރެވޭ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުން ނުވާކަމަށް ބުނެފިނަމަ، ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ކޮމިށަނުން އެ މީހަކަށް ލިބިދިންކަމަށާއި، އެ މީހަކު ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުންނުވާކަމަށް ބަޔާންކޮށް ލިޔެފައިވާ ލިޔުމުގައި އެ މީހަކު ސޮއިކުރަންވާނެއެވެ.

(ރ) ތަހުގީީގުގައި މީހަކާ ސުވާލުކުރަމުން ދަނިކޮށް، އޭނާގެ ގާނޫނީ ވަކީލާ  މަށްވަރާކުރުމުގެ ފުރުސަތަށް އޭނާ އެދިއްޖެނަމަ، އެ ފުރުސަތު އޭނާއަށް ދޭންވާނެއެވެ.

 

11 ވަނަ މާއްދާ - ތަހުގީީގުގައި ހަނުހުރުން

ކޮމިށަނުން ކުރާ ތަހުގީީގީެއްގައި ތުހުމަތުކުރެވޭ މީހާ ހަނުހުރުމުގެ ހައްގު ބޭނުންކޮށްފިނަމަ، އޭނާ އެ ހައްގު ބޭނުންކުރިކަމަށް ލިޔެ ސޮއިކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ތަހުގީީގު މަޖިލިސް ރެކޯޑުކުރުން

ކޮމިށަނުން ބަލާ މައްސަލަތަކުގެ ތަހުގީީގު މަޖިލިސްތަކުގެ އަޑު ރެކޯޑުކުރަންވާނެއެވެ. ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި އެ މަޖިލީހުގެ މަންޒަރާއެކު ވެސް އަޑު ރެކޯޑުކުރެވިދާނެއެވެ.

 

12 ވަނަ މާއްދާ - ތަހުގީީގަށް ދޭ ބަޔާންތައް ލިޔުމާއި، ބަޔާނުގައި ސޮއިކުރުވުން

(ހ) ތަހުގީީގަށް ބަޔާން ދިން މީހާ، އޭނާ ދިން ބަޔާނުގައި ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ. ބަޔާން ދިނުމަށްފަހު އޭނާ ބަޔާނުގައި ސޮއިނުކޮށްފި ނަމަ، ތަހުގީީގުކުރި އިންވެސްޓިގޭޓަރާއި ތަހުގީީގު އަޑުއެހި މީހުން، އެއީ ބަޔާންދިން މީހާ ކިޔައިދިން ގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށް ލިޔެ ސޮއިކުރަންވާނެއެވެ.

(ށ) ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސޮއިކުރުމަށް އުޒުރުވެރިވާ ފަދަ ހާލަތެއްގައިވާ މީހަކު ނަމަ، ނުވަތަ ލިޔަންކިޔަން ނުދަންނަ މީހަކު ނަމަ، އެ މީހަކު ދިން ބަޔާނުގައި އެ މީހެއްގެ އިނގިލީގެ ނިށާން ޖަހާނީއެވެ. ލިޔަންކިޔަން ނުދަންނަ މީހަކު ކަމުގައި ވާނަމަ، ނުވަތަ ލިޔަންކިޔަން އުޒުރުވެރިވާ ފަދަ ހާލަތެއްގައި ހުރި މީހަކު ކަމުގައި ވާނަމަ، އޭނާގެ ބަޔާނުގައި އިނގިލީގެ ނިށާން ޖެހުމުގެ ކުރިން، އެ ބަޔާން އޭނާއަށް ކިޔައިދޭންވާނެއެވެ. އަދި އެ ބަޔާން ކިޔައިދިންކަމަށާއި އެއީ އޭނާ ކިޔައިދިން ގޮތަށް ލިޔެފައިވާ ބަޔާނެއްކަން އޮޅުންފިލައިފިކަމަށް އޭނާގެ ފަރާތުން އޭނާގެ މަސްލަހަތު ހިމާޔަތްކުރާނޭ މީހަކު ސޮއިކުރަންވާނެއެވެ.

(ނ) ތަރުޖަމާނަކު މެދުވެރިކޮށް ނަގާ ބަޔާންތައް ލިޔާނީ ދިވެހިބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ. ބަޔާން ދިން މީހާ އޭނާގެ ބަޔާނުގައި ސޮއިކުރުމުގެ ކުރިން، ތަހުގީީގުކުރި އިންވެސްޓިގޭޓަރާއި ތަހުގީީގު އަޑުއެހި މީހުންގެ ހާޒިރުގައި، ބަޔާން ދިން މީހާގެ ތަރުޖަމާނު، ބަޔާން ދިން މީހާއަށް އޭނާގެ ބަޔާން ތަރުޖަމާ ކޮށްދޭންވާނެއެވެ. އަދި އޭނާއަށް އެ ބަޔާން ތަރުޖަމާ ކޮށްދިންކަމަށް ބަޔާންކޮށް ތަރުޖަމާނުވެސް އެ ބަޔާނުގައި ސޮއިކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ކުޑަކުދިންނާއި ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުންނާމެދު އަމަލުކުރަންވީ ގޮތް

ތަހުގީީގުގައި ސުވާލުކުރުވޭ ފަރާތަކީ ކުޑަކުއްޖެއް ނަމަ، ނުވަތަ ޖިސްމާނީ އުނިކަމެއްގެ ސަބަބުން، ނުވަތަ ނަފްސާނީ އުނިކަމެއްގެ ސަބަބުން، ނުވަތަ ލިޔަންކިޔަން ނުދަތުމުގެ ސަބަބުން، އެހެން ފަރާތެއްގެ އެހީއެއް ބޭނުންވާ ފަދަ ހާލަތެއްގައި ހުރި މީހެއް ނަމަ، ތަހުގީީގުގެ މަރުހަލާގައި      އެ ފަރާތަކާ މެދު އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ފަރާތަކާ ސުވާލުކުރަންވާނީ، އެ ފަރާތެއްގެ މަސްލަހަތު ހިމާޔާތްކުރެވޭނެ ފަރާތެއްގެ ހާޒިރުގައެވެ. މަސްލަހަތު ހިމާޔާތްކުރުމުގެ ގޮތުން އައްޔަނުކުރެވޭނީ ހާޒިރުކުރެވޭ މީހާގެ މައިންބަފައިން، ނުވަތަ ބެލެނިވެރިން، ނުވަތަ ބަލަދުވެރިންގެ ތެރެއިން މީހެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްލަހަތު ހިމާޔާތްކުރެވޭނޭ ފަރާތް އައްޔަނުކުރުމަށް ޓަކައި، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "މަސްލަހަތު ހިމާޔަތްކުރެވޭނޭ ފަރާތެއް އައްޔަނުކުރާ ފޯމު" ފުރިހަމަކޮށްފައި، އެ ފޯމު ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި ކުޑަކުދިންކަމުގައި ބަލާނީ، ތަހުގީީގުކުރެވޭ ކަންތައް ހިނގިއިރު 18 (އަށާރަ) އަހަރު ނުފުރޭ ކުދިންނެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި ޖިސްމާނީ އުނިކަމެއް ހުރި މީހެއްކަމުގައި ބަލާނީ، އޭނާއަކީ ޖިސްމާނީ އުނިކަމެއްގެ ސަބަބުން، ނުވަތަ ނަފްސާނީ އުނިކަމެއްގެ ސަބަބުން، ނުވަތަ ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުން، ނުވަތަ ލޮލަށް ނުފެނުމުގެ ސަބަބުން، ނުވަތަ އަޑުނީވުމުގެ ސަބަބުން، ނުވަތަ ވާހަކަދެއްކުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑު އުނދަގޫ ކަމެއް ހުރުމުގެ ސަބަބުން، އެހެން ފަރާތެއްގެ އެހީއަށް ބޭނުންވާ ފަދަ ހާލަތެއްގައި ހުރި މީހެއްކަމަށް ބަޔާންކޮށް މެޑިކަލް ޑޮކްޓަރަކު ނުވަތަ ރަޖިސްޓަރީކޮށްފައިވާ ސިއްހީީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް މި ކޮމިށަނަށް ހުށަހަޅައިފައި ވާނަމައެވެ.

 

15 ވަނަ މާއްދާ - މައްސަލަ ނިންމުން

ކޮމިށަނުން މައްސަލަ ނިންމުމަށްފަހު، މައްސަލަ ނިންމި ގޮތް ބަޔާންކޮށް، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބުދޭންވާނެއެވެ.

 

16 ވަނަ މާއްދާ - މައްސަލަތައް ބެލުމަށްފަހު އަމަލުކުރާނެ ގޮތް

(ހ) ކޮމިށަނުން ތަހުގީީގުކުރާ މައްސަލަތަކުގައި ހިމެނޭ ޖިނާއީ ބައިތަކުގެ ތަހުގީީގު ފުރިހަމަވުމާއެކު، ދައުވާ ކުރެވޭވަރަށް ހެއްކާއި ގަރީނާ ހުރިކަމަށް ކޮމިށަނަށް ފެންނަ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން، ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ފޮނުވަންވާނެއެވެ.

(ށ) ކޮމިށަނުން ތަހުގީީގުކުރާ މައްސަލަތަކުގައި މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި، މުދަލާއި ފައިސާ އަނބުރައި ހޯދުމުގެ ކަންކަން ހިމެނޭ ނަމަ، އެފަދަ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުއެޅުމަށާއި ދައުވާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން، އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ފަދަ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި ކޮމިށަނަށް ފެންނަ ގޮތުގެ ރިޕޯޓު އެކުލަވައިލައި، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.

 

17 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާހައި ހިނދަކު:

"ކޮމިށަން" ކަމުގައި ބުނެފައި އެވަނީ، ޕްރެޒިޑެންށަލް ކޮމިށަން އޮން ކޮރަޕްށަން އެންޑް އެސެޓް ރިކަވަރީއަށެވެ.

 

18 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައި ފައިލުގައި 

މައި ގާނޫނު

ރިޔާސީ ކޮމިށަންތަކުގެ ގާނޫ (ގާނޫނު ނަންބަރު 4/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު