-

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2010-10) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-21)

 

ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

އަތޮޅު ކައުންސިލަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދު

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

5. އަތޮޅު ކައުންސިލަށް އިންތިހާބުކުރަންޖެހޭ އަދަދު -

ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ މެންބަރުންގެ ޢަދަދު ކޮންމެ އިދާރީ ދާއިރާއެއްގައި، އެ އިދާރީ ދާއިރާއަކުން އަތޮޅު ކައުންސިލަށް މެންބަރުން އިންތިހާބުކުރާއިރު، 2 (ދޭއް) އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން 1 (އެކެއް) މެންބަރެވެ. އަދި 2 (ދޭއް) އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބުކުރަނީ މުޅި އަތޮޅުން އިންތިހާބުކުރެވޭ 3 (ތިނެއް) މެންބަރުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މައްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

7.      (ހ) ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ 3،000 (ތިންހާސް) މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 3 (ތިނެއް) މެންބަރުންނެވެ.

(ށ) ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ 3,000 (ތިންހާސް) މީހުންނަށްވުރެ ގިނަ މީހުންގެ އަބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 5 (ފަހެއް) މެންބަރުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކުރެވިފައިއެވާ، 7 ވަނަ މާއްދާގެ (ނ) އަދި (ރ) އުނިކުރުން.

7.      (ނ) ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ 10,000 (ދިހަހާސް) މީހުންނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށްއިންތިހާބުކުރަނީ 9 (ނުވައެއް) މެންބަރުންނެވެ.

(ރ) މި މާއްދާގެ (ހ)، (ކ) އަދި (ނ) ގައި އެހެން އޮތްނަމަވެސް، ޏ.ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަކަށް އިންތިހާބުކުރަނީ 3 (ތިނެއް) މެންބަރުންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، 7 ވަނަ މާއްދާގެ (ބ) އެއީ އެ މާއްދާގެ (ނ) ކަމުގައި ހަމަޖައްސައި، އެ އަކުރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

 7. (ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރެވިފައިވާ އުސޫލުން މި ގާނޫނަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ބަލާ ކޮންމެ ރަށެއްގެ ރަށު ކައުންސިލަކަށް މެންބަރުންގެ ޢަދަދު، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި އިޢުލާންކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - މި ގާނޫނަށް ޢަމަލުކުރަން ފަށަނީ، މި ގާނޫނު ފާސްވެ، ތަސްދީގްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝައިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2010-10)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު