-

އިންތިހާބުތަކާ ގުޅިގެން ށަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި، އެ ކަންކަން ބެލުމުގައި އަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 15/2020) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 64/2020)

 

ގަވާއިދު ނަންބަރު 15/2020 (އިންތިހާބުތަކާ ގުޅިގެން ށަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި، އެ ކަންކަން ބެލުމުގައި އަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރުހުމުގައި އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުން 18.

(ހ) އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ތުހުމަތުކުރެވޭ މީހާގެ، ނުވަތަ ށަކުވާއަކާ / މައްސަލައަކާ ގުޅިގެން ހެކިބަހެއް ނެގުމަށް ނުވަތަ މައުލޫމާތެއް ހޯދުމަށް އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުކުރަން ބޭނުންވާ މީހާގެ ރުހުމުގައި، ފޯނު ކޯލަކުން އަންގައިގެން، ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް، ނުވަތަ އެ މީހަކާ ބައްދަލުކޮށްގެން ހާޒިރުވާންޖެހޭ ގަޑި އަންގައިގެން އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހާޒިރުވުމަށް އެންގުމުގެ އިހްތިޔާރު އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިގެންވެއެވެ. މިގޮތުން، އެ މީހަކާ ބައްދަލުކޮށްގެން ހާޒިރުވާންޖެހޭ ގަޑި އެންގުނުނަމަވެސް، ހާޒިރުވުމުގެ އަމުރު އެ ފަރާތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ނުވަތަ އިލެކްޓްރޯނިކް އެހެން ވަސީލަތެއް މެދުވެރިކޮށް ފޮނުވަން ވާނެއެވެ.

 

2 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

ހަނުހުރުމުގެ ހައްގު 26.

(ރ) މައްސަލައަކާ ގުޅިގެން ތުހުމަތުގައި ނޫންގޮތަކަށް ސުވާލުކުރެވޭ މީހާއަށް ނުވަތަ މައުލޫމާތު ހޯދުމަށްޓަކައި ސުވާލުކުރެވޭ މީހާއަށް، ހަނުހުރުމުގެ ހައްގު ލިބިގެނެއް ނުވެއެވެ.

 

3 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދުގެ 38 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ބޭންކް އެކައުންޓް މޮނިޓަރ ކުރުމާއި، މާލީ ކަންކަން ތަހުގީގުކުރުން 39.

މައްސަލައަކާ ގުޅިގެން މީހެއްގެ ބޭންކް އެކައުންޓާއި އެ އެކައުންޓުން ކުރާ މުއާމަލާތް މޮނިޓަރ ކުރަން ބޭނުންވެއްޖެ ހާލަތެއްގައި، އެކަމަށް އެދި ކޯޓު އަމުރަކަށް އިލެކްށަންސް ކޮމިށަނުން އެދެވިދާނެއެވެ. އަދި މިފަދައިން ނެރޭ މޮނިޓަރ ކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާނަމަ، އެ އެކައުންޓުގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ކޯޓު އަމުރަކަށް، ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ކޮމިށަނުން އެދެވިދާނެއެވެ.

 

4 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދުގެ 39 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ނެރުން 40.

މައްސަލައަކާ ގުޅިގެން، މީހަކު ކުށެއް ކުރަމުންދާކަން، ނުވަތަ ކުށެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރަން އުޅޭކަން ގަބޫލުކުރެވޭ އެކަށިގެންވާ ހެކި ލިބިފައިވާނަމަ، އަދި އޭނާ ފިލައިގެން ދާން އުޅޭކަމަށް ބެލެވޭ ފަދަ އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އޭނާގެ ޕާސްޕޯޓު، ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމުގެ އިހްތިޔާރު، އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދުގެ 40 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ކޮމްޕްލެއިންޓްސް ބިއުރޯ އުވާލުމަށްފަހު، މައްސަލަތަކާމެދު އަމަލުކުރާނެ ގޮތް 41.

މި ގަވާއިދުގައި ބުނެފައިވާ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތައް، އިންތިހާބު ނިމުމުން އުވައިލެވޭއިރު އެއްވެސް މައްސަލައެއްގެ ތަހުގީގު ކުރިޔަށްދާނަމަ، އެ ތަހުގީގުގެ މަސައްކަތްކުރާނީ އިލެކްށަންސް ކޮމިށަނުގެ ލީގަލް ސެކްށަން ހިމެނޭ ގޮތަށް ކޮމިށަނުން އެކުލަވައިލާ ކޮމިޓީއަކުންނެވެ.

 

6 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

7 ވަނަ މާއްދާ

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

  

މައި ގަވާއިދު

އިންތިހާބުތަކާ ގުޅިގެން ށަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި އެކަންކަން ބެލުމުގައި އަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 15/2020)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު