-

ކްލައިމެޓް އިމަރޖަންސީ ގާނޫނު

(ގާނޫނު ނަންބަރު 2021-09)

އެއްވަނަ ބާބު

ފެށުން

 
1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިންނާއި، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށާއި، ދިވެހިރާއްޖެއަށް ނުރައްކާވެފައިވާތީ، ދިވެހިންނާއި ދިވެހިރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ތަންފީޒުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ލިބޭ ގެއްލުންތަކަށް ދުނިޔެ ހޭލުންތެރިކުރުމަށް އިސްނަގައި ވަކާލާތުކުރާ ބަޔަކަށް ދިވެހިރާއްޖެ ހެދުމަށް ބާރުއެޅުމަށާއި، ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ބޭނުންވާ ބަރުދާސްތީ ގާބިލުކަން އިތުރުކުރުމަށާއި އެކަންކަމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ކްލައިމެޓް އިމަރޖަންސީ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދަކީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިންނާއި ދިވެހިރާއްޖެ ހޭނުވުމަށާއި، އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމަށާއި އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ނިޒާމު ބަޔާންކުރުން؛

(ށ) ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ފަރާތުން ކުރުމަށް އެއްބަސްވެފައިވާ ކަންކަމާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމާއި، އެކަންކަމާ ގުޅޭގޮތުން ކަމާބެހޭ ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކުރުވުމަށް ބޭނުންވާ ރިޕޯޓިންގ ނިޒާމު ގާއިމުކުރުން؛

(ނ) ގައުމުގެ ތަރައްގީގެ ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތަކާއި މިންގަނޑުތައް އެކުލަވާލައި ހިންގުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅާނެ ފިޔަވަޅުތައް އެ ޕްލޭންތަކުގައި ހިމެނޭކަން ކަށަވަރުކުރުން؛

(ރ) މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖޭގެ ބަރުދާސްތީ ގާބިލުކަން އިތުރުކުރުމާއި، އެކަންކަމަށް އިންސާނުންނާއި ގުދުރަތީ މާހައުލީ ނިޒާމު ހޭނުމުގެ ފުރުސަތު އިތުރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތަކާއި ޕްލޭންތައް އެކުލަވާލުމުގެ ނިޒާމު ގާއިމުކުރުން؛

(ބ) މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެކަމަށްޓަކައި ބޭނުންވާ ފަންނީ، އިންސާނީ އަދި މާލީ ގާބިލުކަން ބިނާކޮށް އިތުރުކުރުމަށް ކުރަންޖެހޭ ކަންކަންކުރުން؛

(ޅ) މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ދައުލަތުގެ މަސްއޫލިއްޔަތުތައް ބަޔާންކުރުން؛

(ކ) ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ލިބޭ ފަންޑުތައް ހިންގާނެ ދިވެހިރާއްޖެއާއި ބައިނަލްއަގްވާމީ މުޖުތަމައުގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއް އުފެއްދުމަށް ބާރުއެޅުން؛

(އ) 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިކުރުން؛

(ވ) ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކަނޑައަޅާ އަމާޒަށް ވާސިލުވުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް އެކުލަވާލައި ހިންގުމުގެ ބާރު ކަމާގުޅޭ ފަރާތްތަކަށް ދިނުން؛

(މ) ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމާގުޅޭ އުސޫލުތަކާއި މިންގަޑުތައް އެކުލަވާލުމުގެ މަސްއޫލިއްޔަތާއި ބާރުތައް ކަނޑައެޅުން؛

(ފ) ކާބަން ބަޖެޓިންގއާ ގުޅޭ ނިޒާމެއް އެކުލަވާލުން؛ އަދި

(ދ) މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިންނާއި ދިވެހިރާއްޖެ ހޭނުވުމަށާއި އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގެ ނިޒާމުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - މައިގަނޑު އަސާސްތައް

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ތިރީގައި ބަޔާންކޮށްފައިވާ މައިގަނޑު އަސާސްތައް ނަގަހައްޓައި، ދަމަހައްޓަންވާނެއެވެ.

(ހ) މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ގައުމީ ސިޔާސަތުތައް ހިންގައި ތަންފީޒުކުރުމުގައި ސަރުކާރާއި ލޯކަލް ކައުންސިލްތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކާއި ފަރުދުން އަދި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުން؛

(ށ) ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ ތިމާވެއްޓާއި ގުދުރަތީ ވަސީލަތްތައް ބޭނުންކުރުން؛

(ނ) މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ކުރިމަތިވާ ނޭދެވޭ އަސަރުތަކަށް ހޭނުމަށް ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތަކީ ދައުލަތާއި އާންމުން ގުޅިގެން އަދާކުރާ މަސްއޫލިއްޔަތެއް ކަމުގައި ހެދުމާއި،
އެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން އެކުލަވާލާ ޕްލޭންތަކާއި، މަށްރޫއުތައް ރާވައި، ހިންގުމުގައި އާންމުންގެ ފުރިހަމަ ބައިވެރިވުން ކަށަވަރުކުރުން؛

(ރ) ދިވެހިރާއްޖެއަކީ، ތަކެތި އުފެއްދުމާއި އެ ތަކެތި ބޭނުންކުރުމުގައި ކާބަން ނިއުޓްރަލް އިގްތިސާދަކަށް ހެދުމަށް ސަރުކާރާއި ލޯކަލް ކައުންސިލްތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކާއި ފަރުދުން އަދި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން އިސްކަންދިނުން؛

(ބ) މޫސުމަށް އަންނަ ބަދަލުތަކާބެހޭ މައުލޫމާތު އެއްކޮށް، ހާމަކަމާއެކު،
އެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުވުން؛ އަދި

(ޅ) މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތަކާ އެއްގޮތްވާނެ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިގްތިސާދީ ގާބިލުކަން އިތުރުކުރުން.

 

ދެވަނަ ބާބު

ކާބަން ލަނޑުދަނޑި އަދި ކާބަން ބަޖެޓިންގ

4 ވަނަ މާއްދާ - ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް ކަނޑައަޅާ ލަނޑުދަނޑި

(ހ) 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހަދަންވާނެއެވެ.

(ށ) 2030 ވަނަ އަހަރު ދިވެހިރާއްޖެއިން ބޭރުކުރާ ކާބަންގެ މިންވަރު ހުންނަންވާނީ ހަމަ އެ އަހަރު ދިވެހިރާއްޖެއިން މަދުކުރާ ނުވަތަ އޮފްސެޓްކުރާ ކާބަންއާ އެއް މިންވަރަށް ނުވަތަ އެ މިންވަރަށްވުރެ ދަށްކޮށެވެ.

(ނ) 2030 ވަނަ އަހަރުން ފެށިގެން ދެން ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއިން ޖައްވަށް ބޭރުކުރާ ކާބަންގެ މިންވަރު ހުންނަންވާނީ ހަމަ އެ އަހަރަކު ކާބަން މަދުކުރާ ނުވަތަ އޮފްސެޓްކުރާ މިންވަރަށް ނުވަތަ އެ މިންވަރަށްވުރެ ދަށްކޮށެވެ.

(ރ) މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރެވޭކަން ދެނެގަންނާނެ ގޮތުގެ އުސޫލުތަކާއި ފޯމިއުލަރ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ އުސޫލުތަކާއި ފޯމިއުލަރއަކީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ އުސޫލުތަކަކާއި ފޯމިއުލަރއަކަށް ވާންވާނެއެވެ.

 

5 ވަނަ މާއްދާ - ލަނޑުދަނޑިއަށް ބަދަލުގެނައުން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ބަދަލުގެނެވޭނީ، ބަދަލުގެންނަންޖެހޭ ސަބަބުތައް ބަޔާންކޮށް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ބަދަލުގެނެވޭނީ އަންނަނިވި ހާލަތްތަކުން ހާލަތެއް މެދުވެރިވެފައިވާނަމައެވެ.

  1. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަލަށް ހޯދޭ ސައިންޓިފިކް ހޯދުންތަކުން ލަނޑުދަނޑިއަށް ބަދަލުގެންނަންޖެހޭ ކަމަށް ފެނުން؛ ނުވަތަ
  2. ބައިނަލްއަގްވާމީ މުއާހަދާތަކާއި އުސޫލުތަކާއި ޕޮލިސީތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ލަނޑުދަނޑިއަށް ބަދަލުގެންނަންޖެހޭ ކަމަށް ފެނުން.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހޯދާ ސައިންޓިފިކް ހޯދުންތަކަކީ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން ހޯދާ ހޯދުންތަކަކަށް ވާންވާނެއެވެ.

 

6 ވަނަ މާއްދާ - ލަނޑުދަނޑިއަށް ބަދަލުގެނައުމުގައި ރިއާޔަތްކުރަންވީ ކަންކަން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އުފައްދާ ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓާ މަށްވަރާކޮށް އެފަރާތުން ދޭ ލަފާ؛
  2. ދައުލަތުގެ ކަމާބެހޭ އެހެނިހެން އިދާރާތަކުން ދޭ މަށްވަރާ؛ އަދި
  3. ތިމާވެއްޓަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކާއި އާންމު ފަރާތްތަކާއި ފަރުދުން ދޭ މަށްވަރާ.

(ށ) ލަނޑުދަނޑިއަށް ބަދަލުގެނައުމާ ގުޅޭގޮތުން މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރު، އަދި (3) ވަނަ ނަންބަރުގެ ދަށުން ލިބިފައިވާ ލަފައާއި މަށްވަރާ އާންމުކޮށް ފެންނާނެހެން ށާއިއުކުރަންވާނެއެވެ.

(ނ) ލަނޑުދަނޑިއަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ ލަފައާ އެއްގޮތްވާ ގޮތުގެމަތިން ނޫންކަމުގައިވާނަމަ، އެކަމުގެ ސަބަބު ބަޔާންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ކާބަން ބަޖެޓިންގ

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކޮންމެ މީލާދީ އަހަރަކަށް ބޭރުކުރެވޭނެ ކަމަށް ލަފާކުރެވޭ ކާބަންގެ މިންވަރު އެކުލެވޭ ކާބަން ބަޖެޓެއް މިނިސްޓަރު އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ މީލާދީ އަހަރު ނިމުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން މި މާއްދާގެ (ހ) ގެ ދަށުން ކުރިއަށްއޮތް އަހަރަށް އެކުލަވާލަންޖެހޭ ފުރަތަމަ ކާބަން ބަޖެޓް މިނިސްޓަރު އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި ކޮންމެ މީލާދީ އަހަރެއް ނިމުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން ކުރިއަށްއޮތް އަހަރަށް ލަފާކުރާ ކާބަން ބަޖެޓް މިނިސްޓަރު އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކާބަން ބަޖެޓް އެކުލަވާލުމުގައި، ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓާއި ސަރުކާރުގެ ކަމާބެހޭ އެހެނިހެން އިދާރާތަކާއި ލޯކަލް ކައުންސިލްތަކާއި ތިމާވެއްޓަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކާއި ފަރުދުން އަދި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުގެ ލަފާ މިނިސްޓަރު ހޯދަންވާނެއެވެ.

(ރ) ކާބަން ބަޖެޓް އެކުލަވާލުމުގައި އަމަލުކުރާނެ އުސޫލުތަކާއި އެކި ސިނާއަތްތަކުން ބޭރުކުރެވޭނެ ކާބަން ކަނޑައެޅުމުގައި ބަލާނެ ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި ގާނޫނުގެ ދަށުން ކަނޑައަޅާ ކާބަން ބަޖެޓާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ. އަދި ކާބަން ބަޖެޓުގައި ވަކި ދާއިރާއަކަށް ކަނޑައަޅާ ކާބަން ބޭރުކުރެވޭނެ މިންވަރަށްވުރެ އިތުރަށް ކާބަން ބޭރުކުރާ ފަރާތްތަކާމެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ކާބަން ބަޖެޓް ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން

ކާބަން ބަޖެޓް ކަނޑައެޅުމުގައި ރިއާޔަތްކުރާނެ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހޯދާ ސައިންޓިފިކް ހޯދުންތައް؛

(ށ) ޓެކްނޮލޮޖީއާ ގުޅޭ ކަންކަން؛

(ނ) އިގްތިސާދީ ކަންކަން؛

(ރ) ޓެކްސްއާއި ލޯނު ފަދަ މާލީ ކަންކަން؛

(ބ) އިޖްތިމާއީ ކަންކަން؛

(ޅ) ހަކަތައާ ގުޅުންހުރި ސިޔާސަތުތައް؛

(ކ) ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި މުއާހަދާތައް؛ އަދި

(އ) ތިމާވެއްޓާ ގުޅޭ ކަންކަން.

 

9 ވަނަ މާއްދާ - ކާބަން ބަޖެޓަށް ބަދަލުގެނައުން

މި ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ކާބަން ބަޖެޓަށް ބަދަލުގެނެވޭނީ އެ ބަދަލުގެންނަންޖެހޭ ސަބަބުތައް ބަޔާންކޮށް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ ބަދަލެއް މަޖިލީހުން ފާސްކުރުމުންނެވެ.

 

10 ވަނަ މާއްދާ - ކާބަން ބަޖެޓަށް ބަދަލުގެނައުމުގައި ރިއާޔަތްކުރަންވީ ކަންކަން

މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ކާބަން ބަޖެޓަށް ބަދަލުގެންނަން ހުށަހަޅާއިރު އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ހ) މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އުފައްދާ ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓުން ދޭ ލަފާ؛

(ށ) ކަމާގުޅޭ ދައުލަތުގެ އެހެނިހެން އިދާރާތަކުން ދޭ ލަފާ؛ އަދި

(ނ) މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ އެންމެހައި ކަންކަން.

 

ތިންވަނަ ބާބު

އިދާރީ ހިންގުން

11 ވަނަ މާއްދާ - ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އައްޔަންކުރުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، "ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ ނަމުގައި ސަފީރު ފެންވަރުގައި މަގާމެއް އުފައްދައި، އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޖަވާބުދާރީވާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

(ނ) ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ އޮފީސް ގާއިމުކޮށްފައި ހުންނާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

(ރ) ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް އައްޔަންކުރާ މީހަކަށް، ދައުލަތުގެ ސަފީރަކަށް ދޭ މުސާރައާއި އިނާޔަތްތައް ދޭންވާނެއެވެ.

 

12 ވަނަ މާއްދާ - ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް މަގާމުން ވަކިކުރުން ނުވަތަ ވަކިވުން

(ހ) އެ މަގާމަށް އައްޔަންކުރާ ފަރާތެއް މަގާމުން ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

(ށ) ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމުން އޭނާ އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ މަގާމުން ވަކިވީއެވެ.

 

13 ވަނަ މާއްދާ - ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެ ތަމްސީލުކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ހާމަކުރުމުގެ އިސްދައުރު އަދާކުރުން؛

(ށ) މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދިވެހިރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި ވަކާލާތުކޮށް އަޑުއުފުލުން؛

(ނ) މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރުން؛

(ރ) މޫސުމަށް އަންނަ ބަދަލުތަކާބެހޭ ދާއިރާއިން ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ މަގާމު މަތިކުރުމަށް މަސައްކަތްކުރުން؛ އަދި

(ބ) މޫސުމަށް އަންނަ ބަދަލުތަކާބެހޭ މައްސަލަތަކުގައި ގައުމުތަކުގެ އެއްބާރުލުން ހޯދުމަށް މަސައްކަތްކުރުމާއި މި ދާއިރާއިން ގައުމުތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުން.

 

14 ވަނަ މާއްދާ - ދިވެހިރާއްޖޭގެ މަސްލަހަތު އިސްކުރުން

ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ ވާޖިބުތައް އަދާކުރުމުގައި ހުރިހާ ހާލަތެއްގައިވެސް ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތު އިސްކޮށް ދިފާއުކޮށް ކުރިއަރުވަންވާނެއެވެ.

 

15 ވަނަ މާއްދާ - ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ ށަރުތުތައް

ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް އައްޔަންކުރާ ފަރާތުގެ ކިބައިގައި އަންނަނިވި ށަރުތުތައް ހުންނަންވާނެއެވެ.

(ހ) ދިވެހިރައްޔިތެއް ކަމުގައިވުން؛

(ށ) ހިޔާނާތް ނުވަތަ ރިށްވަތު ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން؛

(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން؛

(ރ) ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރެވޭ ފެންވަރުގެ ތައުލީމާއި ތަޖުރިބާއާއި ގާބިލުކަން ހުރި މީހެއް ކަމުގައިވުން؛ އަދި

(ބ) ވަޒީފާގެ މުއްދަތުގެ ތެރޭގައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހެއް ކަމުގައި ނުވުން.

 

16 ވަނަ މާއްދާ - ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓް އުފެއްދުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގައި ޑިޕާޓްމަންޓް ފެންވަރުގައި ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ ނަމުގައި މިނިސްޓްރީގެ ދަށުން އޮފީހެއް މިނިސްޓަރު އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓަކީ ދިވެހި ސިވިލް ސަރވިސްގެ އޮފީހެކެވެ. އަދި މި އޮފީހުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮފީހުގެ އެންމެ އިސްވެރިޔަކީ، ޑިރެކްޓަރ ޖެނެރަލްއެވެ. އެ މަގާމަށް މީހަކު އައްޔަންކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ. އަދި އެ މަގާމަކީ، ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ މަގްސަދަށްޓަކައި، ދިވެހި ސިވިލް ސަރވިސްގެ މަގާމެކެވެ.

(ރ) ޑިރެކްޓަރ ޖެނެރަލް މަސައްކަތްކުރާނީ، މިނިސްޓަރުގެ އާންމު އިރުށާދުގެ ދަށުންނެވެ.

(ބ) ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

(ޅ) މިނިސްޓްރީގައި މިހާރު ހިނގަމުންދާ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ އެންމެހައި މަސައްކަތްތަކާއި ވަސީލަތްތައް މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ ދަށަށް ބަދަލުވީއެވެ.

(ކ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ ވަސީލަތްތަކާއި އެހީތެރިކަން ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.

 

17 ވަނަ މާއްދާ - ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ މަގްސަދު

ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ މައިގަނޑު މަގްސަދަކީ މޫސުމާ ގުޅޭގޮތުން ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަންކަން އިސްވެ ކުރުމެވެ.

 

18 ވަނަ މާއްދާ - ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ މަސްއޫލިއްޔަތުތައް

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން، ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ގައުމީ ސިޔާސަތުތަކާ އެއްގޮތަށް ޕްރޮގްރާމްތައް އެކުލަވާލައި ތަންފީޒުކުރުމާއި، އެ ސިޔާސަތުތައް މުރާޖައާކޮށް ވިލަރެސްކުރުން؛

(ށ) މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަތޮޅުފެންވަރުގައާއި ސިޓީފެންވަރުގައި އަދި ރަށުފެންވަރުގައި ކުރެވޭ މަސައްކަތްތައް ހިންގުމަށް އެހީތެރިވުމާއި، މޮނީޓަރކުރުމާއި، އެކަމަށް ރަށްރަށުގެ އާބާދީތަކާއި ތިމާވެށި ހޭނުވުމަށް ބޭނުންވާނެ ޕްލޭންތައް ހެދުމާއި، އެކަންކަމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމާއެކު އެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ ލަފާދިނުން؛

(ނ) މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ގާނޫނާއި ގަވާއިދުގެ ދަށުން ކަމާބެހޭ ފަރާތްތަކުން އަމަލުކުރާ މިންވަރު ދެނެގަތުމަށް ބޭނުންވާ މިންގަނޑުތަކާއި އުސޫލުތައް ހެދުމާއި އެކަންކަން މޮނީޓަރކުރުން؛

(ރ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ތަންފީޒުކުރުމަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މަސައްކަތްކުރުން؛

(ބ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން، ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ އެއްގޮތަށް ރިޕޯޓުކުރުމާއި، އެކަންކަމަށް އަމަލުކުރަމުންދާ ގޮތް ބެލުމާއި ވިލަރެސްކުރުން؛

(ޅ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ދައުލަތުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުމުގައި އިސްކޮށް ހަރަކާތްތެރިވުން؛

(ކ) މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ވީހާވެސް ކުޑަކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން ދިވެހިރާއްޖެ ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދިވެހިރާއްޖޭގެ ގުދުރަތީ އަދި އިންސާނީ ވެށި ހޭނުވުމަށް ކުރަންޖެހޭ މަސައްކަތްކުރުން؛

(އ) މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް ބޭނުންވާ ކަމާގުޅޭ ދާއިރާތަކުގެ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތައް ދެނެގަތުމާއި މުރާޖައާކުރުމާއި ގެންނަންޖެހޭ އިސްލާހުތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން؛

(ވ) މި ގާނޫނުގެ ދަށުން އެކި ދާއިރާތަކަށް ކަނޑައަޅާ ކާބަން ބަޖެޓް ބޭނުންކުރާ މިންވަރު ދެނެގަތުމަށްޓަކައި އެ ދާއިރާތަކުން ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓަށް ރިޕޯޓުކުރާނެ ނިޒާމެއް ގާއިމުކޮށް ތަންފީޒުކުރުން؛

(މ) މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އެޖެންސީތަކާއި މުއައްސަސާތަކުގެ މެދުގައި ކަންކަން ވިލަރެސްކުރުން؛

(ފ) މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މިނިސްޓަރަށް ދޭންޖެހޭ އެންމެހައި ލަފާ ދިނުން؛

(ދ) ސްޕެށަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛

(ތ) މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގައުމީ އެކްށަން ޕްލޭނެއް އެކުލަވާލައި ތަންފީޒުކޮށް، އެ ޕްލޭން ގަވާއިދުން މުރާޖައާކުރުން؛

(ލ) ދިވެހިރާއްޖޭގެ ގްރީންހައުސް ގޭސް އިންވެންޓްރީ އެކުލަވާލައި އަދާހަމަކޮށް ބަލަހައްޓައި އެ މައުލޫމާތު ހާމަކޮށް އެ މައުލޫމާތުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވުން؛

(ގ) މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކަށް ހޭނުވުމުގެ ގޮތުންނާއި ލިބޭ ގެއްލުން ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމާއި، އެ ރިޕޯޓުތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން؛

(ޏ) ބައިނަލްއަގްވާމީ މައިދާނުގައި ބޭއްވޭ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އެކަންކަން ވިލަރެސްކުރުން؛

(ސ) ދިވެހިރާއްޖޭގެ ތިމާވެއްޓަކީ މޫސުމަށް އަންނަ ބަދަލުތައް ބަރުދާސްތުކުރުމުގެ ގާބިލުކަން ލިބިފައިވާ ވެށްޓަކަށް ހެދުމަށްޓަކައި ބޭނުންވާ ޕްލޭންތައް އެކަށައެޅުމާއި، ތަންފީޒުކުރުމާއި، ކަމާގުޅޭ މަސައްކަތްތައް ވިލަރެސްކުރުން؛

(ޑ) މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަން މޮނީޓަރކޮށް ހިންގުމަށާއި، އެ ބަދަލުތަކަށް ހޭނުވުމުގެ ޕްލޭންތައް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން ހޯދުން؛

(ޒ) ދިރާސާތައްކުރުމާއި، ޕްރޮގްރާމްތަކާއި މަށްރޫއުތައް އެކުލަވާލައި ހިންގުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ހޯދުން؛

(ޓ) މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކާގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަމަށް އާންމުން ހޭލުންތެރިކުރުވުން؛

(ޔ) މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންތައްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްއިއްޔާ ޖަމާއަތްތައް ބައިވެރިކުރުވުމާއި، އެފަރާތްތަކުގެ ދައުރު ފުޅާކުރުން؛

(ޕ) އެހެން ގާނޫނެއް ނުވަތަ ގަވާއިދެއް މި ގާނޫނުގެ އެއްވެސް މާއްދާއަކާ ނުވަތަ ބަޔަކާ ހިލާފުކަމަށްވާނަމަ މި ގާނޫނުގެ މަގްސަދު ހާސިލުކުރުމަށްޓަކައި އެ ފުށުއެރުމެއް ހައްލުކުރުމުގެ ގޮތުން ގެންނަންޖެހޭ ބަދަލުތައް ކަމާބެހޭ ފަރާތްތަކާ މަށްވަރާކޮށް އެކަންކަން ހައްލުކުރުން؛ އަދި

(ޖ) މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ދިމާވެފައިވާ ގެއްލުންތަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ހިމެނޭ ތަފާސްހިސާބު އެކުލަވާލައި ކޮންމެ އަހަރަކު އާންމުކުރުން.

  1. ދިވެހިރާއްޖޭގެ އެކިއެކި ރަށްތައް ގިރާފައިވާ މިންވަރާއި، ރަށްގިރުމުގެ ސަބަބުން އެ ރަށްރަށުގައި ހަދާފައިވާ އިންފްރާސްޓްރަކްޗަރއަށް އަސަރުކޮށްފައިވާ މިންވަރު؛
  2. ދިވެހިރާއްޖޭގެ އެކިއެކި ރަށްތަކަށް ވިއްސާރަކޮށްފައިވާ މިންވަރު؛
  3. ދިވެހިރާއްޖޭގެ އެކިއެކި ރަށްތަކަށް އުދަ އަރާފައިވާ މިންވަރު؛
  4. ދިވެހިރާއްޖޭގެ ފަރުތަކަށް މުރަކަ ހުދުވުމުގެ މައްސަލަ ކުރިމަތިވެފައިވާ މިންވަރު؛
  5. އެކިއެކި ދުވަސްވަރު މަތިން ދިވެހިރާއްޖޭގެ ރަށްތަކަށް އޮއި ދައުރުވުމާއި ވައި ޖެހުމުގައި އައިސްފައިވާ ބަދަލު؛
  6. ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވާ މިންވަރު؛
  7. ދިވެހިރާއްޖޭގެ މަސްވެރިކަމަށް އަސަރުކޮށްފައިވާ މިންވަރު؛
  8. ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް އަސަރުކޮށްފައިވާ މިންވަރު؛
  9. ދިވެހިރާއްޖޭގެ ރަށްތަކުގެ ފެންފަށަލައަށް އަސަރުކޮށްފައިވާ މިންވަރު؛ އަދި
  10. ރައްޔިތުންގެ ސިއްހަތަށް އަސަރުކޮށްފައިވާ މިންވަރު.

 

ހަތަރުވަނަ ބާބު

މިނިސްޓަރުގެ މަސްއޫލިއްޔަތުތައް

19 ވަނަ މާއްދާ - މިނިސްޓަރުގެ މަސްއޫލިއްޔަތުތައް

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގައުމީ ސިޔާސަތުތައް ކަނޑައެޅުން؛

(ށ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިއަށް ވާސިލުވެވޭކަން ކަށަވަރުކުރުމާއި، އެ ލަނޑުދަނޑިއަށް ބަދަލުގެންނަންޖެހޭނަމަ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން؛

(ނ) މި ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ކާބަން ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން؛

(ރ) މި ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ކާބަން ބަޖެޓަށްވުރެ އެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއިން ކާބަން ބޭރުކުރާ މިންވަރު އިތުރުނުވާކަން ކަށަވަރުކުރުން؛

(ބ) މި ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ކާބަން ބަޖެޓަށް ބަދަލުގެންނަންޖެހިއްޖެނަމަ އެ ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން؛

(ޅ) މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން؛

(ކ) މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ސްޓްރެޓީޖިކް ޕްލޭންތަކާއި އެކްށަން ޕްލޭންތަކާއި ޕްރޮގްރާމްތައް ހިންގުމުގައި ބޭނުންވާ އެހީތެރިކަމާއި ލަފާ ފޯރުކޮށްދިނުން؛

(އ) ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެފަރާތަށް ދޭންޖެހޭ އެންމެހައި ލަފައާއި އެހީތެރިކަން ދިނުން؛ އަދި

(ވ) މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކަންކަން ތަންފީޒުކުރުމަށް އުފައްދަންޖެހޭ ލަފާދޭ ކޮމިޓީތައް އުފެއްދުން.

 

ފަސްވަނަ ބާބު

ޕްލޭން އެކުލަވާލުމާއި ރިޕޯޓުކުރުން

20 ވަނަ މާއްދާ - މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގައުމީ އެކްށަން ޕްލޭން

(ހ) މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގައުމީ އެކްށަން ޕްލޭނެއް، މިނިސްޓަރުގެ ލަފާގެ މަތިން، ދައުލަތާއި ކަމާބެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މަށްވަރާއާއެކު ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓުން އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާ ޕްލޭން ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓުން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. އަދި އެ ޕްލޭން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގައުމީ އެކްށަން ޕްލޭންގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖޭގެ ބަރުދާސްތީ ގާބިލުކަން އިތުރުކުރުމާއި، ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތައް؛
  2. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މެދުވެރިވާ ގެއްލުންތައް ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތައް؛
  3. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުވުމަށާއި އެ ބަދަލުތަކަށް ރައްދުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް؛
  4. ތަރައްގީގެ ޕްލޭންތައް އެކުލަވާލައި ހިންގުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މެދުވެރިވެދާނެ ކާރިސާތަކުގެ ހިރާސްތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހިމެނިގެން އެފަދަ ޕްލޭންތައް އެކުލަވާލުމަށް ބާރުދޭ ކަންކަން؛
  5. ގްރީންހައުސް ގޭސް ބޭރުވާ މިންވަރު ބަލައި މޮނީޓަރކުރަމުންދާނެ ގޮތްތައް؛
  6. މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މައުލޫމާތު އެއްކުރެވޭނެ ގޮތްތަކާއި އެ މައުލޫމާތު ހޯދާނެ ގޮތްތައް؛
  7. ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތަ ކުރިއަރުވާނެ ގޮތްތައް؛
  8. ހަކަތަ ރައްކާތެރިކުރެވޭނެ ގޮތްތައް އިތުރުކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ ޔަގީންކަން އިތުރުކުރުމަށް ކުރެވޭނެ ކަންކަން؛
  9. މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް، ދުރުރާސްތާގައާއި، މެދުރާސްތާ އަދި ކުރުރާސްތާގައި ހާސިލުކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތައް؛
  10. ގައުމީ އެކްށަން ޕްލޭންގައި ކަނޑައަޅާ ލަނޑުދަނޑިތަކާ ގުޅިގެން ސަރުކާރާއި، އެހެނިހެން އިދާރާތަކާއި އަމިއްލަ ފަރާތްތަކާއި ވަކިވަކި ފަރުދުންގެ ދައުރާއި ޒިންމާތައް؛
  11. ދިވެހިރާއްޖޭގައި ކަމާގުޅޭ އެހެނިހެން ދާއިރާތަކުން އަމަލުކުރަމުންދާ އަދި ކަނޑައަޅާ ސިޔާސަތުތަކުގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ ސްޓްރެޓަޖީތަކާ ގުޅުންހުރި މިންވަރާއި ގެންނަންޖެހޭ ބަދަލުތައް؛
  12. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން އިސްކަންދޭ ކަންތައްތަކާ އެއްގޮތަށް ދިވެހިރާއްޖެއިން އަމަލުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް؛
  13. ދިވެހިރާއްޖެއިން ބޭރުކުރާ ކާބަންގެ މިންވަރު މަދުކޮށް ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށްޓަކައި އެކުލަވާލަންޖެހޭ ވިޔަފާރީގެ ސްކީމްތައް ކަނޑައަޅާނެ ދާއިރާތައް؛
  14. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުވުމަށް އިޖްތިމާއީ ބައިވެރިވުން އިތުރުކުރުމަށް ކުރާނެ ކަންތައްތަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ ދައުރު؛
  15. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި އަންނަނިވި ދާއިރާތައް ހިމެނޭގޮތުން ކުރާނެ ކަންތައްތައް؛
    i. ސިއްހީ ދާއިރާ؛
    ii. ބޯފެނުގެ ޔަގީންކަން ކަށަވަރުކުރުމާއި ފެނުގެ ވަސީލަތްތައް؛
    iii. ގޮނޑުދޮށް ހިމާޔަތްކޮށް ބެލެހެއްޓުން؛
    iv. ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމާއި ދަނޑުވެރިކަން؛
    v. މަސްވެރިކަން؛
    vi. ފަތުރުވެރިކަން؛
    vii. ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކުރުން؛
    viii. ފަރާއި ފަޅާއި ކުޅި، ޗަސްބިން ފަދަ މުހިންމު މާހައުލުތައް ދެމެހެއްޓުން؛
    ix. މޫސުމަށް އަންނަ ބަދަލުތަކަށް ހުރަހެޅިފައިވާ ނާޒުކު އުމުރާނީ ވަސީލަތްތައް ދެމެހެއްޓުން؛
    x. ދުރާލާ އިންޒާރުދޭ ނިޒާމުތައް ފުޅާކޮށް ހަރުދަނާކޮށް ބެލެހެއްޓުން؛
    xi. އިންސާނީ އަދި ފަންނީ ވަސީލަތް ބިނާކުރުމާއި މުއައްސަސާތައް ހަރުދަނާކުރުން؛
    xii. ދިރާސާކުރުމާއި މައުލޫމާތު ފަތުރައި އާންމުކުރުން؛
    xiii. މަށްރޫއުތަކާއި ޕްރޮގްރާމްތައް ހިންގަން ފައިސާގެ ވަސީލަތްތައް ހޯދުމަށް މަގުފަހިކުރުން؛
    xiv. މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި ހޭނުމަށް މަގުފަހިކުރުމަށް ބޭނުންވާ ޓެކްނޮލޮޖީ ފުޅާކުރުން؛
    xv. އާންމު ހޭލުންތެރިކަން އިތުރުކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުން؛ އަދި
    xvi. ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އިގްތިސާދީ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްލޭން އެކުލަވާލުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖޭގެ މިހާރުގެ ހާލަތު؛
  2. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާގެ ހިންގުމުގެ ނިޒާމު އެކުލެވޭގޮތާއި ހިންގުމުގައި ހުރި ގޮންޖެހުންތައް؛
  3. ދިވެހިރާއްޖެއިން ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭސްތަކުގެ ވައްތަރުތަކާއި، ގްރީންހައުސް ގޭސް ބޭރުކުރާ މިންވަރާއި، ދާއިރާތައް؛
  4. މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި ކަރަންޓް އުފެއްދުމަށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި، ދަތުރުފަތުރުގެ ދާއިރާއާއި، ކުނި މެނޭޖްކުރުމާއި، ހަކަތަ ސަމަކާރަކުރުމާއި، ހަކަތައިގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް؛
  5. އިންސާނީ ފަންނީ އަދި މާލީ ވަސީލަތްތައް ލިބެންހުރި މިންވަރާއި ލިބުމުގައި ހުރި ގޮންޖެހުންތަކާއި އަދި އެފަދަ ވަސީލަތްތައް ތަރައްގީކުރުމަށް ހުރި ފުރުސަތުތައް.

(ބ) މި މާއްދާގެ ދަށުން ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓުން އެކުލަވާލަންޖެހޭ ގައުމީ އެކްށަން ޕްލޭން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި އާންމުކުރަންވާނެއެވެ.

(ޅ) މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގައުމީ އެކްށަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ސަރުކާރާއި ލޯކަލް ކައުންސިލްތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކާއި ފަރުދުން އަދި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން އެއްބާރުލުންދޭންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާމެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ރިޕޯޓުކުރުން

(ހ) މި ގާނޫނު ތަންފީޒުވަމުންދާ މިންވަރު ބަޔާންކުރާ ރިޕޯޓެއް، ކޮންމެ އަހަރަކު އެއްފަހަރު ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓުން އެކުލަވާލައި، މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިޕޯޓުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށްޓަކައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު؛
  2. ގައުމީ އެކްށަން ޕްލޭން ތަންފީޒުވަމުންދާ މިންވަރު؛
  3. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއިން ހާސިލުކުރުމަށް ކަނޑައަޅާފައިވާ އެނޫންވެސް ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު؛
  4. ކާބަން ބަޖެޓުގައިވާ ކަންކަން ހާސިލުކުރެވިފައިވާ މިންވަރާއި ހޯދާފައިވާ ކުރިއެރުން؛
  5. ކާބަން ބަޖެޓާ ގުޅޭގޮތުން އިތުރު ކުރިއެރުން ބޭނުންވާ ކަންކަން ނުވަތަ ދާއިރާތައް؛
  6. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މެދުވެރިވާ ގެއްލުންތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތައް މުރާޖައާކުރުމާއި އެ ފިޔަވަޅުތަކަކީ އެކަށީގެންވާ ފިޔަވަޅުތަކެއްކަން ނުވަތަ ނޫންކަން ބަޔާންކުރުމާއެކު، އެ ސިޔާސަތުތައް މުރާޖައާކުރަންޖެހޭނަމަ އެކަން ފާހަގަކުރުން؛
  7. މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ޕްލޭންތަކުގައި ކަނޑައަޅާފައިވާ ސަރުކާރާއި، އެހެނިހެން އިދާރާތަކާއި، އަމިއްލަ ފަރާތްތަކުގެ ދައުރާއި ޒިންމާތައް މުރާޖައާކުރަންޖެހޭނަމަ އެކަން ބަޔާންކުރުން؛ އަދި
  8. ގައުމީ އެކްށަން ޕްލޭން ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާއި އަދި އެ ދަތިތައް ފިލުވުމަށްޓަކައި އެޅުމަށް ހުށަހަޅާ ފިޔަވަޅުތައް.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓުން ހުށަހަޅާ ރިޕޯޓު މިނިސްޓަރަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި އެ ރިޕޯޓާމެދު މިނިސްޓަރަށް ފެންނަ ގޮތް ބަޔާންކުރާ ބަޔާނެއް އެ ރިޕޯޓާއެކު ހުށަހަޅަންވާނެއެވެ. އަދި، އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - އެހެން އިދާރާތަކުން ރިޕޯޓުކުރުން

މި ގާނޫނު ތަންފީޒުވަމުންދާ މިންވަރު ބެލުމަށާއި، ކަނޑައެޅޭ ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު ބެލުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާއި އެހެނިހެން އިދާރާތަކުން ބަލަހައްޓަންޖެހޭ ތަފާސްހިސާބުތަކާއި، އެނޫންވެސް މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓަށް ހުށަހަޅަމުން ގެންދަންވާނެއެވެ.

 

ހަވަނަ ބާބު

ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ދާއިރާތަކުން ލިބޭ ފަންޑު

23 ވަނަ މާއްދާ - ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ދާއިރާތަކުން ލިބޭ ފަންޑު ބެލެހެއްޓުން

(ހ) މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި، އެ ބަދަލުތަކަށް ހޭނުވުމަށާއި، ކާބަން ނިއުޓްރަލް ލަނޑުދަނޑި ހާސިލުކުރުމަށާއި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ ފައިސާ ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި ބައިނަލްއަގްވާމީ މުޖުތަމައުގެ އިތުބާރު ލިބޭފަދަ މުސްތަގިއްލު މުއައްސަސާއެއް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި އެކަމަށް އެކުލަވާލެވޭ ހާއްސަ ގާނޫނެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއައްސަސާ އުފެއްދުމަށް ހަދާ ގާނޫނުގައި، އެ މުއައްސަސާގެ މަގްސަދާއި، އެކުލެވިގެންވާ ގޮތާއި، މަސައްކަތްތަކާއި އަދި ފަންޑުތައް ބެލެހެއްޓުމުގައާއި ހޭދަކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރަންވާނެއެވެ.

 

ހަތްވަނަ ބާބު

އެހެނިހެން ކަންކަން

24 ވަނަ މާއްދާ - ބައިނަލްއަގްވާމީ އުދުހުންތަކާއި ކަނޑުދަތުރުތަކުން ބޭރުކުރާ ގޭސް

ކަމާގުޅޭގޮތުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތައް ފިޔަވައި އެހެނިހެން ހާލަތްތަކުގައި ބައިނަލްއަގްވާމީ އުދުހުންތަކާއި ކަނޑުދަތުރުތަކުން ބޭރުކުރާ ކާބަންއަކީ ދިވެހިރާއްޖޭގެ މަސްދަރުތަކުން ބޭރުކުރާ ކާބަންކަމުގައި ނުބެލެވޭނެއެވެ.

 

25 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓުންނެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 9 (ނުވައެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

27 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހޭނުވުން" ކަމަށް ބުނެފައި އެވަނީ، ލިބޭ ގެއްލުން ކުޑަކޮށްގެން ނުވަތަ މަންފާ ލިބެމުންދާ ކަންކަން ބޭނުންކޮށްގެން، މޫސުމަށް ބަދަލުގެނެވޭ ކަންކަމުން ލިބެމުންދާ ނުވަތަ ލިބިދާނެ ނުވަތަ އަސަރުކުރާނެ ކަންކަމުން ގުދުރަތީ ނުވަތަ އިންސާނީ ނިޒާމަށް އަންނަ ގުދުރަތީ ބަދަލުތަކަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މޫސުމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މޫސުމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ރ) "މޫސުމަށް އަންނަ ބަދަލު" ކަމަށް ބުނެފައި އެވަނީ، އިންސާނުންގެ ފުށުން، ސީދާގޮތުންނާއި ނުސީދާގޮތުން، ޖައްވަށް ބޭރުކުރެވޭ ވިހަގޭހުގެ މާއްދާތަކުގެ ސަބަބުން، ވަކި މުއްދަތެއްގައި، ދުނިޔޭގެ ޖައްވުގައި އެކުލެވޭ މާއްދާތަކަށް އަންނަމުންދާ ބަދަލުތަކަށާއި، އޭގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ގުދުރަތީގޮތުން އަންނަ މޫސުމީ ބަދަލުތަކަށެވެ.

(ބ) "ސައިންޓިފިކް ހޯދުން" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ އިތުބާރު ހިފޭ މަސްދަރަކުން ހާމަކުރާ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ހޯދުންތަކަށެވެ.

(ޅ) "ކާބަން ބަޖެޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން އަހަރެއްގެ ތެރޭގައި ބޭރުކުރާނެކަމަށް ކަނޑައަޅާ ކާބަންގެ މިންވަރެވެ.

(ކ) "ކާބަން ނިއުޓްރަލް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅޭ ވަކި މުއްދަތެއްގައި ޖައްވަށް ބޭރުކުރާ ކާބަންއާއި ހަމަ އެ މުއްދަތުގެ ތެރޭގައި ޖައްވުން މަދުކުރެވޭ ކާބަން އެއް މިންވަރަކަށްވުމެވެ.

(އ) "ގްރީންހައުސް ގޭސް" ކަމަށް ބުނެފައި އެވަނީ، ކާބަންޑައިއޮކްސައިޑް، މީތޭން، ނައިޓްރަސްއޮކްސައިޑް، ހައިޑްރޯފްލޮރޮކާބަންސް، ޕަރފްލޮރޮކާބަންސް އަދި ސަލްފަރ ހެކްސަފްލޮރައިޑް ފަދަ ގޭސްތައް ހިމެނޭގޮތަށް، ޖައްވުގައިވާ ގޭހުގެ ބާވަތްތަކުގެ ތެރެއިން އެ ގޭސްތަކުގެ ސަބަބުން ގްރީންހައުސް އިފެކްޓަށް މަގުފަހިވާ ގޭސްތަކަށެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު