ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2020-71)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލު ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 59 ވަނަ މާއްދާއާއި، 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 59 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލު ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލު އެކުލެވިގެންވާ ގޮތް
(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 56 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލު އެކުލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
- މިނިސްޓްރީން ކަނޑައަޅާ ފަރާތެއް؛
- ސިއްހަތާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- ތައުލީމާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ފަރާތެއް؛
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ފަރާތެއް؛ އަދި
- ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކޮށްދިނުމަށް ޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތަކުގެ ތެރެއިން ކަނޑައަޅާ 2 (ދޭއް) ފަރާތް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުންގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލަށް، އެ ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި، އަންނަނިވި ފަރާތްތަކުގެ ލަފާ ހޯދިދާނެއެވެ.
- ޒުވާނުންނާއި މުޖުތަމައު ބާރުވެރިކުރުވުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- އިސްލާމީ ކަންކަމާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- އެޓަރނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ގާނޫނީ ވަކީލެއް؛ އަދި
- ކައުންސިލުން ކަނޑައަޅާ އެހެން ފަރާތެއް.
4 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލަށް ރައީސާއި ނައިބު ރައީސް އައްޔަނު ކުރުން
ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުންގެ ތެރެއިން، ކައުންސިލުގެ ރައީސާއި ނާއިބު ރައީސްގެ ގޮތުގައި 2 (ދޭއް) މެންބަރުން އައްޔަނު ކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
5 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސްގެ ޒިންމާ (ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސްގެ ޒިންމާތަކަކީ، ކައުންސިލުގެ މަސައްކަތްތައް ރާވައި ހިންގުމާއި، ކައުންސިލުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތަކީ، ކައުންސިލުގެ ރައީސްގެ ޒިންމާތައް އަދާކުރުމުގައި އެހީތެރިވެދިނުމާއި، ކައުންސިލުގެ ރައީސް އޭނާގެ ޒިންމާތައް އަދާކުރުމަށް އުޒުރުވެރިޔާ ހާލަތްތަކުގައި އެ ޒިންމާތައް އަދާކުރުމެވެ.
6 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސް މަގާމުން އިސްތިއުފާ ދިނުން
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، އިސްތިއުފާ ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން އިސްތިއުފާ ދީފިނަމަ، އެއިން މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަނު ކުރަންވާނެވެ.
7 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މަސްއޫލިއްޔަތުތައް
އަންނަނިވި ކަންކަމަކީ ކައުންސިލުގެ މަސްއޫލިއްޔަތުތަކެވެ.
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުންނާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓަރަށް ލަފާދިނުން؛
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުންނާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އެންމެ ބޮޑަށް އިސްކަންދޭންވީ ކަންކަން ފާހަގަކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ނ) ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި، އެ މުއާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްތަކާއި، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެހެނިހެން މުއާހަދާތައް ދިވެހިރާއްޖޭގައި ތަންފީޒު ކުރަމުން ގެންދޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުތަކާމެދު މިނިސްޓަރަށް ލަފާދިނުން؛
(ރ) ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ބ) ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ ގައުމީ ނިޒާމުގެ ދަށުން ދެވޭ ހިދުމަތްތައް މުރާޖައާކޮށް، އެ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ޅ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުންނާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭގޮތުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާއި އަމާޒުތައް ހާސިލު ކުރެވެމުންދަނީ ކިހާ މިންވަރަކަށްތޯ ބަލައި، ސަރުކާރުގެ އިދާރާތަކުން އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޓަކައި ކުރާ މަސައްކަތްތައް މުރާޖައާކޮށް މިނިސްޓަރަށް އަންގަމުންދިޔުން؛
(ކ) ކުޑަކުދިންނަށް ރައްކައުތެރިކަން ދިނުމަށް މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމްއިއްޔާތަކަށް ފައިސާ ދޫކުރާނެ އުސޫލު ދުރާލައި ކަނޑައެޅުމާއި، އެ އުސޫލުގެ ދަށުން ފައިސާ ދޫކުރުމުގައި އިސްކަންދޭނެ ކަންކަން ކަނޑައެޅުން؛
(އ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުންނާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާ ގުޅުން ބަދަހިކޮށް، އެފަދަ ޖަމްއިއްޔާތަކާއެކު ހިންގޭ އެކިއެކި ހަރަކާތްތައް ވިލަރެސްކުރުން؛
(ވ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލަންޖެހޭ ސިޔާސަތުތަކާއި، މިންގަނޑުތަކާއި، އިޖުރާއަތުތައް އެކުލަވައިލުމުގައި މިނިސްޓަރަށް ލަފާދިނުން.
8 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ އިދާރީ ކަންކަން ހިންގުން
ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ އިދާރީ ކަންކަން ހިންގާ ބަލަހައްޓާނީ މިނިސްޓްރީންނެވެ.
9 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތައް
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއް، މަދުވެގެން ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުން ބާއްވާނެ ދުވަހާއި ގަޑި ކަނޑައަޅާނީ ކައުންސިލުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން، ކައުންސިލުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުން ބާއްވަން ކަނޑައަޅާ ދުވަހަށް ބައްދަލުވުން ބޭއްވުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރަންވާނީ މިނިސްޓްރީންނެވެ.
(ރ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއް ބާއްވާނަމަ، އެ ބައްދަލުވުމެއް ފެށުމުގެ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން، އެ ބައްދަލުވުން އޮންނާނެ ތާރީހާއި ގަޑިއާއި ތަން ބަޔާންކޮށް، އެ ބައްދަލުވުމެއްގެ ނޯޓިސް، ކައުންސިލުގެ ހުރިހާ މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހިއްޖެނަމަ، އެއަށްވުރެ ކުރު މުއްދަތެއްގެ ނޯޓިސް ފޮނުވުމަށްފަހު، ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
(ޅ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދަކީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ 51% (ފަންސާސް އެކެއް އިންސައްތަ) އެވެ.
(ކ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކައުންސިލުގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލުގެ ރައީސެވެ. ރައީސަށް ހާޒިރު ނުވެވޭ ނަމަ، ކައުންސިލުގެ ނައިބު ރައީސެވެ. ނައިބު ރައީސަށް ހާޒިރު ނުވެވޭ ނަމަ، އެ ބައްދަލުވުމަކަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރެކެވެ.
(އ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސް ކައުންސިލުގެ ބައްދަލުވުމަކަށް ހާޒިރުނުވީކަމަށް ބަލައި، މެންބަރުންގެ ތެރެއިން އެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅާނީ، އެ ބައްދަލުވުމެއް ފެށުމަށް ކަނޑައަޅައިފައިވާ ގަޑިއަށްވުރެ 20 (ވިހި) މިނެޓް ފަހަނަޅައި ދިޔުމުންނެވެ.
(ވ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ހާޒިރުނުވެވޭ ކައުންސިލުގެ ބައްދަލުވުންތަކުގައި މަށްވަރާކުރި ކަންކަމާއި، ނިންމި އެންމެހައި ކަންކަމުގެ މައުލޫމާތު، އެ ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓި މެންބަރަކު، ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ދޭންވާނެއެވެ.
(މ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއް ބާއްވައިދިނުން އެދި، ކައުންސިލުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ އެއްބައި މެންބަރުން އެދިއްޖެ ނަމަ، ކައުންސިލުގެ ރައީސް، ކައުންސިލުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.
10 ވަނަ މާއްދާ - ބައްދަލުވުންތަކަށް ކައުންސިލުގެ މެންބަރުން ހާޒިރުވުން
(ހ) މަގްބޫލު އުޒުރެއް ދިމާވެގެން މެނުވީ، ކައުންސިލުގެ ބައްދަލުވުންތަކަށް ހުރިހާ މެންބަރުންވެސް ހާޒިރުވާންވާނެއެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމަކަށް އެއްވެސް މެންބަރަކަށް ހާޒިރުވެވެން ނެތްނަމަ، ކައުންސިލުގެ ރައީސަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކައުންސިލުގެ ބައްދަލުވުމަކަށް ހާޒިރު ނުވެވޭ ގޮތަށް ކައުންސިލުގެ މެންބަރަކު ރަށުން ބޭރަށް ދާނަމަ، ކައުންސިލުގެ ރައީސަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ރ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުންގެ ބައްދަލުވުންތަކުގެ ހާޒިރީ ބެލެހެއްޓުމާއި، ބައްދަލުވުންތަކަށް ހާޒިރުވާ މެންބަރުން ހާޒިރުވިކަމަށް ސޮއިކުރުމާއި، ބައްދަލުވުންތަކަށް ހާޒިރު ނުވެވޭ ސަބަބު ފޮނުވައިފައިވާ ނަމަ، އެ ކަންކަމުގެ އިދާރީ ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީން ކުރަންވާނެއެވެ.
11 ވަނަ މާއްދާ - ބައްދަލުވުންތަކަށް ހުށަހެޅޭ ކަންކަމުގައި ގޮތެއް ނިންމުން
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގައި މަށްވަރާކުރާ ކަންކަމުގައި ގޮތެއް ނިންމާނީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަޣްލަބިއްޔަތުން އެ ކަމެއް ފާސްވެގެންނެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުން ނިންމާ ނިންމުންތައް، ލިޔުމުން އެނގެން އޮންނަންވާނެއެވެ. އަދި އެ ނިންމުންތަކުގައި، އެ ނިންމުމެއް ނިންމި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ސޮއި އޮންނަންވާނެއެވެ.
12 ވަނަ މާއްދާ - ބައްދަލުވުންތަކުގައި ވޯޓުލުން
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގައި ވޯޓުލާނީ އަތް އުފުލައިގެންނެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގައި ނަގާ ވޯޓު ލުމުގައި ކައުންސިލުގެ ރިޔާސަތަށް ވޯޓު ލެވޭނެއެވެ.
(ނ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެ މެންބަރަކަށް ވޯޓުލުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
13 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުންގެ މަސްލަހަތު ހިމެނޭ ކަންކަން
ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ އެއްވެސް ކަމެއްގައި އެ މެންބަރަކަށް ބައިވެރިއެއް ނުވެނޭނެއެވެ.
14 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ އެންމެހައި ލިޔެކިޔުންތަކާއި އެހެނިހެން އެއްޗިއްސަކީ، އަދި ކައުންސިލު ބައްދަލުވުންތަކަށް ހުށަހެޅޭ އެންމެހައި މައްސަލަތަކާއި، އެ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކަކީ ސިއްރު ލިޔެކިޔުން ކަމުގައި ބަލަންވާނެއެވެ. ކައުންސިލުގެ މެންބަރަކު އެފަދަ މައުލޫމާތެއް ކޮމިޓީގެ ނިންމުމަކާ ނުލައި، އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރަކަށް ދޭ އެއްވެސް މައުލޫމާތެއް އަމިއްލަ މަގްސަދެއް ހާސިލުކުރުމަށް ނުވަތަ އެހެން ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.
15 ވަނަ މާއްދާ - ބައްދަލުވުންތަކުގެ އެޖެންޑާ
ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ކޮންމެ ބައްދަލުވުމެއްގައިވެސް އެޖެންޑާއެއް އޮންނަންވާނެއެވެ. އެ އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސާއި ކައުންސިލުގެ އެހެން މެންބަރުންގެ މަށްވަރާގެ މަތިން މިނިސްޓްރީންނެވެ.
16 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓުން
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގެ ލިޔެކިޔުމާއި ޔައުމިއްޔާ، ކައުންސިލުގެ މެންބަރުންނަށް ފޮނުވައިގެން ފާސްކުރުމުގެ ކަންކަން މިނިސްޓްރީން ބަލަހައްޓާންވާނެއެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ކައުންސިލުން ފާސްކުރަންވާނެއެވެ.
(ނ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުން ފާސްކުރާ، ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ރައްކައުތެރިކަމާއެކު މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.
17 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
18 ވަނަ މާއްދާ – މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.
(ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
މައި ގާނޫނު
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-19)
ކިޔުންތެރިންގެ ހިޔާލު