ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާގެ ގަވާއިދު
(ގަވާއިދު ނަންބަރު 2020-13)
1 ވަނަ މާއްދާ – ތައާރަފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ރ) އިން ބާރު ލިބިގެން، ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާ ހިންގުމާ ގުޅޭ ކަންކަން ކަނޑައެޅުމަށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ – އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހު އިއުލާނު ކުރުން
(ހ) ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހު، ބާ ކައުންސިލުގެ އެކްޒެކެޓިވް ކޮމިޓީން ކަނޑައަޅައި، އެ ތާރީހު އަންގައި އިއުލާނު ކުރަންވާނެއެވެ. އަދި މިގޮތުން ކުރެވޭ އިއުލާނަކީ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހުގެ 14 (ސާދަ) ދުވަހުގެ ކުރިން ކުރެވޭ އިއުލާނަކަށް ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ފާސްކުރާ ތާރީހަކީ އެ އަހަރެއްގެ ފެބުރުވަރީ މަހުގެ ފަހު ހަފުތާއަށްވުރެ ފަހުގެ ތާރީހަކަށް ވެގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުރާ އިއުލާނުގައި، ބާ ކައުންސިލުގެ އެކްޒެކެޓިވް ކޮމިޓީން ފާސްކޮށްފައިވާ، އަހަރީ އާންމު ޖަލްސާގެ އެޖެންޑާއާއި، ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، ބާ ކައުންސިލުގެ އޮޑިޓް ކޮށްފައިވާ މާލީ ރިޕޯޓާއި ފާއިތުވެދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ހިމަނަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އަމަލުކުރާނީ ބާ ކައުންސިލުގެ ދެވަނަ އަހަރީ އާންމު ޖަލްސާއިން ފެށިގެންނެވެ. ބާ ކައުންސިލުގެ ފުރަތަމަ އަހަރީ އާންމު ޖަލްސާއާ ގުޅޭ އިންތިޒާމްތައް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ކުރިޔަށް ގެންދިޔުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
3 ވަނަ މާއްދާ – އަހަރީ އާންމު ޖަލްސާގެ އެޖެންޑާ
ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި އަންނަވި ކަންކަން ހިމަނަންވާނެއެވެ.
- ޖަލްސާ ތައާރަފު ކުރުން؛
- އަހަރީ އާންމު ޖަލްސާއަށް ރަޖިސްޓަރީ ކުރުން؛
- ފާއިތުވެދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން؛
- ފާއިތުވެދިޔަ އަހަރުގެ ބާ ކައުންސިލުގެ އަހަރީ ރިޕޯޓާއި، އޮޑިޓް ކޮށްފައިވާ މާލީ ރިޕޯޓުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭށަނެއް ދިނުން؛
- ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކުރުން؛
- ފާއިތުވެދިޔަ އަހަރުގެ ބާ ކައުންސިލުގެ އޮޑިޓް ކޮށްފައިވާ މާލީ ރިޕޯޓް ފާސްކުރުން؛
- އާންމު މެންބަރުންގެ ފަރާތުން އެއްވެސް ކަމެއް ހުށަހަޅަން ބޭނުންވާނަމަ އެ ކަމެއް ހުށަހެޅުން؛
- ޖަލްސާ ނިންމުން.
4 ވަނަ މާއްދާ – ދައުވަތު ދިނުން
(ހ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެންމެހައި މެންބަރުންނަށް ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާއަށް ދައުވަތު ދޭންވަނެއެވެ.
(ށ) ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާއާއި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހާއި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަން ހިމަނައި، އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަރީހުގެ 7 (ހަތެއް) ދުވަހުގެ ކުރިން، ބާ ކައުންސިލުގެ އެންމެހައި މެންބަރުންނަށް ދައުވަތު ދޭންވާނެއެވެ.
(ނ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާގެ ދައުވަތު، ބާ ކައުންސިލުގެ ރަސްމީ ވެބްސައިޓްގައްޔާއި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވުމުން، ބާ ކައުންސިލުގެ އެންމެހައި މެންބަރުންނަށް ދައުވަތު ދެވުނީ ކަމުގައި މި މާއްދާގެ ބޭނުމަށްޓަކައި ބެލެވޭނެއެވެ.
5 ވަނަ މާއްދާ – ޖަލްސާގެ ހާޒިރީ
ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާ ފެށުމުގެ ކުރިން، ޖަލްސާއަށް ހާޒިރުވި ފަރާތްތަކުގެ ނަންތައް ނޯޓްކޮށް ރެކޯޑް ކުރަންވާނެއެވެ.
6ވަނަ މާއްދާ – އަހަރީ އާންމު ޖަލްސާގެ ގާނޫނީ އަދަދު
(ހ) ބާ ކައުނުސިލުގެ އަހަރީ އާންމު ޖަލްސާއެއް ބޭއްވޭނީ، ބާ ކައުންސިލުގެ މެންބަރުންގެ ތެރެއިން 30 (ތިރީސް) މެންބަރުން ބައިވެރިވުމުންނެވެ.
(ށ) އަހަރީ އާންމު ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ގޮތުގައި އެކްޒެކެޓިވް ކޮމިޓީގެ މެންބަރުންވެސް ހިމަނަންވާނެއެވެ.
7 ވަނަ މާއްދާ – ޖަލްސާގެ ރިޔާސަތު ބެލެހެއްޓުން
ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ، ބާ ކައުންސިލުގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސެވެ.
8 ވަނަ މާއްދާ – އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ
(ހ) ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާގައި، އަހަރީ އާންމު ޖަލްސާއަށް ހާޒިރުވި ފަރާތްތަކާއި، މަށްވަރާކުރި ކަންތައްތަކާއި، ވޯޓަށް އެހި ކަންތައްތަކާއި، ނިންމުނު ކަންތައްތަކާއި، އަދި އިތުރަށް ކުރެވުނު މަށްވަރާތައް ލިޔެ ރެކޯޑް ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމަކީ، ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.
(ނ) އަހަރީ އާންމު ޖަލްސާއަށް ފޮނުވި ދައުވަތާއެކު ހިއްސާކޮށްފައިވާ، ފާއިތުވެ ދިޔަ އަހަރުގެ ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓަށް އަހަންވާނެއެވެ.
9 ވަނަ މާއްދާ - ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް
ގާނޫނީ ފަންނުގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ފާއިތުވެ ދިޔަ އަހަރުގެ އާމްދަނީއާއި، ކޮށްފައިވާ ހަރަދުތަކާއި، ގާނޫނީ ހިދުމަތުގެ ދާއިރާ ކުރިއެރުވުމަށް ކޮށްފައިހުރި މަސައްކަތްތަކާއި، ކުރިޔަށް އޮތް އަހަރު ކުރުމަށް ނިންމައިފައިވާ މަސައްކަތްތަކާއި، ލަފާކުރާ އާމްދަނީއާއި ހަރަދު ހިމަނައިގެން ތައްޔާރުކޮށްފައިވާ އަހަރީ ރިޕޯޓް، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި، އެ ރިޕޯޓަށް ވޯޓަށް އަހަންވާނެއެވެ.
10 ވަނަ މާއްދާ – މާލީ ރިޕޯޓް
ގާނޫނީ ފަންނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ބާ ކައުންސިލުން ހިންގައިފައިވާ އެންމެހައި މާލީ ކަންކަމުގެ އޮޑިޓް ރިޕޯޓް، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި، އެ ރިޕޯޓަށް ވޯޓަށް އަހަންވާނެއެވެ.
11 ވަނަ މާއްދާ – ވޯޓަށް އެހުން
(ހ) އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައިފައިވާ ކަންތައްތަކުގެ ވޯޓަށް އެހުމުގެ އެންމެހައި އިންތިޒާމެއް ރާވައި ހިންގަންވާނީ، ބާ ކައުންސިލުގެ ސެކްރެޓޭރިއޭޓުންނެވެ.
(ށ) ހުށަހެޅިފައިވާ ކޮންމެ ކަމަކަށް ވޯޓަށް އެހުމުން، ޖަލްސާއަށް ހާޒިރުވި ކޮންމެ މެންބަރަކަށް ވެސް ލެވޭނީ އެ ކަމަކަށް 1 (އެކެއް) ވޯޓެވެ.
(ނ) އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައިފައިވާ ކަންތައްތައް ފާސްކުރުމަށް ފެންނަކަމަށް އަހަރީ އާންމު ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި، ބާ ކައުންސިލުގެ މެންބަރުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، އެ ކަމެއް ފާސްވީ ކަމުގައި ބަލަންވާނެއެވެ.
(ރ) މި މާއްދާގައި ވާ ގޮތަށް ވޯޓަށް އަހައި ނިމުމުން، ވޯޓުގެ ނަތީޖާ ރިޔާސަތުން އިއުލާނު ކުރަން ވާނެއެވެ.
12 ވަނަ މާއްދާ – ބާ ކައުންސިލުގެ މެންބަރުންގެ ފަރާތުން ހުށަހަޅާ ކަންތައްތައް
(ހ) ބާ ކައުންސިލުގެ މެންބަރަކު އަހަރީ އާންމު ޖަލްސާއަށް ކަމެއް ހުށަހެޅުމަށް ބޭނުންވާނަމަ، އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހުގެ 3 (ތިނެއް) ދުވަހުގެ ކުރިން، ބާކައުންސިލުގެ ސެކްރެޓޭރިއޭޓަށް ލިޔުމުން އެ ކަމެއް ހުށަހަޅަންވާނެއެވެ.
(ށ) ބާ ކައުންސިލުގެ މެންބަރަކު ހުށަހަޅައިފައިވާ ކަމަކީ ވޯޓަށް އަހަންޖެހޭ ކަމެއް ނަމަ، އެ ކަމަކަށް ވޯޓަށް އެހުމާމެދު ގޮތެއް ނިންމާނީ ބާ ކައުންސިލުގެ އެކްޒެކެޓިވް ކޮމިޓީންނެވެ. އަދި އެ ކަމަކާމެދު ނިންމި ގޮތެއް ރިޔާސަތުން ޖަލްސާގައި އިއްވަންވާނެއެވެ.
13 ވަނަ މާއްދާ – ޖަލްސާ ނިންމައިލުން
އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައިފައިވާ ކަންތައްތަކާ ގުޅޭގޮތުން މަށްވަރާކޮށް ވޯޓަށް އަހައި ނިމުމުން، ޖަލްސާ ނިމުނީ ކަމުގައި ރިޔާސާތުން އިއުލާނު ކުރަންވާނެއެވެ.
14 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު