ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-32) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2019-15)
ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
4.ޓެރަރިޒަމް މާނަކުރުން
(ހ) މި ގާނޫނުގައި "ޓެރަރިޒަމް ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގްސަދުތައް ހާސިލުކުރުމުގެ ގޮތުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމަށެވެ.
- ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށްޓަކައި ؛ އަދި
- ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ވަކި އަމަލަކީ ޓެރަރިޒަމްގެ އަމަލެއް ކަމުގައިވާނީ، އެ މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރުމަށެވެ.
- މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން؛
- ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން؛
- ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން؛
- މުދަލަށް ބޮޑެތި ގެއްލުން ދިނުން؛
- ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން؛
- އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުން؛
- މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަގްސަދަކަށްޓަކައި ނޫން ނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް މީހަކު ހިންގީ، ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ ގޮވާތަކެތި ބޭނުންކޮށްގެން ކަމުގައިވާނަމަ، އެ އަމަލަކީ، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ޓެރަރިޒަމްގެ މާނައިގެ ތެރޭގައި ހިމެނޭނެ އަމަލެކެވެ.
(ރ) މި މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ގާނޫނު ހުއްދަކުރާ ހާލަތުގައި، ހަޅުތާލެއް ކުރުމުގެ ސަބަބުން ނުވަތަ މަސައްކަތް ހުއްޓާލުމުގެ ސަބަބުން ނުވަތަ ސުލްހަވެރިކަމާއެކު އެއްވުމުގެ ސަބަބުން އާންމު ހިދުމަތެއް މެދުކެނޑުމަކީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ޓެރަރިޒަމްގެ އަމަލެއް ކުރުން ކަމުގައެއް ނުބެލެވޭނެއެވެ.
(ބ) މި މާއްދާގެ ބޭނުމަށްޓަކައި، މުހިންމު އުމްރާނީ ވަސީލަތެއް ކަމަށް ބުނެފައި އެވަނީ، އެއަށް ގެއްލުމެއް ދީފިނަމަ، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް އެއްވެސް ނޭދެވޭ އަސަރެއް ކުރުވާފަދަ ކޮންމެ އެސެޓެއް ނުވަތަ ސިސްޓަމެއް ނުވަތަ ނެޓްވަރކްއަކަށެވެ. އޭގެ ތެރޭގައި، މާއްދީ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރުގެ ވަސީލަތްތަކާއި ފަސޭހަތައް ހިމެނެއެވެ.
(ޅ) މި މާއްދާގެ ބޭނުމަށްޓަކައި، އަސާސީ ހިދުމަތެއް ކަމަށް ބުނެފައި އެވަނީ، ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތަކަށާއި، މުވާސަލާތީ ހިދުމަތްތަކަށާއި އާންމު ދަތުރުފަތުރުގެ ހިދުމަތްތަކަށެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
5.ޓެރަރިޒަމްގެ އަމަލެއް ހިންގުން
މި ގާނޫނުގައި ކަނޑައެޅިގެން އެނޫން ގޮތަކަށް މާނަކޮށްފައިވާ ހާލަތުގައި ފިޔަވައި، "ޓެރަރިޒަމްގެ އަމަލެއް ހިންގުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތަކުގެ ތެރެއިން ކުށެއް ކުރުން ހިމެނޭގޮތުން، ޓެރަރިޒަމްގެ އެއްވެސް އަމަލެއް ހިންގުމަށެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޓެރަރިޒަމްގެ ކުށް 6 (ހ)
- މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ކުރުމަކީ ކުށެކެވެ.
- މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމަކީ ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
11(ނ)
- ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރުން؛
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
12. ހަނގުރާމަވެރި ހަތިޔާރާއި، ގޮވާ ތަކެއްޗާއި ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ވިއްކުމާއި އުފެއްދުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާއި ގެންގުޅުން
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
12 (ހ) ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމުގެ ގޮތުން، ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާއެއް ހިމެނޭ އެއްޗެއް އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި އެހެން މީހަކަށް ދިނުމާއި، އެހެން ތަނަކަށް ގެންދިޔުމާއި އެއިން ވިޔަފާރިކުރުމަކީ ކުށެކެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
16.ހަނގުރާމައަށް ދިޔުމާއި ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުން
(ހ) ދިވެހިސަރުކާރުގެ ފަރާތުން ހާއްސަ ހުއްދައެއް ލިބިގެން މެނުވީ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
- ހަނގުރާމައަށް ދިޔުން؛
- ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން؛
(ށ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
- ހަނގުރާމައަށް މީހަކު ފޮނުވުން؛
- ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތްކުރުން ނުވަތަ އެކަމަށް ހިތްވަރުދިނުން.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމަށް އެހީތެރިވުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމަށް އެހީތެރިވުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
(ބ) މި މާއްދާގެ ބޭނުމަށްޓަކައި "ހަނގުރާމައަށް ދިޔުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދަކަށްޓަކައި ދިވެހިރާއްޖެ ދޫކޮށް ދިޔުމަށެވެ.
- ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާގަތަކުން ނުވަތަ އެފަދަ ޖަމާގަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް؛
- ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލުތައް ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް؛
- ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް.
(ޅ) މި މާއްދާގެ ބޭނުމަށްޓަކައި "ހަނގުރާމަވެރި ސަރަހައްދެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބޭރުގައި، ޓެރަރިސްޓް ޖަމާގަތަކުން ނުވަތަ އެފަދަ ޖަމާގަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހަނގުރާމައެއް ހިންގަމުންދާ ސަރަހައްދުތަކުގެ ތެރެއިން މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ ސަރަހައްދަށެވެ.
(ކ) އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، މި މާއްދާގެ (އ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތެއްގައި ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަކީ ހަނގުރާމައަށް ދިޔުމަށްޓަކައި އެފަދަ ސަރަހައްދަކަށް ދާ ދިޔުމެއް ކަމުގައި ބެލޭނެއެވެ.
(އ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދަކަށްޓަކައި ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަކީ ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުމަކީ ކުށެއް ކަމުގައެއް ނުބެލެވޭނެއެވެ.
- ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް؛
- ކޯޓު އަމުރެއް ތަންފީޒު ކުރުމަށް؛
- އެހެން ގައުމެއްގެ ސަރުކާރަކުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް؛
- އ.ދ ނުވަތަ އ.ދ ގެ އޭޖެންސީއަކުން ހަވާލުކުރާ މަސައްކަތެއް ކުރުމަށް؛
- ހުއްދަކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތެއްކުރުމަށް؛
- އަމިއްލަ ޖަމްގިއްޔާއަކުން ނުވަތަ ޖަމާގަތަކުން ސަރުކާރުން ހުއްދަދޭ ހާއްސަ މަސައްކަތެއް ކުރުމަށް؛
- ސަރުކާރުން ހުއްދަދޭ އެނޫންވެސް ކަމެއް ކުރުމަށް.
(ވ) މާއްދާގެ (އ) ގެ (1) ވަނަ ނަންބަރާއި (5) ވަނަ ނަންބަރާއި (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަގްސަދެއް ހާސިލުކުރުމަށްޓަކައި، އެއްވެސް ފަރާތަކަށް ހަނގުރާމަވެރި ސަރަހައްދަކަށް ދެވޭނީ، އަދި އެފަދަ ސަރަހައްދެއްގައި މަޑުކުރެވޭނީ، އެކަމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅައި، ލިޔުމުން ހުއްދަ ހޯދުމަށްފަހުގައެވެ.
(މ) މި މާއްދާގެ (ވ) އެހެން އޮތްނަމަވެސް، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރަކު އެ އޮފިސަރެއް ނިސްބަތްވާ އިދާރާގެ ރަސްމީ މަސައްކަތެއް ކުރުމަށްޓަކައި ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށް ނުވަތަ އެފަދަ ސަރަހައްދެއްގައި މަޑުކުރުމަށްޓަކައި މި މާއްދާގެ (ވ) ގައި ބަޔާންކުރާ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ.
(ފ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 9 (ނުވައެއް) އަހަރާއި 12 (ބާރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ދ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ތ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ލ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ގ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ޏ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ހަނގުރާމައަކަށް ދިޔުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އެނބުރި ދިވެހިރާއްޖެ އަންނަ މީހާއާމެދު މި ގާނޫނުގެ އަށްވަނަ ބާބުގައި ބަޔާންކުރާ ފިޔަވަޅުތައް އަޅަންވާނެއެވެ. އޭގެ އިތުރުން، އެފަދަ ފަރާތެއްގެ މައްޗަށް މި ގާނޫނުގެ ހަވަނަ ބާބުގައި ބަޔާންކުރާ ފިޔަވަޅުތައް އެޅިދާނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
16-1 ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެ ކުރަނީ ކުށެކެވެ.
- ޓެރަރިސްޓް ޖަމާގަތަކަށް ތާއީދުކުރުން ނުވަތަ ތާއީދުކުރުމަށް ގޮވާލުން؛
- ޓެރަރިސްޓް ޖަމާގަތެއްގެ އަމަލުތައް ދިފާގުކޮށް އެފަދަ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއްކަމަށް ވަކާލާތުކުރުން؛ ނުވަތަ ތިމާއަކީ ވަކި ޓެރަރިސްޓް ޖަމާގަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދައިން ހިޔާލުފާޅުކުރުމާއެކު، އެފަދައިން ފާޅުކުރާ ހިޔާލު ރައްދުވާ ފަރާތުން އެ ހިޔާލަށް ބަރޯސާވެ، ޓެރަރިސްޓް ޖަމާގަތަކަށް އެފަރާތުން ތާއީދުކުރުމަށް ހިތްވަރުލިބިގަނެދާނެ ކަމާމެދު ފަރުވާލެއް ނެތި، އެ ހިޔާލުފާޅުކުރުން؛
- ވަކި ބައްދަލުވުމަކީ، ޓެރަރިސްޓް ޖަމާގަތަކަށް ތާއީދުކުރުމަށް ގޮވާލުމަށްޓަކައި، ނުވަތަ ޓެރަރިސްޓް ޖަމާގަތެއްގެ ހަރަކާތްތައް ކުރިއެރުވުމަށްޓަކައި، ނުވަތަ ޓެރަރިސްޓް ޖަމާގަތަކަށް ނިސްބަތްވާ ފަރާތަކަށް ނުވަތަ ޓެރަރިސްޓް ޖަމާގަތަކަށް ނިސްބަތްވާކަމަށް ބުނާ ފަރާތަކަށް ނުވަތަ ޓެރަރިސްޓް ޖަމާގަތަކަށް ފާޅުގައި ތާއީދުކުރާ ފަރާތަކަށް ވާހަކަދެއްކުމުގެ ނުވަތަ ތަގްރީރުކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުމެއްކަން އެނގިހުރެ، އެފަދަ ބައްދަލުވުމެއް ރޭވުން ނުވަތަ އިންތިޒާމްކުރުން ނުވަތަ ރޭވުމުގައި ނުވަތަ އިންތިޒާމްކުރުމުގައި އެހީތެރިވެދިނުން؛
- ވަކި ބައްދަލުވުމަކީ، ޓެރަރިސްޓް ޖަމާގަތަކަށް ތާއީދުކުރުމަށް ގޮވާލުމަށްޓަކައި، ނުވަތަ ޓެރަރިސްޓް ޖަމާގަތެއްގެ ހަރަކާތްތައް ކުރިއެރުވުމަށްޓަކައި ބާއްވާ ބައްދަލުވުމެއްކަން އެނގިހުރެ، އެ ބައްދަލުވުމުގައި ވާހަކަދެއްކުން ނުވަތަ ތަގްރީރުކުރުން؛
- ޓެރަރިސްޓް ޖަމާގަތެއްގެ މެންބަރެއްކަމަށް ނުވަތަ ޓެރަރިސްޓް ޖަމާގަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް ލުން، ނުވަތަ އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން ނުވަތަ ބޭނުންކުރުން.
(ށ) މި މާއްދާގެ(ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު އަދި (4) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ނ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޓެރަރިސްޓް ޖަމާގަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައެޅުން 18.
(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ(ށ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އަދި މި ގާނޫނުގެ 16 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށްޓަކައި، ޓެރަރިސްޓް ޖަމާގަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަށްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާގަތްތަކުގެ ލިސްޓު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު، މަދުވެގެން ކޮންމެ 12 (ބާރަ) މަހަކުން 1 (އެކެއް) ފަހަރު މުރާޖަގާކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެރަރިސްޓް ޖަމާގަތްތަކުގެ ލިސްޓު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު، މި މާއްދާގެ (ށ) ގެ ދަށުން މުރާޖަގާކުރުމަށްފަހު، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަށްވަރާއާއެކު އެ ލިސްޓުތަކަށް އުނިއިތުރު ގެނައުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާގަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓާއި، މި މާއްދާގެ (ޏ) ގެ ދަށުން އެ ލިސްޓުތަކަށް ގެނެވޭ އުނިއިތުރު، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިގުކުރަންވާނެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ދެވަނަ ބާބުގެ ފަހަތަށް އަންނަނިވި ފަދައިން ބާބެއް އިތުރުކުރުން.
ތިންވަނަ ބާބު
ޓެރަރިޒަމާގުޅޭ މަގުލޫމާތު ހާމަކުރުމާއި އިންޓެލިޖެންސް ހިއްސާކުރުން
19-1. ޓެރަރިޒަމާގުޅޭ މަގުލޫމާތު ހާމަކުރުންް
މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މަގުލޫމާތެއް، އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ، އެކަން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަންވާނެއެވެ. އަދި އެ މަގުލޫމާތަކީ، މި ގާނޫނުގެ 3-19 ވަނަ މާއްދާގެ ދަށުން އެއްވެސް އިންޓެލިޖެންސް އިދާރާއަކާ ހިއްސާކުރަންޖެހޭ މަގުލޫމާތެއް ކަމުގައިވާނަމަ، އެ މަގުލޫމާތެއް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެފަރާތަކާ ހިއްސާކުރަންވާނެއެވެ.
19-2. ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތައް
މި ގާނޫނުގެ ބޭނުމަށްޓަކައި، އަންނަނިވި އިދާރާތަކަކީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތައް ކަމުގައި ބެލޭނެއެވެ.
(ހ) މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސް؛
(ށ) މޯލްޑިވްސް ޕޮލިސް ސަރވިސް؛
(ނ) މޯލްޑިވްސް ކަސްޓަމްސް ސަރވިސް؛
(ރ) މޯލްޑިވްސް އިމިގްރޭށަން؛
(ބ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓް.
19-3. ޓެރަރިޒަމާގުޅޭ އިންޓެލިޖެންސާއި މަގުލޫމާތު ބަދަލުކުރުމުގެ އޮނިގަނޑު
(ހ) ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަގުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރުމަށްޓަކައި، ކަމާގުޅޭ އޮނިގަ ނޑެއް، މި ގާނޫނުގެ ދަށުން މިނިސްޓަރު އެކުލަވާލައި، އެ އޮނިގަ ނޑާ އެއްގޮތަށް ޓެރަރިޒަމާގުޅޭ އިންޓެލިޖެންސާއި މަގުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލައި މޮނިޓަރކުރަމުން ގެންދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ)ގެ ދަށުން އެކުލަވާލާ އޮނިގަ ނޑުގައި، މި ގާނޫނުގެ 2-19 ވަނަ މާއްދާގައި ބަޔާންކުރާ އިދާރާތަކަށް ލިބޭ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަގުލޫމާތުގެ ތެރެއިން ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ އިދާރާތަކާ ހިއްސާކުރަންޖެހޭ އިންޓެލިޖެންސާއި މަގުލޫމާތު ހިއްސާކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރަންވާނެއެވެ.
(ނ) މި ގާނޫނުގެ 2-19 ވަނަ މާއްދާގައި ބަޔާންކުރާ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން، މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ އޮނިގަ ނޑާ އެއްގޮތްވާ ގޮތުގެމަތިން ޓެރަރިޒަމާ ގުޅޭ މުހިންމު މަގުލޫމާތު، އެ އިދާރާތަކުގެ މެދުގައި ބަދަލުކުރަންވާނެއެވެ.
(ރ) ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް ހޯދުމާއި އެއްކުރުމާއި އެފަދަ އިންޓެލިޖެންސް ދިރާސާކުރުމުގެ ގާބިލުކަން، މި ގާނޫނުގެ 2-19 ވަނަ މާއްދާގައި ބަޔާންކުރާ އިންޓެލިޖެންސް އިދާރާތަކުގައި ގާއިމުކުރަންވާނެއެވެ.
(ބ) މި ގާނޫނުގެ 2-19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް އިދާރާތަކުގެ އިތުރުން، ދައުލަތުގެ އެއްވެސް އިދާރާއެއްގެ މަސައްކަތުގެ ދާއިރާއިން ޓެރަރިޒަމާ ގުޅޭ މުހިންމު މަގުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް، އެ މަގުލޫމާތެއް، އެ މާއްދާގައި ބަޔާންކުރާ އިދާރާތަކުގެ ތެރެއިން އެ މަގުލޫމާތަކާ ގުޅުންހުރި އިދާރާއަކާ ހިއްސާކުރަންވާނެއެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިންވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހަތަރުވަނަ ބާބު
ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ ބާރުތައް
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރު
20. ގާނޫނުއަސާސީން ލިބިދޭ ބައެއް ހައްގުތައް ހިފެހެއްޓިގެންވުން
(ހ) މި ގާނޫނުގެ ދެވަނަ ބާބުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހާއަށް ގަނޫނޫއަސާސީން ލިބިދޭ ހައްގުތަކުގެ ތެރެއިން، މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތައް، އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް ހިފެހެއްޓިގެންވެއެވެ.
(ށ) މި ބާބުގެ ދަށުން ހިފެހެއްޓިފައިވާ އަސާސީ ހައްގުތައް ހިފެހެއްޓިފައިވަނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
(ނ) މި ގާނޫނުގެ ދަށުން އެ ހައްގުތައް އެ މިންވަރަށް ހިފެހެއްޓިގެންވަނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިންތޯ ކޯޓުން ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) ނުކުތާއަށްވެސް، މި ގާނޫނުގެ ދަށުން، އެ އަސާސީ ހައްގުތައް އެ މިންވަރަށް ހިފެހެއްޓުމުގައި، ރައްޔިތުންގެ މަޖިލީހުން ރިގާޔަތްކޮށްފައިވާ ކަމަށް ކޯޓުން ބަލަންވާނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 21 ވަނަ މާއްދާ އުނިކުރުން.
21. ހަނުހުރުމުން ކުށް ސާބިތުކުރުމަށް ބާރު ލިބިދޭ ހާލަތް
(ހ) ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި، އިތުރު އެއްވެސް މަގުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު ލިބިދީފައި ވީނަމަވެސް، އަދި ހަނުހުރުމުގެ ހައްގު ބޭނުންކުރުމަކީ، އޭގެ ޒާތުގައި ކުށުގެ ތުހުމަތުގައި ހުރި މީހާ ކުށެއް ކުރީ ކަމަށް ބެލެވޭނެ ސަބަބެއް ކަމުގައި ނުވިނަމަވެސް، މައްސަލައިގައި ށަރީގަތަކަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށް ބަލާއިރު، ކުށެއް ކުރިކަމަށް އެކަށީގެންވާ މިންވަރަކަށް ގަބޫލުކުރެވޭނަމަ، އޭނާ ހަނުހުންނަ ހުރުމަކީ، އެކަމަށް އިތުރު ބާރު ލިބިދޭ ކަމެއް ކަމުގައި ބެލެވިދާނެއެވެ. އެއީ، ހެކީގެ ބުރަދަން މިސްރާބުޖަހަނީ އޭނާ ކުށެއް ކުރީ ކަމުގައި ބެލެވޭ ގޮތަށް ކަމުގައިވާހިނދު، އޭނާއަށް ލިބިދޭ ފުރުސަތުގައި، އެކަން އެހެން ގޮތަކަށް ސާބިތުކޮށްނުދީ، ހަނުހުރިކަމަށްޓަކައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލުން ށަރީގަތަށް ދޭހައެއް ކުރެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
- ހަނުހުރުމުގެ ހައްގު ލިބިގެންވާކަން ބަޔާންކޮށްދެވިފައިވުމާއި، ހަނުހުރެފިނަމަ އޭގެ ނަތީޖާއަކީ ކޮބައިކަން ބަޔާންކޮށްދެވިފައިވުން.
- ށަރީގަތަށް ހުށަހެޅިފައިވާ ހެކީގެ ޖުމްލަ ބުރަދަނަށް ބަލާއިރު، ހެކީގެ ބުރަދަން މިސްރާބު ޖަހަނީ އެކަށީގެންވާ މިންވަރެއްގެ ށައްކެއްނެތި އެ ކުށް ސާބިތުވުމަށް ކަމުގައިވުން.
14 ވަނަ މާއްދާ - .ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
22.ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުން
(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 11 ވަނަ މާއްދާއާއި 12 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރަން އުޅޭކަމުގެ ތުހުމަތުކުރެވޭ ފަރާތަކާމެދު ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، އެފަދަ ފަރާތެއްގެ މައްޗަ ށް ތުހުމަތުކުރެވޭ ކުށް ކޮށްފާނެކަމަށް ބެލުމަށް ބުއްދިއަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެނަމަ، ނުވަތަ ހެކި ނައްތާލަފާނެ ކަމަށްޓަކައި، ކޯޓު އަމުރަކާ ނުލައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހައްޔަރުކުރެވޭ ފަރާތްތައް ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި، އެ މީހަކު ހައްޔަރުކުރެވޭތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ފަ ނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މީހަކު ހައްޔަރުކުރަންވާނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާ އެކުއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން މީހަކު ހައްޔަރުކުރުމުގައާއި، ހައްޔަރުކުރުމަށްފަހުގައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 40 ވަނަ މާއްދާގެ (ބ) އަދި (ޅ) އާއި، 42 ވަނަ މާއްދާއާއި، 43 ވަނަ މާއްދާއާއި، 44 ވަނަ މާއްދާއާއި، 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް ފުލުހުން އަމަލުކުރަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން މީހަކު ހައްޔަރުކުރުމުގައި، ހައްޔަރުކުރެވޭ މީހާ ކޮށްފާނެކަމަށް ބެލެވޭ ޓެރަރިޒަމްގެ އަމަލުން ލިބިދާނެކަމަށް ބެލެވޭ އެންމެހައި ގެއްލުންތަކެއް ކުޑަކުރުމަށްޓަކައި، ރައްކާތެރިކަމުގެ ގޮތުން އެހިނދަކަށް އަޅަންޖެހޭ އެންމެހައި ގާނޫނު ހުއްދަކުރާ ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ ދަށުން ހައްޔަރުކުރުމުގެ ބާރު ލިބިދޭ ހާލަތުގައި ހުރި މީހަކު އަމިއްލަ ތަނެއްގައި ހުރިނަމަ، އެ މީހަކު ހައްޔަރުކުރުމަށްޓަކައި އެތަނަކަށް ވަނުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ކ) މި މާއްދާގެ ދަށުން ފުލުހުން އަމިއްލަ ތަންތަނަށް ވަނުމުގައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަންތަނަށް ވަންނަ ހާލަތުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކަށް އަމަލުކުރަންވާނެއެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
22-1. ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުން
(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ ފަރާތެއްގެ އަތުގައި، މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ އެފަދަ ކުށެއްގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އޮތްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭނަމަ، ކޯޓު އަމުރަކާ ނުލައި އެފަދަ ފަރާތެއް ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަލައި ފާސްކުރާ މީހަކާ ގުޅޭގޮތުން ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ކަންކަން ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ބަލައި ފާސްކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު، ކޯޓު އަމުރަކާނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާގޮތަށް ބަލައި ފާސްކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ބަލައި ފާސްކުރުމުގައި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ (ކ) އާއި، (އ) އަދި (ބ) އަށް ފުލުހުން އަމަލުކުރަންވާނެއެވެ.
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
23.ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު
(ހ) މި ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހާއަށް، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޭންޖެހޭ ގާނޫނީ އިންޒާރު ދީ، އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަން އަންގަންވާނެއެވެ.
(ށ) ފުލުހުންގެ ހައްޔަރުގައި ހުރި މީހާ ބޭނުން ކަމުގައިވާނަމަ، އޭނާއާ ސުވާލުކުރެވޭ ވަގުތު އޭނާގެ ގާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ހައްގު، އޭނާއަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދެފިނަމަ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުން އޭނާއަށް އެ ފުރުސަތު ދޭންވާނެއެވެ.
(ނ) ހައްޔަރުކުރެވޭއިރު ފުލުހުން ދޭ ގާނޫނީ އިންޒާރު ދިނުމަށްފަހުގައި، އަދި އެ އިންޒާރުގައި ހިމެނޭ ކަންކަން އޭނާއަށް ފަހުމްވެއްޖެކަން ކަށަވަރު ކުރުމަށްފަހުގައިވެސް ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންނުވާކަމަށް ބުނެ، އެ ފުރުސަތު ދޫކޮށްލައިފި މީހަކާ ފުލުހުންނަށް ސުވާލު ކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އެ މާއްދާގެ ދަށުން ގާނޫނީ ވަކީލަކު ހަމަޖައްސަންދޭ ފުރުސަތުގައި، 12 (ބާރަ) ގަޑިއިރު ފާއިތުވާއިރުވެސް، އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށް ދެވިދާނެއެވެ.
(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ހައްޔަރުގައި ހުރި މީހާއަށް ގާނޫނީ ވަކީލު ހަމަޖައްސަން ދޭ ފުރުސަތުގައި، އޭނާ ގައްޔަންކުރާ ވަކީލު 12 (ބާރަ) ގަޑިއިރު ފާއިތުވާއިރުވެސް ހާޒިރުވެފައިނުވަނީ، އެވަކީލުގެ އިހުމާލުން ކަމުގައިވާނަމަ، އެހެން ވަކީލެއް ގައްޔަންކުރުމަށްފަހު އެ ވަކީލު ހާޒިރުވުމަށް އިތުރު 6 (ހައެއް) ގަޑިއިރުގެ ފުރުސަތެއް ހައްޔަރުކުރެވިފައިވާ މީހާއަށް ދޭންވާނެއެވެ. އަދި އެ 6 (ހައެއް) ގަޑިއިރު ފާއިތުވާއިރުވެސް، އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށް ދެވިދާނެއެވެ.
(ޅ) މި މާއްދާގެ (ރ) އާއި (ބ) ގެ ބޭނުމަށްޓަކައި، އެކަށީގެންވާ ސަބަބެއް ކަމަށް ބުނެފައި އެވަނީ، ވަކީލުގެ އިހުމާލުން ކަމުގައިނުވާ ހާލަތެއްގައި، ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުވުމަށް އުޒުރުވެރިވާ ފަދަ ސަބަބެއް މެދުވެރިވެފައި އޮތުމަށެވެ.
17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
24.ގާނޫނީ ވަކީލާ ބައްދަލުކުރުން
(ހ) އަަންނަނިވި ހާލަތްތަކުގައި، މި ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު، އޭނާ ހައްޔަރުކުރާ ވަގުތުން ފެށިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް ނުދީ ހިފެހެއްޓިދާނެއެވެ.
- ހައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން މަސައްކަތްކުރަމުންދާ ފަރާތަކަށް އިންޒާރު ކޮށްފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެ އް ހުރުން؛
- ހައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށެއްގެ ހެކި ނައްތާލަފާނެކަމަށް ނުވަތަ ހެއްކަށް ނުފޫޒުފޯރުވަފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛
- އައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށެއްގެ އަމަލު ހިނގާފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛
- ހައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛ ނުވަތަ
- ހައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް އަނބުރާ ހޯދުމަށް ހުރަސްއެޅިދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން.
(ށ) ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު މި މާއްދާގެ (ހ) ގެ ދަށުން ހިފަހެއްޓޭނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ އޮފިސަރަކު ލިޔުމުން ދޭ ހުއްދައެއްގެ ދަށުންނެވެ.
(ނ) ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު މި މާއްދާގެ (ހ) ގެ ދަށުން ހިފަހައްޓާފައި އޮންނަ މުއްދަތުގެ ތެރޭގައިވެސް އެ ފުރުސަތު ނުދީ ހިފެހެއްޓި ސަބަބު ފިލައި ގޮސްފައިވާކަމަށް ފެނިއްޖެނަމަ، އެ ފުރުސަތު އަލުން އަނބުރާ ދޭންވާނެއެވެ.
(ރ) ހައްޔަރުކުރެވޭ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު ނުދީ ހިފަހައްޓާނަމަ އެކަމުގެ ސަބަބު އެމީހާއަށާއި، އެމީހާ ގައްޔަންކޮށްފައިވާ ވަކީލަށް ލިޔުމުން ދޭންވާނެއެވެ.
(ބ) ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުގާމަލާތުކުރުމުގެ ފުރުސަތު މި މާއްދާގެ (ހ) ގެ ދަށުން ނުދީ ހިފެހެއްޓި ހާލަތު ދެމިއޮތްކަމުގައި ފުލުހުންނަށް ފެނިއްޖެނަމަ، ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދައާއެކު އެ މުއްދަތު އިތުރުކުރެވިދާނެއެވެ. އެގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލް އެ މުއްދަތު އިތުރުކޮށްދޭންވާނީ، އެ ހާލަތު ދެމިއޮތްތޯ ބެލުމަށްފަހު، ކޮންމެ ފަހަރަކު ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ.
(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ތުހުމަތުކުރެވޭ ފަރާތުގެ ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގެ ހައްގު މި މާއްދާގެ ދަށުން ހިފެއްޓުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރަންވާނެއެވެ.
18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 25 ވަނަ މާއްދާ އުނިކުރުން.
25.ހައްގުތައް ހިފެހެއްޓުމުގައި ގާނޫނުއަސާސީގެ 16 ވަނަ މާއްދާއަށް ރިގާޔަތްކުރުން
(ހ) މި ގާނޫނުގެ 21 ވަނަ މާއްދާއާއި 24 ވަނަ މާއްދާއާ ހަމައަށް ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް ހިފެހެއްޓިފައިވަނީ، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
(ށ) މި ގާނޫނުގެ ދަށުން އެ ހައްގުތައް އެ މިންވަރަށް ހިފެހެއްޓިގެންވަނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިންތޯ ކޯޓުން ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) ނުކުތާއަށްވެސް، މި ގާނޫނުގެ ދަށުން، އެ އަސާސީ ހައްގުތައް އެ މިންވަރަށް ހިފެހެއްޓުމުގައި، ރައްޔިތުންގެ މަޖިލީހުން ރިގާޔަތްކޮށްފައިވާ ކަމަށް ކޯޓުން ބަލަންވާނެއެވެ.
19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
26.ބަންދުގައި ބެހެއްޓުން
(ހ) މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، ކޯޓު އަމުރަކާ ނުލައި 24 (ސައުވީސް) ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަންދުގައި ބަހައްޓާ މީހަކު އެ މުއްދަތަށްވުރެ އިތުރަށް ބަންދުގައި ބަހައްޓަން ޖެހިއްޖެނަމަ، އެފަދަ މީހަކު ބަންދުގައި ބަހައްޓަންޖެހޭ ހާލަތްތައް ކަމަށް މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި، ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ހުށަހަޅާނެ ގޮތާއި ކުށުގެ ތުހުމަތުގައިވާ މީހާއަށް ނޯޓިސް ދޭންޖެހޭ ގޮތާއި އެފަދަ މައްސަލަތައް ބެލުމުގައި ކޯޓުން އަމަލުކުރާނެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅޭ މައްސަލައަކާމެދު ގޮތެއް ނިންމުމުގައި، އަންނަނިވި ހާލަތްތައް ވުޖޫދުގައިވާނަމަ، އެ ހުށަހެޅުން ނިސްބަތްވާ މީހާ ބަންދުގައި ބެހެއްޓުމަށް ފަ ނޑިޔާރު އަމުރުކުރަންވާނެއެވެ.
- ޓެރަރިޒަމްގެ އަމަލެއް ދުރުނޫން މުސްތަގުބަލެއްގައި ހިނގާފާނެ ކަމުގެ އިންޓެލިޖެންސް ފުލުހުންނަށް ލިބިފައިވާ ހާލަތެއްގައި، އެކަން ހުއްޓުވުމަށް ބޭނުންވާ މަގުލޫމާތެއް، ތުހުމަތުގައިވާ ފަރާތަށް ލިބިފައިވާ ކަމަށް ބެލުމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ؛ ނުވަތަ
- ޓެރަރިޒަމްގެ އަމަލެއް ދުރުނޫން މުސްތަގުބަލެއްގައި ހިނގާފާނެ ކަމުގެ އިންޓެލިޖެންސް ފުލުހުންނަށް ލިބިފައިވާ ހާލަތެއްގައި، އަދި އެ އަމަލު ރޭވިކަމުގެ ހެކި ލިބެން އޮތީ ކުށުގެ ތުހުމަތުގައިވާ މީހާއާ ސުވާލުކޮށްގެން ކަމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ؛ ނުވަތަ
- ކުށުގެ ތުހުމަތުގައިވާ މީހާ ދޫކޮށްލައިފިނަމަ، ޓެރަރިޒަމްގެ އަމަލަކާގުޅޭ ހެކި ފޮރުވަފާނެ ކަމަށް ނުވަތަ އެފަދަ މައްސަލައެއްގައި ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލުމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ؛ ނުވަތަ
- ކުށުގެ ތުހުމަތުގައިވާ މީހާ ފިލާފާނެ ކަމަށް ބެލުމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ؛ ނުވަތަ
- ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖްތަމަގުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލުމަށް ފުލުހުންގެ ތަހްގީގަށް ހެކި ލިބިފައިވާނަމަ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައި ވޭތޯ ކޯޓުން ކަނޑައެޅުމުގައި ކޯޓުން ރިގާޔަތްކުރަންވާނެ މިންގަ ނޑަކީ މަދަނީ މިންގަ ނޑެވެ. އެގޮތުން، ކޯޓުން ބަލަންވާނީ، ފުލުހުން ހުށަހަޅާ ކަންކަމަށް ބަލާއިރު، އެއިން ހާލަތެއް ވުޖޫދުގައި އޮތުން އެ ހާލަތް ވުޖޫދުގައި ނެތުމަށްވުރެ ގާތްތޯ ބެލުމުގެ މައްޗަށެވެ.
(ޅ) މި މާއްދާގެ ދަށުން ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބަންދުކުރެވިފައިވާ މީހާ ކޯޓަށް ހާޒިރުކުރާ ވަގުތުގެ މަދުވެގެން 2 (ދޭއް) ގަޑިއިރު ކުރިން ކޯޓަށް ސިޓީއަކުން އެންގުމުން، ބަންދާމެދު ގޮތެއް ނިންމާ މަޖިލިސް ކުރިއަށް ގެންދިޔުމަށް ހަމަޖައްސަންޖެހޭ އެންމެހައި އިދާރީ ކަންކަމާއި ގަޑި ކޯޓުން ހަމަޖައްސަންވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުން ކޯޓުގައި ކުރިއަށް ގެންދިޔުމަށްޓަކައި ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ބޭއްވުމަށް ކޯޓަށް ހުށަހަޅަންޖެހޭ ފޯމުތަކާއި އެހެނިހެން އިދާރީގޮތުން ބޭނުންވާ ލިޔެކިޔުންތައް ހައްޔަރުކޮށްފައިވާ ފަރާތް ކޯޓަށް ހާޒިރުކުރާއިރު އޭނާ އާއެކު ކޯޓަށް ހުށަހެޅުމަށް އިހްތިޔާރުކުރުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.
(އ) ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބަންދުގައި ހުރި މީހާ ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ގަޑި ކަނޑައެޅުމުން، އެގަޑިއެއް ވަގުތުން އޭނާ ގައްޔަންކޮށްފައިވާ ވަކީލަށް ފުލުހުން އަންގަންވާނެއެވެ.
(ވ) މި ގާނޫނުގެ ދަށުން ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުން ކޯޓުގައި ކުރިއަށް ގެންދިޔުމަށްޓަކައި ބަންދުގައި ބެހެއްޓުމަށް ހުށަހަޅާ ފަރާތުންނާއި، އޭނާގެ ވަކީލުގެ ފަރާތުން ހުށަހަޅަންޖެހޭ އިދާރީ ލިޔުންތައް ކޯޓުގެ އަޑުއެހުން ހިނގާ ވަގުތު ށަރީގަތުގެ މަޖިލީހަށް ހުށަހެޅިދާނެއެވެ.
(މ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި މީހެއްގެ ބަންދުގެ މުއްދަތު ފަ ނޑިޔާރު އިތުރުކޮށްދޭންވާނީ، ފުރަތަމަ ފަހަރުނަމަ، ބަންދުގެ މުއްދަތު 7 (ހަތެއް) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިންނެވެ. އަދި މި މާއްދާގެ ދަށުން މީހެއްގެ ބަންދުގެ މުއްދަތު އެންމެ ގިނަވެގެން އިތުރުކޮށްދެވޭނީ، ޖުމްލަ 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ.
(ފ) މި މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ބަންދާ ގުޅޭގޮތުން ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ އާންމު އިޖުރާއަތުތަކުގެ ތެރެއިން އިޖުރާއަތެ އް މި ގާނޫނުގެ ދަށުން ބަންދުކުރެވޭ މީހެއްގެ މައްޗަށް ތަންފީޒުކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ. އެހެންނަމަވެސް، އެ ހާލަތުގައި ހިނގާނީ އެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކެވެ.
20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
27.ށަރީގަތަށް ގަބޫލުކުރެވޭނެ ހެކި
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށެއްގެ ތަހްގީގުގައި ހޯދޭ އަންނަނިވި ބާވަތުގެ ހެއްކަކީ، އެ ކުށުގެ ދަގުވާގައި ށަރީގަތަށް ގަބޫލުކުރެވޭނެ ހެކި ކަމުގައި ބެލޭނެއެވެ.
- ކުށެއް ކުރިކަމަށް އެއްބަސްވެ މީހަކު އަނގަބަހުން، ނުވަތަ ލިޔުމުން، ނުވަތަ އެނޫންވެސް ގޮތަކުން، ށަރީގަތުގެ މަޖިލީހުގައިވާ އިގުތިރާފާއި އިގުރާރު؛
- މީހަކު މަރުވުމުން، ދަގުވާއާ ގުޅުންހުރި ހަގީގަތަކަށް ބާރު ލިއްބައިދޭ ގޮތަކަށް، އޭނާގެ މަރުމަތީގައި އޭނާ ބުނާ އެއްޗެއް؛
- ކުށުގެ ތުހުމަތުކުރެވޭ މީހާގެ ގާނޫނީ ވަކީލުގެ ހާޒިރުގައި، އޯޑިއޯ އަދި ވީޑިއޯ ރެކޯޑުކުރެވޭ ގޮތަށް، އެއްވެސް މަޖުބޫރުކަމެއް ނެތި، ކުށުގެ ތުހުމަތުކުރެވޭ މީހާ، އަމިއްލަ އިހްތިޔާރުގައި ދޭ ބަޔާން؛
- ކުށުގެ އަމަލާގުޅޭ ވަކި ކަމެއް މެދުވެރިކުރުވުމުގެ ނިޔަތެއް އޮތްކަން ނުވަތަ އެފަދަ ކަމެއް މެދުވެރިކުރުވުމަށް ކުށުގެ ތުހުމަތުކުރެވޭ މީހާ ތައްޔާރުވިކަން ދޭހަކޮށްދޭ އެއްވެސް އަމަލެއްގެ މަގުލޫމާތެއް؛
- ފޮރެންސިކް ހެކި؛
- ރަސްމީ ލިޔުން؛
- އަންނަނިވި ށަރުތުތައް ފުރިހަމަވެފައިވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު؛
i. ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް އެގޮތުގައި ވުޖޫދުގައި އޮތުން އެފަދަ ކަމެއް ވުޖޫދުގައި ނެތުމަށްވުރެ ގާތްކަމަށް ބެލުމުގެ މައްޗަށް ދައްކުވައިދޭ، އެއް ކަމަށްވުރެ ގިނަ ކަންތައްތައް ރިޕޯޓުގައި ހިމެނިފައިވުން.
ii. ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބާރުލިބިދޭ އިތުރު ގަރީނާތަކެއް ރިޕޯޓާއެކު ހިމެނިފައިވުން. - ކުށުގެ ތުހުމަތުކުރެވޭ ފަރާތް ހަނގުރާމައެއްގައި ބައިވެރިވެފައިވާކަން އަންގައިދިނުމުގެގޮތުން، އެމީހެއްގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާއަކީ ހަނގުރާމަވެރި ހަތިޔާރަކުން ލިބިފައިވާ އަނިޔާއެއްކަން ބަޔާންކުރާ މެޑިކަލް ރިޕޯޓު؛
- ށާއިގުކޮށްފައިވާ ލިޔުމާއި، ކުރެހުމާއި، ފޮޓޯ، ނުވަތަ މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް ފޮނުވާފައިވާ ލިޔުމާއި، ކުރެހުމާއި، ފޮޓޯ، އޯޑިއޯ ނުވަތަ ވީޑިއޯފަދަ އެއްޗެއް؛
- ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ އާލާތެއް އުފައްދާނެގޮތުގެ، ނުވަތަ އެފަދަ އެއްޗެއް ބޭނުންކުރާނެގޮތުގެ ތަމްރީނު ލިބިގަތުމަށް ބޭނުންކުރެވިދާނެ ލިޔެކިޔުމާއި، އޯޑިއޯ ނުވަތަ ވީޑިއޯ ރައްކާކޮށްފައިވާކަން އެނގޭނެ ލިޔުމެއް ނުވަތަ ރިޕޯޓެއް؛
- ކުށުގެ ތުހުމަތުކުރެވޭ ފަރާތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފައިވާކަން ނުވަތަ ކުރަން އުޅޭކަމަށް، ނުވަތަ ކުރަމުންދާކަމަށް ބުނެ، ތުހަމަތުކުރެވޭ ފަރާތުގެ ގާއިލީ ގުޅުން އޮތް މީހަކު ތަހްގީގީ އިދާރާއަށް ދީފައިވާ ބަޔާނުގެ އޯޑިއޯ އަދި ވީޑިއޯ ރެކޯޑިންގ؛
- ހަނގުރާމަވެރި ސަރަހައްދަކަށް ދަތުރުކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް؛
- ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން؛
- އެނޫންވެސް ގާނޫނުގައި ހެކީގެ ގޮތުގައި ގަބޫލުކުރެވޭ ކޮންމެ އެއްޗެއް.
21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) ގެ ފެށޭ ގިބާރަތް އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "ރަސްމީ ލިޔުން" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގެ ނުވަތަ ދިވެހި ދައުލަތުގެ ތަންފީޒީ އިދާރާއަކުން އަންނަނިވި ވަސީލަތްތަކުގެ ތެރެއިން ވަސީލަތެއް މެދުވެރިކޮށް، އެއްވެސް ބާވަތެއްގެ މަގުލޫމާތެއް އުފައްދާފައިވާ ނުވަތަ ހިމަނާފައިވާ ނުވަތަ ދަފްތަރުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ .
22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.
(ރ) މި ގާނޫނުގައި ޓެރަރިޒަމްގެ ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކުށެއް މީހަކު ކޮށްފިކަން ސާބިތުކޮށްދިނުމަށްޓަކައި، އަންނަނިވި ފަރާތްތަކުގެ ކިބައިން ތަހްގީގީ އިދާރާތަކަށް ލިބޭ ހެއްކަކީ، އެ މީހަކާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްސެވެ. އަދި، އެފަދަ ހެއްކަކީ ށަރީގަތަށް ބަލައިގަންނަ އަދި ގަބޫލުކުރެވޭ ހެކި ކަމުގައި ފަ ނޑިޔާރު ބަލަންވާނެއެވެ.
- ބައިނަލްއަގްވާމީ އިންޓެލިޖެންސް އިދާރާއެއް ނުވަތަ ތަހްގީގީ އިދާރާއެއް؛
- ބޭރު ގައުމެއްގެ އިންޓެލިޖެންސް އިދާރާއެއް ނުވަތަ ތަހްގީގީ އިދާރާއެއް؛ އަދި
- ކުށުގެ ތުހުމަތުކުރެވޭ މީހާގެ އާއިލާގެ މެންބަރެއް ނުވަތަ ގާތްތިމާގެ މީހެއް ނުވަތަ ރަހުމަތްތެރިއެއް.
(ބ) ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ބޭރު ގައުމަކާއެކު ދިވެހިސަރުކާރުން އެއްބަސްވުމެއް ވެފައިވާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބޭރުގެ ފަރާތެއްގެ ކިބައިން ހެކި ހޯދުމުގައި، އަދި އެފަދަ ފަރާތެއްގެ ކިބައިން ހެކި ބަލައިގަތުމުގައި، ކަމާގުޅޭގޮތުން ވެވޭ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ އިޖުރާއަތުތަކެއްގެ ދަށުން އެ ހެކި ހޯދުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށަކާ ގުޅިގެން މީހެއްގެ މައްޗަށް އުފުލޭ ދަގުވާއެއްގައި، އެ ދަގުވާ ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ތެރެއިން، ދަގުވާ އުފުލާ ހިނދު ލިބިފައި ނެތް ހެކި، އެ ދަގުވާ އުފުލާ ފަހުން، ށަރީގަތުގެ މަރުހަލާގައި ހުށަހެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
27-1.ހެކީގެ ނިސްބަތް
އެހެން ގާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަ ނޑުކަމަށް ނުވަތަ ށަރީގަތަށް ގަބޫލުކުރާ ހެކީގެ ބާވަތްކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މި ގާނޫނުގެ ދަށުން އުފުލޭ ދަގުވާއެއްގައި، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށެއް ސާބިތުކުރުމަށްޓަކައި، މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ހަތަރު ބާވަތެއްގެ ހެކި ހުރެއްޖެކަމަށްވާނަމަ، އެ ހެއްކަކީ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ށައްކެއްނެތި ށަރީގަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކި ކަމުގައި ބެލޭނެއެވެ.
24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
28. ތަކެތި ހިފެހެއްޓުން
(ހ) މި ގާނޫނުގެ ދެވަނަ ބާބުގައި ހިމެނޭ ކުށެއްގެ ތަހްގީގުގައި ހޯދޭ ތަކެތި އަތުލައި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ވަގުތުން ނައްތާލަންޖެހޭ ތަކެތި ފިޔަވައި، މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން އަތުލެވޭ ނުވަތަ ހިފެހެއްޓޭ ތަކެތި ނައްތާލަންވާނީ ށަރީގަތުން އެކަމާމެދު ގޮތެއް ކަނޑައެޅުމުންނެވެ.
(ނ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން އަތުލެވޭ ނުވަތަ ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރަންޖެހޭ ގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.
28-1. ތަހްގީގުކުރުމާއި ދަގުވާކުރުމުގެ މުއްދަތުތައް
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށެއްގެ ދަގުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ ދަށުން ބަންދުކުރެވިފައިވާ މީހެއްނަމަ، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި ފަ ނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ ނުވަތަ މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ބަންދުގައި ބަހައްޓައިދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަގުވާ އުފުލަންވާނެއެވެ.
(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށެއްގެ ދަގުވާ ލިބޭ ފަރާތަކީ ފަ ނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު ދޫކޮށްލާފައިވާ މީހެއްނަމަ، އޭނާ ފުރަތަމަ ކޯޓަށް ހާޒިރުކުރެވުނުތާ 75 (ހަތްދިހަފަހެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަގުވާ އުފުލަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ކަނޑައަޅާފައިވާ މުއްދަތުތައް އެފަދައިން ކަނޑައަޅާފައިވީނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީ އެންމެ އަވަހަކަށް އެފަދަ މައްސަލަތަކުގެ ތަހްގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވަން މަސައްކަތްކުރަންވާނެއެވެ. އަދި މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ދަގުވާ އުފުލުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީ އެންމެ އަވަހަކަށް އެ މައްސަލައިގައި ދަގުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މަސައްކަތްކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، އެ ދެ އަކުރުގައި ބަޔާންކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި މައްސަލައިގެ ބާވަތުން، އެ ދެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދޭ މުއްދަތު، މި މާއްދާގެ (ހ) ގެ ދަށުން 30 (ތިރީސް)ދުވަހަށްވުރެ އިތުރު ވެގެންނުވާނެއެވެ. އަދި މި މާއްދާގެ (ށ) ގެ ދަށުން 45 (ސާޅީސްފަހެއް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހަޅާނީ، ގާނޫނު ތަންފީޒުކުރާ އިދާރާއިންނެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް އެފަދައިން މުއްދަތު އިތުރުކޮށްދޭނަމަ، އެކަން، ލިޔުމުން ބަޔާންކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) ގެ ދަށުން، ތަހްގީގު ކުރުމުގެ މުއްދަތު އިތުރުކޮށްދޭ ހާލަތުގައިވެސް، އެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެމީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަގުވާ އުފުލަންވާނެއެވެ. އަދި މިގޮތުން ދަގުވާ އުފުލާއިރު، ތަ ހްގީގުކުރުމުގެ މުއްދަތު ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދީފިނަމަ، އެ މުއްދަތު އިތުރުކޮށްދޭންޖެހުނު ސަބަބު ބަޔާންކުރާ ލިޔުމެއް، އެ މައްސަލައިގެ ދަގުވާއާއެކު ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މުއްދަތުގެ ފަހުން ކޯޓަށް ދަގުވާއެއް ހުށަހަޅާނަމަ އެކަމުގެ ސަބަބު ލިޔުމުން ކޯޓަށް ހުށަހަޅަންވާނެއެވެ.
28-2.ކަފާލާތުގެ ދަށުން ދޫނުކުރެވުން
މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހަކު ކަފާލާތުގެ އުސޫލުން ދުލެއް ނުކުރެވޭނެއެވެ.
28-3.މަގާފް ނުދެވުމާއި އަދަބު ލުއިނުކުރެވުން
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ 9 ވަނަ މާއްދާއާއި 13 ވަނަ މާއްދާގައި ހިމެނޭ ކުށްތައް ފިޔަވައި ، މި ގާނޫނުގެ 6 ވަނަ މާއްދާއިން ފެށިގެން 1-16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކަކީ މަގާފްކޮށްދެވިގެން ނުވާނެ ނުވަތަ އަދަބު ލުއިކޮށްދެވިގެންނުވާނެ ކުށްކުށެވެ.
(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި 14 ވަނަ މާއްދާ އަދި 16 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ކުށްތަކަކީ އެ ކުށްތަކުގެ އަދަބުގެ މުއްދަތު ކުރުކޮށްދެވިގެން ނުވާނެ ނުވަތަ އަދަބުގެ ބާވަތް ލުއިކޮށްދެވިގެން ނުވާނެ ކުށްކުށެވެ.
28-4.ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ބޭނުންކޮށްގެން ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުނ
(ހ) ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މަގުލޫމާތު ލިބިއްޖެ ހާލަތެއްގައި، ނުވަތަ އެފަދަ އަމަލެއް ހިންގައިފި ހާލަތެއްގައި، އެ އަމަލުގެ ސަބަބުން މުޖްތަމަގަށް ކުރިމަތިވެދާނެ ނުރައްކަލަކުން މުޖްތަމަގު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމުގައި އިސްވެ ހަރަކާތްތެރިވާނީ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ހިންގޭ ޓެރަރިޒަމްގެ އަމަލެއް ހިނގިޔަ ނުދިޔުމަށްޓަކައި ނުވަތަ ހިނގައިގެން އުޅޭ ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާ ނައްތާލެވެންދެން، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވުމަށް ހަރަކާތްތެރިވުމުގައި މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހަރަކާތްތެރިވާންޖެހޭ ގޮތް ބަޔާންކުރާ އޮޕަރޭށަނަލް އޮނިގަ ނޑެއް ، މި ގާނޫނުގެ ދަށުން އެކުލަވާލަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޓެރަރިޒަމްގެ އަމަލަކާ ގުޅިގެން ހިންގަންޖެހޭ ޖިނާއީ ތަހްގީގުތަކާގުޅޭ އެންމެހައި ކަންކަން ކުރާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. އެގޮތުން، ތަހްގީގަށްޓަކައި ކުށުގެ ވެށި ރައްކާތެރިކުރުމާއި ހެކި ހޯދުމާއި ހެކި ރައްކާތެރިކުރުމާއި، އެނޫންވެސް ތަހްގީގީ އިދާރާއެއްގެ ހައިސިއްޔަތުން ގާނޫނުގައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޅަމުންގެންދިޔުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަތަރުވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަސްވަނަ ބާބު
މޮނިޓަރކޮށް ކޮންޓްރޯލްކުރުމާބެހޭ ހާއްސަ އިޖުރާއަތު
27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ (ހ) ގެ (1) ވަނަ ނަންބަރު އުނިކުރުން.
31 (ހ)(1) ބަންދުގައި ބެހެއްޓިފައި ނުވަތަ ހައްޔަރުކުރެވިފައި ނުވާ މީހެއް؛ އަދި
28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
31(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ފަރާތެއްގެ މައްޗަށް މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅޭނީ ތިރީގައިވާ ކަންކަން ފުރިހަމަ ވާނަމައެވެ.
- ތުހުމަތު ކުރާ ކަމެއްގެ މައްޗަށް ބިނާކޮށް ތުހުމަތު ކުރެވޭ މީހާއާގުޅޭ އިންޓެލިޖެންސް ރިޕޯޓެއް އޮތުން؛ ނުވަތަ
- ތުހުމަތު ކުރެވޭ މީހާގެ ޖިނާއީ ކުށުގެ ރެކޯޑެއް ގާނޫނު ތަންފީޒުކުރާ އެއްވެސް ފަރާތެއްގައި އޮތުން.
29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ (ނ) އުނިކުރުން.
(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ފަރާތެއްގެ މައްޗަށް 31 މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅޭނީ ތުހުމަތު ކުރެވޭ މީހާގެ ޖިނާއީ ކުށުގެ ރެކޯޑެއް ގާނޫނު ތަންފީޒުކުރާ އެއްވެސް ފަރާތެއްގައި އޮތްނަމައެވެ.
30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ފަސްވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން
ހަވަނަ ބާބު
މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް
31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 52 ވަނަ މާއްދާ އުނިކުރުން.
52.މިނިސްޓަރު ކަނޑައަޅާ ރިހެބިލިޓޭޓިވް ޕްރޮގްރާމެއްގައި ބައިވެރިވުން
ތުހުމަތުކުރެވޭ ފަރާތް މިފަދަ ކުށް ކުރުމުން ދުރުކޮށް އެފަރާތް މުޖްތަމަގަށް އަނބުރާ ގެނައުމުގެ މަގްސަދުގައި މިނިސްޓަރު ކަނޑައަޅާ ރި ހެބިލިޓޭޓިވް ޕްރޮގްރާމެއްގައި ތުހުމަތުކުރެވޭ ފަރާތް ބައިވެރިވުމަށް އެންގިދާނެއެވެ.
32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހަތްވަނަ ބާބު
އެހެނިހެން ކުށް
33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 60 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.
60-1. ންޓެލިޖެންސް މަގުލޫމާތު ދޭންވާ ފަރާތަކަށް ނުދިނުން
(ހ) މި ގާނޫނުގެ 3-19 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަގުލޫމާތު ބަދަލުކުރުމުގެ އޮނިގަ ނޑާ އެއްގޮތަށް ޓެރަރިޒަމާގުޅޭ އިންޓެލިޖެންސް ބަދަލުކުރަންޖެހޭ ހާލަތެއްގައި، ޓެރަރިޒަމްގެ އަމަލެއް ހުއްޓުވުމަށް މުހިންމު މަގުލޫމާތެއް، އެ މަގުލޫމާތެއް ހިއްސާކުރަން މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ލާޒިމުކުރާ ފަރާތަކާ ނުކުރުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް މެދުވެރިވެއްޖެނަމަ، އެފަދައިން މަގުލޫމާތު ހާމަނުކުރި ފަރާތުން އެ ކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ _(ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެނަމަ، އެ ކުށުގެ އަދަބަކީ، 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ، އެ ކުށުގެ އަދަބަކީ، 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ނަތީޖާއެއްގެ ގޮތުން މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ކުށަށް އަދަބު ކަނޑައެޅޭނީ، އަންނަނިވި ގޮތުގެމަތިންނެވެ.
- މުދަލުގެ އަގު 500،000 (ފަސްލައްކަ) ރުފިޔާއަށްވުރެ މަތިވާނަމަ، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ 3 (ތިނެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
- މުދަލުގެ އަގަކީ، 100،000 (އެއްލައްކަ) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ގަދަދެއްނަމަ، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ 2 (ދޭއް) އަހަރާއި 1 އެކެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
- މުދަލުގެ އަގަކީ، 50،000 (ފަންސާސްހާސް) ރުފިޔާއާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ ގަދަދެއްނަމަ، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ 1 (އެކެއް) އަހަރާއި 6 (ހައެއް) މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ބ) އެނޫން ހާލަތުގައި އެ ކުށުގެ އަދަބަކީ 6 (ހައެއް) މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެވެ.
60-2. ޓެރަރިޒަމާގުޅޭ މަގުލޫމާތު ހާމަނުކުރުން
(ހ) މި ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މަގުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު، ކަމާބެހޭ ދައުލަތުގެ އިދާރާއަކާ އެ މަގުލޫމާތު ހިއްސާކުރުމުގެ ފުރުސަތުއޮވެ، އެ މަގުލޫމާތު ގަސްދުގައި ހިއްސާނުކޮށް ސިއްރުކުރުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަވަނަ ބާބުގެ ފަހަތަށް އަންނަނިވި ފަދައިން ދެ ބާބު އިތުރުކުރުން.
އަށްވަނަ ބާބު
އަނބުރާ އަންނަ ހަނގުރާމަވެރިންނާގުޅޭ ހާއްސަ އިޖުރާއަތުތައް
60-3.އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް މި ބާބުގައިވާ އުސޫލުތައް ހިނގުން
ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ އާއިލާއާމެދު އަމަލުކުރާނީ، މި ބާބުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
60-4. ހަނގުރާމަވެރިން
(ހ) މި ބާބުގައި "ހަނގުރާމަވެރިން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދަކަށްޓަކައި ދިވެހިރާއްޖެ ދޫކޮށް ދާ ފަރާތްތަކަށެވެ
- ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާގަތަކުން ނުވަތަ އެފަދަ ޖަމާގަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް؛
- ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް، ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލު ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް؛
- ހަނގުރާމަކުރުން ހިމެނޭގޮތަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް.
(ށ) ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއެކު އެފަދަ ސަރަހައްދަކުން އަންނަ އެމީހުންގެ އާއިލާގެ މެންބަރުންނަކީ، އެނޫން ހާލަތެއްގައިވާ ބައެއް ކަމުގައި މި ގާނޫނުގެ ދަށުން ކަނޑައެޅެންދެން، މި ގާނޫނުގެ ބޭނުމަށްޓަކައި ހަނގުރާމަވެރިން ކަމުގައި ބެލޭނެއެވެ.
(ނ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކުޑަކުދިންނަކީ ހަނގުރާމަވެރިން ކަމުގައި ބަލައިގެންނުވާނެއެވެ.
60-5.އަނބުރާ އަންނަ ހަނގުރާމަވެރިން ވަގުތީގޮތުން ބަންދުކުރުން
(ހ) ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ އާއިލާގެ މެންބަރުންނަކީ، ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމަށް ތަމްރީނުލިބިފައިވާ ބައެއްތޯ ބެލުމަށާއި، އެ ފަރާތްތަކަކީ ކުށުގެ ށިކާރައަކަށްވެފައިވާ ބައެއްތޯ ބަލައި، އެމީހުން މުޖްތަމަގަށް އަނބުރާ ރުޖޫގަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެމީހުން ދިވެހިރާއްޖެ އައުމާއެކު، ހައްޔަރުކުރުމަށްފަހު، މި ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކުރާ ވަގުތީ މަރުކަޒެއްގައި އެމީހުން ބަންދުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކުށުގެ ށިކާރައަކަށްވެފައިވާ ކުޑަކުދިން މި ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒަށް ގެންދަންވާނީ، ހައްޔަރުކުރުމަކާ ނުލައެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާގެ މެންބަރުން ބަންދުކޮށްފައި ބައިތިއްބާނީ، މި ގާނޫނުގެ 11-60 ވަނަ މާއްދާގައި ބަޔާންކުރާ ރިސްކް އެސެސްމަންޓް ހަދައި، އެ މާއްދާގެ ދަށުން އެމީހުންނާމެދު ގޮތެއް ކަނޑައެޅެންދެނެވެ.
60-6. ބަންދުކުރުމުގެ ވަގުތީ މަރުކަޒު
(ހ) މި ގާނޫނުގެ 5-60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައިވާ މީހުން ބަންދުގައި ބޭތިއްބުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އަންނަނިވި ބާވަތުގެ ބަންދުކުރުމުގެ ވަގުތީ މަރުކަޒުތައް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ގާއިމުކުރަންވާނެއެވެ.
- ޓެރަރިޒަމްގެ އަމަލުތައް ހިންގިކަމަށް ތުހުމަތުކުރެވޭ ބޮޑެތި މީހުން ބަންދުކުރާ މަރުކަޒު؛
- ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ، ކުޑަކުދިން ބަންދުކުރާ މަރުކަޒު؛
- ޓެރަރިޒަމްގެ އަމަލުތައް ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ އާއިލާގެ މެންބަރުންގެ ތެރެއިން ކުށުގެ ށިކާރައަކަށްވެފައިވާ ކަމަށް ބެލެވޭ އަންހެނުންނާއި ކުޑަކުދިން ބައިތިއްބާ މަރުކަޒު.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ބަންދުކުރާ މަރުކަޒުތައް ވާންވާނީ، އަނބުރާ އަންނަ ހަނގުރާމަވެރިން ބަންދުގައި ބޭތިއްބުމަށް ހާއްސަކުރެވޭ މަރުކަޒުތަކެއް ކަމުގައެވެ. އަދި އެއްވެސް ހާލެއްގައި، އެފަދަ މަރުކަޒެއްގައި، އެހެން ކުށްކުށުގެ ތުހުމަތުގައި ބަންދުކުރެވޭ ފަރާތްތައް ބަންދުގައި ބައިތިއްބައިގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ މަރުކަޒުތައް ވާންވާނީ، ޓެރަރިޒަމްގެ އަމަލުތައް ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ އާއިލާގެ މެންބަރުންގެ ތެރެއިން ކުށުގެ ށިކާރައަކަށްވެފައިވާ ކަމަށް ބެލެވޭ އަންހެނުންނާއި ކުޑަކުދިން ބޭތިއްބުމަށް ހާއްސަކުރެ ވޭ މަރުކަޒުތަކެއް ކަމުގައެވެ. އަދި އެފަދަ މަރުކަޒެއްގައި، އެހެން ކުށްކުށުގެ ށިކާރައަކަށްވެފައިވާ ފަރާތްތައް ބައިތިއްބައިގެންނުވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަރުކަޒުތައް، އެއް ގިމާރާތެއްގައި ހުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ. އެހެންނަމަވެސް، އެފަދަ މަރުކަޒުތައް ހުންނަންވާނީ، އެއިން ކޮންމެ މަރުކަޒެއްގައި ތިބޭ މީހުން، އެއްބަޔަކު އަނެއް ބަޔަކާ ދިމާވެ، މުގާމަލާތު ނުކުރެވޭނެ ގޮތަކަށެވެ.
60-7.އަންހެނުންނާއި ކުޑަކުދިންނަކީ ކުށުގެ ށިކާރައަކަށް ވެފައިވާ ފަރާތްތައް ކަމުގައި ބެލުން
(ހ) މި ގާނޫނުގެ 11-60 ވަނަ މާއްދާގެ ދަށުން ހަދާ ރިސްކް އެސެސްމަންޓުގައި އެނޫންގޮތަކަށް ކަނޑައަޅައިފި ހިނދެއްގައި މެނުވީ، މި ގާނޫނުގެ 3-60 ވަނަ މާއްދާގައި ބަޔާންކުރާ ހަނގުރާމަވެރިންގެ އާއިލާގެ މެންބަރުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިންނަކީ، ކުށުގެ ށި ކާރައަކަށްވެފައިވާ މީހުން ކަމުގައި ބަލައި، އެމީހުން ބައިތިއްބަންވާނީ، މި ގާނޫނުގެ 6-60 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ މަރުކަޒެއްގައެވެ.
(ށ) ކުށުގެ ށިކާރައަކަށްވެފައިވާ މީހުން ބައިތިއްބާ މަރުކަޒުތަކުގައި، ފޯރުކޮށްދޭންވާނެ މައިގަ ނޑު ހިދުމަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
60-8.ކުޑަކުދިން
(ހ) ވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއެކު ނުވަތަ އެނޫންގޮތަކަށް އެފަދަ ސަރަހައްދަކުން އަންނަ ކުދިންނަކީ، ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގައި ބައިވެރިވެފައިވާ ނުވަތަ އެފަދަ އަމަލުތައް ހިންގުމަށް ތަމްރީނުލިބިފައިވާ ބައެއް ކަމުގައިވާ ހާލަތުގައި މެނުވީ، ކުޑަކުދިންނަކީ، ކުށުގެ ށިކާރައަކަށްވެފައިވާ ކުދިން ކަމުގައި ބަލައި، އެކުދިންނަށް މި ގާނޫނުން ލިބިދޭންޖެހޭ ރައްކާތެރިކަން ލިބިދޭންވާނެއެވެ.
(ށ) ވަކި ކުއްޖަކީ ކުޑަކުއްޖެއްކަން ޔަގީންކުރެވެންދެން ބަލަންވާނީ، އެކުއްޖާއަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރައްކާތެރިކަން ލިބިގެންވާ ކުއްޖެއް ކަމުގައެވެ.
(ނ) އާންމު އުސޫލެއްގެ ގޮތުން، ކުޑަކުދިން، އެކުދިންގެ މައިންބަފައިންނާ ވަކިކޮށްގެންނުވާނެއެވެ.
(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ކުޑަކުދިންނަކީ އެންމެހައި ބާވަތެއްގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއިން ރައްކާތެރިވުމުގެ ހައްގު ލިބިގެންވާ، އަޅާނުލުމާއި، އިހުމާލުވުމާއި، ނާޖާއިޒް ފައިދާ ނެގުން ފަދަ ކުއްޖާގެ ހެދިބޮޑުވުމަށް ހުރަސްއެޅޭނެ އެންމެހައި ށިކާރަތަކުން ރައްކާތެރިކަން ލިބުމުގެ ހައްގު ލިބިގެންވާ ކުދިން ކަމުގައިވާތީ، އަނބުރާ އަންނަ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި، އެކުދިން އެކުދިންގެ މައިންބަފައިންނާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ އިހްތިޔާރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ކުއްޖާ ދައުލަތަށް ނެގުމުގައިވެސް އެންމެ އިސްކަމެއް ދޭންވާނީ އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ. އަދި ކުއްޖާގެ މައިންބަފައިންނާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނަގަންވާނީ، އެއީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާނަމައެވެ.
60-9.ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން
(ހ) މި ގާނޫނުގެ 8-60 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިންނާމެދު އަމަލުކުރަންވާނީ، އަންނަނިވި ކަންކަމަށް އިސްކަންދީގެންނެވެ.
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގުމުރަށްވުރެ ހަގު ގުމުރުގެ ކުދިން، އެކުދިންގެ މަންމައާ ވަކިނުކުރުން ؛
- ކުއްޖާގެ މަންމައާ ކުއްޖާ ވަކިކުރުން އެއީ ކުއްޖާއަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާ ހާލަތުގައި، ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެނެސް، ކުއްޖާގެ އާއިލާގެ އެހެން މެންބަރަކާ ނުވަތަ މެންބަރުންނާ ހަވާލުކުރުން؛
- ކުއްޖާއާ ހަވާލުވާނެ އާއިލާގެ މެންބަރަކު ނެތް ހާލަތެއްގައި، ކުޑަކުދިން ބަލަހައްޓާ ދައުލަތުގެ މަރުކަޒެއްގައި ކުއްޖާ ބެހެއްޓުން ނުވަތަ ދައުލަތުން ކަނޑައަޅާ އެހެން ފަރާތަކާ ހަވާލުކުރުން.
(ށ) އާއިލާގެ މާހައުލުން ވަގުތީ ގޮތުން ވަކިކޮށްފައިވާ ކުއްޖަކަށް، ހާއްސަ ރައްކާތެރިކަމާއި އެހީތެރިކަން ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.
60-10.ބަންދާމެދު ގޮތެއް ކަނޑައެޅުން
( ހ) މި ގާނޫނުގެ 5-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ މީހަކު ބަންދުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ކަމަށްވާނަމަ، އެފަދައިން ބަންދުކުރެވޭ މީހަކު، ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަކަށް މި ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ މަރުކަޒެއްގައި ބަންދުގައި ބެހެއްޓިދާނެއެވެ.
(ށ) މި ގާނޫނުގެ 5-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ މީހަކު ބަންދުކޮށްފައިވަނީ، ކޯޯޓު އަމުރެއްގެ ދަށުން ކަމުގައިނުވާނަމަ، އެފަދައިން ބަންދުކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، އޭނާ ބަންދުކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ފަ ނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެމީހެއްގެ ބަންދާމެދު ގޮތެއް ނިންމަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ފަ ނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރެވޭ ފަރާތަކީ، މި ގާނޫނުގެ 16 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ހާލަތްތަކުގައި ފިޔަވައި އެނޫން ހާލަތެއްގައި ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައިވާ މީހެއް ކަމުގައިވާނަމަ، ނުވަތަ އެއިން ސަރަހައްދެއްގައި ހުރެފައި އަނބުރާ ދިވެހިރާއްޖެ އައިސްފައިވާ މީހެއް ކަމުގައިވާނަމަ، އެމީހަކީ މުޖްތަމަގުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހެއް ކަމުގައި ބަލައި، އެ މީހަކީ މި ގާނޫނުގެ 11-60 ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ރިސްކް އެސެސްމަންޓް ހެދުމަކާ ނުލައި އަދި މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ ރިހެބިލިޓޭށަން ފުރިހަމަކުރުމަކާ ނުލައި އަނބުރާ މުޖްތަމަގަށް ދޫކޮށްނުލެވޭނެ މީހެއް ކަމުގައި ބަލައި، ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް އެމީހަކު ބަންދުގައި ބެހެއްޓުމަށް ފަ ނޑިޔާރު އަމުރުކުރަންވާނެ އެވެ.
(ރ) މި މާއްދާގެ ދަށުން ބަންދުކުރެވޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ވަގުތުން ފެށިގެން މި ގާނޫނުގެ 12-60 ވަނަ މާއްދާގެ ދަށުން ގިންތިކުރުމާ ދެމެދު ހޭދަވާ މުއްދަތުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ހައްގު އެމީހަކަށް ލިބިދޭންވާނެއެވެ. އަދި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އާއިލާއާ ބައްދަލުކުރުމުގެ ހައްގު ލިބިދޭންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުމުގައި މި ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތައް ހިންގުމަށް އެ މާއްދާ ހުރަހެއް ނާޅައެވެ.
60-11. ރިސްކް އެސެސްމަންޓް ހެދުން
(ހ) މި ގާނޫނުގެ 5-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ ފަރާތްތަކަކީ، ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ އަމަލުތަކަށް ހުުށަހެޅުމުގެ ފުރުސަތު އޮތް ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމަށް ތަމްރީނުލިބިފައިވާ ބައެއްތޯ ނުވަތަ ކުށުގެ ށިކާރައަކަށްވެފައިވާ ބައެއްތޯ ބެލުމަށްޓަކައި، މި ގާނޫނުގެ 16-60 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީން، އެމީހުންގެ ރިސްކް އެސެސްމަންޓެއް ހަދަންވާނެއެވެ.
(ށ) މި ގާނޫނުގެ 5-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ ފަރާތް ބަންދުކުރެވޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި މާއްދާގައި ބަޔާންކުރާ ރިސްކް އެސެސްމަންޓް ހަދައި ނިންމަންވާނެއެވެ.
(ނ) ރިސްކް އެސެސްމަންޓް ހެދުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
60-12.ގިންތިކުރުން
މި ގާނޫނުގެ 11-60 ވަނަ މާއްދާގެ ދަށުން ރިސްކް އެސެސްމަންޓް ހެދޭ ފަރާތްތައް އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ގިންތިކުރުމަށްފަހު، އެމީހުންނާމެދު އަމަލުކުރެވޭނެ ގޮތެއް، މި ގާނޫނުގެ 13-60 ވަނަ މާއްދާއާއި 14-60 ވަނަ މާއްދާއާއި 15-60 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަނޑައަޅަންވާނެއެވެ.
(ހ) ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް؛ ނުވަތަ
(ށ) ކުށުގެ ށިކާރައަކަށްވާ ފަރާތެއް.
60-13.ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް
(ހ) މި ގާނޫނުގެ 5-60 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތެއްގެ ރިސްކް އެސެސްމަންޓް، މި ގާނޫނުގެ 11-60 ވަނަ މާއްދާގެ ދަށުން ހެދުމަށްފަހު، އެ މީހަކީ އަންނަނިވި ހާލަތުގައިވާ މީހެއް ކަމަށް ބެލެވޭނަމަ، އެމީހަކީ، ޓެރަރިޒަމްގެ އަމަލުކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމުގައި ކަނޑައަޅަންވާނެއެވެ.
- ޓެރަރިޒަމްގެ އަމަލުތައް ކޮށްފައިވާ ނުވަތަ ކުރުމުގައި ބައިވެރިވި މީހުން؛
- ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ލިބިފައިވާ މީހުން.
(ށ) މި ގާނޫނުގެ 5-60 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތެއްގެ ރިސްކް އެސެސްމަންޓް، މި ގާނޫނުގެ 11-60 ވަނަ މާއްދާގެ ދަށުން ހެދުމަށްފަހު، އެމީހަކީ، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށެއް ކޮށްފައިވާ މީހެއް ކަމަށް ބެލެވޭނަމަ، އެމީހަކީ، ކުށުގެ ތުހުމަތުކުރެވޭ މީހެއް ކަމުގައި ކަނޑައަޅަންވާނެއެވެ.
(ނ) ވަކި މީހަކީ، ޓެރަރިޒަމްގެ އަމަލުކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމުގައި މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފި ހިނދެއްގައި، އެމީހަކު މި ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒެއްގައި ބަންދުކުރުމުގެ އިހްތިޔާރު، ފުލުހުންނަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ބަންދުކުރެވޭ މީހެއްގެ މައްޗަށް ޖިނާއީ ދަގުވާ އުފުލައި، ށަރީގަތް ހިންގައި ނިމެންދެން، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އިހްތިޔާރު، ފުލުހުންނަށް ލިބިގެންވެއެވެ.
(ބ) ވަކި މީހަކީ ޓެރަރިޒަމްގެ އަމަލުތައް ކުރިކަމަށް ނުވަތަ ކުރުމުގައި ބައިވެރިވި ފަރާތެއް ކަމުގައި ނުބެލެވުނުނަމަވެސް، ނުވަތަ އެފަދަ އަމަލުތައް ކުރުމަށް ތަމްރީނު ހޯދާފައިވާ ފަރާތެއް ކަމުގައި ނުބެލެވުނުނަމަވެސް، އެމީހަކީ މި ގާނޫނުގެ 16 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ހާލަތްތަކުގައި ފިޔަވައި އެނޫން ހާލަތެއްގައި ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ މީހެއް ކަމުގައިވާނަމަ، އެމީހަކީ، މި މާއްދާގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް ކަމުގައި ކަނޑައަޅައި، މި މާއްދާގެ (ށ) އަދި (ނ) ގެ ދަށުން ބަންދުގައި ބެހެއްޓިދާނެ ފަރާތެކެވެ.
60-14.ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިން
(ހ) މި ގާނޫނުގެ 4-60 ވަނަ މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ 5-60 ވަނަ މާއްދާގައި ބަޔާންކުރާ ހަނގުރާމަވެރިންނާ އެކުގައިވާ ކުޑަކުދިންގެ ތެރެއިން ކުއްޖަކީ ކުށުގެ ތުހުމަތުކުރެވޭ ކުއްޖެއް ކަމުގައި މި ގާނޫނުގެ 13-60 ވަނަ މާއްދާގެ ދަށުން ކަނޑައެޅިއްޖެ ކަމުގައިވާނަމަ، އެކުއްޖަކު، މި ގާނޫނުގެ 6-60 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ މަރުކަޒެއްގައި ބަންދުގައި ބެހެއްޓުމުގެ އިހްތިޔާރު، ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުޑަކުދިން ބަންދުގައި ބޭތިއްބުމުގައި އަމަލުކުރަންވާނީ، ކުޑަކުދިންގެ ގަދުލުގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށެވެ.
60-15.ކުށުގެ ށިކާރައަކަށްވާ ފަރާތްތައް
(ހ) މި ގާނޫނުގެ 5-60 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތެއްގެ ރިސްކް އެސެސްމަންޓް، މި ގާނޫނުގެ 11-60 ވަނަ މާއްދާގެ ދަށުން ހެދުމަށްފަހު، އެ މީހަކީ ޓެރަރިޒަމްގެ އަމަލުތައް ކުރިކަމަށް ނުވަތަ ކުރުމުގައި ބައިވެރިވި ފަރާތެއް ކަމުގައި ނުބެލެވޭ ކަމުގައިވާނަމަ، ނުވަތަ އެފަދަ އަމަލުތައް ކުރުމަށް ތަމްރީނުހޯދާފައިވާ ފަރާތެއް ކަމުގައިނުވާނަމަ، އެމީހަކީ، ކުށުގެ ށިކާރައަކަށްވެފައިވާ މީހެއް ކަމުގައި ކަނޑަ އަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި މީހަކީ، ކުށުގެ ށިކާރައަކަށްވެފައިވާ ފަރާތެއް ކަމުގައި މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާފައިވަނިކޮށް، ފަހުން ލިބޭ މަގުލޫމާތެއް ނުވަތަ ހެއްކެއްގެ ސަބަބުން، އެމީހެއްގެ ދެވަނަ ރިސްކް އެސެސްމަންޓެއް ހަދައި، އެ މީހަކީ މި ގާނޫނުގެ 13-60 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ މީހެއް ކަމުގައި ބެލެވޭނަމަ، އެ މީހަކީ އެ މާއްދާގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް ކަމުގައި ކަނޑައެޅިދާނެއެވެ.
60-16. ކައުންޓަރ ޓެ ރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީ
(ހ) ދިވެހިރާއްޖެއަށް އަނބުރާ އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ އާއިލާގެ މެންބަރުންނަކީ، ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށް ނުވަތަ އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއްތޯ ބެލުމަށް ނުވަތަ އެފަދަ އަމަލުތައް ކުރުމަށް ތަމްރީނުލިބިފައިވާ ބައެއްތޯ ބެލުމަށް، ނުވަތަ އެ މީހުންނަކީ ކުށުގެ ށިކާރައަކަށްވެފައިވާ ބައެއްތޯ ބަލައި، އެމީހުން އަނބުރާ މުޖްތަމަގަށް ރުޖޫގަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއެއް އުފައްދަންވާނެއެވެ.
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިސްކް އެސެސްމަންޓް ކޮމިޓީގައި އެކުލެވިގެންވާނީ އަންނަނިވި ފަރާތްތަކެވެ.
- މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ފަރާތެއް؛
- މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ފަރާތެއް؛
- މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިން ކަނޑައަޅާ ފަރާތެއް؛
- މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އިދާރާއިން ކަނޑައަޅާ ފަރާތެއް؛
- މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯށަލް ސަރވިސަސްއިން ކަނޑައަޅާ ފަރާތެއް؛
- މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ފަރާތެއް؛
- މިނިސްޓްރީ އޮފް އެޑިއުކޭށަނުން ކަނޑައަޅާ ފަރާތެއް؛ އަދި،
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ފަރާތެއް.
60-17.ތަހްގީގުކޮށް ދަގުވާ އުފުލުން
(ހ) މި ގާނޫނުގެ 5-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ މީހުންގެ ތެރެއިން ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ކަމުގައި، މި ގާނޫނުގެ 13-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ ޖިނާއީ ތަހްގީގު ފުރިހަމަކޮށް، މި ގާނޫނުގެ 1-28 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި ޕްރޮސިކިއުޓަރ ޖެނެރަލް ދަގުވާ އުފުލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ކުޑަކުދިންގެ ގަދުލުގެ ގާނޫނުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ގުމުރު ކަމަށް ކަނޑައަޅާފައިވާ ގުމުރަށްވުރެ ހަގު ގުމުރުގެ ކުޑަކުދިންގެ މައްޗަށް ޖިނާއީ ދަގުވާއެއް އުފުލައިގެންނުވާނެއެވެ. އަދި ވީ ވަރަކުން ބަލަންވާނީ، ކުޑަކުއްޖެއްގެ މައްޗަށް ދަގުވާ އުފުލުމުގެ ބަދަލުގައި ކުޑަކުދިންގެ ގަދުލުގެ ގާނޫނުގައި ބަޔާންކުރާ ޑައިވަރށަންގެ ނިޒާމުގެ ދަށުން އެ ކުދިންނާމެދު ފިޔަވަޅުއެޅުމަށެވެ.
60-18.ކުށް ސާބިތުނުވުން
(ހ) މި ގާނޫނުގެ 5-60 ވަނަ މާއްދާގެ ދަށުން ބަންދުކޮށްފައިވާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ސާބިތުނުވި ނަމަވެސް، އެމީހަކީ، ހަނގުރާމަވެރި ސަރަހައްދަކުން އައިސްފައިވާ ފަރާތެއް ކަމުގައިވާތީ، އެމީހަކީ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް މީހެއް ކަމުގައި ބަލައި، އެމީހަކު، މި ގާނޫނުގައި ބަޔާންކުރާ ރިހެބިލިޓޭށަން ޕްރޮގްރާމް ފުރިހަމަކުރުން ލާޒިމުވާ ކަމުގައި ފަ ނޑިޔާރު ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރިހެބިލިޓޭށަން ފުރިހަމަކުރަންޖެހޭ ކަމަށް ފަނޑިޔާރު ކަނޑައަޅާ ފަރާތްތަކާމެދު އަމަލުކުރަންވާނީ، މި ގާނޫނުގެ 21-60 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
60-19.ހަަނގުރާމައަށްދާ ފަރާތްތަކުގެ ސަބަބުން ކުރިމަތިވެދާ ނެ ނުރައްކާތަކަށް ތައްޔާރުވުން
(ހ) ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެ އަންނަ ބައެއްގެ ސަބަބުން މުޖްތަމަގަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް، މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތުން އަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަގްސަދު ހާސިލުކުރުމަށްޓަކައި، މި ގާނޫނުގެ 21-60 ވަނަ މާއްދާގެ ދަށުން ހިންގޭ ރިހެބިލިޓޭށަން އަދި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ބައްޓަންކުރެވިފައިވަނީ، އެފަދަ ފަރާތްތައް މުޖްތަމަގަށް އަނބުރާ ރުޖޫގަވުމަށްޓަކައި ތައްޔާރުވާންޖެހޭ އެންމެ ފުރިހަމަ މިންވަރަށް ތައްޔާރުވެވޭނެ ގޮތެއްގެމަތިންކަން މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތުން ކަށަވަރުކުރަންވާނެއެވެ.
60-20.ށަކުވާ ހުށަހެޅުން
(ހ) މި ގާނޫނުގެ 12-60 ވަނަ މާއްދާގެ ދަށުން ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީން ނިންމާ ނިންމުންތަކުގައި ފުރިހަމަވާންޖެހޭކަމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގައި ކަނޑައަޅާފައިވާ އިޖުރާއީ ކަންކަން ފުރިހަމަކުރެވިފައިނުވާ ކަމަށް ގަބޫލުކުރެވޭނަމަ، އެ މައްސަލަ އިޖުރާއީ ގޮތުން ބަލައި، އެ މައްސަލައާމެދު ގޮތެއް ނިންމައިދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، ށަކުވާ ހުށަހެޅިފައިވާ ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީގެ ނިންމުން މައުޒޫއީ ގޮތުން ބަލައި، އެ ނިންމުމުގެ ސައްހަކަން ޖުޑީށަލް ރިވިޔުގެ އުސޫލުން ކަނޑައެޅުމުގެ އިހްތިސާސް ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންނުވެއެވެ.
ނުވަވަނަ ބާބު
ރިހެބިލިޓޭށަން އަދި ރީ -އިންޓަގްރޭށަން ޕްރޮގްރާމްތައް
60-21.ރިހެބިލިޓޭށަން އަދި ރީ - އިންޓަގްރޭށަން ޕްރޮގްރާމްތައް
(ހ) ެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތައް ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅިދާނެ ފަރާތްތައް، އެފަދަ އަމަލުތަކުން ދުރުކޮށް، މުޖްތަމަގަށް އަނބުރާ ރުޖޫގަވުމަށްޓަކައި، ރިހެބިލިޓޭށަން ޕްރޮގްރާމްތައް މިނިސްޓަރު ހިންގަންވާނެއެވެ. އަދި މި މާއްދާގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި، އެ ޕްރޮގްރާމްތައް ހިންގޭނެ ގޮތުގެ ތަފްސީލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތައް، އަންނަނިވި ފަރާތްތަކުގެ މައްޗަށް ހިންގިދާނެއެވެ.
- މި ގާނޫނުގައި ބަޔާންކުރާ މޮނިކޮން އަމުރެއް އެމީހެއްގެ މައްޗަށް ނެރެފައިވާ ކޮންމެ މީހެއް؛
- މި ގާނޫނުގެ 3-60 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާގެ މެންބަރުން ؛
- މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށެއް ކުރިކަން ސާބިތުވެ، ހުކުމް ތަންފީޒުކުރަމުންދާ މީހުން.
(ނ) މި ގާނޫނުގެ ދަށުން ރިހެލިބިޓޭށަން ޕްރޮގްރާމެއްގައި ވަކި ފަރާތެއް ބައިވެރިވާންޖެހޭ ކަމަށް ކަނޑައަޅާނީ، އަދި އެފަރާތަކުން ބައިވެރިވާންޖެހޭ ރިހެބިލިޓޭށަންގެ ބާވަތާއި ތަފްސީލުތައް ކަނޑައަޅާނީ، މި ގާނޫނުގެ 16-60 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީންނެވެ.
60-22. މުޖްތަމަގަށް އަނބުރާ ދޫކުރުން
(ހ) މި ގާނޫނުގެ 21-60 ވަނަ މާއްދާގެ ދަށުން ރިހެބިލިޓޭށަން ޕްރޮގްރާމެއްގައި ބައިވެރިވާ ފަރާތްތަކުން، އެ ޕްރޮގްރާމްތައް ފުރިހަމަކޮށް، މުޖްތަމައަށް ރުޖޫގަވުމަށް ތައްޔާރުވެފައިވާކަން ކަނޑައެޅުމަށްޓަކައި ހަދާ އެސެސްމަންޓެއް ހެދުމަށްފަހުގައި މެނުވީ، މި ގާނޫނުގެ 21-60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އެއްވެސް ފަރާތެއް، އަނބުރާ މުޖްތަމަގަށް ދޫކޮށްގެންނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެސެސްމަންޓް ހަދާނީ، މި ގާނޫނުގެ 16-60 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީންނެވެ.
(ނ) ރިހެބިލިޓޭށަން ޕްރޮގްރާމެއްގައި ބައިވެރިވާ ފަރާތެއް މުޖްތަމަގަށް އަނބުރާ ދޫކުރުމުގެ ކުރިން ހަދަންޖެހޭ އެސެސްމަންޓް ހެދުމުގައި ރިގާޔަތްކުރަންޖެހޭ ކަންކަމާއި، ކަމާގުޅޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.
63-1.ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތަކާ ގުޅޭ ސިއްރު ރިޕޯޓު
(ހ) މި ގާނޫނުގެ ދަށުން ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތަކާ ގުޅޭ ސިއްރު ރިޕޯޓެއް، ކޮންމެ 6 (ހައެއް) މަހަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ރިޕޯޓުގައި އަންނަނިވި މަގުލޫމާތު ހިމެނެންވާނެއެވެ.
- މި ގާނޫނުގެ ދަށުން ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންގެ ގަދަދު.
- ތުހުމަތު ކުރެވުނު ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ ހުލާސާ.
- މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގެ ހައްގު ހިފެހެއްޓުނު ފަރާތްތަކުގެ މަގުލޫމާތާއި، އެކަން އެގޮތަށް ނިންމަންޖެހުނު ސަބަބާއި، އެކަމަށް ހުއްދަދިން ފަރާތުގެ މަގުލޫމާތު.
- ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރެވުނު މީހުންގެ ގަދަދާއި، ބަލައި ފާސްކުރެވުނު ތަންތަނާއި އެކަމަށް ހުއްދަ ދިން ފަރާތްތަކުގެ މަގުލޫމާތު.
- ޖިންސީ ގުނަވަން ހާމަވާގޮތަށް ބަލައި ފާސްކުރެވުނު މީހުންގެ ގަދަދާއި، އެކަމަށް ހުއްދަދިން ފަރާތުގެ މަގުލޫމާތު.
- ބަންދުގައި ބެހެއްޓުމަށް ކޯޓަށް ހުށަހެޅޭ ފަރާތްތަކުގެ ގަދަދާއި، އެކަމާމެދު ކޯޓުން ނިންމާފައިވާ ނިންމުމުގެ ތަފްސީލު.
- މި ގާނޫނުގެ ދަށުން ރިސްކް އެސެސްމަންޓް ހެދުނު ފަރާތްތަކާއި، އެފަރާތްތަކާމެދު ނިންމި ގޮތް.
- މި ގާނޫނުގެ ދަށުން ރިހެބިލިޓޭށަން ޕްރޮގްރާމް ހިންގުނު ފަރާތްތަކުގެ ތަފްސީލު.
- ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާމެދު ދެކޭ ގޮތް.
(ށ) މި ގާނޫނުގެ ދަށުން ދަގުވާކުރެވޭ ފަރާތްތަކާއި، އެފަރާތްތަކުގެ މައްޗަށް ކުރެވޭ ދަގުވާތަކާއި، މި ގާނޫނުގެ ދަށުން ތަންފީޒީ އިދާރާއަކުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ގާނޫނުއަސާސީގެ ދެ ވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އެއްވެސް އަސާސީ ހައްގެއް ހިފެހެއްޓޭނަމަ ނުވަތަ ހަނިކުރެވޭނަމަ، އެ ހާލަތުގައި އެ ތަންފީޒީ އިދާރާއަކުން އަމަލުކޮށްފައިވާ ގޮތާމެދު ދެކޭގޮތް ބަޔާންކޮށް ކޮންމެ 6 (ހައެއް) މަހަކުން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، އަދި ހިއުމަން ރައިޓްސް ކޮމިށަނަށް ރިޕޯޓެއް މިނިސްޓަރު ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓެއްގައި ތަހްގީގަށް ހުރަސްއެޅޭފަދަ މަގުލޫމާތެއް ހިމެނޭނަމަ، އެފަދަ މަގުލޫމާތެއް ނުހިމެނުމަށް މި މާއްދާ ހުރަހެއްނާޅައެވެ.
36 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަތްވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދިހަވަނަ ބާބު
އެހެނިހެން
37 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
64 (ހ) "ހަނގުރާމަވެރި ހަތިޔާރު" ކަމަށް ބުނެފައި އެވަނީ، އޮޓޮމެޓިކް އަދި އެނޫންވެސް ބަޑިއާއި ގޮވާތަކެތި ހިމެނޭގޮތުން، އެއިން އާދައިގެ އާންމު ހުއްދަ ބޭނުމެއް ކުރެވެން ނުހުންނަ އެއްޗެހީގެ ތެރެއިން މީހަކު މަރާލެވިދާ ފަދަ ގޮތަށް ފަރުމާކޮށްފައި ހުންނަ ނުވަތަ މީހަކު މަރާލުމުގެ ގާބިލުކަން ހުރި ކޮންމެ ހަތިޔާރަށެވެ.
38 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ވ "ގޮވާތަކެތި" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކަށް ބޭނުންކުރުމަށް 64 މަނާކުރެވިފައިވާ ނުވަތަ އެ ބޭނުންކުރުމަށްޓަކައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ އެއްޗެހީގެ ތެރެއިން، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތުން، އޭގެ ޒާތުގައި ގޮވާ ކޮންމެ ވަސީލަތަކަށެވެ.
39 ވަނަ މާއްދާ -
ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާގަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިގުކުރަންވާނެއެވެ.
40 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިގުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-32)
ކޮންސޮލިޑޭޓެޑް ގާނޫނު
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015-32)
ކިޔުންތެރިންގެ ހިޔާލު