-

ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2011-09)

(މި ގާނޫނަށް އަމަލުކުރަން ފެށީ 11 މެއި 2011 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 11 ވަނަ މާއްދާއިން، ދިވެހިރާއްޖޭގެ ގައުމީ ބަހަކީ، ދިވެހިބަސްކަމަށް ކަނޑައަޅާފައި އޮތުމާއެކު، ދިވެހިރާއްޖޭގެ ގައުމިއްޔަތުގެ އެންމެ ވަރުގަދަ އެއްތަނބަކީ، ދިވެހިބަސްކަމަށްވެފައި، ބަވަނަވަމުން އަންނަ ދުނިޔޭގައި، އެއް ސަގާފަތާއި އަނެއް ސަގާފަތާ، އެއްބަހާއި އަނެއްބަސް ގައިގޯޅިވެ، ބަސްމޮށެއުޅޭ އާބާދީމަދު ބަސްތައް ނެތިގެން ހިނގައިދާނެކަމުގެ އިންޒާރު، އދ. ގެ ތައުލީމާއި، ސައިންސާއި، ސަގާފަތާބެހޭ ޖަމްއިއްޔާއިންދެމުން ގެންދާއިރު، އެކަމަށް ރައްކާތެރިވުމަކީ ދިވެހިން ލަސްނުކޮށް ކޮންމެހެން ކުރަންވެއްޖެ ކަމެއްކަމަށް ފެންނާތީ، ދިވެހިބަސް ހިމާޔަތްކޮށް، ރައްކާތެރިކޮށް، ދިރުވައި، ދަމަހައްޓައި، ކުރިއަރުވައި، މުއްސަނދިކޮށް، އަންނަންއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާސިލުކޮށްދިނުމަކީ، އަބަދުވެސް އެއިރެއްގައިއޮތް ދިވެހި ޖީލެއްގެ މަސްއޫލިއްޔަތެއް ކަމުގައިވާތީ، މި މުހިންމު މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދިވެހި ރައްޔިތުން ލިބިގަތް ގާނޫނެކެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު" މިހެންނެވެ.

 

2 ވަނަ މާއްދާ – މަގްސަދު

(ހ) މި ގާނޫނުގެ މައިގަނޑު މަގްސަދަކީ، ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސްކަމުގައިވާ، އަދި އެންމެ އަގުބޮޑު އެއް ތަރިކަކަމުގައިވާ ދިވެހިބަސް ހީނަރުވިޔަނުދީ ހިމާޔަތްކުރުމާއެކު، ބަސް ތަރައްގީކޮށް ކުރިއަރުވައި، އަންނަންއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާސިލުކޮށްދިނުމެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައިގަނޑު މަގްސަދުގެ ތަފްސީލު ތިރީގައި މިވަނީއެވެ.

  1. ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ އެއް އަސްލަކީ ދިވެހިބަސްކަމުގައިވާތީއާއި، ދިވެހީންގެ މާދަރީ ބަހަކީ ދިވެހި ބަސްކަމުގައިވާތީ، ދިވެހިރާއްޖޭގެ ރަސްމީ ބަސް، ދިވެހި މުއާމަލާތުތަކުގައި ބޭނުންކުރުން އިސްކުރުން.
  2. ދިވެހިބަސް ތަރައްގީކޮށް ކުރިއަރުވައި، ބަސް ހީނަރުވުމަށް ދިމާވާ ކަންތައްތަކުން، ބަސް ހިމާޔަތްކުރުން.
  3. ދިވެހިބަހަކީ، އާންމު މުއާމަލާތްތަކުގައި ބޭނުންކުރާ، ބަހެއްގެ ގޮތުގައި ދެމެހެއްޓުން.
  4. ދިވެހިބަހަށް ދިވެހީން ދޭ ސަމާލުކަން އިތުރުކުރުމަށާއި، ދިވެހިބަސް ތަރައްގީކުރުމަށް ބޭނުންވާ ހަރަކާތްތައް ރާވައި، ކުރިއަރުވައި، ތަންފީޒުކޮށް، މުރާޖައާކުރާނެ ގައުމީ އޮނިގަނޑެއް އުފައްދައި އެތަނުގެ މަގްސަދުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ގައުމީ ބަހާއި ރަސްމީ ބަސް ބޭނުންކުރުން

(ހ) ދިވެހިރާއްޖޭގެ ގައުމީ ބަހަކީ އަދި ރަސްމީ ބަހަކީ ދިވެހިބަސްކަމަށްވުމާއެކު، ދިވެހި ދައުލަތުގެ ރަސްމީ އެންމެހައި މުއާމަލާތުތައް ކުރަންޖެހޭނީ ދިވެހިބަހުންނެވެ.

(ށ) ދިވެހިބަހުން މުއާމަލާތުކުރަން ނޭނގޭ ބޭރުގެ ފަރާތްތަކާ، ދިވެހިބަސް ނޫން ބަހަކުން މުއާމަލާތުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) ދިވެހި ދައުލަތުގެ ހުރިހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެންމެހައި ތަންތާނގެ ލިޔެކިޔުންތަކުގެ ތެރެއިން، ބޭރުބަހަކުން ކޮންމެހެން ހުންނަންޖެހޭ ލިޔެކިޔުންތަކާއި، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިސްތިސްނާކޮށްފައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔެކިޔުންތައް ދިވެހިބަހުން ތާނައަކުރުން ހުންނަންޖެހޭނެއެވެ.

 

4 ވަނަ މާއްދާ - ރަސްމީ ލިޔެކިޔުންތައް

(ހ) ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކުން ދިވެހިންނަށް އަމާޒުކޮށްގެން ލިޔާ އެންމެހައި ލިޔުންތަކުގެ ތެރެއިން، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިސްތިސްނާކޮށްފައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔުންތައް ލިޔަންވާނީ ދިވެހިބަހުން ތާނަ އަކުރުންނެވެ.

(ށ) ބައިނަލްއަގްވާމީ އެކިއެކި އެއްވުންތަކުގައި ދިވެހިބަސް ނޫން ބަހަކުން ވާހަކަދައްކައި ތަގުރީރުކުރުން، މި ގާނޫނު މަނައެއް ނުކުރެއެވެ.

(ނ) ރާއްޖެއިން ބޭރުގައި އޮންނަ ބައްދަލުވުންތަކާއި، އެއްވުންތަކާއި، ޖަލްސާތަކުގައި ރާއްޖޭގެ ފަރާތުން ދައުލަތުގެ އިސްވެރިން ދިވެހިބަހުން ނޫން ބަހަކުން ދޭ ތަގުރީރުތަކުގެ ތެރެއިން ދިވެހިންގެ އާންމު މަސްލަހަތާގުޅޭ ތަގުރީރުތައް، ދިވެހިބަހުން ތަރުޖަމާކޮށް، ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގައި ނުވަތަ ގައުމީ ކުތުބުހާނާގައި ރައްކާކުރުމަށްޓަކައި އެތަނަކާ ހަވާލުކުރަންވާނެއެވެ. މިކަންކުރާނީ އެ ތަގުރީރު ދޭ މީހަކު ނުވަތަ އެ ކަރުދާހެއް ހުށަހެޅި މީހަކު ތަމްސީލުކުރާ މުއައްސަސާ އަކުންނެވެ.

 

5 ވަނަ މާއްދާ - ނަންކިޔުން

(ހ) ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަންކިޔުމުގައާއި، ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތާނގެ ނަން ނުވަތަ ނަމުގެ މާނަ އެތަނެއްގެ ނަމުގެ ތިރީގައި ނުވަތަ ނަމުގެ ވާތްފަރާތުގައި އެހެންބަހަކުން ނުވަތަ ބަސްތަކަކުން ލިޔެފައި ހުރުމަކީ މި ގާނޫނު މަނާކުރާކަމެއް ނޫނެވެ.

(ނ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައިވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ތާނަ ފިޔަވައި އެހެން އަކުރަކުން ނުވަތަ އެހެން ބަހަކުން ލިޔެފައިވާނަމަ، އެ ލިޔުމެއް ތާނައަކުރުން ލިޔެފައިވާ ލިޔުމަށްވުރެ ބޮޑުވެގެންނުވާނެއެވެ.

 

6 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ބޭރުގެ މުގައްރިރުން ދޭ ތަގުރީރުތައް ދިވެހިބަހުން ތަރުޖަމާކުރުން

ސީދާ ދިވެހި ދައުލަތުގެ މުއައްސަސާތަކުން އިންތިޒާމުކޮށްގެން ދިވެހިރާއްޖޭގައި ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ޖަލްސާތަކުގައި ބިދޭސީ އިލްމުވެރިންނާއި، މާހިރުންނާއި، މުރުށިދުންނާއި، ވާއިޒުންނާއި، މުގައްރިރުން، ދިވެހީންނާ މުހާތަބުކޮށް ދިވެހިބަސް ނޫން ބަހަކުން ދޭ ތަގުރީރުތައް، އެ ތަގުރީރުތައް އަޑުއަހަންޖެހޭ މީހުންނަކީ އެ ތަގުރީރެއްދޭ ބަސް އެނގިފައިތިބުން ލާޒިމުވާ ބަޔަކަށްނުވާނަމަ، އެ ތަގުރީރެއް ދެމުންގެންދާ ވަގުތު ދިވެހިބަހުން ތަރުޖަމާކޮށް އިއްވަމުން ގެންދަންވާނެއެވެ. ނުވަތަ ބޭނުންވާ ފަރާތްތަކަށް ލިޔުމުން ލިބޭނޭ އިންތިޒާމު ނުވަތަ ފެންނާނެ އިންތިޒާމު ފަހުން ހަމަޖައްސަންވާނެއެވެ.

 

7 ވަނަ މާއްދާ - ދިވެހިބަހުގެ އެކެޑަމީ

(ހ) މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި "ދިވެހިބަހުގެ އެކެޑަމީ" ގެ ނަމުގައި 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ މުއައްސަސާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކެޑަމީއަށް މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) އެކެޑަމީގެ 5 (ފަހެއް) މެންބަރުންގެ ތެރެއިން ރައީސާއި، ނައިބުރައީސް ފިޔަވައި އަނެއް 3 (ތިނެއް) މެންބަރުންނަކީ ޕާޓްޓައިމް މުވައްޒަފުންނެވެ.

 

8 ވަނަ މާއްދާ - މުސާރައާއި އިނާޔަތް

(ހ) ދިވެހިބަހުގެ އެކެޑަމީގެ ރައީސާއި، ނައިބުރައީސަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ރައީސާއި ނައިބުރައީސް ފިޔަވައި އެހެން މެންބަރުން ބައިވެރިވާ، އެކެޑަމީގެ ޖަލްސާތަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، އެލަވަންސެއް ދެވިދާނެއެވެ.

 

9 ވަނަ މާއްދާ - އެކެޑަމީގެ މެންބަރުންގެ ށަރުތު

މި ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކެޑަމީގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން.

(ށ) އެ މީހެއްގެ މާދަރީބަހަކީ ދިވެހިބަސް ކަމުގައިވުން.

(ނ) ސާފު ދިވެހިބަހުން ވާހަކަދައްކަން ދަންނަ މީހަކު ކަމުގައިވުން.

(ރ) ދިވެހިބަހުގެ ގަވާއިދާއި ހަމަތަކަށް ފައްތައިގެން ވާހަކަދައްކައި ލިޔެކިޔައި ހަދަން އެނގޭ މީހަކު ކަމުގައިވުން.

(ބ) ބަހަވީ އިލްމުގެ ދާއިރާއިން ނުވަތަ އަދަބިއްޔާތުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ މީހެއް ކަމުގައިވުން، ނުވަތަ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަދުވެގެން 10 (ދިހައެއް) އަހަރު ހިދުމަތްކޮށްފައިވާ މީހެއް ކަމުގައިވުން، ނުވަތަ 10 (ދިހައެއް) އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހިބަސް ކިޔަވައިދިނުމުގައި ހިދުމަތްކޮށްފައިވާ މީހަކު ކަމުގައިވުން، ނުވަތަ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަކުން ގައުމީ ފެންވަރުގެ އިނާމެއް

(ޅ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) ކުޑަކުއްޖަކާމެދު ބަދުއަހްލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(އ) އުމުރުން މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

 

10 ވަނަ މާއްދާ - އެކެޑަމީގެ ރައީސާއި ނައިބުރައީސް

އެކެޑަމީގެ މެންބަރުންގެ ތެރެއިން އެކެޑަމީގެ ރައީސަކާއި ނައިބުރައީސެއް އިންތިހާބުކުރަންވާނެއެވެ. މިގޮތުން، މި ދެ މަގާމަށް މީހުން ހޮވޭނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން، އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

 

11 ވަނަ މާއްދާ - ރައީސާއި ނައިބުރައީސްގެ މަސްއޫލިއްޔަތު

(ހ) ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1.  އެކެޑަމީގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދީ، އެ މަސްއޫލިއްޔަތުތައް އަދާކުރެވެމުންދޭތޯ ކަށަވަރުކުރުން.
  2. އެކެޑަމީގެ ޖަލްސާތައް ބޭއްވުމާއި ރިޔާސަތު ބެލެހެއްޓުން.
  3. އަދަބީ ޖަމްއިއްޔާތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުން.
  4. ފަންނީ ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކޮށް ހިނގާ ނުހިނގާގޮތް ބެލުން.
  5. އެކެޑަމީގެ މަސައްކަތްތަކާ ގުޅިގެން ކަމާބެހޭ ވަޒީރަށް ޖަވާބުދާރީވުން.
  6. މި ގާނޫނު ތަންފީޒުކުރެވެމުންދޭތޯ ބަލައި، އެކަން ކަށަވަރުކުރުން.

(ށ) ނައިބުރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1.  ރައީސްގެ ލަފާގެ މަތީން، އެކެޑަމީގެ އިދާރީ ހުރިހާ ކަމެއް ވިލަރެސްކުރުން.
  2. ރައީސް ނެތް ހާލަތެއްގައި ނުވަތަ މަސައްކަތަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި އޭނާގެ މަސްއޫލިއްޔަތު އަދާކުރުން.
  3. މީގެ އިތުރުން، މި ގާނޫނުގެ ދަށުން އެކެޑަމީގެ މަގްސަދު ހާސިލުކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުން.

 

12 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތު

މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އެކެޑަމީގެ ޖަލްސާތަކުގައި ބައިވެރިވުން.

(ށ) އެކެޑަމީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މަސައްކަތްކުރުން.

(ނ) މި ގާނޫނުގައިވާ ގޮތުގެމަތިން، އެކެޑަމީގެ މަގްސަދު ހާސިލުކުރުމަށްޓަކައި ރައީސް އަންގާ ކޮންމެ މަސައްކަތެއް ކުރުން.

 

13 ވަނަ މާއްދާ - އެކެޑަމީގެ މެންބަރުންގެ މުއްދަތު

(ހ) އެކެޑަމީގެ މެންބަރުކަމުގެ މަގާމުގެ މުއްދަތަކީ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން މީލާދީ 5 (ފަހެއް) އަހަރު ދުވަހެވެ.

(ށ) މެންބަރުކަމުގެ މަގާމުގައި އެއް ދައުރުގައި ހުރި މީހަކު ނުވަތަ ތިބި ބަޔަކު ދެވަނަ ދައުރަކަށް އައްޔަނުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

14 ވަނަ މާއްދާ - މަގާމުން ވަކިވުން ނުވަތަ މަގާމު ހުސްވުން

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ދިމާވެއްޖެނަމަ، މެންބަރުކަމުގެ މަގާމު ހުސްވީއެވެ.

  1.  މެންބަރު އިސްތިއުފާ ދިނުން.
  2. މެންބަރު މަރުވުން.
  3. މެންބަރެއްގައި ހުރުން ލާޒިމުވާ ސިފައެއް ނުވަތަ ށަރުތެއް އޭނާގެ ކިބައިގައި ނެތުން ނުވަތަ ށަރުތެއް އުނިވެއްޖެކަމަށް ށަރީއަތަށް ސާބިތުވުން.
  4. މެންބަރުކަމުގެ މުއްދަތު ހަމަވުން.

(ށ) މި މާއްދާގެ (ހ) ގައި ބުނާ ގޮތުގެމަތިން، މީހަކު ވަކިވެއްޖެނަމަ، ނުވަތަ މަގާމު ހުސްވެއްޖެނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް އެހެން މީހަކު، މި ގާނޫނުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - އެކެޑަމީގެ މަސްއޫލިއްޔަތު

"ދިވެހިބަހުގެ އެކެޑަމީ" ގެ މަސްއޫލިއްޔަތުތައް ތިރީގައި  ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިބަސް ހިމާޔަތްކޮށް ތަރައްގީކުރުމަށްޓަކައި މަސައްކަތްކުރުން.

(ށ) ދިވެހިރާއްޖޭގެ އިދާރީ ހިންގުމާއި، ވިޔަފާރިއާއި، ތައުލީމާއި، އެހެނިހެން އާންމު މުއާމަލާތުތަކުގައި އެންމެ ބޮޑަށް ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ދަމަހައްޓައި ދިވެހިބަސް ފެތުރުން.

(ނ) ދިވެހިބަސް ބޭނުން ކުރަންޖެހޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ބަހުގެ ގަވާއިދު އެކުލަވާލައި މިކަންކަން އާންމުކޮށް ފެތުރުން.

(ރ) ދިވެހިބަހުގެ ގަވާއިދާއި ބަސް ބޭނުންކުރުމުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ބަސް ބޭނުންކުރަމުން ގެންދޭތޯ ބަލައި، ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.

(ބ) ދިވެހިންގެ ސަގާފަތާއި، އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންކަމާބެހޭ ހޭލުންތެރިކަން އިތުރުކޮށް އެކަންކަން ދިރުވައި އާލާ ކުރުން.

(ޅ) ދިވެހިބަހާއި، ތާރީހާއި، ސަގާފަތާއި، ތަރިކައާބެހޭ މައުލޫމާތު އާންމުކުރުމުގައި އެ މައުލޫމާތުގެ ސައްހަކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ކ) ރާއްޖޭގައި ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކުގެ ތެރެއިން ދިވެހިބަހާއި، އަދަބިއްޔާތާއި، ސަގާފަތާއި، ތަރިކައާބެހޭ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރުން.

(އ) ދިވެހިބަސްފޮތްތައް އެކުލަވާލައި ށާއިއު ކުރަމުންގެންދިޔުން.

(ވ) ދިވެހިބަހާއި، ތާރީހާބެހޭ މަށްރޫއުތަކާއި ޕްރޮގްރާމުތައް ރާވައި، ފަރުމާކޮށް، ހިންގުން.

(މ) ދިވެހިބަހާއި، ތާރީހާބެހޭ އިލްމީ ދިރާސާތަކާއި، އިލްމީ ހަރަކާތްތައް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގުން.

(ފ) ދިވެހިބަހާއި، ތާރީހާބެހޭ ފޮތާއި، މޮނޮގްރާފާއި، ރިޕޯޓުތަކާއި، މަޖައްލާތަކާއި، މިފަދަ އެންމެހައި ތަކެތި ށާއިއުކުރުމާއި، ދިވެހިބަހާއި، ތާރީހާބެހޭ މައުލޫމާތު ގިންތިކޮށް، ތަރުތީބުކޮށް، ފަތުރާ މަރުކަޒެއްގެ ގޮތުގައި ހަރަކާތްތެރިވުން.

(ދ) ދިވެހިބަހާއި ތާރީހާބެހޭ ކުރު ކޯސްތަކާއި ޕްރޮގްރާމްތައް އަމިއްލަ ފަރާތްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކަށް ހިންގުމާއި ހިންގުވުން.

(ތ) ސެމިނަރތަކާއި، މައުރަޒުތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ކޮންފަރަންސްތައް އަމިއްލައަށް ނުވަތަ އެހެން ފަރާތްތަކާ ގުޅިގެން އިންތިޒާމުކޮށް ހިންގުން.

(ލ) ދައުލަތާއި އެހެން ފަރާތްތަކުން އެކިއެކި އެހީތައް ލިބިގަތުމާއި، އެ ފައިސާ ތަނުގެ މަގްސަދުތައް ހާސިލުކުރުމަށް ބޭނުންކުރުން.

(ގ) މި ގާނޫނުގައިވާ ގޮތުގެމަތިން، އެކެޑަމީން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން.

 

16 ވަނަ މާއްދާ - އެކެޑަމީގެ ބާރު

(ހ) ދައުލަތުގެ އެންމެހައި މުއާމަލާތުތަކެއްގައި ދިވެހިބަހާބެހޭ ގޮތުން އެކެޑަމީން ދޭ ލަފަޔަށް ހުރިހާ ފަރާތަކުންވެސް އިހްތިރާމުކުރަންވާނެއެވެ.

(ށ) އެކެޑަމީން ކަންކަން ނިންމަންވާނީ އެކެޑަމީގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ނ) ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާބެހޭ ގޮތުން އެންމެ ފަހުބަސް ބުނާ ފަރާތަކީ، އެކެޑަމީއެވެ. ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާބެހޭ ގޮތުން ބުނާ އެންމެ ފަހުބަސް އެއީ، އެކެޑަމީގެ ބަހެއްކަމަށް ވާނީ، އެކެޑަމީގެ ރަސްމީ ލެޓަރހެޑްގައި ލިޔެ، ރައީސް ސޮއިކޮށް، އެކެޑަމީގެ ތައްގަނޑު ޖަހާފައިވާނަމައެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، ބަހުގެ ގަވާއިދާއި ހަމަތަކާބެހޭ ގޮތުން އެއްވެސް މީހަކު މިނިވަންކަމާއެކު، ހިޔާލުފާޅުކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

17 ވަނަ މާއްދާ - އެކެޑަމީގެ އިދާރާ

(ހ) ދިވެހިބަހުގެ އެކެޑަމީ އުފެދުމާއެކު ކުރީގެ "ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު" ގައި ހުރި އެތާނގެ ވަސީލަތްތަކުގެ ތެރެއިން، ބަހާއި، އަދަބާގުޅޭ ވަސީލަތްތަކަކީ، ދިވެހިބަހުގެ އެކެޑަމީގެ ބައެއްގެގޮތުގައި ހަމަޖެހުނީއެވެ.

(ށ) ދިވެހިބަހުގެ އެކެޑަމީއަކީ، ސަރުކާރުގެ މުއައްސަސާއެއް ކަމަށްވާތީ، އެކެޑަމީ ހިންގާނެ އޮފީހަކާއި، ބަޖެޓް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އެކެޑަމީއަށް ހަމަޖައްސައިދޭންވާނެއެވެ.

(ނ) އެކެޑަމީއަށް ބޭނުންވާނެ ފަންނީ މުވައްޒަފުންނާއި، އިދާރީ އެހެން މުވައްޒަފުންނާއި، ވެރިން، ސިވިލް ސަރވިސް ކޮމިށަނުން ހަމަޖައްސާ އުސޫލެއްގެމަތިން ލިބިދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެންމެހައި މުވައްޒަފުންނަކީ، ސިވިލް ސަރވިސްގެ މުވައްޒަފުން ކަމަށްވާތީ، އެމީހުންނަށް ލިބިދެވޭ މުސާރައާއި މާލީ އިނާޔަތްތައް ކަނޑައަޅާނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެމަތިން، ސިވިލް ސަރވިސް ކޮމިށަނުންނެވެ.

 

18 ވަނަ މާއްދާ - އެހެނިހެން ކަންތައްތައް

(ހ) ދިވެހިރާއްޖޭގައި ހިންގާ ކޮންމެ މަދަރުސާއެއްގައި ދިވެހިބަސް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ވާނެއެވެ.

(ށ) ދިވެހިރާއްޖޭގައި ކިޔަވައިދޭ އެންމެހައި މަރުކަޒުތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުން ހިންގާ 3 (ތިނެއް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތުގެ އަމިއްލަ ކޮންމެ ކޯހެއްގައިވެސް "ދިވެހިބަސް" ނުވަތަ ދިވެހި ތާރީހާބެހޭ މަދުވެގެން 1 (އެކެއް) މާއްދާ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ދިވެހިބަހުން ކިޔަވައިދޭން ވާނެއެވެ.

 

19 ވަނަ މާއްދާ - ކުށް ކަނޑައެޅުން

(ހ) އެއްވެސް މީހަކު މި ގާނޫނާ ހިލާފުވެއްޖެނަމަ، އެ މީހަކު އެ ކުރީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށުގެ އަދަބަކީ، 500 (ފައްސަތޭކަ) ރުފިޔާ އާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

 

20 ވަނަ މާއްދާ - ގަވާއިދު ހެދުން

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ދިވެހިބަހުގެ އެކެޑަމީންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 120 (ސަތޭކަ ވިހި) ދުވަހުގެ ތެރޭގައި އެ ގަވާއިދުތައް އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

22 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު؛

(ހ) "ލިޔުން" ނުވަތަ "ލިޔުންތައް" ކަމަށް ބަޔާންކޮށްފައި އެވަނީ، ރަސްމީ ގޮތުން ނުވަތަ ރަސްމީ ބޭނުމަކަށްޓަކައި، ލިޔާ މެމޯ އާއި، ނޯޓުތަކާއި، ނޯޓުސިޓީ އާއި، ސިޓީއާއި، މެސެޖާއި، ފެކުހާއި، އާންމު ސިޓީއާއި، އެންގުންތަކާއި، ދެންނެވުންތަކާއި، ސަރކިޔުލަރއާއި، ރިޕޯޓާއި، އިއުލާނާއި، ގަރާރާއި، އެއްބަސްވުންތަކާއި، ބީލަމާބެހޭ ލިޔުންތަކާއި، ޔައުމިއްޔާއާއި، ޖަލްސާތަކުގެ ޔައުމިއްޔާއާއި، ދައުވަތުކާޑާއި، ޕްރޮގްރާމާއި، އެޖެންޑާފަދަ އެންމެހައި ތަކެތި ހިމެނޭ ގޮތުންނެވެ.

(ށ) "މަތީ ތައުލީމު ހާސިލުކޮށްފައިވުން" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހި ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ނުވަތަ އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމަށެވެ.

(ނ) "އެކެޑަމީ" ކަމަށް ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގެ ދަށުން އުފެދޭ "ދިވެހިބަހުގެ އެކެޑަމީ" އަށެވެ.

(ރ) "ދުވަސްތައް ފާހަގަކުރުން" ކަމަށް ބުނެފައި އެވަނީ، އެ ދުވަހަކާގުޅޭ އެކި އެކި ހަރަކާތްތައް ހިންގުމަށެވެ.

(ބ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ތައުލީމާބެހޭ އެންމެހައި ކަންތައްތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ޅ) "ދިވެހި ދައުލަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، ތަންތަން ހިމެނޭ ގޮތުންނެވެ.

(ކ) "ދިވެހިރާއްޖޭގެ ގައުމީ އަރުށީފު" ކަމަށް ބުނެފައި އެވަނީ، ގައުމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ދައުލަތުން ކަނޑައަޅާ މުއައްސަސާއަކަށެވެ.

(އ) "މަދަރުސާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ނިޒާމީ އާންމު ތައުލީމުދޭ ސްކޫލްތަކާއި، މަދަރުސާތަކާއި، މަރުކަޒުތަކަށެވެ.

(ވ) "މީހުން ދިރިއުޅޭ ރަށް" ކަމަށް ބުނެފައި އެވަނީ، މީހުން ރަށްވެހިވެ، ނުވަތަ ވަޒަންވެރިވެ، ރަޖިސްޓަރީވެގެން މީހުން ދިރިއުޅޭ ރަށްރަށަށެވެ.

 

--------------- 


ޖަދުވަލު 1

މި ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި 4 ވަނަ މާއްދާގެ (ހ) އިން އިސްތިސްނާކުރެވޭ ލިޔުންތައް

  1. އިލްމީ ނުވަތަ ޑޮކްޓަރީ ތަހުލީލުތަކުގެ ރިޕޯޓް
  2. ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީ
  3. ރަސްމީ ލިޔުމަކަށް ނުވާ ގޮތަށް ކުރެވޭ ނޯޓުކުރުންތައް
  4. ދެލިކޮޕީތައް
  5. ދިވެހިބަހުން ލިޔެފިނަމަ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެދާނެ ފަންނީ ނުވަތަ ޓެކްނިކަލް ލިޔުންތައް.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2011-09)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ދިވެހިބަހަށް އިސްކަން ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-43))

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު