-

ސިވިލް ސަރވިސްގެ ގާނޫނު (ގާނޫނު ނަންބަރު 2007-05)  އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2021-10)     

 

ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ވ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

4.ދިވެހި ސިވިލް ސަރވިސްގެ އަސާސީ ސިފަތައް

(ވ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ފުރުސަތު ލިބޭ ގޮތަށް ނިޒާމެއް ގާއިމުވެފައި އޮތުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

5.(ބ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ވަޒީފާ ދޭންވާނީ އެމީހެއްގެ ތައުލީމީ ފެންވަރާއި، މަސައްކަތުގެ ހުނަރާއި، ގާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގައެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

10.ކޮމިށަން އެކުލެވިގެންވާ ގޮތް

ސިވިލް ސަރވިސް ކޮމިށަން އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ. ކޮމިށަނަށް މެންބަރުން އައްޔަންކުރުމުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އިސްކަންދޭންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

12.ކޮމިށަނުގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތައް

(އ) ފުރަތަމަ ޑިގްރީއެއް ހާސިލުކުރުމަށްފަހު، ހިންގުމުގެ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ މި އަކުރުގެ ބޭނުމަށްޓަކައި "ފުރަތަމަ ޑިގްރީއެއް ހާސިލުކުރުން" ކަމުގައި ބެލެވޭނީ ގައުމީ ސަނަދުގެ އޮނިގަނޑުގައި ފުރަތަމަ ޑިގްރީއެއްކަމުގައި ބަލައިގަންނަ ސަނަދެއް ހާސިލުކޮށްފައިވާނަމައެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

13.މެންބަރުން އައްޔަންކުރުން

(ހ) ކޮމިށަނުގެ މެންބަރުން އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ކޮމިށަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނަށް މެންބަރުން އައްޔަންކުރަން އެއިރަކު އައްޔަންކުރަންޖެހޭ އަދަދަށްވުރެ 3 (ތިނެއް) ނަމަށްވުރެ އިތުރުނުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ އާންމުކޮށް އިއުލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ ށަރުޠު ފުރިހަމަވާ މީހުން ކަމުގައިވާންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

17.ކޮމިށަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުން

(ހ) ކޮމިށަނުގެ މެންބަރުންގެ ތެރެއިން، ކޮމިށަނުގެ ރައީސަކާއި ނައިބު ރައީސެއް ޢައްޔަންކުރަންވާނެއެވެ.

(ށ) ކޮމިށަނުގެ ރައީސާއި ނައިބު ރައީސް ޢައްޔަންކުރާނ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ކޮމިށަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު ޢައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިށަނަށް ޢައްޔަންކޮށްފައިވާ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިށަނުގެ ރައީސްކަމުގެ މަޤާމަށް ނުވަތަ ނައިބު ރައީސްކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ށ)، (ނ) އަދި (ރ) ގައި އެހެން އޮތްނަމަވެސް، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ކޮމިށަނުގެ ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ޢައްޔަންކޮށްފައިވާ މެންބަރުން، ޤާނޫނުގައިވާ ގޮތުގެމަތިން މަޤާމުން ވަކިވަންދެން އެ މަޤާމުގައި ދެމިތިބ ނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 18 ވަނަ މާއްދާގެ (ގ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން.

ކޮމިށަނުގެ މަސައްކަތް 18.

(ޏ) ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އުސޫލުތައް އެކުލަވާލުމާއި، އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހ ފިޔަވަޅުތައް އެޅުން.

(ސ) ސިވިލް ސަރވިސްގެ އޮފ ސްތަކުން ފޯރުކޮށްދ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި، އިދާރ ހިންގުން މޮނިޓަރކޮށް، ކޮމިށަނުން އޮޑިޓްކުރާނެގޮތުގެ އުސޫލު އެކުލަވާލުމާއި، އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހ ފިޔަވަޅުތައް އެޅުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރު، އަދި (6) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

41.ވަޒީފާއަށް އައްޔަންކުރުމުގެ ށަރުޠުތައް

(ހ) (3) ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ނުވުމާއި، އުމުރުން 60 (ފަސްދޮޅަސް) އަހަރަށްވުރެ ދޮށީ އުމުރުގެ މީހަކު ކަމުގައި ނުވުން؛

(4) ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެއް ކުރިކަން ސާބިތުވެ، ހުކުމެއް ކުރެވިފައިވާ މީހެއްނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވުން؛

(5) ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ފަރާތެއް ކަމުގައި ނުވުން؛

(6) އައްޔަންކުރާ މީހަކީ، އޭނާގެ މަންމަ، ބައްޕަ، ދަރިއެއް، އަނބި، ފިރި، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހަކު ސީދާ ގޮތުން ސުޕަވައިޒްކުރަންޖެހޭ ނުވަތަ ރިޕޯޓުކުރަންޖެހޭ މީހެއްކަމުގައި ނުވުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން.

41.ވަޒީފާއަށް އައްޔަންކުރުމުގެ ށަރުޠުތައް

(ރ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް، ކުޑަކުދިންނާ މުއާމަލާތުކުރަންޖެހޭ ވަޒީފާއެއް ދީގެންނުވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ، ސަރުކާރުގެ މިނިސްޓްރީއެއްގައި ސީދާ މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ވަޒީފާއެއް ކަމުގައިނުވެފައި، އެއީ މިނިސްޓްރީއެއްގެ ދަށުން ހިނގާ ވަކި އޮފީހެއްގެ ވަޒީފާއެއް ކަމުގައިވާނަމަ، އަދި އެފަދަ އޮފީހަކީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ ބެލުމުގެ ދަށުން ހިނގާ ތަނެއް ކަމުގައިނުވެފައި، އެއީ އެހެން ޒިންމާދާރު އިސްވެރިއެއްގެ ބެލުމުގެ ދަށުން ހިނގާ އޮފީހެއް ކަމުގައިވާ ހާލަތުގައި، މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ ގުޅުމެއް އޮތް ކަމުގައި ބެލޭނީ، އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއާއި ވަޒީފާއަށް ކުރިމަތިލާ ފަރާތާ ދެމެދު އެފަދަ ގުޅުމެއް އޮންނަ ހާލަތުގައެވެ.

(ޅ) ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ހޮވޭ ފަރާތަކަށް ވަޒީފާ ދިނުމުގެ ކުރިން، އެފަރާތުން މަސައްކަތްކުރަންޖެހޭ އޮފީހުގައި އެފަރާތުގެ މަސައްކަތް ސުޕަވައިޒްކުރުމަށް ކަނޑައަޅާ ފަރާތަކީ ނުވަތަ އެފަރާތުން ރިޕޯޓުކުރަންޖެހޭ ފަރާތަކީ، މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ގުޅުމެއް ވަޒީފާއަށް ހޮވޭ ފަރާތާ ދެމެދު އޮތް ފަރާތަކަށް ވެގެންނުވާނެކަން، ވަޒީފާދޭ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

45.މުވައްޒަފުން އެދިގެން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުން

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުވާން ބޭނުންވާ މުވައްޒަފުން ބަދަލުކުރާނީ، ސިވިލް ސަރވިސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ (7) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.

47.މުވައްޒަފުން ވަޒީފާއިން ވަކިކުރުން

(ނ) (8) ސިވިލް ސަރވިސްގެ އިދާރާއަކުން ކުރަމުން އައި މަސައްކަތެއް ހުއްޓާލަންޖެހުމުގެ ސަބަބުން.

 

12 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

47.މުވައްޒަފުން ވަޒީފާއިން ވަކިކުރުން

(ބ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައިވާ ހާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ، މުވައްޒަފަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައިވާކަން ކަށަވަރުކުރުމަށްފަހުގައެވެ.

 

13 ވަނަ މާއްދާ -   ބުނެވިދިޔަ ގާނޫނުގެ 57 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.

57.ޕަރމަނަންޓް ސެކްރެޓަރީ ވަޒީފާއިން ވަކިކުރުން

(ނ) (6) ޕަރމަނަންޓް ސެކްރެޓަރީ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރަށް ޕަރމަނަންޓް ސެކްރެޓަރީގެ އިތުބާރު ނެތުން. މި ނަންބަރުގެ ބޭނުމަށްޓަކައި، މިނިސްޓަރަށް ޕަރމަނަންޓް ސެކްރެޓަރީގެ އިތުބާރު ނެތްކަމަށް ބެލެވޭނީ އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމައެވެ.

i. އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެ އޮފީހެއްގެ މެންޑޭޓުގެ ދަށުން ކުރުމަށް މިނިސްޓަރު ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުމަށް، މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން؛

ii. ޕަރމަނަންޓް ސެކްރެޓަރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި އޭނާގެ ވަޒީފާ ބަޔާނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން؛

iii. ޕަރމަނަންޓް ސެކްރެޓަރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ތައާރުޟުވާފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް އޮތް ކަމެއްގައި ށާމިލުވުން.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ޗެޕްޓަރ 5 ގެ ފަހަތަށް އަންނަނިވި ގޮތަށް ޗެޕްޓަރއެއް އިތުރުކުރުން.

ޗެޕްޓަރ 1-5

ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް

59-1.ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުން

(ހ) ލޯކަލް ކައުންސިލުގެ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި، ކައުންސިލުގެ ލަފަޔާއެކު، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރާނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ނ) މި ގާނޫނުގައިވާ ގޮތުގެމަތިން ވަކިކުރެވޭ ސެކްރެޓަރީ ޖެނެރަލް ފިޔަވައި، އެހެން ކޮންމެ ސެކްރެޓަރީ ޖެނެރަލްއެއް އަލުން 5 (ފަހެއް) އަހަރުދުވަހުގެ ދައުރަކަށް އައްޔަންކުރެވިދާނެއެވެ. އަދި، އެގޮތުން އައްޔަންކުރާ ސެކްރެޓަރީ ޖެނެރަލްއެއް ކޮންމެ 5 (ފަހެއް) އަހަރަކުން އައްޔަންކުރަމުން ގެންދެވިދާނެއެވެ.

59-2.ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރުން

(ހ) ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރާނަމަ، ވަޒީފާއިން ވަކިކުރާ ސަބަބު ލިޔުމުން އޭނާއަށް އަންގަންވާނެއެވެ.

(ނ) ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރާ ސަބަބުތައް ތިރީގައި އެވަނީއެވެ.

  1. ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަނުކުރުން؛
  2. މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަން ކޮމިށަނަށް ސާބިތުވުން؛
  3. ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ހިލާފަށްކަން ކޮމިށަނުން ކުރި ތަހްގީގަކަށް ސާބިތުވުން؛
  4. ސެކްރެޓަރީ ޖެނެރަލް ވަޒީފާ އަދާކުރާ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލްގެ އިތުބާރު ނެތުން. މި ނަންބަރުގެ ބޭނުމަށްޓަކައި، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ އިތުބާރުނެތްކަމަށް ބެލެވޭނީ އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމައެވެ.
    i. އެއިރެއްގައި އޮންނަ ކައުންސިލުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކައުންސިލުން ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުމަށް، މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން؛
    ii. ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި އޭނާގެ ވަޒީފާ ބަޔާނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން؛
    iii. ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ތައާރުޟުވާފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް އޮތް ކަމެއްގައި ށާމިލުވުން.
     

15 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ސިވިލް ސަރވިސް ގެ ގާނޫނު (ގާނޫނު ނަންބަރު 2007-05)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ސިވިލް ސަރވިސް ގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2007-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު