-

ސިއްހީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސްދިނުމުގައި ލަފާދޭ ކޮމިޓީގެ ގަވާއިދު

(ގަވާއިދު ނަންބަރު 1059/2019)

1 ވަނަ މާއްދާ - ތަޢާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 29/2015 (ސިއްޙީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 19 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސް ދޫކުރުމަށް މިނިސްޓްރީގައި ގާއިމުކުރާ ޔުނިޓަށް ލަފާދިނުމަށްޓަކައި އެކުލަވައިލާ ކޮމެޓީގެ މަސްއޫލިއްޔަތުތަކާއި، ކޮމިޓީ ހިންގާނެ ގޮތުގެ އުސޫލުތަކާއި، ކޮމިޓީގެ މެންބަރުންގެ ށަރުތުތަކާއި، މެންބަރުންގެ ދައުރާއި، ކޮމިޓީ ހިންގުމާ ގުޅޭ އެހެނިހެން އުސޫލުތައް ބަޔާންކުރުމަށްޓަކައި، އެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން އެކުލަވައިލެވޭ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމުގައި ލަފާދޭ ކޮމިޓީގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ޢަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ދިވެހިރާއްޖޭގެ ސިއްޙީ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސް ދޫކުރުމަށް އެކުލަވައިލައިފައިވާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ބަޔާންކުރުން؛

(ށ) ދިވެހިރާއްޖޭގެ ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސް ދޫކުރުމަށް އެކުލަވައިލައިފައިވާ ކޮމިޓީ ހިންގާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުން؛

(ނ) ދިވެހިރާއްޖޭގެ ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސް ދޫކުރުމަށް އެކުލަވައިލައިފައިވާ ކޮމިޓީގެ މެންބަރުންގެ ށަރުތުތަށް ކަނޑައެޅުން؛

(ރ) ދިވެހިރާއްޖޭގެ ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސް ދޫކުރުމަށް އެކުލަވައިލައިފައިވާ ކޮމިޓީގެ މެންބަރުންގެ ދައުރު ބަޔާންކުރުން؛

 

4 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތުތައް

ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސްދިނުމާ ގުޅޭގޮތުން ލަފާދޭ ކޮމިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

 (ހ) ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމަށް މިނިސްޓްރީގައި ގާއިމުކޮށްފައިވާ ޔުނިޓަށް ލަފާދިނުން؛ 

(ށ) ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމުގައި ޢަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމުގައި ލައިސަންސިންގ ޔުނިޓަށް ލަފާދިނުން؛

(ނ) ސިއްޙީ ހިދުމަތް ދޭ ތަންތަން ގިންތިކުރުމުގައި ލައިސަންސިންގ ޔުނިޓަށް ލަފާ ދިނުން؛

(ރ) ސިއްޙީ ހިދުމަތްތައް ގިންތި ކުރުމުގައި ލައިސަންސިންގ ޔުނިޓަށް ލަފާ ދިނުން؛

(ބ) ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީ ކުރުމުގައި ދައްކަން ޖެހޭ ރަޖިސްޓްރޭށަން ފީއާއި ލައިސަންސްގެ ފީއާއި ލައިސަންސްގެ އަހަރީ ފީއާއި ސިއްޙީ ހިދުމަތްދިނުމުގެ ގާނޫނާއި ، އެ ގަނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގެ ދަށުން ކުރެވޭ ޖޫރިމަނާ މުރާޖަޢާ ކުރުމުގައި ލައިސަންސިންގ ޔުނިޓަށް ލަފާދިނުން؛

(ޅ) ސިއްޙީ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން ރަޖިސްޓަރީކޮށް، ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ލައިސަންސް ބާތިލުކުރުމުގައި ޔުނިޓަށް ލަފާދިނުން؛

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ލައިސަންސް ބާތިލުކޮށްފައިވާ ފަރާތެއްގެ ލައިސަންސް އަލުން މުރާޖަޢާ ކުރުމުގައި ޔުނިޓަށް ލަފާދިނުން؛

(އ) ސިއްޙީ ހިދުމަތް ދޭ ތަންތަނުގެ ދަފުތަރާއި ހިދުމަތްތަކުގެ ދަފުތަރު ބަލަހައްޓާނެ އުސޫލެއް ކަނޑައެޅުމަށާއި، އެ އުސޫލު ތަންފީޒުކުރުމަށް ލައިސަންސިންގ ޔުނިޓަށް ލަފާ ދިނުން؛

(ވ) ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމަށް އެކުލަވައިލައިފައިވާ ކޮމިޓީގެ ލަފާތައް ވަކި ނިޒާމެއްގެ ދަށުން ބަލަހައްޓައި މަޙްޒަރު ކުރުން؛

(މ) ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސް ދޫކުރުމާ ގުޅޭ ގޮތުން ހުށަހެޅޭ ކަންކަމަށް ޔުނިޓަށް ލަފާ ދިނުން؛

(ފ) ޔުނިޓުގެ މަސައްކަތްތައް ކުރުމަށް ހެދިފައިވާ އެސްއޯޕީއާއި ރެގިއުލޭށަން ތައް އެންޑޯސްކުރުން،

 

5 ވަނަ މާއްދާ - މެންބަރުން ޢައްޔަނު ކުރުން

މި ގަވާއިދުގެ ދަށުން އެކުލަވައިލާ ކޮމިޓީގެ މެންބަރުން ޢައްޔަނު ކުރާނީ މިނިސްޓަރެވެ.

 

6 ވަނަ މާއްދާ - ކޮމެޓީ އެކުލެވިގެންވާ ގޮތް

ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމުގައި ލަފާދޭ ކޮމިޓީ އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

(ހ) މެޑިކަލް ޑޮކްޓަރެއް؛

(ށ) ނާސިންގެ ދާއިރާއިން ޑިޕްލޮމާއަށް ވުރެ މަތީ ފާހެއް ލިބިފައިވާ ފަރާތެއް؛

(ނ) މެޑިކަލް ލެބޯރަޓަރީގެ ދާއިރާއިން ޑިޕްލޮމާއަށް ވުރެ މަތީ ފާހެއް ލިބިފައިވާ ފަރާތެއް؛

(ރ) މިނިސްޓްރީގެ ކޮލިޓީ އެށުއަރަންސްގެ ފަންނީ އިސް ފަރާތެއް؛

(ބ) މިނިސްޓްރީގެ ފަންނީ އިސްފަރާތެއް؛

 

7 ވަނަ މާއްދާ - މެންބަރުކަމުގެ ހާއްސަ ށަރުތުތައް

ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމުގައި ލަފާދޭ ކޮމިޓީއަށް ޢައްޔަނުކުރެވޭ މެންބަރުންގެ ކިބައިގައި އަންނަނިވި ހާއްސަ ށަރުތުތައް ފުރިހަމަ ވާންވާނެއެވެ. 

(ހ) ގާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކޮމެޓީއަށްޢައްޔަނުކުރާ މެޑިކަލް ޑޮކްޓަރަކީ ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީވެ ލައިސަންސް ލިބިފައިވާ ފަރާތަކަށްވުމާ އެކު،މެޑިކަލް ޑޮކްޓަރެއްގެ ހައިސިއްޔަތުން ސިއްޙީ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައި ވުން.

(ށ) ގާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޢައްޔަނުކުރާ ނަރުހަކީ މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގައި ރަޖިސްޓަރީވެ ލައިސަންސް ލިބިފައިވާ ފަރާތަކަށްވުމާއި، ނަރުހެއްގެ ހައިސިއްޔަތުން ސިއްޙީ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައި ވުން.

(ނ) ގާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގެ ދަށުން ޢައްޔަނުކުރާ ފަރާތަކީ މެޑިކަލް ލެބޯޓަރީގެ ދާއިރާއިން ޑިޕްލޮމާއަށް ވުރެ މަތީ ފާހެއް ލިބިފައިވުމާއި، މެޑިކަލް ލެބޯޓަރީގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވާން ވާނެއެވެ.

(ރ) ގާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރުގެ ދަށުން ޢައްޔަނުކުރާ ފަރާތަކީ ޓެކްނިކަލް ދާއިރާއަކުން ދަށްވެގެން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ސިއްޙީ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައި ވުން. 

 

8 ވަނަ މާއްދާ - މެންބަރުންގެ އާންމު ށަރުތުތައް

މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާއްސަ ށަރުތުތަކުގެ އިތުރުން، މި ގަވާއިދުގެ ދަށުން ޢައްޔަނުކުރެވޭ މެންބަރުންގެ ކިބައިގައި ތިރީގައި ބަޔާންކޮށްފައިވާ އާންމު ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) ދިވެހި ރައްޔިތެއްކަމުގައި ވުން؛

(ށ) ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވުން؛

(ނ) ސާބިތު ދަރަންޏެއް އޮތް މީހެއްކަމުގައި ނުވުން؛

(ރ) ސިއްޙީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަން ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛

(ބ) ސިއްޙީ ހިދުމަތް ދޭ ތަނެއްގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑެއްގެ މެންބަރެއް ނުވަތަ ހިންގުމުގެ އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން؛

(ޅ) ސިއްޙީ ހިދުމަތް ދޭ ތަނެއްގެ ހިއްސާ އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އެ މީހެއްގެ ފަރާތުން ޢައްޔަނުކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އެ މީހެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން؛

(ކ) އިންތިހާބުކޮށްފައިވާ މަގާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން؛

(އ) ޖިނާއީ ކުށެއް ކުރިކަން ށަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

 

9 ވަނަ މާއްދާ - ކޮމިޓީގެ ރައީސާއި ނައިބުރައީސް ޢައްޔަނު ކުރުން

ކޮމިޓީގެ ރައީސާއި ނައިބު ރައީސް ޢައްޔަނު ކުރާނީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޓީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން، ކޮމިޓީގެ މެންބަރުންގެ ޖުމްލަ އަޣްލަބިއްޔަތުންނެވެ.

 

10 ވަނަ މާއްދާ - ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތު

ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިކޮށްދީ، އެ މަސްއޫލިއްޔަތުތައް އަދާކުރެވެމުންދާކަން ކަށަވަރުކުރުން.

(ށ) ކޮމެޓީގެ ޖަލްސާތައް ބޭއްވުމާއި ރިޔާސަތު ބެލެހެއްޓުން؛

(ނ) ކޮމިޓީގެ މަސައްކަތްތަކާ ގުޅިގެން މިނިސްޓަރަށް ޖަވާބުދާރީވުން؛

(ރ) ކޮމިޓީން ނުވަތަ މި ގަވާއިދުގެ ދަށުން ރައީސްގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ނުވަތަ ދީފައިވާ ބާރެއްގެ ދަށުން ކުރަންޖެހޭ ކަމެއް ކުރުން؛

 

11 ވަނަ މާއްދާ - ކޮމިޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު

ކޮމިޓީގެ ރައީސަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރާނީ ކޮމިޓީގެ ނައިބު ރައީސެވެ. މީގެ އިތުރުން،ކޮމިޓީ ހިންގުމުގައި ކޮމިޓީގެ ރައީސަށް އެހީތެރިވެދޭންވާނެއެވެ.

 

12 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުންގެ ޒިންމާތައް

ކޮމިޓީގެ މެންބަރުންގެ ޒިންމާތަކު ގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނެއެވެ.

(ހ) މަގްބޫލު އުޒުރެއް ދިމާވެގެން މެނުވީ ކޮމިޓީގެ ޖަލްސާތަކަށް ހާޒިރުވުން.

(ށ) މަގުބޫލު އުޒުރެއް ދިމާވެގެން ނޫނީ ކޮމިޓީން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާ ކުރުން. 

(ނ) ޒާތީ ތަޢައްސުބުން އެއްކިބާވެހުރެ، ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި، އިންސާފުވެރިވުމާއި، ފަރުވާތެރިވުން.

 

13 ވަނަ މާއްދާ - އެލަވަންސް

(ހ) ކޮމިޓީއަށް ޢައްޔަނުކުރެވޭ މެންބަރުންނަށް، އެ ފަރާތްތަކުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް އެލަވަންސެއް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވަންސް ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް ލަފާގެމަތިން މިނިސްޓްރީ އޮފް ހެލްތުންނެވެ.

 

14 ވަނަ މާއްދާ - މެންބަރުންގެ ދައުރު 

(ހ) ކޮމިޓީއަށް ޢައްޔަނު ކުރެވޭ މެންބަރަކު، އެ މަގާމުގައި ދެމިހުންނާނީ އެ މެންބަރަކު ޢައްޔަނު ކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި ގަވާއިދުގެ ދަށުން މެންބަރުކަމަށް ޢައްޔަނު ކުރާ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށްވިޔަސް 5 (ފަހެއް) އަހަރުދުވަހުގެ 2( ދޭއް( ދައުރަށް ވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެއެވެ.

 

15 ވަނަ މާއްދާ - މެންބަރުކަމުގެ މަގާމު ހުސްވުން

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތިން އިސްތިޢުފާދިނުން؛

(ށ) މެންބަރުކަމުގެ ދައުރު ހަމަވުން؛

(ނ) މަރުވުން؛

(ރ) މި ގަވާއިދުގައިވާ ގޮތުގެ މަތިން މެންބަރުކަމުން ވަކިކުރުން؛

(ބ) މަގްބޫލު ސަބަބެއްނެތި ކޮމިޓީއަށް އެންގުމަކާއި ނުލައި ވިދިވިދިގެން 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވުން؛

(ޅ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާން ކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުން؛

 

16 ވަނަ މާއްދާ - އިސްތިޢުފާދިނުން

ކޮމިޓީގެ މެންބަރަކު އޭނާގެ މަގާމުން އިސްތިޢުފާދޭން ބޭނުންވެއްޖެ ނަމަ، ސަބަބު ބަޔާންކޮށް މިނިސްޓަރަށް ސިޓީއެއް ހުށަހަޅައި، އެ ސިޓީ މިނިސްޓަރަށް ލިބުމުން،އެ މީހަކު މެންބަރުކަމުން ވަކިވީއެވެ.

 

17 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ކޮމިޓީއަށް ޢައްޔަނު ކުރާ މެންބަރުން ވަކިކުރާނީ މިނިސްޓަރެވެ.

 

18 ވަނަ މާއްދާ - މެންބަރުކަމުގެ މަގާމު ހުސްވުން

މި ގަވާއިދުގެ 15 ވަނަ މާއްދާއާއި 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމު ހުސްވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި މެންބަރަކު ޢައްޔަނު ކުރަން ވާނެއެވެ.

 

19 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތައް

(ހ) ކޮމިޓީގެ ބައްދަލުވުމެއް މަހަކު 1 (އެކެއް) ފަހަރު ބާއްވަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވިޔަސް، ލައިސަންސް ދިނުމާއި ރަޖިސްޓަރީ ކުރުމަށް ހުށެހެޅޭ މައްސަލަތަކަށް ރިޢާޔަތްކޮށް ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ޔުނިޓުން އެދިއްޖެ ނަމަ، ކޮމިޓީގެ ބައްދަލުވުން ތާވަލުކޮށް ބައްދަލުވުން ބާއްވަންވާނެއެވެ.

(ނ) ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީގެ ރައީސަށް ފެނިއްޖެ ނަމަ، ކޮމިޓީގެ ބައްދަލުވުން ބޭއްވިދާނެއެވެ.

 

20 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދު

ކޮމިޓީގެ ޖަލްސާއެއް ބޭއްވޭނީ، ރައީސް ނުވަތަ ނައިބު ރައީސް ހިމެނޭ ގޮތަށް މަދުވެގެން ކޮމިޓީގެ 3 (ތިނެއް) މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

 

21 ވަނަ މާއްދާ - ކޮމިޓީގެ ނިންމުންތައް

(ހ) ކޮމިޓީގެ ކޮންމެ ނިންމުމެއް ނިންމަންވާނީ، ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ނުވަތަ އިއްތިފާގުންނެވެ.

(ށ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަޙަތެއް ހިމެނޭ އެއްވެސް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި މިފަދަ މައްސަލައެއް ކުރިއަށްދާކަން އެ މެންބަރަކަށް އެނގޭ ހިނދުން ފެށިގެން ރިޔާސަތަށާއި، ކޮމިޓީގެ އެހެން މެންބަރުންނަށް އެކަން އެންގުމާއެކު، އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތަކުން އެއްކިބާވާން ވާނެއެވެ.

 

22 ވަނަ މާއްދާ - ލަފާ ދިނުމުގައި ކޮމިޓީން ބަލާނެ ކަންތައްތައް 

(ހ) ކޮމިޓީން ލަފާދިނުމުގައި ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައި ކަނޑައެޅިފައިވާ ށަރުތުތަކާއި މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކުގައިވާ ށަރުތުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރަން ވާނެއެވެ.

(ށ) ކޮމިށަނަރ އޮފް ކޮލިޓީ އެށުއަރެންސާއި، ލައިސެންސިންގ ޔުނިޓުން، ސިއްޙީ ހިދުމަތް ދޭ ތަނެއް ރަޖިސްޓަރީކުރުމަށް ނުވަތަ ލައިސަންސްދިނުމާ ގުޅޭގޮތުން ހުށަހަޅާ އެންމެހައި ކަންތައްތަކަށް ކޮމިޓީން ލަފާދިނުމުގައި ރިޢާޔަތް ކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ސިއްޙީ ހިދުމަތް ދޭ ތަނެއް ރަޖިސްޓަރީކުރުމަށް ނުވަތަ ލައިސަންސް ދިނުމަށް ލަފާދިނުމުގައި އަންނަނިވި ކަންތައްތަކަށް ކޮމިޓީން ރިޢާޔަތް ކުރެވިދާނެއެވެ.

  1. ސިއްޙީ ހިދުމަތުގެ ގައުމީ ނިޒާމުގައި ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައްޔާއި، ސިޓީ ފެންވަރުގައި ކަނޑައަޅައިފައިވާ ވަކި މިންގަނޑަކަށް ސިއްޙީ ހިދުމަތް ފޯރުކޮށްދޭނެކަން؛
  2. ޖިއޮގްރޮފިކަލް ގޮތުން އޮންނަ ތަނަށް ނުވަތަ އިގްތިސާދީ ފުދުންތެރިކަމަށް ނުވަތަ ނަސްލަށް ނުވަތަ ޖިންސަށް ބަލައިގެން ސިއްޙީ ހިދުމަތްދިނުމުގައި ފަރަގުތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާ ކަންކަން އިސްލާޙުކުރުމާއެކު، ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ސިއްޙީ ހިދުމަތް ލިބިދެވޭނެކަން؛
  3. އަންނަނިވި ކަންތައްތަކަށް ބިނާކޮށް އެކަށީގެންވާ މިންވަރެއްގައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ސިއްޙީ ހިދުމަތްތައް ފޯރުކޮށްދެމުން ދާކަން؛
    3.1 ސިއްޙީ ހިދުމަތް ފޯރުކޮށްދޭ ތަނުގެ، އާބާދީގެ ސިއްޙަތާ ގުޅުންހުރި ކަންތައްތަކާއި ބަލި ހާލަތުގެ ސިފަތައް؛
    3.2 ހިދުމަތް ފޯރުކޮށްދިނުމަށް އަމާޒުކުރެވޭ އާބާދީއާއި ތަނުގެ މުޅި އާބާދީ؛
    3.3 ހިދުމަތް ފޯރުކޮށްދެވޭ ސަރަޙައްދުގެ އާބާދީގެ އުމުރާއި ޖިންސުގެ ތަފާސްހިސާބުތައް؛
    3.4 ހިދުމަތް ފޯރުކޮށްދޭ ސަރަޙައްދުގެ ވިހާ މަރުވާގެ ތަފާސްހިސާބާ ގުޅުންހުރި މަޢުލޫމާތު؛
  4. ޑޮކްޓަރީ ބޭހުގެ ހިދުމަތާއި އޮލްޓަރނޭޓިވް މެޑިސިންގެ ހިދުމަތް އެ ސަރަޙައްދަކުން ލިބެންހުރި މިންވަރު؛
  5. ހުށަހެޅިފައިވާ ހިދުމަތަކީ ފަސޭހައިން ވާސިލުވެވޭ، ހެޔޮއަގުގައި ފޯރުކޮށްދެވޭ ފެންވަރުހުރި ރައްކައުތެރި ސިއްޙީ ހިދުމަތަކަށް ވުން؛
  6. ހުށަހެޅިފައިވާ ހިދުމަތުގެ ސަބަބުން، ގާއިމުކުރެވިފައި ހުރި ސިއްޙީ ހިދުމަތްދޭ ތަންތަނަށް ކޮށްފާނެ އަސަރުތައް؛.
  7. ހުށަހެޅިފައިވާ ހިދުމަތުގެ ސަބަބުން ވަޒީފާގެ ފުރުސަތު، ހާއްސަކޮށް ދިވެހިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، ފަހިވެގެންދާ މިންވަރާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ފަހިވެގެންދާ މިންވަރު؛
  8. ހުށަހެޅިފައިވާ ހިދުމަތުގެ ސަބަބުން ސިއްޙީ ހިދުމަތްތައް ތަރައްގީވެގެންދާނެ މިންވަރާއި، ސިއްޙީ ދިރާސާތަކަށް މަގުފަހިވެގެންދާ މިންވަރު؛
  9. ހިދުމަތް ދިނުމަށް އެދޭ ފަރާތުން ސިއްޙީ ހިދުމަތެއް ކުރިން ދީފައިވާ ނަމަ، އެ ހިދުމަތުގެ ފެންވަރާއި ރައްކައުތެރިކަން؛
  10. ކޮމިޓީއަށް ވަކިގޮތެއް ކަނޑައެޅުމަށް ހުށަހެޅޭ އެހެނިހެން ކަންކަމަށް ލަފާދިނުމުގައި އިގްތިސާދީގޮތުންނާއި، އިޖުތިމާޢީގޮތުންނާއި، ފަންނީގޮތުން ދިރާސާކޮށް، އެ ކަންކަމަށް ރިޢާޔަތް ކުރަން ވާނެއެވެ.

 

23 ވަނަ މާއްދާ - ކޮމިޓީގެ ލަފާ

(ހ) ރަޖިސްޓަރީކުރުމަށް ނުވަތަ ލައިސަންސް ހޯދުމަށް އެދި ހުށަހެޅި ފޯމާއި ކޮމިޓީގެ ލަފާލައިސަންސިންގ ޔުނިޓުގެ ރިޕޯޓު، ކޮމިޓީއަށް ލިބޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިޓީގެ ލަފަޔާއި އިރުށާދު ދޭންވާނެއެވެ.

(ށ)

  1. ރަޖިސްޓަރީކުރުމަށް ނުވަތަ ލައިސަންސް ހޯދުމަށް އެދި ހުށަހެޅި ފޯމާއި ލައިސަންސިންގ ޔުނިޓުގެ ރިޕޯޓު ދިރާސާކުރުމަށް ފަހު،އަންނަނިވި ކަންތައްތަކަށް ކޮމިޓީން ރިޢާޔަތްކޮށް، ލައިސަންސިންގ ޔުނިޓަށް ލަފަޔާއި އިރުށާދު ދެވިދާނެއެވެ. ސިއްޙީ ހިދުމަތްދޭ ތަނުން ފޯރުކޮށްދޭ ހިދުމަތުގެ ބާވަތާއި މިންވަރާ ގުޅޭ؛
  2. ސިއްޙީ ހިދުމަތަށް އެދިފައިވާ ތަން އިންށުއަރެންސް ކޮށްފައިވާ ނަމަ، އިންށުއަރެންސާ ގުޅޭ؛
  3. އެދިފައިވާ ހިދުމަތާ ގުޅޭ ހާއްސަ ތަމްރީނު ލިބިފައިވާ ފަންނީ މީހުން ޢައްޔަނުކުރުމާ ގުޅޭ؛
  4. ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ލައިސެންސިންގ ޔުނިޓުންނާއި ކޮލިޓީ ކޮމިށަނަރަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ؛
  5. ށަކުވާގެ ނިޒާމާ ގުޅޭ؛
  6. ރަޖިސްޓަރީކުރުމާ ގުޅޭ ނުވަތަ ލަ އިސަންސް ދިނުމާ ގުޅޭ؛
  7. ރަޖިސްޓަރީ ބާތިލުކުރުމަށް ނުވަތަ ލައިސަންސް ބާތިލުކުރުމަށް ނުވަތަ އެ ތަކެތި ހިފެހެއްޓުމާ ގުޅޭ؛
  8. ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ މައްސަލައަކަށް ހާއްސަ އިރުށާދު ދިނުމާ ގުޅޭ؛

(ނ) ސިއްޙީ ހިދުމަތް ދިނުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން ނުވަތަ ބާތިލުކުރުމަށް ލަފާ ދިނުމުގައި ސިއްޙީ ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ފަރާތުގެ ކިބައިން ސިއްޙީ ހިދުމަތް ދިނުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި މިންގަނޑުތަކުގައި ބަޔާންކުރާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ، ވަގުތީގޮތުން ހިފެހެއްޓުމަށް ލަފާދިނުން. 

 

24 ވަނަ މާއްދާ - ކޮމިޓީގެ ލަފަޔަށް ޢަމަލުނުކުރުން.

ކޮމިޓީގެ އިރުށާދާއި ލަފަޔާ އެއްގޮތަށް ޔުނިޓުން ޢަމަލުނުކުރުމަށް ނިންމާ ހާލަތްތަކުގައި އެގޮތަށް ނިންމި ސަބަބު ޔުނިޓުން ރެކޯޑުކޮށް ބަލަހައްޓައި، އެ ލިޔުމުގެ ކޮޕީއެއް ކޮމިޓީއަށް ފޮނުވަންވާނެއެވެ.

 

25 ވަނަ މާއްދާ - ކޮމިޓީގެ ޔައުމިއްޔާ 

(ހ) ކޮމިޓީން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ލިޔަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔައުމިއްޔާއާއި ކޮމިޓީގެ އެންމެހައި އިދާރީ ކަންތައްތައް ބަލަހައްޓާނީ ލައިސަންސިންގ ޔުނިޓުގެ ސެކްރެޓޭރިއެޓުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔައުމިއްޔާ، ކޮންމެ ބައްދަލުވުމެއް ނިންމައިފައި، ޖެހިގެން އަންނަ ބައްދަލުވުމެއްގައި، އެ ޔައުމިއްޔާ ފާސްކޮށް މެންބަރުން ސޮއިކުރަންވާނެއެވެ.

(ރ) ކޮމިޓީގެ ޔައުމިއްޔާގައި ސޮއިކުރާ ތާރީހުން ފެށިގެން މަދުވެގެން 5 (ފަހެއް) އަހަރުދުވަހަށް އެ ޔައުމިއްޔާ ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. 

 

26 ވަނަ މާއްދާ - ކޮމިޓީގެ ލިޔެކިޔުންތައް ބެލެހެއްޓުން

ކޮމިޓީ މެންބަރުންގެ ހާޒިރީއާއި، ބައްދަލުވުންތަކުގެ އެޖެންޑާއާއި، ނިންމުންތަކާއި، ކޮމެޓީން ތައްޔާރުކުރާ މުހިންމު ލިޔެކިޔުންތަކާއި، އަހަރީ ރިޕޯޓާއި، ގާނޫނާއި ގަވާއިދުތަކުން ބެލެހެއްޓުން ލާޒިމުކުރާ އެނޫން ލިޔެކިޔުންތަކުގެ ރިކޯޑު، ކަނޑައަޅާ އުސޫލެއްގެ މަތިން ޔުނިޓުން ބަލަހައްޓަންވާނެއެވެ.

 

27 ވަނަ މާއްދާ - ކޮމިޓީ ބައްދަލުވުން ތަކުގެ އެޖެންޑާ ކަނޑައަޅާނެ ގޮތް

ކޮމިޓީ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅާނީ ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާ ފަރާތުންނެވެ.

 

28 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މަޢުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކޮންމެހެން ބޭނުންވާ ހާލަތެއްގައި ފިޔަވައި، ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ށ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މަޢުލޫމާތެއް، ނުވަތަ އެ މެންބަރަކު އަދާކުރާ ވަޒީފާގެ ބޭނުމަށް ނުވަތަ އަމިއްލަޔަށް ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

 

29 ވަނަ މާއްދާ - ހުއްދަ ނޫން މީހުންނަށް މަޢުލޫމާތު ހާމަނުކުރުން

ކަނޑައެޅިފައިވާ ވަކި ލިޔުމަކުން ހުއްދަލިބިގެން މެނުވީ އެއްވެސް މެންބަރަކު ކޮމިޓީގެ ނަމުގައި ކޮމިޓީގެ އެއްވެސް މަޢުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ. ނުވަތަ އެހެން ފަރާތަކަށް އެފަދަ މަޢުލޫމާތެއް ދީގެންވެސް ނުވާނެއެވެ.

 

30 ވަނަ މާއްދާ - މާނަކުރުން 

މި ގަވައިދުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ސިއްޙީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސްދިނުމުގައި ލަފާދޭ ކޮމިޓީ" ނުވަތަ "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ސިއްޙީ ހިދުމަތް ދިނުމާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ކޮމިޓީއަށެވެ.

(ށ) "ލައިސަންސިންގ ޔުނިޓު" ނުވަތަ "ޔުނިޓު" ކަމަށް ބުނެފައި އެވަނީ ، ސިއްޙީ ހިދުމަތް ދިނުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީގައި ގާއިމްކުރާ ޔުނިޓަށެވެ.

(ނ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 29/2015 (ސިއްޙީ ހިދުމަތް ދިނުމުގެ ގާނޫނު) އަށެވެ.

(ރ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ސިއްޙީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

 

މައި ގާނޫނު

 ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 29/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު