-

ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު)

(ގާނޫނު ނަންބަރު 2020-32)

 

ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގައި ހިމެނޭ "މާލީ އިދާރާ" ގެ މާނަކުރުން އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. "މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރި ނުވަތަ ބޭންކު-ނޫން މާލީ ވިޔަފާރި ހިންގާ ކޮންމެ ފަރާތަކަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގައި ހިމެނޭ "ބޭންކު-ނޫން މާލީ ވިޔަފާރި" ގެ މާނަކުރުން އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. "ބޭންކު-ނޫން މާލީ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރި ފިޔަވައި އެހެން ބާވަތްތަކުގެ މާލީ ވިޔަފާރިތަކަށެވެ. އޭގެތެރޭގައި، އާންމު ބޭންކިންގ ވިޔަފާރީގެ ތެރޭގައި ނުހިމެނޭ އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ މާރޗަންޓް ބޭންކިންގ ވިޔަފާރި ނުވަތަ ޑިވެލޮޕްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ ސެކިއުރިޓީޒްގެ ވިޔަފާރި ނުވަތަ އިންށުއަރެންސްގެ ވިޔަފާރި ނުވަތަ އިންވެސްޓްކުރުމާ ބެހޭގޮތުން ލަފާދިނުމުގެ ވިޔަފާރި، ނުވަތަ ފައިނޭންސިންގ ވިޔަފާރި، ނުވަތަ ރެމިޓެންސްގެ ވިޔަފާރި ނުވަތަ މަނީ ޗޭންޖިންގ ވިޔަފާރި ނުވަތަ އިލެކްޓްރޯނިކް މަނީ އިށޫކުރުމާއި އެހެންވެސް ޕޭމަންޓް އިންސްޓްރުމަންޓްތައް އިށޫކުރުމުގެ އަދި ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތްތައް ހިމެނޭގޮތުން ޕޭމަންޓް ހިދުމަތް ދިނުމުގެ ވިޔަފާރި، ނުވަތަ އެއްވެސް ބާވަތެއްގެ ޕޭމަންޓް އިންސްޓްރުމަންޓެއް ނުވަތަ ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ވިޔަފާރި، ނުވަތަ އެސެޓް މެނޭޖްމަންޓްގެ ވިޔަފާރި، ނުވަތަ އޮތޯރިޓީން ކަނޑައަޅާ މިނޫންވެސް ވިޔަފާރިއާއި މާލީ ހަރަކާތްތައް ހިމެނޭގޮތުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގައި ހިމެނޭ "ސަރުކާރު" ގެ މާނަކުރުމުގެ ފަހަތަށް، އަންނަނިވި މާނަކުރުން އިތުރުކުރުން.

2."ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަރކަން" ކަމަށް ބުނެފައި އެވަނީ، އެހެން ފަރާތަކަށް ވިއްކުމަށްޓަކައި ސަރުކާރުގެ ސެކިއުރިޓީޒް، ސީދާ އެ ސެކިއުރިޓީޒް އިށޫކުރާ ފަރާތުގެ އަތުން ނުވަތަ އެފަރާތުގެ އޭޖެންޓެއްގެ އަތުން ގަތުމަށެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އޮތޯރިޓީގެ މައިގަނޑު މަގްސަދުތައް 4.

އޮތޯރިޓީގެ މައިގަނޑު މަގްސަދުތައް ތިރީގައި އެވަނީއެވެ.

  1. ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުން؛
  2. މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަގްސަދު ހާސިލުކުރުމަށް އުނިކަމެއް ނާންނާނެހެން، ފައިނޭންށަލް ސްޓެބިލިޓީ ދެމެހެއްޓުން؛ އަދި
  3. މި މާއްދާގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށް އުނިކަމެއް ނާންނާނެހެން، ދިވެހިރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުން.
     

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން

.6 (2) (ނ) އޮތޯރިޓީގެ އިކޮނޮމިކް ސެކްޓަރ ނުވަތަ ފައިނޭންށަލް ސެކްޓަރ ދާއިރާގެ މުވައްޒަފެއް؛

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.6 (2)  (ރ) މިނިސްޓަރ އޮފް ފިނޭންސް ކަނޑައަޅާ އެ މިނިސްޓްރީގެ ފަރާތެއް؛

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (5) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރު އިތުރުކުރުން.

.6 (5-1) މި މާއްދާގެ (3) ވަނަ ނަންބަރުގެ ދަށުން އައްޔަންކުރެވޭ އޮތޯރިޓީގެ ގަވަރުނަރާއި، ޑެޕިއުޓީ ގަވަރުނަރާއި، މި މާއްދާގެ (2) ވަނަ ނަންބަރުގެ ދަށުން އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވޭ އެހެން މެންބަރުންނަކީ އުމުރުން 30 (ތިރީސް) އަހަރު ފުރިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (6) ވަނަ ނަންބަރުގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

.6 (6) މި މާއްދާގެ (3) ވަނަ ނަންބަރުގެ ދަށުން އައްޔަންކުރެވޭ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރަކީ ތިރީގައިވާ ސިފަތައް ހުރި މީހުންކަމުގައި ވާންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (6) ވަނަ ނަންބަރުގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.6 (6) (ހ) އިގްތިސާދީ ދާއިރާ ނުވަތަ މާލީ ދާއިރާ ނުވަތަ ބޭންކިންގ ދާއިރާ ނުވަތަ ވިޔަފާރީގެ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، ޔުނިވަރސިޓީ ޑިގްރީއެއް ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން؛

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (6) ވަނަ ނަންބަރުގެ (ވ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުން.

.6 (6) (1-ވ) ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކަމުގައި ނުވުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (6) ވަނަ ނަންބަރުގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.6 (6) (މ) ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން އަދި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.6 (7) (ހ) އިގްތިސާދީ ދާއިރާ ނުވަތަ މާލީ ދާއިރާ ނުވަތަ ބޭންކިންގ ދާއިރާ ނުވަތަ ވިޔަފާރީގެ ދާއިރާއިން މަދުވެގެން 7 (ހަތެއް) އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، ޔުނިވަރސިޓީ ޑިގްރީއެއް ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން؛

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގެ (ޅ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

.6 (7)

(ކ) ގާނޫނަކުން ކަނޑައެޅިފައިވާ އިންތިހާބަކުން މަގާމަކަށް ހޮވިފައިވާ މީހަކު ކަމުގައި ނުވުން.

(އ) ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކަމުގައި ނުވުން.

(ވ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން އަދި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 6 ވަނަ މާއްދާގެ (15) ވަނަ ނަންބަރު އުނިކުރުން.

.6 (15) އޮތޯރިޓީ ހިންގާނެ ގަވާއިދުތައް ހަދައި، އެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީ ހިނގާތޯ ބަލައި އަދި ބޯޑުގެ ޖަލްސާތައް ބޭއްވުމުގެ ގަވާއިދުތައް ހަދައި، ޖަލްސާތައް ބާއްވައި، ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓައި، އޮތޯރިޓީގެ ބޭންކް އެކައުންޓްތައް ހުޅުވައި އަދި ބަންދުކޮށް، އޮތޯރިޓީގެ ހިސާބުތައް ބަލަހައްޓައި، އޯޑިޓްކުރުވުމަކީ ބޯޑުގެ މަސްއޫލިއްޔަތެކެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް ދެ މާއްދާ އިތުރުކުރުން.

ބޯޑުގެ މަސައްކަތްތަކާއި ބާރުތައް .6-1

ބޯޑުގެ މަސައްކަތްތަކާއި ބާރުތައް ތިރީގައި އެވަނީއެވެ.

  1. މަނިޓަރީ ސިޔާސަތުތައް އެކަށައަޅައި ފާސްކުރުން؛ މަނިޓަރީ މަގްސަދުތަކާއި، މައިގަނޑު އިންޓްރެސްޓް ރޭޓްތަކާއި، ދިވެހިރާއްޖޭގައި ފައިސާ ލިބެންހުންނާނެ ގޮތް ހެދުމާއި، އެކަންކަމާ ގުޅޭގޮތުން އެއިރަކަށް އެކަށީގެންވާ ނިންމުންތައް ކަނޑައެޅުން؛
  2. އެކްސްޗޭންޖް ރޭޓްގެ ނިޒާމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން؛
  3. އޮތޯރިޓީގެ މަސައްކަތްތަކާގުޅޭ ސިޔާސަތުތައް ކަނޑައެޅުން؛
  4. އޮތޯރިޓީގެ ހިންގުމާއި އިދާރީ ކަންކަމާގުޅޭ އާންމު ސިޔާސަތުތައް ކަނޑައެޅުން؛
  5. މި ގާނޫނުގެ 15 ވަނަ މާއްދާގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުން؛
  6. އޮތޯރިޓީގެ ސިޔާސަތުތައް ތަންފީޒުކުރާ ގޮތާއި އޮތޯރިޓީގެ މަސައްކަތްތައް ކުރާ ގޮތް ބެލުން؛
  7. އޮތޯރިޓީން ހަދަންޖެހޭ ގަވާއިދުތައް ފާސްކުރުން؛
  8. އޮތޯރިޓީގެ ގޮފިތަކާއި ރެޕްރެޒެންޓޭޓިވް އޮފީސްތަކާއި އަދި ހިދުމަތްދޭ ތަންތަން ގާއިމުކުރުމާބެހޭ ނިންމުންތައް ނިންމުމާއި، މި ތަންތަން ގާއިމުކުރާނެ ތަންތަން ކަނޑައެޅުން؛
  9. އޮތޯރިޓީގެ އަހަރީ ބަޖެޓު ފާސްކުރުން؛
  10. އޮތޯރިޓީގެ އަހަރީ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ފާސްކުރުން؛
  11. ގަވަރުނަރުގެ ހުށަހެޅުމުގެމަތިން އެކްސްޓަރނަލް އޮޑިޓަރ އައްޔަންކުރުން؛
  12. އޮތޯރިޓީން ބޮޑެތި އަދަދުތަކުގެ ދަރަނި ނެގުމާމެދު ގޮތެއް ނިންމުމާއި، އެފަދަ ދަރަންޏެއް ނެގުމަށް ނިންމާނަމަ އެ ދަރަންޏެއް ނަގާނެ ށަރުތުތަކާއި ހަމަތައް ކަނޑައެޅުން؛
  13. މި ގާނޫނުގެ 21 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އެކްސްޓަރނަލް ރިޒާރވްގެ ގޮތުގައި ބަހައްޓާނެ އެސެޓްތަކުގެ ބާވަތްތައް ކަނޑައެޅުން؛
  14. އޮތޯރިޓީގެ މާލީ ވަސީލަތްތައް އިންވެސްޓްކުރަން އެކަށީގެންވާ އެސެޓްތަކުގެ ބާވަތްތައް ކަނޑައެޅުން؛
  15. ނޫޓާއި ފައިސާފޮތީގެ ސިއްކައިގެ އަގު ކަނޑައެޅުމާއި، ނޫޓާއި ފައިސާފޮތި ނެރުމާއި ގެންގުޅުމާބެހޭ ކަންކަން ކަނޑައެޅުން؛
  16. އެޑްވައިޒަރީ ބޮޑީއެއް ނުވަތަ އެޑްވައިޒަރީ ބޮޑީތައް އުފެއްދުމާއި އެ ތަންތަނަށް މެންބަރުން އައްޔަންކުރާނެ ގޮތާއި، މެންބަރުންގެ ށަރުތުތަކާއި އެ ބޮޑީތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅުން؛
  17. ބޯޑުގެ މެންބަރުންގެ މައްޗަށް އެކުލެވޭ، ނުވަތަ އެހެނިހެން މީހުންގެ މައްޗަށް އެކުލެވޭ، ނުވަތަ ބޯޑުގެ މެންބަރުންނާއި އެހެނިހެން މީހުން ހިމަނައިގެން ކޮމިޓީއެއް ނުވަތަ ކޮމިޓީތައް އެކުލަވާލުމާއި އެފަދަ ކޮމިޓީތަކުގެ މަސްއޫލިއްޔަތު ކަނޑައެޅުން؛
  18. ބޯޑު ހިންގާނެ ގޮތުގެ އުސޫލުތައް އެކަށައެޅުން؛ އަދި
  19. މި ގާނޫނުގައި ކަނޑައެޅިގެން ބޯޑުގެ މަސައްކަތްކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ކަންތައްތައް އަދާކުރުމާއި ބާރުތައް ބޭނުންކުރުން.

 

ގަވަރުނަރުގެ މަސައްކަތްތަކާއި ބާރުތައް .6-2

ގަވަރުނަރުގެ މަސައްކަތްތަކާއި ބާރުތައް ތިރީގައި އެވަނީއެވެ.

  1. މަނިޓަރީ ސިޔާސަތާއި، އެކްސްޗޭންޖް ރޭޓާބެހޭ ސިޔާސަތާއި އޮތޯރިޓީގެ އެހެނިހެން ސިޔާސަތުތައް ގަވަރުނަރު ބޯޑަށް ހުށަހަޅަންވާނެއެވެ. އަދި އެކަންކަމާ ގުޅޭގޮތުން ބޯޑުން ކަނޑައަޅާ ސިޔާސަތުތައް ގަވަރުނަރު ތަންފީޒުކުރަންވާނެއެވެ.
  2. އޮތޯރިޓީގެ އިދާރީ މަސައްކަތްތައް ކުރުމަށާއި އޮތޯރިޓީ ހިންގުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރާއި، އޮތޯރިޓީ ހިންގުމަށް އިތުރަށް ކުރުން ރަނގަޅުކަމަށް ފެންނަ ކަންކަން ކުރުމުގެ ބާރު ގަވަރުނަރަށް ލިބިގެންވެއެވެ. މީގެ ތެރޭގައި، މުދަލާއި ހިދުމަތް ގަނެ ހޯދުމާއި، އެހެން ފަރާތްތަކާއެކު އޮތޯރިޓީގެ ނަމުގައި އެއްބަސްވުންތައް ވުމާއި، މުވައްޒަފުންނާއި ކޮންސަލްޓަންޓުންނާއި އެޑްވައިޒަރުންނާއި އޭޖެންޓުން އައްޔަންކުރުމާއި އަދި އޮތޯރިޓީ ތަމްސީލުކުރުން ހިމެނެއެވެ.
  3. އެކިއެކި ތަންފީޒީ ފިޔަވަޅުތައް އެޅުމުގެ ބާރު ގަވަރުނަރަށް ލިބިގެންވެއެވެ. މީގެ ތެރޭގައި، އޮތޯރިޓީން ރެގިއުލޭޓްކޮށް ސުޕަވައިޒްކުރާ މާލީ އިދާރާއެއް، ނުވަތަ އޮތޯރިޓީން ރެގިއުލޭޓްކުރާ ޕޭމަންޓް، ކްލިއަރިންގ އަދި ސެކިއުރިޓީޒް ސެޓްލްމަންޓް ސިސްޓަމެއް ރަނގަޅުކުރުމަށް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ ހަރަކާތްތައް ރަނގަޅުކުރުމަށް އަޅާ ފިޔަވަޅުތަކާއި، މިފަދަ އިދާރާތަކަށް ރިސީވަރެއް އައްޔަންކުރުމާއި، މި ގާނޫނު ނުވަތަ އެހެންވެސް ގާނޫނެއްގައިވާ ގޮތުގެމަތިން އިދާރީ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.
  4. ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމުގައާއި، އޮތޯރިޓީ ހިންގުމުގައާއި، އިދާރީ މަސައްކަތްތައް ކުރުމުގައި ބޯޑަށް ގަވަރުނަރު ޖަވާބުދާރީވާންވާނެއެވެ.
  5. އޮތޯރިޓީގެ ސިޔާސަތުތައް ތަންފީޒުކުރަމުންދާ ގޮތާއި އޮތޯރިޓީ ހިނގަމުންދާ ގޮތާ ބެހޭގޮތުން، މާލީ ނިޒާމުގެ ހަރުދަނާކަމާބެހޭ ގޮތުން، ފައިސާގެ ބާޒާރާއި ކެޕިޓަލް މާކެޓާއި އަދި ބޭރު ފައިސާގެ ބާޒާރާ ބެހޭގޮތުން، މީލާދީ އަހަރެއްގެ ކޮންމެ ކުއާޓަރއަކު މަދުވެގެން 1 (އެކެއް) ފަހަރު ގަވަރުނަރު ބޯޑަށް ރިޕޯޓުކުރަންވާނެއެވެ. މީގެ ތެރޭގައި، އޮތޯރިޓީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް، ނުވަތަ އޮތޯރިޓީ ހިންގުމަށް ނުވަތަ އިދާރީ މަސައްކަތްކުރުމަށް، ނުވަތަ މާލީ ނިޒާމަށް، ނުވަތަ އިސްވެ ބަޔާންކޮށްފައިވާ މާކެޓުތަކަށް އެކަށީގެންވާ މިންވަރަކަށް އަސަރުކުރާ ނުވަތަ އަސަރުކޮށްފާނެ ކަމަށް ފެންނަ ހުރިހާ ކަންކަމާއި ހާލަތްތައް ބޯޑަށް އަންގައިދިނުން ހިމެނެއެވެ.
  6. މި ގާނޫނުގައި ކަނޑައެޅިގެން ގަވަރުނަރު ކުރުމަށް ބަޔާންކޮށްފައިވާ އެހެނިހެން ކަންކަން ކުރުމާއި ގާނޫނުގައި ބަޔާންކޮށްފައިވާ އެހެނިހެން ބާރުތައް ގަވަރުނަރަށް ލިބިގެންވެއެވެ. މި ގާނޫނުގައި ވަކި ކަމެއް ކުރުމަށް ކަނޑައެޅިގެން ބޯޑަށް ދީފައިނުވާ އެންމެހައި ބާރުތައް ލިބިގެންވަނީ ގަވަރުނަރަށެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (5) ވަނަ ނަންބަރުގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

.8 (5) އަންނަނިވި ކަންކަން ކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ބޯޑުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީގެ މުވައްޒަފުންނަށް އޮތޯރިޓީން ލޯނު ދޫކުރެވިދާނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (6) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

.8 (6) މި މާއްދާގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އެހެން ކަމަކަށްޓަކައި އޮތޯރިޓީގެ މުވައްޒަފުންނަށް ލޯނު ދޫކުރުމަކީ ވަގުތާއި ހާލަތަށް ބަލާއިރު އެދެވިގެންވާ ކަމެއްކަމަށް ގަވަރުނަރަށް ފެނިއްޖެ ހިނދެއްގައި، އެކަމަކަށްޓަކައި މުވައްޒަފުންނަށް ލޯނު ދޫކުރެވިދާނެއެވެ. އެގޮތުން ދޫކުރެވޭ ލޯނުގެ އަދަދު، އެ މުވައްޒަފެއްގެ 3 (ތިނެއް) މަސްދުވަހުގެ މުސާރައަށް ޖެހޭ އަދަދަށްވުރެ އިތުރުވެގެން ނުވާނެއެވެ. އަދި، އެފަދަ ކަންކަމަށް ލޯނު ދޫކުރަންވާނީ، ބޯޑުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަގްސަދާ ހިލާފު އަމަލު .10

(ހ) ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރަކު، މި ގާނޫނުގެ ދަށުން ހިންގާ އެއްވެސް ކަމަކާ ގުޅިގެން އެމީހެއްގެ ވާޖިބު އަދާކުރުމުގައި، މާލީ ނުވަތަ ޒިރާއީ، ނުވަތަ ސިނާއީ، ނުވަތަ ވިޔަފާރިއާއި ވިޔަފާރި ހިންގުމުގެ ދާއިރާގައި ހިމެނޭ ފަރާތެއްގެ، ނުވަތަ މިފަދަ އެހެން ފަރާތެއްގެ އިރުށާދު ލިބިގަނެ، ގަބޫލުކޮށްގެން ނުވާނެއެވެ. ނަމަވެސް، އޮތޯރިޓީއަށް ނުވަތަ ޑިރެކްޓަރުންގެ ބޯޑަށް ލަފާދިނުމަށްޓަކައި އައްޔަންކުރެވޭ ކޮންސަލްޓަންޓުންނާއި އެޑްވައިޒަރުންނާ މަށްވަރާކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ށ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އޮތޯރިޓީގެ މުވައްޒަފުން މަސައްކަތްކުރަންވާނީ، އޮތޯރިޓީގައި އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބާ އެމީހެއްގެ އަމިއްލަ މަސްލަހަތާ ފުށުނާރާގޮތަށެވެ. ބޯޑުގެ މެންބަރެއް ނުވަތަ އޮތޯރިޓީގެ މުވައްޒަފެއް، އެމީހެއްގެ ވަޒީފާގެ ވާޖިބުތައް އަދާކުރުމުގައި ވަކި ފަރާތަކަށް ބުރަވެވިދާނެ ނުވަތަ ބުރަވެވިދާނެކަމަށް ބެލެވިދާނެ ކަމެއް ކުރިމަތިވެއްޖެނަމަ، އެމީހެއްގެ ވަޒީފާގެ މަސްލަހަތާއި އެމީހެއްގެ ޒާތީ މަސްލަހަތާ ފުށުއަރާކަމަށް ބެލެވޭނެއެވެ. އެމީހެއްގެ ޒާތީ މަސްލަހަތު ހިމެނޭ ކަމެއްކަމަށް ބުނެފައި އެވަނީ، އެމީހަކަށް، ނުވަތަ އެމީހާ އިނދެގެން އުޅޭ މީހަކަށް، ނުވަތަ އެމީހެއްގެ ނުވަތަ އިނދެގެން އުޅޭ މީހެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބޭބެ ނުވަތަ ދައްތަ ނުވަތަ ކޮއްކޮ ނުވަތަ ދަރިއަކަށް، ވިޔަފާރީގެގޮތުން ނުވަތަ މާލީގޮތުން އެމީހަކާ ގުޅުމެއް އޮންނަ ފަރާތަކަށް، ނުވަތަ އެމީހަކާ އެކުގައި އުޅޭ ގާތް ރަހުމަތްތެރިއަކަށް ފައިދާއެއް ލިބިދާނެ ކޮންމެ ކަމަކަށެވެ.

(ނ) ބޯޑުގެ އެއްވެސް މެންބަރެއް ނުވަތަ އޮތޯރިޓީގެ އެއްވެސް މުވައްޒަފެއް، އޮތޯރިޓީގައި އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބާ ގުޅިގެން އެހެން ފަރާތަކުން ނުފޫޒު ފޯރުވިދާނެ ކަމަށް ބެލެވޭފަދަ އަދި އާންމު އުސޫލުތަކަށް ނުފެތޭގޮތަށް ދެވޭ މާލީ ނުވަތަ އެހެންވެސް މަންފާއެއް، އިނާޔަތެއް ނުވަތަ ހަދިޔާއެއް، ގަބޫލުކޮށްގެން ނުވާނެއެވެ.

(ރ) ބޯޑުގެ އެއްވެސް މެންބަރެއްގެ އަމިއްލަ ނުވަތަ ޒާތީ މަސްލަހަތެއް ހިމެނޭ ކަމެއް ބޯޑުގައި މަށްވަރާކުރެވޭނަމަ، އެފަދަ މަށްވަރާއެއް ފެށުމުގެ ކުރިން އެ މެންބަރެއް އެކަން ބޯޑަށް ހާމަކުރުމަށްފަހު ބޯޑުގެ މަށްވަރާކުރުމުގައި އަދި އެކަމަކާމެދު ގޮތެއް ނިންމުމުގައި އެ މެންބަރެއް ބައިވެރިވެގެން ނުވާނެއެވެ. އަދި އެކަމެއް މަށްވަރާކުރެވޭއިރު އަދި އެކަމަކާމެދު ގޮތެއް ނިންމާއިރު އެ ޖަލްސާގައި އެ މެންބަރެއް ހާޒިރުވެއިނދެގެން ނުވާނެއެވެ. އެހެންނަމަވެސް، މިފަދަ ޖަލްސާއެއްގައި، ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަކުރުމުގައި މިފަދަ މެންބަރެއް ހިމެނޭނެއެވެ.

(ބ) މި މާއްދާއާ ހިލާފު އަމަލެއް ކޮށްފި މީހަކު 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސިއްރު .11

(1) ގާނޫނީގޮތުން ކޯޓަކަށް ބޭނުންވެއްޖެ ހިނދެއްގައި މެނުވީ ނުވަތަ އެމީހަކު އަދާކުރާ އޮތޯރިޓީގެ ޒިންމާތަކުގެ ނުވަތަ މަސައްކަތުގެ ވާޖިބުތައް އަދާކުރުމުގެ ގޮތުން މެނުވީ، ބޯޑުގެ އެއްވެސް މެންބަރަކު ނުވަތަ ބޯޑުގެ މެންބަރުކަން ކުރި އެއްވެސް މީހަކު ނުވަތަ އޮތޯރިޓީގައި މަސައްކަތްކުރަމުންދާ ނުވަތަ މަސައްކަތްކުރި އެއްވެސް މުވައްޒަފަކު ނުވަތަ އޭޖެންޓެއް ނުވަތަ ކޮންސަލްޓަންޓެއް، އޮތޯރިޓީގައި އޭނާ އަދާކުރަންޖެހޭ ޒިންމާތަކުގެ ނުވަތަ މަސައްކަތުގެ ވާޖިބު އަދާކުރުމުގައި އެނގިފައިވާ، އޮތޯރިޓީގެ ނުވަތަ މާލީ އިދާރާއެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ މައުލޫމާތެއް އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 13 ވަނަ މާއްދާ އުނިކުރުން.

ދިވެހިފައިސާގެ ބޭރުގެ އަގު .13

ދިވެހިރާއްޖެ ބައިވެރިވާ، އަދި އެއާ އެއްގޮތަށް އަމަލު ކުރަމުން ގެންދާ ބައިނަލްއަގްވާމީ ފައިސާއާބެހޭ އެގްރީމަންޓެއް ވާނަމަ، އެ އެގްރީމަންޓްގައިވާ ހުރިހާ ށަރުތުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ބޯޑުގެ މަށްވަރާގެ މަތިން، ބޭރުގެ ފައިސާގެ ނިސްބަތުން ދިވެހި ރުފިޔާގެ އަގެއް ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައެޅިދާނެއެވެ. މިގޮތުން ދިވެހި ރުފިޔާގެ ބޭރުގެ އަގަށް ބަދަލެއް ގެނެވިއްޖެނަމަ، އެބަދަލެއް ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެ މަތިން އޮތޯރިޓީން ލިޔެ އިއުލާން ކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފައިސާނެރުން .14

(1) ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރކަމުގައިވާ ފައިސާފޮއްޗާއި ނޫޓު ނެރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި އޮތޯރިޓީއަށެވެ. އަދި، ލީގަލް ޓެންޑަރގެ ގޮތުގައި ހަނދާނީ ނޫޓާއި ފައިސާފޮތި ނެރުމުގެ ބާރު ލިބިގެންވަނީވެސް ހަމައެކަނި އޮތޯރިޓީއަށެވެ. އެނޫން ފަރާތަކުން ލީގަލް ޓެންޑަރކަމުގައި ހިމެނިދާނެ ނޫޓު ނުވަތަ ފައިސާފޮތި ނުވަތަ ފައިސާގެ އަގު ހިމެނޭފަދަ ލިޔުމެއް ނުވަތަ ނިށާނެއް ވިޔަސް ނެރުމަކީ މަނާކަމެކެވެ

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސައްހަ ނޫޓާއި ފައިސާފޮތިކަމުގެ ހެކި އަދި ކައުންޓަރފީޓް ފައިސާ .17

(ހ) އޮތޯރިޓީން ނެރެފައިވާކަމަށް ހުށަހެޅިފައިވާ ނޫޓެއް ނުވަތަ ފައިސާފޮއްޗެއްގެ ސައްހަކަމާމެދު ނުކުންނަ އެއްވެސް މައްސަލައެއްގައި އޮތޯރިޓީގެ އެކަމަށް ބާރުދެވިފައިވާ މުވައްޒަފަކު އެ ނޫޓަކީ ނުވަތަ ފައިސާފޮއްޗަކީ، ސައްހަ ނުވަތަ ސައްހަނޫން އެއްޗެއްކަމަށް ދޭ ސެޓްފިކެޓަކީ، ގާނޫނީ ހުރިހާ ކޯޓެއްގައި އެ ނޫޓަކީ ނުވަތަ އެ ފައިސާފޮއްޗަކީ ސައްހަ ނުވަތަ ސައްހަނޫން އެއްޗެއްކަމަށް ސާބިތުކޮށްދޭ ހެއްކެއް ކަމުގައި ގަބޫލުކުރެވޭނެއެވެ. އެފަދަ އެއްވެސް ސެޓްފިކެޓަކާމެދު އެ މުވައްޒަފަކާ ސުވާލެއް ނުކުރެވޭނެއެވެ.

(ށ) މާލީ އިދާރާއަކަށް ހުށަހަޅާ ނޫޓެއް ނުވަތަ ފައިސާފޮއްޗަކީ ނުވަތަ އެހެން ގައުމެއްގެ ލީގަލް ޓެންޑަރއަކީ ކައުންޓަރފީޓް ނޫޓެއް ނުވަތަ ފައިސާފޮއްޗެއް ނުވަތަ ލީގަލް ޓެންޑަރކަމަށް ށައްކުކުރެވޭނަމަ، އެ ނޫޓެއް ނުވަތަ ފައިސާފޮއްޗެއް ނުވަތަ ލީގަލް ޓެންޑަރ ހިފެހެއްޓުމަށްފަހު، އޮތޯރިޓީއަށް ނުވަތަ އެހެން ގާނޫނެއްގައި ބަޔާންކުރާ ކަމާބެހޭ އިދާރާއަކަށް ފޮނުވަންވާނެއެވެ.

(ނ) އޮތޯރިޓީއަށް ހުށަހަޅާ ނޫޓެއް ނުވަތަ ފައިސާފޮއްޗަކީ ނުވަތަ އެހެން ގައުމެއްގެ ލީގަލް ޓެންޑަރއަކީ ކައުންޓަރފީޓް ނޫޓެއް ނުވަތަ ފައިސާފޮއްޗެއް ނުވަތަ ލީގަލް ޓެންޑަރކަމަށް ށައްކުކުރެވޭނަމަ، އެ ނޫޓެއް ނުވަތަ ފައިސާފޮއްޗެއް ނުވަތަ ލީގަލް ޓެންޑަރ އޮތޯރިޓީން ހިފަހައްޓަންވާނެއެވެ. އަދި އެ ނޫޓެއް، ފައިސާފޮއްޗެއް ނުވަތަ ލީގަލް ޓެންޑަރއެއްގެ ތަފްސީލާއި، އެ ނޫޓެއް، ފައިސާފޮއްޗެއް ނުވަތަ ލީގަލް ޓެންޑަރއެއް ހުށަހެޅި ފަރާތާއި، އެ ނޫޓަކީ، ފައިސާފޮއްޗަކީ ނުވަތަ ލީގަލް ޓެންޑަރއަކީ ކައުންޓަރފީޓް ނޫޓެއްކަމަށް ނުވަތަ ފައިސާފޮއްޗެއްކަމަށް ނުވަތަ ކައުންޓަރފީޓް ލީގަލް ޓެންޑަރކަމަށް ށައްކުކުރެވުނު ސަބަބުތައް ބަޔާންކޮށް، ތަހްގީގުކުރުމަށާއި އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި އޮތޯރިޓީއަށް އެހެން އިދާރާތަކުގައި އެހީއަށް އެދެވިދާނެއެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބަދަލުނުދެވޭނެ ބައެއް ނޫޓާއި ފައިސާފޮތި އަދި ފައިސާ ބޭނުންކޮށްގެން ހަދާ ތަކެތި .19

(ހ) ގެއްލިފައިވާ، ނުވަތަ ވަގަށް ގެންގޮސްފައިވާ، ނުވަތަ އުނިވާފަދަ ގެއްލުމެއް ލިބިފައިވާ، ނުވަތަ ފުރިހަމަނުވާ ނޫޓެއްގެ ނުވަތަ ފައިސާފޮއްޗެއްގެ އަގު، ނުވަތަ ޣައިރުގާނޫނީ ގޮތަކަށް އަމަލުކުރެވިފައިވާ ނޫޓެއްގެ ނުވަތަ ފައިސާފޮއްޗެއްގެ އަގު އޮތޯރިޓީން ލިބިގަތުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. ނަމަވެސް، އުނިވާފަދަ ގެއްލުމެއް ލިބިފައިވާ ނުވަތަ ފުރިހަމަނުވާ ނުވަތަ ޣައިރުގާނޫނީ ގޮތަކަށް އަމަލުކުރެވިފައިވާ ނޫޓެއްގެ ނުވަތަ ފައިސާފޮއްޗެއްގެ އަގު، އިނާޔަތެއްގެ ގޮތުގައި އަނބުރާ ލިބިދެވިދާނެ ސަބަބުތަކާއި ގޮތްތައް ކަނޑައެޅުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) އެއްވެސް ފަރާތަކުން، ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރކަމުގައިވާ ނޫޓެއް ނުވަތަ ފައިސާފޮއްޗެއް ބޭނުންކޮށްގެން އެއްވެސް އެއްޗެއް ހަދަންވާނީ ނުވަތަ ވިއްކަންވާނީ ނުވަތަ ސަރކިއުލޭޓްކުރަންވާނީ އަދި ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރކަމުގައިވާ ނޫޓެއް ނުވަތަ ފައިސާފޮއްޗެއް ރަމްޒުވާފަދަ އެއްވެސް އެއްޗެއް އުފައްދަންވާނީ، ނުވަތަ ވިއްކަންވާނީ ނުވަތަ ސަރކިއުލޭޓްކުރަންވާނީ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ނ) ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރކަމުގައިވާ ނޫޓެއް ނުވަތަ ފައިސާފޮއްޗެއް ބޭނުންކޮށްގެން ހެދިދާނެ ތަކެތީގެ ބާވަތްތަކާއި ނޫޓެއް ނުވަތަ ފައިސާފޮއްޗެއް ރަމްޒުވާފަދަ ތަކެތީގެ ބާވަތްތައް އޮތޯރިޓީން ކަނޑައަޅަންވާނެއެވެ

(ރ) މި މާއްދާގެ (ށ) އާ ހިލާފުވާ ފަރާތެއް، 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

 އޮތޯރިޓީގެ މަސައްކަތް ކުރުމުގެ ބާރު ލިބިދިނުން 20.

(1) ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން މަސައްކަތްކުރަންވާނީ ހެޔޮ ނިޔަތުގައި، ފަރުވާތެރިކަމާއެކުގައެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

.20 (3)

(ހ) ގަވަރުނަރަށް މި މާއްދާގެ (2) ވަނަ ނަންބަރުގެ ދަށުން ލިބިދޭ ބާރުތަކާއި، ޑެޕިއުޓީ ގަވަރުނަރަށް މި ގާނޫނުގެ 7 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން ގަވަރުނަރުގެ ހައިސިއްޔަތުން މަސްއޫލިއްޔަތު އަދާކުރަންޖެހޭ ހާލަތްތަކުގައި ލިބިދޭ ބާރުތައް، އޮތޯރިޓީގެ މެނޭޖްމަންޓްގައި އިސްކޮށް މަސައްކަތްކުރާ މުވައްޒަފުންނާ ހަވާލުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (3) ވަނަ ނަންބަރުގެ (ހ) ގައިވާ ގޮތަށް، ގަވަރުނަރަށް  މި މާއްދާގެ (2) ވަނަ ނަންބަރުގެ ދަށުން ލިބިދޭ ބާރުތައް އެހެން ފަރާތަކާ ހަވާލުކުރިކަމުގައި ވީނަމަވެސް، އެކަންކަމަށް ޒިންމާވެ، ޖަވާބުދާރީވާނީ ގަވަރުނަރެވެ. އަދި، މި ގާނޫނުގެ 7 ވަނަ މާއްދާގެ  (1) ވަނަ ނަންބަރުގެ ދަށުން ގަވަރުނަރުގެ ހައިސިއްޔަތުން މަސްއޫލިއްޔަތު އަދާކުރަންޖެހޭ ހާލަތުގައި ޑެޕިއުޓީ ގަވަރުނަރަށް ލިބިދޭ ބާރުތައް އެހެން ފަރާތަކާ ހަވާލުކުރިކަމުގައިވީނަމަވެސް، އެކަންކަމަށް ޒިންމާވެ، ޖަވާބުދާރީވާނީ ޑެޕިއުޓީ ގަވަރުނަރެވެ

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

.20 (4) މި މާއްދާގެ (3) ވަނަ ނަންބަރުގެ (ހ) ގެ ދަށުން އޮތޯރިޓީގެ މެނޭޖްމަންޓްގައި އިސްކޮށް މަސައްކަތްކުރާ މުވައްޒަފުންނާ ހަވާލުކުރެވޭ ބާރުތައް ތަންފީޒުކުރުމުގައި، އެ މުވައްޒަފުންނަށް ތިރީގައިވާ ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.

(ހ) އޮތޯރިޓީގެ ފަރާތުން ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެއްބަސްވުންތައް ހެދުން؛

(ށ) އޮތޯރިޓީގެ މައްޗަށް ދައުވާ ލިބޭ ނުވަތަ އޮތޯރިޓީން ދައުވާކުރާ މައްސަލަތަކުގައި އޮތޯރިޓީ ތަމްސީލުކުރުން؛

(ނ) އޮތޯރިޓީގެ އާންމު ކަންތައްތައް ހިންގުމުގައާއި، ކުރަންޖެހޭ ނުވަތަ ކުރުން ރަނގަޅުވާނެކަމަށް އެ މުވައްޒަފުންނަށް ފެންނަ ކަންތައްތައް ކުރުން.

 

27 ވަަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އޮތޯރިޓީގެ މަސައްކަތް .22

އޮތޯރިޓީއަށް ތިރީގައިވާ މަސައްކަތްތައް ކުރެވިދާނެއެވެ.

(ހ) ދިވެހިރާއްޖޭގެ މަނިޓަރީ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރުން؛

(ށ) އެކްސްޗޭންޖް ރޭޓްގެ ނިޒާމާބެހޭ ގޮތުން ލަފާދިނުން؛

(ނ) އެކްސްޗޭންޖް ރޭޓްގެ ނިޒާމު ތަންފީޒުކުރުމަށްޓަކައި އެކްސްޗޭންޖް ރޭޓް އަދި އެކްސްޗޭންޖް ރޭޓާބެހޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން؛

(ރ) ދިވެހިރާއްޖޭގެ އެކްސްޓަރނަލް ރިޒާރވް ބަހައްޓާ އަދި ބެލެހެއްޓުން؛

(ބ) ދިވެހިރާއްޖޭގެ ފައިސާ ނެރުމާއި ބެލެހެއްޓުން؛

(ޅ) ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ރެގިއުލޭޓްކުރާ ސެކިއުރިޓީޒްގެ ވިޔަފާރިއާއި ސެކިއުރިޓީޒްއާގުޅޭ ހިދުމަތްތައް ފިޔަވައި، މާލީ ދާއިރާ ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުން؛

(ކ) ޕޭމަންޓް ސިސްޓަމްތަކާއި ސެކިއުރިޓީޒް ސެޓްލްމަންޓް ސިސްޓަމްތައް ރާވައި ހިންގުމާއި، އެފަދަ ސިސްޓަމްތަކުގައި ބައިވެރިވުން؛

(އ) ސަރުކާރާއި ދިވެހިރާއްޖޭގައި ހުރި ބޭންކުތަކާއި ސަރުކާރުގެ އޭޖެންސީތަކާއި، ސަރުކާރު ބައިވެރިވާ ތަންތަނާއި، އެހެނިހެން މާލީ އިދާރާތަކުގެ ނަމުގައި އެކައުންޓް ހުޅުވައިދީ އެފަރާތްތަކުން ޑިޕޮޒިޓް ގަބޫލުކުރުން؛

(ވ) މަނިޓަރީ އޮތޯރިޓީއަކަށް ނުވަތަ ސެންޓްރަލް ބޭންކަކަށް ނުވަތަ މާލީ އިދާރާއަކަށް، މުރާސިލެއްގެ ގޮތުން ނުވަތަ ބޭންކަރެއްގެ ގޮތުން ނުވަތަ އޭޖެންޓެއްގެ ގޮތުން ނުވަތަ ޑިޕޮޒިޓް ބަހައްޓާ ތަނެއްގެ ގޮތުން ހިދުމަތްކޮށްދިނުން؛

(މ) ބޭނުމެއް ޖެހިއްޖެ ހިނދެއްގައި، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ހުންނަ އެފަދަ ބޭންކުތަކުގައި، ނުވަތަ އެހެން ޑިޕޮޒިޓް ބަހައްޓާ ތަންތަނުގައި އެކައުންޓް ހުޅުވައި، އެކައުންޓް ހިންގައި، އަދި އެފަރާތްތަކަކީ އޮތޯރިޓީގެ އެފަދަ މުރާސިލުން ނުވަތަ އޭޖެންޓުން ކަމުގައި އައްޔަންކުރުން؛

(ފ) ރަންފައިސާފޮތި، ބުލިއަން ނުވަތަ ބޭރު ފައިސާ ގަނެ ވިއްކައި، އެތަކެތީން ވިޔަފާރިކުރުން؛

(ދ) ބޭރު ގައުމެއްގެ ސަރުކާރުން ނުވަތަ މާލީ އިދާރާއަކުން ނެރެފައިވާ ނުވަތަ ގެރެންޓީކޮށްފައިވާ ޓްރެޜަރީ ބިލްތަކާއި އެހެނިހެން ސެކިއުރިޓީޒްއާއި ފައިނޭންށަލް އިންސްޓްރުމަންޓްތައް ގަނެވިއްކުން ނުވަތަ އެފަދަ ތަކެތިން އިންވެސްޓްކުރުން ނުވަތަ އެފަދަ ތަކެތިން ވިޔަފާރިކުރުން؛

(ތ) ސަރުކާރުން ނެރެފައިވާ ނުވަތަ ގެރެންޓީކޮށްފައި ހުންނަ ޓްރެޜަރީ ބިލްތަކާއި، އެހެނިހެން ސެކިއުރިޓީޒް ގަނެވިއްކައި، ނުވަތަ އެފަދަ ތަކެތީގައި އިންވެސްޓްކޮށް، ނުވަތަ އެފަދަ ތަކެތިން ވިޔަފާރިކުރުން؛

(ލ) ދިވެހިރާއްޖޭގައި ހުރި ބޭންކުތަކަށާއި، އެހެނިހެން މާލީ އިދާރާތަކަށް ބޯޑުން ކަނޑައަޅާ ށަރުތުތަކާއި ހަމަތަކެއްގެ މަތިން 90 (ނުވަދިހަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ލޯނާއި އެޑްވާންސް ދޫކޮށް އަދި ރީ-ޑިސްކައުންޓް ކުރުން؛ މިގޮތުން ދެވޭ ލޯނުގެ ނުވަތަ އެޑްވާންސްގެ ނުވަތަ ރީ-ޑިސްކައުންޓްގެ މުއްދަތު ހަމަވުމުން، އެއިރެއްގެ ހާލަތަށް ބަލައި، 90 (ނުވަދިހަ) ދުވަހަށްވުރެ އިތުރުނުވާނެގޮތަށް މުއްދަތު އިތުރުކުރެވިދާނެއެވެ. އަދި، އެ މުއްދަތު އިތުރުކުރެވޭނީ ގިނަވެގެން 3 (ތިނެއް) ފަހަރެވެ.

(ގ) އެއްބަސްވެވޭ ވަކި ށަރުތުތަކަކާއި ހަމަތަކެއްގެ މަތިން ސަރުކާރަށް ވަގުތީ އެޑްވާންސް ދޫކުރުން؛

(ޏ) ދިވެހިރާއްޖެ ބައިނަލްއަގްވާމީ މާލީ އިދާރާއެއްގެ މެންބަރަކަށް ވުމާ ގުޅިގެން ނުވަތަ އެކަމާ ވިދިގެން ދައްކަންޖެހޭ ޗަންދާއަށާއި އެނޫން ހަރަދުތަކަށާއި، އެފަދަ ތަނެއްގެ އެކައުންޓެއްގައި ދިވެހިރާއްޖެ ބައިވެރިވުމުގައާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ޓްރާންސެކްށަންތަކަށާއި ހިންގަންޖެހޭ ކަންތައްތަކަށްޓަކައި އެއްބަސްވެވޭ ވަކި ށަރުތުތަކަކާއި ހަމަތަކެއްގެ މަތިން ސަރުކާރަށް އެޑްވާންސް ދޫކުރުން.

(ސ) ސަރުކާރުގެ ބޭންކަރެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ސަރުކާރާއި ދައުލަތުގެ އެހެނިހެން އިދާރާތަކުގެ ފިސްކަލް އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމާއި މާލީ ކަންތައްތަކުގައި އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރުން؛

(ޑ) ބޯޑުން ކަނޑައަޅާ ށަރުތުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖެއިން ނުވަތަ ދިވެހިރާއްޖެއިން ބޭރުން ދަރަންޏަށް ފައިސާނެގުމާއި ގެރެންޓީ ދޫކުރުން؛

(ޒ) ބޭންކުތަކާ ގުޅިގެން ކްލިއަރިންގ ހައުސް އިންތިޒާމުކޮށް ހިންގުން؛

(ޓ) އޮތޯރިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ތަފާސްހިސާބާއި މައުލޫމާތު އެއްކުރުމާއި، އެކުލަވާލުމާއި، ދިރާސާކުރުމާއި، ށާއިއުކުރުން؛

(ޔ) ދިވެހިރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށާއި ދިވެހިރާއްޖޭގައި ފައިނޭންށަލް އިންކްލޫށަން އިތުރުކޮށް ހަރުދަނާކުރުމުގެ މަގްސަދުގައި އެކި މަށްރޫއުތައް ކުރިއަށް ގެންދިޔުމާއި، އެފަދަ މަށްރޫއެއްގެ ދަށުން ދެވޭ ހިދުމަތާ ގުޅިގެން ފީ ނުވަތަ ޗާޖު ނެގުން؛

(ޕ) ބިމާއި ގޯތިގެދޮރުފަދަ ނުއުފުލޭ މުދަލާއި އުފުލޭ މުދާ ލިބިގަތުމާއި، ގަނެވިއްކުމާއި، އަތުލުމާއި، ހިފެހެއްޓުމާއި، އެފަދަ މުދަލާއި އެފަދަ މުދަލުގެ މައްޗަށް އޮތް މަސްލަހަތުތައް އެހެން ފަރާތްތަކަށް ހަވާލުކުރުމާއި، ބަދަލުކުރުމާއި، ކުއްޔަށްދިނުމާއި، ވިއްކުމާއި، ރަހުނުކުރުން؛

(ޖ) ޕޭމަންޓް، ކްލިއަރިންގ އަދި ސެކިއުރިޓީޒް ސެޓްލްމަންޓް ސިސްޓަމްތައް އޯވަރސީކުރުމާއި، ޕޭމަންޓް އިންސްޓްރުމަންޓްތައް ރެގިއުލޭޓްކޮށް އޯވަރސީކުރުން؛

(ޗ) ސަރުކާރުގެ އަދި ދައުލަތުގެ އިދާރާތަކުގެ ފަންޑް މެނޭޖްކޮށްދިނުން؛

(ހހ) ސަރުކާރުން ނުވަތަ ދައުލަތުގެ އިދާރާއަކުން (ޕަބްލިކް އޮތޯރިޓީ) ނުވަތަ އެ ކުންފުންޏެއްގެ މެޖޯރިޓީ ހިއްސާ ސަރުކާރުގެ ނަމުގައި އޮންނަ ކުންފުންޏަކުން އިށޫކުރާ ސެކިއުރިޓީޒް އިށޫކުރުމުގެ އަދި މެނޭޖްކުރުމުގެ ކަންކަން ކުރުން؛

(ހށ) އޮތޯރިޓީގެ ނަމުގައި ސެކިއުރިޓީޒް އިށޫކުރުން؛ އަދި އެފަދަ ސެކިއުރިޓީޒް ގަނެ، ވިއްކުން، ރިޑީމްކުރުން، ޑިސްކައުންޓްކުރުން އަދި ރީ-ޑިސްކައުންޓް ކުރުން؛

(ހނ) އޮތޯރިޓީގެ ނަމުގައި އިށޫކުރާ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަރކަން ކުރާނެ ފަރާތްތައް އައްޔަންކޮށް ވަކިކުރުން؛

(ހރ) ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ސެކިއުރިޓީޒްއާއި ފައިނޭންށަލް އިންސްޓްރުމަންޓްތައް ގަނެވިއްކުން ނުވަތަ އެފަދަ ތަކެތީގައި އިންވެސްޓްކުރުން؛

(ހބ) އެހެން ގާނޫނެއްގެ ދަށުން އޮތޯރިޓީން ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ކުރުން؛ އަދި

(ހޅ) އޮތޯރިޓީގެ މަގްސަދުތައް ހާސިލުކުރުމަށް ނުވަތަ އޮތޯރިޓީގެ މަސައްކަތްތައް ކުރުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިއެވާ، 24 ވަނަ މާއްދާ އުނިކުރުން.

މަނާކަންތައް .24

އޮތޯރިޓީން ތިރީގައިވާ ކަންތައްތައް ކޮށްގެން ނުވާނެއެވެ.

(ހ) 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން ޑިޕޮޒިޓް ގަބޫލުކޮށް، އެހެން އެއްވެސް ފަރާތަކަށް އެކައުންޓް ހުޅުވައިދިނުން؛

(ށ) ދިވެހިސަރުކާރާއި ނުވަތަ ބޭރު ގައުމެއްގެ ސަރުކާރާއި، ދިވެހިސަރުކާރު ނުވަތަ ބޭރު ގައުމެއްގެ ސަރުކާރެއްގެ ވިޔަފާރިއާބެހޭ ތަންތަނާއި، ދިވެހިސަރުކާރު ނުވަތަ ބޭރު ގައުމެއްގެ ސަރުކާރު ބައިވެރިވާ ފަރާތްތަކާއި، މަނިޓަރީ އޮތޯރިޓީތަކާއި ސެންޓްރަލް ބޭންކުތަކާއި މާލީ އިދާރާތައް ފިޔަވައި އެހެން އެއްވެސް ފަރާތަކާ ގުޅިގެން، މި ގާނޫނުގެ 22 ވަނަ މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކުރާފަދަ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުން.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

ފޮރިން އެކްސްޗޭންޖާބެހޭ ކަންކަން .24

(ހ) ދިވެހިރާއްޖޭގެ ފޮރިން އެކްސްޗޭންޖާބެހޭ ކަންކަން ހިންގަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.

  1. އެކްސްޗޭންޖް ރޭޓްގެ ނިޒާމު، އޮތޯރިޓީގެ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ؛ އަދި
  2. އެކްސްޗޭންޖް ރޭޓްގެ ނިޒާމު ތަންފީޒުކުރުމަށްޓަކައި އެކްސްޗޭންޖް ރޭޓް އަދި އެކްސްޗޭންޖް ރޭޓާބެހޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރާނީ އޮތޯރިޓީންނެވެ.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެކްސްޗޭންޖް ރޭޓްގެ ނިޒާމާ ގުޅިގެން ވަކި ބޭރު ފައިސާއެއް ގަންނަ އަގާއި ވިއްކާ އަގު ކަނޑައަޅާފައިވާނަމަ، އެ އަގު ފިޔަވައި އެހެން އަގެއްގައި އެ ބޭރު ފައިސާއެއް ވިއްކުމަކީ އަދި ގަތުމަކީ މަނާކަމެކެވެ. އަދި، އޮތޯރިޓީގެ ހުއްދަނެތި، އެފަދަ މުއާމަލާތްތަކަށް އިތުރު ކޮމިށަނެއް ނުވަތަ އެހެންވެސް ފައިދާއެއް ނެގުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ފަރާތެއް، 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 10,000 (ދިހަހާސް) ރުފިޔާއާއި އެ މުއާމަލާތެއްގައި ހިމެނޭ ފައިސާގެ އަދަދުގެ 5 (ފަހެއް) ގުނައާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އޮތޯރިޓީން ކަނޑައަޅާ ސިޔާސަތުތަކުގެ ދަށުން، ދިވެހިރާއްޖޭގައި މުއާމަލާތް ކުރުމުގައި ބޭނުންކުރެވޭނެ ވަކި ފައިސާއެއް ނުވަތަ ފައިސާތަކެއް އޮތޯރިޓީން ކަނޑައަޅާފައިވާނަމަ، މުއާމަލާތްކުރުމުގައި އެ ފައިސާއެއް ނުވަތަ ފައިސާތަކެއް ފިޔަވައި އެހެން ފައިސާއެއް ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި އެގޮތަށް ކަނޑައެޅިކަމުގައިވީނަމަވެސް، ވަކި މުއާމަލާތްތަކެއް އިސްތިސްނާ ކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ފަރާތެއް، 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

ކްރެޑިޓް އިންފޮމޭށަން ސިސްޓަމް .24-1

(ހ) ޑެޓަރުންގެ ދަރަންޏާބެހޭ މައުލޫމާތު ހިމެނޭގޮތުން ކްރެޑިޓްވަރތިނަސްއާ ގުޅުންހުރި މައުލޫމާތު ހޯދައި ހިއްސާކުރުމަށްޓަކައި، އޮތޯރިޓީން ކްރެޑިޓް އިންފޮމޭށަން ސިސްޓަމްތައް ގާއިމުކޮށް ހިންގިދާނެއެވެ. އަދި، އެހެން ފަރާތްތަކުން ހިންގާ އެފަދަ ކްރެޑިޓް އިންފޮމޭށަން ސިސްޓަމްތައް ރެގިއުލޭޓްކޮށް، ލައިސަންސް ދީ، ރަޖިސްޓަރީކޮށް އަދި ސުޕަވައިޒް ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ގާއިމުކުރާ ކްރެޑިޓް އިންފޮމޭށަން ސިސްޓަމެއްގައި ބައިވެރިވާންޖެހޭ މުދަލާއި ހިދުމަތް ކްރެޑިޓަށްދޭ ފަރާތްތަކާއި އެފަދަ ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓޭނެ ގޮތާއި، އެ ސިސްޓަމަކުން އެހެން ފަރާތްތަކާ މައުލޫމާތު ހިއްސާކުރާނެ ގޮތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރަންވާނެއެވެ.

(ނ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދުގައި އޮތޯރިޓީން ކްރެޑިޓް އިންފޮމޭށަން ސިސްޓަމެއްގައި ބައިވެރިވާންޖެހޭކަމަށް ކަނޑައަޅާ ފަރާތްތައް، އެފަދަ ކްރެޑިޓް އިންފޮމޭށަން ސިސްޓަމެއްގައި ބައިވެރިވެ، އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް ކަނޑައަޅާ މައުލޫމާތެއް ފޯރުކޮށްދޭންވާނެއެވެ.

 

ސަރުކާރުގެ ސެކިއުރިޓީޒް މާކެޓް .24-2

(ހ) ސަރުކާރުން އެދިއްޖެ ހިނދެއްގައި، ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސަރުކާރުގެ ސެކިއުރިޓީޒް މާކެޓް ތަރައްގީކޮށް ފުޅާކުރުމުގެ މަސައްކަތްތައް ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި، ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ މާކެޓް ހިންގައި، މެނޭޖްކުރުމުގެ ބާރުވެސް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ މާކެޓުގައި ސަރުކާރުގެ ސެކިއުރިޓީޒް ގަނެވިއްކުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި، ށަރުތުތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ސަރުކާރުގެ ސެކިއުރިޓީޒްގެ ސެކަންޑަރީ މާކެޓްގައި ސެކިއުރިޓީޒް ގަނެވިއްކުމުގައި އަމަލުކުރަންޖެހޭކަމަށް ކަނޑައަޅާ ކަންކަމުގެ އިތުރުން، އިތުރު ކަންކަން ކަނޑައެޅުމުގެ ބާރުވެސް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

ސަރުކާރުގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނުވަތަ ސަރުކާރު ކުންފުންޏެއްގެ ސެކިއުރިޓީޒް އިށޫކުރުން .24-3

(ހ) ސަރުކާރުން ނުވަތަ ދައުލަތުގެ އިދާރާއަކުން ނުވަތަ އެ ކުންފުންޏެއްގެ މެޖޯރިޓީ ހިއްސާ ސަރުކާރުގެ ނަމުގައި އޮންނަ ކުންފުންޏަކުން އެދިއްޖެނަމަ، ސަރުކާރުން ނުވަތަ ދައުލަތުގެ ސެކިއުރިޓީއެއް އިށޫކުރުމަށް ސަރުކާރުން އުފައްދާ ކުންފުންޏަކުން ނުވަތަ އެ އިދާރާއަކުން ނުވަތަ އެ ކުންފުންޏަކުން އިށޫކުރާ ސެކިއުރިޓީޒް އިށޫކުރުމުގެ އަދި މެނޭޖްކުރުމުގެ މަސައްކަތް އޮތޯރިޓީއަށް ކުރެވިދާނެއެވެ. އެފަދަ ސެކިއުރިޓީޒް އިށޫކުރުމުގެ އަދި މެނޭޖްކުރުމުގެ މަސައްކަތް އޮތޯރިޓީން ކުރާނީ، އެކަމަށް އެދުނު ފަރާތުގެ އޭޖެންޓެއްގެ ހައިސިއްޔަތުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސެކިއުރިޓީޒް އިށޫކުރުމުގެ އަދި މެނޭޖްކުރުމުގެ މަސައްކަތް އޮތޯރިޓީން ކުރުމުގައި އަންނަނިވި ކަންކަން އޮތޯރިޓީއަށް ކުރެވިދާނެއެވެ.

  1. ސެކިއުރިޓީޒް ގަނެފައިވާ ނުވަތަ ސެކިއުރިޓީޒް ހޯލްޑްކުރާ ޑިޕޮޒިޓަރުންގެ ނަމުގައި އަދި ސަރުކާރުގެ ނަމުގައި، އޮތޯރިޓީން ކަނޑައަޅާ ށަރުތުތަކާއި ހަމަތަކާއެކު، އެކައުންޓް ހުޅުވައިދިނުން؛
  2. ސެކިއުރިޓީޒް ޓްރާންސްފަރކުރުމަށް، ސެކިއުރިޓީޒް ކްލިއަރިންގ އަދި ސެކިއުރިޓީޒް ސެޓްލްމަންޓް ހެދުމަށް ބޭނުންވާ ސިސްޓަމްތައް ގާއިމުކުރުމާއި އެފަދަ ސިސްޓަމްތައް އޮޕަރޭޓްކުރުން؛
  3. ސެކިއުރިޓީޒް ޓެންޑަރކުރުމަށް ނުވަތަ އިށޫކުރުމަށް ނުވަތަ ސެކިއުރިޓީޒް ދަރަންޏަށް ދިނުމަށް ނުވަތަ ދަރަންޏަށް ނެގުމަށް ބޭނުންވާ ސިސްޓަމްތައް ގާއިމުކުރުމާއި އެފަދަ ސިސްޓަމްތައް އޮޕަރޭޓްކުރުން؛
  4. މި މާއްދާގެ (ހ) ގެ ދަށުން ސެކިއުރިޓީޒް އިށޫކުރުމުގެ އަދި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް އޮތޯރިޓީއަށް ކުރަންޖެހޭކަމަށް ފެންނަ އެހެނިހެން މަސައްކަތްތަކާއި ކަންކަން ކުރުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ނުވަތަ އެއިން ކަމެއް ކުރުމަށް، އޮތޯރިޓީން ކަނޑައަޅާ ށަރުތުތަކާއި ހަމަތަކާއެކު، އެހެން ފަރާތެއް އައްޔަންކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން އިށޫކުރާ ސެކިއުރިޓީޒްގެ ޑިޕޮޒިޓަރީއެއްގެ މަސައްކަތް އަދި ޕޭއިންގ އޭޖެންޓްގެ މަސައްކަތް އޮތޯރިޓީއަށް ކުރެވިދާނެއެވެ.

 

ސަރުކާރުގެ ސެކިއުރިޓީޒް މާކެޓް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުން .24-4

(ހ) ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަރކަން ކުރާނެ ފަރާތްތައް ނުވަތަ ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ މާކެޓްގައި އެހެންގޮތަކުންވެސް ހަރަކާތްތެރިވާނެ ފަރާތްތައް ކަނޑައެޅުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް އައްޔަންކުރުމުގައި ނުވަތަ އެއިން ފަރާތަކަށް ހުއްދަ ދިނުމުގައި ވަކި ށަރުތުތަކަކާއެކު ނުވަތަ ހަނިކުރުންތަކަކާއެކު އެފަރާތެއް އައްޔަންކުރުމުގެ ނުވަތަ އެފަރާތަކަށް ހުއްދަދިނުމުގެ އިހްތިޔާރުވެސް އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެފަރާތެއް އައްޔަންކުރުމަށްފަހުގައިވެސް، ނުވަތަ ހުއްދަ ދިނުމަށްފަހުގައިވެސް އޮތޯރިޓީން ކަނޑައަޅާފައިވާ ށަރުތުތަކާއި ހަނިކުރުންތައް ބަދަލުކޮށް އަދި އުނިއިތުރު ގެނައުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ސަރުކާރުގެ ސެކިއުރިޓީޒްގެ ސެކަންޑަރީ މާކެޓްގައި ހަރަކާތްތެރިވާ ވަކި ބާވަތެއްގެ ފަރާތެއް ނުވަތަ ބާވަތްތަކެއްގެ ފަރާތްތަކެއް، ސެކަންޑަރީ މާކެޓްގައި ހަރަކާތްތެރިވެވޭނީ އޮތޯރިޓީގެ ހުއްދައެއް ހޯދުމަށްފަހުގައިކަމަށް ކަނޑައެޅިދާނެއެވެ. އެގޮތަށް ކަނޑައަޅާނަމަ، އެކަން އޮތޯރިޓީން އާންމުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އޮތޯރިޓީން ކަނޑައަޅާ ފަރާތްތަކަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި ހުއްދަ ދިނުމުގައި ބަލާނެ މިންގަނޑުތައް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އަދި އެފަރާތްތަކަށް ވަކި ށަރުތުތަކަކާއެކު ނުވަތަ ހަނިކުރުންތަކަކާއެކު ހުއްދަ ދިނުމަށް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.

(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަން އޮތޯރިޓީން ކުރަންވާނީ ސަރުކާރުގެ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން އައްޔަންކުރާ ކޮންމެ ފަރާތަކުން އަދި (ރ) ގެ ދަށުން ދޫކުރާ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، އޮތޯރިޓީން އަންގާ ގޮތެއްގެމަތިން އަދި އޮތޯރިޓީން އެދޭ ތަފްސީލާއެކު، އަދި އޮތޯރިޓީން އަންގާ ވަގުތަށް، އޮތޯރިޓީން އެދޭ މައުލޫމާތާއި ލިޔެކިޔުންތަކާއި ރިޕޯޓުތައް ހުށަހަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަރާތެއްގެ ހާލަތު ބެލުމަށް ނުވަތަ އެފަރާތުން ސެކިއުރިޓީޒްގެ ވިޔަފާރި ކުރާ ގޮތް ބެލުމަށް ނުވަތަ އޮތޯރިޓީން ބަލަންޖެހޭ ކަމަށް ފެންނަ އެނޫންވެސް ކަންކަން ބެލުމަށް އޮތޯރިޓީން އައްޔަންކުރާ ފަރާތެއް މެދުވެރިކޮށް ނުވަތަ އޮތޯރިޓީގެ އޮފިސަރުން މެދުވެރިކޮށް، އޮތޯރިޓީއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި، އެފަރާތެއްގެ ވިޔަފާރި ހިންގާ ތަނަށް ގޮސް އޮތޯރިޓީއަށް އިންސްޕެކްށަނެއް ހެދިދާނެއެވެ.

(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ސަރުކާރުގެ ސެކިއުރިޓީޒްއާގުޅޭ ކަންކަން ހިންގަންވާނީ ގާނޫނާއި ގަވާއިދުތަކާއި، އޮތޯރިޓީން އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ވ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް، ނުވަތަ އެހެންވެސް ފަރާތެއް، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކާ ހިލާފުވެއްޖެނަމަ، މި ގާނޫނުގެ 39 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެފަރާތަކާމެދު އޮތޯރިޓީއަށް އެޅިދާނެއެވެ.

(މ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން އައްޔަންކޮށްފައިވާ ފަރާތެއް ފިޔަވައި އެހެން އެއްވެސް ފަރާތަކުން ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަރކަން ކުރުމަކީ ނުވަތަ ކުރާކަމަށް ދެއްކުމަކީ އަދި ޕްރައިމަރީ މާކެޓްގައި ހަރަކާތްތެރިވުމަކީ ނުވަތަ ހަރަކާތްތެރިވާކަމަށް ދެއްކުމަކީ، އަދި މި މާއްދާގެ (ރ) ގެ ދަށުން އޮތޯރިޓީން ހުއްދަ ހޯދަންޖެހޭ ފަރާތެއް ހުއްދަ ނެތި ސެކަންޑަރީ މާކެޓްގައި ހަރަކާތްތެރިވުމަކީ ނުވަތަ އެގޮތަށް ހަރަކާތްތެރިވާކަމަށް ދެއްކުމަކީ މަނާކަމެކެވެ.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އޮތޯރިޓީން ރެގިއުލޭޓްކުރާ ދާއިރާތަކާއި ބޭންކު- ނޫން މާލީ ވިޔަފާރި ހިންގުމަށް ލައިސަންސް ދޫކުރުން .29

(ހ) ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދޭ ސެކިއުރިޓީޒްގެ ވިޔަފާރި، ނުވަތަ ސެކިއުރިޓީޒްއާގުޅޭ އެހެނިހެން ހިދުމަތްތަކުގެ މައްޗަށް މި ޗެޕްޓަރއެއް ނުހިނގާނެއެވެ.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.29 (ށ) ގާނޫނު ނަންބަރު 2006/2 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ލިބިގެން ނުވަތަ ހުއްދަ ލިބިގެން ހިންގާ ވިޔަފާރިއެއް ފިޔަވައި، އެހެން ބޭންކު-ނޫން މާލީ ވިޔަފާރިއެއް އެއްވެސް ފަރާތަކުން ހިންގަންވާނީ މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސެއް ނުވަތަ ހުއްދައެއް ލިބުމަށް ފަހުގައެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުން.

.29 (ވ) ގާނޫނު ނަންބަރު 23/2015 ''ގާނޫނު ނަންބަރު 8/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު'' އަށް އަމަލުކުރަން ފެށިއިރު، އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސެއް ލިބިގެން ނުވަތަ އޮތޯރިޓީގެ ހުއްދަ ލިބިގެން ހިންގަމުން ދިޔަ ބޭންކު-ނޫން މާލީ އިދާރާތައް،    އެ އިދާރާތަކުގެ އެ ލައިސަންސް ނުވަތަ ހުއްދަ އޮތޯރިޓީން ބާތިލުކޮށްފައިނުވާހާ ހިނދަކު ބެލެވޭނީ، މި ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ އިދާރާތަކެއް ކަމަށެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

31. (ށ) މި މާއްދާގެ (ހ) ގެ ދަށުން މަދުވެގެން ބަހައްޓަންޖެހޭ ރިޒާރވް ކަނޑައެޅުމުގައި، އެކިއެކި މާލީ އިދާރާތަކަށް ތަފާތު ރިޒާރވް ރޭށިއޯ ކަނޑައެޅުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފައިދާއާއި ސަރވިސް ޗާޖާއި ކްރެޑިޓް ދެވޭ ހަމަތައް 32.

(1) ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި ބޭންކު-ނޫން މާލީ އިދާރާތަކަށް، އަންނަނިވި ކަންކަން ލިޔުމުން އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) ޑިޕޮޒިޓާއި އެފަދަ އެހެން ލައިބިލިޓީއަށް ދެވޭނެ އިންޓްރެސްޓްގެ ނުވަތަ ފައިދާގެ އެންމެ ގިނަ އަދި އެންމެ މަދު އަދަދާއި އެ އަދަދުތައް ކަނޑައަޅާނެގޮތް.

(ށ) ތިރީގައިވާ ހިދުމަތްތައް ދިނުމުގައި ހުއްދަ މަގްސަދުތަކާއި ދާއިރާތަކާއި، ވަކިވަކި ދާއިރާތަކަށް ކަނޑައެޅޭނެ އެންމެ މަތީ ޖުމްލަތަކާއި އެންމެ ދިގު އަދި ކުރު މުއްދަތުތަކާއި، ނެގޭނެ އެންމެ މަތީ އިންޓްރެސްޓް ރޭޓް ނުވަތަ ފައިނޭންސިންގ ރޭޓާއި، ނެގޭނެ އެންމެ މަތީ ޗާޖާއި ފީއާއި، އެންމެ މަދުން ބަހައްޓަންޖެހޭ ފައިސާގެ އަދަދާއި ކޮލެޓަރަލްގެ ގޮތުގައި އެންމެ މަދުން ބަހައްޓަންޖެހޭ މިންވަރު.

i. ލޯނު ނުވަތަ އޯވަރޑްރާފްޓްގެ ގޮތުން އެޑްވާންސް ދިނުމާއި އިންވެސްޓްކުރުން.

ii. ބިލް އޮފް އެކްސްޗޭންޖް، ޕްރޮމިސަރީ ނޯޓް އަދި އެހެން ވިޔަފާރި ހިންގުމާބެހޭ ނުވަތަ މާލީ ލިޔުންތައް ޑިސްކައުންޓްކުރުން.

iii. ލެޓަރ އޮފް ކްރެޑިޓް ދޫކުރުން.

iv. ގަބޫލުކުރާކަމުގެ ޔަގީންކަން (އެކްސެޕްޓަންސް) ދިނުމާއި އެނޫންވެސް ކްރެޑިޓް ދިނުން.

(2) މި މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން އޮތޯރިޓީން ކަންކަން ކަނޑައެޅުމުގައި ތަފާތު ބާވަތްތަކުގެ މާލީ އިދާރާތައް ތަފާތު ކުރެވިދާނެއެވެ.

(3) މި މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން އޮތޯރިޓީން އަންގާ އެންގުމަށް އަމަލުކުރުމަށް ކަނޑައަޅާ ތާރީހަކީ އެންގުން އަންގާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހަށްވުރެ ކުރު ނޫން މުއްދަތެއް ދެވިފައިވާ ތާރީހެއް ކަމުގައި ވާންވާނެއެވެ.

(4) މި މާއްދާގެ ދަށުން އޮތޯރިޓީން އަންގާ އެންގުމަކާ ނުވަތަ މި މާއްދާގެ ދަށުން އޮތޯރިޓީން އެކުލަވާލާ ގަވާއިދަކާ ހިލާފުވާ ބޭންކު-ނޫން މާލީ އިދާރާއަކާމެދު، މި ގާނޫނުގެ 39 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(5) މި މާއްދާގެ ދަށުން އޮތޯރިޓީން އަންގާ އެންގުމަކާ ނުވަތަ މި މާއްދާގެ ދަށުން އޮތޯރިޓީން އެކުލަވާލާ ގަވާއިދަކާ ހިލާފުވާ ބޭންކަކާމެދު، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް، އޮތޯރިޓީއަށް އެޅިދާނެއެވެ.

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

ބޭންކު-ނޫން މާލީ އިދާރާތަކުން ރިކޯޑުތައް ބެހެއްޓުން .1-34

(ހ) ބޭންކު-ނޫން މާލީ އިދާރާތަކުން، އޮތޯރިޓީން ކަނޑައަޅާ އެ އިދާރާތަކުގެ ރިކޯޑުތައް އޮތޯރިޓީން ކަނޑައަޅާ މުއްދަތަކަށް ރާއްޖޭގައި، ފައިލްކޮށްފައި ބަހައްޓަންވާނެއެވެ.

(ށ) ބޭންކު-ނޫން މާލީ އިދާރާތަކުން ރިކޯޑުތައް ބަހައްޓަންވާނީ ލިޔުމުގެ ގޮތުގައެވެ. އަދި އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް އަދި މައުލޫމާތު ގެއްލިއްޖެނަމަ، އެ މައުލޫމާތު އަލުން ހޯދޭނެ ގޮތްތަކެއް ހަމަޖެހިފައިވާނަމަ، ބޭންކު-ނޫން މާލީ އިދާރާއަކުން ބަހައްޓަންޖެހޭ ރިކޯޑުތަކާއި، ފޮތްތަކާއި، ސްޓޭޓްމަންޓްތަކާއި، ކަރުދާސްތަކާއި، ލިޔުމުން ކުރެވިފައިވާ އެކި މުއާމަލާތްތަކާއި، ކޭބަލްތަކާއި، ނޯޓިސްތަކާއި، މާލީ ހަރަކާތްތަކާބެހޭ އެހެނިހެން ކަރުދާސްތަކުގެ އަސްލު ބެހެއްޓުމުގެ ބަދަލުގައި ރައްކާކުރަން ފަސޭހަގޮތަކަށް، މައިކްރޯ ފިލްމްގެ ގޮތުގައި ނުވަތަ އިލެކްޓްރޯނިކްކޮށް ނުވަތަ އެހެންވެސް ގޮތަކަށް ޓެކްނޮލޮޖީގެ ވަސީލަތް ބޭނުންކޮށްގެން، މި ގާނޫނުގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ބެހެއްޓިދާނެއެވެ.

 

މާލީ ހިދުމަތް ހޯދާ ފަރާތްތައް ހިމާޔަތްކުރުން އަދި މާލީ ހިދުމަތްތަކާބެހޭ މައްސަލަތައް ބެލުން .2-34

(ހ) ބޭންކުތަކާއި ބޭންކު-ނޫން މާލީ އިދާރާތަކުގެ ހިދުމަތްތައް ހޯދާ ފަރާތްތައް ހިމާޔަތްކުރުމަށްޓަކައި، ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް، ނުވަތަ ވަކި ފިޔަވަޅުތަކެއް އެޅުމަށް، ބޭންކުތަކާއި ބޭންކު-ނޫން މާލީ އިދާރާތަކަށް އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. މިގޮތުން އޮތޯރިޓީން އަންގާ އެންމެހައި އެންގުންތަކަށް އެ އިދާރާތަކުން އަމަލުކުރަންވާނެއެވެ.

(ށ) ބޭންކުތަކާއި ބޭންކު-ނޫން މާލީ އިދާރާތަކާބެހޭގޮތުން ނުވަތަ އެފަދަ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާބެހޭގޮތުން ހުށަހަޅާ ށަކުވާ ބަލައި، މައްސަލަ ހައްލުކުރާނެ ގޮތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) ބޭންކުތަކާއި ބޭންކު-ނޫން މާލީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ހިދުމަތް ހޯދާ ފަރާތްތަކާއި އެފަދަ އިދާރާތަކާ ދެމެދު އުފެދޭ މައްސަލަތައް ބަލައި މައްސަލަ ހައްލުކުރާނެ ގޮތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ބާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން އޮތޯރިޓީން ގަވާއިދުތައް ނެރެވިދާނެއެވެ.

(ބ) މި މާއްދާގެ ދަށުން އޮތޯރިޓީން އަންގާ އެންގުމަކާ ނުވަތަ މި މާއްދާގެ ދަށުން އޮތޯރިޓީން އެކުލަވާލާ ގަވާއިދަކާ ހިލާފުވާ ބޭންކު-ނޫން މާލީ އިދާރާއަކާމެދު،  މި ގާނޫނުގެ 39 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތައް އެޅުމުގެ ބާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ ދަށުން އޮތޯރިޓީން އަންގާ އެންގުމަކާ ނުވަތަ މި މާއްދާގެ ދަށުން އޮތޯރިޓީން އެކުލަވާލާ ގަވާއިދަކާ ހިލާފުވާ ބޭންކަކާމެދު، ގާނޫނު ނަންބަރުގެ 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތައް އެޅުމުގެ ބާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފީއާއި ޗާޖު 37.

(ހ) އޮތޯރިޓީގެ މަސައްކަތްތަކަށާއި އޮތޯރިޓީން ދޭ ހިދުމަތްތަކަށް އެކަށީގެންވާ ފީއެއް ނުވަތަ ޗާޖެއް ނެގިދާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް، އެޕްލިކޭށަން ފީއެއް އޮތޯރިޓީން ނެގިދާނެއެވެ.

(ނ) އަހަރީ ފީއެއް ނުވަތަ ލައިސަންސް ފީއެއް ދެއްކުމަށް އޮތޯރިޓީން ރެގިއުލޭޓްކުރާ މާލީ އިދާރާތަކަށް އެންގިދާނެއެވެ.

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 38 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގަވާއިދުތައް ހެދުމާއި އެންގުންތައް އެންގުން 38.

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމައަށް ހިންގުމަށްޓަކައި ގަވާއިދުތަކާއި އުސޫލުތަކާއި އިރުށާދުތަކާއި ސަރކިއުލަރތައް ނެރެ ހިންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) ބޭންކު-ނޫން މާލީ އިދާރާތައް އާންމުކޮށް އަމަލުކުރަންޖެހޭ ގޮތަށް، ނުވަތަ ވަކި ބާވަތެއްގެ ބޭންކު-ނޫން މާލީ އިދާރާތަކުން އެކަނި އަމަލުކުރަންޖެހޭނެ ގޮތަށް، ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަކުން އެކަނި އަމަލުކުރަންޖެހޭ ގޮތަށް ގަވާއިދުތަކާއި އިރުށާދުތަކާއި ސަރކިއުލަރތައް އޮތޯރިޓީއަށް ނެރެވިދާނެއެވެ. މީގެ އިތުރުން، ވަކި މައްސަލައެއް ނުވަތަ ހާލަތަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި، ވަކި މައްސަލައެއް ނުވަތަ ހާލަތެއް ނިސްބަތްވާ   ބޭންކު-ނޫން މާލީ އިދާރާއަކުން އަމަލުކުރަންޖެހޭ ގޮތެއް އެ ބޭންކު-ނޫން މާލީ އިދާރާއަކަށް އެންގުމުގެ ބާރުވެސް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) އޮތޯރިޓީން ރެގިއުލޭޓްކުރާ ބޭންކު-ނޫން މާލީ އިދާރާތަކުގެ މައްޗަށް ހިނގާނެ ރެސޮލޫށަން ރިޖީމް އޮތޯރިޓީން ގަވާއިދަކުން ކަނޑައެޅިދާނެއެވެ. އަދި އެ ގަވާއިދުގައި، ރެސޮލޫށަންގެ ކަންކަން ފަށާނެ ހާލަތްތަކާއި، ރެސޮލޫށަން ޕްރޮސެސް ކުރިއަށްދާނެ ގޮތާއި ރެސޮލޫށަންއާ ގުޅިގެން އޮތޯރިޓީއަށް ލިބިދޭ ބާރުތައް ހިމެނޭނެއެވެ. އަދި، އޮތޯރިޓީން ރެގިއުލޭޓްކުރާ ބޭންކު-ނޫން މާލީ އިދާރާތައް އުވާލުމުގައި އަދި އިފްލާސްކުރުމުގައި އަމަލުކުރާނެ ގޮތްތައް އޮތޯރިޓީން ގަވާއިދަކުން ކަނޑައެޅިދާނެއެވެ. އަދި، ބޭންކު-ނޫން މާލީ އިދާރާތައް އުވާލުމުގައި އަދި އިފްލާސްކުރުމުގައި އެ އިދާރާއެއްގެ ލައިބިލިޓީތައް އަދާކުރުމުގައި އިސްކަންދޭނެ ތަރުތީބު އޮތޯރިޓީއަށް ގަވާއިދަކުން ކަނޑައެޅިދާނެއެވެ.

(ރ) ދިވެހިރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށް ނުވަތަ ދިވެހިރާއްޖޭގައި ފައިނޭންށަލް އިންކްލޫށަން އިތުރުކޮށް ހަރުދަނާކުރުމަށް ނުވަތަ އެނޫންވެސް މަގްސަދުތަކުގައި އޮތޯރިޓީން ހިންގާ ނުވަތަ ކުރިއަށްގެންދާ މަށްރޫއުތަކުގައި، އޮތޯރިޓީން ރެގިއުލޭޓްކުރާ ބޭންކެއް ނުވަތަ ބޭންކު-ނޫން މާލީ އިދާރާއެއް ބައިވެރިވުމަށް އޮތޯރިޓީން އަންގައިފިނަމަ، އޮތޯރިޓީން އަންގާ ގޮތެއްގެމަތިން އެ މަށްރޫއެއްގައި އެ ބޭންކަކުން ނުވަތަ އެ އިދާރާއަކުން ބައިވެރިވާންވާނެއެވެ.

(ބ) މި ގާނޫނުގައި ބަޔާންކޮށްފައިވާ އޮތޯރިޓީގެ މަގްސަދުތައް ހާސިލުކުރުމަށް ވަކި ކަމެއް ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އަދި، މިފަދައިން ކަމެއް މަނާ ކުރާނަމަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކުގައި މަށްވަރާކުރަންވާނެއެވެ.

 

38 ވަނަ މާއްދާ -ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

39. (ށ) (10) ޖޫރިމަނާކުރުން؛ ޖޫރިމަނާކުރުމުގައި، އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ވެފައިވާ ހިލާފު ރަނގަޅުކުރަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް 100,000 (އެއްލައްކަ) ރުފިޔާ އަށްވުރެ އިތުރުނުވާނެ އަދަދެއް ކަނޑައެޅިދާނެއެވެ.

 

39 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

39. (ނ) ތިރީގައިވާ ކަމެއް ބޭންކު-ނޫން މާލީ އިދާރާއަކުން ކޮށްފިނަމަ، އެކަމެއް ރަނގަޅުކުރަންދެން ދުވާލެއްގެ މައްޗަށް އިދާރީ އަދަބެއްގެ ގޮތުގައި 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ އިތުރުނުވާ ގޮތަށް ޖޫރިމަނާކޮށް އެ ފައިސާ އޮތޯރިޓީއަށް ދެއްކުމަށް އެންގިދާނެއެވެ.

(1) ގަސްދުގައި ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން، ތެދުނޫން ނުވަތަ އެކަށީގެންވާ ވަރަށް ފުރިހަމަނުވާ ހިސާބުތަކާއި މައުލޫމާތު އޮތޯރިޓީއަށް ހުށަހެޅުން؛ ނުވަތަ

(2) އޮތޯރިޓީން އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެދުމުން، އެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއް އެ އިދާރާއަށް ލިބިހުރެ، ހުށަހަޅާފައިނުވުން.

 

40 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

ކުށުގެ އަދަބު 40.

(ހ) މި ގާނޫނުގައި އަދަބު ބަޔާންކޮށްފައިނުވާ ކަންކަމުގެ އަދަބަކީ 5,000 (ފަސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ށ) މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދަކާ ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކާ ހިލާފުވާ ފަރާތެއް 5,000 (ފަސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި، ޖޫރިމަނާކުރުމުގައި، އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ވެފައިވާ ހިލާފު ރަނގަޅުކުރަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް 5,000 (ފަސްހާސް) ރުފިޔާ އަށްވުރެ އިތުރުނުވާނެ އަދަދެއް ކަނޑައެޅިދާނެއެވެ.

 (ނ) އޮތޯރިޓީން ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އިޖުރާއަތު އަދި ކުށުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާ ކަނޑައެޅުމުގައި ރިއާޔަތްކުރެވޭނެ ކަންކަން އޮތޯރިޓީން ކަނޑައަޅަންވާނެއެވެ. އަދި މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ މަދަނީ އަދަބު އަދި މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ނުވަތަ އޮތޯރިޓީގެ އަމުރަކާ ހިލާފުވާ ފަރާތަކާމެދު އަޅާނެ ފިޔަވަޅު ކަނޑައަޅާނީ ގަވަރުނަރުގެ ނިންމުމަކުންނެވެ.

(ރ) މި ގާނޫނުގެ ދަށުން މަދަނީ އަދަބު ކަނޑައެޅުމުން އެ އަދަބެއްގެ ނުވަތަ ފިޔަވަޅެއްގެ ގޮތުގައި ފައިސާ ދައްކަން އަންގާފައިވާނަމަ، އެ އަދަބެއް އިސްތިއުނާފަށް ހުށަހަޅާފައިވީނަމަވެސް، އެ ފައިސާ ދައްކަންޖެހޭ ދުވަހަށް ދައްކައި ނިންމަންވާނެއެވެ.

 

41 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި 'ގަވަރނަރ' މިފަދައިން ބަޔާންކޮށްފައިވާ އެންމެހައި އިބާރާތްތައް، 'ގަވަރުނަރު' އަށް ބަދަލުކުރުން، އަދި ބުނެވިދިޔަ ގާނޫނުގައި 'ޑެޕިއުޓީ ގަވަރނަރ' މިފަދައިން ބަޔާންކޮށްފައިވާ އެންމެހައި އިބާރާތްތައް، 'ޑެޕިއުޓީ ގަވަރުނަރު' އަށް ބަދަލުކުރުން.

 

42 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ" މިފަދައިން ބަޔާންކޮށްފައިވާ އެންމެހައި އިބާރާތްތައް، "މިނިސްޓްރީ އޮފް ފިނޭންސް" އަށް ބަދަލުކުރުން.

 

43 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

މައި ގާނޫނު

މަނިޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 1981-06

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު