ގެދޮރު އަގުހެޔޮކުރުމުގެ ލޯނު ސްކީމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 2017-69)
އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2018-77)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 2 އޮގަސްޓު 2018 ގައި)
ގެދޮރު އަގުހެޔޮކުރުމުގެ ލޯނު ސްކީމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 2017-69) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކުގެ މުއްދަތު 6.
އޮތޯރިޓީން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، މި ސްކީމުގެ ދަށުން ދޫކުރާ ލޯނު އަދާކޮށް ހަލާސްކުރަންޖެހޭ މުއްދަތު 20 (ވިހި) އަހަރުދުވަހަށްވުރެ ކުރުވެގެން ނުވާނެއެވެ. ނަމަވެސް، ލޯނު ނަގާފަރާތުން މި މުއްދަތަށްވުރެ ކުރު މުއްދަތެއް ހަމަޖައްސަން އެދި ހުށަހަޅާފައިވާނަމަ، އެ މުއްދަތެއް ހަމަޖެއްސިދާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.
ލޯނުގެ އިކުއިޓީ ނުވަތަ ޑައުން ޕޭމަންޓް 7.
މި ސްކީމުގެ ދަށުން ދޫކުރާ ލޯނަކަށް އެދި ހުށަހަޅާ ފަރާތުން ދެއްކުމަށް ހުށަހަޅާ އިކުއިޓީ، ނުވަތަ ޑައުން ޕޭމަންޓުގެ އަދަދަކީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ (1)، (2) ނުވަތަ (3) ވަނަ ނަންބަރުގައި ހިމެނޭ އަދަދެއް ނަމަ، އަދި ލޯނު ލިބުމަށްޓަކައި ފުރިހަމަވާން ޖެހޭ ކަމަށް މެންބަރު އިދާރާއިން ކަނޑައަޅާފައިވާ އެހެން ށަރުޠުތައް ފުރިހަމަވާ ނަމަ، ލޯނަށް އެދި ހުށަހަޅާ ފަރާތުން ދެއްކުމަށް ހުށަހަޅާ އިކުއިޓީ، ނުވަތަ ޑައުން ޕޭމަންޓާ އެކު ލޯނު ދޫކުރަންވާނެއެވެ. ނަމަވެސް، އެ އަދަދަށްވުރެ އިތުރަށް އިކުއިޓީ ނުވަތަ ޑައުން ޕޭމަންޓް ދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތުގެ ކިބައިގައި ހުރިކަން މެންބަރު އިދާރާއަށް ޔަގީންވާނަމަ، އެ އަދަދު އިތުރުކުރުމަށް އެންގިދާނެއެވެ.
8. ލޯނު ނަގައިގެން ގަންނަ ނުވަތަ އިމާރާތް ކުރާ ތަނުގެ އިތުރުން، އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބެހެއްޓުމަށް މެންބަރު އިދާރާއަކުން، ލޯނަށް އެދި ހުށަހަޅާ ފަރާތަށް އަންގައިގެން ނުވަތަ ށަރުޠުކޮށްގެން ނުވާނެއެވެ.
3 ވަނަ މާއްދާ - މި ގަވާއިދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.
މައި ގަވާއިދު
ގެދޮރު އަގުހެޔޮކުރުމުގެ ލޯނު ސްކީމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-69)
ކޮންސޮލިޑޭޓެޑް ގަވާއިދު
ގެދޮރު އަގުހެޔޮކުރުމުގެ ލޯނު ސްކީމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2017-69)
ކިޔުންތެރިންގެ ހިޔާލު