-

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2009-01)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ އުސޫލާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށްޓަކައި ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައަޅާނެ ގޮތާއި، އެ އިންތިހާބީ ދާއިރާތަކުގެ ސަރަހައްދުތައް ކަނޑައަޅާނޭގޮތް ބަޔާންކުރާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން

މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގެ ކުރީން އިންތިހާބީ ދާއިރާތަކުގެ ނަންތަކާއި، އިންތައް ކަނޑައަޅައި، ވަކިކޮށް، އެކަންކަމަށް ބަދަލުގެނެސް، މުރާޖައާ ކުރަމުން ގެންދިއުމާއި، މިކަންކަމަށް ގެނެވޭ ބަދަލުތައް ސަރުކާރުގެ ގެޒެޓްގައި ށާއިއުކޮށް، އަދި އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި އިންތިހާބީ ދާއިރާތަކުގެ ސަރަހައްދުތައް ކަނޑައެޅުމުގެ ކަންތައްތައް ހިންގައި ބަލަހައްޓާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

3 ވަނަ މާއްދާ - މައުލޫމާތު ހޯދުމުގެ ބާރާއި އިހްތިޔާރު

މި ގާނޫނުގެ ދަށުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގެ ބާރާއި އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. އަދި މިގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ މައުލޫމާތު ދިނުމަކީ އެކަމަށް އެދި އިލެކްށަންސް ކޮމިށަނުން އަންގާ ފަރާތްތަކަށް ލާޒިމުވެގެންވާ ކަމެކެވެ.

 

4 ވަނަ މާއްދާ - ސަރުކާރުގެ އިދާރާތަކުން އެހީތެރިކަން ދިނުން

މި ގާނޫނުގެ ދަށުން އިލެކްށަންސް ކޮމިށަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އެކޮމިށަނަށް ސަރުކާރުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަމާއި، ވަސީލަތްތަކާއި، ހިދުމަތްތައް އެއިދާރާތަކުން އިލެކްށަންސް ކޮމިށަނަށް ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ އުސޫލު

(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާނީ އަންނަނިވި އުސޫލުންނެވެ.

ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5,000 (ފަސްހާސް) މީހަކަށް ނުވަތަ 5,000 (ފަސްހާސް) މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް 2 (ދޭއް) މެންބަރުން.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5,000 (ފަސްހާސް) އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5,000 (ފަސްހާސް) މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް 1 (އެކެއް) މެންބަރެއް.

(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި އިދާރީ ދާއިރާކަމުގައި ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ގޮތުގައި ބަލާ ވިހި އަތޮޅާއި މާލެއާއެކު ޖުމްލަ އެކާވީސް ދާއިރާއަށެވެ. އިދާރީ ދާއިރާތަކުގެ ތަފްސީލު ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި އެވަނީއެވެ.

(ނ) މި ގާނޫނުގެ ބޭނުމަށްޓަކައި "ރަޖިސްޓަރީކުރެވިފައިވާ އާބާދީ" އަދަދުކުރުމުގައި ބަލާނީ ކޮންމެ މީހަކުވެސް އެމީހެއްގެ ދާއިމީ އެޑްރެސްގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ ތަނެކެވެ.

(ރ) މި ގާނޫނުގެ ދަށުން "ރަޖިސްޓަރީކުރެވިފައިވާ އާބާދީ" ބެލުމުގައި، އެދާއިރާއިން ކަނޑައަޅާ އާބާދީގެ ތެރޭގައި ދިރިއުޅޭ މީހުންގެތެރޭގައި ހިމެނޭ، މާލޭގެ ދަފްތަރުގައި ޖައްސާފައިވާ މީހުންގެ ނަމާއި، ރަށުގެ އެޑްރެހާއި، ދަފްތަރު ނަންބަރާއި، އަދި އެމީހަކު މިހާރު އެދާއިރާއެއްގައި ދިރިއުޅޭ އެޑްރެސް އެނގޭނެގޮތަށް، އެމީހަކާބެހޭ މައުލޫމާތު، އިލެކްށަންސް ކޮމިށަނުން ހޯދާންވާނެއެވެ. އަދި އެމައުލޫމާތު ލިބުނުވަރަކުން، އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކުރަމުން ގެންދަންވާނެއެވެ.

 

6 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެނުވީ އިންތިހާބީ ދާއިރާތަކަށް ބަދަލުނުގެނައުން

(ހ) ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހަމަވުމުގެ ސަބަބުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމުގެ ކުރިން އިދާރީ ދާއިރާތަކުގެ އާބާދީއަށް ބަދަލުތަކެއް އައިނަމަވެސް، މި ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ އެއްވެސް އިދާރީ ދާއިރާއަކަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލެއް ނާންނާނެއެވެ.

(ށ) ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހަމަވުމުގެ ސަބަބުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ބޭނުމަށްޓަކައި މެނުވީ، އިންތިހާބީ ދާއިރާތަކަށް ބަދަލެއް ގެނެސްގެންނުވާނެއެވެ.

 

7 ވަނަ މާއްދާ - އިދާރީ ދާއިރާގެ އާބާދީގެ އަދަދުތައް ހޯދުން

(ހ) ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ 12 (ބާރަ) މަސްދުވަހާއި 10 (ދިހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދުތައް އިލެކްށަންސް ކޮމިށަނުން ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ހޯދުމަށްޓަކައި އިލެކްށަންސް ކޮމިށަނުން ބޭނުންކުރަންވާނީ މި މާއްދާގެ (ހ) ގައި ބުނެފައިވާ މުއްދަތުގެ ތެރެއިން ވަކި ތާރީހެއްގެ ނިޔަލަށް އެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީއެވެ. އަދި މިގޮތުން ހުރިހާ އިދާރީ ދާއިރާއެއްގެ އާބާދީގެ އަދަދު ހޯދުމަށް ބޭނުންކުރަންވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އެއް ތާރީހެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދުތައް ފަސޭހައިން އަދި އަވަހަށް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން، ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީކުރެވިފައިވާ އާބާދީއަށް އަންނަ ބަދަލުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެހީއާއެކު ގަވާއިދުން އަޕްޑޭޓް ކުރެވޭނެ ނިޒާމެއް އިލެކްށަންސް ކޮމިށަނުން ގާއިމުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުން

(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ހޯދާ މައުލޫމާތުގެ މައްޗަށް ބިނާކޮށް މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން، ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު އިލެކްށަންސް ކޮމިށަނުން ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދުތަކާއި، ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީކުރެވިފައިވާ ޖުމްލަ އާބާދީގެ އަދަދުތައް މި ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ. އަދި އެ މައުލޫމާތުތައް އިލެކްށަންސް ކޮމިށަނުން ސިޔާސީ ޕާޓީތަކަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

9 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުން

(ހ) މި ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން އިއުލާނުކުރާ އަދަދުތަކުގެ މައްޗަށް ބިނާކޮށް، ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީކުރެވިފައިވާ ޖުމްލަ އާބާދީގެ އަދަދު އެ އިދާރީ ދާއިރާއަކަށް ކަނޑައެޅޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދުން ގެއްލުމުން ޖެހޭ އަދަދު އަސްލަކަށް ބަލައިގެން، އެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައްކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތުގެ ވަގުތީ ރިޕޯޓެއް އިލެކްށަންސް ކޮމިށަނުން ތައްޔާރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮންމެ އިދާރީ ދާއިރާއަކުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އަސްލަކަށް ބަލާ އަދަދަށްވުރެ އެ އިންތިހާބީ ދާއިރާއެއްގެ ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދު %15 (ފަނަރަ އިންސައްތަ) މަދުވެގެން ނުވަތަ ގިނަވެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބުނެފައިވީނަމަވެސް، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، އެ އިދާރީ ދާއިރާއަކުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އަސްލަކަށް ބަލާ އަދަދަށްވުރެ އެ އިންތިހާބީ ދާއިރާއެއްގެ ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދު %15 (ފަނަރަ އިންސައްތަ) މަދުވާ ގޮތަށް ނުވަތަ ގިނަވާ ގޮތަށް އިންތިހާބީ ދާއިރާ ކަނޑައެޅުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. އެހެންނަމަވެސް، މިފަދަ ގޮތަކަށް އިންތިހާބީ ދާއިރާއެއް ކަނޑައަޅާނަމަ އެގޮތަށް އެ އިންތިހާބީ ދާއިރާއެއް ކަނޑައެޅި ސަބަބު ތަފްސީލުކޮށް މި މާއްދާގެ  (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓްގައި އިލެކްށަންސް ކޮމިށަނުން ހިމަނަންވާނެއެވެ.

 

10 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ އުސޫލުތައް

(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކޮންމެ އިދާރީ ދާއިރާއަކުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އަންނަނިވި އުސޫލުތަކަށް އިލެކްށަންސް ކޮމިށަނުން ރިއާޔަތްކުރަންވާނެއެވެ.

  1. އެއް އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތަކުގެ އާބާދީ ވީއެންމެ ބޮޑަކަށް ހަމަހަމަކުރެވޭ ގޮތެއްގެ މަތިން އިންތިހާބީ ދާއިރާތައް ކަނޑައެޅުން.
  2. އާބާދީގެ އަދަދަށް އައިސްފައިވާ ބަދަލަށް ބެލުމަށްފަހު، ވީވަރަކުން ކުރިން ކަނޑައެޅިފައިވާ އިންތިހާބީ ދާއިރާތަކަށް ބަދަލުނުގެނެސް އިންތިހާބީ ދާއިރާތައް ކަނޑައެޅުން.
  3. އާބާދީގެ އަދަދަށް ބެލުމަށްފަހު، ވީވަރަކުން އެއް ރަށެއްގެ އާބާދީ އެއް އިންތިހާބީ ދާއިރާއަކަށް ނިސްބަތްވާގޮތަށް ކަނޑައެޅުން.
  4. އެ އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށްތަކުގެ ތެރެއިން ކައިރީގައިވާ ރަށްތަކުގެ އާބާދީ އެއް އިންތިހާބީ ދާއިރާއަކަށް ނިސްބަތްވާގޮތަށް ކަނޑައެޅުން.
  5. އެ އިދާރީ ދާއިރާއެއްގެ މުޖްތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ނުގެއްލޭނެހެން އިންތިހާބީ ދާއިރާތައް ކަނޑައެޅުން. މިގޮތުން އެއް ރަށެއްގެ އާބާދީ ބައިކޮށް އެހެން ރަށެއްގެ އިންތިހާބީ ދާއިރާއަކާ ގުޅުވަން ޖެހިއްޖެ ހާލަތެއްގައި އެފަދަ  ރަށެއް ބައި ކުރާނީ އެރަށެއްގެ އާބާދީގެ ޖުމްލަ 5,000 (ފަސްހާސް) މީހުންނަށް ވުރެ އިތުރުވާނަމައެވެ.
  6. އެއް ރަށެއްގައި އެއް އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ކަނޑައަޅާކަމުގައިވާނަމަ، ޖެހިޖެހިގެން ހުންނަ ސަރަހައްދުތައް އެއް އިންތިހާބީ ދާއިރާގެ ގޮތުގައި ކަނޑައެޅުމާއި، އެ ރަށެއް އިދާރީ ގޮތުން ނުވަތަ އިޖުތިމާއީ ގޮތުން ބައިވެފައިވާ ގޮތަށް ރިއާޔަތްކޮށް އިންތިހާބީ ދާއިރާތައް ކަނޑައެޅުން.

(ށ) އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އިލެކްށަންސް ކޮމިށަނުން ރިއާޔަތްކުރަންޖެހޭނެކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން އެހާލަތެއްގެ ދަށުން ރިއާޔަތްކުރަންޖެހޭ އުސޫލުތަކަށް ރިއާޔަތްކުރަންވާނީ މި މާއްދާގެ (ހ) ގައި އެ އުސޫލުތައް ކަނޑައަޅާފައިވާ ތަރުތީބުންނެވެ. އެތަރުތީބުން ނޫންގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއް ކަނޑައެޅުމުގައި އިލެކްށަންސް ކޮމިށަނުން ބަލާފައިވާނަމަ، އެކަމެއް ސަބަބާއެކު މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓްގައި އިލެކްށަންސް ކޮމިށަނުން ހިމަނަންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ކޮންމެ އިދާރީ ދާއިރާއެއްގައި އެ އިދާރީ ދާއިރާއެއްގެ އިންތިހާބީ ދާއިރާތައް އިލެކްށަންސް ކޮމިށަނުން ކަނޑައެޅުމުގައި އެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުންގެ ހިޔާލާއި މަށްވަރާ ހޯދޭނެ ނިޒާމެއް އިލެކްށަންސް ކޮމިށަނުން ގާއިމުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓްގައި ހިމަނަންޖެހޭ މައުލޫމާތާއި ތަކެތި

މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައްކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތުގެ މައްޗަށް ބިނާކޮށް އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގޮތުން އިލެކްށަންސް ކޮމިށަނުން ތައްޔާރުކުރާ ވަގުތީ ރިޕޯޓުގައި އަންނަނިވި މައުލޫމާތާއި ތަކެތި ހިމަނަންވާނެއެވެ.

  1. ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީކުރެވިފައިވާ ޖުމްލަ އާބާދީގެ އަދަދު.
  2. ކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު.
  3. ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީކުރެވިފައިވާ ޖުމްލަ އާބާދީގެ އަދަދު އެ އިދާރީ ދާއިރާއަކަށް ކަނޑައެޅޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދުން ގެއްލުމުން ޖެހޭ އަދަދު އަސްލަކަށް ބަލައިގެން އެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުން، އަސްލަކަށް ބަލާ އަދަދަށްވުރެ އެ އިންތިހާބީ ދާއިރާއެއްގެ ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދު ގިނަވެފައިވާ ނުވަތަ މަދުވެފައިވާ އިންސައްތަ.
  4. ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތަކާއި، ކޮންމެ އިންތިހާބީ ދާއިރާއެއްގެ ނަން.
  5. ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތަކުގެ ސަރަހައްދުތަކުގެ ތަފްސީލު.
  6. ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތަކުގެ ސަރަހައްދުތައް އަންގައިދޭ ޗާޓް ނުވަތަ ކުރެހުން.
  7. މި ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހާއްސަ ހާލަތެއްގައި އިންތިހާބީ ދާއިރާއެއް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާފައިވާނަމަ، އެގޮތަށް އެ އިންތިހާބީ ދާއިރާއެއް އިލެކްށަންސް ކޮމިށަނުން ކަނޑައެޅި ސަބަބު.

 

12 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓް އާންމުކޮށް އިއުލާންކޮށް ށާއިއުކުރުން

(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ 8 (އަށެއް) މަސްދުވަސް ކުރިން އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް، އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަންގެ ވެބްސައިޓުގައިވެސް އެ ރިޕޯޓް ށާއިއުކުރަންވާނެއެވެ. އަދި އެ ރިޕޯޓްގެ ކޮޕީއެއް ހުރިހާ ސިޔާސީ ޕާޓީތަކަށާއި ރައްޔިތުންގެ މަޖިލީހަށް އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ  ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރިޕޯޓްގައިވާ އެ ރަށެއްގައި ހިމެނޭ އިންތިހާބީ ދާއިރާއަކާގުޅޭ ބައި އާންމުކޮށް ފެންނަގޮތަށް އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

 

13 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓާމެދު ށަކުވާ އުފުލުން

(ހ) މި ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓާމެދު ށަކުވާ އުފުލުމުގެ އިހްތިޔާރު އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށާއި ސިޔާސީ ޕާޓީތަކަށާއި އަދި ގާނޫނީ ކޮންމެ ށަހްސަކަށްވެސް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ށަކުވާއެއް އުފުލަން ބޭނުންވާނަމަ އެ ށަކުވާއެއް މި ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެން ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ލިޔުމުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ 21 (އެކާވީސް) ދުވަސް ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ އަކުރުގެ ދަށުން އިލެކްށަންސް ކޮމިށަނަށް ލިބޭ ށަކުވާތައް އެ ކޮމިށަނުން ބަލައި އެ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅަންޖެހޭނެއެވެ. އަދި މިގޮތުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުން މިމުއްދަތުގެ ތެރޭގައި އެ ށަކުވާއެއް ހުށަހެޅި ފަރާތަކަށް ސަބަބާއެކު އަންގަންވެސްވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން، ކޮމިށަނުން
އެ މައްސަލައަކާމެދު ނިންމިނިންމުން ށަކުވާ ހުށަހެޅި ފަރާތަށް އަންގާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު އެފަރާތަކަށް ލިބިގެންވެއެވެ. އަދި މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ މައްސަލައަކާމެދު އެ މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކޯޓުގެ ހުކުމް އިއްވަންވާނެއެވެ.

 

14 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓް އާންމުކޮށް އިއުލާންކޮށް ށާއިއުކުރުން

(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓަށް މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެބަދަލެއް އެނގޭގޮތަށް، އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓްގެ ގޮތުގައި، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ   150 (ސަތޭކަ ފަންސާސް) ދުވަހުގެ ކުރިން އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް، އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަންގެ ވެބްސައިޓުގައިވެސް އެ ރިޕޯޓް ށާއިއުކުރަންވާނެއެވެ. އަދި އެ ރިޕޯޓްގެ ކޮޕީއެއް ހުރިހާ ސިޔާސީ ޕާޓީތަކަށާއި ރައްޔިތުންގެ މަޖިލީހަށް އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ  ތެރޭގައި  މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރިޕޯޓްގައިވާ އެރަށެއްގައި ހިމެނޭ އިންތިހާބީ ދާއިރާއަކާ ގުޅޭ ބައި އާންމުކޮށް ފެންނަގޮތަށް އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ނ) އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓްގައި މި ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވާ މައުލޫމާތާއި ތަކެތި ހިމަނަންވާނެއެވެ.

 

15 ވަނަ މާއްދާ - ކުށާއި އަދަބު

(ހ) މި ގާނޫނުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހޯދަންޖެހޭ މައުލޫމާތެއް ހޯދުމަށް އިލެކްށަންސް ކޮމިށަނަށް ނުވަތަ އިލެކްށަންސް ކޮމިށަނުން އެކަމެއް ކުރުމަށް ހަވާލުކުރާ ރަސްމީ ފަރާތަކަށް ހުރަސްއަޅައިފި މީހަކު، ނުވަތަ މި ގާނޫނުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހޯދަންޖެހޭ މައުލޫމާތެއް ހޯދުމުގައި އިލެކްށަންސް ކޮމިށަނަށް ނުވަތަ އިލެކްށަންސް ކޮމިށަނުން އެކަމެއް ކުރުމަށް ހަވާލުކުރާ ރަސްމީ ފަރާތަކަށް ގަސްދުގައި ދޮގު މައުލޫމާތެއް ދީފި މީހަކު ކުށްވެރިވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، 6 މަސްދުވަހާއި (ހަ މަސްދުވަހާއި) 2 އަހަރާ (ދެ އަހަރާ) ދެމެދުގެ މުއްދަތަކަށް ޖަލަށްލުން،

ނުވަތަ 6,000.00 (ހަހާސް) ރުފިޔާއާއި 24,000.00 (ސައްވީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

16 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު

ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ފުރަތަމަ އިންތިހާބަށްޓަކައި މި ގާނޫނުގެ ދަށުން އިންތިހާބީ ދާއިރާތައް ކަނޑައަޅާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދުތައްކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅަންވާނީ 31 ޑިސެމްބަރ 2008 ގެ ނިޔަލަށް އެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީއެވެ. އަދި މިގޮތުން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އާބާދީގެ އަދަދުތަކުގެ މައްޗަށް ބިނާކޮށް މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން ކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިލެކްށަންސް ކޮމިށަނުން ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އަދަދުތަކުގެ މައްޗަށް ބިނާކޮށް، މި ގާނޫނުގެ 9 ވަނަ  މާއްދާއާއި 10 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބާޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން އިންތިހާބީ ދާއިރާތައް ކަނޑައަޅައި، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް، މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެރިޕޯޓް އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަންގެ ވެބްސައިޓުގައިވެސް އެ ރިޕޯޓް ށާއިއުކުރަންވާނެއެވެ. އަދި އެ ރިޕޯޓްގެ ކޮޕީއެއް ހުރިހާ ސިޔާސީ ޕާޓީތަކަށާއި ރައްޔިތުންގެ މަޖިލީހަށް އިލެކްށަންސް ކޮމިށަނުން ފޮނުވައި، މި ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެރިޕޯޓް އާންމުންނަށް ބެލޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓާމެދު އެއްވެސް ފަރާތަކުން ށަކުވާއެއް އުފުލަން ބޭނުންވާނަމަ އެ ށަކުވާއެއް، މި މާއްދާގެ (ށ) ގެ ދަށުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެން ގިނަވެގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި ލިޔުމުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބުނެފައިވާ 05 (ފަހެއް) ދުވަސް ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި އެ އަކުރުގެ ދަށުން އިލެކްށަންސް ކޮމިށަނަށް ލިބޭ ށަކުވާތައް އެ ކޮމިށަނުން ބަލައި  އެ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅަންޖެހޭނެއެވެ. އަދި މިގޮތުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުން މިމުއްދަތުގެ ތެރޭގައި   އެ ށަކުވާއެއް ހުށަހެޅި ފަރާތަކަށް ސަބަބާއެކު އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން، ކޮމިށަނުން
އެ މައްސަލައަކާމެދު ނިންމިނިންމުން ށަކުވާ ހުށަހެޅި ފަރާތަށް އަންގާތާ ގިނަވެގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު އެފަރާތަކަށް ލިބިގެންވެއެވެ. އަދި މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ މައްސަލައަކާމެދު އެ މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި އެ ކޯޓުގެ ހުކުމް އިއްވަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓަށް މި މާއްދާގެ (ރ) ނުވަތަ (ބ) ގެ ދަށުން އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެބަދަލެއް އެނގޭގޮތަށް،   މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓް ތައްޔާރުކޮށް އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަންގެ ވެބްސައިޓުގައިވެސް އެ ރިޕޯޓް ށާއިއުކުރަންވާނެއެވެ. އަދި އެ ރިޕޯޓްގެ ކޮޕީއެއް ހުރިހާ ސިޔާސީ ޕާޓީތަކަށާއި ރައްޔިތުންގެ މަޖިލީހަށް އިލެކްށަންސް ކޮމިށަނުން ފޮނުވައި، މި ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެރިޕޯޓް އާންމުންނަށް ބެލޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

 

17 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ހަދައި ހިންގާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

18 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

19 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު:

"އިލެކްށަންސް ކޮމިށަން" ކަމުގައި ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އައްޔަންކުރާ އިލެކްށަންސް ކޮމިށަނަށެވެ.

"އިދާރީ ދާއިރާ" ކަމަށް ބަޔާންކޮށްފައިއެވަނީ، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނައިގައެވެ.

"އިންތިހާބީ ދާއިރާ" ކަމުގައި ބުނެފައިއެވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށްޓަކައި ކޮންމެ އިދާރީ ދާއިރާއެއްގައި ވަކިވަކި އިންތިހާބީ ދާއިރާގެ ގޮތުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ސަރަހައްދުތަކަށެވެ.

"ރަޖިސްޓަރީކުރެވިފައިވާ އާބާދީ" ކަމަށް ބަޔާންކޮށްފައިއެވަނީ،  މި ގާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނައިގައެވެ.

(ށ) މި ގާނޫނުގައި ބުނެފައިވާ އެކިއެކި މުއްދަތުތައް ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ.

(ނ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ނުވަތަ ދޭހަ ނުވާހާ ހިނދަކު މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

ރިފަރެންސް

9 ފެބްރުއަރީ 2009 ވި ހޯމަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވެވި 12 ވަނަ ޖަލްސާއިން ފާސްކުޅަ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 10 ފެބްރުއަރީ 2009 (15 ޞަފަރު 1430) ގައެވެ.

ކިޔުންތެރިންގެ ހިޔާލު