-

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު 

(ގާނޫނު ނަންބަރު  2019-19)

 

އެއްވަނަ ބައި

ފެށުން

 

އެއްވަނަ ބާބު

ތައާރުފާއި މަގްސަދު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ކުޑަކުދިންނަށް ލިބިގެންވާ ހައްގުތަކާއި، އެކުދިންނާ މަތިކުރެވިގެންވާ ޒިންމާތަކާއި، ކުޑަކުދިންނާ ގުޅޭގޮތުން އާއިލާއާއި، ޖަމާއަތާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު" އެވެ.

 
2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން؛

(ށ) ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި، މައިންބަފައިންނާއި، ބެލެނިވެރިންނާއި، މުޖުތަމައާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުން؛

(ނ) އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން؛

(ރ) ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ގައުމީ ނިޒާމެއް ގާއިމުކޮށް، އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާއި، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިޔުމާއި، ކުޑަކުދިން ފޮސްޓަރކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން؛

(ބ) ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި އެކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އެކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާއި، މިނޫންވެސް ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ގާނޫނުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅުއެޅުން.


3 ވަނަ މާއްދާ - ގާނޫނު މާނަކުރުން

(ހ) މި ގާނޫނު މާނަކުރަންވާނީ، ގާނޫނުއަސާސީއާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން މާނަކުރުމުގައާއި ތަތުބީގުކުރުމުގައި، ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި، އެ މުއާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްތަކާއި، އެނޫންވެސް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ބަޔާންކުރާ އުސޫލުތަކާއި، އިންސާނީ ށަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިގްރާތީ މުޖުތަމައުތަކުން ގަބޫލުކުރާ އުސޫލުތައް ނަގަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އަށް އަމަލުކުރުމުގައި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ހިމެނޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން އިއުތިރާޟްކޮށްފައިވާނަމަ އެކަންކަމަށްވެސް ރިއާޔަތްކުރަންވާނެއެވެ.

 
4 ވަނަ މާއްދާ - ކުޑަކުދިން

މި ގާނޫނުގައި "ކުޑަކުދިން" ކަމަށް ބުނެފައި އެވަނީ، މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ހާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށްފަހު، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންނަށެވެ.

 
ދެވަނަ ބައި

ހައްގުތަކާއި ޒިންމާތައް

 

ދެވަނަ ބާބު

ކުޑަކުދިންގެ ހައްގުތައް

 
5 ވަނަ މާއްދާ - ހައްގުތައް ލިބިދިނުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތައް، އެއްވެސް ތަފާތުކުރުމަކާ ނުލައި ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.

(ށ) ކޮންމެ ކުއްޖަކީ، އެކުއްޖެއްގެ ބަދަލުވަމުންދާ ގާބިލިއްޔަތަށް ބިނާކޮށް، މި ގާނޫނުގައި ބަޔާންކުރާ ހައްގުތައް ހޯދުމުގެ ހައްގު ލިބިގެންވާ ކުއްޖެކެވެ.

(ނ) މި ގާނޫނުގައި ބަޔާންކުރާ ހައްގުތައް ކުއްޖާއަށް ލިބިދިނުމުގައި، ކުއްޖާގެ ބަދަލުވަމުންދާ ގާބިލިއްޔަތަށް ބިނާކޮށް، އެކުއްޖާއަށް އެކަށީގެންވާ ލަފައާއި އިރުށާދުދިނުމަކީ އެކުއްޖާގެ ބެލެނިވެރިންގެ ޒިންމާއެކެވެ.

 
6 ވަނަ މާއްދާ - ތަފާތުނުކުރުން

(ހ) ކުއްޖާގެ ނުވަތަ ކުއްޖާގެ ބެލެނިވެރިއެއްގެ ނަސްލަށް، ނުވަތަ ކުލައަށް، ނުވަތަ ޖިންސަށް، ނުވަތަ ބަހަށް، ނުވަތަ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް، ނުވަތަ އުފަންވީ ރަށަށް، ނުވަތަ ނިސްބަތްވާ އިޖްތިމާއީ މަރުކަޒަށް، ނުވަތަ އެއިން ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ އެނޫންވެސް ކަމަކަށް ބިނާކޮށް، އެއްވެސް ކުއްޖަކާމެދު ތަފާތުކޮށްގެންނުވާނެއެވެ.

(ށ) ކުއްޖާގެ ބެލެނިވެރިއެއް ނުވަތަ އާއިލާގެ މެންބަރެއް ނިސްބަތްވާ ހާލަތަކަށް ބިނާކޮށް ނުވަތަ އެއިން ފަރާތަކުން ހިންގާ ހަރަކާތަކާ ގުޅިގެން ނުވަތަ ފާޅުކުރާ ހިޔާލަކާ ގުޅިގެން ނުވަތަ ގެންގުޅޭ ފިކުރަކާ ގުޅިގެން އެކުއްޖާއާމެދު ތަފާތުކޮށްގެންނުވާނެއެވެ.

 
7 ވަނަ މާއްދާ - ދިރިހުރުމާއި ހެދިބޮޑުވުން

(ހ) ކޮންމެ ކުއްޖަކަށްމެ ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގު، އޭގެ އެންމެ ފުޅާ ދާއިރާގައި ލިބިގެންވެއެވެ.

(ށ) ދިރިހުރުމުގެ ހައްގަކީ އެއްވެސް ކުއްޖަކާ ވަކިކުރެވޭނެ ހައްޤެއްނޫނެވެ.

(ނ) ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގު އޭގެ އެންމެ ފުޅާ ދާއިރާގައި ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމަށްޓަކައި، ދުޅަހެޔޮ ސިއްހަތެއްގައި އެކުދިންނަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދީ، އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަކީ، އަދި އަނިޔާއާއި ގޯނާއިން އެކުދިން ސަލާމަތްކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، އެކުދިންގެ ބެލެނިވެރިންނާއި އާއިލާއާއި އެކުދިން ދިރިއުޅޭ މުޖުތަމައުގެ ފަރާތްތަކާއި، ދައުލަތުގެ ޒިންމާއެކެވެ.

 
8 ވަނަ މާއްދާ - ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުން

(ހ) ދައުލަތުގެ އިދާރާތަކުންވިޔަސް ނުވަތަ ށަރުއީ ކޯޓުތަކުންވިޔަސް ނުވަތަ ރައްޔިތުންގެ މަޖިލީހުންވިޔަސް ނުވަތަ އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތަކުންވިޔަސް ނުވަތަ ބެލެނިވެރިން ކަމުގައިވިޔަސް، ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ، އެކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ.

(ށ) ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމުގައި، ކޮންމެ ކުއްޖަކާ ގުޅޭގޮތުންވެސް ގޮތެއް ނިންމަންވާނީ، އެކުއްޖަކު ހުރި ހާލަތަށާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ކޮންމެ ކުއްޖެއްގެ މައްސަލަ ވަކިންނެވެ. އެގޮތުން، އެއްވެސް ފަރާތަކުން ވަކި ކަމަކާ ގުޅޭގޮތުން ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަނޑައަޅަންޖެހިއްޖެ ހާލަތެއްގައި، އެކަން ކަނޑައަޅަންވާނީ އަންނަނިވި އާންމު މިންގަނޑުތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.

  1. ކުއްޖާ އެކަމާމެދު ދެކޭ ގޮތް؛
  2. ކުއްޖާގެ އަމިއްލަވަންތަކަން؛
  3. ކުއްޖާ އާއިލީ މާހައުލެއްގައި ދެމިހުރުމުގެ މުހިންމުކަމާއި އާއިލާގެ މެންބަރުންނާ ކުއްޖާއާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން؛
  4. ކުއްޖާއަށް ލިބެންޖެހޭ އަޅާލުމާއި، ރައްކާތެރިކަމާއި، ސަލާމަތްތެރިކަން؛
  5. ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމުގެ ހައްގު؛
  6. ކުއްޖާއަށް ލިބިދޭ އުނގެނުމުގެ ހައްގު؛
  7. ކުއްޖާގެ އިޖްތިމާއީ ނުވަތަ އެނޫންވެސް ހާލަތު.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އާންމު މިންގަނޑުތަކުގެ ތެރެއިން ވަކި މިންގަނޑަކަށް ނުވަތަ މިންގަނޑުތަކަކަށް ބުރަދަން ދިނުމުގައި ބަލަންވާނީ، އެއިން ކޮންމެ މިންގަނޑެއް، އެކުއްޖާގެ ހާލަތާ ގުޅޭ މިންވަރަކަށް ރިއާޔަތްކުރުމަށްފަހު، އެ ހާލަތަކާގުޅޭ ނިސްބަތަކަށެވެ. އެހެންނަމަވެސް، އެ ހާލަތުގައިވެސް، އެ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އާންމު މަގްސަދަށް ރިއާޔަތްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އާންމު މިންގަނޑުތަކުގެ އިތުރުންވެސް، އަދި އެ އާންމު މިންގަނޑުތަކާ ތައާރުޟުނުވާނެ ފަދައަކުން، ކުއްޖާ ހުރި ހާލަތަށް ބިނާކޮށް، ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމަށް މުހިންމު އެހެން ކަންކަމަށްވެސް ރިއާޔަތްކުރަންވާނެއެވެ.

 
9 ވަނަ މާއްދާ - ރައުޔު ހާމަކުރުމުގެ ހައްގު

(ހ) އަމިއްލަ ރައުޔެއް އުފަންކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ކުއްޖަކަށްމެ، އެކުއްޖަކާގުޅޭ އެންމެހައި ކަންކަމުގައި އެކުއްޖާގެ ރައުޔު ހާމަކުރުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުއްޖާގެ ރައުޔަށް ބުރަދަން ދިނުމުގައި، ކުއްޖާގެ އުމުރާއި، ކުއްޖާގެ ބަދަލުވަމުންދާ ގާބިލިއްޔަތަށް ރިއާޔަތްކުރަންވާނެއެވެ.

 
10 ވަނަ މާއްދާ - އަޅާލުމާއި ހިމާޔަތް ލިބުން

(ހ) ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށްމެ ލިބިގެންވާ ހައްޤެކެވެ.

(ށ) ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން ލިބިދިނުމުގައި އެންމެ އިސް ޒިންމާއެއް އަދާކުރާނީ އާންމު އުސޫލެއްގެ ގޮތުން ކުއްޖާގެ ބެލެނިވެރިން ކަމުގައިވީނަމަވެސް، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުން   އެ ރައްކާތެރިކަން ލިބިނުދޭ ހާލަތުގައި ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، ކުއްޖާގެ ބެލެނިވެރިންގެ ވާޖިބު ކަމުގައިނުވާ، ދައުލަތުން ސީދާ ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ކުއްޖާއަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ ވާޖިބެކެވެ.

(ނ) ކުއްޖާގެ މަސްލަހަތަށް ބަލައި އާއިލާގެ މާހައުލުން ވަގުތީގޮތުން ނުވަތަ އެއަށްވުރެ ދާއިމީ ސިފައެއްގައި ވަކިކޮށްފައިވާ ކުއްޖަކަށް، ހާއްސަ ރައްކާތެރިކަމާއި އެހީތެރިކަން ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.

 
11 ވަނަ މާއްދާ - ޖިންސީގޮތުން ނާޖާއިޒު ބޭނުންހިފުމާއި، ޖިންސީ ގޯނާކުރުމުން ރައްކާތެރިކަން ލިބުން

ކޮންމެ ކުއްޖަކީވެސް، ޖިންސީގޮތުން އެކުއްޖެއްގެ ނާޖާއިޒު ބޭނުންހިފުމާއި، އެކުއްޖަކަށް ޖިންސީ ގޯނާކުރުމުން ރައްކާތެރިކަން ލިބުމުގެ ހައްގު ލިބިގެންވާ ކުއްޖެކެވެ. އޭގެ ތެރޭގައި، އަންނަނިވި ކަންކަމުން ރައްކާތެރިވުމުގެ ހައްގު ހިމެނިގެންވެއެވެ.

(ހ) ޖިންސީ ގޯނާގެ ށިކާރައަކަށްވުން؛

(ށ) ހަށިވިއްކުމުގެ ވިޔަފާރިއާއި އެނޫންވެސް އެކްސްޕްލޮއިޓޭށަންގެ އަމަލުތަކުގައި ބައިވެރިކުރުވުން؛

(ނ) އޮރިޔާންކާޑު ހެދުމުގައި ނުވަތަ އުފެއްދުމުގައި ބައިވެރިކުރުމާއި ދެއްކުން.

 
12 ވަނަ މާއްދާ - އަނިޔާއާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުން

(ހ) ކޮންމެ ކުއްޖަކީވެސް އެންމެހައި ބާވަތެއްގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާއި، ގޯނާކުރުމަކުންނާއި، އަޅާނުލުމާއި، އިހުމާލުވުމާއި، ނުބައިކޮށް ހިތުމާއި، ނާޖާއިޒް ފައިދާނެގުމާއި، ޖިންސީ ގޯނާކުރުމާއި، އެނޫންވެސް ކުއްޖާގެ ހެދިބޮޑުވުމަށް ހުރަސްއެޅޭނެ އެންމެހައި ށިކާރަތަކުން ރައްކާތެރިކަން ލިބުމުގެ ހައްގު ލިބިގެންވާ ކުއްޖެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހައްގަކީ، ކުއްޖާގެ ބެލެނިވެރިންގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނަ ކޮންމެ އިރެއްގައިވިޔަސް ނުވަތަ ކުއްޖާގެ ގާނޫނީ ބަލަދުވެރިއެއްގެ ބެލުމުގެ ދަށުގައި ހުންނަ ކޮންމެ އިރެއްގައިވިޔަސް، ނުވަތަ ސްކޫލުގެ މާހައުލުގައިވިޔަސް ނުވަތަ ކުއްޖާގެ ބަލަދުވެރިކަމާ އެވަގުތެއްގައި ހަވާލުވެހުރި އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނަ ކޮންމެ އިރެއްގައިވެސް އެކުއްޖާއަށް ލިބިގެންވާ ހައްޤެކެވެ. އަދި   މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލުތަކުގެ ތެރެއިން އަމަލެއް ކުއްޖަކާ ދެކޮޅަށް ކުރަނީ އެކުއްޖާގެ މައިންބަފައިން ކަމުގައިވީނަމަވެސް، ނުވަތަ އެކުއްޖާގެ ގާނޫނީ ބަލަދުވެރިއެއް ކަމުގައިވީނަމަވެސް ނުވަތަ ސްކޫލު މާހައުލުން ކަމުގައި ވީނަމަވެސް ނުވަތަ ކުއްޖާއާ ހަވާލުވެހުރި ދައުލަތުގެ މުއައްސަސާއަކަށް ނިސްބަތްވާ ފަރާތަކުން ކަމުގައިވީނަމަވެސް، ނުވަތަ ކުއްޖާގެ ބަލަދުވެރިކަމާ އެވަގުތެއްގައި ހަވާލުވެހުރި އެހެން ފަރާތަކުން ކަމުގައިވީނަމަވެސް، ނުވަތަ އެހެން ކުއްޖެއްގެ ފަރާތުން ކަމުގައިވީނަމަވެސް، ނުވަތަ މިނޫން އެހެން ފަރާތަކުން ކަމުގައިވީނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހައްގު، އެކުއްޖަކަށް ލިބިގެންވެއެވެ.

(ނ) އަނިޔާއާއި ގޯނާ ލިބެމުންދާ ކުދިން ތަހައްމަލުކުރަމުންދާ ކަންކަމާމެދު ނުވަތަ އެކުދިންނަށް ކުރިމަތިވެފައިވާ ހާލަތާމެދު އަޅާނުލުމަކީވެސް އެކުދިންނާމެދު ކުރެވޭ އަނިޔާއެއް ކަމުގައި މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ބެލޭނެއެވެ.

(ރ) އަނިޔާކުރުމާއި ގޯނާކުރުމުގެ ށިކާރައަކަށްވާ ކުޑަކުދިންނަށް ދައުލަތުގެ ފަރާތުން އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމުގައި މި ގާނޫނު ދަންނަ ހިނދު، އެއާ އެކުއެކީގައި، އަނިޔާއާއި ގޯނާގެ ށިކާރައަކަށް އެކުދިން ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުން އަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - ނޭދެވޭ އިޖްތިމާއީ އަދި ސަގާފީ ކަންކަމުން ރައްކާތެރިކޮށްދިނުން

(ހ) ކުއްޖާގެ މަސްލަހަތަށާއި، ކަރާމާތަށާއި ކުއްޖާގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރެއް ފޯރާ ފަދަ އެންމެހައި އިޖްތިމާއީ އަދި ސަގާފީ ކަންކަމުން ރައްކާތެރިކަން ލިބުމުގެ ހައްގު ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.

(ށ) ކުއްޖާގެ މަސްލަހަތަށާއި، ކަރާމާތަށާއި ހެދިބޮޑުވުމަށް ނޭދެވޭ އަސަރެއް ފޯރާފަދަ އިޖްތިމާއީ އަދި ސަގާފީ ކަންކަމުން ކުދިން ދުރުހެލިކުރުމަށްޓަކައި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދޭތޯ ބެލުމަކީ ދައުލަތުގެ ޒިންމާއެކެވެ.

 
14 ވަނަ މާއްދާ - އުފަންވުން ރަޖިސްޓަރީވުމާއި ނަމާއި ގައުމިއްޔަތުގެ ހައްގު

(ހ) ކޮންމެ ކުއްޖަކުވެސް އުފަންވުމާއެކު، ގާނޫނު ގަބޫލުކުރާ ނަމެއް ލިބުމާއި، އެކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރެވިފައި އޮތުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) އުފަންވުން ރަޖިސްޓަރީކުރެވިފައި އޮތުމުގެ ހައްގުގެ ތެރޭގައި، ގާނޫނު ގަބޫލުކުރާ ނަމަކާއި، ކުއްޖާގެ ޖިންސާއި، އުފަން ތާރީހާއި، އުފަންވި ތަނާއި، މައިންބަފައިންނަކީ ކޮބައިކަމާއި، ގައުމީ ނިސްބަތް ހިމެނޭގޮތުން، އެކުއްޖާގެ އުފަންވުމާގުޅޭ އެންމެހައި މައުލޫމާތު ރަޖިސްޓަރީކުރެވިފައި އޮތުމުގެ ހައްގު ހިމެނެއެވެ.

(ނ) ދިވެހިރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކަށް، ދިވެހިރައްޔިތުކަން ލިބިގެންވެއެވެ. އަދި ދިވެހިރައްޔިތެއް ކަމުގައިވާ އެއްވެސް ކުއްޖެއްގެ ކިބައިން ދިވެހިރައްޔިތުކަން ނިގުޅައެއް ނުގަނެވޭނެއެވެ.

 
15 ވަނަ މާއްދާ - އަމިއްލަވަންތަކަން ދެމެހެއްޓުމުގެ ހައްގު

(ހ) ކޮންމެ ކުއްޖަކަށްމެ ލިބިގެންވާ އަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި، އެކުއްޖެއްގެ ކާކުކަން އަންގައިދޭ ރަސްމީ މައުލޫމާތުގެ ރެކޯޑެއް އޮތުމުގެ ހައްގާއި، އެ މައުލޫމާތު ހިމާޔަތްކުރެވިފައި އޮތުމުގެ ހައްގާއި، ކުއްޖާގެ އަމިއްލަވަންތަކަން ނިގުޅައިގަނެވޭނެ އަމަލުތަކުން ރައްކާތެރިވުމުގެ ހައްގު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.

(ށ) ކުއްޖާގެ އަމިއްލަވަންތަކަން ދެމެހެއްޓުމުގެ މާނައިގެ ތެރޭގައި، ކުއްޖާގެ ނަމާއި، ގައުމިއްޔަތާއި، ގާނޫނު ގަބޫލުކުރާ އާއިލީ ގުޅުންތައް ދެމެހެއްޓުން ހިމެނިގެންވެއެވެ.


16 ވަނަ މާއްދާ - މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ހައްގު

(ހ) ކުއްޖާގެ މައިންބަފައިންނަކީ ކޮބައިކަން ދެނެގަނެވެން ނެތް ހާލަތުގައި ފިޔަވައި، ކޮންމެ ކުއްޖަކަށްވެސް އެކުއްޖާގެ މައިންބަފައިންނަކީ ކޮބައިކަން އެނގުމުގެ، އަދި ކުއްޖާގެ މައިންބަފައިން ދުނިޔޭގައި ތިބިނަމަ، އެމީހުންގެ އަޅާލުން ލިބި، އެމީހުންގެ ބެލުމުގެ ދަށުން ހެދިބޮޑުވުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމަށްޓަކައި ގާނޫނުގައިވާ ގޮތުގެމަތިން ކުއްޖާ މައިންބަފައިންނާ ވަކިކުރަންޖެހޭ ފަދަ ހާލަތެއްގައި މެނުވީ، ނުވަތަ ކުއްޖާ މައިންބަފައިންނާ ދުރުގައި ހުރުމަށް ގާނޫނަކުން ކުރިމަތިކުރުވާ ހާލަތެއްގައި މެނުވީ، ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ މައިންބަފައިންނާ އެކުގައި ދިރިއުޅުމުގެ ހައްގު ލިބިގެންވެއެވެ.

(ނ) ކުޑަކުއްޖަކީ އޭނާގެ މައިންބަފައިން ނުވަތަ މަންމަ ނުވަތަ ބައްޕައާ ދުރުގައި ދިރިއުޅޭ ކުއްޖެއްކަމަށްވާނަމަ، އަދި އެމީހުންނާ ގުޅުމެއް ބޭއްވުމަކީ ކުއްޖާގެ މަސްލަހަތަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމުގައިނުވާނަމަ، އެކުއްޖާއަށް އޭނާގެ މައިންބަފައިން ނުވަތަ މަންމަ ނުވަތަ ބައްޕައާ ގަވާއިދުން ގުޅުން ބާއްވަމުން ގެންދިޔުމުގެ ހައްގު ލިބިގެންވެއެވެ.

(ރ) ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކުރާއިރު، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ، ގާނޫނުގައިވާ ގޮތުގެމަތިން އޭނާގެ މައިންބަފައިންނާ ވަކިކުރުން ކަމުގައިވާ ހާލަތުގައި މެނުވީ، ކުއްޖާގެ އަދި ކުއްޖާގެ މައިންބަފައިންގެ ނުރުހުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން އޭނާ ވަކިކޮށްގެންނުވާނެއެވެ.

 
17 ވަނަ މާއްދާ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު

ކުއްޖާގެ އިޖްތިމާއީ، ރޫހާނީ އަދި އަހްލާގީ ދުޅަހެޔޮކަމާއި، ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ކުއްޖާގެ ހެދިބޮޑުވުމަށް ބޭނުންވާ، ކުއްޖާގެ އުމުރާގުޅޭ މައުލޫމާތު، ގައުމީ އަދި ބައިނަލްއަގްވާމީ މަސްދަރުތަކުން، ހޯދައި ލިބިގަތުމުގެ ހައްގު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ. 

 
18 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ ކުދިން

(ހ) ނުކުޅެދުންތެރިކަމެއް ހުރި ކޮންމެ ކުއްޖަކަށްމެ، އެކުދިންގެ ގާބިލިއްޔަތު ތަންދޭ މިންވަރަކުން އަދި އެކުދިންގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އަމިއްލައަށް ކަންކަން ނިންމުމުގެ އިހްތިޔާރާއި، މުޖުތަމައުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ލިބި، ފުރިހަމަ އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ނުކުޅެދުންތެރިކަމެއް ހުރި ކޮންމެ ކުއްޖަކަށްމެ، އާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ހާއްސަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ހައްގު ލިބިގެންވެއެވެ.

(ނ) ކުޑަކުއްޖެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ، އެކުއްޖެއްގެ މައިންބަފައިންނާ އެކުއްޖާ ވަކިކުރުމަށް ސައްހަ ސަބަބެއް ނޫނެވެ. އަދި ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާ ހާލަތުގައި މެނުވީ، ކުއްޖެއްގެ މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީވެސް އެކުއްޖެއްގެ މައިންބަފައިންނާ އެކުއްޖާ ވަކިކުރުމަށް ސައްހަ ސަބަބެއްނޫނެވެ.

 
19 ވަނަ މާއްދާ - ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ހައްގާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގެ ހައްގު

(ހ) ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމަށް ބޭނުންވާ ސިއްހީ ފަރުވާއާއި ހިދުމަތް، ލިބެންހުރި އެންމެ މަތީ ފެންވަރަކުން ލިބުމުގެ ހައްގާއި، ބަލިވުމުން، އެ ބައްޔަކަށް ފަރުވާ ހޯދޭނެ ވަސީލަތްތައް ލިބުމުގެ ހައްގު ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ހައްގާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގެ ހައްގުގެ ތެރޭގައި، އެކަށީގެންވާ ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމާއި، ބަލިތަކުން ދުރުވެތިބުމަށް ބޭނުންވާނެ މައުލޫމާތާއި، ވަސީލަތްތަކާއި ހިދުމަތްތައް ކުއްޖާގެ އުމުރާ އެކަށީގެންވާ ގޮތެއްގައި ލިބުމާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާއަށާއި އެކުއްޖާގެ މައިމީހާއަށް ލިބެންވާ ދަރިމައިވުމާގުޅޭ ސިއްހީ ފަރުވާއާއި އެނޫންވެސް ސިއްހީ ފަރުވާ ލިބުމުގެ ހައްގު ހިމެނެއެވެ. އަދި ކުއްޖާގެ ސިއްހަތަށް ގެއްލުންލިބިދާނެ ސަގާފީ އާދަކާދަތަކާއި އަމަލުތަކުން ރައްކާތެރިވެތިބުމުގެ ހައްގުވެސް ހިމެނިގެންވެއެވެ.

(ނ) ކޮންމެ ކުއްޖަކަށް މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ ވިހެއުމަށްފަހު ބޭނުންވާ ސިއްހީ ފަރުވާއާއި ހިދުމަތްތައް ލިބިދިނުމާއި، އެފަދަ ހިދުމަތްތަކަށް ވާސިލުވެވޭނެ މަގުފަހިކޮށްދިނުމަކީ، އެކުއްޖާގެ މައިންބަފައިންނާއި ދައުލަތުގެ ޒިންމާއެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ސިއްހީ ފަރުވާއާއި ހިދުމަތްތައް ލިބިދިނުމުގައި، ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެ ވެކްސިން ޖެހުމަށް އިއުތިރާޟްކުރުމުގެ ހައްގު މައިންބަފައިންނަށް ލިބިގެނެއްނުވެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ސިއްހީ ފަރުވާއާއި ހިދުމަތްތައް ގާއިމުކޮށް، އެކަންކަމަށް ވާސިލުވެވޭނެ މަގުފަހިކޮށްދިނުމާއި، އެފަދަ ހިދުމަތްތަކަށް ވާސިލުވުމުން މަހްރޫމުވެފައިވާ ކުއްޖަކު ނެތްކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.

 
20 ވަނަ މާއްދާ - ދިރިއުޅުމުގެ ފެންވަރާއި އިޖްތިމާއީ ރައްކާތެރިކަން

(ހ) ކޮންމެ ކުއްޖެއްވެސް ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުންނާއި، ރޫހާނީގޮތުންނާއި، އަހްލާގީގޮތުންނާއި، އިޖްތިމާއީގޮތުން ކުރިއެރުމަށްޓަކައި، އެކުއްޖެއްގެ ދިރިއުޅުމުގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށް ކުއްޖާއަށް ބޭނުންވާ ކާނާއާއި ސާފު ފެން ލިބިދިނުމާއި، އެކަށީގެންވާ ނަރުދަމާ ނިޒާމެއްގެ ހިދުމަތް ލިބިދިނުމާއި، އެކަށީގެންވާ ފޭރާމާއި ބޯހިޔާވަހިކަން ލިބުމާއި، ސާފު އަދި ސިއްހަތަށް ރަނގަޅު ވެއްޓެއްގައި ހެދިބޮޑުވުމުގެ ހައްގު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.

(ނ) ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ދިރިއުޅުމުގެ ހަމަތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ވާޖިބު، އެމީހުންގެ ގާބިލިއްޔަތާއި މާލީ ހާލަތު ތަންދިން މިންވަރަކުން އަދާކުރާނީ ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެ ބެލެނިވެރިކަން އެއިރެއްގައި ހަވާލުކުރެވިފައިވާ ފަރާތަކުންނެވެ.

(ރ) އިޖްތިމާއީ ރައްކާތެރިކަން ބޭނުންވެފައިވާ ކުދިންނަށާއި އެކުދިންގެ މައިންބަފައިންނަށް އެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކުން، ދައުލަތުގެ ޒިންމާއެކެވެ.


21 ވަނަ މާއްދާ - އުނގެނުމުގެ ހައްގު

(ހ) ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި އުނގެނުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ދިވެހިރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންގެ ފަށާ ތައުލީމާއި މެދުމަދުރަސީ ތައުލީމާއި ތަރުބިއްޔަތާބެހޭ ކަންކަން އުނގަންނައިދިނުމަކީ އެކުދިންގެ މައިންބަފައިންނަށާއި ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ.

(ނ) އިސްލާމީ އަގީދާއާއި އުސޫލުތަކާއި އިސްލާމީ ތަރުބިއްޔަތާއި، އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއި، އާންމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަމާއި، ދީމިގްރާތީ ހަމަތައް އުނގަންނައިދޭ، އަދި އެކަންކަމަށް ބާރުއަޅާ ތައުލީމީ ނިޒާމެއް މެދުވެރިކޮށް ކޮންމެ ކުއްޖަކަށްވެސް އުނގެނެވޭނެގޮތް ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.

(ރ) ކުޑަކުދިން ކުޅިވަރުކުޅެ މުނިފޫހިފިލުވުމަށް ނުކުމެ އުޅެވޭނެ ތަންތަން، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަންހުރި މިންވަރަކުން އެކަށީގެންވާ ރައްކާތެރި އަދި ރަނގަޅު ފެންވަރެއްގައި ދައުލަތުން ގާއިމުކޮށްދޭންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާފަދަ ތައުލީމީ ނިޒާމެއް ގާއިމުކޮށް، އެކަންކަމަށް ވާސިލުވެވޭނެ މަގުފަހިކޮށްދިނުމާއި، ފަށާ ތައުލީމާއި، މެދުމަދަރުސީ ތައުލީމު ހާސިލުކުރުމުން މަހްރޫމުވެފައިވާ ކުއްޖަކު ނެތްކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.

(ޅ) ސްކޫލަށް ނުދާ އަދި ނުފޮނުވާ ކުދިން ދެނެގަނެ، އެ ކުދިން ސްކޫލަށް ގެންދާނެ ނިޒާމެއް އެކުލަވާލުމަކީ ދައުލަތުގެ ޒިންމާއެކެވެ.

 
22 ވަނަ މާއްދާ - މުދާ ހޯދައި މުދަލުން މުއާމަލާތުކުރުމުގެ ހައްގު

(ހ) ކޮންމެ ކުއްޖަކަށްމެ، ގާނޫނުގައިވާ ގޮތުގެމަތިން މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، މުދަލުން މުއާމަލާތުކުރުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ކުޑަކުދިންގެ ނަމުގައި ހުރި މުދަލާއި އެކުދިންނަށް ވާރުތަ ނުވަތަ ތަރިކައިގެ ތެރެއިން ލިބޭނެ މުދާ އެކުދިންނަށް 18 (އަށާރަ) އަހަރު ވުމުގެ ކުރިން އެކުދިންގެ ބޭނުންތަކަށް ބޭނުންކުރުމާއި، ވިއްކާލުމާއި، ބަދަލުކުރުމާބެހޭ އުސޫލުތައް ބަޔާންކުރަންވާނެއެވެ.

 

 
23 ވަނަ މާއްދާ - އަރާމުކުރުމާއި، މުނިފޫހިފިލުވުމާއި، ސަގާފީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު

(ހ) ކޮންމެ ކުއްޖަކަށްމެ އަރާމުކުރުމާއި، އެކުއްޖާގެ އުމުރާގުޅޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި، ސަގާފީ ކަންކަމާއި، ފަންނުވެރި ކަންކަމުގައި ބައިވެރިވުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ސަގާފީ އަދި ފަންނުވެރި ކަންކަމުގައި ކުއްޖާ ބައިވެރިވުމަށް ލިބިފައިވާ ހައްގަށް އިހްތިރާމްކޮށް، އެކަންކަމަށް ހިތްވަރުދީ، ކުދިންނަށް ސަގާފީ ކަންކަމާއި، ފަންނުވެރި ކަންކަމާއި، މުނިފޫހިފިލުވުމާއި، ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް، ކުއްޖާގެ މައިންބަފައިންނާއި ދައުލަތުން އަޅަމުން ގެންދަންވާނެއެވެ.

(ނ) ކޮންމެ ކުއްޖަކަށްމެ ބައިވެރިވުމުގެ ފުރުސަތު ލިބޭ ގޮތަށް، އެކުދިން ހުސް ވަގުތުތަކުގައި ކުޅޭނެ ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ބޭނުންވާ ވަސީލަތްތައް، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަންހުރި މިންވަރަކުން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަންހުރި މިންވަރަކުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ފޯރުކޮށްދޭންވާނެއެވެ.

 
24 ވަނަ މާއްދާ - މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި އާއިލާއާ ބައްދަލުކުރުމުގެ ހައްގު

(ހ) ކުއްޖާގެ މަސްލަހަތަށް ނޭދެވޭ އަސަރެއް ކޮށްފާނެ ހާލަތެއްގައި މެނުވީ، ކުއްޖާގެ މަންމަ ނުވަތަ ބައްޕައާ ވަކިން ދިރިއުޅޭ ހާލަތުގައި، ކުއްޖާއާ ވަކިން ދިރިއުޅޭ ފަރާތާ ގަވާއިދުން ބައްދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ހައްގު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.

(ށ) ކުއްޖާގެ މަސްލަހަތަށް ނޭދެވޭ އަސަރެއް ކޮށްފާނެ ހާލަތެއްގައި މެނުވީ، ކުއްޖާއާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ހައްގު ކުއްޖާގެ ގާތްތިމާގެ މީހުންނަށާއި، ކުއްޖާއާ އާއިލީގޮތުން ގާތް ގުޅުމެއް އޮންނަ ފަރާތްތަކަށް ލިބިގެންވެއެވެ.

 
25 ވަނަ މާއްދާ - ކުޑަކުދިންގެ ކާވެނިކޮށް ނުދިނުން

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކުޑަކުދިންނަކީ، ސިއްހީގޮތުންނާއި ނަފްސާނީގޮތުން ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެފައިވާ ބައެއް ކަމުގައިނުވާތީއާއި، އެކުދިންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއްކަމުގައި ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީ، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދިންނަށް ކާވެނި އަގުދުކޮށްދީގެންނުވާނެއެވެ.

 
26 ވަނަ މާއްދާ - ކުޑަކުދިން ލައްވާ މަސައްކަތްނުކުރުވުން

(ހ) ކުއްޖާއަށް ތައުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ސިއްހަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫހާނީ ނުވަތަ އިޖްތިމާއީ ތަރައްގީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވަފާނެ ފަދަ މަސައްކަތްތަކުން ރައްކާތެރިކަން ލިބުމުގެ ހައްގު ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.

(ށ) އުމުރުން 16 (ސޯޅަ) އަހަރު ނުފުރޭ ކުއްޖަކު، އެކުއްޖެއްގެ ތައުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީން ދިނުމަށް މެނުވީ، ވަޒީފާއެއްގައި ނުވަތަ މަސައްކަތެއް ކުރުމަށް ގެންގުޅުމަކީ މަނާކަމެކެވެ.

(ނ) ގާނޫނު ހުއްދަކުރާ ހާލަތުގައި، އުމުރުން 16 (ސޯޅަ) އަހަރު ނުފުރޭ ކުއްޖަކު އެކުއްޖެއްގެ ރުހުމާއެކު އާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ބައިވެރިވުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެންއޮތްނަމަވެސް، އާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ކުއްޖާ ބައިވެރިކުރުމަށް ހުއްދަވާނީ، އެ މަސައްކަތަކީ، ކުއްޖާއަށް ތައުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ސިއްހަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫހާނީ ނުވަތަ އިޖްތިމާއީ ތަރައްގީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވަފާނެ ފަދަ މަސައްކަތެއް ކަމުގައިނުވާނަމައެވެ.

(ބ) ތަމްރީން ދިނުމަށާއި އާއިލާއިން ކުރާ މަސައްކަތްތަކުގައި ކުދިން ބައިވެރިކުރުމާބެހޭ އުސޫލުތަކާއި، ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތަކުގެ ތަފްސީލު ލިސްޓަކާއި، ތަމްރީން ދިނުމަށާއި އާއިލާއިން ކުރާ މަސައްކަތްތަކުގައި ބައިވެރިކުރުވާ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ހިފަހައްޓަންޖެހޭ މިންގަނޑުތަކާބެހޭ ގަވާއިދުތައް   މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، އެ ކަންކަން ހިނގާގޮތް، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ލޭބަރ ރިލޭށަންސް އޮތޯރިޓީން މޮނިޓަރކުރަމުން ގެންދަންވާނެއެވެ.

 
27 ވަނަ މާއްދާ - ބަނގުރަލާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމުން ރައްކާތެރިވުމުގެ ހައްގު

(ހ) ބަނގުރާ ބުއިމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ އަމަލުތަކުން ރައްކާތެރިވުމުގެ ހައްގު ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.

(ށ) ބަނގުރާ ބުއިމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ށިކާރަތަކުން ރައްކާތެރިކޮށްދިނުމަށް ގާނޫނީގޮތުންނާއި، އިދާރީގޮތުންނާއި، އިޖްތިމާއީގޮތުންނާއި އަދި ތައުލީމު އުނގަންނައިދިނުމުގެ ތެރެއިން އެޅެންހުރި ފިޔަވަޅުތަކާއި، އެފަދަ ތަކެތި ނަހަމަގޮތުގައި އުފެއްދުމާއި، ވިއްކުމާއި، އެތަކެތި ޓްރެފިކްކުރުމުގައި ކުޑަކުދިން ބޭނުންކުރާ ކުރުމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް ދައުލަތުން އަޅަމުން ގެންދަންވާނެއެވެ.

(ނ) މަސްތުވާތަކެއްޗާއި ބަނގުރަލުގެ ށިކާރައަކަށްވެ، އެތަކެއްޗަށް ދެވިހިފާފައި ތިބޭ ކުދިންނަށް ފަރުވާދެވޭނެ ވަސީލަތްތައް، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަންހުރި މިންވަރަކުން ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.

 
28 ވަނަ މާއްދާ - ހެކިބަސް ހޯދުން

އެއްވެސް މައްސަލައެއްގައި، ކުޑަކުއްޖެއްގެ ފަރާތުން ހެކިބަހެއް ހޯދައިފިނަމަ، މި ގާނޫނުގެ ދަށުން އެކުއްޖާއަށް ރައްކާތެރިކަމާއި ހިމާޔަތް ލިބެންވާނެއެވެ.

 
29 ވަނަ މާއްދާ - ޖިނާއީ މަސްއޫލިއްޔަތު އުފުލުން

(ހ) ކުޑަކުދިންނަކީ، ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ބޮޑެތި މީހުންނެކޭ އެއްފަދައިން ހެދިބޮޑުވެފައިވާ ބައެއް ކަމުގައިނުވާތީއާއި، އެކުދިންނަކީ ދައުލަތުގެ ފަރާތުންނާއި އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީ، އެކަމަށް ރިއާޔަތްކުރުމާއެކު، އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންނަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުދިން ކަމުގައެއް ނުބެލެވޭނެއެވެ.

(ށ) ކުޑަކުއްޖަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުމުރުގެ ނުވަތަ އެއަށްވުރެ މަތީ އުމުރެއްގެ ކުއްޖެއް ކަމުގައިވީނަމަވެސް، ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށާއި، ވަށައިގެންވާ ހާލަތްތަކަށް ރިއާޔަތްކުރުމަކާ ނުލައި، ހަމައެކަނި ކުއްޖާގެ އުމުރަށް ބަލައި، ވަކި އުމުރެއް ފުރިހަމަވެފައިވާ ކުއްޖަކީ، ކުށް ކުރުމަށް ތަސައްރަފު ފުދިފައިވާ ކުއްޖެއް ކަމުގައި ބަލައިގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުމުރަށްވުރެ ހަގު ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހުނު ކަމުގައިވީނަމަވެސް، ކުޑަކުދިންނަށް ހާއްސަކުރެވިގެން ގާއިމުކުރެވޭ ނިޒާމެއްގެ ދަށުން، ގާނޫނާ ހިލާފު އަމަލުތައް ކުރާ ކުޑަކުދިންނާމެދު އަމަލުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ރ) ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަސައްރަފު ފުދިފައިވާ ބައެއް ކަމުގައިނުވާތީއާއި، އެކުދިންނަކީ ދައުލަތުގެ ފަރާތުންނާއި އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީ، އެއްވެސް ކުއްޖަކަށް، މަރުގެ އަދަބު ދީގެންނުވާނެއެވެ. އަދި އުމުރުން 18 (އަށާރަ) އަހަރުވުމަށްފަހުގައިވެސް އުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބުދީގެންނުވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް، ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި، އެކުއްޖެއްގެ މައްޗަށް ކޮށްފައިވާ ހުކުމް، އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރުބައިކުޅަތިންބަޔަށްވުރެ ބޮޑު ނޫން އަދަބަކަށް ބަދަލުކުރަންވާނެއެވެ.

(ޅ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން އެއްވެސް ފަރާތަކާމެދު ފިޔަވަޅު އެޅުމުގައި އެފަރާތަކީ ކުޑަކުއްޖެއްކަން ނުވަތަ އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހެއްކަން ޔަގީންނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އެއީ ކުޑަކުއްޖެއް ކަމުގައި ބަލައި، މި ގާނޫނުން ލިބިދޭ މަންފާ އެފަރާތަކަށް ލިބިދޭންވާނެއެވެ.

 
30 ވަނަ މާއްދާ - ރަހުމްކުޑަ، ލާއިންސާނީ އަދަބު ނުދިނުމާއި އަނިޔާނުކުރުން

އެއްވެސް ކުއްޖަކަށް، އެކުއްޖާ ދިރިއުޅެމުންގެންދާ ގޭތެރޭގައިވެސް ނުވަތަ ތައުލީމްދޭ މަރުކަޒެއްގައިވެސް ނުވަތަ ކުއްޖާ ބަލަހައްޓާ މަރުކަޒެއްގައިވެސް ނުވަތަ އެކުއްޖާ ދިރިއުޅޭ އެނޫންވެސް މާހައުލެއްގައި، ރަހުމްކުޑަ، ލާއިންސާނީ، ނުވަތަ ކުއްޖާ ލަދުގަންނާނެ ފަދަ އަދަބެއް ދީގެންނުވާނެއެވެ. ނުވަތަ އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްގެން ނުވާނެއެވެ.

 
31 ވަނަ މާއްދާ - އަނިޔާކުރުމާއި ގޯނާކުރުމާއި އިހުމާލުވުމުގެ ށިކާރައަކަށްވާ ކުދިންނަށް ފަރުވާ ލިބިދިނުން

(ހ) އަނިޔާކުރުމާއި ގޯނާކުރުމާއި އިހުމާލުވުމުގެ ށިކާރައަކަށްވާ ކުދިން އަނބުރާ މުޖުތަމައާ ގުޅުމަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ފަރުވާ ލިބުމުގެ ހައްގު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރުވާ ކުޑަކުދިންނަށް ލިބިދެވޭނެ ވަސީލަތްތަކާއި އިންތިޒާމުތައް ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.

 
32 ވަނަ މާއްދާ - ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ ހައްޔަރުނުކުރުމާއި ބަންދުނުކުރުން

ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، އަދި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި މެނުވީ، ކުޑަކުއްޖަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެންނުވާނެއެވެ. އަދި އެފަދައިން އެކުއްޖަކު ހައްޔަރު ނުވަތަ ބަންދުކުރަންވާނީ، އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށް ކަމުގައިވުމުގެ އިތުރަށް، ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ދައުވާއެއް ސާބިތުވެގެން އެކުއްޖާ ބަންދުގައި ބެހެއްޓުމަށް ކުރެވޭ ހުކުމަކީ، ގަވާއިދުން މުރާޖައާކުރެވޭ ނިންމުމަކަށް ވާންވާނެއެވެ. އަދި ބަންދުކުރުމަށް ފަހުގައިވެސް، އެކުއްޖާ އަނބުރާ މުޖުތަމައަށް ރުޖޫއަކުރުމަށް އަމާޒުކޮށްގެން ދެވޭ ފަރުވާއާއި ހިދުމަތްތައް ކުއްޖާއަށް ފޯރުކޮށްދެމުންގެންދަންވާނެއެވެ.

 
33 ވަނަ މާއްދާ - ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމުނުކުރުން

(ހ) ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެންނުވާނެއެވެ

(ށ) ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ށިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ށާއިއުކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުއްޖާގެ މަސްލަހަތަށްޓަކައި، ހުއްދަކުރެވިގެންވާ ހާލަތްތަކެއްގައި އަދި ލިޔުމުން ރެކޯޑުކުރެވޭ ސަބަބުތަކަށްޓަކައި، ށަރުއީ ކޯޓަކުން ނުވަތަ ޗިލްޑްރެންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރެއް އާންމުކުރެވިދާނެއެވެ.

 
34 ވަނަ މާއްދާ - ހައްގުތައް ކަށަވަރުކޮށްދިނުން

(ހ) މި ބާބުގައި ބަޔާންކުރާ ހައްގުތައް ކުއްޖާއަށް ލިބިދިނުމުގައި މި ގާނޫނު ކިޔަންވާނީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަށެވެ.

(ށ) ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް، އެ އިދާރާއެއްގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މަސައްކަތްތައް ކުރާ އެންމެހައި މުވައްޒަފުންނަކީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާވާނެ ގޮތަށް މަސައްކަތްކުރާ ނުވަތަ ކުއްޖާގެ މަސްލަހަތަށް އިސްކަންދޭ މުވައްޒަފުންކަން ކަށަވަރުކުރަންވާނެއެވެ. އަދި އެކަމަށް އެކަށީގެންވާ ތަމްރީން ލިބިފައިވާ ބައެއްކަން ކަށަވަރުކުރަންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ކުޑަކުދިންނަށް ލިބިދޭ ހައްގުތައް އެހެން ގާނޫނަކުން މާ ފުޅާ ދާއިރާއެއްގައި ލިބިދެވޭނަމަ، އެ ގާނޫނެއްގެ މަންފާ އެކުދިންނަށް ލިބިދިނުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ރ) މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ހައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް ކުއްޖެއްގެ ކިބައިން ނިގުޅައިގެންފިނަމަ، ނުވަތަ ގާނޫނާ ހިލާފަށް ހިފަހައްޓައިފިނަމަ، އެކަމަށް އިންސާފުވެރި ހައްލެއް ހޯދުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށާއި ށަރުއީ ކޯޓުތަކަށް ހުށަހެޅުމުގެ ހައްގު، ކުއްޖާއަށް ނުވަތަ ކުއްޖާގެ ބެލެނިވެރިންނަށް ލިބިގެންވެއެވެ.

 
35 ވަނަ މާއްދާ - އެހެން ހައްގުތައް ލިބިދިނުން

މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކުގެ އިތުރުން، ގާނޫނުއަސާސީގެ ދެވަނަ ބާބުގައާއި އެހެން ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތައް، ގާނޫނުއަސާސީގައި ނުވަތަ އެ ގާނޫނުތަކުގައި ކަނޑައެޅިފައިވާ ދާއިރާގެ ތެރޭގައި ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.

 
ތިންވަނަ ބާބު

ކުޑަކުދިންގެ ޒިންމާ

 
36 ވަނަ މާއްދާ - ކުއްޖާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

ކޮންމެ ކުއްޖަކަށްމެ މި ގާނޫނުންނާއި ގާނޫނުއަސާސީން ހައްގުތަކެއް ކަށަވަރުކޮށްދޭ ހިނދު، އެ ހައްގުތަކާ އެކުއެކީގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް އޮންނާނެއެވެ. އަދި އެ ހައްގުތަކާއި މަސްއޫލިއްޔަތުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް ކަމުގައިވާ ހިނދު، އަންނަނިވި ކަންކަން ކުރުމަކީ، ކުއްޖާގެ އުމުރާއި ގާބިލިއްޔަތު ތަންދޭ މިންވަރަކުން، މި ގާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރެއިން ކޮންމެ ކުއްޖެއްގެ މައްޗަށްވެސް އޮތް މަސްއޫލިއްޔަތެކެވެ.

(ހ) މައިންބަފައިންނާއި އާއިލާއާއި އުނގަންނައިދޭ ފަރާތްތަކުގެ އިރުށާދާ އެއްގޮތްވާ ގޮތުގެމަތިން އަހްލާގާއި ދިރިއުޅުން ބައްޓަންކުރުން؛

(ށ) ތައުލީމާއި ތަމްރީން ހޯދުމަށް އެންމެ އިސްކަންދީގެން ދިރިއުޅުން ހެޔޮގޮތުގައި ބައްޓަންކުރުން؛

(ނ) ދިވެހި ކޮންމެ ކުއްޖަކުމެ، އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތާ އެއްގޮތްވާ ގޮތުގެމަތިން ދިރިއުޅުން ބައްޓަންކުރުން؛

(ރ) އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް އިހްތިރާމްކުރުން؛

(ބ) ކުށްކުރުމާއި ނޭދެވޭ އަމަލުތައް ކުރުމުން ދުރުހެލިވުން؛

(ޅ) އާންމު ދިރިއުޅުމުގައި ހެޔޮ ނަތީޖާ ނިކުންނާނެ ގޮތަށް ކަންކަން ނިންމުމަށް އަބަދުމެ މަސައްކަތްކުރުން؛

(ކ) ކޮންމެ ކުއްޖަކަށް ލިބިގެންވާ ޖިސްމާނީ އަދި ފިކުރީ ގާބިލުކަން މުޖުތަމައަށް އަދި ގައުމަށް ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރުން؛

(އ) ގާނޫނުއަސާސީގެ 67 ވަނަ މާއްދާގެ ދަށުން، ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ފަރުދީ ޒިންމާ އަދާކުރުން.

 
ހަތަރުވަނަ ބާބު

މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާ

 
37 ވަނަ މާއްދާ - މައިންބަފައިންނާއި ބެލެނިވެރިން ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުން

ކުއްޖާގެ މައިންބަފައިންނާއި ބެލެނިވެރިން ކުއްޖާއާގުޅޭ އެންމެހައި ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ ކުއްޖާގެ މަސްލަހަތަށެވެ.

 
38 ވަނަ މާއްދާ - ކުއްޖާގެ ބަދަލުވަމުންދާ ގާބިލިއްޔަތަށް ރިއާޔަތްކުރުން

(ހ) ކުއްޖާގެ މައިންބަފައިންނާއި ބެލެނިވެރިން ކުއްޖާއާގުޅޭ އެންމެހައި ކަންކަން ނިންމުމުގައި، އެކުއްޖާގެ ބަދަލުވަމުންދާ ގާބިލިއްޔަތަށް ރިއާޔަތްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުއްޖާގެ ބަދަލުވަމުންދާ ގާބިލިއްޔަތަށް ރިއާޔަތްކުރުން ކަމަށް ބުނެފައި އެވަނީ، ކުއްޖާ ހެދިބޮޑުވެ، ތަސައްރަފު ފުދެމުންއަންނައިރު، ކުއްޖާއަށް ކަންކަން ދަސްވަމުންދާ މިންވަރަށާއި، ކުއްޖާއަށް އިލްމު ލިބެމުންދާ މިންވަރަށާއި، ކުއްޖާއަށް ކަންކަން ފަހުމްވާ މިންވަރަށް ރިއާޔަތްކޮށް، ކުއްޖާއާގުޅޭ ކަންކަން ނިންމުމަށެވެ. އަދި ކޮންމެ ކުއްޖެއްވެސް ހެދިބޮޑުވެ ތަސައްރަފު ފުދެމުން އަންނައިރު، އެކުއްޖާގެ ގާބިލިއްޔަތުވެސް ތަރައްގީވަމުންދާނެ ކަމުގައި ގަބޫލުކޮށް، އެކަމަށް ރިއާޔަތްކުރުމާއެކު، ކުއްޖާއާގުޅޭ ކަންކަން ނިންމުމަށެވެ.

 
39 ވަނަ މާއްދާ - އާންމު ޒިންމާތައް

ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަށް ރިއާޔަތްކޮށް ކުއްޖާ ތަރުބިއްޔަތުކޮށް، ކުއްޖާއަށް އުނގަންނައިދީ، ބަލައިބޮޑުކުރުމަކީ މައިންބަފައިންގެ އަސާސީ ޒިންމާއެކެވެ. ކުއްޖާއަށް އަޅާލުމާއި، ކުއްޖާ ބަލައިބޮޑުކުރުމުގެ ޒިންމާގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ކުއްޖާގެ ހައްގުތައް ރައްކާތެރިކޮށްދީ، ހިމާޔަތްކޮށްދިނުން؛

(ށ) ކުއްޖާ ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާ ކާނާއާއި ބޯހިޔާވަހިކަމާއި ސާފުފެނާއި އެނޫންވެސް ރައްކާތެރިކަން ލިބިދިނުން؛

(ނ) ކުއްޖާއަށް ދޭންޖެހޭ ވެކްސިން ދިނުމާއި، ސިއްހީ ފަރުވާ ލިބިދިނުމާއި، ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި، ކުއްޖާގެ ރައްކާތެރިކަމާއި، ކުއްޖާގެ ތަރައްގީއަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛

(ރ) ވަގުތީގޮތުން މައިންބަފައިން ކުއްޖާއާ ދުރުގައި ހުންނަންޖެހޭ ހާލަތެއްގައި، ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ޒިންމާދާރު ފަރާތަކާ ކުއްޖާ ބެލުން ހަވާލުކުރުން.

 
40 ވަނަ މާއްދާ - އުފަންވުން ރަޖިސްޓަރީކުރުން

(ހ) ކުއްޖަކު އުފަންވުމާއެކު، އެކުއްޖެއްގެ އުފަންވުން ގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަކީ އެކުއްޖެއްގެ މައިންބަފައިންނަށް ލާޒިމުވެގެންވާ ކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުއްޖަކު ރަޖިސްޓަރީކުރުމަށް މައިންބަފައިން އިހުމާލުވެއްޖެނަމަ، އެކުއްޖާގެ މަސްލަހަތު ހިމާޔަތްކުރެވޭނެ އެހެން ފަރާތެއް މެދުވެރިކޮށް ނުވަތަ ސީދާ ދައުލަތުން އެކުއްޖާގެ އުފަންވުން ރަޖިސްޓަރީކުރަންވާނެއެވެ.

(ނ) ކުއްޖެއްގެ އުފަންވުން ގާނޫނުގައިވާ ގޮތުގެމަތިން އެކުއްޖާގެ މައިންބަފައިން ރަޖިސްޓަރީނުކޮށްފިނަމަ، އެކުއްޖާއާމެދު އިހުމާލުވީ ކަމުގައި ބަލައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެކުއްޖާގެ މައިންބަފައިންނާމެދު ފިޔަވަޅު އެޅޭނެއެވެ.

 
41 ވަނަ މާއްދާ - ކުއްޖާ ތަރުބިއްޔަތުކުރުމާއި އުނގަންނައިދިނުން

(ހ) އުނގެނުމުގެ ހައްގު ކުއްޖާއަށް ލިބިދިނުމަށްޓަކައި، ކުއްޖާ ސްކޫލެއްގައި ރަޖިސްޓަރީކުރުމާއި ކުއްޖާ ގަވާއިދުން ސްކޫލަށް ފޮނުވުމަކީ، އަދި ކުއްޖާގެ އުނގެނުމުގެ ހައްގަށް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށް ކުއްޖާއާމެދު އަބަދުމެ އަމަލުކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.

(ށ) ކުއްޖާގެ އަހްލާގު ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި ކުއްޖާގެ ކަންކަން ބަލަހައްޓައި، ކުއްޖާއަށް ނަސޭހަތާއި އިރުށާދުދިނުމުގެ ހައްގު މައިންބަފައިންނަށް ލިބިގެންވީނަމަވެސް، އަހްލާގީ ފިޔަވަޅެއް އެޅުމުގެ ނަމުގައިވިޔަސް ނުވަތަ އެނޫންގޮތަކުންވިޔަސް ކުއްޖާއަށް އެއްވެސް އަނިޔާއެއްކޮށް، ނުވަތަ ކުއްޖާއަށް ރަހުމްކުޑަ، ލާއިންސާނީ އަދަބެއް ދީގެންނުވާނެއެވެ. ނުވަތަ ކުއްޖާއާމެދު އެއްވެސް އިހާނެތި އަމަލެއް ނުވަތަ ކުއްޖާ ލަދުގަންނާނެ ފަދަ އެއްވެސް އަމަލެއް ހިންގައިގެންނުވާނެއެވެ.

(ނ) ކުއްޖާ ބަލައި ބޮޑުކުރުމާއި ތަރުބިއްޔަތުކުރުމުގެ ގޮތުން މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން މައިންބަފައިން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުގެންދާނަމަ، އެކަން އިސްލާހުކުރުމަށްޓަކައި، ކުއްޖާގެ މައިންބަފައިންނާމެދު ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.

 
42 ވަނަ މާއްދާ - ކުއްޖާގެ ފަރާތުން ގާނޫނުގެ ކުރިމައްޗަށް ހާޒިރުވުމުގެ ހައްގު

ކުއްޖާގެ އެންމެހައި ޒިންމާއެއް އުފުލުމުގެ، އަދި ކުއްޖާގެ ފަރާތުން ގާނޫނުގެ ކުރިމައްޗަށް ހާޒިރުވުމުގެ ފުރިހަމަ ހައްގު އެކުއްޖާގެ މަންމައާއި ބައްޕައަށް ނުވަތަ އެކުއްޖާގެ ބެލެނިވެރިންނަށް ލިބިގެންވެއެވެ.

 
43 ވަނަ މާއްދާ - ހަރަދު ދިނުން

(ހ) ގާނޫނުގައިވާ ގޮތުގެމަތިން، ކުއްޖާގެ ހަރަދުތައް ބެލެހެއްޓުމަކީ މައިންބަފައިންގެ އަސާސީ ޒިންމާއެކެވެ.

(ށ) މައިންބަފައިން ދުނިޔޭގައި ތިބެ، ކުއްޖާ ބަލަހައްޓަމުން ގެންދަނީ ދައުލަތުން ނުވަތަ މި ގާނޫނުގެ ދަށުން ކަނޑައެޅޭ އެހެން ފަރާތަކުންނަމަ، ކުއްޖާގެ މައިންބަފައިން ކުއްޖާގެ ހަރަދު އެފަރާތަކާ ހަވާލުކުރަންވާނެއެވެ.

(ނ) މައިންބަފައިން، އެމީހުންގެ ދަރިންނަށް ދޭންޖެހޭ ހަރަދު ދިނުމުގައި އިހުމާލުވެއްޖެނަމަ، އެމީހުން ޒިންމާދާރުކުރުވުމަކީ، ދައުލަތުގެ ވާޖިބެކެވެ. އަދި ދަރިންނަށް ހަރަދުދިނުމަށް މައިންބަފައިން ނުކުޅެދޭނަމަ، އެފަދަ ކުދިންނަށް އެކަށީގެންވާ ދިރިއުޅުމެއް އުޅެވޭނެގޮތް ހަމަޖައްސައިދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.


44 ވަނަ މާއްދާ - ކުއްޖާ އެހެން ފަރާތަކަށް ދޭ ގެއްލުމަށް ޒިންމާވުން

(ހ) ކުއްޖާ އެހެން ފަރާތަކަށް ދޭ ގެއްލުމެއް ނުވަތަ އަނިޔާއަކަށް ކުއްޖާގެ އިތުރުން ކުއްޖާގެ މައިންބަފައިން ޒިންމާވާންވާނެވެ. ނުވަތަ ކުއްޖާ ބަލަހައްޓަމުންދަނީ ކުއްޖާގެ މައިންބަފައިން ފިޔަވައި އެހެން ފަރާތަކުންނަމަ، އެފަރާތަކުންވެސް ޒިންމާވާންވާނެއެވެ.

(ށ) ކުއްޖާގެ ފަރާތުން ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން އިންކާރުކުރާނަމަ، އެ ބަދަލެއް އެފަރާތެއްގެ ކިބައިން ނަގައިދިނުމަށް އެދި ގެއްލުން ލިބުނު ފަރާތުން ކޯޓުގައި ދައުވާކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 
45 ވަނަ މާއްދާ - ކުއްޖާ ބަލަހައްޓާ ފަރާތުގެ ޒިންމާ

(ހ) ކުއްޖާ ބަލަހައްޓަނީ ކުއްޖާގެ މައިންބަފައިން ފިޔަވައި އެހެން ފަރާތަކުންނަމަ، މި ގާނޫނުގެ ދަށުން ކުއްޖާގެ މައިންބަފައިންނަށް މަތިކޮށްފައިވާ އެންމެހައި ޒިންމާއާއި މަސްއޫލިއްޔަތުތައް އެ ފަރާތެއްގެ މައްޗަށް ހިނގާނެއެވެ.
 
 
(ށ) ކުއްޖާ ބަލަހައްޓާ މީހަކަށް ނުވަތަ ފަރާތަކަށް، ކުއްޖާގެ މަންފާއަށް ނުވަތަ ކުއްޖާގެ ރައްކާތެރިކަމަށް ކުރަންޖެހޭ އެންމެހައި ކަންކަން، މި ގާނޫނުގައިވާ ގޮތުގެމަތިން ކުރުމުގެ ބާރާއި އިހްތިޔާރު ލިބިގެންވެއެވެ.

 
ފަސްވަނަ ބާބު

ދައުލަތުގެ ޒިންމާ

 
46 ވަނަ މާއްދާ - ހައްގުތައް ހޯދައިދިނުމުގައި ދައުލަތުގެ އާންމު ޒިންމާ

(ހ) މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ހައްގުތައް ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމަށްޓަކައި ގާނޫނީގޮތުންނާއި އިދާރީގޮތުންނާއި އެނޫންވެސް ގޮތްގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ދައުލަތުގެ ޒިންމާއެކެވެ.

(ށ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ބައިނަލްއަގްވާމީ މުއާހަދާއާއި އެ މުއާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްތަކާއި އެނޫންވެސް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކޮށް، އެއިން މުއާހަދާއެއްގައި ދިވެހިރާއްޖެއިން އިއުތިރާޟްކޮށްފައިވާ ކަންކަން ފިޔަވައި އެނޫން ކަންކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ދައުލަތުގެ ޒިންމާއެކެވެ.

(ނ) ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކަކީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށްދެވޭ، އަދި އެކުދިންގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތުގެމަތިން އެކުލަވާލެވޭ ގާނޫނުތަކެއްކަން ދައުލަތުން ކަށަވަރުކުރަންވާނެއެވެ.

 
47 ވަނަ މާއްދާ - މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެމީހުން ޒިންމާދާރުކުރުވުން

(ހ) ދަރިން ބަލައިބޮޑުކޮށް ތަރުބިއްޔަތުކުރުމުގައި މައިންބަފައިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.

(ށ) ކުޑަކުދިންނަށް ލިބިދޭންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ނުވަތަ އެކުދިންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މައިންބަފައިން އިހުމާލުވެއްޖެނަމަ، އެކުދިންގެ މައިންބަފައިން ޒިންމާދާރުކުރުވައި، އެކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.

 
48 ވަނަ މާއްދާ - ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކާގުޅޭ

ކުޑަކުދިންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ހިދުމަތެއް ޕްރައިވަޓައިޒްކުރާނަމަ، އެފަދަ ފަރާތްތަކުން ހިދުމަތް ފޯރުކޮށްދެނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުމަށްޓަކައި، އެފަދަ ތަންތަން މޮނިޓަރކޮށް، ޖަވާބުދާރީކުރުވޭނެ ނިޒާމެއް ދައުލަތުން ހަމަޖައްސަންވާނެއެވެ.

 
49 ވަނަ މާއްދާ - ކުޑަކުދިންނާގުޅޭ ކަންކަން ނިންމުމުގައި ކުޑަކުދިންގެ ބައިވެރިވުން ހޯދުން

ދައުލަތުގެ ފަރާތުން ކުޑަކުދިންނާގުޅޭ ކަންކަން ނިންމުމުގައި، ވީވަރަކުން ކުޑަކުދިން ބައިވެރިކޮށް، އެކުދިންގެ ހިޔާލު ހޯދޭނެ ނިޒާމެއް ދައުލަތުން ގާއިމުކުރަންވާނެއެވެ.

 
50 ވަނަ މާއްދާ - މައުލޫމާތު އާންމުކުރުން

މި ގާނޫނުގެ ދަށުން ކުޑަކުދިންނަށް ލިބިދޭ ހައްގުތަކާއި، އެކުދިންގެ މަސްއޫލިއްޔަތުތަކާއި، ބެލެނިވެރިންނާއި އެހެން ފަރާތްތަކުގެ ޒިންމާތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތައް ހޭލުންތެރިކުމަށްޓަކައި މައުލޫމާތު އާންމުކުރުމާއި، އެކަންކަމާ ގުޅޭގޮތުން މުޖުތަމައާއި ކުޑަކުދިން ހޭލުންތެރިކުރުމަށްޓަކައި ދައުލަތުން ޕްރޮގްރާމްތައް ހިންގަންވާނެއެވެ.

 
ހަވަނަ ބާބު

އެހެނިހެން ފަރާތްތަކުގެ ޒިންމާ

 
51 ވަނަ މާއްދާ - އާއިލާއާއި މުޖުތަމައުގެ ޒިންމާ

(ހ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ހިމާޔަތްކޮށްދިނުމާ ގުޅޭގޮތުން   މި ގާނޫނުން އަންނަނިވި ޒިންމާތައް، އާއިލާއާއި މުޖުތަމައަށް މަތިކުރެއެވެ.

  1. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުން؛
  2. ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމާއި، ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުން؛
  3. އަޅާލުމާއި ރައްކާތެރިކަން ނުލިބޭ ކުދިންނާއި، އަނިޔާއާއި ގޯނާގެ ށިކާރައަކަށްވާ ކުދިންގެ މައްސަލަތައް ރިޕޯޓުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކުގެ އިތުރުން، ކުޑަކުއްޖެއް އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ ކޮންމެ ފަރާތަކުންވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޒިންމާ އަދާކުރުމަށް ލާޒިމުވެގެންވެއެވެ.

 
52 ވަނަ މާއްދާ - އަމިއްލަ ފަރާތްތަކުގެ ޒިންމާ

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާ ގުޅޭގޮތުން މި ގާނޫނުން އަންނަނިވި ޒިންމާތައް، އަމިއްލަ ފަރާތްތަކަށް މަތިކުރެއެވެ.

(ހ) މަސައްކަތުގެ މާހައުލުގައާއި ވިޔަފާރީގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރެވޭނެ އަދި އެކުދިންގެ ހައްގުތަކަށް އިސްކަންދެވޭނެ ސިޔާސަތުތައް ގެންގުޅުން؛

(ށ) ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވެ، އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން؛

(ނ) ކުޑަކުދިންނަށް ވަޒީފާ ދިނުމުގައި މި ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުން.


53 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ކަމެއް ނުކުރުން

ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެފަދަ ކަންކަމަށް ހިތްވަރުދިނުމަކީ މަނާކަމެކެވެ. މިފަދައިން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެކަން ތަހްގީގުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި، އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަމުގައި ށާމިލުވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ އާންމުންނަށް ހިދުމަތެއް ދިނުމުގެ ލައިސެންސެއް ލިބިފައިވާ ފަރާތެއްނަމަ، ލައިސެންސް ހިފެހެއްޓުންފަދަ ފިޔަވަޅުތައް މިނިސްޓަރު އަޅަންވާނެއެވެ.

 

ތިންވަނަ ބައި

ގާނޫނު ހިންގުން

 

ހަތްވަނަ ބާބު

އިސް ޒިންމާ އޮތް ފަރާތް

 
54 ވަނަ މާއްދާ - މިނިސްޓަރުގެ މަސްއޫލިއްޔަތު

(ހ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަމުގެ ތެރެއިން، ވަކި ފަރާތަކާ ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތައް ފިޔަވައި މި ގާނޫނުގައި ބަޔާންވެގެންވާ އެނޫން މަސްއޫލިއްޔަތުތައް ތަންފީޒުކުރުމުގެ އެންމެ އިސް ޒިންމާ އުފުލާނީ މިނިސްޓަރެވެ.

(ށ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާ ގުޅޭގޮތުންނާއި ކުޑަކުދިންނަށް ލިބިދޭންޖެހޭ އަޅާލުމާއި ރައްކާތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ސީދާގޮތުން ބޭނުންވާ އެންމެހައި ބާރުތަކާއި، އެކަންކަން އެންމެ ފުރިހަމަގޮތުގައި ކުރުމަށް މަގުފަހިކޮށްދޭ އެންމެހައި ބާރުތައް،     މި ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިގެންވެއެވެ.

 

އަށްވަނަ ބާބު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލު

 
55 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލު

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.

(ށ) ކައުންސިލަށް މެންބަރުން އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ކައުންސިލު ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

(ރ) ކައުންސިލުގެ އިދާރީ ކަންކަން ހިންގާ ބަލަހައްޓާނީ މިނިސްޓްރީންނެވެ.


56 ވަނަ މާއްދާ - ކައުންސިލު އެކުލެވިގެންވާ ގޮތް

(ހ) ކައުންސިލު އެކުލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

  1. މިނިސްޓްރީން ކަނޑައަޅާ ފަރާތެއް؛ 
  2. ސިއްހަތާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
  3. ތައުލީމާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
  4. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ފަރާތެއް؛
  5. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ފަރާތެއް؛
  6. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތަކުގެ ތެރެއިން ކަނޑައަޅާ ދެ ފަރާތް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކައުންސިލަށް، އެ ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި އަންނަނިވި ފަރާތްތަކުގެ ލަފާ ހޯދިދާނެއެވެ.

  1. ޒުވާނުންނާއި މުޖުތަމައު ބާރުވެރިކުރުވުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
  2. އިސްލާމީ ކަންކަމާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
  3. އެޓަރނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ގާނޫނީ ވަކީލެއް؛
  4. މިނޫންވެސް، ކައުންސިލުން ކަނޑައަޅާ ފަރާތެއް.

 
57 ވަނަ މާއްދާ - ކައުންސިލުގެ ރައީސާއި ނައިބު ރައީސް

(ހ) ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ރައީސާއި ނައިބު ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ބަޔަކު އައްޔަންކުރަންވާނެއެވެ.

(ށ) ކައުންސިލުގެ ރައީސްގެ ޒިންމާތަކަކީ ކައުންސިލުގެ މަސައްކަތްތައް ރާވައި ހިންގުމާއި، ކައުންސިލުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.

(ނ) ކައުންސިލުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތަކީ ކައުންސިލުގެ ރައީސްގެ ޒިންމާތައް އަދާކުރުމުގައި އެހީތެރިވެދިނުމާއި، ކައުންސިލުގެ ރައީސް އޭނާގެ ޒިންމާތައް އަދާކުރުމަށް އުޒުރުވެރިވާ ހާލަތްތަކުގައި އެ ޒިންމާތައް އަދާކުރުމެވެ.

(ރ)
ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، އިސްތިއުފާ ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

(ބ)  ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން އިސްތިއުފާދީފިނަމަ، އެއިން މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރަންވާނެއެވެ.

 
58 ވަނަ މާއްދާ - ކައުންސިލުގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުންނާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓަރަށް ލަފާދިނުން؛

(ށ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުންނާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އެންމެ ބޮޑަށް އިސްކަންދޭންވީ ކަންކަން ފާހަގަކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛

(ނ) ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި، އެ މުއާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްތަކާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެނޫންވެސް މުއާހަދާތައް ދިވެހިރާއްޖޭގައި ތަންފީޒުކުރަމުންދޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުތަކާމެދު މިނިސްޓަރަށް ލަފާދިނުން؛

(ރ) ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛

(ބ) ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމުގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތައް މުރާޖައާކޮށް، އެ ހިދުމަތްތައް އިތުރަށް ތަރައްގީކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛

(ޅ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުންނާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާއި އަމާޒުތައް ހާސިލުކުރެވެމުންދަނީ ކިހާ މިންވަރަކަށްތޯ ބަލައި، ސަރުކާރުގެ އިދާރާތަކުން އެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކުރާ މަސައްކަތްތައް މުރާޖައާކޮށް، މިނިސްޓަރަށް އަންގަމުންދިޔުން؛

(ކ) ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމްއިއްޔާތަކަށް ފައިސާ ދޫކުރާނެ އުސޫލު ދުރާލާ ކަނޑައެޅުމާއި، އެ އުސޫލުގެ ދަށުން ފައިސާ ދޫކުރުމުގައި އިސްކަންދޭނެ ކަންކަން ކަނޑައެޅުން؛

(އ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުންނާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާ ގުޅުން ބަދަހިކޮށް، އެފަދަ ޖަމްއިއްޔާތަކާއެކު ހިންގޭ އެކިއެކި ހަރަކާތްތައް ވިލަރެސްކުރުން؛

(ވ) މި ގާނޫނުގެ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލަންޖެހޭ ސިޔާސަތުތަކާއި، މިންގަނޑުތަކާއި، އިޖުރާއަތުތައް އެކުލަވާލުމުގައި މިނިސްޓަރަށް ލަފާދިނުން.


59 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތައް

ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި، ކައުންސިލު ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ނުވަވަނަ ބާބު

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް

 

 60 ވަނަ މާއްދާ - ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް 

 (ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އެހީތެރިކަމާއި އަޅާލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހާއްސަވެގެން މަސައްކަތްކުރާނެ އިދާރާއެއް، "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް" ގެ ނަމުގައި އުފެދުނީއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ ސަރވިސްއަކީ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެކެވެ.

(ނ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.

 

61 ވަނަ މާއްދާ - ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ މަސްއޫލިއްޔަތުތައް

(ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1.  އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން؛
  2. އެހީތެރިކަން ބޭނުންވެފައިވާ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކޮށް، ކުރިއެރުވުން؛
  3. ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުން؛
  4. ކުޑަކުދިންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން އަންނަނިވި ހިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުން:
    (i) ފެމިލީ ކޮންފަރެންސިންގގެ ހިދުމަތް؛

    (ii) ކައުންސެލިންގ އަދި ސަޕޯޓް ސަރވިސްގެ ހިދުމަތް؛

    (iii) ގާނޫނީ އެހީތެރިކަން؛

    (iv) ރީހެބިލިޓޭށަންގެ ހިދުމަތް.

  5. މަސްތުވާތަކެތީގެ ށިކާރައަކަށްވެފައިވާ ކުދިންނަށް ފަރުވާ ދިނުމާގުޅޭ ކަންކަން، ނޭށަނަލް ޑްރަގް އޭޖެންސީއާ ގުޅިގެން ވިލަރެސްކުރުން؛
  6. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިންނާ ގުޅޭގޮތުން މިނިސްޓަރު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން އަމަލީގޮތުން ކުރުން؛
  7. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ފޮސްޓަރ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުން؛
  8. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނާއި ފޮސްޓަރކުރެވޭ ކުދިންނާ ގުޅޭގޮތުން އެކި ދާއިރާތަކުގެ މެދުގައި އެއްބާރުލުން ގާއިމުކުރުމާއި، އެ އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން؛
  9. ކުޑަކުދިންގެ ތެރެއިން އެހީތެރިކަން ބޭނުންވެފައިވާ ކުދިންގެ ބޭނުންތަކަށް އަމާޒުކޮށްގެން އެކުދިންނަށް ބޭނުންވާ އެހީ ނުވަތަ ހިދުމަތްތައް ފޯރުކޮށްދިނުން؛
  10. އަންނަނިވި ކަންކަމާގުޅޭ މައުލޫމާތު ދަފްތަރުކޮށް ބެލެހެއްޓުން:

    (i) ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ ކުދިންގެ މައުލޫމާތު؛

    (ii) ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ މައުލޫމާތު؛

    (iii) ފޮސްޓަރކުރުމަށް ކަނޑައެޅޭ ކުދިންނާއި ފޮސްޓަރކެއަރގައި ތިބޭ ކުދިންގެ މައުލޫމާތު؛

    (iv) ކުޑަކުދިން ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކުގެ މައުލޫމާތު؛

    (v) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތަކުގެ މައުލޫމާތު؛

    (vi) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާގުޅޭ އެނޫންވެސް މައުލޫމާތު.

  11. ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ދިރާސާތައް ކުރުން؛ އަދި
  12. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ރާވައި، ހިންގުމަށާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުމަށްޓަކައި ބޭނުންވާ ތަފާސް ހިސާބުތައް އެއްކުރުމާއި އާންމުކުރުން. މިގޮތުން ކުދިންގެ އުމުރާއި، ޖިންސާއި، ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށާއި، ކުދިން ދިރިއުޅެމުންދާ ނުވަތަ ނިސްބަތްވާ ޖިއޯގްރަފިކް ސަރަހައްދުތަކާއި، އިޖްތިމާއީ އަދި އިގްތިސާދީ ހާލަތްތަކަށް ބަލައި، ޑިސްއެގްރިގޭޓަޑް ޑޭޓާ ނުވަތަ ތަފްސީލީ ތަފާސް ހިސާބުތައް އެއްކޮށް، އާންމުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އަމަލުކުރާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

62 ވަނަ މާއްދާ - ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް ހިންގުން

(ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައި، އެ ސަރވިސްއަށް ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް ހިންގުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

 

ދިހަވަނަ ބާބު

ލާމަރުކަޒީ ބައެއް އުސޫލު

 

63 ވަނަ މާއްދާ - ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގާނޫނު ތަންފީޒުކުރުން

(ހ) ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި މި ގާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ ކައުންސިލުތަކުން އުފުލުމަށް މަގުފަހިކޮށްދީ، އެކަމަށް ގާނޫނީ ބާރު ލިބިދިނުމުގެގޮތުން، އެއިން ކޮންމެ ކައުންސިލެއް އެއީ،  އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދުގައި، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އެ ސަރަހައްދަށް އައްޔަންކުރެވޭ އޭޖެންޓު ކަމުގައި، މި ގާނޫނުގެ ދަށުން މިނިސްޓަރަށް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ބާރެއް ނުވަތަ މަސްއޫލިއްޔަތެއް، ނުވަތަ ގާނޫނު ތަންފީޒުކުރުމުގެ ޒިންމާއެއް، ރަށު ކައުންސިލަކާ ނުވަތަ އަތޮޅު ކައުންސިލަކާ ނުވަތަ ސިޓީ ކައުންސިލަކާ މިނިސްޓަރު ހަވާލުކުރަންވާނީ، އެ މަސްއޫލިއްޔަތަކާއި ބާރެއް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ކައުންސިލަކަށް ފޯރުކޮށްދިނުމާއެކު، މި ގާނޫނުގެ ދަށުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ފެންވަރުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، ކުޑަކުދިންނަށް ކުރާ އަނިޔާއިން އެކުދިން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް މިނިސްޓަރުގެ އިރުށާދާއި ބާރު މި ގާނޫނުގެ ދަށުން ހިނގާނެއެވެ.

 

64 ވަނަ މާއްދާ - ކައުންސިލުތަކުގެ މަސްއޫލިއްޔަތު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާގުޅޭ ކަންކަން ކައުންސިލުތަކުގެ ފެންވަރުގައި ތަންފީޒުކުރުމުގައި ކައުންސިލުތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތައް މިނިސްޓްރީން އަންގާ ގޮތެއްގެމަތިން ކައުންސިލުގެ ފެންވަރުގައި ތަންފީޒުކުރުން؛

(ށ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އެ ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދާއިރާއެއްގައި ނުވަތަ ސަރަހައްދެއްގައި އެކިއެކި މަށްރޫއުތައް ރާވައި ހިންގުމާއި، ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަންގާ ގޮތެއްގެމަތިން އެޅުން؛

(ނ) އެ ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުގައި މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ރާވައި ހިންގާ އެކިއެކި މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް މިނިސްޓްރީން އަންގާ ގޮތެއްގެމަތިން ބަލައި ރިޕޯޓުކުރުން؛

(ރ) ކުޑަކުދިންނާމެދު މައިންބަފައިން އިހުމާލުވާ މައްސަލަތަކާއި، ކުޑަކުދިންނަށް ކުރާ އަނިޔާއާގުޅޭ މައުލޫމާތު މި ގާނޫނުގެ ދަށުން ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުން؛

(ބ) އެ ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ކުރުމުގައި އެ ކައުންސިލަށް ނިސްބަތްވާ ރައްޔިތުންނާއި އަމިއްލަ ޖަމާއަތްތަކުގެ ބައިވެރިވުން ހޯދުން؛

(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ކައުންސިލުގެ ފެންވަރުގައި ތަންފީޒުކުރުމުގައި މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުން؛

(ކ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކައުންސިލުތަކުން ކުރުމަށް ކަނޑައަޅާ އެނޫންވެސް ކަންކަން ކުރުން.

 

65 ވަނަ މާއްދާ - ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރުން

(ހ) މި ގާނޫނުގެ ދަށުން ވަކި މަސްއޫލިއްޔަތުތަކެއް، ރަށު ކައުންސިލުގެ ފެންވަރުގައި ނުވަތަ އަތޮޅު ކައުންސިލުގެ ފެންވަރުގައި ނުވަތަ ސިޓީ ކައުންސިލުގެ ފެންވަރުގައި ހަވާލުކުރެވޭ ކަމަށްވާނަމަ، އެކަން ކުރަންވާނީ، އެ ބާރުތައް ނުވަތަ އެ މަސްއޫލިއްޔަތުތައް ސާފުކޮށް ބަޔާންކޮށް، މިނިސްޓްރީއާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި ގާނޫނުގެ ދަށުން ކައުންސިލުތަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކުގެ ދާއިރާއާއި، އެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެ ގޮތާއި، މިނިސްޓްރީއާއި ގާނޫނު ތަންފީޒުކުރާ އެހެން އިދާރާތަކާއި ކައުންސިލުތަކުން، އެއް ފަރާތް އަނެއް ފަރާތާ ގުޅިގެން މަސައްކަތްކުރާނެ ގޮތާއި، މަސައްކަތްތައް ވިލަރެސްކުރާނެ އުސޫލެއް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.

(ނ) ރަށު ކައުންސިލުތަކަށާއި އަތޮޅު ކައުންސިލުތަކަށާއި ސިޓީ ކައުންސިލުތަކާ މި ގާނޫނުގެ ދަށުން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ތަފްސީލުކޮށް ބަޔާންކުރުމާއެކު، އެ ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

ހަތަރުވަނަ ބައި

ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުން

އެގާރަވަނަ ބާބު

ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމު

 

66 ވަނަ މާއްދާ - ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމު ގާއިމުކުރުން

އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށާއި، އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ މައިންބަފައިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމެއް މިނިސްޓަރު ގާއިމުކުރަންވާނެއެވެ.

 

67 ވަނަ މާއްދާ - ގައުމީ ނިޒާމުގެ ދަށުން ފޯރުކޮށްދޭންޖެހޭ ކަންކަން

މި ގާނޫނުގެ 66 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމުގެ ދަށުން އަންނަނިވި ކަންކަން ހަމަޖައްސައިދޭންވާނެއެވެ.

(ހ) ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް؛

(ށ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ އިޖުރާއަތްތައް ހިމެނޭ ގަވާއިދެއް އެކުލަވާލުމާއި، މި އިޖުރާއަތަކީ ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްކުރާނެ އިޖުރާއަތަކަށްވުން؛

(ނ) އަޅާލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުދިންގެ މައްސަލަތައް ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމުކުރުން؛

(ރ) އަޅާލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުޑަކުދިންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން؛

(ބ) ކުޑަކުދިންނަށް ރައްކާތެރި ނޫން މާހައުލުތަކުން އެ ކުދިން ވަކިކޮށް، ރައްކާތެރި މާހައުލެއްގައި އެ ކުދިން ބޭތިއްބޭނެ ވަސީލަތްތައް ގާއިމުކުރުން؛

(ޅ) އަޅާލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުދިން ފޮސްޓަރކުރެވޭނެ ނިޒާމެއް ގާއިމުކުރުން؛

(ކ) ކުޑަކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި އެކުދިންނަށް އަނިޔާއާއި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން؛

(އ) ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި، އާއިލާއާއި މުޖުތަމައާއި ދައުލަތާއި އަމިއްލަ ފަރާތްތަކުން ހިންގާ ހަރަކާތްތައް ވިލަރެސްކުރެވޭނެ ނިޒާމެއް ގާއިމުކުރުން؛

(ވ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދެވޭ މިންވަރު ދެނެގަތުމަށްޓަކައި އެކަށީގެންވާ މައުލޫމާތު ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުން؛

(މ) ކުޑަކުދިންނަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ބަލައި މޮނިޓަރކުރެވޭނެ ނިޒާމެއް ގާއިމުކުރުން؛

(ފ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ހަމަހަމަ އުސޫލަކުން ބެހޭނެ ނިޒާމެއް ގާއިމުކުރުން؛

(ދ) ސްކޫލްތަކާއި ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކާއި ކައުންސިލުތަކާއި އާންމުން މެދުވެރިކޮށް، ކުޑަކުދިންގެ މައްސަލަތަކުގައި އަވަހަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން.

 

68 ވަނަ މާއްދާ - ގައުމީ ނިޒާމުގެ އަސާސްތައް

(ހ) ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމު ބިނާވެފައި އޮންނަންވާނީ އަންނަނިވި އަސާސްތަކުގެ މައްޗަށެވެ.

  1. ކުޑަކުދިންގެ މެދުގައި ތަފާތުނުކުރުން؛
  2. އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް އިސްކަންދެވޭނެ ގޮތަށް ކަންކަން ނިންމުމަށް؛
  3. އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި މެނުވީ، އަދި ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާ ހާލަތުގައި މެނުވީ، ކުއްޖަކު އޭނާގެ މައިންބަފައިންނާއި ނުވަތަ އާއިލާއާ ވަކިނުކުރުމަށް؛
  4. ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ހާއްސަ ނިކަމެތިކަމެއް ކުރިމަތިވެފައިވާ ކުދިންގެ ހައްގުތައް ހިމާޔަތްކޮށްދެވޭނެ ގޮތަށް ކަންކަން ނިންމުމަށް؛
  5. ކުޑަކުދިންނާގުޅޭ ކަންކަން ނިންމުމުގައި ވީވަރަކުން އެކުދިންގެ ބައިވެރިވުން ހޯދުން.

(ށ) ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމުގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ތަމްރީން ލިބިފައިވާ ފަރާތްތަކުންނެވެ.

 

ބާރަވަނަ ބާބު

އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިން

 

69 ވަނަ މާއްދާ - އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިން

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ ކުދިންނަކީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިން ކަމުގައި ބެލޭނެއެވެ.

  1. އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައިނުވާ ގޮތަށް އަޅާނުލާ ދޫކޮށްލާފައިވާ ކުދިން؛
  2. ކުއްޖާ ރައްކާތެރިކުރުމަށް ނުވަތަ ކުއްޖާއަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް އިހުމާލުވެފައިވާ ބެލެނިވެރިންނާއެކު ދިރިއުޅެމުންދާ ކުދިން؛
  3. ބެލެނިވެރިންގެ ފަރާތުން ނަފްސާނީ ނުވަތަ ޖިސްމާނީ އަނިޔާ ލިބެމުންދާ ކުދިން؛
  4. މަސްތުވާ އެއްޗަކަށް ދެވިހިފާފައިވާ، އެކަމަށް ފަރުވާހޯދޭނެ ގޮތެއް ނެތިފައިވާ ކުދިން؛
  5. އެކްސްޕްލޮއިޓޭށަންގެ އަމަލެއްގެ ށިކާރައަކަށްވެފައިވާ ނުވަތަ އެފަދަ އަމަލެއްގެ ށިކާރައަކަށް ވެދާނެ މާހައުލެއްގައި ދިރިއުޅެމުންދާ ކުދިން؛
  6. ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ އިޖްތިމާއީ ދުޅަހެޔޮކަމަށް ގެއްލުމެއް ކުރިމަތިކޮށްފާނެ މާހައުލެއްގައި ދިރިއުޅެމުންދާ ނުވަތަ އެފަދަ މާހައުލަކަށް ތައާރުފުކުރެވިދާނެ ހާލަތެއް ނުވަތަ ހާލަތްތަކެއް މެދުވެރިވެފައިވާ ކުދިން؛
  7. އިހުމާލުވުމުގެ ސަބަބުން ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ގެއްލުންވެފައިވާ ކުދިން.

(ށ) ކުޑަކުއްޖަކީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއް ކަމުގައި އެއްވެސް ފަރާތަކަށް ގަބޫލުކުރެވޭނަމަ، އެކުއްޖަކީ އެފަދަ ހާލަތެއްގައިވާ ކުއްޖެއްކަން ޔަގީންކުރުމަށްޓަކައި މި ގާނޫނުގެ ތޭރަވަނަ ބާބުގައިވާ ގޮތުގެމަތިން އެކުއްޖާގެ މައްސަލަ ރިޕޯޓުކުރަންވާނެއެވެ.

 

ތޭރަވަނަ ބާބު

ކުޑަކުދިންނާގުޅޭ މައްސަލަތައް ރިޕޯޓުކުރުން

 

70 ވަނަ މާއްދާ - ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމުކުރުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން މައްސަލަ ރިޕޯޓުކުރާނެ ނިޒާމެއް މިނިސްޓަރު ގާއިމުކޮށް، އެކަން އާންމު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިޕޯޓުކުރުމުގެ ނިޒާމުގެ މަގްސަދަކީ، ކުޑަކުއްޖަކީ މި ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްކަމަށް ބެލެވޭ ހާލަތުގައި އެކަން ޔަގީންކުރުމަށްޓަކައި، ސިއްރު ހިފެހެއްޓިފައިވާ، ރިޕޯޓިންގ ނުވަތަ ރިފަރަލް ނިޒާމެއް ގާއިމުކޮށް، އެފަދަ ކުދިންގެ މައްސަލަތައް ބަލައި،  އެ މައްސަލަތަކަށް ހައްލެއް ހޯދައިދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

 

71 ވަނަ މާއްދާ - ރިޕޯޓުކުރެވޭނެ ފަރާތްތައް

އަންނަނިވި ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް ކުއްޖަކާބެހޭ މައްސަލައެއް ރިޕޯޓުކުރެވިދާނެއެވެ.

(ހ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުދިން؛

(ށ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުއްޖާގެ މައިންބަފައިން؛

(ނ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުއްޖާގެ ތިމާގެ މީހަކު؛

(ރ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުއްޖާގެ އަވަށްޓެރިން؛

(ބ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުއްޖާގެ ސްކޫލްގެ މުވައްޒަފެއް؛

(ޅ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުއްޖާގެ ޑޮކްޓަރެއް ނުވަތަ އެނޫންވެސް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތެއް؛ އަދި

(ކ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުއްޖެއްގެ މައުލޫމާތު ލިބިފައިވާ އެނޫންވެސް ފަރާތެއް.

 

72 ވަނަ މާއްދާ - ރިޕޯޓުކުރުމުގެ ޒިންމާ

ވަކި ކުއްޖަކީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްކަމަށް ގަބޫލުކުރެވޭ ކޮންމެ ފަރާތަކުން، އެކަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓުކުރަންވާނެއެވެ.

 

73 ވަނަ މާއްދާ - ކުރެވޭ ރިޕޯޓުތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް

(ހ) މި ގާނޫނުގެ ދަށުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ރިޕޯޓެއް ލިބުމުން ނުވަތަ މައްސަލައެއް ހުށަހެޅުމުން، އެ އިދާރާއިން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ރިޕޯޓުކުރި ފަރާތަށް ލަފާދިނުން؛
  2. ރިޕޯޓުކުރި މައްސަލައަކީ އުފަންނުވާ ކުއްޖަކާބެހޭ މައްސަލައެއްނަމަ، އެކުއްޖާގެ މައިމީހާއަށާއި ބައްޕައަށް އިރުށާދާއި އެހީތެރިކަން ފޯރުކޮށްދިނުން؛ އަދި މިކަމުގައި މައިމީހާއަށް އެކުއްޖާގެ ބައްޕަގެ އެހީތެރިކަން ފޯރުކޮށްދިނުން؛
  3. މައްސަލަ ނިސްބަތްވާ ކުއްޖަކީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްނަމަ، އެކުއްޖާއަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުން؛
  4. ކުއްޖާގެ އިތުރުން ކުއްޖާގެ އާއިލާއަށް ބޭނުންވާ އިރުށާދާއި އެހީތެރިކަން ފޯރުކޮށްދިނުން؛
  5. މައްސަލަ ބެލުމުގައި ކަމާގުޅޭ މުއައްސަސާތަކާއެކު ކޭސް ކޮންފަރެންސިންގ ބާއްވައި، އެހެން އިދާރާއެއްގެ ސަމާލުކަމަށް ގެންނަންޖެހޭ ކަމެއްވާނަމަ، އެކަމެއް އެ އިދާރާއަކަށް އެންގުން؛
  6. ރިޕޯޓުކުރެވޭ މައްސަލަތަކުގެ ރެކޯޑުތައް ބެލެހެއްޓުން.

(ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ ރެކޯޑުތައް، ކޮންމެ 4 (ހަތަރެއް) މަހަކުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަކަށް ފޮނުވަންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓެއް ލިބުމުން ނުވަތަ މައްސަލައެއް ހުށަހެޅުމުން، އެ އިދާރާއިން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ވީ އެންމެ އަވަހަކަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް މައްސަލައިގެ މައުލޫމާތު އެންގުން؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ކަންކަން ކުރުން.

 

74 ވަނަ މާއްދާ - ރިޕޯޓުކުރާ ފަރާތްތަކަށް ލިބިދޭ ހިމާޔަތް

މި ގާނޫނުގެ ދަށުން މައްސަލައެއް ރިޕޯޓުކުރާ ފަރާތެއް އެ މައްސަލައެއް ރިޕޯޓުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށްވާނަމަ، އެފަރާތަށް އަންނަނިވި ހިމާޔަތް ލިބިގެންވެއެވެ.

(ހ) އޭނާ ރިޕޯޓުކުރި ކުރުމަކީ، މަސައްކަތުގެ އަހްލާގާއި ސުލޫކާ ހިލާފު ކަމެއް ކަމުގައި ނުބެލުން؛ އަދި

(ށ) ރިޕޯޓުކުރި ފަރާތާމެދު، ރިޕޯޓުކުރުމުގެ ސަބަބުން ގާނޫނީ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުން.

 

75 ވަނަ މާއްދާ - ރިޕޯޓުކުރާ ފަރާތުގެ މައުލޫމާތު ސިއްރުކުރުން

މި ގާނޫނުގެ ދަށުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން، ރިޕޯޓުކުރާ ފަރާތުގެ ނަން ނުވަތަ އޭނާއަކީ ކާކުކަން އެނގޭނެ ފަދަ އެނޫންވެސް މައުލޫމާތެއް، ތިންވަނަ ފަރާތަކާ ހިއްސާކޮށްގެންނުވާނެއެވެ.

 

76 ވަނަ މާއްދާ - ކުޑަކުދިންގެ ހެލްޕްލައިން

(ހ) ދިވެހިރާއްޖޭގައިވާ ކޮންމެ ކުއްޖަކަށްމެ ވާސިލުވެވޭނެ ކުޑަކުދިންގެ ހެލްޕް ލައިނެއް 24 (ސައުވީސް) ގަޑިއިރު ހިދުމަތް ދެވޭނެ ގޮތަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގައި ގާއިމުކުރަންވާނެއެވެ.

(ށ) ކުޑަކުދިންގެ ހެލްޕްލައިންއަކީ އެކުދިން އެހީތެރިކަމާއި ރައްކާތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި، ހިލޭ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ހެލްޕްލައިނެއް ކަމުގައި ވާންވާނެއެވެ. 

 (ނ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ ކުޑަކުދިންގެ ހެލްޕްލައިން ވާންވާނީ މިނިވަންކަމާއި ދެފުށް ފެންނަ ގޮތެއްގައި މަސައްކަތްކުރާ ހެލްޕްލައިންއަކަށެވެ.

(ރ) ކުޑަކުދިންގެ ހެލްޕްލައިނުން ކުޑަކުދިންގެ ހައްގުތަކާގުޅޭ މައުލޫމާތާއި، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް މައްސަލަ ހުށަހެޅޭނެ ގޮތްތަކުގެ މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ބ) ކުޑަކުދިންގެ ހެލްޕްލައިނާބެހޭ މައުލޫމާތު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ފުޅާ ދާއިރާއެއްގައި އާންމުކުރަންވާނެއެވެ.

(ޅ) ކުޑަކުދިންގެ ހެލްޕް ލައިނަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު އެކުލަވާލައި އަހަރަކު އެއްފަހަރު މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރަންވާނެއެވެ.

 

ސާދަވަނަ ބާބު

ތަހްގީގުކުރުމާއި ވަގުތީ އެސެސްމަންޓްގެ އަމުރު

 

77 ވަނަ މާއްދާ - ތަހްގީގުކުރުން

(ހ) ކުޑަކުއްޖަކީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްކަމަށް ފުލުހުންނަށް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެކުއްޖާގެ ހާލަތު ދެނެގަތުމަށްޓަކައި، އެ މައްސަލަ ތަހްގީގުކުރުމުގެ ބާރު ފުލުހުންނަށް ނުވަތަ ސޯށަލް އިންކުއަރީ އެސެސްމަންޓެއް ހެދުމުގެ ބާރު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ލިބިގެންވެއެވެ.

(ށ) ކުޑަކުއްޖަކާބެހޭ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައަކާބެހޭ މައުލޫމާތު ވީ އެންމެ އަވަހަކަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާ ހިއްސާކުރަންވާނެއެވެ.

(ނ) ފުލުހުންނަށް ރިޕޯޓުކުރެވޭ މައްސަލައެއްގައި، ކުއްޖަކާމެދު ކުށެއް ކޮށްފިކަމަށް ބެލެވޭނަމަ، އެކަމުގެ މައުލޫމާތު ވަގުތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށާއި، ކަމާބެހޭ އެނޫންވެސް ފަރާތްތަކަށް ފުލުހުން އަންގަންވާނެއެވެ.

(ރ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ހުށަހެޅޭ މައްސަލައެއްގައި ކުއްޖަކާމެދު ކުށެއް ކޮށްފިކަމަށް އެ ސަރވިސްއަށް ތުހުމަތުކުރެވޭނަމަ، އެކަން ތަހްގީގުކުރުމަށްޓަކައި، ލަސްނުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ މައްސަލަ ހުށަހަޅަންވާނެއެވެ. 

(ބ) ކުޑަކުއްޖަކީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްކަމަށް ފުލުހުންނަށް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ހުށަހެޅިއްޖެނަމަ، ވީ އެންމެ އަވަހަކަށް، އެ މައްސަލައެއް ތަހްގީގުކޮށް، ކުއްޖާގެ މަސްލަހަތު ރައްކާތެރިކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ހިންގާ ތަހްގީޤެއް ހިންގަންވާނީ، އެފަދަ މައްސަލަތައް ތަހްގީގުކުރުމަށް ހާއްސަ ތަމްރީން ލިބިފައިވާ އޮފިސަރުންނެވެ.

(ކ) މި މާއްދާގައި ބަޔާންކުރާ ތަހްގީޤެއް ކުރުމުގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

  1. ތަނަކަށް ނުވަތަ އިމާރާތަކަށް އެތަނުގައި ތިބި ނުވަތަ އެތަނެއްގެ ވެރިފަރާތުގެ ހުއްދައާއެކު، ނުވަތަ ހުއްދަ ނުދީފިނަމަ ގަދަކަމުން ވަދެ، ތަންތަން ބަލައި ފާސްކުރުން؛
  2. އެތަނަކުން ނުވަތަ އިމާރާތުން ތަހްގީގަށް ހެއްކެއްގެ ގޮތުގައި މުހިންމުކަމަށް ގަބޫލުކުރެވޭ ތަކެތި އަތުލުމުގެ ބާރު؛
  3. އެތަނާއި އެތަނުގައިވާ ތަކެތި ފޮޓޯނެގުމާއި، ފިލްމުކުރުމާއި ވީޑިއޯކުރުމުގެ ބާރު؛ އަދި
  4. އެމީހަކަށް އެނގުނު މިންވަރަކުން ތަހްގީގަށް ބޭނުންވާ ތެދު މައުލޫމާތު ދިނުމަށާއި، ސުވާލަށް ޖަވާބުދިނުމަށް އެކި ފަރާތްތަކަށް އެންގުމުގެ ބާރު.

(އ)  އަންނަނިވި ހާލަތްތަކުގައި ފިޔަވައި، މި މާއްދާގެ (ކ) ގައި ބަޔާންކުރާ ބާރުތަކުގެ ބޭނުންކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

  1. ތަނަކަށް ނުވަތަ އިމާރާތަކަށް ވެއްދުމަށް އެތަނެއްގައި ތިބި ބަޔަކު އިންކާރުކުރާނަމަ ނުވަތަ އެތަނަކަށް ނުވަދެވޭނަމަ؛ އަދި
  2. ކޯޓު އަމުރެއް ލިބެންދެން އެތަނަކަށް ވަނުން ލަސްކޮށްފިނަމަ، ކުއްޖާއަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލުމަށް އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، އެތަނަށް ވަނުމަށް ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ލިބިފައިވާނަމަ.

(ވ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ ބާރުތަކުގެ ބޭނުންކުރާއިރު، މައްސަލައިގެ ހާލަތާއި އެކަމުގެ ބޭނުންތެރިކަމަށް ރިއާޔަތްކޮށް، ފުލުހުންނާއެކު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ މުވައްޒަފުން ބައިވެރިކުރެވިދާނެއެވެ.

(މ) ގާނޫނީ ހިމާޔަތް ލިބިދެވޭ މައުލޫމާތެއް ނުވަތަ އެފަދަ މުއާމަލާތެއްގެ މައުލޫމާތު ހާމަކުރުމުގައި އެއްވެސް ފަރާތަކަށް މަޖުބޫރުކޮށްގެން ނުވާނެއެވެ.

(ފ) މި މާއްދާގައި ބަޔާންކުރާ ކޯޓު އަމުރެއް ނެރެދިނުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ތަންތަން ބަލައި ފާސްކުރުމަށް ނެރޭ ކޯޓު އަމުރާ ގުޅޭގޮތުން އަމަލުކުރެވޭ އާންމު އިޖުރާއަތުތައް ހިނގާނެއެވެ.

 

78 ވަނަ މާއްދާ - ތަހްގީގުގެ މައުލޫމާތު މައިންބަފައިންނަށް އެންގުން

(ހ) ކުއްޖަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް ނުވަތަ ލިބިދާނެ ކަމަށް ފެނިގެން ނުވަތަ އެފަދަ ކަމަކާ ގުޅިގެން ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރިކަމަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ކުރިއަށްގެންދާ ތަހްގީޤެއް ފަށާއިރު، އެކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކަލަކީ ނުވަތަ ގެއްލުމަކީ ކޮބައިކަމުގެ މައުލޫމާތު އެކުއްޖާގެ މައިންބަފައިންގެ ތެރެއިން އެކަކަށް ނުވަތަ ދެމީހުންނަށް ލަސްނުކޮށް ފޯރުކޮށްދޭންވާނެއެވެ.

(ށ) ތަހްގީގު ނިމުމާއެކު، ތަހްގީގުގެ ނަތީޖާ ކުއްޖާގެ މައިންބަފައިންގެ ތެރެއިން އެކަކަށް ނުވަތަ ދެމީހުންނަށް ފޯރުކޮށްދޭންވާނެއެވެ. އަދި އެ މައުލޫމާތު ހޯދުމަށް މައިންބަފައިން އެދެނީ ލިޔުމުން ކަމުގައިވާނަމަ، އެ މައުލޫމާތު ދޭންވާނީ ލިޔުމުންނެވެ.

(ނ) އަންނަނިވި ހާލަތްތަކުގައި، މައިންބަފައިންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އެވަގުތެއްގައި ކޮންމެހެން ބޭނުންވާ މިންވަރަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިހްތިޔާރު މައްސަލަ ބަލަމުންދާ އިދާރާއަކަށް ލިބިގެންވެއެވެ.

  1. ކުއްޖާއަށް ކޮށްފައިވާ އަނިޔާއެއް ނުވަތަ ދީފައިވާ ގެއްލުމަކާ ގުޅިގެން އެއްވެސް ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާ އުފުލުމުގެ ފުރުސަތު އޮވެ، މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެމަތިން އެ އިދާރާއިން މައުލޫމާތު ހާމަކޮށްފިނަމަ، އެފަދަ ކުށެއްގެ ތަހްގީގަށް ހުރަސް އެޅިދާނޭކަމަށް ފެނުން؛ ނުވަތަ
  2.  ކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކަލަކީ އޭނާގެ މައިންބަފައިންގެ ކިބައިން ކުރިމަތިވެފައިވާ ނުރައްކަލެއް ކަމުގައި ބެލެވުމާއެކު، މި މާއްދާގެ (ށ) އާ އެއްގޮތަށް އަމަލުކޮށްފިނަމަ ކުއްޖާއަށް ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ފުރުސަތު އޮތުން.

 

79 ވަނަ މާއްދާ - ވަގުތީ އެސެސްމަންޓް އަމުރު

ކުއްޖަކަށް އަޅާލުމާއި ރައްކާތެރިކަން ބޭނުންވާކަން ނުވަތަ ނޫންކަން ދެނެގަތުމަށްޓަކައި ކުރިއަށްގެންދެވޭ ތަހްގީޤެއްގެ ތެރޭގައި ކުރަންޖެހޭ ކަންކަން ކުރުމަށް ކުއްޖާގެ މައިންބަފައިންގެ ނުވަތަ ބެލެނިވެރިޔާގެ ރުހުން ނުލިބިއްޖެނަމަ، ނުވަތަ މައިންބަފައިންގެ ނުވަތަ ބެލެނިވެރިޔާގެ ރުހުން ނުހޯދޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ވަގުތީ އެސެސްމަންޓް އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

 

80 ވަނަ މާއްދާ - ވަގުތީ އެސެސްމަންޓް އަމުރަށް އެދި ހުށަހެޅުން

(ހ) މި ގާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކުރާ ވަގުތީ އެސެސްމަންޓް އަމުރަކަށް އެދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ އެސެސްމަންޓް އަމުރަކަށް އެދި ކޯޓަށް ހުށަހަޅާއިރު އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. އަމުރަށް އެދެނީ، މި ގާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ކޮން ސަބަބަކަށްކަން؛ އަދި
  2. އަމުރުގެ ދަށުން ކުރުމަށް އެދޭ ކަންކަން.

 

81 ވަނަ މާއްދާ - ވަގުތީ އެސެސްމަންޓް އަމުރެއް ނެރެދިނުން

(ހ) މި ގާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ސާފުކުރަންޖެހޭ އެންމެހައި ކަންކަން ސާފުކުރުމަށްފަހު މެނުވީ، އަދި މި ގާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކުރާ ސަބަބެއް މެދުވެރިވެފައިވާ ހާލަތެއްގައި މެނުވީ، ވަގުތީ އެސެސްމަންޓް އަމުރެއް ކޯޓުން ނެރެދީގެންނުވާނެއެވެ.

(ށ) އެއްވެސް ކުއްޖަކާ ގުޅިގެން، ކޯޓުން ވަގުތީ އެސެސްމަންޓް އަމުރެއް ނެރެދޭންވާނީ، އެކުއްޖާއަކީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުއްޖެއްކަމަށް ކަށަވަރުކުރުމަށްޓަކައި ތަހްގީޤެއް ކުރިއަށް ގެންދަންޖެހި، އެފަދަ ތަހްގީޤެއް ވަގުތީ އެސެސްމަންޓް އަމުރަކާ ނުލައި އެދެވޭ ގޮތެއްގައި ކުރިއަށްނުގެންދެވޭނެކަން ކޯޓަށް ގަބޫލުކުރެވޭނަމައެވެ.

(ނ) މި ގާނޫނުގެ 78 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި، ވަގުތީ އެސެސްމަންޓް އަމުރެއް ނެރެދިނުމުގައި، ކުއްޖާގެ މައިންބަފައިންނަށް އެފަދަ ހުށަހެޅުމަކާބެހޭ މައުލޫމާތު ދިނުމަކާ ނުލައި ނުވަތަ އެފަރާތްތަކުގެ ބަހެއް ހޯދުމެއް ނެތި ކޯޓަށް އެފަދަ އަމުރެއް ނެރެދެވިދާނެއެވެ.

 

82 ވަނަ މާއްދާ - ވަގުތީ އެސެސްމަންޓް އަމުރަކުން ލިބިދޭ ބާރުތައް

(ހ) ކޯޓުން ނެރޭ ވަގުތީ އެސެސްމަންޓް އަމުރެއްގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް އަމުރުކުރުމުގެ ބާރު ދެވިދާނެއެވެ.

  1. ކުއްޖާއާ ގުޅުން ބަހައްޓަމުންދިޔުމަށް؛
  2. ކުއްޖާއަކީ އަނިޔާ ލިބިފައިވާ ކުއްޖެއްނަމަ، ނުވަތަ ބައްޔެއް ވެފައިވާ ކުއްޖެއްނަމަ، ކުއްޖާއަށް ކޮންމެހެން ބޭނުންވާ މެޑިކަލް އެގްޒެމިނޭށަންތައް ހެއްދުމަށާއި، ސިއްހީ ފަރުވާ ދިނުމަށް؛ އަދި
  3. ކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކަލަކީ، ކުއްޖާގެ މައިންބަފައިންގެ ކިބައިން ކުރިމަތިވެފައިވާ ނުރައްކަލެއްނަމަ، ކަނޑައެޅޭ ވަކި ފަރާތެއްގެ ހާޒިރުގައި މެނުވީ ކުއްޖާއާ ސީދާ ނުވަތަ ނުސީދާ ގޮތުން އެއްވެސް ގުޅުމެއް ނުބޭއްވުމަށް ކުއްޖާގެ މައިންބަފައިންނަށް އެންގުމަށް.

(ށ) އަންނަނިވި ކަންކަން ފުރިހަމަވާނަމަ، ކުއްޖާ ހުރި ކަމަށް ގަބޫލުކުރެވޭ ތަނަކަށް ވަދެ ކުއްޖާ ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ވަގުތީ އެސެސްމަންޓް އަމުރަކުން ހުއްދަކުރެވިދާނެއެވެ.

  1. ތަނަކަށް ވެއްދުމަށް ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ނުވަތަ ކުއްޖާއާ އެއިރެއްގައި ހަވާލުވެހުރި އެހެން ފަރާތަކުން އިންކާރުކޮށްފިނަމަ ނުވަތަ ކުއްޖާ ވީތަނެއް ނޭނގޭނަމަ؛ އަދި
  2. އެ އަމުރު އެންމެ އެދެވޭ ގޮތަކަށް ތަންފީޒުކުރުމަށްޓަކައި އެތަނަކަށް ވަނުން މުހިންމު ކަމަށްވާނަމަ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަނަކަށް ވަނުމަށްފަހު މި މާއްދާގެ ދަށުން މައްސަލަ ބަލާ އޮފިސަރަކަށް ލިބިގެންވާ ބާރު އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި އެފަދަ ތަނެއްގައި ދެމިހުރުމުގެ ބާރު އެ އޮފިސަރަށް ލިބިގެންވެއެވެ.

 

83 ވަނަ މާއްދާ - ވަގުތީ އެސެސްމަންޓް އަމުރު ދެމިއޮންނާނެ މުއްދަތު

 (ހ) މި ގާނޫނުގެ ދަށުން ކޯޓުން ނެރޭ ވަގުތީ އެސެސްމަންޓް އަމުރެއްގައި، އެ އަމުރު ދެމިއޮންނާނެ މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު، ކޯޓުން އަމުރު ނެރޭ ތާރީހުން ފެށިގެން 5 (ފަހެއް) ދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ. 

(ނ) އަމުރުގެ މުއްދަތު އިތުރުނުކުރާނަމަ، އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން، އަމުރު ނިމުމަކަށް އަންނާނެއެވެ.

 

84 ވަނަ މާއްދާ - ވަގުތީ އެސެސްމަންޓް އަމުރުގެ މުއްދަތު އިތުރުކުރުމާއި އަމުރު ބާތިލުކުރުން

 (ހ) ވަކި ކުއްޖަކާ ގުޅޭގޮތުން ނެރެފައިވާ ވަގުތީ އެސެސްމަންޓް އަމުރެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކޯޓުގައި އެދެވިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ވަގުތީ އެސެސްމަންޓް އަމުރެއްގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުގައި އަމަލުކުރާނީ ވަގުތީ އެސެސްމަންޓް އަމުރަކަށް އެދި ހުށަހެޅުމުގައި އަމަލުކުރާ އުސޫލުންނެވެ.

(ނ) ވަގުތީ އެސެސްމަންޓް އަމުރެއްގެ މުއްދަތު އިތުރުކޮށްދިނުމަށް ކޯޓުން ނިންމަންވާނީ، އެ އަމުރު ނެރެދީފައިވާ މަގްސަދު ހާސިލުކުރުމަށް އެކަށީގެންވާ މަސައްކަތް ކުރުމަށްފަހުގައިވެސް އެ މަގްސަދު ހާސިލުވެފައިނުވާނަމައެވެ.

(ރ) ވަގުތީ އެސެސްމަންޓް އަމުރެއްގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން އެފަދަ އަމުރެއް 5 (ފަހެއް) ދުވަހަށްވުރެ ގިނަ ދުވަހަށް އިތުރުކޮށްދީގެންނުވާނެއެވެ. 

(ބ) މި ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ނެރެދީފައިވާ ވަގުތީ އެސެސްމަންޓް އަމުރެއްގެ ބޭނުން ކެނޑިއްޖެ ކަމަށް އަމުރަށް އެދުނު ފަރާތަށް ފެނިއްޖެނަމަ، އެ އަމުރު ބާތިލުކުރުމަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ. 

 

85 ވަނަ މާއްދާ - ތަނަކަށް ވަނުމުގެ ކުރިން އަމަލުކުރަންޖެހޭ ގޮތް

(ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ނުވަތަ ފުލުހުންގެ އޮފިސަރަކު ވަގުތީ އެސެސްމަންޓް އަމުރެއްގެ ދަށުން ތަނަކަށް ވަންނަނަމަ، އަމަލުކުރަންވާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.

(ށ) ތަނަކަށް ވަނުމުގެ ކުރިން އަންނަނިވި ކަންކަން ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރަންވާނެއެވެ.

  1. ވަންނަން ބޭނުންވާ ތަނުގައި ހުރި މީހަކަށް އެ އޮފިސަރަކީ ކާކުކަން ބުނެދިނުން؛
  2. އެތަނަކަށް ވަނުމަށާއި އެތަނަށް ވަދެ އެތަން ބަލައި ފާސްކުރުމަށް ހުއްދަދީފައިވާ އަމުރުގެ ކޮޕީ އެތަނުގެ ވެރިފަރާތަށް ދިނުން؛
  3. ތަނުގެ ވެރިފަރާތަށް އެ އޮފިސަރު އެތަނަށް ވަދެ އެ އަމުރުގައި ބަޔާންކޮށްފައިވާ ކުއްޖާ ހޯދުމުގެ ބާރު ލިބިފައިވާކަން ބުނެދިނުން؛ އަދި
  4. އެއްވެސް މިންވަރަކަށް ބާރުގެ ބޭނުންނުކޮށް އެތަނަށް ވަދެ ތަން ފާސްކުރުމުގެ އިޒުނަދިނުމުގެ ފުރުސަތު އެމީހަކަށް ދިނުން.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން އޮފިސަރަކީ ކާކުކަން އަންގައިދޭ މައުލޫމާތު އެނގޭނެ ލިޔުމެއް އެތަނުގައި ހުންނަ މީހަކަށް ދައްކަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ތަނަކަށް ވަނުމުގައި، ތަނުގެ ވެރިފަރާތް ނެތް ހާލަތެއްގައި، ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައި، މި މާއްދާގައި ބަޔާންކުރާ ކަންކަން ކުރެވިދާނެއެވެ.

 

86 ވަނަ މާއްދާ - ވަގުތީ އެސެސްމަންޓް އަމުރުގައިވާ ކަންކަން ސާފުކޮށްދިނުން

ކުއްޖަކާ ގުޅޭގޮތުން ވަގުތީ އެސެސްމަންޓް އަމުރެއް ނެރުމާއެކު، ލަސްނުކޮށް އަންނަނިވި ކަންކަން ކުރަންވާނެއެވެ.

 (ހ) ކުއްޖާގެ މައިންބަފައިންގެ ތެރެއިން އެކަކަށް ނަމަވެސް އެ އަމުރުގެ ކޮޕީއެއް ދިނުން؛

(ށ) އެ އަމުރުގައިވާ ކަންކަމާއި އޭގެ ނަތީޖާ އެފަރާތަކަށް ބުނެދިނުން؛ އަދި

(ނ) އެ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު ކުއްޖާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިޔާއަށް ލިބިގެންވާކަން ބުނެދިނުން.

 

87 ވަނަ މާއްދާ - އަމުރާބެހޭ މައުލޫމާތު ފޯރުކޮށްދިނުން

ވަގުތީ އެސެސްމަންޓް އަމުރަކަށް އެދި ކޯޓަށް ހުށަހަޅަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށްވާނަމަ، އެކަމާބެހޭ މައުލޫމާތާއި އަމުރުގެ ކޮޕީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ހުށަހަޅަންވާނެއެވެ.

 

ފަނަރަވަނަ ބާބު

ވަގުތުން ފިޔަވަޅު އެޅުން

 

88 ވަނަ މާއްދާ - ވަގުތުން ފިޔަވަޅު އެޅުން

(ހ) މި ގާނޫނުގެ ސާދަވަނަ ބާބުގެ ދަށުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގާ ތަހްގީޤެއްގައި، އެ ތަހްގީގު ނިސްބަތްވާ ކުޑަކުއްޖަކީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުއްޖެއް ކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، ނުވަތަ އެކުއްޖަކީ، އެކުއްޖާ އެވަގުތު ދިރިއުޅެމުންދާ ނުވަތަ އެވަގުތު ހުރި ތަނުގައި އެކުއްޖާ ބަހައްޓައިފިނަމަ، އެފަދަ ހާލަތަކަށް ކުރިމަތިވުމުގެ އިހްތިމާލު އޮތް ކުއްޖެއް ކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، އެކުއްޖާގެ ރައްކާތެރިކަމަށްޓަކައި ވަގުތުން ފިޔަވަޅު އެޅުމުގެ ގޮތުން އަންނަނިވި ކަންކަން ކުރުމުގެ އިހްތިޔާރު، މައްސަލަ ބަލާ އޮފިސަރުންނަށް ލިބިގެންވެއެވެ.

  1. ކުއްޖާ ހުރި މާހައުލުން ކުއްޖާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުން؛ އަދި
  2. ކުއްޖާ ބެލެހެއްޓުން ވަގުތީގޮތުން އެހެން ފަރާތަކާ ހަވާލުކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތުން ފިޔަވަޅު އެޅުމުގައި، ކޮންމެ ކުއްޖެއްގެ މައްސަލައެއްވެސް ނިންމަންވާނީ، ހާލަތަށް ބިނާކޮށް، ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް އެންމެ އިސްކަންދެވޭނެ ގޮތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުއްޖާ ބެލުން ވަގުތީގޮތުން އެހެން ފަރާތަކަށް ހަވާލުކުރުމުގައި އިސްކަން ދޭންވާނީ، ކުއްޖާގެ ހަޟާނަތު ދެމިގެންދާފަދަ ގޮތަކަށް ވަގުތީގޮތުން ހަވާލުކުރުމަށެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތް ކަމުގައިވީނަމަވެސް، ކުއްޖާ ބެލެހެއްޓުން ކުއްޖާގެ އާއިލާގެ ފަރާތަކާ ހަވާލުކޮށްފިނަމަ، ކުއްޖާގެ މަސްލަހަތަށް އުނިކަމެއް އަތުވެދާނެކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، ކުއްޖާގެ އާއިލާގެ ފަރާތަކާ ކުއްޖާ ބެލެހެއްޓުން ހަވާލުކުރުމުގެ ބަދަލުގައި އެކުއްޖާ ބަހައްޓަންވާނީ، މި ގާނޫނުގެ ސަތާރަވަނަ ބާބުގައި ބަޔާންކުރާ ފަދަ އޯލްޓަނޭޓިވް ކެއަރ ފެސިލިޓީއެއްގައެވެ.

 

89 ވަނަ މާއްދާ - ކުއްޖާއާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅުން

 (ހ) މި ގާނޫނުގެ 88 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާއެކު، ވީ އެންމެ އަވަހަކަށް، އަދި ލަސްވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެކުއްޖާއާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅުމެއް ލިބުމާއެކު، މައްސަލައިގައި ހިމެނޭ އެންމެހައި ހާލަތްތަކަށާއި، ކުއްޖާގެ މަސްލަހަތަށް އިސްކަންދެވޭނެ ގޮތަކަށް ރިއާޔަތްކުރުމަށްފަހު، އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރެއް ކޯޓަށް ނެރެވިދާނެއެވެ.

  1. ރައްކާތެރިކުރުމުގެ އަމުރެއް؛ ނުވަތަ
  2. ސުޕަވިޒަން އަމުރެއް.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް މައްސަލައެއް ހުށަހެޅުމާއެކު، ވީ އެންމެ އަވަހަކަށް، އަދި އެންމެ ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައާމެދު ގޮތެއް ނިންމައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ އަމުރުތަކުގެ ތެރެއިން އަމުރެއް ނެރެންވާނެއެވެ.

 

ސޯޅަވަނަ ބާބު

ރައްކާތެރިކުރުމުގެ އަމުރު އަދި ސުޕަވިޒަން އަމުރު

 

90 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރު

 (ހ) ރައްކާތެރިކުރުމުގެ އަމުރަކީ، މި ގާނޫނުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަގުތީގޮތުން އެހެން ފަރާތަކާ ބެލުން ހަވާލުކޮށްފައިވާ ކުއްޖަކު، އެކުއްޖާގެ މައިންބަފައިންނާ ނުވަތަ ބެލެނިވެރިޔާއާ އަނބުރާ ހަވާލުކުރެވެންދެން ނުވަތަ އެކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ދާއިމީ އެހެން ގޮތެއް ހަމަޖެހެންދެން، އެކުއްޖާ ވަގުތީގޮތުން ބެލުން ހަވާލުކޮށްފައިވާ ފަރާތުގެ ކިބައިގައި ބެހެއްޓުމަށް އަމުރުކޮށް، ކޯޓުން ނެރޭ އަމުރެކެވެ.

(ށ) ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނީ، އެ އަމުރު ނިސްބަތްވާ ކުއްޖަކީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުއްޖެއް ކަމަށް ކޯޓަށް ގަބޫލުކުރެވުމާއެކު، އެކުއްޖާ ދިރިއުޅެމުންދިޔަ ތަނުގައި އެކުއްޖާ ބަހައްޓައިފިނަމަ، އެކުއްޖާއަށް އިތުރަށް ގެއްލުމެއް ލިބިދާނެކަމަށް ކޯޓަށް ގަބޫލުކުރެވޭ ހާލަތުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރުމާއެކު، އެ އަމުރުގައި ބަޔާންކުރާ ނިސްބަތަށް އެކުއްޖާގެ މައިންބަފައިންގެ ނުވަތަ ބެލެނިވެރިންގެ ހައްގުތައް ހަނިކުރެވޭނެއެވެ. އެ ހާލަތުގައި، އެކުއްޖާ ބެލެހެއްޓުމުގެ މައިގަނޑު ޒިންމާ ބަދަލުވާނީ ދައުލަތަށެވެ.

 

91 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން ދައުލަތުން އަދާކުރަންޖެހޭ ޒިންމާ

 (ހ) ރައްކާތެރިކުރުމުގެ އަމުރެއް ވުޖޫދުގައި އޮތްހާ ހިނދަކު އަންނަނިވި ކަންކަން ކުރުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ޒިންމާއެކެވެ.

  1. އެ އަމުރު ދެމިއޮތްހާ ހިނދަކު، އެ އަމުރު ނިސްބަތްވާ ކުއްޖާއަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުން؛
  2. ކުއްޖާގެ މައިންބަފައިން ކުއްޖާއާ ގުޅޭގޮތުން އުފުލަންޖެހޭ ޒިންމާ، އެކުއްޖާއާ ގުޅޭގޮތުން އުފުލުން؛
  3. ކުއްޖާއާ ގުޅުން ބަދަހިކޮށް، އެކުއްޖާއަށް އިރުށާދާއި އެހީތެރިކަން ފޯރުކޮށްދިނުން؛ އަދި
  4. އަމުރުގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

(ށ) ކުއްޖަކާ ގުޅޭގޮތުން ރައްކާތެރިކުރުމުގެ ސުޕަވިޒަން އަމުރެއް ނެރެފައިވާނަމަ، ކުއްޖާގެ މައިންބަފައިންނަށް، އެކުއްޖާއާ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުއްޖާއާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ އިހްތިޔާރު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ލިބިދީފައިވާ އިހްތިޔާރުގެ ބޭނުން އެ ސަރވިސްއިން ކުރަންވާނީ އެއީ ކުއްޖާގެ މަސްލަހަތަށް އެންމެ އެދެވޭ ގޮތް ކަމުގައި ވާނަމައެވެ.

 

92 ވަނަ މާއްދާ - ބަލަހައްޓަމުންގެންދާ ކުދިންނާއި މައިންބަފައިން ބައްދަލުކުރުން

 (ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ބެލުމުގެ ދަށުގައި ކުއްޖަކު ބަލަހައްޓަމުންދާ މުއްދަތުގައި އެކުއްޖާގެ މައިންބަފައިންނާ ގުޅުން ބޭއްވުމަށް އެކަށީގެންވާ ފުރުސަތު އެ ސަރވިސްއިން ކުއްޖާއަށް ފަހިކޮށްދޭންވާނެއެވެ.

(ށ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ނުވަތަ އެކުއްޖާ ކޯޓަށް ހުށަހެޅުމުން، ވަކި މީހަކާ ކުއްޖާއާ ބައްދަލުކުރެވޭނެ ނުވަތަ ގުޅުން ބޭއްވުމަށް ކޯޓަށް އެންމެ އެކަށީގެންވާ ގޮތް ކަމަށް ކަނޑައަޅާ އަމުރެއް ކޯޓަށް ނެރެވިދާނެއެވެ.

(ނ) ކުއްޖާގެ މައިންބަފައިން ކޯޓަށް ހުށަހެޅުމުން، ވަކި މީހަކާ ކުއްޖާއާ ބައްދަލުކުރެވޭނެ ނުވަތަ ގުޅުން ބޭއްވުމަށް ކޯޓަށް އެންމެ އެކަށީގެންވާ ގޮތް ކަމަށް ކަނޑައަޅާ އަމުރެއް ކޯޓަށް ނެރެވިދާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކޯޓުން ނެރޭ އަމުރެއް ބަދަލުކޮށްދިނުމަށް އެދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ނުވަތަ އެކުއްޖާ ނުވަތަ އެ އަމުރުގައި ބަޔާންކޮށްފައިވާ ފަރާތަކުން އެދިއްޖެނަމަ، އެ އަމުރު ބަދަލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ބ) ކުއްޖާ ބެލެހެއްޓުމަށް ނެރޭ އަމުރެއް ނެރުމުގެ ކުރިން ކޯޓުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. މި މާއްދާގައި ބަޔާންކުރާ ފަދަ ކުއްޖަކާ ބައްދަލުކުރުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ހަމަޖައްސާފައިވާ އިންތިޒާމާއި، ނުވަތަ ހަމަޖައްސަން ހުށަހަޅާފައިވާ އިންތިޒާމު؛ އަދި
  2. އެ އިންތިޒާމާމެދު އެފަރާތްތަކުން ދެކޭ ގޮތް ދެނެގަތުމަށްޓަކައި އެފަރާތްތައް ކޯޓަށް ހާޒިރުކޮށް، އެފަރާތުގެ ހިޔާލާއި ރައުޔު ހޯދުން.

 

93 ވަނަ މާއްދާ - ސުޕަވިޒަން އަމުރު

(ހ) ސުޕަވިޒަން އަމުރަކީ، މި ގާނޫނުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަގުތީގޮތުން އެހެން ފަރާތަކާ ބެލުން ހަވާލުކޮށްފައިވާ ކުއްޖެއްގެ މައްސަލަ، މި ގާނޫނުގެ 89 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅުމުން، ނުވަތަ މި ގާނޫނުގެ 89 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ސުޕަވިޒަން އަމުރަކަށް އެދި ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެ މައްސަލަ ނިސްބަތްވާ ކުއްޖާ އޭނާގެ މައިންބަފައިންނާ ނުވަތަ ބެލެނިވެރިޔާއާ ވަކިނުކޮށް، އޭނާ އޭނާގެ ބެލެނިވެރިންނާއެކު އޭނާ ދިރިއުޅެމުންދާއިރު، އޭނާ އެ މާހައުލުގައި ވަނިކޮށް، އޭނާއަށް ގެއްލުމެއް ކުރިމަތިވެދާނެތޯ ބެލުމަށްޓަކައި، އޭނާ އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ އިހްތިޔާރު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިނުމަށްޓަކައި ކޯޓުން ނެރޭ އަމުރެކެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސުޕަވިޒަން އަމުރެއް ކޯޓުން ނެރިއްޖެ ހާލަތެއްގައި، އެކުއްޖާއާގުޅޭ ކަންކަން ބަލައި މޮނިޓަރކުރަމުންދިޔުމަށް، ޗައިލްޑް އެންޑެ ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަމުރުކުރަންވާނެއެވެ. އަދި ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން އެފަރާތަކުން އެ އަމުރާ ގުޅޭގޮތުން ކޯޓަށް ޖަވާބުދާރީވާންވާނެއެވެ. 

 

94 ވަނަ މާއްދާ - ޖަވާބުދާރީވުމުގެ ހައްގާއި އިސްތިއުނާފުކުރުމުގެ ހައްގު

މި ގާނޫނުގެ 90 ވަނަ މާއްދާގެ ދަށުން ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރުމުގައި ނުވަތަ މި ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ސުޕަވިޒަން އަމުރެއް ކޯޓުން ނެރުމުގައި، ކުއްޖާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް، ޖަވާބުދާރީވާނެ ފުރުސަތު ދޭންވާނެއެވެ. އަދި އެއިން އަމުރެއް ކޯޓުން ނެރިއްޖެ ހިނދެއްގައި، އެ އަމުރު އިސްތިއުނާފުކުރުމުގެ ހައްގުވެސް، ކުއްޖާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ލިބިގެންވެއެވެ.

 

ސަތާރަވަނަ ބާބު

އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް

 

95 ވަނަ މާއްދާ - އޯލްޓަނޭޓިވް ކެއަރ ފެސިލިޓީތައް ގާއިމުކުރުން

(ހ) މި ގާނޫނުގެ ދަށުން ދައުލަތުން ވަގުތީގޮތުން ހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިންނަށް އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ލިބޭނެ ރެސިޑެންށަލް ފެސިލިޓީ، އެކަށީގެންވާ އަދަދަކަށް މިނިސްޓަރު ގާއިމުކުރަންވާނެއެވެ. 

(ށ) މި މާއްދާގެ ދަށުން މިނިސްޓަރު ގާއިމުކުރާ މަރުކަޒުތައް ހުންނަންޖެހޭ ފެންވަރާއި، އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތަކާއި ސަލާމަތީ މިންގަނޑުތަކާއި، މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލާއި، އެފަދަ މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނާމެދު އަމަލުކުރާނެ އުސޫލާއި، އެކުދިންނަށް ލިބެންޖެހޭނެ ހިދުމަތްތައް ކަނޑައަޅާނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައެވެ. އެފަދަ މިންގަނޑުތައް އެކުލަވާލަންވާނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި، ދީމިގްރާތީ މުޖުތަމައުތަކުން ބަލައިގަންނަ އެނޫންވެސް ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

96 ވަނަ މާއްދާ - އޯލްޓަނޭޓިވް ކެއަރ ފެސިލިޓީގައި ބޭތިއްބޭނެ ކުދިން

(ހ) އަންނަނިވި ހާލަތްތަކުގައިވާ ކުޑަކުދިން، އޯލްޓަނޭޓިވް ކެއަރ ފެސިލިޓީތަކުގައި ބައިތިއްބައިގެން ބެލެހެއްޓުމުގެ އިހްތިޔާރު ދައުލަތަށް ލިބިގެންވެއެވެ.

  1. މައިންބަފައިން، ބެލެނިވެރިން ނުވަތަ ށަރުއީ ބަލަދުވެރިން ދުނިޔޭގައި ތިބެ، ރައްކާތެރި މާހައުލެއް ފޯރުކޮށްނުދެވޭ ހާލަތްތައް މެދުވެރިވެފައިވާ ކުޑަކުދިންނާއި، މައިންބަފައިންނާއި، ބެލެނިވެރިން އިހުމާލުވެގެން ނުވަތަ އަނިޔާއެއް ކޮށްގެން، ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިން؛
  2. ގާނޫނީ ކުށެއްގެ ސަބަބުން ހުކުމް ތަންފީޒުކުރުމަށްޓަކައި މައިންބަފައިން ނުވަތަ ބަލަދުވެރިޔާ ޖަލުގައި ހުކުމް ތަންފީޒުކުރަން ދާންޖެހުމާ ގުޅިގެން، އެފަދަ މީހުންގެ ކުދިން؛
  3. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، އެކުއްޖާގެ ބަލީގެ ސަބަބުން އާއިލާގެ ތެރޭގައި އަދި މުޖުތަމައުގެ ތެރޭގައި ނުގެންގުޅެވޭ ވަރަށް ބަލި ހާލަތު ގޯސްވެ އެކުއްޖާގެ ފަރާތުން ބަޔަކަށް ނުރައްކާވެދާނެ ފަދަ އަމަލުތައް ނުވަތަ އަމިއްލަ ނަފްސަށް ނުރައްކާވެދާނެ އަމަލުތައް ކުރާ ކުއްޖެއް؛
  4. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އެކުދިންގެ މައިންބަފައިން ނުވަތަ ށަރުއީ ބަލަދުވެރިން ނުބަލާ ދޫކޮށްލާ ކުދިން؛
  5. ގެވެށި އަނިޔާގެ މައްސަލަތަކުގައި ވަގުތީ ރައްކާތެރިކަން ބޭނުންވާ ކުދިން؛
  6. އެހެން ފަރާތެއް ބެލެހެއްޓުމުގެ ޒިންމާ އުފުލުމަށް އުޒުރުވެރިވާ ނުވަތަ ނުކުޅެދިފައިވާ ށަރުއީ ބަލަދުވެރިއެއްގެ ބެލުމުގެ ދަށުގައިވާ ކުދިން؛ އަދި
  7. ޔަތީމު ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ށަރުއީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅާލާނެ މީހަކު ނެތް ކުދިން؛
  8. އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ކުދިން.

(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެނައުމަށް ނިންމުމުގައި އަމަލުކުރާނެ އުސޫލުތައް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ކުއްޖަކު އޯލްޓަނޭޓިވް ކެއަރ ފެސިލިޓީއަކަށް ބަދަލުކުރުމުގެ ކުރިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ވެވުނު މިންވަރަކުން ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކޮށް، އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.

  1. ހުންނާނެ ތަނެއް ހަމަޖައްސައިދިނުމުގައި، އެކަމާމެދު، ކުއްޖާ ދެކޭގޮތް ހޯދުން؛ އަދި
  2. ކުއްޖާގެ އުމުރާއި ކަންކަން ފަހުމްވާ މިންވަރަށް ބަލައި، އެކުއްޖާ ބޭނުންވާގޮތަށް ކަންކަން ކޮށްދެވޭތޯ ބެލުން.

 

97 ވަނަ މާއްދާ - އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި މެނުވީ އޯލްޓަނޭޓިވް ކެއަރއަށް ބަދަލުނުކުރުން

(ހ) މި ގާނޫނުގެ 95 ވަނަ މާއްދާ އެހެން އޮތްނަމަވެސް، މި ގާނޫނުގެ ދަށުން އޯލްޓަނޭޓިވް ކެއަރއަށް ކުއްޖަކު ބަދަލުކުރުމުގެ ކުރިން، ވީވަރަކުން ބަލަންވާނީ، އެކުއްޖެއްގެ އާއިލީ މާހައުލުން އެކުއްޖާ ދުރުނުކޮށް ނުވަތަ ނުނަގާވޭތޯއެވެ. އަދި ފުރަތަމަ ހާލަތުގައި، ބަލަންވާނީ، ކުއްޖާގެ އާއިލާގެ އެހެން ފަރާތަކާ އެކުއްޖާ ހަވާލުކުރުމަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖެއްގެ އާއިލާގެ އެހެން ފަރާތަކާ ހަވާލުކުރަން މަސައްކަތްކުރުމަށްފަހު، އެކަން މެދުވެރިވާން ނެތްނަމަ، ދެން ބަލަންވާނީ، މި ގާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުއްޖާ ފޮސްޓަރކޮށްދޭނެ ފަރާތަކާ ކުއްޖާ ހަވާލުކުރެވޭތޯއެވެ.

(ނ) އޯލްޓަނޭޓިވް ކެއަރއަށް ކުއްޖާ ބަދަލުކުރަންވާނީ، އެއީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާނަމަ، އަދި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ފަދައިން އަމަލުކުރެވެން ނެތް ހާލަތްތަކުގައި، އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންނެވެ. 

 

އަށާރަވަނަ ބާބު

ފޮސްޓަރ ކެއަރގެ ހިދުމަތް ފޯރުކޮށްދިނުން

 

 98 ވަނަ މާއްދާ - ފޮސްޓަރ ކެއަރގެ ނިޒާމެއް ގާއިމުކުރުން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށްޓަކައި އެކުދިންގެ އާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައިބޮޑުކުރުމުގެ ޒިންމާ ދައުލަތުގެ ފަރާތުން އެހެން ފަރާތަކާ ހަވާލުކުރެވޭނެ ފޮސްޓަރ ކެއަރގެ ނިޒާމެއް، މި ގާނޫނުގެ ދަށުން މިނިސްޓަރު ގާއިމުކުރަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފޮސްޓަރ ކެއަރގެ ނިޒާމު، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު ގާއިމުކުރަންވާނެއެވެ.

 

99 ވަނަ މާއްދާ - ކުއްޖާ ފޮސްޓަރކުރުމަށް އެހެން ފަރާތަކާ ހަވާލުކުރުން

(ހ) މި ގާނޫނުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކީ، އެކުއްޖާގެ މައިންބަފައިންނާ އެކުއްޖާ ބެލުން އަލުން ހަވާލުކުރެވެން ނެތް ކުއްޖެއް ކަމަށް ނުވަތަ އެކުއްޖާގެ އާއިލާގެ އެހެން ފަރާތަކާ ބެލުން ހަވާލުކުރެވެން ނެތް ކުއްޖެއް ކަމަށް ދައުލަތަށް ފެނިއްޖެނަމަ، އެކުއްޖަކު ފޮސްޓަރކުރުމަށް އެހެން ފަރާތަކާ ހަވާލުކުރުމަށްޓަކައި ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ދައުލަތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖަކު ފޮސްޓަރކުރުމަށް އެހެން ފަރާތަކާ ހަވާލުކުރަންވާނީ، އެ ފަރާތަކީ ކުއްޖާއަށް ދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތާއި އަޅާލުން ދެވޭނެފަދަ ފަރާތެއްކަން ކަށަވަރުކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ ދަށުން ކުއްޖަކު ފޮސްޓަރކުރުމަށް ހަވާލުކުރުމުގައި، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިކަން ކޯޓުން ބަލަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކުޑަކުއްޖަކު ފޮސްޓަރކުރުމަށް ހަވާލުކުރުމުގައި، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އެކުއްޖާ ފޮސްޓަރކުރަން ހަވާލުކުރެވިދާނެއެވެ.

  1. ވަގުތީގޮތުން އެކުއްޖާ ބަލަހައްޓާނެ ފަރާތަކާ ކުއްޖާ ފޮސްޓަރކުރަން ހަވާލުކުރުން؛ ނުވަތަ
  2. ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓަރކޮށްދޭ ފަރާތަށް ބަދަލުކުރުމާއެކު، ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ކުއްޖާ ބެލެހެއްޓުމަށް ކުއްޖާ ފޮސްޓަރކުރަން ހަވާލުކުރުން.

(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި، ވަގުތީގޮތުން ކުދިން ފޮސްޓަރކޮށްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، ކުއްޖާއާ ގުޅޭގޮތުން އެފަރާތްތަކަށް އޮންނަ ޒިންމާއާއި، އެފަދަ ފަރާތްތައް ދައުލަތަށް ރިޕޯޓު ކުރުމާގުޅޭ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ދައުލަތުގެ ފަރާތުން އެހީ ދިނުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ވަގުތީގޮތުން ކުދިން ފޮސްޓަރކުރަން ހަވާލުކުރެވޭ ފަރާތްތަކުގެ މައްޗަށްވެސް މި ގާނޫނުގެ 106 ވަނަ މާއްދާގައި ބަޔާންކުރާ ޒިންމާތައް މަތިކުރެވިގެންވެއެވެ.

(ކ) މި ގާނޫނުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކީ، މި ގާނޫނުގެ 96 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ ހާލަތުގައިވާ ކުއްޖެއް ކަމުގައިވާނަމަ، އެކުއްޖަކު ފޮސްޓަރކުރުމުގައި ބަލަންވާނީ، މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެކުއްޖާ ފޮސްޓަރކުރުމަށެވެ.

(އ) މި މާއްދާގެ ދަށުން އެއްވެސް ކުއްޖަކު ފޮސްޓަރކުރުމަށް އެހެން ފަރާތަކާ ހަވާލުކުރަންވާނީ، ކޯޓު އަމުރެއްގެ ދަށުންނެވެ. 

(ވ) މި މާއްދާގެ ބޭނުމަށްޓަކައި "ފޮސްޓަރކުރުން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށްޓަކައި އެކުދިންގެ އާއިލާތަކާ ހަވާލުކުރެވެން ނެތް ކުދިންނާއި، ށަރުއީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައިބޮޑުކުރުމަށްޓަކައި، އެކުދިން ބެލެހެއްޓުމަށް، ވަގުތީގޮތުން ނުވަތަ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަމާއެކު، އެހެން ފަރާތަކާ ހަވާލުކުރާ ކުރުމަށެވެ.

 

100 ވަނަ މާއްދާ - ފޮސްޓަރކުރެވޭނެ ކުދިން

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ފޮސްޓަރކުރެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ކުދިންނެވެ.

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން، އެކުދިންގެ މައިންބަފައިން ނުވަތަ ށަރުއީ ބަލަދުވެރިން ދުނިޔޭގައި ތިބެމެ ނުބަލާ ދޫކޮށްލާ ކުދިން ނުވަތަ ބެލުމަށް އިންކާރުކޮށްފައިވާ ކުދިން؛

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން އެއްވެސް ސަބަބަކާހުރެ އެކުދިންގެ އާއިލާއާއެކު ދިރިއުޅެވެންނެތް ކުދިން؛

(ނ) ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން އުޅެފައިވާ މުއްދަތުގެ ތެރޭގައި އާއިލާގެ ފަރާތުން ކުދިންނާ ބައްދަލުނުކޮށް ހާލު ނުބަލައި އަދި އާއިލާގެ ފަރާތުން ކުދިންނާ ގުޅުމެއް ނުބާއްވާ ކުދިންކަމަށް ރެކޯޑުތަކުން ފެންނަ ކުދިން؛ ނުވަތަ

(ރ) ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން އުޅެފައިވާ މުއްދަތުގެ ތެރޭގައި އާއިލާގެ ފަރާތުން ކުދިންނާ ބައްދަލުކޮށް، ހާލު ބަލައި އަދި އާއިލާގެ ފަރާތުން ކުދިންނާ ގުޅުން ބޭއްވި ނަމަވެސް، ކުދިން ބެލުމަށް ނުވަތަ ކުދިންނާ ހަވާލުވުމަށް އާއިލާގެ ހާލަތު ހުރި ގޮތުން އުޒުރުވެރިވާ އާއިލާތަކުގެ ކުދިން.

 

101 ވަނަ މާއްދާ - ފޮސްޓަރކުރަން ހަވާލުކުރުމުގެ ކުރިން ކުރަންޖެހޭ ކަންކަން

(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ދައުލަތުގެ ފަރާތުން އެހެން ފަރާތަކަށް ބަދަލުކޮށްދިނުމުގެ ކުރިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް މެދުވެރިކޮށް، އަންނަނިވި ކަންކަން ކުރުމަކީ މިނިސްޓަރުގެ ޒިންމާއެކެވެ.

  1. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުއްޖާގެ މައިންބަފައިންގެ، ނުވަތަ އެކުއްޖާގެ މައިންބަފައިން ދުނިޔޭގައި ނެތްނަމަ، ނުވަތަ މައިންބަފައިންނަކީ ކޮން ބައެއްކަން ނޭނގޭނަމަ، އެކުއްޖާގެ ށަރުއީ ބަލަދުވެރިންގެ ބަހެއް ހޯދުމަށް މަސައްކަތް ކުރުން؛ އަދި
  2. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފޮސްޓަރ ބެލެނިވެރިޔާގެ އެސެސްމަންޓެއް ހެދުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ކަމާބެހޭ ދާއިރާތައް ތަމްސީލުވާ ގޮތަށް ކޮމިޓީ ނުވަތަ ޕެނަލްތައް މިނިސްޓަރަށް އެކުލަވާލެވިދާނެއެވެ. މިގޮތުން ކޮމިޓީ ނުވަތަ ޕެނަލްތައް އެކުލަވާލާނެ ގޮތާއި، ކޮމިޓީ ނުވަތަ ޕެނަލްތަކުގައި ހިމެނޭނެ ފަރާތްތަކާއި، ކޮމިޓީ ނުވަތަ ޕެނަލްތައް މަސައްކަތްކުރާނެ ގޮތުގެ އުސޫލުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކުރާ އެސެސްމަންޓް ހެދުމާގުޅޭ އުސޫލުތަކާއި އެނޫންވެސް ކުޑަކުއްޖަކު ފޮސްޓަރކުރަން ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް، މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ.

 

102 ވަނަ މާއްދާ - ފޮސްޓަރ ބެލެނިވެރިޔަކަށް ގާނޫނީ ބެލެނިވެރިކަން ހަވާލުކުރުން

(ހ) މި ގާނޫނުގެ ދަށުން ފޮސްޓަރކުރުމަށް ށަރުތު ހަމަވާ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓަރ ބެލެނިވެރިޔަކާ ހަވާލުކުރުމަށްޓަކައި، އެކަމަށް އެދި ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ހުށަހަޅާ ހުށަހެޅުމެއްގައި، މި ގާނޫނުގެ 101 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފޮސްޓަރ ބެލެނިވެރިޔާއާ ގުޅޭގޮތުން މިނިސްޓަރު ހަދާ އެސެސްމަންޓް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާމެދު ގޮތެއް ނިންމުމުގައި ކުއްޖާގެ މަސްލަހަތު ރައްކާތެރިކުރުމަށް ކޯޓުން އިސްކަންދޭންވާނެއެވެ.

(ރ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކުއްޖާގެ މަސްލަހަތު ބޮޑު ގޮތަކީ، އެކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓަރ ބެލެނިވެރިޔާއާ ހަވާލުކުރުން ކަމަށް ކޯޓުން ކަނޑައަޅަންވާނެއެވެ.

  1. ކުއްޖާގެ މައިންބަފައިން ނުވަތަ ށަރުއީ ބަލަދުވެރިންގެ ބަހެއް ހޯދުމަށްޓަކައި މިނިސްޓްރީން ދެ ފަހަރު މަތިން މަސައްކަތްކޮށް، ކުއްޖާގެ މައިންބަފައިންގެ ނުވަތަ ށަރުއީ ބަލަދުވެރިންގެ ބަހެއް ނުލިބުން؛ ނުވަތަ
  2. ކުއްޖާގެ މައިންބަފައިން ނުވަތަ ށަރުއީ ބަލަދުވެރިން ދުނިޔޭގައި ތިބެމެ، ކުއްޖާ ބެލުމަށް އިންކާރުކުރުމާއެކު، ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ބަދަލުކުރުމާމެދު އިންކާރުކުން.

 

103 ވަނަ މާއްދާ - ހުށަހެޅުމަކާ މެދު ކޯޓުން ވަކި ގޮތެއް ނިންމަންޖެހޭނެ މުއްދަތު

މި ގާނޫނުގެ 102 ވަނަ މާއްދާގެ (ހ) ގައިވާ ފަދަ ހުށަހެޅުމެއް ކޯޓަށް ލިބޭތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އަޑުއެހުމެއް ބާއްވައި، އެ ހުށަހެޅުމަކާމެދު ވަކި ގޮތެއް ނިންމަންވާނެއެވެ.

 

104 ވަނަ މާއްދާ - އެއްބަސްވުމެއް މެދުވެރިކޮށް ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ހަވާލުކުރުން

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ދައުލަތުން ފޮސްޓަރ ބެލެނިވެރިޔާއަށް ހަވާލުކުރުމަށް ކޯޓުން ނިންމައިފިނަމަ، ދައުލަތާއި ފޮސްޓަރ ބެލެނިވެރިޔާއާ ދެމެދު ވެވޭ އެއްބަސްވުމެއް މެދުވެރިކޮށް އެފަރާތަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ހަވާލުކުރުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

105 ވަނަ މާއްދާ - ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓަރ ބެލެނިވެރިޔާއަށް ހަވާލުކުރުމުގެ ނަތީޖާ

(ހ) ޔަތީމު ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ށަރުއީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅާލާނެ މީހަކު ނެތް ކުދިން ފިޔަވައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓަރ ބެލެނިވެރިޔާއަށް ހަވާލުކުރުމަށް ކޯޓުން ނިންމާ ނިންމުމަކީ، އެކުއްޖެއްގެ އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވަންދެން ދެމިއޮންނާނެ ނިންމުމެކެވެ.

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ޔަތީމު ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ށަރުއީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅާލާނެ މީހަކު ނެތް ކުދިން ފޮސްޓަރކުރުން ނިމުމަކަށް އަންނާނެ ހާލަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

106 ވަނަ މާއްދާ - ފޮސްޓަރ ބެލެނިވެރިންގެ ޒިންމާ

(ހ) މި ގާނޫނުގެ ދަށުން ކުއްޖާ ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން މައިންބަފައިންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް ފޮސްޓަރ ބެލެނިވެރިންގެ މައްޗަށް ހިނގާނެއެވެ.

(ށ) މި މާއްދާގެ ދަށުން ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަމާ ހަވާލުވާ ފަރާތްތަކުން، މި ގާނޫނުގެ 105 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތަކުންކުރެ ހާލަތެއްގައި ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެ ކަމެއް މެދުވެރިވުން ހުއްޓުވުމުގައި އިހުމާލުވެއްޖެކަމަށް ދައުލަތަށް ފެނިއްޖެނަމަ، ކުއްޖާގެ ގާނޫނީ ބެލެނިވެރިޔާގެ ކިބައިން ކުއްޖާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ގެނެވޭނެއެވެ. އެ ހާލަތުގައި އަމަލުކުރާނީ މައިންބަފައިންގެ ކިބައިން ކުއްޖާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގައި އަމަލުކުރުމަށް މި ގާނޫނުގެ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

107 ވަނަ މާއްދާ - ފޮސްޓަރ ކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން

(ހ) ފޮސްޓަރ ބެލެނިވެރިޔަކަށް އެދި ހުށަހަޅާނެ ގޮތް؛

(ށ) ފޮސްޓަރ ބެލެނިވެރިޔަކަށް ވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ށަރުތުތައް؛

(ނ) ފޮސްޓަރ ބެލެނިވެރިޔަކު ހޮވާނެ އުސޫލު؛

(ރ) ފޮސްޓަރ ބެލެނިވެރިޔާއާ ކުދިން ހަވާލުކުރާނެ އުސޫލު؛ 

(ބ) ފޮސްޓަރ ކޮށްފައިވާ ކުދިން މޮނިޓަރ ކުރުމާބެހޭ އުސޫލު؛

(ޅ) ފޮސްޓަރ ބެލެނިވެރިންނަށް އެހީތެރިވުމުގެ ގޮތުން ސަޕޯޓިންގ ނިޒާމެއް އެކުލަވާލުމާބެހޭ އުސޫލު؛

(ކ) މިނިސްޓްރީގެ ދައުރު؛ އަދި

(އ) ފޮސްޓަރ ބެލެނިވެރިންގެ ދައުރު. 

 

 

ނަވާރަވަނަ ބާބު

އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން

 

 108 ވަނަ މާއްދާ - އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކުޑަކުދިންނަށް އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާނީ، މި ގާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގެ ދަށުން މިނިސްޓަރު ކަނޑައަޅާ ކުޑަކުދިން ރައްކާތެރިކޮށްދިނުމުގެ ސިޔާސަތާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލުން ކަމާގުޅޭގޮތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ކުޑަކުދިންނަށް އެކަށީގެންވާ ގޮތުގައި ރައްކާތެރިކަން ފޯރުކޮށްނުދެވޭނަމަ، ނުވަތަ އެކުދިން ބަލައި ބޮޑުކުރުމުގައި އެހީތެރިކަމަށް ބޭނުންވާނަމަ، މި ގާނޫނުގެ ދަށުން އެހީތެރިކަމާއި ރައްކާތެރިކަން ހޯދުމަށް އެދި އެކުއްޖެއްގެ ބެލެނިވެރިންނަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އެހީތެރިކަމާއި ރައްކާތެރިކަން ހޯދުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގައި އެދޭ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން މިނިސްޓަރު ގާއިމުކުރަންވާނެއެވެ.

 

 

ވިހިވަނަ ބާބު

ކުޑަކުދިން ކުށްކުރުމާ ދުރުކުރުން

 

109 ވަނަ މާއްދާ - ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށް އޮތް ދައުލަތުގެ ޒިންމާ

(ހ) ކުޑަކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުވުމަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައަޅައި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބި ކުދިންނަށް ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުޑަކުދިންނަށް ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ދައުލަތުން ޕްރޮގްރާމްތައް ރާވައި ހިންގަންވާނެއެވެ. އަދި ކަމާގުޅޭގޮތުން ކުޑަކުދިންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ނ) ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކުރާ އުމުރަށްވުރެ ހަގު ކުދިންގެ ތެރެއިން ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރީހެބިލިޓޭށަން އަދި އެނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމުތައް، ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.

 

110 ވަނަ މާއްދާ - ކުޑަކުދިން ކުށް ކުރުމާ ދުރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުން

(ހ) މި ގާނޫނުގެ 109 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ދައުލަތުގެ ފަރާތުން ހިންގާ ޕްރޮގްރާމްތައް ހިންގާނީ، ކަމާބެހޭ ފަރާތްތަކުގެ މަށްވަރާއާއެކު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮގްރާމްތައް ހިންގުމުގައި، ބަލަންވާނީ، ކުށްކުރުމަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބޭ ކުދިން އިސްލާހުކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް، އެކުދިންގެ މައިންބަފައިންނާއި އާއިލާއާއި، ކިޔަވައިދޭ ތަންތަނާއި، އެނޫންވެސް ފަރާތްތަކާއެކު ހިންގުމަށެވެ. 

(ނ) މި މާއްދާގެ ދަށުން ކުޑަކުދިންނަށް ހިންގޭ ޕްރޮގްރާމްތަކާއި އެފަދަ ޕްރޮގްރާމްތަކާގުޅޭ އެނޫންވެސް އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

111 ވަނަ މާއްދާ - ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނަކީ ކުށްކުރާ ކުދިން ކަމުގައި ނުބެލުން

މި ގާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަށް ޕްރޮގްރާމްތައް ހިންގުމުގައި، އެއްވެސް ހާލެއްގައި، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަށްވުރެ ހަގު އުމުރުގެ ކުދިންނާމެދު، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅުއަޅައިގެން ނުވާނެއެވެ.

 

112 ވަނަ މާއްދާ - ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށް މައިންބަފައިންނާއި ބެލެނިވެރިންނާއި އާއިލާއާއި މުޖުތަމައަށް އޮތް ޒިންމާ

(ހ) ކުޑަކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކުއްޖާގެ މައިންބަފައިންނާއި ބެލެނިވެރިން އަޅަންވާނެއެވެ. 

(ށ) ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި މި ގާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތަކުގައި ކުއްޖާ ބައިވެރިކުރުވައި، އެއްބާރުލުންދިނުމާއި، މިފަދަ ޕްރޮގްރާމްތަކުގައި މައިންބަފައިންނާއި ބެލެނިވެރިން ބައިވެރިވާންޖެހޭ ހާލަތްތަކުގައި ބައިވެރިވުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. 

 

ފަސްވަނަ ބައި

ގާނޫނު ތަންފީޒުކުރާ މިންވަރު މޮނިޓަރކުރުން

 

އެކާވީސްވަނަ ބާބު

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން

 

113 ވަނަ މާއްދާ - ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އައްޔަންކުރުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާ މިންވަރު މޮނިޓަރކުރުމަށްޓަކައި އައްޔަންކުރެވޭ މިނިވަން، މުސްތަޤިއްލު ޗިލްޑްރަންސް އޮމްބަޑްސްޕަރސަނެއް ހުންނަންވާނެއެވެ.

(ށ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމަށް މީހަކު އައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެއް ނަން ނުވަތަ އެއަށްވުރެ ގިނަ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަން ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

(ބ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އައްޔަންކުރާ ފުރަތަމަ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އައްޔަންކުރުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި އެ މަގާމަށް މީހަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ މަގާމަށް މީހަކު އައްޔަންކުރުމާމެދު ގޮތެއް ނިންމަންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން އައްޔަންކުރެވޭ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން، އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ކަންކަމާއި ހިންގާ ތަހްގީގުތަކުގެ ނަތީޖާތަކާ ގުޅޭގޮތުން ޖަވާބުދާރީވާނީ ރައްޔިތުންގެ މަޖިލީހަށެވެ.

(ކ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ، މިނިވަން މުސްތަޤިއްލު އިދާރާއެކެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ދައުލަތުން ފޯރުކޮށްދޭންވާނެއެވެ. 

 

114 ވަނަ މާއްދާ - މިނިވަންކަމާއެކު އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތު އަދާކުރުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މަސައްކަތްކުރަންވާނީ ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، މިނިވަންކަމާއެކުގައެވެ.

 

115 ވަނަ މާއްދާ - ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތައް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދައުލަތުގެ އިދާރާތަކުން މި ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުން؛

(ށ) ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ މުއާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ، އެ މުއާހަދާއާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛

(ނ) ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުން؛ އަދި

(ރ) ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހްގީގުކޮށް، މުތާލިއާކުރުން.

 

116 ވަނަ މާއްދާ - ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމުގެ ށަރުތު

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ކަމަށް އައްޔަންކުރެވޭ މީހެއްގެ ކިބައިގައި ތިރީގައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހިރައްޔިތަކު ކަމުގައިވުން؛
  2. އުމުރުން 30 (ތިރީސް) އަހަރު ފުރިހަމަވެފައިވުން؛
  3. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛
  4. އިންތިހާބުކުރެވިގެން ނުވަތަ އައްޔަންކުރެވިގެން ދައުލަތުގެ އެއްވެސް މަގާމެއްގައި ހުރި މީހެއް ކަމުގައި ނުވުން؛
  5. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ނުވުން؛ އަދި
  6. މި ގާނޫނުގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތައް ކަމަށް ބަޔާންކޮށްފައިވާ ކަންކަން އަދާކުރެވޭވަރުގެ ގާބިލުކަންހުރުމާއެކު ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ދާއިރާއަކުން ނުވަތަ ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ތައުލީމު ހިމެނޭގޮތުން ގާނޫނީ، އިޖްތިމާއީ، ނުވަތަ ޕޮލިސީއާގުޅޭ ދާއިރާއަކުން މަދުވެގެން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށް، އެއިން ދާއިރާއަކުން މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ ހުރި މީހަކަށްވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތަކުގެ އިތުރުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމަށް އައްޔަންކުރެވޭ ފަރާތަކީ، ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ނުވަތަ އިހުމާލުވުމުގެ އަމަލެއް ހިންގުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވެފައިވާ ނުވަތަ އެފަދަ ތުހުމަތެއް ރައްދުވެފައިވާ މީހެއް ކަމުގައިވެގެންނުވާނެއެވެ.

(ނ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމަށް ކުރިމަތިލާފައިވާ މީހަކާ ގުޅޭގޮތުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ތުހުމަތަކާގުޅޭ ށަކުވާއެއް ދައުލަތުގެ އެއްވެސް އިދާރާއަކަށް ހުށަހެޅި ބަލަމުންދާނަމަ، އެއީ އެފަދަ ތުހުމަތެއް ރައްދުވެފައިވާ ފަރާތެއް ކަމުގައި ބެލޭނެއެވެ.

 

117 ވަނަ މާއްދާ - ޗިލްޑްރަންސް އޮމްބަޑްސްޕަރސަންކަމުގެ މުއްދަތު

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ކަމަށް މީހަކު އައްޔަންކުރާނީ 5 (ފަހެއް) އަހަރުދުވަހުގެ އެއް ދައުރަށެވެ. އެހެންނަމަވެސް، މި ގާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ފަރާތެއް ފިޔަވައި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ކަމަށް އައްޔަންކުރެވޭ މީހެއްގެ މަގާމުގެ މުއްދަތު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.

 

 118 ވަނަ މާއްދާ - މަގާމުން އިސްތިއުފާދިނުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން، އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި،  އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަން، އޭނާގެ މަގާމުން ވަކިވީއެވެ.

 

119 ވަނަ މާއްދާ - މަގާމުން ވަކިކުރުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން، އޭނާގެ މަގާމުން ވަކިކުރެވޭނީ، މި މާއްދާގެ   (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންކަމުގެ މަގާމާ އެކަށީގެންނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް ނާގާބިލުވެއްޖެ ކަމަށް ފެނިއްޖެ ހިނދެއްގައި؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެމީހަކު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން، އެމީހަކު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންކަމުން ވަކިވީއެވެ.

 

 120 ވަނަ މާއްދާ - މަގާމުން ވަކިވުން

މި ގާނޫނުގެ 116 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ ކިބައިން އުނިވެއްޖެނަމަ، އެމީހަކު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންކަމުގެ މަގާމުން ވަކިކުރަންވާނެއެވެ.

 

121 ވަނަ މާއްދާ - މުސާރައާއި އިނާޔަތް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ދެވޭ މުސާރައާއި އިނާޔަތް ކަނޑައަޅާނީ، ރައްޔިތުންގެ މަޖިލީހުންނެވެ.

 

ހަވަނަ ބައި

ކުށާއި އަދަބު

 

ބާވީސްވަނަ ބާބު

ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ބައެއް ކުށް

 

 122 ވަނަ މާއްދާ - ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށް 

(ހ)  އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުތައް ކުރާ މީހާ އެކުރަނީ ކުށެކެވެ.

  1. މަޖުބޫރުކުރުވައިގެން ނުވަތަ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ކުޑަކުއްޖަކު ލައްވާ މަސައްކަތް ކުރުވުން؛ ނުވަތަ
  2. މަޖުބޫރުކުރުވައިގެން ނުވަތަ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ކުޑަކުއްޖަކު ލައްވާ އެހެން މީހަކަށް ފައިދާއެއް ހޯދައިދިނުން؛ ނުވަތަ
  3. ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުން؛ ނުވަތަ
  4. ޖިނާއީ ކުށެއް ކުރުވުމަށްޓަކައި ކުޑަކުއްޖަކު ރެކްރޫޓްކުރުން ނުވަތަ ގްރޫމްކުރުން.

(ށ)  މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

(ނ)  މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރީ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކުނަމަ، އެ ކުށުގެ އަދަބަކީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

123 ވަނަ މާއްދާ - ގްރޫމްކުރުމުގެ ކުށް

(ހ)  ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމަކީ ކުށެކެވެ.

(ށ)  ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ހަވާލުވެފައިވާ މީހަކު ގްރޫމްކުރުމަކީ ކުށެކެވެ.

(ނ)   މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކުޑަކުއްޖަކު ގްރޫމްކުރުން ކަމަށް ބުނެފައި އެވަނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ އަމަލެއް އެކުއްޖާއާމެދު ހިންގުމަށްޓަކައި، އެކުއްޖާއަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް ދީގެން އެކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، އެކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރާ ކުރުމަށެވެ.

(ރ)  މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ހަވާލުވެފައިވާ މީހަކު ގްރޫމްކުރުން ކަމަށް ބުނެފައި އެވަނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ އަމަލެއް ކުއްޖަކާމެދު ހިންގުމަށްޓަކައި، އެއިން ފަރާތަކަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް ދީގެން އެއިން ފަރާތަކާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، އެފަރާތުގެ އިތުބާރު ހޯދުމަށް މަސައްކަތްކުރާ ކުރުމަށެވެ.

(ބ)  މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްކުރީ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކުނަމަ، އެ ކުށުގެ އަދަބަކީ 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

(ކ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ،  5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

124 ވަނަ މާއްދާ - ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށް

(ހ)  ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ އެކުއްޖާގެ ސިއްހަތަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ މަސްލަހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމަކީ ނުވަތަ އެފަދަ އަމަލެއް ހިނގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކުއްޖާއަށް ގެއްލުމެއްވެއްޖެނަމަ، އެކަން ކުރި މީހާ އެކުރީ ކުށެކެވެ.

(ށ)  މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ކަމަށް ބުނެފައި އެވަނީ، ކުއްޖާ އަނިޔާއިން ސަލާމަތްކުރުމަށް އެ މާއްދާގައި ބަޔާންކުރާ ފަދަ ފަރާތެއްގެ މައްޗަށް އޮތް ޒިންމާއާއި ކުއްޖާއަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް އެފަދަ ފަރާތެއްގެ މައްޗަށް އޮތް ޒިންމާ ހިމެނޭގޮތުންނެވެ.

(ނ)  މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިއެއް ނުވަތަ ކުއްޖާ ބެލުން ނުވަތަ ބެލެހެއްޓުން ހަވާލުވެފައިވާ މީހަކީ، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައި ބެލެވޭނެއެވެ.

(ރ)  މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

125 ވަނަ މާއްދާ - ކުޑަކުއްޖަކު އަނިޔާގެ އަމަލަކުން ސަލާމަތްކުރުމަށް އިހުމާލުވުން

(ހ)  ކުޑަކުދިންނާގުޅޭ މަރުކަޒެއްގައި މަސައްކަތްކުރާ މީހެއްކަމުގައިވެ ހުރެ އެތަނުގައި މަސައްކަތްކުރާ އެހެން މީހެއްގެ ފަރާތުން ކުޑަކުއްޖަކަށް އަނިޔާއެއް ލިބިދާނެ ކަމުގެ ނުރައްކަލެއް އޮތްކަން އެނގިހުރެ، އަދި އެކަން ހުއްޓުވުމަކީ ނުވަތަ އެ ނުރައްކާ ކުޑަކުރުމަކީ އޭނާގެ ބާރުގެ ދަށުގައިވާ ކަމެއް ކަމުގައިވާ ހާލަތުގައި، އެކަން ނުކޮށް ދޫކޮށްލުމަކީ ކުށެކެވެ.

(ށ)  މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކުޑަކުދިންނާގުޅޭ މަރުކަޒެއް ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަންތަން ހިމެނޭ ގޮތުންނެވެ.

  1. ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް؛
  2. ކުޑަކުދިންގެ ޑިޓެންށަން ސެންޓަރުތައް؛
  3. ކުޑަކުދިންނަށް ކިޔަވައިދޭ ތަންތަން؛
  4. ކުޅިވަރުގެ މަރުކަޒުތައް؛
  5. ސިއްހީ ފަރުވާދޭ ތަންތަން؛
  6. ކުޑަކުދިންނަށް ފަރުވާދޭ ނުވަތަ ހިދުމަތްދޭ އެނޫންވެސް މަރުކަޒުތައް.

(ނ)  މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުޑަކުދިންނާގުޅޭ މަރުކަޒެއްގައި މަސައްކަތްކުރާ މީހެއް ކަމަށް ބުނެފައި އެވަނީ، އެފަދަ ތަނެއްގެ މުވައްޒަފުންނާއި، ކޮންޓްރެކްޓަށް މަސައްކަތްކުރާ ފަރާތްތަކާއި ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތައްވެސް ހިމެނޭގޮތުންނެވެ.

(ރ)  މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

126 ވަނަ މާއްދާ - ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓުނުކުރުން

(ހ) މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާކަން އެނގިހުރެ، އެކަށީގެންވާ ސަބަބަކާ ނުލައި އެކަން ހާއްސަކޮށް ފުލުހުންނަށް ނުވަތަ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ނުވަތަ ކުޑަކުދިންގެ މަސްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަކަށް ނާންގައި ހުރުމަކީ ކުށެކެވެ.

  1. ޖިންސީ ގޯނާ؛
  2. ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ؛
  3. އެކްސްޕްލޮއިޓޭށަންގެ އަމަލު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް މީހަކު ކުރުމުގައި، އެކުށް ރިޕޯޓުނުކުރުމަށް އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިގަނެފައިވާނަމަ، އެމީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 

ހަތްވަނަ ބައި

އެހެނިހެން

 

ތޭވީސްވަނަ ބާބު

އާންމު މާއްދާތައް

 

127 ވަނަ މާއްދާ - ކުއްޖާއާގުޅޭ ވެލްފެއަރ ރިޕޯޓު

(ހ) މި ގާނޫނުގެ ދަށުން ކުއްޖަކާގުޅޭ މައްސަލައެއް ކޯޓުން ނިންމާއިރު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އެކުއްޖާއާ ބެހޭގޮތުން ކޯޓަށް ރިޕޯޓުކުރުމަށް އަންގައި، އެފަދައިން އެ ސަރވިސްއިން ތައްޔާރުކުރާ ވެލްފެއަރ ރިޕޯޓަށް ރިއާޔަތްކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ތައްޔާރުކުރާ ކުއްޖާގެ ވެލްފެއަރ ރިޕޯޓުގައި ހިމަނަންޖެހޭ ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ރިޕޯޓެއް އެކުލަވާލުމަށް ކޯޓުން އަންގާ އެންގުމަކަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ތަބާވާންވާނެއެވެ.

 

128 ވަނަ މާއްދާ - ގެވެށި އަނިޔާގެ އަމަލުތަކާގުޅޭ

މި ގާނޫނުގެ ދަށުން އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިން ކަމަށް ކަނޑައެޅޭ ކުދިންގެ ތެރެއިން، ގެވެށި އަނިޔާގެ ށިކާރައަކަށްވާ ކުދިންނާމެދު އަމަލުކުރުމުގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ނުވަތަ ފުލުހުން މަސައްކަތްކުރަންވާނީ، ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ 52 ވަނަ މާއްދާގައި ބަޔާންކުރާ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއާ އެކުގައެވެ.

 

129 ވަނަ މާއްދާ - ގާނޫނާ ހިލާފުވުން

(ހ) މި ގާނޫނުގެ ދަށުން މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ނުވަތަ ކުއްޖާ ބަލަހައްޓަމުންދާ ފަރާތެއްގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއަކާ ހިލާފުވާ ފަރާތްތަކުން ކުރާ އަމަލަކީ ޖިނާއީ ކުށެއް ކަމުގައިވާނަމަ، އެމީހެއްގެ މައްޗަށް ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ދައުވާ އުފުލޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލަކީ، ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިނުވާ އަމަލެއްނަމަ، އެ އަމަލު ހިންގި ފަރާތެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިދާރީ ފިޔަވަޅުތައް މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދުގައި އިދާރީ ފިޔަވަޅުގެ ގޮތުގައި ކަނޑައަޅަންވާނީ، އެފަރާތެއް ކުރި އަމަލުގެ ކުޑަބޮޑު މިނަށް ބަލައި، ކަނޑައެޅޭ އިދާރީ ފިޔަވަޅެކެވެ. އަދި އެއިން ފިޔަވަޅަކީ އެފަރާތުން ކުރި އަމަލާ ނުބައްދަލު ފިޔަވަޅެއް ކަމުގައި ނުވާނެކަން ކަށަވަރުކުރުމަށްޓަކައި، އެފަދައިން ފިޔަވަޅު ކަނޑައެޅުމުގައި، ކުޑަކުދިންނަށް އިހުމާލުވާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރެވޭ ބައިނަލްއަގްވާމީ އުސޫލުތަކަށް މިނިސްޓަރު ރިއާޔަތްކުރަންވާނެއެވެ.

 

130 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 3 (ތިނެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

131 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން، ކަމާގުޅޭ ކޯޓަކުން ހަދަންޖެހޭ ގަވާއިދެއް ފިޔަވައި، އެނޫން ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ކަމާގުޅޭ ކޯޓަކުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އެ ކޯޓަކުންނެވެ.

(ނ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

132 ވަނަ މާއްދާ - އުވާލެވޭ ގާނޫނާއި ގާނޫނުގެ މާއްދާތައް

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގާނޫނާއި،  މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގާނޫނުގެ މާއްދާތައް އުވުނީއެވެ.

(ހ) ގާނޫނު ނަންބަރު 9/1991 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު).

(ށ) ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 44 ވަނަ މާއްދާގެ (ހ) އަދި އެ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރު.


133 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކުޑަކުއްޖެއް" ނުވަތަ "ކުއްޖާ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ   4 ވަނަ މާއްދާގައި ބަޔާންކުރާ ކޮންމެ ކުއްޖަކަށެވެ.

(ށ) "ނަފްސާނީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ފެންނަ ފެނުމުގައި ކުއްޖާގެ ސިކުނޑީގެ ނުވަތަ ކުއްޖާ ނަފްސާނީގޮތުން މަސައްކަތްކުރުމުގައި ނުކުޅެދުންތެރިކަމެއް ހުރި ކަމަށް ގަބޫލުކުރެވޭނަމަ އަދި އެ ހާލަތު މެދުވެރިވެފައިވަނީ ކުއްޖާއަށް މީހެއްގެ ފަރާތުން ދޭ ނަފްސާނީ އަނިޔާއެއްގެ ސަބަބުން ކަމަށް ގަބޫލުކުރެވޭ ހާލަތެއްގައި، ކުއްޖާގެ އުޅުމުގައި ނުވަތަ ކުއްޖާގެ ސިކުނޑީގައިވާ އުނިކަމާއި، އެންޒަޔަޓީއާއި، ޑިޕްރެށަންއާއި، އެކަނިވެރިވުމާއި، ރުޅިގަދަވުމާއި ހެދިބޮޑުވުމުގައި ލަސްވުން ފަދަ ކަންކަމާއި އެނޫންވެސް ނަފްސާނީ އަނިޔާއެއް ލިބިފައިވާކަން ދަލީލުކޮށްދޭ ކަންކަމަށެވެ.

(ނ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޟާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޟާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) "ކުއްޖާގެ މަންމަ" ކަމަށް ބުނެފައި އެވަނީ، އެކުއްޖާ ބަނޑުއަޅާ ވިހެއި މައިމީހާއަށެވެ.

(ބ) "ކުއްޖާގެ ބައްޕަ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގެ ދަށުން ސައްހަ ކައިވެންޏެއް ކޮށްފައިވާ ފިރިހެނާއަށް އެ ގާނޫނުގެ 52 ވަނަ މާއްދާގައި ބުނާ ދަރިލައްވާ މުއްދަތުގައި އޭނާ ކައިވެނިކުރި އަންހެނާ ދަރިއަކު ވިހައި، އެ ދަރީގެ ނަސަބު ނަފީކުރުމަށް، ލިއާންކޮށްފައިނުވާ ފިރިހެނާއަށެވެ.

(ޅ) "ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ" ކަމަށް ބުނެފައި އެވަނީ، ކޮންވެންށަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އަށެވެ.

(ކ) "އެކްސްޕްލޮއިޓޭށަން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ބާވަތެއްގެ މަންފާއެއް ހާސިލުކުރުމަށްޓަކައި ކުއްޖާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ކުއްޖާގެ ހެދިބޮޑުވުމަށް އަސަރުކުރުވާފަދަ ގޮތަކަށް ހިންގާ ލާއިންސާނީ އެންމެހައި އަމަލުތަކަށެވެ.

(އ) "އިހުމާލުވުން" ކަމަށް ބުނެފައި އެވަނީ، ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިއަކު ނުވަތަ އެކުއްޖާ އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ ފަރާތަކުން ކުރި އަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމެއް ކުރުމަތިކުރުވާފަދަ އެންމެހައި އަމަލުތައް ނުވަތަ އެފަދަ ގެއްލުމެއް ކުއްޖާއަށް ކުރިމަތިވެދާނެފަދަ އަމަލުތަކަށެވެ.

(ވ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ފެމިލީ ކޯޓަށެވެ. ނުވަތަ މި ގާނޫނުގައި ބަޔާންކުރާ ކަންކަން ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށެވެ.

(މ) "މައިންބަފައިން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމަ އަދި ބައްޕައަށެވެ.

(މ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއެއްގެ ވަޒީރަށެވެ.

(ދ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އެއިރަކު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ތ) "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި، މިނިވަން މުއައްސަސާތަކާއި، މުސްތަޤިއްލު މަގާމުތަކާއި، ސަލާމަތީ ހިދުމަތްތަކާއި، ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއްމެ ހިމެނޭ ގޮތުންނެވެ.

(ލ) "ޖިސްމާނީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ބާރުގެ ބޭނުންކޮށްގެން ނުވަތަ އެއްޗެއް ބޭނުންކޮށްގެން ކުއްޖާގެ ހަށިގަނޑުން ބަޔަކަށް ގަސްދުގައި ދީފައިވާ ކަމަށް ބެލެވޭ އަނިޔާއަށެވެ. މިފަދަ އަނިޔާގެ ތެރޭގައި، ކަފައިގެންގޮސްފައިވާ ތަންތަނާއި، ނޫފައިގެންފައި ހުންނަ ތަންތަނާއި، ކަނޑައިގެން ގޮސްފައިވާ ތަންތަނާއި، ލަކުނާއި، ކަށީގައި ލާފައި ހުންނަ ރެނދު (ފްރެކްޗަރ) ނުވަތަ ކަށްޓަށް ލިބިފައިވާ އެނޫންވެސް ގެއްލުމާއި، ހުޅުން ނައްޓައިގެން ދިއުމާއި، އެނބުރުމާއި، ލޭފޭބުމާއި، ނާރެއް (ވިސްކަސް) ފަޅައިގެން ދިއުމާއި، ފިހިފައިވާ ތަންތަނާއި، ފޮޅާއި، ހޭވެރިކަމަށް ނުވަތަ ފިޒިއޮލޮޖިކަލް ފަންކްށަނިންގ ހުއްޓުން ނުވަތަ އެކަމަށް ބަދަލެއް އައުމާއި، އިސްތަށި ނުވަތަ ދަތަށް ލިބޭ ގެއްލުން ހިމެނެއެވެ.

(ގ) "ޖިންސީ ގޯނާ" ކަމަށް ބުނެފައި އެވަނީ، ކުއްޖާއަށް ކުރިމަތިކުރުވާ، ނުވަތަ ތަހައްމަލުކުރުވާ ނުވަތަ އޭނާއަށް ދައްކައިގެން ކުރާ ކޮންމެ ޖިންސީ އަމަލަކަށެވެ. އެއީ، ކުއްޖާއާ އާއިލީ ގުޅުމެއް އޮތް މީހެއްގެ ކިބައިން ކަމުގައިވިޔަސް ނުވަތަ އެނޫން ފަރާތެއްގެ ކިބައިން ކަމުގައިވިޔަސްވެސްމެއެވެ.

(ޏ) މި ގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ "ސިއްހީ ފަރުވާ" ކަމަށް ބުނެފައި އެވަނީ، ދަރިމައިވުމުގެ ކުރިން ކުރަންޖެހޭ ފަރުވާއާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާއާއި، ކުއްޖާއާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާ ހިމެނޭގޮތުންނެވެ.

(ސ) މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ "ޒާތީ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ ނަމާއި، އެޑްރެހާއި، ސްކޫލާއި، ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އޭނާގެ ތަސްވީރަށެވެ.

(ޑ) "ކޭސް ކޮންފަރެންސިންގ" ކަމަށް ބުނެފައި އެވަނީ، ކަމާގުޅުންހުރި މުއައްސަސާތައް އެކުވެ ކުއްޖާގެ މައްސަލައިގައި ވަށާޖެހޭ އެހީތެރިކަމެއް ދިނުމަށް ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުމަށެވެ.

(ޒ) މި ގާނޫނުގެ 116 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "އަނިޔާކުރުން" ކަމަށް ބުނެފައި އެވަނީ، ޖިސްމާނީ ގޮތުން ނުވަތަ މާއްދީ ގޮތުން ނުވަތަ ކުއްޖާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ނުވަތަ ހާނިއްކައެއް ދިނުމަށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

  1. ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ށިކާރައަކަށް ވެފައިވާ ކުދިންނާއި، އެ ނޫން ވެސް ސަބަބަކަށް ޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ މައުލޫމާތު އާންމުކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރު ބަޔާންކުރާ އުސޫލު (އުސޫލު ނަންބަރު 2023-19)
  2. އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ގެ އުސޫލު (އުސޫލު ނަންބަރު 2022-33)
  3. ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ގެ އޮފީހުގެ ތަޙުޤީޤު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-175)
  4. ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ އާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 103/2021)
  5. ކުޑަކުދިންގެ އަދުލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-102)
  6. ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-72)
  7. ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-71)
  8. ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-70)
  9. އޯލްޓަނޭޓިވް ކެއަރގެ ހިދުމަތާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-69)
  10. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-30)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު