އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2026-06)
(މި ގާނޫނަށް އަމަލުކުރަން ފެށީ 23 ޖުލައި 2026 ގައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތްދޭ ތަންތަނަށް ހުއްދަ ދިނުމާއި، އެ ތަންތަނާއި، އެ ތަންތަނުން ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތަކާއި، އެނޫންވެސް ކަމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މައިގަނޑު މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުވާނެ ފަދައިން އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހަރުދަނާ ގާނޫނީ ނިޒާމެއް ގާއިމުކުރުމެވެ.
(ހ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން؛
(ށ) ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތަކީ އެންމެންނަށް ވާސިލުވެވޭނެ، ރައްކާތެރި، ފެންވަރު ރަނގަޅު ހިދުމަތަކަށް ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ހިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުން؛
(ނ) މި ގާނޫނާ އެއްގޮތަށް ގުނަވަން ހަދިޔާކުރުމަށް ބާރުއެޅުމާއި، މި ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން؛
(ރ) ގުނަވަން ހަދިޔާކުރާ ފަރާތުން ގުނަވަން ހަދިޔާކުރަނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި، އެއްވެސް ބާވަތެއްގެ މާލީ މަންފާއެއް ނުލިބޭ ގޮތެއްގެމަތިންކަން ކަށަވަރުކުރުމާއެކު، ގުނަވަން ހަދިޔާކުރާ ފަރާތަށް ލިބެންޖެހޭ ފުރިހަމަ ރައްކާތެރިކަން ލިބިގެންދާކަން ކަށަވަރުކުރުން.
3 ވަނަ މާއްދާ - ސިޔާސަތު ކަނޑައެޅުމާއި ގާނޫނު ހިންގުން
(ހ) ދިވެހިރާއްޖޭގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ނިޒާމު އެކުލަވާލައި، އެ ނިޒާމު ރާވައި ހިންގުމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ.
(ށ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ނިޒާމު ހިންގައި، އެ ނިޒާމުގެ ދަށުން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހިދުމަތް ދެމުންގެންދާކަން ކަށަވަރުކޮށް، މި ގާނޫނު ތަންފީޒުކުރުމުގެ އިސް ޒިންމާ އަދާކުރާނީ މިނިސްޓަރެވެ.
ދެވަނަ ބާބު
ގުނަވަން ޓްރާންސްޕްލާންޓްކުރުމާގުޅޭ އާންމު ހަމަތައް
4 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ކުރުން ހުއްދަ ޓްރާންސްޕްލާންޓް
(ހ) މި ގާނޫނުގެ ދަށުން ހުއްދަ ކުރެވޭނީ، ލައިވް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓްކުރުމަށެވެ. އަދި ދިވެހިރާއްޖޭގައި ޑިސީސްޑް- ޑޯނަރ އޯގަން ޓްރާންސްޕްލާންޓްކުރުން މި ގާނޫނުގެ ދަށުން ހުއްދައެއް ނުކުރެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، "ލައިވް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް" ކަމަށް ބުނެފައި އެވަނީ، ދިރިހުރި މީހަކު، އެމީހެއްގެ ހަށިގަނޑުން ގުނަވަން ނަގައި ހަދިޔާކުރުމަށް ރުހުން ދިނުމުން، އެމީހަކު ސިއްހަތު ސަލާމަތުން ދިރިހުރި ހާލަތުގައި އެ ގުނަވަން ނަގައި، ޓްރާންސްޕްލާންޓްކުރުމަށެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް، "ޑިސީސްޑް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް" ކަމަށް ބުނެފައި އެވަނީ، ދިރިހުރި މީހަކު، އެމީހެއްގެ ހަށިގަނޑުން ގުނަވަން ނަގައި ހަދިޔާކުރުމަށް ރުހުން ދިނުމުން، އެމީހަކު މަރުވުމަށްފަހުގައި އެ ގުނަވަން ނަގައި، ޓްރާންސްޕްލާންޓްކުރުމަށެވެ.
5 ވަނަ މާއްދާ - ޓްރާންސްޕްލާންޓްކުރެވޭނެ ގުނަވަންތައް
(ހ) މި ގާނޫނުގެ ދަށުން ޓްރާންސްޕްލާންޓްކުރެވޭނީ، ހަމައެކަނި އަންނަނިވި ބާވަތުގެ ގުނަވަނެވެ.
- އެއްވަތްތަރިއެއްގެ ދެ ގުނަވަން ހުންނަ ގުނަވަން؛
- އެ ގުނަވަނުން ބައެއް ނެގިނަމަވެސް، ރީޖެނެރޭޓްވާ ގުނަވަން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، މީހެއްގެ އޯވަރީއެއް ނުވަތަ ޓެސްޓިކަލްއެއް ޓްރާންސްޕްލާންޓެއް ނުކުރެވޭނެއެވެ.
6 ވަނަ މާއްދާ - ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ އަސާސީ ށަރުތުތައް
(ހ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ސިއްހީ އެއްވެސް އިޖުރާއަތެއް ހިންގަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އަންނަނިވި އަސާސީ ށަރުތުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަށްފަހުގައެވެ.
- ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ސިއްހީ އަދި ހަގީގީ
ބޭނުންތެރިކަމެއް އެ ގުނަވަން ލިބިގަންނަ ފަރާތަށް އޮތުން؛ - ގުނަވަން ހަދިޔާކުރާ މީހާގެ ހަށިގަނޑުން ގުނަވަން ނެގުމަށް، އޭނާގެ ރުހުން އޮތުން؛
- ގުނަވަން ހަދިޔާކުރާ މީހާގެ ހަށިގަނޑުން އެ ގުނަވަން ނެގިނަމަވެސް، އޭނާގެ ފުރާނައަށް ގެއްލުމެއް ނުލިބުން؛
- ގުނަވަން ހަދިޔާކުރާ މީހާގެ ހަށިގަނޑުން އެ ގުނަވަން ނެގުމުގެ ސަބަބުން، އޭނާއަށް ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިނުވުން؛
- ގުނަވަން ހަދިޔާކުރާ މީހާގެ ހަށިގަނޑުން އެ ގުނަވަން ނެގުމުގެ ސަބަބުން އޭނާގެ ހިއްސަކަށް އުނިކަމެއް ނައުން؛
- މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ، އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީން ދީފައިވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، ވަކި ބާވަތެއްގެ ގުނަވަނަކަށް ހާއްސަކޮށް ނުވަތަ ވަކި ބާވަތެއްގެ ޓްރާންސްޕްލާންޓްތަކަށް ހާއްސަކޮށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިތުރު ށަރުތުތައް ކަނޑައެޅިދާނެއެވެ.
7 ވަނަ މާއްދާ - ގުނަވަން ހަދިޔާކުރާ ފަރާތް
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތަކުން، އެފަރާތުގެ އަމިއްލަ ގުނަވަނެއް، މި ގާނޫނާއި މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެހެން ފަރާތަކަށް ހަދިޔާކުރުމަށް ހުށަހެޅިދާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ގުނަވަން ހަދިޔާކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- ދިވެހިރައްޔިތެއް ކަމުގައިވުން؛
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން؛
- ގުނަވަން ހަދިޔާކުރުމުގެ ނަތީޖާއާއި އެކަމުގެ މެޑިކަލް ރިސްކުތަކާބެހޭ މައުލޫމާތު އެނގި، އަމިއްލަ އިހްތިޔާރުގައި އެކަމަށް ރުހިގެން ގުނަވަން ހަދިޔާކުރާ މީހެއް ކަމުގައިވުން؛
- ބުއްދި ސަލާމަތުން ހުރުން؛
- ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުން؛
- ކުށުގެ ތުހުމަތުގައި ނުވަތަ ށަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގުނަވަން ލިބިގަންނަ ފަރާތަކީ ދިވެހިރައްޔިތެއް ކަމުގައިވާނަމަ، އެފަރާތާ ފުރަތަމަ އަދި ދެވަނަ ދަރަޖައިގެ ގޮތުން ލޭގެ ގުޅުން އޮންނަ ބިދޭސީންނަށް ގުނަވަން ހަދިޔާކުރުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށް، "ފުރަތަމަ އަދި ދެވަނަ ދަރަޖައިގެ ގޮތުން ލޭގެ ގުޅުން އޮންނަ ބިދޭސީން" ކަމަށް ބުނެފައި އެވަނީ، މަންމަ، ބައްޕަ، ދަރިން، މާމަ، ކާފަ، ދަރިންގެ ދަރިން އަދި އެއްބަނޑު އެއްބަފާ މީހުންނަށެވެ.
8 ވަނަ މާއްދާ - ގުނަވަން ލިބިގަންނަ ފަރާތް
އެއްވެސް މީހެއްގައި ހުރި ބައްޔެއްގެ ސަބަބުން އޭނާގެ ގުނަވަނެއް ޓްރާންސްޕްލާންޓްކުރުމުގެ ސިއްހީ އަދި ހަގީގީ ބޭނުންތެރިކަމެއް އޮތް ކޮންމެ މީހަކަށް، ގުނަވަން ޓްރާންސްޕްލާންޓެއްގައި، ގުނަވަން ލިބިގަންނަ ފަރާތަކަށް ވެވިދާނެއެވެ.
9 ވަނަ މާއްދާ - ގުނަވަން ލިބިގަންނަ ފަރާތާއި ގުނަވަން ހަދިޔާކުރާ ފަރާތުގެ ގުޅުން
(ހ) މި ގާނޫނުގެ ދަށުން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގައި އިސްކަންދޭންވާނީ، އާއިލީ ގުޅުމެއް އޮތް ދެފަރާތެއްގެ ދެމެދުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމަށެވެ.
(ށ) ގުނަވަން ލިބިގަންނަ ފަރާތާ އާއިލީ ގުޅުމެއް އޮތް ފަރާތަކުން އެފަރާތަށް ގުނަވަން ހަދިޔާކުރުމަށް ހުށަނާޅާނަމަ ނުވަތަ ޓްރާންސްޕްލާންޓްކުރުމަށް ކޮމްޕެޓިބަލްވާ އާއިލީ ގުޅުމެއް އޮތް ފަރާތެއް ނެތްނަމަ، އާއިލީ ގުޅުމެއް ނެތް ދެފަރާތެއްގެ ދެމެދުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ނ) ގުނަވަނެއް ލިބިގަތުމަށް އެދޭ ފަރާތާއި ގުނަވަން ހަދިޔާކުރުމަށް ހުށަހަޅާ ފަރާތް ޓްރާންސްޕްލާންޓްކުރުމަށް ކޮމްޕެޓިބަލްނުވުމުގެ ސަބަބުން ޓްރާންސްޕްލާންޓްކުރުމަށް ހުރަސްއެޅިފައިވާނަމަ، އަދި ހަމަ އެ ހާލަތުގައި ހުރި އިތުރު ފަރާތްތަކެއް ހުރެއްޖެނަމަ، އަދި ސްވޮޕް ޑޮނޭށަންގެ އުސޫލުން އެފަރާތްތަކުގެ ޓްރާންސްޕްލާންޓް ކުރިއަށް ގެންދިޔުމަށް ކޮމްޕެޓިބަލްވާނަމަ، އެފަދައިން ޓްރާންސްޕްލާންޓްކުރުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ރ) މި މާއްދާގެ ބޭނުމަށް އާއިލީ ގުޅުމެއް އޮތް ފަރާތެއް ކަމަށް ބުނެފައި އެވަނީ، ގުނަވަން ލިބިގަންނަ ފަރާތުގެ:
- އަނބިމީހާ ނުވަތަ ފިރިމީހާ؛
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ އުފަން ދަރިން ނުވަތަ ކައިވެނިކޮށްގެން އުޅޭ ފަރާތުގެ ދަރިން ނުވަތަ ދަރިންގެ ދަރިން؛
- މަންމަ ނުވަތަ ބައްޕަ ނުވަތަ ކައިވެނިކޮށްގެން އުޅޭ ފަރާތުގެ މަންމަ ނުވަތަ ބައްޕަ؛
- ކާފަ ނުވަތަ މާމަ؛ އަދި،
- އެއްބަނޑު އެއްބަފާ މީހުން ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނަށެވެ.
10 ވަނަ މާއްދާ - ގުނަވަން ޓްރާންސްޕްލާންޓްކުރުމަށް ރުހުން ދިނުން
(ހ) މި ގާނޫނުގެ ދަށުން ގުނަވަން ޓްރާންސްޕްލާންޓްކުރެވޭނީ، ގުނަވަން ހަދިޔާކުރާ މީހާގެ ހަށިގަނޑުން ގުނަވަން ނެގުމަށް، އޭނާގެ ރުހުން އޮތްކަމުގައިވާނަމަ، އަދި އެފަދައިން ނަގާ ގުނަވަން، ގުނަވަން ލިބިގަންނަ ފަރާތުގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓްކުރުމަށް ގުނަވަން ލިބިގަންނަ ފަރާތުގެ ރުހުން އޮތްކަމުގައިވާނަމަ، އެކަންޏެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކުން ރުހުން ދިނުމާއި އެފަރާތްތަކުގެ ރުހުން ހޯދުމާ ގުޅޭގޮތުން، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 30 އަދި 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި އުސޫލުތައް ހިނގާނެއެވެ.
(ނ) ގުނަވަން ޓްރާންސްޕްލާންޓްކުރުމަށްޓަކައި ގުނަވަން ހަދިޔާކުރާ ފަރާތާއި ގުނަވަން ލިބިގަންނަ ފަރާތުން ދޭ ރުހުން، ޓްރާންސްޕްލާންޓްކުރުމުގެ މެޑިކަލް ޕްރޮސީޖަރ ފެށުމުގެ ކުރިން، އަނބުރާ ގެންދެވިދާނެއެވެ. އަދި އެފަދައިން ޓްރާންސްޕްލާންޓްކުރުމަށް ރުހުން ނެތްކަމުގައި އެއިން ފަރާތަކުން އަންގައިފިނަމަ، ޓްރާންސްޕްލާންޓްކުރުމުގެ އިޖުރާއަތުތައް ވަގުތުން ހުއްޓާލަންވާނެއެވެ.
11 ވަނަ މާއްދާ - ގުނަވަން ޓްރާންސްޕްލާންޓްކުރުމަށް މަންފާއެއް ލިބިގަތުން
(ހ) ގުނަވަން ހަދިޔާކުރާ ފަރާތުން ގުނަވަން ބަދަލުކުރުމުގެ މުގާބިލުގައި ނުވަތަ ގުނަވަން ބަދަލުކުރުމުގެ މުގާބިލުގައި ކަމަށް ބެލެވިދާނެފަދަ ގޮތެއްގައި، ގުނަވަން ލިބިގަންނަ ފަރާތުގެ ކިބައިން ނުވަތަ އެފަރާތާ ގުޅުންހުރި ފަރާތެއްގެ ކިބައިން ނުވަތަ އެނޫންވެސް ތިންވަނަ ފަރާތެއްގެ ކިބައިން، މާލީ އެއްވެސް މަންފާއެއް ލިބިގަތުމަކީ ނުވަތަ އެފަދަ މަންފާއެއް ލިބިގަތުމަށް ހުށަހެޅުމަކީ މި ގާނޫނުގެ ދަށުން މަނާކަމެކެވެ.
(ށ) ގުނަވަން ލިބިގަންނަ ފަރާތުން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ މުގާބިލުގައި ނުވަތަ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ މުގާބިލުގައި ކަމަށް ބެލެވިދާނެފަދަ ގޮތެއްގައި، ގުނަވަން ހަދިޔާކުރާ ފަރާތަކަށް ނުވަތަ އެފަރާތާ ގުޅުންހުރި ފަރާތަކަށް ނުވަތަ އެނޫންވެސް ތިންވަނަ ފަރާތަކަށް މާލީ އެއްވެސް މަންފާއެއް ދިނުމަކީ ނުވަތަ އެފަދަ މަންފާއެއް ދިނުމަށް ހުށަހެޅުމަކީ މި ގާނޫނުގެ ދަށުން މަނާކަމެކެވެ.
(ނ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ އެއްވެސް މަރުހަލާއެއްގައި ހަރަކާތްތެރިވާ އެއްވެސް ފަރާތަކުން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ މުގާބިލުގައި ނުވަތަ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ މުގާބިލުގައި ކަމަށް ބެލެވިދާނެފަދަ ގޮތެއްގައި، ގުނަވަން ލިބިގަންނަ ފަރާތުގެ ކިބައިން ނުވަތަ ގުނަވަން ހަދިޔާކުރާ ފަރާތުގެ ކިބައިން ނުވަތަ އެއިން ފަރާތަކާ ގުޅުންހުރި ފަރާތެއްގެ ކިބައިން ނުވަތަ އެނޫންވެސް ތިންވަނަ ފަރާތެއްގެ ކިބައިން، މާލީ އެއްވެސް މަންފާއެއް ލިބިގަތުމަކީ ނުވަތަ އެފަދަ މަންފާއެއް ލިބިގަތުމަށް ހުށަހެޅުމަކީ މި ގާނޫނުގެ ދަށުން މަނާކަމެކެވެ.
(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، ގުނަވަން ހަދިޔާކުރުމުގެ އިދާރީ އަދި ސިއްހީ ހަރަދުތައް ގުނަވަން ހަދިޔާކުރާ ފަރާތުގެ ކިބައިން ގުނަވަން ލިބިގަންނަ ފަރާތުން ކުރުމަކީ، ނުވަތަ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތްދޭ އިދާރީ ފަރާތްތަކުން ނުވަތަ އެ ހިދުމަތްދޭ ހޮސްޕިޓަލުތަކުން އެކަމަށް ހަރަދެއް ނެގުމަކީ، ނުވަތަ ގުނަވަން ހަދިޔާކުރުމުގެ ސަބަބުން ގުނަވަން ހަދިޔާކުރާ ފަރާތަށް ލިބެމުންދިޔަ އާމްދަނީއަށް ހުއްޓުމެއް އައުންފަދަ މާލީ ގެއްލުމަކަށް ގުނަވަން ލިބިގަންނަ ފަރާތުން ބަދަލު ދިނުމަކީ، މި ގާނޫނު މަނާކުރާ ކަމެއް ނޫނެވެ.
(ބ) މި މާއްދާގެ ބޭނުމަށް "މާލީ މަންފާ" ކަމަށް ބުނެފައި އެވަނީ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހިމެނޭގޮތުން އެއްވެސް ބާވަތެއްގެ މާލީގޮތުން އަގުކުރެވޭ މުދަލަކަށެވެ. އަދި މި މާނައިގެ ތެރޭގައި، މުދަލެއްގެ މިލްކުވެރިކަމާއި، އެއިން މުދަލަކާ ގުޅިގެން އުފެދިފައިވާ ނުވަތަ އުފެދޭ އެނޫންވެސް ހައްގާއި މަސްލަހަތާއި މަންފާވެސް ހިމެނެއެވެ. ހަމައެއާއެކު، ގެދޮރުވެރިކަން ހަމަޖެއްސުމާއި، ދަރަނި އަދާކޮށްދިނުމާއި، ވަޒީފާ ނުވަތަ ވަޒީފާގެ ކުރިއެރުން ހަމަޖެއްސުމާއި، ޓިއުށަން ފީ ދައްކައިދިނުމާއި، ސްކޮލަރށިޕް ހަމަޖެއްސުމާއި، ހާއްސަ އިމްތިޔާޒުތައް ލިއްބައިދިނުން ފަދަ މާލީގޮތުން އަގުކުރެވޭ ކޮންމެ އެއްޗެއް ނުވަތަ ކަމެއްވެސް ބެލެވޭނީ މާލީ މަންފާއެއްގެ ގޮތުގައެވެ.
(ޅ) މި މާއްދާގެ ބޭނުމަށް "މާލީ މަންފާއެއް ލިބިގަތުން" ނުވަތަ "މާލީ މަންފާއެއް ދިނުން" ކަމަށް ބުނެފައި އެވަނީ، މާލީ މަންފާއެއް ކަމުގައި ބެލެވިދާނެ އެއްޗެއް ނުވަތަ ކަމެއް، ސީދާ އެ ލިބޭ މީހާގެ މަސްލަހަތުގައި އޭނާއަށް ލިބުމަށް ނުވަތަ ދިނުމަށް ނުވަތަ އޭނާއާ ގުޅުންހުރި މީހެއް ނުވަތަ ގާނޫނީ ށަހްސެއްގެ މަސްލަހަތުގައި ނުސީދާކޮށް އޭނާއަށް ލިބުމަށް ނުވަތަ ދިނުމަށެވެ.
(ކ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގައި މާލީ މަންފާއެއް ލިބިގަތުމުގެ ނުވަތަ އެފަދަ މަންފާއެއް ދިނުމުގެ އަމަލެއް ކުރުމަކީ ގުނަވަނުގެ ވިޔަފާރިކުރުމުގެ އަމަލެއް ކަމުގައި ބެލެވޭނެއެވެ.
ތިންވަނަ ބާބު
ގުނަވަން ހަދިޔާކުރާ ފަރާތާއި ލިބިގަންނަ ފަރާތުގެ ހައްގުތައް
12 ވަނަ މާއްދާ - ގުނަވަން ހަދިޔާކުރުމުގެ ހައްގު
މި ގާނޫނުގެ ދަށުން ހަދިޔާކުރުން ހުއްދަ ކޮންމެ ގުނަވަނެއް، އެއްވެސް މަޖުބޫރުކަމެއް ނެތި، ފުރިހަމަ އިހްތިޔާރާއި ރުހުމާއެކު، މި ގާނޫނު ހުއްދަކުރާ ކޮންމެ ފަރާތަކަށް ހަދިޔާކުރުމަށް ހުށަހެޅުމުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.
13 ވަނަ މާއްދާ - ގުނަވަން ޓްރާންސްޕްލާންޓްކުރުމާގުޅޭ މައުލޫމާތު
(ހ) ޓްރާންސްޕްލާންޓްކުރުމުގެ އިދާރީ އަދި ސިއްހީ އެންމެހައި އިޖުރާއަތުތަކުގެ އަދި އެ އިޖުރާއަތުތައް ކުރިއަށްދާނެ ގޮތުގެ މައުލޫމާތާއި، ޓްރާންސްޕްލާންޓަށްފަހު ދެވޭނެ ފަރުވާއާއި ފަރުވާ ކުރިއަށްދާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ލިބުމުގެ ހައްގު ގުނަވަން ހަދިޔާކުރާ ފަރާތާއި ގުނަވަން ލިބިގަންނަ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު ލިބުމުގެ ހައްގުގެ މައްޗަށް، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި އުސޫލުތައް ހިނގާނެއެވެ.
14 ވަނަ މާއްދާ - ރުހުމާއެކު ފަރުވާދިނުމުގެ ހައްގު
(ހ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ކުރިން ނުވަތަ ޓްރާންސްޕްލާންޓްކުރުމުގެ ތެރޭގައި ނުވަތަ ޓްރާންސްޕްލާންޓްކުރުމަށްފަހުގައި، ގުނަވަން ހަދިޔާކުރާ ފަރާތާއި ލިބިގަންނަ ފަރާތަށް އެފަރާތްތަކުގެ ރުހުމާއެކު މެނުވީ، އެއްވެސް ބާވަތެއްގެ ސިއްހީ ފަރުވާއެއް ނުދިނުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރުހުމާއެކު ފަރުވާދިނުމުގެ ހައްގުގެ މައްޗަށް، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 30 އަދި 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި އުސޫލުތައް ހިނގާނެއެވެ.
15 ވަނަ މާއްދާ - ޓްރާންސްޕްލާންޓްކުރުމަށް އިއުތިރާޒުކުރުމުގެ ހައްގު
(ހ) ގުނަވަން ޓްރާންސްޕްލާންޓްކުރުމަށްޓަކައި ގުނަވަން ހަދިޔާކުރާ ފަރާތާއި ގުނަވަން ލިބިގަންނަ ފަރާތުން ދޭ ރުހުން، ޓްރާންސްޕްލާންޓްކުރުމުގެ މެޑިކަލް ޕްރޮސީޖަރތައް ފެށުމުގެ ކުރިން، ޓްރާންސްޕްލާންޓްކުރުމުގެ ކޮންމެ މަރުހަލާއެއްގައިވެސް، އަނބުރާ ގެންދެވިދާނެއެވެ. އަދި އެފަދައިން ޓްރާންސްޕްލާންޓްކުރުމަށް އިއުތިރާޒުކުރާ ކަމުގައި އެއިން ފަރާތަކުން އަންގައިފިނަމަ، ޓްރާންސްޕްލާންޓްކުރުމުގެ އިޖުރާއަތުތައް ވަގުތުން ހުއްޓާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، "ޓްރާންސްޕްލާންޓްކުރުމުގެ މެޑިކަލް ޕްރޮސީޖަރތައް ފެށުން" ކަމަށް ބުނެފައި އެވަނީ، ގުނަވަން ހަދިޔާކުރާ ފަރާތުގެ ގުނަވަން ނެގުމަށްޓަކައި އޮޕަރޭޓްކުރުމަށްޓަކައި އޭނާ ހޭނައްތުމަށެވެ.
(ނ) ގުނަވަން ޓްރާންސްޕްލާންޓްކުރުމަށްޓަކައި ރުހުން ދިނުމަށްފަހުގައި ގުނަވަން ހަދިޔާކުރާ ފަރާތުން އިއުތިރާޒްކުރުމުގެ ސަބަބުން އޭނާއަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. އަދި، އެކަމުގެ ސަބަބުން އޭނާއާމެދު ނޭދެވޭ އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވަތަ އޭނާގެ މައްޗަށް އެއްވެސް ބާވަތެއްގެ ދައުވާއެއް އުފުލައިގެން ނުވާނެއެވެ.
16 ވަނަ މާއްދާ - ފުރިހަމަ ސިއްހީ ފަރުވާ ލިބުމުގެ ހައްގު
(ހ) ގުނަވަން ޓްރާންސްޕްލާންޓްކުރުމަށް ނިންމުމާއެކުގައި ޓްރާންސްޕްލާންޓްކުރުމުގެ ކުރިން އަދި ގުނަވަން ޓްރާންސްޕްލާންޓްކުރުމަށްފަހުގައި، ޓްރާންސްޕްލާންޓްގައި ހިމެނޭ ދެފަރާތަށްވެސް، ސިއްހީގޮތުން ދޭންޖެހޭ އެންމެހައި ފަރުވާއާއި ހިދުމަތެއް އެންމެ ފުރިހަމައަށް ލިބުމުގެ ހައްގު އެފަރާތްތަކަށް ލިބިގެންވެއެވެ.
(ށ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ކުރިން އަދި ފަހުން، ގުނަވަން ހަދިޔާކުރާ ފަރާތާއި ގުނަވަން ލިބިގަންނަ ފަރާތުގެ ފުރިހަމަ މެޑިކަލް އިވެލުއޭށަނެއް ހެދުމަކީ އެ ދެފަރާތުގެ ހައްގެކެވެ.
(ނ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ކުރިން އަދި ފަހުން، ގުނަވަން ހަދިޔާކުރާ ފަރާތާއި ގުނަވަން ލިބިގަންނަ ފަރާތުގެ ނަފްސާނީ ދުޅަހެޔޮކަމުގެ އިވެލުއޭށަނެއް ހަދައި، ދެފަރާތަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ލިބިގަތުމަކީ އެ ދެފަރާތުގެ ހައްގެކެވެ.
ހަތަރުވަނަ ބާބު
އޯގަން ޓްރާންސްޕްލާންޓް ކައުންސިލް
17 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް ކައުންސިލް
(ހ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައެޅުމަށާއި، އެ ނިޒާމު ރާވައި ހިންގުމާ ގުޅޭގޮތުން މިނިސްޓްރީއަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށާއި، މި ގާނޫނުގެ ދަށުން ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކައުންސިލް ހިނގާނީ މިނިސްޓްރީގެ ދަށުންނެވެ. އަދި ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި ކައުންސިލް ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.
(ނ) ކައުންސިލްގެ ސެކްރެޓޭރިއެޓް ބަލަހައްޓައި، ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދޭނީ މިނިސްޓްރީންނެވެ.
(ރ) ކައުންސިލްގެ މެންބަރުންގެ އެލަވަންސް ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެމަތިން ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
18 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް ކައުންސިލް އެކުލެވިގެންވާ ގޮތް
(ހ) އޯގަން ޓްރާންސްޕްލާންޓް ކައުންސިލް އެކުލެވިގެންވަނީ، އަންނަނިވި ދާއިރާތަކުން އައްޔަންކުރެވޭ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.
- ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް؛
- ޓްރާންސްޕްލާންޓާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ އެތެރެހަށީގެ ސްޕެށަލިސްޓް ޑޮކްޓަރެއް؛
- އޮޕަރޭށަންގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 15 (ފަނަރަ) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ އޮޕަރޭށަންގެ ސްޕެށަލިސްޓް ޑޮކްޓަރެއް؛
- އިމިއުނޮލޮޖިސްޓެއް ނުވަތަ ހިމަޓޮލޮޖިސްޓެއް ނުވަތަ ޕެތޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެއް؛
- ޕީޑިއަޓްރިސްޓެއް ނުވަތަ އޮފްތަލަމޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ސްޕެށަލިސްޓް ޑޮކްޓަރެއް؛
- އެނެސްތެޓިސްޓެއް ނުވަތަ ކްރިޓިކަލް ކެއަރ ޑޮކްޓަރެއް ނުވަތަ ޕަލްމޮނޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ސްޕެށަލިސްޓް ޑޮކްޓަރެއް؛
- ޓްރާންސްޕްލާންޓާ ގުޅުންހުރި ކްލިނިކަލް ދާއިރާއެއްގައި މަސައްކަތްކުރާތާ މަދުވެގެން 15 (ފަނަރަ) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ސީނިއަރ ނަރުހެއް؛
- ކަމާގުޅޭ މަދަނީ ޖަމްއިއްޔާއެއްގެ މެންބަރެއް؛
- ޕޭށަންޓް ސަޕޯޓް ގްރޫޕް ތަމްސީލުކުރާ ފަރާތެއް.
(ށ) މި މާއްދާގެ (ހ) ގެ (8) އަދި (9) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރުން ކައުންސިލަށް އައްޔަންކުރާނީ، އާންމުކޮށް އިއުލާންކުރުމުން، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިންނެވެ.
19 ވަނަ މާއްދާ - ކައުންސިލް މެންބަރުކަމުގެ ށަރުތުތައް
މަގާމުގެ ހައިސިއްޔަތުން އޯގަން ޓްރާންސްޕްލާންޓް ކައުންސިލަށް އައްޔަންކުރެވޭ ފަރާތްތައް ފިޔަވައި، އެ ކައުންސިލަށް އައްޔަންކުރެވޭ މެންބަރުންގެ ކިބައިގައި ދާއިރާގެ ތައުލީމާއި ތަޖުރިބާގެ ގޮތުން ފުރިހަމަވާންޖެހޭ ށަރުތުތައް ކަމުގައި މި ގާނޫނުގެ 18 ވަނަ މާއްދާގައި
ބަޔާންކުރާ ށަރުތުތަކުގެ އިތުރުން، ކައުންސިލް މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހިރައްޔިތެއް ކަމުގައިވުން؛
(ށ) އުމުރުން 30 (ތިރީސް) އަހަރު ފުރިފައިވުން؛
(ނ) ކައުންސިލްގެ މެންބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ މަސައްކަތުގެ އަހްލާގާއި ސުލޫކު ހުރި މީހަކު ކަމުގައިވުން؛
(ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޖިނާއީ އެއްވެސް ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(ބ) ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުވެފައިވާ މަގާމެއް އަދާކުރަމުންދާ މީހެއް ކަމުގައި ނުވުން؛
(ޅ) ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން އައްޔަންކޮށްފައިވާ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
(ކ) ސިއްހީ ހިދުމަތްދޭ ތަނެއްގެ ހިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން.
20 ވަނަ މާއްދާ - ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި
އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއަތުތަކާއި ގައިޑްލައިންތައް ހެދުމަށްޓަކައި އެ މިނިސްޓްރީއަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި، އެފަދައިން އެކުލަވާލާ ތަކެތި މުރާޖައާކުރަން ފެންނަ ހާލަތުގައި އެކަމުގެ ލަފާ
ދިނުން؛
(ށ) މި ގާނޫނުގެ ދަށުން ގުނަވަން ޓްރާންސްޕްލާންޓް ހިދުމަތުގެ ހުއްދައަށް އެދި ހުށަހަޅާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ހުއްދަ ދިނުމާއި، އެ ހުއްދަ އާކުރުމާއި، ހުއްދަ ހިފެހެއްޓުމާއި ބާތިލުކުރުން؛
(ނ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއަތުތަކަށް އަމަލުކުރަންޖެހޭ އެންމެހައި ފަރާތްތަކުން، އެ ތަކެއްޗާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެފަރާތްތަކާމެދު ފިޔަވަޅު އެޅުން؛
(ރ) އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކޮށް، އެ ކޮމިޓީން އަދާކުރުމަށް ކަނޑައެޅިފައިވާ މަސްއޫލިއްޔަތުތައް އަދާކުރަމުންގެންދޭތޯ ބެލުން؛
(ބ) މި ގާނޫނުގެ ދަށުން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ ހޮސްޕިޓަލުތަކުން ދެމުންގެންދާ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތަކީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ ހިދުމަތެއްކަން ކަށަވަރުކުރުން؛
(ޅ) މި ގާނޫނު ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމުގެ ގޮތުން ކަމާގުޅޭ މައުލޫމާތުތަކާއި ލިޔެކިޔުންތައް ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތްދޭ ހޮސްޕިޓަލުތަކުން ހޯދުން؛
(ކ) ގުނަވަން ޓްރާންސްޕްލާންޓްކުރުމަށް ގުނަވަން ހަދިޔާކުރާ ފަރާތުގެ ރުހުން ހޯދަނީ ނުވަތަ އެ ރުހުން ދެނީ، އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމާއި، ޓްރާންސްޕްލާންޓްކުރުމުގެ އެއްވެސް މަރުހަލާއެއްގައި ގުނަވަނުގެ ވިޔަފާރިކުރުމުގެ އަމަލެއް ނުހިންގާކަން ކަށަވަރުކުރުމަށްޓަކައި ގައުމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(އ) ގުނަވަން ހަދިޔާކުރުމަށް ބާރުއަޅައި މަގުފަހިކުރުމަށްޓަކައި، ކަމާގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
21 ވަނަ މާއްދާ - ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް
(ހ) އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ ރައީސްގެ މަގާމު އަދާކުރާނީ، މަގާމުގެ ހައިސިއްޔަތުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްއެވެ.
(ށ) އޯގަން ޓްރާންސްޕްލާންޓް ކައުންސިލުން، އެ ކައުންސިލްގެ މެންބަރުންގެ ތެރެއިން މެންބަރަކު، އެ ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުކުރަންވާނެއެވެ. އަދި އެފަދައިން އިންތިހާބުކުރާ މެންބަރު ވާންވާނީ މެޑިކަލް ޕްރެކްޓިށަނަރުންގެ ތެރެއިން ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރުންގެ ތެރެއިން ކައުންސިލަށް އައްޔަންކުރާ މެންބަރަކަށެވެ.
(ނ) އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އައްޔަންކުރާ މީހަކީ މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން އުފެދޭ، ސިއްހީ ހިދުމަތުގެ ފަންނުގެ އެހެން ކައުންސިލެއް ނުވަތަ ބޯޑެއްގެ މެންބަރެއް ކަމުގައި ވެގެންނުވާނެއެވެ.
22 ވަނަ މާއްދާ - ކައުންސިލް މެންބަރުކަމުގެ ދައުރު
(ހ) އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ މެންބަރުންގެ މެންބަރުކަމުގެ ދައުރަކީ، އެ މެންބަރަކު ކައުންސިލަށް އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހެވެ. އަދި ކައުންސިލަށް އައްޔަންކުރެވޭ މެންބަރުން، 1 (އެކެއް) ދައުރަށްވުރެ ގިނަ ދައުރަށް ކައުންސިލަށް އައްޔަންކުރުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތް ކައުންސިލްގައި ހިމެނޭނީ މަގާމުގެ ހައިސިއްޔަތުން ކަމުގައިވާތީ، އެފަރާތް ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ދެމިހުންނާނީ އެފަރާތް ކައުންސިލްގައި ހިމެނޭ މަގާމުގައި ދެމިހުރިހާ ހިނދަކުއެވެ. އަދި އެފަރާތް އެ މަގާމުން ވަކިވެއްޖެނަމަ، ކައުންސިލްގެ މެންބަރުކަމުން ވަކިވާނެއެވެ.
23 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުކަމުގެ މަގާމު ހުސްވުން
އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ މަގާމެއް ހުސްވެއްޖެކަމަށް ބެލެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ.
(ހ) މެންބަރުކަމުގެ ދައުރު ހަމަވުން؛
(ށ) އިސްތިއުފާ ދިނުން؛
(ނ) މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މެންބަރަކު މަގާމުން ވަކިކުރުން؛
(ރ) މަރުވުން؛
(ބ) ކައުންސިލްގެ މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމުކަމަށް މި ގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތެއް އުނިވުން.
24 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުކަމުން ވަކިކުރުން
އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ މެންބަރަކަށް އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެނަމަ، އެ މެންބަރަކު އެ މަގާމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
(ހ) ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުން؛
(ށ) ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވުން؛
(ނ) މަގުބޫލު އުޒުރެއް ނެތި ނުވަތަ ވަކި ސަބަބެއް އެންގުމަކާނުލައި ވިދިވިދިގެން ކައުންސިލްގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވުން.
25 ވަނަ މާއްދާ - ހުސްވާ މަގާމަށް މެންބަރުން އައްޔަންކުރުން
މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އައްޔަންކުރަންވާނެއެވެ.
26 ވަނަ މާއްދާ - ކައުންސިލްގެ ގާނޫނީ އަދަދު
އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދަކީ، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތް ހިމެނޭގޮތުން، މަދުވެގެން 7 (ހަތެއް) މެންބަރުންނެވެ.
27 ވަނަ މާއްދާ - ކައުންސިލްގެ ބައްދަލުވުންތަކާއި
(ހ) އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ ބައްދަލުވުމެއް މަދުވެގެން ކައުންސިލްގެ ނިންމުންތައް ކޮންމެ 6 (ހައެއް) މަހަކުން 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.
(ށ) ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމާއި، ކައުންސިލުން ނިންމުންތައް ނިންމުން ހިމެނޭގޮތުން، ކައުންސިލް ހިންގުމާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
28 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުން
އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގައި މަށްވަރާކުރަމުންދާ ކަމަކީ މަސްލަހަތު ފުށުއަރާ ކަންކަމުން އެ ކައުންސިލްގެ މެންބަރެއްގެ މަސްލަހަތު އޮތްކަމެއް ކަމުގައިވާނަމަ، އެކަން ތަނާޒުލުވުން އެ ކައުންސިލްގެ އެހެން މެންބަރުންނަށް އެންގުމާއެކު، އެކަމާ ގުޅޭގޮތުން ހިނގަމުންދާ މަށްވަރާތަކުން އެ މެންބަރަކު އެއްކިބާވާންވާނެއެވެ. އަދި އެކަން ނިންމުމުގެ ވޯޓުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. މި މާއްދާގެ ބޭނުމަށް، ކައުންސިލްގެ މެންބަރުންގެ ޒާތީ މަސްލަހަތު އޮތްކަމުގައި ބެލެވޭނެ ހާލަތްތައް މި ގާނޫނުގެ ދަށުން އެކުލަވާލާ ކައުންސިލް ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ފަސްވަނަ ބާބު
އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީ
29 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީ
ދިވެހިރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ދިނުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި "އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަންވާނެއެވެ.
30 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީ އެކުލެވިގެންވާ ގޮތް
(ހ) އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީ އެކުލެވިގެންވަނީ، އަންނަނިވި މެންބަރުންގެ މައްޗަށެވެ.
- ސަރުކާރުގެ ޓަރށިއަރީ ހޮސްޕިޓަލެއްގެ މެޑިކަލް ޑިރެކްޓަރެއް
- ސިއްހީ ދާއިރާއިން މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖެއްގެ ޑީން؛
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކަނޑައަޅާ މެޑިކަލް ސްޕެށަލިސްޓެއް؛
- މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ކަނޑައަޅާ ސީނިއަރ ނަރުހެއް؛
- ގާނޫނީ ދާއިރާގައި މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ގާނޫނީ ވަކީލެއް ނުވަތަ މަގާމުން މުސްކުޅިކޮށްފައިވާ ފަނޑިޔާރެއް.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ، އެފަރާތްތަކުން ނިސްބަތްވާ ދާއިރާއިން ދަށްވެގެން މާސްޓަރސް ފެންވަރުގެ ސެޓްފިކެޓެއް ހާސިލުކޮށް، މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
(ނ) މަސްލަހަތު ފުށުއެރުން ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ މަސައްކަތުގައި އެ ކޮމިޓީގެ މެންބަރަކަށް ބައިވެރި ނުވެވޭނަމަ، އެ މެންބަރެއްގެ ބަދަލުގައި އެ ބައްދަލުވުމުގައި ބައިވެރިވާނެ ފަރާތެއް މިނިސްޓަރު ކަނޑައަޅަންވާނެއެވެ.
31 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅޭ ވަކިވަކި ހުށަހެޅުންތަކަށް ހުއްދަ ދިނުމާމެދު ގޮތެއް ކަނޑައެޅުން؛
(ށ) ގުނަވަން ހަދިޔާކުރާ ފަރާތުން ދީފައިވާ ރުހުމަކީ، އެއްވެސް މަޖުބޫރުކަމެއް ނެތި، ފުރިހަމަ އިހްތިޔާރުގައި ދީފައިވާ ރުހުމެއްކަން ކަށަވަރުކުރުން؛
(ނ) ގުނަވަން ޓްރާންސްޕްލާންޓްގައި ހިމެނޭ ދެފަރާތަށް ގުނަވަން ޓްރާންސްޕްލާންޓާ ގުޅޭގޮތުން ފުރިހަމަ މައުލޫމާތު ލިބިފައިވާކަން ކަށަވަރުކުރުން؛
(ރ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގައި ގުނަވަނުގެ ވިޔަފާރިކުރުމުގެ އެއްވެސް އަމަލެއް ހިނގާފައިނުވާކަން އަދި ހިނގަމުންނުދާކަން ކަށަވަރުކުރުން؛
(ބ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދައަށް އެދޭ ފަރާތުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅާފައިވޭތޯ ބަލައި، އެ ލިޔެކިޔުންތަކުގައިވާ މައުލޫމާތު ކަށަވަރުކޮށް، އެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
32 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީ ހިންގުމުގެ އުސޫލު
(ހ) އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަންވާނީ، އަދި އެ ކޮމިޓީން ނިންމާ އެއްވެސް ނިންމުމެއް ނިންމަންވާނީ އެ ކޮމިޓީގެ ހުރިހާ މެންބަރުން ހާޒިރުވެ ތިބޭ ބައްދަލުވުމެއްގައެވެ.
(ށ) ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ދިނުމާމެދު އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ ނިންމުމެއް ނިންމަންވާނީ އެ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.
(ނ) ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓައި، ކޮމިޓީއަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދޭނީ މިނިސްޓްރީންނެވެ.
(ރ) ކޮޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި، ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، ކޮމިޓީން ނިންމުންތައް ނިންމުން ހިމެނޭގޮތުން، ކޮމިޓީ ހިންގުމާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
33 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ މެންބަރުން މަސްލަހަތު ފުށުއަރާ ކަންކަމުން ތަނާޒުލުވުން
އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގައި މަށްވަރާކުރަމުންދާ ކަމަކީ އެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު އޮތްކަމެއް ކަމުގައިވާނަމަ، އެކަން އެ ކޮމިޓީގެ އެހެން މެންބަރުންނަށް އެންގުމާއެކު، އެކަމާ ގުޅޭގޮތުން ހިނގަމުންދާ މަށްވަރާތަކުން އެ މެންބަރު އެއްކިބާވާންވާނެއެވެ. އަދި އެކަން ނިންމުމުގެ ވޯޓުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. މި މާއްދާގެ ބޭނުމަށް، ކޮމިޓީގެ މެންބަރުންގެ ޒާތީ މަސްލަހަތު އޮތްކަމުގައި ބެލެވޭނެ ހާލަތްތައް މި ގާނޫނުގެ ދަށުން އެކުލަވާލާ ކޮމިޓީ ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ހަވަނަ ބާބު
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތްދޭ މަރުކަޒުތައް
34 ވަނަ މާއްދާ - ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ދިނުން
(ހ) އެއްވެސް ފަރާތަކުން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ދޭންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ލައިސަންސް ހޯދުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސް ދޫކުރާނީ، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 11 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ހޮސްޕިޓަލުތަކުގެ ތެރެއިން މި ގާނޫނުގެ ދަށުން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ދިނުމަށް ށަރުތު ފުރިހަމަވާ ހޮސްޕިޓަލުތަކަށެވެ.
(ނ) މި މާއްދާގެ ދަށުން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތުގެ ލައިސަންސް ދެވޭނީ، ޓްރާންސްޕްލާންޓްކުރުމަށް އެދޭ ކޮންމެ ބާވަތެއްގެ ގުނަވަނަކަށް ވަކިންނެވެ.
35 ވަނަ މާއްދާ - ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމާއި ލައިސަންސް ދޫކުރުން
(ހ) މި ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސް ހޯދުމަށް އެދި ހޮސްޕިޓަލުތަކުން ހުށަހަޅާނީ، އަދި އެފަރާތްތަކަށް ލައިސަންސް ދޫކުރާނީ އޯގަން ޓްރާންސްޕްލާންޓް ކައުންސިލުންނެވެ.
(ށ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ހޯދުމަށް އެދި ހޮސްޕިޓަލުތަކުން ހުށަހަޅަންޖެހޭ ތަކެއްޗާއި ލިޔެކިޔުމާއި، ލައިސަންސް ދޫކުރުމުގައި އެ ތަކެއްޗާއި ލިޔެކިޔުމުގައި ހިމެނޭ މައުލޫމާތު ބަލައި ކަށަވަރުކުރުމުގެ އުސޫލުތަކާއި، އެނޫންވެސް ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމުގައި ހޮސްޕިޓަލުތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތު، އަދި ލައިސަންސް ދޫކުރުމުގައި ކައުންސިލުން އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
36 ވަނަ މާއްދާ - ލައިސަންސް ދޫކުރުމުގެ ށަރުތުތައް
ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސަށް އެދި ހުށަހަޅާ ހޮސްޕިޓަލުތަކުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ލައިސަންސަށް އެދި ހުށަހަޅާ ޓްރާންސްޕްލާންޓް ކުރާގުނަވަނުގެ ސްޕެށަލިސްޓް ޑޮކްޓަރެއްގެ އިތުރުން، ކަމާ ގުޅުންހުރި ޑޮކްޓަރުން ހިމެނޭ ޓީމެއް އެކުލަވާލައި، އެ ޑޮކްޓަރުންގެ ހިދުމަތް ދުވާލަކު 24 (ސައުވީސް) ގަޑިއިރު ލިބޭނެ އިންތިޒާމު އެ ހޮސްޕިޓަލުގައި ހަމަޖެހިފައި ހުރުން؛
(ށ) ޓްރާންސްޕްލާންޓްކުރާ ގުނަވަނަކާބެހޭ ސަރޖަންއެއް އެފަދަ ޓްރާންސްޕްލާންޓް ޓީމުގައި ހުރުން؛
(ނ) ގުނަވަން ޓްރާންސްޕްލާންޓްކުރުމާބެހޭ ހާއްސަ ތަމްރީނުތައް ލިބިފައިވާ ނަރުހުންގެ ޓީމެއް އެކުލަވާލައި، އެ ނަރުހުންގެ ހިދުމަތް ދުވާލަކު 24 (ސައުވީސް) ގަޑިއިރު ލިބޭނެ އިންތިޒާމު އެ ހޮސްޕިޓަލުގައި ހަމަޖެހިފައި ހުރުން؛
(ރ) އެނެސްތެސިއޮލޮޖިސްޓުންނާއި، އައި.ސީ.ޔޫގެ ސްޕެށަލިސްޓް ޑޮކްޓަރުންނާއެކު، އެކަށީގެންވާ ފެންވަރުގެ ވަސީލަތްތައް ހުރި އައި.ސީ.ޔޫއެއްގެ ހިދުމަތް ދުވާލަކު 24 (ސައުވީސް) ގަޑިއިރު ލިބޭނެ އިންތިޒާމު އެ ހޮސްޕިޓަލުގައި ހަމަޖެހިފައި ހުރުން؛
(ބ) ބްލަޑް ބޭންކް، މައިކްރޯބަޔޮލޮޖީ، ބަޔޯކެމިސްޓްރީ، ޕެތޮލޮޖީ، އަދި ހިމަޓޮލޮޖީ ޓެސްޓުތައް ކުރުމުގެ ގާބިލުކަން ހުރި ލެބޯޓްރީއެއްގެ ހިދުމަތް ދުވާލަކު 24 (ސައުވީސް) ގަޑިއިރު ލިބޭނެ އިންތިޒާމު އެ ހޮސްޕޓަލުގައި ހަމަޖެހިފައި ހުރުން؛
(ޅ) ރޭޑިއޮލޮޖީގެ ހިދުމަތްތަކުގެ ތެރެއިން އެމް.އާރު.އައި، ސީ.ޓީ، އަލްޓްރާ ސައުންޑް ސްކޭން، އަދި އެކްސްރޭގެ ހިދުމަތް ދުވާލަކު 24 (ސައުވީސް) ގަޑިއިރު ލިބޭނެ އިންތިޒާމު އެ ހޮސްޕިޓަލުގައި ހަމަޖެހިފައި ހުރުން؛
(ކ) ޓްރާންސްޕްލާންޓްކުރާ ގުނަވަނުގެ ވަކި ހާއްސަ ޓެސްޓެއް ނުވަތަ ސްކޭނެއް ހަދަންޖެހޭނަމަ އެފަދަ ޓެސްޓެއް ނުވަތަ ސްކޭނެއް ކުރެވެން ހުރުން؛
(އ) ކުރިޔާލައި ތާވަލުކޮށްފައިވާ އަދި ކުއްލިގޮތަކަށް ކުރަންޖެހޭ ސަރޖަރީތައް ކުރުމުގެ ގާބިލުކަން ހުރި، އަދި އެކަށީގެންވާ ވަސީލަތްތަކާއި ކަމާބެހޭ ސްޕެށަލިސްޓް ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ އޮޕަރޭށަން ތިއޭޓަރެއްގެ ހިދުމަތް ދުވާލަކު 24 (ސައުވީސް) ގަޑިއިރު ލިބޭނެ އިންތިޒާމު އެ ހޮސްޕިޓަލުގައި ހަމަޖެހިފައި ހުރުން؛
(ވ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ހިއުމަން ލިއުކޮސައިޓް އެންޓިޖެން ޓައިޕިންގ އަދި މެޗިންގގެ ހިދުމަތާއި ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާނެ އެނޫންވެސް އެފަދަ އެންމެހައި ހިދުމަތްތައް ލިބޭނެ އިންތިޒާމު އެ ހޮސްޕިޓަލުގައި ހަމަޖެހިފައި ހުރުން؛
(މ) ގުނަވަން ހަދިޔާކުރާ ފަރާތުގެ ހަށިގަނޑުން ގުނަވަން ނެގުމަށްޓަކައި ހަދާ ސަރޖަރީއާއި، ގުނަވަން ލިބިގަންނަ ފަރާތުގެ ހަށިގަނޑުގައި އެ ގުނަވަން ޓްރާންސްޕްލާންޓްކުރުމަށްޓަކައި ހަދާ ސަރޖަރީ އެ ހޮސްޕިޓަލުގައި ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން؛
(ފ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް ކަންކަން.
37 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތަށް ހޮސްޕިޓަލުތަކަށް ލައިސަންސް ދޫކުރާނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި ހޮސްޕިޓަލަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަވުމުގެ 180 (ސަތޭކަ އަށްޑިހަ) ދުވަސް ކުރިން އެ ލައިސަންސް އާކުރުމަށް އެދި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
38 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުން
(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓުން ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
- މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތެއް އުނިވުން؛
- ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަނުވުން ނުވަތަ އެ މިންގަނޑުތަކާ ހިލާފުވުން؛
- ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ދިނުމުގައި ހޮސްޕިޓަލުން ވެފައިވާ އިހުމާލެއްގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއްވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކުރާ ކަމެއް މެދުވެރިވެފައިވޭތޯ ބެލުމަށް ކައުންސިލުން އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތަކާއި، އެފަދަ ކަމަކާ ގުޅޭގޮތުން ހޮސްޕިޓަލުތަކުން ޖަވާބުދާރީވެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިޖުރާއަތުތައް ހިމެނޭގޮތުން، މި މާއްދާގެ ދަށުން ލައިސަންސް ހިފެހެއްޓުމުގައި ނުވަތަ ބާތިލުކުރުމުގައި ކައުންސިލުން އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
39 ވަނަ މާއްދާ - ހިދުމަތުގެ ފެންވަރު ބެލުން
(ހ) މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރާ ހޮސްޕިޓަލުތަކުން އެ ހިދުމަތް ފޯރުކޮށްދެނީ މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އިޖުރާއީ އަދި ފަންނީ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި، އެ ހިދުމަތުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބަލައި މޮނިޓަރކުރާނީ، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ ދަށުން އައްޔަންކޮށްފައިވާ ކޮމިށަނަރ އޮފް ކޮލިޓީ އެށުއަރަންސްއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތްދޭ ހޮސްޕިޓަލުތައް މޮނިޓަރކުރުމުގެ ގޮތުން، ކޮންމެ އަހަރަކު އެއްފަހަރު އެ ތަންތަން އިވެލުއޭޓް ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހަދާ އިވެލުއޭށަނަށްފަހު، ޓްރާންސްޕްލާންޓާގުޅޭ ހިދުމަތްތައް ފޯރުކޮށްދެވޭ ފެންވަރު މި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއީ އަދި ފަންނީ މިންގަނޑުތަކަށް ނުފެތޭ ކަމަށް ފެނިއްޖެނަމަ، އެކަން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްއަށާއި ކައުންސިލަށް އަންގަންވާނެއެވެ.
40 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީ
ގުނަވަން ޓްރާންސްޕްލާންޓްކުރެވޭނެކަން ނުވަތަ ނޫންކަން ސިއްހީގޮތުން ބެލުމަށްޓަކައި، ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތްދޭ ކޮންމެ ހޮސްޕިޓަލެއްގައި، އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީއެއް ގާއިމުކުރަންވާނެއެވެ.
41 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީ އެކުލެވިގެންވާ ގޮތް
އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީ އެކުލެވިގެންވަނީ، ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތްދޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ އަންނަނިވި ޑޮކްޓަރުންނާއި ނަރުހުންގެ މައްޗަށެވެ.
(ހ) ޓްރާންސްޕްލާންޓްކުރާ ގުނަވަނާބެހޭ ޓްރާންސްޕްލާންޓް ސަރޖަންއެއް؛
(ށ) ޓްރާންސްޕްލާންޓްކުރާ ގުނަވަނާބެހޭ ޓްރާންސްޕްލާންޓް ފިޒީށަންއެއް؛
(ނ) އެނެސްތީސިއޮލޮޖިސްޓެއް؛
(ރ) ޓްރާންސްޕްލާންޓްކުރުމުގެ ހާއްސަ ތަމްރީނު ލިބިފައިވާ ނުވަތަ އޮޕަރޭށަން ތިއޭޓަރ ނަރުހެއް؛
(ބ) ސައިކޭޓްރިސްޓެއް.
42 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީގެ މަސްއޫލިއްޔަތު
އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޓްރާންސްޕްލާންޓްކުރުމަށްޓަކައި ގުނަވަން ހަދިޔާކުރާ ފަރާތުގެ ގުނަވަން ހަދިޔާކުރުމުގައި ސިއްހީގޮތުން ހުރަހެއް ނެތްކަން ކަށަވަރުކުރުން؛
(ށ) ގުނަވަން ލިބިގަންނަ ފަރާތަށް، ރައްކާތެރިކަމާއެކު ގުނަވަން ލިބިގަތުމުގައި ސިއްހީގޮތުން ހުރަހެއް ނެތްކަން ކަށަވަރުކުރުން؛
(ނ) ގުނަވަން ހަދިޔާކުރާ ފަރާތާއި ލިބިގަންނަ ފަރާތުގެ ކަމާ ގުޅުންހުރި ސިއްހީ އެންމެހައި މައުލޫމާތު ހޯދުން؛
(ރ) ޓްރާންސްޕްލާންޓްކުރާ ހޮސްޕިޓަލުގައި ޓްރާންސްޕްލާންޓްކުރުމަށް ހުރިހާ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުން؛
(ބ) ޓްރާންސްޕްލާންޓްކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިޔުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މެޑިކަލް ޕްރޮސީޖަރތައް ފުރިހަމަކޮށް، ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދައަށް އެދި އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީއަށް ހުށަހެޅުން.
43 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް އެތިކްސް ކޮމިޓީ
(ހ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގައި ސުލޫކީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، އޯގަން ޓްރާންސްޕްލާންޓް އެތިކްސް ކޮމިޓީއެއް ހިދުމަތްދޭ ކޮންމެ ހޮސްޕިޓަލެއްގައި ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީ އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.
- ޓްރާންސްޕްލާންޓްކުރުމުގެ މަރުހަލާއެއްގައި ހަރަކާތްތެރިނުވާ ސްޕެށަލިސްޓް ޑޮކްޓަރެއް؛
- ޓްރާންސްޕްލާންޓްކުރުމުގެ މަރުހަލާއެއްގައި ހަރަކާތްތެރިނުވާ ސީނިއަރ ނަރުހެއް؛
- ގާނޫނީ ވަކީލެއް.
44 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް އެތިކްސް ކޮމިޓީގެ މަސްއޫލިއްޔަތުތައް
އޯގަން ޓްރާންސްޕްލާންޓް އެތިކްސް ކޮމިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ
(ހ) ގުނަވަން ހަދިޔާކުރާ ފަރާތުން އެކަމަށް ރުހުން ދީފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛
(ށ) ގުނަވަނުގެ ވިޔަފާރިކުރުމުގެ އެއްވެސް އަމަލެއް ހިނގާފައި ނެތްކަން އަދި ހިނގަމުންނުދާކަން ކަށަވަރުކުރުން؛
(ނ) ޓްރާންސްޕްލާންޓްކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިޔުމުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހަޅާފައިވާ ސުލޫކީ އިޖުރާއަތުތަކާގުޅޭ އެންމެހައި ލިޔެކިޔުންތައް، ޓްރާންސްޕްލާންޓްކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ހުށަހަޅާފައިވޭތޯ ބަލައި، އެ ލިޔެކިޔުންތަކުގައިވާ މައުލޫމާތު ކަށަވަރުކުރުން؛
(ރ) ޓްރާންސްޕްލާންޓްކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިޔުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ސުލޫކީ އިޖުރާއަތުތައް ފުރިހަމަކޮށް، ސިއްހީގޮތުން ކަށަވަރުކޮށް ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީއަށް ހުށަހެޅުން.
45 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް ކޯޑިނޭޓަރ
(ހ) ޓްރާންސްޕްލާންޓްކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިޔުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުމާއި މައުލޫމާތާއި އިޖުރާއަތުތައް ފުރިހަމަކުރުމުގައާއި، ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދައަށް އެދި މި ގާނޫނުގެ 29 ވަނަ މާއްދާއާއި 40 ވަނަ މާއްދާ އަދި 43 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީތަކަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަމުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމަށް އެދޭ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތްދޭ ކޮންމެ ހޮސްޕިޓަލެއްގައި، އެ ހޮސްޕިޓަލުން އައްޔަންކުރާ އޯގަން ޓްރާންސްޕްލާންޓް ކޯޑިނޭޓަރެއް ހުންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އޯގަން ޓްރާންސްޕްލާންޓް ކޯޑިނޭޓަރުގެ މަގާމަށް އައްޔަންކުރާ ފަރާތަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.
46 ވަނަ މާއްދާ - ކޮމިޓީތައް ހިންގުމުގެ އުސޫލު
މި ގާނޫނުގެ 40 ވަނަ މާއްދާއާއި 43 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، ކޮމިޓީތަކުން ނިންމުންތައް ނިންމުން ހިމެނޭގޮތުން، ކޮމިޓީ ހިންގުމާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
47 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ކަންކަމުން ތަނާޒުލުވުން
މި ގާނޫނުގެ 40 ވަނަ މާއްދާއާއި 43 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީތަކަށް ހުށަހެޅިފައިވާ ކަމަކީ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު އޮތްކަމެއް ކަމުގައިވާނަމަ، އެކަން ކޮމިޓީގެ އެހެން މެންބަރުންނަށް އެންގުމާއެކު، އެކަމާ ގުޅޭގޮތުން ހިނގަމުންދާ މަށްވަރާތަކުން އެ މެންބަރު އެއްކިބާވާންވާނެއެވެ. އަދި އެކަން ނިންމުމުގެ ވޯޓުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި މި މާއްދާގެ ބޭނުމަށް، ކޮމިޓީގެ މެންބަރުންގެ ޒާތީ މަސްލަހަތު އޮތްކަމުގައި ބެލެވޭނެ ހާލަތްތައް މި ގާނޫނުގެ ދަށުން އެކުލަވާލާ ކޮމިޓީތައް ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ހަތްވަނަ ބާބު
ޓްރާންސްޕްލާންޓްކުރުމުގެ އިޖުރާއަތުތަކާއި މިންގަނޑުތައް
48 ވަނަ މާއްދާ - ޓްރާންސްޕްލާންޓްކުރުމުގެ މަރުހަލާތައް ގާނޫނާ އެއްގޮތަށް ހިންގުން
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ އިދާރީ އަދި ސިއްހީ މަރުހަލާތައް ހިމެނޭގޮތުން، ޓްރާންސްޕްލާންޓްކުރުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަންވާނީ، މި ބާބުގައި ބަޔާންކުރާ އިޖުރާއަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
49 ވަނަ މާއްދާ - ގުނަވަން ޓްރާންސްޕްލާންޓްކުރުމަށް ޑޮކްޓަރު ލަފާ ދިނުން
(ހ) މީހެއްގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ކަންކަން ފެށޭނީ، މީހެއްގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ސިއްހީ އަދި ހަގީގީ ބޭނުންތެރިކަމެއް އެ ގުނަވަން ލިބިގަންނަ ފަރާތަށް އޮތްކަމަށް، އޭނާއަށް ފަރުވާދެމުންދާ ބަލީގެ ސްޕެށަލިސްޓް ޑޮކްޓަރަކު ލަފައެއް ދިނުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑޮކްޓަރު ދޭ ލަފާ އޮންނަންވާނީ ލިޔުމުންނެވެ. އަދި އެ ލިޔުން އޮންނަންޖެހޭ ގޮތާއި، ލިޔުމުގައި ހިމަނަންޖެހޭ މައުލޫމާތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލަފަޔާއެކު، އެ ލަފަޔަށް ޑޮކްޓަރު ވާސިލުވުމަށް ރިއާޔަތްކުރި ކްލިނިކަލް ރިޕޯޓުތަކާއި އެސެސްމަންޓްތަކާގުޅޭ ލިޔެކިޔުންތައް ހިމަނަންވާނެއެވެ.
(ރ) ގުނަވަން ޓްރާންސްޕްލާންޓްކުރަންޖެހޭފަދަ ހާލަތެއް އޮތްކަން ގުނަވަން ލިބިގަންނަ ފަރާތަށް ތަފްސީލުކޮށް ބުނެދިނުމާއެކު، އެކަމާގުޅޭ އެންމެހައި މައުލޫމާތު އެފަރާތަށް ސާފުކޮށްދިނުމަކީ މި މާއްދާގެ (ހ) ގެ ދަށުން ގުނަވަން ޓްރާންސްޕްލާންޓްކުރުމަށް ލަފާދޭ ޑޮކްޓަރުގެ ޒިންމާއެކެވެ.
50 ވަނަ މާއްދާ - ގުނަވަން ހަދިޔާކުރާނެ ފަރާތެއް ހަމަޖެއްސުން
މި ގާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ޓްރާންސްޕްލާންޓްކުރުމުގެ ލަފައެއް ޑޮކްޓަރު ދީފިނަމަ، އަދި އެ ލަފަޔާ އެއްގޮތަށް ޓްރާންސްޕްލާންޓްކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ގުނަވަން ލިބިގަންނަ ފަރާތުން އެދޭނަމަ، އެފަރާތަށް ގުނަވަން ހަދިޔާކުރާނެ ފަރާތެއް ހޯދައި، އެކަން އެފަރާތުން ހަމަޖައްސަންވާނެއެވެ.
51 ވަނަ މާއްދާ - ޓްރާންސްޕްލާންޓް ކޯޑިނޭޓަރަށް ހުށަހެޅުން
މި ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ގުނަވަން ހަދިޔާކުރުމަށް ގަސްދުކުރާ ފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި އެކަން ހަމަޖެހުމުން، ޓްރާންސްޕްލާންޓް ކުރިއަށް ގެންދިއުމަށް އެދި ގުނަވަން ލިބިގަންނަ ފަރާތުން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތްދޭ ހޮސްޕިޓަލެއްގެ ޓްރާންސްޕްލާންޓް ކޯޑިނޭޓަރަށް ހުށަހަޅައި، ކޯޑިނޭޓަރު މެދުވެރިކޮށް ޓްރާންސްޕްލާންޓްކުރުމުގެ އިދާރީ އިޖުރާއަތުތައް ފަށަންވާނެއެވެ.
52 ވަނަ މާއްދާ - ޓްރާންސްޕްލާންޓެއް ކުރުމުގައި ފުރިހަމަވާންޖެހޭ ކަންކަން
(ހ) ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތްދޭ ހޮސްޕިޓަލުގެ ކޯޑިނޭޓަރަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުށަހެޅުމެއް ލިބުމާއެކު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއަތުތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ހުށަހެޅުން ހުށަހެޅި ފަރާތަށް ސާފުކޮށްދޭންވާނެއެވެ.
(ށ) މި މާއްދާގެ (ނ) ގެ ދަށުން ދޭ ޗެކްލިސްޓްގައި ގުނަވަން ހަދިޔާކުރާ ފަރާތާއި ލިބިގަންނަ ފަރާތުން ސިއްހީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިވެލުއޭށަންތަކާއި، އިދާރީގޮތުން ފުރިހަމަކޮށް ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތައް ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު ސާފުކޮށްދިނުމާއެކު، އެ މައުލޫމާތުގެ މައްޗަށް އެކުލެވޭ ޗެކްލިސްޓެއް ޓްރާންސްޕްލާންޓްކުރުމުގެ ހުށަހެޅުން ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.
(ރ) ޓްރާންސްޕްލާންޓްކުރުމުގެ އިޖުރާއަތު ކުރިއަށް ގެންދިޔުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިވެލުއޭށަންތަކާއި ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތައް، އަދި އެ ލިޔެކިޔުންތައް އެކުލަވާލުމުގެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
53 ވަނަ މާއްދާ - މެޑިކަލް އަދި ނަފްސާނީ ދުޅަހެޔޮކަމުގެ އިވެލުއޭށަން ހެދުން
(ހ) ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތްދޭ ހޮސްޕިޓަލުން ގުނަވަން ލިބިގަންނަ ފަރާތާއި ގުނަވަން ހަދިޔާކުރުމަށް އެދޭ ފަރާތުގެ މެޑިކަލް އަދި ނަފްސާނީ ދުޅަހެޔޮކަމުގެ އިވެލުއޭށަނެއް، އެއިން ކޮންމެ ފަރާތެއްގެ ވަކިން، ހަދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ އިވެލުއޭށަން ހަދަންވާނީ ގުނަވަން ޓްރާންސްޕްލާންޓްކުރާ ޑޮކްޓަރުންގެ ޓީމުގައި ނުހިމެނޭ އެހެން ޑޮކްޓަރުން މެދުވެރިކޮށެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ އިވެލުއޭށަންގެ ބޭނުމަކީ، ގުނަވަން ހަދިޔާކުރާ ފަރާތާއި ގުނަވަން ލިބިގަންނަ ފަރާތަކީ، ގުނަވަން ޓްރާންސްޕްލާންޓްކުރުމަށް ސިއްހީ އަދި ޖިސްމާނީގޮތުން ގާބިލު ފަރާތްތަކެއްތޯ ބަލައި، ޓްރާންސްޕްލާންޓްކުރުމަށް ރުހުން ދިނުމަށާއި، ޓްރާންސްޕްލާންޓްގެ މަރުހަލާތައް ފުރިހަމަކޮށް ނިންމުމަށް އެ ދެފަރާތް ނަފްސާނީގޮތުން ގާބިލުތޯ ބަލައި ކަށަވަރުކުރުމެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ އިވެލުއޭށަންގައި ފުރިހަމަކުރަންޖެހޭ ކްލިނިކަލް އެސެސްމަންޓްތަކާއި ޓެސްޓުތަކާއި އެނޫންވެސް އެފަދަ އެންމެހައި ކަންކަން އަދި އިވެލުއޭށަން ކުރިއަށް ގެންދިޔުމުގައި އަމަލުކުރާނެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
54 ވަނަ މާއްދާ - ޓްރާންސްޕްލާންޓްކުރުމަށްޓަކައި ދޭ ރުހުން
(ހ) މި ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން ހަދާ އިވެލުއޭށަނަށްފަހުގައި، ގުނަވަން ލިބިގަންނަ ފަރާތާއި ގުނަވަން ހަދިޔާކުރުމަށް އެދޭ ފަރާތަކީ ސިއްހީގޮތުންނާއި ޖިސްމާނީގޮތުން އަދި ނަފްސާނީގޮތުން ގާބިލު ފަރާތްތަކެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ޓްރާންސްޕްލާންޓްކުރުމަށްޓަކައި ގުނަވަން ހަދިޔާކުރާ ފަރާތާއި ގުނަވަން ލިބިގަންނަ ފަރާތުގެ ރުހުން އޮތްކަން އަންގައިދޭ އެފިޑެވިޓެއް ތައްޔާރުކޮށް ޓްރާންސްޕްލާންޓް ކޯޑިނޭޓަރަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެފިޑެވިޓުގައި ހިމަނަންޖެހޭ މައުލޫމާތު އަދި އެ ލިޔުން އޮންނަންވީ ގޮތުގެ ނަމޫނާ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ އެފިޑެވިޓުގެ ލިޔުމުގައި ސޮއިކުރަންވާނީ ޕަބްލިކް ނޯޓަރީއެއްގެ ހާޒިރުގައެވެ.
55 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް އެތިކްސް ކޮމިޓީއަށް ހުށަހެޅުން
(ހ) މި ގާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކުރާ އިވެލުއޭށަން ފުރިހަމަކުރުމަށްފަހު، ޓްރާންސްޕްލާންޓްކުރުމުގައި ސުލޫކީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ޓްރާންސްޕްލާންޓްކުރާ ހޮސްޕިޓަލުގެ އޯގަން ޓްރާންސްޕްލާންޓް އެތިކްސް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް އެތިކްސް ކޮމިޓީއަށް ހުށަހަޅާ ހުށަހެޅުމެއްގައި ފުރިހަމަކުރަންޖެހޭ މައުލޫމާތާއި ލިޔެކިޔުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް އެތިކްސް ކޮމިޓީއަށް ހުށަހަޅާ ހުށަހެޅުމެއްގައި، ޓްރާންސްޕްލާންޓްކުރުމުގެ މަރުހަލާތައް ފުރިހަމަކުރުމުގައި ސުލޫކީގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގައި އެތިކްސް ކޮމިޓީން އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް އެތިކްސް ކޮމިޓީއަށް ހުށަހަޅާ ހުށަހެޅުމެއް ބަލައި، ޓްރާންސްޕްލާންޓްކުރުމުގެ މަރުހަލާތައް ފުރިހަމަކުރުމުގައި ސުލޫކީގޮތުން ފުރިހަމަވާންޖެހޭ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިނުވާކަމަށް އެ ކޮމިޓީއަށް ފެނިއްޖެނަމަ، އެފަދައިން ފުރިހަމަނުވާ ކަންކަން ބަޔާންކޮށް، އެކަންކަން އިސްލާހުކުރުމަށްފަހު ހުށަހެޅުމަށް، ހުށަހެޅުން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް އެތިކްސް ކޮމިޓީއަށް ހުށަހަޅާ ހުށަހެޅުމެއް ބަލައި، ޓްރާންސްޕްލާންޓްކުރުމުގެ މަރުހަލާތައް ފުރިހަމަކުރުމުގައި ސުލޫކީގޮތުން ފުރިހަމަވާންޖެހޭ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާކަން އެ ކޮމިޓީއަށް ފެނިއްޖެނަމަ، ސިއްހީގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްޓަކައި އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީއަށް ފޮނުވަންވާނެއެވެ.
56 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީއަށް ހުށަހެޅުން
(ހ) މި ގާނޫނުގެ 55 ވަނަ މާއްދާގެ (ބ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީއަށް ހުށަހަޅާ ހުށަހެޅުމެއްގައި، ސިއްހީގޮތުން ގުނަވަން ޓްރާންސްޕްލާންޓްކުރުމަށްޓަކައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވޭތޯ ބަލައި، ޓްރާންސްޕްލާންޓްކުރުމުގެ މެޑިކަލް ޕްރޮސީޖަރތައް ކުރިއަށް ގެންދެވިދާނެކަން ނުވަތަ ނޫންކަން އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީން ކަނޑައަޅަންވާނެއެވެ.
(ށ) މި ގާނޫނުގެ 55 ވަނަ މާއްދާގެ (ބ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީއަށް ހުށަހަޅާ ހުށަހެޅުމެއްގައި ފުރިހަމަކުރަންޖެހޭ މައުލޫމާތާއި ލިޔެކިޔުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި ގާނޫނުގެ 55 ވަނަ މާއްދާގެ (ބ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީއަށް ހުށަހަޅާ ހުށަހެޅުމެއްގައި، ޓްރާންސްޕްލާންޓްކުރުމުގެ މެޑިކަލް ޕްރޮސީޖަރތައް ކުރިއަށް ގެންދިޔުމަށްޓަކައި ސިއްހީގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގައި އެ ކޮމިޓީން އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި ގާނޫނުގެ 55 ވަނަ މާއްދާގެ (ބ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީއަށް ހުށަހަޅާ ހުށަހެޅުމެއް ބަލައި، ޓްރާންސްޕްލާންޓްކުރުމުގެ މެޑިކަލް ޕްރޮސީޖަރތައް ކުރިއަށް ގެންދިޔުމަށްޓަކައި، ސިއްހީގޮތުން ފުރިހަމަވާންޖެހޭ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާކަން އެ ކޮމިޓީއަށް ފެނިއްޖެނަމަ، އެކަން ބަޔާންކޮށް ކޯޑިނޭޓަރަށާއި ހުށަހެޅުން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
57 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީއަށް ހުށަހެޅުން
މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅޭގޮތުން، ޓްރާންސްޕްލާންޓް ކުރިއަށް ގެންދިޔުމަށް ފެންނަ ކަމުގައި މި ގާނޫނުގެ 40 އަދި 43 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީތަކުން ނިންމައިފިނަމަ، ޓްރާންސްޕްލާންޓްކުރުމުގެ ހުއްދައަށް އެދި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި މައުލޫމާތާއި ލިޔެކިޔުމާއެކު، އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީއަށް، ޓްރާންސްޕްލާންޓް ކޯޑިނޭޓަރު މެދުވެރިކޮށް، ހުށަހަޅަންވާނެއެވެ.
58 ވަނަ މާއްދާ - ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ދިނުމުގައި އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީން ބަލަންޖެހޭ ކަންކަން
(ހ) މި ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދައަށް އެދި އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީއަށް ހުށަހެޅުމުން، އެހާތަނަށް ހިންގާފައިވާ އެންމެހައި އިޖުރާއަތުތައް ހިންގާފައިވަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯއާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގެ ދަށުން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ މެޑިކަލް ޕްރޮސީޖަރތައް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެހައި ސުލޫކީ އަދި ސިއްހީ ކަންކަމާއި ލިޔެކިޔުން ފުރިހަމަވެފައިވޭތޯ އެ ކޮމިޓީން ބަލައި ކަށަވަރުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމުގައި އެ ކޮމިޓީން އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
59 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީއަށް ލިބިގެންވާ ބާރުތައް
މި ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ކަށަވަރުކުރުމުގެ ގޮތުން، އަންނަނިވި ކަންކަން ކުރުމުގެ އިހްތިޔާރު އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީއަށް ލިބިގެންވެއެވެ.
(ހ) ކޮމިޓީއަށް ހުށަހެޅިފައިވާ ލިޔުންތަކުގެ އިތުރުން، ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އިތުރު ލިޔެކިޔުން ނުވަތަ ތަކެތި ބޭނުންވާ ހާލަތުގައި، އިތުރު ލިޔެކިޔުމާއި ތަކެތި ހުށަހެޅުމަށް ގުނަވަން ލިބިގަންނަ ފަރާތަށް ނުވަތަ ގުނަވަން ހަދިޔާކުރާ ފަރާތަށް ނުވަތަ ޓްރާންސްޕްލާންޓްކުރާ ހޮސްޕިޓަލަށް އެންގުން؛
(ށ) ގުނަވަން ހަދިޔާކުރާ ފަރާތް އަދި/ނުވަތަ ގުނަވަން ލިބިގަންނަ ފަރާތް، ނުވަތަ އެ ދެފަރާތުގެ ތިމާގެ މީހުން ނުވަތަ ރަހުމަތްތެރިން ނުވަތަ އެނޫންވެސް ކަމާގުޅޭ މައުލޫމާތު ދެވޭނެ ފަރާތްތަކާ ސުވާލުކުރުމަށްޓަކައި، ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުން؛
(ނ) ސިއްހީގޮތުން ހަދާފައިވާ އެސެސްމަންޓްތައް ނުވަތަ ސްކޭންތައް ނުވަތަ އެނޫންވެސް އެފަދަ ކްލިނިކަލް ޓެސްޓުތައް އަލުން ތަކުރާރުކުރުމަށް އަދި/ނުވަތަ ކުރިން ދައްކާފައިވާ ޑޮކްޓަރުންނަށް ނުވަތަ އެހެން ޑޮކްޓަރަކަށް އަލުން ދެއްކުމަށް ގުނަވަން ލިބިގަންނަ ފަރާތަށް ނުވަތަ ގުނަވަން ހަދިޔާކުރާ ފަރާތަށް އެންގުން؛
(ރ) ސްޕެށަލިސްޓް ޑޮކްޓަރުންނާއި އެނޫންވެސް ހުއްދައަށް އެދި ހުށަހެޅިފައިވާ ބާވަތުގެ ޓްރާންސްޕްލާންޓްގެ ތަޖުރިބާކާރުން ހާޒިރުކޮށް ސުވާލުކުރުން؛
(ބ) ގުނަވަން ޓްރާންސްޕްލާންޓްކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް ހުއްދަ ދިނުމާ ގުޅޭގޮތުން ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތަކުން ހޯދަންޖެހޭ ލިޔެކިޔުންފަދަ ތަކެތި ފޯރުކޮށްދިނުމަށް އެފަރާތްތަކަށް އެންގުން.
60 ވަނަ މާއްދާ - ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ދިނުމާމެދު ގޮތެއް ކަނޑައެޅުން
(ހ) މި ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ހޯދުމަށް އެދި އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީއަށް ހުށަހެޅޭ ހުށަހެޅުންތަކަށް ހުއްދަ ދިނުމާމެދު، އެ ކޮމިޓީއަށް އެ ހުށަހެޅުމެއް ލިބޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ކޮމިޓީން ގޮތެއް ނިންމަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަވަސް ގޮތެއްގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ބޭނުންވާ ހާލަތްތަކުގައި، އެ ހާލަތާ އެކަށޭނަ މުއްދަތެއްގައި، އަދި ގުނަވަން ހަދިޔާކުރާ ފަރާތާއި ގުނަވަން ލިބިގަންނަ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫނާރާ ފަދަ ގޮތަކަށް، ކޮމިޓީން ގޮތެއް ނިންމުން އަވަސްކޮށްދޭންވާނެއެވެ.
(ނ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ދިނުމާމެދު އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީން ނިންމުމެއް ނިންމުމާއެކު، އެކަން، ވީ އެންމެ އަވަހަކަށް، އަދި ލަސްވެގެން އެ ނިންމުން ނިންމާތާ 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި، ޓްރާންސްޕްލާންޓްކުރާ ހޮސްޕިޓަލުގެ ޓްރާންސްޕްލާންޓް ކޯޑިނޭޓަރަށާއި، ގުނަވަން ހަދިޔާކުރާ ފަރާތަށާއި ގުނަވަން ލިބިގަންނަ ފަރާތަށް އަންގަންވާނެއެވެ.
61 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ ނިންމުން މުރާޖައާކުރުން
(ހ) މި ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީން ނިންމި ނިންމުމަކީ ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ނުދިނުމަށް ކަމުގައިވެފައި، ކަމުގެ މަސްލަހަތު އޮތް ފަރާތަކުން އެ ނިންމުމާމެދު ހިތްހަމަނުޖެހޭ ކަމުގައިވާނަމަ، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްއަށް ށަކުވާ ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބަލައި، އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ ނިންމުން މުރާޖައާކުރަންޖެހޭ ކަމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްއަށް ފެނިއްޖެނަމަ، އެ ނިންމުން މުރާޖައާކުރުމަށް އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީއަށް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްއިން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ ނިންމުން މުރާޖައާކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްއިން އަންގާ އެންގުމެއް އެ ކޮމިޓީއަށް ލިބުމާއެކު ވީ އެންމެ އަވަހަކަށް، އަދި އެ އެންގުން ލިބޭތާ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި، ކޮމިޓީގެ ނިންމުން އަލުން ބަލައި، ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ދިނުމާމެދު ނިންމުމެއް ނިންމަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ނިންމާ ނިންމުންތަކާ ގުޅޭގޮތުން، މި ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ އުސޫލު ހިނގާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ ނިންމުމެއް މުރާޖައާކުރުމަށް ހުށަހެޅޭނީ ގިނަވެގެން 1 (އެކެއް) ފަހަރެވެ.
62 ވަނަ މާއްދާ - އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ ނިންމުމާގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅުން
(ހ) މި ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީން ނިންމި ނިންމުމަކީ ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ނުދިނުމަށް ކަމުގައިވެފައި، މި ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ނިންމުން މުރާޖައާކުރުމަށް ހުށަހެޅުމުންވެސް، މި ގާނޫނުގެ 61 ވަނަ މާއްދާގެ (ނ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީން ނިންމި ނިންމުމަކީ ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ނުދިނުން ކަމުގައިވާނަމަ، އެ ނިންމުމާމެދު ހިތްހަމަނުޖެހޭކަމުގެ މަސްލަހަތު އޮތް ފަރާތްތަކަށް، ޖުޑީށިއަލް ރިވިޔުގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް މައްސަލައެއް ހުށަހަޅަންވާނީ، ޓްރާންސްޕްލާންޓްކުރުމަށްޓަކައި މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ހުށަހެޅުމެއް ހުށަހެޅުމަށްފަހުގައި ހިންގާފައިވާ މަރުހަލާތަކުގެ އެއްވެސް އިޖުރާއަތެއް ހިންގާފައިވަނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް ކަމުގައިވެފައި، އެ ހިލާފުގެ ސަބަބުން އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ ނިންމުމަށް އަސަރު ފޯރާފައިވާނަމައެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ ނިންމުން މައުޒޫއީ ގޮތުން އަލުން ބެލުމާއި އެ ކޮމިޓީގެ ނިންމުން އެނޫން ގޮތަކަށް ބަދަލުކުރުމުގެ ބާރެއް ކޯޓަށް ލިބިގެނެއް ނުވެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ ހާލަތެއް އޮތްކަމުގައި ކޯޓަށް ގަބޫލުކުރެވޭނަމަ، އެ ނިންމުން މުރާޖައާކުރުމަށް އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީއަށް ކޯޓުން އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީގެ ނިންމުން މުރާޖައާކުރުމަށް ކޯޓުން އަންގާ އެންގުމެއް އެ ކޮމިޓީއަށް ލިބުމާއެކު ވީ އެންމެ އަވަހަކަށް، އަދި އެ އެންގުން ލިބޭތާ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި، ކޮމިޓީގެ ނިންމުން އަލުން ބަލައި، ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ދިނުމާމެދު ނިންމުމެއް ނިންމަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ނިންމާ ނިންމުންތަކާ ގުޅޭގޮތުން، މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކުރާ އުސޫލު ހިނގާނެއެވެ.
63 ވަނަ މާއްދާ - ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ދިންކަން އަންގައި، ޓްރާންސްޕްލާންޓްކޮށް ނިންމުން
(ހ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީން ދީ، އެކަން ޓްރާންސްޕްލާންޓްކުރާ ހޮސްޕިޓަލުގެ ޓްރާންސްޕްލާންޓް ކޯޑިނޭޓަރަށް އެންގުމާއެކު، ވީ އެންމެ އަވަހަކަށް، ޓްރާންސްޕްލާންޓްކުރުމަށް ކަނޑައެޅިފައިވާ ޑޮކްޓަރުންގެ ޓީމަށް އެކަން އަންގަންވާނެއެވެ.
(ށ) ޓްރާންސްޕްލާންޓްކުރުން ލަސްކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތްނަމަ، ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީން ދިނުމާއެކު، ވީ އެންމެ އަވަހަކަށް ޓްރާންސްޕްލާންޓްކޮށް ނިންމަންވާނެއެވެ.
64 ވަނަ މާއްދާ - ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ އަލުން ހޯދުން
އެއްވެސް ސަބަބަކާހުރެ، ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީން ދޭތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޓްރާންސްޕްލާންޓްކުރެވިފައިނުވާނަމަ، މި ގާނޫނުގެ 51 ވަނަ މާއްދާއިން ފެށިގެން 56 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ ޓްރާންސްޕްލާންޓްކުރުމުގެ އިޖުރާއަތުތައް އަލުން ހިންގައި، މި ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.
65 ވަނަ މާއްދާ - ޓްރާންސްޕްލާންޓްކުރުމުގެ މިންގަނޑުތައް އެކުލަވާލުން
(ހ) މި ބާބުގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ އިދާރީ އަދި ސިއްހީ މަރުހަލާތައް ކުރިއަށް ގެންދަންޖެހޭ ގޮތުގެ ތަފްސީލީ މިިންގަނޑުތައް ހިމެނޭ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއަތުތައް މިނިސްޓްރީން އެކުލަވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއަތުތައް އެކުލަވާލުމުގައި، ވަކި ބާވަތެއްގެ ގުނަވަނަކަށް ހާއްސަކޮށް ނުވަތަ ވަކި ބާވަތެއްގެ ޓްރާންސްޕްލާންޓްތަކަށް ހާއްސަކޮށް ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅިދާނެއެވެ.
އަށްވަނަ ބާބު
ކުށާއި އަދަބު
66 ވަނަ މާއްދާ - ރުހުން ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓްކުރުން
(ހ) މީހެއްގެ ރުހުމާ ނުލައި، ޓްރާންސްޕްލާންޓްކުރުމަށްޓަކައި އެމީހެއްގެ ހަށިގަނޑުން ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ނެގުމަކީ ނުވަތަ އެފަދައިން ނަގާ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ޓްރާންސްޕްލާންޓްކުރުމަކީ ނުވަތަ އެނޫންވެސް ގޮތަކަށް ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓްކުރުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރުމަށް އެހީތެރިވުމަކީ،ވނުވަތަ އެއިން ކަމެއް ކުރުމުގައި ބައިވެރިވުމަކީ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ގާނޫނާ ހިލާފަށް މީހެއްގެ ރުހުމާ ނުލައި އެމީހެއްގެ ހަށިގަނޑުން ގުނަވަނެއް ނެގުން ކަމަށް ބުނެފައި އެވަނ،ީ ހުއްދަކޮށްފައިވާ ގުނަވަން ހަދިޔާކުރެވޭ ފަރާތަށް ނޫން ގޮތަކަށް ގުނަވަން ޓްރާންސްޕްލާންޓްކުރުން ހިމެނޭހެން، ގާނޫނާ ހިލާފަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމަށް ނުވަތަ އެފަދައިން ޓްރާންސްޕްލާންޓްކުރުމަށްޓަކައި ގުނަވަން ނެގުމަށެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 12 (ބާރަ) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ބ) ގައި ބަޔާންކުރާ ކުށެއް ކުރީ ސިއްހީ ހިދުމަތްދޭ މަރުކަޒަކުންނަމަ، އެ މަރުކަޒެއް 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާއި 1,500,000 (އެއްމިލިޔަން ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 75,000 (ހަތްދިހަފަސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ކ) މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކުރީ ސިއްހީ ހިދުމަތްތެރިއަކުނަމަ، އެފަރާތެއްގެ އަދަބަކީ، 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ
ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(އ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކުރީ ސިއްހީ ހިދުމަތްދޭ މަރުކަޒަކުންނަމަ، އެ މަރުކަޒެއް، 500,000 (ފަސްލައްކަ) ރުފިޔާއާއި 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
67 ވަނަ މާއްދާ - ގުނަވަނުގެ ވިޔަފާރިކުރުން
(ހ) ޓްރާންސްޕްލާންޓްކުރުމަށްޓަކައި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ވިއްކުމަކީ ނުވަތަ ގަތުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރުމުގައި ބައިވެރިވުމަކީ ނުވަތަ އެހީތެރިވެދިނުމަކީ ކުށެކެވެ.
(ނ) ޓްރާންސްޕްލާންޓްކުރުމަށްޓަކައި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ވިއްކުމަށް ނުވަތަ ގަތުމަށް ހުށަހެޅުމަކީ ކުށެކެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 75,000 (ހަތްދިހަފަސްހާސް) ރުފިޔާއާއި 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 6 )ހައެއް( މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ބ) މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރީ ސިއްހީ ހިދުމަތްތެރިއަކުނަމަ، އެފަރާތެއްގެ އަދަބަކީ، 100,000 (އެއްލައްކަ) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 12 (ބާރަ) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރީ ސިއްހީ ހިދުމަތްދޭ މަރުކަޒަކުންނަމަ، އެ މަރުކަޒެއް، 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
(ކ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 75,000 (ހަތްދިހަފަސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 1 (އެކެއް) މަސްދުވަހާއި 3 (ތިނެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(އ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 50,000 (ފަންސާސްހާސް) ރުފިޔާއާއި 75,000 (ހަތްދިހަފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 15 (ފަނަރަ) ދުވަހާއި 1 (އެކެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ވ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އަމަލެއް ހިންގީ މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކުރާ ފަރާތްތައް ފިޔަވައި އެނޫން ފަރާތަކުންނަމަ، އެފަރާތެއްގެ އަދަބަކީ، 50,000 (ފަންސާސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
ނުވަވަނަ ބާބު
އިދާރީ ފިޔަވަޅު
68 ވަނަ މާއްދާ - ލައިސަންސް ނެތި ހިދުމަތް ދިނުން
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ދިނުމުގެ ހުއްދަނެތި ނުވަތަ ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވެފައިވަނިކޮށް، އެ ހުއްދަ އާނުކޮށް ހިދުމަތް ދިނުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހިންގައިފިނަމަ، އެ މަރުކަޒެއް 2,000,000 (ދެމިލިއަން) ރުފިޔާއާއި 3,000,000 (ތިންމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
69 ވަނަ މާއްދާ - ސައްހަނޫން މައުލޫމާތު ހުށަހެޅުން
(ހ) މި ގާނޫނުގެ ބޭނުމަށް ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ހޯދުމަށް އެދި ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހުށަހަޅާ އެއްވެސް ލިޔެކިޔުމެއްގައި ނުވަތަ އެފަދަ ހުށަހެޅުމެއްގައި ސައްހަނޫން މައުލޫމާތެއް ދިނުމާއި މައުލޫމާތު އޮޅުވާލުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއް ކޮށްފިނަމަ، އެފަދަ މަރުކަޒެއް 1,000,000 (އެއްމިލިއަން) ރުފިޔާއާއި 2,000,000 (ދެމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
70 ވަނަ މާއްދާ - އަދަބު ކަނޑައެޅިފައިނުވާ ކުށް
މި ގާނޫނުގެ ދަށުން އިލްތިޒާމެއް މަތިކޮށްފައިވާ ފަރާތަކުން، މި ގާނޫނުގައި ވަކި އަދަބެއް ކަނޑައެޅިފައިނުވާ، އެހެންނަމަވެސް މި ގާނޫނުގައި ކޮށްގެންނުވާނެ ކަމެއް ކަމަށް ބަޔާންކުރާ ކަމެއް ކޮށްފިނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، އެފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
71 ވަނަ މާއްދާ - މަރުކަޒުތަކުން ކުށްކުރުން
(ހ) މި ގާނޫނުގެ އަށްވަނަ ބާބުގައި ބަޔާންކުރާ ކުށެއް ކުރީ ނުވަތަ ނުވަވަނަ ބާބުގައި ބަޔާންކުރާ އަމަލެއް ކުރީ ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ހޮސްޕިޓަލަކުންނަމަ، ނުވަތަ އެފަދަ ކުށެއް ކުރުމުގައި އެފަދަ ހޮސްޕިޓަލަކުން ބައިވެރިވެއްޖެނަމަ، މި ގާނޫނުގެ ދަށުން އެ ތަނަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރެވޭނެއެވެ.
(ށ) މި ގާނޫނުގެ އަށްވަނަ ބާބުގައި ބަޔާންކުރާ ކުށެއް ކުރީ ނުވަތަ ނުވަވަނަ ބާބުގައި ބަޔާންކުރާ އަމަލެއް ކުރީ ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ހޮސްޕިޓަލަކުން ކަމުގައިވިޔަސް ނުވަތަ އެފަދަ ލައިސަންސެއް ނެތް ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފިޔަވަޅު އެޅުމުގެ އިތުރުން، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ ދަށުން އެ ތަނެއްގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށްޓަކައި، އެ ގާނޫނުގައި ބަޔާންކުރާ ކަމާބެހޭ ފަރާތަށް ނުވަތަ ފަރާތްތަކަށް ހުށަހެޅޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހޮސްޕިޓަލަކާމެދު ފިޔަވަޅު އަޅަންވާނީ، ނުވަތަ މި މާއްދާގެ (ށ) ގެ ދަށުން ހޮސްޕިޓަލެއް ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގެ މައްސަލަ ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގައި ބަޔާންކުރާ ކަމާބެހޭ ފަރާތަށް ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މައްސަލަ ބެލުމަށްފަހު، އޯގަން ޓްރާންސްޕްލާންޓް ކައުންސިލުންނެވެ.
72 ވަނަ މާއްދާ - ސިއްހީ ހިދުމަތްތެރިން ކުށްކުރުން
(ހ) މި ގާނޫނުގެ އަށްވަނަ ބާބުގައި ބަޔާންކުރާ ކުށެއް ކުރީ ނުވަތަ މި ބާބުގައި ބަޔާންކުރާ އަމަލެއް ކުރީ ސިއްހީ ހިދުމަތްތެރިއެއްނަމަ، ނުވަތަ އެފަދަ ކުށެއް ކުރުމުގައި އެފަދަ ފަރާތެއް ބައިވެރިވެއްޖެނަމަ، އެފަރާތެއްގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެދި ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ އެ ހިދުމަތްތެރިއެއް ނިސްބަތްވާ ކައުންސިލަށް ހުށަހެޅޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ސިއްހީ ހިދުމަތްތެރިއެއްގެ މައްސަލަ ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގައި ބަޔާންކުރާ ކަމާބެހޭ ފަރާތަށް ހުށަހަޅަންވާނ،ީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މައްސަލަ ބެލުމަށްފަހ،ު އޯގަން ޓްރާންސްޕްލާންޓް ކައުންސިލުންނެވެ.
73 ވަނަ މާއްދާ - ޖިނާއީ ދައުވާކުރުން
މި ގާނޫނުގައި ކޮށްގެންނުވާނެ ކަމަށް ކަނޑައަޅާފައިވާ އަމަލަކީ، ގާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު( ގެ ދަށުން ނުވަތަ އެހެންވެސް ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއްނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާމެދު މި ގާނޫނުގެ ދަށުން ކަނޑައެޅޭ އިދާރީ ފިޔަވަޅެއް ކަނޑައެޅުމުގެ އިތުރުން، ކަމާބެހޭ ގާނޫނުގެ ދަށުން އެމީހެއްގެ މައްޗަށް އެ ކުށުގެ ޖިނާއީ ދައުވާ އުފުލުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
ދިހަވަނަ ބާބު
އާންމު ކަންކަން
74 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުމާއި ރިޕޯޓުކުރުން
(ހ) ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތްދޭ ހޮސްޕިޓަލުތަކުން، އެ ހޮސްޕިޓަލުތަކުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމަށް ހިންގާ އޮޕަރޭށަންތަކާބެހޭ ރިކޯޑ،ު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ބަލަހައްޓައި، ކޮންމެ އަހަރެއްގެ ޖޫން މަސް އަދި ޑިސެންބަރު މަސް ނިމުމުގެ ކުރިން އެ މައުލޫމާތު އޯގަން ޓްރާންސްޕްލާންޓް ކައުންސިލަށް ފޮނުވަންވާނެއެވެ.
(ށ) ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ދިނުމަށް އެދި މި ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީއަށް ހުށަހެޅޭ ހުށަހެޅުންތަކާމެދު އެ ކޮމިޓީން ބެލި ބެލުންތަކާއި، އެ ހުށަހެޅުންތަކާމެދު އެ ކޮމިޓީން ނިންމި ނިންމުންތަކުގެ ރިކޯޑ،ު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ބަލަހައްޓައި، ކޮންމެ އަހަރެއްގެ ޖޫން މަސް އަދި ޑިސެންބަރު މަސް ނިމުމުގެ ކުރިން، ވޭތުވެދިޔަ މުއްދަތުގެ މައުލޫމާތު އޯގަން ޓްރާންސްޕްލާންޓް ކައުންސިލަށް ފޮނުވަންވާނެއެވެ.
(ނ) އަންނަނިވި މައުލޫމާތު ހިމެނޭހެން، ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތްތަކާބެހޭ ގައުމީ ދަފްތަރެއް އޯގަން ޓްރާންސްޕްލާންޓް ކައުންސިލުން އެކުލަވާލައި، ބަލަހައްޓަންވާނެއެވެ.
- ގުނަވަން ލިބިގަންނަ ފަރާތުގެ ކަމާ ގުޅުންހުރި ސިއްހީ މައުލޫމާތު؛
- ގުނަވަން ހަދިޔާކުރާ ފަރާތުގެ ސިއްހީ މައުލޫމާތު؛
- ގުނަވަން ލިބިގަންނަ ފަރާތާއި ގުނަވަން ހަދިޔާކުރާ ފަރާތުގެ ޑިމޮގްރަފިކް މައުލޫމާތު؛
- ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ އޮޕަރޭށަނާގުޅޭ މައުލޫމާތު؛
- ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ އޮޕަރޭށަނަށްފަހު ދިމާވާ ސިއްހީ މުހިންމު މައުލޫމާތ.ު
(ރ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން އޯގަން ޓްރާންސްޕްލާންޓް ކައުންސިލަށް ހުށަހަޅާ މައުލޫމާތާއި، މި މާއްދާގެ (ނ) ގެ ދަށުން އެކުލަވާލާ ދަފްތަރުގައި ހިމެނޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ނަވަން ޓްރާންސްޕްލާންޓްކުރުމާބެހޭ ތަފާސްހިސާބުތައް ހިމެނޭ އަހަރީ ރިޕޯޓެއް އޯގަން ޓްރާންސްޕްލާންޓް ކައުންސިލުން އެކުލަވާލައި، އާންމުކުރަންވާނެއެވެ.
75 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
މި ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލާއި ކޮމިޓީތަކުގެ މެންބަރުންނަށާއި، ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާ މުވައްޒަފުންނަށް، އެމީހުންގެ މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތުތަކަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެވެ. އަދި އެފަދަ މައުލޫމާތެއް، ހިދުމަތް ދިނުމަށާއި ފޯރުކޮށްދިނުމުގައި ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި، އިތުރު އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
76 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއަތުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.
(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
77 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން
މި ގާނޫނަށް އަމަލުކުރަން ފަށާނ،ީ މި ގާނޫނު ފާސްވ،ެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
78 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނ،ީ އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.
(ހ) "ގުނަވަން" ކަމަށް ބުނެފައި އެވަނ،ީ އިންސާނެއްގެ ހަށިގަނޑުގައި ވަކި ހާއްސަ މަސައްކަތެއް އަދާކުރ،ާ އަދި ވަކި ހާއްސިއްޔަތުތަކެއް ލިބިފައިވ،ާ ސެލްއާއި ޓިށޫގެ މައްޗަށް އެކުލެވޭގޮތުން އުފެދިފައިވާ ހަށިގަނޑުގެ ބަޔަށެވެ. އަދި މި ގާނޫނުގައި "ގުނަވަން" ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އެ ލަފްޒު ބޭނުންކޮށްފައި އެވަނީ "ގުނަވަނުގެ ބައެއް" ވެސް ހިމެނޭގޮތުންނެވެ.
(ށ) "ގުނަވަނުގެ ބައެއް" ކަމަށް ބުނެފައި އެވަނ،ީ ވަކި ގުނަވަނެއްގެ ޓިށޫއާއި ސެލް ހިމެނޭ އެ ގުނަވަނުގެ ބަޔަކަށެވެ.
(ނ) "ގުނަވަން ހަދިޔާކުރުން" ކަމަށް ބުނެފައި އެވަނ،ީ ޓްރާންސްޕްލާންޓްކުރުމުގެ ބޭނުމަށް އެމީހެއްގެ ހަށިގަނޑުން ސިއްހަތު ރަނގަޅު ގުނަވަނެއް ނެގުމަށެވެ.
(ރ) "ގުނަވަން ލިބިގަތުން" ކަމަށް ބުނެފައި އެވަނ،ީ ޓްރާންސްޕްލާންޓްކުރުމަށްޓަކައި ގުނަވަން ހަދިޔާކުރާ ފަރާތުގެ ހަށިގަނޑުން ނަގާ ގުނަވަން، ގުނަވަން ލިބިގަންނަ ފަރާތުގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓްކުރުމަށެވެ.
(ބ) "ގުނަވަން ޓްރާންސްޕްލާންޓްކުރުން" ނުވަތަ "ޓްރާންސްޕްލާންޓްކުރުން" ކަމަށް ބުނެފައި އެވަނ،ީ މެޑިކަލް ޕްރޮސީޖަރއެއްގެ ތެރެއިން، އިންސާނެއްގެ ހަށިގަނޑުން ފެއިލްވެފައިވާ ނުވަތަ ފެއިލްވަމުންދާ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއްގެ ބަދަލުގައި، އެހެން އިންސާނެއްގެ ސިއްހަތު ރަނގަޅު ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް، ފެއިލްވެފައިވާ ނުވަތަ ފެއިލްވަމުންދާ ގުނަވަން ނުވަތަ ގުނަވަނުން ބައެއް ނިސްބަތްވާ ހަށިގަނޑާ ގުޅުވުމަށެވެ.
(ޅ)"ސިއްހީ ހިދުމަތްތެރިން" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ ދަށުން ލައިސަންސް ލިބިފައިވާ މެޑިކަލް ޕްރެކްޓިށަނަރުން ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރުން ނުވަތަ ނަރުހުން ނުވަތަ މިޑްވައިފުން ނުވަތަ އެލައިޑް ހެލްތް ޕްރޮފެށަނަލުން ނުވަތަ އެ ގާނޫނުގައި ބަޔާންކުރާ އެނޫންވެސް ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންނަށެވެ.
(ކ) "ޑިމޮގްރަފިކް މައުލޫމާތުތައް" ކަމަށް ބުނެފައި އެވަނ،ީ މީހާގެ އުމުރާއި، ޖިންސ،ް ތައުލީމީ ފެންވަރު،ވަޒީފާއާބެހޭ މައުލޫމާތުތަކާއި، އާމްދަނީއަށް ލިބޭ މިންވަރު،ކައިވެނީގެ މައުލޫމާތާއި، އާއިލީ މައުލޫމާތާއި، ގެދޮރުވެރިކަމާއި އަދި ކުރާ ވިޔަފާރިއާބެހޭ މައުލޫމާތުތަކަށެވެ.
(އ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނ،ީ ސަރުކާރުގެ ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ވ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނ،ީ ސަރުކާރުގެ ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(މ) "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" ކަމަށް ބުނެފައި އެވަނ،ީ މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކައުންސިލަށެވެ.
(ފ) "އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭށަން ކޮމިޓީ" ނުވަތަ "އޮތޮރައިޒޭށަން ކޮމިޓީ" ކަމަށް ބުނެފައި އެވަނ،ީ މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީއަށެވެ.
(ދ) "އޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީ" ނުވަތަ "ކްލިނިކަލް ކޮމިޓީ" ކަމަށް ބުނެފައި އެވަނ،ީ މި ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން ހޮސްޕިޓަލުގައި ގާއިމުކުރާ ކޮމިޓީއަށެވެ.
(ތ) "އޯގަން ޓްރާންސްޕްލާންޓް އެތިކްސް ކޮމިޓީ" ނުވަތަ "އެތިކްސް ކޮމިޓީ" ކަމަށް ބުނެފައި އެވަނ،ީ މި ގާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ހޮސްޕިޓަލުގައި ގާއިމުކުރާ ކޮމިޓީއަށެވެ.
(ލ) "އޯގަން ޓްރާންސްޕްލާންޓް ކޯޑިނޭޓަރ" ނުވަތަ "ޓްރާންސްޕްލާންޓް ކޯޑިނޭޓަރު" ނުވަތަ "ކޯޑިނޭޓަރ" ކަމަށް ބުނެފައި އެވަނ،ީ މި ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތަށެވެ. "ގުނަވަން ހަދިޔާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނ،ީ
(ގ) "ގުނަވަން ހަދިޔާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޓްރާންސްޕްލާންޓްކުރުމުގެ ބޭނުމަށް އެމީހެއްގެ ހަށިގަނޑުން ސިއްހަތު ރަނގަޅު ގުނަވަނެއް ނެގުމަށް ރުހުން ދޭ ފަރާތަށެވެ.
(ޏ) "ގުނަވަން ލިބިގަންނަ ފަރާތް" ކަމަށް ބުނެފައި އެވަނ،ީ ޓްރާންސްޕްލާންޓްކުރުމަށްޓަކައި ގުނަވަން ހަދިޔާކުރާ ފަރާތުގެ ހަށިގަނޑުން ނަގާ ގުނަވަން އެފަރާތުގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓްކުރާ ފަރާތަށެވެ.
(ސ) "ރުހުން ދިނުން" ނުވަތަ "ރުހުން އޮތުން" ކަމަށް ބުނެފައި އެވަނ،ީ ޓްރާންސްޕްލާންޓްކުރުމަށްޓަކައި ގުނަވަން ހަދިޔާކުރުމަށް އަދ/ިނުވަތަ ގުނަވަން ލިބިގަތުމަށް، ކަމާބެހޭ އެންމެހައި މައުލޫމާތު އެނގިހުރެ، އެއްވެސް މަޖުބޫރުކަމެއް ނެތި އަދި މާލީ އެއްވެސް މަންފާއެއް ލިބިގަތުމެއް ނުވަތަ ދިނުމެއް ނެތ،ި އަމިއްލަ އިހްތިޔާރުގައި އެއްބަސްވުމަށެވެ.
(ޑ) "ސްވޮޕް ޑޮނޭށަންގެ އުސޫލުން ޓްރާންސްޕްލާންޓްކުރުން" ކަމަށް ބުނެފައި އެވަނ،ީ ގުނަވަނެއް ލިބިގަތުމަށް އެދޭ ފަރާތާއި ގުނަވަން ހަދިޔާކުރުމަށް ހުށަހަޅާ ފަރާތް ޓްރާންސްޕްލާންޓްކުރުމަށް ކޮމްޕެޓިބަލްނުވުމުގެ ސަބަބުން ޓްރާންސްޕްލާންޓްކުރުމަށް ހުރަސްއެޅިފައިވާނަމަ، އަދި ހަމަ އެ ހާލަތުގައި ހުރި ގުނަވަނެއް ލިބިގަތުމަށް އެދޭ ފަރާތަކާއި ގުނަވަން ހަދިޔާކުރުމަށް ހުށަހަޅާ ފަރާތެއް ހުރެފައި، އެ ދެ ޖޯޑުގައި ހިމެނޭ ގުނަވަން ލިބޭ ދެފަރާތް ބަދަލުކޮށްފިނަމަ އެފަރާތްތަކުގެ ޓްރާންސްޕްލާންޓް ކުރިއަށް ގެންދިޔުމަށް ކޮމްޕެޓިބަލްވުމުގެ ސަބަބުން، އެފަދައިން ހަމަޖައްސައި އެ ދެ ޓްރާންސްޕްލާންޓް ކުރިއަށް ގެންދިޔުމަށެވެ.
(ޒ) "ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް" ކަމަށް ބުނެފައި އެވަނ،ީ ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމުގެ ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 5-1 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް އަށެވެ.
(ޓ) "ޑޮކްޓަރު" ނުވަތަ "ޑޮކްޓަރުން" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ ދަށުން ލައިސަންސް ލިބިފައިވާ މެޑިކަލް ޕްރެކްޓިށަނަރުންނަށެވެ.
(ޔ) "ނަރުހެއް" ނުވަތަ "ނަރުހުން" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ ދަށުން ލައިސަންސް ލިބިފައިވާ ނަރުހުންނަށެވެ.
ކިޔުންތެރިންގެ ހިޔާލު