-

ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-34)

އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1025)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 އެޕްރީލް 2019 ގައި)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2020-79 ގެ 27 ވަނަ މާއްދާއިން އުވާލެވިފައި)

 

ގަވާއިދު ނަންބަރު 2016-34 (ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި 
ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދު) އަންނަނިވި ގޮތަށް އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ (17) ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އާއިލީ ބައްދަލުވުން 17.

(ރ) އާއިލީ ބައްދަލުވުން ދެވޭނީ، 2 (ދޭއް) ގަޑިއިރަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ (18) ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެކަހެރި ބައްދަލުވުން 18.

(ނ) އެކަހެރި ބައްދަލުވުން ދެވޭނީ، މަހަކު 2 (ދޭއް) ފަހަރު، 24 (ސައުވީސް) ގަޑިއިރަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ޅ) އުނިކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ (18) ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުން.

ބައްދަލުވުމަށް އަންނަ ފަރާތްތައް ބަލައި ފާސްކުރުން 19.

މި ގަވާއިދުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައްދަލުވުމަށް އަންނަ ފަރާތްތައް ބަލައި ފާސްކުރަން ވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) ބައްދަލުވުމަށް އަންނަ ފަރާތް ފުރަތަމަ ބަލައި ފާސްކުރާނީ، ހަށިގަނޑާއި ތަކެތި ބަލައި ފާސްކުރުމަށް ޓަކައި މެޓަލް ޑިޓެކްޓަރ، ނުވަތަ ވޯކްތުރޫ ގޭޓް، ނުވަތަ އެކްސްރޭ މެށިން ފަދަ ޒަމާނީ އާލާތްތައް ބޭނުންކޮށްގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަލައި ފާސްކުރުމަށް ފަހު، ޖަލަށް ވެއްދުން މަނާ އެއްޗެއް އެ މީހެއްގެ އަތުގައި އޮތްކަމަށް ގަބޫލުކުރެވޭނަމަ، ޖަލު ސަރަހައްދަށް ވެއްދުމުގެ ކުރިން، ޕެޓްޑައުން ސަރޗްކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ބަލައި ފާސްކުރުމަށް ފަހު، ޖަލަށް ވެއްދުން މަނާ އެއްޗެއް އެ މީހެއްގެ އަތުގައި އޮތް ކަމަށް އެކަށީގެންވާ މިންވަރަށް ގަބޫލުކުރެވޭ ނަމަ، ސްޓްރިޕް ސަރޗް ކުރުމަށް ބޭނުންކަމަށް އެންގުމަށް ފަހު، އިއުތިރާޒެއް ނެތް ނަމަ،ސްޓްރިޕް ސަރޗް ކުރެވިދާނެއެވެ. އަދި ސްޓްރިޕް ސަރޗް ކުރުމަށް އިއުތިރާޒު ކުރާ ނަމަ، ބައްދަލުވުން ކެންސަލު ކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، ސްޓްރިޕް ސަރޗް ކުރަން ވާނީ، ޑައިރެކްޓަރ އޮފް ޕްރިޒަންގެ ހުއްދަ ލިޔުމުން ހޯދައި، އެ ފަރާތުގެ އިޒުނަޔާ އެކުގައެވެ.

(ބ) މި މާއްދާގައިވާ ގޮތުގެ މަތީން، ބަލައި ފާސްކުރުމުގެ ތެރޭގައި، ޖަލަށް ވެއްދުން މަނާ އެއްޗެއް ފެނިއްޖެ ނަމަ، ނުވަތަ އެ ފަދަ އެއްޗެއް ސިއްރުން ޖަލަށް ވެއްދުމަށް މަސައްކަތް ކޮށްފި ނަމަ، ބައްދަލުވުން ކެންސަލު ކުރެވޭނެއެވެ. އަދި އެ ފަރާތެއްގެ މައްސަލަ، ދައުލަތުގެ ކަމާ ބެހޭ އިދާރާއަށް ހުށަހަޅަން ވާނެއެވެ.

(ޅ) މި މާއްދާގައިވާ ގޮތުގެ މަތިން ބަލައި ފާސްކުރެވޭ ފަރާތަކީ އަންހެނަކު ނަމަ، އެ ފަރާތެއްގެ ހަށިގަނޑު ބަލައި ފާސްކުރާނީ އަންހެން އޮފިސަރެކެވެ. އަދި ބަލައި ފާސްކުރެވޭ ފަރާތަކީ ފިރިހެނަކު ނަމަ، އެ ފަރާތެއްގެ ހަށިގަނޑު ބަލައި ފާސްކުރާނީ ފިރިހެން އޮފިސަރެކެވެ.

(ކ) މި މާއްދާގައިވާ ގޮތުގެ މަތިން ބަލައި ފާސްކުރާނީ، ބަލައި ފާސްކުރާ މީހާގެ އިންސާނީ ކަރާމަތަށާއި އަބުރަށް ރައްކައުތެރިވ،ެ ފުރިހަމަ އިހްތިރާމާ އެކުއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ ފަހަތަށ،ް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން. 

ބިދޭސީއެއް ނަމަ ފޯނުން މުއާމަލާތުކުރުން 20.

(ހ) ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާއަކީ ބިދޭސީއެއް ނަމަ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ، އޭނާ ނިސްބަތްވާ ގައުމުގެ ހައި ކޮމިށަނާ ނުވަތަ އެމްބަސީއާ ފޯނުން މުއާމަލާތުކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

(ށ) ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާއަކީ ބިދޭސީއެއް ނަމަ، އަދި އޭނާ ނިސްބަތްވާ ގައުމުގެ ހައި ކޮމިށަނެއް، ނުވަތަ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ދިވެހިރާއްޖޭގައި ގާއިމުކޮށްފައި ނެތް ނަމަ، ނުވަތަ އޭނާއަކީ ކޮން ގައުމެއްގެ މީހެއްކަން ކަނޑައެޅިގެން ނޭނގޭ ނަމަ، ނުވަތަ އޭނާއަކީ ރެފިއުޖީއެއް ނަމަ، ނުވަތަ ވަކި ގައުމަކަށް ނިސްބަތްނުވާ ފަރާތެއް ނަމަ، އެ ގައިދީގެ ނުވަތަ ބަންދުކޮށްފައިވާ މީހާގެ މަސްލަހަތު ހިމާޔަތްކޮށް ރައްކައުތެރިކުރުމަށް ކަނޑައެޅިފައިވާ ގައުމެއްގެ ޑިޕްލޮމެޓިކް މަންދޫބަކާ ނުވަތަ އެ ފަދަ ފަރާތްތައް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައިވާ ދިވެހިރާއްޖޭގެ ޖަމްއިއްޔާއެއް ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް ތަމްސީލުކުރާ ފަރާތަކާ ފޯނުން މުއާމަލާތުކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭން ވާނެއެވެ.

 

6 ވަނަ މާއްދާ - މި ގަވާއިދުން، ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާއި އުނިކުރާ މާއްދާތަކާ ގުޅިގެން، އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

8 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބެންޖެހޭ އަސާސީ ހިދްމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-34)

 

އުވި ގަވާއިދު

ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-79)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު