-

މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2011-04) 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި، އެ ގާނޫނުތަކުގެ ދަށުން ބާރުލިބިގެން ހަދާ ގަވާއިދުތައް ތަރުޖަމާކުރުމުގައި ނުވަތަ މާނަކުރުމުގައި ނުވަތަ ތަންފީޒުކުރުމުގައި ރިއާޔަތްކުރާނެ ގާނޫނީ ހަމަތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މަގްސަދުތައް ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތައް، ވީހާވެސް އެއްގޮތަކަށް، ތަރުޖަމާކުރުމާއި މާނަކުރުމާއި ތަންފީޒުކުރުމުގެ އުސޫލުތައް އެކަށައެޅުން.

(ށ) ގާނޫނީ އިދާރާތަކުންނާއި ށަރުއީ ކޯޓުތަކުން ގާނޫނު މާނަކުރުމުގައާއި ތަރުޖަމާކުރުމުގައާއި ތަންފީޒުކުރުމުގައި، އަމަލުކުރަންވީ ހަމަތަކަކީ ކޮބައިކަން އަންގައިދިނުން.

 

3 ވަނަ މާއްދާ -  އާންމު މާނައަށް ބެލުމުގެ އުސޫލު

އާންމު މާނައަށް ބެލުމުގެ އުސޫލު ގާނޫނު މާނަކުރުމުގައި ބޭނުންކުރާނީ، އަންނަނިވި ކަންކަން ހާސިލުކުރުމަށެވެ.

(ހ) ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރުމުގައި، ވަކި ކަމެއް އެ ގާނޫނުގައި ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަސް ނުވަތަ އިބާރާތް ނުވަތަ ޖުމްލައިން ދޭހަވާ އާންމު މާނަ، އެގޮތުގައި ދެމެހެއްޓުމަށް އިސްކަންދިނުން.

(ށ) ގާނޫނެއް އެކުލަވާލުމުގައި، ވަކި ބަހެއް ނުވަތަ އިބާރާތެއް ނުވަތަ ޖުމްލައެއް، ގާނޫނުގައި ބޭނުންކޮށްގެން، އެބަހުން ނުވަތަ އިބާރާތުން ނުވަތަ ޖުމްލައިން ދޭންބޭނުންވަނީ ކޮން މާނައެއްކަން ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމުގައި ބަލައި، ވަކި ކަމެއް ބަޔާންކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއްގައި ބޭނުންކޮށްފައިވާ ބަސް، ނުވަތަ އިބާރާތް، ނުވަތަ ޖުމްލަ، އެގޮތުގައި ދެމެހެއްޓުމަށްވުރެ ރަނގަޅުގޮތެއް ނޯންނާނެކަމަށް ބެލުން.

(ނ) ބަހެއް، ނުވަތަ އިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށް ބެލުން.

(ރ) ގާނޫނު އެކުލަވާލުމުގައި ވަކި ކަމެއް ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަހުން، ނުވަތަ އިބާރާތުން، ނުވަތަ ޖުމްލައިން އެ ގާނޫނު އެކުލަވާލި ފަރާތުގެ ނިޔަތް ރަނގަޅަށް ރަމްޒުވާކަމަށް ބެލުން.

 

4 ވަނަ މާއްދާ - ހައްލު ހޯދައިދިނުމުގެ އުސޫލު

(ހ) ހައްލު ހޯދައިދިނުމުގެ އުސޫލު، ގާނޫނު މާނަކުރުމުގައި ބޭނުންކުރާނީ، އެ ގާނޫނުން ހައްލު ހޯދައިދިން މައްސަލަ، އޭގެ ރަނގަޅު މަހައްލުގައި، އަލަށް ދިމާވަމުން އަންނަ ކަންކަމަށާއި ހާލަތްތަކުގެ މައްޗަށް ހިނގާނޭހެން، އެ ގާނޫނެއް ތަންފީޒުކުރަމުން ދިޔުމަށެވެ.

(ށ) ގާނޫނުތައް މާނަކުރުމުގައި، ހައްލު ހޯދައިދިނުމުގެ އުސޫލު ބޭނުންކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ގާނޫނު ތައާރުފުކުރުމުގެ ކުރިން ހާލަތު އޮތީ ކޮންގޮތަކަށްކަން.
  2. ގާނޫނު ތައާރުފުކުރީ ކޮން އުނިކަމެއް ފޫބެއްދުމަށްޓަކައިކަން.
  3. ގާނޫނު އެކުލަވާލުމުގައި ރައްޔިތުންގެ މަޖިލީހުން ބަލާފައިވަނީ ކޮން އުނިކަމެއް ފޫބެއްދުމަށްޓަކައި ކޮން ހައްލެއް ހޯދައިދިނުމަށްކަން.
  4. ރައްޔިތުންގެ މަޖިލީހުން، ގާނޫނުގައި ކަނޑައަޅައިދީފައިވާ ހައްލުގެ ހަގީގީ މަގްސަދަކީ ކޮބައިކަން.

 

5 ވަނަ މާއްދާ - ހާއްސަ މާނަދިނުމުގެ އުސޫލު

ހާއްސަ މާނަދިނުމުގެ އުސޫލުގެ ބޭނުމަކީ، ގާނޫނު އެކުލަވާލުމުގައި ބޭނުންކޮށްފައިވާ ބަހަކުން، ނުވަތަ އިބާރާތަކުން، ނުވަތަ ޖުމްލައަކުން، އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާހިނދުގައި، އެ ބަހަކުން، ނުވަތަ އިބާރާތަކުން، ނުވަތަ ޖުމްލައަކުން އާންމުކޮށް ދޭހަވާ މާނައާއެއްގޮތަށް އަމަލުކޮށްފިކަމަށްވާނަމަ، އޭގެޒާތުގައި ދެކޮޅުނުޖެހޭ ނަތީޖާއެއް ނުކުތުމަކީ ގާތްކަމެއްކަމަށް ފެންނަހިނދުގައި، ނުވަތަ އޭގެ އާންމު މާނައާއެއްގޮތަށް އަމަލުކޮށްފިކަމަށްވާނަމަ، މުޅި ގާނޫނުގައި އެކުލެވިގެންވާ މަފްހޫމާ ދެކޮޅަށް ކަމެއް ނިންމަންޖެހިދާނެކަމަށް ފެންނަހިނދުގައި، އެ ދެކޮޅުނުޖެހޭ ނަތީޖާ ނުކުތުމުގެ ފުރުސަތު ނެތިކޮށްލުމަށްޓަކައި ނުވަތަ އެ ގާނޫނުގެ މަފްހޫމާ ތައާރުޒުވުމުގެ އުސޫލު ނެތިކޮށްލުމަށްޓަކައި އެ ބަހަކުން، ނުވަތަ އިބާރާތަކުން، ނުވަތަ ޖުމްލައަކުން އާންމުކޮށް ދޭހަވާ މާނައަށްވުރެ ހާއްސަ މާނައެއްގެ ބޭނުންކޮށް، އެ ހާއްސަ މާނައިގެ ބޭނުންހިފުމެވެ.

 

6 ވަނަ މާއްދާ - މަގްސަދަށް ބެލުމުގެ އުސޫލު

(ހ) މަގްސަދަށް ބެލުމުގެ އުސޫލަކީ، ކަނޑައެޅިގެން ވަކި ބަހެއް، ނުވަތަ އިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާގޮތަށް ބެލުމުގެ ބަދަލުގައި، އެ ގާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ގެންގުޅެފައިވާ މަގްސަދަށް ބަލައި، އެ މަގްސަދު ދެނެގަތުމަށްފަހު، އެ މަގްސަދާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެ މަގްސަދު ދިރުވައި އާލާކުރެވޭނެ ގޮތުގެމަތިން، އެ ބަހެއް ނުވަތަ އިބާރާތެއް ނުވަތަ ޖުމްލައެއް މާނަކުރުމެވެ.

(ށ) ރައްޔިތުންގެ މަޖިލީހުގެ މަގްސަދު އެކަމުގައި އޮތީ ކިހިނެއްކަން މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދެނެގަތުމަށްޓަކައި، ގާނޫނު ހުއްދަކުރާ ވަސީލަތްތައް ށަރީއަތުގެ މަޖިލީހުގައި ބޭނުންކުރެވިދާނެއެވެ.

 

7 ވަނަ މާއްދާ - ވަކި އުސޫލެއްގެ ބޭނުންހިފުމުގެ އިހްތިޔާރު

އާންމު މާނައަށް ބެލުމުގެ އުސޫލުކަމުގައިވީނަމަވެސް، ނުވަތަ ހައްލު ހޯދައިދިނުމުގެ އުސޫލުކަމަށްވީނަމަވެސް، ނުވަތަ ހާއްސަ މާނައެއް ދިނުމުގެ އުސޫލުކަމުގައިވީނަމަވެސް، ނުވަތަ މަގްސަދު ހާސިލުކުރުމުގެ އުސޫލުކަމުގައިވީނަމަވެސް، ށަރީއަތުގެ ކުރިމަތީގައިވާ ހާލަތުގައި އަދުލު އިންސާފު ގާއިމުކުރުމަށް ބޭނުންކުރަން ޖެހޭނީ، އޭގެތެރެއިން ކޮން އުސޫލެއްކަން ކަނޑައަޅައި، އެ އުސޫލަކާއެއްގޮތަށް އަދުލު އިންސާފު ގާއިމުކުރުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އަދި އެފަދަ ހާލަތެއްގައި، އެއް އުސޫލުގެ މައްޗަށް އެހެން އުސޫލެއް އިސްކުރާކަމުގައިވާނަމަ، އެގޮތަށް އެކަން އެކުރަނީ، ކީއްވެގެންކަން ފަނޑިޔާރު ބަޔާންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - މާނަކުރުމުގެ ބައެއް ހަމަތައް

(ހ) ވަކި ބައެއްގެ ވާހަކަ ނުވަތަ ވަކި އެއްޗެއްގެ ވާހަކަ ހާއްސަ ލަފްޒުތަކަކުން ބަޔާންކުރުމަށްފަހު، އެއާވިދިގެން އާންމު ބަސްތަކަކުން އެފަދަ އާންމު ބަޔަކަށް ނުވަތަ އެއްޗެހިތަކަކަށް ގާނޫނެއްގައި ހަވާލާދީފައިވާކަމަށްވާނަމަ، ބެލެވޭނީ އެ އާންމު ހަވާލާދިނުން އެ ރައްދުވަނީ އެ ހާއްސަ ގިންތީގެ މީހުންނަށް ނުވަތަ އެއްޗެއްސަށް އެކަނި ކަމުގައެވެ.

(ށ) އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާ ބަހެއް ބޭނުންކޮށްފައިވާނަމަ، އެ ބަހުގެ ހަގީގީ މާނަ ދެނެގަތުމަށްޓަކައި ބަލާނީ، އެ ބަސް މާނަކުރެވިފައިވާ މަހައްލަށެވެ. ނުވަތަ އެ ބަސް ގުޅުވާފައިވާ އެހެން ބަސްބަހާ އިބާރާތްތަކުން ދޭހަވާ މާނައަށެވެ.

(ނ) ވަކި އެއްޗެއްގެ ވާހަކަ ނުވަތަ ވަކި މީހެއްގެ ވާހަކަ، ކަނޑައެޅިގެން ގާނޫނުގައި ބަޔާންކޮށްފިކަމަށްވާނަމަ، އޭގެ މާނައަކީ، އެނޫން އެހެން މީހުންނަށް ނުވަތަ އެނޫން އެހެން އެއްޗެއްސަށް އެ ގާނޫނުގައިވާ އެ އުސޫލު ނުހިނގަނީ ކަމެވެ.

 

9 ވަނަ މާއްދާ - މާނަކުރުމުގައި ހޯދިދާނެ އެހީގެ ވަސީލަތްތައް

ގާނޫނު މާނަކުރުމުގައި، ހޯދިދާނެ އެހީގެ ބާވަތް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ، ގާނޫނުގެ އެތެރެއިން ބޭނުންހިފިދާނެ ވަސީލަތްތަކަށާއި، ގާނޫނުގެ ބޭރުން ބޭނުންހިފިދާނެ ވަސީލަތްތަކަށެވެ.

 

10 ވަނަ މާއްދާ - ގާނޫނު މާނަކުރުމުގައި ގާނޫނުގެ އެތެރެއިން ބޭނުންހިފިދާނެ ވަސީލަތްތައް

ވަކި ބަހެއް ނުވަތަ ގިނަ ބަސްތަކެއް ނުވަތަ ޖުމްލައެއްގެ މާނަ ދެނެގަތުމަށްޓަކައި، އެ ގާނޫނެއްގެ ތެރެއިން، އަންނަނިވި ވަސީލަތްތަކުގެ އެހީ ހޯދިދާނެއެވެ.

(ހ) ގާނޫނެއްގައި ހިމެނިގެންވާ ވަކި ބަހެއް ނުވަތަ ގިނަ ބަސްތަކެއް ނުވަތަ ޖުމްލައެއް ހިމެނިގެންވާ ޕެރެގްރާފް ނުވަތަ މާއްދާ ނުވަތަ ބާބު އެކުގައި ކިޔާލުމުން، އެ ބަހެއް ނުވަތަ ގިނަ ބަސްތަކެއް ނުވަތަ ޖުމްލައެއް ބޭނުންކުރެވިފައިވާ މާނަ ނުވަތަ އޭގެ މަގާމު ނުވަތަ މަހައްލު ދެނެގަނެވިދާނެއެވެ.

(ށ) ގާނޫނުގެ ސުރުހީގައި ބަޔާންވެގެންވާ މަފްހޫމުންވެސް އެ ގާނޫނުގެ މަގްސަދު ދެނެގަނެވިދާނެއެވެ.

(ނ) ގާނޫނުގެ ދީބާޖާގައި ބަޔާންކޮށްފައިވާ މަފްހޫމުންވެސް ގާނޫނު އެކުލަވާލުމުގެ މަގްސަދު ދެނެގަނެވިދާނެއެވެ.

(ރ) ލިޔެއުޅުމުގެ ގަވާއިދުގެ އުސޫލުތައްކަމުގައި ބެލެވޭ ކޮމާއާއި، ރޮނގުބުރިއާއި، ކޮމާކޯޅިއާއި، ޖުމްލަ ނިންމާ ތިކިފަދަ އެއްޗެހިންވެސް ބަހެއްގެ މާނަ ދެނެގަނެވިދާނެއެވެ.

 

11 ވަނަ މާއްދާ - ގާނޫނު މާނަކުރުމުގައި ގާނޫނުގެ ބޭރުން ބޭނުންހިފިދާނެ ވަސީލަތްތައް

ވަކި ބަހެއް ނުވަތަ އިބާރާތެއް ނުވަތަ ޖުމްލައެއްގެ މާނަ ދެނެގަތުމަށްޓަކައި، އެ ގާނޫނުގެ ބޭރުން އަންނަނިވި ވަސީލަތްތަކުގެ އެހީ ހޯދިދާނެއެވެ.

(ހ) އެ ގާނޫނެއް ނުވަތަ އެ ގާނޫނުގެ އެ މާއްދާއެއް އެކުލަވާލެވުނު ސަބަބު.

(ށ) އިތުބާރުހުރި ރަދީފެއްގައި އެ ބަހެއް ބޭނުންކޮށްފައިވާގޮތް.

(ނ) އެ މައުޒޫއަކާގުޅޭ ގޮތުން ލިޔެ، ށާއިއުކޮށްފައިވާ އެކިއެކި އިތުބާރުހުރި އިލްމީ މަސައްކަތްތައް.

(ރ) އާންމުކޮށް އަމަލުކުރެވެމުންދާ އުސޫލު ނުވަތަ އެ ބަސް ބަލައިގަނެވި އެއަށް އަމަލުކުރެވެމުންދާގޮތް.

(ބ) މާނަކުރަންޖެހިފައިވާ މާއްދާއާގުޅޭ ނުވަތަ މައުޒޫއާގުޅޭ ބަހެއް، އެހެން ގާނޫނެއްގައި ބޭނުންކުރެވިފައިވާ ތަނަކާއި ގޮތް.

(ޅ) ގާނޫނެއް އެކުލަވާލުމުގައި ށާއިއުކޮށްފައިވާ ރަސްމީ ރިޕޯޓުތަކާއި ދިރާސާތައް.

(ކ) ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތައް.

(އ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ކުރެވިފައިވާ ބަހުސްތަކާއި ކޮމިޓީތަކުގައި ކުރެވިފައިވާ ދިރާސާތަކުގެ ޔައުމިއްޔާތައް.

 

12 ވަނަ މާއްދާ - ގާނޫނު މާނަކުރުމުގައި ގަބޫލުކުރެވޭނެ ހަމަތައް

ކަނޑައެޅިގެން އެހެންގޮތަކަށް ދޭހަނުވާހާހިނދަކު، އަންނަނިވި ކަންތައްތަކަކީ ގާނޫނު މާނަކުރުމުގައި ގަބޫލުކުރެވޭނެ ހަމަތަކެކެވެ.

(ހ) ކޮންމެ ގާނޫނަކީވެސް، އެ ގާނޫނު އެކުލަވާލުމުގެ ކުރީގައި ހިނގައިދިޔަކަމެއް ރަނގަޅުކުރުމަށްޓަކައި، ނުވަތަ އެ ޒަމާނުގައި ދިމާވި އުނިކަމެއް، ނުވަތަ ހުސްކަމެއް ފޫބެއްދުމަށްޓަކައި، ތައާރުފުކޮށްފައިވާ ގާނޫނެއްކަމަށް ބެލުން.

(ށ) ށަރުއީ ކޯޓުތަކުގެ ބާރު ކަނޑުވާލުމަކީ، ގާނޫނަކުން ކުރާނެކަމެއް ނޫންކަމުގައި ބެލުން.

(ނ) ލިބިދީފައިވާ ހައްގެއް މުޅިން ނިގުޅައިގަތުމަކީ، ގާނޫނަކުން ކުރާނެކަމެއް ނޫންކަމުގައި ބެލުން.

(ރ) އުގޫބާތް ކަނޑައެޅޭ ގާނޫނުތައް، ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ފައިދާވާގޮތަށް މާނަކުރުން.

(ބ) ގާނޫނު އެކުލަވާލި ދުވަހުން ފެށިގެން ކުރިއަށް ހިނގާ އެއްޗަކަށް ގާނޫނުވުމާއި، ގާނޫނުގެ ތާރީހުގެ ކުރިން ހިނގާފައިވާ ކަމަކަށް ހިނގާނެ އެއްޗަކަށް އެ ގާނޫނު ނުވުން.

(ޅ) ބަހެއް ނުވަތަ ލަފްޒެއް ނުވަތަ ގިނަ ބަސްތަކެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތަކީ، އެއް މާނައަށްވުރެ ގިނަ މާނަ ދޭހަނުވާ ސާދާ ބަހަކަށް، ނުވަތަ ސާދާ ލަފްޒަކަށް، ނުވަތަ ސާދާ އިބާރާތަކަށް، ނުވަތަ ސާދާ ޖުމްލައަކަށްވާނަމަ، ގަބޫލުކުރަންޖެހޭ އުސޫލަކީ، ގާނޫނުގައި ބަޔާންކޮށްފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން އެކަން ބަޔާންކުރަން ބޭނުންވިގޮތަށްކަން. އަދި އެ ގާނޫނުން ދޭހަވާ މާނައަކީ، ރައްޔިތުންގެ މަޖިލީހުން ދޭހަކޮށްދޭން ބޭނުންވާ މާނަކަން.

(ކ) ވަކި ބަހަކަށް ޒަމާނާއެއްގޮތްވާ ގޮތުގެމަތިން، ވަކި ހާއްސަ، ނުވަތަ މަށްހޫރު، ނުވަތަ ގިނަ ބައެއްގެ ތެރޭގައި ބޭނުންކުރެވޭ މާނަކުރުމެއް ދެވިފައިވާނަމަ، އެ ބަހެއްގެ އަސްލު މާނައާއި، އެ ބަހެއްގެ އުފެދުމުގައިވާ މާނައާއި، އެ ބަހެއްގެ އުސޫލީ މާނައިގެ ބަދަލުގައި އިހުތިޔާރުކުރަންވާނީ، އެ ބަހުގެ މާނަކަމުގައި، އެ މުޖުތަމައުގައި އެހިނދަކު ބެލެވޭ މާނަކަން.

(އ) ވަކި ބަހަކަށް، ވަކި ފަންނެއްގައި، ނުވަތަ ވަކި ވިޔަފާރިއެއްގައި، ނުވަތަ ވަކި މަސައްކަތެއްގައި ހާއްސަ މާނަކުރުމެއް ދެވިފައިވާނަމަ، އެބަހެއްގެ އާންމު މާނަކުރުމުގެ މައްޗަށް އެ ފަންނެއްގައި، ނުވަތަ އެ މަސައްކަތެއްގައި، ނުވަތަ އެ ވިޔަފާރިއެއްގައި ދީފައިވާ ހާއްސަ މާނަކުރުމަށް އިސްކަންދޭންވާނެކަން.

 

13 ވަނަ މާއްދާ - ގާނޫނުތަކާގުޅޭ ބައެއް އުސޫލުތައް

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކޮންމެ ގާނޫނަކީވެސް ސައްހަ ގާނޫނެއްގެ ގޮތުގައި ށަރުއީ ކޯޓުތަކުން ބަލައިގަންނަންޖެހޭނެއެވެ. އެ ގާނޫނުގެ ސައްހަކަން ސާބިތުކޮށްދޭން އިތުރު މަސައްކަތްތަކެއް އެއްވެސް ފަރާތަކުން ކޮށްދޭންނުޖެހޭނެ ގޮތެއްގެމަތިންނެވެ.

 

14 ވަނަ މާއްދާ - ޖަދުވަލުތައް

ގާނޫނާ އެކުގައި ހިމެނޭ ޖަދުވަލުތަކަކީ، އެ ގާނޫނުގެ މުހިންމު ބައެއްކަމުގައި ބެލެވޭނެއެވެ. އެ ޖަދުވަލުތަކާ އެކުގައިނޫނީ، އެ ގާނޫނު ފުރިހަމަ ނުވާނެކަމުގައިވެސް ބެލެވޭނެއެވެ. ގާނޫނަށް ހަވާލާދޭ ކޮންމެ ފަހަރަކީ ޖަދުވަލަށްވެސް ހަވާލާދެވޭ ފަހަރެއްކަމަށް ބެލެވޭނެއެވެ.

 

15 ވަނަ މާއްދާ - ގާނޫނުގައި ހިމެނޭ ބައިތައް

(ހ) ގާނޫނެއް، އެކި ބައިބަޔަށް ނުވަތަ އެކި ބާބުތަކަށް ނުވަތަ އެކި ސުރުހީތަކުގެ ދަށުގައި ބައިކުރެވިފައިވާނަމަ، ގާނޫނު ފުރިހަމަވަނީ، އެ ހުރިހާ ބައިތަކަކާވެސް އެކުގައިކަމަށް ގަބޫލުކުރަންވާނެއެވެ.

(ށ) ގާނޫނެއްގައި ފޯމެއްގެ ނަކަލު ހިމަނައި، އެ ފޯމު ފުރުމަކީ އެ ގާނޫނުގެ ދަށުން ލާޒިމުކޮށްފައިވާ ކަމެއްކަމުގައިވާނަމަ، އެ ފޯމުގެ ނަކަލާ، އުސޫލީގޮތުން ތައާރުޒުނުވާ ބަދަލުތަކާއެކު، އެ ފޯމު ފުރުމަކީ ކުރެވިދާނެ ކަމެކެވެ.

(ނ) ބައެއް ގާނޫނުގެ ބައެއް މަފްހޫމްތައް ބަޔާންކޮށްދިނުމުގައި ގާނޫނުގައި ހިމަނާފައިވާ މިސާލުތަކަކީ ގާނޫނުގެ ބައެއްކަމުގައި ބެލެވޭނެއެވެ. އެގޮތުން، ގާނޫނެއްގައި ހުށަހަޅާފައިވާ މިސާލާއި، ގާނޫނުގެ އިބާރާތާދޭތެރޭގައި އެއްވެސް ކަހަލަ ތައާރުޒުވުމެއް ހުރިކަމަށްވާނަމަ، އިސްކަންދޭނީ ގާނޫނުގެ އިބާރާތަށެވެ.

(ރ) ގާނޫނަކަށް ހަވާލާދޭކަމަށްވާނަމަ، އެ ގާނޫނެއްގެ ސުރުހީއަށް ހަވާލާދިނުމުން ފުދޭނެއެވެ. ނުވަތަ އެ ގާނޫނަށް ދީފައިވާ ސުމާރު ނަންބަރަށް ހަވާލާދިނުމުން ފުދޭނެއެވެ.

(ބ) ވަކި ގާނޫނަކަށް އިށާރާތްކުރުމެއްނެތި، އެއްވެސް ގާނޫނެއްގައި ގާނޫނެއްގެ ވަކި ބަޔަކަށް، ނުވަތަ ބާބަކަށް، ނުވަތަ ޖަދުވަލަކަށް، ނުވަތަ ނަންބަރަކަށް، ނުވަތަ މާއްދާ ނަންބަރަކަށް ހަވާލާދީފައިވާނަމަ، ބެލެވޭނީ އެއީ، އެ ގާނޫނުގެ ބަޔަކަށް، ނުވަތަ ބާބަކަށް، ނުވަތަ ޖަދުވަލަކަށް، ނުވަތަ ނަންބަރަކަށް، ދީފައިވާ ހަވާލާއެއްކަމަށެވެ.

(ޅ) ވަކި ގާނޫނެއްގެ ވަކި މާއްދާއެއްގައި، އެހެން ގާނޫނަކަށް ނުވަތަ އެހެން ގާނޫނެއްގެ މާއްދާއަކަށް ހަވާލާދިނުމެއްނެތި، އަކުރަކަށް، ނުވަތަ ޕެރެގްރާފަކަށް ހަވާލާދީފައިވާނަމަ، ބެލެވޭނީ އެއީ، އެ މާއްދާގެ އަކުރަކަށް، ނުވަތަ ޕެރެގްރާފަކަށް ދީފައިވާ ހަވާލާއެއްކަމަށެވެ.

 

16 ވަނަ މާއްދާ - ގާނޫނުގެ ބައެއްކަމުގައި ނުހިމެނޭ ބައިތައް

ގާނޫނެއްގައި ހިމެނިގެންވާ އަރިމަތީ ސުރުހީތަކާއި އަރިމަތީ ނޯޓުތަކަކީ، އެ ގާނޫނުގެ ބައެއް ނޫނެވެ. އަދި އެ ގާނޫނުގައި، އެ އަރިމަތީ ސުރުހީތަކާއި ނޯޓުތައް ބޭނުންކުރެވިފައިވަނީ ހަމައެކަނި ބޭނުންކުރުމުގެ ފަސޭހައަކަށެވެ.

 

17 ވަނަ މާއްދާ - ގާނޫނު މާނަކުރުން

ގާނޫނެއް މާނަކުރުމުގައި، އެ ގާނޫނެއް އެކުލަވާލި މަގްސަދަށް، ނުވަތަ އެ ގާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާނެގޮތަށް ގާނޫނު މާނަކުރުމަށް އިސްކަންދޭންވާނެއެވެ. އަދި އެ ގާނޫނުގެ މަގްސަދުތައް ހާސިލުނުވާނެގޮތަކަށް އެ ގާނޫނު މާނަކުރެވިގެން ނުވާނެއެވެ.

 

18 ވަނަ މާއްދާ - ވަކި ދުވަހަކުން ގާނޫނު ހިންގަން ފެށުން

ގާނޫނެއް ހިންގަންފަށާނީ، ވަކި ދުވަހަކުންކަމަށް ބަޔާންކޮށްފައިވާނަމަ، އެ ގާނޫނެއް ހިނގަންފަށާނީ، އެދުވަހުގެ ކުރީދުވަސް ނިމޭ ހިސާބުންނެވެ.

 

19 ވަނަ މާއްދާ - ގާނޫނެއް ބާތިލުވުން

(ހ) ގާނޫނެއްގެ ބައެއް އެ ގާނޫނުން އުނިކުރެވިއްޖެކަމަށްވާނަމަ، އެ ގާނޫނުގެ ދަށުން ނުވަތަ އެ ގާނޫނުގެ އެ އުނިވި ބައެއްގެދަށުން ހަދާފައިވާ ގަވާއިދު ބާތިލުނުވެ ދެމިއޮންނާނެއެވެ. އެއީ، އުވާލެވުނު ނުވަތަ ބާތިލުކުރެވުނު ގާނޫނާ ތައާރުޒުނުވާހާހިނދަކުއެވެ.

(ށ) ގާނޫނެއް ބާތިލުވެއްޖެހިނދެއްގައި، އެހެންގޮތަކަށް މާނަނުކުރެވޭހާ ހިނދަކު، އަންނަނިވި ކަންކަން އެގޮތަށް ނުވާނެކަމުގައި ގަބޫލުކުރަންވާނެއެވެ.

  1. އެ ގާނޫނު ބާތިލުވާނެކަމަށް ކަނޑައަޅާފައިވާ ވަގުތު އައިސްޖެހުނުއިރު، އެ ގާނޫނުގެ ދަށުން އުފަންނުވާ އެއްޗެއް، ނުވަތަ ދެމިނުއޮތް އެއްޗެއް، އެ ގާނޫނު ބާތިލުވުމަށްފަހު، އުފަންވާނެކަމަށް ނުވަތަ ދެމިއޮންނާނެކަމަށް ބެލުން.
  2. ގާނޫނު ބާތިލުވުމާ ހަމައަށް އެ ގާނޫނުގެ ދަށުން ކޮށްފައިވާ އަމަލުތައް ބާތިލުވެގެން ދިއުން.
  3. ބާތިލުވި ގާނޫނު ބާތިލުވެގެންދިޔުމާ ހަމައަށް، މީހަކަށް ލިބިފައިވާ ހައްގެއް، ނުވަތަ އިމްތިޔާޒެއް، ނުވަތަ މީހަކު އުފުލަންޖެހިފައިވާ ޒިންމާއެއް ނުވަތަ ވާޖިބެއް ނެތިދިއުން.
  4. އެ ގާނޫނެއްގެ ދަށުން މީހަކު ޖޫރިމަނާކޮށްފައިވާނަމަ، ނުވަތަ މީހެއްގެ މުދަލެއް ހިފަހައްޓާފައިވާނަމަ، ނުވަތަ މީހަކަށް އަދަބު ދީފައިވާނަމަ، އެކަން ނެތިދިއުން.
  5. ހިންގާފައިވާ އެއްވެސް ތަހުގީގެއް، ނުވަތަ ގާނޫނީ މަސައްކަތްތަކެއް، ނުވަތަ ށަރުއީ މަސައްކަތްތަކެއް ނެތިދިއުން.

 

20 ވަނަ މާއްދާ - ގަވާއިދު ހެދުމާގުޅޭ އާންމު އުސޫލުތައް

(ހ) ވަކި ގާނޫނެއްގެ ދަށުން ގަވާއިދު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާނަމަ، އެހެންގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައިނުވާހާހިނދަކު، އަންނަނިވި އުސޫލުތައް އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށް ހިނގާނެއެވެ.

  1. އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދު އެ ގާނޫނުގެ މަފްހޫމާ ހިލާފުވާނަމަ، އެ ގަވާއިދު ބަދަލުކުރުމާއި، އިސްލާހުކުރުމާއި، ބާތިލުކުރުމުގެ ބާރުވެސް އެ ގަވާއިދު ހަދާ ފަރާތަށް ލިބިގެންވާކަން.
  2. އެ ގަވާއިދު އެކުލަވާލާ ހިންގަންފެށި އުސޫލަކުން، އެ ގަވާއިދެއް ބާތިލުކުރުމާއި، އޭގެ ބަދަލުގައި އާ ގަވާއިދެއް އެކުލަވާލުމާއި، އެ ގަވާއިދަށް އިސްލާހު ގެނައުމުގެ ބާރު، އެ ގަވާއިދު ހިންގަންފެށި ފަރާތަށް ލިބިގެންވާކަން.
  3. އެ ގަވާއިދު ހިންގަން ކަނޑައަޅާފައިވާ ދާއިރާ ނުވަތަ ސަރުކާރުގެ އިދާރާގެ މަސައްކަތް އެހެން އިދާރާއަކަށް ބަދަލުވެއްޖެނަމަ، ނުވަތަ އެހެން އިދާރާއެއްގެ މަސައްކަތުގެތެރޭގައި ހިމެނިއްޖެކަމަށްވާނަމަ، ގަވާއިދުގައި އެ އިދާރާއަކަށް ނިސްބަތްވެފައިވާ ކަންތައްތައް އެ މަސައްކަތް ބަދަލުވި ފަހުގެ އިދާރާއަށްވެސް ބަދަލުވެގެންދާނެކަން.

(ށ) ގަވާއިދު ހެދުމަށް ދެވޭ ބާރުގެ މާނައިގައި އަންނަނިވި ކަންކަން ކުރުމުގެ ބާރު ހިމެނިގެންވެއެވެ.

  1. އެ ގަވާއިދާ ހިލާފުވެއްޖެކަމަށްވާނަމަ، 2000 (ދެހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު.
  2. އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން ކަންކަން ކުރުމުގެ ބާރު.
  3. ގާނޫނުގައި ބަޔާންކޮށްފައިވާ ފޯމުތަކަށް، އޭގެ އަސްލު ނުގެއްލޭނެގޮތަށް އިސްލާހުގެނައުމުގެ ބާރު، ނުވަތަ ގާނޫނުގައި ބަޔާންކޮށްފައި ނެތް ފޯމުތަކެއް އަލަށް ތައާރުފުކުރުމުގެ ބާރު. މިގޮތުން އަލަށް ތައާރުފުކުރެވޭ ފޯމުތައް ބޭނުންކުރުމަށް އެކަށީގެންވާ ފުރުސަތެއް ދޭންވާނެއެވެ.
  4. ގާނޫނުގައި ބަޔާންކުރާ ލިޔުމެއް، ނުވަތަ ރެކޯޑެއް، ނުވަތަ ހުއްދައެއް، ނުވަތަ ލައިސަންސެއް ހޯދާނެގޮތާއި އެކަމަށް ހިނގާނެ ހަރަދު ކަނޑައެޅުމުގެ ބާރު.
  5. ގާނޫނުން ދީފައިވާ ބާރުގެދަށުން ޖޫރިމަނާ ކަނޑައެޅުމާއި، އެ ޖޫރިމަނާ ކަނޑައެޅުމަށް އޮތް ބާރެކޭ އެއްފަދައިން، އެ ޖޫރިމަނާއަށް ބަދަލުގެނައުމުގެ ބާރު.

(ނ) ގާނޫނަށް ހަވާލާދޭ ފަހަރުތަކުގައި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށްވެސް ހަވާލާދެވިގެންވެއެވެ.

(ރ) ގާނޫނެއްގެދަށުން ހަދާ ގަވާއިދުގައި ބޭނުންކުރާ ވަކި ބަސްތަކަކީ، އެ ގަވާއިދު ހެދުމުގެ ބާރު ލިބުނު ގާނޫނުގައި ވަކި މާނަކުރުމެއް ދީފައިވާ ބަސްތަކެއްކަމަށްވާނަމަ، އެ ގަވާއިދުގައި އެ ބަސްތައް ބޭނުންކުރެވޭނީވެސް އެ ގާނޫނުގައި އެ ބަސްތައް ބޭނުންކުރެވިފައިވާ މާނައިގައެވެ.

(ބ) ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާ ގަވާއިދު އެއީ، ސައްހަ އެއްޗެއްކަމުގައި ކޯޓުތަކުން ބަލަންވާނެއެވެ.

(ޅ) ގަވާއިދުގެ ދަށުން ކުރާ އަމަލުތަކާއި، ހިންގާ އަމަލުތަކާއި، ނުކޮށް ދޫކޮށްލާ ކަންކަމާއި، ކުރާ ކަންކަމަކީ ގާނޫނުގެ ދަށުން ކުރާ ކަންކަންކަމުގައި ބެލެވޭނެއެވެ.

(ކ) ގާނޫނަކަށް ހަވާލާދޭ ފަހަރުތަކުގައި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށްވެސް ހަވާލާދެވޭނެއެވެ.

 

21 ވަނަ މައްދާ - ވަކިކަމެއް ކުރުމުގެ ބާރު ލިބިދިނުން

ވަކިކަމެއް ކުރުމަށް ގާނޫނުން މީހަކަށް ބާރުލިބިދޭކަމަށްވާނަމަ، އެހެންގޮތަކަށް އެ ގާނޫނުން ދޭހަނުވާހާހިނދަކު، އެކަމެއްގެ މުނާސަބު ވަގުތުގައި އެ ބާރެއްގެ ބޭނުންކުރުމުން ފުދޭނެއެވެ.

 

22 ވަނަ މައްދާ - ވަކި ވާޖިބެއް އަދާކުރަންޖެހުން

ވަކިކަމެއް ކުރުމުގެ ވާޖިބު، މީހަކު އުފުލަންޖެހޭގޮތަށް ގާނޫނުގައި ބަޔާންކޮށްފައިވާނަމަ، އެހެންގޮތަކަށް އެ ގާނޫނުން ދޭހަނުވާހާހިނދަކު، އެކަމެއްގެ މުނާސަބު ވަގުތުގައި އެ ވާޖިބެއް އަދާކުރުމުން ފުދޭނެއެވެ.

 

23 ވަނަ މައްދާ - ވަކި ބާރުތަކެއް ލިބިދީފައިވުން

ވަކި މަގާމެއްގައި ހުރި މީހަކަށް ވަކި ގާނޫނަކުން ބާރުތަކެއް ލިބިދޭކަމަށްވާނަމަ، އެހެންގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައިނުވާހާހިނދަކު، އެ މަގާމު ވަގުތީގޮތުން ފުރާ މީހާއަށާއި އޭނާގެ ގާއިމު މަގާމުގެގޮތުގައި މަސައްކަތްކުރާ މީހާއަށްވެސް އެ ބާރުތައް ލިބިގެންވެއެވެ.

 

24 ވަނަ މައްދާ - އައްޔަންކުރުމުގެ ބާރުގެ ދާއިރާ

ވަކި މަގާމަކަށް ނުވަތަ ވަކި އިދާރާއަކަށް ނުވަތަ ވަކި މުއައްސަސާއަކަށް މީހަކު އައްޔަންކުރުމުގެ ބާރު، ވަކި މީހަކަށް ނުވަތަ ވަކި އިދާރާއަކަށް ލިބިދޭކަމަށްވާނަމަ، އެމީހަކު އައްޔަންކުރުމަށް ލިބިދޭ ބާރުގެ މާނައިގައި، އެހެންގޮތަކަށް އެ ގާނޫނުން ދޭހަނުވާހާހިނދަކު، އެ މީހަކު އެ މަގާމުން ވަކިކުރުމުގެ ބާރާއި، ވަކި މުއްދަތަކަށް މަގާމުގެ ވާޖިބުތައް އަދާކުރުން ހިފެހެއްޓުމުގެ ބާރާއި، އެ މަގާމުގެ ވާޖިބުތައް އަދާކުރުން ވަގުތީގޮތުން އެހެންމީހަކާ ހަވާލުކުރުމުގެ ބާރުވެސް ހިމެނިގެންވެއެވެ.

 

25 ވަނަ މައްދާ - ވަކިކަމެއް ކުރުމުގެ ބާރު ލިބިދިނުން

ވަކިކަމެއް ކުރުމުގެ ބާރު ވަކި މީހަކަށް ގާނޫނުން ދޭކަމަށްވާނަމަ، އެ ބާރު ހެޔޮގޮތުގައި ތަންފީޒުކުރުމަށްޓަކައި، އޭނާއަށް ބޭނުންވާ އެންމެހާ ސީދާ ބާރުތަކާއި ނުސީދާ ބާރުތައް އޭނާއަށް ލިބިގެންވާކަމަށް ބަލަންވާނެއެވެ.

 

26 ވަނަ މައްދާ - އަގުލަބިއްޔަތުން ނިންމުން

ވަކި ގާނޫނެއްގައި ވަކިކަމެއް ނިންމަންވާނީ ވަކި ޖަމާއަތަކުން، ނުވަތަ ވަކި ބަޔަކު، ނުވަތަ ވަކި މަޖިލީހަކުން، ނުވަތަ ވަކި ކޮމިޓީއަކުންކަމުގައި ބުނެފައިވާނަމަ، އެހެންގޮތަކަށް އެ ގާނޫނުން ދޭހަނުވާހާހިނދަކު، އެ ނިންމުމެއް ނިންމަންވާނީ އަގުލަބިއްޔަތުން ކަމުގައި ގަބޫލުކުރަންވާނެއެވެ.

 

27 ވަނަ މައްދާ - ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރު ބޭނުންކުރުން

ވަކި އަމުރެއްކުރުމުގެ ނުވަތަ ވަކި އެންގުމެއް އެންގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ހާލަތްތަކުގައި، އަދި އެކަން ކުރަންޖެހޭނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ދޫކުރާ ލިޔުމަކުންކަމުގައި ބަޔާންނުކުރާހާހިނދަކު، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ބާރުލިބިފައިވާ ވަޒީރަކު ނުވަތަ ކެބިނެޓް ސެކްރެޓަރީ އެ އަމުރެއްގައި ސޮއިކުރުމުން ނުވަތަ އެ އެންގުމެއް އެންގުމުން، އެއީ، ރައީސުލްޖުމްހޫރިއްޔާ އެ އަމުރެއް ކުރީކަމުގައި ނުވަތަ އެ އެންގުމެއް އެންގީކަމުގައި ބެލެވޭނެއެވެ.

 

28 ވަނަ މައްދާ - ވަޒީރަކަށް ލިބިދޭ ބާރު ބޭނުންކުރުން

ވަކިކަމަކީ، ސީދާ ވަޒީރުސޮއިކޮށް ދޫކުރާ ލިޔުމަކުންކުރަންޖެހޭ ކަމަކަށްނުވާހާހިނދަކު، ވަޒީރުގެ ފަރާތުން އަންގަންޖެހޭ އެންގުންތައް، ވަޒީރުގެ ހުއްދައާއެކު އޭނާގެ ނައިބު ނުވަތަ އޭނާ ހަވާލުވެހުރި ވުޒާރާއެއްގެ ޕާރމަނަންޓް ސެކްރެޓަރީ އެންގުމުން، ވަޒީރު އެ އެންގުން އެންގީކަމުގައި ބެލެވޭނެއެވެ.

 

29 ވަނަ މައްދާ - ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ވަކިކަމެއް ކުރުން

ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ދޫކުރަންޖެހޭނެކަމަށް ކަނޑައެޅިގެން ބަޔާންކުރާ ލިޔުންތައް ފިޔަވައި، އެހެން ލިޔުންތައް، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ބާރުލިބިފައިވާ ވަޒީރަކު ނުވަތަ ކެބިނެޓް ސެކްރެޓަރީ ސޮއިކޮށް، ދޫކުރުމުން، ފުދޭނެއެވެ.

 

30 ވަނަ މާއްދާ ވަޒީރުގެ ފަރާތުން ވަކިކަމެއް ކުރުން

ވަޒީރަކު ކަނޑައެޅިގެން ސޮއިކުރަންޖެހޭނެކަމަށް ގާނޫނުގައި ބުނާ ލިޔުންތައް ފިޔަވައި އެހެން ލިޔުންތައް، އެ ވަޒީރަކު ހަވާލުވެހުރި ވުޒާރާއެއްގެ ޕާރމަނަންޓް ސެކްރެޓަރީ ސޮއިކުރުމުން، އެ ވަޒީރަކު ސޮއިކުރީކަމުގައި ބެލެވޭނެއެވެ.

 

31 ވަނަ މައްދާ - ކުށްކުށާގުޅޭ

(ހ) ކުށެއްކުރަން އުޅުން އެއީ، ވަކި ކުށެއްކަމުގައި އެ ކުށާގުޅޭ ގާނޫނުގައި ކަނޑައަޅައި، އެ ކުށަށް ވަކި އަދަބެއް ކަނޑައަޅާފައިނުވާ ހާލަތުގައި، ކުށެއް ކުރަންއުޅުން އެއީ ކުށެއްކަމުގައި ބަލައި، އެ ކުށެއް ކުރުމުން ދިނުމަށް ކަނޑައަޅާފައިވާ އަދަބުގެ 75 (ހަތްދިހަފަހެއް އިންސައްތަ) އަށްވުރެ ބޮޑުނޫން އަދަބެއް، އެ ކުށް ކުރަންއުޅުނު މީހާގެ މައްޗަށް ށަރުއީ ކޯޓަކަށް ކަނޑައެޅިދާނެއެވެ.

(ށ) ގާނޫނެއްގައިވާ ގޮތުގެމަތިން، ވަކި އަދަބެއް މީހަކަށް ދިނުމަކީ، މަދަނީ ދައުވާއެއްގައި ބަދަލު ހޯދުމަށް އޮތް ފުރުސަތު ހަނިވެގެންދާނެ ސަބަބެއްނޫނެވެ.

 

32 ވަނަ މައްދާ - ޖޫރިމަނާގެ އަދަދާގުޅޭ

ގާނޫނުގައި ވަކި އަދަދެއް ނުވަތަ ޖޫރިމަނާއެއް ކަނޑައެޅިފައިވާނަމަ ކަނޑައެޅިގެން އެ ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ވަކި އަދަދެއް ކަނޑައަޅާކަމުގައިވާނަމަ ނުވަތަ ޖޫރިމަނާއެއް ކަނޑައަޅާކަމަށްވާނަމަ، އަބަދުވެސް ބަލަންވާނީ، އެއީ، ގާނޫނުގައި އެ ކަނޑައެޅިފައިވާ އަދަދަކީ އެންމެމަތީ އަދަދުކަމަށެވެ. އަދި އެއަށްވުރެ ދަށް އަދަދަކުން އެކަން ކުރެވިދާނެކަމަށެވެ.

 

33 ވަނަ މައްދާ - ގެޒެޓު އެއީ ހެއްކެއްގެގޮތުގައި ގަބޫލުކުރުން

ގާނޫނެއް ނުވަތަ ގަވާއިދުގެ ކޮޕީއާމެދު ށައްކު އުފެދިއްޖެހިނދެއްގައި، އެ ގާނޫނެއްގެ ނުވަތަ ގަވާއިދެއްގެ ގެޒެޓުކުރެވިފައިވާ ކޮޕީ ހުށަހެޅުމުން، އެއީ، އެ ގާނޫނުގެ ނުވަތަ ގަވާއިދުގެ ސައްހަ ކޮޕީކަމުގައި ގަބޫލުކުރެވޭނެއެވެ.

 

34 ވަނަ މައްދާ - އެކިއެކި ލިޔުން ހަވާލުކުރުން

ގާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާހާހިނދަކު، މީހަކަށް އެއްޗެއް ފޮނުވުން، ނުވަތަ ރައްދުކުރުން، ނުވަތަ ދިނުން ކަމުގައި ބުނެފައިވާ ހާލަތްތަކުގައި އަންނަނިވި އުސޫލުތައް ހިނގާނެއެވެ.

(ހ) މީހަކާ ގުޅިގެން ކަމުގައިވާނަމަ، އެމީހެއްގެ އަތުންއަތަށް އެ އެއްޗެއް ހަވާލުކުރުން، ނުވަތަ އެމީހަކު ދިރިއުޅޭ އެޑްރެހަކަށް ރެޖިސްޓްރީ ޕޯސްޓުގެ ޒަރީއާއިން އެ އެއްޗެއް ފޮނުވުން.

(ށ) ކުންފުންޏެއް ނުވަތަ ޖަމާއަތެއްކަމުގައިވާނަމަ، އެ ކުންފުންޏެއް ނުވަތަ ޖަމާއަތެއް ރަޖިސްޓަރީކޮށްފައިވާ އޮފީހެއްގެ އެޑްރެހަށް އެ އެއްޗެއް ފޮނުވުން ނުވަތަ ރައްދުކުރުން، ނުވަތަ ރެޖިސްޓްރީ ޕޯސްޓު މެދުވެރިކޮށް އެ އެއްޗެއް ފޮނުވުން.

(ނ) އެއްބަސްވުމުގައި ބުނެފައިވާ އެޑްރެހަކަށް ފޮނުވުން.

 

35 ވަނަ މައްދާ - މުއްދަތު ބަލާނެގޮތް

(ހ) ވަގުތު ނުވަތަ މުއްދަތު ވަކި ގާނޫނެއްގެ ބޭނުމަށްޓަކައި ބަލަންޖެހިއްޖެހިނދެއްގައި، އެ ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާނަމަ، ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިށާރާތްކޮށްފައިވާނަމަ، އެ މުއްދަތު ގުނަންވާނީ އެ ދެ ކަމެއް ހިނގާ ދެ ދުވަސް ނުހިމަނައެވެ.

(ށ) ވަކިކަމެއްކުރަން އޮތް ތާރީހަކީ، ނުވަތަ ވަކިކަމެއްކުރަން އޮތް އެންމެފަހު ތާރީހަކީ، ރަސްމީ ބަންދު ދުވަހަކަށްވާނަމަ، ދެން އެކަމެއް އެ ބަންދުދުވަހާ ވިދިގެންއަންނަ ރަސްމީ ބަންދުނޫން ދުވަހު ކުރެވިދާނެއެވެ.

(ނ) ގާނޫނެއްގައި ނުވަތަ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ، 7 (ހަތެއް) ދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެތެރޭގައި ކުރަންޖެހޭ ކަމެއް ކޮށްފިކަން ކަށަވަރުކުރުމުގައި ނުވަތަ އެ މުއްދަތު ފަހަނައަޅައި ހިނގައްޖެކަން ކަށަވަރުކުރުމުގައި، އެ 7 (ހަތެއް) ދުވަހުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭނެއެވެ.

(ރ) ވަކި ވަގުތެއްގައި ވަކިކަމެއް ރާއްޖޭގައި ކުރަންޖެހޭކަމަށް ބުނެފައިވާނަމަ، އެ ވަގުތު ބަލާނީ، ދިވެހިރާއްޖޭގެ ރަސްމީ ގަޑީގެ ވަގުތުގެގޮތުގައެވެ.

(ބ) ވަކި ކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތެއްގައެވެ.

 

36 ވަނަ މައްދާ - ގާނޫނު ތަންފީޒުކުރެވޭ  ދާއިރާ

(ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހަމަކޮންމެ ގާނޫނަކީވެސް، ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ތަންފީޒުކުރެވޭނެ ގާނޫނެކެވެ. އަދި ދިވެހިރާއްޖޭން ބޭރުގައިވާ ހަމަކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށްވެސް ހިނގާނެ އެއްޗެކެވެ. އަދި ދިވެހިރާއްޖޭގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުގެ މައްޗަށްވެސް ހިނގާނެ އެއްޗެކެވެ.

(ށ) ވަކި ހާއްސަ ކަމަކާގުޅޭގޮތުން، ނުވަތަ ވަކި ބަޔަކަށް، ނުވަތަ ވަކި މީހަކަށް، ނުވަތަ ވަކި ގިންތިއެއްގެ ބަޔަކަށް ގާނޫނެއް ހަދާފައިވާނަމަ، އެހެންގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައިނުވާހާހިނދަކު، އެ ގާނޫނު ތަންފީޒުކުރެވޭނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ބައެއްގެ މައްޗަށް އެކަންޏެވެ.

 

37 ވަނަ މައްދާ - ލާޒިމު ކަންކަމާއި ހުއްދަ ކަންކަމުގެ ތަފާތު

(ހ) ގާނޫނެއްގައި، ވަކިގޮތަކަށް އަމަލުކުރަންވާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެއީ، އެ ގާނޫނުން އުފައްދާ ބަރީއަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމުގައި ބަލަންވާނެއެވެ. އަދި ވަކިކަމެއް ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާނަމަ، އެކަމަކީ އެކަމެއްކުރުމުގައި ލާޒިމުކަމެއްނެތް، އެހެންނަމަވެސް އެކަމެއްކުރުމާއި ނުކުރުމުގައި އިހުތިޔާރުއޮތް ހުއްދަކަމެއްކަމުގައި ބަލަންވާނެއެވެ.

(ށ) ވަކި ގާނޫނެއްގައި ވަކި ބަހެއް މާނަކޮށްފައިވާކަމަށްވާނަމަ، އެހެންގޮތަކަށް އެ ގާނޫނުގައި ދޭހަނުވާހާހިނދަކު، އެ ބަހެއް ބޭނުންކުރަންވާނީ އެ ގާނޫނުގައި ބޭނުންކޮށްފައިވާ ގޮތަށެވެ. އަދި ވަކި ގާނޫނެއްގައި މާނަކޮށްފައިވާ ބަހެއް، އެ މައުޒޫއާގުޅޭ އެހެން ގާނޫނެއްގައި މާނަކޮށްފައި ނުވާހާހިނދަކު، އެ ބަސް މާނަކޮށްފައިވާ ގާނޫނުގައިވާގޮތަށް، އަނެއް ގާނޫނުގެ ބޭނުމަށްވެސް އެ ބަސް މާނަކުރެވިދާނެއެވެ.

 

38 ވަނަ މައްދާ - ހުވައިކުރުމުގެ އުސޫލު

އެހެންގޮތަކަށް ގާނޫނެއްގައި ބަޔާންކޮށްފައިނުވާހާހިނދަކު، ހުވައެއްކުރުން ލާޒިމުވާ ހަމަކޮންމެ ދަނޑިވަޅެއްގައި، އެ ހުވައެއްކުރަންވާނީ ފަނޑިޔާރެއްގެ ކުރިމަތީގައެވެ.

 

39 ވަނަ މައްދާ - ކުންފުންޏާގުޅޭ

ގާނޫނެއްގައި ކުންފުންޏަކަށް ހަވާލާދޭކަމަށްވާނަމަ، އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާހާހިނދަކު، އަންނަނިވި ކަންކަން އެއީ، ގާނޫނީ އުސޫލުކަމުގައި ބަލައި، އެ ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ހ) ކުންފުންޏަކީ، އެ ކުންފުނީގެ ނަމުގައި ދައުވާ އުފުލުމާއި ދައުވާ ބަލައިގަތުމުގެ ބާރުލިބިގެންވާ ކުންފުންޏެއްކަން.

(ށ) ކުންފުނީގެ ނަމުގައި މުއާމަލާތްކުރުމުގެ ބާރު އެކުންފުންޏަށް ލިބިގެންވާކަމާއި، އެ ކުންފުންޏަކީ އަމިއްލަ ގާނޫނީ ށަހްސެއްކަން.

(ނ) ގާނޫނެއްގައި ބަޔާންކުރެވިފައިވާގޮތަށް ކުންފުނި އުވާނުލެވޭހާހިނދަކު، ދާއިމަށް އެ ކުންފުނި ދެމިއޮންނާނެކަން.

(ރ) ކުންފުންޏަކީ، މުދާ ހޯދުމާއި މުދާ ލިބިގަތުމުގެ ބާރުލިބިގެންވާ، ވަކި ސިއްކައެއް އޮތް މިނިވަން ށަހްސެއްކަން.

(ބ) ކުންފުނީގެ އަގުލަބިއްޔަތުކަމަށް ބެލެވޭ މެންބަރުން ނިންމާ ނިންމުމެއްގެ މައްޗަށް އެ ކުންފުނި ތަބާވާނެކަން.

(ޅ) ކުންފުނީގެ ޒިންމާތަކާއި އެ ކުންފުނީގެ ދަރަނިތަކަކީ، އެ ކުންފުނީގެ ވަކިވަކި ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ޒިންމާތަކަކާއި ދަރަނިތަކެއްކަން.

 

40 ވަނަ މައްދާ - މާނަކުރުން

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު:

"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާ ނުވަތަ ގާނޫނުގައި ބަޔާންކޮށްފައިވާ އެހެންވެސް އުސޫލަކުން ގާނޫނުގެ ގޮތުގައި ބެލެވޭ ގާނޫނުތަކަށެވެ.

"ގާނޫނުއަސާސީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށެވެ.

"ސަރުކާރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރަށެވެ.

"ރައީސުލްޖުމްހޫރިއްޔާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ އަދި އެ މަގާމުގައި ދެމިހުރި މީހާއަށެވެ.

"ރައްޔިތެއް" ކަމަށް ބުނެފައި އެވަނީ، އެ މީހެއްގެ ގައުމީ ނިސްބަތް ދިވެހިރާއްޖެއަށް ނިސްބަތްވާ ކޮންމެ މީހަކަށެވެ.

"ވަޒީރު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ ދަށުން ހަވާލުކުރެވޭ ވަކި މަސްއޫލިއްޔަތެއް އަދާކުރުމަށްޓަކައި އައްޔަންކުރެވޭ ވަޒީރަށެވެ.

"ކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ށަރުއީ ކޯޓަށެވެ.

"ފަނޑިޔާރު" ކަމަށް ބުނެފައި އެވަނީ، ހައިކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަށެވެ.

"މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހަށެވެ.

"އަމަލު" ކަމަށް ބުނެފައި އެވަނީ ކުށަކާގުޅޭގޮތުން، ވަކި އަމަލެއް ނުވަތަ ވަކި އަމަލުތަކެއް މެދުވެރިކޮށް ކުށް ކުރުމަށާއި، އަދި ބައެއް ހާލަތުގައި އަމަލެއް ނުކޮށް ނުވަތަ އަމަލުތަކެއް ނުކޮށް ކުށެއްކުރުމަށެވެ.

"އަމަލުކުރަން ފެށުން" ކަމަށް ބުނެފައި އެވަނީ، ގާނޫނެއް ދިވެހިރާއްޖޭގައި ހިންގަންފެށުމަށެވެ.

"ހިލާފުވުން" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި ބުނެފައިވާގޮތާ ހިލާފަށް އަމަލުކުރުމަށް ނުވަތަ ގާނޫނުގައި ކުރަން ބަޔާންކޮށްފައިވާ ކަމެއް ނުކުރުމަށް ނުވަތަ ނުކުރުމަށް ބުނެފައިވާކަމެއް ކުރުމަށެވެ.

"ގެޒެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރަސްމީ ހަބަރުތައް ށާއިއުކުރެވޭ ނޫހަށެވެ.

"މުދާ" ކަމަށް ބުނެފައި އެވަނީ، އުފުލޭ މުދަލާއި، ނުއުފުލޭ މުދަލާއި، މުދަލަކާގުޅޭ ގޮތުން ލިބިދޭ ހައްގުތަކާއި، ވާޖިބުތަކާއި، އެ މުދަލެއް ބޭނުންކުރުމަށް ލިބިދޭ އިހްތިޔާރާއި އިމްތިޔާޒު ހިމެނޭގޮތުންނެވެ.

"ރަސްމީ ބަންދު ދުވަސް" ކަމަށް ބުނެފައި އެވަނީ، ރަސްމީ ބަންދު ދުވަސްތައްކަމަށް، ގާނޫނުގައިވާ ގޮތުގެމަތިން، ކަނޑައަޅާފައިވާ ދުވަސްތަކަށެވެ.

"ސިއްކަ" ކަމަށް ބުނެފައި އެވަނީ، ދިވެހި ދައުލަތުގެ ނިށާނަށެވެ.

"ބާތިލުވުން" ކަމަށް ބުނެފައި އެވަނީ، އަމަލުކުރުން ހުއްޓާލުމަށާއި، ކެންސަލްކުރުމަށާއި، އޮތް އެއްޗެއް އެހެންގޮތަކަށް ބަދަލުކުރުމަށާއި، އެކަހެރިކުރުމަށެވެ.

"ސޮއި" ކަމަށް ބުނެފައި އެވަނީ، މީހާގެ ނަން އޭނާގެ އަތުން ލިޔާލިޔުމަށާއި، ކިޔަން އެނގޭގޮތަށް ނުވަތަ ނޭނގޭގޮތަށްނަމަވެސް، ކުރެހުމުންނާއި ނިށާނުންނާއި އަކުރުން އޭނާގެ ނަން އޭނާގެ ސޮއިގެގޮތުގައި ދައްކައިދޭ ގޮތަށާއި، ލިޔަންކިޔަން ނުދަންނަ މީހުން އިނގިލީގެ ނިށާން ދޭދިނުން ހިމެނޭގޮތުންނެވެ.

"އުޅަނދު" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދުފަހަރާއި، ކަނޑުގެ އުޅަނދުފަހަރާއި، ވައިގެ އުޅަނދުފަހަރު ހިމެނޭގޮތުންނެވެ.

"ލިޔުމުން" ކަމަށް ބުނެފައި އެވަނީ، ޗާޕްކޮށްގެން، ނުވަތަ ކުރަހައިގެން، ނުވަތަ އަތުންލިޔެގެން، ނުވަތަ ފޮޓޯ ނަގައިގެން، ނުވަތަ އެނޫންވެސްގޮތަކަށް މީހަކަށް ކިޔަން އެނގޭގޮތަށް އަކުރުތަކަކުން އެކުލަވާލެވިފައިވާ އެއްޗެއްސަށެވެ.

"މަސައްކަތް" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތްކުރުމަށް ލިބިދޭ ބާރާއި، އެ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި، އެ މަސައްކަތްކުރުމަށް ލިބިދޭ ހައިސިއްޔަތާއި، އެ މަސައްކަތްކުރުމަށް ލިބިދޭ ދާއިރާއާއި އިހްތިސާސް ހިމެނޭގޮތުންނެވެ.

"މުފްރަދު" މާނަދޭހަވާގޮތަށް ބޭނުންކުރެވިފައިވާ މާނައިގައި ޖަމްއުކޮށް ބޭނުންކުރާ މާނަވެސް ހިމެނިގެންވެއެވެ.

"އަންހެނަކަށް" އިށާރާތްކުރުމުގައި ފިރިހެނަކަށްވެސް އިށާރާތްކުރެވިގެންވެއެވެ. ފިރިހެނަކަށް އިށާރާތްކުރުމުގައި އަންހެނަކަށްވެސް އިށާރާތްކުރެވިގެންވެއެވެ.

(ށ) ވަކި ބަހެއް ވަކި ޒަމާނެއްގައި ބޭނުންކޮށްފައިވާނަމަ، އެ ބަސް އެހެން ޒަމާންތަކަށްވެސް އެ މާނައިގައި ބަދަލުކުރެވިގެންދާނެއެވެ.

 

41 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު