-

ޖިނާއީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-12) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-21)

 

ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހުކުމްކުރުން .8 "ހުކުމްކުރުން" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ޖިނާއީ ދައުވާއެއްގެ ށަރީއަތް ހިންގުމަށްފަހު، ނުވަތަ އެފަދަ މައްސަލައެއް އަވަސް ނިޔާއިން ބެލުމަށްފަހު، އެ ދައުވާގައި ބަޔާންކުރާ ކުށް، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ސާބިތުވާ ކަމަށް ނުވަތަ ސާބިތުނުވާ ކަމަށް ކަނޑައަޅައި، ނުވަތަ ދައުވާ ލިބޭ ފަރާތް އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭ ކަމަށް ކަނޑައަޅައި، މި ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ކުރާ ހުކުމަށެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކުށުގެ ތުހުމަތުގައިވާ މީހާ .9

"ކުށުގެ ތުހުމަތުގައިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިގެން އެމީހަކާ ދެކޮޅަށް މި ގާނޫނުގެ ދަށުން އެ ވަގުތަކު ތަހްގީގު ހިންގެމުންދާ، ނުވަތަ ހިންގުމަށްފަހު އެ ވަގުތަކާ ހަމައަށް އެ ކުށުގެ ދައުވާ އުފުލިފައިނުވާ މީހާއަށެވެ. މީގެ ތެރޭގައި، އެމީހެއްގެ މައްޗަށް ތަހްގީގު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނުވަތަ ދައުވާ ނުއުފުލުމަށް ނިންމޭ މީހާއަކީ ކުށުގެ ތުހުމަތުގައިވާ މީހެއްކަމަށް ބަލައިގެންނުވާނެއެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ބާތިލުކުރުން .14   

"މައްސަލަ ބާތިލުކުރުން" ކަމަށް ބުނެފައި އެވަނީ، ދައުވާ ލިބޭ މީހާގެ މައްޗަށް ކުރެވިފައިވާ ދައުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދައުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށް ބާއްވާ އިބްތިދާއީ އަޑުއެހުމަށްފަހު، އެ ދައުވާއައިގެން ކުރިއަށްދާނެ ތަނެއް ނެތް ކަމަށް ފެންނަ ހާލަތުގައި އެ ދައުވާ ކުރިއަށްގެންދެވެން ނެތް ކަމަށް ކަނޑައަޅައި މައްސަލަ ބާތިލުކުރާ ކުރުމަށެވެ.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދައުވާކުރުން .16        

"ދައުވާކުރުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވޭ މީހަކު އެ ކުށް ކުރި ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މައްޗަށް އެ ކުށުގެ ޖިނާއީ ދައުވާ އުފުލުމަށެވެ.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގާނޫނު ތަންފީޒުކުރާ އިދާރާ .18

"ގާނޫނު ތަންފީޒުކުރާ އިދާރާ" ކަމަށް ބުނެފައި އެވަނީ، ފުލުހުން ހިމެނޭގޮތުން، ޖިނާއީ ކުށް ތަހްގީގުކޮށް، ފިޔަވަޅުއެޅުމުގެ ބާރު، ގާނޫނުއަސާސީންނާއި ގާނޫނުން ލިބިދީފައިވާ ކޮންމެ ތަހްގީގީ އިދާރާއަކަށެވެ.

 

6 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ށަރީއަތުގެ މަޖިލިސް .19    

"ށަރީއަތުގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ކޮންމެ އަޑުއެހުމަކަށެވެ. އޭގެ ތެރޭގައި، ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށް، ބޭއްވޭ އަޑުއެހުމާއި، އިބްތިދާއީ އަޑުއެހުމާއި، ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އަޑުއެހުންތަކާއި، މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތަކާއި، ހުކުމްކުރުމަށާއި އަދަބު ކަނޑައެޅުމަށް ބާއްވާ އަޑުއެހުންތައް ހިމެނޭގޮތުންނެވެ. އަދި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެއް މާލަމަށްވުރެ ގިނަ މާލަން ގުޅުވާލައިގެން ބޭއްވޭ ކޮންމެ އަޑުއެހުމަކީވެސް، ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ށަރީއަތުގެ މަޖިލީހެކެވެ.

 

7 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖިނާއީ ބޮޑެތި ކުށް .22     

"ޖިނާއީ ބޮޑު ކުށެއް" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ.

(ހ) މީހަކު މެރުމުގެ ކުށް؛

(ށ) ރޭޕްކުރުމުގެ ކުށް؛

(ނ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް؛

(ރ) ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތައް؛

(ބ) މަނީ ލޯންޑްރިންގ ކުށްތައް؛

(ޅ) މީހުން ޓްރެފިކްކުރުމުގެ ކުށްތައް؛

(ކ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށްތައް؛

(އ) އަންނަނިވި ކުށްކުށުގެ ތެރެއިން100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތައް؛

  1. ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 210 ވަނަ ބާބުގައި ބަޔާންކުރާ ކުށްތައް؛
  2. ގާނޫނު ނަންބަރު 2/2000 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރިށްވަތުގެ ކުށްކުށާއި، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ކަނޑައަޅާފައިވާ ކޮރަޕްށަންގެ ކުށްތައް.

(ވ)   ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން،  500,000 (ފަސްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތައް؛

(މ)   މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތައް؛

(ފ)  ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 610 ވަނަ މާއްދާއާއި 611 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްތައް؛

(ދ)  ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި 1 ވަނަ ދަރަޖައިގެ އަދި 2 ވަނަ ދަރަޖައިގެ ޖިނާޔަތެއް ކަމުގައި ކަނޑައަޅާފައިވާ ކުށްތައް ނުވަތަ އެހެން ގާނޫނެއްގައި 10 (ދިހައެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވާ ކޮންމެ ކުށެއް.

     

8 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.23 (ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަމުންދާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން ހުށަނޭޅިނަމަވެސް، ޖިނާއީ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަންއުޅޭ ކަމަށް އެފަދަ މައްސަލަތައް ތަހްގީގުކުރުމުގެ ބާރު ލިބިދީފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ތުހުމަތުކުރެވުމުން ނުވަތަ އެނގުމުން، އެ އިދާރާގެ އިސްނެގުމުގެ މަތިން، އެ މައްސަލައެއް ބެލުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

9 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ނިމުނު ގޮތް އެންގުން .26 

(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަހްގީގުކުރާ އިދާރާއަކަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓަރީކުރުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ މައްސަލައާމެދު އަމަލުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އާންމު ތަންތަނަށް ވަނުން .28 

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހްގީގުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން އާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ ކޮންމެ އިދާރާއަކަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަމިއްލަ ތަންތަނަށް ވަނުން .29

(ހ) އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހްގީގުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން އަމިއްލަ ތަނަކަށް ވަންނަންޖެހިއްޖެނަމަ، މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންވެގެންވާ ހާލަތްތަކުގައި ފިޔަވައި، އެތަނަކަށް، އެތަނެއްގެ ވެރިފަރާތުގެ ރުހުމަކާ ނުލައި ވަދެވޭނީ، ކޯޓު އަމުރަކާ އެކުގައެވެ.

 

12 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

.29 (ށ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި ކަންކަން ކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި، އަމިއްލަ ތަނަކަށް ވަނުމާއި އެކަންކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ، ނުވަތަ ތިބުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.29 (ނ) އަމިއްލަ ތަނަކީ، މީހުން ދިރިނޫޅޭ، ފަޅުކޮށް ދޫކޮށްލާފައިވާ ތަނެއް ކަމުގައިވެފައި، އެތަނުގައި ކުށެއް ކުރަމުންދާ ކަމަށް ނުވަތަ ކުށެއް ކޮށްފައިވާކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ކުށް ކުރުން ހުއްޓުވުމަށްޓަކައި ނުވަތަ އިތުރު ކުށެއް ކުރިޔަނުދިނުމަށްޓަކައި ނުވަތަ ކުށް ކުރަމުންދާ ނުވަތަ ކުރި ފަރާތްތައް ހައްޔަރުކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމާއި، އެކަންކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ، ނުވަތަ ތިބުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

                   

14 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން

.29 (ޅ)  ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަނުމަށް މި މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ލިބިދޭ ބާރެއްގެ ބޭނުން ހިފުމުގައި، އެތަނަކަށް އެ އިދާރާއެއްގެ އޮފިސަރަކު ވަނީ ކޮން މަގްސަދެއްގައި ކަމާމެދު އެތަނުގެ ވެރިފަރާތުން ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކުން ސުވާލުކޮށްފިނަމަ، އޭނާ އެތަނަށް ވަނީ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ކޮން ހާލަތެއްގައިކަން ސާފުކޮށްދޭންވާނެއެވެ.

                       

15 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (އ) ގެ ފަހަތަށް، އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

.29 (ވ) ފުލުހުންގެ މައި މަރުކަޒު ނުވަތަ ސަރަހައްދީ މަރުކަޒެއް ގާއިމުކުރެވިފައިވާ ރަށެއް ފިޔަވައި އެހެން ރަށެއްގައި ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ އޮފިސަރަކު ނެތްނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހުއްދަ ދޭނީ، އެ ރަށެއްގައި ހުންނަ ޕޮލިސް ސްޓޭށަނެއްގެ ސްޓޭށަން އިންޗާޖެވެ.

 

16 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާ އެއީ އެ ގާނޫނުގެ 29 ވަނަ މާއްދާ ކަމުގައި ހަމަޖައްސައި، އެ ގާނޫނުގެ 29 ވަނަ މާއްދާ އެއީ އެ ގާނޫނުގެ 30 ވަނަ މާއްދާ ކަމުގައި ހަމަޖެއްސުން.

 

17 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

.30 (ށ)             

(5) އެތަނާއި އެތަނުގައިވާ އެއްޗެހީގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުން؛

 

18 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.30 (ނ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރު ބޭނުންކުރުމުގައި މީހަކު ބަލައި ފާސްކުރަންޖެހިއްޖެނަމަ، އެކަން ކުރެވޭނީ، މި ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ފުލުހުންނަށާއި، މީހަކު ބަލައި ފާސްކުރުމުގެ ބާރު ގާނޫނަކުން ކަނޑައެޅިގެން ދީފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށެވެ.

 

19 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ށ) ގެ (9) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

.31 (ށ)             

(9) ހޯދަން ބޭނުންވާ އެއްޗެހީގެ މައުލޫމާތު؛

 

20 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ށ) ގެ (12) ވަނަ ނަންބަރުގެ ފަހަތަށް، އަންނަނިވި ފަދައިން ތިން ނަންބަރު އިތުރުކުރުން.

.31 (ށ)             

(13) އެތަން ބަލައި ފާސްކުރަން ބޭނުންވަނީ، ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ވަކި މީހަކާ ގުޅިގެން ކަމަށްވާނަމަ، އެމީހެއްގެ މައުލޫމާތު؛

(14) ބަލައި ފާސްކުރަން ބޭނުންވާ ތަނަކީ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބާރުގެ ދަށުގައިވާ ނުވަތަ އޭނާ ދިރިއުޅެމުންގެންދާ ތަނެއް ކަމުގައިވާނަމަ، އެކަން؛

(15) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.

 

21 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން. 

.31 (ނ) ކޯޓު އަމުރަކަށް އެދި މި މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން ފަނޑިޔާރު ސާފުކުރަން ބޭނުންވާ ސުވާލުތަކަށް، އެ އަމުރަށް އެދޭ ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރ ޖަވާބުދޭންވާނެއެވެ.

 

22 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން. 

.32 (ހ)             

(4) ބަލައި ފާސްކުރެވޭ ތަނުގެ ވެރިފަރާތުގެ މައުލޫމާތު؛

 

23 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

.32 (ހ)

(7) ހޯދަން ބޭނުންވާ އެއްޗެހީގެ މައުލޫމާތު؛

 

24 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ (12) ވަނަ ނަންބަރުގެ ފަހަތަށް، އަންނަނިވި ފަދައިން ތިން ނަންބަރު އިތުރުކުރުން.

.32 (ހ)             

(13) އެތަން ބަލައި ފާސްކުރަން ބޭނުންވަނީ، ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ވަކި މީހަކާ ގުޅިގެން ކަމަށްވާނަމަ، އެމީހެއްގެ މައުލޫމާތު؛

(14) ބަލައި ފާސްކުރަން ބޭނުންވާ ތަނަކީ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބާރުގެ ދަށުގައިވާ ނުވަތަ އޭނާ ދިރިއުޅެމުންގެންދާ ތަން ކަމުގައިވާނަމަ، އެކަން؛

(15) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.

 

25 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

.32 (ނ) ބަލައި ފާސްކުރުމުގެ މަގްސަދު ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތެއްގައި މެނުވީ، އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގެ ހުއްދަ ފަނޑިޔާރު ދޭންވާނީ އެފަދަ ތަނެއް ބަލައި ފާސްކުރަން އެކަށީގެންވާ ވަގުތެއްގައެވެ. އެނޫން ވަގުތެއްގައި އެތަނަށް ވަނުމުގެ ހުއްދަ ދޭންވާނީ، އެ އަމުރުގެ ދަށުން ކުރަންއެދޭ ކަންކަމަށް ބަލާއިރު، އެއިން ވަގުތެއްގައި އެތަނެއް ބަލައި ފާސްކުރުމުގެ މަގްސަދެއް އޮތް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމައެވެ.

 

26 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް، އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން. 

.32 (ކ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި ''އެކަށީގެންވާ ވަގުތެއްގައި'' ކަމުގައި ބުނެފައި އެވަނީ، ހެނދުނު 06:00 އާއި ރޭގަނޑު 09:00 އާ ދެމެދު ހިނގާ ވަގުތަށެވެ.

 

27 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބަލައި ފާސްކުރުމުގެ އަމުރު ތަންފީޒުކުރުން  .33 

(ހ) ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ހުއްދަދެވޭ ތަނެއް، އެ އަމުރުގައި ކަނޑައަޅާފައިވާ މުއްދަތުގައި ބަލައި ފާސްކޮށް ނިންމަންވާނެއެވެ. އެ އަމުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެތަނެއް ބަލައި ފާސްކޮށް ނިންމޭނެ ކަމަށް އެ އަމުރަށް އެދުނު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ބެލެވެން ނެތްނަމަ،  އެ އަމުރުގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން، އެ އަމުރުގެ މުއްދަތު އިތުރުކުރުމަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ.

 

28 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

.33 (ރ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ގޮތުން އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން، އެތަނުގައި ތިބި ބަޔަކަށް އެތަނަށް ވަންނަކަން އަންގަންވާނެއެވެ. އެހެންނަމަވެސް، އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެތަނުގައި ތިބި ބަޔަކަށް އަންގާ އެންގުން ދުރާލާ އެންގުން ލާޒިމެއް ނޫނެވެ. އެތަނަށް ވަނުމުގެ ހިނދުކޮޅެއް ކުރިން އެކަން އެންގުމުން އެ މާއްދާގެ މަގްސަދު ހާސިލުވީ ކަމުގައި ބެލެވޭނެއެވެ.

 

29 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

.33 (ވ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެތަނުގައި ތިބި ބަޔަކަށް އެތަނަށް ވަންނަކަން އަންގައިފިނަމަ ބަލައި ފާސްކުރުމުގެ މަގްސަދު ގެއްލިދާނެ ކަމަށް ފެނިއްޖެ ހާލަތެއްގައި، އެތަނުގައި ތިބި ބަޔަކަށް އެންގުމަކާ ނުލައި އެތަނަށް ވަނުމުގެ އިހްތިޔާރު، ބަލައި ފާސްކުރާ އަމުރު ތަންފީޒުކުރާ އޮފިސަރުންނަށް ލިބިގެންވެއެވެ.

(މ) މި މާއްދާގެ (ރ) އާއި (ވ) އެހެން އޮތްނަމަވެސް، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާގެ ކަމާބެހޭ އޮފިސަރުން އަމިއްލަ ތަނަކަށް ވަންނައިރު، ތަނުގެ ވެރިފަރާތް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކު ހުރެފައި، އެ އޮފިސަރުން އެތަން ބަލައި ފާސްކުރަން ފެށުމުގެ ކުރިން ނުވަތަ އެއަށްފަހު އެއިން ފަރާތަކުން އެތަން ދޫކޮށްފައި ހިނގައްޖެނަމަ، އެއިން ފަރާތެއްގެ ހާޒިރުގައި ބަލައި ފާސްކުރުމަށް މި މާއްދާގެ ދަށުން ލިބިދޭ ހައްގު ދޫކޮށްލީ ކަމުގައި ބަލައި، ބަލައި ފާސްކުރުމައިގެން ކުރިއަށްދެވިދާނެއެވެ. އެހެންނަމަވެސް، ތަނުގެ ވެރިފަރާތަށް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކަށް ކޮންމެ ވަގުތެއްގައިވެސް އަނބުރާ އައިސް، އޭނާގެ ހާޒިރުގައި ބަލައި ފާސްކުރުން ކުރިއަށްގެންދިއުމުގެ ހައްގު ލިބިގެންވެއެވެ.

 

30 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން. 

.34 (ހ)

(4) އެތަނާއި އެތަނުގައި ހުރި ކަމާބެހޭ އެއްޗެހީގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުން؛

 

31 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

.35 (ރ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު ކޯޓު އަމުރަކާ ނުލައި، އުޅަނދެއް ބަލައި ފާސްކުރެވޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ގަބޫލުކުރެވޭ ހާލަތުގައެވެ.

 

32 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

މުދާ ހިފެހެއްޓުން 36. (ހ) ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، ހެކީގެ ގޮތުގައި ބޭނުންކުރުމަށް އެ އަމުރުން ހިފެހެއްޓުމަށް ހުއްދަކުރާ އެއްޗެއްގެ، ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ އެއްޗެއްގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުމުގެ ނުވަތަ އެ އެއްޗަކުން ސާމްޕަލް ނެގުމުގެ ނުވަތަ އެ އެއްޗަކުން ބައެއް ނުވަތަ އެ އެއްޗެއް އެކުގައި ހިފެހެއްޓުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

 

33 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

.36 (ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތްނަމަވެސް، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުގައިވާ އެއްޗެއްސާއި، ގާނޫނީ އިމްތިޔާޒުގެ ދަށުގައިވާ އެއްޗެއްސާއި، ގާނޫނެއްގެ ދަށުން އިމްތިޔާޒު ލިބިގެންވާ އެނޫންވެސް އެއްޗެހި ހިފެހެއްޓުމުގެ ބާރު ގާނޫނު ތަންފީޒުކުރާ އޮފިސަރުންނަށް ލިބިގެނެއް ނުވެއެވެ.

 

34 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

.36 (ރ) ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ތަންފީޒުކުރުމުގައި ހިފަހައްޓާ މުދަލުގެ އިންވެންޓަރީއެއް، ކޯޓު އަމުރު ތަންފީޒުކުރާ އޮފިސަރު އެކުލަވާލަންވާނެއެވެ. އެކަން ކުރަންވާނީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ އެހެން އޮފިސަރަކާއި، ތަނުގެ ވެރިފަރާތުގެ ނުވަތަ ތަނުގެ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.

 

35 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

.36 (ބ) މި މާއްދާގެ (ރ) ގެ ދަށުން ހިފެހެއްޓޭ މުދަލުގެ އިންވެންޓަރީގެ ކޮޕީއެއް، ތަނުގެ ވެރިފަރާތަށް، ނުވަތަ އޭނާ ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރު ދޭންވާނެއެވެ.

 

36 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާގެ (ދ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން. 

.36 (ތ) މި މާއްދާގެ (ރ) އާއި (ބ) އެހެން އޮތްނަމަވެސް، ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ތަންފީޒުކުރަމުންދާއިރު ތަނުގެ ނުވަތަ މުދަލުގެ ވެރިފަރާތް ނުވަތަ އެއިން ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއް ހާޒިރުވެ ހުރުމަށްފަހު، މި މާއްދާގެ (ރ) ގައި ބަޔާންކުރާ މުދަލުގެ އިންވެންޓަރީ އެކުލަވާލާއިރު ހާޒިރުވެ ހުންނަން ބޭނުންނުވެ، އެތަން ދޫކޮށްފައި ހިނގައްޖެނަމަ، އެއިން ފަރާތެއްގެ ހާޒިރުގައި މުދަލުގެ އިންވެންޓަރީ ނެގުމަށް މި މާއްދާގެ (ރ) އިން ލިބިދޭ ހައްގު ދޫކޮށްލީ ކަމުގައި ބެލޭނެއެވެ. އެހެންނަމަވެސް، އެއިން މީހަކަށް، ކޮންމެ ވަގުތެއްގައިވެސް އަނބުރާ އައިސް، އޭނާގެ ހާޒިރުގައި މުދަލުގެ އިންވެންޓަރީ ނެގުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ ހައްގު ލިބިގެންވެއެވެ.

(ލ) މި މާއްދާގެ (ތ) ގައި ބަޔާންކުރާ ހާލަތުގައި މުދަލުގެ އިންވެންޓަރީ ނެގުމަށްފަހު، އެ އިންވެންޓަރީގެ ކޮޕީ، އެތަނުގައި ފަސޭހައިން ފެންނާނެ ފަދައިން ހަރުކުރަންވާނެއެވެ.

 

37 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 38 ވަނަ މާއްދާގެ (އ) އުނިކުރުން.

 

38 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 38 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

.38 (ވ) މި މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން އަމަލުކުރުމުގައި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކުރުވައި، އެމީހަކު މެދުވެރިކޮށް ކުށުގެ ތުހުމަތުގައިވާ މީހާ ބަލައި ފާސްކުރެވިދާނެއެވެ. އެ ހާލަތުގައި މީހަކު ބަލައި ފާސްކުރެވޭއިރުވެސް އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.

 

39 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 40 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.40 (ރ) މި މާއްދާގެ ދަށުން މީހަކު ހައްޔަރުކުރަންވާނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު، ފުލުހުންގެ އޮފިސަރެކެވެ. މި މާއްދާގެ ދަށުން ފުލުހުންގެ އޮފިސަރަކު މީހަކު ހައްޔަރުކުރާއިރު އޭނާ ހުރީ ފުލުހުންގެ ޔުނީފޯމުގައި ކަމުގައިނުވާނަމަ، އޭނާއަކީ ކާކުކަން ބަޔާންކޮށްދިނުމަށްފަހު އޭނާއަކީ ފުލުހެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް، ހައްޔަރުކުރެވޭ މީހާއަށް ދައްކަންވާނެއެވެ.

                              

40 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 40 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން. 

.40 (ވ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގެ ދަށުން މީހަކު ހައްޔަރުކުރުމުގައި، އެމީހާ ހައްޔަރުކުރުމުގެ ކުރިން، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ހޯދުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، އެއިން އެއްވެސް ނަންބަރެއްގައި ބަޔާންކުރާ ހާލަތުގައި ފުލުހުންގެ އޮފިސަރަކު މީހަކު ހައްޔަރުކޮށްފިނަމަ، އެކަން ކުރުމަށްފަހު، ވީ އެންމެ އަވަހަކަށް، އެ ރޭންކުގެ އޮފިސަރަކަށް އެކަން އަންގަންވާނެއެވެ.

 

41 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ ފެށޭ އިބާރާތް އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ހުރި އަކުރުތަކަކީ، އެ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރު ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން. 

.42  (ށ) މި މާއްދާގެ ދަށުން މީހަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދުގައި، އަންނަނިވި ކަންކަން ހިމެނޭގޮތުން، މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަންވީ ގޮތުގެ އިޖުރާއަތުތައް ބަޔާންކުރަންވާނެއެވެ.

  1. ކުޑަކުދިންނާއި މާބަނޑު މީހުންނާއި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެނޫންވެސް ހާއްސަ ރައްކާތެރިކަން ބޭނުންވާ މީހުން ހައްޔަރުކުރުމުގައި އަމަލުކުރަންވީ އިޖުރާއަތު؛
  2. ބިޑި އަޅުވައި ނެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތާއި، ބިޑިއަޅުވާފައި ބެހެއްޓޭނެ ގޮތާއި، ބިޑި އަޅުވާފައި ބެހެއްޓޭނެ އެންމެ ގިނަ ވަގުތު؛
  3. ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުހަދާ ހާލަތުގައި، ބާރުގެ ބޭނުންކުރެވޭނެ މިންވަރާއި ގޮތް.

 

42 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

.42 (ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ހައްޔަރުކުރެވޭ މީހާގެ ގައިގައި ބިޑިއެޅުވުން؛

 

43 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 .42 (ރ) ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުހަދާ ހާލަތުގައި، އޭނާ ހައްޔަރުކުރުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ބާރުގެ ބޭނުންކުރުން.

 

44 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

.44 (ށ)

(5) އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާކަން؛ އަދި

 

45 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތުތައް  .45 

(ހ)  ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާ ނުލައި ނަމަވެސް، މީހަކު ހައްޔަރުކޮށްފި ކަމުގައިވާނަމަ، ލަސްނުކޮށް، ފުލުހުންގެ މަރުކަޒަކަށް އޭނާ ގެންދަންވާނެއެވެ. އަދި އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ކޯޓުން ނިންމައިފިނަމަ، ލަސްނުކޮށް ކަސްޓޯޑިއަލް ފެސިލިޓީއަކަށް އޭނާ ގެންދަންވާނެއެވެ.

 

46 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

45. (ށ) ހައްޔަރުކުރެވޭ މީހާ ފުލުހުންގެ މަރުކަޒަށް ގެނައުމާއެކު، އޭނާގެ މައުލޫމާތު ރެކޯޑުކުރުމަށްފަހު، އެ ވަގުތު އެ މަރުކަޒުގައި ހުރި އިސް އޮފިސަރު އޭނާގެ ހައްޔަރާމެދު ގޮތެއް ނިންމަންވާނެއެވެ.

 

47 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

46. (ށ) ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ހާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެކުރިން، އޭނާގެ ގާނޫނީ ވަކީލަށް ނުވަތަ އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކަށް ފޯނުކުރުމުގެ ފުރުސަތު ދީ، އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

 

48 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 46 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

46. (ބ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި މާއްދާގެ (ނ) ގެ ދަށުން ގާނޫނީ ވަކީލަކު ހަމަޖައްސަން ދޭ ފުރުސަތުގައި، 48 (ސާޅީސް އަށެއް) ގަޑިއިރު ފާއިތުވާއިރުވެސް އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށްދެވިދާނެއެވެ.

 

49 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 46 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

.46 (ޅ) މި މާއްދާގެ (ބ) ގައި އެހެން އޮތްނަމަވެސް، ހައްޔަރުގައި ހުރި މީހާއަށް ގާނޫނީ ވަކީލަކު ހަމަޖައްސަން ދެވޭ ފުރުސަތުގައި، އޭނާ ގާނޫނީ ވަކީލަކު އައްޔަންކުރުމަށްފަހުގައިވެސް އޭނާގެ ވަކީލު ހާޒިރުނުވެއްޖެނަމަ، އަދި ވަކީލު ހާޒިރުވެފައިނުވަނީ، ހައްޔަރުކުރެވިފައިވާ ފަރާތަށް އެންގުމަކާ ނުލައި ކަމުގައިވާނަމަ، އެހެން ގާނޫނީ ވަކީލަކު އައްޔަންކުރުމަށް، 12 (ބާރަ) ގަޑިއިރުގެ އިތުރު ފުރުސަތެއް، އޭނާއަށް ދޭންވާނެއެވެ. އަދި އެ 12 (ބާރަ) ގަޑިއިރު ފާއިތުވާއިރުވެސް، އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށްދެވިދާނެއެވެ.

 

50 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 ހަނުހުރުމުގެ ހައްގު .47

(ހ)  ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފުމަށް ކޮންމެ ވަގުތެއްގައިވެސް އިހްތިޔާރުކުރެވިދާނެއެވެ. އަދި އެ ހައްގުގެ ބޭނުންހިފާނަމަ، އެ ހައްގު އޭނާ އިހްތިޔާރުކޮށްފިކަން ފާޅުގައި ބުނަންވާނެއެވެ. އަދި އެކަން، ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

 

51 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.47  (ނ) ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެމީހަކަށް ލިބިގެންވާ ހައްގެއްކަން އެމީހަކަށް އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު އެމީހަކަށް ދޭންވާނެއެވެ. އަދި އެފަދައިން އޭނާއަށް އެންގުމަށްފަހު އޭނާ ދައްކާ ކޮންމެ ވާހަކައެއްވެސް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް އޭނާއަށް އަންގަންވާނެއެވެ.

 

52 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

.47 (ރ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ށަރީއަތަށް ހުށަހަޅާފާނެ މައުލޫމާތަކީ، ކުށުގެ ތުހުމަތުގައިވާ މީހާއާ ދެކޮޅަށް ކުށެއް ސާބިތުކުރުމަށް ބޭނުންކުރެވިދާނެ މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތެއް އެ އިދާރާއަށް ނުދީ، އެ ހާލަތުގައި، ހަނުހުރުމުގެ ހައްގު، އޭނާއަށް ލިބިދެއެވެ.

 

53 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

.47   (ޅ) ގައުމީ ސަލާމަތާ ގުޅޭގޮތުން ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ނުވަތަ ކަމާބެހޭ އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ޖިނާއީ ކުށްތަކާއި، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 110 ވަނަ މާއްދާއާއި 610 ވަނަ މާއްދާއާއި 611 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ތުހުމަތުކުރެވޭ މީހަކާ ސުވާލުކުރެވޭ ހިނދު، އޭނާ ހަނުހުރުން އެއީ އޭގެ ޒާތުގައި އޭނާ އެ ކުށެއް ކުރީ ކަމުގައި ގަބޫލުކުރެވޭނެ ސަބަބެއް ކަމުގައިނުވިނަމަވެސް، އެ މައްސަލައިގައި ހޯދިފައިވާ ހެކި ހުރީ އެ ކުށުގެ އަމަލާ އޭނާއާ ގުޅުންހުރި ކަމަށް ބެލުމަށް ބުރަވެވޭ ގޮތަށް ކަމުގައިވާނަމަ، ޖަވާބުދާރީވުމަށް އޭނާއަށް ލިބިދޭ ފުރުސަތުގައި އެކަން އެހެންގޮތަކަށް ސާބިތުކޮށްދިނުމަށް މަސައްކަތްކުރުމަކާ ނުލައި އޭނާ ހަނުހުރެއްޖެނަމަ، އޭނާ ހަނުހުންނަ ހުރުމަކީ އެ ކުށަކާ އޭނާއާ ގުޅުންހުރި ކަމަށް ބެލުމަށް ބުރަވެވޭ ސަބަބެއް ކަމުގައި ފަނޑިޔާރަށް ބެލިދާނެއެވެ.

 

54 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

.48 (ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާނެއް ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ނެގުމަށް އޭނާ އިންކާރުކޮށްފިނަމަ، މި ގާނޫނުގައި ހުއްދަކޮށްފައިވާ ގޮތުގެމަތިން ކޯޓު އަމުރެއްގެ ދަށުން އެ އެއްޗެހި ހޯދައި، އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

                           

55 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން. 

.50 (ށ) (5)        

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން.

 

56 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

.50

(ކ) ހައްޔަރުކުރުމަށް ނުވާގޮތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ހާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިން، އޭނާގެ ގާނޫނީ ވަކީލަށް ނުވަތަ އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެނޫންވެސް ފަރާތަކަށް ގުޅުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

 

57 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

51.

(ކ) މި މާއްދާގެ (ބ) ގެ ދަށުން ދައުލަތުގެ ފަރާތުން ދިފާއީ ވަކީލުން އައްޔަންކޮށްދޭ ހާލަތުގައި ފިޔަވައި، މައްސަލައެއްގައި ސުވާލުކުރެވޭ ފަރާތެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަންކުރެވިފައިވާ ފަރާތެއް، ހަމަ އެ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްގެ ގޮތުގައި އައްޔަނެއްނުކުރެވޭނެއެވެ. ހަމަ އެފަދައިން، މައްސަލައެއްގައި ސުވާލުކުރެވޭ އެއް ފަރާތުގެ ވަކީލަކަށް އައްޔަންވުމަށްފަހު، އޭނާގެ ވަކީލުކަމުން ތަނާޒުލުވެ، ހަމަ އެ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްގެ ގޮތުގައިވެސް އައްޔަނެއްނުވެވޭނެއެވެ.

 

58 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން. 

51.

(އ) މި މާއްދާގެ (ނ) އާއި (ކ) ގެ ބޭނުމަށްޓަކައި، އަންނަނިވި ކަންކަމާ ގުޅޭގޮތުން ފުލުހުން އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

  1. ކުށުގެ ތުހުމަތުގައިވާ މީހާގެ ވަކީލުންގެ ގޮތުގައި ހާޒިރުވެވޭނެ މީހުންގެ އަދަދު ކަނޑައެޅުން؛
  2. ކުށުގެ ތުހުމަތުގައިވާ މީހާއާއި އޭނާގެ ވަކީލާ އެކަހެރިކޮށް ބައްދަލުކުރެވޭނެ ވަގުތުތައް ކަނޑައެޅުން.

(ވ) މި މާއްދާގެ (އ) ގެ ދަށުން ކަނޑައަޅާ އުސޫލުތައް ކަނޑައަޅަންވާނީ، ކުށުގެ ތުހުމަތުގައިވާ މީހާއަށް ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް ލިބިދޭ ހައްގުގެ ބޭނުން އޭނާއަށް ހިފޭނެ ގޮތުގެމަތިންނެވެ. އަދި އެއްވެސް ހާލެއްގައި، އެފަދަ އުސޫލުތައް ކަނޑައެޅުމުގައި، އެ ހައްގުގެ ބޭނުން ހެޔޮގޮތުގައި ނުހިފޭ މިންވަރަށް ކަންކަން ހަނިކޮށްގެންނުވާނެއެވެ.

 

59 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ބަންދުގައި ހުންނަ މީހާ ބަލައި ފާސްކުރުން  53. 

(ހ) ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަ މީހަކު ބަލައި ފާސްކުރުމުގެ ބާރު، މި ބާބުގައިވާ ގޮތުގެމަތިން ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މީހަކު ބަލައި ފާސްކުރުމުގައި، އަންނަނިވި ފަދައިން އޭނާ ބަލައި ފާސްކުރެވިދާނެއެވެ.

  1.  އޭނާ ލައިގެން ހުރި އަންނައުނުގެ ބޭރުން ބަލައި ފާސްކުރުން؛
  2. ފުލުހުންގެ ކަސްޓޯޑިއަލް ފެސިލިޓީއެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ ސްޓްރިޕް ސަރޗެއް ހެދުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ސްޓްރިޕް ސަރޗް ކަމަށް ބުނެފައި އެވަނީ، މީހަކު ލައިގެން ހުންނަ އަންނައުނު ހިއްލައިގެން ނުވަތަ ބާލުވައިގެން، އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމަށެވެ.

(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ ސްޓްރިޕް ސަރޗެއް ހަދަންވާނީ، ހަތިޔާރެއް ނުވަތަ ގާނޫނާ ހިލާފު މުދަލެއް ނުވަތަ އެއްޗެއް، އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ސަބަބެއް އޮވެގެންނެވެ.

(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ސްޓްރިޕް ސަރޗެއް ހެދުމަށް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކަށްވުރެ މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ހޯދުމަށްފަހު، ވީ އެންމެ އަވަހަކަށް އެކަން ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ބަލައި ފާސްކުރުމުގައި، ބަލައި ފާސްކުރެވޭ މީހާގެ ގައިގައި އަތްލާންވާނީ، އަދި، އޭނާ ބަލައި ފާސްކުރެވޭހިނދު އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން މީހަކު ބަލައި ފާސްކުރުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، ކުށުގެ ތުހުމަތުގައިވާ މީހާ ބަލައި ފާސްކުރަންވާނީ އޭނާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނަށް ހާޒިރުކުރުވައިގެން، އެ އޮފިސަރަކު މެދުވެރިކޮށެވެ. އެ ހާލަތުގައި މީހަކު ބަލައި ފާސްކުރެވޭއިރުވެސް އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.

(އ) މި މާއްދާގެ ދަށުން މީހެއްގެ ސްޓްރިޕް ސަރޗެއް ހަދާނަމަ، ހާމަ ތަނެއްގައި، ނުވަތަ ގިނަ ބައެއްގެ ކުރިމަތީގައި އެކަން ކޮށްގެންނުވާނެއެވެ. ސްޓްރިޕް ސަރޗެއް ހަދާއިރު، އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސުގެ އޮފިސަރުންގެ ތެރެއިން ބަލައި ފާސްކުރުމަށް ބޭނުންވާ އެންމެ މަދު މިންވަރެއްގެ އޮފިސަރުންނެވެ. އަދި ބަލައި ފާސްކުރެވޭ މީހާ އަމިއްލައަށް އެކަންކުރަން ދެކޮޅުހަދާ ހާލަތުގައި މެނުވީ އޭނާގެ ގައިގައި އެއްވެސް މީހަކު އަތްލައިގެންނުވާނެއެވެ. އަދި އެފަދައިން މީހެއްގެ ގައިގައި އަތްލަންޖެހިއްޖެ ހާލަތެއްގައިވެސް އެކަން ކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ވ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ސްޓްރިޕް ސަރޗެއް ހެދުމުގައި، އެއްވެސް ޖިންސީ ގުނަވަނެއްގެ އިންވޭސިވް ސަރޗެއް ހަދަންޖެހިއްޖެނަމަ، އެކަން ކުރަންވާނީ، މި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޯޓު އަމުރަކާ އެކުގައެވެ. އެފަދަ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގައި، އެ އަމުރުގައި ބަޔާންވެގެންވާ ގޮތެއްގެމަތިން އަމަލުކުރުމުގެ އިތުރުން، މި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުތަކާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު އިޖުރާއަތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

60 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ދެ ނަންބަރު އިތުރުކުރުން. 

55. (ހ)

5. އެމީހެއްގެ އިސްކޮޅާއި ބަރުދަން ބަލައި ރެކޯޑުކުރުން؛

6. ހައްޔަރުކުރެވުނުއިރު، ނުވަތަ ހައްޔަރުކުރުމަށްފަހު ފުލުހުންގެ މަރުކަޒަށް ގެނެވުނުއިރު އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުން.

                          

61 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

55.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޖިނާއީ ތަހްގީގެއްގެ ބޭނުމަށްޓަކައި އަންނަނިވި ކަންކަން ކުރެވޭނީ، ކޯޓު އަމުރެއްގެ ދަށުން، އެ އަމުރެއްގައިވާ ގޮތުގެމަތިންނެވެ.

 

62 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން 

55.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކަމެއް ކުރުމަށް ކޯޓު އަމުރަކަށް އެދެވޭނީ، އަންނަނިވި ހާލަތްތަކުގައި އެކަންޏެވެ.

  1. ރޭޕްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއް ބަލައި ފާސްކުރަންޖެހިއްޖެ ހިނދެއްގައި؛ ނުވަތަ
  2. ކުށުގެ ތުހުމަތުގައިވާ މީހާ ކުރިކަމަށް ތުހުމަތުކުރެވޭ ކުށާގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ސަބަބު އޮވެގެން ބަލައި ފާސްކުރަންޖެހިއްޖެ ހިނދެއްގައި.

 

63 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

55.

(މ) މި މާއްދާގެ ބޭނުމަށްޓަކައި "ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ޕިއުބިކް ސަރަހައްދު ނޫން އެހެން ހިސާބުތަކުން ނެގޭ އިސްތަށްޓާއި؛ ނިޔަފައްޗާއި ނިޔަފަތީގެ ދަށުން ނެގޭ ސްވަބް ސާމްޕަލާއި؛ ޖިންސީ ގުނަވަނާއި އެ ގުނަވަނުގެ ވަށައިގެންވާ ސަރަހައްދު ނޫން ހަށިގަނޑުގެ އެހެނިހެން ހިސާބުތަކުން ނެގޭ ސްވަބް ސާމްޕަލާއި؛ އަނގައިން ނެގޭ ސްވަބް ސާމްޕަލާއި؛ ކުޅުގެ ސާމްޕަލާއި؛ ކުޑަކަމުދާ ތަކެތީގެ ސާމްޕަލާއި؛ ހަށިގަނޑުގެ ހަމުގައި ފެންނަން ހުންނަ ތަފާތު ނިށާންތަކުގެ ސާމްޕަލަށެވެ. މި މާނައިގެ ތެރޭގައި އިނގިލީގެ ނިށާނާއި އަނގަ ފިޔަވައި ހުޅުވިފައި ހުންނަ ގުނަވަންތަކުން ނެގޭ ސާމްޕަލެއް ނުހިމެނެއެވެ.

 

64 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (މ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން. 

55. (ފ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަމެއް ކުރުމަށް ކޯޓު އަމުރަކަށް އެދެވޭނީ، ޖިންސީ ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާ ގުޅޭގޮތުން އެކަންޏެވެ.

(ދ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކަމެއް ކުރުމަށް ކޯޓު އަމުރަކަށް އެދެވޭނީ، ޖިނާއީ ބޮޑެތި ކުށްކުށުގައި ހައްޔަރުކުރެވޭ މީހުންނާ ގުޅޭގޮތުން އެކަންޏެވެ.

(ތ)

  1. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ އިނގިލީގެ ނިށާން ނެގުމަށް އޭނާ ރުހުން ނުދީފިނަމަ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އަދި މި މާއްދާގެ (2) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުންނަށް އޭނާގެ އިނގިލީގެ ނިށާން ނެގިދާނެއެވެ.
  2. މި މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން ފުލުހުންގެ އޮފިސަރަކު މީހެއްގެ އިނގިލީގެ ނިށާން ނަގަންވާނީ، މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގާނޫނީ އިންޒާރު އިއްވުމަށްފަހުގައެވެ. އަދި އިނގިލީގެ ނިށާން ނަގާ ބޭނުމާއި، އެކަން ކުރުމުގެ ހުއްދަ ލިބިފައިވާކަމާއި އެކަން ކުރުމުގެ ބާރު ލިބިދޭ ގޮތާއި، އެފަދައިން ނެގޭ އިނގިލީގެ ނިށާން މި ގާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމުގެ އިންޒާރު ދިނުމަށްފަހުގައެވެ.
  3. މި މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން މީހެއްގެ އިނގިލީގެ ނިށާން ނަގަންވާނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ލިބިގެންނެވެ. އެ ހުއްދަ  އެ އޮފިސަރު ދޭންވާނީ، ކުށުގެ ތުހުމަތުގައިވާ މީހާގެ އިނގިލީގެ ނިށާން ނެގުމަކީ އޭނާ ހައްޔަރުކުރެވުނު ކުށުގެ ތަހްގީގަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ގަބޫލުކުރެވޭނަމައެވެ.
  4. މި މާއްދާގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމަށްފަހު، ވީ އެންމެ އަވަހަކަށް ލިޔުމުން ރެކޯޑުކުރަންވާނެއެވެ.
  5. މި މާއްދާގެ ދަށުން ނެގޭ އެއްވެސް އިނގިލީގެ ނިށާނެއް، ކުށުގެ ތުހުމަތުގައިވާ މީހާއާ ދެކޮޅަށް ބޭނުންކުރަންވާނީ، މި ގާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
  6. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ އިނގިލީގެ ނިށާން ދިނުމަށް އޭނާ ރުހުން ދޭ ހާލަތުގައި، އެ ރުހުން ދީފައި އޮންނަންވާނީ ލިޔުމުންނެވެ. އަދި ކުށުގެ ތުހުމަތުގައިވާ މީހާގެ ރުހުމާއެކު އިނގިލީގެ ނިށާން ނަގާ ހާލަތުގައިވެސް މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރަންވާނެއެވެ.

 

65 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

60.

(ވ) މި މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ށަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖައާކުރަންވާނެއެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެއެވެ.

 

66 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

60. (މ) މި މާއްދާގެ (ވ) އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ކުރިންވެސް، މި މާއްދާގެ ދަށުން ށަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު، އޭނާގެ ށަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެ އަމުރު ބާތިލުކުރުމަށް އެދި ކޯޓަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ފ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅާނެ އުސޫލުތަކާއި، އެފަދަ މައްސަލަތައް ބެލުމުގައި ކޯޓުން އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، ށަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހުންގެ ބަންދުގެ އަމުރު މުރާޖައާކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

67 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން. 

64. (އ) މި މާއްދާގެ (ރ) އާއި (ބ) ގެ ދަށުން ކޯޓުން ކަނޑައަޅާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ބަންދުން ދޫކޮށްލާ މީހާ އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށްޓަކައި އޭނާއަށް ޖާމިނުވާ ފަރާތުން ކުރެވެން ހުރި އެންމެހައި މަސައްކަތެއް ކުރަންވާނެއެވެ.

 

68 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 71 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން. 

71. (ބ) މި މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއަށް މީހަކު ހާޒިރުކުރަންވާނީ، 24 (ސައުވީސް) ގަޑިއިރުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ.

(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، މި މާއްދާގެ (ހ) ގެ ދަށުން ހާޒިރުވުމަށް ލިޔުން ހަވާލުކުރެވޭ މީހާ، ހާޒިރުނުވެއްޖެނަމަ އަމަލުކުރާނެ ގޮތް ބަޔާންކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލިޔުމާ ހަވާލުވުމަށްފަހު، މަގްބޫލު އުޒުރެއް މެދުވެރިވެގެން، ހާޒިރުނުވެވޭނަމަ، ހާޒިރުވުމަށް އަންގާފައިވާ ގަޑި ޖެހުމުގެ ލަސްވެގެން 2 (ދޭއް) ގަޑިއިރުގެ ކުރިން ހާޒިރުނުވެވޭ ސަބަބު އަންގަންވާނެއެވެ.

 

69 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 71 ވަނަ މާއްދާގެ ފަހަތަށް 1-71 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

ހާޒިރުވުމަށް ށަރުތުކޮށް ދޫކުރުން  1-71.

(ހ) ޖިނާއީ ކުށެއް ހިނގަމުންދާ ވަގުތު، ފަހުގެ ތާރީހެއްގައި ނުވަތަ ވަގުތެއްގައި ފުލުހުންގެ ވަކި މަރުކަޒަކަށް ހާޒިރުވުމަށް އަންގާ ށަރުތުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ފުލުހަކު އަންގާއިރު، އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.

  1. ތުހުމަތުކުރެވޭ ކުށުގެ ކުޑަބޮޑުމިނާއި، ނުރައްކާތެރިކަން؛
  2. ހެއްކާއި ގަރީނާ ހޯދުމަށް ކުރިމަތިވެދާނެ ދަތިތައް؛
  3. އެމީހާގެ ނުވަތަ އެހެން މީހެއްގެ ފުރާނައަށް ނުވަތަ މީހެއްގެ މުދަލަކަށް ލިބިދާނެ ގެއްލުން؛ އަދި
  4. އެމީހަކު، އެހެން ކުށަކަށް އަރައިގެންފާނެކަމަށް ބެލެވޭ މިންވަރު.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީހަކު ހާޒިރުވުމަށް އަންގަންވާނީ ލިޔުމަކުންނެވެ.

 

70 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ދެ ނަންބަރު އިތުރުކުރުން. 

74. (ހ)

(7) ގައުމީ ސަލާމަތާ ގުޅޭގޮތުން ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ނުވަތަ ކަމާބެހޭ އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ޖިނާއީ ކުށްކުށް؛

(8) ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް.

 

71 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

74. (ރ)

(5) އެ އަމުރުގެ ދަށުން ހުއްދަކުރާ ސަރވެއިލަންސް ހިންގުމުގައި ޒިންމާއުފުލާނެ ގާނޫނު ތަންފީޒުކުރާ އިދާރާގެ އިސް އޮފިސަރުގެ ނަމާއި މަގާމާއި ސަރވިސް ނަންބަރު.

 

72 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

74. (ރ)

(6) އެ އަމުރުގެ ދަށުން ސަރވެއިލްކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތް.

 

73 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ބ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

74. (ބ)  މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު، މި މާއްދާގެ (ރ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

 

74 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

74. (ބ)

(1)  އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންކުރާނެ ސަރވެއިލަންސް ޑިވައިސް ނުވަތަ ޑިވައިސްތަކުގެ ބާވަތް؛

 

75 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ބ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

74. (ބ)

(3)  އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތުގެ ހިދުމަތްދޭ ފަރާތް އެނގޭނަމަ، އެ ފަރާތް؛

 

76 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ބ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

74. (ބ)

(4)  އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތަކީ ވަކި ތަނެއްގައި ހުރި މުވާސަލާތީ ވަސީލަތެއްނަމަ، ނުވަތަ ވަކި ތަނަކަށް ވަދެގެން މެނުވީ ވާސިލުނުވެވޭނެ ވަސީލަތެއްނަމަ، އެތަނެއް.

 

77 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ކ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

74. (ކ)

(3) އެ އަމުރުގެ ދަށުން ސަރވެއިލްކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތް؛

 

78 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ކ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

74. (ކ)

(5) އެ އަމުރުގެ ދަށުން ހުއްދަކުރާ ސަރވެއިލަންސް ހިންގުމުގައި ޒިންމާއުފުލާނެ ގާނޫނު ތަންފީޒުކުރާ އިދާރާގެ އިސް އޮފިސަރުގެ ނަމާއި މަގާމާއި ސަރވިސް ނަންބަރު؛

 

79 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ކ) ގެ (7) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

74. (ކ)

(8) އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތަކީ ވަކި ތަނެއްގައި ހުރި މުވާސަލާތީ ވަސީލަތެއްނަމަ، ނުވަތަ ވަކި ތަނަކަށް ވަދެގެން މެނުވީ ވާސިލުނުވެވޭނެ ވަސީލަތެއްނަމަ، އެތަނެއް.

 

80 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 75 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

75. (ބ) މި މާއްދާގެ ދަށުން ނެރޭ އަމުރެއް ތަންފީޒުކުރުމަށްޓަކައި އެ އަމުރު ނެރޭ ތާރީހުގައި، އެ އަމުރުގެ ކޮޕީއެއް މޯލްޑިވްސް އިމިގްރޭށަނަށް ގާނޫނު ތަންފީޒުކުރާ އިދާރާއިން ފޮނުވަންވާނެއެވެ. އަދި ހަމަ އެއާ އެކުއެކީގައި، އެކަން ވީ އެންމެ އަވަހަކަށް، އެ އަމުރު ނިސްބަތްވާ މީހާއަށް އަންގައި، އެ އަމުރުގެ ކޮޕީއެއް އެންމެ ލަސްވެގެން 36 (ތިރީސް ހައެއް) ގަޑިއިރުގެ ތެރޭގައި އޭނާއަށް ދޭންވާނެއެވެ.

 

81 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 75 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން. 

75-1.

(ހ) ޖިނާއީ ކުށަކާ ގުޅިގެން މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށްޓަކައި އަދި ގޮތްނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމްއެއް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން ހަދާ ޕޯސްޓް-މޯޓަމްއެއް ހަދަންވާނީ، މެޑިކަލް ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އެހީތެރިކަމާ އެކުގައެވެ.

(ނ) މި މާއްދާގައި ބަޔާންކުރާ ފަދަ މަރުގެ މައްސަލަތަކާ ގުޅިގެން ހަދާ ޕޯސްޓް-މޯޓަމް ރިޕޯޓު، އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ކޯޓުން ގަބޫލުކުރަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކުރާ ޕޯސްޓް-މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

82 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން. 

ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ދޭ ހުއްދަ ލިޔުމުން އޮތުމާއި ލިޔުމުން ރެކޯޑުކުރުން  79-1.

(ހ) މި ގާނޫނުގައި ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރެއް ނުވަތަ ފުލުހުންގެ އޮފިސަރެއް، ވަކި ކަމެއް ކުރުމުގައި، އޭނާއަށްވުރެ މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ބޭނުންވާނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެ ހުއްދަ ހޯދަންވާނީ ލިޔުމުންނެވެ. ލިޔުމުން ނޫން ގޮތަކަށް އެ ހުއްދަ ދިނުމަށް މި ގާނޫނު ހުއްދަކޮށްފައިވާ ހާލަތްތަކުގައި، އެ ހުއްދަ ހޯދުމަށްފަހު، އެކަމެއް ކޮށް ނިންމައި، ވީ އެންމެ އަވަހަކަށް އެކަން ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދަ ލިޔުމުން ދޭއިރު، ނުވަތަ ލިޔުމުން ނޫން ގޮތަކަށް ދޭ ހުއްދަ ލިޔުމުން ރެކޯޑުކުރާއިރު، އަންނަނިވި ކަންކަން އެ ލިޔުމުގައި ބަޔާންކުރަންވާނެއެވެ.

  1. ކުރުމަށް ހުއްދަ ދިން އަމަލުގެ ތަފްސީލު؛
  2. ހުއްދަ ދިން އޮފިސަރުގެ ނަމާއި ރޭންކާއި ޕޯސްޓް؛
  3. ހުއްދަ ދިން ތާރީހާއި ވަގުތު؛
  4. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.

 

83 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 83 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

83.

(ނ) ދައުލަތުން ދައުވާއެއް ސާބިތުކުރަން ހުށަހަޅާ ހެކީގެ ތެރޭގައި ށަފަހީ ހެކި ހިމެނޭނަމަ، ހެކިބަސް ދޭ މީހާއަށް ހިމާޔަތްދިނުމަށް އެދޭ ހާލަތުގައި މެނުވީ، އެ ހެކިބަސް ދޭ މީހާ ނުވަތަ މީހުންގެ ތަފްސީލު ދައުވާ ފޯމުގައި ހިމަނަންވާނެއެވެ.

 

84 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 84 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދައުވާގެ ލިޔެކިޔުން ދައުވާ ލިބޭ ފަރާތަށް ދިނުން 84.  

ޖިނާއީ ކުށެއްގެ ދައުވާ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަށް ބަލައިގެންފިނަމަ، އެ ތާރީހުން ފެށިގެން ލަސްވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ދައުވާ ލިބޭ ފަރާތަށް އެކަން އަންގައި، އެ ދައުވާއާއި ދައުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ، ދައުވާ ލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.

 

85 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 86 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ވަކި ކުށްކުށަށް ވަކި ދައުވާކުރުން 86.  

(ހ) މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެ ޖިނާއީ ކުށަކަށް ވަކި ދައުވާއެއް ކުރަންވާނެއެވެ. އަދި މި މާއްދާގެ (ށ)، (ނ), އަދި (ރ) ގައި ބަޔާންކުރާ ހާލަތުގައާއި، މި ގާނޫނުގެ 88 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއިން ކޮންމެ ކުށެއްގެ ދައުވާ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލަންވާނީ، ވަކި ދައުވާތަކެއްގެ ގޮތުގައެވެ.

 

86 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 90 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއް ދައުވާ ސާބިތުވުމުން ދެން ހުރި ދައުވާ ދޫކޮށްލުން 90. 

(ހ)  މީހެއްގެ މައްޗަށް އެއް ދައުވާއަށްވުރެ ގިނަ ދައުވާ އުފުލިފައިވާ ހާލަތެއްގައި، އޭނާގެ މައްޗަށް ދައުވާ ކުރެވިފައިވާ އެއް ކުށް ނުވަތަ އެއަށްވުރެ ގިނަ ކުށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ދެން ހުރި ކުށްތަކުގެ ތެރެއިން ކުށެއްގެ، ނުވަތަ އެ ހުރިހާ ކުށެއްގެ ދައުވާ، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެ ހިނދެއްގައި، އަނބުރާ ގެންދެވިދާނެއެވެ.

 

87 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 90 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

90. 

(ރ) މި މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އަނބުރާ ގެންދިއުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

88 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 91 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދައުވާއަށް ބަދަލު ގެނައުން 91.

(ހ)  އިބްތިދާއީ އަޑުއެހުމުގެ ކުރިން، އަދި ދައުވާ ލިބޭ ފަރާތަށް އެކަށީގެންވާ ނޯޓިސް ލިބޭގޮތަށް، ދައުވާގައި ހިމެނޭ ތަފްސީލުތައް ބަދަލުކުރުމުގެ ނުވަތަ ދައުވާގައި އިތުރު ކުށް ހިމެނުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކުރެވޭ ކަންކަން ބިނާވެފައި އޮންނަންވާނީ، ދައުވާގައި ފުރަތަމަ ހިމެނުނު ކުށް ނުވަތަ ކުށްތައް ބިނާވެފައިވާ އަމަލުގެ މައްޗަށެވެ.

 

89 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 91 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

91.   (ށ)  އިބްތިދާއީ އަޑުއެހުން ފެށުމަށް ފަހުގައި، ދައުވާގައި އިތުރު ކުށް ހިމަނައިގެންނުވާނެއެވެ. އެހެންނަމަވެސް ކޯޓުގެ ހުއްދައާއެކު ދައުވާ އެ މައްޗަށް ބިނާވެފައިވާ ކަންކަން، އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި ބަދަލު ކުރެވިދާނެއެވެ.

 

90 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 91 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން. 

91.   (ނ)  މި މާއްދާގެ (ހ) ގެ ދަށުން ދައުވާގައި ހިމެނޭ ތަފްސީލުތައް ބަދަލުކުރުމަށް ނުވަތަ ދައުވާގައި އިތުރު ކުށް ހިމެނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅައިފިނަމަ، ދައުވާއަށް ޖަވާބުދާރީވުމަށްޓަކައި ދައުވާ ލިބޭ ފަރާތަށް އެކަށީގެންވާ ނޯޓިސް ދޭންވާނެއެވެ.

 

91 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 92 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން. 

92. (ނ)  މި މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާއެއް އަނބުރާ ގެންގޮސްފިނަމަ، އެފަދައިން އެ ދައުވާ އަނބުރާ ގެންދިޔަ ސަބަބު ލިޔުމުން ކޯޓުގައި ބަޔާންކުރަންވާނެއެވެ.

 

92 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 93 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދައުވާ ބާތިލުވުން  93. 

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ހާލަތްތަކުގައި މީހެއްގެ މައްޗަށް ކުރެވިފައިވާ ޖިނާއީ ކުށެއްގެ ދައުވާ ބާތިލުވާނެއެވެ.

  1. ދައުވާ ލިބޭ މީހާ މަރުވުން؛
  2. ދައުވާ އުފުލުމަށްފަހު، ދައުވާ ލިބޭ ފަރާތުގެ އިހުމާލެއްނެތި، ކޯޓުގައި މައްސަލަ ކުރިއަށްނުގެންގޮސް އެކަށީގެންވާ ދިގު މުއްދަތެއް ފާއިތުވެފައިވުމުގެ ސަބަބުން، ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދުމުން؛
  3. އަލުން ދައުވާކުރެވޭ ގޮތަށް ދައުވާއެއް އަނބުރާ ގެންދިއުމަށްފަހު އަލުން ދައުވާ ނުކޮށް ވަނިކޮށް، ދައުވާ އުފުލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުން؛
  4. ޖިނާއީ ދައުވާއެއް ބާތިލުވާނެ ހާލަތެއް ކަމަށް އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ހާލަތެއް މެދުވެރިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވުމުގެ ސަބަބުން ދައުވާއެއް ބާތިލުވެއްޖެނަމަ އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ކޯޓުތަކުން ހަދާ ގަވާއިދުގައާއި ޕްރޮސިކިއުޓަރ ޖެނެރަލް ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

93 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 94 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދައުވާކުރުމުގެ މުއްދަތުތައް  94. 

(ހ) ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުކުރެވިފައިވާ މީހެއްނަމަ، އޭނާ މި ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންވާނެއެވެ.

(ށ) ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރެވޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ކަނޑައަޅާފައިވާ މުއްދަތުތައް އެފަދައިން ކަނޑައަޅާފައިވީނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީ އެންމެ އަވަހަކަށް އެފަދަ މައްސަލަތަކުގެ ތަހްގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވަން މަސައްކަތްކުރަންވާނެއެވެ. އަދި މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީ އެންމެ އަވަހަކަށް އެ މައްސަލައިގައި ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މަސައްކަތްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ނ) ގައި އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދޭ މުއްދަތު، 30 (ތިރީސް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.

(ބ) މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން އޮތްނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކުރާ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދޭ މުއްދަތު، 45 (ސާޅީސްފަހެއް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ނުވަތަ (ބ) ގެ ދަށުން މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅާނީ، ގާނޫނު ތަންފީޒުކުރާ އިދާރާއިންނެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް އެފަދައިން މުއްދަތު އިތުރުކޮށްދޭނަމަ، އެކަން، ލިޔުމުން ބަޔާންކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ރ) ނުވަތަ (ބ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް މުއްދަތު އިތުރުކޮށްދީފިނަމަ، އެ މުއްދަތު އިތުރުކޮށްދޭންޖެހުނު ސަބަބު ބަޔާންކުރާ ލިޔުމެއް، އެ މައްސަލައިގެ ދައުވާއާއެކު ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މުއްދަތުގެ ފަހުން ކޯޓަށް ދައުވާއެއް ހުށަހަޅާނަމަ އެކަމުގެ ސަބަބު ލިޔުމުން ކޯޓަށް ހުށަހަޅަންވާނެއެވެ.

 

94 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން. 

107. (ނ)

(3)  ދައުވާއަށް އިންކާރުކުރުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން އެންގުން؛

 

95 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

107. (ނ) 

(4) ދައުވާއިން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބުމުގެ ހައްގު، އޭނާއަށް ލިބިގެންވާކަން އެންގުން؛

 

96 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ (6) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

107. (ނ)

(6) އޭނާގެ ހާޒިރުގައި ށަރީއަތްކުރެވުމުގެ ހައްގު ލިބިގެންވާކަން އެންގުން؛

 

97 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ (10) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

107. (ނ)

(10)  އޭނާ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުށަށް އިއުތިރާފުވެއްޖެނަމަ، އޭނާގެ މައްސަލަ ފޮނުވޭނީ، މި ގާނޫނުގެ 162 ވަނަ މާއްދާގެ ދަށުން އަވަސް ނިޔާއިން ބެލުމަށް ކަމުގައި އެންގުން.

 

98 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 108 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

108. (ށ) އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެނަމަ، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ށަރީއަތް، މި ގާނޫނުގެ 17 ވަނަ ބާބުގައިވާ ގޮތުގެމަތިން ހިންގުމަކާ ނުލައި، މި ގާނޫނުގެ 23 ވަނަ ބާބުގެ ދަށުން އެ މައްސަލަ އަވަސް ނިޔާއިން ނިންމުމަށްޓަކައި ށަރީއަތުގެ އަޑުއެހުމެއް ބޭއްވޭނެ ކަމުގައި ދައުވާ ލިބޭ މީހާއަށް ފަނޑިޔާރު އަންގަންވާނެއެވެ.

 

99 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 108 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

108. (މ) މި މާއްދާގެ (ހ) ގެ ދަށުން ދައުވާ ލިބޭ މީހާ ވާ އިއުތިރާފަކީ، އެއްވެސް މަޖުބޫރުކުރުމެއް ނުވަތަ ނުފޫޒެއް ނުވަތަ ބިރުދެއްކުމަކާ ނުލައި، ބުއްދި ސަލާމަތުން ހުރެ އޭނާގެ އަމިއްލަ އިހްތިޔާރުގައިވާ އިއުތިރާފެއް ނޫން ކަމަށް ކޯޓަށް ފެނިއްޖެނަމަ ނުވަތަ އެ އިއުތިރާފަކީ ހަގީގަތެއްގެ މައްޗަށް ބިނާވެގެންވާ އިއުތިރާފެއްކަން، ހުށަހެޅިފައިވާ ދައުވާއާއި ހެއްކަށް ރިއާޔަތްކުރާއިރު ފަނޑިޔާރަށް ގަބޫލުނުކުރެވިއްޖެނަމަ، ދައުވާ ލިބޭ ފަރާތުގެ އިއުތިރާފު ކޯޓުން ބަލައިގަނެގެންނުވާނެއެވެ.

(ފ) ދައުވާ ލިބޭ މީހާ ވާ އިއުތިރާފު ބަލައިނުގަތުމަށް މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން ނިންމައިފިނަމަ، އެ މައްސަލައިގައި ދެން އަމަލުކުރާނީ، ދައުވާއަށް އިންކާރުކުރާ މީހުންގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލުންނެވެ.

  

100 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 114 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ގާނޫނީ ވަކީލަކު އައްޔަންކުރުން   114. 

(ހ) މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ހާޒިރުވާއިރު ދައުވާ ލިބޭ ފަރާތުން ގާނޫނީ ވަކީލަކު އައްޔަންކޮށްފައިނުވާނަމަ، ވަކީލަކު އައްޔަންކުރުމަށް އޭނާއަށް ފުރުސަތު ދޭންވާނެއެވެ.

 

101 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 118 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

118. (ރ) ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު، އެ ހުށަހެޅުމަށް ތާއީދުކުރާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

102 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 118 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

118.  (ޅ)  

މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަށް ރައްދުދިނުމުގެ ގޮތުން އަނެއް ފަރާތުން ހުށަހަޅާ ލިޔެކިޔުންތައް، އަޑުއެހުން ބޭއްވުމުގެ 2 (ދޭއް) ދުވަސް ކުރިން ހުށަހަޅަންވާނެއެވެ.

 

103 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 128 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހެކީގެ ގޮތުގައި ބޭނުންކުރުން    128. 

ށަރީއަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ނަގާ ހެކިބަސް ނުވަތަ އެ ހެކިބަހުގެ ބައެއް، ހެއްކާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އަންނަނިވި ހާލަތުތަކުންކުރެ ހާލަތެއްގައި ށަރީއަތަށް ހުށަހަޅައި، ށަރީއަތުގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.

 

104 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 129 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

 129. (ބ)

  1.  އެ އެއްޗެއްސަކީ، ދިފާއު ތައްޔާރުކުރުމުގައި ދައުވާ ލިބޭ ފަރާތަށް މުހިންމު އެއްޗެހި ކަމަށްވުން؛ ނުވަތަ

                 

105 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 137 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހުއްދަކުރެވިގެންނުވާ ހެކި ހާމަކުރުމުން އިސްތިސްނާނުވުން    137. 

ހާމަކުރަން އެދޭ ހެއްކަކީ ހެއްކާބެހޭ ގާނޫނުގެ ދަށުން ށަރީއަތުގައި ގަބޫލުނުކުރެވޭ ހެއްކަކަށްވުން އެއީ މި ބާބުގެ ދަށުން ހެކި ހާމަކުރުމަށް އޮންނަ މަސްއޫލިއްޔަތު އަދާކުރުމަށް އޮތް އުޒުރެއްނޫނެވެ. އެހެންނަމަވެސް އެފަދަ ހެކި ހާމަކުރެވުނު ކަމުގައިވީނަމަވެސް، އެފަދަ ހެކި ށަރީއަތަށް ގަބޫލުކުރުމުގައި އަމަލުކުރާނީ ހެއްކާބެހޭ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

106 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 138 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ށަރީއަތް ހިންގޭނެ މައްސަލަތައް  138. 

އިބްތިދާއީ އަޑުއެހުން ބޭއްވުމަށްފަހު، ށަރީއަތަށް ހުށަހެޅޭނީ، އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކުރާ މީހުންގެ މައްސަލަތަކާއި، އިބްތިދާއީ އަޑުއެހުމަށް ހާޒިރުނުވާ މީހުންގެ މައްސަލަތަކެވެ.

 

107 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 139 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކުށަށް އިއުތިރާފުވެފައިވާ މީހުންގެ މައްސަލަތައް 139.

(ހ) މި ގާނޫނުގެ 108 ވަނަ މާއްދާގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވާ މީހުންގެ މައްސަލަތައް ބެލޭނީ، މި ގާނޫނުގެ 162 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަވަސް ނިޔާއިންނެވެ.

(ށ) މި ގާނޫނުގެ 108 ވަނަ މާއްދާގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެފައިވާ މީހުންގެ މައްސަލަތަކުގައި، އިބްތިދާއީ އަޑުއެހުން ބާއްވާ ވަގުތުން ފެށިގެން ގިނަވެގެން ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ށަރީއަތުގެ އަޑުއެހުން ބާއްވަންވާނެއެވެ.

 

108 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 142 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

142. (ށ) ޖިނާއީ މައްސަލައެއްގެ ދައުވާ އުފުލުމަށްފަހު، މެދުކެނޑުމެއްނެތި އެ މައްސަލައިގެ ށަރީއަތް ހިންގަންވާނެއެވެ.

 

109 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 142 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

142. (ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި މެދުކެނޑުމެއް ނެތި ށަރީއަތް ހިންގުން ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ ދައުވާ އުފުލޭ ހިސާބުން ފެށިގެން އެ މައްސަލައިގެ ށަރީއަތް ނިމި ހުކުމް ކޮށް، އަދަބު ކަނޑައެޅުމާ ހަމައަށް ހިނގާ މަރުހަލާތައް، މި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި ކުރިއަށްގެންދެވޭނެ ގޮތަށް ބާރުއަޅައި، އެކަށީގެންނުވާ ލަސްވުމަކާ ނުލައި ކުރިއަށްގެންދިއުމަށެވެ. އަދި އެކަމަށް ރިއާޔަތްކޮށް ށަރީއަތުގެ އަޑުއެހުންތަކުގެ ދެމެދުގައި ގިނަ ދުވަސްތަކެއް ނުހިނގާނެ ގޮތުގެމަތިން އެ އަޑުއެހުންތައް ތާވަލުކުރެވި، ށަރީއަތުގެ އަޑުއެހުންތައް ކުރިއަށްގެންދިއުމަށެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ށަރީއަތުގެ އަޑުއެހުންތަކުގެ ދެމެދުގައި ގިނަ ދުވަސްތަކެއް ނުހިނގާނެ ގޮތުގެމަތިން އެ އަޑުއެހުންތައް ތާވަލުކުރެވި، ށަރީއަތުގެ އަޑުއެހުންތައް ކުރިއަށްގެންދިއުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

110 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 143 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ށަރީއަތުގެ މަޖިލިސް އާންމުކޮށް ހުޅުވާލައިގެން ބޭއްވުން  143.    

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި، ޖިނާއީ މައްސަލަތަކުގެ ށަރީއަތުގެ ހުރިހާ މަރުހަލާއެއްވެސް ކުރިއަށްގެންދަންވާނީ އާންމުކޮށް ހުޅުވާލައިގެންނެވެ.

 

111 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 145 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

145. (ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހެކި ހުށަހެޅުމުގައި އަމަލުކުރާނީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

112 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 148 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގުން 148. 

(ހ) ހެކީންގެ ހެކިބަސް ނަގަންވާނީ ށަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް މި ގާނޫނުގެ 147 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ހެކިބަސްދޭ މީހާ ހުރީ ށަރީއަތް ހިނގަމުންދާ ރަށްނޫން އެހެން ރަށެއްގައި ނުވަތަ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިށަނެއް ގާއިމުވެފައިވާ ބިދޭސީ ގައުމެއްގައި ކަމަށްވެފައި، އޭނާ ށަރީއަތަށް ހާޒިރުވުމަށް ދިގުމުއްދަތެއް ނެގުމުގެ ސަބަބުން، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އެމީހަކީ ކާކުކަން ޔަގީންކުރުމަށްފަހު އޭނާގެ ހެކިބަސް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނެގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ށ) ހެކިބަސްދޭ މީހާ ހުރީ ށަރީއަތް ހިނގަމުންދާ ރަށްނޫން އެހެން ރަށެއްގައި ކަމަށްވާނަމަ، މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގަންވާނީ އެ ރަށެއްގެ ކޯޓަށް އެމީހާ ހާޒިރުކޮށް، އެމީހަކީ ކާކުކަން ޔަގީންކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމަތީގައި ހުވައިކުރުމަށްފަހުއެވެ. އެމީހަކު ހުރީ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިށަނެއް ގާއިމުވެފައިވާ ގައުމެއްގައިނަމަ، އެމީހަކު އެތަނަކަށް ހާޒިރުކޮށް އެމީހަކީ ކާކުކަން ޔަގީންކުރުމަށްފަހު އެމްބަސީ ނުވަތަ ހައިކޮމިށަންގެ ފަސްޓް ސެކްރަޓަރީގެ މަގާމަށްވުރެ މަތީ މަގާމެއްގައި ހުރި މީހެއްގެ ކުރިމަތީގައި ހުވައިކުރުމަށްފަހުއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގާއިރުވެސް، އަމަލުކުރަންވާނީ، މި ގާނޫނުގެ 147 ވަނަ މާއްދާގެ (ށ) އިން ފެށިގެން (މ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގަންވާނީ އެކަމަށް ބޭނުންވާ ވަސީލަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ގާއިމުވެފައިވާ ހާލަތުގައި އެކަންޏެވެ.

 

113 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 149 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ހެކިބަސްދޭ މީހާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުން 149. 

(ހ)  ހެކިބަސް ނަގަންވާނީ ށަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް މި ގާނޫނުގެ 147 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރިކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 

114 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 152 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފަނޑިޔާރަށް ށަރީއަތް ކުރިއަށްނުގެންދެވޭނެ ހާލަތެއް މެދުވެރިވުން 152.

ށަރީއަތް ހިނގަމުން ދަނިކޮށް ނުވަތަ ށަރީއަތުގެ އަޑުއެހުން ނިމި، ހުކުމް އިއްވަންވެފައި ވަނިކޮށް ފަނޑިޔާރު ބަލިވެއްޖެނަމަ ނުވަތަ މަރުވެއްޖެނަމަ ނުވަތަ ފަނޑިޔާރުގެ މަގާމުގެ ދައުރު ހަމަވެއްޖެނަމަ ނުވަތަ އެ ށަރީއަތެއް ފެށުމުގެ ކުރިން މެދުވެރިވެފައިނުވާ ނުވަތަ އެނގިފައިނުވާ، އެ ފަނޑިޔާރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް މެދުވެރިވުމުގެ ސަބަބުން އެ ށަރީއަތެއް ހިންގުމަށް ފަނޑިޔާރަކު ނުކުޅެދިއްޖެނަމަ، ނުވަތަ އެ ށަރީއަތެއް ހިންގުމަށް އެނޫންވެސް ގޮތަކުން ނުކުޅެދިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އެ މައްސަލައިގައި ކޯޓަށް އަމަލުކުރެވިދާނެއެވެ. އަދި އެގޮތުން ކަނޑައަޅާ ގޮތް، ސަބަބާއެކު މައްސަލައިގައި ހިމެނޭ ދެ ފަރާތަށް، އެ ކޯޓު ހިންގުމާ ހަވާލުވެހުރި ފަނޑިޔާރަކު އަންގަންވާނެއެވެ.

                            

115 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 152 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

152. (ހ) އެހެން ފަނޑިޔާރަކު އެ މައްސަލައިގެ ށަރީއަތް ކުރިއަށްގެންދިއުމަށް ކަނޑައެޅުން؛ ނުވަތަ

 

116 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 159 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަދަބު ކަނޑައެޅުން 159.

(ހ) ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ފަނޑިޔާރު ކަނޑައަޅާ ހާލަތުގައި، ދައުވާ ލިބޭ މީހާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުންނަމަ، އެ ގާނޫނުގެ ތިންވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އެނޫން ގާނޫނެއްގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުންނަމަ، އެ ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

117 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 161 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަދަބު ކަނޑައެޅުމުގެ އުސޫލާ އެއްގޮތަށް އަމަލުކުރުން 161. 

ދައުވާ ލިބޭ މީހާގެ މައްޗަށް އަދަބު ކަނޑައެޅުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުންނަމަ، އެ ގާނޫނުގެ ތިންވަނަ ބައިގައި ބަޔާންވެގެންވާ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާއި، އަދަބު ކަނޑައެޅުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ. ދައުވާ ލިބޭ ފަރާތުގެ މައްޗަށް ސާބިތުވާ ކުށަކީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ހިމެނޭ ކުށެއް ކަމުގައިނުވާނަމަ، އެ ކުށަށް އަދަބު ކަނޑައެޅުމުގައި ރިއާޔަތްކުރަންވާނީ، އެ ކުށް ކަނޑައަޅާ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލަށެވެ.

 

118 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 163 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މެދުކެނޑުމެއް ނެތި ށަރީއަތުގެ އަޑުއެހުންތައް ކުރިއަށްގެންދިއުން 163.

(ހ) ށަރީއަތުގެ އަޑުއެހުންތައް ފެށުމަށްފަހު، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، މެދުކެނޑުމެއްނެތި އެ ށަރީއަތް ހިންގޭނެ އިންތިޒާމު، މައްސަލަ ބަލާ ފަނޑިޔާރު ހަމަޖައްސަންވާނެއެވެ.

 

119 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 1-163 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން. 

163-1

(ކ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ޑްރަގް ކޯޓުގައި ކުރިއަށްގެންދާ ށަރީއަތްތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދިއުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

120 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 169 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

169.  (ރ)  މި މާއްދާގެ ދަށުން ށަރީއަތުގެ ލިޔެކިޔުންތައް ބެލުމުގައާއި، ކޮޕީނެގުމުގައާއި، ރެކޯޑިންގތައް އަޑުއެހުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

121 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 170 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

170. (ނ) 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.

 

122 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 183 ވަނަ މާއްދާގެ ފެށޭ އިބާރާތް އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާއަށް އަކުރެއް އިތުރުކުރުން

183. (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޯޓުން ކުރާ އަމުރު ތަންފީޒުކުރުމަށްޓަކައި، ކޯޓުން ހުކުމް އިއްވާފައިވާ މީހާއާ ހަވާލުވުމަށް، އަދަބު ތަންފީޒުކުރާ އިދާރާއަށް ކޯޓުން އެންގުމާއެކު އެ އިދާރާއިން ވަގުތުން އެމީހަކާ ހަވާލުވާންވާނެއެވެ. އަދި އެފަދަ އަމުރެއް ކޯޓުން ކުރީ އަދަބު ތަންފީޒުކުރާ އިދާރާ ގާއިމުވެފައިނެތް ރަށެއްގައިނަމަ، ކޯޓުން ހުކުމް އިއްވާފައިވާ މީހާއާ ހަވާލުވުމަށް ފުލުހުންނަށް ކޯޓުން އެންގުމާއެކު، ފުލުހުން އެމީހަކާ ވަގުތުން ހަވާލުވެ، ވީ އެންމެ އަވަހަކަށް އަދަބު ތަންފީޒުކުރާ އިދާރާއާ އެމީހަކު ހަވާލުކުރަންވާނެއެވެ.

 

123 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 187 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކުށުގެ ރެކޯޑު ބެލެހެއްޓުން 187.

(ހ) މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެޓަރނީ ޖެނެރަލް ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް ކަނޑައަޅާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް، އެ އިދާރާއިން ގާއިމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ގާއިމުކުރާ ނިޒާމަކީ، ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހައި އިދާރާތަކަށް ވާސިލުވެވޭނެ ނިޒާމެއް ކަމުގައިވާންވާނެއެވެ.

(ރ) މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓުމާގުޅޭ އެންމެހައި އުސޫލުތައް، މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އިދާރާއިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

124 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 188 ވަނަ މާއްދާގެ (ރ) އުނިކުރުން.

 

125 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 191 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ކުށް ސާބިތުނުވާ ހާލަތުގައި ބަންދުން ދޫކުރުން 191.   

ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ހުކުމްކުރާއިރު، އެމީހަކީ ބަންދުގައި ހުރި މީހެއްނަމަ، އެމީހަކު ބަންދުން ދޫކޮށްލުމަށް އެމީހަކު ބަންދުގައި ބަހައްޓާފައި ހުރި ތަނުގެ އިދާރާއަށް ކޯޓުން ވަގުތުން އަންގަންވާނެއެވެ. އަދި އެމީހަކީ، ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓިފައިވާ މީހެއްނަމަ، އެ އެއްޗެއް ދޫކުރުމަށް އެ އެއްޗެއް ހިފަހައްޓާފައިވާ އިދާރާއަށް ކޯޓުން ވަގުތުން އަންގަންވާނެއެވެ.

 

126 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 198 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިސްތިއުނާފުކުރުން 198.   

(ހ) މި ގާނޫނުގައި ނުވަތަ ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކޯޓަކުން ކޮށްފައިވާ ހުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ގާނޫނުއަސާސީއާ ނުވަތަ ށަރުއީ އުސޫލަކާ ނުވަތަ ގާނޫނަކާ ހިލާފުކަމަށް ގަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމާބެހޭ ފަރާތަކުން އެ ހުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ކޮށްފައިވާ ހުކުމެއް، އެ ހުކުމް ކުރާ ތާރީހުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، އެ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނަމަ، އެ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންވާނެއެވެ. 

(ބ) މި މާއްދާގެ (ނ) އަދި (ރ) ގައިވާ ގޮތުގެމަތިން ކޯޓަކުން ނެރޭ އަމުރެއް ނުވަތަ ނިންމާ ނިންމުމެއް އިސްތިއުނާފު ކުރުމުން، އިސްތިއުނާފު ކުރާ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އަމުރާމެދު ނުވަތަ އެ ނިންމުމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

 

127 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 204 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ކޯޓު އަމުރު ދޫކުރުމުގެ އުސޫލު 204. 

(ހ) މި ގާނޫނުގެ ދަށުން ކޯޓު އަމުރެއް ހޯދައިގެން މެނުވީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގައި، އެ އަމުރު ދޫކުރުމުގައި އަމަލުކުރާނެ ގަވާއިދެއް، އަންނަނިވި އުސޫލުތައް އެކުލެވޭގޮތަށް މި ގާނޫނުގެ ދަށުން ހަދައި، އާންމުކުރަންވާނެއެވެ.

  1. ޖިނާއީ މައްސަލަ ބެލުމުގެ ނުވަތަ އިސްތިއުނާފު ކުރުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ ކޯޓަކުން، ކޯޓު އަމުރު ދޫކުރަންޖެހޭ ހާލަތްތަކުގައި އެ ކޯޓެއްގެ ވަކި ފަނޑިޔާރަކަށް ނުވަތަ ވަކި ފަނޑިޔާރުންތަކަކަށް ހާއްސަވެގެންނުވާ ގޮތުގެމަތިން އެ ކޯޓެއްގެ ކޮންމެ ފަނޑިޔާރަކަށް، ކޯޓު އަމުރު ދޫކުރުމުގެ ބާރުލިބިދޭ އިންތިޒާމެއް ހަމަޖެއްސުން؛ އަދި މިގޮތުން އިހްތިސާސް ލިބިގެންވާ ކޯޓެއްގައި، ވަކި ފަނޑިޔާރަކު ނުވަތަ ވަކި ފަނޑިޔާރުންތަކެއް ބަލާ މައްސަލައެއް ނަމަ، ކޯޓު އަމުރު ދޫކުރަންވާނީ އެ ފަނޑިޔާރު ނުވަތަ އެ ފަނޑިޔާރުންކަން؛
  2. އެއިން ފަނޑިޔާރަކު ކޯޓު އަމުރު ދޫކުރުމަށް ހަފްތާއެއްގެ ތެރޭގައި ހާއްސަވާންޖެހޭ ދުވަސް ކަނޑައެޅުން؛
  3. ވިދިވިދިގެން ދެ ދުވަހު އެއް ފަނޑިޔާރަކު ކޯޓު އަމުރު ދޫނުކުރެވޭނެ ގޮތްވުން؛
  4. ކޯޓު އަމުރު ދޫކުރުމުގައި ފަނޑިޔާރުން ދައުރުވާ އުސޫލަކުން ކޯޓު އަމުރު ދޫކުރުމުގެ އުސޫލު ހަމަޖެހުން؛
  5. އެ ފަނޑިޔާރަކު ދޫކުރާ ކޯޓު އަމުރަކީ، އެ ފަނޑިޔާރަކު ނިސްބަތްވާ ކޯޓަކުން ދޫކުރާ ކޯޓު އަމުރެއްކަމުގައި ބެލުން؛
  6. ކޯޓު އަމުރު ދޫކުރުމަކީ، ފަނޑިޔާރަކު ހުންނަ ތަނަކަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުން ގޮސް، އެކަމާގުޅޭ ލިޔުން ހުށަހެޅުމުން، އެ އަމުރު ދޫކުރުމާއި ދޫނުކުރުމާމެދު އެ ވަގުތު ގޮތެއް ކަނޑައަޅަންޖެހޭގޮތަށް އޮންނަކަމަކަށްވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދަންޖެހޭ ގަވާއިދު އެކުލަވާލާނީ ސުޕްރީމް ކޯޓުންނެވެ.

(ނ)   ކޯޓެއްގައި ހުރީ އެންމެ ފަނޑިޔާރެއް ނަމަ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބުނާ އުސޫލުތައް އެ ކޯޓަކަށް ނުހިނގާނެއެވެ. 

(ރ) އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން މަސައްކަތްކުރާ ކޯޓެއް ނަމަ، ހައްޔަރު އަމުރެއް ނެރުނު ފަނޑިޔާރު، އެ އަމުރަކާ ގުޅިގެން ހައްޔަރުކުރެވުނު މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ މައްސަލަ ބެލުމުގައި ބައިވެރިވެގެންނުވާނެއެވެ.

 

128 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

212. (ނ) ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ހާއްސަ އުސޫލުތަކެއް ކަނޑައަޅައިދީފައިވާ ހާލަތުގައި ފިޔަވައި، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އަންނަނިވި ކަންކަމުގައި އަމަލުކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

129 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 213 ވަނަ މާއްދާގެ (ލ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

213. (ލ) "ކުށުގެ ވެށި" ކަމަށް ބުނެފައި އެވަނީ، ކުށެއް ހިނގާ ހިނދު، އެ ކުށާ ގުޅުންހުރި ވާގިއާއެއް ނުވަތަ މާއްދީ ހެއްކެއް ނުވަތަ އެއްޗެއް ހުރި ކޮންމެ ތަނަކަށެވެ.

 

130 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 213 ވަނަ މާއްދާގެ (ޏ) ގެ ފަހަތަށް އަންނަނިވި ފަދައިން ހަތް އަކުރު އިތުރުކުރުން. 

213. (ސ) "ހެއްކާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 24/1976 (ހެއްކާބެހޭ ގާނޫނު) އަށް އަމަލުކުރެވެމުންދާހާ ހިނދަކު އެ ގާނޫނާއި، ހެއްކާ ގުޅޭގޮތުން ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައްވެސް ހިމެނޭގޮތުންނެވެ.

(ޑ) "ހުއްޓުވުން" ކަމަށް ބުނެފައި އެވަނީ، ހައްޔަރަށްވެސް ބަންދަށްވެސް އަދި ބެލުމުގެ ދަށަށް ގެނައުމަށްވެސް ނުވާގޮތަށް ސުވާލުކުރުމަށްޓަކައި ނުވަތަ ބަލައި ފާސްކުރުމަށްޓަކައި މީހަކު ހުއްޓުވާ ހުއްޓުވުމަށެވެ. އެ ހާލަތުގައި އޭނާގެ މިނިވަންކަން ނިމުމަކަށް އައީ ކަމަށް ބަލައި، ގާނޫނީ އިންޒާރުދީ، ވަކީލެއްގެ އެހީތެރިކަން ދީ ހަދާކަށް ލާޒިމެއްނޫނެވެ.

(ޒ)

  1.  "ބެލުމުގެ ދަށަށް ގެނައުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ދެ ހާލަތުންކުރެ ހާލަތެއްގައިވާ މީހާ ހުރި ހާލަތަށް ނިސްބަތްކޮށެވެ.
     i.   ހައްޔަރަށް ނުވާގޮތަށް ނުވަތަ ބަންދުކުރުމަށް ނުވާގޮތަށް ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ގެނައުމަށްފަހު ނުވަތަ ހާޒިރުކުރުމަށްފަހު ހިނގާ 4 (ހަތަރެއް) ގަޑިއިރުގެ ވަގުތު އެތަނުގައި ހޭދަކުރާ ކުރުން؛ ނުވަތަ
    ii.  ހައްޔަރުކުރުމަށްފަހު ނުވަތަ ބަންދުކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުގައި ނުވަތަ ބަންދުގައި އޭނާ ހުންނަ ހުރުން.
  2. ކުށުގެ ތުހުމަތެއްގައި ނޫންގޮތަށް ސުވާލެއްކުރުމަށް ނުވަތަ މައުލޫމާތެއް ސާފުކުރުމަށް ނުވަތަ ހެކިބަހެއް ހޯދުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ހާޒިރުވާ މީހާ އެހުރީ މި މާއްދާގެ ބޭނުމަށްޓަކައި، ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަކަށް ނުބެލެވޭނެއެވެ. ބެލުމުގެ ދަށަށް ގެނައުމުގެ ހާލަތުގައި، ގާނޫނީ އިންޒާރުދީ ވަކީލެއްގެ އެހީތެރިކަން ދޭނެއެވެ.

(ޓ)

  1. "ހައްޔަރުކުރުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މިނިވަންކަން ހުއްޓުމަކަށް ގެނެސް، މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރު ދިނުމާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައުމަށެވެ.
  2. ފުލުހުންގެ ހައްޔަރުގައި މީހަކު ހުންނާނީ އޭނާ ފުލުހުންގެ ބަންދަށް ބަދަލުވުމާ ހަމައަށެވެ. ފުލުހުންގެ ހައްޔަރުގައި ހުންނަ މީހާ ފުލުހުންގެ ބަންދަށް ބަދަލުކުރެވޭނީ، އޭނާގެ މައްސަލަ ތަހްގީގުކުރާ ޑިޕާޓްމަންޓްގެ އިސްވެރިއެއް އޭނާ ބަންދަށް ބަދަލުކުރުމަށް ކަނޑައެޅުމުން ނުވަތަ ފަނޑިޔާރަކު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުންނެވެ.
  3. ހައްޔަރުގައި މީހަކު ހުންނަ ވަގުތު، މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރުގައި ބަޔާންވެގެންވާ ހައްގުތައް ލިބިގެންވެއެވެ.

(ޔ) "ބަންދުކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު ހައްޔަރުކުރުމަށްފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ހާލަތަށެވެ. ބަންދުގެ މުއްދަތުގައި އޭނާ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަސްޓޯޑިއަލް ޖަލެއްގައެވެ. ބަންދުގައި ހުންނަ ވަގުތު މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރުގައި ބަޔާންވެގެންވާ ހައްގުތައް ބަންދުގައި ހުންނަ މީހާއަށް ލިބިގެންވެއެވެ.

(ޕ) "ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ތަނަކާ ގުޅޭގޮތުންނަމަ، އެތަނެއްގެ ވެރިފަރާތަށެވެ. ކުއްޔަށްދީފައިވާ ތަނަކާ ގުޅޭގޮތުންނަމަ، އެތަން ކުއްޔަށް ހިފާފައިވާ ފަރާތަށެވެ. އެއްމެދު އިމާރާތެއްގެ ވަކި ޔުނިޓެއް ނުވަތަ ބައެއްނަމަ، އެ ޔުނިޓެއް ނުވަތަ ބައެއްގެ ވެރިފަރާތަށެވެ. އަދި އެއިން އެއްވެސް ފަރާތެއް އެއިން ތަނެއްގައި ނެތް ހާލަތެއްގައިނަމަ ނުވަތަ އެނޫން ހާލަތެއްގައިނަމަ، އެތަނެއްގައި ދިރިއުޅޭ ނުވަތަ އެތަނަކާ އެ ވަގުތަކު ހަވާލުވެހުރި ފަރާތްވެސް ހިމެނޭގޮތުންނެވެ.

(ޖ) "މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށަކާ ގުޅޭގޮތުން ސުވާލުކުރެވެމުންދާ މީހާ ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ކަމަށް އޭނާ ކަނޑައަޅާ، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ މީހަކަށެވެ.

 

131 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޖިނާއީ އިޖްރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-12)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޖިނާއީ އިޖްރާއަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2016-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު