ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2018-136)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 31 ޑިސެމްބަރު 2018 ގައި)
1 ވަނަ މާއްދާ - ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ފަހަތަށް އަންނަނިވިގޮތަށް މާއްދާތައް އިތުރުކުރުން.
24 ގަޑިއިރު ހިދުމަތްދިނުން 15.
ސައިހޮޓަލާއި، ރެސްޓޯރަންޓް ހިންގުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި، މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުއްދަ ހޯދުމަށްފަހު، 24 (ސައުވީސް) ގަޑިއިރު ހިދުމަތް ދެވިދާނެއެވެ.
24 ގަޑިއިރު ހިދުމަތްދިނުމުގެ ހުއްދައަށްއެދުމާއި، ހުއްދަ ދޫކުރުން 16.
(ހ) ސައިހޮޓަލާއި، ރެސްޓޯރަންޓް ހިންގުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި، 24 (ސައުވީސް) ގަޑިއިރު ހިދުމަތްދިނުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުން، ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ "ބިޒްނަސް ޕޯޓަލް" މެދުވެރިކޮށް، ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލަށް، އަދި ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލަށެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުއްދަ ދޫކުރާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށް، ސިޓީއެއްގައިނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުން، އަދި ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.
24 ގަޑިއިރު ހިދުމަތްދިނުމަށް ހުއްދަދޫކުރުމުގެ ށަރުތުތައް 17.
(ހ) ސައިހޮޓަލާއި، ރެސްޓޯރަންޓް ހިންގުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި 24 (ސައުވީސް) ގަޑިއިރު ހިދުމަތްދިނުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުއްދަ ދޫކުރެވޭނީ، އެ ތަންތަނުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މަށްވަރާގެމަތިން، ސިޓީ ކައުންސިލުން ނުވަތަ ރަށު ކައުންސިލުން ކަނޑައަޅައިފައިވާ ސަރަހައްދެއްގައި ހިންގާ ތަނަކަށްވުން.
- ސައިހޮޓަލާއި ރެސްޓޯރަންޓުގެ ބޭރުން އަދި ބޭރުން ސާފުކޮށް އެތެރެ ފެންނާނެހެން އަލިކުރެވޭގޮތަށް ހުރި ތަނެއްކަމުގައިވުން.
- 24 (ސައުވީސް) ގަޑިއިރު ސީ.ސީ.ޓީ.ވީ ކެމެރާ އޮޕަރޭޓްކުރެވޭގޮތަށް ހުރި ތަނެއްކަމުގައިވުން.
- މި ގަވާއިދުގެ އިތުރުންވެސް، އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްގެން، ހިދުމަތްދޭ ތަނެއްކަމުގައިވުން.
- މެންދަމު 1.00 އިން ފެށިގެން ފަތިހު 4.30 އާ ހަމައަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްގެގޮތުގައި ހަމަޖެއްސުން.
(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގައި މަނާކޮށްފައިވާ ކަންކަން އެގޮތުގެމަތިން ތަންފީޒުކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
ފްރެންޗައިޒް އުސޫލުން ހިންގާ ތަންތަން ހުއްދަ ދޫނުކުރުން 18.
މި ގަވާއިދުގެ 15 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ދިވެހިރާއްޖޭގައި ފްރެންޗައިޒް އުސޫލުން ހިންގާ ރެސްޓޯރަންޓްފަދަ ތަންތަނަކަށް 24 (ސައުވީސް) ގަޑިއިރު ހިދުމަތްދޭކަށެއް ހުއްދައެއް ނުދެވޭނެއެވެ.
24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައިގެ މުއްދަތާއި އެ ހުއްދަ އައުކުރުން 19.
(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ދޫކުރާ ހުއްދައިގެ މުއްދަތަކީ، އެ ހުއްދައެއް ދޫކުރާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން، ހުއްދަ އައުކުރުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުން ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ "ބިޒްނަސް ޕޯޓަލް" މެދުވެރިކޮށެވެ. ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލަށެވެ. އަދި ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލަށެވެ.
ހުއްދައިގެ ފީ 20.
މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން 24 (ސައުވީސް) ގަޑިއިރު ހިދުމަތްދިނުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތަށް ހުއްދަދޭން ނިންމިކަން އެންގުމުން، 2000 (ދެހާސް) ރުފިޔާގެ ފީއެއް މޯލްޑިވްސް އިންލެންޑް ރެވެނިވް އޮތޯރިޓީއަށް ދައްކަންވާނެއެވެ.
"24/7" ބޯޑު ބެހެއްޓުން 21.
މި ގަވާއިދުގެ ދަށުން، 24 (ސައުވީސް) ގަޑިއިރު ހިދުމަތްދިނުމަށް ހުއްދަ ލިބިފައިވާ ތަންތަނުގައި އެ ތަނަކީ 24 (ސައުވީސް) ގަޑިއިރު ހިދުމަތްދޭ ތަނެއްކަން އެނގޭގޮތަށް "24/7" މިހެން ލިޔެފައިވާ ބޯޑެއް، ހިދުމަތްދޭ އިމާރާތުގެ ބޭރަށް ފެންނާނެހެން ބަހައްޓަންވާނެއެވެ.
ހުއްދަ ހިފެހެއްޓުމާއި ހުއްދަ ބާތިލުކުރުން 22.
(ހ) 24 (ސައުވީސް) ގަޑިއިރު ހިދުމަތްދިނުމުގެ ހުއްދަ ނަގައިފައިވާ ފަރާތަކުން މި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގައިފިނަމަ، އެއީ މި ގަވާއިދާ ހިލާފުވި ފުރަތަމަ ފަހަރު ކަމަށްވާނަމަ، އެ ފަރާތަކަށް މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ 24 (ސައުވީސް) ގަޑިއިރު ހިދުމަތްދިނުމުގެ ހުއްދަ 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެއެވެ.
(ށ) 24 (ސައުވީސް) ގަޑިއިރުގެ ހިދުމަތްދިނުމުގެ ހުއްދަ ނަގައިފައިވާ ފަރާތަކުން ތަކުރާރުކޮށް މި ގަވާއިދާ ހިލާފުވެއްޖެނަމަ، އެ ތަނަކަށް ދޫކޮށްފައިވާ 24 (ސައުވީސް) ގަޑިއިރު ހިދުމަތްދިނުމުގެ ހުއްދަ ބާތިލުކުރެވޭނެއެވެ.
(ނ) 24 (ސައުވީސް) ގަޑިއިރު ހިދުމަތްދިނުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަނަކުން، އާންމުކޮށް 24 (ސައުވީސް) ގަޑިއިރު ހިދުމަތް ނުދޭނަމަ، އެ ތަނަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނެއެވެ.
(ނޯޓް: މި އިސްލާހުގެ 2 ވަނަ މާޢްދާ ހިމެނިފައިނުވޭ)
3 ވަނަ މާއްދާ - މި ގަވާއިދުން، ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރެވިގެންދާނެއެވެ.
4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ޖަދުވަލު 1
24 ގަޑިއިރު ސައިހޮޓަލާއި، ރެސްޓޯރަންޓުގެ ހިދުމަތްދިނުމުގެ ހުއްދައަށް އެދުމަށާއި، އެ ހުއްދަ އައުކުރުމަށް އެދޭ ފޯމު
މައި ގާނޫނު
(އަދި ނުހިމެނި)
ކިޔުންތެރިންގެ ހިޔާލު