-

މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2024-13)

(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 3 ޑިސެމްބަރު 2024 ގައި)

 

ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (1-އ)، (2-އ) އަދި (3-އ) އެއީ، އެ މާއްދާގެ (ވ)، (މ)، އަދި (ފ) ކަމުގައި ހަމަޖެއްސުމާއެކު، އެ މާއްދާގެ (ވ) އެއީ އެ މާއްދާގެ (ދ) ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ދ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން،

(ތ) ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މި ގާނޫނުގެ ދަށުން ހުއްދަކުރާ ބާވަތެއްގެ ސެކިއުރިޓީޒްގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ގޮތްތައް ކަނޑައެޅުން،

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން،

ބޭރުގެ ފަރާތްތަކުން ސެކިއުރިޓީޒްގައި އިންވެސްޓްކުރުން 1-41.

(ހ) ބޭރުގެ ފަރާތްތަކަށް، މި މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ސެކިއުރިޓީޒްގައި އިންވެސްޓްކުރެވިދާނެއެވެ.

(ށ) ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަކުރެވޭ ބާވަތުގެ ސެކިއުރިޓީޒްގައި، އެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރުމަށް ހުއްދަކުރެވޭނެ ސެކިއުރިޓީޒް އަދި އެ ސެކިއުރިޓީޒްގައި އިންވެސްޓްކުރެވޭނެ ދާއިރާ ނުވަތަ ށަރުތުތައް؛
  2. ހުއްދަކުރެވޭ ސެކިއުރިޓީޒްގައި އިންވެސްޓްކުރެވޭނެ ބޭރުގެ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތައް؛ 
  3. ހުއްދަކުރެވޭ ސެކިއުރިޓީޒް ބޭރުގެ ފަރާތްތަކުން ކެޕިޓަލް މާކެޓްގައި ގަނެވިއްކުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި ކަމާގުޅޭ އުސޫލުތައ.ް

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގަވާއިދުގެ ދަށުން ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމަށް ހުއްދަކުރެވޭ ސެކިއުރިޓީޒް އޮތޯރިޓީން ކަނޑައަޅަންވާނީ، ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްނުކުރެވޭނެ ކަމަށް ފޮރިން އިންވެސްޓްމަންޓް ގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ދާއިރާތަކަށް ރިއާޔަތްކުރުމާ އެކުގައެވެ. އަދި އެފަދައިން ހުއްދަކުރެވޭ ސެކިއުރިޓީޒްގެ ތެރެއިން ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ބާވަތުގެ ސެކިއުރިޓީޒްގައި އިންވެސްޓްކުރުމަށް ހުއްދަދެވޭނެ އުސޫލުތައް އޮތޯރިޓީން ކަނޑައަޅަންވާނީ، އެ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައެވެ.

(ބ) މި މާއްދާގެ ދަށުން ހުއްދަކުރެވޭ ސެކިއުރިޓީޒ،ް ކެޕިޓަލް މާކެޓްގައި ަނެވިއްކުމުގެ މުއާމަލާތްތައް ހިންގަނީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) އާއި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމަށް ބޭނުންވާ މޮނިޓަރިންގ އަދި ކޮމްޕްލަޔަންސް މެކޭނިޒަމްއެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީން ގާއިމްކުރަންވާނެއެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާގެ (ށ) ގެ (13) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން،

(14) ބޭރުގެ އިންވެސްޓަރުން ސެކިއުރިޓީޒްގައި އިންވެސްޓްކުރުމާބެހޭ ގަވާއިދު.

 

4 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އަލަށް އެކުލަވާލަންޖެހޭ، ބޭރުގެ އިންވެސްޓަރުން ސެކިއުރިޓީޒްގައި އިންވެސްޓްކުރުމާބެހޭ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އެ ގަވާއިދަށް އަމަލުކުރަން ފަށަންވާނެއެވެ.

 

5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2006-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު