-

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) އަށް 17 ވަނަ އިސްލާހު ކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2025-22)

(މި ގާނޫނަށް އަމަލުކުރަން ފެށީ 1 ޑިސެމްބަރު 2025 ގައި)

 

ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އުފައްދަންޖެހޭ އިދާރާތަކާއި، މަގާމުތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، ކޮމިޓީތައް އުފައްދައި، އެ އިދާރާތަކާއި، މަގާމުތަކާއި، ކައުންސިލްތަކާއި، ކޮމިޓީތަކުގެ ސިފަތަކާއި، އިހްތިސާސް ކަނޑައަޅައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ށަރުތު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގުމަށްޓަކައި، އެއިން ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ރަށު ކައުންސިލަކުން ޖަވާބުދާރީވާ އަދި ރިޕޯޓުކުރާ ރަސްމީ ފަރާތަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއެވެ

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ރައްޔިތުންނަށް ކައުންސިލުން ޖަވާބުދާރީވާންޖެހޭނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާއިން ފެށިގެން 19 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް ހިމެނޭ، އެ ގާނޫނުގެ ތިންވަނަ ބާބު އުނިކުރުން.

 

6 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލައި، ރަށުގެ ތަރައްގީގެ ޕްލޭން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފޮނުވުމާއި، ކަމާބެހޭ ގާނޫނުގެ ދަށުން، ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލައި، ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފާސްކުރުމަށް ފޮނުވުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ރަށު ކައުންސިލުން އެކުލަވާލައި، ކަމާބެހޭ ސަރުކާރުގެ އިދާރާއަށް ފޮނުވާ ތަރައްގީގެ ޕްލޭނަށް ރިއާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަށްރޫއުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޒުކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ހަވާލުކުރާ ތަރައްގީގެ މަށްރޫއުތައް މި ގާނޫނުގައިވާ ގޮތުގެމަތިން ތަންފީޒުކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ތަރައްގީގެ އެކިއެކި މަށްރޫއުތައް ހިނގާނުހިނގާ ގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެހީތެރިވެދީ، ތަރައްގީގެ މަށްރޫއުތައް ތަންފީޒުކުރުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ޖަވާބުދާރީވެ، މިނިސްޓްރީތަކުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަށު ކައުންސިލް އެކުލެވިގެންވާ ގޮތް 24.

(ހ) ގާނޫނުއަސާސީގައިވާ އިދާރީ ދާއިރާތަކުގެ ރަށްރަށުގެ ރަށު ކައުންސިލް އެކުލެވިގެންވަނީ އެ ރަށަކުން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ. 2000 (ދެހާސް) މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ، ކައުންސިލްގެ ރައީސާއި، މި ގާނޫނުގެ ދަށުން އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރު ހިމެނޭގޮތުން 3 (ތިނެއް) މެންބަރުންނެވެ. 2000 (ދެހާސް) އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ، ކައުންސިލްގެ ރައީސާއި، މި ގާނޫނުގެ ދަށުން އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން 5 (ފަހެއް) މެންބަރުންނެވެ.

(ށ) މި ގާނޫނުގެ 5-56 ވަނަ މާއްދާގެ މަގްސަދު ހާސިލުކުރުމަށްޓަކައި 3 (ތިނެއް) ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި 1 (އެކެއް) އަންހެން ކައުންސިލަރެއް ހިމެނެންޖެހޭނެއެވެ. އަދި 5 (ފަހެއް) ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި 2 (ދޭއް) އަންހެން ކައުންސިލަރުން ހިމެނެންޖެހޭނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ސިޓީ ކައުންސިލް އެކުލެވިގެންވަނީ އަންނަނިވި ގޮތުގެމަތިން ސިޓީއަކުން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.

(1) ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދަކީ، 10,000 (ދިހަހާސް) މީހުންނާއި 25,000 (ފަންސަވީސްހާސް) މީހުންނާ ދެމެދުގެ އަދަދެއްނަމަ، ކައުންސިލްގެ މޭޔަރާއި، މި ގާނޫނުގެ ދަށުން އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން 7 (ހަތެއް) ގޮނޑި؛

(2) ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދަކީ 25,000 (ފަންސަވީސްހާސް) މީހުންނާއި 50,000 (ފަންސާސްހާސް) މީހުންނާ ދެމެދުގެ އަދަދެއްނަމަ، ކައުންސިލްގެ މޭޔަރާއި މި ގާނޫނުގެ ދަށުން އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން 11 (އެގާރަ) ގޮނޑި؛

(3) ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދަކީ، 50,000 (ފަންސާސްހާސް) މީހުންނަށްވުރެ އިތުރު އަދަދެއްނަމަ، ކައުންސިލްގެ މޭޔަރާއި، މި ގާނޫނުގެ ދަށުން އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން 15 (ފަނަރަ) ގޮނޑި؛

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(1-ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ، ކައުންސިލްގެ މޭޔަރުގެ އިތުރުން، މި ގާނޫނުގެ ދަށުން އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުންގެ މައްޗަށެވެ.

(2-ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ 3 އިދާރީ ދާއިރާތަކުގެ ތެރެއިން ފުވައްމުލަކަކީ، އެއްފަސްކޮށް އޮތް 8 (އަށެއް) އަވަށެއްގެ މައްޗަށް އެކުލެވޭ، އިދާރީ ދާއިރާއަކަށްވެފައި، ކޮންމެ އަވަށެއް އިދާރީގޮތުން ވަކި ރަށެއްގެ ގޮތުގައި ބެލެވެމުން އައިސްފައިވުމާއެކު، ޏ. ފުވައްމުލަކު ސިޓީ ކައުންސިލަށް މެންބަރުން އިންތިހާބުކުރާނީ، ކައުންސިލްގެ މޭޔަރުގެ އިތުރުން، މި ގާނޫނުގެ ދަށުން އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން، އެއިން ކޮންމެ އަވަށަކަށް 1 (އެކެއް) ގޮނޑީގެ ނިސްބަތުން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި ގާނޫނުގެ ދަށުން ބާއްވާ ސިޓީ ކައުންސިލްގެ އިންތިހާބުތަކުގައި މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ، އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން، ދައުރުވަމުންދާ ގޮތަށް، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އުސޫލުގެ ދަށުންނެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ރ) އުނިކުރުން.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ (ޅ) އުނިކުރުން.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ (ކ) އުނިކުރުން.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56-6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ކޮންމެ ރަށެއްގެ އަދި ސިޓީއެއްގެ ކައުންސިލާ އެކުގައި، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރުމަށްޓަކައި، އަންހެނުންގެ ތެރެއިން އެ ރަށެއްގެ ރައްޔިތުން އިންތިހާބުކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއް އޮންނަންވާނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6-56 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލެވިގެންވަނީ، އަންނަނިވި ގޮތުގެމަތިން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.

(1) ރަށެއްގައިނަމަ، މި މާއްދާގެ (ބ) ގެ ދަށުން އިންތިހާބުކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހިމެނޭގޮތުން، މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ރަށެއްގެ ކައުންސިލަށް އިންތިހާބުކުރާ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުން؛

(2) ސިޓީއެއްގައިނަމަ، މި މާއްދާގެ (ބ) ގެ ދަށުން އިންތިހާބުކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހިމެނޭގޮތުން، މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން އެ ސިޓީއެއްގެ ކައުންސިލަށް އިންތިހާބުކުރާ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުން.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6-56 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އިންތިހާބުކުރާނީ ކޮމިޓީ ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތިން ނަގާ ސިއްރު ވޯޓަކުންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބުރައީސް ހޮވާނީ އެ ކޮމިޓީގެ މެންބަރުންގެ ތެރެއިން އެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.


19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6-56 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް، އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(1-ބ) މި މާއްދާގެ (ބ) ގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް އިންތިހާބުކުރާ ފަރާތަކީ، އެ ކޮމިޓީ ހިންގުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ފުލްޓައިމް މެންބަރެއްގެ ގޮތުން ކަނޑައެޅޭ މެންބަރެކެވެ. އަދި އޭނާ ފިޔަވައި އެ ކޮމިޓީއަށް އިންތިހާބުކުރާ އެހެން ފަރާތްތައް އެ ކޮމިޓީގައި މަސައްކަތްކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، ޕާޓްޓައިމް އުސޫލަކުންނެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 58 ވަނަ މާއްދާގެ (ދ) ގެ ފަހަތަށް، އަންނަނިވި ފަދައިން އަކުރު އިތުރުކުރުން.

(ތ) ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި ކައުންސިލާ ދެމެދު ގުޅުން ގާއިމުކުރުން.

(ލ) ގައުމީ ތަރައްގީގެ އޮނިގަނޑު އެކުލަވާލުމުގައި ސަރުކާރުގެ ވުޒާރާތަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

(ގ) އިދާރީ ދާއިރާގެ ތަރައްގީގެ މަށްރޫއުތައް ރޭވުމުގައި ރައްޔިތުންގެ ހިޔާލާއި މަށްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުން.

(ޏ) އިދާރީ ދާއިރާގެ ފެންވަރުގައި ހިންގާ ތަރައްގީގެ މަށްރޫއުތައް، ގައުމީ ތަރައްގީގެ ލަނޑުދަނޑިތަކާ އެއްހަމަކުރުމަށްޓަކައި ގައުމީ އިދާރާތަކާއި، ލޯކަލް ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުން.

(ސ) އިދާރީ ދާއިރާތަކުގެ ތަރައްގީއަށް ކުރެވެން ހުރި ކަންކަން ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކުގެ މަށްވަރާއާއެކު، ލޯކަލް ކައުންސިލްތަކަށް މައުލޫމާތު ފޯރުކޮށްދިނުން.

(ޑ) އިދާރީ ދާއިރާގައި ހިމެނޭ ރަށްތަކުގެ ރަށްވެހި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ލޯކަލް ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ގައުމީ އިދާރާތަކާ ގުޅިގެން ހައްލުކޮށްދިނުން.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 58 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ލާމަރުކަޒީ އުސޫލުން ލޯކަލް ގަވަރމަންޓް  އޮތޯރިޓީގެ ހިދުމަތްތައް ދިނުމާއި، އޮތޯރިޓީގެ އޮފީސްތައް ގާއިމުކުރުން  58.

(ހ) މި ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކުރާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އިދާރީ ދާއިރާގެ ފެންވަރުގައި ލާމަރުކަޒީ އުސޫލުން ތަންފީޒުކޮށް ހިންގޭނެ  އިންތިޒާމުތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އިދާރީ ދާއިރާގެ ފެންވަރުގައި ލާމަރުކަޒީ އުސޫލުން ތަންފީޒުކޮށް ހިންގުމަށާއި، އޮތޯރިޓީން ދޭންޖެހޭ ހިދުމަތްތައް އިދާރީ ދާއިރާގެ ފެންވަރުގައި ދިނުމަށްޓަކައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީސްތައް އިދާރީ ދާއިރާތަކުގައި ގާއިމުކޮށް ހިންގުމުގެ އިހްތިޔާރު އެ އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީހެއް އިދާރީ ދާއިރާއެއްގައި ގާއިމުކުރުމަށް ނިންމާނަމަ، އެ އޮފީހެއް ގާއިމުކުރަންވާނީ ގާނޫނު ނަންބަރު 6/2011 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އެ އިދާރީ ދާއިރާއެއްގެ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅާފައިވާ ރަށެއްގައެވެ. އަދި އެފަދައިން ގާއިމުކުރެވޭ އޮފީހުގެ އޮނިގަނޑާއި، އޮފީސް ހިންގުމުގެ އުސޫލުތަކުގެ އިތުރުން، އެ އޮފީހަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތަންފީޒުކުރުމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި އޮތޯރިޓީ ހިންގުމުގެ އާންމު އުސޫލުތައް ކަނޑައަޅާނީ، އަންނަނިވި 9 (ނުވައެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކުންނެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(4) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ (އެކެއް) މެންބަރު.

 

24 ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(މ) މި މާއްދާގެ (ވ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އިންތިހާބުކުރާ މެންބަރުންގެ މެންބަރުކަމުގެ މުއްދަތަކީ އެމީހަކު އިންތިހާބުކުރެވޭ ދުވަހުން ފެށިގެން، އެމީހަކު ބޯޑުގައި ތަމްސީލުކުރާ ކައުންސިލްގެ ނުވަތަ ކޮމިޓީގެ މެންބަރުކަމުގެ ދައުރު ހަމަވާ ދުވަހާ ހަމައަށެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 61 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިދާރީގޮތުން ހިންގުމުގެ އެންމެ އިސް ފަރާތަކީ، ޗީފް އެގްޒެކެޓިވް އޮފިސަރެވެ. ޗީފް އެގްޒެކެޓިވް އޮފިސަރ މަސައްކަތްކުރާނީ، އޮތޯރިޓީގެ ބޯޑުން ކަނޑައަޅާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 61 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) ޗީފް އެގްޒެކެޓިވް އޮފިސަރ ޖަވާބުދާރީވާނީ އޮތޯރިޓީގެ ބޯޑަށެވެ. އަދި ޗީފް އެގްޒެކެޓިވް އޮފިސަރ އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތަންފީޒުކުރުމުގައާއި، އޮތޯރިޓީގެ ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި ބޯޑުގެ ރައީސްގެ ލަފަޔާއި އިރުށާދު ހޯދަންވާނެއެވެ.

 

27 ބުނެވިދިޔަ ގާނޫނުގެ 61 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް، އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(1-ބ) މި މާއްދާގެ (ހ) ގެ ބޭނުމަށް، އޮތޯރިޓީގެ ކަންކަން ދުވަހުން ދުވަހަށް ހިނގާނުހިނގާ ގޮތުގެ އަދާހަމަ މައުލޫމާތު، އޮތޯރިޓީގެ ބޯޑުގެ ރައީސް ކަނޑައަޅާ ގޮތެއްގެމަތިން، ޗީފް އެގްޒެކެޓިވް އޮފިސަރ، ބޯޑުގެ ރައީސާ ހިއްސާކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-61 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ބޯޑުގެ ބައްދަލުވުންތަކާއި ނިންމުންތައް 2-61.

(ހ) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށްޓަކައި، ބޯޑުގެ ރައީސް ކަނޑައަޅާ ވަގުތަކާއި ތަނެއްގައި، ބޯޑުގެ ބައްދަލުވުންތައް ބޭއްވިދާނެއެވެ.

(ށ) ބޯޑުގެ ބައްދަލުވުމެއް ސައްހަވާނީ، އެ ބޯޑުގެ މެންބަރުންގެ ޖުމްލަ އަދަދަށް ނިސްބަތްވާ މެންބަރުންގެ އަޣުލަބިއްޔަތާ އެއްވަރުގެ އަދަދަކަށް މެންބަރުން ހާޒިރުވުމުންނެވެ. ބޯޑުގެ ބައްދަލުވުމެއް ފަށަންވާނީ އެ އަދަދަށް މެންބަރުން ހާޒިރުވެގެންނެވެ. އަދި، ހިނގަމުންދާ ބައްދަލުވުމެއްގައި އެ އަދަދަށްވުރެ މެންބަރުން މަދުވެއްޖެނަމަ، އެ ބައްދަލުވުން މެދުކަނޑާލަންވާނެއެވެ.

(ނ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ރައީސެވެ. ރައީސަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ނައިބުރައީސެވެ.

(ރ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ބަޔާންކުރާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާ ގުޅޭގޮތުން ބޯޑުން ނިންމާ ނިންމުންތައް ނިންމަންވާނީ، ބޯޑުގެ ބައްދަލުވުމެއްގައި އެ ބައްދަލުވުމަށް ހާޒިރުވެ ވޯޓު ދިން މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން ކަމެއް ފާސްކުރުމަށް ވޯޓަށް އެހުމުން، އެކަމެއް ފާސްކުރުމަށް ވޯޓު ދިން މެންބަރުންގެ އަދަދާއި އެކަން ފާސްކުރުމަށް ވޯޓު ނުދީ ތިބި މެންބަރުންގެ އަދަދު އެއްވަރުވެއްޖެނަމަ، އެކަމަކާމެދު، ގޮތެއް ނިންމުމަށްޓަކައި އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ މެންބަރު ވޯޓު ދޭންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ބޯޑުން ނިންމާ އެއްވެސް ނިންމުމެއް ތަންފީޒުކުރުން ފަސްކުރުމަށް ބޯޑުގެ ރައީސަށް ނިންމިދާނެއެވެ. އަދި އެފަދައިން އޭނާ ނިންމާނަމަ، އެ ނިންމުމެއް ބޯޑުން ނިންމި ތާރީހުން ފެށިގެން ގިނަވެގެން 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި، އެ ނިންމުން މުރާޖައާކުރުމަށްޓަކައި ސަބަބު ބަޔާންކޮށް، ބޯޑަށް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ބޯޑުގެ ނިންމުމެއް މުރާޖައާކުރުމަށް ބޯޑުގެ ރައީސް ހުށަހެޅުމުން، އެކަމާމެދު ބޯޑުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. އަދި އެ ނިންމުމެއް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބޯޑުގެ ރައީސް ތަންފީޒުކުރަންވާނެއެވެ.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ނ-1) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފާހަގަކުރެވުނު ކަންކަމަކީ، އެކަންކަމުގެ ކުޑަބޮޑު މިނަށް ރިއާޔަތްކޮށް، އެކަންކަމުގައި ށާމިލްވި ކައުންސިލަރަކާމެދު ނުވަތަ ރައީސަކާމެދު ނުވަތަ މޭޔަރަކާމެދު ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ފެނިއްޖެނަމަ، އިންކުއަރީ ރިޕޯޓުގެ މައްޗަށް ބިނާކޮށް މި މާއްދާގެ (ބ) ގެ ދަށުން ކައުންސިލަރުންނާމެދު ނުވަތަ ރައީސަކާމެދު ނުވަތަ މޭޔަރަކާމެދު ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) މި މާއްދާގެ (ބ) ގެ ދަށުން ކައުންސިލަރަކާމެދު އަޅާ ފިޔަވަޅެއްގެ ސަބަބުން، ކައުންސިލްގެ ކޯރަމް ހަމަނުވާނަމަ އެ ކައުންސިލްގެ ރަށްވެހިކަމުގެ ހިދުމަތްތައް އެ ރަށަކުން މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ލޯކަލް ވަރމަންޓް އޮތޯރިޓީގެ މަށްވަރާގެ މަތިން ކައުންސިލާ ހަވާލުވެހުރި ސެކްރެޓަރީ ޖެނެރަލް ހަމަޖައްސަންވާނެއެވެ.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް ކޮންމެ އިދާރީ ދާއިރާއަކުން ލިބޭނެ އިންތިޒާމު ގައުމީ އިދާރާތަކުން ހަމަޖައްސަންވާނެއެވެ. ގައުމީ އިދާރާތަކުން އިދާރީ ދާއިރާތަކުގައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށްޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ދޭންވާނެއެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު އުނިކުރުން.

 

33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(3) ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް ގައުމީ އިދާރާގެ ހިދުމަތް ސީދާ ސިޓީއިން ނުވަތަ ރަށުން ލިބޭނޭގޮތް ހަމަޖެއްސުން.

 

34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ނ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގައުމީ އިދާރާއަކުން ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް ހިދުމަތް ދޭންވާނީ ކަމާ ގުޅޭގޮތުން ވެވޭ އެއްބަސްވުމެއް މެދުވެރިކޮށެވެ. އެ އެއްބަސްވުމުގައި އަންނަނިވި މާއްދާތައް ހިމަނަންވާނެއެވެ. 

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 66 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގައުމީ އިދާރާތަކުން ކައުންސިލް މެދުވެރިކޮށް ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުން 66.

ގައުމީ އިދާރާއަކުން، އެއްވެސް ކައުންސިލެއް މެދުވެރިކޮށް އެ އިދާރާއަކުން ފޯރުކޮށްދޭ ހިދުމަތެއް ސިޓީ ކައުންސިލެއް ނުވަތަ ރަށު ކައުންސިލެއް މެދުވެރިކޮށް ފޯރުކޮށްދޭން ނިންމައިފިނަމަ، އެ ހިދުމަތެއް އެ ކައުންސިލަކުން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ އެ އިދާރާއަކުން ކައުންސިލްތަކަށް ދޭންވާނެއެވެ.

 

36 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 68 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ގައުމީ އިދާރާއަކުން ނުވަތަ ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ މަދަނީ ޖަމްއިއްޔާއަކުން ނުވަތަ އެނޫންވެސް ފަރާތަކުން އިދާރީ ދާއިރާއެއްގައި އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން އެ ޕްރޮޖެކްޓެއް ހިންގާ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކާ މަށްވަރާކުރަންވާނެއެވެ. އެގޮތުން ކުރެވޭ މަށްވަރާތަކުގައި އެ ރަށެއް ނުވަތަ ސިޓީއެއްގައި އަދި އެ އިދާރީ ދާއިރާގައި ހުންނަ އެކަމާގުޅޭ އެންމެހައި މުއައްސަސާތައް ބައިވެރިވުމުގެ ފުރުސަތު ދޭންވާނެއެވެ.

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ގައުމީ އިދާރާތަކުން ރަށެއްގައި ހިންގުމަށް ކަނޑަޅާ ޕީއެސްއައިޕީ މަށްރޫއުގެ ތެރެއިން، އެ މަށްރޫއެއްގެ އަގު 5 (ފަހެއް) މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަށްރޫއުތައް ހިންގަންވާނީ، އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

38 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އޮފީސްތައް ހިންގުމަށާއި، ކައުންސިލްތަކުން ދޭ ހިދުމަތްތައް ދިނުމަށާއި، ކައުންސިލްތަކުން ތަރައްގީއަށް ހިންގާ މަށްރޫއުތަކަށް ހަރަދުކުރުމަށް، މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ އުސޫލަށް ރިއާޔަތްކޮށް، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް އަންނަނިވި ގޮތުގެމަތިން ހިލޭ އެހީގެ ގޮތުގައި ދައުލަތުން، ކައުންސިލްތަކަށް ފައިސާ ދޫކުރަންވާނެއެވެ.

 

39 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 89 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަށާއި ސިޓީގެ ފައިނޭންށަލް ޕްލޭން 89.

ރަށުގެ ތަރައްގީގެ ޕްލޭނަށް ބިނާކޮށް މަދުވެގެން 5 (ފަހެއް) އަހަރުގެ، ރަށުގެ ފައިނޭންށަލް ޕްލޭން ރައްޔިތުންގެ ބައިވެރިވުމާއެކު ރަށު ކައުންސިލުން އެކުލަވާލައި އާންމުކުރަންވާނެއެވެ. ހަމަ މިގޮތަށް ސިޓީގައި ހިމެނޭ އަވަށްތަކުގެ ތަރައްގީގެ ޕްލޭނަށާއި ސިޓީގެ ތަރައްގީގެ ޕްލޭނަށް ބިނާކޮށް މަދުވެގެން 5 (ފަހެއް) އަހަރުގެ، ސިޓީގެ ފައިނޭންށަލް ޕްލޭން ރައްޔިތުންގެ ބައިވެރިވުމާއެކު ސިޓީ ކައުންސިލުން އެކުލަވާލައި އާންމުކުރަންވާނެއެވެ.

 

40 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 90 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކައުންސިލްތަކުން ބަޖެޓު ތައްޔާރުކުރުން 90.

ރަށާއި އިދާރީ ދާއިރާގެ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭނަށް ބަލައިގެން ރަށު ކައުންސިލުން ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރުކުރަންވާނެއެވެ. އަދި، ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްތަކުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭނަށް ބަލައިގެން ސިޓީ ކައުންސިލްތަކުން ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރުކުރަންވާނެއެވެ.

 

41 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 92 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ކުރިއަށްއޮތް އަހަރު ކައުންސިލްގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާގެ އަދަދު ކަނޑައަޅައި ރަށު ކައުންސިލުން ފާސްކޮށް ރަށު ކައުންސިލްތަކުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ގަވާއިދުގައިވާ ތާރީހަށް ނުވަތަ އެ ތާރީހުގެ ކުރިން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ހުށަހެޅުމުގެ ކޮޕީއެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ. 

 

42 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 102 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ރަށު ކައުންސިލްގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ރަށު ކައުންސިލްގެ ރައީސް ހުށަހަޅަންވާނެއެވެ.

 

43 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 102 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ރަށު ކައުންސިލްތަކުން ފޮނުވާ އެ ކައުންސިލްތަކުގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެ މައުލޫމާތު އާންމުކުރަންވާނެއެވެ.

 

44 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 102 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

45 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 105 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް، ކަނޑައެޅިފައިވާ އުސޫލުން ރަށު ކައުންސިލްތަކުން ލޯކަލް ގަވަރަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

 

46 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 106 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތިރީގައި ބަޔާންކޮށްފައިވާ ލިއުންތައް ކަނޑައެޅިފައިވާ އުސޫލުން، ސިޓީ ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

 

47 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-107 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ގައުމީ އިދާރާތަކަށް މައުލޫމާތު ދިނުމާއި ޖަވާބުދާރީވުން 3-107.

(ހ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުމަށް މަގުފަހިކުރުމަށާއި، އިދާރީ ދާއިރާތައް ތަރައްގީކުރުމުގެ މަސައްކަތްތަކާއި މަށްރޫއުތައް ގައުމީ އިދާރާތަކާއެކު ގުޅިގެން ކުރިއަށް ގެންދިޔުމަށްޓަކައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުމަށް އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއިން އެދޭ ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާގުޅޭ އަންނަނިވި މައުލޫމާތު ލޯކަލް ކައުންސިލްތަކުން އެ ވުޒާރާއަށް ދޭންވާނެއެވެ.

(1) ލޯކަލް ކައުންސިލްތަކުން ރާވައި ހިންގައި ނިމިފައިވާ ހަރަކާތްތަކާއި ދެވިފައިވާ ހިދުމަތްތައް.

(2) ލޯކަލް ކައުންސިލްތަކުން ކުރިއަށްއޮތް ތަނުގައި ހިންގުމަށް ރާވާފައިވާ ހަރަކާތްތަކާއި ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތައް.

(3) ލޯކަލް ކައުންސިލްތަކުން އެ ވަގުތަކު ހިންގަމުންދާ ހަރަކާތްތަކާއި ދެމުންގެންދާ ހިދުމަތްތައް.

(ށ) މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ލޯކަލް ކައުންސިލްތަކާ މަތިކޮށްފައިވާ ޒިންމާތަކާއި، މަސްއޫލިއްޔަތުތަކާއި، ލޯކަލް ކައުންސިލްތަކާ ހަވާލުކޮށްފައިވާ ބާރުތައް ތަންފީޒުކޮށް ހިންގުމާ ގުޅޭގޮތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުމަށް އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށާއި ކަމާގުޅޭ ނިސްބަތަށް އެހެނިހެން ގައުމީ އިދާރާތަކަށް ލޯކަލް ކައުންސިލްތަކުން ޖަވާބުދާރީވާންވާނެއެވެ.

(ނ) މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އިދާރީ ދާއިރާތަކުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަށްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ކައުންސިލްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ހުށަހަޅައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ހުއްދައެއް ކައުންސިލުން ދީފައިނުވާނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދައާއެކު، އެ މަށްރޫއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތްތައް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިޔުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.

 

48 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 112 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތިރީގައިވާ ގޮތުގެމަތިން، ރަށު އަދި ސިޓީ ކައުންސިލްތަކުން ކޮންމެ ހަފްތާއަކު އެއްފަހަރު ކައުންސިލްގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ.

 

49 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 116 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މެންބަރެއްގެ ކިބައިގައި ހުރުން ގާނޫނު ލާޒިމުކުރާ ސިފައެއް އެ މެންބަރެއްގެ ކިބައިން އުނިވުން.

 

50 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 116 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް، އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

(ބ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްށަންސް ކޮމިށަނުގައި ދަފްތަރުވުން.

(ޅ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްށަންސް ކޮމިށަނުގައި ދަފްތަރުވުން.

(ކ) އަމިއްލަ ގޮތުން ކައުންސިލަށް އިންތިހާބުވުމަށްފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްށަންސް ކޮމިށަނުގައި ދަފްތަރުވުން.

 

51 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 127 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ރަށު ކައުންސިލާއި ސިޓީ ކައުންސިލާއި އަވަށު އޮފީހުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އުފައްދާ އިދާރާތަކުގެ މަގާމުތައް ކަނޑައަޅައި އެ މަގާމުތަކަށް މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ ކައުންސިލްތަކުގެ މަށްވަރާއާއެކު ސިވިލް ސަރވިސް ކޮމިށަނުންނެވެ. އަދި މިފަދަ މުވައްޒަފުންގެ މައްޗަށް ހިނގާނީ ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ސިވިލް ސަރވިސް ކޮމިށަނުން ހަދާ ގަވާއިދުތަކެވެ.

 

52 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 130 ވަނަ މާއްދާގެ (ހ) އުނިކުރުން.

 

53 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 148 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ކައުންސިލްތަކުގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު ގަވާއިދު ހެދުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. މީގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު އަންނަނިވި ގަވާއިދުތައް ހެދުމުގެ ބާރު ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ލިބިގެންވެއެވެ.

 

54 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 152 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ރަށު ކައުންސިލާއި ސިޓީ ކައުންސިލަށް ނިސްބަތްކޮށެވެ.

 

55 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 152 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) "ރައްޔިތުންގެ މާލިއްޔަތު" ކަމަށް ބުނެފައި އެވަނީ، ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ ނަމުގައި ސަރުކާރުންނާއި އަމިއްލަ  ފަރާތްތަކުންނާއި އެކިއެކި ޖަމާއަތްތަކުން ލިބޭ އެހީއާއި، ލޯނާއި، މިނޫންވެސް އެ ރަށެއްގެ ރައްޔިތުންގެ ނަމުގައި ޖަމާކުރެވޭ ހުރިހާ ފައިސާއަކާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދަލާއި ބިންބިމާއި ތަކެއްޗަށެވެ.

 

56 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 152 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(އ) "ރަށުގެ ބިމާއި ފަޅާއި ފަރުތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ރަށްރަށާއި ސިޓީތަކުގެ އިހްތިސާސް ކަމުގައި ކަނޑައަޅާފައިވާ ތަންތަނަށެވެ.

 

57 ވަނަ މާއްދާ -

(ހ) މި ގާނޫނުން ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާއާއި 41 ވަނަ މާއްދާއާއި 6-56 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެ މާއްދާތަކުގައި ބަޔާންކުރާ ގޮތުގެމަތިން މެންބަރުން އިންތިހާބުކުރަންވާނީ، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިންތިހާބުތައް ބާއްވައި އެ ކައުންސިލްތަކަށާއި ކޮމިޓީތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެން، މި ގާނޫނަށް އަމަލުކުރަން ފަށާއިރު އިންތިހާބުކޮށްފައިވާ އަދި މަގާމުގައި ދެމިތިބި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން، އެމީހުންގެ މަގާމުގައި ދެމިތިބޭނެއެވެ.

 

58 ވަނަ މާއްދާ -

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ބުނެވިދިޔަ ގާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކުގެ އިދާރާތަކާއި އެނޫންވެސް އަތޮޅު ކައުންސިލްތަކުގެ އޮފީސްތައް، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވުމާއެކު އުވުނީއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި ފައިސާ އަދި މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އަތޮޅު ކައުންސިލްތަކަށް ލިބޭ އާމްދަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވުމާ ދެމެދު، އަތޮޅު ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ ހަރަދު ފިޔަވައި އެނޫން ކަންކަމަށް އަތޮޅު ކައުންސިލްތަކުން ބޭނުންކުރަންވާނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން، ހަމައެކަނި އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާގެ ރަށްރަށުގެ ތަރައްގީގެ ބޭނުންތަކަށެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވާއިރު އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި ފައިސާ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް އިންތިހާބުކުރެވޭ އެ އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ރަށްރަށުގެ ރަށު ކައުންސިލްތަކާ ހަވާލުކުރަންވާނެއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ވަސީލަތްތައް މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވުމާއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުވީއެވެ.

(ބ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަތޮޅު ކައުންސިލްތަކުގެ އިދާރާތަކާއި، އެނޫންވެސް އަތޮޅު ކައުންސިލްތަކުގެ އޮފީސްތަކުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން މަސައްކަތްކުރާނެ އެހެން ތަނެއް، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް ހަމަޖައްސައި އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ނިންމަންވާނެއެވެ. މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ހަމަޖައްސައި ނިމެންދެން އެ މުވައްޒަފުން ތިބޭނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައެވެ.

 

59 ވަނަ މާއްދާ

(ހ) މި ގާނޫނުން ބުނެވިދިޔަ ގާނޫނުގެ 116 ވަނަ މާއްދާގެ (ރ) އާއި (ބ) އަދި (ޅ) ގެ ގޮތުގައި އިތުރުކުރެވޭ އަކުރުތަކުގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރަން ފަށާނީ، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި، އަލަށް އިންތިހާބުކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ގާނޫނު ނަންބަރު 5/2024 (އެންޓި-ޑިފެކްށަން ގާނޫނު) ގެ 4 ވަނަ މާއްދާ އުވުނީއެވެ. އަދި އެ ގާނޫނުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވާ މީހުންނަށް ހަވާލާދީފައިވާ ހުރިހާ ބައިތަކެއް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އުވުނީއެވެ.

 

60 ވަނަ މާއްދާ -

މި ގާނޫނުގެ 57 ވަނަ މާއްދާއާއި 58 ވަނަ މާއްދާގެ ބޭނުމަށް "މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު" ނުވަތަ "މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އުމުރު ހަމަވާންވާއިރަށް، ކައުންސިލްތަކަށާއި ކޮމިޓީތަކަށް އަލަށް މެންބަރުން އިންތިހާބުކުރުމަށްޓަކައި ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށެވެ.

 

61 ވަނަ މާއްދާ -

މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

62 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު