ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ގާނޫނު
(ގާނޫނު ނަންބަރު 2026-12)
(މި ގާނޫނަށް އަމަލުކުރަން ފަށާނީ/ފެށީ 30 ސެޕްޓެމްބަރު 2026 ގައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި، ކުއްޔަށްދިނުމާގުޅޭ އުސޫލުތަކާއި، ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާގުޅޭ އުސޫލުތަކާއި، އެފަދަ ފަޅުރަށްރަށާއި ފޅުތަކާގުޅޭ އެނޫންވެސް ކަންކަން ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ފަޅުރަށާއި ފޅު ކުއްޔަށްދިނުމާބެހޭ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފޅުތައް އެކަށައެޅުމުގެ އުސޫލުތަކާއި، އެފަދަ ފަޅުރަށްރަށާއި ފޅު ކުއްޔަށްދިނުމުގެ އުސޫލުތަކާއި ށަރުތުތަކާއި އިޖުރާއަތުތައް ކަނޑައެޅުން.
(ށ) ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުން.
(ނ) ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ފަޅުރަށްރަށް އާންމުކޮށް ހުޅުވާލައިގެން ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތައް ކަނޑައެޅުން.
(ރ) ކުއްޔަށްދޫކުރެވޭ ފަޅުރަށްރަށާއި ފޅުތަކާއި، ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށާ ގުޅޭގޮތުން ހިނގާނެ ހާއްސަ އަދި އާންމު އުސޫލުތައް ކަނޑައެޅުން.
3 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ
މި ގާނޫނު ހިނގާނީ، ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި، މި ގާނޫނުގެ ދަށުން ކަނޑައެޅޭ ފަޅުގެ ސަރަހައްދުތަކުގެ މައްޗަށެވެ.
4 ވަނަ މާއްދާ - ފަޅުރަށް
(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި "ފަޅުރަށް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށް ކަމުގައި ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ރަށްރަށް ފިޔަވައި، އެނޫން ކޮންމެ ރަށަކަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "ރަށެއް" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ގޮތުން ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވާ، ވެއްޔާއި ގަލާއި، ރުއްގަސް އެކުލެވޭ ކޮންމެ ހިކިފަސް ތަނަކަށެވެ.
5 ވަނަ މާއްދާ - ފަޅު
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މި ގާނޫނުގެ ބޭނުމަށްޓަކައި "ފަޅު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ވަކި ރަށަކާ ގުޅިފައިނުވާ ފަޅުގެ ސަރަހައްދުތަކުގެ ތެރެއިން، އެކި ބޭނުންތަކަށް ތަރައްގީކުރުމަށް ކުއްޔަށްދިނުމުގެ ބޭނުމުގައި މި ގާނޫނުގެ ދަށުން ކަނޑައެޅޭ ސަރަހައްދަށެވެ.
6 ވަނަ މާއްދާ - ހާއްސަ ގާނޫނުތަކާ އޮންނަ ގުޅުން
(ހ) ހާއްސަ ގާނޫނެއްގެ ދަށުން ވަކި ބޭނުމަކަށް ފަޅުރަށް ނުވަތަ ފަޅު ކުއްޔަށްދެވޭނެ ކަމަށް ކަނޑައަޅާފައިވާ ހާލަތުގައި، އަދި އެ ހާއްސަ ގާނޫނުގެ ބޭނުމަށް ފަޅުރަށް ނުވަތަ ފަޅު ކުއްޔަށްދެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް އެ ގާނޫނުގައި ކަނޑައަޅާފައިވާ ހާލަތުގައި، އަމަލުކުރާނީ އެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކަށެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ފަޅުރަށް ނުވަތަ ފަޅު ކުއްޔަށްދެވޭނެ ކަމަށް ބަޔާންކުރާ ގާނޫނެއްގައި، އެކަން ކުރުމުގެ އުސޫލުތައް އަދި/ނުވަތަ އިޖުރާއަތުތައް ކަނޑައަޅާފައިނުވާނަމަ، އެ ގާނޫނެއްގެ ދަށުން ދޫކުރާ ފަޅުރަށް ނުވަތަ ފަޅުގެ މައްޗަށް، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތައް ހިނގާނެއެވެ.
ދެވަނަ ބާބު
އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅު އެކަށައެޅުން
7 ވަނަ މާއްދާ - އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅު އެކަށައެޅުން
(ހ) މި ގާނޫނުގައި، ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) ފަޅުރަށްރަށް އެކަށައެޅޭނީ، އަންނަނިވި ބޭނުންތަކަށް ނުވަތަ ކަންކަމަށެވެ.
- ފަތުރުވެރިކަމުގެ ބޭނުމަށް؛
- ސިނާއީ ބޭނުމަށް؛
- މަސްވެރިކަމުގެ ބޭނުމަށް؛
- ދަނޑުވެރިކަމުގެ ބޭނުމަށް؛
- އިގްތިސާދީ އެހެން ބޭނުންތަކަށް؛
- އިޖްތިމާއީ ބޭނުމަށް؛
- ދައުލަތުގެ ބޭނުމަށް؛ އަދި
- އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ހާއްސަ ބޭނުމަކަށް.
(ނ) ފަޅު އެކަށައެޅޭނީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބޭނުންތަކުގެ ތެރެއިން، ދަނޑުވެރިކަމާއި، އިޖްތިމާއީ ބޭނުންތައް ފިޔަވައި އެހެން ކަންކަމަށެވެ.
- މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ދަނޑުވެރިކަމުގެ ބޭނުމަށް؛
- މި މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ އިޖްތިމާއީ ބޭނުމަށް.
8 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ބޭނުމަށް ފަޅުރަށާއި ފަޅު އެކަށައެޅުން
މި ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަތުރުވެރިކަމުގެ ބޭނުމަށް ފަޅުރަށްރަށާއި ފަޅު އެކަށައަޅާނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގައި ބަޔާންކުރާ ބޭނުންތަކަށް ތަރައްގީކުރުމަށެވެ.
9 ވަނަ މާއްދާ - ސިނާއީ ބޭނުމަށް ފަޅުރަށާއި ފަޅު އެކަށައެޅުން
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ސިނާއީ ބޭނުމަށް ފަޅުރަށްރަށާއި، ފަޅު އެކަށައަޅާނީ، އިންޑަސްޓްރިއަލް މަސައްކަތްތައް ހިންގުމަށެވެ. އޭގެ ތެރޭގައި، ކާރުހާނާ ހިންގުމާއި، ރޯ މެޓީރިއަލް ޕްރޮސެސްކުރުމުގެ އެކި މަރުހަލާގެ ހަރަކާތްތައް ހިންގުމާއި، އެނޫންގޮތަކުން ތަކެތި އުފެއްދުމަށް ނުވަތަ ބަންދުކުރުމަށް ބޭނުންކުރާ މެށިނަރީއާއި، ވަސީލަތްތައް ހިންގުމާއި، އުފެއްދުންތައް ބަންދުކުރުމާއި، ވޭސްޓް މެނޭޖްމަންޓް އިންސްޓޮލޭށަންތައް ގާއިމުކުރުމާއި، ގުދަންކުރުމާއި، އެނޫންވެސް، އެފަދަ ސިނާއީ ހަރަކާތްތައް ހިންގުން ހިމެނެއެވެ.
(ށ) ފަޅުރަށެއް ނުވަތަ ފަޅެއްގައި ކުރުމަށް ކަނޑައެޅޭ މަސައްކަތަކީ، މި ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރު ނުވަތަ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ދާއިރާއެއްގެ މަސައްކަތެއް ކަމަށްވީނަމަވެސް، އެ މަސައްކަތަކީ ސިނާއީ މަސައްކަތެއް ކަމުގައިވާނަމަ، މި މާއްދާގެ ބޭނުމަށްޓަކައި އެ ރަށް ނުވަތަ ފަޅަކަށް އެކަށައެޅޭ ބޭނުމަކީ ސިނާއީ ބޭނުމެއް ކަމުގައި ބެލޭނެއެވެ.
(ނ) ސިނާއީ ބޭނުމަށް ރަށެއް ނުވަތަ ފަޅެއް އެކަށައަޅަންވާނީ ގާނޫނު ނަންބަރު 20204-16 (ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާ ބިނާވެށި ޕްލޭންކުރުމުގެ އަދި އިންޑަސްޓްރިއަލް ޒޯނިންގގެ މިންގަނޑުތަކާ ތައާރުޒުނުވާނެ ގޮތެއްގެމަތިން، އަދި މަދުވެގެން އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.
- އެ ރަށެއް ނުވަތަ ފަޅަކީ ތިމާވެށީގެ ގޮތުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ނާޒުކު ސަރަހައްދެއްގައިވާ ރަށެއް ނުވަތަ ފަޅެއްކަން ނުވަތަ ނޫންކަން، އަދި އެ ތަނެއްގައި ކުރުމަށް ކަނޑައެޅޭ ސިނާއީ މަސައްކަތުގެ ސަބަބުން، އެ ތަނެއްގެ ތިމާވެށްޓަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފާނެކަން ނުވަތަ ނޫންކަން، އަދި އެފަދަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް މިންވަރު؛
- އެ ރަށެއް ނުވަތަ ފަޅަކީ، އެ ތަނެއްގައި ހިންގާ ސިނާއީ މަސައްކަތުގެ ސަބަބުން މީހުން ދިރިއުޅޭ ރަށްރަށުގެ ތިމާވެށްޓަށާއި އާންމު ސިއްހަތަށް ނުރައްކާނުވާނެ ފަދަ ދުރުމިނެއްގައި އޮތް ރަށެއް ނުވަތަ ފަޅެއްކަން ނުވަތަ ނޫންކަން؛
- އެ ރަށެއްގައި ކުރުމަށް ކަނޑައެޅޭ ސިނާއީ މަސައްކަތާއި، އެ މަސައްކަތާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ގާއިމުކުރުމަށް އެކަށީގެންވާ ބޮޑުމިނެއް އެ ރަށެއްގައި ނުވަތަ ފަޅެއްގައި ހުރިކަން ނުވަތަ ނޫންކަން؛
- އެ ސިނާއީ މަސައްކަތަކީ ދިވެހި ދައުލަތަށް އަދި/ނުވަތަ އެ އިދާރީ ދާއިރާއެއްގެ އިގްތިސާދަށް ފާހަގަކުރެވޭ ފަދަ ބޮޑު މަންފާއެއް ލިބޭނެ މަސައްކަތެއްކަން ނުވަތަ ނޫންކަން؛
- މުދާ އުފުލުމަށް ބޭނުންވާ ވިޔަފާރި ބަނދަރު ފަދަ ވަސީލަތްތައް ގާއިމުކުރުމަށް، އެ ރަށެއްގެ ޓޮޕޯގްރަފީ ތަންދޭކަން ނުވަތަ ނޫންކަން.
10 ވަނަ މާއްދާ - މަސްވެރިކަމުގެ ބޭނުމަށް ފަޅުރަށާއި ފަޅު އެކަށައެޅުން
މި ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ މަސްވެރިކަމުގެ ބޭނުމަށް ފަޅުރަށްރަށާއި ފަޅު އެކަށައެޅޭނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގައި ބަޔާންކުރާ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަށެވެ. އޭގެ ތެރޭގައި، މަސްވެރިކަމާއި މަސްވެރިކަމާގުޅޭ ހަރަކާތްތައް ހިންގުމާއި، އެކުއަކަލްޗަރ ކުރުމާއި އެކުއަކަލްޗަރއާ ގުޅުންހުރި ހަރަކާތްތައް ހިންގުމާއި، މަސްވެރިކަމާގުޅޭ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ފެސިލިޓީތައް ހިންގުން ހިމެނެއެވެ.
11 ވަނަ މާއްދާ - ދަނޑުވެރިކަމުގެ ބޭނުމަށް ފަޅުރަށް އެކަށައެޅުން
މި ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ދަނޑުވެރިކަމުގެ ބޭނުމަށް ފަޅުރަށްރަށް އެކަށައެޅޭނީ، ދަނޑުވެރިކަމުގެ ހަރަކާތްތައް ހިންގުމަށެވެ. އޭގެ ތެރޭގައި، ދަނޑުހެއްދުމާއި، ދަނޑުވެރިކަމާގުޅޭ އެހެން ހަރަކާތްތައް ހިންގުމާއި، ދަނޑުވެރިކަމާގުޅޭ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ފެސިލިޓީތައް ހިންގުން ހިމެނެއެވެ.
12 ވަނަ މާއްދާ - އިގްތިސާދީ އެހެން ބޭނުންތަކަށް ފަޅުރަށާއި ފަޅު އެކަށައެޅުން
މި ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ އިގްތިސާދީ އެހެން ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅު އެކަށައެޅޭނީ، އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ބޭނުމަކަށް ނުވާ އިގްތިސާދީ ހަރަކާތްތައް ހިންގުމަށެވެ. އޭގެ ތެރޭގައި، ވިޔަފާރި އުސޫލުން ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތައް ހިންގުމާއި، ކަމާގުޅޭ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، އާންމުންނަށް އަދި/ނުވަތަ ފަތުރުވެރިންނަށް ހުޅުވާލައިގެން ދަތުރުދިޔުމާއި އެކްސްކަރށަން ހެދުމަށް ރަށްރަށް ތަރައްގީކުރުން ހިމެނެއެވެ.
13 ވަނަ މާއްދާ - އިޖްތިމާއީ ބޭނުމަށް ފަޅުރަށް އެކަށައެޅުން
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ އިޖްތިމާއީ ބޭނުމަށް ފަޅުރަށްރަށް އެކަށައެޅޭނީ، ސިއްހީ ބޭނުންތަކަށާއި، މުޖުތަމައުގައި އަޅައިލުމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތްތައް ދިނުމަށާއި، އިޖްތިމާއީ ރައްކާތެރިކަމުގެ ހަރަކާތްތައް ހިންގުމުގެ އިތުރުން، ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެނޫންވެސް އިޖްތިމާއީ ހަރަކާތްތައް ހިންގުމަށެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ފަޅުރަށެއްގައި ކުރުމަށް ކަނޑައެޅޭ އިޖްތިމާއީ މަސައްކަތަކީ ވިޔަފާރި އުސޫލުން ހިދުމަތް ފޯރުކޮށްދިނުމަށް ނުވަތަ ވިޔަފާރި އުސޫލުން ކުރާ މަސައްކަތެއް ކަމުގައިވާނަމަ މި މާއްދާގެ ބޭނުމަށްޓަކައި އެ ރަށަށް އެކަށައެޅޭ ބޭނުމަކީ އިގްތިސާދީ ބޭނުމެއް ކަމުގައި ބެލޭނެއެވެ.
14 ވަނަ މާއްދާ - ދައުލަތުގެ ބޭނުމަށް ފަޅުރަށާއި ފަޅު އެކަށައެޅުން
މި ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރުގެ ދަށުން ދައުލަތުގެ ބޭނުމަށް ފަޅުރަށްރަށާއި، ފަޅު އެކަށައެޅޭނީ ގައުމުގެ ދިފާއުގެ ބޭނުމަށްޓަކައި ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް ބެލެހެއްޓުމަށްޓަކައި، ނުވަތަ ރީހެބިލިޓޭށަން ސެންޓަރުތަކާއި އެނޫންވެސް ރީހެބިލިޓޭޓިވް ފަރުވާ ފޯރުކޮށްދިނުމުގެ ބޭނުމަށްޓަކައި ނުވަތަ އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމަކަށްޓަކައި ނުވަތަ ތިމާވެށި ހިމާޔަތްކުރުމުގެ ބޭނުމަށްޓަކައި ނުވަތަ ތަރިކަ ހިމާޔަތްކުރުމުގެ ބޭނުމަށްޓަކައި ނުވަތަ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރުމަށްޓަކައެވެ.
15 ވަނަ މާއްދާ - ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް އެކި ބޭނުންތަކަށް އެކަށައެޅުން
(ހ) ފަތުރުވެރިކަމުގެ ބޭނުމަށާއި ސިނާއީ ބޭނުމަށް އެކަށައަޅާ ފަޅުރަށްރަށް ފިޔަވައި، ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް އެކި ބޭނުންތަކަށް އެކަށައަޅާނީ، އެ ރަށެއް ނިސްބަތްވާ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުންނެވެ.
(ށ) ކައުންސިލުތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ފަތުރުވެރިކަމުގެ ބޭނުމަށް ނުވަތަ ސިނާއީ ބޭނުމަށް އެކަށައަޅާ ރަށްތައް އެކަށައަޅާނީ، ގާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، މި ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށެއް، ފަތުރުވެރިކަމުގެ ބޭނުމަށް ނުވަތަ ސިނާއީ ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް އެކަށައަޅައިފިނަމަ، އެ ރަށެއް ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 1-56 ވަނަ މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެ ކައުންސިލެއްގެ އިހްތިސާސުން ވަކިކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލެއްގެ އިހްތިސާސުން ވަކިކުރެވޭ ފަޅުރަށްރަށް ފިޔަވައި، އެ ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް އެކި ބޭނުންތަކަށް އެކަށައަޅަންވާނީ، މި ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރާއި (6) ވަނަ ނަންބަރުގައި ބަޔާންކުރާ ބޭނުންތަކުގެ ތެރެއިން ބޭނުމަކަށް، ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމަކުންނެވެ. އަދި އެކި ބޭނުންތަކަށް ފަޅުރަށްރަށް އެކަށައެޅުމުގައި ކައުންސިލުތަކުން އަމަލުކުރަންވާނީ އެފަދަ ފަޅުރަށްރަށާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
16 ވަނަ މާއްދާ - އެކި ބޭނުންތަކަށް ފަޅުރަށް ނުވަތަ ފަޅު އެކަށައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން
މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ފަޅުރަށްރަށް ނުވަތަ ފަޅު އެކި ބޭނުންތަކަށް އެކަށައެޅުމުގައާއި މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އެކި ބޭނުންތަކަށް ފަޅުރަށްރަށް އެކަށައެޅުމުގައި، އަންނަނިވި އަސާސީ ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
(ހ) ފަޅުރަށެއްނަމަ އެ ރަށަކަށް ކަނޑައެޅޭ ބޭނުމާގުޅޭ ހަރަކާތްތައް އެ ރަށެއްގައި ހިންގުމަށާއި ކަމާގުޅޭ ވަސީލަތްތައް ގާއިމުކުރުމަށް އެ ރަށެއްގެ ޓޮޕޯގްރަފީ ތަންދޭކަން ނުވަތަ ނޫންކަން؛
(ށ) އެ ރަށެއް ނުވަތަ ފަޅެއްގައި ކުރުމަށް ކަނޑައެޅޭ މަސައްކަތުގެ ސަބަބުން އެ ތަނެއްގެ ތިމާވެށްޓަށް ކޮށްފާނެ ނޭދެވޭ އަސަރުތައް، އަދި އެފަދަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް މިންވަރު؛
(ނ) އެ ރަށަކަށް ނުވަތަ ފަޅަކަށް ކަނޑައެޅޭ ބޭނުމާގުޅޭ ހަރަކާތްތައް ހިންގުމުގައި، މީހުން ދިރިއުޅޭ ކައިރި ރަށްރަށަށް އެ ކަންކަމުގެ ސަބަބުން ކުރާނެ އަސަރު.
(ރ) އެ ސަރަހައްދެއްގައި އެފަދަ ބޭނުންތަކަށް އެހެން ފަޅުރަށް ނުވަތަ ފަޅު ކަނޑައެޅިފައިވުން؛
(ބ) ތަރިކަ ހިމާޔަތްކޮށް ދެމެހެއްޓުމުގެ ބޭނުމަށްޓަކައި ނުވަތަ ތިމާވެށި ހިމާޔަތްކުރުމުގެ ބޭނުމަށްޓަކައި ނުވަތަ އެ ތަނެއްގައިވާ ދިރުންތައް ހިމާޔަތްކުރުމުގެ ބޭނުމަށްޓަކައި ރަށެއް ނުވަތަ ފަޅެއް ކަނޑައަޅާނަމަ، ނުވަތަ ކަނޑައަޅާފައިވާނަމަ އެ ރަށެއް ނުވަތަ ފަޅެއް އެހެން ބޭނުމަކަށް ކަނޑަނޭޅުން؛
(ޅ) ފަޅެއްނަމަ، ފަޅު އެކަށައަޅާ ބޭނުމަކީ ފަޅުރަށެއް މެދުވެރިކޮށް ހާސިލުކުރެވެން އޮތް ބޭނުމެއްކަން ނުވަތަ ނޫންކަން.
17 ވަނަ މާއްދާ - އެކި ބޭނުންތަކަށް އެކަށައެޅުމާގުޅޭ އުސޫލުތައް ކަނޑައެޅުން
(ހ) މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އެކި ބޭނުންތަކަށް ފަޅުރަށްރަށް އެކަށައެޅުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އެ ގަވާއިދުގައި، މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- އެކި ބޭނުންތަކަށް ފަޅުރަށްރަށް އެކަށައެޅޭނެ ގޮތްތަކާއި އެފަދަ ރަށްރަށް އެކި ބޭނުންތަކަށް އެކަށައެޅުމުގައި ރިއާޔަތްކުރަންވާނެ އިތުރު ކަންކަން؛
- އެކި ބޭނުންތަކަށް ރަށް ބޭނުންކުރުމުގެ ށަރުތުތައް؛
- ރަށް ހިމެނޭ އިދާރީ ދާއިރާގެ ރަށްރަށުގެ ރައްޔިތުންގެ ލަފާ ހޯދަންޖެހޭނެ ހާލަތްތަކާއި އެކަން ކުރުމާގުޅޭ އުސޫލުތައް؛
- ރަށެއް އެކަށައަޅާ ބޭނުން ބަދަލުކުރެވޭނެ ހާލަތްތަކާއި ގޮތްތައް.
(ށ) މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އެކި ބޭނުންތަކަށް ފަޅު އެކަށައެޅުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އެ ގަވާއިދުގައި، މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- އަންނަނިވި ގޮތްގޮތަށް، ތަރައްގީކުރެވޭ ފަޅުތައް އެކަށައެޅުމާއި، ފަޅުގެ ސަރަހައްދު ކަނޑައެޅުމާގުޅޭ އުސޫލުތައް:
- ފަޅު ހިއްކައިގެން ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް އެކަށައެޅޭ ފަޅުތައް؛
- ފަޅުގެ ބައެއް ހިއްކައިގެން ރަށެއްގެ ގޮތުގައި ތަރައްގީކުރުމާއެކު، ފަޅުގެ ދެން އޮތްބައި، މި ގާނޫނުގެ ދަށުން ހުއްދަކުރާ އެހެން ހަރަކާތްތައް ހިންގުމަށްޓަކައި ތަރައްގީކުރުމަށް އެކަށައެޅޭ ފަޅުތައް؛
- ފަޅު ހިއްކުމަކާ ނުލައި ފަޅުގައި، މި ގާނޫނުގެ ދަށުން ހުއްދަކުރާ ހަރަކާތެއް ހިންގުމަށް އެކަށައެޅޭ ފަޅުތައް.
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތްތަކަށް ފަޅު އެކަށައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން؛
- އެކި ބޭނުންތަކަށް ފަޅު ބޭނުންކުރުމުގެ ށަރުތުތައް؛
- ފަޅު އެކަށައަޅާ ބޭނުން ބަދަލުކުރެވޭނެ ހާލަތްތަކާއި ގޮތްތައް.
18 ވަނަ މާއްދާ - ފަޅުރަށެއް ނުވަތަ ފަޅެއް، އެކަށައަޅާފައިވާ ބޭނުން ބަދަލުކުރުން
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ފަޅުރަށެއް ނުވަތަ ފަޅެއް ވަކި ބޭނުމަކަށް އެކަށައެޅުމަށްފަހުގައި، އެ ރަށެއް ނުވަތަ ފަޅެއް އެހެން ބޭނުމަކަށް ބަދަލުކުރެވޭނީ، އެ ރަށެއް ނުވަތަ ފަޅެއް ކުއްޔަށްދިނުމުގެ ކުރިން ނުވަތަ ކުއްޔަށްދީފައިވާ ރަށެއް ނުވަތަ ފަޅެއްނަމަ، ހިނގަމުންދާ ކުލީގެ އެއްބަސްވުން ނިމުމަކަށް އައުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ރަށެއް ނުވަތަ ފަޅެއް އެކަށައަޅާފައިވާ ބޭނުން ބަދަލުކުރެވޭނީ، ރަށް ނުވަތަ ފަޅު އެކަށައެޅުމުގައި، ރިއާޔަތްކުރަންޖެހޭ ކަމަށް މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރުމާއެކު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަދި އެފަދައިން ރަށް ނުވަތަ ފަޅު އެކަށައެޅޭ ބޭނުން ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާ ނިންމުމަކުންނެވެ.
(ނ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ކައުންސިލުތަކުން އެކި ބޭނުންތަކަށް އެކަށައަޅާ ފަޅުރަށްރަށް އެހެން ބޭނުމަކަށް ބަދަލުކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލުންނެވެ. އަދި އެފަދައިން، ރަށެއް އެކަށައަޅާފައިވާ ބޭނުން ބަދަލުކުރެވޭނީ، ރަށް އެކަށައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަމަށް މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރުމާއެކު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމަކުންނެވެ.
ތިންވަނަ ބާބު
އެކި ބޭނުންތަކަށް އެކަށައެޅޭ ފަޅުރަށާއި ފަޅު، ހަވާލުކުރުމާއި ބެލެހެއްޓުމާއި ބޭނުންކުރުމާގުޅޭ އާންމު ކަންކަން
19 ވަނަ މާއްދާ - ފަޅުރަށްރަށާއި ފަޅުގެ ސަރަހައްދު ކަނޑައެޅުން
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާ އަދި 15 ވަނަ މާއްދާގެ ދަށުން އެކި ބޭނުންތަކަށް އެކަށައެޅޭ ފަޅުރަށްރަށުގެ ސަރަހައްދު ކަމުގައި ބަލާނީ، އެ ރަށުގެ ހިކިފަސްތަނާއި އެ ރަށާ ގުޅިފައިވާ ފަޅުގެ ސަރަހައްދު ހިމެނޭގޮތުން ކަނޑައަޅާފައިވާ ސަރަހައްދަށެވެ.
(ށ) މި ގާނޫނުގެ ދަށުން އެކި ބޭނުންތަކަށް ފަޅުރަށްރަށް އެކަށައަޅާއިރު، އެ ރަށެއްގެ ހިކިފަސްތަނާއި ފަޅު ހިމެނޭ ސަރަހައްދު ހިމެނޭގޮތުން އެ ރަށެއްގެ ބައުންޑަރީ އަންގައިދޭ ކޯޑިނޭޓްތައް ފާހަގަކޮށްފައި އޮންނަންވާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން ކުއްޔަށްދޫކޮށްފައިވާ ފަޅުރަށްރަށާ ގުޅިފައިވާ ފޅުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައަޅާނެ ގޮތުގެ އުސޫލުތަކާއި އިޖުރާއަތު، މި ގާނޫނުގެ ދަށުން، މާލިއްޔަތާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކި ބޭނުންތަކަށް އެކަށައަޅާ ފަޅުގެ ސަރަހައްދުތައް ކަނޑައަޅާނީ މި ގާނޫނުގެ ދަށުން ހަދާ ފަޅުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައެޅުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި، އެކި ބޭނުންތަކަށް ފަޅު އެކަށައަޅާއިރު، އެ ފަޅެއްގެ ބައުންޑަރީ އަންގައިދޭ ކޯޑިނޭޓްތައް ފާހަގަކޮށްފައި އޮންނަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ފަޅުގެ ސަރަހައްދު ކަނޑައެޅުމުގައި، މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
20 ވަނަ މާއްދާ - އެކި ބޭނުންތަކަށް އެކަށައެޅޭ ފަޅުރަށްރަށް ކަމާބެހޭ މިނިސްޓްރީތަކާ ހަވާލުކުރުން
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކި ބޭނުންތަކަށް އެކަށައެޅޭ ފަޅުރަށްރަށާއި ފަޅުތައް، އެ މާއްދާގައި ބަޔާންކުރާ ބޭނުންތަކަށް ކުއްޔަށްދިނުމަށާއި ދައުލަތުގެ ބޭނުމަށް ތަރައްގީކުރުމަށް ކަމާބެހޭ މިނިސްޓްރީތަކާ ހަވާލުކުރާނީ މާލިއްޔަތާބެހޭ މިނިސްޓްރީންނެވެ.
(ށ) މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކި ބޭނުންތަކަށް އެކަށައަޅާ ރަށްރަށް، ކަމާބެހޭ މިނިސްޓްރީތަކާ ހަވާލުކުރެވޭނީ އަންނަނިވި ގޮތުގެމަތިންނެވެ:
- ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާ ރަށްރަށް ފަތުރުވެރިކަމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ މިނިސްޓްރީއާ؛
- ސިނާއީ ބޭނުމަށް ކަނޑައަޅާ ރަށްރަށާއި އިގްތިސާދީ ބޭނުމަށް ކަނޑައަޅާ ރަށްރަށް، އިގްތިސާދާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ މިނިސްޓްރީއާ؛
- މަސްވެރިކަމުގެ ބޭނުމަށް ކަނޑައަޅާ ރަށްރަށް، މަސްވެރިކަމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ މިނިސްޓްރީއާ؛
- ދަނޑުވެރިކަމުގެ ބޭނުމަށް ކަނޑައަޅާ ރަށްރަށް، ދަނޑުވެރިކަމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ މިނިސްޓްރީއާ؛
- އިޖްތިމާއީ ބޭނުމަށް ކަނޑައަޅާ ރަށްރަށް، އެ ރަށެއްގައި ހިންގުމަށް ކަނޑައެޅޭ އިޖްތިމާއީ ހަރަކާތަކާ ގުޅުންހުރި ދާއިރާއެއްގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ މިނިސްޓްރީއާ؛
- ދައުލަތުގެ ބޭނުމަށް ކަނޑައަޅާ ރަށްރަށް، އެ ރަށެއްގައި ހިންގުމަށް ކަނޑައެޅޭ ހަރަކާތަކާ ގުޅުންހުރި ދާއިރާއެއްގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ މިނިސްޓްރީއާ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކި ބޭނުންތަކަށް އެކަށައަޅާ ފަޅުތައް ހަވާލުކުރެވޭނީ، އެ ފަޅުގައި ހިންގުމަށް ކަނޑައެޅޭ ހަރަކާތަކާ ގުޅުންހުރި ދާއިރާއެއްގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ މިނިސްޓްރީއަކާއެވެ.
(ރ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މި މާއްދާގެ ދަށުން ކަމާބެހޭ މިނިސްޓްރީއަކާ ހަވާލުކުރެވޭ ފަޅުރަށެއް ނުވަތަ ފަޅެއް، އެ މިނިސްޓްރީއަކުން ބޭނުންކުރަންވާނީ، މި ގާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެ ރަށެއް ނުވަތަ ފަޅެއް މިނިސްޓްރީތަކަށް ހަވާލުކުރެވޭ ރަށްރަށް އެކަށައަޅާފައިވާ ބޭނުމަކަށް އަދި މި ގާނޫނާއި ކަމާގުޅޭގޮތުން އަމަލުކުރެވޭ އެނޫންވެސް ގާނޫނެއްގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ ރަށަކާ ނުވަތަ ފަޅަކާ ގުޅޭގޮތުން އެ މިނިސްޓްރީއަކުން އެއްވެސް މުއާމަލާތެއް ކުރަންވާނީ، މި ގާނޫނާއި ކަމާގުޅޭ އެނޫންވެސް ގާނޫނެއްގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ކަމާބެހޭ މިނިސްޓްރީއަކާ ފަޅުރަށެއް ނުވަތަ ފަޅެއް ހަވާލުކުރެވެންދެން އެ ރަށެއް ނުވަތަ ފަޅެއް އޮންނާނީ، މާލިއްޔަތާބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ކަމާގުޅޭ އެހެން މިނިސްޓްރީއެއްގެ ބެލުމުގެ ދަށުގައެވެ.
21 ވަނަ މާއްދާ - ކައުންސިލުތަކުގެ އިހްތިސާސްގައިވާ ފަޅުރަށްރަށް ތަރައްގީކޮށް ބޭނުންކުރުން
މި ގާނޫނުގައި، އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ކައުންސިލުތަކުގެ ކައުންސިލުތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށެއް، އެ ކައުންސިލަކުން އިހްތިސާސްގައިވާ ފަޅުރަށްރަށް ތަރައްގީކުރަންވާނީ ނުވަތަ ބޭނުންކުރަންވާނީ ނުވަތަ ކުއްޔަށްދޭންވާނީ ތަރައްގީކޮށް ބޭނުންކުރުން މި ގާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ރަށެއް އެކަށައަޅާފައިވާ ބޭނުމަކަށް އަދި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، ކަމާގުޅޭގޮތުން އަމަލުކުރެވޭ އެނޫންވެސް ގާނޫނެއްގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގɔތްވާ ގޮތުގެމަތިންނެވެ. އަދި އެ ރަށަކާ ގުޅޭގޮތުން އެ ކައުންސިލަކުން އެއްވެސް މުއާމަލާތެއް ކުރަންވާނީ މި ގާނޫނާއި، ކަމާގުޅޭ ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
22 ވަނަ މާއްދާ - އެކި ބޭނުންތަކަށް އެކަށައެޅޭ ފަޅުރަށްރަށާއި ފަޅު ކުއްޔަށްދޫކުރުން
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާއާއި 15 ވަނަ މާއްދާގެ ދަށުން އެކި އެކި ބޭނުންތަކަށް އެކަށައެޅޭ ބޭނުންތަކަށް އެކަށައެޅޭ ފަޅުރަށްރަށް، ކުއްޔަށްދޫކުރާނީ، މި ގާނޫނުގެ ފަޅުރަށްރަށާއި ފަޅު ހަތަރުވަނަ ބާބުގައިވާ ގޮތުގެމަތިންނެވެ. ކުއްޔަށްދޫކުރުން (ށ) މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކި ބޭނުންތަކަށް އެކަށައެޅޭ ފަޅުތައް ކުއްޔަށްދޫކުރާނީ، މި ގާނޫނުގެ ފަސްވަނަ ބާބުގައިވާ ގޮތުގެމަތިންނެވެ.
23 ވަނަ މާއްދާ - ދައުލަތުގެ ބޭނުމަށް އެކަށައެޅޭ ފަޅުރަށްރަށާއި ފަޅުތައް ތަރައްގީކޮށް ބޭނުންކުރުން
ދައުލަތުގެ ބޭނުމަށް އެކަށައެޅޭ ފަޅުރަށްރަށަކީ ނުވަތަ ފަޅުތަކަކީ ތިންވަނަ ފަރާތަކަށް ކުއްޔަށްދިނުމަކާ ނުލައި ދައުލަތުގެ ބޭނުމަށް ދައުލަތުން އެ ތަނެއް ތަރައްގީކޮށް، ބޭނުންކުރުމަށްޓަކައި ކަނޑައެޅޭ ރަށްރަށާއި ފަޅުތަކެވެ. އަދި ދައުލަތުގެ ބޭނުމަށް ކަނޑައެޅޭ ފަޅުރަށެއް ނުވަތަ ފޅެއް ތިންވަނަ ފަރާތަކަށް ކުއްޔަށްދޭނަމަ އެ ރަށަކާ ނުވަތަ ފަޅަކާ ގުޅޭގޮތުން، ހިނގާނީ، މި ގާނޫނުގެ ހަތަރުވަނަ ބާބުގައި އަދި ފަސްވަނަ ބާބުގައި ބަޔާންކުރާ އުސޫލުތަކެވެ.
24 ވަނަ މާއްދާ - ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ފަޅުރަށްރަށް
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާ ނުވަތަ 15 ވަނަ މާއްދާގެ ދަށުން ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ފަޅުރަށްރަށަކީ، އެ ރަށްރަށް ބެލެހެއްޓުމަށްޓަކައި ވަރުވާއަށް ލިޔެދެވޭނެ ރަށްރަށެވެ. ފަޅުރަށްރަށް ވަރުވާއަށް ލިޔެދެވޭނީ، މި ގާނޫނުގެ ހަވަނަ ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ފަޅުރަށްރަށުގެ ތެރެއިން ވަރުވާއަށް ލިޔެދެވޭ ރަށްރަށް ފިޔަވައި އެނޫން ރަށްރަށް ބަލަހައްޓާނީ، މާލިއްޔަތާބެހޭ މިނިސްޓްރީން ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ކަމާގުޅޭ އެހެން މިނިސްޓްރީއަކުންނެވެ.
(ނ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ފަޅުރަށްރަށުގެ ތެރެއިން ވަރުވާއަށް ލިޔެދެވޭ ރަށްރަށް ފިޔަވައި، އެނޫން ރަށްރަށް ބަލަހައްޓާނީ ކަމާބެހޭ ކައުންސިލުންނެވެ.
(ރ) މި މާއްދާގެ (ށ) އަދި (ނ) ގެ ދަށުން، މާލިއްޔަތާބެހޭ މިނިސްޓްރީން އަދި ކައުންސިލުތަކުން ފަޅުރަށްރަށް ބެލެހެއްޓުމުގައި އަމަލުކުރާނެ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، މިނިސްޓްރީން ބަޔާންކުރަންވާނެއެވެ.
25 ވަނަ މާއްދާ - ފަޅުރަށްރަށާއި ފަޅުތަކާގުޅޭ މައުލޫމާތު އާންމުކުރުން
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކި ބޭނުންތަކަށް އެކަށައެޅޭ ފަޅުރަށްރަށާއި، ފަޅުތަކުގެ ލިސްޓެއް، އަންނަނިވި މައުލޫމާތު ހިމެނޭ ގޮތުގެމަތިން މާލިއްޔަތާބެހޭ މިނިސްޓްރީން އަހަރަކު އެއްފަހަރު އާންމުކުރަންވާނެއެވެ.
- ރަށެއް ނުވަތަ ފަޅެއް އެކަށައެޅޭ ބޭނުން؛
- ރަށް ނުވަތަ ފަޅު ހަވާލުކުރެވިފައިވާ މިނިސްޓްރީއާގުޅޭ މައުލޫމާތު؛
- ކުއްޔަށްދޫކުރެވިފައިވާ ފަޅުރަށްރަށާއި ފަޅުތަކުގެ މައުލޫމާތު؛
- ދައުލަތުގެ ބޭނުމަށް އެކަށައެޅިފައިވާ ފަޅުރަށްރަށާއި ފަޅުތަކުގެ މައުލޫމާތު؛
- ވަރުވާއަށް ލިޔެދެވޭ ފަޅުރަށްރަށުގެ މައުލޫމާތު؛
- ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ފަޅުރަށްރަށުގެ މައުލޫމާތު؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫން މައުލޫމާތު.
(ށ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ، އެކި ބޭނުންތަކަށް އެކަށައެޅިފައިވާ، ފަޅުރަށްރަށާއި، ވަރުވާއަށް ލިޔެދީފައިވާ ރަށްރަށާއި، ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ރަށްރަށުގެ ލިސްޓެއް ކަމާބެހޭ ކައުންސިލުން އަހަރަކު އެއްފަހަރު އާންމުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކައުންސިލުތަކުން އެކުލަވާލައި އާންމުކުރާ ލިސްޓުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ މައުލޫމާތު ހިމަނަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ލިސްޓަށް ގެނެވޭ އުނިއިތުރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އަދާހަމަކުރަމުން ގެންދަންވާނެއެވެ.
ހަތަރުވަނަ ބާބު
ފަޅުރަށްރަށް ކުއްޔަށްދިނުން
26 ވަނަ މާއްދާ - ފަޅުރަށްރަށް ކުއްޔަށްދޫކުރާނެ އިދާރާތައް
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކި ބޭނުންތަކަށް އެކަށައެޅޭ ފަޅުރަށްރަށް ކުއްޔަށްދޫކުރާނީ މި ބާބުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ރަށެއް ހަވާލުކުރެވިފައިވާ މިނިސްޓްރީންނެވެ.
(ށ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އެކި ބޭނުންތަކަށް އެކަށައެޅޭ ފަޅުރަށްރަށް ކުއްޔަށްދޫކުރާނީ މި ބާބުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ރަށެއްގެ އިހްތިސާސް ހިނގާ ކައުންސިލުންނެވެ.
27 ވަނަ މާއްދާ - ފަޅުރަށްރަށް ކުއްޔަށްދޫކުރެވޭނެ ފަރާތްތައް
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާ ނުވަތަ 15 ވަނަ މާއްދާގެ ދަށުން އެކި ބޭނުންތަކަށް އެކަށައެޅޭ ފަޅުރަށްރަށް ކުއްޔަށްދެނީ ވިޔަފާރީގެ ބޭނުމަށް ކަމަށްވާނަމަ، އެ ރަށެއް ކުއްޔަށްދެވޭނީ އަންނަނިވި ފަރާތްތަކުންކުރެ ފަރާތަކަށެވެ.
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކަށް؛ ނުވަތަ
- ދިވެހިރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕަކަށް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބޭނުމަށް ހުށަހެޅޭ ހުށަހެޅުންތައް ފިޔަވައި އެނޫން ބޭނުމަކަށް ފަޅުރަށްރަށް ކުއްޔަށްދެވޭނީ އަންނަނިވި ފަރާތްތަކުންކުރެ ފަރާތަކަށެވެ.
- ދިވެހި ރައްޔިތަކަށް؛
- ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ޖަމްއިއްޔާއެއް.
28 ވަނަ މާއްދާ - ފަޅުރަށްރަށް ކުއްޔަށްދޫކުރެވޭނެ ގޮތްތައް
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ވަކި ބޭނުމަކަށް އެކަށައެޅޭ ފަޅުރަށެއް ކުއްޔަށްދެވޭނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އާންމުކޮށް އިއުލާންކޮށްގެން، އެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް؛ ނުވަތަ
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށުގައި ކުރަން ބޭނުންވާ ކަމަކާގުޅޭ އެކަށީގެންވާ އެންމެ ރަނގަޅު ޕްރޮޕޯޒަލެއް ހުށަހަޅާ ފަރާތަކަށް؛ ނުވަތަ
- މި މާއްދާގެ (މ) ގައިވާ ގޮތުގެމަތިން ދައުލަތުގެ ކުންފުންޏަކަށް.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުރާ އިއުލާންގައި މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކުއްޔަށްދޫކުރެވޭ ރަށް ނުވަތަ ރަށުގެ ބައިގެ ޖިއޮގްރަފިކަލް ކޯޑިނޭޓްތައް؛
- ރަށަށް އެކަށައެޅިފައިވާ ބޭނުން؛
-
ރަށް ކުއްޔަށްދޫކުރާ ބޭނުން؛
-
ޕްރޮޕޯޒަލް އޮންނަންވީ ގޮތާއި، ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމާއި މައުލޫމާތު.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ޕްރޮޕޯޒަލްގައި މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ:
- ކުއްޔަށް ހިފަން ބޭނުންވާ ރަށް ނުވަތަ ރަށުގެ ބައި؛
- ރަށުގައި ކުރުމަށް ހުށަހަޅާ ކަންކަން ނުވަތަ މަސައްކަތްތައް؛
- އިންވެސްޓްމަންޓް ޕްލޭނާއި އިންވެސްޓްމަންޓް ށެޑިއުލް؛
- ކުރަން ހުށަހަޅާ މަސައްކަތްތަކުގެ ވާރކް ޕްލޭން؛
- ރަށުގައި ނުވަތަ ފަޅުގައި ކުރުމަށް ހުށަހަޅާ ކަންކަމުގެ ނުވަތަ މަސައްކަތްތަކުގެ ކުޑަބޮޑުމިނާއި އެ ކަންކަމަށް ދާނެ ހަރަދާއި، ލިބޭނެ އާމްދަނީއާއި، ފައިދާ ހިމެނޭ ފައިނޭންށަލް ފީޒިބިލިޓީއާއި އެކަމުގެ ފަންނީ ފީޒިބިލިޓީއާއި މާކެޓް ފީޒިބިލިޓީ ރިޕޯޓު؛
- ރަށުގައި ކުރުމަށް ހުށަހަޅާ ކަންކަން ނުވަތަ މަސައްކަތްތައް ކުރުމުގެ މާލީ ގާބިލުކަން ހުރިކަން ބަޔާންކޮށްދިނުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ލިޔެކިޔުންތައް؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އެނޫންވެސް ލިޔެކިޔުމާއި މައުލޫމާތު.
(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ރަށެއް ކުއްޔަށްދޭންވާނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ:
- ރަށުގައި ކުރަން ހުށަހަޅާ މަށްރޫއަކީ، ނުވަތަ މަސައްކަތަކީ، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމެއްކަމަށްވުން؛
- އެ ރަށަކީ، އެ ތަނެއްގައި ހިންގަން ހުށަހަޅާ މަށްރޫއު ނުވަތަ މަސައްކަތް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނަކަށްވުން؛
- ރަށަށް ކަނޑައެޅިފައިވާ އެކުއިޒިށަން ފީ ދައްކާފައިވުން؛
- ރަށް ކުއްޔަށް ހިފަން އެދޭ ފަރާތަކީ، އެ ތަނެއްގައި ހިންގަން ހުށަހަޅާފައިވާ މަށްރޫއު ނުވަތަ މަސައްކަތް ހިންގުމަށް މާލީ ގޮތުންނާއި ފަންނީ ގޮތުން ގާބިލު ފަރާތަކަށްވުން.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، މި ގާނޫނުގެ ދަށުން މާލިއްޔަތާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަމާބެހޭ މިނިސްޓްރީއަކުން ހަދާ ގަވާއިދެއްގައި އިތުރު ށަރުތު ކަނޑައެޅުމަކަށް މި މާއްދާގެ (ރ) ހުރަހެއް ނާޅައެވެ.
(ޅ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ރަށެއް ކުއްޔަށްދިނުމުގައި ކަމާބެހޭ މިނިސްޓްރީން އަމަލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.
- އެފަދަ ރަށްރަށަށް އެދި ހުށަހަޅާ ހުށަހެޅުންތައް، ހަމަހަމަކަމާއި ހާމަކަން ބޮޑު ގޮތެއްގައި ފަންނީ ގޮތުންނާއި މާލީ ގޮތުން ވަޒަންކުރާނެ ގޮތުގެ މިންގަނޑެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި، ހުށަހެޅޭ ކޮންމެ ހުށަހެޅުމެއް އެ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން ވަޒަންކުރުން؛
- ރަށެއް ކުއްޔަށްދޫކުރުމަށްފަހު، އެކަމާބެހޭ ތަފްސީލީ މައުލޫމާތު ލިޔުމުން އެންޓި-ކޮރަޕްށަން ކޮމިށަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ހިއްސާކުރުން.
(ކ) މި މާއްދާގެ (ހ) ގެ ދަށުން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ކަނޑައެޅުމުގައި މަދުވެގެން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- އެ ފަރާތެއްގެ ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަން ހުރި މިންވަރު؛
- މަސައްކަތުގެ ސަބަބުން ގައުމަށް ނުވަތަ އެ އިދާރީ ދާއިރާއެއްގެ އިގްތިސާދަށް މަންފާ ލިބޭނެ މިންވަރު؛
- މަސައްކަތުގެ ސަބަބުން ވަށައިގެންވާ މުޖުތަމައަށާއި ސަގާފަތަށް އަސަރުކުރާނެ މިންވަރު؛
- މަސައްކަތުގެ ސަބަބުން އެ ތަނެއްގެ ތިމާވެށްޓަށާއި ދިރުންތަކަށް އަސަރުކުރާނެ މިންވަރު.
(އ) މި މާއްދާގެ ބޭނުމަށްޓަކައި، ފަޅުރަށެއް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތަކާއި، ކުއްޔަށް ހިފުމަށް ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ކަމާބެހޭ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ވ) މި މާއްދާގެ (އ) ގެ ދަށުން މިނިސްޓްރީތަކުން ހަދާ ގަވާއިދުތައް ވާންވާނީ، މި ގާނޫނުގެ ދަށުން މާލިއްޔަތާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ހަދާ ގަވާއިދުތަކެއް ކަމުގައެވެ.
(މ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ދައުލަތުގެ ކުންފުންޏަކަށް ފަޅުރަށެއް ކުއްޔަށް ދޫކުރަންވާނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ހާލަތުގައި، އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
- ދައުލަތުގެ ކުންފުންޏަކީ، ސަރުކާރުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވުމާއެކު، ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، އެ މިންވަރަށްވުރެ ދަށްވެގެންދާ ގޮތަށް، އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާއަށް ބަދަލުނުގެނައުން؛
- ދައުލަތުގެ ކުންފުންޏަކަށް ރަށް ދޫކުރުމަށް، ވަޒީރުންގެ މަޖިލީހުން ނިންމައި، އެގޮތުން ދޫކުރާނެ ރަށް އަދި އެ ރަށެއް ދޫކުރާނެ ދައުލަތުގެ ކުންފުނި، ވަޒީރުންގެ މަޖިލީހުން ފާސްކުރުން؛
- ރަށް ދޫކުރުމަށް ކަނޑައަޅާ ދައުލަތުގެ ކުންފުންޏަކީ، އެ ރަށެއް ކުއްޔަށްދެވޭ ބޭނުމަށް އެ ރަށެއް ތަރައްގީކުރުމުގެ މާލީ އަދި ފަންނީ ގާބިލުކަން ހުރި ކުންފުންޏެއް ކަމުގައިވުން؛
- ދައުލަތުގެ ކުންފުންޏަކަށް ރަށެއް ދޫކުރުމަށްޓަކައި ވެވޭ އެއްބަސްވުން ނުވަތަ އެ އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް އެހެން އެއްވެސް ފަރާތަކަށް ބަދަލުނުކުރެވުން ނުވަތަ ތިންވަނަ ފަރާތަކަށް ރަށް ކުއްޔަށްނުދެވުން؛
- ދައުލަތުގެ ކުންފުންޏަށް ދޫކުރާ ރަށަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދައްކަންޖެހޭ އެކުއިޒިށަން ފީ ދެއްކުން؛
- އެ ކުންފުންޏަށް ކުއްޔަށްދޫކުރެވޭ ރަށަކީ، ދައުލަތުގެ ކުންފުނިތަކަށް ރަށް ކުއްޔަށްދެވޭ ބޭނުމެއް ކަމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ބޭނުމަކަށް އެކަށައެޅިފައިވާ ރަށެއް ކަމުގައިވުން.
29 ވަނަ މާއްދާ - ކައުންސިލުތަކުގެ އިހްތިސާސްގައިވާ ފަޅުރަށްރަށް ކުއްޔަށްދިނުން
ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް، ފަތުރުވެރިކަމުގެ ބޭނުމަށް ނުވަތަ ސިނާއީ ބޭނުމަށް ތަރައްގީކުރުމަށްမှެވައި، އެނޫން ބޭނުންތަކަށް ކުއްޔަށްދެވޭނީ، މި ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
30 ވަނަ މާއްދާ - ފަޅުރަށެއްގެ ވަކި ބައެއް ކުއްޔަށްދިނުން
(ހ) މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ފަޅުރަށެއް ކުއްޔަށްދޫކުރުމުގައި، އެ ރަށެއް އެކުގައި ކުއްޔަށްދިނުމުގެ ބަދަލުގައި، އެ ރަށެއްގެ ވަކި ބައެއް މި މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެމަތިން ކުއްޔަށްދޫކުރެވިދާނެއެވެ.
(ށ) ފަޅުރަށެއްގެ ބައެއް ކުއްޔަށްދޫކުރުމުގެ ކުރިން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- ރަށެއްގެ އެކި ސަރަހައްދުތައް ނުވަތަ ބައިބައި ވަކިވަކިން ކުއްޔަށްދޫކުރުމުގައި، އެ ސަރަހައްދުތަކުގައި ހިންގުމަށް ހުއްދަދެވޭ ހަރަކާތްތަކަކީ، އެއް ރަށެއްގައި އެކުގައި ހިންގޭނެ ފަދަ ހަރަކާތްތަކެއްތޯ؛
- ރަށުގެ އެއްވެސް ބައެއް ކުރިން ކުއްޔަށްދޫކޮށްފައިވާނަމަ، ރަށުގެ އެހެން ސަރަހައްދެއް އަލަށް ކުއްޔަށްދޫކުރުމުގެ ސަބަބުން، ކުރިން ދޫކޮށްފައިވާ ބައިގައި ހިންގާ ހަރަކާތްތަކަށް ނުވަތަ އެ ރަށެއްގައި ހިންގާ މައިގަނޑު މަސައްކަތަށް އެއްވެސް ހުރަހެއް އެޅޭނެތޯ؛
- ރަށުގެ އެކި ސަރަހައްދުތައް ވަކިވަކިން ބޭނުންކުރުމުގެ ސަބަބުން ރަށުގެ ތިމާވެށްޓަށާއި، ރުއްގަހަށާއި، ފަޅުގެ ދިރުމަށް ލިބިދާނެ ގެއްލުމެއްވޭތޯ؛
- ބަނދަރާއި، މަގުތަކާއި، އަދި އެނޫންވެސް ރަށުގައިވާ އާންމު ވަސީލަތްތައް އެކި ފަރާތްތަކުގެ މެދުގައި ބޭނުންކުރުމުގައި އަމަލުކުރާނެ އިންސާފުވެރި އުސޫލެއް ގާއިމުކުރެވިދާނެތޯ؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެނިހެން ކަންކަން ފުރިހަމަވޭތޯ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފަޅުރަށެއްގެ ބައެއް ކުއްޔަށްދޫކުރުމުގައިވެސް، ފަޅުރަށްރަށް ކުއްޔަށްދޫކުރުމާ ބެހޭގޮތުން މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާނެއެވެ.
31 ވަނަ މާއްދާ - އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުން
(ހ) ފަޅުރަށެއްގައި ކުރުމަށް ކަނޑައެޅިފައިވާ ނުވަތަ ހުށަހަޅާފައިވާ މަސައްކަތަކީ، އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހަދަންޖެހޭ މަސައްކަތެއްނަމަ އެ ރަށެއް ކުއްޔަށްދޫކުރެވޭ ފަރާތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ އެސެސްމަންޓެއް ހަދައި، ކަމާބެހޭ ރިޕޯޓު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
(ށ) އަންނަނިވި ބާވަތުގެ މަސައްކަތްތަކަކީ، އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް ހަދަންޖެހޭ ބާވަތުގެ މަސައްކަތެވެ.
- ސިނާއީ މަސައްކަތް؛
- ލާޖް-ސްކޭލް މަސްވެރިކަމުގެ މަސައްކަތް؛
- ލާޖް-ސްކޭލް ދަނޑުވެރިކަމުގެ މަސައްކަތް؛
- ބޮޑެތި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ހުށަހަޅާ ކޮންމެ މަސައްކަތެއް؛
- އެ މަސައްކަތެއްގެ ޒާތާއި ކުޑަބޮޑުމިނުގެ ސަބަބުން ތިމާވެއްޓަށް ބޮޑު އަސަރެއް ކޮށްފާނެފަދަ މަސައްކަތެއް ކަމުގައިވާ ކޮންމެ މަސައްކަތެއް؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫން ކޮންމެ މަސައްކަތެއް.
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، "ލާޖް-ސްކޭލް މަސްވެރިކަމުގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ފުޅާ ދާއިރާއެއްގައި، މަސްބޭނުން، ނުވަތަ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުން ނުވަތަ އެކުއަކަލްޗަރ ނުވަތަ އެކުއަކަލްޗަރގެ ހަރަކާތްތައް ހިންގުން ހިމެނޭހެން ހިންގާ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތަކަށެވެ. އޭގެ ތެރޭގައި ކާރުހާނާއާއި ޕްލާންޓްތަކާއި އިންސްޓޮލޭށަންތައް ގާއިމުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، "ލާޖް-ސްކޭލް ދަނޑުވެރިކަމުގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ފުޅާ ދާއިރާއެއްގައި، ގުދުރަތީ ވަސީލަތްތައް އެކްސްޓްރެކްޓްކުރުން ނުވަތަ ހާވެސްޓްކުރުން ހިމެނޭގޮތުން، ނުވަތަ އޮޓޮމޭޓަޑް މެށިނަރީ ބޭނުންކޮށްގެން ނުވަތަ ބޮޑު ސަރަހައްދެއްގައި ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކަށެވެ.
(ބ) ކުއްޔަށްދެވޭ ފަޅުރަށްރަށާ ގުޅޭގޮތުން ހަދަންޖެހޭ އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް، އެ ރަށެއް ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ހަދައި ކަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ހަދަންޖެހޭ އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު އޮންނަންވާނެ ގޮތާއި އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް ހަދަންޖެހޭ އިތުރު މަސައްކަތާއި އެނޫންވެސް ކަމާބެހޭ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
32 ވަނަ މާއްދާ - ކުއްޔަށްދެވޭ މުއްދަތު
(ހ) މި ގާނޫނުގެ ދަށުން ފަޅުރަށެއް ކުއްޔަށްދެވޭނީ 21 (އެކާވީސް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ރަށެއް ކުއްޔަށް ހިފަން އެދޭ ފަރާތުން، އެ ރަށް ކުއްޔަށް ހިފަން ހުށަހަޅާ މުއްދަތަކީ 21 (އެކާވީސް) އަހަރަށްވުރެ ކުރު މުއްދަތަކަށްވެފައި އެ މުއްދަތަށް ކުއްޔަށްދިނުމަކީ މި ގާނޫނުގެ ދަށުން ހަދާ ކަމާބެހޭ ގަވާއިދު ހުއްދަކުރާ ކަމެއް ކަމުގައިވާނަމަ އެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެއަށްވުރެ ކުރު މުއްދަތަކަށް އެ ރަށެއް ކުއްޔަށްދޫކުރުމުގެ އިހްތިޔާރު، ކަމާބެހޭ މިނިސްޓްރީއަކަށް ނުވަތަ ކައުންސިލަކަށް ލިބިގެންވެއެވެ.
(ނ) ކުއްޔަށްދޫކޮށްފައިވާ ރަށެއްގެ ކުލީގެ މުއްދަތު އިތުރުކުރުމަށް އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން އެދޭނަމަ، އަދި އެ ފަރާތަކީ މި މާއްދާގެ (ބ) ގައި ބަޔާންކުރާ ށަރުތު ފުރިހަމަވާ ފަރާތެއްނަމަ އެ ރަށެއް ކުއްޔަށްދީފައިވާ މުއްދަތު ހިމެނޭގޮތުން ޖުމްލަ 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށް އެ ރަށުގެ ކުލީގެ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
(ރ) ރަށެއް ކުއްޔަށް ހިފާފައިވާ ފަރާތަކުން މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުލީގެ މުއްދަތު އިތުރުކުރަން އެދޭނަމަ، އެ ރަށް ކުއްޔަށްދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ 12 (ބާރަ) މަސްދުވަހުގެ ކުރިން އެކަމަށް އެދި ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ޖުމްލަ 50 (ފަންސާސް) އަހަރަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން ރަށެއް ކުއްޔަށްދީފައިވާ މުއްދަތު އިތުރުކޮށްދޭން ނިންމަންވާނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
- ރަށް ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިންވެސްޓްމަންޓް ޕްލޭނާ އެއްގޮތަށް، ރަށުގައި އިންވެސްޓް ކޮށްފައިވުން؛
- ރަށް ކުއްޔަށްދިނުމުގެ އެއްބަސްވުމާ ހިލާފުވެފައިވާ ފަރާތަކަށް ނުވުން؛
- ވާރކް ޕްލޭން ތަންފީޒުކުރުމަށް، ރަށުގައި ކުރާ މަސައްކަތާ ބެހޭގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ރިޕޯޓުތައް ހުށަހަޅަމުން އައިސްފައިވާ ފަރާތަކަށްވުން؛
- ރަށް ކުއްޔަށްދިނުމުގެ އެއްބަސްވުމާ އެއްގޮތަށް، ރަށުގެ ކުއްޔާއި ދައްކަންޖެހޭ އެހެނިހެން ފައިސާ ދައްކަމުން އައިސްފައިވާ ފަރާތަކަށްވުން.
-
ރަށް ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހި ނުދެއްކިވާ އެއްވެސް ފައިސާއެއް ނެތުން؛
-
ދައުލަތަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާނަމަ، އެ ފައިސާ ދައްކައި ހަލާސްކޮށްފައިވާ ފަރާތަކަށްވުން؛
-
މުއްދަތު އިތުރުކުރަން ހުށަހަޅާ ކޮންމެ އަހަރަކަށް، ލީސް އެކްސްޓެންށަން ފީގެ ގޮތުގައި ރަށުގެ ކުލީގެ 25% (ފަންސަވީސް އިންސައްތަ) އަށްވާ ފައިސާ ދައްކާފައިވުން؛ އަދި
-
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެހެނިހެން ށަރުތުތައް ފުރިހަމަވެފައިވުން.
33 ވަނަ މާއްދާ - ކުއްޔަށްދިނުމުގެ އެއްބަސްވުން
(ހ) މި ގާނޫނުގެ ދަށުން ފަޅުރަށްރަށް ކުއްޔަށްދޭންވާނީ، ކަމާބެހޭ މިނިސްޓްރީއާއި ނުވަތަ ކަމާބެހޭ ކައުންސިލާއި، ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި، މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ:
- ކުއްޔަށްދެވޭ މުއްދަތާއި އެ މުއްދަތު އިތުރުކުރުމުގެ ށަރުތުތައް؛
- ކުލި އަދި ކުލި ދައްކަންޖެހޭ ގޮތް؛
- ރަށުގައި ހިންގާނެ މަސައްކަތާއި، އެ މަސައްކަތް ހިންގާނެގޮތާއި، މަސައްކަތް ކުރިއަށްގެންދިޔުމުގެ ށެޑިއުލް؛
- ރަށުގައި އިމާރާތްކޮށް އުމްރާނީ ވަސީލަތްތައް ތަރައްގީކުރާނަމަ، އެކަން ފުރިހަމަކުރުމަށް ދެވޭ މުއްދަތާއި ކަމާގުޅޭ ށަރުތުތައް؛
- ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޫކުރާ ފަރާތުގެ އިލްތިޒާމުތައް.
- ގުދުރަތީ ކާރިސާތަކާއި، އަލިފާނުގެ ހާދިސާތަކާއި، ކުރިމަތިވެދާނެ އެނޫންވެސް ނުރައްކާތަކުން ލިބިދާނެ ގެއްލުންތަކަށް ރަށް އިންށުއަރކުރުމާގުޅޭ އުސޫލުތައް؛
- ކުއްޔަށް ހިފާ ފަރާތުން އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތާއި ރަށް ވަކިކުރެވޭނެ ހާލަތްތައް؛
- ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާތިލުކުރެވޭނެ ހާލަތްތަކާއި، އެ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް، އަދި ކުލީގެ މުއްދަތު ހަމަވުމުން ރަށް ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތް؛
- އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ނުވަތަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާތިލުވުމުން، ރަށުގައި ހުންނަ އިމާރާތްތަކާއި ތަކެއްޗާމެދު އަމަލުކުރެވޭނެ ގޮތް؛
- ރަށް އިންސްޕެކްޓްކުރުމަށްޓަކައި ކުއްޔަށް ހިފާ ފަރާތުގެ ހަރަދުގައި އެކަން ހަމަޖައްސައިދިނުމުގެ އުސޫލުތައް.
34 ވަނަ މާއްދާ - ފަށުރަށްތަކުގެ ކުލި
(ހ) މި ގާނޫނުގެ ދަށުން ކުއްޔަށްދޫކުރެވޭ ފަޅުރަށްރަށުގެ ކުލި ނަގާނީ، އަންނަނިވި ގޮތުގެމަތިންނެވެ.
އެކަށައެޅޭ ބޭނުން |
އަކަމީޓަކަށް ނެގޭނެ ރޭޓް |
| ސިނާއީ އަދި އިގްތިސާދީ ބޭނުން | އަކަމީޓަކަށް އަހަރަކަށް 3 (ތިނެއް) ރުފިޔާ |
| މަސްވެރިކަމުގެ އަދި ދަނޑުވެރިކަމުގެ ބޭނުމަށް | އަކަމީޓަރަކަށް އަހަރަކަށް 2 (ދޭއް) ރުފިޔާ 50 (ފަންސާސް ލާރި |
| އިޖްތިމާއީ ބޭނުމަށް | އަމަމީޓަކަށް އަހަރަކަށް 2 (ދޭއް) ރުފިޔާ |
(ށ) މި ގާނޫނުގެ ދަށުން، ކުއްޔަށްދޭ ފަޅުރަށްރަށުން ކުލި ނެގުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާކުރެވޭނެ މިންވަރާއި، ޖޫރިމަނާކުރުމުގައި އަމަލުކުރާނެ އުސޫލުތައް މި ގާނޫނުގެ ދަށުން، މާލިއްޔަތާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
35 ވަނަ މާއްދާ - އެކުއިޒިށަން ފީ
(ހ) މި ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަދި އެ މާއްދާގެ (މ) ގެ ދަށުން، ފަޅުރަށެއް ކުއްޔަށްދެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުއިޒިށަން ފީއެއް ނެގުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެކުއިޒިށަން ފީ ކަނޑައަޅާނީ މާލިއްޔަތާބެހޭ މިނިސްޓްރީންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެކުއިޒިށަން ފީ ކަނޑައަޅަންވާނީ، ކުއްޔަށްދޫކުރެވޭ ރަށެއްގައި ތަރައްގީކޮށްގެން ހިންގުމަށް ހުށަހަޅާ މަށްރޫއަށް ބިނާކޮށް އެއިރެއްގެ މާކެޓް އަގަށް ބެލުމަށްފަހުގައެވެ. އަދި އެ އަދަދު ކަނޑައެޅުމުގައި، ރަށުގައި ކުރަން ހުށަހަޅާ މަސައްކަތްތަކާއި މަސައްކަތުގެ ނުވަތަ ސިނާއަތުގެ ޒާތަށާއި އިންވެސްޓްމަންޓުގެ އަދަދަށް ރިއާޔަތްކުރަންވާނެއެވެ.
36 ވަނަ މާއްދާ - ރަށް ބޭނުންކުރުން
(ހ) މި ގާނޫނުގެ ދަށުން ކުއްޔަށްދޫކުރާ ކޮންމެ ފަޅުރަށެއް ބޭނުންކުރަންވާނީ، އެ ރަށެއް ކުއްޔަށްދޫކުރި ބޭނުމަށްޓަކައި އެކަންޏެވެ. އަދި އެއްބަސްވުމުގައި ހުއްދަކޮށްފައިވާ ދާއިރާގެ ބޭރުން އެ ރަށެއްގައި އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލާ ހިލާފަށް، ކުއްޔަށްދޫކުރި މަގްސަދާ ފުށުއަރާ ނުވަތަ އެއްބަސްވުމުގައި ހުއްދަކޮށްފައިނުވާ ހަރަކާތެއް ހިންގާކަން ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް އެނގިއްޖެނަމަ، ނޯޓިހެއް ދިނުމަކާ ނުލައި ވަގުތުން އެއްބަސްވުން ބާތިލުކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، އެއްބަސްވުން ބާތިލުކުރާނަމަ، އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ކުއްޔަށް ހިފާ ފަރާތަށް ލިބޭ އެއްވެސް ގެއްލުމަކަށް ނުވަތަ އެ ރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓަކަށް ކުއްޔަށްދޫކުރި ފަރާތުން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެއެވެ.
37 ވަނަ މާއްދާ - ރަހުނުކުރުން
(ހ) ފަޅުރަށެއް ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ކުއްޔަށް ހިފާ ފަރާތަށް ލިބިދޭ ހައްގުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަމާބެހޭ މިނިސްޓްރީގެ ނުވަތަ ކައުންސިލުގެ ހުއްދަ ހޯދުމަށްފަހު ރަހުނުކުރުމުގެ އިހްތިޔާރު، ކުއްޔަށް ހިފާ ފަރާތަށް ލިބިގެންވެއެވެ.
(ށ) ކުއްޔަށްދީފައިވާ ފަޅުރަށްރަށް ރަހުނުކުރުމާބެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
38 ވަނަ މާއްދާ - އިންށުއަރކުރުން
(ހ) ގުދުރަތީ ކާރިސާތަކާއި، އަލިފާނުގެ ހާދިސާތަކާއި، ކުރިމަތިވެދާނެ އެނޫންވެސް ނުރައްކާތަކުން ކުއްޔަށްދޫކޮށްފައިވާ ފަޅުރަށަށް ލިބިދާނެ ގެއްލުންތަކަށް ކުއްޔަށް ހިފާ ފަރާތުން އިންށުއަރކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި އިންށުއަރެންސް ޕޮލިސީގައި ހިމަނަންޖެހޭ އެންމެހައި ކަންކަމާއި، އިންށުއަރެންސް ކަވަރޭޖް ހޯދަންޖެހޭ ދާއިރާތަކާއި، ކަމާގުޅޭ އެނޫންވެސް އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
39 ވަނަ މާއްދާ - އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތަކާއި އިލްތިޒާމުތައް ބަދަލުކުރުން
(ހ) ކުއްޔަށްދީފައިވާ ފަޅުރަށެއްގެ ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިދޭ އެންމެހައި ހައްގުތަކާއި، އުފުލަންޖެހޭ އިލްތިޒާމުތަކާއި، އަދި އެ ރަށެއްގައި ބިނާކޮށްފައިވާ އެންމެހައި މުދަލާއި ވަސީލަތްތައް އެހެން ފަރާތަކަށް ބަދަލުކުރެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާކަން ކަށަވަރުކޮށް، އެކަމުގެ ހުއްދަ ކަމާބެހޭ މިނިސްޓްރީން ނުވަތަ ކައުންސިލުން ހޯދުމަށްފަހުގައެވެ.
- ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް، އެއްބަސްވުމުގައި ކަނޑައެޅިފައިވާ ށެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވުމާއި، މަސައްކަތުގެ ށެޑިއުލްގެ މަދުވެގެން 75% (ހަތްދިހަފަހެއް އިންސައްތަ) ފުރިހަމަކޮށްފައިވުން؛
- އެއްބަސްވުން ބަދަލުކުރާ ފަރާތުގެ ކިބައިގައި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ހިންގުމުގެ ގާބިލުކަމާއި، އެ ހަރަކާތެއް ހިންގުމަށް ބޭނުންވާ އިންވެސްޓްމަންޓް ކުރުމުގެ މާލީ ގާބިލުކަން ހުރުން؛
- އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފި ފަރާތަށް ލިބިދޭ ހައްގުތައް ރަހުނުކޮށްފައިވާނަމަ، ރަހުނުކޮށްފައިވާ ފަރާތުން އެއްބަސްވުން ބަދަލުކުރުމަށް އިއުތިރާޒުނުކުރާ ކަމުގެ ލިޔުމެއް އޮތުން؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައާއި، ކުލީގެ އެއްބަސްވުމުގައި ކަނޑައަޅާ އެހެނިހެން ކަންކަން.
(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތަކާއި އިލްތިޒާމުތައް ބަދަލުކުރުމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި އެކަން ކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރަންވާނެއެވެ.
(ނ) ކުލީގެ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިދޭ ހައްގުތައް މި މާއްދާގެ (ހ) ގެ ދަށުން އެހެން ފަރާތަކަށް ބަދަލުކުރެވޭނީ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށެވެ.
40 ވަނަ މާއްދާ - ތިންވަނަ ފަރާތަކަށް ކުއްޔަށްދިނުން
މި ގާނޫނުގެ ދަށުން ކުއްޔަށްދޫކޮށްފައިވާ ފަޅުރަށެއް ކުއްޔަށް ހިފާ ފަރާތުން ތިންވަނަ ފަރާތަކަށް ކުއްޔަށްދޫކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ހާލަތުގައި އެފަދައިން، ތިންވަނަ ފަރާތަކަށް ކުއްޔަށްދިނުމުގެ ހުއްދަ ކަމާބެހޭ މިނިސްޓްރީން ނުވަތަ ކައުންސިލުން ހޯދުމަށްފަހުގައެވެ.
(ހ) ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް، އެއްބަސްވުމުގައި ކަނޑައެޅިފައިވާ ށެޑިއުލާ އެއްގޮތަށް، ކުރަމުން ގެންގޮސްފައިވުމާއި، މަސައްކަތުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ފުރިހަމަކޮށްފައިވުން؛
(ށ) ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތަކަށް ކުރަން ހުށަހަޅާފައިވާ އިންވެސްޓްމަންޓުގެ އަދަދުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ފައިސާ އިންވެސްޓްކޮށްފައިވުން؛
(ނ) ތިންވަނަ ފަރާތުގެ ކިބައިގައި ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް ނުވަތަ ތިންވަނަ ފަރާތަކަށް ކުއްޔަށްދިނުމުގައި ހިންގުމަށް ހުށަހަޅާ މަސައްކަތްތައް ހިންގުމުގެ ގާބިލުކަމާއި ކުރަން ހުށަހެޅި އިންވެސްޓްމަންޓް ފުރިހަމަކުރުމުގެ ގާބިލުކަން ހުރުން؛
(ރ) ތިންވަނަ ފަރާތަކަށް، ރަށް ކުއްޔަށްދޭ ބޭނުމަކީ، ރަށުގައި ކުރަން ހުއްދަކޮށްފައިވާ ބޭނުން ކަމުގައިވުން.
41 ވަނަ މާއްދާ - އިމާރާތްކުރުމާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުން
(ހ) މި ގާނޫނުގެ ދަށުން، ކުއްޔަށްދޫކުރެވޭ ފަޅުރަށެއްގައި، ކުއްޔަށް ހިފާ ފަރާތުން އުމްރާނީ ވަސީލަތްތައް ތަރައްގީކުރަންވާނީ ނުވަތަ އެއްވެސް ބާވަތެއްގެ ދާއިމީ ނުވަތަ ވަގުތީ ސްޓްރަކްޗަރެއް ބިނާކުރަންވާނީ ކަމާގުޅުންހުރި ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމާބެހޭ ދައުލަތުގެ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހުގައެވެ.
(ށ) ކުއްޔަށް ހިފާ ފަރާތުން ރަށުގައި އެއްވެސް އުމްރާނީ މަސައްކަތެއް ކުރުމުގެ ކުރިން ނުވަތަ އެއްވެސް ބާވަތެއްގެ ދާއިމީ ނުވަތަ ވަގުތީ އިމާރާތެއް ނުވަތަ ސްޓްރަކްޗަރެއް ބިނާކުރުމުގެ ކުރިން، އެ ރަށުގައި އިމާރާތްކުރާ ސްޓްރަކްޗަރެއްގެ ކުރެހުން ރަށް ކުއްޔަށްދޫކުރި މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ހުށަހަޅައި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފާސްކުރަންވާނެއެވެ.
42 ވަނަ މާއްދާ - ރުއްގަސް ކެނޑުން
(ހ) މި ގާނޫނުގެ ދަށުން، ކުއްޔަށްދޫކުރެވޭ ފަޅުރަށެއްގައިވާ ރުއްގަސް ކަނޑަންވާނީ، ނުވަތަ ނަގަންވާނީ، ނުވަތަ އެއްތަނުން އަނެއްތަނަށް ބަދަލުކުރަންވާނީ، ގާނޫނާއި، ގާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަމާބެހޭ މިނިސްޓްރީގެ ނުވަތަ ކައުންސިލުގެ ހުއްދަ ހޯދުމަށްފަހުއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރުއްގަސް ކެނޑުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، އަންނަނިވި ކަންކަން ހިމެނޭ ވެޖިޓޭށަން ކްލިއަރެންސް ޕްލޭނެއް، ކުއްޔަށް ހިފާ ފަރާތުން މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
- ކަނޑަން ނުވަތަ ނަގަން ބޭނުންވާ ރުއްގަހުގެ ބާވަތާއި އަދަދު ބަޔާންކުރާ ސަރވޭ ރިޕޯޓު؛
- ބިން ސާފުކުރަން ބޭނުންވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓެއް؛
- ނަގާ ރުއްގަސް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރަން ހުށަހަޅާނަމަ، ބަދަލުކުރަން ހުށަހަޅާ ސަރަހައްދާއި، ބަދަލުކުރާނެ ގޮތާބެހޭ ތަފްސީލު؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެނިހެން ކަންކަން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން، މިނިސްޓްރީން ނުވަތަ ކައުންސިލުން ރުއްގަސް ކެނޑުމަށް ހުއްދަދޭންވާނީ، އެ ރަށެއްގައި ހިންގުމަށް ހުއްދަދީފައިވާ ހަރަކާތުގެ ބާވަތަށް ރިއާޔަތްކޮށެވެ. އެގޮތުން ހުއްދަދިނުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- އެ ހަރަކާތެއް ހިންގުމަށްޓަކައި ރުއްގަސް ކެނޑުމަކީ، އަދި ކެނޑުމަށް ހުށަހަޅާފައިވާ މިންވަރަށް ރުއްގަސް ކެނޑުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ؛
- އިމާރާތްކުރުމުގެ ޕްލޭނަށް، ނުވަތަ ހިންގާ ހަރަކާތުގެ ބޭނުމަށް ރުއްގަސް ބެހެއްޓުމަކީ އަމަލީ ގޮތުން ކުރެވެންނެތް ކަމެއްތޯ؛
- ކަނޑާ ނުވަތަ ނަގާ ރުއްގަހުގެ ބަދަލުގައި އެހެން ތަނެއްގައި ރުއްގަސް އިންދުމަށް ނުވަތަ ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އެޅުމަށް ހުށަހަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހުއްދަ ހޯދުމަކާ ނުލައި ކުއްޔަށްދޫކޮށްފައިވާ ފަޅުރަށަކުން ރުއްގަސް ކެނޑުމަކީ މަނާކަމެކެވެ. އަދި އެއްވެސް ހާލަތެއްގައި، އެފަދަ ރަށެއްގައިވާ ރުއްގަސް ވިޔަފާރީގެ ބޭނުމަށް ވިއްކުމަކީ މަނާކަމެކެވެ.
43 ވަނަ މާއްދާ - ވެއްޔާއި ގަލާއި އަކިރި ނެގުން
އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ކުއްޔަށްދޫކޮށްފައިވާ ފަޅުރަށްރަށުންނާއި އެ ރަށްރަށުގެ ފަޅުން ވެއްޔާއި ގަލާއި އަކިރި ނެގުމަކީ މަނާކަމެކެވެ.
44 ވަނަ މާއްދާ - ކުއްޔަށްދޫކުރާ ފަޅުރަށްރަށުގެ ދަފްތަރު ބެލެހެއްޓުމާއި މައުލޫމާތު ށާއިއުކުރުން
(ހ) މި ގާނޫނުގެ ދަށުން ކުއްޔަށްދޫކުރެވޭ ފަޅުރަށްރަށުގެ ދަފްތަރެއް، މާލިއްޔަތާބެހޭ މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގައި، މަދުވެގެން އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ރަށް ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްތަކާއި ރަށުގެ ނަން؛
- ކުއްޔަށް ހިފާފައިވާ ފަރާތާގުޅޭ އަންނަނިވި މައުލޫމާތު؛
- އެ ފަރާތުގެ ނަން އަދި ގާނޫނީ ށަހްސެއްނަމަ އެ ށަހްސަކާގުޅޭ މައުލޫމާތު؛
- ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ އެޑްރެސް؛
- ރަށް ކުއްޔަށްދޫކުރި ތާރީހު؛
- ކުލީގެ އެއްބަސްވުމުގެ މުއްދަތު؛
- އިމާރާތްކުރުމުގެ މުއްދަތު އިތުރުކުރެވިފައިވާނަމަ، އެކަމާއި އިތުރުކޮށްދެވުނު މުއްދަތު؛
- އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިފައިވާނަމަ، އެކަމާއި އިތުރުކޮށްދެވުނު މުއްދަތު؛
- ކުއްޔަށް ހިފި ފަރާތުން އެ ރަށް އެހެން ފަރާތަކަށް ކުއްޔަށްދީފައިވާނަމަ، އެ ފަރާތެއްގެ އަންނަނިވި މައުލޫމާތު:
- އެ ފަރާތުގެ ނަން އަދި ގާނޫނީ ށަހްސެއްނަމަ، އެ ށަހްސަކާގުޅޭ މައުލޫމާތު؛
- ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ އެޑްރެސް.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް އަންނަތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ކަމާބެހޭ މިނިސްޓްރީތަކުންނާއި ކައުންސިލުތަކުން އެ މައުލޫމާތެއް މާލިއްޔަތާބެހޭ މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ކުއްޔަށްދޫކުރެވޭ ރަށްރަށާގުޅޭ އަންނަނިވި މައުލޫމާތު ކަމާބެހޭ މިނިސްޓްރީންނާއި ކައުންސިލުތަކުން އާންމުކޮށް ށާއިއުކުރަންވާނެއެވެ:
- ކުއްޔަށްދޫކުރެވިފައިވާ ރަށް (ރަށުގެ ކޯޑިނޭޓްތަކާއި ރަށުގެ ނަން ހިމެނޭގޮތުން)؛
- ރަށް ކުއްޔަށްދޫކުރެވިފައިވާ ފަރާތް؛
- ރަށް ކުއްޔަށްދޫކުރެވިފައިވާ ބޭނުން؛
- ރަށް ކުއްޔަށްދޫކުރެވިފައިވާ މުއްދަތު.
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.
ފަސްވަނަ ބާބު
ފަޅު ކުއްޔަށްދޫކުރުން
45 ވަނަ މާއްދާ - ފަޅުރަށްރަށް ކުއްޔަށްދޫކުރުމުގެ އުސޫލު ހިނގުން
މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކަށައަޅާފައިވާ ބޭނުންތަކުގެ ތެރެއިން ބޭނުމަކަށް ފަޅު ކުއްޔަށްދޫކުރާނީ މި ގާނޫނުގެ ހަތަރުވަނަ ބާބުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ބާބުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މި ގާނޫނުގެ ހަތަރުވަނަ ބާބުގައި ފަޅުރަށްރަށް ކުއްޔަށްދޫކުރުމާ ގުޅޭގޮތުން އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތައް، ފަޅުތަކުގެ މައްޗަށް ހިނގާނެއެވެ.
46 ވަނަ މާއްދާ - ފަޅު ކުއްޔަށްދޫކުރާ ފަރާތް
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކަށައަޅާފައިވާ ބޭނުންތަކުގެ ތެރެއިން ބޭނުމަކަށް ފަޅު ކުއްޔަށްދޫކުރާނީ، އެ ފަޅެއް ހަވާލުކުރެވިފައިވާ ކަމާބެހޭ މިނިސްޓްރީއަކުންނެވެ.
(ށ) މިނިސްޓްރީތަކުން ފަޅު ކުއްޔަށްދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން މާލިއްޔަތާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
47 ވަނަ މާއްދާ - ފަޅު ކުއްޔަށްދެވޭ ގޮތްތަކާއި ކުއްޔަށްދެވޭ ފަޅުގެ ސަރަހައްދު ކަނޑައެޅުން
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކަށައަޅާފައިވާ ބޭނުންތަކުގެ ތެރެއިން ބޭނުމަކަށް ފަޅު ކުއްޔަށްދޫކުރުމުގައި، މި ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ތިންގޮތުންކުރެ ގޮތަކަށް ފަޅު ކުއްޔަށްދޫކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޔަށްދޫކުރުމަށްޓަކައި ފޅުގެ ސަރަހައްދުތައް ކަނޑައަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ފަޅުގެ ސަރަހައްދުތައް ކަނޑައެޅުމުގެ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ ފަޅުގެ ސަރަހައްދުގައި ފިނޮޅެއް ހިމެނޭނަމަ، ކުއްޔަށްދޫކުރެވޭ ފަޅުގެ ސަރަހައްދުގެ ބޮޑުމިން ކަމުގައި ބަލާނީ، އެ ފިނޮޅު ހިމެނޭގޮތުން ކަނޑައެޅޭ މުޅި ސަރަހައްދު އެކުގައެވެ.
(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި "ފިނޮޅު" ކަމަށް ބުނެފައި އެވަނީ، ފަޅެއްގައި ދޮންވެލިން އުފެދި، ލޮނުގަނޑުން މައްޗަށް އުފުލިފައިވާ، ފަޅުރަށެއްގެ ސިފަތައް ފުރިހަމަނުވާ ހިކިފަސްތަނަކަށެވެ.
48 ވަނަ މާއްދާ - ފަޅު ކުއްޔަށްދެވޭނެ ބޭނުންތައް
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ފަޅު ކުއްޔަށްދޫކުރެވޭނީ އަންނަނިވި ބާވަތުގެ މަސައްކަތްތައް ކުރުމަށެވެ.
- ލާޖް-ސްކޭލް ސިނާއީ މަސައްކަތްތައް ކުރުމަށް؛
- މީޑިއަމް-ސްކޭލް ސިނާއީ މަސައްކަތްތައް ކުރުމަށް؛
- ލާޖް-ސްކޭލް އިގްތިސާދީ މަސައްކަތްތައް ކުރުމަށް؛
- އެކުއަކަލްޗަރ ނުވަތަ އެކުއަކަލްޗަރއާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، "ލާޖް-ސްކޭލް ސިނާއީ މަސައްކަތެއް" ކަމަށް ބުނެފައި އެވަނީ، ސިނާއީ މަސައްކަތްތަކުގެ ތެރެއިން، ފުޅާ ދާއިރާއެއްގައި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއެކު ހިންގާ އިންޑަސްޓްރިއަލް މަސައްކަތްތަކަށެވެ. އޭގެ ތެރޭގައި، ކާރުހާނާއާއި ޕްލާންޓްތަކާއި އިންސްޓޮލޭށަންތައް ގާއިމުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "މީޑިއަމް-ސްކޭލް ސިނާއީ މަސައްކަތެއް" ކަމަށް ބުނެފައި އެވަނީ ސިނާއީ މަސައްކަތްތަކުގެ ތެރެއިން، ފުޅާ ދާއިރާއެއްގައި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަކާ ނުލައި ހިންގާ އިންޑަސްޓްރިއަލް މަސައްކަތްތަކަށެވެ.
(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "ލާޖް-ސްކޭލް އިގްތިސާދީ މަސައްކަތެއް" ކަމަށް ބުނެފައި އެވަނީ 100,000,000 (ސަތޭކަ މިލިއަން) ރުފިޔާއަށްވުރެ ކުޑަނޫން އިންވެސްޓްމަންޓް ހިމެނޭގޮތުން ހިންގޭ އިގްތިސާދީ ހަރަކާތަކަށެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަސައްކަތްތަކުގެ ދާއިރާ ކަނޑައަޅާނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
49 ވަނަ މާއްދާ - ފަޅު ކުއްޔަށްދޫކުރުމުގެ ށަރުތުތައް
(ހ) މި ގާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކުރާ ބޭނުންތަކުގެ ތެރެއިން ބޭނުމަކަށް ފަޅު ކުއްޔަށްދޫކުރެވޭނީ އަންނަނިވި ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
- ފަޅު ކުއްޔަށްދެނީ، މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކަށް ކަމުގައިވުން؛
- ފަޅު ކުއްޔަށްދެނީ، ފަޅު ހިއްކައިގެން ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް، ނުވަތަ ފަޅުގެ ބައެއް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ހިއްކައިގެން ފަޅުގެ ދެން އޮތްބައި، އެހެން ހަރަކާތްތައް ހިންގުމަށްޓަކައި ތަރައްގީކުރުމަށް ކަމަށްވާނަމަ، ހިއްކާ ބަޔަށް މި ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުލި ދެއްކުން؛
- ފަޅު ކުއްޔަށްދެނީ ހިއްކުން ނުހިމެނޭ ގޮތަށް ކަމުގައިވާނަމަ، ނުވަތަ ފަޅުގެ ބައެއް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ހިއްކައިގެން ފަޅުގެ ދެން އޮތްބައި، އެހެން ހަރަކާތްތައް ހިންގުމަށްޓަކައި ތަރައްގީކުރުމަށް، ނުވަތަ ހިއްކާ ބަޔަށް މި ގާނޫނުގެ 34 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުލި ދެއްކުން، އަދި މި ގާނޫނުގެ 52 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުލި ދެއްކުން؛
- މި ގާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަކި، ބޮޑުމިނަކަށް ފަޅު ހިއްކުމަށް ލާޒިމުކުރާނަމަ، ފަޅުން ހިއްކަންޖެހޭ ސަރަހައްދު ހިއްކުމުގެ މަސައްކަތް، މި ގާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ނިންމުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، ކަމާބެހޭ މިނިސްޓްރީން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި އިތުރު ށަރުތުތައް ކަނޑައެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
50 ވަނަ މާއްދާ - ފަޅު ހިއްކުމާއި، ތަރައްގީކުރުން
(ހ) މި ގާނޫނުގެ ދަށުން ފަޅު، ކުއްޔަށްދޫކުރާއިރު، ކުއްޔަށްދޫކުރެވޭ މަށްރޫއުގެ ބާވަތަށް ރިއާޔަތްކޮށް، ފަޅަކުން މަދުވެގެން ވަކި އަކަމީޓަރެއް ހިއްކަންޖެހޭނެ ގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު ކަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި ގާނޫނުގެ ދަށުން ފަޅު، ކުއްޔަށްދޫކުރަނީ އެ ފަޅަކުން މަދުވެގެން ވަކި އަކަމީޓަރެއް ހިއްކުމަށް ށަރުތުކުރުމަށްފަހު ކަމަށްވާނަމަ، ފަޅު ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ފަޅު ހިއްކައި ތަރައްގީކުރުމަށް މި ގާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމުގެ ދަށުން، ކަމާބެހޭ މިނިސްޓްރީން ލާޒިމުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، ފަޅު ހިއްކުމުގެ މަސައްކަތް ނިންމާފައިނުވާނަމަ ނުވަތަ އެކަށީގެންވާ ސަބަބެއްނެތި މަސައްކަތް ހުއްޓިފައިވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފަޅެއް އަނބުރާ ދައުލަތަށް ނެގުމުގެ އިހްތިޔާރު، ކަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން އެއްބަސްވުން ބާތިލުކުރާނަމަ، އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ކުއްޔަށް ހިފާ ފަރާތަށް ލިބޭ އެއްވެސް ގެއްލުމަކަށް ނުވަތަ ކޮށްފައިވާ އިންވެސްޓްމަންޓަކަށް ކުއްޔަށްދޫކުރި ފަރާތުން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެއެވެ.
(ބ) ފަޅު ހިއްކުމުގެ ހުރިހާ މަރުހަލާއެއް ކުއްޔަށް ހިފާ ފަރާތުން ކުރިއަށް ގެންދަނީ ގާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އާއި، ކަމާބެހޭ އެހެން ގާނޫނުތަކާއި ފަޅު ހިއްކުމާ ބެހޭގޮތުން ކަމާބެހޭ އިދާރާއިން ދީފައިވާ އިރުށާދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރަންވާނެއެވެ.
(ޅ) ފަޅު ހިއްކުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށުމުގެ ކުރިން ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އާއި، ކަމާގުޅޭ ގަވާއިދުތަކާ އެއްގޮތަށް، އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހަދައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާބެހޭ އިދާރާގެ ހުއްދަ ކުއްޔަށް ހިފާ ފަރާތުން ހޯދަންވާނެއެވެ.
(ކ) ކުއްޔަށްދޫކޮށްފައިވާ ފަޅެއް، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ކުއްޔަށް ހިފާ ފަރާތުން ހިއްކުމަށްފަހު އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
- ހިއްކުނު ސަރަހައްދު ރަށެއްގެ ގޮތުގައި ރަސްމީކޮށް ދަފްތަރުކޮށް ބޭނުންކުރަން ފެށުމަށްޓަކައި، ފުރިހަމަކުރަންޖެހޭ އެންމެހައި ފަންނީ އަދި އިދާރީ އިޖުރާއަތުތައް ފުރިހަމަކޮށް، ރަށުގެ ނަން ކަނޑައެޅުމަށްޓަކައި، ފަޅު ކުއްޔަށްދިން މިނިސްޓްރީއަށް ހުށަހަޅައި ރަށް ދަފްތަރުކުރުން؛
-
(2) ރަށުގެ ބިމުގެ ސަރވޭއެއް ހަދައި، ފަޅު ކުއްޔަށްދިން މިނިސްޓްރީއަށް ހުށަހަޅައި، ބިމުގެ ސަރަހައްދު ރަޖިސްޓަރީކުރުން.
(އ) މި މާއްދާގެ (ކ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ރަށުގެ ބިން ސަރވޭ ކުރުމުގައި އަމަލުކުރަންވާނެ އުސޫލުތަކާއި މިންގަނޑުތައް، މި ގާނޫނުގެ ދަށުން މާލިއްޔަތާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
51 ވަނަ މާއްދާ - ފަޅު ކުއްޔަށްދިނުމުގެ އެއްބަސްވުން
(ހ) ފަޅެއް ކުއްޔަށްދޭންވާނީ، ފަޅު ކުއްޔަށްދޭ ފަރާތާއި ކަމާބެހޭ މިނިސްޓްރީއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމު އަދާކުރުމުގައި، މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން، ފަޅާގުޅޭ ނިސްބަތަށް އެ ފަޅަކާ ގުޅޭގޮތުން ހިނގާނެއެވެ.
(ނ) ފަޅު ކުއްޔަށްދޫކުރުމުގެ އެއްބަސްވުމެއްގައި، މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކުއްޔަށްދެވޭ ފަޅުގެ ޖިއޮގްރަފިކަލް ކޯޑިނޭޓްތައް؛
- ފަޅު ހިއްކުމަށް ދެވޭ މުއްދަތު؛
- ފަޅު ކުއްޔަށްދޫކުރަނީ، ފަޅުގެ ބައެއް ހިއްކައިގެން ރަށެއްގެ ގޮތުގައި ތަރައްގީކުރުމާއެކު، ފަޅުގެ ދެން އޮތްބައި، އެހެން ހަރަކާތްތައް ހިންގުމަށްޓަކައި ތަރައްގީކުރުމަށްނަމަ، ރަށުގެ ސަރަހައްދާއި ފަޅުގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ އުސޫލުތައް؛
- ފަޅުގައި ތަރައްގީކުރުމަށް ކަނޑައެޅޭ މަސައްކަތްތަކާއި، އެ މަސައްކަތްތައް ފުރިހަމަކުރުމަށް ކަނޑައެޅޭ މުއްދަތާއި އެ މަސައްކަތް ހިންގާނެގޮތާއި، މަސައްކަތް ކުރިއަށްގެންދިޔުމުގެ ށެޑިއުލް.
- ފަޅު ހިއްކުމަށްޓަކައި ކަނޑައަޅާފައިވާ މުއްދަތުގައި ފަޅު ހިއްކާފައިނުވާނަމަ އެއްބަސްވުން ބާތިލުކުރުމާގުޅޭ އިޖުރާއަތުތައް
52 ވަނަ މާއްދާ - ފަޅުގެ ކުލި އަދި އެކުއިޒިށަން ފީ
(ހ) މި ގާނޫނުގެ ދަށުން ކުއްޔަށްދޫކުރެވޭ ފަޅުތަކުން ކުލި ނަގާނީ ތިރީގައިމިވާ ތާވަލާ އެއްގޮތަށެވެ.
| ކަނޑައެޅޭ ބޭނުން | އަކަމީޓަކަށް ނޭގޭނެ ރޭޓް |
| ސިނާއީ ބޭނުމަށް | އަކަމީޓަރަކަށް އަހަރަކަށް 3 (ތިނެއް) ރުފިޔާ |
| އިގްތިސާދީ ބޭނުމަށް | އަކަމީޓަރަކަށް އަހަރަކަށް 3 (ތިނެއް) ރުފިޔާ |
| މަސްވެރިކަމުގެ ބޭނުމަށް | އަކަމީޓަރަކަށް އަހަރަކަށް 50 (ފަންސާސް) ރުފިޔާ |
(ށ) މި ގާނޫނުގެ ދަށުން، ކުއްޔަށްދޫކުރެވޭ ފަޅުތަކުން ކުލި ނެގުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާކުރެވޭނެ މިންވަރާއި، ޖޫރިމަނާކުރުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) ފަޅު ކުއްޔަށްދޫކުރެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުއިޒިށަން ފީއެއް ނެގުމަށްފަހުގައެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ އެކުއިޒިށަން ފީ ކަނޑައަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މާލިއްޔަތާބެހޭ މިނިސްޓްރީންނެވެ.
53 ވަނަ މާއްދާ - ކުއްޔަށްދެވޭ ފަޅުތަކުގެ ދަފްތަރު ބެލެހެއްޓުމާއި އާންމުކޮށް މައުލޫމާތު ށާއިއުކުރުން
(ހ) މި ގާނޫނުގެ ދަށުން ކުއްޔަށްދޫކުރެވޭ ފަޅުތަކުގެ ދަފްތަރެއް ބެލެހެއްޓުމާއި އާންމުކޮށް މައުލޫމާތު ށާއިއުކުރުން
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގައި، މި ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، މި ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް އަންނަތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ކަމާބެހޭ މިނިސްޓްރީތަކުން އެ މައުލޫމާތެއް މާލިއްޔަތާބެހޭ މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
(ރ) މި ގާނޫނުގެ 44 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ކުއްޔަށްދޫކުރެވޭ ފަޅުތަކާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީން އާންމުކޮށް ށާއިއުކުރަންވާނެއެވެ.
54 ވަނަ މާއްދާ - ފަޅު ކުއްޔަށްދޫކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް
މި ގާނޫނުގެ ދަށުން، ފަޅު ކުއްޔަށްދޫކުރުމާބެހޭ އުސޫލުތަކާއި ށަރުތުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން، މާލިއްޔަތާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ހަވަނަ ބާބު
ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުން
55 ވަނަ މާއްދާ - ވަރުވާއަށް ލިޔެދިނުން
(ހ) މި ގާނޫނުގެ 7 ވަނަ މާއްދާ ނުވަތަ 15 ވަނަ މާއްދާގެ ދަށުން ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ފަޅުރަށްރަށް، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަރުވާއަށް ލިޔެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ފަޅުރަށެއް ވަރުވާއަށް ލިޔެދިނުމަކީ، އެ ރަށެއްގައިވާ ރުއްގަހާއި ގުދުރަތީ ވަސީލަތްތަކާއި ދިރުންތަކާއި ރަށުގެ ތިމާވެށި، އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކޮށް ރަށް އާރާސްތުކޮށް، ދިރުވައި ދެމެހެއްޓުން ކަށަވަރުކުރުމަށްޓަކައި އެ ރަށެއްގެ ބެލެހެއްޓުން ކަނޑައެޅޭ މުއްދަތަކަށް ވަކި ފަރާތަކާ ހަވާލުކުރުމެވެ.
56 ވަނަ މާއްދާ - ވަރުވާއަށް ލިޔެދެވޭ ފަރާތްތައް
(ހ) މި ގާނޫނުގެ ދަށުން، ފަޅުރަށެއް ވަރުވާއަށް ލިޔެދެވޭނީ އަންނަނިވި ފަރާތްތަކުންކުރެ ފަރާތަކަށެވެ.
- ދިވެހި ރައްޔިތަކަށް؛
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ގާނޫނީ ށަހްސަކަށް.
- ކުންފުންޏެއް؛
- ޕާޓްނަރށިޕެއް؛
- އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް؛
- ކޯޕަރޭޓިވް ސޮސައިޓީއެއް.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އެ ގާނޫނީ ށަހްސު ވާންވާނީ ހަމައެކަނި ދިވެހި ރައްޔިތުންގެ ހިއްސާގެ މައްޗަށް އެކުލެވިފައިވާ ގާނޫނީ ށަހްސަކަށެވެ.
57 ވަނަ މާއްދާ - ވަރުވާއަށް ލިޔެދިނުމުގެ އުސޫލު
(ހ) މި ގާނޫނުގެ ދަށުން ފަޅުރަށްރަށް ވަރުވާއަށް ލިޔެދޭނީ، ދަނޑުވެރިކަމާބެހޭ މިނިސްޓްރީންނާއި ކައުންސިލުތަކުންނެވެ.
(ށ) ފަޅުރަށެއް ވަރުވާއަށް ލިޔެދެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އާންމުކޮށް އިއުލާންކޮށްގެން، އެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ވަރުވާއަށް ލިޔެދޭ ރަށެއް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ކަމާބެހޭ މިނިސްޓްރީން ނުވަތަ ކައުންސިލުން ރިއާޔަތްކުރަންވާނެއެވެ.
- ރަށް ބެލެހެއްޓުމަށާއި، އެ ރަށުގައިވާ ރުއްގަހާއި ގުދުރަތީ ވަސީލަތްތަކާއި ދިރުންތަކާއި، ރަށުގެ ތިމާވެށި، އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކޮށް ރަށް އާރާސްތުކޮށް، ދިރުވައި ދެމެހެއްޓުމަށް ބޭނުންވާ މާލީ އަދި ފަންނީ ގާބިލުކަން ހުރި މިންވަރު؛
- ރަށުގެ ރުއްގަހާއި ގުދުރަތީ ވަސީލަތްތައް އާރާސްތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި، ރަށް ބަލަހައްޓާނެ ގޮތުގެ ތަފްސީލީ ރޭވުމެއް އޮތުން؛
- ރަށުގެ ގުދުރަތީ މާހައުލު ހިމާޔަތްކުރުމަށް އެ ފަރާތުން ހުށަހަޅާ އިލްތިޒާމުތައް؛
- ރަށް ނިސްބަތްވާ އިދާރީ ދާއިރާގެ ފަރާތްތަކަށް އިސްކަންދިނުން؛
- ކުރިން އެފަދަ ރަށެއް ހަވާލުކުރެވިފައިވާނަމަ، އެ ތަނެއް ބަލަހައްޓާފައިވާ ގޮތް.
(ރ) މި މާއްދާގެ ބޭނުމަށްޓަކައި، ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމުގައި ފުރިހަމަވާންޖެހޭ އިތުރު ށަރުތުތަކާއި، ވަރުވާއަށް ލިޔެދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
58 ވަނަ މާއްދާ - ވަރުވާގެ އެއްބަސްވުން
(ހ) މި ގާނޫނުގެ ދަށުން ރަށެއް ވަރުވާއަށް ލިޔެދޭންވާނީ، ކަމާބެހޭ މިނިސްޓްރީއާ ނުވަތަ ކައުންސިލާއި، ރަށް ވަރުވާއަށް ލިޔެދެވޭ ފަރާތާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމުގައި، މަދުވެގެން، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ވަރުވާއަށް ލިޔެދެވޭ މުއްދަތު؛
- ވަރުވާގެ ގޮތުގައި ދައްކަންޖެހޭ އަދަދާއި، ފައިސާ ދައްކަންޖެހޭ މުއްދަތުތަކާގުޅޭ އުސޫލު؛
- ރަށުގެ ރުއްގަހާއި ގުދުރަތީ ވަސީލަތްތައް ބަލަހައްޓަންޖެހޭނެ ފެންވަރާއި، ރަށް އާރާސްތުކޮށް ދިރުވުމަށް ކުރަންޖެހޭ މަސައްކަތްތައް؛
-
ތިމާވެށްޓަށް ގެއްލުންވާފަދަ ކަންކަން ނުކުރުމަށާއި، ރަށުގެ ގޮނޑުދޮށް ސާފުތާހިރުކޮށް ބޭއްވުމާގުޅޭ އިލްތިޒާމުތައް؛
-
ރަށުގައި ކުރަން ހުއްދަކުރެވޭ މަސައްކަތްތަކާއި އެނޫން ބޭނުންތަކަށް ރަށް ބޭނުންކުރަން އެދޭނަމަ، އަމަލުކުރަންވީ ގޮތް؛
-
ރަށުގެ ހާލަތާ ގުޅޭގޮތުން، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ހުށަހަޅަންޖެހޭ އުސޫލު؛
-
އެއްބަސްވުމުގެ ށަރުތަކާ ހިލާފުވެއްޖެނަމަ ނުވަތަ ރަށް ބެލެހެއްޓުމުގައި އިހުމާލުވެއްޖެނަމަ އެއްބަސްވުން ބާތިލުކުރެވޭނެ ހާލަތްތަކާއި ރަށް ވަކިކުރެވޭނެ ހާލަތްތައް.
59 ވަނަ މާއްދާ - ވަރުވާއަށް ލިޔެދެވޭ މުއްދަތު
(ހ) މި ގާނޫނުގެ ދަށުން ރަށެއް ވަރުވާއަށް ލިޔެދެވޭނީ، ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން، 5 (ފަހެއް) އަހަރުދުވަހުގެ އިތުރު މުއްދަތަކަށް އެއްބަސްވުން އާކޮށްދިނުމުގެ އިހްތިޔާރު، ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން، ވަރުވާއަށް ލިޔެދީފައިވާ ރަށެއްގެ މުއްދަތު އިތުރުކުރުމާމެދު ގޮތެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- ފާއިތުވި މުއްދަތުގައި ރަށުގެ ރުއްގަހާއި ގުދުރަތީ ވަސީލަތްތައް ބަލަހައްޓާފައިވާ ގޮތާއި ފެންވަރު؛
- ވަރުވާގެ އެއްބަސްވުމުގެ ށަރުތުތަކާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށް އަމަލުކޮށްފައިވާ މިންވަރު؛
- ދައުލަތަށް ދައްކަންޖެހޭ ވަރުވާގެ ފައިސާ ގަވާއިދުން ދައްކާފައިވުން.
- ރަށުގެ ތިމާވެށްޓަށް ގެއްލުންވާފަދަ އެއްވެސް އަމަލެއް ހިންގާފައިނުވުން؛
- އެ ރަށަކީ މި ގާނޫނުގެ ދަށުން ކަނޑައަޅާ ބޭނުމަކަށް ނުވަތަ އާންމު މަންފާއަށްޓަކައި ދައުލަތަށް އެ ވަގުތު ބޭނުންވާ ރަށެއް ކަމުގައި ނުވުން.
60 ވަނަ މާއްދާ - ވަރުވާ ކަނޑައެޅުމާއި ދެއްކުން
(ހ) ފަޅުރަށްރަށުގެ ވަރުވާގެ މިންވަރަކީ، ރަށުގެ ބިމުގެ އަކަމީޓަރަކަށް އަހަރަކަށް 2 (ދޭއް) ރުފިޔާގެ ރޭޓުން، ބިމުގެ ބޮޑުމިނަށްޖެހޭ ފައިސާގެ އަދަދެވެ.
(ށ) ވަރުވާއަށް ލިޔެދީފައިވާ ރަށަކީ، އެ ރަށުގެ ފަޅުތެރޭގައި އާމްދަނީ ލިބޭ އިތުރު މަސައްކަތެއް ކުރުމުގެ ހުއްދަދީފައިވާ ރަށެއްނަމަ، އެ ރަށުގެ ފަޅުގެ ސަރަހައްދުން ބޭނުންކުރާ ކޮންމެ އަކަމީޓަރަކަށް، އަހަރަކަށް 2 (ދޭއް) ރުފިޔާގެ ރޭޓުން ވަރުވާ ނެގޭނެއެވެ.
61 ވަނަ މާއްދާ - ވަރުވާއަށް ލިޔެދެވޭ ފަރާތުގެ އަސާސީ މަސްއޫލިއްޔަތުތައް
ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތުން އަދާކުރަންޖެހޭ އަސާސީ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ރަށުގައި ހުރި ރުއްގަހާއި، އަލަށް އިންދާ ރުއްގަސްތައް ބަލިތަކުން ސަލާމަތްކޮށް، އެ ތަކެތި ރަނގަޅު ފެންވަރެއްގައި ހައްދައި ބެލެހެއްޓުން؛
(ށ) ރަށުގެ ގުދުރަތީ ތިމާވެށި ނުގެއްލޭނެހެން ރަށް ސާފުތާހިރުކޮށް ބޭއްވުމާއި، ރަށަށް ލިބިދާނެ އެކި ބާވަތުގެ ގެއްލުންތަކުން ރަށް ރައްކާތެރިކުރުން؛
(ނ) ރަށް ބެލެހެއްޓުމަށް ބޭނުންވާ އެންމެހައި މަސައްކަތްތަކާއި ހަރަދުތައް ކުރުން؛
(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރަށް ފަޅުވިޔަނުދީ، ރަށުގެ މަންފާ ލިބޭނެ ފަދަ ގޮތަކަށް، ރަށް ދިރުވައި، ރަށުގެ ހާލަތު ދެމެހެއްޓުން.
(ބ) ވަރުވާގެ އެއްބަސްވުމުގެ ދަށުން، މަތިކޮށްފައިވާ އިލްތިޒާމުތައް އަދާކުރުން.
62 ވަނަ މާއްދާ - ވަރުވާއަށް ލިޔެދީފައިވާ ރަށްރަށުގައި މަސައްކަތްކުރުން
(ހ) ވަރުވާއަށް ލިޔެދީފައިވާ ރަށެއްގައި އަންނަނިވި މަސައްކަތްތައް ފިޔަވައި އާމްދަނީ ހޯދުމަށް އެއްވެސް އެހެނިހެން މަސައްކަތެއް ކޮށްގެންނުވާނެއެވެ.
- ރަށުގައިވާ ރުއްގަހުން ލިބޭ ތަފާތު ތަކެތި ވިއްކުން؛
- ރަށުގެ ވެށިންނަށް ގެއްލުން ނުލިބޭނެހެން ނުވަތަ ވެށްޓަށް ބޮޑު ބަދަލެއް ނާންނާނެ ގޮތުގެމަތިން ކުރު މުއްދަތެއްގެ ތެރޭގައި ހެދިބޮޑުވާ ޒާތުގެ ތަރުކާރީއާއި މޭވާ ހެއްދުން؛
- ރަށުގައިވާ ބޮޑެތި ރުއްގަސް ނުކަނޑައި، އިތުރަށް ގަސް އިންދާނެ ޖާގަ އޮތްނަމަ، އެ ޖާގައިގައި ދިގު މުއްދަތަކުން ހެދިބޮޑުވާ ބާވަތުގެ ގަސް އިންދައި، އެ ގަސްތަކުން އާމްދަނީ ހޯދުން؛
- ރަށުގައިވާ ގަސްގަހާގެހިން ކެއުމަށް ނުވަތަ ބޭސްވެރިކަމަށް ބޭނުންކުރެވިދާނެ ތަކެތި، ވެށްޓަށް ގެއްލުން ނުލިބޭގޮތަށް ބޭނުންކުރުމާއި އެއިން ނަފާ ހޯދުން؛
- ރަށުތެރެއަށް ދޫކޮށްގެން ޕޯލްޓްރީ ގެންގުޅުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ވަރުވާއަށް ލިޔެދީފައިވާ ރަށެއްގައި ކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ނ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ޕޯލްޓްރީ ގެންގުޅުމަށް ބޮޑެތި ކޮށި އަޅައި ހެދުމަކީ މަނާކަމެކެވެ.
(ރ) ވަރުވާއަށް ލިޔެދީފައިވާ ރަށްރަށުގައި އެއްވެސް މަސައްކަތެއް ކުރުމަށް ރުއްގަސް ކަނޑައި، ބޮޑު ސަރަހައްދެއް ހުސްކުރުމަކީ މަނާކަމެކެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދަ ބާވަތުގެ މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިކަން ކުރުމާއި، ދިރޭ ޖަނަވާރުގެ ފާމްތައް ގާއިމުކުރުމެއް ނުހިމެނެއެވެ. އެފަދަ މަސައްކަތްތައް ކުރެވޭނީ، ކަމާބެހޭ ބޭނުމަށް ފަޅުރަށް ކުއްޔަށް ހިފައިގެންނެވެ.
63 ވަނަ މާއްދާ - ވަރުވާއަށް ލިޔެދީފައިވާ ރަށް ބޭނުންކުރުމާއި އެ ރަށުގައި އިމާރާތްކުރުން
(ހ) ވަރުވާއަށް ލިޔެދީފައިވާ ރަށެއް ބޭނުންކުރަންވާނީ މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ބޭނުންތަކަށެވެ. އަދި ވަރުވާއަށް ލިޔެދީފައިވާ ފަރާތަކުން އަންނަނިވި ފަދަ ބޭނުމަކަށް އެ ރަށް ބޭނުންކުރުމަކީ މަނާކަމެކެވެ.
- ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ނުވަތަ މުނިފޫހިފިލުވުމުގެ ބޭނުމަށް ހާއްސަކޮށްފައިވާ ތަނެއްގެ ގޮތުގައި ބޭނުންކުރުން؛
- ވަރުވާއަށް ލިޔެދީފައިވާ ފަރާތުގެ ނުވަތަ އެހެން ފަރާތެއްގެވެސް ދިރިއުޅުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ބޭނުންކުރުން؛
- ވަރުވާއަށް ލިޔެދީފައިވާ ފަރާތުގެ ނުވަތަ އެހެން ފަރާތެއްގެ ވިޔަފާރިއެއް ހިންގާ ތަނެއްގެ ގޮތުގައި، ނުވަތަ އެފަދަ ވިޔަފާރިއެއްގެ ބޭނުމަށް ތަކެތި އުފައްދާ ތަނެއްގެ ގޮތުގައި ބޭނުންކުރުން.
(ށ) ވަރުވާއަށް ލިޔެދީފައިވާ ރަށެއްގައި އެއްވެސް އިމާރާތެއް، ނުވަތަ ސްޓްރަކްޗަރެއް ބިނާކުރަންވާނީ، އެ ރަށެއް ދޫކޮށްފައިވާ މަގްސަދު ހާސިލުކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މިންވަރަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަ ހޯދުމަށްފަހުގައެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، އަންނަނިވި ށަރުތުތައް ފުރިހަމަވާ ގޮތުގެމަތިން ރަށުގައި އިމާރާތް ނުވަތަ ސްޓްރަކްޗަރ ބިނާކުރުމުގެ ހުއްދަ، ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ދެވިދާނެއެވެ.
- އިމާރާތަކީ ހަމައެކަނި އެ ރަށެއް ބެލެހެއްޓުމަށް ނުވަތަ އެ ރަށުގައި ހިންގުމަށް ހުއްދަދެވިފައިވާ މަސައްކަތުގައި މުވައްޒަފުން ނުވަތަ ވަރުވާއަށް ލިޔެދީފައިވާ ފަރާތް ރަށުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، އަދި އެފަދަ މަސައްކަތުގެ ބޭނުމަށް ހިޔާވަހިކަން ހޯދުމަށް ބޭނުންކުރާ އިމާރާތަކަށްވުން؛
- އިމާރާތުގެ ފަރުމާ އަދި ބޮޑުމިނަކީ އެ ރަށެއްގައި ހިންގާ ހަރަކާތުގެ ނިސްބަތުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ތަނެއް ކަމުގައިވުން.
64 ވަނަ މާއްދާ - ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށް ބޭނުންކުރާ ގޮތުގެ ރިޕޯޓު ހުށަހެޅުން
(ހ) ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތަކުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަކުރާ ބޭނުމަކަށް އާމްދަނީ ހޯދުމަށް ރަށުގައި އެއްވެސް މަސައްކަތެއް ކުރާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭ އިގްތިސާދީ ހަރަކާތްތަކާގުޅޭ ބަޔާނެއް ކޮންމެ އަހަރަކު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އިގްތިސާދީ ހަރަކާތްތަކާގުޅޭ ބަޔާނުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، ކަމާބެހޭ ލިޔެކިޔުންތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮޑިޓްކުރުމުގެ އިހްތިޔާރު އަދި/ނުވަތަ ރަށް އިންސްޕެކްޓްކުރުމުގެ އިހްތިޔާރު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބަޔާނުގެ ހުލާސާއެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ރަށް ވަރުވާއަށް ލިޔެދިން މިނިސްޓްރީން ނުވަތަ ކައުންސިލުން، މާލިއްޔަތާބެހޭ މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން މާލިއްޔަތާބެހޭ މިނިސްޓްރީއާ ހިއްސާކުރާ ބަޔާނުގެ ހުލާސާ އެ މިނިސްޓްރީން މުރާޖައާކުރުމަށްފަހު ކަމާބެހޭ ލިޔެކިޔުންތައް އޮޑިޓްކުރުމަށް، ނުވަތަ ރަށް އިންސްޕެކްޓްކުރުމަށް ކަމާބެހޭ މިނިސްޓްރީއެއްގައި ނުވަތަ ކައުންސިލެއްގައި، އެދިއްޖެނަމަ، އެ އޮޑިޓެއް ނުވަތަ އިންސްޕެކްށަނެއް ހެދުން އެ މިނިސްޓްރީއަކަށް ނުވަތަ އެ ކައުންސިލަކަށް ލާޒިމުވެގެންވެއެވެ.
65 ވަނަ މާއްދާ - ވަރުވާއަށް ލިޔެދީފައިވާ ރަށް ދެވަނަ ފަރާތަކަށް ލިޔެދިނުން ނުވަތަ ކުއްޔަށްދިނުން މަނާވުން
(ހ) ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް އެ ރަށެއް ލިޔެދީފައިވާ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި ރަށް ނުވަތަ ރަށުގެ ބައެއް ކުއްޔަށްދިނުމާއި ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަރުވާއަށް ލިޔެދީފައިވާ ރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތުން، އެ ރަށް ބެލެހެއްޓުމުގެ ބޭނުމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ފަރާތުގެ މުވައްޒަފުންގެ ގޮތުގައި އެ ރަށެއްގައި މީހުން ބައިތިއްބައިގެން އެ ރަށް ބެލެހެއްޓުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.
66 ވަނަ މާއްދާ - ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށް ވަކިކުރުން
(ހ) ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތަކުން، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ، ނުވަތަ ވަރުވާގެ އެއްބަސްވުމާ ހިލާފުވެއްޖެނަމަ، ވަރުވާގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތެއްގެ ނޯޓިސް ދިނުމަށްފަހު އެ ރަށް ވަރުވާއަށް ލިޔެދީފައިވާ ފަރާތުގެ ކިބައިން ވަކިކުރުމުގެ އިހްތިޔާރު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
(ށ) ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތުން މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ނުވަތަ އެ ފަޅުރަށެއް ވަރުވާއަށް ލިޔެދިނުމާގުޅޭ އެއްބަސްވުމާ ހިލާފު ނުވިނަމަވެސް، އެ ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ ރަށެއް މި ގާނޫނުގައި، ނުވަތަ އެހެން ގާނޫނެއްގައި، ބަޔާންކުރާ ބޭނުމަކަށް ނަގަން ޖެހިއްޖެނަމަ، އެ ފަޅުރަށް ވަރުވާއަށް ލިޔެދީފައިވާ ފަރާތަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތެއްގެ ނޯޓިހެއް ދިނުމަށްފަހު ވަރުވާގެ އެއްބަސްވުން ބާތިލުކޮށް، ވަރުވާއަށް ދީފައިވާ ރަށް ވަކިކުރުމުގެ އިހްތިޔާރު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
(ނ) ފަޅުރަށެއް ވަރުވާއަށް ދީފައިވާ ފަރާތަކުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކޮށްފައިވާ ބޭނުން ފިޔަވައި، އެނޫން ބޭނުމަކަށް ނުވަތަ ހުއްދަކުރެވިފައިނުވާ ހަރަކާތެއް ހިންގުމަށް ރަށް ބޭނުންކޮށްފިނަމަ ނުވަތަ ވަރުވާގެ އެއްބަސްވުމުގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި ވަކިކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ އެނޫންވެސް އަމަލުތަކުގެ ތެރެއިން އަމަލެއް ކޮށްފިނަމަ، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި ވަރުވާގެ އެއްބަސްވުން ބާތިލުކޮށް އެ ރަށް ވަރުވާއަށް ލިޔެދީފައިވާ ފަރާތުގެ ކިބައިން ވަކިކުރުމުގެ އިހްތިޔާރު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ދަށުން، ވަރުވާއަށް ލިޔެދީފައިވާ ރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތުގެ ކިބައިން ވަކިކުރާ ހާލަތުގައި، އެ ފަރާތަށް އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެއެވެ.
(ބ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ވަރުވާއަށް ލިޔެދީފައިވާ ރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތުގެ ކިބައިން ވަކިކުރާ ހާލަތުގައި، އެ ފަރާތުގެ އުފުލޭ މުދަލެއް އެ ރަށެއްގައި ހުރިނަމަ އެ ތަކެތި އެ ރަށުން ގެންދިޔުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކަނޑައެޅޭ މުއްދަތެއް އެ ފަރާތަށް ދޭންވާނެއެވެ.
67 ވަނަ މާއްދާ - ވަރުވާއަށް ލިޔެއެދިފައިވާ ރަށްރަށުން ވެއްޔާއި ގަލާއި އަކިރި ނެގުން
ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުންނާއި އެ ރަށްރަށުގެ ގޮނޑުދޮށުންނާއި ފަޅުން ވެއްޔާއި ގަލާއި އަކިރި ނެގުމަކީ މަނާކަމެކެވެ.
68 ވަނަ މާއްދާ - އިންސްޕެކްޓްކުރުން
މި ގާނޫނުގެ ދަށުން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއްގެ ވަރުވާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަރުވާއަށް ލިޔެދީފައިވާ ފަރާތުން އެ ފަރާތުގެ ޒިންމާތައް އަދާކުރޭތޯ ބެލުމަށާއި، އެ ރަށުގައި ހިންގާ ހަރަކާތްތަކާއި، އެ ރަށުގެ ހާލަތު ވަޒަންކުރުމަށްޓަކައި، އެ ރަށް ކަމާބެހޭ މިނިސްޓްރީން ނުވަތަ ކައުންސިލުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިންސްޕެކްޓްކުރަންވާނެއެވެ.
ހަތްވަނަ ބާބު
ފިޔަވަޅު އެޅުން
69 ވަނަ މާއްދާ - ޖޫރިމަނާކުރުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވާ ފަރާތްތަކާމެދު، ގާނޫނާ ހިލާފުވި މިންވަރަށް ރިއާޔަތްކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް އަންނަނިވި ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
- ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށަކާ ގުޅޭގޮތުންނަމަ، މި ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު، އެކަން ކުރި ފަރާތަކީ އެ ރަށެއް ވަރުވާއަށް ލިޔުއްވައިގެން އުޅޭ ފަރާތްނަމަ، އެ ރަށް ވަރުވާއަށް ލިޔެދިނުމާގުޅޭ އެއްބަސްވުމުގައި ބަޔާންކުރާ ފިޔަވަޅު އެޅުން؛
- ކުއްޔަށްދީފައިވާ ފަޅެއް ނުވަތަ ފަޅުރަށަކާ ގުޅޭގޮތުންނަމަ، މި ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު، އެކަން ކުރި ފަރާތަކީ އެ ރަށެއް ނުވަތަ ފަޅެއް ކުއްޔަށް ހިފާފައިވާ ފަރާތްނަމަ އެ ރަށް ނުވަތަ ފޅު ކުއްޔަށްދިނުމާގުޅޭ އެއްބަސްވުމުގައި ބަޔާންކުރާ ފިޔަވަޅު އެޅުން؛
- ވަރުވާއަށް ލިޔެދީފައިވާ ފުރަމަރަށާއި، ކުއްޔަށްދީފައިވާ ފަޅުރަށްރަށާއި ފަޅުތައް ފިޔަވައި، އެނޫން ފަޅުރަށްރަށާ ގުޅޭގޮތުންނަމަ، ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، އެކަން ކުރި ފަރާތެއް 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައި، ގާނޫނާ ހިލާފަށް ކުރާ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާކުރާނެ އަދަދުތަކާއި، ޖޫރިމަނާކުރުމުގެ އުސޫލުތައް ބަޔާންކުރަންވާނެއެވެ.
70 ވަނަ މާއްދާ - ޖިނާއީ ދައުވާ އުފުލުމަށް ހުރަހަކަށްނުވުން
(ހ) އެއްވެސް ފަރާތަކާމެދު މިނިސްޓްރީން ނުވަތަ ކައުންސިލުން ފިޔަވަޅު އެޅުމުގައި، ނުވަތަ އެ ފަރާތަކުން ކުރި އަމަލެއް ބެލުމުގައި، އެ ފަރާތަކުން މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފަށް ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ގަބޫލުކުރެވިއްޖެނަމަ، އެކަން ތަހްގީގުކުރުމަށް ކަމާބެހޭ ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި ގާނޫނުގައި ކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާ ވަކި އަމަލަކީ، ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ކަމުގައިވާނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާމެދު މި ގާނޫނުގެ ދަށުން ކަނޑައެޅޭ އިދާރީ ފިޔަވަޅެއް އެޅުމުގެ އިތުރުން، ކަމާބެހޭ ގާނޫނުގެ ދަށުން އެ ފަރާތެއްގެ މައްޗަށް އެ ކުށުގެ ޖިނާއީ ދައުވާ އުފުލުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
އަށްވަނަ ބާބު
އެހެނިހެން ކަންކަން
71 ވަނަ މާއްދާ - އިންތިގާލީ ކަންކަން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ ދަށުން ކުއްޔަށްދޫކޮށްފައިވާ ފަޅުރަށްރަށުގެ ކުލީގެ އެއްބަސްވުންތަކާއި، ވަރުވާއަށް ލިޔެދީފައިވާ ރަށްރަށުގެ ވަރުވާގެ އެއްބަސްވުންތަކަކީ އެ އެއްބަސްވުންތަކުގެ ބާކީއޮތް މުއްދަތަށް، ސައްހަ އެއްބަސްވުންތަކެއް ކަމުގައި މި ގާނޫނުގެ ބޭނުމަށްޓަކައި ބެލޭނެއެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުލި އަދި ވަރުވާ ދެއްކުމުގެ އުސޫލު ފިޔަވައި، މި ގާނޫނުގައި ބަޔާންކުރާ އެހެން އުސޫލުތައް، އެ އެއްބަސްވުންތަކުގެ މައްޗަށް ފުރިހަމައަށް ހިނގާނެއެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ ދަށުން ވެފައިވާ ކުލީގެ އެއްބަސްވުންތަކާއި އަދި ވަރުވާގެ އެއްބަސްވުންތަކުގެ މައްޗަށް މި ގާނޫނުގައި ބަޔާންކުރާ ކުލި އަދި ވަރުވާ ހިނގަން ފަށާނީ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 180 (ސަތޭކައަށްޑިހަ) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމާއެކު، އެއްބަސްވުމެއްގައިވާ ކުލީގެ އަދަދު ނުވަތަ ވަރުވާގެ އަދަދު މި ގާނޫނާ ތައާރުޒުވާނަމަ، އެ ތައާރުޒުވާ ބައި ބާތިލުވާނެއެވެ. އަދި އެ ތާރީހުން ފެށިގެން އެ އެއްބަސްވުމެއްގެ މައްޗަށް ހިނގާނީ، މި ގާނޫނުގައި ބަޔާންކުރާ ކުލީގެ އަދި ވަރުވާގެ އުސޫލުތަކެވެ.
(ރ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކުއްޔަށްދޫކޮށްފައިވާ ފަޅުރަށެއްގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދެވޭނީ، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމުގެ ކުރިން، އެ ރަށެއްގައި މިހާރު ކުރަމުންދާ މަސައްކަތުގެ ބޮޑުމިނަށާއި ބާވަތަށް ބަލާއިރު، އެ ރަށަށް އެކަށައަޅާފައިވާ ބޭނުމަކީ މި ގާނޫނުގެ 7 ވަނަ މާއްދާއަށް ރިއާޔަތްކޮށް ބަދަލުކުރަންޖެހޭ ބޭނުމެއްނަމަ، އެ ރަށެއްގެ ކުލީގެ މުއްދަތު އިތުރުކޮށްދޭންވާނީ، އެ ރަށަކަށް ކަނޑައެޅިފައިވާ ބޭނުން ބަދަލުކުރުމަށްފަހުގައެވެ.
(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެކި ބޭނުންތަކަށް އެކަށައަޅާފައިވާ ފަޅުރަށްރަށަށް އެކަށައެޅިފައިވާ ބޭނުން މި ގާނޫނުގެ 7 ވަނަ މާއްދާއަށް ރިއާޔަތްކޮށް ބަދަލުކުރުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 180 (ސަތޭކައަށްޑިހަ) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ރަށްރަށަށް ކަނޑައެޅިފައިވާ ބޭނުން ބަދަލުކުރަންވާނެއެވެ.
(ޅ) ކައުންސިލުތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކުއްޔަށްދޫކޮށްފައިވާ ފަޅުރަށެއްގެ މުއްދަތު އިތުރުކޮށްދެވޭނީ، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމުގެ ކުރިން، އެ ރަށަށް އެކަށައަޅާފައިވާ ބޭނުމަކީ، މި ގާނޫނުގެ 15 ވަނަ މާއްދާއަށް ރިއާޔަތްކޮށް ބަދަލުކުރަންޖެހޭ ބޭނުމެއްނަމަ، އެ ރަށެއްގެ ކުލީގެ މުއްދަތު އިތުރުކޮށްދޭންވާނީ، އެ ރަށަކަށް ކަނޑައެޅިފައިވާ ބޭނުން ބަދަލުކުރުމަށްފަހުގައެވެ.
(ކ) މި މާއްދާގެ (ޅ) ގެ ބޭނުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކައުންސިލުތަކުގެ އިހްތިސާސްގައިވާ އެކި ބޭނުންތަކަށް އެކަށައަޅާފައިވާ ފަޅުރަށްރަށަށް އެކަށައެޅިފައިވާ ބޭނުން މި ގާނޫނުގެ 15 ވަނަ މާއްދާއަށް ރިއާޔަތްކޮށް މި ގާނޫނަށް އަމަލުކުރަން ފަށާ ތީރީހުން ފެށިގެނ 180 (ސަތޭކައަށްޑިހަ) ދުވަހުގެ ތެރޭޣައި ކަމާބެހޭ ކައުންސިލަކުން ބަދަލުކުރަންވާނެއެވެ.
(އ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކުއްޔަށްދޫކޮށްފައިވާ ނުވަތަ ވަރުވާއަށް ލިޔެދީފައިވާ ރަށްރަށާ ގުޅޭގޮތުން މި ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް، އެ ރަށެއް ކުއްޔަށްދޫކޮށްފައިވާ ނުވަތަ ވަރުވާއަށް ލިޔެދީފައިވާ މިނިސްޓްރީތަކުންނާއި ކައުންސިލުތަކުން މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މާލިއްޔަތާބެހޭ މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
72 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އަންނަނިވި ގަވާއިދުތައް ހަދައި، ހިންގާނީ އަންނަނިވި މިނިސްޓްރީތަކުންނެވެ.
- ވަރުވާއަށް ލިޔެދޭ ރަށްރަށާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޫކުރާ ރަށްރަށާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ، ދަނޑުވެރިކަމާބެހޭ މިނިސްޓްރީންނެވެ.
- މަސްވެރިކަމުގެ ބޭނުމަށް ކުއްޔަށްދޫކުރާ ރަށްރަށާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ، މަސްވެރިކަމާބެހޭ މިނިސްޓްރީންނެވެ.
- ސިނާއީ ބޭނުންތަކަށާއި އިގްތިސާދީ ބޭނުންތަކަށް ކުއްޔަށްދޫކުރާ ރަށްރަށާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ، އިގްތިސާދީ ކަންކަމާބެހޭ މިނިސްޓްރީންނެވެ.
- އެނޫން ބޭނުންތަކަށް ކުއްޔަށްދޫކުރާ ރަށްރަށާ ގުޅޭގޮތުންނާއި ވަކި މިނިސްޓްރީއެއްގެ ދާއިރާގައި ނުހިމެނޭ ކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ، މާލިއްޔަތާބެހޭ މިނިސްޓްރީންނެވެ.
-
އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް ހަދަންޖެހޭ މަސައްކަތާއި، އެ އެސެސްމަންޓުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، އެސެސްމަންޓް ރިޕޯޓު އޮންނަންވާނެ ގޮތާއި އެނޫންވެސް ކަމާބެހޭ އުސޫލުތަކާއި، އިޖުރާއަތުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ، ތިމާވެށްޓާބެހޭ މިނިސްޓްރީންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، އެކިއެކި މިނިސްޓްރީތަކުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގައި ރިއާޔަތްކުރަންޖެހޭ އަސާސީ އުސޫލުތަކާއި، އާންމު މިންގަނޑުތައް ކަނޑައަޅާނީ މާލިއްޔަތާބެހޭ މިނިސްޓްރީންނެވެ. އަދި، މި ގާނޫނުގެ މަގްސަދު ހާސިލުކުރުމަށްޓަކައި، އަންނަނިވި ކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ އާންމު ގަވާއިދުތައް ހަދައި، ހިންގާނީވެސް އެ މިނިސްޓްރީންނެވެ.
- ރަށެއް ކުއްޔަށްދިނުމަށް ނުވަތަ ވަރުވާއަށް ދިނުމަށް، ވެފައިވާ އެއްބަސްވުމެއް، ބާތިލުކުރުމުން ނުވަތަ މުއްދަތު ހަމަވުމުން، އެ ރަށެއް އަނބުރާ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް، ނެގުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާ ގުޅޭގޮތުން؛
- މި ގާނޫނުގެ ދަށުން ރަށްރަށް ކުއްޔަށް ހިފާ ފަރާތްތަކުގެ ފަންނީ އަދި މާލީ ގާބިލުކަން ވަޒަންކުރުމުގައި ރިއާޔަތްކުރަންވާނެ މިންގަނޑުތަކާއި ހަމަތަކާ ގުޅޭގޮތުން؛
- މި ގާނޫނުގެ ދަށުން ހުށަހަޅަންޖެހޭ އިގްތިސާދީ ހަރަކާތްތަކާގުޅޭ ބަޔާނުގައި މަދުވެގެން ހިމެނިފައި ހުންނަންވާނެ ކަންކަމާއި އެ ބަޔާން ތައްޔާރުކުރަންޖެހޭ ގޮތާގުޅޭގޮތުން؛
- މި ގާނޫނު ހިންގުމަށްޓަކައި، ކޮންމެހެން ބޭނުންވާ އެނޫންވެސް، މާލީ އަދި އިދާރީ އާންމު މިންގަނޑުތަކާ ގުޅޭގޮތުން.
(ނ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
73 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އުވުނީއެވެ.
74 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
75 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
(ހ) "ރަށެއް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނު ހިނގާ ފަޅުރަށްތަކަށް ނިސްބަތްކޮށެވެ.
(ށ) "މާލިއްޔަތާބެހޭ މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މާލީ ކަންކަމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ނ) "ކުއްޔަށް ހިފާފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ފަޅުރަށެއް، ނުވަތަ ފަޅެއް ކަމާބެހޭ މިނިސްޓްރީއަކުން ކުއްޔަށްދީފައިވާ ފަރާތަކަށެވެ.
(ރ) "ވަރުވާއަށް ލިޔެދީފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުން ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތަކަށެވެ.
(ބ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލާއި ސިޓީ ކައުންސިލަށެވެ.
ކިޔުންތެރިންގެ ހިޔާލު