ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު
(ގާނޫނު ނަންބަރު 2013-01)
އެއްވަނަ ބާބު
ތައާރުފު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - ގާނޫނުގެ ބޭނުން
މި ގާނޫނުގެ ބޭނުމަކީ އަންނަނިވި ކަންކަން ހާސިލު ކުރުމެވެ.
(ހ) ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވީހިނދު، އެ މިނިވަންކަމުގެ ހައްގުގެ ހަމަތައް ބަޔާންކުރުން.
(ށ) އިންސާނީ ހައްގުތަކުގެ ބައިނަލްއަގްވާމީ ގަރާރުގެ 20 ވަނަ މާއްދާގެ 1 ވަނަ ނަންބަރުން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގުގެ ހަމަތައް ދިވެހިރާއްޖޭގައި އިންތިޒާމްވެގެންވާގޮތް ބަޔާންކުރުން.
(ނ) މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްއަގްވާމީ މުއާހަދާގެ 21 ވަނަ މާއްދާއިން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގުގެ ހަމަތައް ދިވެހިރާއްޖޭގައި އިންތިޒާމްވެގެންވާގޮތް ބަޔާންކުރުން.
(ރ) ވަކި މަސްލަހަތުތަކެއް ރައްކާތެރިކުރުމަށްޓަކައި، އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު، ގާނޫނަކުން ހަނިކުރެވިދާނެކަމަށް މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްއަގްވާމީ މުއާހަދާގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާހިނދު، ގާނޫނުއަސާސީ ގެ 16 ވަނަ މާއްދާގެ (ހ) އަށް ހަވާލާދީ، އެ ހައްގު ހަނިކުރެވިދާނެ ހާލަތްތައް މި ގާނޫނުގައި ކަނޑައެޅުން.
3 ވަނަ މާއްދާ - ގާނޫނުގެ އަސާސް
މި ގާނޫނު ބިނާވެގެންވަނީ އަންނަނިވި އަސާސްތައް ނަގަހައްޓައި، ދެމެހެއްޓުމުގެ މައްޗަށެވެ.
(ހ) އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނެ ގޮތުގެމަތިން ސުލްހަވެރިކަމާއެކު އެއްވެއުޅުމަކީ އަސާސީ އިންސާނީ ހައްގެއްކަން ގަބޫލުކުރުން.
(ށ) ސުލްހަވެރިކަމާއެކު އެއްވެއުޅުމަކީ ތަބީއީ ށަހްސުތަކަށާއި ގާނޫނީ ށަހްސުތަކަށް ލިބިދޭ ހައްގެއްކަން ގަބޫލުކުރުން.
(ނ) އެއްވެއުޅުމުގެ މިނިވަންކަމަކީ ތަފާތު ހިޔާލުތަކާއި ށުއޫރުތައް ފާޅުކުރުމަށާއި، ތަފާތު ވިސްނުންތައް ހާމަކުރުމަށްއޮތް އަސާސީ ވަސީލަތެއްކަން ގަބޫލުކުރުން.
(ރ) ތަފާތު ވިސްނުންތަކާއި، ހިޔާލުތަކާއި، އުސޫލުތަކާއި، ސިޔާސަތުތަކާއި، އާދަތައް ގެންގުޅޭ މީހުންނަށްވެސް އެކުގައި، އެއް މުޖުތަމައެއްގައި، އެކުއުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމަކީ ރައްކާތެރިކުރެވިގެން ވާންވާނެ ހައްގެއްކަމަށް ގަބޫލުކުރުން.
(ބ) މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން މެނުވީ، އަދި، މި ގާނޫނުގައި ބަޔާންގެންވާ މިންވަރަށް މެނުވީ، އެއްވެއެޅުމުގެ މިނިވަންކަމުގެ ހައްގު ހަނިކުރެވިގެން ނުވާނެކަމަށް ގަބޫލުކުރުން.
4 ވަނަ މާއްދާ - ގާނޫނުގެ ރައްކާތެރިކަމުގެ ދާއިރާ
(ހ) މި ގާނޫނުން ރައްކާތެރިކޮށްދެނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމެވެ.
(ށ) މި ގާނޫނުގައި އެއްވެއުޅުމުގެ މިނިވަންކަމަށް އިށާރާތްކުރާ ކޮންމެ ހާލަތެއްގައި
އެ އިށާރާތްކުރަނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމަށް ކަމުގައި ބަލަންވާނެއެވެ.
(ނ) މި ގާނޫނުގެ ބޭނުމަށްޓަކައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ކަމުގައި ބެލެވޭނީ، ނުވަތަ ވަކިބަޔަކު އެއްވީ ސުލްހަވެރިކަމާއެކު ކަމުގައި ބެލެވޭނީ، އެ އެއްވުމެއް އިންތިޒާމުކުރާ ފަރާތުން އެއީ، ސުލްހަވެރި މަގްސަދެއް ހާސިލުކުރުމަށްޓަކައި އެއްވާ އެއްވުމެއްކަމަށް ބަޔާންކޮށް އަންގާފައިވުމާއެކު، އެ އެއްވުން ކުރިޔަށްދާ ދަނޑިވަޅުގައި، އެ އެއްވުމަކީ އަނިޔާވެރި އަމަލެއް ނުހިނގާ އެއްވުމެއް ކަމުގައިވާނަމަ، ނުވަތަ އަނިޔާވެރި އަމަލަށް ހިތްވަރު ލިބިދޭ ގޮވުންތަކާއި ލިޔުންތަކާއި ކުރެހުންތަކާއި ހަރަކާތްތައް ހިމެނިގެންނުވާ އެއްވުމެއް ކަމުގައިވާނަމައެވެ. އަދި މިފަދަ އެއްވުމެއްގައި ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ކުރުމާއި އެފަދަ އަމަލަކަށް ހިތްވަރު ލިބޭ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ. ނުވަތަ މާރާމާރީ ހިންގުމަށް ނުވަތަ އެއްވެސް ގެއްލުމެއް ލިބިދާނެފަދަ އެއްޗެއް ގެންގުޅެގެން ނުވާނެއެވެ.
(ރ) މި ގާނޫނު އަންނަނިވި ކަންކަމުގެ މައްޗަކަށް ނުހިނގާނެއެވެ.
- ދައުލަތުގެ މުއައްސަސާއަކުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކާއި ހަރަކާތްތައް.
- އެހެން ގާނޫނެއްގެ ދަށުން އިންތިޒާމުކުރެވިގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކާއި ހަރަކާތްތައް.
- ވިޔަފާރީގެ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތަކާއި ސަގާފީ ހަރަކާތްތައް.
5 ވަނަ މާއްދާ – ރަދީފު
(ހ) މި ގާނޫނު އެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމުތައް މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިއެވަނީއެވެ.
(ށ) މި ގާނޫނުގައި ހިމެނިގެންވާ މައިގަނޑު ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ، މި ގާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިއެވަނީއެވެ.
ދެވަނަ ބާބު
މަފްހޫމްތަކުގެ ރަދީފު
6 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް
މި ބާބުގައި ބަޔާންކޮށްފައިވާ މަފްހޫމުތައް މި ބާބުގައި ބަޔާންކޮށްފައިއެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
7 ވަނަ މާއްދާ – އެއްވުން
"އެއްވުން" ކަމަށް ބުނެފައިއެވަނީ، އެކަކަށްވުރެ ގިނަމީހުން، އެއް މަގްސަދެއްގައި، ގަސްތުގައި، އާންމުތަނަކަށް، ނުވަތަ އަމިއްލަތަނަކަށް، ވަގުތީގޮތުން ހާޒިރުވެ ނުވަތަ ޖަމާވެތިބެ، ސުލްހަވެރިކަމާއެކު، ށުއޫރު ފާޅުކުރުމަށެވެ.
8 ވަނަ މާއްދާ – ވަގުތީވުން
"ވަގުތީވުން" ކަމުގައި އެއްވުމަކާ ގުޅުވައި ބަޔާންކޮށްފައިއެވަނީ، އަންނަނިވި ހަމަތަކުގެމަތިން ކަނޑައެޅޭ ދިގުމިނަށް ނުވަތަ މުއްދަތަށެވެ.
(ހ) އެއްވުމެއްގެ ހަރަކާތަކީ، އެހެން ބައެއް ހައްގުތައް ވަގުތީގޮތުން ހިފެހެއްޓިގެންދާ ހާލަތަކަށްވުމާއެކު، އެ ހައްގުތައް އެގޮތަށް ހިފެހެއްޓިގެންވާންވާނީ ކިހާ ދިގުމިނަކަށްކަން ކަނޑައެޅުމުގައި އެވަގުތަކު ދިމާވެފައިވާ ހާލަތަށް ރިއާޔަތްކުރުން.
(ށ) އެއްވުމުގެ ހަރަކާތެއް ހިންގުމުގެ ސަބަބުން އެހެންފަރާތަކަށް އުނދަގުލެއް ނުވަތަ ތުރާލެއް ކުރިމަތިނުވާކަމަށްވާނަމަ، ވީހާވެސް ގިނަވަގުތަކަށް އެ އެއްވުމުގެ ހަރަކާތް ކުރިޔަށްގެންދިޔުމުގެ ފުރުސަތު ދެވިގެންވުން.
9 ވަނަ މާއްދާ – ސުލްހަވެރިވުން
(ހ) "ސުލްހަވެރިވުން" ކަމުގައި އެއްވުމަކާގުޅުވައި ބަޔާންކޮށްފައިއެވަނީ، އެއްވުމެއް އިންތިޒާމުކުރާ ފަރާތުން އެއީ، ސުލްހަވެރި މަގްސަދެއް ހާސިލުކުރުމަށްޓަކައި އެއްވާ އެއްވުމެއްކަމަށް ބަޔާންކޮށް އަންގާފައިވުމާއެކު، އެ އެއްވުން ކުރިޔަށްދާ ދަނޑިވަޅުގައި، އެ އެއްވުމަކީ އަނިޔާވެރި އަމަލެއް ނުހިނގާ އެއްވުމެއް ކަމުގައިވާނަމަ، ނުވަތަ އަނިޔާވެރި އަމަލަށް ހިތްވަރު ލިބިދޭ ގޮވުންތަކާއި، ލިޔުންތަކާއި، ކުރެހުންތައް ހިމެނިގެންނުވާ އެއްވުމެއް ކަމުގައިވާނަމައެވެ. އަދި މިފަދަ އެއްވުމެއްގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއްކުރުމާއި އެފަދަ އަމަލަކަށް ހިތްވަރު ލިބޭ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ. ނުވަތަ މާރާމާރީ ހިންގުމަށް ނުވަތަ އެއްވެސް ގެއްލުމެއް ލިބިދާނެފަދަ އެއްޗެއް ގެންގުޅެގެންނުވާނެއެވެ.
(ށ) އަންނަނިވި ކަންކަން އެއްވުމަކުން ފެނުމަކީ، އެ އެއްވުން އޭގެ ޒާތުގައި، ސުލްހަވެރި އެއްވުމަކަށް ނުވާންވީ ސަބަބެއް ނޫނެވެ.
- އެ އެއްވުމުގައި ވަކިބަޔަކު ދައްކާ ވާހަކައަކީ، ނުވަތަ އުޅޭގޮތަކީ އެހެން ބަޔަކަށް ނަފްރަތުކުރެވޭ ކަމަކަށްވުން، ނުވަތަ އެހެން ބަޔަކަށް އުނދަގޫވާ ކަމަކަށްވުން، ނުވަތަ އެހެން ބަޔަކު ގަބޫލުނުކުރާ ކަމަކަށްވުން.
- އެ އެއްވުން ކުރިއަށްގެންދިޔުމުގައި، އެހެން ފަރާތެއްގެ ހައްގަކަށް ނުވަތަ ހައްގުތަކަކަށް ހަމައެކަނި ވަގުތީގޮތުން އުނދަގޫވުން ނުވަތަ ހުރަސްއެޅިގެންދިޔުން.
10 ވަނަ މާއްދާ – ހިނގުން
"ހިނގުން" ނުވަތަ "ހިނގާލުން" ކަމަށް ބުނެފައިއެވަނީ، އެއްގަމުގައިނަމަ، ސަފުހަދައިގެން ހިނގާހިނގުމާއި، ދަތުރުކުރާ އުޅަނދުފަހަރު ބޭނުންކޮށްގެން ބާއްވާ ހިނގާލުމާއި، ބައިސްކަލު ބުރުތަކާއި، ސައިކަލް ބުރުތަކާއި، ކާރު ބުރުތަކާއި، ލޮރީ ބުރުތައް ހިމެނޭގޮތުންނެވެ. އަދި، ކަނޑުގައިނަމަ، ދޯނި ބުރުތަކާއި ލޯންޗު ބުރުތަކާއި ބޯޓު ބުރުތައް ހިމެނޭގޮތުންނެވެ.
11 ވަނަ މާއްދާ - އަނިޔާވެރި އަމަލު
"އަނިޔާވެރި އަމަލު" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ހަށިގަނޑަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަށް ޖިސްމާނީ އަނިޔާ އެއް ނުވަތަ މާއްދީ ގެއްލުމެއް ލިބިދާފަދަ ބާރެއް ކަމަށް، އެކަށީގެންވާ ވިސްނުމުން ވިސްނާއިރު ގަބޫލުކުރެވޭފަދަ ބާރެއް ބޭނުންކޮށްގެން ހިންގާ، ޖިނާއީ ކުށެއް ނުވަތަ މަދަނީ ކުށެއްގެ އަމަލަށެވެ. ނުވަތަ ޖިނާއީ ކުށެއް ކަމަށް ގާނޫނެއްގައި ކަނޑައަޅާފައިވާ ކުށެއްގެ އަމަލުގެ ރުކުންތަކުގެ ތެރޭގައިވެސް، ނުވަތަ އެކުށުގެ ތަބީއަތުގައިވެސް، މީހެއްގެ ހަށިގަނޑަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަށް ޖިސްމާނީ އަނިޔާ އެއް ނުވަތަ މާއްދީ ގެއްލުމެއް ލިބިދާފަދަ ބާރެއް ކަމަށް، އެކަށީގެންވާ ވިސްނުމުން ވިސްނާއިރު ގަބޫލުކުރެވޭފަދަ ބާރެއް ބޭނުންކޮށްގެން ހިންގާ އަމަލު ހިމެނޭ ޖިނާއީ ކުށުގެ އަމަލަށެވެ.
ތިންވަނަ ބާބު
އެއްވުމުގެ ބާވަތްތައް
12 ވަނަ މާއްދާ - އެއްވުމުގެ ވައްތަރުތައް
މި ގާނޫނުގައި އެއްވުމަށް އިށާރާތްކުރާ ކޮންމެ ހާލަތެއްގައި، އަންނަނިވި ބާވަތްތަކުގެ އެއްވުން ހިމެނިގެންވެއެވެ.
(ހ) ވަކިތަނަކަށް ހާޒިރުވެ، ހަމައެކަނި އެތަނެއްގައި ތިބޭ ތިބުން.
(ށ) ވަކިތަނަކަށް ޖަމާވުމަށްފަހު، އެތަނަކުން ފެށިގެން އެހެންތަނަކަށް ދިޔުމަށްޓަކައި ހިނގާ ހިނގުން.
(ނ) ވަކިތަނަކުން ފަށައިގެން ބާއްވާ ހިނގާލުން.
(ރ) އާންމު ތަންތަނުގައި އެއްވާ އެއްވުން.
(ބ) އާންމުން އެއްވުމަށް ބޭނުންކުރެވޭ އަމިއްލަ ތަންތަނުގައި އެއްވާ އެއްވުން.
13 ވަނަ މާއްދާ - ރާވައިގެން ބާއްވާ އެއްވުންތައް
ރާވައިގެން ބާއްވާ އެއްވުމަކީ، އެއްވުން ބާއްވާނެކަން ދުރާލާ އިއުލާން ކޮށްގެން، އެ އެއްވުން ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސައިގެން، އެ އެއްވުމުގެ ނޯޓިސް ފުލުހުންގެ އިދާރާއަށް ދީގެން ބާއްވާ އެއްވުމެވެ.
14 ވަނަ މާއްދާ - ކުއްލި އެއްވުންތައް
ކުއްލި އެއްވުމަކީ، އެ އެއްވުން ބާއްވާނެކަން ދުރާލާ އިއުލާން ކުރުމަކާ ނުލައި، އަދި އެ އެއްވުން ބޭއްވުމުގެ އިންތިޒާމްތައް ދުރާލާ ހަމަޖެއްސުމަކާ ނުލައި، އެ އެއްވުމުގެ ނޯޓިސް ފުލުހުންގެ އިދާރާއަށް ދިނުމެއްނެތި، ދިމާވާ ކުއްލިކަމަކާ ގުޅޭގޮތުން، ކުއްލިއަކަށް ބާއްވާ އެއްވުމެވެ.
15 ވަނަ މާއްދާ - އެއްފަހަރާ ބާއްވާ އެއްވުން
އެއްފަހަރާ ބާއްވާ އެއްވުމަކީ، އެއްވަގުތެއްގައި، އެއްތަނެއްގައި، އެއް ބަޔަކަށްވުރެ ގިނަބަޔަކު އިންތިޒާމްކޮށްގެން، ބާއްވާ އެއް އެއްވުމަށްވުރެ ގިނަ އެއްވުމެވެ. އަދި، އެއިން ކޮންމެ އެއްވުމަކީ، ތަފާތު ބަޔަކު ތަފާތުކަމަކާ ގުޅޭގޮތުން ބާއްވާ އެއްވުމެކެވެ. އެ އެއްވުންތަކުގެ ހަމައެކަނި އެއްގޮތްކަމަކަށްވާނީ، އެއްތަނެއްގައި ނުވަތަ އެއްހިސާބެއްގައި އެ އެއްވުންތައް ބާއްވާކަމެވެ.
16 ވަނަ މާއްދާ - ރައްދު އެއްވުން
ރައްދު އެއްވުމަކީ، ހިނގަމުންދާ އެއްވުމެއްގައި ދައްކާވާހަކައާ ގުޅޭގޮތުން ހިތްހަމަނުޖެހޭ މީހުން، އެ އެއްވުމާ ވިއްދައި، އެ އެއްވުމުގައި ދައްކާވާހަކައަށް ރައްދުދިނުމުގެ ށުއޫރުތައް ފާޅުކުރުމުގެގޮތުން ބާއްވާ އެއްވުމެވެ.
ހަތަރުވަނަ ބާބު
އެއްވުން ބޭއްވުން
17 ވަނަ މާއްދާ - މިނިވަންކަމަށް އިސްކަންދިނުން
(ހ) ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމަކީ އަސާސީ ހައްގެއްކަމުގައިވާތީ، އެ ހައްގު ބޭނުންކުރުމަށް ހުރި ހުރަސްތައް ވީވަރަކުން މަދުކުރުމަކީ، މި ގާނޫނުގެ އެއް ބޭނުމެވެ.
(ށ) އެއްވެއުޅުމުގެ މިނިވަންކަން ބޭނުންކުރުމާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ކުރިމަތިކުރާ ހުރަހަކީ، މި ގާނޫނުގައި ހުއްދަވެގެންވާ ހާލަތެއްގައި އެ ހާލަތަށް އެކަށޭނަ މިންވަރަށް ކުރިމަތިކުރާ ހުރަހަކަށްވުން ލާޒިމެވެ.
(ނ) ގާނޫނުގައި ކަނޑައެޅިގެން މަނާވެގެންވާ ކަމެއް ފިޔަވައި، އެހެން ކޮންމެ ކަމަކީ އެކަމެއް ކުރުމުގެ މިނިވަންކަންލިބިގެންވާ ކަމެއްކަމުގައި ބެލުން މި ގާނޫނު ލާޒިމުކުރެއެވެ.
(ރ) މި ގާނޫނުގެ މާއްދާތައް، ހުރިހާ ހާލަތެއްގައިވެސް ކިޔަންވާނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމަކީ އޮތް މިނިވަންކަމެއްކަމަށް އިފްތިރާސްކުރާ ހާލުގައެވެ. އަދި އެ މިނިވަންކަމަކީ،
މި ގާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ހުރަހެއް މެނުވީ ނެތް، އަދި، އޭގެއެންމެ ފުޅާމިނުގައި ބޭނުންކުރެވޭނެ މިނިވަންކަމެއް ކަމުގައި އިފްތިރާސްކުރާ ހާލުގައެވެ.
18 ވަނަ މާއްދާ - ދައުލަތުގެ ޒިންމާ
(ހ) އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު، ހެޔޮގޮތުގައި، އަމަލީގޮތުން ބޭނުންކުރެވޭނެ އުސޫލުތައް ގާއިމުކޮށްދީ ހިފަހައްޓައިދިނުމަކީ، ދައުލަތުގެ މަސްއޫލިއްޔަތެކެވެ.
(ށ) ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހަދައި ހިންގާ ގަވާއިދަކީ، ނުވަތަ އުސޫލަކީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގަށް އެކަށީގެންނުވާ ހަނިކަމެއް ގެނެވޭނެ އުސޫލަކަށް ވެގެންނުވާނެއެވެ.
(ނ) އެއްވުމެއް އިންތިޒާމުކުރާ ފަރާތުން އެ އެއްވުން ބޭއްވުމަށް ބޭނުންވާ ތަނެއްގައި އެކަން ކުރެވޭނެގޮތް ހަމަޖައްސައިދިނުމަކީ، އަދި ކަމާބެހޭ މައުލޫމާތު ވީހާ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެވޭނެގޮތް ހަމަޖައްސައިދިނުމަކީ، ނުވަތަ އެކަމަށް އެކަށީގެންވާ ހުރަހެއް ނޫން ހުރަހެއް ކުރިމަތި ނުކުރުވުމަކީ، ގާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ހާލަތެއްގައި މެނުވީ، ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް މި ގާނޫނު ލާޒިމުކުރާ ކަމެކެވެ.
ފަސްވަނަ ބާބު
އެއްވުމުގައި ބައިވެރިވުމާގުޅޭ
19 ވަނަ މާއްދާ - އެއްވުމެއްގައި ބައިވެރިވުން
(ހ) އެއްވުމެއްގައި މީހަކު ބައިވެރިވާންވާނީ އޭނާގެ އަމިއްލަ އިހްތިޔާރުގައެވެ.
(ށ) އެއްވުމެއްގައި ބައިވެރިވުމަށް ނުވަތަ ބައިވެރިނުވުމަށް އެއްވެސް މީހެއްގެ މައްޗަށް ބާރެއް ނުވަތަ ނުފޫޒެއް ފޯރުވިގެން ނުވާނެއެވެ.
(ނ) މީހަކު އެއްވުމެއްގައި ބައިވެރިވުމަކީ، އޭގެޒާތުގައި، ހަމައެކަނި އެ ސަބަބަށްޓަކައި، މަދަނީ ނުވަތަ ޖިނާއީ އިލްތިޒާމެއް އޭނާ އުފުލަންޖެހޭކަމެއް ނޫނެވެ.
20 ވަނަ މާއްދާ - އެއްވުމުގެ ބައިވެރިންގެ ހައްގުތައް
އެއްވުމެއްގެ ބައިވެރިންނަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.
(ހ) އެ އެއްވުމުގައި ބައިވެރިވުމާއި އެ އެއްވުމުގައި ވާހަކަދެއްކުމާއި އެ އެއްވުމުގެ ނިންމުންތަކުގައި ބައިވެރިވުމާއި އެ އެއްވުންތަކުން ނިންމާ ކަންކަމުގައި ވޯޓުދިނުން.
(ށ) އެއްވުމެއްގައި ބައިވެރިވުމަށްފަހު، އަމިއްލަ އިހްތިޔާރުގައި އަމިއްލަ ވިސްނުމުގައި އެ އެއްވުމަކުން ވަކިވުން.
(ނ) އެކިއެކި މައުލޫމާތާއި ށިއާރު ބޭނުންކުރުން.
(ރ) ގާނޫނުގައި ކަނޑައެޅިގެން މަނާވެގެންނުވާ ވަސީލަތްތަކާއި އެއްޗެހި ބޭނުންކޮށްގެން ށުއޫރު ފާޅުކުރުން.
(ބ) ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް ޕެޓިށަން ހުށަހެޅުމާއި ލިޔުން ހުށަހެޅުމާއި ހިޔާލު ހުށަހެޅުމާއި ފެންނަގޮތް ހުށަހެޅުން.
(ޅ) އެ އެއްވުމާ ދެކޮޅު ފަރާތްތަކުން ކުރިމަތިކުރުވަފާނެ ހުރަހަކުން ރައްކާތެރިކަން ލިބިގެންވުން.
(ކ) އެ އެއްވުމާ ދެކޮޅު ފަރާތަކުން ކުރިމަތިކުރުވަފާނެ މާއްދީ ގެއްލުމަކުން ރައްކާތެރިކަން ލިބިގެންވުން.
(އ) އެއްވުމުގެ ހަރަކާތެއްގައި ބައިވެރިވިކަމަށްޓަކައި، ހަމައެކަނި އެ ސަބަބަށްޓަކައި، އޭނާގެ މައްޗަށް ދައުވާއެއް ނުއުފުލުން ނުވަތަ އެއްވެސް އަދަބެއް ނުލިބުން.
21 ވަނަ މާއްދާ - އެއްވުމުގެ ބައިވެރިންގެ ޒިންމާ
(ހ) އެއްވުމުގެ ބައިވެރިއެއްގެގޮތުން ށުއޫރު ފާޅުކޮށް، އެއްވުމުގައި ބައިވެރިވާންވާނީ، ސުލްހަވެރިކަމާއެކުގައި، ގާނޫނާއި ގަވާއިދުގެ ދާއިރާގެ ތެރޭގައެވެ.
(ށ) އެއްވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ކަނޑި، ވަޅި، ހަންޖަރު، ލަކުޑިބުރި، ދަނޑިބުރި، ދަގަނޑުބުރި، މުގުރު، ބްލީޗް، ޕެޓްރޯލް، ކަރާސީނު، ހިކިމިރުސް، ރޯމިރުސް، ތެޅިމިރުސް ނުވަތަ މިރުހުގެ އެއްވެސް ބާވަތެއް، އެސިޑް ނުވަތަ ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެފަދަ އެއްޗެއް، ނުވަތަ ގޮވާ އެއްޗެއް، ނުވަތަ ފުލުހުންގެ އިދާރާއިންނާއި ސަލާމަތީ ބާރުތަކުން ގާނޫނު ތަންފީޒުކުރުމަށްޓަކައި ނުވަތަ އާންމު މަސްލަހަތު ގާއިމުކުރުމަށްޓަކައި ބޭނުންކުރާ ބާވަތުގެ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) އެއްވުމެއްގައި ބައިވެރިވާ އެއްވެސް މީހަކު، އޭނާ އާންމުކޮށް ލާއުޅޭ ހެދުމުގެ ބަޔަކަށް ނުވާހާހިނދަކު، އެއީ، ކާކުކަން ނޭނގޭގޮތަށް މޫނު ނިވާކުރުމުގެ ބޭނުމުގައި، ފޮތި ނުވަތަ އެހެންވެސް އެއްޗެއް ބޭނުންކޮށްގެން، އެއްވުމެއްގައި މޫނު ނިވާކޮށްގެން ހުރެގެންނުވާނެއެވެ.
22 ވަނަ މާއްދާ - އެއްވުން އިންތިޒާމުކުރާ ފަރާތަށް ލިބިދޭ ހައްގުތައް
އެއްވުމެއް އިންތިޒާމުކުރާ ފަރާތަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.
(ހ) އެ އެއްވުން ބާއްވާނެ ތަނަކާއި ވަގުތު ކަނޑައެޅުމުގެ މިނިވަންކަން.
(ށ) އެ އެއްވުން ބާއްވާނެ ގޮތް ކަނޑައެޅުމުގެ މިނިވަންކަން.
(ނ) އެ އެއްވުމުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ކަނޑައެޅުމުގެ މިނިވަންކަން.
(ރ) އެ އެއްވުމުގެ އިސްފަރާތަކަށް ހުންނާނެ މީހަކު ކަނޑައެޅުން.
(ބ) އެ އެއްވުން ހުޅުވާފަރާތާއި އެ އެއްވުން ނިންމާފަރާތް ކަނޑައެޅުން.
(ޅ) އެ އެއްވުމުގައި ބައިވެރިންނާ ވާހަކަދައްކާނެ މީހުންނާއި އެމީހުން ވާހަކަދައްކާނެ ތަރުތީބާއި އެމީހުން ވާހަކަ ދެއްކުމަށް ފުރުސަތުދޭނެގޮތް ކަނޑައެޅުން.
(ކ) އެ އެއްވުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.
(އ) އެ އެއްވުން ކުރިއަށްދާނެ ދިގުމިން ކަނޑައެޅުން.
(ވ) އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ވަކި ބަޔަކަށް އެ އެއްވުމާގުޅޭ އިދާރީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރުން.
(މ) ފައިސާގެ އެހީ ހޯދުމާގުޅޭ ކަންކަން އިންތިޒާމުކުރުން.
(ފ) އެއްވުމުގެ ހަރަކާތެއް ހިންގުމުގައި ދާއިމީނޫން ގޮތަށް، އަދި ހަމައެކަނި އެ އެއްވުމުގެ ބޭނުމަށްޓަކައި، ވަގުތީގޮތުން ޓެންޓްޖެހުމާއި، ސްޓޭޖް ހެދުމާއި، އެއްވުމުގައި ބޭނުންކުރާ އެހެނިހެން ސާމާނު ބެހެއްޓުމާއި، އެތުރުމާއި، ގެންގުޅުމާއި، ހަރުކުރުން.
(ދ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހިނދު، ލައުޑް ސްޕީކަރު ބޭނުންކުރުމާއި އޯޑިއޯ ވީޑިއޯގެ ވަސީލަތްތައް ބޭނުންކުރުމާއި ޓްރާންސްޕޯޓުގެ ވަސީލަތްތައް ބޭނުންކުރުމާއި ފަންނީ އެކިއެކި ވަސީލަތްތައް ބޭނުންކުރުން.
(ތ) އާންމު މަސްލަހަތަށާއި ހަމަޖެހުމަށް އުނިކަން ނާންނާނެ ގޮތުގެމަތިން، އެއްވުމުގެ ބައިވެރިންގެ ކަންކަން ހަމަޖެއްސުން.
(ލ) ފުލުހުންގެ އިދާރާއާ ވާހަކަދައްކައިގެން އެ އެއްވުމުގެ އާންމު މަސްލަހަތު ރައްކާތެރިކުރެވޭނެގޮތް ހެދުމާއި އެ އެއްވުމުގެ ބައިވެރިންގެ ރައްކާތެރިކަން އެކަށައެޅުން.
(ގ) އެއްވުމުގެ ބައިވެރިއަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުން.
(ޏ) އެއްވުމާގުޅޭ މައުލޫމާތު މީޑިޔާ އާ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ފެތުރުން.
23 ވަނަ މާއްދާ - އެއްވުން އިންތިޒާމުކުރާ ފަރާތުގެ މަސްއޫލިއްޔަތު
އަންނަނިވި ކަންކަން ކުރުމަކީ، އެއްވުން އިންތިޒާމުކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
(ހ) އެއްވުން އިންތިޒާމުކުރުމުގައާއި ބޭއްވުމުގައި އާންމު މަސްލަހަތު ދެމިއޮންނާނެ ގޮތުގެމަތިން ކަންކަން ކުރުން.
(ށ) މީހުން ހިނގާބިނގާވާ މަގެއްގައި އެއްވުން އިންތިޒާމުކުރާ ކަމަށްވާނަމަ، އެ އެއްވުން ބޭއްވޭނެ މަގުތައް ދުރާލާ ފުލުހުންގެ އިދާރާއަށް އެންގުން.
(ނ) އެއްވުން ބޭއްވުމުގެކުރިން ފުލުހުންގެ އިދާރާއާ މަށްވަރާކޮށް، އެ އެއްވުން ބާއްވާކަމަށްޓަކައި، ދަތުރުފަތުރުކުރާ މީހުންނާއި ހިނގާބިނގާވާ މީހުންނަށް ކުރިމަތިވާނެ ދަތި ލުއިކުރުމަށްޓަކައި، އެހެން މަގުތަކަކުން ދަތުރުކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުން.
(ރ) ހާއްސަ ސިފަތަކެއް ހިމެނޭ، އަދި އެއްބަސްވެވޭ ވަކި އުޅަނދުފަހަރަށް އެއްވުމުގެ ސަރަހައްދު ބޭނުންކުރެވޭނެގޮތް ހެދުން.
(ބ) ސާފުތާހިރުކަމާއި ރައްކާތެރިކަމާ ގުޅޭގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.
(ޅ) ރޭގަނޑުގެ ވަގުތުގައި ބާއްވާ އެއްވުންތަކުގައި ފުލުހުންނާއެކު އެއްބަސްވެވޭ މިންވަރަކަށްވުރެ މައްޗަށް އެއްވުމުގެ އަޑު ގަދަނުވާނެ ގޮތުގެމަތިން އިންތިޒާމުތައް ހަމަޖެއްސުން.
(ކ) އެއްވުން ބާއްވާ ތަނުގެގޮތުން، މަދަރުސާތަކާއި ހޮސްޕިޓަލްތަކާއި މިސްކިތްތަކުގެ ވަށައިގެން ހިމެނޭ ސަރަހައްދުގައި އެއްވުމެއް ބާއްވާ ކަމުގައިވާނަމަ، ފުލުހުންނާއެކު އެއްބަސްވެވޭ ވަކި ނިސްބަތެއްގައި އަޑު ކޮންޓްރޯލް ކުރެވޭނެގޮތް ހެދުމާއި ލައުޑް ސްޕީކަރު ބޭނުންނުކުރުން.
(އ) އެއްވުމަކާބެހޭ މައުލޫމާތު މިނިވަންކަމާއެކު ލިބިގަތުމުގެ ހައްގާއި އެ މައުލޫމާތު ފެތުރުމުގެ ހައްގު ކަށަވަރުކުރުން.
ހަވަނަ ބާބު
ތަނާއި ވަގުތާގުޅޭ
24 ވަނަ މާއްދާ - އެއްވުން ބާއްވާ ތަން
(ހ) އެއްވުމެއް ބޭއްވޭނީ، މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، ވަކިތަނެއްގައި ކަމަށްވުމަކީ ލާޒިމުކަމެއް ނޫނެވެ.
(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އަންނަނިވި ސަރަހައްދުތަކަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުންދޭ ހުއްދައާއެކު މެނުވީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވުން މަނާކުރެވިގެންވާ ސަރަހައްދުތަކެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެންނެވުނު ހުއްދަ ދިނުމުގައި އަމަލުކުރަންވާނީ މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިން ލަފާހޯދައި އެ ލަފާގައިވާ ގޮތުގެމަތިންނެވެ.
- ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރުގެ މައި މަރުކަޒުގެ އުތުރުފަރާތު އިންފާރުން ފެށިގެން ކުރިމައްޗަށް 300 ފޫޓް ހިމެނޭ ސަރަހައްދާއި ހުޅަނގުފަރާތު އިންފާރުން ފެށިގެން
200 ފޫޓް ހިމެނޭ ސަރަހައްދާއި އަދި އިރުމަތިފަރާތު އިންފާރުން ފެށިގެން 200 ފޫޓު ހިމެނޭ ސަރަހައްދާއި، އަދި ދެކުނުފަރާތު އިންފާރުން ފެށިގެން 150 ފޫޓް ހިމެނޭ ބިމުގެ ސަރަހައްދު. - ދިވެހި ފުލުހުންގެ ހިދުމަތުގެ މައި މަރުކަޒުގެ އުތުރުފަރާތު އިންފާރުން ފެށިގެން ކުރިމައްޗަށް50 ފޫޓް ހިމެނޭ ސަރަހައްދާއި އަދި ހުޅަނގުފަރާތު އިންފާރުން ފެށިގެން 500 ފޫޓް ހިމެނޭ ސަރަހައްދާއި އަދި އިރުމަތިފަރާތު އިންފާރުން ފެށިގެން 100 ފޫޓު ހިމެނޭ ސަރަހައްދާއި، އަދި ދެކުނުފަރާތު އިންފާރުން ފެށިގެން 50 ފޫޓް ހިމެނޭ ސަރަހައްދު.
- ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރުގެ މައި މަރުކަޒު ނޫން އެބާރުގެ އެހެން ކޮންމެ މަރުކަޒެއްގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 100 ފޫޓް ހިމެނޭ ސަރަހައްދު.
- ރައީސުލްޖުމްހޫރިއްޔާ ދިރިއުޅޭ ރަސްމީ ގޭގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 250 ފޫޓް ހިމެނޭ ސަރަހައްދު.
- ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅޭ ރަސްމީ ގޭގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 100 ފޫޓް ހިމެނޭ ސަރަހައްދު.
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 100 ފޫޓް ހިމެނޭ ސަރަހައްދު.
- ދިވެހިރާއްޖޭގެ ޓޫރިސްޓް ރިސޯޓްތަކާއި، ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރުތަކާއި ވައިގެ ބަނދަރުތައް.
(ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އަންނަނިވި ސަރަހައްދުތަކަކީ، އެއިން ތަނަކަށް އެއްވެ ހުއްޓިތިބޭ ގޮތަށް ނުވަތަ އިށީނދެ ތިބޭގޮތަށް އެއްވުން ބޭއްވުން، މަނާކުރެވިގެންވާ ސަރަހައްދުތަކެވެ.
- ދިވެހި ފުލުހުންގެ ހިދުމަތުގެ މައި މަރުކަޒު ނޫން އެހިދުމަތުގެ އެހެން ކޮންމެ މަރުކަޒެއްގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 50 ފޫޓް ހިމެނޭ ސަރަހައްދު.
- އެއްވަނީ، އެތަނެއްގެ ކައިރީގައި މިސްކިތެއް ހުރި ތަނަކަށް ކަމުގައިވާނަމަ، އެ މިސްކިތެއްގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 50 ފޫޓް ހިމެނޭ ސަރަހައްދު.
- އެއްވަނީ، އެތަނެއްގެ ކައިރީގައި މަދަރުސާއެއް ހުރި ތަނަކަށް ކަމުގައިވާނަމަ، އެ މަދަރުސާއެއްގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 50 ފޫޓް ހިމެނޭ ސަރަހައްދު.
- އެއްވަނީ، ށަރުއީ ކޯޓެއްގެ ކައިރިއަށް ކަމުގައިވާނަމަ، އެ ކޯޓެއްގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 50 ފޫޓް ހިމެނޭ ސަރަހައްދު.
- އެއްވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް ކަމުގައިވާނަމަ، އެ އޮފީހުގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 50 ފޫޓް ހިމެނޭ ސަރަހައްދު.
- އެއްވަނީ، ރައްޔިތުންގެ މަޖިލީހުގެ ގެ ކައިރިއަށް ކަމުގައިވާނަމަ، އެ މަޖިލީހުގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 50 ފޫޓް ހިމެނޭ ސަރަހައްދު.
- އެއްވަނީ، ހޮސްޕިޓަލެއްގެ ކައިރިއަށް ކަމުގައިވާނަމަ، އެ ހޮސްޕިޓަލެއްގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 50 ފޫޓް ހިމެނޭ ސަރަހައްދު.
- އެއްވަނީ، ދިވެހިރާއްޖޭގައި ގާއިމް ކުރެވިފައިވާ ޑިޕްލޮމެޓިކް މިށަންއެއްގެ ކައިރިއަށް ކަމުގައިވާނަމަ، އެ މިށަންއެއްގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 50 ފޫޓް ހިމެނޭ ސަރަހައްދު.
(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، އެސަރަހައްދެއް ފުލުހުން ބަންދު ނުކުރާހާ ހިނދަކު، އެތަނުގެ ކައިރިން ދަތުރުކުރަމުންދާގޮތަށް ބާއްވާ ހިނގާލުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ބ) ވަކި މީހަކާ ދެކޮޅަށް މުޒާހަރާ ކުރުމަށްޓަކައި އެ މީހަކު ދިރިއުޅޭ ގޭގެ ކައިރީގައި ނުވަތަ ދިރިއުޅޭ ފްލެޓެއް ނުވަތަ އެފަދަ ތަނެއްގެ ކައިރީގައި އަޑުގަދަކުރާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އެއިން ތަނަކަށް އެއްވެ ހުއްޓި ތިބޭ ގޮތަށް ނުވަތަ އިށީނދެ ތިބޭ ގޮތަށް އެއްވުމެއް ބޭއްވުމަކީ މަނާ ކަމެކެވެ.
25 ވަނަ މާއްދާ – ވަގުތު
(ހ) އެއްވުމެއް ބޭއްވޭނީ، މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، ވަކިވަގުތެއްގައި ކަމުގައިވުމަކީ، ލާޒިމުކަމެއް ނޫނެވެ.
(ށ) ދިމާވާ ހާއްސަ ހާލަތެއްގައި، ވަކިތަނެއްގައި، ވަކިވަގުތެއްގައި، ވަކި އެއްވުމެއް ބޭއްވުމަކީ،
މި ގާނޫނުގެ ދާއިރާގެ ތެރޭގައި ކުރެވެންނެތް ކަމެއްކަމަށް ފުލުހުންގެ އިދާރާއަށް ފެނިއްޖެނަމަ،
އެ ބާއްވަން ބޭނުންވާ އެއްވުމުގެ ސިފަ ނުގެއްލޭނެ ގޮތަކަށް، އަދި އެއްވުމުގެ މަގްސަދު ހާސިލުވާނެ ގޮތަކަށް، އެ އެއްވުން ބޭއްވޭނެ އެހެން ވަގުތެއް ފުލުހުންގެ އިދާރާއިން އެ އެއްވުން އިންތިޒާމުކުރާ ފަރާތަށް އަންގަންވާނެއެވެ.
(ނ) މަދަރުސާއެއްގައި ކިޔަވައިދޭ ގަޑީގައި އަދި އިމްތިހާނެއް ކުރިއަށްދާ ގަޑީގައި އެ މަދުރަސާގެ ކައިރީގައި އެއްވުމެއް ބާއްވާނަމަ، ނުވަތަ ހޮސްޕިޓަލެއްގެ ކައިރީގައި އެއްވުމެއް ބާއްވާނަމަ، އެތަނަކަށް އަޑުއިވޭވަރަށް އެ އެއްވުމެއްގެ އަޑު ހުރެގެން ނުވާނެއެވެ. މިސްކިތެއްގެ ކައިރީގައި އެއްވުމެއް ބާއްވާނަމަ، ނަމާދު ގަޑީގައި އެ މިސްކިތަކަށް އަޑުއިވޭވަރަށް އެއްވުމުގެ އަޑު ހުރެގެން ނުވާނެއެވެ. މަދަރުސާއެއްގެ ކައިރީގައި ނުވަތަ ހޮސްޕިޓަލެއްގެ ކައިރީގައި ނުވަތަ މިސްކިތެއްގެ ކައިރީގައި އެއްވުމެއް ބާއްވާނަމަ، އެއިންތަނަކާ 50 ފޫޓު ގާތުގައި، އަޑުގަދަކުރާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ނުވާނެއެވެ.
26 ވަނަ މާއްދާ - މަންޒަރާއި އަޑު
އެއްވުމެއް ބާއްވަނީ ކަނޑައެޅޭ ވަކިފަރާތަކަށް ވަކި މެސެޖެއްދިނުމަށް ކަމުގައިވާތީ، އެއްވުމެއް އެއްވާއިރު، އެއްވުމެއް އެއްވާ ފަރާތުން އެ މެސެޖެއް ރައްދުކުރަން ބޭނުންވާ ފަރާތަށް އެ މަންޒަރު ފެންނާނެ އަދި އަޑުއިވޭނެ އެންމެ ކައިރިމިނެއްގައި، މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، އެ އެއްވުން ބޭއްވެންވާނެއެވެ.
ހަތްވަނަ ބާބު
ނޯޓިސް ދިނުން
27 ވަނަ މާއްދާ - ނޯޓިސް ދިނުން
(ހ) ވަކި އެއްވުމެއް ބޭއްވުމަށްޓަކައި، އެ އެއްވުމަށް ހުއްދަ ހޯދުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ރާވައިގެން ބާއްވާ އެއްވުމެއް ކަމުގައިވާނަމަ،
އެ އެއްވުން ބާއްވާކަމުގެ ނޯޓިސް ފުލުހުންގެ އިދާރާއަށް އެ އެއްވުން އިންތިޒާމުކުރާ ފަރާތުން ދޭންވާނެއެވެ.
(ނ) މި މާއްދާ ގެ (ށ) ގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމަކީ، އެ އެއްވުމަށް ހުއްދައެއް ހޯދުމެއް ނޫނެވެ.
(ރ) މި މާއްދާ ގެ (ށ) ގައިވާ ގޮތުގެމަތިން ދޭ ނޯޓިހުގެ ބޭނުމަކީ، އެ އެއްވުމާ ގުޅޭގޮތުން އަޅަންޖެހޭ އަންނަނިވި ތައްޔާރީ ފިޔަވަޅުތައް އެޅުމަށް، ފުލުހުންގެ އިދާރާއަށް އެކަށީގެންވާ ވަގުތު ދިނުމެވެ.
- އޮމާންކަމާއެކު އެ އެއްވުން ބޭއްވޭނެގޮތް ހަމަޖައްސައިދިނުން.
- އެހެންމީހުންގެ ހައްގުތައް ހިމާޔަތްކުރެވޭނެގޮތް ހަމަޖައްސައިދިނުން.
- އާންމު ރައްކާތެރިކަމާއި އާންމު ސުލްހަ ދަމަހައްޓައިދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވުމަށް ވަގުތުދިނުން.
- އެއްވުމަކަށް އެއްވެސް ހަނިކުރުމެއް މި ގާނޫނުގެ ދާއިރާގެ ތެރޭގައި ގެންނަންޖެހޭކަމަށް ފުލުހުންގެ އިދާރާއަށް ފެނިއްޖެނަމަ، އެކަމެއް، އެ އެއްވުން އިންތިޒާމުކުރާ ފަރާތަށް އެންގުމަށް ވަގުތުދިނުން.
- މި އަކުރުގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އަންގާ އެންގުމަކާ ހިތްހަމަނުޖެހޭ ފަރާތުން، އެކަމާމެދު ގޮތެއް ކަނޑައަޅައިދިނުން އެދި، ކޯޓަށް ހުށަހެޅުމަށް ވަގުތުދިނުން.
28 ވަނަ މާއްދާ - ނޯޓިސް ދެވިދާނެ ގޮތްތައް
އެއްވުން ބާއްވާކަމުގެ ނޯޓިސް ސިޓީ ނުވަތަ އީމެއިލް ނުވަތަ ޓެކްސްޓް މެސެޖް މެދުވެރިކޮށް ދެވޭނެ އިންތިޒާމް ފުލުހުންގެ އިދާރާއިން ހަމަޖައްސައި، އެކަންކުރުމަށް އޮތް ތަފްސީލު އުސޫލުތައް ފުލުހުންގެ އިދާރާއިން އާންމުކޮށް އިއުލާން ކުރަންވާނެއެވެ.
29 ވަނަ މާއްދާ - ނޯޓިހުގައި ހިމެނެންވާނެ މައުލޫމާތު
އެއްވުން ބާއްވާކަމުގެ ނޯޓިހެއްގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) އެ ނޯޓިސް ރައްދުކުރެވޭ ފުލުހުންގެ އިދާރާގެ ތަފްސީލު.
(ށ) އެ އެއްވުން ބާއްވާ މައުސޫއު.
(ނ) އެ އެއްވުން ބާއްވާ ވަގުތު، އަދި އެއްވުން ދިގުދެމިގެންދާނެކަމަށް ގަބޫލުކުރެވޭ ދިގުމިން.
(ރ) އެ އެއްވުން ބާއްވާ ތަން.
(ބ) އެ އެއްވުމުގައި އެއްވެސް މަގެއްގެ ބޭނުންކުރަންޖެހޭ ކަމަށްވާނަމަ، އެކަން.
(ޅ) އިންތިޒާމުކުރާ ފަރާތުގެ ނަމާއި އެޑްރެސް.
(ކ) ގުޅޭނެ ފޯނު ނަންބަރު.
(އ) އެ ނޯޓިސް ދިން ތާރީހާއި ވަގުތު.
30 ވަނަ މާއްދާ - ނޯޓިހުގެ މުއްދަތު
(ހ) އެއްވުން ބާއްވާކަމުގެ ނޯޓިސް ދޭނީ، އެ ނޯޓިސް ދޭ އެއްވުން ބޭއްވުމުގެ މަދުވެގެން
36 ގަޑިއިރު ކުރިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުއްދަތު ކަނޑައަޅާފައި އެވަނީ،
އެ އެއްވުން ބާއްވައިދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމަށް ފުލުހުންގެ އިދާރާއަށް ވަގުތު ދިނުމަށާއި، އެ އެއްވުމާ ގުޅޭގޮތުން އެއްވެސް ހަނިކުރުމެއް ފުލުހުންގެ އިދާރާއިން ކަނޑައަޅާކަމަށްވާނަމަ، އެ ށަރުތެއް އެއްވުން އިންތިޒާމުކުރާ ފަރާތަށް އެންގުމަށާއި،
އެ ށަރުތާ ދޭތެރޭގައި އެ އެއްވުން އިންތިޒާމުކުރާ ފަރާތުން ހިތްހަމަނުޖެހޭކަމަށްވާނަމަ، އެކަމާ ގުޅޭގޮތުން ށަރުއީ ކޯޓު މެދުވެރިކޮށް ގޮތެއް ކަނޑައެޅުމަށް އެ އެއްވުން އިންތިޒާމުކުރާ ފަރާތަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
31 ވަނަ މާއްދާ - ކުއްލި އެއްވުންތައް ނޯޓިސް ދިނުމުން އިސްތިސްނާވުން
(ހ) މި ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކުރާ ނޯޓިސް ދިނުމުގެ އުސޫލު ކުއްލި އެއްވުމަކަށް ނުހިނގާނެއެވެ.
(ށ) ކުއްލި އެއްވުމަކީ، ސުލްހަވެރި އެއްވުމެއް ކަމުގައިވާނަމަ، އެ އެއްވުމުގެ މައުލޫމާތު ފުލުހުންގެ އިދާރާއަށް ލިބޭވަގުތުން ފެށިގެން، އެ އެއްވުން ރައްކާތެރިކޮށްދީ، އެ އެއްވުން ބޭއްވޭނެ މަގު ފަހިކޮށްދޭންވާނެއެވެ.
(ނ) ކުއްލި އެއްވުން ނޯޓިސް ދިނުމުގެ އުސޫލުން އިސްތިސްނާވާކަމަށްޓަކައި، ރާވައިގެން ބޭއްވޭ އެއްވުމެއް، ކުއްލި އެއްވުމުގެ ގޮތުގައި ބާއްވައި، ނޯޓިސް ނުދިނުމުގެ އުސޫލުގެ ނާޖާއިޒު ފައިދާ ނަގައި، ކޮންމެ އެއްވުމެއް ކުއްލި އެއްވުމެއްގެ ގޮތުގައި ބޭއްވުމަކީ، މި ގާނޫނު ހުއްދަކުރާކަމެއް ނޫނެވެ. ކުއްލި އެއްވުމެއް، ކުއްލި އެއްވުމަކަށްވަނީ، ދިމާވާ ކުއްލި ކަމަކާގުޅޭގޮތުން ބާއްވާ އެއްވުމަކަށް އެ އެއްވުން ވާކަމަށްޓަކައި ކަމުގައިވާތީ، ކުއްލިއަކަށް ދިމާވާކަމެއް މާނަކުރަންވާނީ، ހަނިކޮށެވެ.
32 ވަނަ މާއްދާ - މުޒާހަރާ އިންތިޒާމުކުރުން
(ހ) ރާވައިގެންބާއްވާ އެއްވުންތައް ބޭއްވުމުގެ ކުރިން، އެއްވުން އިންތިޒާމުކުރާ ފަރާތުން އެ އެއްވުމުގެ ނޯޓިސް ދިނުމަށްފަހު، ފުލުހުންގެ އިދާރާއާއެކު އިންތިޒާމީ މަށްވަރާތައް ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިޒާމީ މަށްވަރާތައް ބިނާކުރާނީ، އަންނަނިވި ކަންކަމުގެ މައްޗަށެވެ.
- އެ އެއްވުން އިންތިޒާމްވެގެންދާގޮތުގެ މައްޗަށާއި، އެ އެއްވުމުގެ ސަބަބުން އާންމު ރައްކާތެރިކަމަށް އަތުވެދާނެ ލޮޅުމަކަށް ތައްޔާރުވެ އަޅަންޖެހިދާނެ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން.
- އެ އެއްވުން އިންތިޒާމުކުރާ މީހުން ފާހަގަވެގެންދާނެގޮތް.
- އެ އެއްވުމާ ގުޅޭގޮތުން އެތަނަށް ފޮނުވާ ފުލުހުން އިންތިޒާމްވެގެން ތިބޭނެގޮތުގެ މައްޗަށް.
އަށްވަނަ ބާބު
އެއްވުމުގެ ހައްގު ހަނިކުރުން
33 ވަނަ މާއްދާ - އެއްވުމުގެ ހައްގު ހަނިކުރެވޭނެ ހާލަތްތައް
(ހ) ގާނޫނުގައި ބަޔާންވެގެންވާ ހަމައަކުން، އަދި އަންނަނިވި މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ބޭނުންތެރިވާނެ ނިސްބަތަށް، އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ހަނިކުރެވިދާނެކަމަށް، މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްއަގްވާމީ މުއާހަދާގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާހިނދު، އެ މަސްލަހަތުތައް ދިވެހިރާއްޖޭގައި މާނަ ކުރެވޭނެގޮތާއި،
އެ މަސްލަހަތުތަކުގެ ދާއިރާ ދިވެހިރާއްޖޭގައި ކަނޑައެޅިގެންވާގޮތް މި ބާބުގައި ބަޔާންކޮށްފައިއެވަނީއެވެ.
- ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކުރިމަތިވުން.
- އާންމު ރައްކާތެރިކަން ދެމެހެއްޓުން.
- ގާނޫނުތަކާ އެއްގޮތަށް މުޖުތަމައު ހަމަޖެހުން ގާއިމުކުރުން.
- އާންމު ސިއްހަތު ރައްކާތެރިކުރުން.
- މުޖުތަމައުގެ އާންމު އަހްލާގީ މިންގަނޑު ރައްކާތެރިކުރުން.
- އެހެން ފަރުދުންނަށް ލިބިދޭ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ މަސްލަހަތުތައް އެގޮތުގައި ރައްކާތެރިކުރުމަށްޓަކައި، އެއްވެއުޅުމުގެ ހައްގު އެއިން މަސްލަހަތެއް ރައްކާތެރިކުރަންޖެހޭ ނިސްބަތަށް ބަލާ ހަނިކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިގެންވާ މަސްލަހަތުތައް ރައްކާތެރިކުރުމަށްޓަކައި މި މާއްދާގެ (ށ) ގެ ދަށުން ހަނިކުރުމެއް ގެނެވޭނެ ގޮތްތައް މި ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައާއި 36 ވަނަ މާއްދާއިން ފެށިގެން 41 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިއެވަނީއެވެ.
34 ވަނަ މާއްދާ - އެއްވުމުގެ ހައްގު ހަނިކުރެވޭނެ އުސޫލުތައް
އެއްވުމުގެ ހައްގު ހަނިކުރެވޭނީ އަންނަނިވި އުސޫލުތަކުގެ މަތިންނެވެ.
(ހ) ގާނޫނުގައި ހުއްދަ ސަބަބެއް އޮތުން.
- އެއްވުމަކާ ގުޅޭގޮތުން އެއްވެސް ހަނިކުރުމެއް ގެނެވޭނީ، ގާނޫނުގައި އެކަންކުރުމަށް ހުއްދަވެގެންވާ ސަބަބަކަށް ސާފުކޮށް ހަވާލާދިނުމާ އެކުގައެވެ.
- މި މާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވާ ސަބަބުގެ މައްޗަށް ބިނާކޮށް ގެނެވޭ ހަނިކުރުމަކީ، އިންސާނީ ހައްގުތަކުގެ ހަމަތަކުގެ ތެރެއަށް ފެތޭ ހަނިކުރުމަކަށްވެސް ވާންވާނެއެވެ.
- މި މާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވާ ސަބަބަކީ، އެއަށް އިށާރާތްކުރުމަށްފަހު، އެ އެއްވުން އިންތިޒާމުކުރާ ފަރާތަށް އެ ފަރާތުގެ ވަކިއަމަލަކީ ނުވަތަ ވަކިގޮތަކަށް ކުރާކަމަކީ އެ ސަބަބަށް ފެތޭ ކަމެއްކަން ސާފުކޮށް ދެނެގަނެވޭނެ ކަމަކަށް ވާންވާނެއެވެ.
(ށ) ނިސްބަތް ހަމަވުން.
އެއްވުމަކާ ގުޅޭގޮތުން ގެންނަ އެއްވެސް ހަނިކުރުމަކީ، ރައްކާތެރިކުރަންޖެހޭ މަސްލަހަތު ރައްކާތެރިކުރަން ލާޒިމު ނިސްބަތާ ވަޒަންހަމަވާ ފިޔަވަޅަކަށް ވާންވާނެއެވެ. އަދި
އެ އެއްވުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ވީހާވެސް ލޮޅުން ކުޑަވާނެގޮތަކަށް އަޅާ ފިޔަވަޅަކަށްވެސް އެފިޔަވަޅު ވާންވާނެއެވެ.
(ނ) ތަފާތު ނުކުރުން.
- އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގަކީ އެންމެންނަށްމެ ހަމަހަމަ ގޮތުގައި ބޭނުންކުރެވޭ ހައްގަކަށް ވާންވާނެއެވެ.
- އެއްގޮތް ހާލަތުގައި ބާއްވާ އެއްވުންތަކާމެދު، އެއް އުސޫލަކުން އަމަލުކުރަންވާނެއެވެ. އެއްގޮތް ހާލަތުގައި ބާއްވާ އެއްވުންތަކާމެދު، ތަފާތު އުސޫލަކުން އަމަލުކޮށްގެން ނުވާނެއެވެ.
- އެއްވެއުޅުމުގެ މިނިވަންކަމާ ގުޅޭގޮތުން، ފުލުހުންގެ އިދާރާއިން އަޅާ ފިޔަވަޅަކީ، ނުވަތަ ދައުލަތުގެ މުއައްސަސާތަކުން އަޅާ ފިޔަވަޅަކީ، ވަކިބަޔަކު ތަފާތުކުރުމުގެގޮތުން، ނުވަތަ ވަކިބަޔަކަށް އިސްކަންދިނުމުގެ ގޮތުން ކުރާކަމެއްކަން ފާހަގަވާ ފިޔަވަޅަކަށް ވެގެންނުވާނެއެވެ.
35 ވަނަ މާއްދާ - އެއްވުމުގެ ހައްގު ހަނި ނުކުރެވޭނެ ހާލަތްތައް
މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ކަންކަމަކީ އޭގެ ޒާތުގައި އެއްވެ އުޅުމުގެ ހައްގު ހަނިކުރެވޭނެ ސަބަބުތަކެއް ނޫނެވެ.
(ހ) އެއްވުން ބާއްވާ ތަން.
(ށ) އެއްވުން ބާއްވާ ވަގުތު.
(ނ) އެއްވުން ބާއްވާ ދިގުމިން.
(ރ) އެއްވުމުގައި ބައިވެރިވާ މީހުންގެ އަދަދު.
(ބ) ވަގުތުން ބާއްވާ އެއްވުމެއްގައި، އެ އެއްވުން އިންތިޒާމުކުރާ ފަރާތެއް ނެތުން.
(ޅ) ދުރާލާ ރާވައިގެން ބާއްވާ އެއްވުމެއްގެ ނޯޓިސް ދީފައިނެތުން.
(ކ) އެއްވަގުތާ އެހެން އެއްވުމެއް ހިނގަމުންދިޔުން ނުވަތަ ރައްދު އެއްވުމެއް ހިނގަމުންދިޔުން.
(އ) އެއްވުމެއް ހިނގަމުންދާ ވަގުތު ދައުލަތުގެ ނުވަތަ ސަރުކާރުގެ އެހެން ރަސްމިއްޔާތެއް އެތަނުގައި ހިނގަމުންދިޔުން.
(ވ) އެއްވުމެއް ހިނގަމުންދާ ވަގުތު ކުޅިވަރުގެ ހަރަކާތެއް އެތަނުގައި ހިނގަމުންދިޔުން ނުވަތަ އުފާފާޅުކުރުމުގެ ހަރަކާތެއް ހިނގަމުންދިޔުން.
(މ) ވަކި ބައެއްގެ އިސްތިއުފާއަށް ގޮވުމަށް ބާއްވާ އެއްވުމަކަށްވުން؛ ނުވަތަ ގާނޫނާ ގަވާއިދުގެ ތެރެއިން ވެރިކަން ބަދަލުކުރުމުގެ ވާހަކަ ދެކެވޭ އެއްވުމަކަށްވުން.
(ފ) މަގުތަކާއި ގޯޅިތައް ވަގުތީގޮތުން ބަންދުކުރަންޖެހޭ އެއްވުމަކަށްވުން.
(ދ) އެ އެއްވުމަކަށް ދޭންޖެހޭ ރައްކާތެރިކަން ފުލުހުންގެ އިދާރާއަށް ފުރިހަމައަށް ދެވިފައިނުވާ އެއްވުމަކަށްވުން.
36 ވަނަ މާއްދާ - ގައުމީ ސަލާމަތަށް ނުރައްކާވުމުގެ މިންގަނޑު
ގައުމީ ސަލާމަތަށް ނުރައްކާވުމުގެ މިންގަނޑު ތަންފީޒުކުރެވޭނީ، ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަކަމެއް މާނަކޮށްދީފައިވާ ދާއިރާގެ ތެރޭގައި ހިނގާ ކަމަކަށެވެ. އެއީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމެވެ. އޭގެތެރޭގައި ޓެރަރިސްޓް ހަމަލާތަކާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތް ހިމެނޭގޮތުންނެވެ. އެކަމަކު، ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްގު ބޭނުން ކޮށްގެން އެކި ކަންކަމަށް ތާއީދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ގާނޫނާ ހިލާފުނުވެ، ހިންގާ ސުލްހަވެރި ހަރަކާތް، އޭގެ ޒާތުގައި ނުހިމެނޭގޮތުންނެވެ.
37 ވަނަ މާއްދާ - އާންމު ރައްކާތެރިކަން ދެމެހެއްޓުމުގެ މިންގަނޑު
އެއްވުމުގެ ހައްގު ހަނިކުރުމުގައި އާންމު ރައްކާތެރިކަން ދެމެހެއްޓުމުގެ މިންގަނޑު ތަންފީޒުކުރާނީ، ޖިނާއީ ކުށަކާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ކަމާގުޅޭ ގާނޫނުގައި ފުލުހުންނަށް ބާރު ލިބިދީފައިވާ ކަންކަމުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއްގެ މައްޗަށެވެ.
38 ވަނަ މާއްދާ - މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމުގެ މިންގަނޑު
އެއްވުމުގެ ހައްގު ހަނިކުރުމުގައި މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމުގެ މިންގަނޑު ތަންފީޒުކުރާނީ، ޖިނާއީ ކުށަކާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ގާނޫނުގައި ފުލުހުންނަށް ބާރު ލިބިދީފައިވާ ކަންކަމުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއްގެ މައްޗަށެވެ.
39 ވަނަ މާއްދާ - އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މިންގަނޑު
އެއްވުމުގެ ހައްގު ހަނިކުރުމުގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މިންގަނޑު ތަންފީޒުކުރާނީ، ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ގައިންގަޔަށްއަރާ ނުރައްކާތެރި ބައްޔެއް ފެތުރިފައިވާކަމަށް އިއުލާންކޮށްފައިވާ ދަނޑިވަޅުގައި، އެފަދަ ކަމަކުން މީހުން ސަލާމަތްކުރުމަށް ކުރަންޖެހޭ ކަމެއްގެ މައްޗަށް ކަމާގުޅޭ ގާނޫނެއްގައިވާ ގޮތުގެމަތިންނެވެ.
40 ވަނަ މާއްދާ - އާންމު އަހްލާގީ މިންގަނޑު ރައްކާތެރިކުރުމުގެ މިންގަނޑު
އެއްވުމުގެ ހައްގު ހަނިކުރުމުގައި އާންމު އަހްލާގީ މިންގަނޑު ތަންފީޒުކުރާނީ، ގާނޫނު ނަންބަރު 11/2010 (އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު އަމަލު ހުއްޓުވުމުގެ ގާނޫނު) ގެ ދާއިރާގެ ތެރޭގައެވެ.
41 ވަނަ މާއްދާ - އެހެން ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ މިންގަނޑު
އެއްވުމެއްގެ ސަބަބުން އެހެން ފަރާތަކަށް ލިބިގެންވާ މިނިވަންކަމެއް ނުވަތަ ހައްގެއް ވަގުތީ ގޮތުން ހިފެހެއްޓިގެން ދިޔުމަކީ، އެއްވުމުގެ ތަބީއަތުގައި ހިމެނޭ ކަމެއްކަމުގައިވާކަން މި ގާނޫނު ގަބޫލުކުރާ ހިނދު، އެކަން އެގޮތަށް ވެގެންވާންވާނީ، އެކަށޭނަ ނިސްބަތަކަށްކަމުގައިވެސް މި ގާނޫނު ގަބޫލުކުރެއެވެ. އެހެންކަމުން، ވަކި ތަނެއްގައި އެއްވުން ބާއްވާތީ، އެ އެއްވުމުގެ ސަބަބުން ހައްގުތައް ހިފެހެއްޓިގެންދާ ފަރާތްތަކަށް ތަކުރާރުކޮށް އެކަން ދިމާވަމުންދާ ނިސްބަތަށް ރިއާޔަތްކޮށް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަށް ފުލުހުންގެ އިދާރާއިން އެ އެއްވުން އިންތިޒާމުކުރާފަރާތަށް އެންގުމަކީ، މި ގާނޫނު ހުއްދަކުރާކަމެކެވެ.
(ހ) އެއްވުމުގެ ވަގުތު ކުރުކުރުން.
(ށ) އެއްވުމުގެ އަޑު ވަކިމިނެއްގައި ހިފެހެއްޓުން.
(ނ) ވަކި ވަގުތެއްގެ ކުރިން އެއްވުން ނިންމާލުން.
(ރ) އަޑުގަދަކުރާ ބޭނުންނުކުރުން.
(ބ) ވަކިދާއިރާއެއްގެ ތެރޭގައި އެއްވުން ހިފެހެއްޓުން.
(ޅ) ހަޑިހުތުރު ބަސް ބޭނުންނުކުރުމަށް އެންގުން.
(ކ) ވަކި ވަގުތުތަކެއްގައި އެ އެއްވުން ނުބޭއްވުމަށް އެންގުން.
42 ވަނަ މާއްދާ - ހަނިކުރުމެއް ގެންނަނަމަ އެންގުން
(ހ) ރާވައިގެން ބާއްވާ އެއްވުމަކާ ގުޅޭގޮތުން އެއްވެސް ކަހަލަ ހަނިކުރުމެއް ގެންނަ ކަމަށްވާނަމަ، އެކަމެއް، ސަބަބު ބަޔާންކޮށް ތަފްސީލުކޮށް ލިޔުމަށްފަހު، އެ އެއްވުމުގެ ނޯޓިސް ފުލުހުންގެ އިދާރާއަށް ލިބޭތާ 12 ގަޑިއިރުތެރޭގައި، އެ އެއްވުން އިންތިޒާމުކުރާ ފަރާތަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަންގާ އެންގުމުގައި ބަޔާންކުރާ ހަނިކުރުމަކީ، އެ އެއްވުން އިންތިޒާމުކުރާ ފަރާތުން ދެކޭގޮތުގައި މިގާނޫނާ ހިލާފު ހަނިކުރުމެއް ކަމުގައިވާނަމަ، އެކަމާމެދު ކޯޓުން ގޮތެއް ކަނޑައަޅައިދިނުން އެދި، އެކަން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އެ ފަރާތަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ނ) ގެ ދަށުން މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، އެކަމާމެދު، އެ މައްސަލައެއް ހުށަހެޅޭތާ 12 ގަޑިއިރު ތެރޭގައި އެ ކޯޓަކުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ރ) ކުއްލި އެއްވުމަކާ ގުޅޭގޮތުން، ހަނިކުރުމެއް ފުލުހުންގެ އިދާރާއިން ގެންނަނަމަ، އެކަން،
އެ އެއްވުމުގެ މައުލޫމާތު ލިބޭހިނދުން ފެށިގެން ވީ އެންމެއަވަހަކަށް އެ އެއްވުން އިންތިޒާމުކުރާ ފަރާތަށް ފުލުހުންގެ އިދާރާއިން އަންގަންވާނެއެވެ. އަދި، އެފަދަ އެންގުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ބާރު އެ އެއްވުން އިންތިޒާމުކުރާ ފަރާތަށް ލިބިގެންވެއެވެ. އަދި، ކޯޓަށް އެފަދަ މައްސަލައެއް ހުށަހެޅިއްޖެނަމަ، ވީ އެންމެއަވަސް ފުރުސަތެއްގައި، އެކަމަކު ގިނަވެގެން 12 ގަޑިއިރުތެރޭގައި، އެކަމާމެދު އެ ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
43 ވަނަ މާއްދާ - ފުލުހުންގެ އިދާރާއަށް ނުކުރެވޭނެ ކަންކަން
އެއްވުމަކާ ގުޅޭގޮތުން ގެންނަ އެއްވެސް ހަނިކުރުމެއް ގެނައުމުގައި، މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހިނދު، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ފުލުހުންގެ އިދާރާއަކަށް ނުކުރެވޭނެއެވެ.
(ހ) ވަކިތަނެއްގައި ވަކިވަގުތެއްގައި އެއްވުން ބޭއްވުމަށް އެންގުން؛
(ށ) އެއްވުމުގެ ބައިވެރިންގެ ރައްކާތެރިކަމަށްޓަކައި މެނުވީ، ހިނގާލުމެއް ބޭއްވުމަށް ކަނޑައަޅާފައިވާ މަގަށް ބަދަލެއް ގެނައުން؛
(ނ) އެ އެއްވުމުގެ ބައިވެރިންގެ ގޮތުގައި އެއްވުމުގައި ބައިވެރިވުން؛
(ރ) ގާނޫނުގައި ހުއްދަވެގެންވާ ކަމެއް އެއްވުމުގެ ބައިވެރިން ކުރަން ހުރަހެއް ކުރިމަތިކުރުވުން؛
(ބ) މީޑިއާ ގެ މަސައްކަތަށް ހުރަސްއެޅުން؛
(ޅ) އެއްވުމެއްގެ ބައިވެރިންނަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާ އެއްވެސް ކަމެއް ކުރުން؛
(ކ) އެއްވުމެއްގެ ބައިވެރިންގެ މެދުގައި، ނުވަތަ ދެ އެއްވުމެއްގެ ބައިވެރިންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ކަމެއް ކުރުމަށް ހިތްވަރުދިނުން، ނުވަތަ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރަނީކަމުގައި ބެލެވޭކަމެއް ކުރުން؛
(އ) ފުލުހެއްކަން އަންގައިދޭ ޔުނިފޯމުގައި ނޫންގޮތަކަށް އެއްވުމެއް ރޫޅާލުމުގައި ހަރަކާތްތެރިވުން؛ ނުވަތަ ރަޔަޓް ގިޔަރގެ ބަޔަކަށް ނުވާގޮތުން، މޫނު ނިވާކޮށްގެން ތިބެ އެއްވުމެއް ރޫޅާލުމުގައި ހަރަކާތްތެރިވުން.
44 ވަނަ މާއްދާ - އެއްވުން ރޫޅާލުން
(ހ) އެއްވުމެއް ރޫޅާލުމާ ގުޅޭގޮތުން ފުލުހުންގެ ދައުރު މައިގަނޑު ގޮތެއްގައި ބިނާވެގެންދާނީ،
މި ގާނޫނުގެ ދަށުން އެއްވުން ރޫޅާލުމަށް ހުއްދަ ހާލަތެއްގައި އެކަންކުރުމަށާއި، އެ އެއްވުމަކާ ގުޅޭގޮތުން އެއްވެސް ހަނިކުރުމެއް ގެނެސްފައިވާނަމަ، އެ ހަނިކުރުމެއް ތަންފީޒުކުރުމުގެ ގޮތުން އެކަން ކުރުމަށެވެ.
(ށ) އެއްވުމެއް ރޫޅާލަންވާނީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ދިމާވުމުންނެވެ.
- އެ އެއްވުން ނިމުމަކަށް ގެނައުމަށް ކޯޓެއްގެ ހުކުމް އައުން؛ ނުވަތަ
- އެ އެއްވުމުގެ ސުލްހަވެރި ސިފަ ގެއްލިގެން ހިނގައްޖެކަމަށް ފުލުހުންނަށް ގަބޫލުކުރެވުން؛ ނުވަތަ
- އެ އެއްވުމެއްގައި އަނިޔާވެރި އަމަލު ހިނގާކަމަށް ނުވަތަ އަނިޔާވެރި އަމަލު ހިންގުމަށް ހިތްވަރު ލިބިދެވޭގޮވުންތައް ހިމެނޭކަމަށް ފުލުހުންނަށް ގަބޫލުކުރެވުން؛ ނުވަތަ
- އެ އެއްވުމުގައި އާންމު މަސްލަހަތު ގެއްލޭގޮތަށް ހިނގާ ކަންކަން މައިތިރިކުރުމަށްޓަކައި، ފުލުހުން ބޭނުންކުރާ ވަސީލަތްތައް ބޭނުންކޮށްގެންވެސް އާންމު މަސްލަހަތު ރުޖޫއަ ނުކުރެވޭވަރަށް، އެ އެއްވުމުގެ މަސްލަހަތު ގޯސްވެއްޖެކަމަށް ފުލުހުންނަށް ގަބޫލު ކުރެވުން؛ ނުވަތަ
- އެއްވުމަކަށް ރައްކާތެރިކަން ދިނުމަށް ނުވަތަ އެ އެއްވުން ތަރުތީބުކުރުމަށް ނުވަތަ އެހެން މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ފުލުހުން، އެ އެއްވުމެއް އޮންނަ ހިސާބުގައި ބަހައްޓާ ހުރަސްތައް ނުވަތަ ދަމާ ރޮނގުތައް ގިރާކުރުމަށްފަހު ފުލުހުންގެ ސަފު ފަހަނައަޅާ ދިއުމަށް އެ އެއްވުމުގެ ބައިވެރިންގެ ތެރެއިން ބަޔަކު މަސައްކަތްކޮށްފިނަމަ، އަދި، އެއީ، ހަމައެކަނި ވަކި ބަޔަކު ކުރިކަމެއްކަމަށްވުމުގެ ބަދަލުގައި، މުޅި އެއްވުމުގެ ސިފައެއް ކަމުގައި ފުލުހުންނަށް ގަބޫލު ކުރެވުން؛ ނުވަތަ
- އެއްވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ކަނޑި، ވަޅި، ހަންޖަރު، ލަކުޑިބުރި، ދަނޑިބުރި، ދަގަނޑުބުރި، މުގުރު، ބްލީޗް، ޕެޓްރޯލް، އެސިޑް ނުވަތަ ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެފަދަ އެއްޗެއް، ނުވަތަ ގޮވާ އެއްޗެއް، ނުވަތަ ފުލުހުންގެ އިދާރާއިން ގާނޫނު ތަންފީޒުކުރުމަށްޓަކައި ނުވަތަ އާންމު މަސްލަހަތު ގާއިމުކުރުމަށްޓަކައި ބޭނުންކުރާ ބާވަތުގެ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިނުން؛ ނުވަތަ
- އެއްވުން ބޭއްވުން ހުއްދަނޫން ސަރަހައްދެއްގައި އެއްވުން ބޭއްވުން؛ ނުވަތަ
- އެއްވުމާ ގުޅޭގޮތުން ގެނެސްފައިވާ ހަނިކުރުމަކާ ހިލާފަށް އެއްވުމުގެ ބައިވެރިން ނުވަތަ އެއްވުން އިންތިޒާމުކުރާ ފަރާތުން އަމަލުކުރުން.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ކުރިމަތިވެއްޖެނަމަ ފުލުހުންނަށް ފެނިގެން އެއްވުމެއް ރޫޅާލުމުން، އެކަމާ އެ އެއްވުން އިންތިޒާމުކުރާ ފަރާތުން ހިތްހަމަނުޖެހޭކަމަށްވާނަމަ، އެ މައްސަލަ ކޯޓަށް ހުށަހަޅައި ފުލުހުންގެ އެ ނިންމުމާމެދު ގޮތެއް ކަނޑައަޅައިދިނުމަށް
އެ ކޯޓުގައި އެދުމުގެ ބާރު އެ އެއްވުން އިންތިޒާމުކުރާ ފަރާތަށް ލިބިގެންވެއެވެ.
ނުވަވަނަ ބާބު
ޒިންމާ އުފުލުން
45 ވަނަ މާއްދާ - ފުލުހުން ޒިންމާ އުފުލުން
(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ކަމަކާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން އުފުލަންޖެހޭ ގާނޫނީ ޒިންމާއަށް، އެ ފަރާތުން ޖަވާބުދާރީވެ، ގާނޫނުގެ ކުރިމަތީގައި، ޒިންމާ އުފުލަންވާނެއެވެ.
(ށ) މި ގާނޫނުގައި ބަޔާންވެގެންވާ ކަމަކާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން އިއުލާން ކޮށްފައިވާ ގަވާއިދަކާގުޅޭގޮތުން ނުވަތަ އުސޫލަކާ ގުޅޭގޮތުން، ނުވަތަ ވަކިކަމަކާ ގުޅޭގޮތުން ފުލުހުން އަމަލުކޮށްފައިވާގޮތުން، މި ގާނޫނުގެ ހަމަތަކުން އެކަމެއް ބޭރުވާކަމަށްވާނަމަ، އެކަމުގެ ނަތީޖާއެއްގެ ގޮތުން އުފެދޭ ގާނޫނީ އިލްތިޒާމްތައް ފުލުހުންގެ އިދާރާއިން އުފުލަންވާނެއެވެ.
46 ވަނަ މާއްދާ – ހަރަދު
އެއްވުމެއް ބޭއްވުމާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން ނުވަތަ ދައުލަތުގެ އެހެންވެސް މުއައްސަސާއަކުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ހިނގާ ހުރިހާ ހަރަދެއް އުފުލާނީ އެ ފިޔަވަޅެއް އަޅާ ފަރާތަކުންނެވެ.
47 ވަނަ މާއްދާ - ފުލުހުންގެ ޒިންމާގެ މިންގަނޑު
އެއްވުމަކާ ގުޅޭގޮތުން ފުލުހުން އަޅާ ފިޔަވަޅު އެޅުމުގައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.
(ހ) އަޅާ ފިޔަވަޅު ގާނޫނުގައި ހުއްދަވެގެންވުން.
(ށ) އަޅާ ފިޔަވަޅަކީ، އެވަގުތަށް އަޅަންޖެހޭ ފިޔަވަޅަކަށްވުން.
(ނ) އަޅާ ފިޔަވަޅަކީ، އެވަގުތަކަށް ދެވޭ ނިސްބަތްހަމަ ރައްދަކަށްވުން.
(ރ) އަޅާ ފިޔަވަޅަކީ، ވަކި ފަރާތެއް ތަފާތުނުކޮށް އަޅާ ފިޔަވަޅަކަށްވުން.
48 ވަނަ މާއްދާ - އެހެން މީހުންގެ ކިބައިން އެއްވުން ރައްކާތެރިކޮށްދިނުން
(ހ) މި ގާނޫނުގައި މަނާވެގެންވާ ހާލަތެއްގައި މެނުވީ ބާއްވާ ކޮންމެ އެއްވުމެއްގެ ބައިވެރިން ރައްކާތެރިކޮށްދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަކީ ފުލުހުންގެ އިދާރާގެ ޒިންމާއެކެވެ.
(ށ) އެއްވުމެއް ހިނގަމުންދާ ވަގުތުގައި، އެ އެއްވުމުގައި އަނިޔާވެރި އަމަލެއް ހިންގުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އެ އެއްވުމަށް ހުރަސްއަޅާ ފަރާތްތަކާއި، އެ އެއްވުން ތަރުތީބުން ނައްޓާލުމަށް މަސައްކަތްކުރާ ފަރާތްތައް އެކަހެރިކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، އަދި
އެ އެއްވުން ހުރަހެއްނެތި ކުރިއަށްދާނެގޮތަށް ކަންކަން ރާވައިދިނުމަކީ، ފުލުހުންގެ ޒިންމާއެކެވެ.
(ނ) މި ގާނޫނުގައި މަނާކުރެވިގެންވާ އުސޫލާ ހިލާފުނުވެ، އެއްވުމުގެ ބައިވެރިން ހިޔާލުފާޅުކުރާ ހިނދަކު، އެ އެއްވުމުގެ ބައިވެރިން ފާޅުކުރަމުންދާ ށުއޫރަށް ހުރަހެއް އެޅުމަކީ ނުވަތަ ހުރަހެއް ކުރިމަތިކުރުވުމަކީ ފުލުހުންގެ އިދާރާއިން ކޮށްގެންވާނެ ކަމެއް ނޫނެވެ.
49 ވަނަ މާއްދާ - ބާރުގެ ބޭނުންކުރުން
(ހ) ސުލްހަވެރި އެއްވުމެއް ތަރުތީބުން ނެއްޓި، ހަމަޖެހުން ގާއިމުކުރެވެންނެތް ހާލަތެއް ދިމާވެއްޖެހިނދެއްގައި، ނުވަތަ އެއްވެއުޅުމުގެ ހައްގު ހަނިކުރެވިދާނެކަމަށް މި ގާނޫނުގައި ބަޔާންވެގެންވާ ހާލަތެއް ދިމާވެގެން، ފުލުހުން އެ އެއްވުން ރޫޅާލަން ޖެހިއްޖެނަމަ، ފުލުހުން
އެ އެއްވުން ރޫޅާލަން ނިންމާފައިވާކަން އިންތިޒާމުކުރާ ފަރާތަށް އަންގަންވާނެއެވެ. އަދި
އެ ހާލަތުގައި ފުރަތަމަ އިސްކަންދޭންވާނީ އެ އެއްވުން އިންތިޒާމުކުރާ ފަރާތާ ވާހަކަދައްކައިގެން އެ އެއްވުން ރޫޅާލުމަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް އަމަލުކުރަން ފުރުސަތު ނެތް ހާލަތުގައި، އަދި ބާރުގެ ބޭނުންކޮށްގެން އެ އެއްވުން ރޫޅާލަން ޖެހިއްޖެ ހާލަތެއްގައި، ބޭނުންކުރާ ބާރަކީ ގާނޫނުގައި ހުއްދަވެގެންވާ ބާރަކަށް ވާންވާނެއެވެ. އަދި އެ ހާލަތަކީ އެ ހާލަތުގައި ބޭނުންކުރި ބާރު އެގޮތަށް ބޭނުންކުރުމަށް އެކަށޭނަ ހާލަތަކަށް ވާންވާނެއެވެ. އަދި، އެ ބޭނުންކުރި ބާރަކީ، އުފެދިފައިވާ ހާލަތާ ނިސްބަތްހަމަ ބާރަކަށްވާންވާނެއެވެ.
50 ވަނަ މާއްދާ - ނަސޭހަތާއި އިންޒާރުދިނުން
(ހ) ބާރުގެ ބޭނުންކޮށްގެން އެއްވުމެއް ރޫޅާލަން ޖެހިއްޖެނަމަ، ފުލުހުން އެ އެއްވުން ރޫޅާލުމަށް ނިންމާފައިވާކަން އެއްވުމުގެ ބައިވެރިންނަށް އަންގައި ސުލްހަވެރިކަމާއެކު އެއްވުމުން ވަކިވެ ދިއުމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރި ވާންޖެހޭނެއެވެ. މި ގޮތުން ވިދިވިދިގެން ތިންފަހަރު، ނަސޭހަތްތެރިވާންޖެހޭނެއެވެ. އަދި، އެއަށްފަހު، ބާރުގެ ބޭނުންކުރުމުގެ ކުރިން އެކަމުގެ އިންޒާރު ވިދިވިދިގެން ތިންފަހަރު ދޭންވާނެއެވެ.
(ށ) އެއްވުމެއް ރޫޅާލުމުގައި ނަސޭހަތް ދޭންޖެހޭގޮތަށް ދިނުމުގައާއި، އިންޒާރު ދޭންޖެހޭ ގޮތަށް ދިނުމުގައި ގެންގުޅޭ ވަގުތުގެ ދިގުމިނަކީ، ދުރާލާ ކަނޑައަޅާފައިވާ ދިގުމިނަކަށް ވާންޖެހޭނެއެވެ.
(ނ) އެއްވުމެއް ރޫޅާލުމަށް ފުރިހަމަކުރަންޖެހޭ މަރުހަލާތައް ފަށައިފިކަމަށްވާނަމަ، އެ އެއްވުން ރޫޅާނުލެވޭހާ ހިނދަކު، އެ މަރުހަލާތައް ފުރިހަމަ ކުރަންވާނެއެވެ.
(ރ) ސުލްހަވެރި އެއްވުމެއް ތަރުތީބުން ނެއްޓިގެންދިޔަގޮތަށް ބަލާއިރު، ހަމަޖެހުން ގާއިމުކުރުމުގައި ނުވަތަ އެ އެއްވުން ރޫޅާލުމުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ މަރުހަލާތަކެއް ފުރިހަމަކުރެވެން ނެތް ހާލަތެއްގައިނަމަ، ނަސޭހަތް ދިނުމަކާނުލައި، އެކަމަކު އެއްފަހަރު އިންޒާރު ދިނުމަށްފަހު، ނުވަތަ އެއްފަހަރު އިންޒާރު ދިނުމާއެކު އެކީގައި އެ އެއްވުން ރޫޅާލުމުގެ ފިޔަވަޅުއެޅުމަކީ، ފުލުހުންނަށް ކުރެވިދާނެކަމެކެވެ.
51 ވަނަ މާއްދާ - ބޭނުންކުރި ބާރާގުޅޭ ޒިންމާ
(ހ) އެއްވުމެއް ރޫޅާލުމުގައި ބޭނުންކުރާ ބާރަކީ ކުރިމަތިވެފައިވާ ނުރައްކަލާ އެކަށޭނަ ނިސްބަތްހަމަ ބާރަކަށް ވާންވާނެއެވެ.
(ށ) ފުލުހުން ބާރުގެ ބޭނުންކުރާ ހާލަތުގައި، އެވަގުތު ބޭނުންކުރި ބާރަކީ ގާނޫނުގައި ހުއްދަވެގެންވާ ބާރަކަށް ނުވެއްޖެނަމަ، ނުވަތަ ބޭނުންކުރި ބާރަކީ ނިސްބަތުން އެކަށީގެންވާ ވަރަށްވުރެ ބޮޑު ބާރަކަށްވާނަމަ، ނުވަތަ ބާރު ބޭނުންކުރި ހާލަތާ ނިސްބަތްހަމަ ބާރެއްކަމުގައި ނުވާނަމަ، އެ އަމަލު ހިންގި ފަރާތްތަކުން އެކަމުގައި މަދަނީ އަދި ޖިނާއީ ޒިންމާ އުފުލަންޖެހޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ދެންނެވިފައިވާ ގޮތާއި ހިލާފަށް ފުލުހުން ބާރުގެ ބޭނުންކުރިއިރު، އެކަން އެގޮތަށް ނުކުރުމަށް އެންގޭނެ ހާލަތުގައި ތިބި އެއަށްވުރެ މަތީ މަގާމުތަކުގެ މީހުން،
އެ މަގާމުތަކުގައި ތިބެ، އެކަން އެނގިތިބެ، އަދި، އެކަން ހުއްޓުވާނެ އެކަށީގެންވާ ފުރުސަތުއޮވެ، އެކަން ހުއްޓުވާފައި ނުވާނަމަ، އެމީހުންވެސް އެކަމާ ގުޅޭގޮތުން މަދަނީ އަދި ޖިނާއީ ޒިންމާ އުފުލަންޖެހޭނެއެވެ.
(ރ) ފުލުހުންގެ މީހަކު، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާ ލިބޭފަދަ ގެއްލުމެއް ދީފިކަމަށް ތުހުމަތުކުރެވިއްޖެ ހިނދެއްގައި، އިތުރު އެއްވެސް ފަރާތެއްގެ ށަކުވާއެއް ހުށަހެޅުމެއްނެތި، އެ މައްސަލަ ޕޮލިސް އިންޓަރގްރިޓީ ކޮމިށަނުންނާއި ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއިން ވަކިވަކި މިނިވަން ތަހްގީގުތަކެއްގެ ގޮތުގައި ތަހްގީގުކޮށް، އެކަމާ ގުޅޭގޮތުން ފާހަގަކުރެވުނު ކަންކަން، އެކަމެއް ހިނގާދިޔަތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އިއުލާން ކުރަންވާނެއެވެ. އަދި، އެފަދަކަމެއް ހިނގާފައިވާކަމަށް އެފަދަ ތަހްގީގަކުން ދައްކައިފިނަމަ، ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅައިދިނުމަށްއެދި، އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވަންވާނެއެވެ.
52 ވަނަ މާއްދާ - އެއްވުން އިންތިޒާމުކުރާ ފަރާތުން ޒިންމާ އުފުލުން
(ހ) އެއްވުމެއްގައި ހިނގާ ހަމަނުޖެހުމާ ގުޅޭގޮތުން ނުވަތަ އަނިޔާވެރި އަމަލާ ގުޅޭގޮތުން ނުވަތަ މުދަލަށް ގެއްލުންދިނުމާ ގުޅޭގޮތުން ނުވަތަ މީހަކަށް ގެއްލުންދިނުމާ ގުޅޭގޮތުން، އެއްވުން އިންތިޒާމުކުރާ ފަރާތުން ޒިންމާ އުފުލަންޖެހޭނީ، އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެމީހުން އަޅާފައިނުވާ ހާލަތުގައެވެ. ނުވަތަ އަނިޔާވެރި އަމަލު ހިންގުމަށް ނުވަތަ މުދަލަށް ގެއްލުން ދިނުމަށް އެ އެއްވުމުގައި ފާޅުގައި ގޮވަމުންދާއިރުވެސް، އެކަން ހުއްޓުވުމަށް އެއްވުން އިންތިޒާމުކުރާ ފަރާތުން ކުރި މަސައްކަތެއް ފާހަގަވާން ނެތްނަމައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ދާއިރާގެތެރޭގައި މެނުވީ އެއްވުމުގައި ބައިވެރިވާ ވަކިވަކި ފަރުދުން ކުރާ ކަންތައްތަކަށް އެއްވުން އިންތިޒާމުކުރާ ފަރާތުން ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ. އެކަންކަމަށް ޒިންމާ އުފުލާނީ އެކަމެއްކުރި ފަރާތަކުންނެވެ.
(ނ) އެއްވުމުގައި ބައިވެރިނުވާ މީހަކު ނުވަތަ އެއްވުމަށް ހުރަސްއެޅުމަށް މަސައްކަތްކުރާ މީހަކު ނުވަތަ އެއްވުން ހަމައިން ނައްޓާލުމަށް މަސައްކަތްކުރާ މީހަކު ކުރާކަމަކަށްވެސް އެއްވުން އިންތިޒާމުކުރާ ފަރާތުން ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ. އެކަންކަމަށް ޒިންމާ އުފުލާނީ އެކަމެއް ކުރި ފަރާތަކުންނެވެ.
53 ވަނަ މާއްދާ - ފަރުދީ ޒިންމާ
އެއްވުމެއްގެ ތެރޭގައި ވަކިމީހަކު ގާނޫނާ ހިލާފު އަމަލެއް ކޮށްފިކަމަށްވާނަމަ ނުވަތަ ގާނޫނީގޮތުން ކުރާ ހުއްދަ އަމުރަކާ ތަބާނުވި ކަމުގައިވާނަމަ، އެކަމެއްގެ ޒިންމާ އެމީހަކު ފަރުދީގޮތުން އުފުލަންޖެހޭނެއެވެ.
ދިހަވަނަ ބާބު
މީޑީއާ އާގުޅޭ
54 ވަނަ މާއްދާ - މީޑިއާއަށް ފުރުސަތުދިނުން
(ހ) އެއްވުމާގުޅޭ މައުލޫމާތު ފެތުރުމަށްޓަކައި ހަރަކާތްތެރިވާ ނޫސްވެރިންނަކީ، އަދި މި ގާނޫނުގައި ބަޔާންވެގެންވާ ފުރުސަތުތަށް ލިބިދެވިގެންވާ ނޫސްވެރިންނަކީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެކްރެޑިޓުކުރުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެކްރެޑިޓް ކުރެވިގެންވާ ނޫސްވެރިންނަށް ވާންވާނެއެވެ.
(ށ) އެއްވުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓުކުރުމުގެ ގަވާއިދުގެ މި މާއްދާއަށް ހަވާލާދީ، އަދި، މި ގާނޫނަށް އަމަލުކުރަންފަށާތާ 3 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުން ހަދައި، އިއުލާން ކުރަންވާނެއެވެ.
(ނ) އެއްވުމެއް ބާއްވާއިރު، އެކަމާ ގުޅޭގޮތުން އެ އެއްވުމެއް ބާއްވާ ފަރާތްތަކުން ކުރާ ކަންކަމާއި
އެ އެއްވުމަކާ ގުޅޭގޮތުން ފުލުހުން އަޅާ ފިޔަވަޅުތައް ގާތުން ބަލައި އެކަންކަން ރިޕޯޓުކުރުމަށްޓަކައި އެތަނުގައި ހަރަކާތްތެރިވާ އެކްރެޑިޓް ކުރެވިގެންވާ ނޫސްވެރިން ގާނޫނީ ހަމަތަކުގެ މަތިން އެ މީހުންގެ މަސައްކަތް ކުރުމަށްޓަކައި ގެންގުޅޭ ވަސީލަތްތަކަށް ފުލުހުންކަމުގައިވީނަމަވެސް، އަދި އެއްވުން އިންތިޒާމުކުރާ ފަރާތުންކަމުގައިވީނަމަވެސް، އަދި އެއްވުމުގެ ބައިވެރިއެއްކަމުގައިވީނަމަވެސް، ގަސްދުގައި ގެއްލުމެއްދީ ހުރަހެއް އަޅައިގެން ނުވާނެއެވެ.
(ރ) އެއްވުމެއް ރޫޅާލުމުގައި ނުވަތަ އެއްވުމަކާ ގުޅޭގޮތުން ގެނެސްފައިވާ ހަނިކުރުމެއް ތަންފީޒުކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، ފުލުހުން ހިންގަމުންދާ ހަރަކާތާ އެކަށީގެންވާ ދުރުމިނެއްގައި، އެކަމަކު، އެ ހަރަކާތް ރިޕޯޓް ކުރުމަށް ނުވަތަ އެ ހަރަކާތް ހިނގަމުންދާގޮތް ބެލުމަށް ހުރަހަކަށްނުވާނެ ދުރުމިނެއްގައި އެކްރެޑިޓް ކުރެވިގެންވާ ނޫސްވެރިން ތިބުމަށް ފުލުހުން އިރުށާދު ދިނުމަކީ، ނުވަތަ އެފަދަ ދުރުމިނެއްގައި ފުލުހުން އެ ނޫސްވެރިން ބޭތިއްބުމަކީ،
މި މާއްދާގެ (ނ) ގައި ބަޔާންކުރާ ބާވަތުގެ ހުރަހެއް އެޅީ ކަމުގައެއް ނުބެލެވޭނެއެވެ.
(ބ) އެއްވުމެއްގައި ހަރަކާތްތެރިވާ އެކްރެޑިޓް ކުރެވިގެންވާ ނޫސްވެރިން، އެމީހުންގެ ދައުރު އަދާކުރުމުގައި އެއްވުމުގެ ބައިވެރިންގެ އަމަލުގައި ބައިވެރިވަނީކަން ފާހަގަކުރެވޭ އަމަލެއްކޮށްގެންނުވާނެއެވެ. އެފަދަ އަމަލެއް ކުރާ ހިސާބުން، އެ ނޫސްވެރިޔަކީ، އެއްވުމުގެ ބައިވެރިއެއްކަމުގައި ބަލައި، އެ އުސޫލުން އޭނާއާމެދު އަމަލުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
55 ވަނަ މާއްދާ - ލައިވް ބްރޯޑްކާސްޓް
(ހ) އެއްވެސް އެއްވުމެއް އިންތިޒާމުކުރާ ފަރާތުން އެއަރޓައިމް ގަނެގެން އެ މުޅި އެއްވުން އެއްވެސް މީޑިއާއަކުން ލައިވްކޮށް ބްރޯޑްކާސްޓްކުރާކަމުގައިވާނަމަ، ނުވަތަ މީޑިއާގެ އެއްވެސް ފަރާތެއްގެ އަމިއްލަ އިސްނެގުމުގައި އަގެއް ނެގުމަކާނުލައި އެއްވުމެއް ލައިވްކޮށް ބްރޯޑްކާސްޓް ކުރާކަމުގައިވާނަމަ، އެކަން ކުރަންވާނީ، މަދުވެގެން 60 ސިކުންތުގެ ލަސްކުރުމަކާއެކުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލަސްކުރުން ގެނައުމުގެ ބޭނުމަކީ، އެއްވުމުގައި ދެކެވޭ ވާހަކައެއް ނުވަތަ ކުރާކަމަކީ، ބްރޯޑްކާސްޓްކުރުމުގެ މިންގަނޑާ ހިލާފުކަމެއް ކަމުގައިވާނަމަ،
އެ ވާހަކައެއް ނުވަތަ ކަމެއް ބްރޯޑްކާސްޓް ނުކުރުމަށް ފުރުސަތުދިނުމެވެ.
(ނ) އެއްވުމެއް ލައިވްކޮށް ބްރޯޑްކާސްޓްކުރުމުގައި، ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތަކާ ހިލާފު އަމަލެއް ހިނގައިފިނަމަ، އެ އެއްވުން ބްރޯޑްކާސްޓް ކުރިފަރާތުން، އެކަމެއްގެ ޒިންމާ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގައިވާ ގޮތެއްގެމަތިން އުފުލަންވާނެއެވެ.
އެގާރަވަނަ ބާބު
އާންމު އުސޫލުތައް
56 ވަނަ މާއްދާ - ފުލުހުން ސިފައިންގެ އެހީތެރިކަމަށް އެދުން
(ހ) އެއްވުމަކާ ގުޅޭގޮތުން، މި ގާނޫނުގެ ދާއިރާގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވުމުގައި ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގެ ދަށުން ސިފައިންގެ އެހީތެރިކަމަށް ފުލުހުން އެދުމުން، ސިފައިން ހަރަކާތްތެރިވާންވާނީ، ފުލުހުންގެ ދައުރު އަދާކުރުމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ދާއިރާގެ ތެރޭގައެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ސިފައިންގެ މަސްއޫލިއްޔަތާއި ޒިންމާއާއި ބާރުގެ ދާއިރާއަކަށްވާނީ މި ގާނޫނުގައި ފުލުހުންގެ މަސްއޫލިއްޔަތާއި ޒިންމާއާއި ބާރުގެ ދާއިރާކަމުގައި ބަޔާންކޮށްފައިވާ ދާއިރާ އެ މިންވަރަށެވެ.
57 ވަނަ މާއްދާ - މައުލޫމާތު ހޯދާ ފަރާތްތައް
(ހ) އެއްވުމާގުޅޭ ކަންކަން ބަލައި މުރާޖިއާކުރާ ދައުލަތުގެ މުއައްސަސާތަކާއި އިންސާނީ ހައްގަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތަކުން އެ އެއްވުމާބެހޭ މައުލޫމާތު އެއްކުރުމާއި ރައްކާކުރުމާއި ބޭނުންކުރުމާއި ފެތުރުމުގެ ބޭނުމުގައި، ފޮޓޯނެގުމާއި ވީޑިއޯކުރުމާއި އަޑު ރެކޯޑުކުރުމާއި އިންޓަރވިއު ހޯދުމާއި ސުވާލުކުރުމަށްޓަކައި، އެ އެއްވުމެއް އޮތް ތަނަކަށް ހާޒިރުވެ، އެކަން ކުރުމުގެ މިނިވަންކަން އެ ފަރާތްތަކަށް ލިބިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކިއެކި މުއައްސަސާތަކާއި ޖަމާއަތްތައް ތަމްސީލް ކުރާނެ މީހުންނަކީ ކޮބައިކަން އެ މުއައްސަސާއަކުން ނުވަތަ އެ ޖަމްއިއްޔާއަކުން ދުރާލާ، ފުލުހުންގެ އިދާރާއަށް އަންގަންވާނެއެވެ.
58 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ގަވާއިދުތަކުގެ ތެރެއިން ވަކި ގަވާއިދު ވަކިފަރާތަކުން ވަކި މުއްދަތެއްގައި ހެދުން ލާޒިމްކޮށްފައި ނުވާހިނދަކު، ކޯޓާ ގުޅުންހުރި ކަންކަން ފިޔަވައި އެހެން ކަންކަމާގުޅޭ އެންމެހައި ގަވާއިދުތައް ހަދާނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިންނެވެ. އަދި އެ ގަވާއިދު ހިންގާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. ކޯޓާގުޅޭ ގަވާއިދުތައް ހަދައި ހިންގާނީ، ކަމާގުޅޭ ކޯޓުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދައި ހިންގާ ގަވާއިދުތައް މި ގާނޫނު ތަސްދީގުކުރާތާ ގިނަވެގެން
3 މަސްދުވަހުގެ ތެރޭގައި، ހަދައި، އެ ގަވާއިދު ހެދި ފަރާތަކުން އެ ގަވާއިދު އާންމުކޮށް އިއުލާންކުރަންވާނެއެވެ.
59 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
60 ވަނަ މާއްދާ – ބާތިލުވުން
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 6/2008 (އާންމު ގަވާއިދުތަކާބެހޭ ގާނޫނު) ގެ ދަށުން ބާރުލިބިދީގެން ހިންގަމުންއައި "އެއްވެއުޅުމުގެ ގަވާއިދު" ބާތިލުވީއެވެ.
61 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ހަނިކުރުން" ކަމަށް ބުނެފައިއެވަނީ، އެއްވުމުގެ ހައްގުގެ ބޭނުން ހިފުން މުޅިން މަނާވެގެން ނުވަތަ ނަފީވެގެން ނުދާނެ ގޮތުގެމަތިން، އެ ހައްގާ ގުޅޭގޮތުން މި ގާނޫނުގެ ދާއިރާގެ ތެރޭގައި،
މި ގާނޫނުން ބާރު ލިބިގެން، ފުލުހުންގެ އިދާރާއިން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ގެންނަ ހަނިކަމަށެވެ.
(ށ) "ނޯޓިސް" ކަމަށް ބުނެފައިއެވަނީ، އެއްވުމެއް އިންތިޒާމުކުރާ ފަރާތުން ނުވަތަ ފަރާތްތަކުން، ފުލުހުންގެ އިދާރާއަށް، އެ އެއްވުން ބާއްވާކަން އަންގާ ހުށަހަޅާ ހުށަހެޅުމަށެވެ.
(ނ) "ކޯޓު" ކަމަށް ބުނެފައިއެވަނީ، ފުރަތަމަ މަރުހަލާގެ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓަށާއި
މި ގާނޫނުގެ މައުސޫއާ ގުޅޭ އިހްތިސާސް ލިބިގެންވާ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށެވެ. އެނޫން މަރުހަލާތަކުގައި ހައިކޯޓަށާއި ސުޕްރީމްކޯޓަށެވެ.
(ރ) "އާންމު ތަންތަން" ކަމަށް ބުނެފައިއެވަނީ، އެއްވެސް އަގެއް ދެއްކުމަކާނުލައި، އެންމެނަށްމެ ހަމަހަމަގޮތުގައި ބޭނުންކުރެވޭގޮތަށް ހުޅުވާލެވިފައިވާ މަގުތަކާއި، ގޯޅިތަކާއި، ބިންތަކާއި، މައިދާންތަކާއި، ޕާކުތަކާއި، ދުވާރުތައް ހިމެނޭގޮތުންނެވެ.
(ބ) "އިންތިޒާމުކުރާ ފަރާތް" ކަމަށް ބުނެފައިއެވަނީ، ވަކި އެއްވުމެއް ވަކި ތަނެއްގައި ބޭއްވުމަށް ކުރަންޖެހޭ ކަންކަންކޮށް، އެ އެއްވުން އިންތިޒާމުކުރުމުގެ ކަންކަން އިސްވެކޮށް، އެކަންކަމާ ހަވާލުވެހުރި ތަބީއީ ށަހްސަކަށެވެ. ނުވަތަ އެކަންކަމާ ހަވާލުވެތިބި ތަބިއީ ށަހްސުންނަށެވެ.
(ޅ) "އެއްވުމެއްގެ ބައިވެރިން" ކަމަށް ބުނެފައިއެވަނީ، އެއްވުމެއްގައި އަމިއްލަ އިހްތިޔާރުގައި އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ. އެ އެއްވުމުގެ ހަބަރުތައް ގެނެސްދިނުމަށްޓަކައި، ރަސްމީ ހައިސިއްޔަތުން އެ އެއްވުން އޮތް ތަނަކަށް ހާޒިރުވެތިބޭ އެކްރެޑިޓް ކުރެވިގެންވާ ނޫސްވެރިން އެ އެއްވުމުގެ ބައިވެރިންކަމުގައެއް ނުބެލެވޭނެއެވެ. އަދި އެ އެއްވުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެގޮތުން، ވަކި ބަޔަކާ އެ މަސައްކަތް އެ އެއްވުން އިންތިޒާމުކުރާ ފަރާތުން ހަވާލުކޮށްފައިވާނަމަ، އެގޮތުން، އެ ވާޖިބު އަދާކުރުމަށްޓަކައި އެ އެއްވުމުގައި ތިބޭ މީހުންނަކީވެސް އެ އެއްވުމުގެ ބައިވެރިންކަމުގައެއް ނުބެލެވޭނެއެވެ. އަދި އެ އެއްވުމާގުޅޭ މައުލޫމާތު ހޯދުމަށް އެތަނަށް ހާޒިރުވެތިބޭ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި އަމިއްލަ ޖަމްއިއްޔާތަކުގެ މަންދޫބުން އެއީ އެ އެއްވުމުގެ ބައިވެރިންކަމުގައެއް ނުބެލެވޭނެއެވެ.
(ކ) "އަމިއްލަ ތަންތަން" ކަމަށް ބުނެފައިއެވަނީ، އެކަމަށް އެދޭބަޔަކަށް އާންމުކުރެވިގެންވާ އުސޫލެއްގެ މަތިން ބޭނުންކުރެވޭގޮތަށް ދޫކުރެވޭ ދައުލަތުގެ އިމާރާތްތަކާއި، ސްޓޭޑިއަމްތަކާއި، އޮޑިޓޯރިއަމް ތަކާއި ހޯލްތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ އެފަދަ ތަންތަން ހިމެނޭގޮތުންނެވެ.
(އ) "އެކްރެޑިޓް ކުރެވިގެންވާ ނޫސްވެރިން" ކަމަށް ބުނެފައިއެވަނީ، އެއްވުން ރިޕޯޓްކުރުމަށްޓަކައި ހަރަކާތްތެރިވާ ނޫސްވެރިންކަން ފާހަގަކުރުމުގެގޮތުން، ރަޖިސްޓްރީކުރެވިގެންވާ މީޑިއާގެ ވަސީލަތްތަކަށް، އެކްރެޑިޓްކުރުމުގެ ގަވާއިދުގެ ދަށުން ދޫކޮށްފައިވާ އެކްރެޑިޓޭށަން ޕާސް ގެންގުޅޭ ނޫސްވެރިންނަށެވެ.
(ވ) "ފުލުހުންގެ އިދާރާ" ކަމަށް ބުނެފައިއެވަނީ، މާލޭގައިނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސް އަށެވެ. ރާއްޖޭގެ ރަށެއްގައިނަމަ، އެ ރަށެއްގައި ހުރި ފުލުހުންގެ މަރުކަޒަކަށެވެ. ރާއްޖޭގެ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ނެތްނަމަ، އެ ރަށަކާ އެންމެކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށެވެ.
(މ) "ދައުލަތުގެ މުއައްސަސާ" ކަމަށް ބުނެފައިއެވަނީ، ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލުއިންސާފު ގާއިމުކުރުމުގެ ބާރާއި، ސަލާމަތީ ހިދުމަތްތަކާއި، މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ކައުންސިލުތައް ހިމެނޭގޮތުންނެވެ.
(ފ) "ގާނޫނުއަސާސީ" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށެވެ.
(ދ) "ގާނޫނީ ށަހްސް" ކަމަށް ބުނެފައިއެވަނީ، ތަބީއީ ށަހްސަކަށް ނުވާ، ގާނޫނަކުން އުފަންކުރާ ނުވަތަ ގާނޫނެއްގެ ދަށުން އުފަންކުރުވާ، އަމިއްލަ ގާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ކުންފުނިތަކާއި، ކޯޕަރޭށަންތަކާއި، ޖަމްއިއްޔާތަކާއި ޖަމާއަތްތައް ހިމެނޭގޮތުންނެވެ.
(ތ) "ތަބީއީ ށަހްސް" ކަމަށް ބުނެފައިއެވަނީ، އަންހެނުންނާއި ފިރިހެނުން، ކުޑަކުދިންނާއި ބޮޑެތި މީހުން، ދިވެހިންނާއި ބިދޭސީން ހިމެނޭގޮތުން މީހުންނަށް އާންމުކޮށެވެ.
(ލ) "އުޅަނދުބުރު" ކަމަށް ބުނެފައިއެވަނީ، އެއްގަމުގައިނަމަ، ދަތުރުކުރާ އުޅަނދުފަހަރު ބޭނުންކޮށްގެން ބާއްވާ ހިނގާލުމާއި، ބައިސްކަލު ބުރުތަކާއި، ސައިކަލް ބުރުތަކާއި، ކާރު ބުރުތަކާއި ލޮރީ ބުރުތަކަށެވެ. އަދި، ކަނޑުގައިނަމަ، ދޯނި ބުރުތަކާއި ލޯންޗު ބުރުތަކާއި ބޯޓު ބުރުތަކަށެވެ.
މި ގާނޫނަށް ގެނެވިފައިވާ އިސްލާހު
ކޮންސޮލިޑޭޓެޑް ގާނޫނު
އުވުނު ގަވާއިދު
އެއްވެ އުޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2006)
ކިޔުންތެރިންގެ ހިޔާލު