-

އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1015/2019)

1 ވަނަ މާއްދާ -  ތައާރަފު

މިއީ، ގާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ގާނޫނު) ގެ ދަށުން، ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތީގެ ފެންވަރު ހިފެހެއްޓުމުގެ މަގްސަދުގައި ގާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ގާނޫނު) ގެ 95 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގްސަދުތައް ތިރީގައި މިވަނީއެވެ.

(ހ) އިމާރާތްކުރުމަށް ބޭނުންކުރާ އަސާސީ ތަކެއްޗާއި އެ ތަކެތިން އުފައްދާ ބާވަތްތައް ޓެސްޓުކުރެވި، ވަކި ފެންވަރެއްގައި އެ ތަކެތި ހިފެހެއްޓުމެވެ. އަދި ދިވެހިރާއްޖޭގައި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތިން އުފައްދާ ޕްރޮޑަކްޓްތައް ބޭނުންކުރާ ގޮތުގެ ފެންވަރާއި މިންގަނޑު ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުމެވެ.

(ށ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރެވޭ ޓެސްޓުތަކަކީ އެފަދަ ޓެސްޓުތައް ކުރުމަށް ހުއްދަދީފައިވާ ފަރާތްތަކުން ކުރެވޭ ޓެސްޓުތަކެއްކަން ޔަގީންކުރުމެވެ.

(ނ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން އެ ބާވަތްތަކަށް ކުރަންޖެހޭ ޓެސްޓުތަކުގެ އެންމެ ކުޑަމިންގަނޑެއް ކަނޑައަޅައި ތަންފީޒުކުރުމެވެ.

 

3 ވަނަ މާއްދާ - ތަންފީޒުކުރުން

މި ގަވާއިދު ތަންފީޒުކުރާނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތު އެ އިރެއްގައި ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ.

 

4 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާއިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރުމާއި ޓެސްޓު ކުރެވޭ ބާވަތްތައް

(ހ) "އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި، އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދު" ގެ ޖަދުވަލު 1 ގެ ދަށުން ލިސްޓުކޮށްފައިވާ އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތިން އުފައްދާ ބާވަތްތައް، ތަކެތި އެތެރެކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތަކުން ޓެސްޓުކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށް ފައިވާ ތަކެތިން އުފައްދާ ޕްރޮޑަކްޓްތަކުގެ ފެންވަރު ބެލުމަށް އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގައި ކުރާ ޓެސްޓުތައް ކޮށް، އެ ތަކެތީގެ ސްޕެސިފިކޭށަނާއި ސްޓޭންޑަޑާއި ޓެސްޓުތަކުގެ ނަތީޖާ މިނިސްޓްރީން ބޭނުންވެއްޖެ ހާލަތެއްގައި ފޯރުކޮށް ދޭން ޖެހޭނެއެވެ.

 

6 ވަނަ މާއްދާ - ޓެސްޓުކުރުމުގައި ބެލޭނެ މިންގަނޑުތައް

(ހ) އިމާރާތްކުރުމުގެ ބޭނުމުގައި އެތެރެކުރާ ނުވަތަ ދިވެހިރާއްޖޭގައި އުފައްދާ ތަކެއްޗާއި އެ ތަކެތިން އުފައްދާ ޕްރޮޑަކްޓްތައް ޓެސްޓުކުރަން ޖެހިއްޖެ ހާލަތެއްގައި ޓެސްޓުކުރަންވާނީ ISO (އިންޓަނޭށަނަލް އޮގަނައިޒޭށަން ފޮރ ސްޓޭންޑަޑައިޒޭށަން)، BS (ބްރިޓިށް ސްޓޭންޑަޑް)، IS (އިންޑިއަން ސްޓޭންޑަޑް)، EN (ޔޫރޯ ކޯޑު) ނުވަތަ ASTM (އެމެރިކަން ސޮސައިޓީ ފޮރ ޓެސްޓިންގ އެންޑް މެޓީރިއަލްސް) ސްޓޭންޑަޑާއި ސްޕެސިފިކޭށަން ނުވަތަ އެނޫންވެސް އެއާ އެއްހަމައެއްގެ ސްޓޭންޑަޑަކަށެވެ.

(ށ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދު ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބާވަތްތަކަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްޓޭންޑަޑްތަކުގެ ދަށުން ތިރީގައިވާ ޓެސްޓުތައް ކުރެވިދާނެއެވެ.

  1. ސިމެންތި: ކޮމްޕްރެސިވް ސްޓްރެންތު ޓެސްޓް.
  2. ކޮންކްރީޓް: ކޮމްޕްރެށަން ޓެސްޓް )ކިއުބް( އަދި ސްލަމްޕް ޓެސްޓް.
  3. ދަގަނޑު: ރީބާ ޓެންސައިލް ޓެސްޓާ އި، ރީބާ ކޮމްޕްރެށަން ޓެސްޓް.
  4. ވެލި: ޕާޓިކަލް ޑެންސިޓީ ޓެސްޓް.
  5. ހިލަ: ސީވް އެނަލިސިސް ޓެސްޓް.
  6. ރެޑީމޭޑް ބްލޮކްސް: ކޮމްޕްރެސިވް ސްޓްރެންތް ޓެސްޓް.

 

7 ވަނަ މާއްދާއިމާރާތް ކުރުމުގެ މަސައްކަތުގައި ތަކެތި ޓެސްޓުކުރަންޖެހޭ ހާލަތްތައް 

(ހ)  "އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި، އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދު" ގެ ޖަދުވަލު 1 ގެ ދަށުން ލިސްޓުކޮށްފައިވާ އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތިން އުފައްދާ ބާވަތްތައް އިމާރާތްކުރުމުގެ މަސައްކަތުގައި ޓެސްޓު ކުރަންޖެހޭ ހާލަތްތައް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައި މިވަނީއެވެ.

(ށ) "އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު" ގެ 3 ވަނަ ބާބުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތް 1 ގައި ހިމެނޭ އިމާރާތްތަކުގެ ތެރެއިން: 

  1. އިމާރާތްކުރާ ތަނުގެ ފުޓްޕްރިންޓުގެ ޖުމުލަ 2000 (ދެހާސް) އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑުނަމަ؛ ނުވަތަ
  2. ޕްރޮޖެކްޓުގެ ސްޓްރަކްޗަރގެ ބައިތަކުގެ ތެރެއިން ބައެއްގެ ދިގުމިން 6 (ހައެއް)  މީޓަރަށް ވުރެ ދިގުވާނަމަ؛ ނުވަތަ
  3. ޕްރޮޖެކްޓް ނުވަތަ އިމާރާތް 5 (ފަހެއް) ބުރިއަށް ވުރެ އުސްވާނަމަ.

(ނ) މިމާއްދާގައި ބަޔާންކުރެވިފައިވާ ކަންކަން ތަންފީޒުކުރަން ފަށާނީ މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓް ގައި ށާއިއު ކުރާ ތާރީހުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަސް ފަހުންނެވެ.

 

8 ވަނަ މާއްދާ - އިމާރާތްކުރުމުގެ މަސައްކަތުގައި އިތުރު ޓެސްޓުތައް ކުރަންޖެހޭ ހާލަތްތައް

"އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު" ގެ 6 ވަނަ ބާބުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތް 2 ގައި ހިމެނޭ އިމާރާތްތައް ކުރުމުގައި ނުވަތަ ޕްރޮޖެކްޓްތައް ހިންގުމުގައި މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޓެސްޓުތައް ކުރަންޖެހޭނެއެވެ.

 

9 ވަނަ މާއްދާ - އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ޓެސްޓުތަކުގެ ލިޔެކިޔުން ބެލެހެއްޓުން

މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އާއި 8 ވަނަ މާއްދާގެ ދަށުން ކުރާ ޓެސްޓުތަކުގެ ރިޕޯޓުތަކާއި އެހެނިހެން ލިޔެކިޔުންތައް އެ ޕްރޮޖެކްޓުގެ މަސައްކަތްކުރާ ފަރާތުން، އެ ޓެސްޓެއް ހެދި ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުކޮށް ބަލަހައްޓަން ވާނެއެވެ. އަދި މިނިސްޓްރީގެ ފަރާތުން އެ މަސައްކަތެއް ބަލައި ޗެކްކުރަން ނުވަތަ އެސެސްމަންޓެއް ހަދަން ޖެހިއްޖެ ހާލަތެއްގައި އެ ލިޔެކިޔުންތައް މިނިސްޓްރީއާ ހިއްސާ ކުރަން ވާނެއެވެ.

 

10 ވަނަ މާއްދާ - އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ޓެސްޓުތައް ކުރުން އިސްތިސްނާވާ ހާލަތްތައް

ކާރިސާތަކާއި އެމަޖެންސީ ހާލަތްތަކުގައި ހަދާ ވަގުތީހިޔާ ހެދުމުގައި މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޓެސްޓުތައް ކުރުން މި ގަވާއިދުން އިސްތިސްނާވެއެވެ.

 

11 ވަނަ މާއްދާއިމާރާތް ކުރުމަށް ބޭނުންކޮށްފައިވާ ތަކެތީގެ ސަބަބުން ދިމާވާ މައްސަލަތަކާމެދު އަމަލުކުރާނެ ގޮތް

(ހ) މަސައްކަތް ކުރަމުންދާ ނުވަތަ ކޮށް ނިމިފައިވާ ޕްރޮޖެކްޓެއްގައި ބޭނުންކޮށްފައިވާ ތަކެތީގެ ސަބަބުން މައްސަލައެއް ދިމާވުމާ ގުޅިގެން، އެއްވެސް ފަރާތަކުން މިނިސްޓްރީއަށް ހެއްކާއެކު އެކަމެއް ހުށަހަޅައިފިނަމަ، ނުވަތަ މިފަދަ ކަމެއް މިނިސްޓްރީއަށް ފާހަގަ ކުރެވިއްޖެނަމަ، ގާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ގާނޫނު) ގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކޮށް، އެކަމުގެ ރިޕޯޓު އެކުލަވައިލަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ވެރިފަރާތުން އަމަލު ނުކޮށްފިނަމަ، ދައުލަތުގެ ހަރަދުގައި މިނިސްޓްރީގެ ފަރާތުން އެ އިމާރާތުގެ ފެންވަރުބެލުމުގެ މަސައްކަތް ކުރިޔަށް ގެންދެވިދާނެއެވެ. އަދި އެ މަސައްކަތަކަށް ދިޔަ ހަރަދު، އިމާރާތުގެ ވެރިފަރާތުން ސަރުކާރު ބަންދުނޫން 25 (ފަންސަވީސް) ދުވަހުގެ ތެރޭގައި ދައުލަތަށް ދޭންޖެހޭނެއެވެ. އަދި މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ބެލުމަށްފަހު ތައްޔާރުކުރާ ރިޕޯޓު އިމާރާތުގެ ވެރިފަރާތަށް ފޮނުވައި، އެ ރިޕޯޓާ އެއްގޮތަށް އަމަލުކުރަން އިމާރާތުގެ ވެރިފަރާތަށް މިނިސްޓްރީން އެންގިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިން އެ އެންގުމާ އެއްގޮތަށް މިނިސްޓްރީން އަންގާ މުއްދަތެއްގެ ތެރޭގައި އެ އިމާރާތުގެ ވެރިފަރާތުން އަމަލު ނުކޮށްފިނަމަ، އެ މައްސަލައެއް ބެލުމަށްފަހު، އެ ފަރާތެއް 50،000 (ފަންސާސް ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

 

12 ވަނަ މާއްދާއިމާރާތް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތިން އުފައްދާ ބާވަތްތައް ޓެސްޓު ކުރެވޭ ފަރާތްތައް 

އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތިން އުފައްދާ ބާވަތްތައް ޓެސްޓު ކުރަން ވާނީ "އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ގަވާއިދު" ގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީކޮށް ޓެސްޓުކުރުމުގެ ހުއްދަ ދީފައިވާ ފަރާތަކުންނެވެ.

 

13 ވަނަ މާއްދާ - ފެންވަރު ނުބަލާ ތަކެތި ބޭނުންކުރުމާއި ވިއްކުން މަނާކުރުން 

(ހ) "އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި، އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދު" ގެ ޖަދުވަލު 1 ގެ ދަށުން ލިސްޓުކޮށްފައިވާ، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި ގަންނަ ފަރާތުން އެ ތަކެތީގެ ސްޕެސިފިކޭށަން ބަލަން އެދިއްޖެނަމަ، އެ ތަކެތި ވިއްކި ފަރާތުން އެ ތަކެތީގެ ސްޕެސިފިކޭށަން ފޯރުކޮށްދޭން ޖެހޭނެއެވެ. އި މާރާތްކުރުމުގެ ބޭނުމުގައި އެތެރެކޮށްފައިވާ ނުވަތަ ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ފެންވަރާއި ސްޕެސިފިކޭށަން އެނގެން ނެތި ވިއްކުމާއި، އިމާރާތް ކުރުމުގެ މަސައްކަތުގައި އެ ތަކެތި ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި އިމާރާތް ކުރުމަށް ބޭނުންކޮށްފައިވާ ތަކެ ތީގެ ސްޕެސިފިކޭށަން މިނިސްޓްރީން ބޭނުންވެއްޖެ ހާލަތެއްގައި އިމާރާތްކުރި ފަރާތުން ނުވަތަ އެ ޕްރޮޖެކްޓެއް ހިންގި ފަރާތުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަކީ "އިމާރާތްކު ރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ދީފައިވާ ތަކެތި ކަމުގައި ވާންވާނެއެވެ. އަދި މިނިސްޓްރީން ބޭނުންވެއްޖެ ހާލަތެއްގައި އެ ލިޔެކިޔުންތައް ފޯރުކޮށްދޭން ޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއްގައި ބޭނުންކުރުމަށް ތަކެތި ވިއްކައިފިނަމަ، އެ މައްސަލައެއް ބެލުމަށްފަހު، އެ ފަރާތެއް 100،000 (އެއްލައްކަ ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއްގައި ބޭނުންކުރުމަށް ހުއްދަ ލިބިފައި ނުވާ ތަކެތި ވިއްކުން ތަކުރާރުކޮށްފިނަމަ، އެ ވިއްކި ބާވަތެއް ވިއްކި ފަރާތަކުން އިތުރަށް އެ ތަކެތި ވިއްކުން މަނާކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މިނިސްޓްރީގެ ފަރާތުން އަންގަން ވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަމާބެހޭ އިދާރާތަކަށް މިނިސްޓްރީގެ ފަރާތުން އަންގާ އެންގުން ތަންފީޒުކުރޭތޯ މިނިސްޓްރީން ބަލަންވާނެއެވެ.

 

14 ވަނަ މާއްދާ - އާންމު އަދަބު

(ހ) މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަމަކާ ހިލާފުވުމުން، އެ ކަމަކާ ގުޅިގެން އަމަލުކުރާނެ ގޮތާއި ކުރެވޭ ޖޫރިމަނާ، މި ގަވާއިދުގެ އެހެން މާއްދާއަކުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، އެ ކަމަކާ ގުޅިގެން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރުމާއެކު، އެ ކަމެއް ރަނގަޅުކުރުމަށް އެންގޭނެއެވެ.

(ށ) ގާނޫނުގެ ދަށުން ދޫކޮށްފައިވާ ހުއްދައެއް ނުވަތަ ހުއްދަތަކެއް ހިފެހެއްޓުން؛ ނުވަތަ

(ނ) 100،000 (އެއްލައްކަ ރުފިޔާ) އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛ ނުވަތަ

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދަ ހިފެހެއްޓުމާއެކު، 100،000 (އެއްލައްކަ ރުފިޔާ) އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛ އަދި

(ބ) މިނިސްޓްރީން ވަކި ކަމެއް ރަނގަޅުކުރަން އަންގައިފައިވާ ހާލަތުގައި، އެކަން ކުރުމަށް ދީފައިވާ މުއްދަތު ފާއިތުވާއިރުވެސް އެކަން ރަނގަޅުކޮށްފައި ނުވާނަމަ، އެ ކަމެއް ރަނގަޅުކުރުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް، މި މާއްދާގެ ދަށުން ކުރެވޭ ޖޫރިމަނާގެ އަދަދުގެ %3 (ތިނެއް އިންސައްތަ)  އިތުރަށް ޖޫރިމަނާ ކުރުން.

 

15 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމާ ގުޅޭ ސިޔާސަތު އެ އިރެއްގައި ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ އަށެވެ.

(ށ) "ކޮންޓްރޯލްކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގައި އެކަށީގެންވާ ފެންވަރުގެ ތަކެތި ބޭނުންކުރާކަން ޔަގީންކުރުމަށް ކުރެވޭ މަސައްކަތަށެވެ.

(ނ) "ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި އެކުލަވައިލައިފައިވާ ދަފުތަރަށެވެ.

(ރ) "ސްޕެސިފިކޭށަން" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަ މިންގަނޑުތަކެވެ.

(ބ) "ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަކަމަށް ދުނިޔޭގައި ގަބޫލުކުރާ މިންގަނޑުތަކަށެވެ.

(ޅ) "ރެޑީމޭޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ މަސައްކަތަކަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ހުރުމަށެވެ.

(ކ) "ޕްރޮޑަކްޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެތީގެ ތެރެއިން އެތެރެކުރާ ތަކެތި ބޭނުންކޮށްގެން އުފައްދާ ބާވަތްތަކަށެވެ.

(އ) "އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ ދާއިރާގައި މައްސަލައެއް ދިމާވުމުން އެކަމެއް ބެލުމަށް ކުރެވޭ މަސައްކަތްތަކަށެވެ.

(ވ) "ޕްރޮޖެކްޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ވަކި އުސޫލެއްގެ ތެރެއިން ރޭވިގެން ހިންގޭ މަސައްކަތަށެވެ.

 

މައި ގާނޫނު

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/2017)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު