-

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2010-10) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-25)

 

ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

18. ބާތިލު ވޯޓާއި ނުދޭ ވޯޓު

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޤާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން އެ ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާތިލު ވޯޓު ކަރުދާހެކެވެ. އަދި މިގޮތުން އެ ކަރުދާހުގައި ޖަހާފައިވާ ކޮންމެ ރަނގަޅު ފާހަގައަކީ ބާތިލު ވޯޓެކެވެ.

(ށ) ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް ބަލަންވާނީ ސައްހަ ވޯޓު ކަރުދާހެއްގެ ގޮތުގައެވެ. މިފަދައިން އޮންނަ ވޯޓު ކަރުދާހުގައި އިންތިހާބުކުރަންޖެހޭ ކެންޑިޑޭޓުންގެ އަދަދަށްވުރެ މަދުން ރަނގަޅު ފާހަގަ ޖަހާފައިވާނަމަ، އެ ރަނގަޅު ފާހަގަ ގުނާނީ ސައްހަ ވޯޓުގެ ގޮތުގައެވެ. މިގޮތުން އެ ކަރުދާހުގައި މަދުވާ ފާހަގަ ގުނާނީ ނުދޭ ވޯޓުގެ ގޮތުގައެވެ.

 

2 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2010-10)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު