-

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު (ނޫނު ނަންބަރު 2010-17) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު  2014-41)

 

ގާނޫނު ނަންބަރު 2010-17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދަ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

5. ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުން

(ހ) ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ހައްގަކާ ނުލައި މީހަކު މަރައިފިނަމަ ގަސްދުގައި މީހަކު މެރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހައްގަކާ ނުލައި މީހަކު މަރާލުމުގައި އެކަކަށްވުރެ ގިނަމީހުން އަމަލީގޮތުން ބައިވެރިވެއްޖެނަމަ އެ ހުރިހާ އެންމެން ހައްގަކާ ނުލައި ގަސްދުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، މަރުގެ އަދަބެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން އެއްވެސް މަރުހަލާއެއްގައި، މަރާލެވިފައިވާ މީހާގެ ވާރިސުން، ކުށް ސާބިތުވެފައިވާ މީހާގެ އަތުން ނުވަތަ އޭނާގެ އަސަބަތްތެރިންގެ އަތުން މަރުގެ ދިޔަ ހޯދައި، މައާފުދީފިނަމަ ނުވަތަ މަރުގެ ދިޔަ ހޯދުމަކާ ނުލައި މައާފުދީފިނަމަ، މަރަށް މަރު ހިފުމަކާ ނުލައި އޭނާގެ މައްޗަށް ތައުޒީރީގޮތުން އުމުރަށް ޖަލަށްލުމުގެ އަދަބު ކަނޑައަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 15 (ފަނަރަ) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

6. ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން މީހަކު މަރުވުން

(ހ) ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެ މާރާމާރީ ހިންގި މީހާ އެ ކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، އުމުރަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 15 (ފަނަރަ) އަހަރާއި 20 (ވިހި) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

7. މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން

(ހ) މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 15 (ފަނަރަ) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 10 (ދިހައެއް) އަހަރާއި 20 (ވިހި) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

8. މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން

(ހ) މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

9. ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުން

(ހ) ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 7 (ހަތެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

10. ގާނޫނުއަސާސީން ލިބިދޭ ބައެއް ހައްގުތައް ހިފެހެއްޓިގެންވުން

މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހާއަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތަކުގެ ތެރެއިން، މި ގާނޫނުގެ 11 ވަނަ މާއްދާއިން ފެށިގެން 14 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ހައްގުތައް، އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް ހިފެހެއްޓިގެންވެއެވެ.

 

11. ހަނުހުރުމުގެ ހައްގު ހިފެހެއްޓިގެންވުން

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހަކީ ކާކުކަން އަންގައިދިނުން ފިޔަވައި، އިތުރު އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު، ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދީފައިވީނަމަވެސް، މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާއާ ދެމެދުގައި ހިމެނޭ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަށް، އެ ހައްގު، އެއްވެސް މިންވަރަކަށް ލިބިގެނެއްނުވެއެވެ.

 

12. ތަހުގީގުގެ މަރުހަލާގައި ބަންދުން މިނިވަންވުމުގެ ހައްގު ހިފެހެއްޓިގެންވުން

އެމީހަކާމެދު ތުހުމަތުކުރެވޭ މައްސަލައެއްގެ ހެކި ފޮރުވުމަށް، ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި، ނުވަތަ ފިލާފާނެކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި މެނުވީ، ށަރީއަތުން ހުކުމްކުރުމުގެ ކުރިން މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެކަމަށް، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބަލައި، ތަހުގީގުގެ މަރުހަލާއާއި ށަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް ފަނޑިޔާރަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ ހައްގު އެ މިންވަރަށް މި ގާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވެއެވެ.

 

13. ގާނޫނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދެވޭނެ ދާއިރާ

(ހ) މި ގާނޫނުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބޭނުން ކަމުގައިވާނަމަ، އޭނާއާ ސުވާލުކުރެވޭ ވަގުތު އޭނާގެ ގާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ހައްގު، އޭނާއަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދެފިނަމަ، އެ ފުރުސަތު ހޯދައިދިނުމަކީ، ފުލުހުންގެ މައްޗަށް ލާޒިމު ކަމެކެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ މާއްދާގެ ދަށުން ގާނޫނީ ވަކީލަކު ހަމަޖައްސަން ދެވޭ ފުރުސަތުގައި، 6 (ހައެއް) ގަޑިއިރު ފާއިތުވާއިރުވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ފަދަ އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށް ދެވިދާނެއެވެ.

(ނ) ގާނޫނީ ވަކީލަކު ހަމަޖައްސަން ކުށުގެ ތުހުމަތުގައިވާ ފަރާތަށް ދެވޭ ފުރުސަތުގައި، އޭނާ ގާނޫނީ ވަކީލަކު އައްޔަންކުރުމަށްފަހުގައިވެސް އޭނާގެ ވަކީލު ހާޒިރުނުވެއްޖެނަމަ، އަދި ވަކީލު ހާޒިރުވެފައިނުވަނީ، ކުށުގެ ތުހުމަތުކުރާ ފަރާތަށް އެންގުމަކާ ނުލައި ކަމުގައިވާނަމަ، އެހެން ގާނޫނީ ވަކީލަކު އައްޔަންކުރުމަށް، 6 (ހައެއް) ގަޑިއިރުގެ އިތުރު ފުރުސަތެއް، ކުށުގެ ތުހުމަތުގައިވާ ފަރާތަށް ދޭންވާނެއެވެ. އަދި އެ 6 (ހައެއް) ގަޑިއިރު ފާއިތުވާއިރުވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާފަދަ އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށްދެވިދާނެއެވެ.

(ރ) ހައްޔަރުކުރެވޭއިރު ފުލުހުން ދޭ ގާނޫނީ އިންޒާރު ދިނުމަށްފަހުގައި، އަދި އެ އިންޒާރުގައި ހިމެނޭ ކަންކަން އޭނާއަށް ފަހުމްވެއްޖެކަން ކަށަވަރުކުރުމަށްފަހުގައިވެސް ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށް ބުނެ، އެ ފުރުސަތު ދޫކޮށްލައިފި މީހަކާ ފުލުހުންނަށް ސުވާލުކުރެވިދާނެއެވެ.

 

14. ގާނޫނީ ވަކީލާ މަށްވަރާކުރުމުގެ ދާއިރާ

ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ބޭނުންކުރުމުގައި، މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައިވާ މީހާއާއި އޭނާގެ ވަކީލާ ދެމެދު ހިނގާ މުވާސަލާތުތައް އޭނާ ހައްޔަރުކުރެވޭ ހިނދުން ފެށިގެން ފުރަތަމަ ހިނގާ 96 (ނުވަދިހަހައެއް) ގަޑިއިރުގެ ތެރޭގައި ހިންގަންވާނީ ފުލުހެއްގެ ހާޒިރުގައެވެ. ކުށުގެ ތުހުމަތުގައިވާ މީހާއާއި އޭނާގެ ވަކީލާ އެކަނި ބައްދަލުވެ މުވާސަލާތުކުރެވޭނީ، މި މާއްދާގައި ބަޔާންކުރާ ފުރަތަމަ 96 (ނުވަދިހަހައެއް) ގަޑިއިރު ފާއިތުވުމަށް ފަހުގައެވެ.

 

15. ހައްގުތައް ހިފެހެއްޓުމުގައި ގާނޫނުއަސާސީގެ 16 ވަނަ މާއްދާއަށް ރިއާޔަތްކުރުން

(ހ) މި ގާނޫނުގެ 11 ވަނަ މާއްދާއިން ފެށިގެން 14 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް ހިފެހެއްޓިފައިވަނީ، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

(ށ) މި ގާނޫނުގެ ދަށުން އެ ހައްގުތައް އެ މިންވަރަށް ހިފެހެއްޓިގެންވަނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިންތޯ ކޯޓުން ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) ނުކުތާއަށްވެސް، މި ގާނޫނުގެ ދަށުން، އެ އަސާސީ ހައްގުތައް އެ މިންވަރަށް ހިފެހެއްޓުމުގައި، ރައްޔިތުންގެ މަޖިލީހުން ރިއާޔަތްކޮށްފައިވާކަމަށް ކޯޓުން ބަލަންވާނެއެވެ.

 

16. ބަންދުގައި ބެހެއްޓުން

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ތުހުމަތުކުރެވޭ މީހެއް، ބަންދުގައި ބަހައްޓައިދިނުން އެދި ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓުގައި އެދެފިނަމަ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، ށަރީއަތުގެ ހުކުމެއް ކުރުމުގެ ކުރިން، މީހަކު ބަންދުގައި ބެހެއްޓިދާނެ ހާލަތުތައް ކަމަށް ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާނަމަ، ތަހުގީގުގެ މަރުހަލާއާއި ށަރީއަތުގެ މަރުހަލާ ނިމެންދެން އެމީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ށ) ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައިވޭތޯ މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކަނޑައެޅުމުގައި ކޯޓުން އިހްތިޔާރުކުރާ މިންގަނޑަކީ، ޖިނާއީ ކުށެއް ސާބިތުކުރުމަށް ބަލާ މިންގަނޑު ކަމަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންގަނޑެއް ނޫނެވެ. އެ ހާލަތުގައި ކޯޓުން ބަލަންވާނީ، ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ އަންނަނިވި މައުލޫމާތަށް ބަލާއިރު، އެއިން ހާލަތެއް ވުޖޫދުގައި އޮތުން، އެފަދަ ހާލަތެއް ވުޖޫދުގައި ނެތުމަށްވުރެ ގާތްތޯ ބެލުމުގެ މައްޗަށެވެ.

  1. ކުށުގެ ތުހުމަތުކުރެވޭ މީހާއަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކުރިން ހައްޔަރުކުރެވިފައިވާ މީހެއްނަމަ އެކަމުގެ ރެކޯޑު؛
  2. ކުށުގެ ތުހުމަތުކުރެވޭ މީހާއަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކުރިން ދައުވާއެއް އުފުލާފައިވާ މީހެއްނަމަ އެކަމުގެ ރެކޯޑު؛
  3. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި އެމީހަކާ ގުޅޭގޮތުން ހުށަހަޅާ މައުލޫމާތު؛
  4. ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ފަސް ހާލަތުގެ ތެރެއިން ހާލަތަކާ ގުޅޭގޮތުން ފުލުހުން ހުށަހަޅާ އެހެނިހެން މައުލޫމާތު.

 

17. ދައުވާކުރާކުރުމާއި މައްސަލަ ނިންމުމުގެ މުއްދަތު

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި އެ ދައުވާ ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ކޯޓުން ހުކުމެއް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލަތަކުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެފަދަ މައްސަލަތަކުގައި މީހަކު ހައްޔަރުކުރާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މައްސަލައިގެ ދައުވާކުރުމަށް ކޯޓަށް ހުށަހެޅުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް ލާޒިމުވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކަކީ އާންމު އުސޫލުން އަމަލުކުރެވޭނެ މުއްދަތުތަކެއް ކަމުގައިވީނަމަވެސް، އަދުލު އިންސާފު ގާއިމުކުރުމަށާއި، މުޖުތަމައުގެ އަމަން އާންމު ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި އެ މުއްދަތުތައް ކޮންމެހެން އިތުރުކުރަންޖެހިއްޖެ ހާލަތެއްގައި، އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެކަން ކުރެވިދާނެއެވެ.

 

18. ގަބޫލުކުރެވޭނެ ހެކި

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ ކުށެއްގެ ތަހުގީގުގައި ހޯދޭ އަންނަނިވި ބާވަތުގެ ހެއްކަކީ، އެ ކުށުގެ ދައުވާގައި ށަރީއަތަށް ގަބޫލުކުރެވޭނެ ހެކި ކަމުގައި ބެލެވޭނެއެވެ.

  1. އިސްލާމީ ށަރީއަތުގައި ހެކީގެ ގޮތުގައި ގަބޫލުކުރެވޭ ކޮންމެ އެއްޗެއް؛
  2. ކުށެއް ކުރިކަމަށް އެއްބަސްވެ، މީހަކު އަނގަބަހުން، ނުވަތަ ލިޔުމުން، ނުވަތަ އެނޫންވެސް ގޮތަކުން، ށަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފާއި އިގްރާރު؛
  3. މީހަކު މަރުވުމުން، ދައުވާއާ ގުޅުންހުރި ހަގީގަތަކަށް ބާރުލިއްބައިދޭ ގޮތަކަށް، އޭނާގެ މަރުމަތީގައި އޭނާ ބުނާ އެއްޗެއް؛
  4. ކުށުގެ ތުހުމަތުކުރެވޭ މީހާގެ ގާނޫނީ ވަކީލުގެ ހާޒިރުގައި، އޯޑިއޯ އަދި ވީޑިއޯ ރެކޯޑުކުރެވޭ ގޮތަށް، އެއްވެސް މަޖުބޫރުކަމެއް ނެތި، ކުށުގެ ތުހުމަތުކުރެވޭ މީހާގެ އަމިއްލަ އިހްތިޔާރުގައި ދޭ ބަޔާން؛
  5. ކުށުގެ އަމަލާގުޅޭ ވަކި ކަމެއް މެދުވެރިކުރުވުމުގެ ނިޔަތެއް އޮތްކަން ނުވަތަ އެފަދަ ކަމެއް މެދުވެރިކުރުވުމަށް ކުށުގެ ތުހުމަތުކުރެވޭ މީހާ ތައްޔާރުވިކަން ދޭހަކޮށްދޭ އެއްވެސް އަމަލެއްގެ މައުލޫމާތެއް؛
  6. ފޮރެންސިކް ހެކި؛
  7. ރަސްމީ ލިޔުން.

(ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "ފޮރެންސިކް ހެކި" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަކެތި ހިމެނޭގޮތުންނެވެ.

  1. އިނގިލީގެ ނިށާނާއި، ޑީ.އެން.އޭގެ މައުލޫމާތާއި، ފޮޓޯއާއި، އެތެރެހަށީގެ ފޮޓޯއާއި، ބޮޑީ ސާމްޕަލާއި، އެތެރެހަށީގެ ސާމްޕަލް ހިމެނޭގޮތުން ސައިންސާއި ޓެކްނޮލޮޖީގެ ޒަރީއާއިން ހޯދޭ އެފަދަ މައުލޫމާތު؛
  2. މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ހަދާ އޮޓޮޕްސީން ލިބިދޭ މައުލޫމާތު؛
  3. ކުށެއް ކުރުމުގައި ބޭނުންކުރި އެއްޗެއް ނުވަތަ ކުށް ކުރި ފަރާތާއި އަނިޔާ ލިބުނު ފަރާތް އެ ކުށާ ގުޅުވައިދޭ އެއްޗެއް ނުވަތަ ކުށުގެ ވެށިން ފެންނަ ކޮންމެ މާއްދީ ހެއްކެއް ތަހްލީލުކުރުމަށްފަހު ދެނެގަނެވޭ މައުލޫމާތު.

(ނ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، "ރަސްމީ ލިޔުން" ކަމަށް ބުނެފައި އެވަނީ، ދިވެހި ދައުލަތުގެ ބާރުތައް ތަންފީޒުކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ފަރާތަކުން، އަންނަނިވި ވަސީލަތްތަކުގެ ތެރެއިން ވަސީލަތެއް މެދުވެރިކޮށް، އެއްވެސް ބާވަތެއްގެ މައުލޫމާތެއް އުފައްދާފައިވާ ނުވަތަ ހިމަނާފައިވާ ނުވަތަ ދަފްތަރުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ.

  1. ލިޔުމުން ނުވަތަ ޗާޕުކޮށްފައި އޮތް އެއްޗެއް (ޗާޓެއް ނުވަތަ ޕްލޭނެއް ނުވަތަ ގްރާފެއް ނުވަތަ ކުރެހުމެއް ކަމުގައިވިޔަސް)؛
  2. އިލެކްޓްރޯނިކް ވަސީލަތަކުން ވާސިލުވެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރ ފައިލެއް؛
  3. ފޮޓޯ؛
  4. އަޑު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ޑިސްކެއް ނުވަތަ ޓޭޕެއް ނުވަތަ ފިލްމެއް ނުވަތަ ރޯލެއް؛
  5. މަންޒަރު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ފިލްމެއް ނުވަތަ ނެގެޓިވެއް ނުވަތަ އެނޫންވެސް އެއްޗެއް.

 

19. ށަރީއަތުގެ މަޖިލީހުގައި ދައްކާ ވާހަކަ

ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށް ބާއްވާ ށަރީއަތުގެ އަޑުއެހުމަކީ، މި ގާނޫނުގެ ބޭނުމަށްޓަކައި ށަރީއަތުގެ މަޖިލީހެއް ކަމުގައި ބެލޭނެއެވެ. އަދި އެ މަޖިލީހުގައި އޭނާ ދޭ ބަޔާންތަކާއި ދައްކާ ވާހަކަތަކަކީ، އޭނާގެ މައްޗަށް އެ ކުށުގެ ދައުވާ ފަހުން އުފުލިއްޖެ ހާލަތެއްގައި ބޭއްވޭ ށަރީއަތުގައި އޭނާއާ ދެކޮޅަށް ބޭނުންކުރެވޭނެ އެއްޗެކެވެ.

 

20. ށަރީއަތުގައި ދިޔަދިނުން ލާޒިމުވާ ކުށްކުށް

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން އިސްލާމީ ށަރީއަތުގައި ދިޔަދިނުން ލާޒިމުވާ ކުށްތަކަށް، މި ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ދިނުމުގެ އިތުރުން، ށަރީއަތުން ކަނޑައަޅާ ގޮތެއްގެމަތިން ދިޔަދިނުން ލާޒިމުކުރުމަކަށް މި ގާނޫނު ހުރަހެއްނާޅާނެއެވެ.

 

21. އިސްތިއުނާފުކުރުން

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގެ ތެރެއިން މާއްދާއެއްގެ ދަށުން ދަށު ކޯޓުގައި ދައުވާކުރެވޭ މައްސަލަތަކުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ މުއްދަތަކީ، އަދި ހައިކޯޓުން ބަލައި ނިންމާ މައްސަލަތަކުގެ ނިންމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިސްތިއުނާފުކުރެވޭނެ މުއްދަތަކީ، އެ މައްސަލައިގެ ހުކުމްގެ ލިޔުން ލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އެގޮތުން އެ 30 (ތިރީސް) ދުވަސް ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.

 

2 ވަނަ މާއްދަ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

25. ގާނޫނުގެ މަގާމު

މި ގާނޫނުގައި ބަޔާންވެގެންވާ ކުށެއް އެއީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ކުށެއް ކަމުގައިވެފައި، އެކަމަކު ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އެ ކުށުގެ ރުކުންތައް މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށުގެ ރުކުންތަކާ ތަފާތުވާނަމަ، އެ ކުށަށް އަދަބު ދޭނީ، އެ ކުށުގެ ރުކުންތައް ފުރިހަމަވަނީ، މި ގާނޫނުގައިވާ ގޮތުގެމަތިން ކަމުގައިވާނަމަ، މި ގާނޫނުގެ ދަށުންނެވެ. އެ ކުށުގެ ރުކުންތައް ފުރިހަމަވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ކަނޑައެޅިގެންވާ ކުށަށް އެކަނި ކަމުގައިވާނަމަ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައިވާ ގޮތުގެމަތިންނެވެ. އެހެންނަމަވެސް، އެ ކުށުގެ ރުކުންތައް ދެ ގާނޫނުގައިވެސްވާ ގޮތުގެމަތިން ފުރިހަމަވާނަމަ، އެ ކުށަށް އަދަބު ދެވޭނީ މި ގާނޫނުގައިވާ ގޮތުގެމަތިން އެކަންޏެވެ.

 

3 ވަނަ މާއްދަ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

27. ބައެއް ގާނޫނުތަކުގެ ބައެއް މާއްދާ އުވާލުން

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1968-10 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ޗެޕްޓަރު 4) ގެ 127 ވަނަ މާއްދާ އުވުނީއެވެ.

 

4 ވަނަ މާއްދަ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

5 ވަނަ މާއްދަ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-17)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2010-17)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު