-

ބެއާބޯޓް ރަޖިސްޓަރީކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 45/2012) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު  

(ގަވާއިދު ނަންބަރު 1063/2019)

 

ގަވާއިދު ނަންބަރު 45/2012 (ދިވެހިރާއްޖޭގައި ބެއާބޯޓް ރަޖިސްޓަރީކުރުމުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ، އަންނަނިވިގޮތަށް އިސްލާހުކުރުން.

ބެއާބޯޓް ރަޖިސްޓަރީކުރެވޭ މުއްދަތު 8

(ހ) ބެއާބޯޓް ރަޖިސްޓަރީކޮށްދެވޭނީ ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ބެއާބޯޓުގެ ގޮތުގައި ރަޖިސްޓަރީކޮށްދެވޭނީ، ރަޖިސްޓަރީކުރެވޭ މުއްދަތު 31 ޑިސެންބަރު 2023 އަށް ވުރެ އިތުރުނުވާ ގޮތުގެ މަތިންނެވެ.

(ނ) ބެއާބޯޓުގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް އުޅަނދެއް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 31 ޑިސެންބަރު 2023 ގެ ފަހުން، ދިވެހިރާއްޖޭގައި ބޭނުންކުރަންވާނީ ލޯކަލް އުޅަނދުގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ. އަދި އެ ގޮތުގެ މަތިން ރަޖިސްޓަރީ ނުކުރާ އުޅަނދުތަކާމެދު ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަން ވާނެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

ބެއާބޯޓުގެ ޗާޓަރުގެ ރަޖިސްޓަރީ ބާޠިލުވުން 10.

ބެއާބޯޓުގެ ޗާޓަރުގެ ރަޖިސްޓަރީ، ތިރީގައިވާ ހާލަތްތަކުގައި ބާޠިލުވާނެއެވެ. 

(ރ) މި ގަވާއިދުގެ ދަށުން ބެއާބޯޓް ރަޖިސްޓަރީކޮށްދީފައިވާ މުއްދަތު ހަމަވުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ ފަހަތަށް، އަންނަނިވި މާއްދާ އިތުރުކުރުން.

ބެއާބޯޓުގެ ރަޖިސްޓަރީގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ މުއްދަތު އިތުރުކޮށްދިނުން 14.

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، 5 (ފަހެއް) އަހަރުދުވަސް ހަމަވެފައިވާ އުޅަނދުފަހަރުގެ ރަޖިސްޓަރީގެ މުއްދަތު، 31 ޑިސެންބަރު 2023 ގެ ނިޔަލަށް ހަމަވާގޮތަށް އައުކޮށްދެވިދާނެއެވެ. މިގޮތުން އައުކޮށްދިނުމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ. 

  1. މި ގަވާއިދުގެ ދަށުން ކުރިން ދޫކޮށްފައިވާ ބެއާބޯޓުގެ ރަޖިސްޓަރީގެ އަސްލު؛
  2. އުޅަނދު ޗާޓަރުކުރުމަށް އެއްބަސްވެފައިވާ މުއްދަތު އަންގައިދޭ ލިޔުން ނުވަތަ އެއްބަސްވުން؛
  3. އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުގެ ކަމާބެހޭ އިދާރާއިން ބެއާބޯޓެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް އިއުތިރާޟު ނުކުރާކަމުގެ ލިޔުން؛

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބެއާބޯޓު ރަޖިސްޓްރީކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 45/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު