-

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1061/2019)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 10/2008 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 2-33 މާއްދާގެ (ވ) އިން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނާ މަތިކޮށްފައިވާ ޒިންމާގެ ދަށުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވައިލުމާއި، އެ މަޖިލީހުގެ އިދާރީ އިންތިޒާމްތަކާ ގުޅޭ ގޮތުން ހަދައި ފައިވާ ގަވާއިދެކެވެ. 

(ށ) މި ގަވާއިދަށް ކިޔާނީ، "ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ ގަވާއިދު" މިހެންނެވެ.

 

2 ވަނަ މާއްދާ - ގަވާއި ދުގެ މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ފަނޑިޔާރަކާ ގުޅޭ ށަކުވާއެއް ބަލައި، ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެ ނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށް ޓަކައި، ގާނޫނު ނަންބަރު 10/2008 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެއިސްތިއުނާފު މަޖިލިސް އެކުލަވައިލުމާއި، އެ މަޖިލީހަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިއުމާއި ،މި ކަންކަމާގުޅޭ އެންމެހައި އިދާރީ އިންތިޒާމްތައް ހަމަޖައްސާނޭ ގޮތުގެ އުސޫލުތައް ބަޔާންކުރުމެވެ. 

 

3 ވަނަ މާއްދާ - އިސްތިއުނާފު މަޖިލީހުގެ ބަސް

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އަދި މައްސަލައިގެ އިދާރީ އެންމެހައި ލިޔެކިޔުންތައް ބަހައްޓަންވާނީ ދިވެހިބަހުންނެވެ. 

 

4 ވަނަ މާއްދާ - ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް

ގާނޫނު ނަންބަރު 10/2008 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 2-33 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުންގެ މަތީން، ކޮންމެ ގަޒާއީ އަހަރެއް ފެށުމުގެ ކުރިން، އެ އަހަރަކަށް ކަނޑައެޅޭ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވައިލައި، އެ ކަން، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އިއުލާނު ކުރަންވާނެއެވެ.

(ށ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.

  1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި،ޖުޑީށަލް ސަރވިސް ކޮމިށަނު ގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއް. 
  2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީށަލް ސަރވިސް ކޮމިށަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވާ އެހެން ފަނޑިޔާރެއް. 
  3. ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް.

(ނ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވައިލުމަށް ޓަކައި މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ހިމެނޭ މެންބަރުން ހޮވާނީ އެ ކަމަށް ޓަކައި އެ ކޯޓެއްގެ ފަނޑިޔާރުންގެ މަޖިލީހުގައި ނެގޭ ވޯޓަކުންނެވެ. 

(ރ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވައިލުމަށް ޓަކައި މި މާއްދާގެ (ށ) ގެ 3 ގައި ހިމެނޭ މެންބަރުކަމުގައި ހަމަޖައްސާނީ، ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ އަހަރު ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ބައިވެރިކުރުމަށް ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ އިހްތިޔާރުކުރާ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން،ފަނޑިޔާރުކަމުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެކެވެ. ނަމަވެސް، އެ ފަދަ ފަނޑިޔާރަކު ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ މެންބަރުކަމުން ތަނާޒުލުވާން ބޭނުން ނަމަ، ދެން އެ ކޯޓުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރަކު އެ މަޖިލީހަށް އައްޔަނު ކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި ހިމެނޭ މެންބަރު ހަމަޖެއްސުމުގައި، ވިދިވިދިގެން އެއްކޯޓަކުން ފަނޑިޔާރަކު އިހްތިޔާރުކޮށްގެން ނުވާނެއެވެ.

(ޅ) ހިނގަމުންދާ ގަޒާއީ އަހަރުގެ ތެރޭގައި ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވެއްޖެ ނަމަ، ބަދަލުގައި އައްޔަނުކުރެވޭ މެންބަރު އެ މަގާމު ފުރާނީ، އެ ގަޒާއީ އަހަރުގެ ނިޔަލަށެވެ.

(ކ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ މުގައްރިރަކީ އަދި އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތަކީ، އެ މަޖިލީހުގައި ހިމެނޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެވެ. 

 

5 ވަނަ މާއްދާ - މަޖިލީހުގެ މެންބަރުކަމުން ވަކިވުމާއި ވަގުތީ މެންބަރުން

(ހ) އަންނަނިވި ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވާނެއެވެ.

  1. އިސްތިއުފާ ދިނުމަށް ނިންމައި އެކަން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިޔުމުން އެންގުން.
  2. ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުން.
  3. ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ގާނޫނުގައި ބަޔާންކުރާ ށަރުތެއް އުނިވުން.

(ށ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ މެންބަރަކު ވަގުތީގޮތުން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރި ވެއްޖެ ނަމަ، ނުވަތަ ވަކި މައްސަލައަކުން ތަނާޒިލު ވާން ބޭނުންވާނަމަ، ނުވަތަ އެ މަޖިލީހުގެ މެންބަރަކާ ސީދާ ގުޅުންހުރި މައްސަލައެއް އެ މަޖިލީހުން ބަލާ ނަމަ، އެ މެންބަރު މަޖިލީހުގައި ހިމެނޭ ހައިސިއްޔަތުގެ އެހެން ފަނޑިޔާރަކު، ވަގުތީގޮތުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް އައްޔަނު ކުރަންވާނެއެވެ.

(ނ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ މެންބަރެއްގެ މައްސަލަ އެ މަޖިލީހަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއް ހުށަހެޅުނު ދުވަހުން ފެށިގެން، އެ މަޖިލީހުގެ މަސައްކަތުން، އެ ފަނޑިޔާރަކު ތަނާޒިލުވާން ވާނެއެވެ. އަދި އެ ފަނޑިޔާރަކު އެ މަޖިލީހުގެ މަސައްކަތުގައި އަލުން ބައިވެރިވެރިވާންވާނީ އެ ފަނޑިޔާރަކު ހުށަހަޅައިފައިވާ މައްސަލައާމެދު އެ މަޖިލީހުން ގޮތެއް ނިންމުމުންނެވެ.

 

6 ވަނަ މާއްދާ - އިސްތިއުނާފު މަޖިލީހަށް މައްސަލަ ހުށަހެޅުން.

(ހ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް މައްސަލަ ހުށަހަޅަންވާނީ، ގާނޫނު ނަންބަރު 10/2008 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 2-33 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ޖުޑީށަލް ސަރވިސް ކޮމިށަނުން ބަލަމުންދާ މައްސަލައެއް ބަލައި ނިމުމުން، އެ މައްސަލައެއް ބަލައި ނިމުނުތާ 10 (ދިހައެއް) ދުވަހުގެ ތެރެގައި އެކަމަށް ޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅައިފައިވާ ފޯމުންނެވެ. އެ ފޯމާއެކު އަންނަނިވި ލިޔެކިޔުންތަކުގެ ތިން ސެޓު ހުށަހަޅަންވާނެއެވެ.

  1. މައްސަލަ ހުށަހަޅާ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. ޖުޑީށަލް ސަރވިސް ކޮމިށަނުން މައްސަލަ ނިންމި ގޮތުގެ ލިޔުން.
  3. ހުށަހަޅާ މައްސަލައާ ގުޅުންހުރި ލިޔުންތަކުގެ 1 (އެކެއް) ކޮޕީ.
  4. ވަކީލަކު އައްޔަނުކުރާ ނަމަ، އެ ވަކީލެއްގެ ދރއ. ކާޑުގެ ކޮޕީ.
  5. ވަކީލަކު އައްޔަނުކުރާ ނަމަ، އެ ވަކީލެއްގެ ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ.

(ށ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް މައްސަލަ ހުށަހަޅާ ފޯމުގައިވާ މައުލޫމާތުތައް ފުރިހަމަ ނޫން ނަމަ، އެ ފަދަ ފޯމެއް ބަލައި ނުގަތުމުގެ އިހްތިޔާރު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ލިބިގެންވެއެވެ.

(ނ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅި ކުރިއަށް ގެންދާ މައްސަލައަކާ ގުޅިގެން،ދިވެހި ބަސް ނޫން ބަހަކުން އޮތް ލިޔުމެއް މައްސަލަ ހުށަހެޅި ފަރާތުން ނުވަތަ މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅާކަމުގައިވާ ނަމަ، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުން އަންގާ ގޮތެއްގެ މަތީން އެ ލިޔުމެއްގެ ދިވެހި ތަރުޖަމާ ހުށަހަޅަން ޖެހޭނެއެވެ. 

 

7 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީ ކުރުމާއި މައްސަލައަށް ނަންބަރު ދިނުން

(ހ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅުނު މައްސަލައަކީ، އެ މަޖިލީހަށް ބަލައިގަނެވޭ ފަދަ މައްސަލައަކަށް ވާ ނަމަ، އެކަން ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ލިޔުން މައްސަލަ ހުށަހެޅި ފަރާތަށް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރޭށަން ފީގެ ގޮތުގައި 100 (އެއް ސަތޭކަ) ރުފިޔާ މައްސަލަ ހުށަހެޅި ފަރާތުން ދެއްކުމުން، މައްސަލަ ހުށަހެޅުނު އަހަރާއި، އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތަކުގެ ތަރުތީބަށް ބިނާކޮށް، ކޮންމެ މައްސަލައަކަށްވެސް ވަކި ހާއްސަ ނަންބަރެއް،ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ދީ، އެކަން އަންގައިދޭ ލިޔުމެއް ނުވަތަ ސްލިޕެއް، މައްސަލަ ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - މައްސަލައިގެ ދަފުތަރު

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ބަލައިގަނެ، ނަންބަރު ދީފައިވާ ކޮންމެ މައްސަލައެއްގެ ދަފުތަރު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ މައްސަލައަކާ ގުޅޭ އެންމެހައި އިދާރީ ލިޔެކިޔުންތައް ގަވާއިދުން ފައިލްކޮށް މައްސަލަތަކުގެ ރެކޯޑު ބަލަހައްޓަންވާނެއެވެ.

 

9 ވަނަ މާއްދާ - މައްސަލަ ކުރިއަށް ގެންދިއުން

(ހ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅޭ މައްސަލަތައް ބަލައި ނިންމަންވާނީ އެ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ. އަދި ހުށަހެޅޭ މައްސަލަތައް ރަޖިސްޓަރީކޮށް، ކުރިއަށް ގެންދިއުމަށް ނިންމާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެއެވެ.

(ށ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ކުރިއަށް ގެންދިއުމުގައި އަސާސަކަށް ބަލަންވާނީ އިސްތިއުނާފީ އުސޫލު ކަމަށްވާތީ، މައްސަލަތައް ކުރިއަށް ގެންދިއުމުގައި ގާނޫނު ނަންބަރު 10/2008 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 33-2 ވަނަ މާއްދާގައި ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުން މައްސަލަތައް ކުރިއަށް ގެންގޮސް ނިންމުމާ ބެހޭ ގޮތުން ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

(ނ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް އޮންނާނެ ގޮތުގެ ތާވަލެއް، މައްސަލައިގެ އިބްތިދާއީ އަޑު އެހުމަށްފަހު އެ މަޖިލީހުން އެކުލަވައިލަންވާނެއެވެ. އަދި މި ތާވަލު އާންމުކޮށް ފެންނާނެހެން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ ވެބްސައިޓުގައި ނުވަތަ އެނޫންވެސް އާންމުންނަށް ފެންނާނޭފަދަ ތަނެއްގައި ށާއިއުކުރަންވާނެއެވެ.

(ރ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެ ނަމަ، އެ މަޖިލީހުގެ މުގައްރިރަށް އެޑްރެސްކޮށް ފޮނުވާ ސިޓީއަކުން އެ މައްސަލަ އަނބުރާ ގެންދެވިދާނެއެވެ. މިގޮތުން އަނބުރާ ގެންދާ މައްސަލައެއް އަލުން ހުށަހެއް ނޭޅޭނެއެވެ.

(ބ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ ސެކްރެޓޭރިއޭޓާއި އަޑުއެހުމާއި ބައްދަލުވުންތަކުގެ އިދާރީ މަސައްކަތްތައް ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

(ޅ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅި ކުރިއަށްދާ މައްސަލައެއްގައި އެ މައްސަލައެއް ހުށަހެޅި ފަރާތުން ގާނޫނީ ވަކީލަކާ ނުލައި ނުވަތަ ވަކީލެއްގެ އެހީތެރިކަމާއެކު ޖަވާބުދާރީވާން ވާނެއެވެ.

(ކ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅޭ މައްސަލަތަކަކީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ނިންމުމެއްގެ އިސްތިއުނާފީ ހުށަހެޅުމެއްކަމަށްވާތީ، އެ ކޮމިށަނުގެ ފަރާތުން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުން އަންގާ ގޮތެއްގެ މަތީން އެ މަޖިލީހަށް ޖަވާބުދާރީ ވާންވާނެއެވެ.

(އ) އެހެން ގޮތަކަށް ނާންގާހައި ހިނދަކު، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅޭ މައްސަލައަކާ ގުޅޭގޮތުން، އެއްވެސް ފަރާތަކުން ޖަވާބުދާރީވާން ޖެހިއްޖެ ހާލަތެއްގައި، ޖަވާބުދާރީވާނީ، އެކަމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ ފޯމުންނެވެ.

(ވ) ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ އެއްފަރާތުން ހުށަހަޅާ ލިޔެކިޔުންތައް މައްސަލައިގައި ހިމެނޭ އަނެއްފަރާތަށް ދޫކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - މަޖިލީހަށް ހާޒި ރުވުން.

(ހ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން މީހަކު ހާޒިރު ކުރުމަށް ބޭނުންވެއްޖެ ނަމަ، އެ މީހަކު ހާޒިރު ވާންޖެހޭ ތާރީހުގެ 3 (ތިނެއް) ދުވަހުގެ ކުރިން "ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހާޒިރުވުމުގެ އަމުރު" ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން އެ މީހަކަށް ފޮނުވާން ވާނެއެވެ. މިގޮތުން، އަމުރު ފޮނުވުމުގައި އިލެކްޓްރޯނިކް ވަސީލަތެއް އިހްތިރާރުކުރުން މި މާއްދާ ހުރަހެއް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ހާޒިރުވާންޖެހޭ މީހާގެ ނަން.
  2. އަމުރު ފޮނުވަންވީ އެޑްރެސް.
  3. ހާޒިރުވާންވީ މީހާގެ ދާއިމީ އެޑްރެސް.
  4. ހާޒިރުވާންވީ ތަން.
  5. ހާޒިރުވާންޖެހޭ ދުވަހާއި ގަޑި.
  6. ހާޒިރުވާންޖެހޭ ސަބަބު.

(ނ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް މައްސަލަ ހުށަހެޅި ފަނޑިޔާރު، ހާޒިރުވުމުގެ އަމުރާ ހަވާލުވެ، އަމުރުގައިވާ ގޮތުގެ މަތީން، މަގުބޫލު އުޒުރަކާނުލައި ހާޒިރު ނުވެއްޖެ ނަމަ، މައްސަލަ ބާތިލު ކުރުމުގެ އިހްތިޔާރު އެ މަޖިލީހަށް ލިބިގެންވެއެވެ. އަދި މިގޮތުން، ބާތިލުކުރެވޭ މައްސަލައެއް، އެ މައްސަލަ ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމިތާ 10 (ދިހައެއް) ދުވަސް ނުވާ ނަމަ، 100 (އެއްސަތޭކަ) ރުފިޔާގެ ޖުރިމަނާއަކާއެކު އަލުން ހުށަހެޅިދާނެއެވެ.

 

11 ވަނަ މާއްދާ - މައްސަލަ ބަލާ މަޖިލިސް ހުޅުވަ އިލެވިފައި އޮތުން

ބަލަމުންދާ މައްސަލައިގައި ހިމެނޭ ކަންކަމަށާއި މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު، އެ މައްސަލައިގެ އަޑުއެހުންތައް ނުވަތަ އަޑުއެހުމެއް، ސިއްރުކޮށް ކުރިއަށް ގެންދިއުމަށް ނިންމުމުގެ އިހްތިޔާރު، މުގައްރިރަށް ލިބިގެންވެއެވެ. އަދި މިފަދައިން އަޑުއެހުމެއް ސިއްރުކުރުމަށް ނުނިންމާހައި ހިނދަކު އެ ފަދަ އަޑުއެހުމެއް ކުރިއަށް ގެންދަންވާނީ އާންމުކޮށް ހުޅުވައިލެވިފައިވާ މަޖިލީހެއްގައެވެ. 

 

12 ވަނަ މާއްދާ - ހުށަހެޅިފައިވާ މައްސަލަ ނިންމުން

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައެއް ނިމުމުން، އެ މައްސަލައެއްގެ ނިންމުމުގެ އަސްލު މައްސަލަ ހުށަހެޅި ފަނޑިޔާރަށާއި ޖުޑީށަލް ސަރވިސް ކޮމިށަނަށް ދޭންވާނެއެވެ. 

 

13 ވަނަ މާއްދާ - އިސްތިއުނާފު މައްސަލައިގެ ރިޕޯޓް ތައްޔާރު ކުރުން

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހަޅައިފައިވާ، މައްސަލަ އެ މަޖިލީހުން ބަލައި ނިމުމުން، އެ މަޖިލީހުގެ މެންބަރުންގެ އިރުށާދާ އެއްގޮތަށް، މައްސަލައިގެ ރިޕޯޓް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ތައްޔާރުކޮށް ށާއިއު ކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - މައްސަލަ ނިމުނު ގޮތުގެ ރިޕޯޓެއް ދޫކުރުން.

(ހ) ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅޭ މައްސަލަ ނިމުނުގޮތުގެ ރިޕޯޓު،މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެ ހިނދެއްގައި ލިބޭނެ އިންތިޒާމް، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރިޕޯޓަށް އެދެންވާނީ، އެކަމަށް ޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ "މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް އެދޭ ފޯމު" އިންނެވެ. އަދި އެ ރިޕޯޓް ދޫކުރެވޭނީ، އެ ރިޕޯޓުގައި ހިމެނޭ ކޮންމެ ސަފުހާއަކަށް 1 (އެކެއް) ރުފިޔާގެ މަގުން ފައިސާ ދެއްކުމުންނެވެ.

 

15 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަން ފެށުން 

މިގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއު ކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 10/2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު