ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1998-20) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2022-25)
(މި ގާނޫނަށް އަމަލުކުރަން ފެށީ 18 ޑިސެމްބަރު 2022 ގައި)
ގާނޫނު ނަންބަރު 1998-20 ( ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ތައާރުފާއި ނަން 1.
(ހ) މިއީ، ދިވެހިރާއްޖޭގެ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި، ވަކިކުރުމާއި، ޓޫރިޒަމްގެ ބޭނުމަށް ފިޔަވައި އެހެން ކަންކަމަށް ކުއްޔަށް ދޫކުރުމާއި، ފަޅުރަށްރަށުގައި ރުއްގަސް އިންދުމާއި، ކެނޑުމާއި، ފަޅުރަށްރަށާގުޅޭ އެހެނިހެން ކަންތައްތަކާބެހޭ ގާނޫނެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި ވަކިކުރުން 2.
(ހ) އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަޅުރަށްރަށް ފިޔަވައި، އެނޫން ފަޅުރަށްރަށް އެކި ފަރާތް ފަރާތަށް ވަރުވާއަށް ލިޔެދީ، އެފަރާތް ފަރާތުން ވަކިކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީންނެވެ.
(ށ) އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް، އެކި ފަރާތް ފަރާތަށް ވަރުވާއަށް ލިޔެދީ، އެފަރާތް ފަރާތުން ވަކިކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުންނެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި ވަކިކުރުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާބެހޭ ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލެއްގެ ހަވާލުގައި ތަންފީޒުކުރުމަކީ މި ގާނޫނު ހުރަސްއަޅާކަމެއް ނޫނެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ވަރުވާއަށް ލިޔުއްވާ ފަރާތް ޒިންމާވުން 4.
ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށާބެހޭ ކަންކަމުގައި، އެ ރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ކަމާގުޅޭ އެނޫންވެސް އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށް ދެވަނަ ފަރާތަކަށް ލިޔެދިނުން ނުވަތަ ކުއްޔަށް ދިނުން 5.
(ހ) އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، އެ ރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި، ކުއްޔަށް ދިނުމާއި، އެ ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން، އެ ރަށް ބެލެހެއްޓުމުގެ ބޭނުމުގައި އެފަރާތުގެ މުވައްޒަފުންގެ ގޮތުގައި މީހުން އެ ރަށެއްގައި ބައިތިއްބައިގެން އެ ރަށް ބެލެހެއްޓުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.
5 ވަނަ މާއްދާ - ތިރީގައި ނަކަލުކޮށްފައިއެވާ، ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާ އުނިކުރުން.ފަޅުރަށްރަށަށް އަރާ ފޭބުން
(ހ) ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށަކަށް، މޫސުން ނުބައިވެގެން، ނުވަތަ ކަނޑުމަތީގައި ދިމާވާ ހާދިޘާއެއްގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށްޓަކައި، ނުވަތަ އެނޫންވެސް ކުއްލި ނުރައްކަލެއްގެ ހާލަތެއްގައި ފައިބާ ފޭބުމާއި، ދައުލަތުގެ ބޭނުމަކު ރަސްމީ ފަރާތަކުން އަރާ ފޭބުން ނޫން ގޮތެއްގައި އެހެން ފަރާތަކުން އަރާފައިބަންވާނީ، އެ ރަށެއް ލިޔުއްވައިގެން އުޅޭ ފަރާތެއްގެ ހުއްދަ ހޯދުމަށް ފަހުގައެވެ.
(ށ) އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށަކަށް އަރާ ފޭބުމަށް، އެއްވެސް މީހެއްގެ އަތުން އެއްޗެއް ނެގުމަކީ މަނާކަމެކެވެ.
6 ވަނަ މާއްދާ - ތިރީގައި ނަކަލުކޮށްފައިއެވާ، ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އުނިކުރުން.
ފަޅުރަށްރަށުން ލަކުޑި ކެނޑުން 7.
(ހ) ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށަކުން ލަކުޑި ކަނޑަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން ދޭ ލަކުޑި ސިޓީއަކަށް، އަތޮޅު ކައުންސިލަކުން ފޮނުވާ މީހަކާއި، އެ ރަށެއް ލިޔުއްވައިގެން އުޅޭ ނުވަތަ ހަވާލުވެގެން ހުރި ފަރާތެއްގެ، ނުވަތަ އެފަރާތުން ފޮނުވާ މީހެއްގެ ހާޒިރުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލަކުޑި ކަނޑަންވާނީ ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން އަމަލުކުރެވޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށް ވަކިކުރުން 9.
(ހ) ފަޅުރަށެއް ވަރުވާއަށް ލިޔުއްވައިގެން އުޅޭ ފަރާތުން، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ނުވަތަ އެ ފަޅުރަށެއް ވަރުވާއަށް ލިޔެދިނުމާގުޅޭ އެއްބަސްވުމާ ހިލާފު ނުވިނަމަވެސް، އެ ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ ރަށެއް ސަރުކާރުގެ ބޭނުމަށް ނަގަން ޖެހިއްޖެނަމަ، އެ ފަޅުރަށް ވަރުވާއަށް ލިޔެދީފައިވާ ފަރާތަށް 30 (ތިރީސް) ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު، ބުނެވިދިޔަ އެއްބަސްވުން ބާތިލުކޮށް، ވަރުވާއަށް ލިޔެދީފައިވާ ރަށް ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
(ށ) ފަޅުރަށެއް ވަރުވާއަށް ލިޔުއްވައިގެން އުޅޭ ފަރާތަކުން، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ނުވަތަ އެ ފަޅުރަށެއް ވަރުވާއަށް ލިޔެދިނުމާގުޅޭ އެއްބަސްވުމާ ހިލާފުވެއްޖެ ހިނދެއްގައި، ނޯޓިސް ދިނުމަށްފަހު، އެ ރަށް ވަރުވާއަށް ލިޔެދީފައިވާ ފަރާތުގެ ކިބައިން އެ ރަށް ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ވަރުވާއަށް ލިޔެދީފައި ވާ ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތް ފަރާތުން ވަކިކުރާ ހާލަތުގައި، އެފަރާތަށް އެއްވެސް ބަދަލެއް ނުދެވޭނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތް ފަރާތުން ވަކިކުރާ ހާލަތުގައި، އެފަރާތުގެ އުފުލޭ މުދަލެއް އެ ރަށެއްގައި ހުރިނަމަ، އެތަކެތި އެ ރަށުން ގެންދިއުމަށްޓަކައި މިނިސްޓްރީން ނުވަތަ ކައުންސިލުން ކަނޑައަޅާ މުއްދަތެއް ދޭންވާނެއެވެ. އަދި އެގޮތުން ކަނޑައަޅާ މުއްދަތު މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ދޭ ނޯޓިހުގައި ބަޔާންކުރަންވާނެއެވެ.
8 ވަނަ މާއްދާ - ތިރީގައި ނަކަލުކޮށްފައިއެވާ، ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އުނިކުރުން.
އަދަބު 10.
ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށާ ބެހޭގޮތުން މި ގާނޫނާ ހިލާފު އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10،000 ރުފިޔާ އަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރުން، ނުވަތަ ހަމަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަޅުރަށްރަށް ކުއްޔަށް ދިނުން 11.
(ހ) މި ގާނޫނުގެ ދަށުން ފަޅުރަށްރަށް ކުއްޔަށް ދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އަންނަނިވި ދެގޮތުންކުރެ ގޮތަކަށެވެ.
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އާންމުކޮށް އިއްލާނު ކޮށްގެން، އެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ދިނުން.
- ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފްސީލު ރިޕޯޓަކާއެކު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުށަހެޅުމުން، އެ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ދިނުން.
(ށ) މަސްވެރިކަމުގެ ނުވަތަ ދަނޑުވެރިކަމުގެ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށްދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ސިނާއަތެއް ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގަވާއިދުގައި، އިންޑަސްޓްރިއަލް ރަށްރަށް ގިންތިކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރަންވާނެއެވެ.
(ރ) އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށެއް، އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 1-56 ވަނަ މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެ ފަޅުރަށެއް، އެ ކައުންސިލެއްގެ އިހްތިސާސުން ވަކިކުރަންވާނެއެވެ.
(ބ) އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ފަޅުރަށްރަށް ފިޔަވައި އެނޫން ފަޅުރަށްރަށް، އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފިޔަވައި އެނޫން ބޭނުންތަކަށް އެކި ފަރާތްތަކަށް ކުއްޔަށްދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކަމާބެހޭ މިނިސްޓްރީންނެވެ.
(ޅ) އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް، އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފިޔަވައި އެނޫން ބޭނުންތަކަށް ކުއްޔަށް ދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުންނެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަޅުރަށްރަށް ކުއްޔަށްދެވޭ މުއްދަތު 13.
(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކުއްޔަށްދޭ ރަށްރަށް ކުއްޔަށް ދެވޭނީ، ކުއްޔަށް ހިފާ ފަރާތާ ރަށް ހަވާލުކުރާ ތާރީހުން ފެށިގެން މީލާދީ 21 (އެކާވީސް) އަހަރު ދުވަހުގެ މުއްދަތަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އަންނަނިވި ހާލަތްތަކުގައި އެ އަކުރުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރު މުއްދަތަކަށް ނުވަތަ 50 (ފަންސާސް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ފަޅުރަށެއް ކުއްޔަށް ދިނުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.
- ރަށް ކުއްޔަށް ހިފަން އެދޭ ފަރާތުން، އެ ރަށް ކުއްޔަށް ހިފަން ހުށަހަޅާ މުއްދަތަކީ 21 (އެކާވީސް) އަހަރަށްވުރެ ކުރު މުއްދަތަކަށްވެފައި، އެ މުއްދަތަށް ކުއްޔަށް ދިނުމަކީ ކަމާބެހޭ މިނިސްޓްރީއަށް ގަބޫލުކުރެވޭ ކަމަކަށްވާނަމަ، އެކަން ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- 21 (އެކާވީސް) އަހަރުގެ މުއްދަތަށް ކުއްޔަށް ދީފައިވާ ރަށެއްގެ ކުލީގެ މުއްދަތު ހަމަވުމަށްފަހު، އެ ރަށުގައި ހިންގާ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ބޭނުންވެގެން، އެ ރަށް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ހާލަތުގައި، އެ ރަށް ކުއްޔަށް ދީފައިވާ 21 (އެކާވީސް) އަހަރުގެ މުއްދަތު ހިމެނޭގޮތަށް ޖުމްލަ 50 (ފަންސާސް) އަހަރުގެ މުއްދަތަށް އެ ރަށް ކުއްޔަށް ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި، އެގޮތުގެމަތިން ކުލީގެ މުއްދަތު އިތުރުކުރަން އެދޭނަމަ، އެ ރަށް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުގެ 12 (ބާރަ) މަސްދުވަހުގެ ކުރިން، އެކަމަށް އެދި އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން ކަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން، ރަށެއް ކުއްޔަށް ހިފުމަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރު ތުތަކާއި ކުއްޔަށް ހިފުމަށް އެދުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަޅުރަށްރަށް ކުއްޔަށް ދިނުމުގެ އެގްރީމަންޓް 14.
މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ފަޅުރަށްރަށް ކުއްޔަށް ދޭންވާނީ، ކަމާބެހޭ މިނިސްޓްރީއާއި ނުވަތަ ކައުންސިލާއި، ރަށް ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކުރެވޭ އެގްރީމަންޓެއްގެ ދަށުންނެވެ. މި އެގްރީމަންޓުގައި، ތިރީގައިވާ ކަންތައްތައް ހިމަނަންވާނެއެވެ.
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކާލުން 16.
(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދީފައިވާ ރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް، ކުއްޔަށް ހިފާފައިވާ ފަރާތުން އެހެން ފަރާތަކަށް ވިއްކާލެވޭނީ، އެ ރަށެއްގައި ކުރަން ހުށަހަޅާފައިވާ އިންވެސްޓްމަންޓް، ކަމާބެހޭ މިނިސްޓްރީއަށް ގަބޫލުކުރެވޭ ފެންވަރަކަށް ގެންދިއުމަށްފަހު، އެ ރަށެއް ކުއްޔަށް ދިން މިނިސްޓްރީ ނުވަތަ ކައުންސިލުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައެވެ.
(ށ) ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވިއްކާލައިފިނަމަ، އެ ރަށެއް ކުއްޔަށް ހިފާފައިވާ ފަރާތާއި ކަމާބެހޭ މިނިސްޓްރީއާ ނުވަތަ ކައުންސިލާ ދެމެދު ކުރެވިފައިވާ އެގްރީމަންޓް، އިންވެސްޓްމަންޓް ގަންނަ ފަރާތަށް، އެގްރީމަންޓުގެ މުއްދަތަށް ބަދަލުކޮށްދެވޭނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުން 17.
މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދީފައިވާ ރަށެއް އެ ރަށެއް ކުއްޔަށް ހިފާފައިވާ ފަރާތުން އެހެން ފަރާތަކަށް ކުއްޔަށް ދެވޭނީ، އެ ރަށެއްގައި ކުރަން ހުށަހަޅާފައިވާ ކަމެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ގަބޫލުކުރެވޭ ފެންވަރަކަށް ކުރަން ފެށުމަށްފަހު، އެ ރަށެއް ކުއްޔަށް ދިން މިނިސްޓްރީ ނުވަތަ ކައުންސިލުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކުއްޔަށް ދީފައިވާ ރަށްރަށް 20.
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމާބެހޭ މިނިސްޓްރީން އެގްރީމަންޓުކޮށް، ވަކި މުއްދަތަކަށް ކުއްޔަށް ދީފައިވާ ފަޅުރަށްރަށް ކުއްޔަށް ދީފައިވާ މުއްދަތަކަށް، މި ގާނޫނުގެ ސަބަބުން ބަދަލެއް ނާންނާނެއެވެ. އެ ރަށްރަށް ކުއްޔަށް ދީފައިވާ މުއްދަތު ބަލާނީ، އެގްރީމަންޓުގައިވާ ކުއްޔަށް ދީފައިވާ މުއްދަތު ފެށޭ ތާރީހުންނެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ރަށެއް ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށާގުޅޭ އާންމު އުސޫލު 1-21.
(ހ) އިދާރީ ދާއިރާއެއްގައި ހިމެނޭ، ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ވަރުވާއަށް ލިޔެދޭ ރަށްރަށާއި، އިންޑަސްޓްރިއަލް ރަށުގެ ގޮތުގައި ތަރައްގީކުރާ ރަށްރަށާއި، އެނޫން ބޭނުންތަކަށް ކުއްޔަށްދޭ ރަށްރަށާއި، އެނޫންވެސް އެކި ބޭނުންތަކަށް އެކަށައަޅާ ފަޅުރަށްރަށް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށް، ކައުންސިލަކާ ހަވާލުކުރަންވާނީ، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ "އާންމު ބައި" ބާބަށް އަންނަނިވި މާއްދާތައް އިތުރުކުރުން.
ފަޅުރަށްރަށަށް އަރައި ފޭބުން 2-21.
(ހ) ވަރުވާއަށް ލިޔެދީފައިވާ ފަރާތުގެ ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ އެއްވެސް ފަރާތަކުން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށަކަށް ނުވަތަ ކުއްޔަށް ދީފައިވާ ފަޅުރަށަކަށް އެރުމާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެ ރަށުގެ ފަޅުގެ ސަރަހައްދަށް ވަނުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އަންނަނިވި ފަރާތްތަކުން އަންނަނިވި ހާލަތްތަކުގައި ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށަކަށް ނުވަތަ ކުއްޔަށް ދީފައިވާ ފަޅުރަށަކަށް އަގަކާނުލައި އެރުމަކަށް ނުވަތަ ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއްގެ ފަޅަކަށް ނުވަތަ ކުއްޔަށް ދީފައިވާފަޅުރަށެއްގެ ފަޅަކަށް ވަނުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.
- ކަމާބެހޭ ވުޒާރާއިން ނުވަތަ ކަމާބެހޭ ވުޒާރާގެ ހުއްދަ ލިޔުމުން ލިބިގެން؛
- ރަށް ކުއްޔަށް ދީފައިވާ ފަރާތުން ފަޅުރަށަކަށް އަރާ އެރުމާއި، ފަޅުރަށެއްގެ ފަޅުގެ ސަރަހައްދަކަށް ވަންނަ ވަނުން؛
- ސަލާމަތީ ހިދުމަތަކުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާއެއް އަދާކުރުމުގެ ގޮތުން؛
- މޫސުން ގޯސްވެގެން ނުވަތަ ހާލުގައި ޖެހިގެން ނުވަތަ ކަނޑުމަތީގައި ދިމާވާ ހާދިޘާއެއްގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށްޓަކައި ނުވަތަ އެނޫންވެސް ކުއްލި ނުރައްކަލެއްގެ ހާލަތެއްގައި.
ފަޅުރަށްރަށުން ރުއްގަސް ކެނޑުމާއި ނެގުން 3-21.
ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށަކުން ނުވަތަ ކުއްޔަށް ދީފައިވާ ފަޅުރަށަކުން ރުއްގަސް ކަނޑަންވާނީ ނުވަތަ ނަގަންވާނީ ނުވަތަ އެއް ތަނުން އަނެއްތަނަށް ގެންދަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ތިމާވެށި ހިމާޔަތްކުރުމާބެހޭ ގޮތުން އެކުލަވާލާފައިވާ ކަމާބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށްދޭ ފަޅުރަށްރަށުގެ މައްޗަށް މި ގާނޫނު ނުހިނގުން 4-21.
ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ފަޅުރަށްރަށުގެ މައްޗަކަށް މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކެއް ނުހިނގާނެއެވެ.
ގާނޫނާ ހި ލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން 5-21.
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނާ ހިލާފުވާ މިންވަރަށް ރިއާޔަތްކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް އަންނަނިވި ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށަކާ ގުޅޭގޮތުންނަމަ، މި ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 1،000،000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު، އެކަން ކުރި ފަރާތަކީ އެ ރަށެއް ވަރުވާއަށް ލިޔުއްވައިގެން އުޅޭ ފަރާތްނަމަ އެ ރަށް ވަރުވާއަށް ލިޔެދިނުމާގުޅޭ އެގްރީމަންޓުގައި ބަޔާންކުރާ ފިޔަވަޅު އެޅުން؛
- ކުއްޔަށް ދީފައިވާ ފަޅުރަށަކާ ގުޅޭގޮތުންނަމަ، މި ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 1،000،000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު، އެކަން ކުރި ފަރާތަކީ އެ ރަށެއް ކުއްޔަށް ހިފާފައިވާ ފަރާތްނަމަ އެ ރަށް ކުއްޔަށް ދިނުމާގުޅޭ އެގްރީމަންޓުގައި ބަޔާންކުރާ ފިޔަވަޅު އެޅުން؛
- ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށް ނުވަތަ ކުއްޔަށް ދީފައިވާ ފަޅުރަށްރަށް ފިޔަވައި އެނޫން ފަޅުރަށްރަށާ ގުޅޭގޮތުންނަމަ، މި ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، އެކަން ކުރި ފަރާތެއް، 1،000،000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައި، ގާނޫނާ ހިލާފަށް ކުރާ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާކުރާ އަދަދުތަކާއި، ޖޫރިމަނާކުރުމުގެ އުސޫލުތައް ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.
(ނ) އެއްވެސް ފަރާތަކުން މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފަށްކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ، އެކަން ތަހްގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް މިނިސްޓްރީން ހުށަހަޅަންވާނެއެވެ. އަދި، އެފަދަ އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ އަމަލެއް ކަމުގައިވާނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާމެދު މި ގާނޫނުގެ ދަށުން ކަނޑައެޅޭ އިދާރީ ފިޔަވަޅުގެ އިތުރުން، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެމީހެއްގެ މައްޗަށް އެ ކުށުގެ ޖިނާއީ ދައުވާ އުފުލުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.
17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގަވާއިދު ހެދުން 22.
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އަންނަނިވި ގަވާއިދުތައް ހަދައި ހިންގާނީ، އަންނަނިވި ފަރާތްތަކުންނެވެ.
(ހ) ވަރުވާއަށް ލިޔެދޭ ރަށްރަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުރަށްރަށާބެހޭ ގަވާއިދުތައް ހަދައި ހިންގާނީ، މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީންނެވެ.
(ށ) އިގްތިސާދީ ބޭނުންތަކަށް ކުއްޔަށް ދޫކުރާ ފަޅުރަށްރަށާބެހޭ ގަވާއިދުތައް ހަދައި ހިންގާނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީންނެވެ.
(ނ) އެނޫން ބޭނުންތަކަށް ކުއްޔަށް ދޫކުރާ ފަޅުރަށްރަށާބެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓްރީއަކުންނެވެ.
18 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
19 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1998-20)
ކިޔުންތެރިންގެ ހިޔާލު