-

ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2020-52)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2020-83 އިން އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިި ގަވާއިދަކީ، ގާނޫނު ނަންބަރު 2015-32 (ގާނޫނު ނަންބަރު 1978-69 ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރުލިބިގެން، އެ މާއްދާގެ 20 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މިި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގައި ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މިި ގަވާއިދުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ ބަނދަރުތަކަށް އައިސްގޮސްފައިވާ އާގުބޯޓުފަހަރަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ށިޕިންގ އޭޖެންޓުންގެ ހިދުމަތް ޕްރޮފެށަނަލް ފެންވަރެއްގައި ޒިންމާދާރުކަމާއެކު ދިނުމަށް މަގުފަހިކޮށްދިނުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން 

(ހ) މިި ގަވާއިދު ހިންގާނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ ކަނޑު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުވެފައިވާމިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

(ށ) މި ގަވާއިދު ތަންފީޒުކުރާނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީންނެވެ. 

 

4 ވަނަ މާއްދާ - ށިޕިންގ އޭޖެންސީ ރަޖިސްޓަރީ ކުރުން

(ހ) ދިިވެހިރާއްޖޭގައި ށިޕިންގ އޭޖެންސީގެ ހިދުމަތް ދެވޭނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

(ށ) ށިިޕިންގ އޭޖެންސީއެއްގެ ގޮތުގައި މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްދެވޭނީ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ މަގްސަދުގެ ތެރޭގައި ށިޕިންގ އޭޖެންޓުކަން ކުރުން ހިމެނޭ ކުންފުނިތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ށިޕިންގ އޭޖެންސީ ރަޖިސްޓަރީ ކުރުމަށްޓަކައި އަންނަނިވި ލިޔުންތައް ހުށަހަޅަން ވާނެއެވެ.

  1. ފުރިހަމަކޮށްފައިވާ "ށިޕިންގ އޭޖެންސީ ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" (މި ފޯމު މި ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމެނިފައިވާނެއެވެ.)؛ 
  2. ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ؛ 
  3. ށިޕިންގ އޭޖެންސީގެ އޮފީހާ ގުޅޭ މައުލޫމާތާއި، މުވައްޒަފުންނާ ގުޅޭ މައުލޫމާތާއި، އޮފީސް ހުޅުވައިފައި ހުންނަ ގަޑިތަކާ ގުޅޭ މައުލޫމާތު އެނގޭނެ ލިޔުމެއް.

(ރ) އޭޖެންސީ ހުޅުވައިފައި ހުންނަ ގަޑި އެނގޭނެގޮތަށް އޮފީހުގެ ބޭރުގައި ބޯޑެއް ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި އޮފީސް ހިންގާ އިމާރާތް ބަދަލުވެއްޖެނަމަ، އިމާރާތް ބަދަލުވާތާ ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިޔުމަކުން އެކަން އަންގަންވާނެއެވެ.

 

5 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާއިރު ށިޕިންގއޭޖެންސީގެ ހިދުމަތްދޭކުންފުނިތައްރަޖިސްޓަރީކުރުން

މިި ގަވާއިދަށް އަމަލުކުރަން ފަށާއިރު ށިޕިންގ އޭޖެންސީގެ ހިދުމަތްދޭ ކުންފުނިތަކުން، 30 (ތިރީސް) ދުވަހުގެ ތެރޭގައި، މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީގައި، ށިޕިންގ އޭޖެންސީ ރަޖިސްޓްރީ ކުރަންވާނެއެވެ. މި މުއްދަތުގެ ފަހުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް އެއްވެސް ފަރާތަކުން ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

 

6 ވަނަ މާއްދާ - ށިޕިންގ އޭޖެންސީގެ ހިދުމަތް ކަމުގައި ބަލާނޭ ކަންކަން

(ހ) އާގުބޯޓުފަހަރު ދިވެހިރާއްޖޭގެ ބަނދަރުތަކަށް އައުމާއި ފުރުވުމާ ބެހޭ ހުރިހާ ކަންތަކެއް ހަމަޖައްސައިދިނުން.

(ށ) މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ބަނދަރު ހިންގާ ކުންފުނިތަކާއި، މޯލްޑިވްސް އިމިގްރޭށަނާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތް/ޕޯޓް ހެލްތާއި، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސް / ކޯސްޓް ގާޑާއި، ކަމާ ގުޅޭ އެހެނިހެން މުއައްސަސާތައް މެދުވެރިކޮށް ބޯޓަށް ބޭނުންވާ ހިދުމަތްތައް ދިނުން.

(ނ) ބޯޓުގެ ފަޅުވެރިން ސައިންއޮން އަދި ސައިންއޮފް ކޮށްދީ، އެ މީހުން އައުމާއި ފުރުމާ ބެހޭ ހިދުމަތްތައް ދިނުން.

(ރ) ބޯޓަށް ފޯރުކޮށްދޭންޖެހޭ ށިޕް ސްޓޯރާއި، ބަންކަރު ދިނުމާއި، ބޯޓުގެ މަރާމާތާ ބެހޭ ކަންތަކާއި މަރާމާތާ ގުޅުންހުރި ކަންތައްތައް މަގުފަހި ކޮށްދިނުމާއި،ޒަރޫރީ އެހެނިހެން ކަންކަން ހަމަޖައްސައިދިނުން.

(ބ) ބޯޓުފަހަރު ގަނެވިއްކުމާބެހޭ (ށިޕް ބްރޯކަރޭޖް) ކަންކަން ހިންގުން.

(ޅ) ބޯޓުފަހަރު ޗާޓަރު ކޮށްދިނުން.

(ކ) ފްރައިޓާއި ޗާޓަރު ކުލި ނެގުން.

(ވ) ދިިވެހިރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުން ހަދައިފައިވާ މުހިންމު ގަވާއިދުތަކާއި ސަރކިއުލަރތަކާއި އުސޫލުތައް ބޯޓަށް އެންގުން.

(އ) އެކްސްޕޯޓް ކުރާ މުދަލާއި، އިމްޕޯޓް ކުރާ މުދަލުގެ ށިޕިންގ ލިޔެކިޔުންތައް ތައްޔާރުކޮށްދިން.

(ވ) އެކްސްޕޯޓްކުރާ މުދަލާއި އިމްޕޯޓްކުރާ މުދަލުގެ ފްރައިޓް ފޯވަޑިންގ ހިދުމަތް ދިނުމާއި، ޑެލިވަރީ އޯޑަރ (ޑީ.އޯ) ދޫކުރުން.

(މ) ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން، ކަމާބެހޭ އިދާރާތަކުގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އިންތިޒާމް ކޮށްދިނުން.

(ފ) ށިޕިންގ އޭޖެންޓުގެ ޒިންމާގެ ތެރޭގައި ބަލަހައްޓަންޖެހޭ ރެކޯޑުތައް ރައްކައުތެރިކަމާއެކު ބެލެހެއްޓުން.

(ދ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ބޯޓާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމްކޮށްދިނުން.

 

7 ވަނަ މާއްދާ - ލައިސަންސް ހޯދުން

(ހ) ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ށިޕިންގ އޭޖެންޓްކަން ކުރަންވާނީ،މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ށިޕިންގ އޭޖެންޓުންނަށް ދޫކުރާ ލައިސަންސް ހޯދުމަށް ފަހުއެވެ.

(ށ) މި ގަވާއިދުގެ ދަށުން ށިޕިންގ އޭޖެންޓްކަން ކުރުމަށް ދޫކުރާ ލައިސަންސް،އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.
(ނ) ށިޕިންގ އޭޖެންޓުކަން ކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އަމަލެއް ކޮށްފައިވާކަން އެއްވެސް މުއައްސަސާއަކުން ހާމަކޮށް ލިޔުމުން އެކަން ހުށަހަޅައިފިނަމަ، އެ ފަރާތަކަށް ލައިސަންސް ދޫކުރެވޭނީ، އެ މައްސަލަ ބަލައި އެކަން ހައްލުކުރުމުންނެވެ.

(ރ) ށިޕިންގ އޭޖެންޓްކަން ކުރުމުގެ ލައިސަންސް ދޫކުރާނީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ބ) މި ލައިސަންސް 5 (ފަހެއް) އަހަރުދުވަސް ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން ހުއްދަ އައުކުރުމަށްޓަކައި ފުރިހަމަކޮށްފައިވާ "ށިޕިންގ އޭޖެންސީ ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" އާއި، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ލިޔުންތަކާއެކު ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ފީ ނެގުން

ށިޕިންގ އެޖެންޓްކަން ކުރުމުގެ ހުއްދައަށް އަހަރަކަށް 100 (އެއްސަތޭކަ) ރުފިޔާގެ މަގުން 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. ހުއްދައިގެ މުއްދަތު ހަމަވުމުން، އެ ހުއްދަ އައު ނުކޮށްފިނަމަ، ހުއްދަ އައުކޮށްދެވޭނީ 250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

 

9 ވަނަ މާއްދާ - ށިޕިންގ އޭޖެންޓުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

(ހ) ށިިޕިންގ އޭޖެންޓުން އޭނާގެ ޕްރިންސިޕަލަށް ހިދުމަތް ދިނުމުގައި ޒިންމާއާއި ވާޖިބުތައް އަދާކުރަންވާނީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ހަމަހަމަކަމާއެކުގައެވެ. މިގޮތުން ށިޕިންގ އޭޖެންޓުގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމުގައި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލް އަގްވާމީ މުއާހަދާތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(ށ) ށިިޕިންގ އޭޖެންޓް އޭނާގެ ޕްރިންސިޕަލްގެ ފައިސާއާބެހޭ މުއާމަލާތްތައް ކުރަންވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ.

(ނ) ިޕިންގ އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ށިޕިންގ އޭޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ. ކޮންސައިނީއަށް ޑެލިވަރީ އޯޑަރ ދޫކުރުމަށް ށިޕިންގ އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑަރ ސީދާގޮތުންނާއި ނުސީދާގޮތުންވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނަގައިގެން ނުވާނެއެވެ. ނަމަވެސް ށިޕިންގ ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ނެގިދާނެއެވެ.

(ރ) އެޖެންޓެއް މެދުވެރިވެގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި އުޅަނދު ދަތުރުކުރާއިރު ދިމާވާ ނުރައްކައުތެރި ހާދިސާތަކާއި ތިމާވެށްޓަށް ގެއްލުން ލިބޭފަދަ ކަންކަމުގައި ސަލާމަތީ ބާރުތަކަށް ދޭންޖެހޭ އެންމެހައި އެހީތެރިކަން ދިނުމާއި، އޭޖެންޓުގެ އިހުމާލުން ހިނގާ ކަންކަމުގައި ދެވަނަ ފަރާތަކަށް ލިބޭ ގެއްލުންތައް ހައްލުކޮށްދިނުމުގައި އޭޖެންޓު މަސައްކަތް ކޮށްދޭންވާނެއެވެ.

 

10 ވަނަ މާއްދާ - މައުލޫމާތު ދިނުމާއި ރެކޯޑު ބެލެހެއްޓުން

(ހ) ރަަޖިސްޓަރީ ކޮށްފައިވާ ކޮންމެ ށިޕިންގ އޭޖެންސީއަކުންވެސް އެ ތަނަކުން ހިދުމަތްދީފައިވާ ފަރާތްތަކުގެ ނިމިދިޔަ މީލާދީ އަހަރުގެ، މި މާއްދާގެ

(ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ހިނގަމުންދާ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) ށިޕިން އޭޖެންސީން ހުށަހަޅަންޖެހޭ މައުލޫމާތުތައް؛

  1. ށިޕިންގ އޭޖެންސީން ހިދުމަތް ދީފައިވާ އުޅަނދުފަހަރުގެ ނަމާއި،ރަޖިސްޓަރީ ނަންބަރާއި، އުޅަނދު ރާއްޖެއަށް އައި ތާރީހާއި،އުޅަނދު ރާއްޖެއިން ފުރި ތާރީހު؛ 
  2. ށިޕް ސްޓޯރާއި، ބަންކަރު ދިން އުޅަނދުފަހަރާއި، އުޅަނދުފަހަރު މަރާމާތުކޮށްފައިވާނަމަ މަރާމާތުކުރި އުޅަނދުގެ ރަޖިސްޓަރީ ނަންބަރާއި، އުޅަނދުގެ ނަމާއި، ކުރި މަރާމާތުގެ ތަފުސީލު؛
  3. އެއްވެސް އުޅަނދެއް ގަތުމުގެ މަސައްކަތް ކޮށްފައިވާނަމަ، ނުވަތަ ވިއްކުމުގެ މަސައްކަތް ކޮށްފައިވާނަމަ، އެ އުޅަނދުފަހަރުގެ ނަމާއި،އެ މުއާމަލާތު ހިނގި ތާރީހު؛
  4. އެއްވެސް އުޅަނދެއް ޗާޓަރު ކޮށްފައިވާނަމަ، ޗާޓަރު ކުރި އުޅަނދުގެ ނަމާއި ތާރީހު؛
  5. ރާއްޖެއަށް އިމްޕޯޓުކުރާ މުދަލަށް ފުރައިޓާއި ޗާޓަރު ކުލި ނެގުމަށް ކަނޑައަޅައިފައިވާ ރޭޓުތައް؛
  6. ރާއްޖެއަށް އިމްޕޯޓުކުރާ މުދަލަށް ފުރައިޓުގެ ގޮތުގައި އޭޖެންސީން ހޭންޑުލްކުރި މުދަލުގެ ކިއުބިކު މީޓަރު (ސީ.ބީ.އެމް) އަދި ކޮންޓެއިނަރުގެ ތަފުސީލު؛
  7. އޭޖެންސީ މެދުވެރިކޮށް ރާއްޖެ ގެނެސް އެ އަހަރުދުވަހުގެ ތެރޭގައި ރާއްޖެއިން އަނބުރާ ނުގެންގޮސް ހުރި ކޮންޓެއިނަރުތަކުގެ ތަފުސީލު؛
  8. ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކޮށްފައިވާ މުދަލުގެ ކިއުބިކު މީޓަރު (ސީ.ބީ.އެމް) އަދި ކޮންޓެއިނަރުގެ ތަފުސީލު؛ 
  9. ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކޮށްފައިވާ މުދަލަށް ފުރައިޓު ނެގުމަށް ކަނޑައަޅައިފައިވާ ރޭޓުތަކާއި ޗާޓަރު ރޭޓުތައް.

 

11 ވަނަ މާއްދާ - އަދަބު

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތައް 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކޮށް، އެކަން ތަކުރާރު ނުކުރުމަށް ލިޔުމަކުން އަންގަންވާނެއެވެ.

(ށ) މި ގަވާއިދާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އަދި އެ އޭޖެންސީއެއްގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމުގައި އިހުމާލުވެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދި، އިދާރީގޮތުން ކުރާ ތަހުގީގަކަށް އެކަން ސާބިތުވެއްޖެނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރުމުގެ އިހްތިޔާރު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބިގެންވެއެވެ. 

 

12 ވަނަ މާއްދާ - މާނަކުރުން 

(ހ) "ށިޕިންގ އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، އާގުބޯޓެއްގެ ވެރިފަރާތް، ނުވަތަ ކަނޑު އުޅަނދު ޗާޓަރުކޮށްގެން އުޅޭ ފަރާތް، ނުވަތަ ކަނޑު އުޅަނދު އޮޕަރޭޓަރުގެ ފަރާތުން ރާއްޖޭގެ ބަނދަރުތަކަށް އަންނަ އުޅަނދުފަހަރަށް އެ އުޅަނދު އައުމާއި ފުރުމާ ދެމެދު ދޭންޖެހޭ ހިދުމަތްތައް ދިނުމާއި، އެ ބޯޓަކުން ގެނައި މުދާ ދޫކުރުމަށް ޑެލިވަރީ އޯޑަރ ދޫކުރުމާއި، ބޯޓުގެ މާސްޓަރާއި ވެރިފަރާތުން ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދިނުމާއި، ޖުމުލަކޮށް ބޯޓުގެ ބަލަދުވެރިކަން ބަލަހައްޓާ ފަރާތަށެވެ.

(ށ) "އޮތޯރިޓީ" ކަމަށް ބަޔާންކޮށްފައި އެވަނީ، "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ" އަށެވެ.

(ނ) "ޕްރިންސިޕަލް" ކަމަށް ބަޔާންކޮށްފައި އެވަނީ، ބޯޓުގެ ވެރިފަރާތް ނުވަތަ ބޯޓު ޗާޓަރުކޮށްގެން އުޅޭ ފަރާތް ނުވަތަ ބޯޓުގެ އޮޕަރޭޓަރަށެވެ. 

(ރ) "ޗާޓަރު" ކަމަށް ބަޔާންކޮށްފައި އެވަނީ، ކަނޑު އުޅަނދެއް ކުއްޔަށް ހިފުން ނުވަތަ ސްލޮޓް ޗާޓަރ (ޗާޓަރު ކުރާ ފަރާތް ބޯޓުގެ ސްލޮޓެއް އެހެން ފަރާތަކަށް ޗާޓަރަށް ދިނުން) އުސޫލުން ކުއްޔަށް ހިފުމަށެވެ.

(ބ) "ފްރައިޓް ޗާރޖު" ކަމަށް ބަޔާންކޮށްފައި އެވަނީ، ކަނޑުމަގުން އެއްތަނުން އަނެއްތަނަށް މުދާ ގެންގޮސްދިނުމަށް ނަގާ އުޖޫރައަށެވެ.

(ޅ) "ށިޕް ބްރޯކަރޭޖު" ކަމަށް ބަޔާންކޮށްފައި އެވަނީ، ކަނޑު އުޅަނދު ކުއްޔަށް ދޫކުރުމާއި، ކަނޑުމަގުން އުފުލާ މުދަލާއި މީހުން ފޮނުވުމަށް އުޅަނދުފަހަރުން ޖާގަ ހޯދައިދިނުމާއި، ބޯޓުފަހަރު ގަނެ ވިއްކުމުގެ މަސައްކަތްކުރާ ފަރާތަށެވެ.

(ކ) "އާގު ބޯޓް ފަހަރު" ކަމަށް ބަޔާންކޮށްފައި އެވަނީ، މީހުންނާއި މުދާ ނުވަތަ މީހުން ނުވަތަ މުދާ އަރުވައިގެން ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރާއި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އެންމެހައި އުޅަނދުފަހަރަށެވެ.

(އ) "ސައިންއޮން އަދި ސައިންއޮފް" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ހުއްދަޔާއެކު ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުގެ ދަފުތަރުގައި މީހުން ޖެއްސުމާއި ދަފުތަރުން މީހުން އުނިކުރުމަށެވެ.

(ވ) "ށިޕު ސްޓޯރު" ކަމަށް ބަޔާންކޮށްފައި އެވަނީ، ބޯޓު ދުއްވުމާއި މަރާމާތާއިހިންގުމަށް ބޭނުންވާ އާލާތާއި ސާމާނާއި، އަދި ފަޅުވެރިންނާއި ފަސިންޖަރުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ފެނާއި ބޭހާއި އަދިވެސް މިފަދަ ތަކެއްޗަށެވެ.

(މ) "ބަންކަރު ދިނުން" ކަމަށް ބަޔާންކޮށްފައި އެވަނީ ބޯޓުގެ މެށިނަރީ ހިންގުމަށް ބޭނުންވާ ތެޔޮ ބޯޓަށް ބަރުކުރުމަށެވެ.

 

13 ވަނަ މާއްދާ - އެހެނިހެން ގަވާއިދުތަކަށް އަމަލުކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ އެހެން ވުޒާރާއެއް ނުވަތަ އިދާރާއެއް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތަކާ ގުޅިގެން އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ށިޕިންގ އެޖެންސީ ނުވަތަ ފްރައިޓް ފޯވަރޑަރުގެ ހިދުމަތް ދިނުމުގައި އަމަލުކުރުމަށް ކަނޑައަޅައިފައިވާ އިޖުރާއަތުތަކަށް އަމަލުކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. އަދި އެ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލު ނުކުރާ ހާލަތެއްގައި އެ ގަވާއިދުތަކާއި އުސޫލުގެ ދަށުން އެ އިދާރާއަކުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު (އުވި ފައި)

 

މައި ގާނޫނު

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރ 1978-69) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-35)

 

އުވި ގަވާއިދު

ގަވާއިދު ނަންބަރު 2020-52 (ދިވެހިރާއްޖޭގައި ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު) އުވައިލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-83)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު