-

 

ގާނޫނު އުގޫބާތު (ޗެޕްޓަރ 3)

(ގާނޫނު ނަންބަރު 1966-01)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2014-09 ގެ 18 ވަނަ މާޢްދާއިން އުވާލެވިފައި)

ޗެޕްޓަރ 3

ދޮގުހެކިދިނުމާއި ދޮގުހުވާކުރުމާއި އަދިވެސް ށަރީއަތާއި ގާނޫނުގެ ކުރިމަތީގައި  ކުރެވޭ ކުށް  

62 ވަނަ މާއްދާ - ދޮގުހެކިދިނުން

ދޮގުހެކިދިން ކަމުގައިވާނީ:

     ށަރީއަތުން ނުވަތަ ގާނޫނުން ލާޒިމުކުރާ، ނުވަތަ ށަރީއަތުން ނުވަތަ ގާނޫނުން ބާރު ލިބިފައިވާ ފަރާތަކުން ހިންގާ ކަމެއްގައި، ނުވަތަ ތަހްގީގެއްގައި، ނުވަތަ އެއިން ކަމަކާމެދު ހަގީގަތަކަށް ނުވާ އެއްވެސް މައްލޫމާތެއް ދިނުން ނުވަތަ ތެދަކަށް ވާނޭ ނުވަތަ ވެދާނޭ ކަމަށް ހީކޮށްގެން އެ މައްލޫމާތެއް ދިނުން ނުވަތަ އެމައްލޫމާތަކީ ތެދެއްކަން ނުވަތަ ދޮގެއްކަން ނުއެނގި ނުވަތަ ޔަގީން ނުކޮށް، ދިނުމުންނެވެ.

     ށަރީއަތުން ނުވަތަ ގާނޫނުން ލާޒިމުކުރާ، ނުވަތަ ށަރީއަތުން ނުވަތަ ގާނޫނުން ބާރު ލިބިފައިވާ ފަރާތަކުން ހިންގާ ކަމެއްގައި، ނުވަތަ ތަހްގީގެއްގައި، އެއްވެސް ހާލެއްގައި ބޭނުން ކުރެވިދާނޭ، ނުވަތަ އެއްވެސް މާނައެއްގައި ބޭނުން ކުރެވޭ، ނުވަތަ ކުރާ ލިޔުމެއް، އެއްޗެއް، ނުވަތަ އިންސާނެއްގައި އުހައްދާ ސިފައަކުން، ލިޔާ އެއްޗަކުން، އުނިކުރާ އެއްޗަކުން ނުވަތަ ކުރާ އެއްވެސް ކަމަކުން ވިޔަސް އެކަމާބެހޭ އެއްވެސް ފަރާތަކަށް، ވެރިޔަކަށް ނުވަތަ ގާޒީއަކަށް، ކުށްހީއެއްވެ، ވިސްނުމެއް އައިސް، ލަފައެއްކޮށް، ނުވަތަ ނިޔާއެއް ކަނޑައެޅި، ވެއްޖެނަމަ، ނުވަތަ އެއިން ފަރާތެއް އެފަދަ އަމަލެއް ކުރުމަކީ، އެކަށީގެންވާ ކަމެއް ކަމުގައި ވެއްޖެނަމަ، އެއީވެސް ދޮގުހެކި ދިނުމެވެ.

     އަދި އެއްވެސް ލިޔުމެއްގައި ދޮގެއް އޮއްވާ، އެއީ ތެދެއް ކަމުގައި، ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރުމުންވެސް، އެލިޔުމެއް ބޭނުން ހިފޭގޮތުން އެ ސޮއިކުރި މީހާ ދޮގުހެކިދިން ކަމުގައި ވާނެއެވެ. މިގޮތް ކަނޑައަޅާނީ ގާޒީއެވެ.

 

63 ވަނަ މާއްދާ - ދޮގުހެކި ދިނުމުގެ އަދަބު

ދޮގުހެކި ދީފިމީހެއްގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ޖަލަށްލުން، ނުވަތަ 1،000 ރުފިޔާއަށްވުރެ ގިނަނޫން އަދަދެއްގެ ޖޫރިމަނާއެއް ކުރުން، ނުވަތަ ގިނަވެގެން 2 އަހަރަށް އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ.

 

64 ވަނަ މާއްދާ - ދޮގުހެކިދިނުމުން މީހަކު މެރުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒު ކޮށްފިނަމަ

ދޮގުހެކި ދިނުމުގެ ސަބަބުން އެވަގުތަކު ހިންގާ ގާނޫނަކުން ނުވަތަ ށަރީއަތުގެ ފަރާތުން ކުށްނުކުރާ މީހަކު މެރުމަށް ނިޔާ ކަނޑައެޅި އެ ހުކުމް ތަންފީޒު ކުރުމަށްފަހު އެހެކިވެރިޔާގެ ހެކި ގަސްދުގައި ދިން ދޮގު ހެއްކެއްކަމަށް ސާބިތު ވެއްޖެނަމަ އެ ހެކިދިންމީހާގެ އަދަބަކީ އިސްލާމީ ށަރީއަތް އެކަމަށް ހުއްދަކުރާ އެންމެ ބޮޑު އަދަބެކެވެ.

އެހުކުމް ތަންފީޒު ނުކުރާނަމަ

ނަމަވެސް ކުރީގައި މިބުނިގޮތުން ކަނޑައެޅި ނިޔާގެ ހުކުމް ތަންފީޒުނުކުރަނީސް ދޮގުހެކި ދިންކަމުގައި ސާބިތު ވެއްޖެނަމަ އެހެކިދިން މީހާގެ އަދަބަކީ 1 އަހަރާއި 4 އަހަރާ ދެމެދުގެ ޖަލަށްލުން ނުވަތަ އަރުވާލުމެވެ. ނުވަތަ 500 (ފައްސަތޭކަ) އާއި 4،000 (ހަތަރުހާސް) އާ ދެމެދުގެ ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

 

65 ވަނަ މާއްދާ - ދޮގުހެކިދީގެން 7 އަހަރުދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލެވިއްޖެނަމަ ނުވަތަ އަރުވާލެވިއްޖެނަމަ

ދޮގުހެކި ދިނުމުން އެއްވެސް މީހަކު ކުށްވެރިވެ 7 އަހަރު ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް އަރުވާލަން ނުވަތަ ޖަލަށްލާން ނިޔާ ކަނޑައެޅުމަށްފަހު އެހެކިބަސް ދިނީ މީހަކު އެކުށުގައި ގަސްދުގައި ބައްދާން ކަމަށް ސާބިތު ވެއްޖެނަމަ މިދޮގުހެކި ދިންމީހާގެ އަދަބަކީ އެދޮގުހެކި ދިނުމުގެ ސަބަބުން ޖަލަށް ލެވުނު، ނުވަތަ އަރުވާލެވުނު، މީހާ އެކަމުގައި ހޭދަކުރި މުއްދަތަކާއި 2 އަހަރާ މިމުއްދަތުންކުރެ ދިގު މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ އަރުވާލުމެވެ.

 

66 ވަނަ މާއްދާ - އިންސާފުގެ ކުރިމައްޗަށް ދޮގު ސަރޓިފިކެޓެއް ހުށަހެޅުން

ށަރީއަތުގެ ނުވަތަ ގާނޫނުގެ ކުރިމަތީގައި ހަގީގަތް ސާބިތު ކުރަންޖެހޭ މަގާމެއްގައި ނުވަތަ ގާނޫނީ ނުވަތަ ށަރްއީ އެއްވެސް ހަމައަކުން ބާރު ލިބިފައިވާ ފަރާތެއްގެ ކުރިމަތީގައި ގަސްދުގައި ދޮގު ސަރޓިފިކެޓެއް ނުވަތަ ލިޔުމެއް ދީފިނަމަ ބެލޭނީ ދޮގުހެކިދިން ކަމުގައެވެ. މިފަދަ ކުށްވެރިއެއްގެ އަދަބަކީ ގިނަވެގެން 2 އަހަރުދުވަހަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގިނަވެގެން 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

 

67 ވަނަ މާއްދާ - ދޮގުމައްލޫމާތު އެއީ ދޮގުހެކި

ދޮގުހެކި ދިންކަމުގައި ހިމެނޭ އަނެއްގޮތަކީ ދޮގެއްކަން އެނގިހުރެ އެއްވެސް ލިޔުމެއް ނުވަތަ ސަރޓިފިކެޓެއް ހެއްކެއްގެ ގޮތުގައި ދެއްކުމެވެ.

އަދި ސަރޓިފިކެޓެއްގެ ނުވަތަ ލިޔުމެއްގެ އެއްވެސް ނުކުތާއެއް ދޮގެއްގެ ގޮތުގައި އޮއްވާ ހުށަހެޅުމަކީވެސް ދޮގުހެކިދިނުމެވެ. އަދި ތެދުތޯ ނުވަތަ ދޮގުތޯ ޔަގީން ނުކޮށް ހުށަހެޅިޔަސް ހަމަ މިފަދައެވެ.

 

68 ވަނަ މާއްދާ - ދޮގުހުވާކުރުން

މިގާނޫނުގައި ދޮގުހުވާ ކުރުމޭ ބުނަނީ ދައްވާ ކުރާ މީހާގެ ފަރާތުގައި ހެކިނެތިގެން ދައްވާ ސާބިތުކޮށްދިނުމަށް ނުކުޅެދިއްޖެ ހިނދެއްގައި ދައްވާ ލިބޭ މީހާގެ މައްޗަށް ލާޒިމްވެގެން، ނުވަތަ ދައްވާ ކުރާ މީހާގެ މައްޗަށް ށަރްއީ ހަމަތަކުގެ މަތީން ރައްދުވެގެން ށަރްއީ ހާކިމެއްގެ ކުރިމަތީގައި މާތްﷲ ގަންދީ ދޮގެއް ހަދައިގެން ހުވާ ކުރުމަށެވެ.

 

69 ވަނަ މާއްދާ - ދޮގުހުވާކުރުމުގެ އަދަބު

ދޮގުހުވައެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހުގެ ޖަލަށްލުން ނުވަތަ 1،000 (އެއްހާސް) ރުފިޔާއަށްވުރެ ގިނަނޫން އަދަދެއްގެ ޖޫރިމަނާއެއް ކުރުން ނުވަތަ ގިނަވެގެން 2 އަހަރަށް އަރުވާލުމެވެ.

 

70 ވަނަ މާއްދާ - އަދަބަކީ މަރު ކަމަށްވާ ގަޒިއްޔާއެއްގެ އެއްވެސް ހެއްކެއް ފޮރުވުން

ކުށުގެ އަދަބަކީ މަރުކަމަށްވާ ކުށެއް ކުރިކަމުގެ އެއްވެސް ހެއްކެއް ފޮރުވައި ނުވަތަ ހޯދާ މީހަކަށް އެހެކި ނުފެންނާނޭ ހަރަކާތެއް ކުޅަނަމަ ނުވަތަ އެފަދަ ހެއްކެއް ފޮރުވުމަށްޓަކައި ނުވަތަ އޮޅުވާލުމަށްޓަކައި ހަދާލައިގެން އެއްޗެއް ބުނެފިނަމަ އެމީހެއްގެ އަދަބަކީ 2 އަހަރާއި 4 އަހަރާ ދެމެދުގެ ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ 300 (ތިންސަކޭކަ) ރުފިޔާއާއި 4،000 (ހަތަރުހާސް) ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރުމެވެ.

 

71 ވަނަ މާއްދާ - 10 އަހަރަށްވުރެދިގު މުއްދަތަކަށް ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އަރުވާލުން ލާޒިމުވާ ކުށެއްގެ ހެއްކެއް ފޮރުވުން

އުމުރުގެ ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ލާޒިމުވާ ކުށެއް ކުރިކަމުގެ އެއްވެސް ހެއްކެއް ފޮރުވައި ނުވަތަ ހޯދާމީހަކަށް ނުފެންނަ ނުވަތަ އޮޅޭފަދަ އަމަލެއްކުރި މީހެއްގެ އަދަބަކީ ގިނަވެގެން 3 އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ 200 (ދުއިސައްތަ) ރުފިޔާއާއި 2،000 (ދެހާސް) ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

 

72 ވަނަ މާއްދާގާނޫނުނަންބަރު 1966-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 3) އަށް 8 ވަނަ އިސްލާހުގެނައުމުގެ ގާނޫނު، 2001-9-20 ގައި މިމާއްދާވަނީ އުވާލައްވާފައެވެ.

 

73 ވަނަ މާއްދާ - އިންސާފުގެ ކުރިމަތީގައި ބޭނުންވާ ލިޔުމެއް ފޮރުވައި އަންދާލައިފިނަމަ

ށަރީއަތުގައި، ނުވަތަ ގާނޫނީ އެއްވެސް ވެރިޔެއްގެ ކުރިމަތީގައި،އިންސާފެއް ކުރުމަށް ބޭނުންވާ ލިޔުމެއް ފޮރުވާ ނުވަތަ ނެތިކޮށް އަންދާލާ ނުވަތަ ނަގާލައިފިނަމަ، އެއީ ކުއްވެރިޔާ ނުވަތަ ކުއްވެރީންގެ ދިފާއުގައި ކުރިކަމެއްކަމުގައި ވާނަމަ އެފަދަ ކުއްވެރިއަކަށް ހުރި އަދަބަކީ ގިނަވެގެން 2 އަހަރު ދުވަހަށް ޖަލައްލުން ނުވަތަ އަރުވާލުން، ނުވަތަ 500 (ފައްސަތޭކަ) ރުފިޔާއަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

 

74 ވަނަ މާއްދާ - ތިމާގެ އެއްޗެއް އިންސާފުގެފަރާތުން އަތުލާފާނޭކަމުގެހީއަށް ނުވަތަ އެކަން އެނގި ބަދަލުކުރުން

ށަރީއަތުގެ ކުރިމަތީގައި ނުވަތަ ގާނޫނުގެ ކުރިމަތީގައި ކުރޭވޭ ދައްވާއެއްގައި އިންސާފުގެ ފަރާތުން އަތުލަންޖެހޭ އެއްވެސް މުދަލެއް، ނުވަތަ މުދަލާބެހޭ އެއްވެސް ލިޔުމެއް، ފޮރުވައި، ނުވަތަ އޭގެ މިލްކުވެރިކަން އެހެން ފަރާތަކަށް ނަގުލުކޮށް، ނުވަތަ ނައްތައި ހަލާކުކޮށް ހަދާއިރު، އެ އެއްޗެއް އަތުލާނެކަމަށް ހީވެގެން، ނުވަތަ އެނގިގެން އެއަމަލުކުރި ކަމުގައި ވާނަމަ އެފަދަ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 2 އަހަރަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ 500 (ފައްސަތޭކަ) ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ ޖޫރިމަނާއާއެކު ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

 

75 ވަނަ މާއްދާ - ހައްގުނޫން ދައްވާ ކުރުން

ވަނަ މާއްދާ - ގަސްދުގައި މީހަކަށް އުނދަގުލެއް ދެރައެއް ނުވަތަ ގެއްލުމެއް ދިނުމަށްޓަކައި އަނެކަކާމެދު ހައްގަކާ ނުލައި ދައްވާއެއް ކޮށްފި މީހެއްގެ އަދަބަކީ 200 ރުފިޔާއަށްވުރެ ގިނަނޫން އަދަދެއްގެ ޖޫރިމަނާއެއް ކުރުމެވެ.

 

76 ވަނަ މާއްދާ - ކުށްވެރިޔާއަށް އެހީވެދިނުން

ކުށްވެރިއަކު ހައްގު އަދަބުން މިންޖު ކުރުމަށް އެހީވެދިނުމަކީ ކުށެކެވެ. މިގޮތުން އެހީވާއިރު އެކުށަކީ –

(ހ) އެކުށުގެ އަދަބަކަށް މެރުން ކަމުގައިވާ ކުށެއްނަމަ އެހީވެދިން މީހެއްގެ އަދަބަކީ 2 އަހަރާއި 4 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. ނުވަތަ 2،000 (ދެހާސް)  ރުފިޔާއަށްވުރެ ގިނަނޫން އަދަދެއްގެ ޖޫރިމަނާ ކުރުމެވެ.

(ށ) އެކުށުގެ އަދަބަކީ 10 އަހަރު ނުވަތަ މިއަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ކަމުގައިވާ ކުށެއްނަމަ އެހީވެދިން މީހެއްގެ އަދަބަކީ 1 އަހަރާއި 3 އަހަރާ ދެމެދުގެ ޖަލަށްލުން ނުވަތަ އަރުވާލުމެވެ. ނުވަތަ 1،000 (އެއްހާސް) ރުފިޔާއަށްވުރެ ގިނަނޫން އަދަދެއްގެ ޖޫރިމަނާ ކުރުމެވެ.

(ނ) އެކުށުގެ އަދަބަކީ 1 އަހަރުން ފެށިގެން 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ކަމުގައިވާ ކުށެއްނަމަ އެހީވެދިން މީހެއްގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. ނުވަތަ 500 (ފައްސަތޭކަ) ރުފިޔާއަށްވުރެ ގިނަނޫން އަދަދެއްގެ ޖޫރިމަނާ ކުރުމެވެ.

(ރ) މިގޮތުން އެހީވާއިރު އެ އެހީވެދިނީ، ތިމާގެ ބައްޕައަށް، މަންމައަށް، ދަރިއަކަށް، އަނބިމީހާއަށް، ނުވަތަ ފިރިމީހާއަށް ކަމުގައި ވާނަމަ އެ އެހީވެދިންމީހާ މިމާއްދާގައި ބުނާ ގޮތުގެމަތީން ކުށްވެރިއެއް ނުވާނެއެވެ.

 

77 ވަނަ މާއްދާ - ކުށްވެރިޔާއާ އެހީވެދީފައި ބަދަލު އަތުލުން

(ހ) 76 ވަނަ މާއްދާގެ (ހ) ގައި މިބުނާ އެހީއެއް ވެދިން މީހާ އޭގެ ބަދަލުގައި ނުވަތަ އެ އަމަލާ ގުޅެވޭ ގޮތެއްގައި ހަދިޔާއެއް، ތަކެއްޗެއް ނުވަތަ ފައިސާއެއް ނުވަތަ އެއްވެސް ރިށްވަތެއް ބަލައިގަނެ، ބަލައިގަންނާން އެއްބަސްވެ، ނުވަތަ އަތުލާން އުޅެފިނަމަ ކޮންމެ ދަރަޖައަކުންވެސް، ކަނޑައެޅިފައިވާ އަދަބުގެ އިތުރަށް، ގިނަވެގެން 1 އަހަރު ދުވަހުގެ ޖަލަށްލުން، ނުވަތަ އަރުވާލުން އިތުރަށް ކަނޑައަޅާނީއެވެ.

(ށ) (ހ) ގައި މިބުނިފަދަ ރިށްވަތު ދިނުމަށް އެއްބަސްވެ ދީ ނުވަތަ އަނެކަކަށް ދޭން ގަދައަޅާ މީހެއްގެ އަދަބަކީ 76 ވަނަ މާއްދާގައި އެހީވެދިނުމާ ބެހިގެން ކަނޑައެޅި އަދަބުގެ ދަރަޖަތަކުން ކޮންމެ ބަޔަކަށްވެސް ގިނަވެގެން 1 އަހަރު ދުވަހުގެ ޖަލަށްލުން، ނުވަތަ އަރުވާލުން އިތުރު ކުރުމެވެ.

 

78 ވަނަ މާއްދާ - އަދަބެއްގައިހުރި މީހަކު ފިލައިގެން އުޅެނިކޮށް އޭނާ ނުހިފިހުންނަން އެހީވެދިނުން

ކުށަކަށް ނިޔާކަނޑައަޅާ އަދަބެއްގައިހުރެ ގަވާއިދު ނުވަތަ ގާނޫނާ ހިލާފަށް ސަލާމަތްވެގެން އުޅޭމީހަކު ރައްކާކޮށް، ގާނޫނީގޮތުން އޭނާ ހިފުމަށް ހައްގުއޮތް ފަރާތަކަށް ނުއަންގައި ނުވަތަ ސަރުކާރުގެ ސަމާލުކަން އަތުލުމަށް ލެވެންއޮތްހައި ބާރެއްނުލައި ހުރެއްޖެ މީހަކަށް އަދަބު ލިބޭނެއެވެ.

(ހ) މެރުމަށް ނިޔާ ކަނޑައެޅިފައިވާ މީހާ ފިލައިގެން އުޅޭއިރު އެހީވުން

މިގޮތުގައި ފިލިމީހަކުގެ މައްޗަށް ކަނޑައެޅިފައިވާ އަދަބަކީ، މެރުން ކަމުގައިވާނަމަ ކުރީގައި ބުނެވުނުފަދަ އެހީއެއް ވެދިން މީހެއްގެ އަދަބަކީ 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

(ށ) 10 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލެވިފައިވާ މީހާ ފިލީމާ އެހީވުން

މިގޮތުގައި ފިލިމީހާގެ މައްޗަށް ކަނޑައެޅިފައިވާ އަދަބަކީ 10 އަހަރަށް ނުވަތަ މިއަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ކަމުގައިވާނަމަ ކުރީގައި ބުނެވުނުފަދަ އެހީއެއް ވެދިން މީހެއްގެ އަދަބަކީ 1 އަހަރާއި 3 އަހަރާ ދެމެދުގެ ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

(ނ) ވަނަ މާއްދާ – 1 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިފައި ނުވަތަ އަރުވާލެވިފައިވާ މީހާ ފިލީމާއެހީވުން

މިގޮތުގައި ފިލިމީހާގެ މައްޗަށް ކަނޑައެޅިފައިވާ އަދަބަކީ 1 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ކަމުގައިވާނަމަ ކުރީގައި ބުނެވުނުފަދަ އެހީއެއް ވެދިން މީހެއްގެ އަދަބަކީ ގިނަވެގެން 1 އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

 

79 - ވަނަ މާއްދާ

ށަރްއީ ނުވަތަ ގާނޫނީގޮތުން ބާރު ލިބިފައިވާ އެއްވެސް ފަރާތެއްގެ ނުވަތަ ބައެއްގެ ކުރިމަތީގައި އަނެކަކުކަމަށް ހެދިގެން އެއްޗެއް ބުނެ އިއްތިރާފްވެ ށަރްއީ ނުވަތަ ގާނޫނީ އަމަލެއް، ނުވަތަ އަމަލެއްގެ ބައެއް ހިންގައި، ނުވަތަ ހިންގުވުމީ ކުށެކެވެ. މިފަދަ ކުށްވެރިއެއްގެ އަދަބަކީ ގިނަވެގެން 3 އަހަރު ދުވަހުގެ ޖަލަށްލުން ނުވަތަ އަރުވާލުމެވެ. ނުވަތަ ގިނަވެގެން 500 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. ނުވަތަ 1 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

 

80 ވަނަ މާއްދާ - މީހެއްގެ ކުށުގެ އަދަބަށް ލުޔެއް ދިނުމަށް ދައުލަތުގެ މުވައްޒަފަކު ގާނޫނާ ހިލާފް އަމަލެއް ކުރުން

ދައުލަތުގެ އެއްވެސް މުވައްޒަފަކު މީހަކު ކުރި ކުށެއްގެ އަދަބުން ސަލާމަތް ކުރުމަށްޓަކައި ނުވަތަ މީހަކު ކުޅަ ކުށަކަށް ލިބޭ އަދަބެއް ލުއިކުރުމަށްޓަކައި ގަސްދުގައި ގާނޫނާ ހިލާފު އަމަލެއް ކޮށްފިނަމަ އެމީހެއްގެ އަދަބަކީ ގިނަވެގެން 2 އަހަރުދުވަހަށް ޖަލަށްލުން، ނުވަތަ އަރުވާލުމެވެ. ނުވަތަ 1،000 (އެއްހާސް) ރުފިޔާއަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

   ދައުލަތުގެ މުވައްޒަފަކު ގާނޫނާ ހިލާފަށް އަޅާ ފިޔަވަޅަކުން މީހަކު ކުރި ކުށެއްގެ އަދަބުން ސަލާމަތްވުން ނުވަތަ އަދަބު ލުއިވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވިނަމަވެސް މިމާއްދާގެ ދަށަށް އާދެއެވެ. ހަމަ މިގޮތަށް ދައުލަތުގެ މުވައްޒަފަކު ގާނޫނީ ނުވަތަ ށަރްއީ އެއްވެސް ލިޔުމަކަށް ގަސްދުގައި އުނިއިތުރު ކުރުންވެސް ހިމެނެއެވެ.

 

81 ވަނަ މާއްދާ – ދައުލަތުގެ މުވައްޒަފަކަށް ލިބިފައވާ ބާރަކުން ކުށްނުކުރާ މީހުން ހިފުމާއި ހައްޔަރު ކުރުން

ދައުލަތުގެ އެއްވެސް މުވައްޒަފަކު އޭނާހުރި މަގާމުން އޭނާއަށް ގާނޫނީގޮތުން ލިބޭ ނުވަތަ ލިބިފައިވާ ބާރަކުން މީހުން ހިފައި ހައްޔަރު ކުރުމުގައި، ގާނޫނާ ހިލާފު ގޮތަކަށް، ކުށް ނުކުރާ މީހަކު ގަސްދުގައި ހިފައި ހައްޔަރު ކުރުމަކީ ކުށެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން 3 އަހަރު ދުވަހުގެ ޖަލަށްލުން ނުވަތަ އަރުވާލުން، ނުވަތަ 2،000 (ދެހާސް) ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

 

82 ވަނަ މާއްދާ - ހިފާފައި ނުވަތަ ހައްޔަރުވެފައިވާ މީހާ ދައުލަތުގެ  މުވައްޒަފެއްގެ އިހުމާލުން ރައްކާ ވެއްޖެނަމަ ނުވަތަ ފިލައްޖެނަމަ

ދައުލަތުގެ އެއްވެސް މުވައްޒަފަކު، އޭނާއަށް ށަރްއީގޮތުން ނުވަތަ ގާނޫނީ ގޮތުން މީހުން ހިފައި ހައްޔަރު ކުރަންޖެހިފައި، ނުވަތަ ހައްޔަރުވާ މީހުން ބަލަހައްޓަން ޖެހިފައިވާ އެއްވެސް ހާލެއްގައި ހައްޔަރު ވެފައިވާ މީހާ، އޭނާގެ އިހުމާލުން ރައްކާވެއްޖެނަމަ ނުވަތަ ފިލައްޖެނަމަ ނުވަތަ ހިފަންވީ މީހާ ނުހިފެއްޖިނަމަ އެއީ ކުށެކެވެ.

(ހ) ފަހެ މިގޮތުން ހިފަންވީ ނުވަތަ ރައްކާވެގެން ދިޔަ ނުވަތަ ފިލައިގެންދިޔަ މީހަކީ މަރުގެ ދައްވާއަކަށް ހޯދާ ނުވަތަ މެރުމަށް ނިޔާ ކަނޑައެޅިފައިވާ މީހަކު ކަމުގައި ވާނަމަ، އިހުމާލުކުޅަ މުވައްޒަފުގެ އަދަބަކީ ގިނަވެގެން 5 އަހަރު ދުވަހުގެ ޖަލަށްލުން ނުވަތަ އަރުވާލުމެވެ. ނުވަތަ ގިނަވެގެން 3،000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

(ށ) އެމީހަކީ 10 އަހަރުން ފެށިގެން އުމުރަށް އަރުވާލުމަށް، ނުވަތަ ޖަލަށްލުމަށް ނިޔާ ކަނޑައެޅިފައިވާ ނުވަތަ މިއިން އަދަބެއްގައި ހުރި ނުވަތަ މިއިން އަދަބެއް ލިބޭ ފަދަ ކުށެއްކުރި ކަމުގެ ތުހުމަތުގައި ހިފާން ވެފައިވާ މީހަކު ކަމުގައިވާނަމަ، އެމީހާގެ އަދަބަކީ ގިނަވެގެން 3 އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުން، ނުވަތަ 2،000 (ދެހާސް) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

(ނ) އެމީހަކީ، 10 އަހަރަށްވުރެ ކުރު މުއްދަތަކަށް އަރުވާލުމަށް ނުވަތަ ޖަލަށްލުމަށް ނިޔާ ކަނޑައެޅިފައިވާ ނުވަތަ މިއިން އަދަބެއްގައި ހުރި، ނުވަތަ މިއިން އަދަބެއް ލިބޭފަދަ ކުށެއްކުރި ކަމުގެ ތުހުމަތުގައި ހިފަންވެފައިވާ މީހަކު ކަމުގައި ވާނަމަ، އިހުމާލުކުޅަ މުވައްޒަފުގެ އަދަބަކީ، ގިނަވެގެން 1 އަހަރަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ 1،000 (އެންހާސް) ރުފިޔާއަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

(ރ) ގައިރު ހާޒިރުގައި ނިޔާ ކަނޑައެޅިފައިވާ ކުށްވެރިންވެސް މިމާއްދާގެ ދަށުގައި ހިމެނެއެވެ.

 

83 ވަނަ މާއްދާ – ކުށްވެރިއަކުހިފުމަށް ނުވަތަ ހައްޔަރު ކުރުމަށް ހުރަސް އެޅުން

(ހ) ކުށެއްކޮށްގެން ނުވަތަ ކުށެއްގެ ތުހުމަތުގައި، ތިމާ ނުވަތަ އެހެން މީހަކު ނުވަތަ ބަޔަކު، ގާނޫނީ ނުވަތަ ށަރްއީގޮތުން ހިފުމަށް ނުވަތަ ހައްޔަރު ކުރުމަށް، ހުރަސްއަޅާ މީހެއްގެ އަދަބަކީ، ގިނަވެގެން އަހަރުދުވަހަށް ޖަލައްލުން، ނުވަތަ އަރުވާލުން، ނުވަތަ 1000 (އެއްހާސް) ރުފިޔާއަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާކުރުމެވެ.

(ށ) މިގޮތުގައި 10 އަހަރުން ފެށިގެން އުމުރަށް އަރުވާލުމަށް ނުވަތަ ޖަލަށްލުމަށް ނިޔާ ކަނޑައެޅިފައިވާ މީހަކު، ނުވަތަ މިއިން އަދަބެއް ދޭފަދަ ކުށެއް ކުރިކަމުގެ ތުހުމަތުގައިވާ މީހަކު، ހިފުމަށް، ނުވަތަ ހައްޔަރު ކުރުމަށް ހުރަސްއަޅާ މީހެއްގެ އަދަބަކީ، ގިނަވެގެން 4 އަހަރު ދުވަހަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ 1،500 (އެއްހާސް ފައްސަތޭކަ) ރުފިޔާއަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

(ނ) މިގޮތުގައި ތިމާ ހިފުމަށް ނުވަތަ ހައްޔަރު ކުރުމަށް ތިމާ ހުރަސް އަޅައިފިނަމަ ކުރީގެ ކުށުގެ އިތުރަށް އަދަބު ލިބޭނޭ ކުށަކީ ހުރަސް އެޅުމެވެ.

 

84 ވަނަ މާއްދާ - އުމުރަށް އަރުވާލާފައިވާ މީހަކު ގާނޫނާ ހިލާފަށް އެނބުރި އައުން

އުމުރަށް އަރުވާލާފައި ވަނިކޮށް ގާނޫނީގޮތުން ނުވަތަ ށަރްއީ ގޮތުން ގެނައުން ހަމަނުޖެހެނީސް އަނބުރާ އަތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ބުރަ މަސައްކަތާއެކު ޖަލަށްލުމަށްފަހު ކުރީގެ އަދަބު ހަމަކުރުމަށް އަނބުރާ ފޮނުވުމެވެ.

 

85 ވަނަ މާއްދާ - ށަރްއީ ނުވަތަ ގާނޫނީގޮތުން އިންސާފުކުރާ މަޖިލީހަކަށް ދަތި ކުރުން

(ހ) ށަރްއީ ނުވަތަ ގާނޫނީގޮތުން އިންސާފުކުރާ ޖަލްސާއެއް ކުރިއަށް ދިޔަނުދީ ނުވަތަ އުނދަގޫވާފަދަ އަމަލެއް (ގާޒީ ނުވަތަ އެމަގާމުގައި ހުރި އެއްވެސް މީހެއް ނުވަތަ އޭނާގެ އެއްވެސް އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ގަޔަށް އެރުން ފިޔަވައި) ގާނޫނީ ހަމަތަކާ ހިލާފަށް ގަސްދުގައި ނުވަތަ އިންޒާރަށްފަހު ކޮށްފިނަމަ އެމީހެއްގެ އަދަބަކީ 500 (ފައްސަތޭކަ) ރުފިޔާއަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

(ށ) (ހ) ގައި ބުނިފަދަ އަމަލެއް ގަސްދުގައި ކުޅައީ ގާޒީގެ އެއްވެސް އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ގަޔަށް އަރައިގެން ކަމަށްވާނަމަ އެކަންކުރި މީހެއްގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ 1،000 (އެއްހާސް) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

(ނ) (ހ) ގައި ބުނިފަދަ އަމަލެއް ގަސްދުގައި ކުޅައީ ގާޒީގެ ނުވަތަ ގާޒީންގެ ގަޔަށް އަރައިގެން ކަމުގައި ވާނަމަ އެ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން 2 އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ 1،500 (އެއްހާސް ފައްސަތޭކަ) ރުފިޔާއަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

(ރ) މިމާއްދާގެ (ހ) (ށ) (ނ) ގައިވާފަދަ އަމަލެއް ކުޅައީ ކަނޑިއެއް ބަޑިއެއް ތޫނުއެއްޗެއް ނުވަތަ އެ އެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ މީހަކު މަރާލެވިދާނޭފަދަ އެއްޗެއް ކަމުގައިވާ އެއްޗެއް ހިފައިގެން ނުވަތަ އެފަދަ އެއްޗަކާ އެކުގައިނަމަ އެއަކުރެއްގެދަށުގައި ބަޔާން ކޮށްފައިވާ ކުށް ތިންބައި ބޮޑުވީއެވެ. އަދި އަދަބުވެސް ތިންބައި ބޮޑުވާނެއެވެ.

 

86 ވަނަ މާއްދާ - ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުން

(ހ) ގަޔަށް އެރުން ނުވަތަ ހާނީއްކައެއް ކުރުން ނޫން ގޮތަކުން ދައުލަތުގެ މުވައްޒަފަކު ވާޖިބު އަދާކުޅައުމަށް ގަސްދުގައި ހުރަސް އަޅައިފި މީހެއްގެ އަދަބަކީ، ގިނަވެގެން 6 މަސް ދުވަހަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ. ނުވަތަ 500 ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

(ށ) ދައުލަތުގެ މުވައްޒަފެއްގެ ވާޖިބު އަދާކުޅައުމަށް ހުރަސްއެޅީ އެމުވައްޒަފަކު ގަޔަށް އަރައި ނުވަތަ ހާނިއްކަ ކޮށްގެން ނުވަތަ އެފަދަ ކަމެއް އޭނައަށް ނުވަތަ އޭނާގެ އަނބިމީހާއަށް، ދަރިޔަކަށް، މަޔަކަށް، ބަފަޔަކަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ މުދަލަކަށް، ކޮށްފާނެ ކަމުގެ ބިރު ދައްކައިގެން ކަމުގައިވާނަމަ އެކުށްކުރި މީހެއްގެ އަދަބަކީ ގިނަވެގެން 2 އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. ނުވަތަ 1،000 ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

 

87 ވަނަ މާއްދާ - ށަރްއީ ނުވަތަ ގާނޫނީގޮތުން ބާރު ލިބިފައިވާ މީހަކާ އެހީވެނުދިނުން

(ހ) ށަރްއީ ނުވަތަ ގާނޫނީ ހަމަތަކުގެ މަތީން ދައުލަތުގެ މުވައްޒަފަކު އަދާކުރަން ޖެހިފައިވާ ވާޖިބު އަދާކުރުމުގައި އެހީވެދޭންޖެހޭ މަގާމެއްގައި އެހީވެ ނުދިން މީހެއްގެ އަދަބަކީ ގިނަވެގެން 6 މަސް ދުވަހަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. ނުވަތަ 500 ރުފިޔާއަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

(ށ) މިފަދަ އެހީއަކީ، އިންސާފާ ބެހޭގޮތުން ނުވަތަ ގައިރުގާނޫނީ އެއްވުމެއް މަނާކުރުމަށް، ރޫޅައިލުމަށް، ނުވަތަ އަމަންއަމާންކަން ދެމެހެއްޓުމަށް ޓަކައި ދައުލަތުގެ ފަރާތުން ނެރުއްވާ ގަވާއިދަކާ ނުވަތަ އަމުރަކާ އެއްގޮތަށް އެމުވައްޒަފަކާ ވެދިނުމަށް އޭނާ އެދުނު އެހީއަކަށް ވެއްޖެނަމަ އެ އެހީވެނުދިން މީހެއްގެ އަދަބަކީ ގިނަވެގެން 2 އަހަރަށް އަރުވާލުން ނުވަތަ ޖަލަށް ލުމެވެ. ނުވަތަ 1،000 ރުފިޔާއަށް ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

 

88 ވަނަ މާއްދާ - ށަރްއީ ނުވަތަ ގާނޫނީގޮތުން ކުރާ އަމުރަށް ނުކިޔަމަންތެރިވުން

(ހ) ށަރްއީ ނުވަތަ ގާނޫނީގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރި ވުމަކީ ކުށެކެވެ. މިކުށް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން 6 މަސް ދުވަހަށް ޖަލަށްލުން، އަރުވާލުން، ގޭގައި ބަންދު ކުރުން، ނުވަތަ 150 (ސަތޭކަ ފަންސާސް)  ރުފިޔާއަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

(ށ) މިފަދަ މީހެއްގެ ކުށުގެ އަމަލުން މީހެއްގެ ހަށިގަނޑަށް މިލްކަކަށް، ނުވަތަ ހިއްސަކަށް ގެއްލުމެއް، އުނިކަމެއް ލިބިއްޖެނަމަ އެކުށްކުރި މީހެއްގެ އަދަބަކީ ގިނަވެގެން 1 އަހަރު ދުވަހަށް ޖަލަށްލުން، ނުވަތަ އަރުވާލުމެވެ. ނުވަތަ 250 ރުފިޔާއަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

(ނ) މިފަދަ ކުށުގެ އަމަލުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމަށްވާނަމަ، އެކުށްކުރި މީހެއްގެ އަދަބަކީ ގިނަވެގެން 2 އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. ނުވަތަ 1،000 (އެއްހާސް) ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

(ރ) މިފަދަ ކުށުގެ އަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކުށްކުރި މީހެއްގެ އަދަބަކީ އިސްލާމީ ށަރީއަތުގައި އޮންނަ އަދަބެކެވެ.

 

89 ވަނަ މާއްދާ - "ހާނީއްކަ"

މިޗެޕްޓަރުގައި "ހާނިއްކަ" ގެ މާނައަކީ "ނުރައްކާތެރި އަނިޔާ" ފިޔަވައި ޖިސްމާނީ ގޮތުން މީހަކަށް ނުވަތަ އޭނާގެ މިލްކަކަށް ގާނޫނާ ހިލާފު ގޮތަކުން ލިބޭ ގެއްލުމެވެ.

 

މިގާނޫނަށް އަމަލު ކުރަން ފަށާނީ 1 ޖަނަވަރީ 1967 މިދުވަހުން ފެށިގެންނެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

--- ވަނަ އިސްލާހު

--- ވަނަ އިސްލާހު

--- ވަނަ އިސްލާހު

6 ވަނަ އިސްލާހު

  

އުވި ގާނޫނު

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09)

 

ގުޅުންހުރި ގާނޫނު

ގާނޫނުލް އުގޫބާތު (ޗެޕްޓަރ 1)

ގާނޫނުލް އުގޫބާތު (ޗެޕްޓަރ 2)

ގާނޫނުލް އުގޫބާތު (ޗެޕްޓަރ 4)

ގާނޫނުލް އުގޫބާތު (1951)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު