ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1057) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2019-1072)
ގަވާއިދު ނަންބަރު 2019-1072 (ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު) އަށް، އަންނަނިވި އިސްލާޙުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާއަކީ، އެ މާއްދާގެ (ހ) ކަމުގައި ކަނޑައަޅައި، އެ މާއްދާއަށް އަކުރެއް އިތުރުކުރުން.
ނުރައްކާތެރި ކެމިކަލް
3 (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިސްޓަށް ގެންނަންޖެހޭ އިސްލާޙުތައް މިނިސްޓްރީގެ ވެބްސައިޓުގައި ށާއިޢުކުރެވޭނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު މާލޭގައި ހަދައިފައިވާ ގުދަންތަކުގައި ރައްކައުކުރެވިފައިވާ ކެމިކަލް ފިޔަވައި އިތުރު ބާވަތެއްގެ ކެމިކަލް ނުވަތަ މިހާރު ގުދަންކުރެވިފައިހުރި ބާވަތެއްގެ ކެމިކަލްގެ އިތުރު މިންވަރެއް ގުދަންކުރުމަށް އެދޭނަމަ، އެކަމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުން.
(ކ) "އެތެރެކުރުން" ކަމަށް ބުނެފައި އެވަނީ، ނުރައްކާތެރި ކެމިކަލް ހިފައި ގެން އަންނަ އުޅަނދު ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން 24 (ސައުވީސް) ނޯޓިކަލް މޭލުގެ ކަނޑުގެ ނުވަތަ ވައިގެ ސަރަހައްދުގެ އެތެރެވުމަށެވެ.
(އ) "މީހުން ދިރިއުޅޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ގޯތިގެދޮރަށެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 1.13 ވަނަ ނަންބަރު އަންނަނިވި ފަދައިން އިސްލާޙު ކުރުން.
1.13 ގުދަނުގައި ބަހައްޓާ ކެމިކަލްތައް (ފަޔަރ ހަޒަޑް، އެކްސްޕްލޯސިވް ހަޒަޑް، ފިއުލް ހަޒަޑް، މަލްޓިފިއުލް ހަޒަޑް) ބަހައްޓަންޖެހޭނީ އެކި ބާވަތްތައް ވަކިވަކިންނެވެ. އަދި ދެ ކެމިކަލެއް ނުވަތަ ކެމިކަލްތަކެއް ލީކުވުމުގެ ސަބަބުން ނުވަތަ އެއްވުމުގެ ސަބަބުން ނުރައްކާތެރި ރިއެކްށަނެއް ހިނގައިފާނެ ކެމިކަލްތައް ރައްކާކުރެވިފައި ހުންނަންވާނީ އެފަދަ ރިއެކްށަނެއް ނާންނާނެ ފަދައިން ޕާޓިށަން ޖަހައި ވަކިކޮށްފައެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 އަންނަނިވި ގޮތަށް އިސްލާޙު ކުރުން.
- ކެމިކަލް ރައްކާކުރެވޭ ގުދަން، 3 (ތިނެއް) ފަންގިފިލާ (ގްރައުންޑް ފްލޯއާއި، ފަސްޓް ފްލޯއާއި، ސެކަންޑް ފްލޯ) އަށް ވުރެ އުސްވެގެން ނުވާނެއެވެ. އަދި މުޅި އިމާރާތުގެ އުސްމިން، ބިމުން ފެށިގެން 36 (ތިރީސް ހައެއް) ފޫޓަށް ވުރެ އުސްވެގެން ނުވާނެއެވެ.
- ވަކި ފިނި މިނެއްގައި ނުވަތަ ހޫނު މިނެއްގައި ބަހައްޓަންޖެހޭ ކެމިކަލެއް ނަމަ، އެ ކެމިކަލެއް ގުދަންކުރަންވާނީ އެ ކެމިކަލެއް ބަހައްޓަންޖެހޭ ޓެމްޕަރޭޗަރުގައި އެ ކެމިކަލެއް ބެހެއްޓޭނެ އިންތިޒާމު ގުދަނުގައި ހަމަޖައްސައިގެންނެވެ.
- އެކި ބާވަތްތަކުގެ ކެމިކަލްގެ އާވި، ކެމިކަލް ރައްކާކުރާ ގުދަނުން ބޭރުކުރުމަށްޓަކައި އެގްޒޯސްޓް ފަންކާ ބަހައްޓައިފައި ހުންނަންވާނެއެވެ. މިގޮތުން ބަހައްޓާ އެގްޒޯސްޓް ފަންކާއަކީ ގުދަނުގެ ފަޔަރ ރެސިސްޓެންސް ނުގެއްލޭނެ ފަދައިން ބަހައްޓާ އެއްޗަކަށް ވާންވާނެއެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގެ ކަރަންޓް ވަޔަރުކޮށްފައި ހުންނަންޖެހޭނީ ކޮންޑިއުޓް ހޮޅިއަށް ލައްވައިގެންނެވެ. (ކޮންޑިއުޓް ހޮޅިއަކީ BSEN55086/BS6099 ނުވަތަ އެއާ އެއް ފެންވަރެއްގެ، ބައިނަލްއަޤްވާމީ ކޯޑަކަށް ފެތޭ ކޮންޑިއުޓް ހޮޅިއެވެ.) އަދި ބޮކި، ހޮޅިބުރި ފަދަ ތަކެއްޗަކީ ފްލޭޝް ޕްރޫފް ތަކެތި ކަމުގައި ވާންޖެހޭނެއެވެ.
- ކެމިކަލް ރައްކާކުރާ ގުދަން ހަދައިފައި ހުންނަންވާނީ، އިތުރު ތަނަކަށް ނުވަދެ ރައްކާތެރި ސަރަހައްދަކަށް ނުކުމެވޭ ގޮތަށެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގެ ސީލިންގ ހަދައިފައި ހުންނަންވާނީ، ސިމެންތި ފިލައިން ނުވަތަ ޖިޕްސަން ބޯޑު ފަދަ ފަޔަރ ރެސިސްޓެންޓް މެޓީރިއަލެއް ބޭނުންކޮށްގެންނެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގެ އެތެރޭގައި ޕާޓިށަން ޖަހާނަމަ، އެ ފަދަ ޕާޓިށަންތަކާއި ގުދަނުގެ ބޭރު ފާރުތަކާއި ޕާޓިށަންތައް ހަދައިފައި ހުންނަންވާނީ، މަދުވެގެން 90 (ނުވަދިހަ) މިނިޓުގެ ފަޔަރ ރެސިސްޓެންޓް މެޓީރިއަލަކުންނެވެ.
- ކެމިކަލް ރައްކާކުރެވޭ ގުދަނުގެ ދޮރުތަކަކީ، 90 (ނުވަދިހަ) މިނިޓުގެ ފަޔަރ ރެސިސްޓަންޓް ދޮރުތަކެއް ކަމުގައި ވާންވާނެއެވެ.
- ގުދަނުގައި ބަހައްޓައިފައި ހުންނަ ކަބަޑު ނުވަތަ ދެ ރެކް ދޭތެރޭގައި، މަދުވެގެން 2 (ދޭއް) ފޫޓުގެ މަގެއް ބާއްވަންވާނެއެވެ. އަދި މިފަދަ މަގު ތަކުގައި އެއްވެސް އެއްޗެއް ބަހައްޓައިގެން ނުވާނެއެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގައި ހުންނަ އާދަޔާ ޚިލާފަށް ނުރައްކާތެރިކަން ބޮޑު ކެމިކަލްސް ހުންނަންވާނީ ދަގަނޑު އަލަމާރިއެއްގައި ނުވަތަ ތިޖޫރިއެއްގައި ވަކިން ގުދަން ކުރެވިފައެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގައި ބަހައްޓާ ކެމިކަލްސް (ފަޔަރ ހަޒާރޑް، އެކްސްޕްލޯސިވް ހަޒާރޑް އަދި މަލްޓިފިއުލް ހަޒާރޑަށް ބަލައި) އެކި ބާވަތްތައް ގުދަންކޮށްފައި ބަހައްޓަން ޖެހޭނީ ވަކިވަކިންނެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގައި ކެމިކަލްގެ ބާވަތްތައް ފިޔަވައި އެހެން ބާވަތްތަކުގެ މުދާ ގުދަންކުރުމަކީ މަނާކަމެކެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގައި ބަހައްޓައިފައި ހުންނަ ފަސްޓްއެއިޑް ކިޓުގައި، އަންނަނިވި ތަކެތި ހުންނަންވާނެއެވެ.
Absorbent Compress (not smaller than 4x4 inch)
Adhesive bandage (minimum 10)
Adhesive tape
Antiseptic Application (minimum 10)
Application of burn treatment- burnol/silver sulfadiazine (minimum 4)
Sterile medical examination gloves (minimum 2)
Non-Sterile Gloves
Sterile Pads
Triangular bandage
Eye patch (minimum two)
Eye wash (minimum one ounce)
Roller bandage (minimum two rolls, minimum 3x3 inches wide)
Calcium Gluconate Gel (minimum 5)
Normal saline bottle (500ml)
Masks (minimum 20)
Scissor
Chemical cold pack
Sterile gauze pieces (minimum twenty)
- ކެމިކަލް ރައްކާކުރާ ގުދަންތަކުގައި އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކަނޑައަޅާ ގޮތެއްގެ މަތީން އެކްޓިވް އަދި ޕެސިވް ފަޔަރ ޕްރޮޓެކްށަން ސިސްޓަމް ގާއިމް ކުރަންވާނެއެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގައި ހާދިސާއެއް ދިމާވެއްޖެ ނަމަ، އަމަލުކުރާނެ ގޮތުގެ ޕްރޮސީޖަރއެއް ކަނޑައަޅައި، އެ ތަނުގައި މަސައްކަތްކުރާ ފަރާތްތަކަށް ފެންނަ ގޮތަށް، އެ ޕްރޮސީޖަރގެ ލިޔުން، ގުދަނުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގައި އެމް.އެސް.ޑީ.އެސް ށީޓްތައް ފަސޭހައިން ފެންނަގޮތަށް ބަހައްޓައިފައި ހުންނަން ވާނެއެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގައި ބަހައްޓައިފައިވާ ކެމިކަލްތަކުގެ ނަމާއި ބަވާތް ހިމެނޭ ލިސްޓެއް ގުދަނުގައި އޮންނަންވާނެއެވެ.
- ކެމިކަލް ރައްކާކުރާ ގުދަން ހުންނަންވާނީ، މީހުން ދިރިއުޅޭ ތަންތަނާ އެއް އިން ނުވާގޮތަށް ވަކިން، އެ ފަދަ ތަންތަނާ މަދުވެގެން 20 (ވިހި) ފޫޓުގެ ދުރުމިނުގައި، ތަޅުލައި، ރައްކާތެރި ކުރެވޭ ގޮތަށެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގެ އެތެރޭގައްޔާއި ބޭރުގައި ފަސޭހައިން ފެންނާނެ ގޮތަށް، މިނިސްޓްރީން ކަނޑައަޅާ އެކަށީގެންވާ ބޮޑުމިނެއްގައި، އެމަރޖެންސީ ހާލަތްތަކުގައި ގުޅާނެ ނަންބަރުތައް އެނގޭނޭ ލިޔުމެއް ހަރުކޮށްފައި ހުންނަން ޖެހޭނެއެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގެ އެތެރޭގައްޔާއި ބޭރުގައި، އަލިފާން ނިއްވުމާ ބެހޭ ގައިޑްލައިން ހަރުކޮށްފައި ހުރުން. މިގޮތުން ކެމިކަލަކާ ގުޅޭގޮތުން ބޭނުންކުރާނެ ވައްތަރުތަކުގެ އަލިފާންނިވާ އާލާތްތަކުގެ މަޢުލޫމާތު ހުންނަން ވާނެއެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގެ އެތެރޭގައްޔާއި ބޭރުގައި، ފުރަތަމަ އެހީ ދޭނެ ގައިޑްލައިން (ޕޯސްޓަރ) ހަރުކޮށްފައި ހުރުން.
- މި ޖަދުވަލުގެ 18 ވަނަ ނަންބަރުގައި އެހެން އޮތް ނަމަވެސް، ވަކިން އޮންނަ ސަރަހައްދެއްގައި ކެމިކަލް ރައްކާކުރާ ގުދަންތަކެއް ހަދާނަމަ، މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުން، ސަލާމަތީ ހާއްސަ ފިޔަވަޅުތަކާ އެކު، އެއް އިންވެގެން ކެމިކަލް ރައްކާކުރާ ގުދަން ހެދިދާނެއެވެ. އަދި މިގޮތުން ހަދާ ކެމިކަލް ރައްކާކުރާ ގުދަންތައް ހެދުމުގެ ކުރިން ކުރެހުންތައް މިނިސްޓްރީއަށް ހުށަހަޅައި، އެ ކުރެހުންތައް ފާސްކުރަން ވާނެއެވެ.
- ކެމިކަލް ރައްކާކުރާ ގުދަން ހުންނަ މަގަކީ ފަޔަރ ސަރވިސްގެ ވެހިކަލްތަކަށް ވަދެވޭނެ ފުޅާމިން (މަދުވެގެން 12 ފޫޓު) ހުރި މަގަކަށް ވާންވާނެއެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގެ އެތެރެއާއި ބޭރު ބެލެހެއްޓޭގޮތަށް ސަރވައިލެންސް ކެމެރާ ހަރުކޮށް ބަލަހައްޓަންވާނެއެވެ.
- ކެމިކަލް ރައްކާކުރެވޭ ގުދަނުގެ ބޭރުގައި، އެ ގުދަނަކީ ކެމިކަލް ރައްކާކޮށްފައިވާ ގުދަނެއްކަން އަންގައިދިނުމުގެ ގޮތުން ދިވެހިބަހުން "ކެމިކަލް ގުދަން" (ފަރުމާ ފޮންޓް) އަދި އިނގިރޭސި ބަހުން “Chemical Warehouse” (އޭރިއަލް ފޮންޓް) ސައިޒް 600 (ހަސަތޭކަ) އިން ލިޔެފައި އަބަދުވެސް ހުންނަންވާނެއެވެ.
- ކެމިކަލް ރައްކާކުރެވޭ ގުދަނުގެ ބޭރުގައި، ކެމިކަލް ރައްކާރުމުގެ ހުއްދަ ލިބިފައިވާ ފަރާތުގެ/ކުންފުނީގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު، ފޮންޓް ސައިޒް 600 (ހަސަތޭކަ) އިން ދާއިމީކޮށް އަބަދުވެސް ހުންނަންވާނެއެވެ.
- ކެމިކަލް ރައްކާކުރާ ގުދަނުގައި އެންމެ އުސްކޮށް ބަހައްޓައިފައި ހުންނަ މުދަލާ ސީލިންގާ ދެމެދު، މަދުވެގެން 1 (އެކެއް) ފޫޓުގެ ހުސްޖާގަ އޮންނަންވާނެއެވެ. އަދި އެ މުދަލެއްގެ މަތީގައި ކަރަންޓު ދިއްލުމެއް ހަރުކޮށްފައި ހުރިނަމަ، އެ މުދަލަކާ އެ ދިއްލުމަކާ ދެމެދުގައި މަދުވެގެން 1 (އެކެއް) މީޓަރުގެ ހުސްޖާގަ އޮންނަންވާނެއެވެ.
6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚު
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1057)
ކިޔުންތެރިންގެ ހިޔާލު