-

ގެދޮރު އަގުހެޔޮކުރުމުގެ ލޯނު ސްކީމާބެހޭ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2017-69)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓްކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދު އެކުލަވައިލާފައިވަނީ ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 32 ވަނަ މާއްދާއާއި، 38 ވަނަ މާއްދާގެ ދަށުންނެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ގެދޮރު އަގުހެޔޮކުރުމުގެ ލޯނު ސްކީމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަންޖެހޭ ފަރާތްތައް

ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި، އޮތޯރިޓީން ކަނޑައަޅާ ފައިނޭންސް ކުންފުނިތަކުގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ.

 

3 ވަނަ މާއްދާ - ގެދޮރު އަގުހެޔޮކުރުމުގެ ލޯނު ސްކީމް

(ހ) ކޮންމެ ބޭންކަކުންވެސް އަދި އޮތޯރިޓީން ކަނޑައަޅާ ފައިނޭންސް ކުންފުންޏަކުންވެސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ލޯނު ދޫކުރުމަށްޓަކައި ގެދޮރު އަގުހެޔޮކުރުމުގެ ލޯނު ސްކީމެއް ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ ސްކީމް ހިންގާނީ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

4 ވަނަ މާއްދާ - ސްކީމްގެ ދަށުން ލޯނު ދޫކުރަންޖެހޭ މިންވަރު

(ހ) އޮތޯރިޓީން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ސްކީމުގެ ކޮންމެ މެންބަރު އިދާރާއަކުންވެސް، އެފަރާތަށް ލޯނާއި ދަރަނީގެގޮތުގައި ލިބެންޖެހޭ ޖުމުލަ ފައިސާގެ ތެރެއިން މަދުވެގެން %10 (ދިހައެއް އިންސައްތަ) މި ސްކީމުގެ ދަށުން ލޯނުގެގޮތުގައި ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ލޯނު ދޫކޮށް ހަމަކުރާނެ ތާރީހެއް ނުވަތަ ތާރީހުތަކެއް ކަނޑައަޅައި، އޮތޯރިޓީން ސްކީމުގެ މެންބަރު އިދާރާތަކަށް އަންގަންވާނެއެވެ. ތާރީހު ކަނޑައެޅުމުގައި ގެދޮރު ގަތުމަށާއި ގެދޮރު އިމާރާތްކުރުމަށް ވަކިވަކި އިދާރާތަކުން ދޫކޮށްފައިވާ ދަރަނީގެ ނިސްބަތަށް ބަލައި، އެކި އިދާރާތަކަށް އެކި ތާރީހު އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

 

5 ވަނަ މާއްދާ - ސްކީމުގެ ދަށުން ދޫކުރާ ލޯނަށް ޗާޖުކުރެވޭނެ އެންމެ މަތީ ރޭޓް

(ހ) ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކާ ގުޅިގެން ލޯނު ނަގާ ފަރާތުން އިންވެސްޓްކުރަންޖެހޭ އިކުއިޓީ ނުވަތަ ޑައުން ޕޭމަންޓުގެ ނިސްބަތަށް ބަލައި، އެއްވެސް ލޯނަކަށް އަންނަނިވި ރޭޓުތަކަށްވުރެ ބޮޑު ރޭޓެއް އަހަރެއްގެ މައްޗަށް ނަގާ އިންޓްރެސްޓުގެގޮތުގައި، ނުވަތަ ފައިނޭންސިންގ ރޭޓުގެގޮތުގައި މެންބަރު އިދާރާއަކުން ނަގައިގެންނުވާނެއެވެ.

  1. ލޯނުގެ ޑައުން ޕޭމަންޓުގެ އަދަދަކީ، ނުވަތަ އިކުއިޓީގެ އަދަދަކީ %20 އިން ފެށިގެން މަތީ އަދަދެއްނަމަ، %5.0 ރޭޓް.
  2. ލޯނުގެ ޑައުން ޕޭމަންޓުގެ އަދަދަކީ، ނުވަތަ އިކުއިޓީގެ އަދަދަކީ %10 އިން ފެށިގެން %20 އާ ދެމެދުގެ އަދަދެއްނަމަ، %5/.5 ރޭޓް.
  3. ލޯނުގެ ޑައުން ޕޭމަންޓުގެ އަދަދަކީ، ނުވަތަ އިކުއިޓީގެ އަދަދަކީ %5 އިން ފެށިގެން 10 އާ ދެމެދުގެ އަދަދެއްނަމަ، %6.0 ރޭޓް.

(ށ) ސްކީމުގެ ދަށުން ދޫކުރާ ލޯނެއްގެ އިކުއިޓީ، ނުވަތަ ޑައުން ޕޭމަންޓުގެ އަދަދު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ދަށުން ނުވަތަ އޮތޯރިޓީން ގާއިމުކުރާ ސްކީމެއްގެ ދަށުން ގެރެންޓީ ކޮށްދޭނަމަ، ޑައުން ޕޭމަންޓް ނުވަތަ އިކުއިޓީ އިންވެސްޓްކުރެވިފައިވާ ކަމަށް ބަލައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންޓްރެސްޓް ނުވަތަ ފައިނޭންސިންގ ރޭޓަށްވުރެ ބޮޑު ރޭޓެއް އެ ލޯނަކަށް ނަގައިގެންނުވާނެއެވެ.

(ނ) އެއްވެސް މެންބަރަކު ސްކީމުގެ ދަށުން ދޫކުރާ ލޯނެއްގެ ފުރަތަމަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި އެ ލޯނުގެ ރޭޓް އިތުރުކޮށްގެން ނުވާނެއެވެ. އަދި، ލޯނުގެ ފުރަތަމަ 10 (ދިހައެއް) އަހަރުދުވަސް ވޭތުވުމަށްފަހު، ރޭޓް ބަދަލުކުރެވޭނީ މާކެޓަށް އަންނަ ބަދަލަކާ ގުޅިގެން އެކަންޏެވެ. އަދި އެގޮތުން ލޯނުގެ ރޭޓް އިތުރުކުރެވޭނީ، އޮތޯރިޓީން ހުއްދަކުރާ ގޮތެއްގެ މަތިން ހުއްދަކުރާ މިންވަރަކަށެވެ.

 

6 ވަނަ މާއްދާ - ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކުގެ މުއްދަތު

އޮތޯރިޓީން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، މި ސްކީމުގެ ދަށުން ދޫކުރާ ލޯނު އަދާކޮށް ހަލާސްކުރަންޖެހޭ މުއްދަތު 20 (ވިހި) އަހަރުދުވަހަށްވުރެ ކުރުވެގެން ނުވާނެއެވެ. ނަމަވެސް، ލޯނު ނަގާފަރާތުން މި މުއްދަތަށްވުރެ ކުރު މުއްދަތެއް ހަމަޖައްސަން އެދި ހުށަހަޅާފައިވާނަމަ، އެ މުއްދަތެއް ހަމަޖެއްސިދާނެއެވެ. (އިސްލާހު ކުރެވިފައި)

 

7 ވަނަ މާއްދާ - ލޯނުގެ އިކުއިޓީ ނުވަތަ ޑައުން ޕޭމަންޓް (މުޅި މާއްދާ އިތުރު ކުރެވިފައި)

މި ސްކީމުގެ ދަށުން ދޫކުރާ ލޯނަކަށް އެދި ހުށަހަޅާ ފަރާތުން ދެއްކުމަށް ހުށަހަޅާ އިކުއިޓީ، ނުވަތަ ޑައުން ޕޭމަންޓުގެ އަދަދަކީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ (1)، (2) ނުވަތަ (3) ވަނަ ނަންބަރުގައި ހިމެނޭ އަދަދެއް ނަމަ، އަދި ލޯނު ލިބުމަށްޓަކައި ފުރިހަމަވާން ޖެހޭ ކަމަށް މެންބަރު އިދާރާއިން ކަނޑައަޅާފައިވާ އެހެން ށަރުޠުތައް ފުރިހަމަވާ ނަމަ، ލޯނަށް އެދި ހުށަހަޅާ ފަރާތުން ދެއްކުމަށް ހުށަހަޅާ އިކުއިޓީ، ނުވަތަ ޑައުން ޕޭމަންޓާ އެކު ލޯނު ދޫކުރަންވާނެއެވެ. ނަމަވެސް، އެ އަދަދަށްވުރެ އިތުރަށް އިކުއިޓީ ނުވަތަ ޑައުން ޕޭމަންޓް ދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތުގެ ކިބައިގައި ހުރިކަން މެންބަރު އިދާރާއަށް ޔަގީންވާނަމަ، އެ އަދަދު އިތުރުކުރުމަށް އެންގިދާނެއެވެ. (އިތުރު ކުރެވިފައި)

 

8 ވަނަ މާއްދާ - (މުޅި މާއްދާ އިތުރު ކުރެވިފައި)

ލޯނު ނަގައިގެން ގަންނަ ނުވަތަ އިމާރާތް ކުރާ ތަނުގެ އިތުރުން، އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބެހެއްޓުމަށް މެންބަރު އިދާރާއަކުން، ލޯނަށް އެދި ހުށަހަޅާ ފަރާތަށް އަންގައިގެން ނުވަތަ ށަރުޠުކޮށްގެން ނުވާނެއެވެ.

 

9 ވަނަ މާއްދާ - ލޯނު ދޫކުރެވޭނެ ކަންކަމާއި، ށަރުތުތައް

ސްކީމުގެ ދަށުން ލޯނު ދޫކުރާނެ ކަންކަމާއި، ލޯނު ލިބުމަށްޓަކައި ފުރިހަމަވާންޖެހޭ ށަރުތުތަކާއި ކަންކަން ބަޔާންކޮށް އޮތޯރިޓީން ހުރިހާ މެންބަރު އިދާރާތަކަށް އަންގަންވާނެއެވެ.

 

10 ވަނަ މާއްދާ - އިދާރީ ފިޔަވަޅުތައް

އެއްވެސް މެންބަރު-އިދާރާއަކުން މި ގަވާއިދުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ، އެ ހިލާފުވީ ކަމެއްގައި ދެމިހުރި ކޮންމެ ދުވަހަކަށް 2,000 (ދެ ހާސް) ރުފިޔާއަށްވުރެ ގިނަ ނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

12 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

"ބޭންކް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ބޭންކަކަށެވެ.

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

"ފައިނޭންސް ކުންފުނި" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ ބޭންކްނޫން މާލީ އިދާރާތަކުގެ ތެރެއިން ލޯނު ނުވަތަ ދަރަނި ދޫކުރާ އިދާރާއަކަށެވެ.

"ސްކީމުގެ މެންބަރު-އިދާރާތައް" ނުވަތަ "މެންބަރު-އިދާރާތައް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 2 ވަނަ މާއްދާގެ ދަށުން މި ގަވާއިދަށް އަމަލުކުރަންޖެހޭ އިދާރާތަކަށެވެ.

"ސްކީމް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ސްކީމަށެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު 

 

މައި ގަވާއިދު

ގެދޮރު އަގުހެޔޮކުރުމުގެ ލޯނު ސްކީމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 2017-69) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-77)

 

މައި ގާނޫނު

މަނިޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 1981-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު