-

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2010-20)

  

ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "މިނިސްޓްރީ އޮފް ޓޫރިޒަމް" އޮތް ހުރިހާ ތަނެއް "ޓޫރިޒަމާބެހޭ މިނިސްޓްރީ" އަށް ބަދަލުކުރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

(ބ) ކުލީގެ އަދަދާއި ކުލި ދައްކާނެ ގޮތް.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކޮށް، އޭގެ ފަހަތަށް އެ ގާނޫނުގައި ހުރި މާއްދާތައް އަލުން ތަރުތީބުކުރުން.

7. ކުލި

(ހ) މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސެއް ހެދުމަށް ކުއްޔަށް ދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދައްކާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.

  1. 200,000 (ދެލައްކަ) އަކަމީޓަރަށްވުރެ ބިމުގެ އޭރިޔާ ކުޑަ ބިމަކުން ނަގާ ކުލި 1,000,000 (އެއްމިލިއަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާނަމަ، އެ ބިމެއްގެ ކުލިކަމުގައި ކަނޑައަޅާނީ މީލާދީ އަހަރަކަށް 1,000,000 (އެއްމިލިއަން) އެމެރިކާ ޑޮލަރެވެ. 1,000,000 (އެއްމިލިއަން) އެމެރިކާ ޑޮލަރަށްވުރެ އެ ބިމުގެ ކުލި ކުޑަނަމަ، އެ ބިމެއްގެ ކުލި މީލާދީ އަހަރަކަށް ކަނޑައަޅާނީ އެ ބިމުގެ ކޮންމެ އަކަމީޓަރަކަށް 8 (އަށެއް) އެމެރިކާ ޑޮލަރުން ހިސާބުކުރުމުން ޖެހޭ އަދަދެވެ.
  2. 200,001 (ދެލައްކަ އެކެއް) އަކަމީޓަރާއި 400,000 (ހަތަރުލައްކަ) އަކަމީޓަރާ ހަމައަށް ބިމަކުން ނެގޭ ކުއްޔަކީ މީލާދީ އަހަރަކަށް 1,500,000 (ދޮޅުމިލިއަން) އެމެރިކާ ޑޮލަރެވެ.
  3. 400,001 (ހަތަރުލައްކަ އެކެއް) އަކަމީޓަރަށްވުރެ ބޮޑު ބިމަކުން ނެގޭ ކުލި 2,000,000 (ދެމިލިއަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާނަމަ، އެ ބިމެއްގެ ކުލިކަމުގައި ބަލާނީ މީލާދީ އަހަރަކަށް 2,000,000 (ދެމިލިއަން) އެމެރިކާ ޑޮލަރެވެ.

(ށ) ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް ގެނެވޭ 2 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމަށްވެސް އެ އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ކުލި ދައްކާނީ މި މާއްދާގެ (ހ) ގެ 1، 2، އަދި 3 ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ނ) މި ގާނޫނުގެ މި މާއްދާއަށް އަމަލުކުރަން ފަށާނީ ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ދޭ ހިދުމަތާއި ވިއްކާ ތަކެތީގެ އަގުން ޓެކްސް ނެގުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނު ފާސްވެ، އެ ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، އެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުން ފެށިގެންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

8. ކުއްޔަށް ދޫކުރާ މުއްދަތު

(ހ) މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ހިފާ ފަރާތަށް ރަށް ނުވަތަ ބިން ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން މީލާދީ 50 (ފަންސާސް) އަހަރުދުވަހަށެވެ.

(ށ) ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް ގެނެވޭ 2 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދޫކޮށްފައިވާ ރަށެއްގެ ނުވަތަ ބިމެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފާފައިވާ ފަރާތުން އެދިއްޖެނަމަ، މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އެ ރަށެއް ނުވަތަ އެ ބިމެއް އެފަރާތަށް ކުއްޔަށް ދޫކުރި ތާރީހުން ފެށިގެން 50 (ފަންސާސް) އަހަރަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން، އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ނ) މި ގާނޫނު ފާސްވެ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާއިރު، ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ ނުވަތަ ބިމެއްގެ ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފާފައިވާ ފަރާތުން ޓޫރިޒަމާބެހޭ މިނިސްޓްރީގައި އެދިއްޖެނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100,000 (އެއްލައްކަ) އެމެރިކާ ޑޮލަރުގެ ފީއެއް ނެގުމަށްފަހު މުއްދަތު އިތުރުކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ފީ ދައްކާނީ އިތުރުކުރެވޭ މުއްދަތުގެ މައްޗަށް ބަހާލުމަށްފަހު އަހަރަކަށް ޖެހޭވަރު އެ އަހަރަކު ދައްކާ ހަލާސްކުރާގޮތަށެވެ.

(ބ) މި ގާނޫނު ފާސްވެ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާއިރު ހިންގަމުންދާ ރަށްރަށް ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް އެ ރަށް ނުވަތަ އެ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ބޭނުންވެއްޖެނަމަ، މީލާދީ  18 (އަށާރަ) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކޮށް ނިންމަންވާނެއެވެ.

(ޅ) މި ގާނޫނު ފާސްވެ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާއިރު ހިންގަންފެށިފައި ނުވާ ރަށްރަށް ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް އެ ރަށް ނުވަތަ އެ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ބޭނުންވެއްޖެނަމަ، މީލާދީ 36 (ތިރީސްހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކޮށް ނިންމަންވާނެއެވެ.

(ކ) މި މާއްދާގެ (ބ) އަދި (ޅ) ގައިވާ ގޮތުގެމަތިން، މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ހުށަހަޅާތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީއިން އެކަން ކޮށްދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

9. 50 އަހަރަށްވުރެ ދިގު މުއްދަތަށް ކުއްޔަށް ދޫކުރެވޭ ހާލަތް

ޓޫރިސްޓް ރިޒޯޓް ހެދުމަށް މިހާރު ދޫކޮށްފައިވާ ރަށްރަށާއި ނުވަތަ ބިންބިން ދޫކޮށްފައިވާ ފަރާތްތަކާއި ނުވަތަ ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށަކަށް ނުވަތަ ބިމަކަށް އެދޭ ފަރާތަކީ ތިރީގައި ބުނެފައިވާ ށަރުތުތައް ހަމަވާ ޕަބްލިކް ކުންފުންޏެއްނަމަ، އެ ރަށެއް ނުވަތަ އެ ބިމެއް 99 (ނުވަދިހަނުވައެއް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޭންވާނެއެވެ.

(ހ) އެ ކުންފުންޏެއް ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވުން.

(ށ) އެ ކުންފުނީގެ އަސާސީ ގަވާއިދުގައިވާ އެ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ޓޫރިސްޓް ރިޒޯޓް ބިނާކުރުމާއި ހިންގުން ހިމެނިފައިވުން.

(ނ) ކުންފުނީގެ ހިއްސާގެ މަދުވެގެން %55 (ފަންސާސްފަހެއް އިންސައްތަ) އާންމުންނަށް ވިއްކާފައިވުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އުވާލައި ނަންބަރު ތަރުތީބުކުރުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

13. ރަށެއް ކުއްޔަށް ހިފާފައިވާ ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުވުން

މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން 99 (ނުވަދިހަނުވައެއް) އަހަރުދުވަހުގެ މުއްދަތަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ޕަބްލިކް ކުންފުންޏެއް، ޕްރައިވެޓް ކުންފުންޏަކަށް ބަދަލުވެއްޖެނަމަ، ނުވަތަ މި ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައިވާ ށަރުތެއް އެ ކުންފުންޏެއްގެ ކިބައިން އުނިވެއްޖެނަމަ، އެ ރަށް ނުވަތަ އެ ބިން އެފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގެ ތެރެއިން، ޕަބްލިކް ކުންފުންޏަކަށްވުމުގެ ސަބަބުން އިތުރުކުރި މުއްދަތު އުނިކުރެވޭނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ރ) ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ދޭ ހިދުމަތާއި ވިއްކާ ތަކެތީގެ އަގުން ޓެކްސް ނަގަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ހަމަވުމުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެކްސް ނެގުން ނިމުމަކަށް އަންނާނެއެވެ.

 

9 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި ވަކި މާއްދާއަކަށް ނުވަތަ މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

11 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1999-02)

ރިފަރެންސް

26 އޯގަސްޓް 2010 ވި ބުރާސްފަތިދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާއިން ފާސްކުޅަ "ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 8 ސެޕްޓެމްބަރ 2010 (29 ރަމަޟާން 1431) ގައެވެ.

ކިޔުންތެރިންގެ ހިޔާލު