-

ފެނާއި ނަރުދަމާގެ ގާނޫނު (ގާނޫނު ނަންބަރު 2020-08) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2025-11)

(މި ގާނޫނަށް އަމަލުކުރަން ފެށީ 18 އޮގަސްޓް 2025 ގައި)

 ގާނޫނު ނަންބަރު 2020-08 (ފެނާއި ނަރުދަމާގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ފ) އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ގ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ގ) ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުށާދުދިނުމާއި، ކައުންސިލުތަކުގެ ގާބިލުކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން؛

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ޏ) އުނިކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ށަރުތުތަކާއި އިޖުރާއަތުތަކާއި، އުސޫލުތަކާއި، އެފަރާތްތަކުގެ ފެންވަރު ވަޒަންކުރުމާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި އެފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި، އާންމުކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ތ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ތ) ދިވެހިރާއްޖޭގައި ގާއިމުކުރެވޭ ލެބޯޓަރީތަކުގައި އާންމު ބޭނުންތަކަށް ދޫކުރާ ފެނުގެ ފެންވަރާއި، ރައްކާތެރިކަން ބަލައި ތަހްލީލުކުރުމުގެ ހިދުމަތް ދިނުމަށްޓަކައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، އެ ލެބޯޓަރީތަކުގައި ފެން ތަހްލީލުކުރުމުގެ ހިދުމަތް ދިނުމާގުޅޭ ށަރުތުތައް ކަނޑައެޅުން ހިމެނޭހެން ވިޔަފާރިއާއި އާންމު ބޭނުންތަކަށް އުފައްދާ ފެނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާ އުނިކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ނިޒާމު ގާއިމުކުރުމުގެ ހުއްދަ ދޭންވާނީ، ގާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހަދާފައިވާ ކަމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި، އެ ރިޕޯޓު އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީން ފާސްކުރުމަށްފަހުގައެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 43 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަހަރީ ރިޕޯޓު 43.

(ހ) ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ކޮންމެ ހުށަހެޅުން ފަރާތަކުންވެސް، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަވާ އަހަރީ ރިޕޯޓެއް އެކުލަވާލައި، ކޮންމެ މީލާދީ އަހަރެއްގެ މާރިޗު މަސް ނިމުމުގެ ކުރިން ކައުންސިލަށާއި، އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިޕޯޓު އެކުލެވިގެންވާންވާނީ، ހިދުމަތް ދޭ ފަރާތުން، ކުރިއަށް އޮތް އަހަރު ހިދުމަތް ދިނުމަށް ކަނޑައަޅާ ގޮތުގެ ޕްލޭންއަކާއި، ވޭތުވެދިޔަ އަހަރު އެފަރާތުން ފޯރުކޮށްދިން ހިދުމަތް ފޯރުކޮށްދިން ގޮތާގުޅޭ ޕަރފޯމަންސް ރިޕޯޓެއްގެ މައްޗަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިޕޯޓު އޮންނަންވީ ގޮތާއި، އޭގައި ހިމަނަންޖެހޭ ބައިތަކުގެ ތަފްސީލުތަކާއި، އެ ރިޕޯޓު ހުށަހެޅުމާ ގުޅޭގޮތުން އަމަލުކުރާނެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއް ކުރާ ފަރާތެއްގެ އަދަބަކީ، 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާގެ (ސ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(ޑ) ބިމުގެ ފެންފަށަލަ ތަޣައްޔަރުވާފަދަ އަމަލެއް ކޮށްފިނަމަ އެފަދަ ފަރާތެއްގެ އަދަބަކީ، 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

(ޒ) މި ގާނޫނުގައި މަނާކަމެއް ކަމުގައި ކަނޑައަޅާފައިވާ، އެހެންނަމަވެސް ކަނޑައެޅިގެން ވަކި އަދަބެއް ބަޔާންކޮށްފައިނުވާ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ އެފަދަ ފަރާތެއްގެ އަދަބަކީ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 5,000 (ފަސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. 

 

12 ބުނެވިދިޔަ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ މިނިސްޓްރީންނެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާގެ (ޕ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(ޖ) "ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މަސައްކަތްތެރިން" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރުމުގެ މަސައްކަތްތައް ކުރާ އިންޖިނިއަރުންނާއި އެނޫންވެސް، ފެން އުފައްދާ ނުވަތަ ސާފުކޮށްދޭ ނިޒާމުތަކާއި ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު ހިމެނޭގޮތުން ނަރުދަމާގެ ނިޒާމު ފަރުމާކުރުމުގެ ނުވަތަ އެފަދަ ނިޒާމެއް ގާއިމުކޮށް ބެލެހެއްޓުމުގެ ފަންނީ މަސައްކަތްތައް ކުރާ ފަރާތްތަކާއި، ފެން ވައިރުކުރުމުގެ މަސައްކަތްތައް ކުރާ ފަރާތްތަކާއި އެނޫންވެސް، ފެނާއި ނަރުދަމާގެ ހިދުމަތާގުޅޭ ފަންނީ މަސައްކަތްތައް ކުރާ ފަރާތްތަކަށެވެ.

(ޗ) "ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ނިޒާމުގައި އެކުލެވޭ ބައިތައް ފަރުމާކުރުމާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެފަދަ ނިޒާމެއް ނުވަތަ އޭގެ ބައެއް ފަރުމާކުރުމާއި، އެ ނިޒާމު ނުވަތަ އޭގެ ބައިތައް ބޭނުންކުރުމާ ގުޅޭގޮތުން އަދި އެ ނިޒާމު މެދުވެރިކޮށް ހިދުމަތް ދިނުމާއި، ހިދުމަތުގެ ބޭނުންކުރުމާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެ ނިޒާމު ނުވަތަ އޭގެ ބައެއް ބޭނުންކުރުމަށް ނުވަތަ އެފަދަ މިންގަނޑުތަކާ ހިލާފަށް ކަމާގުޅޭ ހިދުމަތެއް ދިނުމަށް ނުވަތަ ބޭނުންކުރުމަށެވެ.

 

14 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފެނާއި ނަރުދަމާގެ ގާނޫނު (ގާނޫނު ނަންބަރު 2020-08)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ފެނާއި ނަރުދަމާގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު