ގާނޫނު ނަންބަރު 2020-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2020-27)
ގާނޫނު ނަންބަރު 2020-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ -ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރާއި(8) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
ސިއްރު ހިފެހެއްޓުން 15(ށ)
7. މި ގާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޑަބަލް ޓެކްސް އެގްރީމަންޓެއްގެ ދަށުން ނުވަތަ މި ގާނޫނުގެ 1-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެކުހާގުޅޭ މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހާމަކުރެވޭ މައުލޫމާތު؛
8. މި އަކުރުގެ (7) ވަނަ ނަންބަރުގައި ނުހިމެނޭ، ބޭރު ގައުމެއްގައި ނުވަތަ ސަރަހައްދެއްގައި ހިންގޭ ޓެކްސް ގާނޫނެއްގެ ދަށުން އެ ގައުމަކަށް ނުވަތަ ސަރަހައްދަކަށް ނަގާ ޓެކުހަކާ ގުޅޭގޮތުން އެ ގައުމެއްގައި ނުވަތަ ސަރަހައްދެއްގައި ޓެކްސް ގާނޫނު ހިންގުމަށް ހުއްދަލިބިފައިވާ އޮފިށަލުންނަށް ދިވެހިރާއްޖޭގައި ޓެކްސް ދައްކަންޖެހޭ ފަރާތަކާ ބެހޭގޮތުން ދޭންޖެހޭ މައުލޫމާތު؛
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
މައުލޫމާތު ހާމަކުރުން 16.
(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ގާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން ލިބޭ ނުވަތަ ބަދަލުކުރެވޭ މައުލޫމާތު، އެހެން އެއްވެސް ފަރާތަކާ ހިއްސާކުރެވޭނީ އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުނުވާ ގޮތަށް ބޭރު ގައުމަކުން ނުވަތަ ސަރަހައްދަކުން އާމްދަނީން ޓެކްސް ދެއްކުމުގައި އެއްވެސް އިނާޔަތެއް ނުވަތަ ލުޔެއް ލިބޭނަމަ، އެފަދަ ގައުމަކުން ނުވަތަ ސަރަހައްދަކުން ޓެކްސް ދެއްކުމުގައި އެ ލުއި ހޯދުމަށް، އެ ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ކަމާބެހޭ އޮފިސަރަކަށް ކޮންމެހެން ބޭނުންވާނެ މައުލޫމާތު ހާމަކުރުމަކީ މި ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ހިލާފު ކަމެއް ނޫނެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ފ) އާއި (ދ) އުނިކުރުން.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ކަންޓްރީ-ބާއި-ކަންޓްރީ ރިޕޯޓ 1-31
(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭށަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުއާމަލާތްތަކާއި ހިންގުމާގުޅޭ މައުލޫމާތު ހިމަނައިގެން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ތައްޔާރުކޮށް މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުތައް މީރާއިން ހޯދި ކަމުގައިވީނަމަވެސް، އެފަދަ ރިޕޯޓުތައް، ބޭރު ގައުމުތަކާ ނުވަތަ ސަރަހައްދުތަކާ ހިއްސާކުރަންވާނީ، މި ގާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން 44.
(ހ) މި ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ޓެކްސް ދައްކާ ފަރާތަކުން މީރާއަށް ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ، އެ މައްސަލައެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅަނީ މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅާފައިވާ ޓެކްސްގެ އަދަދަކާ ގުޅިގެން ކަމަށްވާނަމަ، އެ މައްސަލައެއް އިސްތިއުނާފުކުރެވޭނީ މީރާއިން ކަނޑައަޅާފައިވާ ޓެކްސްގެ އަދަދުގެ ތެރެއިން، ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާ އަދަދުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) އާ އެއްވަރުގެ އަދަދެއް މީރާއަށް ދައްކައި ހަލާސްކުރުމަށްފަހުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ %25 (ފަންސަވީސް އިންސައްތަ) ހިސާބުކުރާނީ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާ އަދަދާ ގުޅިގެން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓަކާ ނުލައެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލުން އެ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ.
(ބ) ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް މި މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ނިންމުމަށްޓަކައި، ޓެކްސް އެޕީލް ޓްރައިބިއުނަލުން މައްސަލައިގެ އަޑުއެހުންތައް ދުރާލާ ތާވަލުކުރަންވާނެއެވެ.
(ކ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު މި މާއްދާގެ (ޅ) ގެ ދަށުން އިތުރުކުރާ ހާލަތުގައި، އެ މައްސަލައެއްގައި ޓްރައިބިއުނަލުން ނިންމާ ނިންމުމުގައި އެފަދައިން މުއްދަތު އިތުރުކުރި ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(އ) ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލަތައް، އެ ތާރީހުން ފެށިގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި އެ ޓްރައިބިއުނަލުން ބަލައި، އެ މައްސަލަތަކާމެދު ގޮތެއް ނިންމަންވާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެ ޓެކުހާގުޅޭ ފައިސާ ށަރީއަތް މެދުވެރިކޮށް ހޯދުން 49.
(ހ) އެއްވެސް ޓެކުހެއް، ނުވަތަ އެ ޓެކުހަކާގުޅޭ ޖޫރިމަނާއެއް ނުވަތަ އެނޫންވެސް އަދަދެއް، ދައުލަތަށް ނުދައްކާ އޮވެއްޖެނަމަ، ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދުމަށްޓަކައި ، ށަރީއަތަށް މައްސަލަ ހުށަހަޅައިގެން މީރާއަށް އެ ފައިސާ ހޯދިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަރީއަތަށް ހުށަހެޅޭ މައްސަލައެއްގެ ށަރީއަތުގެ މަރުހަލާއަކީ، ނުދައްކާ އޮތް ޓެކުހެއް ހޯދުމުގެ ތަންފީޒީ މަރުހަލާއެއް ކަމުގައިވާތީ، އެ މަރުހަލާގައި، އެ މައްސަލަ ނިސްބަތްވާ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އަދަދުގެ މައްސަލަ މައުޒޫއީގޮތުން ބަލައިގެންނުވާނެއެވެ. ވަކި ފަރާތަކުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ޓެކުހުގެ އަދަދާމެދު ހުށަހަޅާ މައްސަލައެއް މައުޒޫއީގޮތުން ބެލޭނީ، މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމަށް އޮންނަ އިޖުރާއަތު މެދުވެރިކޮށެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައެއް ށަރީއަތުން ބަލާއިރު، ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތުގެ ނަމާއި އެޑްރެސް އަދި ދައްކަންޖެހޭ އަދަދުގެ ތަފްސީލު ހިމެނޭ، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ސޮއިކޮށްފައިވާ ލިޔުމަކީ، ޓެކުހުގެ ގޮތުގައި އެފަރާތަކުން ދައްކަންޖެހޭ އަދަދު ސާބިތުކުރުމަށް އޮތް ހެއްކެއް ކަމުގައާއި، ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއް ކަމުގައި ފުދޭނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެ ޓެކުހާގުޅޭ ފައިސާއެއް ހޯދުމަށް އެދި މި މާއްދާގެ (ހ) ގެ ދަށުން މީރާއަށް ށަރީއަތަށް ހުށަހެޅޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައެވެ.
- ވަކި ފަރާތަކުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދާ ގުޅޭގޮތުން މި ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި އެ މައްސަލަ ހުށަހަޅާފައިނުވުމުގެ ސަބަބުން، މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅާ އަދަދާމެދު އިއުތިރާޒުކުރާނެ އިތުރު ފުރުސަތެއް ނެތް ހާލަތުގައި ؛ ނުވަތ
- ވަކި ފަރާތަކުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދާ ގުޅޭގޮތުން މި ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅި އެ މައްސަލައާމެދު ޓްރައިބިއުނަލުން ނިންމާ ނިންމުން ނިހާއީވެފައިވާ ހާލަތުގައި، ނުވަތަ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމުގެ މަރުހަލާގައި މަތީ މަރުހަލާގެ ކޯޓަކުން ކުރާ ހުކުމް ނިހާއީވެފައިވާ ހާލަތުގައި؛
- މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތްތައް އެ މައްޗަށް ނުހިނގާ މައްސަލަތަކުގައި، ޓެކްސް ދައްކަންޖެހޭ ފަރާތުން އަމިއްލައަށް ކަނޑައަޅާފައިވާ އަދަދު ހޯދުމަށްޓަކައި ށަރީއަތަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މީރާއަށް ލިބިދީފައިވާ ހާލަތުގައި.
(ބ) މި މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރު އެހެން އޮތުމަކުން، ޓެކްސް ދައްކަންޖެހޭ ފަރާތަކުން ކަނޑައަޅާފައިވާ އަދަދު އިސްލާހުކުރުމަށް ކަމާބެހޭ ޓެކްސް ގާނޫނުތަކުގެ ދަށުން އެފަރާތަށް ލިބޭ އިހްތިޔާރަކަށް އެއްވެސް ހަނިކަމެއް ނާންނާނެއެވެ.
(ޅ) ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެ ޓެކުހާގުޅޭ ފައިސާއެއް ހޯދުމަށް އެދި މި މާއްދާގެ (ހ) ގެ ދަށުން ށަރީއަތަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ށަރީއަތުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ކޯޓުން ކަނޑައަޅާ ނިންމުމަކީ، ތަންފީޒީ ބާރު ހިނގާނެ، އެންމެ ފަހުގެ ނިންމުމެވެ. އަދި އެ ނިންމުން، މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފެއް ނުކުރެވޭނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-49 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލިބެންވާ ފައިސާ ހޯދުމުގައި ބޭރު ގައުމުތަކުގެ އެހީ ހޯދުން 49.1
މީރާއަށް ދައްކަންޖެހޭ ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ފައިސާއެއް، މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ގާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް ހޯދިދާނެއެވެ. އަދި ބޭރު ގައުމަކުން ނުވަތަ ސަރަހައްދަކުން ހޯދަން އެދޭ ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ފައިސާއެއް، އެފަދަ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެ މެދުވެރިކޮށް ހޯދިދާނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޓެކުހަށްނުވާ އާމްދަނީމީރާއަށް ބަލައިގަތުމާއި ފިޔަވަޅު އެޅުން 50.
(ހ) އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، އަމިއްލަ ފަރުދަކު ނުވަތަ ގާނޫނީ ށަހްސަކުން ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ލާޒިމުކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދައުލަތުގެ ނަމުގައި މީރާއަށް ބަލައިގަނެވިދާނެއެވެ.
(ށ) ި މާއްދާގެ (ހ) ގެ ދަށުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ބަލައިގަތުމުގައި، އެފަދަ ފައިސާއާ ގުޅޭގޮތުން ކަމާބެހޭ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އެއްބަސްވުމެއްގައިވާ ގޮތުގެމަތިން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ބަލައިގަތުންވެސް ހިމެނެއެވެ.
(ނ) މި މާއްދާގެ ބޭނުމަށްޓަކައި "ޓެކްސް ފިޔަވައި އެހެނިހެން ފައިސާ" ކަމަށް ބުނެފައި އެވަނީ، ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، ފަރުދެއްގެ އަތުން ނުވަތަ ގާނޫނީ ށަހްސަކުން ސަރުކާރަށް ނުވަތަ ދައުލަތަށް ނަގާ ޓެކުހަށް ނުވާ، އަގެއް ނުވަތަ ފީއެއް ނުވަތަ ކުއްޔެއް ނުވަތަ ޖޫރިމަނާއަށެވެ.
(ރ) މި މާއްދާގެ ދަށުން މީރާއަށް ބަލައިގަންނަ ފައިސާ ޖަމާކުރާނީ، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 19 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.
(ބ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ށަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހްތިޔާރު ބަންޑާރަނައިބަށް ލިބިގެންވެއެވެ.
(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ށަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހްތިޔާރު ބަންޑާރަނައިބަށް ލިބިގެންވެއެވެ.
(ކ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، މި މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، މި މާއްދާގެ (ބ) ގެ ދަށުން ށަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމަށް ހުށަހެޅުމުގެ ކުރިން، އެ ފައިސާ އެފަރާތުން ހޯދުމަށްޓަކައި އަންނަނިވި ފިޔަވަޅުތައް، މީރާއަށް އެޅިދާނެއެވެ.
- ފައިސާ ދެއްކުމަށް އަންގާ ނޯޓިސް ފޮނުވުން؛
- ފައިސާ ނުދައްކާ ފަރާތުގެ ނަން ހާމަކުރުން؛
- ދައުލަތުގެ އިދާރާއަކުން ހޯދަން އެދޭ ހިދުމަތެއް ދިނުން ހިފެހެއްޓުން.
(އ) މި މާއްދާގެ (ކ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި، އެ މާއްދާގައި ބަޔާންކުރާ ފިޔަވަޅު ވަކި ފަރާތަކާމެދު އެޅޭނީ، މި މާއްދާގެ (ހ) ގެ ދަށުން އެފަރާތުން މީރާއަށް ދައްކަންޖެހޭ ފައިސާއަކީ، އެ ދައުލަތުގެ އިދާރާއިން އެފަރާތުން ހޯދުމަށް އެދޭ ހިދުމަތާ ގުޅުންހުރި މުއާމަލާތަކާގުޅޭ ފައިސާއެއް ކަމުގައިވާނަމައެވެ.
(ވ) މާއްދާގެ (ކ) ގައި ބަޔާންކުރާ ފިޔަވަޅުތައް އެޅުމުގައި މީރާއިން އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(މ) މާއްދާގެ (ވ) ގައި ބަޔާންކުރާ ގަވާއިދު މީރާއިން އެކުލަވާލަންވާނީ މިނިސްޓަރުގެ މަށްވަރާގެ މަތިންނެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޑަބަލް ޓެކްސް އެގްރީމަންޓްތައް 51.
(ހ) ޑަބަލް ޓެކްސް ނެގޭ ހާލަތްތައް މެދުވެރިވާގޮތް ހުއްޓުވުމަށް ނުވަތަ ޑަބަލް ޓެކްސް ނެގޭ ހާލަތްތަކުގައި ލުއި ހޯދައިދިނުމަށް ނުވަތަ ލިބެންވާ ޓެކުހެއް ހޯދައިދިނުމަށް ނުވަތަ އެފަދަ ގުޅުންހުރި މައްސަލަތަކުގައި، ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރަށްވުރެ މަދުން ދެއްކުން ނުވަތަ ޓެކްސް ދެއްކުމުން އެއްކިބާވުން ފަދަ ހާލަތްތައް ހުއްޓުވުމަށް، ނުވަތަ މަދުން ޓެކްސް ދެއްކުން ނުވަތަ ޓެކްސް ދެއްކުމުން އެއްކިބާވުން ފަދަ ހާލަތްތައް އޮޑިޓްކުރުމަށް ނުވަތަ ތަހްގީގުކުރުމަށް މައުލޫމާތު ބަދަލުކުރުމަށް، ދިވެހިސަރުކާރާއި ބޭރު ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު އެއްބަސްވުމަކަށް އަންނައިރު، އަންނަނިވި ކަންތައްތަކުގެ މައްޗަށް އެއްބަސްވެވިދާނެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-51 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުންތަކާއި ޓެކުހާގުޅޭ ކަންކަމުގައި އިދާރީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުންތައް 1-51
ދިވެހިސަރުކާރާއި ބޭރު ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު ވެވޭ ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެއްބަސްވުމެއްގެ ދަށުން، ޓެކުހާގުޅޭ ކަންކަމުގައި އިދާރީ އެހީތެރިކަން ނުވަތަ "މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް" ޓެކްސް އިދާރާތަކުގެ މެދުގައި ބަދަލުކުރެވިދާނެއެވެ. އަދި، އެފަދައިން ޓެކުހާގުޅޭ ކަންކަމުގައި އިދާރީ އެހީތެރިކަން ބަދަލުކުރުމަށް ބޭނުންވާ މައުލޫމާތާއި، ޓެކްސް ދެއްކުމުން އެއްކިބާވުން ނުވަތަ ޓެކުހަށް މަކަރުހެދުން ހުއްޓުވުމަށާއި އެފަދަ ކަންކަން އޮޑިޓްކުރުމަށް ނުވަތަ ތަހްގީގުކުރުމަށް ބޭނުންވާ މައުލޫމާތު، ކަމާގުޅޭ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިން ޓެކްސް އިދާރާތަކުގެ މެދުގައި ބަދަލުކުރެވިދާނެއެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-51 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު މާއްދާ އިތުރުކުރުން.
އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭށަން 2-51
މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ގާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭށަން ސިސްޓަމެއް މެދުވެރިކޮށް މީރާއާއި ބޭރުގެ ގައުމުތަކުގެ ނުވަތަ ސަރަހައްދުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރެވިދާނެއެވެ.
މާލީ އިދާރާތަކުން މައުލޫމާތު ހޯދުމުގެ ބާރު 3-51
ގާނޫނީ ށަހްސެއްގެ ނުވަތަ މުއާމަލާތެއްގެ ނުވަތަ އިންތިޒާމެއްގެ ބެނެފިށަލް އޯނަރުގެ ބެނެފިށަލް އޯނަރުގެ މައުލޫމާތު ހޯދުމާއި އެ މައުލޫމާތު ބޭނުންކުރުމާއި، މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ގާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން އެހެން ގައުމުތަކާއެކު ނުވަތަ ސަރަހައްދުތަކާއެކު އެ މައުލޫމާތު ހިއްސާކުރުމާއި، ބެނެފިށަލް އޯނަރުގެ މައުލޫމާތު ނެގިދާނެ ހާލަތްތައް ކަނޑައެޅުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ. އަދި ކަމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
މައުލޫމާތު ބޭނުންކުރުން 5-51
މި ގާނޫނުގެ ދަށުން ލިބޭ ނުވަތަ ބަދަލުކުރެވޭ މައުލޫމާތު ޓެކްސް ގާނޫނުތައް ތަންފީޒުކުރުމަށްޓަކައި މީރާއަށް ބޭނުންކުރެވިދާނެއެވެ.
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-51 އެއީ އެ ގާނޫނުގެ 6-51 ކަމުގައި ހަމަޖައްސައި، އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި މުއާހަދާތަކަށް އަމަލުކުރުން 6-51
މި ގާނޫނުގެ 51 ވަނަ މާއްދާ ނުވަތަ މި ގާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ ބައިނަލްއަގްވާމީ އެއްބަސްވުންތަކަށް އަމަލުކުރުމަށް ލާޒިމުވާނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރ 1-52
މި ގާނޫނުގެ 51 ވަނަ މާއްދާ ނުވަތަ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން، ކުރިއަށްގެންދާ މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ނުވަތަ ޑިސްޕިއުޓް ރިޒޮލިއުށަން މަރުހަލާއެއް ކުރިއަށްގެންދަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓްތައް 1-53
(ހ) ޓެކްސް ދައްކާ ފަރާތަކުން ގުޅުންހުރި ފަރާތަކާއެކު ކުރުމަށް ގަސްދުކުރާ މުއާމަލާތަކާ ގުޅިގެން، އެ މުއާމަލާތެއްގެ އާމްސް ލެންތު އަގު ކަނޑައަޅުމުގެ ބޭނުމަށް ނުވަތަ އާމްސް ލެންތު އަގު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރުމަށްޓަކައި ، އެފަރާތާއެކު ނުވަތަ އެފަރާތުގެ އިތުރުން، ޓެކްސް އެޑްމިނިސްޓްރޭށަނެއް ނުވަތަ އެއް ޓެކްސް އެޑްމިނިސްޓްރޭށަނަށްވުރެ ގިނަ ޓެކްސް އެޑްމިނިސްޓްރޭށަނާއެކު، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ގާއިމުކުރުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.
(ށ) ގުޅުންހުރި ފަރާތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކާމެދު އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް، މި ގާނޫނުގެ މި މާއްދާ ފިޔަވައި އެހެން މާއްދާއެއްގައި ނުވަތަ އެހެން އެއްވެސް ޓެކްސް ގާނޫނެއްގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި އިސްކަންދޭންވާނީ މި މާއްދާއަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން ހިނގާނީ، އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން، ވިދިވިދިގެން ނިމޭ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށްވުރެ އިތުރުނުވާނެ މުއްދަތަކަށެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން އެއްވެސް ފަރާތަކާއެކު ގާއިމުނުކުރެވޭނެ ހާލަތްތަކާއި މި މާއްދާއާގުޅޭ އެހެނިހެން ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިސްތިއުނާފުކުރުން 55 .
(ހ) ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ނިންމާފައިވަނީ، ގާނޫނާއި ގަވާއިދާ ހިލާފަށްކަމަށް ފެނިއްޖެ ހިނދެއްގައި ، ނުވަތަ ޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންކަމަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ ހައްގު މީރާއަށާއި ޓެކްސް ދައްކާ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް އިސްތިއުނާފުކުރި ނަމަވެސް، މަތީ މަރުހަލާގެ ކޯޓަކުން ޓްރައިބިއުނަލްގެ އެ ނިންމުން ބަދަލުނުކުރާހާ ހިނދަކު ނުވަތަ ބާތިލުނުކުރާހާ ހިނދަކު ނުވަތަ އެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނުނެރޭހާ ހިނދަކު، ޓްރައިބިއުނަލްގެ ނިންމުމަކީ އެ މައްޗަށް އަމަލުކުރުން ލާޒިމު، އެންމެ ފަހުގެ ނިންމުމެކެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ށަރީއަތުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހައިކޯޓުން މައްސަލަ ބެލުމަށްފަހު ނިންމާ ނިންމުމެއް ނިންމާފައިވަނީ، ގާނޫނާއި ގަވާއިދާ ހިލާފަށްކަމަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް ނިންމާތާ 60 ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހައްގު، މީރާއަށާއި ޓެކްސް ދައްކާ ފަރާތަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 180 ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ށަރީއަތުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ނ) އަދި (ބ) އެހެން އޮތްނަމަވެސް، ހައިކޯޓަށް ނުވަތަ ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ހިމެނޭ އެންމެހައި ކަންކަމަށް ރިއާޔަތްކުރާއިރު، އެ ދެ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގައި އަދުލުވެރި ނިންމުމެއް ނިންމިދާނެކަމަށް މައްސަލަ ބަލާ ފަނޑިޔާރުންނަށް ނުފެންނަނަމަ، އެ މައްސަލައެއް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު އިތުރުކުރެވިދާނެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކުރާ މުއްދަތު 90 (ނުވަދިހަ) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.
(ކ) މައްސަލައެއް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު މި މާއްދާގެ (ޅ) ގެ ދަށުން ހައިކޯޓުން ނުވަތަ ސުޕްރީމް ކޯޓުން އިތުރުކުރާ ހާލަތުގައި، އެ މައްސަލައެއްގައި ނިންމާ ނިންމުމުގައި އެކަމުގެ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 86 ވަނަ މާއްދާގެ (ހ) އަށް އަންނަނިވި ދެ އިބާރާތުގެ މާނަކުރުން އިތުރުކުރުން.
މާނަކުރުން 86.
"ބެނެފިށަލް އޯނަރ" ކަމަށް ބުނެފައި އެވަނީ ، މުދަލެއް ނުވަތަ ހިދުމަތެއް ލިބިގަންނަ ފަރާތެއްގެ "އަލްޓިމޭޓް" މިލްކުވެރިކަން އޮތް ފަރުދަކަށް ނުވަތަ "އަލްޓިމޭޓް" ކޮންޓްރޯލް އޮތް ފަރުދަކަށް، ނުވަތަ ފަރުދެއްގެ ބަދަލުގައި އެހެން ފަރާތަކުން މުއާމަލާތެއް ހިންގާނަމަ އެ ފަރުދަކަށެވެ. "ބެނެފިށަލް އޯނަރ" ގެ މާނައިގެ ތެރޭގައި، ގާނޫނީ ށަހްސެއްގެ ނުވަތަ އިންތިޒާމެއްގެ "އަލްޓިމޭޓް އިފެކްޓިވް ކޮންޓްރޯލް" އޮންނަ ފަރާތްތައްވެސް ހިމެނެއެވެ.
"ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމުތަކާއި، ބޭރު ގައުމުތަކުގެ ގާނޫނީ ބާރު ހިނގާ ސަރަހައްދުތައްވެސް ހިމެނޭގޮތުންނެވެ.
17 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން
ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
18 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން
ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު