މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2023-01)
(މި ގާނޫނަށް އަމަލުކުރަން ފެށީ 15 މާރިޗު 2023 ގައި)
ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދައުލަތުން ދަރަންޏަށް ފައިސާ ނެގުން 5.
(ހ) ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރަށެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) ދައުލަތަށް ދަރަންޏަށް ފައިސާ ނަގަންވާނީ، އެ ދަރަނި ނެގުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު، އެ އަހަރެއްގެ އަހަރީ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުނުވާނެ ގޮތަކަށް، މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދައުލަތުން ދަރަންޏަށް ފައިސާ ނަގާނަމަ ދަރަންޏަށް ނެގި ޕްރިންސިޕަލް އަދަދާއި، އެއަށް ދޭންޖެހޭ އިންޓްރެސްޓާއި، އެ ފައިސާ ދަރަންޏަށް ނެގުމުގައި ހިނގާ އެހެނިހެން ހަރަދުތައް ބަޖެޓުގައި ކަނޑައެޅި ފާސްވެފައިވާ ގޮތުގެމަތިން ދޭންވާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުލަތުގެ ނަމުގައި ދަރަނި 5ނަގަންވާނީ، އެ އަހަރެއްގެ އަހަރީ ބަޖެޓުގައި ދަރަނި ނެގުމަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރުނުވާނެ ގޮތަށެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3-5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ދައުލަތުގެ ނަމުގައި ގެރެންޓީ ދިނުން 4-5.
(ހ) ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދިނުމަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރަށެވެ.
(ށ) ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދޭންވާނީ، އެ ގެރެންޓީއެއް ދިނުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު ގެރެންޓީ ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ދައުލަތުން ގެރެންޓީއެއް ދޫކުރާ ކޮންމެ ފަހަރަކު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ގެރެންޓީއަކާގުޅޭ މައުލޫމާތު، އެ ގެރެންޓީ ދޫކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ފޮނުވަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުވާއިރު އެ ގެރެންޓީއެއް ދޫކުރި ބޭނުމާއި، ގެރެންޓީ ކުރި އަދަދާއި އެ ގެރެންޓީއެއް ދޫކުރުމާ ގުޅޭގޮތުން ކުރެވުނު ދިރާސާގެ ރިޕޯޓުގެ ކޮޕީވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލޯނާއި ގެރެންޓީގެ މައުލޫމާތު ލިޔެ ބެލެހެއްޓުން 6.
ދައުލަތުގެ ފަރާތުން ދަރަންޏަށް ނަގާފައިވާ ފައިސާއާއި، ދައުލަތުން ދޭ ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގސްގެ ހިސާބުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރު ލިޔެ ބަލަހައްޓަންވާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދައުލަތުގެ މުދާ ހުއްދަކުރެވިގެން ވިއްކުމާއި އެއާމެދު އަމަލުކުރުން އަދި ކުއްޔަށް ދިނުން 7.
(ހ) ކައުންސިލުތައް ފިޔަވައި ދައުލަތުގެ އޮފީސްތަކުން، ދައުލަތުގެ މުދާ ވިއްކުމުގައި އަމަލުކުރާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަމަކާ ގުޅުންހުރި ދައުލަތުގެ އޮފީހަކުން މިނިސްޓަރަށް ހުށަހެޅުމުން، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެންނެވެ.
(ށ) ކައުންސިލުގެ މިލްކުވެރިކަމުގެ ދަށުގައިވާ މުދާ ފިޔަވައި، ދައުލަތުގެ މުދަލެއް ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތާލަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެކަންކަން ކުރުމަށް މިނިސްޓަރު ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
(ނ) ދައުލަތުގެ މުދަލާއި ތަންތަން ކުއްޔަށް ދިނުމާބެހޭ އުސޫލުތައް ބަޔާންކުރާ ހާއްސަ ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ދައުލަތުގެ މުދަލާއި ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދައުލަތުގެ ފައިސާއެއް ނުލިބޭނެ ކަމަށް ދޫކޮށްލުން 9.
ދައުލަތުގެ ފައިސާއިން މަދުވާ މަދުވުމެއް، ނުވަތަ ގެއްލޭ ގެއްލުމެއް ނުވަތަ އުނިވާ އުނިވުމެއް، ނުވަތަ އަނބުރާ ނުލިބޭނެ ކަމަށް ބެލެވޭ ދައުލަތުގެ ފައިސާ، ނުވަތަ ގެއްލިފައިވާ ނުވަތަ ނައްތާލެވިފައިވާ ނުވަތަ ހަލާކުވެފައިވާ، ނުވަތަ ބޭނުންކުރަން ކަމުނުދާ ދައުލަތުގެ މުދަލެއް އަނބުރާ ނުލިބޭނެކަމަށް ދޫކޮށްލެވޭނީ، ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު، އަދި އެފަދަ ހާލަތްތަކާއި އެކަމުގައި އަމަލުކުރާނެ ގޮތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައެޅުމަށްފަހު، އެ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން ކަމާބެހޭ ހިސާބުތަކުގައި ހިމެނުމަށްފަހުގައެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ދައުލަތުން ހިންގާ މުއާމަލާތްތަކަށް ލުއި ނުވަތަ މަންފާ ދިނުމާއި ދައުލަތަށް ލިބެންޖެހޭ ފައިސާ މައާފުކޮށްދިނުން 1-9.
(ހ) ކައުންސިލުތައް ފިޔަވައި، ދައުލަތުގެ ނަމުގައި، ދައުލަތުގެ އޮފީސްތަކުން ހިންގާ މުއާމަލާތަކާ ގުޅިގެން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ދައުލަތަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދިނުމަށް އެއްބަސްވާންވާނީ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތްތަކުންކުރެ ހާލަތެއްގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެމަތިން އެކަމަކާ ގުޅުންހުރި ދައުލަތުގެ އޮފީހަކުން މިނިސްޓަރަށް ހުށަހެޅުމުން، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެކަމަށް ހުއްދަ ދިނުމަށްފަހުގައެވެ.
(ށ) ކައުންސިލުތަކުން ހިންގާ މުއާމަލާތަކާ ގުޅިގެން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ދޭންވާނީ، ނުވަތަ ކައުންސިލަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދެވޭނީ،މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތްތަކުންކުރެ ހާލަތެއްގައި، އެ ކައުންސިލެއްގެ މާލީ ޒިންމާދާރު ވެރިޔާ އެކަން އެ ކައުންސިލަށްހުށަހެޅުމުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެފަދަ ލުޔެއް ނުވަތަ މަންފާއެއް ދިނުމަށް އެ ކައުންސިލަކުން ފާސްކުރާ ގޮތެއްގެމަތިންނެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާފަދަ ލުޔެއް ނުވަތަ މަންފާއެއް އެ އްވެސް މީހަކަށް ނުވަތަ އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ، ނުވަތަ ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދޭންވާނީ، އެމީހަކަށް ނުވަތަ އެފަރާތަކަށް ލިބޭ ގެއްލުމެއްގައި ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، އެފަދަ ލުޔެއް ނުވަތަ މަންފާއެއް ދިނުމަކީ، އެކަމުގައި އިޖްތިމާއީ މަސްލަހަތެއް ހިމެނޭ ކަމެއް ކަމުގައި، ނުވަތަ އަދުލުވެރި ކަމެއް ކަމުގައި، ނުވަތަ އެ ސަރަހައްދުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ސަރުކާރަށް ނުވަތަ ކައުންސިލަށް ފެންނަ ހާލަތްތަކުގައެވެ.
(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާފަދަ ލުޔެއް ނުވަތަ މަންފާއެއް ނުވަތަ ލިބެންޖެހޭ އެއްވެސް ފައިސާއެއް މައާފުކޮށްދީފިނަމަ އެ މުއާމަލާތްތަކުގެ ތަފްސީލުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ކަމާގުޅޭ ދައުލަތުގެ އޮފީހަކުން ލިޔެ ބަލަހައްޓަންވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގެ ދަށުން ނިންމާ އެންމެހައި ނިންމުންތައް އެ ނިންމުމެއް ނިންމާތާ ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) ކައުންސިލުތަކުން ފޯރުކޮށްދޭ އެހީ ފިޔަވައި، މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހާއްސަ އެހީގެ ގޮތުގައި މީހަކަށް ނުވަތަ ފަރާތަކަށް ދައުލަތުގެ ފައިސާއިން އެހީއެއް ވެދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު މިނިސްޓަރަށެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.
(ރ) ކައުންސިލުތަކުން ހާއްސަ އެހީގެ ގޮތުގައި އެއްވެސް ފަރާތަކަށް އެހީއެއް ވެދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަގްސަދުތަކުގެ ތެރެއިން މަގްސަދެއް ހާސިލުކުރުމަށްޓަކައި، އެމީހަކަށް ނުވަތަ ފަރާތަކަށް އެހީއެއް ވެދިނުމަށް އެ ކައުންސިލަކުން ފާސްކުރާ ގޮތެއްގެމަތިންނެވެ.
(ބ) މި މާއްދާގެ (ހ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ހާ އްސަ އެހީގެ ގޮތުގައި ދައުލަތުގެ ފައިސާއިން މީހަކަށް ނުވަތަ ފަރާތަކަށް ފައިސާގެ އެހީއެއް ދީފިނަމަ އެ މުއާމަލާތްތަކުގެ ތަފްސީލުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ކަމާގުޅޭ ދައުލަތުގެ އޮފީހަކުން ލިޔެ
ބަލަހައްޓަންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ނިންމާ އެންމެހައި ނިންމުންތައް އެ ނިންމުމެއް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރެވޭ ފައިސާ ހިސާބުކޮށް ތަފްސީލު ހިމެނުން 14.
މި ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އިންވެސްޓްކުރާ ދައުލަތުގެ ފައިސާގެ ޕްރިންސިޕަލް އަދަދު ފިޔަވައި، ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރެވޭ ހުރިހާ ފައިސާއެއް ހިސާބުކުރާނެ ގޮތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެފައިސާ ހިސާބުކޮށް، ޕަބްލިކް ފަންޑުގެ ހިސާބުތަކުގައި އޭގެ ތަފްސީލު ހިމަނަންވާނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
15. (ށ) މި ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ނަގާ ފައިސާ ފިޔަވައި، ޕަބްލިކް ބޭންކް އެކައުންޓުން ނަގާ ހުރިހާ ފައިސާއެއް ހިސާބުކުރާނެ ގޮތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފައިސާ ހިސާބުކޮށް، ޕަބްލިކް ފަންޑުގެ ހިސާބުތަކުގައި އޭގެ ތަފްސީލު ހިމަނަންވާނެއެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
16. (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންވެސްޓްކުރާ ދައުލަތުގެ ފައިސާގެ ހިސާބު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ. އަދި އެ ގަވާއިދުގައިވާ ގޮތުގެމަތިން އެ ފައިސާގެ ހިސާބުތައް މިނިސްޓަރު ބަލަހައްޓަންވާނެއެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހަރަދުކުރުމަށް ހުއްދަދިނުން 17.
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޕަބްލިކް ބޭންކް އެކައުންޓުގައިވާ ދައުލަތުގެ ފައިސާގެ ތެރެއިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑް، ނުވަތަ ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުގައިވާ ފައިސާ ހަރަދުކުރަންވާނީ މިނިސްޓަރު ސޮއިކޮށް ލިޔުމުން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރަންވާނީ ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ހަރަދެއް ކުރުމަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރާނީ ކޮންމެ މާލީ އަހަރެއް ފެށޭއިރުއެވެ. އަދި މިގޮތުން ދޫކުރާނީ އަހަރަކު އެއް ހުއްދައެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައިގެ ދަށުން، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން މާލީ އަހަރެއްގެ ތެރޭގައި ކުރެވޭ ޖުމްލަ ހަރަދު، އެ މާލީ އަހަރެއްގެ ބަޖެޓުގައި، އެ ފަންޑުން ހަރަދުކުރުމަށް ފާސްކޮށްފައިވާ ޖުމްލަ ހަރަދަށްވުރެ %5 (ފަހެއް އިންސައްތަ) އިތުރުވެގެންނުވާނެއެވެ.
(ބ) ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑާއި، ޓްރަސްޓް ފަންޑުން މާލީ އަހަރެއްގެ ތެރޭގައި ކުރެވޭ ޖުމްލަ ހަރަދު، އެ މާލީ އަހަރެއްގެ ބަޖެޓުގައި، އެ ފަންޑުން ހަރަދުކުރުމަށް ފާސްކޮށްފައިވާ ޖުމްލަ ހަރަދަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ފަންޑެއްގައި ހުރި ފައިސާ އެއްބައިން އަނެއް ބަޔަށް ބަދަލުކުރެވިދާނެއެވެ. މިގޮތުން އެކި ކަންކަމަށް ކަނޑައަޅާފައިވާ ފައިސާ އެހެން ކަމަކަށް ހަރަދުކުރުމަށް ހުއްދަދެވޭނެ ހާލަތްތަކާއި، މިންވަރުތަކާއި، އެގޮތުން ގެންނަ ބަދަލުތަކާ ގުޅިގެން ހޯދަންޖެހޭ ހުއްދަ ހޯދުމުގައި ހުށަހަޅަންޖެހޭ މައުލޫމާތާއި އެކަމާބެހޭ އިޖުރާއަތުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ޅ) ފާސްކޮށްފައިވާ ބަޖެޓަކާ ގުޅިގެން ދޫކުރެވިފައިވާ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހުއްދައެއް އެ ބަޖެޓުގެ މުއްދަތު ހަމަވުމުން، މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ ހަރަދެއް ކުރުމަށް ބޭނުމެއް ނުކުރެވޭނެއެވެ.
(ކ) ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން މިނިސްޓަރު ވަކިގޮތަކަށް ހަރަދުކުރުމަށް ކަނޑައަޅާފައިވާ ހާލަތްތަކުގައި ފިޔަވައި، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުގައި ހިމެނޭ ފައިސާގެ ތެރެއިން ކައުންސިލުތަކުގެ ބަޖެޓުގައި ހިމެނޭ ފައިސާ އެ ކައުންސިލެއްގެ ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މިނިސްޓަރުގެ އިތުރު ހުއްދައެއް ހޯދުމަކާ ނުލައި ހަރަދުކުރެވިދާނެއެވެ.
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޕަބްލިކް ފަންޑުތަކުގެ ހިސާބުތައް 18.
(ހ) އަންނަނިވި ޕަބްލިކް ފަންޑުތަކުގެ ހިސާބުތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅައި، އެ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރު ބަލަހައްޓަންވާނެއެވެ.
- ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑް؛
- ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑް؛
- އެޑްވާންސް ފަންޑް؛
- ޓްރަސްޓް ފަންޑް؛ އަދި
- ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް.
17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.
20. (ހ) (4) މި ގާނޫނުގެ 17 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން.
18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން ފައިސާ ދޫކުރުން 22.
(ހ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެގެން މެނުވީ، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން ދައުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ.
- އެ އަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ ގޮތުގެމަތިން؛ ނުވަތަ
- މި ގާނޫނުގެ 17 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަދުކުރުމަށް ހުއްދަދޭ ލިޔުމެއްގައިވާ ގޮތުގެމަތިން މެނުވީ، ލޯންސް އެންޑް ކެޕިޓަލް ވާރކްސް ފަންޑުން ދައުލަތުގެ ފައިސާ ހަރަދުކޮށްގެން ނުވާނެއެވެ.
19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް 1-30.
ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓްކުރުމަށާއި، ދައުލަތުގެ ދަރަނި އަދާކުރުމަށާއި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ބޭނުމަށްޓަކައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ކަސްޓޯޑިއަން އެކައުންޓެއް ގާއި މުކޮށް ބަލަހައްޓަންވާނެއެވެ.
(ށ) ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަކީ މި ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކް އެކައުންޓާ ވަކިން ގާއިމުކޮށްފައިވާ ފަންޑެކެވެ.
(ނ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ގާއިމުކޮށްފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް ބެލެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ގޮތުގައެވެ.
(ރ) ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާނެ ފައިސާއާއި، އެ ފަންޑުން އިންވެސްޓްކުރުމާއި ހަރަދުކުރުމުގެ ސިޔާސަތު ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސިޔާސަތުގެ ދަށުން އެ ފަންޑުން އިންވެސްޓްކުރުމަށް މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އިންވެސްޓްމަންޓް ކޮމިޓީއެއް އޮންނަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން އައްޔަންކުރާ އިންވެސްޓްމަންޓް ކޮމިޓީ އެކުލެވިގެންވާ ގޮތާއި، އެ ކޮމިޓީގެ ބައްދަލުވުންތަކާއި އިދާރީ ހިންގުމާއި، އެ ކޮމިޓީގެ ނިންމުންތައް ނިންމުމާގުޅޭ އިޖުރާއަތު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ކ) ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ފައިސާގެ ހިސާބު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން ބަލަހައްޓައި އޮޑިޓްކުރަންވާނެއެވެ.
(އ) ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް ހިންގާނީ މިނިސްޓްރީންނެވެ. އަދި އެ ފަންޑް ހިންގުމާގުޅޭ އެންމެހައި އުސޫލުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
32. (ރ) ދައުލަތުގެ ކޮންމެ އޮފީހަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެތަނަކަށް ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދުގެ ހުލާސާ، ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓުގެ ތަފްސީލު ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ.
21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މާލީ ރިޕޯޓު ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލަށް ހުށަހެޅުން 35.
(ހ) ދައުލަތުގެ ކޮންމެ އޮފީހެއްގައި މި ގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރު ވެރިޔާ، ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، ތިރީގައިވާ މައުލޫމާތު ހިމެނޭ ރިޕޯޓެއް، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
- ނިމުނު މާލީ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި އެ އޮފީހުން ލަފާކުރި އާމްދަނީއާއި ހަރަދުގެ ހިސާބު؛
- ނިމުނު މާލީ އަހަރުގެ ތެރޭގައި އެ އޮފީހަށް ލިބުނު އާމްދަނީއާއި ހިނގި ހަރަދުގެ ހިސާބު؛
- ނިމުނު މާލީ އަހަރުގެ ތެރޭގައި އެ އޮފީހުން ހިންގި މާލީ މުއާމަލާތްތަކުގެ ރިޕޯޓު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ތައްޔާރުކުރަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ތައްޔާރުކުރުމަށްޓަކައި، އެ އޮފީސްތަކަށް ބޭނުންވާ މައުލޫމާތުގެ ތެރެއިން މިނިސްޓަރުގެ ބެލުމުގެ ދަށުގައިވާ މައުލޫމާތު އެ މާލީ އަހަރެއް ނިމޭތާ 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި މިނިސްޓަރު ފޮނުވަންވާނެއެވެ.
(ރ) ދައުލަތުގެ އޮފީހެއް އުވާލެވިއްޖެނަމަ، އެ އޮފީސް އުވާލެވުނު ދުވަހާ ހަމައަށް، އެ އަހަރަކުން ހިނގާފައިވާ މުއްދަތަށް، މި މާއްދާގައި ބަޔާންކުރާފަދަ ރިޕޯޓެއް، އެ އޮފީހެއް އުވާލެވުނުއިރު އެ އޮފީހުގައި ހުރި، މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޒިންމާދާރު ވެރިޔާ ތައްޔާރުކޮށް، އެ އޮފީހެއް އުވާލެވޭތާ 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
(ބ) ގައުމީ ފެންވަރުގައި ބާއްވާ ނުވަތަ ހިންގާ ބޮޑެތި ހާއްސަ ހަރަކާތްތަކަށް ފައިސާ ހަރަދުކުރެވުނު ގޮތުގެ ފުރިހަމަ މައުލޫމާތު ހިމެނޭ ރިޕޯޓެއް، އެ ހަރަކާތެއް ނިމޭތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި، އެ ހަރަކާތެއް ހިންގި އޮފީހަކުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައިވާ ހިސާބު ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ، މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ.
22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދައުލަތުގެ އަހަރީ ހިސާބުތައް 38.
(ހ) ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، އެ އަހަރެއްގެ ދައުލަތުގެ އަހަރީ ހިސާބުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، އެކައުންޓަންޓް ޖެނެރަލް ތައްޔާރުކޮށް، މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.
23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެކައުންޓަންޓް ޖެނެރަލް އައްޔަންކުރުމާއި އޭނާގެ މަސްއޫލިއްޔަތު 44،
(ހ) ދައުލަތުގެ ފައިސާއާއި، ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ބަލަހައްޓައި ހިންގުމަށްޓަކައި މިނިސްޓްރީގައި އެކައުންޓަންޓް ޖެނެރަލްއެއް ހުންނަންވާނެއެވެ.
(ށ) އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް އައްޔަންކުރަންވާނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތެކެވެ.
- ދިވެހި ރައްޔިތަކު ކަމުގައިވުން؛
- މަގާމާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއާ އެއް ފެންވަރެއްގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލުކޮށްފައިވުމާއެކު، ދައުލަތުގެ ފައިސާއާބެހޭ ދާއިރާގައި
5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ - ކޮރަޕްށަންގެ ނުވަތަ ހިޔާނާތުގެ، ވައްކަމުގެ، ނުވަތަ ޓެކުމުގެ ނުވަތަ މިބާވަތުގެ އެއްވެސް ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
(ރ) އެކައުންޓަންޓް ޖެނެރަލްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ދައުލަތުގެ ފައިސާއާއި، ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ބެލެހެއްޓުމާއި ހިންގުން؛
- ދައުލަތުގެ ފައިސާ ބަލައިގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ހަރަދުކުރެވެނީ، ނުވަތަ އިންވެސްޓްކުރެވެނީ މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން؛
- ދައުލަތުގެ މުދާ ގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ބޭނުންކުރެވެނީ، ނުވަތަ ވިއްކެނީ، ނުވަތަ ނައްތާލެވެނީ،ނުވަތަ ދޫކޮށްލެވެނީ މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން؛
- މި މާއްދާގެ މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތު އަދާކުރުން.
(ބ) އެކައުންޓަންޓް ޖެނެރަލް އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެކައުންޓަންޓް ޖެނެރަލް އެ މަގާމުން ވަކިވީއެވެ.
(ޅ) އެކައުންޓަންޓް ޖެނެރަލަށް، އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެނަމަ، މިނިސްޓަރުގެ މަށްވަރާގެ މަތިން، އެކައުންޓަންޓް ޖެނެރަލް އޭނާގެ މަގާމުން ވަކިކުރެވިދާނެއެވެ.
24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ތިން މާއްދާ އިތުރުކުރުން.
ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމް 1-44.
(ހ) ދައުލަތުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ޑިޕާޓްމަންޓްތަކާއި، މުއައްސަސާތަކާއި، ކައުންސިލުތަކުގެ މާލީ މުއާމަލާތްތައް ވިލަރެސްކޮށް،އެތަންތަން ހިންގަނީ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްތޯއާއި،އެތަންތަނުގެ މަސައްކަތް ހިންގެނީ އެކަށީގެންވާ ހަލުވިކަމާއި ހަރުދަނާކަމާއެކު، ހަރަދުކުރެވޭ ފައިސާއާ އެއްވަރެއްގެ މަންފާއެއް ލިބޭގޮތަށް އިގްތިސާދު ކުރެވިގެންތޯ ބަލައި ކަށަވަރުކުރުމަށްޓަކައި މިނިސްޓަރު ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމެއް ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމުގެ މަސައްކަތްތައް ބަލައި ވިލަރެސްކުރުމަށްޓަކައި، މިނިސްޓަރުގެ ލަފާގެމަތިން، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ނަމުގައި، 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އޮންނަންވާނެއެވެ. މި ކޮމިޓީއަށް މެންބަރުން އައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކު ރާ އޮޑިޓް ކޮމިޓީގެ ދައުރަކީ 3 (ތިނެއް) އަހަރު ދުވަހެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަވާލާ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީއަށް ލިބިގެންވާ ބާރުތަކާއި މަސްއޫލިއްޔަތު ތިރީގައި އެވަނީއެވެ.
- ދައުލަތުގެ މަސްއޫލު އޮފީސްތަކުގައި އޮޑިޓްގެ ނިޒާމް އުފެއްދުމަށް އެންގުމާއި، އެ ނިޒާމް ހިނގާނުހިނގާ ގޮތް ބަލައި ވިލަރެސްކުރުމާއި، ކަމާގުޅުންހުރި އުސޫލުތަކާއި ގައިޑްލައިންތައް ހެދުމާއި، ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމާގުޅޭ އެންމެހައި ކަންކަން ކުރުން؛
- މި ގާނޫނާއި ގަވާއިދަށް އަމަލުކުރެވެމުން ދާކަން ކަށަވަރުކުރުމަށް، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ މަސައްކަތާ ގުޅުންހުރި މައުލޫމާތު، ދައުލަތުގެ އޮފީސްތަކާއި އަދި ދައުލަތުގެ އެނޫންވެސް މުއައްސަސާތަކުން ހޯދުމާއި، އެތަންތަނުގެ މުވައްޒަފުން ހާޒިރުކުރަން ޖެހިއްޖެ ހިނދެއްގައި ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ހޯދުން؛
- ދައުލަތުގެ މަސްއޫލު އޮފީސްތަކާއި އަދި ދައުލަތުގެ އެނޫންވެސް މުއައްސަސާތަކުގެ ހިންގުމާގުޅޭ ހިރާސްތަކާއި އިންޓަރނަލް ކޮންޓްރޯލް މުރާޖައާކޮށް، އިސްލާހުކުރަން ފެންނަ ކަންތައްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
- ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތް ވިލަރެސްކުރުމާއި،އިންޓަރނަލް އޮޑިޓް ރިޕޯޓުތައް ދިރާސާކޮށް އެ ރިޕޯޓުތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
- ދައުލަތުގެ މަސްއޫލު އޮފީސްތަކުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމުގެ މުވައްޒަފުންގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުން.
ޗީފް އިންޓަރނަލް އޮޑިޓަރ އައްޔަންކުރުން 2-44.
(ހ) މި ގާނޫނުގެ 1-44 ގައި ބަޔާންކުރާ އިންޓަރނަލް އޮޑިޓް ގެ ނިޒާމުގެ އެންމެހައި ކަންކަން ރާވައި ހިންގުމުގެ އެންމެ އިސްވެރިޔަކީ ޗީފް އިންޓަރނަލް އޮޑިޓަރެވެ.
(ށ) ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް މީހަކު އައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް އައްޔަންކުރަންވާނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތެކެވެ.
- ދިވެހިރައްޔިތެއް ކަމުގައިވުން؛
- އިންޓަރނަލް ނުވަތަ އެކްސްޓަރނަލް އޮޑިޓްކުރުމުގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
- ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ ތައުލީމާއި ގާބިލުކަން ހުރި މީހަކު ކަމުގައިވުމާއެކު، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ މެންބަރަކު ކަމުގައިވުން؛
- ކޮރަޕްށަން ނުވަތަ ހިޔާނާތުގެ ނުވަތަ ވައްކަމުގެ ނުވަތަ ޓެކުމުގެ ނުވަތަ މިބާވަތުގެ ފައިސާއާއި މާލީ މުއާމަލާތްތަކާގުޅޭ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
(ރ) ޗީފް އިންޓަރނަލް އޮޑިޓަ ރ އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ޗީފް އިންޓަރނަލް އޮޑިޓަރ އެ މަގާމުން ވަކިވީއެވެ.
(ބ) ޗީފް އިންޓަރނަލް އޮޑިޓަރަށް، އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެނަމަ، މިނިސްޓަރުގެ މަށްވަރާގެ މަތިން، ޗީފް އިންޓަރނަލް އޮޑިޓަރ އޭނާގެ މަގާމުން ވަކިކުރެވިދާނެއެވެ.
ޗީފް އިންޓަރނަލް އޮޑިޓަރު ގެ މަސްއޫލިއްޔަތުތައް 3-44.
ޗީފް އިންޓަރނަލް އޮޑިޓަރު ގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމް ބައިނަލްއަގްވާމީ މިންގަނޑުތަކާއި މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުނުވާނެހެން ދައުލަތަށް އެންމެ ފައިދާހުރި ގޮތަކަށް ބައްޓަންކޮށް ހިންގުމާއި އެ ނިޒާމްތަރައްގީކުރުން؛
(ށ) ދައުލަތުގެ އޮފީސްތަކުގެ ތެރެއިން، އެ އޮފީހެއްގެ ބަޖެޓާއި، އެ އޮފީހަކުން ހިންގާ މަށްރޫއުތަކަށް ރިއާޔަތްކޮށް، އިންޓަރނަލް އޮޑިޓް ޔުނިޓުތައް ގާއިމުކުރާނެ އޮފީސްތައް، މިނިސްޓަރުގެ ލަފާގެމަތިން ކަނޑައެޅުން؛އެގޮތުން އެކުލަވާލާ އިންޓަރނަލް އޮޑިޓް ޔުނިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަގާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ޖަވާބުދާރީވާނީ ޗީފް އިންޓަރނަލް އޮޑިޓަރަށެވެ.
(ނ) ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމަށް ބޭނުންވާ އެންމެހައި ތަމްރީނުތައް ރާވައި ހިންގުމާއި، ކަމާގުޅުންހުރި ފަންނުތަކަށް މި ނިޒާމުގެ މުވައްޒަފުން އަހުލުވެރިކުރުވުން؛
(ރ) ކުރު ރާސްތާ އަދި ދިގު ރާސްތާގެ އޮޑިޓް ޕްލޭން އެކުލަވާލައި ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީން ފާސްކުރުމަށްފަހު އެ ޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުން.
25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދައުލަތުގެ މަސްއޫލު އޮފީސް 45.
(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ދައުލަތުގެ މަސްއޫލު އޮފީސްތައް ކަމުގައި ބަލާނީ އަންނަނިވި ތަންތަނެވެ.
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީސް؛
- މާލީ ހިންގުމާ އަދި މާލީ ޒިންމާ އުފުލުން ވަކިން އޮންނަ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮފީސްތައް؛
- ލޯކަލް ކައުންސިލުތައް.
(ށ) ދައުލަތުގެ މަސްއޫލު އޮފީހެއްގެ ގޮތުގައި ނުބެލެވޭ ދައުލަތުގެ ކޮންމެ އޮފީހެއްގެ މާލީ ކަންކަމާއި، މާލީ މުއާމަލާތްތައް ހުންނަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ އޮފީހަކާގުޅޭ ދައުލަތުގެ މަސްއޫލު އޮފީހެއްގެ ބެލުމުގެ ދަށުގައެވެ.
(ނ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ މާލީ ކަންތައްތަކާއި، މާލީ މުއާމަލާތްތަކަށް އެ ގަވާއިދުގައިވާ ގޮތުގެމަތިން ޒިންމާވާންޖެހޭ ދައުލަތުގެ މަސްއޫލު އޮފީހުން މި ގާނޫނުގެ މަގްސަދަށްޓަކައި އެކަންކަމަށް ޒިންމާވާންޖެހޭނެއެވެ.
26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ ޗެޕްޓަރުގެ ފަހަތަށް އަންނަނިވި ފަދައިން ޗެޕްޓަރެއް އިތުރުކުރުން.
ޗެޕްޓަރ 7
ދައުލަތުގެ ޕްރޮކިއުމަންޓް
ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް 1-46.
(ހ) ދައުލަތުގެ ތަންތަނަށް ބޭނުންވާ ތަކެތި ގަތުމަށާއި، ހިދުމަތް ހޯދުމަށާއި، ދައުލަތުގެ ތަންތަނަށް ބޭނުންވާ އެކިއެކި މަސައްކަތް ކުރުވުމަށްޓަކައި، ނަޒާހަތްތެރިކަމާއެކު ހާމަކަންބޮޑު ވާދަވެރި މާހައުލެއްގައި ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ދައުލަތުގެ ޕްރޮކިއުމަންޓް ސިޔާސަތެއް ކަނޑައަޅާފައި އޮ ންނަންވާނެއެވެ.
(ށ) ދައުލަތުގެ ޕްރޮކިއުމަންޓް ސިޔާސަތު ކަނޑައަޅާނީ މި ގާނޫނުގެ 2-46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ލަފާގެމަތިން މިނިސްޓަރެވެ.
(ނ) ދައުލަތުގެ ތަންތަނަށް ބޭނުންވާ ތަކެތި ގަތުމަށާއި، ހިދުމަތް ހޯދުމަށާއި، ދައުލަތުގެ ތަންތަނަށް ބޭނުންވާ އެކިއެކި މަސައްކަތް ކުރުވުމަށްޓަކައި، ނަޒާހަތްތެރިކަމާއެކު ހާމަކަންބޮޑު ވާދަވެރި މާހައުލެއްގައި ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އެކަންކަމާގުޅޭ ޕްރޮކިއުމަންޓް އުސޫލުތަކާއި ހަމަތައް މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު 2-46.
(ހ) ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާކުރުމާއި ޕްރޮކިއުމަންޓާގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި މިނިސްޓަރަށް ލަފާދިނުމަށްޓަކައި، 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑެއް އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޯޑަށް އައްޔަންކުރާ މެންބަރުންވާންވާނީ ފައިނޭންސް ޕްލޭނިންގ، ނުވަތަ އިންޖިނިއަރިންގ، ނުވަތަ އިންފޮރމޭށަން ޓެކްނޮލޮޖީ، ނުވަތަ ގާނޫނީ ދާއިރާ ނުވަތަ ކޮމަރސްފަދަ ޕްރޮފެށަނަލް ދާއިރާއަކުން މަތީ ތައުލީމު ލިބިފައިވުމާއެކު އެފަދަ ދާއިރާއަކުން މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޯޑަށް މެންބަރުން އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ރ) ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާނީ މިނިސްޓްރީންނެވެ.
(ބ) ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ މެންބަރުންގެ ދައުރާއި، މެންބަރުން އިސްތިއުފާދިނުމާއި ވަކިކުރުމާ ގުޅޭ ކަންކަމާއި، އެ ބޯޑު ހިންގުމާގުޅޭ އުސޫލުތަކާއި އެ ބޯޑުގެ ޖަލްސާތަކާއި ނިންމުންތައް ނިންމުމާގުޅޭ އެންމެހައި އުސޫލުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ޕްރޮކިއުމަންޓް އެޕީލް ބޯޑު 3-46.
(ހ) ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ދަށުން ހުޅުވާލެވޭ ބީލަންތައް ކުރިއަށް ގެންދިއުމުގައި މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބީލަންވެރިޔަކަށް ގަބޫލުކުރެވިއްޖެނަމަ، އެފަދަ މައްސަލަތައް ބެލުމަށްޓަކައި މިނިސްޓަރުގެ ލަފާގެމަތިން، ޕްރޮކިއުމަންޓް އެޕީލް ބޯޑުގެ ނަމުގައި 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް އޮންނަންވާނެއެވެ. މި ބޯޑަށް މެންބަރުން އައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެމަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ ޕްރޮކިއުމަންޓް އެޕީލް ބޯޑަށް އައްޔަންކުރާ މެންބަރުންވާންވާނީ ފައިނޭންސް ޕްލޭނިންގ، ނުވަތަ އިންޖިނިއަރިންގ، ނުވަތަ އިންފޮރމޭށަން ޓެކްނޮލޮޖީ، ނުވަތަ ގާނޫނީ ދާއިރާ ނުވަތަ ކޮމަރސްފަދަ ޕްރޮފެށަނަލް ދާއިރާއަކުން މަތީ ތައުލީމު ލިބިފައިވުމާއެކު އެފަދަ ދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހެޅޭނީ ބީލަމުގެ މަރުހަލާ ފެށޭ ހިސާބުން ފެށިގެން އެ ބީލަމެއް އެވޯޑްކޮށް އެއްބަސްވުމެއްގައި ސޮއިކުރުމާ ހަމައަށް ހިނގާފައިވާ ކަންކަމެވެ.
(ރ) ޕްރޮކިއުމަންޓް އެޕީލް ބޯޑުގެ މެންބަރުންގެ ދައުރާއި، މެންބަރުން އިސްތިއުފާދިނުމާއި ވަކިކުރުމާގުޅޭ ކަންކަމާއި، އެ ބޯޑު ހިންގުމާގުޅޭ އުސޫލުތަކާއި އެ ބޯޑުގެ ޖަލްސާތަކާއި ނިންމުންތައް ނިންމުމާގުޅޭ އެންމެހައި އުސޫލުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ބީލަންވެރިންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ސަސްޕެންޑްކުރުން 4-46.
(ހ) ބީލަން ހުށަހެޅުމުގައި އަމަލުކުރަންޖެހޭނެ ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް އަމަލުކުރުމާއި، ބީލަމުގައި މަކަރާއި ހީލަތް ހެދުމާއި، ނަހަމަ މަންފާއެއް ލިބިގަތުމަށް އެކުގައި ކަމާގުޅުންހުރި މުވައްޒަފަކާއެކު މަސައްކަތްކުރުމާއި (ކޮލޫސިވް)، ބާރުގެ ބޭނުންކުރުމާއި، ބިރުދެއްކުމާއި (ކޮއަރސިވް)، ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ހުރަސްއެޅުމުގެ އަމަލުތައް ހިންގުމާއި، ބީލަމުގެ އަގަށް ނުފޫޒު ފޯރުވުންފަދަ އަމަލެއް ހިންގާފައިވާ ހާލަތުގައި އެ ބީލަންވެރިޔަކު ނުވަތަ ކޮންޓްރެކްޓަރަކު ދައުލަތުގެ ބީލަންތަކުން ސަސްޕެންޑް ކުރުމުގެ އުސޫލު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(ށ) ކޮންޓްރެކްޓަކާ ހަވާލުވުމަށްފަހު އެފަރާތަކުން އެ ހަވާލުވި މަސައްކަތެއް ފުރިހަމަނުކޮށް ދޫކޮށްލުން ނުވަތަ ކޮންޓްރެކްޓަރުގެ އިހުމާލެއްގެ ސަބަބުން ލިބޭ ގެއްލުމަކަށް ބަލައި ކޮންޓްރެކްޓް ބާތިލުކޮށްފައިވާ ހާލަތުގައި އެ ކޮންޓްރެކްޓަރަކު ދައުލަތުގެ ބީލަންތަކުން ސަސްޕެންޑް ކުރުމުގެ އުސޫލު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ ޗެޕްޓަރުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޗެޕްޓަރ 8
އެހެނިހެން ކަންތައްތައް
28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ބ) މި ގާނޫނާއި މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އަމަލުކުރުން.
29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހުއްދަނޫން އަމަލުކުރުމުން ފިޔަވަޅު އެޅުން 48.
(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ، ހުއްދަނޫން އަމަލެއް އެއްވެސް ފަރާތަކުން ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން، ތިރީގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
- ހުއްދަނޫން އަމަލެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހެއްގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން އެ މައްސަލައެއް ބެލުމަށްފަހު، އެ މައްސަލައަކީ ޖިނާއީ ކުށެއް ހިމެނޭ މައްސަލައެއްކަމަށް ފެނިއްޖެނަމަ އެކަމަކާ ގުޅޭ ތަހްގީގީ އިދާރާއަކަށް އެ މައްސަލައެއް ފޮނުވުން؛
- ހުއްދަނޫން އަމަލެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހެއްގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން އެ މައްސަލައެއް ބެލުމަށްފަހު، އެމީހެއްގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެފަރާތެއް ޖޫރިމަނާކޮށް އެ ފައިސާ ދެއްކުމަށް އެންގުން. އަދި ޖޫރިމަނާ ފައިސާ ނުދައްކާނަމަ، އެ ފައިސާ ހޯދުމަށް ށަރީއަތަށް މައްސަލަ ހުށަހެޅުން.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޖޫރިމަނާކުރެވޭ އަދަދު ވާންވާނީ، އަންނަނިވި ގޮތުގެމަތިން ކަނޑައެޅޭ އަދަދަކަށެވެ.
- ހުއްދަނޫން އަމަލު ހިންގުމުގައި ހިމެނުނު ދައުލަތުގެ ފައިސާގެ އަދަދު، ނުވަތަ ދައުލަތުގެ މުދަލުގެ އަގާ އެއްވަރުގެ އަދަދެއް؛ ނުވަތަ
- މުވައްޒަފު ޒިންމާވާންޖެހޭ ގޮތަށް އުނިވެފައިވާ ފައިސާގެ އަދަދާ އެއްވަރުގެ އަދަދެއް؛ ނުވަތަ
- މުވައްޒަފު ވިއްކާލި، ނުވަތަ ދޫކޮށްލި، ނުވަތަ ހަލާކުކުރި، ނުވަތަ ގެއްލުންދިން ދައުލަތުގެ މުދަލުގެ އަގާ އެއްވަރުގެ އަދަދެއް.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކުރެވޭ ޖޫރިމަނާއެއްގެ މަގްސަދަކަށްވާންވާނީ، ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ފުރިހަމައަށް ހޯދުމެވެ. އަދި ގެއްލުމުގެ ބަދަލު ފުރިހަމައަށް ލިބެންދެން، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ދެމިއޮންނާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އެޅުމަކީ، ހުއްދަނޫން އަމަލެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތެއް ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން މަދަނީ ދައުވާއެއް އުފުލުމަށް އޮތް ހުރަހެއްނޫނެވެ.
(ބ) ހުއްދަނޫން އަމަލެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހެއްގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން އެ މައްސަލައެއް ބެލުމަށްފަހު، އެ މައްސަލައަކީ އިދާރީގޮތުން ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްކަމަށް ފެންނަނަމަ، އެމީހަކާމެދު އިދާރީ ފިޔަވަޅު އެޅުމަށްޓަކައި އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
- ސިވިލް ސަރވިސް މުވައްޒަފެއްނަމަ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސް ގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ފޮނުވުން؛
- ސިވިލް ސަރވިސް ނޫން މުވައްޒަފެއްނަމަ، ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އެޅުމަށް ވަޒީފާދިން ފަރާތަށް އެންގުން.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތައް ބެލުމުގައި، ޖިނާއީގޮތުން ތަހްގީގުކުރަންޖެހޭ މައްސަލަތައް ފިޔަވައި، އެހެން މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ އިންތިޒާމު ދައުލަތުގެ އޮފީސްތަކުގައި ހަމަޖެއްސުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ. އަދި މިކަމާގުޅޭ އުސޫލުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ހިމަނަންވާނެއެވެ.
30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ގާނޫނަށް އިސްކަން ދިނުން 1-50.
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގައި ވަކިގޮތަކަށް އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި، ދައުލަތުގެ ފައިސާއާއި މުދަލާ ގުޅޭ އެހެން ކަންކަމަށް އަމަލުކުރުމުގައި އިސްކަންދޭންވާނީ މި ގާނޫނަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގައި ހިމަނާފައިވާ "ދައުލަތުގެ މުދާ" ނުވަތަ "ދައުލަތުގެ ފައިސާ" އަދި "ދައުލަތުގެ އޮފީސް"، މިއިން ކޮންމެ އިބާރާތެއް މާނަކުރުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، އެ އޮތޯރިޓީގެ މުދާ ނުވަތަ ފައިސާ އިސްތިސްނާވާނެއެވެ. އަދި، އެ އޮތޯރިޓީގެ ބެލުމުގެ ދަށުގައިވާ މުދަލާއި ފައިސާއާމެދު އަމަލުކުރަންވާނީ ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.
31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ހިމެނޭ "ކައުންސިލު" މި ލަފުޒުގެ މާނަކުރުމުގެ ފަހަތަށް އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކުގެ މާނަކުރުންތައް އިތުރުކުރުން.
52. (ހ) "ސަރުކާރު" ކަމަށް ބުނެފައި އެވަނީ، ލޯކަލް ކައުންސިލުތައް ނުހިމެނޭ ގޮތުން ވެރިކަން ހިންގުމުގެ ބާރަށެވެ.
"ދައުލަތުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ސަރުކާރާއި، ލޯކަލް ކައުންސިލުތައް ހިމެނޭ ގޮތުން، ދައުލަތުގެ ޖުމްލަ ދަރަންޏަށެވެ.
"ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުގެ ހަރަދުތައް، އެ އޮފީސްތަކުން ހާސިލުކުރަން ކަނޑައަޅާ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާއި މަގްސަދުތަކުގެ މައްޗަށް ބިނާކޮށް ޕްރޮގްރާމްތަކަކަށް ތަރުތީބުކޮށް ބަހާލެވިފައިވާ، އަދި ހަރަދުކުރާ ކަންކަމުން ހާސިލުކުރެވޭ ނަތީޖާއާ ގުޅުވައިދޭ ބަޖެޓް އޮނިގަނޑަށެވެ.
32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "ފައިނޭންށަލް ކޮންޓްރޯލަރ" މި އިބާރާތް ބޭނުންކޮށްފައިވާ ތަންތަން "އެކައުންޓަންޓް ޖެނެރަލް" މި އިބާރާތަށް ބަދަލުކުރުން.
33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "ސަރުކާރުގެ މަސްއޫލު އޮފީސް" މި އިބާރާތް ބޭނުންކޮށްފައިވާ ތަންތަން "ދައުލަތުގެ މަސްއޫލު އޮފީސް" މި އިބާރާތަށް ބަދަލުކުރުން.
34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "ސަރުކާރުގެ އޮފީސް" މި އިބާރާތް ބޭނުންކޮށްފައިވާ ތަންތަން "ދައުލަތުގެ އޮފީސް" މި އިބާރާތަށް ބަދަލުކުރުން.
35 ވަނަ މާއްދާ -
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާ އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރެވެންދެން، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ބުނެވިދިޔަ ގާނޫނުގެ ދަށުން އައްޔަންކޮށްފައިވާ ފައިނޭންށަލް ކޮންޓްރޯލަރ އޭނާގެ މަގާމުގައި ދެމިހުންނާނެއެވެ.
36 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ބުނެވިދިޔަ ގާނޫނުގެ 1-44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީއަށް މެންބަރުން އައްޔަންކުރަންވާނެއެވެ.
37 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ބުނެވިދިޔަ ގާނޫނުގެ 2-44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.
38 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ބުނެވިދިޔަ ގާނޫނުގެ 2-46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑަށް މެންބަރުން އައްޔަންކުރަންވާނެއެވެ.
39 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ބުނެވިދިޔަ ގާނޫނުގެ 3-46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް އެޕީލް ބޯޑަށް މެންބަރުން އައްޔަންކުރަންވާނެއެވެ.
40 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެ ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
41 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)
ކޮންސޮލިޑޭޓެޑް ގާނޫނު
މާލިއްޔަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2006-03)
ކިޔުންތެރިންގެ ހިޔާލު