-

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 2013-06) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-17)

 

ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވިޔަފާރީގެ ގިންތިތައް 3.

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ވިޔަފާރި ބެހިގެންވަނީ އަންނަނިވި 3 (ތިނެއް) ގިންތިއަށެވެ.

  1. އެންމެ ކުދި ފަންތީގެ ވިޔަފާރި؛
  2. ކުދި ފަންތީގެ ވިޔަފާރި؛ އަދި
  3. މެދު ފަންތީގެ ވިޔަފާރި.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ވަކި ގިންތިއަކަށް ވިޔަފާރިއެއް ކަނޑައެޅުމުގައި ބަލާނީ، އެ ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދަށާއި، އަހަރަކަށް ލިބޭ އާމްދަނީގެ ޖުމްލަ އަދަދަށާއި، އަހަރަކަށް ލިބޭ ސާފު ފައިދާގެ އަދަދަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ވަކި ގިންތިއެއްގައި ވިޔަފާރިއެއް ހިމެނުމުގައި ބަލާނީ، އަންނަނިވި ތާވަލުގައި ބަޔާންކުރާ މިންގަނޑުތަކުން އެ ވިޔަފާރިއެއް ނިސްބަތްވާ ވަކި ގިންތިއަކަށެވެ.

 

ނިސްބަތްވާ ގިންތި     މުވައްޒަފުންގެ އަދަދު  ޖުމްލަ އާމްދަނީ  ސާފު ފައިދާ (ނެޓް ޕްރޮފިޓް)
އެންމެ ކުދި 0-5    500،000 (ފަސްލައްކަ ރުފިޔާއާ ހަމައަށް 75،000 (ހަތްދިހަފަސްހާސް ރުފިޔާއާ ހަމައަށް)
 ކުދި    6-30     500،000 (ފަސްލައްކަ ރުފިޔާއަށްވުރ މަތި، 5،000،000 (ފަސްމިލިޔަން) ރުފިޔާއާ ހަމައަށް  75،000 (ހަތްދިހަފަސްހާސް) ރުފިޔާއަށްވުރެން މަތި، 750،000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ހަމައަށް.
 މެދު    31-100      500،000 (ފަސްލައްކަ ރުފިޔާއަށްވުރ މަތި، 5،000،000 (ފަސްމިލިޔަން) ރުފިޔާއަށްވުރެ މަތި، 20،000،000 (ވިހިމިލިޔަން ރުފިޔާއާ ހަމައަށް  750،000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެން މަތި، 3،000،000 (ތިންމިލިޔަން) ރުފިޔާއާ ހަމައަށް.

 

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވިޔަފާރި ގިންތިކުރާއިރު، ވަކި ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި، އެ ވިޔަފާރިއަކަށް ލިބޭ އާމްދަނީގެ އަދަދާއި ސާފު ފައިދާގެ އަދަދު، އެއިން ވަކި އެއް ގިންތިއެއްގައި ބަޔާންކޮށްފައިވާ 3 (ތިނެއް) މިންގަނޑަށް ނުފެތޭނަމަ، އެ ވިޔަފާރި ގިންތިކުރާނީ، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ފޯމިއުލާ ބޭނުންކޮށްގެން، ކޮންމެ މިންގަނޑަކަށް ވަކި ނިސްބަތަކުން އިސްކަންދޭ އުސޫލުން ނުކުންނަ ނަތީޖާއަށް ރިއާޔަތްކޮށެވެ.

(ބ) މި ގާނޫނުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުމުގެ ބޭނުމަށްޓަކައި، އެއްވެސް ވިޔަފާރިއެއް ގެ މުވައްޒަފުންގެ އަދަދު ނުވަތަ ޖުމްލަ އާމްދަނީގެ އަދަދު ނުވަތަ ސާފު ފައިދާގެ އަދަދު، މި މާއްދާގެ (ނ) ގައި ހިމެނޭ ތާވަލުގައި ބަޔާންކޮށްފައިވާ އެންމެ މަތީ އަދަދަށްވުރެ އިތުރުނަމަ، އެ ވިޔަފާރިއަކީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ނުބެލޭނެއެވެ. 

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކުގައި ހިމެނޭ ވިޔަފާރި ތަރައްގީކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށް އަމަލީގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައަޅައި، އެ ހަރަކާތްތައް ތަންފީޒުކުރުމާއި، ކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާނެ އިސް ފަރާތަކީ މިނިސްޓްރީއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއް ގިންތިން އަނެއް ގިންތިއަށް ބަދަލުކުރުން 4.

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން، އެއް ގިންތިއެއްގައި ހިމެނޭ ވިޔަފާރިއެއް އަނެއް ގިންތިއަކަށް ބަދަލުކުރެވޭނީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައެވެ.

  1. މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން، ރަޖިސްޓްރާރަށް ހުށަހަޅާ ވިޔަފާރިތަކުގެ މައުލޫމާތުތަކަށް ރިއާޔަތްކޮށް، ކޮންމެ އަހަރަކު އެއް ފަހަރު، އެ އަހަރުގެ އޮގަސްޓު މަސް ނިމުމުގެ ކުރިން؛ ނުވަތަ
  2. ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދު ނުވަތަ ވޭތުވެދިޔަ އަހަރު ލިބުނު އާމްދަނީގެ ޖުމްލަ އަދަދު ނުވަތަ ސާފު ފައިދާގެ އަދަދަށް އަންނަ ބަދަލަކާ ގުޅިގެން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، އެ ވިޔަފާރިއަކުން ރަޖިސްޓްރާރަށް ހުށަހަޅާފައިވުން. 

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ޓެކްސް ބަޔާނާއެކީ މީރާއަށް ހުށަހަޅާ އަންނަނިވި މައުލޫމާތު، ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދު؛
  2. ވިޔަފާރިތަކުގެ ވޭތުވެދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ އަދަދު؛ އަދި
  3. ވިޔަފާރިތަކުގެ ވޭތުވެދިޔަ އަހަރުގެ ސާފު ފައިދާގެ އަދަދު.

(ނ) ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލުން ގިންތިކޮށް ދަފްތަރުކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދަފްތަރު 5.

(ހ) މި ގާނޫނުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކަށް ކަނޑައަޅައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަފްތަރުކޮށް، ރަޖިސްޓްރާރ ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގައި ހިމެނޭ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އާންމުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ރަޖިސްޓްރާރ ގާއިމުކުރަންވާނެއެވެ. އަދި އެ ދަފްތަރުގައި ހިމެނޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން ފީއެއް ނެގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ 6 ވަނަ މާއްދާ އުނިކުރުން.

މެދު ފަންތީގެ ވިޔަފާރި 6.

މެދު ފަންތީގެ ވިޔަފާރި ކަމަށް ބުނެފައިއެވަނީ، ވަޒީފާއަދާކުރާ މުވައްޒަފުންގެ އަދަދު 31 (އެއްތިރީސް) އާއި 100 (ސަތޭކަ) އާ ދެމެދުގެ އަދަދަކަށް ވުމާއެކު، އަހަރެއްގެ މައްޗަށް 5،000،001 ( ފަސް މިލިއަން އެކެއް) ރުފިޔާއާއި 20،000،000 (ވިހި މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖުމްލަ އާމްދަނީ ލިބޭ ވިޔަފާރިތަކަށެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ 7 ވަނަ މާއްދާ އުނިކުރުން.

ގިންތިތަކުގެ މާނައަށް ބަދަލު ގެނައުން 7.

މި ގާނޫނުގެ 5 ވަނަ މާއްދާ އާއި 6 ވަނަ މާއްދާގައި ބުނެފައިވާ ފައިސާގެ އަދަދުތަކަށް ބަދަލުގެނައުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ގިންތިކުރުމުގައި ބަލާނެ މިންގަނޑުތަކަށް ބަދަލުގެނައުމާއި އެ ވިޔަފާރިތަކުގެ ވަކި ދާއިރާއެއް ވަކި ގިންތިއެއްގެ ބޭނުމަށްޓަކައި ބަދަލުގެނައުން ހިމެނޭގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ގާނޫނުގައި ދެވިފައިވާ މާނައިގައި އެއްވެސް ބަޔަކަށް ބަދަލުގެނައުމަށްޓަކައި ގަވާއިދު ހެދިދާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މާއްދާގެ (ހ) ގެ ދަށުން އުފައްދާ ކައުންސިލަކީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކުގައި ހިމެނޭ ވިޔަފާރި ތަރައްގީކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށް އަމަލީގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައެޅުމުގައި މިނިސްޓްރީއަށް ލަފާދޭ މައިގަނޑު ފަރާތެވެ.


 7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ)  ކައުންސިލުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ މިނިސްޓްރީންނެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކައުންސިލުގެ މެންބަރުން 13.

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލު އެކުލެވިގެންވަނީ، އަންނަނިވި 14 (ސާދަ) މެންބަރުންގެ މައްޗަށެވެ.

(ހ) އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރު؛

(ށ) މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރު؛

(ނ) ފަތުރުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރު؛

(ރ) މާލީ ކަންކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރު؛

(ބ) އަންހެން ވިޔަފާރިވެރިން ތަމްސީލުކުރާ މަންދޫބެއް؛

(ޅ) މަސްވެރިކަމުގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(ކ) ދަނޑުވެރިކަމުގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(އ) ފަތުރުވެރިކަމުގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(ވ) އިންފޮމޭށަން، ކޮމިއުނިކޭށަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(މ) އިމާރާތްކުރުމުގެ ދާއިރާއިން ، އެ ދާއިރާގެ ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(ފ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންށަލް ސެކްޓަރގެ އިސް އޮފިށަލެއް ؛

(ދ) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިސް އޮފިށަލެއް؛

(ތ) މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ބިޒްނަސް ސެންޓަރ ކޯޕަރޭށަން
ލިމިޓެޑް (ބީ.ސީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ސީ.އީ.އޯ؛

(ލ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭށަން ލިމިޓެޑް (އެސް.ޑީ.އެފް.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ސީ.އީ.އޯ.

 

 9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާއަކީ، އެ މާއްދާގެ (ހ) ގެ ގޮތުގައި ހަމަޖައްސައި، އެ މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ށ)  މި ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)، (ށ(، (ނ) އަދި (ރ) ގައި 14 ބަޔާންކޮށްފައިވާ މެންބަރުންކުރެ މެންބަރަކު، ކައުންސިލުގެ ޖަލްސާއަކަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، އެ މެންބަރެއްގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވުމަށް، އެ ވުޒާރާއެއްގެ އިސް އޮފިށަލަކު އައްޔަންކުރުމުގެ އިހްތިޔާރު އެ މެންބަރަކަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކައުންސިލުގެ ޖަލްސާ 15.

ކައުންސިލުގެ ޖަލްސާ، މީލާދީ އަހަރުގެ ކޮންމެ ކުއާޓަރއެއްގައި މަދުވެގެން 2 (ދޭއް) ފަހަރު ބާއްވަންވާނެއެވެ. 

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަތަރުވަނަ ބާބު އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ހަތަރުވަނަ ބާބު

ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ ކުންފުންޏާއި މަރުކަޒުތައް

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެހިދުމަތްދޭ ކުންފުނި 23.

(ހ)  މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް މި ގާނޫނުގެ ދަށުން އެކަށައަޅާ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ވިލަރެސްކޮށް، ރާވަ އި، ހިންގުމަށްޓަކައި، މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުންފުންޏަކީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 3/2017 (20 މާޗް 2017) އިން އުފައްދާފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭށަން ލިމިޓެޑް (ބީ.ސީ.ސީ) އެވެ.

(ނ) ބީ.ސީ.ސީގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

  1. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛
  2. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އިސްކަންދިނުމަށް މިނިސްޓަރު ކަނޑައަޅާ ދާއިރާތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހާއްސަ އަހަންމިއްޔަތުކަމެއް ދިނުން؛
  3. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅުންހުރި، ވިޔަފާރި ހިންގުމުގެ އާ ގޮތްތައް ކުރިއެރުވުމަށް ބޭނުންވާނެ ޕްރޮގްރާމްތައް ހިންގުމާއި ހިދުމަތްދިނުން؛
  4. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އެ ވިޔަފާރިތަކަށްއެހީތެރިކަން ފޯރުކޮށްދިނުން؛
  5. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި، ކުންފުންޏަށް މާލީ ފައިދާ ހޯދުމަށް އިސްކަން ދިނުމަށްވުރެ ހިދުމަތް ފޯރުކޮށްދިނުމުގެ ރޫހުގައި ޕްރޮގްރާމްތައް ހިންގުން.

(ރ) މި ގާނޫނުގެ ދަށުން ބީ.ސީ.ސީއާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުމާގުޅޭ ސިޔާސަތުތަކާއި އެހެނިހެން އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) ބީ.ސީ.ސީއާއި މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒުތައް ހިންގުމަށް ކައުންސިލުގެ ލަފާގެ މަތިން ވަކި ބަޖެޓެއް އެކުލަވާލުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން އެކުލަވާލާ ބަޖެޓު، ދައުލަތުގެ ބަޖެޓުގައި ހިމެނިދާނެއެވެ.

 

ވިޔަފާރި ތަރައްގީ ކުރުމުގެ ހިދުމަތްދޭ މަރުކަޒު 24.

 (ހ)  ގާނޫނު ނަންބަރު 6/2013 (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް ދެމުންދާ މަރުކަޒުތައް ބީ.ސީ.ސީއިން އަލުން ގާއިމުކުރުމާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް ދިނުމަށް އިތުރަށް ބޭނުންވާނެ މަރުކަޒުތައް، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ބީ.ސީ.ސީއިން ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތައް ގާއިމުކުރާނެ ގޮތާއި، ގާއިމުކުރާނެ ތަންތަން ކަނޑައެޅުމުގެ އުސޫލާއި، އެ މަރުކަޒުތަކުން ދިނުމަށް ކަނޑައަޅާ ހިދުމަތްތަކާއި، އެ މަރުކަޒުތައް ހިންގުމާގުޅޭ އެހެނިހެން އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

އަހަރީ ބަޖެޓާއި މަސައްކަތުގެ ޕްލޭން 25.

މިގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނީގެ އަހަރީ ބަޖެޓާއި، މަސައްކަތްތައް ތަންފީޒުކުރާނެ ގޮތުގެ އެކްށަން ޕްލޭން ކުންފުނިން އެކުލަވާލައި، މިނިސްޓްރީއަށް ހުށަހަޅައި، ކައުންސިލުގެ ލަފާގެ މަތިން، މިނިސްޓްރީގެ ރުހުން ހޯދަންވާނެއެވެ.

 

އަހަރީ ރިޕޯޓު 26.

ގާނޫނު ނަންބަރު 6/2013 (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި، އަދި ޖެހިގެން އަންނަ ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ބީ.ސީ.ސީއިން ހިންގާފައިވާ މައިގަނޑު ހަރަކާތްތަކާއި، ނިންމާފައިވާ މުހިންމު ނިންމުންތަކާއި، މި ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތުގެ ޕްލޭން ތަންފީޒުކުރުމަށް ކުރެވުނު މަސައްކަތްތައް ބަޔާންކޮށް، ބީ.ސީ.ސީއިން އަހަރީ ރިޕޯޓެއް އެކުލަވާލަންވާނެއެވެ. އަދި، ވިދިގެން އަންނަ މާޗް މަހުގެ ނިޔަލަށް، މިނިސްޓްރީއަށާއި ކައުންސިލަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.

 

ފީނެގުން 27.

މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބީ.ސީ.ސީއާއި މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒުތަކުން، މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފީއެއް ނެގިދާނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ސްކީމްގެ މަގްސަދު 29.

މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްކީމްގެ މަގްސަދުތަކަކީ، ދަރަންޏަށް ފައިސާ ހޯދުމުގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ނައްތާލުމުގައި އެހީތެރިވެދިނުމުގެ ގޮތުން، އަންނަނިވި ކަންކަން ކުރުމެވެ.

(ހ) ވިޔަފާރިތަކަށް ދަރަންޏަށް ފައިސާ ދޫކުރުން؛

(ށ) ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައި ލުއި ފަސޭހަ އުސޫލުތަކެއް ގެންގުޅުމަށް ބޭންކުތަކަށް ހިތްވަރު ދިނުން؛

(ނ) ދަރަންޏަށް ފައިސާ ހޯދުމުގެ ގާބިލުކަން އެ ވިޔަފާރިތަކުގެ ކިބައިގައި އިތުރުކުރުމުގެ ގޮތުން ކްރެޑިޓް ގެރެންޓީ ސްކީމެއް ތައާރަފްކުރުން؛

(ރ) ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރުމަށް، ކައުންސިލުގެ ލަފާގެ މަތިން މިނިސްޓްރީން ކަނޑައަޅާ އެހެނިހެން ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުން.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން. 

(އ) ސަރުކާރުން ހިންގާ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށްޓަކައި، އެފަދަ ކޯހަކަށް ހިނގާ ހަރަދު ދެއްކުމަށް ދެވޭ ފައިސާގެ އެހީ ނުވަތަ އަނބުރާ ދައްކާގޮތަށް ދެވޭ ލޯނަކަށް

(ވ) ކައުންސިލުގެ ލަފާގެ މަތިން މިނިސްޓްރީން ކަނޑައަޅާ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަށްރޫއެއް، މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބީ.ސީ.ސީ މެދުވެރިކޮށް ހިންގުމަށްޓަކައި، ބީ.ސީ.ސީއަށް.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފައިސާގެ އަދަދު 36.

މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ވިޔަފާރިތަކަށް ދޫކުރާ ފައިސާގެ އެންމެ ބޮޑު އަދަދަކީ 3،00،000 (ތިން މިލިއަން) ރުފިޔާއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 40 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ފައިސާގެ އިތުރުން، މި ގާނޫނުގެ 30 ވަނަ  މާއްދާގައި ބަޔާންކޮށްފައިވާ ފަންޑު ހިންގުމަށާއި، މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބީ.ސީ.ސީ ހިންގުމަށް ކެޕިޓަލް ނުވަތަ ލޯނުގެ ގޮތުގައި ބޭނުންވާނެ ބަޖެޓާއި މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްކީމް ހިންގުމަށާއި، އެ ސްކީމްގެ މަގްސަދުތައް ހާސިލުކުރުމަށާއި، މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމަށް ބޭނުންވާ ބަޖެޓު، ކައުންސިލުގެ ލަފާގެ މަތިން މިނިސްޓްރީން އެކުލަވާލައި، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް މާލީ ކަންކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ 44 ވަނަ މާއްދާ އުނިކުރުން.

(ހ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލިޔެ ދަފްތަރުކޮށް، ރަޖިސްޓްރާރ ބަލަހައްޓަންވާނެއެވެ.

(ށ)  މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރު، އެއްވެސް ފީއަކާ ނުލައި އާންމުންނަށް އިންޓަރނެޓްގެ ޒަރީއާއިން ބެލޭނެ އިންތިޒާމް ރަޖިސްޓްރާރ ހަމަޖައްސަންވާނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ އަށްވަނަ ބާބު އުނިކުރުން.

 

އަށްވަނަ ބާބު

ވަޒީފާއަދާކުރާ ފަރާތްތަކާގުޅޭ

މި ގާނޫނަށް އިސްކަންދިނުން 47.

މި ގާނޫނުގެ 51 ވަނަ މާއްދާއިން ފެށިގެން 53 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކަކީ، އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފާ
އަދާކުރާ ފަރާތްތަކަށް ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމާ ގުޅޭގޮތުން، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އަމަލުކުރަންޖެހޭ ހާއްސަ އުސޫލުތަކެކެވެ.

 

ވަޒީފާއާބެހޭ ގާނޫނުގެ މައްޗަށް މި ގާނޫނު ހިނގުން 48.

(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގައި އިށާރާތްކުރާ ހާއްސަ އުސޫލުތައް މި ގާނޫނުގައި ބަޔާންކުރުމުން، އެކަންކަމާ ގުޅޭގޮތުން ގާނޫނު ނަންބަރު 2008-02  (ވަޒީފާއާބެހޭ ގާނޫނު) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމުގައި ހިނގާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާއްސަ އުސޫލުތަކެވެ.

(ށ) މި ގާނޫނުގެ 47 ވަނަ މާއްދާގައި އިށާރާތްކުރާ ހާއްސަ އުސޫލުތައް މި ގާނޫނުގައި ބަޔާންކުރުމުން، އެކަންކަމާ ގުޅޭގޮތުން އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އަމުރެއްގައި ނުވަތަ އުސޫލެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމާ ގުޅޭގޮތުންއެ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އަމުރެއް ނުވަތަ އުސޫލެއްގެ މައްޗަށް ހިނގާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާއްސަ އުސޫލުތަކެވެ.

 

އިސްލާހުވުން 49.

މި ގާނޫނުގެ 47 ވަނަ މާއްދާގައި އިށާރާތްކުރާ ހާއްސަ އުސޫލުތައް މި ގާނޫނުގައި ބަޔާންކުރުމުން، އެ ހާއްސަ އުސޫލުތަކާ ހިލާފު އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އަމުރެއް ނުވަތަ އުސޫލެއްވާނަމަ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެ ފަދައިން ތައާރުޟުވާ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އަމުރެއް ނުވަތަ އުސޫލެއްގެ ތައާރުޟުވާ މިންވަރު، އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމާ ގުޅޭގޮތުން އިސްލާހުވީއެވެ.

 

ހާއްސަ އުސޫލުތަކުގެ މަންފާ ލިބޭނެ ފަރާތްތައް 50.

މި ގާނޫނުގެ 51 ވަނަ މާއްދާއިން ފެށިގެން 53 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ހާއްސަ އުސޫލުތަކުގެ މަންފާ ލިބިދެވޭނީ، މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ، އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް އެކަންޏެވެ.

 

ދުވާލެއްގެ މައްޗަށް އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭ ގަޑި 51.

(ހ) ވަޒީފާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް،

އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފާއަދާކުރާ ފަރާތްތަކުން، ވަޒީފާއަދާކުރާ ކޮންމެ ދުވަހަކު އިތުރު 2 (ދޭއް) ގަޑިއިރު މަސައްކަތްކުރުމަށް ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު ސޮއިކުރެވޭ ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ. ނަމަވެސް، އެގޮތުން ވަޒީފާއަދާކުރާ ކޮންމެ ދުވަހަކަށް އިތުރުކުރެވޭ  2 (ދޭއް) ގަޑިއިރަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތުމަކުން، އެ އަކުރުގައި ބަޔާންކުރާ 2 (ދޭއް) ގަޑިއިރުގެ އިތުރުން، އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށް، ވަޒީފާއާބެހޭ ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިތުރު ގަޑީގައި މަސައްކަތްކުރުވުމަކަށް ހުރަހެއް ނެތެވެ. 

 

އަރާމުކުރުމަށް ވަގުތު ދިނުން 52. 

ވަޒީފާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފާއަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތާ ދެމެދު ސޮއިކުރެވޭ ވަޒީފާގެ އެއްބަސްވުމުގައި، ވިދިވިދިގެން 6 (ހައެއް) ދުވަހު މަސައްކަތްކުރުމަށްފަހު، ވަޒީފާއަދާކުރާ ފަރާތް އަރާމުކުރުމަށް އޭނާއަށް ދޭންޖެހޭ ދުވަސް ދޭނެގޮތުގެ އުސޫލު ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ވަޒީފާއަދާކުރާ ފަރާތަށް މެދުކެނޑުމެއް ނެތި ވިދިވިދިގެން އެންމެ ގިނަވެގެން މަސައްކަތްކުރެވޭނީ 28 (އަށާވީސް) ދުވަހަށެވެ.

 

އަހަރީ ޗުއްޓީ 53. 

(ހ) ވަޒީފާ އަދާކުރާ ފަރާތަށް ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން އަހަރަކު އެއްފަހަރު ހައްގުވާ އަހަރީ ޗުއްޓީ ހައްގުވާ ތާރީހުން ފެށިގެން ގިނަވެގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި، އެ ޗުއްޓީ ބޭނުންކޮށް ނިންމަންވާނެއެވެ. އަދި އެ މުއްދަތު ހަމަވާއިރު، އެ ޗުއްޓީން ބޭނުންނުކުރާ ދުވަހެއް އޮތްކަމުގައިވާނަމަ، އެ ދުވަހެއް ބާތިލުވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ހައްގުވާ އަހަރީ ޗުއްޓީއާމެދު އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމަށް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ.

  1. ހައްގުވާ ޗުއްޓީގެ 30 (ތިރީސް) ދުވަސް ގަނޑުކޮށް ޗުއްޓީގެ ގޮތުގައި ބޭނުންކޮށް ނިންމުން؛
  2. ހައްގުވާ ޗުއްޓީ، އަހަރު ދުވަހުގެ މައްޗަށް ބަހާލައިގެން ބޭނުންކުރުން؛
  3. ހައްގުވާ ޗުއްޓީގެ ތެރެއިން ބައެއް، ޗުއްޓީގެ ގޮތުގައި ބޭނުންކޮށް، އެ ޗުއްޓީގެ ތެރޭގައި ހިމެނޭ ބާކީ ދުވަސްތަކަށް ފައިސާގެ އިނާޔަތެއް ލިބިގަތުން؛
  4. ހައްގުވާ ޗުއްޓީ އެކުގައި ދޫކޮށްލައި، އެގޮތުން ދޫކޮށްލާ ދުވަސްތަކަށް ފައިސާގެ އިނާޔަތެއް ލިބިގަތުން.

(ނ) މި މާއްދާގެ (ށ) ގެ  (1) ވަނަ ނަންބަރުގެ ދަށުން ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ޗުއްޓީ ނަގަން ފެށުމުގެ 30 (ތިރީސް) ދުވަސް ކުރިން، ޗުއްޓީނަގަން ބޭނުންވާކަން ވަޒީފާދޭ ފަރާތުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި އަހަރީ ޗުއްޓީގެ މުއްދަތު ގުނުމުގައި ރަސްމީ ބަންދު ދުވަސްތަކާއި ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ހައްގުވާ އެހެން ޗުއްޓީގެ ދުވަސްތަކެއް ނުހިމެނޭނެއެވ

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) "މުވައްޒަފު" ކަމަށް ބުނެފައިއެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން  ހިދުމަތްދޭ މީހާއަށެވެ. އަދި މި ބަހުގެ މާނައިގައި، މިނިވަންނޫން ކޮންޓްރެކްޓަރާއި ވަޒީފާދޭ ފަރާތަށް ކުރިން މަސައްކަތްކޮށްދީފައިވާ މުވައްޒަފުންވެސް ހިމެނޭނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާގެ (މ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

(ފ) "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ 

މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ދ) "ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ކޮންޓްރޯލްކުރުން" ކަމަށް ބުނެފައިއެވަނީ:

  1. އެ ވިޔަފާރިއަކީ ކުންފުންޏެއްނަމަ، ކުންފުނީގެ ވޯޓު ދިނުމުގެ ބާރު ލިބިދޭ ހިއްސާގެ ތެރެއިން މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ސީދާކޮށް ނުވަތަ ނުސީދާކޮށް، ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ކޮންޓްރޯލްކުރުމަށް؛ ނުވަތަ
  2. އެ ވިޔަފާރިއަކީ ޕާޓްނަރށިޕެއްނަމަ، ޕާޓްނަރށިޕްގެ ވޯޓު ދިނުމުގެ ބާރު ލިބިދޭ މަސްލަހަތުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ސީދާކޮށް ނުވަތަ ނުސީދާކޮށް، ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ކޮންޓްރޯލްކުރުމަށެވެ.

(ތ) "އިސް އޮފިށަލް" ކަމަށް ބުނެފައިއެވަނީ، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު، އަދި މި ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، އަދި (ރ) ގައި ބަޔާންކޮށްފައިވާ މިނިސްޓަރަކު މި ގާނޫނުގެ 13 ވަނަ މާއްދާ ނުވަތަ 14 ވަނަ މާއްދާގެ ބޭނުމަށް ކަނޑައަޅާ، އެ އިދާރާތަކުގެ އެސިސްޓަންޓް ޑިރެކްޓަރ ފެންވަރުން ފެށިގެން މަތީ ފެންވަރުގެ މުވައްޒަފުންނަށެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ޖަދުވަލު 1 ގެ ގޮތުގައި، އަންނަނިވި ޖަދުވަލު އިތުރުކުރުން.

 

ޖަދުވަލު 1

ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި، އެ ވިޔަފާރިއަކަށް ލިބޭ އާމްދަނީގެ އަދަދާއި ސާފު ފައިދާގެ އަދަދު، އެއިން ވަކި އެއް ގިންތިއެއްގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭނަމަ، އެ ވިޔަފާރިއެއް ގިންތިކުރާނެ ގޮތް:

  1. މި ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވިޔަފާރި ގިންތިކުރާއިރު، ވަކި ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި ، އެ ވިޔަފާރިއަކަށް ލިބޭ އާމްދަނީގެ އަދަދާއި، ސާފު ފައިދާގެ އަދަދު، އެއިން ވަކި އެއް ގިންތިއެއްގައި ބަޔާންކޮށްފައިވާ 3 (ތިނެއް) މިންގަނޑަށް ނުފެތޭނަމަ، އެ ވިޔަފާރި ގިންތިކުރާނީ، ކޮންމެ މިންގަނޑަކަށް އަންނަނިވި ނިސްބަތުން އިސްކަންދޭ އުސޫލުން ރިއާޔަތްކޮށްގެންނެވެ.
    (ހ) މުވައްޒަފުންގެ އަދަދު – %40  (ސާޅީސް އިންސައްތަ)؛
    (ށ) އާމްދަނީގެ ޖުމްލަ އަދަދު – %30 (ތިރީސް އިންސައްތަ)؛
    (ނ) ސާފު ފައިދާގެ އަދަދު – %30 (ތިރީސް އިންސައްތަ).

  2. (ހ) ޖަދުވަލުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ނިސްބަތަށް އިސްކަންދޭނީ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން ނުކުންނަ ނަތީޖާއަށް ބަލައިގެންނެވެ.
    (ފޯމިއުލާ އެޓޭޗްކުރިވަފައިވާ ފައިލުގައި)
    (ށ)  ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމިއުލާގައި E ގެ ގޮތުގައި ބޭނުންކުރާނީ، މި ޖަދުވަލުގެ (3) ވަނަ ނަންބަރުގައިވާ ތާވަލުގެ ކޮލަމް (i") މުވައްޒަފުންގެ އަދަދު" ގައި، އެ ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދު ނިސްބަތްވާ ރޯގައި ހިމެނޭ ކޮލަމް (iv") ފޯމިއުލާގައި ބޭނުންކުރާނެ އަދަދު" ގައި ދެވިފައިވާ އަދަދެވެ.
    (ނ) މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމިއުލާގައި T ގެ ގޮތުގައި ބޭނުންކުރާނީ، މި ޖަދުވަލުގެ (3) ވަނަ ނަންބަރުގައިވާ ތާވަލުގެ ކޮލަމް (ii") ޖުމްލަ އާމްދަނީ" ގައި، އެ ވިޔަފާރިއެއްގެ ޖުމްލަ އާމްދަނީގެ އަދަދު ނިސްބަތްވާ ރޯގައި ހިމެނޭ ކޮލަމް (iv") ފޯމިއުލާގައި ބޭނުންކުރާނެ އަދަދު" ގައި ދެވިފައިވާ އަދަދެވެ.
    (ރ) މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމިއުލާގައި P ގެ ގޮތުގައި ބޭނުންކުރާނީ، މި ޖަދުވަލުގެ (3) ވަނަ ނަންބަރުގައިވާ ތާވަލުގެ ކޮލަމް (iii") ސާފު ފައިދާ (ނެޓް ޕްރޮފިޓް)" ގައި، އެ ވިޔަފާރިއެއްގެ ސާފު ފައިދާގެ އަދަދު ނިސްބަތްވާ ރޯގައި ހިމެނޭ ކޮލަމް (iv") ފޯމިއުލާގައި ބޭނުންކުރާނެ އަދަދު" ގައި ދެވިފައިވާ އަދަދެވެ.
  3. ޖަދުވަލުގެ (2) ވަނަ ނަންބަރުގައިވާ ފޯމިއުލާގައި E ،T ،އަދި P ގެ ގޮތުގައި ބޭނުންކުރާނެ ނަންބަރުތައް އަންނަނިވި ތާވަލުގައި ބަޔާންކޮށްފައި އެވަނީއެވެ.

    (iii) (iii) (iii) (iv)
    މުވައްޒަފުންގެ އަދަދު    ޖުމްލަ އާމްދަނީ    ސާފު ފައިދާ (ނެޓް ޕްރޮފިޓް)    ފޯމިއުލާގައި ބޭނުންކުރާނެ އަދަދު
    0-5 500،000 - 0 75،000 - 0 1
    6-30    5،000،000 - 500،000 750،000 - 75،000 2
    31-100 20،000،000 - 5،000،001 750،001 - 3،000،000    3
  4. މި ޖަދުވަލުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމުން ނުކުންނަ ނަތީޖާއަށް ނިސްބަތްކޮށް، އެ ވިޔަފާރިއެއް ވަކި ގިންތިއަކަށް ކަނޑައެޅުމުގައި ބަލާނީ:
    (ހ) 0 (ސުމެއް) އަށްވުރެ ގިނަ، 1 (އެކެއް) އާ ހަމައަށް ނަމަ، އެންމެ ކުދި ފަންތީގެ ވިޔަފާރި؛
    (ށ) 1 (އެކެއް) އަށްވުރެ ގިނަ، 2 (ދޭއް) އާ ހަމައަށްނަމަ، ކުދި ފަންތީގެ ވިޔަފާރި؛
    (ނ) 2 (ދޭއް) އަށްވުރެ ގިނަ، 3 (ތިނެއް) އާ ހަމައަށްނަމަ، މެދު ފަންތީގެ ވިޔަފާރި؛

 

21 ވަނަ މާއްދާ -

މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

މައި ގާނޫނު

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 2013-06)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު