-

އިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކު ގެ އިލްމީ ޕްރޮގްރާމުތަކުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1016/2019)

އެއްވަނަ ބާބު

އިބްތިދާއީ މާއްދ

 

1 ވަނަ މާއްދާ - ތައާރަފާއި ނަން 

(ހ)  މި ގަވާއިދަކީ، އިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމުތަކާ ގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި ގާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ގާނޫނު) ގެ 95 މާއްދަގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައި ފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމުތަކުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު 

މި ގަވާއިދު އެކުލަވައިލުމުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) އިމާރާތްކުރުމުގެ ފަންނީ ދާއިރާތަކާއި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމުތަކުގެ ތެރެއިން ވަކި ފަންނެއްގެ ވަކި ދަރަޖައެއްގެ ޕްރޮގްރާމެއްގެ ގޮތުގައި މިނިސްޓްރީގައި ބަލައިގަނެ ރަޖިސްޓަރީކުރާނެ ޕްރޮގްރާމުތައް ކަނޑައެޅުން؛

(ށ) އިމާރާތްކުރުމުގެ ފަންނީ ދާއިރާތަކާއި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމުތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ހަމަތަކާއި މިންގަނޑުތަކެއްކަނޑައަޅައި އެ މިންގަނޑުތައް ހާސިލުވެފައިވޭތޯ ބެލުމަށްފަހު، "ޓެކްނިކަލް އެޕްރޫވަލް" ގެ ނަމުގައި ހުއްދައެއް ދީ، އެ ހުއްދަ ދެވޭ ޕްރޮގްރާމްތަކުގެ މައުލޫމާތު ހިމެނޭ ދަފުތަރެއް މިނިސްޓްރީން އެކުލަވައިލައި، އެ ދަފުތަރު ބެލެހެއްޓުން؛

(ނ) ޓެކްނިކަލް އެޕްރޫވަލް ދެވޭ ޕްރޮގްރާމުތައް މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވޭނެ މުއްދަތާއި، ރަޖިސްޓަރީ އައުކުރެވޭނެ މުއްދަތު ކަނޑައެޅުން؛

(ރ) ޓެކްނިކަލް އެޕްރޫވަލް ދެވޭ ޕްރޮގްރާމުތަކަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ބާތިލްކުރުމާއި ދަފްތަރުން ނަން އުނިކުރެވޭނެއުސޫލުތައް ކަނޑައެޅުން؛

(ބ) މިނިސްޓްރީން ޓެކްނިކަލް އެޕްރޫވަލް ހޯދައިފައިވާ ޕްރޮގްރާމުތައް ހިންގުމުގައި، ހިންގާ ފަރާތްތަކުން އުފުލަންޖެހޭ ޒިންމާ ކަނޑައެޅުން؛

(ޅ) މިނިސްޓްރީން ޓެކްނިކަލް އެޕްރޫވަލް ހޯދައިފައިވާ ޕްރޮގްރާމުތައް ހިންގުމުގައި، ހިންގާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު ކަނޑައެޅުން؛

(ކ) މިނިސްޓްރީގައި ރަޖިސްޓަރީކޮށްދިނުމުގައި ދިވެހިރާއްޖެއިން ބޭރުގައި ތަމްރީނުދޭ މަރުކަޒަކުން ނަގައިފައިވާ އިމާރާތްކުރުމާ ގުޅޭ ފާސްތައް ގަބޫލުކުރުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުން؛ އަދި

(އ) ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ -  ގަވާއިދު ތަންފީޒުކުރާ ފަރާތް 

މި ގަވާއިދު ތަންފީޒުކުރާނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ.

 

4 ވަނަ މާއްދާ -  ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި އެ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) "އިމާރާތްކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 4/2014 (އިމާރާތްކުރުމުގެ ގާނޫނު) އަށެވެ.

(ށ) "އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ފަންނީ ފަރާތްތައް ނުވަތަ ޓެކްނިކަލް ފަރާތްތައް ރަޖިސްޓަރީކުރާ ގަވާއިދެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 4/2014 (އިމާރާތްކުރުމުގެ ގާނޫނު) ގެ ދަށުން ނެރޭ، ރަޖިސްޓަރީކުރުމުގެ ކަންތައްތައް ބަޔާންކުރާ ގަވާއިދުތަކަށާއި، "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" އަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ރ) "ޕްރޮގްރާމު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ފަންނީ ދާއިރާތަކާއި ޓެކްނިކަލް ދާއިރާތަކުގެ ތައުލީމީ ޕްރޮގްރާމުތަކަށެވެ.

(ބ) "ދަފުތަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ޓެކްނިކަލް އެޕްރޫވަލް ދޭ ޕްރޮގްރާމުތަކުގެ މައުލޫމާތު ހިމެނޭގޮތަށް "އިމާރާތްކުރުމުގެ ފަންނީ ދާއިރާތަކާއި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމްތަކުގެ ދަފުތަރު" ގެ ނަމުގައި މިނިސްޓްރީން އެކުލަވައިލައި އާންމުކުރާ ލިސްޓަށެވެ.

(ޅ) "ޓެކްނިކަލް އެޕްރޫވަލް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ ތައުލީމީ ޕްރޮގްރާމުތަކާއި ފަންނީ ޕްރޮގްރާމުތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ހަމަތަކާއި މިންގަނޑުތައް ހާސިލުވެފައިވޭތޯ ބެލުމަށްފަހު، އެ ޕްރޮގްރާމަކީ މިނިސްޓްރީގައި ރަޖިސްޓަރީވުމަށް ބަލައިގަންނަ ޕްރޮގްރާމެއްކަން އެންގުމުގެ ގޮތުން މިނިސްޓްރީން ދޭ ހުއްދައަށެވެ.

(ކ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އެކުލަވައިލާ "އިމާރާތްކުރުމުގެ ފަންނީ ޕްރޮގްރާމުތަކާއި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމުތައް އެސެސްކުރާ ކޮމިޓީ" އަށެވެ.

(އ) "ފިޒިކަލް ފެސިލިޓީސް" ކަމަށް ބުނެފައި އެވަނީ، ޕްރޮގްރާމު ހިންގާނެ ތަނާއި ކިޔަވާދިނުމަށްޓަކައި ބޭނުންކުރަން ހަމަޖައްސާފައިވާ އާލަތްތަކަށެވެ.

(ވ) "އިންސްޓިޓިއުށަނަލް ކެޕޭސިޓީ އެންޑް މެނޭޖްމެންޓް" ކަމަށް ބުނެފައި އެވަނީ، ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ މަރުކަޒުގައި ހުންނަންޖެހޭ ފެންވަރާއި ޕްރޮގްރާމް ރާވާ ހިންގާ ގޮތުގެ ގާބިލިއްޔަތަށެވެ.

(މ) "އެސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ޕްރޮގްރާމް ހިންގަމުންދާގޮތް ބެލުމަށެވެ.

(ފ) "ޑޮކިއުމެންޓް ރިވިއު" ކަމަށް ބުނެފައި އެވަނީ، ޕްރޮގްރާމްތަކާއި ގުޅިގެން ހުށަހަޅާ ލިޔެކިޔުންތައް ބަލައި ފާސްކުރުމަށެވެ.

(ދ) "ޓްރާންސްކްރިޕްޓު" ކަމަށް ބުނެފައި އެވަނީ، ޕްރޮގްރާމްގެ ނަތީޖާ ކަރުދާހަށެވެ.

 

ދެވަނަ ބާބު

ރާއްޖޭގައި ހިންގާ އިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމު ތައް ބަލައިގަތުމާއި، ޓެކްނިކަލް އެޕްރޫވަލް ދިނުން

6 ވަނަ މާއްދާ - މިނިސްޓްރީން ބަލައިގަންނާނެ ޕްރޮގްރާމްތައް ކަނޑައަޅާނެ ގޮތ

(ހ) 1 ޖަނަވަރީ 2021 ގެ ކުރިން ހިންގާ އިމާރާތްކުރުމުގެ ދާއިރާގެ ފަންނީ ދާއިރާއަކުން ނުވަތަ ޓެކްނިކަލް ދާއިރާއަކުން ރާއްޖެއިން ތައުލީމު ހާސިލުކޮށްފައިވާ ފަރާތަކުން، މިނިސްޓްރީގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާއިރު، އެ ފަރާތަކުން ބައިވެރިވެފައިވާ ޕްރޮގްރާމަކީ އެ ފަރާތެއް ރަޖިސްޓަރީވުމަށް އެދޭ ކެޓަގަރީގައި ނުވަތަ ގިންތީގައި ރަޖިސްޓަރީވުމަށް ކަނޑައަޅައިފައިވާ އިމާރާތްކުރުމުގެ ދާއިރާގެ ޕްރޮގްރާމެއްގެ ގޮތުގައި މިނިސްޓްރީން ބަލައިގަތުމުގައި އެ ޕްރޮގްރާމުގެ އައުޓްލައިނާއި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ ގެ ދަށުން އެ ޕްރޮގްރާމެއް ފެތޭ ދަރަޖައަށް ރިއާޔަތް ކުރަންވާނެއެވެ.

(ށ) 1 ޖަނަވަރީ 2021 ގެ ފަހުން، ދިވެހިރާއްޖޭގައި ހިންގާ ނުވަތަ އަލަށް ފަށާ، ޕްރޮގްރާމްތަކުގެ ތެރެއިން، "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީވުމަށްޓަކައި ވަކި ފަންނެއްގެ ވަކި ދަރަޖައެއްގެ ޕްރޮގްރާމެއް ހިންގާ ފަރާތްތަކުން މިނިސްޓްރީން "ޓެކްނިކަލް އެޕްރޫވަލް" ހޯދަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ޓެކްނިކަލް އެޕްރޫވަލް" ނުހޯދައި ހިންގާ ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޫކުރާ ސަނަދުތަކަކީ، "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ވަކި ގޮތަކަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު މިނިސްޓްރީން ގަބޫލުކުރާ ނުވަތަ ބަލައިގަންނާނޭ ސަނަދުތަކެއް ނޫނެވެ.

 

7 ވަނަ މާއްދާ - ޓެކްނިކަލް އެޕްރޫވަލަށް ހުށަހަޅާނެ ޕްރޮގްރާމުތައް

މިނިސްޓްރީގެ ޓެކްނިކަލް އެޕްރޫވަލް ހޯދުމަށް ހުށަހަޅާނެ ޕްރޮގްރާމުތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނިފައި ވާނެއެވެ. އަދި މި ލިސްޓަށް މިނިސްޓްރީން އުނިއިތުރެއް ގެންނަނަމަ، އެކަން އާންމުކޮށް އަންގައި އިއުލާނު ކުރަން ވާނެއެވެ.

 

8 ވަނަ މާއްދާ - ޓެކްނިކަލް އެޕްރޫވަލްއަށް ހުށަހަޅާ ޕްރޮގްރާމުތަކުގެ މިންގަނޑު ކަނޑައެޅުން

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑުގައި އެ ޕްރޮގްރާމްތަކުގައި ހުންނަންވީ ށަރުތުތަކާއި ހަމަތަކެއް ބަޔާންކޮށް ކޮންމެ ޕްރޮގްރާމަކަށް ވަކި މިންގަނޑެއް ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގައި އެންމެ ދަށްވެގެން، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނެން ވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ށާއިއުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމް ޑޮކިއުމެންޓުގައި އިތުރަށް ހިމަނަންޖެހޭ ބައިތައް؛
  2. އެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު (އެންޓްރީ ރިކުއަރމެންޓް)؛
  3. ޕްރޮގްރާމު ހިންގާނެ ތަނާއި ކިޔަވައިދިނުމަށްޓަކައި ބޭނުންކުރަން ހަމަޖައްސައިފައިވާ އާލަތްތައް (ފިޒިކަލް ފެސިލިޓީސް) ގައި ބަލާނެ ކަންތައްތައް؛
  4. އިންސްޓިޓިއުށަނަލް ކެޕޭސިޓީ އެންޑް މެނޭޖްމެންޓް ގައި ބަލާނެ ކަންތައްތައް؛
  5. ކިޔަވައިދޭ ފަރާތްތަކާއި، ކިޔަވައިދިނުމާ ގުޅުންހުރި އެހެނިހެން ފަރާތްތަކުގެ ބަލާނެ ކަންތައްތައް؛
  6. ޕްރޮގްރާމް އިވެލުއޭޓް ކުރެވޭނެ ގޮތާއި އެސެސްކުރާނެ ގޮތްތައް.

(ރ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކާއި، މި ދާއިރާއާ ގުޅުންހުރި އެހެން ޕޮރޮގްރާމެއްގެ މިންގަނޑު އެކުލަވައިލުމަށް މިނސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އެ ޕްރޮގްރާމެއްގެ މިންގަނޑު އެކުލަވައިލުމުގެ އިހްތިޔާރު މިނިސްޓް ރީއަށް ލިބިގެން ވެއެވެ. 

 

9 ވަނަ މާއްދާ - ޓެކްނިކަލް އެޕްރޫވަލް ހޯދުމަށް ހުށަހެޅުން

(ހ) ޓެކްނިކަލް އެޕްރޫވަލް ހޯދުމަށް އެދި ހުށަހަޅަންވާނީ "އިމާރާތްކުރުމުގެ ފަންނީ ދާއިރާތަކާއި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމުތަކުގައި ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ، އެ ޕްރޮގްރާމަކަށް އެކުލަވާލެވިފައިވާ މިންގަނޑުގައި ބަޔާންކުރާ ލިޔެކިޔުންތަކެވެ.

(ށ) އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ ތައުލީމީ ޕްރޮގްރާމެއް، 2021 ގެ ފަހުން އަލަށް ފެށުމަށް އެދޭ ފަރާތްތަކުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭށަނުގައި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ މަރުކަޒު ރަޖިސްޓަރީ ކުރުމަށްފަހު، މި މާއްދާގެ (ހ) ގެ ދަށުން ޓެކްނިކަލް އެޕްރޫވަލް ހޯދުމަށް އެދި ހުށަހަޅަންވާނީ، އެ ޕްރޮގްރާމެއްގެ އެޕްރޫވަލަށް މަތީ ތައުލީމާއި ތަމްރީނުދޭ ކޯސްތައް ހިންގުމުގެ ހުއްދަޔަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށް ހުށަހެޅުމުގެ ކުރިންނެވެ.

(ނ) އިމާރާތްކުރުމުގެ ފަންނީ ދާއިރާއާއި ޓެކްނިކަލް ދާއިރާގެ އިލްމީ ޕްރޮގްރާމުތަކުގެ ތެރެއިން މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ހިގަމުންދާ ޕްރޮގްރާމުތަކުގެ ޓެކްނިކަލް އެޕްރޫވަލް ހޯދަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހުށަހަޅާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ.

  1. ޕްރޮގްރާމު ހިންގުމަށް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ހޯދައިފައިވާ ޕްރޮގްރާމް އެޕްރޫވަލް ސެޓުފިކެޓުގެ ލިޔުން؛ އަދި
  2. ޕްރޮގްރާމު ހިންގުމުގެ ހުއްދައަށް އެދި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށް ހުށަހަޅައިފައިވާ ޕްރޮގްރާމުގެ ތަފުސީލުތައް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

 

10 ވަނަ މާއްދާ - ޓެކްނިކަލް އެޕްރޫވަލްއަށް ހުށަހަޅާ ޕްރޮގްރާމުތައް އެސެސްކުރުމާއި ޓެކްނިކަލް އެޕްރޫވަލް ދިނުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ޓެކްނިކަލް އެޕްރޫވަލް ހޯދުމަށް އެދި ހުށަހެޅުމުން، މިނިސްޓްރީން އެ ޕްރޮގްރާމަކަށް ކަނޑައަޅާފައިވާމިންގަނޑަށް އެ ޕްރޮގްރާމު ފެތޭތޯ ބަލަންވާނެއެވެ.

(ށ) ޕްރޮގްރާމް ހިންގާ ފަރާތުން ޕްރޮގްރާމެއް، ޓެކްނިކަލް އެޕްރޫވަލް ހޯދުމަށް އެދި ހުށަހެޅުމުން، 3(ތިނެއް) މަސްދުވަހުގެ ތެރޭގައި ޕްރޮގްރާމުގެ ޑޮކިމަންޓުތައް ރިވިއުކުރުމަށްފަހު، މިނިސްޓްރީން އެ ޕްރޮގްރާމަކަށް ކަނޑައަޅާފައިވާ މިންގަނޑަށް ޕްރޮގްރާމް ފެތޭނަމަ، އެ ޕްރޮގްރާމެއްގެ މުއްދަތަށް ރި އާޔަތްކުރުމަށްފަހު، ވަގުތީ "ޓެކްނިކަލް އެޕްރޫވަލް" ދިންކަމުގެ ލިޔުމެއް މިނިސްޓްރީން ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދީފައިވާ ވަގުތީ ޓެކްނިކަލް އެޕްރޫވަލުގެ ދަށުން ޕްރޮގްރާމް ހިންގާތާ 1 (އެކެއް) އަހަރުގެ މުއްދަތުގެ ތެރޭގައި އެސެސްކުރުމަށްފަހު، މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް އެ ޕްރޮގްރާމް ފެތޭނަމަ، އެ ޕްރޮގްރާމެއް ހިންގުމަށް 5 (ފަހެއް) އަހަރުދުވަހުގެ ދާއިމީ ޓެކްނިކަލް އެޕްރޫވަލެއް މިނިސްޓްރީން ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެ ޕްރޮގްރާމް ހިންގަމުންދާ ގޮތް ބެލުމަށް މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، އެ ޕްރޮގްރާމް އެސެސްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ބ) ޓެކްނިކަލް އެޕްރޫވަލް ހޯދަން މިނިސްޓްރީއަށް ހުށަހެޅުމުން، އެ ޕްރޮގްރާމަކަށް ކަނޑައަޅައިފައިވާ ށަރުތުތަކާއި މިންގަނޑުތަކަށް އެ ޕްރޮގްރާމެއް ނުފެތޭ ނަމަ، ޕްރޮގްރާމުގެ ޑޮކިއުމަންޓުތައް ރިވިއުކުރުމުގައި ފާހަގަކުރެވުނު ކަންކަން ބަޔާންކޮށް 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އަންގައި، އަލުން ހުށަހެޅުމަށް ފުރުސަތު ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން އަލުން ހުށަހެޅުމުން، ޕްރޮގްރާމާ ގުޅޭގޮތުން އެ ފަރާތުން ހުށަހަޅައިފައިވާ ލިޔެކިއުންތައް ނުވަތަ ޑޮކިއުމަންޓުތައް އަލުން ރިވިއުކުރުމަށްފަހު، 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ.

 

11 ވަނަ މާއްދާދަފުތަރު އެކުލަވައިލުން

މި ގަވާއިދުގެ ދަށުން "އިމާރާތްކުރުމުގެ ފަންނީ ދާއިރާތަކާއި ޓެކްނިކަ ލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމްތަކުގެ ދަފުތަރު" ގެ ނަމުގައި މިނިސްޓްރީން ޓެކްނިކަލް އެޕްރޫވަލް ދީފައިވާ ޕްރޮގްރާމްތައް ބަޔާންކުރާ ދަފުތަރެއް، އެކުލަވައިލަން ވާނެއެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފަށާތާ 2( ދޭއް( އަހަރުދުވަހުގެ ތެރޭގައި މިނިސްޓްރީން އެ ދަފުތަރު އާންމުކުރަން ވާނެއެވެ.

 

12 ވަނަ މާއްދާ - އެޕްރޫވްކުރާ ޕްރޮގްރާމުތައް ދަފުތަރުގައި ހިމެނުން

މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާ ފަދައިން ޓެކްނިކަލް އެޕްރޫވަލް ދިނުމުން، އެ ޕްރޮގްރާމަކާ ގުޅޭ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް މިނިސްޓްރީން ދަފުތަރުގައި ހިމަނަން ވާނެއެވެ.

(ހ) ޕްރޮގްރާމުގެ ނަން؛

(ށ) ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވާ ތަން ނުވަތަ މަރުކަޒުގެ ނަމާއި އެޑްރެސް؛

(ނ) ޕްރޮގްރާމް ހިންގާ ފަރާތް؛

(ރ) ޕްރޮގްރާމުގެ ރަޖިސްޓަރީ ނަންބަރު ؛

(ބ) ޕްރޮގްރާމުގެ ފަންނާއި ދަރަޖަ؛

(ޅ) ޕްރޮގްރާމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރަންޖެހޭ އެޑްރެސް؛ އަދި

(ކ) ޕްރޮގްރާމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ގުޅާނެ ފޯނު ނަންބަރު

 

13 ވަނަ މާއްދާ - ޕްރޮގްރާމުތައް އެޕްރޫވް ކޮށްފައިވާ ކަމުގެ ލިޔުން ދޫކުރުން

މިނިސްޓްރީން ޓެކްނިކަލް އެޕްރޫވަލް ދިނުމުން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭގޮތަށް ލިޔުމެއް، ޕްރޮގްރާމް ހިންގާ ފަރާތަށް މިނިސްޓްރީން ދޫކުރަންވާނެއެވެ.

(ހ) ޕްރޮގްރާމުގެ ނަން؛

(ށ) ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވާ ތަން ނުވަތަ މަރުކަޒުގެ ނަމާއި އެޑްރެސް؛

(ނ) ޕްރޮގްރާމް ހިންގާ ފަރާތް؛

(ރ) ޕްރޮގްރާމުގެ ރަޖިސްޓަރީ ނަންބަރު ؛ އަދި

(ބ) ޕްރޮގްރާމުގެ ފަންނާއި ދަރަޖަ.

 

14 ވަނަ މާއްދާ - އިމާރާތްކުރުމުގެ ފަންނީ ދާއިރާތަކާއި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމުތައް އެސެސްކުރާ ކޮމިޓީ އެކުލަވައިލުން 

(ހ) މި ގަވާއިދުގެ 8 މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށް ޕްރޮގްރާމުތައް އެސެސްކުރުމަށް މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި "އިމާރާތްކުރުމުގެ ފަންނީ ދާއިރާތަކާއި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމުތައް އެސެސްކުރާ ކޮމިޓީ" ގެ ނަމުގައި މިނިސްޓްރީން ކޮމިޓީއެއް އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ ކޮމިޓީގެ އިދާރީ ކަންތައްތައް ބަލަހައްޓާނީ މިނިސްޓްރީންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ ކޮމިޓީއަށް މެންބަރުން އައްޔަނުކޮށް ވަކިކުރާނީ މިނިސްޓަރެވެ. މި ކޮމިޓީ އެކުލެވިގެންވަނީ، ތިރީގައިވާ ދާއިރާތަކުން އައްޔަނުކުރާ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

  1. އިމާރާތްކުރުމާ ގުޅޭ ދާއިރާއިން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ، މިނިސްޓްރީން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  2. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭށަނުން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  3. މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅާ 1 (އެކެއް) މެންބަރު؛ އަދި
  4. އިމާރާތްކުރުމުގެ ދާއިރާގެ އިލްމާއި ތަޖުރިބާ ލިބިފައިވާ 2 (ދޭއް) މެންބަރުން.

(ރ) ޓެކްނިކަލް އެޕްރޫވަލަށް އެދި ހުށަހެޅުން އެ ހުށަހަޅާ ޕްރޮގްރާމެއްގެ ފަންނަކާއި ގުޅޭ ޖަމްއިއްޔާތަކުގެ ލަފާ ކޮމިޓީން ހޯދަންވާނެއެވެ.

(ބ) މި ކޮމިޓީއަށް އައްޔަނުކުރާ މެން ބަރުންނަކީ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ތައުލީމާއި ފެންވަރާއި ގާބިލިއްޔަތު ހުރި ފަރާތްތަކަކަށް ވާން ވާނެއެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމެޓީ ހިންގާނެ އުސޫލެއް މިނިސްޓްރީން އެކުލަވައިލަންވާނެއެވެ. އަދި މި އުސޫލުގައި ކޮމިޓީ އެކުލެވިގެންވާ ގޮތާއި، ކޮމެޓީގެ ބައްދަލުވުންތައް ބޭއްވޭނެ ގޮތް ހިމަނަން ވާނެއެވެ.

 

15 ވަނަ މާއްދާ - ކޮމިޓީގެ ޒިންމާތައް

މި ގަވާއިދުގެ ދަށުން ޓެކްނިކަލް އެޕްރޫވަލް ހޯދަން ހުށަހަޅާ ޕްރޮގްރާމުތައް އެޕްރޫވްކޮށް އެސެސްކުރުމުގައި ކޮމިޓީގެ ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޕްރޮގްރާމެއްގެ ޓެކްނިކަލް އެޕްރޫވަލް ހޯދަން ހުށަހެޅުމުން، މި ގަވާއިދު 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ރިވިއުކުރުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލަންވާނެއެވެ.

  1. މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑާ އެއްގޮތަށް ކަނޑައަޅައިފައިވާ ށަރުތުތަކާ އެއްގޮތަށް ޕްރޮގްރާމް ރާވައިފައިވާ މިންވަރު؛
  2. ޕްރޮގްރާމުގެ ފަންނީ އިލްމު އަންގައިދޭ މިންވަރާއި، ޕްރޮގްރާމް ކުރި ޔަށް ރާވައިފައިވާ ގޮތް؛
  3. ޕްރޮގްރާމުތައް ހިންގާނެ މުއްދަތާއި، ޕްރޮގްރާމްތަކުން ހާސިލުކުރަން ހަމަޖެހިފައިވާ ކަންކަން؛
  4. ޕްރޮގްރާމް ހިންގަން ހުށަހަޅައި ފައިވާ ފަރާތްތަކުން އަމިއްލަޔަށް އެ ޕްރޮގްރާމް އެސެސްކުރަން ކަނޑައަޅައިފައިވާ ގޮތް.

(ށ) ޓެކްނިކަލް އެޕްރޫވަލް އަށް ހުށަހެޅޭ ޕްރޮގްރާމްތައް ރިވިއުކޮށް އެސެސްކުރުމަށްފަހު، ތަފުސީލީ ރިޕޯޓެއް ކޮމިޓީން ތައްޔާރުކުރަން ވާނެއެވެ.

(ނ) ޓެކްނިކަލް އެޕްރޫވަލް ދީފައިވާ ޕްރޮގްރާމް، ހިންގާ ފަރާތުން ޓެކްނިކަލް އެޕްރޫވަލް ދިނުމުގައި ކަނޑައަޅާފައިވާ މިންގަނޑައި އެއްގޮތަށް ކުރިޔަށް ގެންދޭތޯ ބަލަންވާނެއެވެ.

(ރ) ޓެކްނިކަލް އެޕްރޫވަލް ދީފައިވާ ޕްރޮގްރާމްތައް ހިގަމުންދާ ފެންވަރު ބެލުމަށްޓަކައި އިތުރަށް މިނިސްޓްރީން ކަނޑައަޅާ ގޮތަކަށް އެ ޕްރޮގްރާމެއް އެސެސްކުރަން ބޭނުންވެއްޖެ ހިނދެއްގައި، އެ ޕްރޮގްރާމް އެސެސްކުރުމަށް ކޮމިޓީން އެއްބާރުލުން ދޭންވާނެއެވެ.

 

16 ވަނަ މާއްދާ - އާންމު ސުލޫކީ މިންގަނޑު

މި ގަވާއިދުގެ ދަށުން ޓެކްނިކަލް އެޕްރޫވަލް ދީފައިވާ ޕްރޮގްރާމް ހިންގާ ފަރާތްތަކުން އަމަލުކުރަންވީ ސުލޫކީ މިންގަނޑުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މަސައްކަތްކުރުމުގައި ތެދުވެރިކަމާއެކު ފުރިހަމަޔަށް މަސައްކަތްކުރުން؛

(ށ) ދީފައިވާ ހުއްދަޔާ ގުޅޭގޮތުން ނުވަތަ މި ދާއިރާޔާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުން؛ އަދި

(ނ) ދީފައިވާ ހުއްދައިގެ ބޭރުން ޕްރޮގްރާމް ނުހިންގުން؛

 

17 ވަނަ މާއްދާ - ޕްރޮގްރާމު ހިންގާ ފަރާތުގެ މަސް އޫލިއްޔަތު 

(ހ) މި ގަވާއިދުގެ ދަށުން ޓެކްނިކަލް އެޕްރޫވަލް ހޯދައިގެން ޕްރޮގްރާމް ހިންގާ ފަރާތްތަކުން، އަންނަނިވި މަސްއޫލިއްޔަތުތައް އަދާކުރަން ވާނެއެވެ.

  1. މިނިސްޓްރީން ދޫކޮށްފައިވާ ޓެކްނިކަލް އެޕްރޫވަލް ދިނުމުގައި ބަލާފައިވާ މިންގަނޑާއި އެއްގޮތްވާ ގޮތުގެ މަތިން ޕްރޮގްރާމް ހިންގުން؛
  2. މި ގަވާއިދުގެ ދަށުން ޕްރޮގްރާމްތަކަށް ޓެކްނިކަލް އެޕްރޫވަލް ދިނުމުގައި ބަލާ މިންގަނޑާ ގުޅޭ އެއްވެސް ކަމަކަށް ބަދަލު ގެންނަންވާނީ، 1 (އެކެއް) މަސްދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން އެކަމުގެ ހުއްދަ ލިބުމުންނެވެ؛
  3. ދަރިވަރުންނަށް ގެއްލުމެއް ވެދާނެ ގޮތަކަށް ޕްރޮގްރާމް ނުހިންގުން؛
  4. ދަރިވަރުންގެ މެދުގައި ތަފާތުކުރުން ހިމެނޭގޮތަކަށް ޕްރޮގްރާމު ނުހިންގުން؛
  5. ޕްރޮގްރާމުތައް ހިންގާ ފަރާތްތަކުން އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމުގައި އިހުމާލު ނުވުން؛

(ށ) މިނިސްޓްރީން ޕްރޮގްރާމެއް އެސެސްކުރަން ބޭނުންވެއްޖެ ހިނދެއްގައި، ޕްރޮގްރާމް ހިންގާ ފަރާތުން، ޕްރޮގްރާމް އެސެސްކުރުމަށް މިނިސްޓްރީއަށް އެއްބާރުލުން ދިނުން.

 

 

ތިންވަނަ ބާބު 

މަތީ ތައުލީމާއި ތަމްރީނުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހާސިލު ކުރާ ފާސްތައް ބަލައިގަންނާނެ މިންގަނޑު

18 ވަނަ މާއްދާ - ރާއްޖެއިން ބޭރުގެ ތަމްރީނުދޭ މަރުކަޒަކުން ހާސިލުކުރާ އިމާރަތްކުރުމާ ގުޅޭ ފާސްތައް ބަލައިގަންނާނެ މިންގަނޑުތައް 

(ހ) އިމާރާތްކުރުމުގެ ދާއިރާގެ ފަންނީ ދާއިރާއަކުން ނުވަތަ ޓެކްނިކަލް ދާއިރާއަކުން ރާއްޖެއިން ބޭރުގެ ތަމްރީނުދޭ މަރުކަޒެއްގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތެއް، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ފަންނީ ފަރާތްތައް ނުވަތަ ޓެކްނިކަލް ފަރާތްތައް ރަޖިސްޓަރީކުރާ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީވުމަށް އެދި މިނިސްޓްރީއަށް އަލަށް ހުށަހަޅާއިރު، އެ ފަރާތަކުން ބައިވެރިވެފައިވާ ޕްރޮގްރާމަކީ އެ ފަރާތެއް ރަޖިސްޓަރީވުމަށް އެދޭ ކެޓަގަރީގައި ނުވަތަ ގިންތީގައި ރަޖިސްޓަރީވުމަށް ކަނޑައަޅައިފައިވާ އިމާރާތްކުރުމުގެ ދާއިރާގެ އިލްމީ ފަންނުގެ ނުވަތަ ޓެކްނިކަލް ފަންނުގެ އެ ދަރަޖައިގެ ޕްރޮގްރާމެއްގެ ގޮތުގައި މިނިސްޓްރީން ބަލައިގަންނަންވާނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ނަމައެވެ.

  1. މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ ސަނަދަކަށް ވުން؛
  2. ލިބިފައިވާ ސަނަދަކީ އެ ގައުމެއްގައި އެ ދާއިރާއަށް ހާއްސަ ޕްރޮގްރާމްތައް އެކްރެޑިޓް ކުރާ ނުވަތަ އެޕްރޫވް ކުރާ ފަރާތަކުން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމަކުން ހާސިލްކޮށްފައިވާ ސަނަދަކަށްވުން.
  3. އެ ސަނަދެއް ހާސިލްކޮށްފައިވާ ކޮށްފައިވާ ޕްރޮގްރާމްގެ އައުޓްލައިނާއި ހުށަހަޅާ ޓްރާންސްކްރިޕްޓަށް ރިއާޔަތްކުރުމަށްފަހު.

(ށ) ރާއްޖެއިން ބޭރުގައި ފުރިހަމަކޮށްފައިވާ ވަކި ފަންނެއްގެ ވަކި ދަރަޖައެއްގެ ޕްރޮގްރާމެއް މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އެ ދަރަޖައިގެ ޕްރޮގްރާމެއްގެ ގޮތުގައި ބަލައިނުގަންނަ ހާލަތުގައި، މި މާއްދާގެ (ހ) ގެ (2) އަދި (3) ގައިވާ ކަންކަމުގެ އިތުރުން މިނިސްޓަރީން އަންގާ ލިޔެކިޔުންތައް ހުށަހެޅުމުން، މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމެޓީއަށް ހުށަހަޅައިގެން ބެލުމަށްފަހު، ގޮތެއް ނިންމިދާނެއެވެ.

 

ހަތަރުވަނަ ބާބު

ފިޔަވަޅު އެޅުން

19 ވަނަ މާއްދާ -  ހިލާފުވާ ފަރާތްތަކަށް އެޅޭނެ ފިޔަވަޅުތައް

(ހ) މިނިސްޓްރީން ވަކި ފަންނެއްގެ ވަކި ފެންވަރެއްގެ ޕްރޮގްރާމެއްގެ ގޮތުގައި ބަލައިގަނެފައިނުވާ ނުވަތަ ޓެކްނިކަލް އެޕްރޫވަލް ދީފައިނުވާ ޕްރޮގްރާމެއް، މިނިސްޓްރީން ބަލައިގަނެފައިވާ ނުވަތަ ޓެކްނިކަލް އެޕްރޫވަލް ދީފައިވާ ޕްރޮގްރާމެއް ކަމުގައި ދައްކައިފިނަމަ، ނުވަތަ އެގޮތަށް ދޭހަވާނެ ފަދަ ގޮތަކަށް އަމަލުކޮށްފިނަމަ، އެ ފަރާތާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ޓެކްނިކަލް އެޕްރޫވަލް ދިނުމުގައި މިނިސްޓްރީން ބަލާ މިންގަނޑުގައި ބަޔާންކޮށްފައިވާ ކަމެއް ޕްރޮގްރާމުން ބަދަލުވެ، އެކަން ގަވާއިދުން އަންގަންޖެހޭ މުއްދަތުގައި ނާންގައި ހިންގާނަމަ، އެ ޕްރޮގްރާމް ހިންގާ ފަރާތާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) ޕްރޮގްރާމުތައް ހިންގަމުންދަނީ އި ލްމާއި ތަމްރީނު ހޯދަމުންދާ ފަރާތަކަށް ގެއްލުންވާ ގޮތަށް ނުވަތަ ތަފާތުކުރުން ހިމެނޭ ގޮތަކަށްކަން އެނގިގެން އެކަމުގެ ށަކުވާ މިނިސްޓްރީއަށް ހުށަހެޅިއްޖެނަމަ، އެ ށަކުވާއެއް ކޮމިޓީން ބެލުމަށްފަހު، އެކަމަށް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ، ޕްރޮގްރާމް ހިންގާ ފަރާތާމެދު ފިޔަވަޅު އަޅަންވާނެއެވެ.

(ރ) މި ގަވާއިދުގައި ކުރުން މަނާކޮށްފައިވާ ކަމެއް ކޮށްފިނަމަ، ނުވަތަ ޓެކްނިކަލް އެޕްރޫވަލް ދީފައިވާ ޕްރޮގްރާމެއް، އެ ޕްރޮގްރާމަކަށް ޓެކްނިކަލް އެޕްރޫވަލް ދިނުމުގައި ބަލައިފައިވާ މިންގަނޑާ ހިލާފަށް ހިންގާނަމަ، ފިޔަވަޅު އަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައިވާ ކަންކަމުގެ ކުޑަބޮޑުމިނަށް ބަލައި، އިމާރާތްކުރުމުގެ ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލަ ބަލަން މިނިސްޓްރީން އައްޔަނުކުރާ ކޮމިޓީގެ ލަފާގެ މަތިން އެ ފަރާތްތަކާ މެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. އިންޒާރުދިނުމަށްފަހު އެ ކަމެއް ރަނގަޅުކުރުމަށް އެންގުން؛
  2. އެ ޕްރޮގްރާމެއްގައި ހުންނަންޖެހޭ ށަރުތެއް ފުރިހަމަ ނުވާނަމަ، އެ ށަރުތު ފުރިހަމަކުރުމަށް، 1 (އެކެއް) މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތެއް ދިނުމާއި، އެކަން ރެކޯޑުކުރުން؛
  3. އެ ފަރާތެއްގެ ހުއްދަ ބާތިލުކޮށް، އެ ފަރާތެއްގެ ނަން ރަޖިސްޓަރީން އުނިކޮށް، އެ ފަރާތަކަށް އަލުން ހުއްދަ ދޫކުރެވޭނެ މުއްދަތެއް ކަނޑައަޅައި، އެކަން އެންގުން؛
  4. ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2،500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާއި 250،000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުން.

(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގައި، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ މާއްދާގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަށް ވުރެ ގިނަ ފިޔަވަޅު އެކުގައި އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - އިސްތި އުނާފުކުރުން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތަކާއި މެދު މިނިސްޓްރީން އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވައިލާ "މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" ގައިވާ ގޮތަށް އެ ކަމެއް ބަލައިދިނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

 

 

 

--------------

ޖަދުވަލު -1

މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެކްނިކަލް އެޕްރޫވަލް ހޯދަން އެދި މިނިސްޓްރީއަށް ހުށަހަޅަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކެވެ.

  1. ޑިޕްލޮމާއާއި ޑިޕްލޮމާއަށްވުރެ މަތީ ދަރަޖައިގެ އާކިޓެކްޗަރ ޕްރޮގްރާމުތައް.
  2. ޑިޕްލޮމާއާއި ޑިޕްލޮމާއަށްވުރެ މަތީ ދަރަޖައިގެ ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމުތައް.
  3. ޑިޕްލޮމާއާއި ޑިޕްލޮމާއަށްވުރެ މަތީ ދަރަޖައިގެ ސްޓްރަކްޗަރަލް އިންޖިނިއަރިންގ ޕްރޮގްރާމުތައް.
  4. ޑިޕްލޮމާއާއި ޑިޕްލޮމާއަށްވުރެ މަތީ ދަރަޖައިގެ ކޮންސްޓްރަކްށަން ޕްރޮޖެކްޓް މެނޭޖްމެންޓް ޕްރޮގްރާމުތައް.

 

މައި ގާނޫނު

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/2017)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު