-

ޖިނާއީ އިޖްރާއަތުގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-06)

 

ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ށަރީއަތުގެ މަޖިލިސް   19.  

"ށަރީއަތުގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ކޮންމެ އަޑުއެހުމަކަށެވެ. އޭގެ ތެރޭގައި، ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށް، ބޭއްވޭ އަޑުއެހުމާއި، އިބްތިދާއީ އަޑުއެހުމާއި، ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އަޑުއެހުންތަކާއި، މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތައް ހިމެނެއެވެ. އަދި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެއް މާލަމަށްވުރެ ގިނަ މާލަން ގުޅުވާލައިގެން ބޭއްވޭ ކޮންމެ އަޑުއެހުމަކީވެސް، ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ށަރީއަތުގެ މަޖިލީހެކެވެ.

  

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 163 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

 އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތް ހިންގުން 1-163

(ހ) ކުށެއްގެ ތުހުމަތުގައިވާ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތަކުގެ އަޑުއެހުންތަކާއި، އިބްތިދާއީ އަޑުއެހުންތަކާއި، ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އަޑުއެހުންތަކާއި، ށަރީއަތްތައް ކުރިއަށް ގެންދަންވާނީ އެ ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތާއި، ހައްޔަރުކުރާ ފަރާތް ނުވަތަ ދައުވާކުރާ ފަރާތާއި، އެ ފަރާތްތަކުގެ ވަކީލުންނާއި، އަދި އެނޫނަސް ށަރީއަތުގެ މަޖިލީހަށް ހާޒިރުވާންޖެހޭ މީހުންކަމަށް ށަރީއަތުގެ މަޖިލީހުން ކަނޑައަޅާ މީހުންނާއި، މައްސަލަ ބަލާ ފަނޑިޔާރާ އެއް ހާޒިރެއްގައި އަދި އެއް މަޖިލީހެއްގައި ތިބެގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލަކީ އާންމު އުސޫލުކަމުގައި ވީނަމަވެސް، ފަނޑިޔާރު ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެމަތިން، އަޑުއެހުންތަކާއި ށަރީއަތްތައް ހިންގާ ކޯޓުގެ މާލަމާއި، މައްސަލައިގައި ހިމެނޭ އެހެނިހެން ފަރާތްތައް ތިބޭ މާލަންތައް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅުވާލައިގެން އަޑުއެހުންތަކާއި ށަރީއަތްތައް ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. މިގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކަކީ ހާއްސަ ހާލަތްތަކެއްކަމަށް ފަނޑިޔާރަށް ކަނޑައެޅިދާނެއެވެ.

  1. ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއްގެ ސަބަބުން ށަރީއަތުގެ މަޖިލީހަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތުން؛
  2. ޖޯގުރަފީ ގޮތުން ރަށްތަކާއި ސަރަހައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް، މޫސުމީ ގޮތުންނާއި ހަރަދުގެ ގޮތުންނާއި ނުވަތަ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމުގެ އިންތިޒާމުތައް އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ގާއިމުކުރެވިފައިވާ ގޮތްތަކަށް އެވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާޔަތްކުރުމާއެކު، އަދި ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވުން މެދުވެރިވެ، އަދުލު އިންސާފު ގާއިމުކުރުމަށް ބުރޫއަރާފާނެ ހާލަތެއް އޮތުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާއްސަ ހާލަތެއްގައިވެސް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތަކުގެ އަޑުއެހުންތަކާއި، އިބްތިދާއީ އަޑުއެހުންތައް ފިޔަވައި، ށަރީއަތްތައް ކުރިއަށް ގެންދެވޭނީ އެގޮތަށް އެކަން ކުރުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް އިއުތިރާޟުނުކުރާނަމައެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާއްސަ ހާލަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުގެ އަޑުއެހުންތަކާއި ށަރީއަތްތައް ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވީ ނަމަވެސް، އަދި މި މާއްދާގެ (ނ) ގައިވާ ގޮތަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް އިއުތިރާޟުނުކުރާނަމަވެސް، ސިކުނޑީގެ ބައްޔެއް ނުވަތަ ނުކުޅެދުމެއް ނުވަތަ ނަފްސާނީ ބައްޔެއް ހުރި ފަރާތްތަކާއި، ކުށަށް އިއުތިރާފުވެފައިވާ ފަރާތްތަކުގެ ށަރީއަތްތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންގޮސްގެންނުވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ގޮތުގެމަތިން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުގެ އަޑުއެހުންތަކާއި ށަރީއަތްތައް ކުރިއަށްގެންދިއުމާބެހޭ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން އެކުލަވާލަންވާނެއެވެ. އަދި އެ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1.  އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތުގެ މަޖިލީހުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން ވާންޖެހޭ ތައްޔާރީތައް؛
  2. ކޯޓުގެ މާލަމުގައި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވިގެން ށަރީއަތުގެ މަޖިލީހުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން ށަރީއަތުގެ މަޖިލީހުގައި ހިފަހައްޓަންޖެހޭ އުސޫލުތައް؛
  3. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ހެދުމަށް ހޯދަންޖެހޭ ތަކެއްޗާއި ގާއިމުކުރަންޖެހޭ ވަސީލަތްތައް؛
  4. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ނިޒާމު ގާއިމުކުރަންޖެހޭ ތަންތަން؛
  5. ޓްރާންސްމިށަން ސްޕީޑާއި ބޭންޑްވިތްގެ މިންގަނޑުތައް؛
  6. ދިމާވާ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އަމަލުކުރާނެ ގޮތް؛
  7. ރާއްޖެއިން ބޭރުގައިވާ ފަރާތެއް ހިމެނޭ މައްސަލައެއްނަމަ ށަރީއަތުގެ މަޖިލިސް ބާއްވާ ވަގުތާއި އެ ފަރާތެއް ހުރި ގައުމެއްގެ ވަގުތާ ދެމެދުގައިވާ ފަރަގު ބޮޑުވާނަމަ އަމަލުކުރާނެ ގޮތް؛
  8. ތަރުޖަމާނަކު ބޭނުންކުރަންޖެހޭ ހާލަތުގައި އަމަލުކުރާނެ ގޮތް؛ އަދި
  9. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިއުމާގުޅޭ މިނޫންވެސް އެންމެހައި އުސޫލުތައް.
  10. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދާ ށަރީއަތްތަކުގެ މަޖިލިސްތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީހުން ފެށިގެން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ ތިރީސްވަނަ ބާބުގެ ކުރިއަށް އަންނަނިވި ފަދައިން ބާބެއް އިތުރުކުރުން.

 

ނަވާވީސް-1 ވަނަ ބާބު

ހާއްސަ ހާލަތްތަކުގައި އަމަލުކުރާނެ ހާއްސަ އިޖުރާއަތުތައް

 

ކުއްލި ނުރައްކަލުގެ ހާލަތެއްގައި ނުވަތަ ކާރިސާއެއްގައި ހާއްސަ އުސޫލުތައް ހިނގުން 1-203     

(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް އިއުލާންކޮށް، އަދި އެ ހާލަތު ދެމިއޮތުމުގެ ސަބަބުން، އަދި އެ ހާލަތު އިއުލާންކޮށްފައިވާ ރަށާއި ސަރަހައްދުގައި ރައްކާތެރިކަން އޮތް މިންވަރަށާއި ނުވަތަ އެ ހާލަތުގައި ކަންކަން މަނާކުރެވިފައިވާ މިންވަރަށް ރިއާޔަތްކުރާއިރު، ގާނޫނެއްގައި ނުވަތަ ގާނޫނަކުން ބާރުލިބިދީފައިވާ ގަވާއިދެއްގައި ބަޔާންކުރާ އިޖުރާއަތުތައް ހިންގެން ނެތްނަމަ، މި ބާބުގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުތަކަށް، މި ބާބުގައި ބަޔާންކުރާ ގޮތުގެމަތިން އަމަލުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖިނާއީ މައްސަލަތަކުގެ މުއްދަތުތަކާމެދު އަމަލުކުރާނީ އަންނަނިވި އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

  1. މި ގާނޫނުގެ 94 ވަނަ މާއްދާގައި، ތަހްގީގު ފުރިހަމަކޮށް ދައުވާ އުފުލުމަށް މުއްދަތުތަކެއް ކަނޑައަޅާފައިވާ މައްސަލަތަކުގައި، ތަހްގީގު ފުރިހަމަކޮށް ދައުވާ އުފުލުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާކަމަށް، ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައެޅުމުން، އެ މައްސަލަތަކުގެ ތަހްގީގު ފުރިހަމަކޮށް ދައުވާ އުފުލުމަށް އިތުރު 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
  2. މި ގާނޫނުގެ 118 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ އެންމެހައި ހުށަހެޅުމެއް، ށަރީއަތް ފެށުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ އެހެނިހެން މުއްދަތުތައް، މައްސަލަ ބަލާ ފަނޑިޔާރު ނިންމާ ގޮތެއްގެމަތިން ކަނޑައެޅިދާނެއެވެ.
  3. ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 61 ވަނަ މާއްދާގައި ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، އެ ކުށްކުރި ވަގުތުން ފެށިގެން 8 (އަށެއް) އަހަރު ދުވަހުގެ މުއްދަތު ފަހަނައަޅާ ދިއުމުން ދައުވާ ނުއުފުލޭނެ މައްސަލަތަކުގައާއި، ޖުނަހުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، އެ ކުށްކުރި ވަގުތުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތު ފަހަނައަޅާ ދިއުމުން ދައުވާ ނުއުފުލޭނެ މައްސަލަތަކުގައި، އެ މުއްދަތު ފަހަނައަޅާ ދިޔައިރު ދައުވާ އުފުލިފައިނުވާނަމަ،  އެ ދައުވާއެއް އުފުލުމަށް އެ މުއްދަތު ހަމަވި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
  4. ގާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން މީހެއްގެ މައްޗަށް ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންވާނެއެވެ. އަދި ދައުވާ އުފުލި ތާރީހުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޯޓުން ހުކުމްކުރަންވާނެއެވެ. އަދި އެ މުއްދަތު ކޮންމެހެން އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް މުއްދަތު އިތުރުކުރެވިދާނެއެވެ.
  5. ގާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން، މަތީ މަރުހަލާގެ ކޮންމެ ކޯޓެއްގައި މައްސަލައެއް އިސްތިއުނާފުކުރެވޭނެ މުއްދަތަކީ، އެ މައްސަލައިގެ ހުކުމުގެ ލިޔުން ލިބޭ ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން، 30 (ތިރީސް) ދުވަހެވެ.
  6. ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 1-28 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ. އަދި އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންވާނެއެވެ.
  7. މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ހައްޔަރުކޮށްފައިވާ، ނުވަތަ ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، ނުވަތަ އެނޫންވެސް މީހުންގެ މައްސަލަތަކުގެ ތެރެއިން، ތަހްގީގު ފުރިހަމަކޮށް ދައުވާ އުފުލުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވާ މައްސަލަތަކުގައި، ތަހްގީގު ފުރިހަމަކުރުމަށާއި ދައުވާ އުފުލުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާކަމަށް، ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ މައްސަލަތަކުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ މުއްދަތެއްގައި، ތަހްގީގު ފުރިހަމަކޮށް ދައުވާ އުފުލުމަށް ނިންމުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
  8. މި މާއްދާގެ އެހެން އަކުރެއްގައި ކޯޓުގައި އިސްތިއުނާފުކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާ މައްސަލަތައް ފިޔަވައި، އެހެން މައްސަލަތަކުގައި އިސްތިއުނާފުކުރެވޭނެ މުއްދަތަކީ، އެ މައްސަލައެއްގެ ހުކުމުގެ ލިޔުން ލިބޭ ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން، 30 (ތިރީސް) ދުވަހެވެ.

(ނ) މި ބާބުގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުތަކަށް އަމަލުކުރެވޭއިރު، އެބައެއްގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމު ހިންގޭ އެންމެހައި ފަރާތްތަކަށް ލިބިގެންވާ ހައްގުތައް، މި ބާބުގައި ބަޔާންކުރާ އުސޫލަކުން އެ ފަރާތްތަކަށް ލިބިދެވެންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއްގައި ށަރީއަތް ހިންގުމުގައި މި ބާބުގައި ބަޔާންކުރާ  އުސޫލުތަކަށް އަމަލުކުރުމަށް ނިންމައި، އެކަން ކޯޓުތަކަށް އަންގާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

(ބ) ތަހްގީގުކުރުމާއި ދައުވާ އުފުލުމުގައި އަދި ށަރީއަތް ހިންގުމުގައި މި ބާބުގައި ބުނެފައިވާ އުސޫލުތަކަށް އަމަލުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ނިންމުން އަދި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ނިންމާ ނިންމުން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ޅ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، އަމަލުކުރުމުގައި އިސްކަންދޭންވާނީ މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށެވެ.

 

ހައްޔަރުކުރުމާއި ބަންދުކުރުމާބެހޭ ހާއްސަ އިޖުރާއަތުތައް 2-203

(ހ) މި ގާނޫނުގެ 1-203 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތެއް އޮތުމާއެކު، އަދި އެ ހާލަތުގައި އިތުރަށް ރިއާޔަތްކުރުމަށް އެ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރާހިނދު، މި ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހަކު ނުވަތަ ހައްޔަރުކުރުމަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކު، ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރެވޭނެފަދަ ހާލަތެއް ނެތްނަމަ، މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަނޑައަޅާ ތަނަކަށް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު އެމީހަކު ގެންދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ހާލަތުގައިވެސް، މި ގާނޫނުގައި ހައްޔަރުކުރުމާއި ބަންދުކުރުމާ ގުޅޭގޮތުން ބަޔާންކުރާ އެހެން ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.

(ނ) މި ގާނޫނުގެ 1-203 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތެއް އޮތުމާއެކު، އަދި އެ ހާލަތުގައި އިތުރަށް ރިއާޔަތްކުރުމަށް އެ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރާހިނދު، މި ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހަކު މި ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ޖަލެއްގައި ހައްޔަރުކުރެވެން ނެތްނަމަ، މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަނޑައަޅައި އާންމުކުރާ ހާއްސަ ތަނެއްގައި އެމީހަކު ބަންދުކުރެވިދާނެއެވެ.

 

ހާއްސަ ހާލަތްތަކުގައި ކޯޓު އަމުރު ދޫކުރުން 3-203

(ހ) މި ގާނޫނުގެ 1-203 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ 204 ވަނަ މާއްދާގައި ބަޔާންކުރާ ކޯޓު އަމުރުތަކާއި އަދި މިނޫންވެސް މި ގާނޫނުގެ ދަށުން ކޯޓުން ނެރޭ އަމުރުތަކުގެ އަސްލު، އަމުރަށް އެދުނު ފަރާތަށް ފޮނުވުމުގެ ބަދަލުގައި، އެ އަމުރުތައް އިލެކްޓްރޯނިކް ޒަރީއާއެއް މެދުވެރިކޮށް އަމުރަށް އެދުނު ފަރާތަށް ފޮނުވުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 1-203 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ 204 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކުރާ އުސޫލުތަކަށް، އަމަލުކުރުން ވަގުތީގޮތުން ހުއްޓާލައި، ކޯޓުގެ އިސް ފަނޑިޔާރު ނުވަތަ އިސް ފަނޑިޔާރު ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ކޯޓު އަމުރުތައް ދޫކުރަމުން ގެންދިއުމުގެ އިހްތިޔާރު ކޯޓުތަކަށް ލިބިގެންވެއެވެ. 

 

ހާއްސަ ހާލަތުގައި ގާނޫނީ ވަކީލެއްގެ އެހީ ލިބިގަތުން  4-203    

(ހ) މި ގާނޫނުގެ 1-203 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތެއް އޮތުމާއެކު، އަދި އެ ހާލަތުގައި އިތުރަށް ރިއާޔަތްކުރުމަށް އެ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރާހިނދު، ކުށުގެ ތުހުމަތެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ނުވަތަ ހައްޔަރުގައިވާ ފަރާތަކަށް އޭނާގެ ގާނޫނީ ވަކީލާ އާންމު އުސޫލުން ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސެން ނެތްނަމަ، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އޭނާގެ ވަކީލާ މުއާމަލާތްކުރެވޭނެ އިންތިޒާމު، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް، ހައްޔަރުގައިވާ ފަރާތާއި އޭނާގެ ވަކީލާ ދެމެދު މައްސަލައާ ގުޅިގެން ކުރާ މުއާމަލާތަކީ އެހެން އިތުރު ފަރާތަކަށް އަޑުއިވިގެން ނުވާނެހެން، ހުރުމަތް ލިބިގެންވާ މުއާމަލާތެއްކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން އަޅަންވާނެއެވެ.

 

4 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޖިނާއީ އިޖްރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-12)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޖިނާއީ އިޖްރާއަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2016-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު