-

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2013-07)

 

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދައުލަތުގެ ފިސްކަލް ޕޮލިސީ ޒިންމާދާރު ގޮތެއްގައި، އަދި ދެމެހެއްޓެނިވި އުސޫލަކުން ހިފެހެއްޓުމާއި، ފިސްކަލް ކަންކަން ހިންގަނީ ޖަވާބުދާރީވަނިވި، ދެފުށް ފެންނަ ގޮތެއްގައިކަން ކަށަވަރުކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު" އެވެ.

 
2 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާ އެންމެހައި މުއައްސަސާތަކުން، އެއްވެސް އިސްތިސްނާއެއް ނެތި، މި ގާނޫނުގައިވާ އުސޫލުތަކަށާއި ހަމަތަކަށް ތަބާވާންވާނެއެވެ.

 

ދެވަނަ ބާބު

މަފްހޫމުތަކުގެ ރަދީފު

 
3 ވަނަ މާއްދާ - މަފްހޫމުތަކުގެ އަސާސް

މި ބާބުގައި ބަޔާންވެގެންވާ ލަފްޒުތަކާއި އިބާރާތްތަކަކީ، މި ގާނޫނުން ގާއިމުކުރާ ނިޒާމު ބިނާވެގެންވާ މައިގަނޑު މަފްހޫމުތަކެވެ. އެ މަފްހޫމުތައް މި ބާބުގައި ބަޔާންކޮށްފައިއެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 
4 ވަނަ މާއްދާ - ފިސްކަލް ޕޮލިސީ

"ފިސްކަލް ޕޮލިސީ" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ބަޖެޓާބެހޭ ސިޔާސަތަށެވެ. އަދި އެ މާނައިގެ ތެރޭގައި ދައުލަތުގެ އާމްދަނީއާއި ދައުލަތުގެ ހަރަދާއި ދައުލަތުގެ ދަރަންޏާގުޅޭ ސިޔާސަތުތައް ހިމެނޭ ގޮތުންނެވެ.

 
5 ވަނަ މާއްދާ - ފިސްކަލް ކަންކަން

"ފިސްކަލް ކަންކަން" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ބަޖެޓާއި ދައުލަތުގެ އާމްދަނީއާއި ދައުލަތުގެ ހަރަދާއި، ދައުލަތުގެ ދަރަންޏާގުޅޭ ކަންކަމަށެވެ.

 
6 ވަނަ މާއްދާ - ފިސްކަލް ސްޓްރެޓަޖީ

"ފިސްކަލް ސްޓްރެޓަޖީ" ކަމަށް ބުނެފައިއެވަނީ، ފިސްކަލް ޕޮލިސީއެއް މެދުރާސްތާގައި ތަންފީޒުކުރުމަށްޓަކައި ކުރަން ކަނޑައަޅާ ކަންކަމަށާއި، އެ ކަންކަން ކުރަން ކަނޑައަޅާ ގޮތަށެވެ.

 
7 ވަނަ މާއްދާ - އޯވަރޯލް ބެލެންސް

"އޯވަރޯލް ބެލެންސް" ކަމަށް ބުނެފައިއެވަނީ، ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީން ދައުލަތުގެ ޖުމްލަ ހަރަދު ކެނޑުމުން ބާކީވާ އަދަދަށެވެ.

 
8 ވަނަ މާއްދާ - ޕްރައިމަރީ ބެލެންސް

"ޕްރައިމަރީ ބެލެންސް" ކަމަށް ބުނެފައިއެވަނީ، އޯވަރޯލް ބެލެންސުން އިންޓަރެސްޓްގެ ގޮތުގައި ދައްކާ ފައިސާ އުނިކުރުމުން ބާކީވާ އަދަދަށެވެ.

 

ތިންވަނަ ބާބު

ފިސްކަލް ޕޮލިސީގެ އަސާސްތައް

 
9 ވަނަ މާއްދާ - ފިސްކަލް ޕޮލިސީ އެ މައްޗަށް ބިނާވާ އަސާސްތައް

ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައަޅާ ހިންގަންވާނީ، އަންނަނިވި އަސާސްތަކުގެ މައްޗަށް ބިނާކޮށެވެ.

(ހ) ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓަށް ބިނާކޮށް، ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުން؛

(ށ) ދައުލަތުގެ މާލީ ރިސްކުތައް، ވަކި މިންވަރެއްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ބަދަލުވަމުންދާ އިގްތިސާދީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(ނ) ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓަށް ބިނާކޮށް ދައުލަތުގެ ދަރަނި ހުންނަންޖެހޭނެ ކަމަށް މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑު ފަހަނައަޅައި ދިޔަ ނުދިނުމަށްޓަކައި، ދައުލަތުގެ ހަރަދު ހިފަހައްޓަންޖެހޭ މިންވަރުގައި ހިފެހެއްޓުމަށް ބޭނުންވާ ސިޔާސަތުތައް ހިންގުން؛

(ރ) ދެފުށް ފެންނަ، ދެމެހެއްޓެނިވި މެދުރާސްތާގެ ފިސްކަލް ޕޮލިސީއެއް އެކުލަވާލައި، އެ ޕޮލިސީއާ އެއްގޮތަށް ދައުލަތުގެ ބަޖެޓު އެކުލަވާލުމަށާއި، ތަންފީޒުކުރުމަށް މަސައްކަތްކުރުން؛

(ބ) ދައުލަތުގެ ފިސްކަލް ކަންކަން ހިންގުމުގައި ކަމާގުޅޭ ހުރިހާ ފަރާތްތަކުން ޖަވާބުދާރީވުމުގެ ސިފަ އާލާކުރުން؛

(ޅ) ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައެޅުމުގައި އިސްތިސްނާއެއް ނެތި ދައުލަތުގެ މާލިއްޔާއިން ކުރެވޭ އެންމެހައި ހޭދައެއް ހިމެނުން؛

(ކ) ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައެޅުމުގައި އިންޓަރ ޖެނެރޭށަނަލް އިކުއިޓީ ހިމާޔަތްކުރުން.

 

ހަތަރުވަނަ ބާބު

ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން

 
10 ވަނަ މާއްދާ - ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން

(ހ) ކޮންމެ މާލީ އަހަރަކު 1 (އެކެއް) ފަހަރު، ދައުލަތުގެ މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، އެ ބަޔާން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޔާން ރައްޔިތުންގެ މަޖިލީހަށް ފޮނުވާނީ، ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެޑްރެސްކޮށް ފޮނުވާ ލިޔުމެއްގެ ގޮތުގައި މިނިސްޓަރެވެ.

 
11 ވަނަ މާއްދާ - ބަޔާނުގެ މަގްސަދު

މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގެ މަގްސަދަކީ، ދައުލަތުގެ ފިސްކަލް ޕޮލިސީއާމެދު އާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އެ ޕޮލިސީގެ އަމާޒުތައް ހާސިލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވަޒަންކުރެވޭނެ ވަސީލަތެއް ގާއިމުކުރުމެވެ.

 
12 ވަނަ މާއްދާ - ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތު

މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ދައުލަތުގެ ފިސްކަލް ޕޮލިސީއަކީ ކޮބައިކަމާއި، އެ ޕޮލިސީގެ އަމާޒުތައް ހާސިލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް؛

(ށ) ދައުލަތުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ގައުމީ ތަރައްގީގެ އޮނިގަނޑުގައި އިސްކަންދީފައިވާ ސްޓްރެޓަޖީތަކާއި، ވިދިގެން އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި ގައުމީ ތަރައްގީގެ އޮނިގަނޑުގައި އިސްކަންދޭނެ ކަންކަން؛

(ނ) ފިސްކަލް ޕޮލިސީ ތަންފީޒުކުރުމަށާއި، އެ ޕޮލިސީގެ އަމާޒުތައް ހާސިލުކުރުމަށް އެޅުން މުހިންމުކަމަށް ސަރުކާރަށް ފެންނަ ފިޔަވަޅުތައް؛

(ރ) ދައުލަތުގެ ފިސްކަލް ޕޮލިސީ ތަންފީޒުކުރަމުންދާ ގޮތް ވަޒަންކުރެވޭނެ މިންގަނޑުތައް؛

(ބ) ބަޔާން ނިސްބަތްވާ މުއްދަތުގެ ތެރޭގައި ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންވަރަކަށް ތިރިކުރަން ސަރުކާރުން ހުށަހަޅާ ގޮތް؛

(ޅ) ބަޔާން ނިސްބަތްވާ މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީއާއި، ހަރަދާއި އޯވަރޯލް ބެލެންސަށް ވާނެ ގޮތް؛

(ކ) ސަރުކާރުން އަލަށް ތައާރުފުކުރާ ސިޔާސަތެއްގެ ސަބަބުން މެދުރާސްތާގައި ފިސްކަލް ހާލަތަށް ކުރާނެކަމަށް ލަފާކުރާ އަސަރު؛ އަދި އެ ސިޔާސަތުގެ ސަބަބުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އޮނިގަނޑަށް ބަދަލެއް ނުގެނެސް ހިފަހައްޓަން ހުށަހަޅާ ގޮތް؛

(އ) ދައުލަތުގެ ފިސްކަލް ޕޮލިސީއާއި، އެ ޕޮލިސީގެ އަމާޒުތައް ހާސިލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ އުސޫލުތަކަށް ތަބާވާ މިންވަރު؛

(ވ) ދައުލަތުގެ ފިސްކަލް ޕޮލިސީއާއި، އެ ޕޮލިސީގެ އަމާޒުތައް ހާސިލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ އުސޫލުތަކަށް ތަބާނުވާ ހާލަތެއްގައި، ތަބާވެފައިނުވަނީ ކީއްވެގެންކަމާއި، އެ އުސޫލުތަކަށް އިއާދަވުމަށްޓަކައި ސަރުކާރުން އަޅާނެ ފިޔަވަޅުތަކަކީ ކޮބައިކަމާއި، އެ އުސޫލުތަކަށް އެނބުރި އިއާދަވެވޭނެ މުއްދަތަކީ ކޮބައިކަން؛

(މ) ހިނގަމުންދާ އަހަރު ހުށަހަޅާ ބަޔާނުގައި، ވޭތުވެދިޔަ އަހަރު ހުށަހަޅާފައިވާ ބަޔާނާ އުސޫލީ ގޮތުން ތަފާތުތަކެއް ހުރި ކަމުގައިވާނަމަ، އެ ތަފާތު އައި ސަބަބު.

 
13 ވަނަ މާއްދާ - ބަޔާނަށް އިސްލާހު ގެނައުން

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަޔާން އެ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، ގެޒެޓުކުރުމަށްފަހު، އެ ބަޔާނަށް އިސްލާހެއް ގެންނަންޖެހޭކަމަށް މިނިސްޓަރަށް ފެނިއްޖެނަމަ، ސަބަބު ބަޔާންކޮށް، އެ އިސްލާހެއް އެ ބަޔާނަށް ގެނެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނަށް އެއްވެސް އިސްލާހެއް ގެނެސްފިނަމަ، އެކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ލިޔުމުން އަންގައި، އެ އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

ފަސްވަނަ ބާބު

ބަޖެޓް ޕޮޒިށަން ރިޕޯޓު

 
14 ވަނަ މާއްދާ - ބަޖެޓް ޕޮޒިށަން ރިޕޯޓު

(ހ) ކޮންމެ އަހަރަކުމެ، ވިދިގެން އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ބަޖެޓް ޕޮޒިށަން ރިޕޯޓުގެ ނަމުގައި ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު މަޖިލީހަށް ފޮނުވާނީ، މިނިސްޓަރެވެ. އެކަން ކުރާނީ، ވިދިގެން އަންނަ އަހަރުގެ ދައުލަތުގެ އަހަރީ ބަޖެޓު މިނިސްޓަރު މަޖިލީހަށް ހުށަހަޅާ ދުވަހާއި، އެ ބަޖެޓުގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށަން އޮންނަ ދުވަހާ ދެމެދުގެ ތާރީހެއްގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ރިޕޯޓު، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްފަހު، އެގޮތުން ފޮނުވާ ރިޕޯޓު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 
15 ވަނަ މާއްދާ - ރިޕޯޓުގެ މަގްސަދު

މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ރިޕޯޓުގެ މަގްސަދަކީ، ދައުލަތުގެ ފިސްކަލް ޕޮލިސީގެ އަމާޒުތައް ހާސިލުކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް، މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އެންމެ ފަހުން ހުށަހަޅާފައިވާ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގައި ބަޔާންކުރާ އުސޫލުތަކާ އަޅާކިޔައި، އެ ފިޔަވަޅުތައް އެ އުސޫލުތަކަށް ތަބާވާ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ.

 
16 ވަނަ މާއްދާ - ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތު

މި ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ބަޖެޓް ޕޮޒިށަން ރިޕޯޓުގައި ކުރިއަށް އޮތް މާލީ އަހަރާއި، އެ އަހަރާ ވިދިގެން ދެން އަންނަ މާލީ ދެ އަހަރާގުޅޭ އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

(ހ) ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓާގުޅޭ އަންދާޒާ؛

(ށ) ކޮންސިއުމަރ ޕްރައިސް އިންޑެކްސްއާ ގުޅޭ އަންދާޒާ؛

(ނ) ބަޖެޓު ސިޔާސަތުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު؛

(ރ) އާމްދަނީ އުފެއްދުމަށް ނުވަތަ އާމްދަނީ ލިބޭނެ ކަމަށް ބަލައި ކުރަންޖެހޭ ހަރަދުގެ އަންދާޒާ؛

(ބ) ހިނގަމުންދާ އަހަރުގެ ހަރަދާއި ކުރިއަށް އޮތް 3 (ތިނެއް) އަހަރަށް ލަފާކުރާ ހަރަދު؛

(ޅ) ހިނގަމުންދާ އަހަރު އިގްތިސާދު ކުރިއަށް ދައްކާ ގޮތާއި، ކުރިއަށް އޮތް 3 (ތިނެއް) އަހަރުގެ އިގްތިސާދު އަންދާޒާކުރާ ގޮތާއި، އެ އަންދާޒާ ބިނާކުރާ އަސާސް؛

(ކ) ސަރުކާރުގެ ދަރަނީގެ މިންވަރާގުޅޭ މައުލޫމާތު؛

(އ) މި މާއްދާގެ (ހ) އިން ފެށިގެން (ބ) ގެ ނިޔަލަށް ހުރި ކަންކަމާ ގުޅޭގޮތުން ހުށަހަޅާ މައުލޫމާތު ބިނާކޮށްފައިވާ އިގްތިސާދީ ނުވަތަ މާލީ ނުވަތަ އެނޫންވެސް އަސާސްތައް؛

(ވ) މި މާއްދާގެ (ހ) އިން ފެށިގެން (ބ) ގެ ނިޔަލަށް ހުރި ކަންކަމާ ގުޅޭގޮތުން ހުށަހަޅާ މައުލޫމާތު ބިނާކޮށްފައިވާ އަސާސްތަކަށް އަތުވެދާނެ ބަދަލަކާއި، އެ ބަދަލެއް އަތުވެއްޖެނަމަ، އެކަމުން އެ މައުލޫމާތަށް ކުރާނެ އަސަރުގެ ނިސްބަތް؛

(މ) ފިސްކަލް ޕޮލިސީގެ އަމާޒުތައް ހާސިލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް ކުރިމަތިވެދާނެ ރިސްކެއްގެ ސަބަބުން އަންނަނިވި ކަންކަމަށް ކޮށްފާނެ އަސަރު ދެނެގަނެވެން ހުރި މިންވަރު:

  1. ދުރާލައި ރާވާފައި ނުވަނީސް ކުރަންޖެހިދާނެ ހަރަދު؛
  2. ސަރުކާރުން ތައާރުފުކުރާ ނުވަތަ ހިންގާނެ ކަމަށް އިއުލާނުކޮށްފައިވާ ސިޔާސަތުތަކުގެ ތެރެއިން ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނާފައިނުވާ ސިޔާސަތުތަކުގެ ހަރަދު؛
  3. ސަރުކާރުން މަށްވަރާކުރަމުންދާ ކަންކަމުގެ ގޮތުގައި ހުރި ކަމެއްގެ ތެރެއިން ކަމެއް ކުރަންޖެހިއްޖެނަމަ، އެކަމަށް ހިނގާނެ ހަރަދު.

(ފ) ސަރުކާރުގެ މާލީ ހާލަތު އެ އަހަރެއްގައި އޮތް ގޮތް ސާފުކޮށް ބަޔާންކޮށްދިނުމަށް ބޭނުންވާ އެހެނިހެން މައުލޫމާތު.

 
17 ވަނަ މާއްދާ - ރިޕޯޓު ތައްޔާރުކުރުން

(ހ) މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރާނީ، ދައުލަތުގެ ހުރިހާ ނިންމުންތަކުގެ މައްޗަށް ވީހާވެސް ފުރިހަމަ ގޮތެއްގައި ރިއާޔަތްކޮށް، އެ ނިންމުންތަކުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތަށް ކުރާނެ އަސަރުތައް ކަމަށް ކަމާގުޅޭ އުސޫލުތަކުން ބަލާއިރު ފާހަގަކުރެވޭ އަސަރުތަކަށް ބުރަވެއެވެ.

(ށ) މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރަންވާނީ އެފަދަ ރިޕޯޓުތައް ތައްޔާރުކުރުމުގައި ގެންގުޅޭ ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ ރިޕޯޓު އެކުލަވާލުމުގައި ގެންގުޅުނު ހަމަތަކުގެ ހުލާސާއެއް އެ ރިޕޯޓުގައި ހިމަނަންވާނެއެވެ.

 
18 ވަނަ މާއްދާ - ރިޕޯޓުގައި ހިމެނުން ލާޒިމުނޫން މައުލޫމާތު

މި ގާނޫނުގެ 16 ވަނަ މާއްދާ އެހެން އޮތްނަމަވެސް، އަންނަނިވި ސަބަބުތަކަށްޓަކައި، އެ ސަބަބުތައް ދެމިއޮތް މިންވަރަށް، މި ގާނޫނުގެ 16 ވަނަ މާއްދާއިން ލާޒިމުކުރާ މައުލޫމާތެއް، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، ލިޔުމުން ސަބަބު ބަޔާންކޮށް ނުހިމެނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ހ) ސަރުކާރުން ހިންގަމުން ގެންދާ މަށްވަރާތަކަށް ނުވަތަ ސަރުކާރު ބައިވެރިވާ ދައްވާއަކަށް ނުރަނގަޅު އަސާސީ އަސަރެއް ކުރުން؛

(ށ) ދިވެހިސަރުކާރުގެ މަސްލަހަތު އޮތް، ވިޔަފާރީގެ ސިއްރު ކަމުގައި ހިމެނޭ މައުލޫމާތަކަށް ނުރަނގަޅު އަސާސީ އަސަރެއް ކުރުން؛

(ނ) ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ހިމެނުން.

 

ހަވަނަ ބާބު

ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ

 
19 ވަނަ މާއްދާ - ދައުލަތުގެ ދަރަނި ބެލެހެއްޓުން

ދައުލަތުގެ ޖުމްލަ ދަރަނި ބަހައްޓަންވާނީ ދެމެހެއްޓެނިވި މިންވަރެއްގައެވެ.އެ މިންވަރު ކަނޑައަޅާނީ ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބިނާކޮށެވެ.

 
20 ވަނަ މާއްދާ - ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާން

(ހ) ކޮންމެ މާލީ އަހަރަކު 1 (އެކެއް) ފަހަރު، ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޔާން ރައްޔިތުންގެ މަޖިލީހަށް ފޮނުވާނީ، ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެޑްރެސްކޮށް ފޮނުވާ ލިޔުމެއްގެ ގޮތުގައި މިނިސްޓަރެވެ.

 
21 ވަނަ މާއްދާ - ބަޔާނުގެ މަގްސަދު

މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ބަޔާނުގެ މަގްސަދަކީ، ދައުލަތުގެ ދަރަނި ހަރުދަނާ އުސޫލުތަކެއްގެ މަތިން އަދާކުރަމުން، ބަލަހައްޓަމުން ގެންދިޔުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ.

 
22 ވަނަ މާއްދާ - ދަރަނީގެ ސްޓްރެޓަޖީ ބަޔާނުގައި ހުންނަންވީ މައުލޫމާތު

މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ކަނޑައަޅާ ލަނޑުދަނޑިތައް؛

(ށ) ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓުގެ ނިސްބަތުން ދައުލަތުގެ ޖުމްލަ ދަރަނި ބަހައްޓާނެ މިންވަރު؛

(ނ) ދައުލަތުގެ ޖުމްލަ ދަރަނީގެ ޕޯޓްފޯލިއޯގެ ތެރޭގައި، ދައުލަތުގެ އެކްސްޓަރނަލް ދަރަންޏާއި ޑޮމެސްޓިކް ދަރަނި ބަހައްޓާނެ މިންވަރު؛

(ރ) ދައުލަތުގެ ދަރަންޏާގުޅޭ ރިސްކުތަކާ ގުޅޭގޮތުން އަޅަން ކަނޑައަޅާފައިވާ ނުވަތަ އަޅަމުންދާ ފިޔަވަޅުތައް؛

(ބ) ދަރަންޏަށް ނަގާ ފައިސާއިން ކުރާ ބޭނުން.

 

ހަތްވަނަ ބާބު

ލޯކަލް ކައުންސިލްތަކާގުޅޭ

 
23 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ ޒިންމާ

ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްތަކުން މި ގާނޫނުގައިވާ އުސޫލުތަކަށާއި ހަމަތަކަށް ތަބާވާންވާނެއެވެ.

 

24 ވަނަ މާއްދާ - ގާނޫނުގައިވާ ގޮތުގެމަތިން ދަރަނި ނެގުން

ލޯކަލް ކައުންސިލްތަކަށް ލިބިދޭ ގާނޫނީ ބާރެއްގެ ދަށުން ދަރަންޏަށް ފައިސާ ނަގަންވާނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 
25 ވަނަ މާއްދާ - ކައުންސިލްގެ ޖުމްލަ ދަރަނި

ލޯކަލް ކައުންސިލްތަކުން، އެއްވެސް މާލީ އަހަރެއްގައި، ތަރައްގީގެ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް މާލީ އިދާރާތަކުން ދަރަންޏަށް ނަގާ ފައިސާއާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕްގެ ދަށުން އުފުލަންޖެހޭ ފިސްކަލް ޒިންމާތަކާއި، ދޫކުރާ ގެރެންޓީތަކާއެކު، މުޅި ޖުމްލަ ދަރަނި އެ ކައުންސިލެއްގެ ފާއިތުވެދިޔަ މާލީ އަހަރުގެ އާމްދަނީގެ ތިންބައިކުޅަ އެއްބަޔަށްވުރެ އިތުރުވެގެންނުވާނެއެވެ.

 
26 ވަނަ މާއްދާ - ކައުންސިލްތަކުގެ ޖުމްލަ ދަރަނި

(ހ) ލޯކަލް ކައުންސިލްތަކުގެ މުޅި ޖުމްލަ ދަރަނި، އެ ކައުންސިލްތަކުގެ އެހެން ފިސްކަލް ޒިންމާތަކާއެކު، ހުންނަންވާނީ، ދައުލަތުގެ މުޅި ޖުމްލަ ދަރަނީގެ ނިސްބަތަށް ބަލައި، މިނިސްޓަރު ކަނޑައަޅާ މިންގަނޑެއްގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަރަނީގެ މިންގަނޑަކީ، ކޮންމެ މާލީ އަހަރަކަށް މިނިސްޓަރު އިއުލާނުކުރަންޖެހޭނެ މިންގަނޑެކެވެ.އެ މިންގަނޑު މިނިސްޓަރު އިއުލާނުކުރާނީ، ވިދިގެން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ދުވަހު، އެ މަޖިލީހަށް އޭނާ އިއްވާ ބަޔާނުގައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ކަނޑައަޅާ މިންގަނޑުގެ ތެރޭގައި ކައުންސިލްތަކުގެ މުޅި ޖުމްލަ ދަރަނި ހިފެހެއްޓުމަށްޓަކައި، ތަބާވާންޖެހޭ އުސޫލުތައް ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި މިނިސްޓަރު ކަނޑައަޅަންވާނެއެވެ.

 
27 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ ޒިންމާ

ލޯކަލް ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ދަރަނި، މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ހިފަހައްޓަމުންދޭތޯ ބެލުމަށްޓަކައި، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން އެ ކައުންސިލްތަކުން އޮޑިޓްކުރަމުން ގެންދަންވާނެއެވެ.

 
28 ވަނަ މާއްދާ - ތަރައްގީގެ ހަރަކާތުގެ ރިޕޯޓު

(ހ) ލޯކަލް ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ތަރައްގީއަށްޓަކައި ކުރާ ނުވަތަ ރާވާ މަސައްކަތްތަކަކީ، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ރޭވިގެން ހިނގާ، އަދި ގައުމީ ތަރައްގީގެ އޮނިގަނޑުގެ އަމާޒުތަކަށް ވާސިލުކުރާ، އަދި އެ އަމާޒުތަކަށް ތަބާވާ މަސައްކަތްތަކަކަށް ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިނގަމުންދާ ގޮތް، މިނިސްޓަރު ކަނޑައަޅާ މުއްދަތުތަކެއްގައި މުރާޖައާކުރުމަށްފަހު މިނިސްޓަރު ތައްޔާރުކުރާ ރިޕޯޓެއް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މިނިސްޓަރު ފޮނުވަންވާނެއެވެ. އަދި އެ ރިޕޯޓުގައި، މިނިސްޓަރަށް ފާހަގަކުރެވޭ ކަންކަމާއި، އިސްލާހުކުރަންޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރާ ކަންކަން ހިމަނަންވާނެއެވެ.

 

އަށްވަނަ ބާބު

ކޭށްފްލޯ ޕްލޭން

 
29 ވަނަ މާއްދާ - ކޭށްފްލޯ ޕްލޭން ތައްޔާރުކުރުން

(ހ) މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުން، ގައުމީ ތަރައްގީގެ އޮނިގަނޑަށް ބިނާކޮށް، ކޮންމެ މާލީ އަހަރެއްގައި ތައްޔާރުކުރާ ބަޖެޓުގެ ކޭށްފްލޯ ޕްލޭން ތައްޔާރުކޮށް، އެތަނެއްގެ އަހަރީ ބަޖެޓާއެކު މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ށ) ދައުލަތުގެ އަހަރީ ބަޖެޓުގެ ކޭށްފްލޯ ޕްލޭން ތައްޔާރުކުރާނީ، މިނިސްޓަރެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޭށްފްލޯ ޕްލޭންގެ މައްޗަށް ބިނާކޮށް ބަޖެޓް ޑިސްބަރސްމަންޓް ޖަދުވަލުތައް، ބަޖެޓު ފާސްކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މިނިސްޓަރު ތައްޔާރުކުރަންވާނެއެވެ.

(ރ) އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އާމްދަނީ ބެހިގެންދާ ގޮތުގެ މައްޗަށް ބަލައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޖަދުވަލުތަކަށް، އެއިރަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

ނުވަވަނަ ބާބު

ރިޕޯޓުތައް އާންމުކުރުން


30 ވަނަ މާއްދާ – ޖަވާބުދާރީވުން

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނާއި މި ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޖެޓް ޕޮޒިށަން ރިޕޯޓާއި، މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވުމުގެ ކުރިން، ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި، އެ ބަޔާނެއް ނުވަތަ ރިޕޯޓެއް އާންމުކުރުމާ މެދު ގޮތެއް ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ ރިޕޯޓަކާއި ބަޔާނެއް، އާންމުކޮށް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް މިނިސްޓަރު ހަމަޖައްސަންވާނެއެވެ.

(ނ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ތައްޔާރުކޮށް މިނިސްޓަރު ހުށަހަޅާ ރިޕޯޓުތަކާއި ބަޔާންތައް ހުންނަންވާނީ ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

(ރ) މި ގާނޫނުގެ ދަށުން ތައްޔާރުކޮށް މިނިސްޓަރު ހުށަހަޅާ ރިޕޯޓުތަކާއި ބަޔާންތައް އޮޑިޓަރ ޖެނެރަލް އޮޑިޓްކުރުމަށްފަހު، ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ.


31 ވަނަ މާއްދާ - ބަޔާންތަކާއި ރިޕޯޓުތައް ހުށަހަޅަން ފެށުން 

 ހުށަހަޅަން ފެށުންމި ގާނޫނުގައި ބަޔާންކުރާ ބަޔާންތަކާއި ރިޕޯޓުތައް ހުށަހަޅަން ފަށާނީ، 2014 ވަނަ އަހަރުން ފެށިގެންނެވެ.

 

ދިހަވަނަ ބާބު

ފިސްކަލް ހަމަތަކާގުޅޭ


32 ވަނަ މާއްދާ - ދަރަނީގެ މިންގަނޑު

(ހ) ދައުލަތުގެ މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ، 91 (ނުވަދިހަ އެކެއް) ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރާގޮތަށް، އެއިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށްނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގައެވެ. މިގޮތުން ފައިސާ ނެގޭނީ، ވޭތުވެދިޔަ 3 (ތިނެއް) އަހަރުގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ 1 (އެކެއް) އިންސައްތަ އަށްވުރެ އިތުރުނުވާނޭ ގޮތެއްގެމަތިންނެވެ.

(ށ) 1 ޖެނުއަރީ 2014 އިން ފެށިގެން ހިނގާ 3 (ތިނެއް) އަހަރު ނިމޭއިރު، ސަރުކާރުން ދޭ ގެރެންޓީ ހިމެނޭ ގޮތުން ދައުލަތުގެ މުޅި ޖުމްލަ ދަރަނި ފާއިތުވެދިޔަ އަހަރުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓުގެ %60 (ފަސްދޮޅަސް އިންސައްތަ) އަށްވުރެ އިތުރުނުވާނެ މިންގަނޑެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރަންވާނެއެވެ. އަދި އެ މިންގަނޑު ހާސިލުވުމަށްފަހު ހިނގާ ކޮންމެ 5 (ފަހެއް) އަހަރު ދުވަހެއްގެ ތެރޭގައި، ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓަށް ބިނާކޮށް، ދައުލަތުގެ މުޅި ޖުމްލަ ދަރަނި ހިފަހައްޓަންޖެހޭ މިންގަނޑު، މިނިސްޓަރު ކަނޑައަޅައި، އިއުލާނުކުރަންވާނެއެވެ. އޭނާ އެކަން ކުރާނީ، އެ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތު ހިނގަން ފެށުމުގެ ކުރިން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ބަޔާނެއްގެ ގޮތުގައެވެ. އެ މިންގަނޑު އެގޮތަށް ކަނޑައެޅުމުން އެއީ، މި މާއްދާގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑެއް ކަމުގައި ބެލޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންގަނޑު ހިފެހެއްޓުމަށްޓަކައި، ދައުލަތުގެ ދަރަނި، 1 ޖެނުއަރީ 2014 އިން ފެށިގެން، ކޮންމެ އަހަރަކުމެ، ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓުގެ އިންސައްތައަށް ރިއާޔަތްކޮށް، އުނިކުރަމުން ގެންދަންވާނެއެވެ.

(ރ) 1 ޖެނުއަރީ 2016 އިން ފެށިގެން، ދައުލަތުން ދަރަންޏަށް ފައިސާ ނަގަންވާނީ، ގައުމީ ތަރައްގީގެ މަށްރޫއުތަކަށާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަންޏެވެ. އެ ތާރީހުން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި، ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ދައުލަތުގެ ކޭށްފްލޯ މެނޭޖްކުރުމުގެ ބޭނުމަށްޓަކައި، ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް، މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގިދާނެއެވެ.

 
33 ވަނަ މާއްދާ - ދަރަނި ނެގުމާއި ގެރެންޓީ ދިނުން

(ހ) ދިވެހިސަރުކާރުން، ނުވަތަ ދިވެހިސަރުކާރު ބައިވެރިވެގެން ދައުލަތުގެ ނަމުގައި، ދައުލަތުގެ ކުންފުންޏަކަށް ދަރަންޏަށް ފައިސާ ނަގަންވާނީ، ނުވަތަ އެއްވެސް ފަރާތަކަށް ދިވެހި ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދޭންވާނީ، މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންވެގެންވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ދައުލަތުގެ އަހަރީ ބަޖެޓުގައި ދަރަންޏަށް ފައިސާ ހޯދުމަށް ނުވަތަ ގެރެންޓީ ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރުނުވާނެ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދިވެހިސަރުކާރުން، ނުވަތަ ދިވެހިސަރުކާރު ބައިވެރިވެގެން ދައުލަތުގެ ނަމުގައި ދައުލަތުގެ ކުންފުންޏަކަށް ދަރަންޏަށް ފައިސާ ނަގާ ކޮންމެ ފަހަރަކު، ނުވަތަ އެއްވެސް ފަރާތަކުން ނަގާ ދަރަންޏަކަށް ދިވެހި ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދޭ ކޮންމެ ފަހަރަކު، އެ ދަރަންޏެއް ނަގާ ތާރީހުން ފެށިގެން ނުވަތަ އެ ގެރެންޓީއެއް ދޭ ތާރީހުން ފެށިގެން
30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ދަރަންޏަކާގުޅޭ މައުލޫމާތު، ނުވަތަ އެ ގެރެންޓީއަކާގުޅޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

(ނ) ދިވެހިސަރުކާރުން، ނުވަތަ ދިވެހިސަރުކާރު ބައިވެރިވެގެން ދައުލަތުގެ ނަމުގައި ދައުލަތުގެ ކުންފުންޏަކަށް ދަރަންޏަށް ފައިސާ ނެގުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ދިވެހި ދައުލަތުގެ ނަމުގައި އެއްވެސް ފަރާތަކަށް ގެރެންޓީ ދިނުމާބެހޭ އުސޫލުތައް މާލިއްޔަތު ގަވާއިދުގައި މިނިސްޓަރު ކަނޑައަޅަންވާނެއެވެ.

 
34 ވަނަ މާއްދާ – ޑެފިސިޓް

(ހ) ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް، 1 ޖެނުއަރީ 2014 އިން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި އަރަނި ކުރަންވާނެއެވެ.

(ށ) ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް، 1 ޖެނުއަރީ 2014 އިން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި، ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓްގެ %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން ހިފަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރުމަށްޓަކައި، 1 ޖެނުއަރީ 2014 އިން ފެށިގެން ކޮންމެ އަހަރަކުމެ، އޯވަރޯލް ބެލެންސް ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓުގެ އިންސައްތައަށް ރިއާޔަތްކޮށް، އުނިކުރަމުން ގެންދަންވާނެއެވެ.

 

އެގާރަވަނަ ބާބު

ރިޒަރވް އާގުޅޭ


35 ވަނަ މާއްދާ - ދައުލަތުގެ ފިސްކަލް ރިޒަރވް ކަނޑައެޅުން

(ހ) ދައުލަތުގެ ފިސްކަލް ރިޒަރވް އަކީ ޕްރައިމަރީ ބެލެންސް އަރަނިވެ އޭގެތެރެއިން މާލިއްޔަތު ކޮމިޓީގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އަދަދެއް ޖަމާކުރާ ރިޒަރވްއެވެ. މި ރިޒަރވް އަށް ޖަމާކުރާ ފައިސާ ޖަމާކުރަންވާނީ ދައުލަތުގެ މަރުކަޒީ ބޭންކުގައި ހުޅުވާ ފިސްކަލް ރިޒަރވް އެކައުންޓަށެވެ.

(ށ) ދައުލަތުގެ ފިސްކަލް ރިޒަރވް ބަލަހައްޓާނީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރެވެ.

(ނ) ކޮންމެ އަހަރަކު ދައުލަތުގެ އަރަނި އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތުގެ މައްޗަށާއި އެގޮތުން އިތުރުކުރެވުނު އަރަނީގެ ތެރެއިން ދައުލަތުގެ ފިސްކަލް ރިޒަރވް އަށް ޖަމާކުރެވިފައިވާ އިންސައްތަ އަންގައިދޭ ރިޕޯޓެއް، މިނިސްޓަރު އެކުލަވާލައި، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

  

ބާރަވަނަ ބާބު

އިސްތިސްނާވާ ހާލަތްތައް


36 ވަނަ މާއްދާ - އިސްތިސްނާވާ ހާލަތް

(ހ) މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއައްސަސާތައް، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުމުން އިސްތިސްނާވާނީ، ހަމައެކަނި އަންނަނިވި ހާލަތްތަކުގައި މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. ގުދުރަތީ ކާރިސާއެއް މެދުވެރިވުން؛
  2. އިގްތިސާދަށް ބޮޑު ހީނަރުކަމެއް ދިމާވުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ގުދުރަތީ ކާރިސާއެއް ކަމުގައި ބަލާނީ، ގުދުރަތީ ގޮތުން ދިމާވާ ކަމެއްގެ ސަބަބުން ދިވެހިރާއްޖޭގެ އާބާދީގެ %15 (ފަނަރަ އިންސައްތަ) މީހުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބޭ ބާވަތުގެ ކާރިސާއަށެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އިގްތިސާދަށް ދިމާވާ ބޮޑު ހީނަރުކަމެއް ކަމަށް ބަލާނީ، ތިރީގައިމިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހުއެވެ.

  1. ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާ މިންވަރު ވިދިވިދިގެން 2 ކުއަރޓަރުގައި 0 (ސުމެއް) އިންސައްތަ އަށްވުރެ ދަށްވުން.
  2. އިންފްލޭށަން ރޭޓް އަދި އަންއެންޕްލޯއިމަންޓް ރޭޓް.
  3. ފައިނޭންށިއަލް ނުވަތަ ސިސްޓަމިކް ބޭންކިންގ ކްރައިސިސްއެއް ކުރިމަތިވުން.
  4. ބެލެންސް އޮފް ޕޭމަންޓް ކްރައިސިސްއެއް ކުރިމަތިވުން.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން، ރައްޔިތުންގެ މަޖިލީހުގެ ހުއްދައާއެކު، އެ މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުމުން އިސްތިސްނާވާނެއެވެ.

 

ތޭރަވަނަ ބާބު

އާންމު މާއްދާތައް

 

 37 ވަނަ މާއްދާ - މައުލޫމާތު ދިނުން

މި ގާނޫނުގެ ދަށުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތަކަށް، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއައްސަސާއެއްގައި މިނިސްޓަރު އެދިއްޖެނަމަ، އެ އެދުނު ގޮތެއްގެމަތިން އެ މައުލޫމާތެއް، އެ މުއައްސަސާއަކުން، މިނިސްޓަރަށް ފޯރުކޮށްދޭންވާނެއެވެ.

 
38 ވަނަ މާއްދާ - ކޮމިޓީތަކުގެ ޔައުމިއްޔާ ބެލެހެއްޓުން

(ހ) މި ގާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާ ރިޕޯޓާއި ބަޔާނާ ގުޅޭގޮތުން އެ ކޮމިޓީގައި މަށްވަރާކުރެވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި ސަރުކާރުން ހުށަހަޅާ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގައި ކުރެވޭ މަށްވަރާތަކުގެ ޔައުމިއްޔާ، އެ މަޖިލީހުން ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔައުމިއްޔާތައް، ކޮމިޓީގެ މަށްވަރާތައް ނިމޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ށާއިއުކުރަންވާނެއެވެ.

 
39 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) އެހެންއޮތްނަމަވެސް، މި ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރެވެން އޮތީ، ވަކި އުސޫލުތަކެއް ނުވަތަ ނިޒާމުތަކެއް ތައާރުފުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، އެ މާއްދާއަށް ނުވަތަ އެ މާއްދާތަކަކަށް އަމަލުކުރުން މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ މުއްދަތަށް ފަސްކުރަން ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އެއްވެސް މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރުން ފަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާނަމަ، އެކަން މި ގާނޫނު ތަސްދީގުކުރުމުގެ ގަރާރުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރަންވާނެއެވެ. އަދި އެ މާއްދާއަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރަން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ތާރީހުވެސް، އެ ގަރާރުގައި ފާހަގަކުރަންވާނެއެވެ.

 
40 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވާނީ، އެ ލަފްޒުތަކާއި އިބާރާތްތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، ސަރުކާރުގެ ފިސްކަލް ޕޮލިސީ އެކުލަވާލައި، ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވަޒީރަށެވެ.

(ށ) "އިންޓަރ ޖެނެރޭށަނަލް އިކުއިޓީ" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގައި، އަންނަން އޮތް ޖީލުތަކުގެ މަސްލަހަތަށް ވިސްނައި، ދެމެހެއްޓެނިވި މިންގަނޑެއްގެ ތެރޭގައި އެ ވަސީލަތްތައް ބޭނުންކުރުމުގެ ހަމައަށެވެ.

(ނ) "އިންޓަރނޭށަނަލް ރިޕޯޓިންގ މިންގަނޑު" ކަމަށް ބުނެފައިއެވަނީ، އިންޓަރނޭށަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑްސް (އިޕްސަސް) އަށެވެ.

(ރ) "މެދުރާސްތާ" ކަމަށް ބުނެފައިއެވަނީ، ވިދިވިދިގެން އަންނަ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

(ބ) "އިންފްލޭށަން ރޭޓް" ކަމަށް ބުނެފައި އެވަނީ ވަކިމުއްދަތެއްގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލުގެ މިންގަނޑަށެވެ.

(ޅ) "އަންއެންޕްލޯއިމެންޓް ރޭޓް" ކަމަށް ބުނެފައި އެވަނީ މަސައްކަތް ކުރާ އުމުރުފުރާގެ މީހުންގެ ތެރެއިން ވަޒީފާ ބޭނުންވެ ވަޒީފާ ނުލިބި ތިބި މީހުންގެ، ވަކިމުއްދަތެއްގެ މިންގަނޑަށެވެ.

(ކ) "ފައިނޭންށަލް ނުވަތަ ސިސްޓަމިކް ބޭންކިންގ ކްރައިސިސް" ކަމަށް ބުނުފައިއެވަނީ ދައުލަތުން އެކަމަށް ފިޔަވަޅެއް އަޅަން ޖެހޭ ފަދަ ގޮތަކަށް ގިނަ ބޭންކް ނުވަތަ މާލީ އިދާރާތަކުގެ ރައުސުލްމާލަށް އާދަޔާ ހިލާފު ހީނަރުކަމެއް މެދުވެރިވެދާނެ ހާލަތެއް މެދުވެރިވުމަށެވެ.

(އ) "ބެލޭންސް އޮފް ޕޭމެންޓް ކްރައިސިސް" ކަމަށް ބުނެފައި އެވަނީ ގައުމުގެ ބެލޭންސް އޮފް ޕޭމަންޓް ދަރަނީގެ މިންވަރު ނުދެމެހެއްޓެނިވި މިންވަރަކަށް ދިޔުމެވެ.

(ވ) "ފިސްކަލް ކަންކަން" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ބަޖެޓުގެ ސިޔާސަތާގުޅޭ ކަންކަމަށެވެ.

(މ) "މާލީ އަހަރު" ކަމަށް ބުނެފައިއެވަނީ، ކޮންމެ މީލާދީ އަހަރެއްގެ 1 ޖެނުއަރީން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށެވެ. މި މުއްދަތު ގުނުމުގައި އެ މުއްދަތުގެ ފެށޭ ދުވަހާއި ނިމޭ ދުވަސް ހިމެނެއެވެ.

(ފ) "ޖުމްލަ ދަރަނި" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ނަމުގައި ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަންޏާއި ރާއްޖޭގެ އެކި ފަރާތްތަކުން ދައުލަތުން ނަގާފައިވާ ދަރަނީގެ ޖުމްލައަށެވެ.

(ދ) "މާލީ އަހަރުގެ އާމްދަނީ" ކަމަށް ބުނެފައިއެވަނީ، ކޮންމެ މާލީ އަހަރެއްގެ ތެރޭގައި ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީގެ ތެރެއިން، ބޭރުގެ ފަރާތްތަކުން ދޭ އެހީއާއި ހަމައެކަނި އެއް ފަހަރު ލިބޭ އާމްދަނީ ނުހިމެނޭ ގޮތުން ދައުލަތަށް ލިބޭ އާމްދަނީއަށެވެ.

(ތ) "ކޭށް ފްލޯ ޕްލޭން" ކަމަށް ބުނެފައިއެވަނީ، ނަގުދު ފައިސާ ހޯދައި ބަލައިގަނެ، އެ ހަރަދުކުރާނެ ގޮތުގެ އަންދާޒާއަށެވެ.

(ލ) "ލޯކަލް ކައުންސިލް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކަށެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު