މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-35) އަށް 9 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގާނޫނު ނަންބަރު 2022-238)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 ޑިސެމްބަރު 2022 ގައި)
ގަވާއިދު ނަންބަރު 2012-35 (މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނިވިގޮތަށް އިސްލާހުކުރުން.
އިލްތިމާސްކުރުން 7.
(ހ) ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުން ނިންމާ ނިންމުމެއް ފިޔަވައި ކަސްޓަމްސްއިން ކުރި ކަމަކާމެދު ނުވަތަ ނުކޮށްދޫކޮށްލި ކަމަކާމެދު މުވައްޒަފު ހިތްހަމަނުޖެހޭ ކަމުގައި ވާނަމަ، އެކަން ހިނގި ދުވަހުން ފެށިގެން ނުވަތަ އެކަން އެ މުވައްޒަފަށް އަންގާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑަށް އިލްތިމާސްކުރުމުގެ އިހްތިޔާރު އެ މުވައްޒަފަކަށް ލިބިގެންވެއެވެ. މިފަދައިން ހުށަހެޅޭ މައްސަލަތައް، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުން ބަލައި ނިންމުމަށްފަހު މުވައްޒަފަށް އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑަށް އިލްތިމާސްކުރެވޭ މައްސަލަތަކާއި، މުވައްޒަފާ ދެކޮޅަށް ހުށަހަޅާ މައްސަލައެއް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުން ނިންމި ނިންމުމާމެދު އެ މައްސަލައިގައި ހިމެނޭ މުވައްޒަފު ހިތްހަމަނުޖެހޭނަމަ، ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުގެ ނިންމުން މުވައްޒަފަށް އަންގާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓަރަށް އިލްތިމާސްކުރުމުގެ އިހްތިޔާރު އެ މުވައްޒަފަކަށް ލިބިގެންވެއެވެ. މިފަދަ މައްސަލައެއް މިނިސްޓަރަށް ހުށަހެޅިއްޖެނަމަ، ގިނަވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި ނިންމުމަށްފަހު މުވައްޒަފަށް އެކަން އަންގަންވާނެއެވެ.
(ނ) މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިދާރީ ފިޔަވަޅެއް އެޅުމަށް މިނިސްޓަރަށް ލަފާދިނުމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުން ނިންމާ ނިންމުމެއް މުވައްޒަފުގެ ފަރާތުން މިނިސްޓަރަށް އިލްތިމާސްކޮށްފިނަމަ، އެ މައްސަލައިގައި ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުގެ ނިންމުން ތަންފީޒުކުރަންވާނީ، އިލްތިމާސްކޮށްފައިވާ މައްސަލައާމެދު މިނިސްޓަރު ގޮތެއް ކަނޑައެޅުމުންނެވެ. އަދި އެ މައްސަލަ މިނިސްޓަރަށް އިލްތިމާސްކުރުމަށް ހުށަހަޅައިފައި ނުވާނަމަ، ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުގެ ނިންމުން ތަންފީޒު ކުރަންވާނީ، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެ މައްސަލަ އިލްތިމާސްކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުންނެވެ.
(ރ) މުވައްޒަފާމެދު އަޅާ އިދާރީ ފިޔަވަޅާމެދު ހިތްހަމަނުޖެހޭނަމަ، އެކަން އެ މުވައްޒަފަށް އަންގާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ނޭށަނަލް އިންޓެގްރިޓީ ކޮމިށަނަށް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ ށަރުއީ ކޯޓަށް އެ މައްސަލައެއް ހުށަހެޅުމުގެ ހައްގު، އެ މައްސަލައެއް ރައްދުވާ މުވައްޒަފަށް ލިބިގެންވެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ބ) ގެ ތިރިއަށް (ޅ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
ބަހުގެ މާނަ 8.
(ޅ) މި ގަވާއިދުގައި "މުވައްޒަފަށް ކުރިމަތިވާ ހާއްސަ ސިއްހީ ބޭނުންތައް" ކަމުގައި ބުނެފައި އެވަނީ، ބަލީގެ ބާވަތާއި ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ނުވަތަ ސެޓުފިކެޓު ދޫކުރި ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓުގައި ބަޔާންކޮށްފައިވާ ޓަރމިނަލް އިލްނަސްއެއްގެ ސަބަބުން ނުވަތަ ކްރޮނިކް ކޮންޑިށަނެއްގެ ސަބަބުން ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހުން ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށް ބޭނުންވުމަށް ނުވަތަ ބޯންމެރޯ ހެދުމަށް ބޭނުންވުމަށެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރު އެއީ އެ އަކުރުގެ (1) ވަނަ ނަންބަރުގެ ގޮތުގައި ހަމަޖައްސައި، އެ އަކުރުގެ (11) ވަނަ ނަންބަރު އެއީ އެ އަކުރުގެ (2) ވަނަ ނަންބަރުގެ ގޮތުގައި ހަމަޖައްސައި، އެ ނަންބަރުގެ ފަހަތަށް (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވި ގޮތަށް ނަންބަރުތައް އިތުރުކުރުން.
މުސާރަ ނުލިބޭގޮތަށް ދޭ ޗުއްޓީ 42. (ހ)
2. މުވައްޒަފު އަމިއްލަގޮތުން ތައުލީމު ހާސިލުކުރުމަށް ޓަކައި ރާއްޖެއިން ބޭރަށް ދިއުމަށް ބޭނުންވުން؛
3. މުވައްޒަފުގެ ފިރި/ އަނބި/ ދަރި ތައުލީމު ހާސިލުކުރުމަށް ޓަކައި ރާއްޖެއިން ބޭރަށްދާ ދިއުމުގައި އާއިލާއާއެކު ދިއުމަށް ބޭނުންވުން؛
4. ދައުލަތުގެ ބޭނުމަކަށް ނުވަތަ ދައުލަތުގެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ ރަށަކަށް ފޮނުވާ މުވައްޒަފުންގެ ފިރި/އަނބި މީހާއާއެކު ދިއުމަށް ބޭނުންވުން؛
5. ދުނިޔޭގެ ކަސްޓަމްސް ޖަމްއި އްޔާއާއި، ދުނިޔޭގެ ވިޔަފާރީގެ ޖަމްއިއްޔާ ފަދަ، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ބައިނަލްއަގްވާމީ މުއައްސަސާއެއްގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މުވައްޒަފު ދިއުމަށް ބޭނުންވުން.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (ނ) އަންނިވިގޮތަށް އިސްލާހުކުރުން.
މުސާރަ ނުލިބޭގޮތަށް ދޭ ޗުއްޓީ 42.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުސާރަ ނުލިބޭ ޗުއްޓީ ދެވޭނީ،ކަސްޓަމްސްއިން ކަނޑައަޅާ ގޮތެއްގެ މަތީން އިގުރާރުކުރުވުމަށް ފަހުގައެވެ. މިގޮތުން ދެވޭ މުސާރަ ނުލިބޭ ޗުއްޓީ ބޭނުންކުރަންވާނީ، އެ ޗުއްޓީއެއް ނެގި ބޭނުމަކަށެވެ. އަދި ޗުއްޓީ ނެގި ބޭނުމާ ހިލާފަށް ޗުއްޓީ ބޭނުންކޮށްފިނަމަ،ޗުއްޓީ ކެންސަލްކުރުމުގެ އިހްތިޔާރު، ކަސްޓަމްސްއަށް ލިބިގެންވެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (އ) އަންނަނިވިގޮތަށް އިސްލާހުކުރުން.
މުސާރަ ނުލިބޭގޮތަށް ދޭ ޗުއްޓީ 42.
(އ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި، މުސާރަ ނުލިބޭގޮތަށް ދޭ ޗުއްޓީ ދެވޭނީ،މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ކަސްޓަމްސްއަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (މ) ގެ ފަހަތަށް (ފ) އާއި، (ދ) އާއި، (ތ) އާއި، (ލ) އާއި، (ގ) އާއި، (ޏ) ގެ ގޮތުގައި އަންނިވި ގޮތަށް މާއްދާތައް އިތުރުކުރުން.
މުސާރަ ނުލިބޭގޮތަށް ދޭ ޗުއްޓީ 42.
(ފ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި މުވައްޒަފަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދެވޭނީ، 4 (ހަތަރެއް) އަހަރުދުވަހަށްވުރެ އިތުރުނުވާ މުއްދަތަށެވެ.
(ދ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި މުވައްޒަފަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދެވޭނީ، ތައުލީމުދޭ ނުވަތަ ތަމްރީނުދޭ މަރުކަޒަކުން އެ މުވައްޒަފުގެ ފިރި/ އަނބި/ ދަރިއަށް ޕްލޭސްމަންޓް ލިބިފައިވާކަމުގެ ލިޔުމާއެކު، އެ މުވައްޒަފާ އޮތް އާއިލީ ގުޅުން ބަޔާންކޮށްދޭ ދައުލަތުގެ ކަމާގުޅުންހުރި ރަސްމީ އިދާރާއަކުން ދޫކުރާ ލިޔުން ހުށަހެޅުމުންނެވެ. މިގޮތުން ޗުއްޓީ ދެވޭނީ، 4 (ހަތަރެއް) އަހަރަށްވުރެ އިތުރުނުވާ މުއްދަތަށެވެ. އަދި މަގާމުގެ ކުރިއެރުން ދިނުމާއި ޕެންށަނުގެ މުއްދަތާއި ރިޓަޔަރމެންޓުގެ މުއްދަތު ބެލުމުގައި މި މުއްދަތެއް ނުގުނޭނެއެވެ.
(ތ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، މުވައްޒަފަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދެވޭނީ، އެ މުވައްޒަފެއްގެ ފިރި/އަނބި މީހާ، ދައުލަތުގެ ބޭނުމަކަށް ނުވަތަ ދައުލަތުގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ ރަށަކަށް ފޮނުވާކަމުގެ ރަސްމީ ލިޔުމާއި، އެ މުވައްޒަފާ އޮތް އާއިލީ ގުޅުން ބަޔާންކޮށްދޭ ލިޔުން ހުށަހެޅުމުންނެވެ.
(ލ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، މުވައްޒަފަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދެވޭނީ، އެ މުވައްޒަފެއްގެ ފިރި/އަނބި މީހާ، ދައުލަތުގެ ބޭނުމަކަށް ނުވަތަ ދައުލަތުގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފޮނުވާކަމުގެ ރަސްމީ ލިޔުމުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނުވަތަ ގިނަވެގެން 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި މަގާމުގެ ކުރިއެރުން ދިނުމާއި، ޕެންށަނުގެ މުއްދަތު ބެލުމުގައްޔާއި ރިޓަޔަރމެންޓުގެ މުއްދަތު ބެލުމުގައި މި މުއްދަތެއް ނުގުނޭނެއެވެ.
(ގ) މި މާއްދާގެ (ހ) ގެ (5)ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، މުވައްޒަފަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދެވޭނީ، ބައިނަލްއަގްވާމީ މުއައްސަސާގެ ބޭނުމަށް އެ މުވައްޒަފު ދާކަމުގެ ރަސްމީ ލިޔުން ހުށަހެޅުމުންނެވެ. މިގޮތުން ދެވޭ ޗުއްޓީ ދެވޭނީ، އެގޮތުން ހުށަހަޅާ ލިޔުމުގައި ބަޔާންކޮށްފައިވާ މުއްދަތަކަށް ނުވަތަ ގިނަވެގެން 5( ފަހެއް( އަހަރުދުވަހުގެ މުއްދަތަށެވެ. އަދި މަގާމުގެ ކުރިއެރުން ދިނުމާއި، ޕެންށަނުގެ މުއްދަތު ބެލުމުގައްޔާއި ރިޓަޔަރމެންޓުގެ މުއްދަތު ބެލުމުގައި މި މުއްދަތެއް
ނުގުނޭނެއެވެ.
(ޏ) މި މާއްދާގެ (ހ) ގެ (1) ނަންބަރުގައްޔާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މުސާރަ ނުލިބޭ ޗުއްޓީ ދެވަނަފަހަރަށް ނުވަތަ އެއަށްވުރެ ގިނަ ފަހަރަށްމުވައްޒަފަށް ދެވޭނީ، މުވައްޒަފަށް އެންމެފަހުން ދީފައިވާ މުސާރަ ނުލިބޭ ޗުއްޓީ ނިންމުމަށްފަހު 2 (ދޭއް) އަހަރުދުވަހު ކަސްޓަމްސްއަށް ހިދުމަތްކުރުމަށް ފަހުގައެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާ (ހ) އާއި (ރ) އަންނިވި ގޮތަށް އިސްލާހުކުރުން.
މުސާރަ ލިބޭގޮތަށް ދޭ ޗުއްޓީ 43.
(ހ) މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީ ހަމަޖައްސައިދެވޭނީ، ތައުލީމު ހާސިލުކުރުމަށާއި، ވަޒީފާގެ ވާޖިބު އަދާކުރަނިކޮށް ނުވަތަ ކަސްޓަމްސް ތަމްސީލުކުރުމަށް ޓަކައި ބައިވެރިވާ ކުޅިވަރު ހަރަކާތްތަކުގައި ނުވަތަ ކަސްޓަމްސްއިން ހިންގާ ކުޅިވަރު ހަރަކާތްތަކާއި އިޖުތިމާއީ އެކިއެކި ހަރަކާތްތަކުގައި ލިބޭ ހާނީއްކައާ ގުޅިގެން ބޭސްފަރުވާ ކުރުމަށް ނުވަތަ މުވައްޒަފަށް ކުރިމަތިވާ ހާއްސަ ސިއްހީ ބޭނުންތަކަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުން ހުއްދަ ލިބުމު ންނެވެ.
(ރ) ވަޒީފާގެ ވާޖިބު އަދާކުރަނިކޮށް ނުވަތަ ކަސްޓަމްސްއިން ރާވައި ހިންގާ ނުވަތަ ބައިވެރިވާ އިޖުތިމާއީ ހަރަކާތެއްގައި ނުވަތަ ކުޅިވަރު ހަރަކާތެއްގައި މުވައްޒަފަށް ލިބޭ ހާނީއްކައަކާ ގުޅިގެން ބޭސްފަރުވާ ކުރުމަށް ޓަކައި ޗުއްޓީދޭނީ، އެ އަނިޔާއަކަށް ބޭސްފަރުވާކޮށް ނިމޭނެކަމަށް ޑޮކްޓަރު ދޭ ލިޔުމުގައިވާ މުއްދަތަށެވެ. މިގޮތުން ގިނަވެގެން ދެވޭނީ، ބަންދު ދުވަސްތައް ހިމަނައިގެން އަހަރަކު 90 (ނުވަދިހަ) ދުވަހެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާ (އ) ގެ ފަހަތަށް (ވ) އާއި، (މ) އާއި، (ފ) އާއި، (ދ) އާއި، (ތ) ގެ ގޮތުގައި އަންނަވި މާއްދާތައް އިތުރުކުރުން.
މުސާރަ ލިބޭގޮތަށް ދޭ ޗުއްޓީ 43.
(ވ) ހާއްސަ ސިއްހީ ހާލަތެއް ދިމާވެފައިވާ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީގެ އިތުރަށް، މުސާރަ ލިބޭގޮތަށް، އަހަރަކު 60 (ފަސްދޮޅަސް) ދުވަސް "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ގެ ގޮތުގައި ދެވިދާނެއެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހާއްސަ ސިއްހީ ބޭނުންތަކަށް ޗުއްޓީ ދިނުމުގައި، އެ މުވައްޒަފަކީ ޓަރމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިށަނެއް ތަހައްމަލު ކުރަމުންދާ ފަރާތެއްކަމަށާއި، ބަލީގެ ބާވަތާއި ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ނުވަތަ ސެޓުފިކެޓު ދޫކުރި ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންވާނެއެވެ.
(ފ) ހާއްސަ ސިއްހީ ބޭނުންތަކަށް ޗުއްޓީ ދިނުމުގައި، އެ މުވައްޒަފަކީ ބޯންމެރޯ ހަދާ ފަރާތެއްކަން ނުވަތަ ގުނަވަނެއް ހަދިޔާކުރާ ފަރާތެއްކަމާއި، ސަރޖަރީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް،ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ނުވަތަ ސެޓުފިކެޓް ދޫކުރި ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންވާނެއެވެ.
(ދ) މި މާއްދާގެ (ވ) ގައި އެހެން ބަޔާންކޮށްފައި އޮތްކަމުގައި ވިޔަސް، މި މާއްދާގެ (މ) އާއި (ފ) ގައިވާ ގޮތުގެ މަތީން މެޑިކަލް ސެޓުފިކެޓުހުށަހެޅުމުން، ހުށަހަޅާ މެޑިކަލް ސެޓުފިކެޓަށް ރިއާޔަތްކޮށް 60 (ފަސްދޮޅަސް) ދުވަހަށްވުރެ އިތުރަށް ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ ދިނުމުގެ އިހްތިޔާރު، ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑަށް ލިބިގެންވެއެވެ.
(ތ) ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީގައި ހުންނަ މުއްދަތުގައި، މުވައްޒަފު ގޭގައި ހުރެގެން މަސައްކަތްކުރުމަށް އެދޭނަމަ، ރިކަވަރީ މުއްދަތުގައި، މުވައްޒަފަށް ރިމޯޓުކޮށް މަސައްކަތްކުރުމުގެ އިންތިޒާމު، ކަސްޓަމްސްއިން ހަމަޖައްސައިދެވިދާނެއެވެ. މިގޮތުން ރިމޯޓުކޮށް މަސައްކަތްކުރާ މުއްދަތު، އެ ފަރާތަށް ދީފައިވާ ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީގެ ތެރެޔަކު ނުހިމެނޭނެއެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 47 ވަނަ މާއްދާ އަންނިވިގޮތަށް އިސްލާހުކުރުން.
ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުން މައްސަލަ ބެލުން 47.
(ހ) ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުން މައްސަލަ ބެލުމުގައި، އަންނަނިވި ފުރުސަތުތައް އެ މުވައްޒަފަކަށް ދޭންވާނެއެވެ.
- އެ މުވައްޒަފުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހުގީގު ރިޕޯޓާއި، ތަހުގީގު ރިޕޯޓުގައި ހަވާލާދީފައިވާ ހެއްކާއި ގަރީނާއާ ގުޅޭ ލިޔެކިޔުންތައް، ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުން ކަނޑައަޅާ
ގޮތެއްގެ މަތީން ލިބުމުގެ ފުރުސަތު؛ - ކުރެވިފައިވާ ތުހުމަތާ ގުޅޭގޮތުން ލިޔުމުން ޖަވާބު ހުށަހެޅުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތު؛ މިގޮތުން މުއްދަތު ގުނަން ފަށާނީ، ފުރުސަތު ދެވުނުކަން މުވައްޒަފަށް އަންގާ ދުވަހުން ފެށިގެންނެވެ.
- މި މާއްދާގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ޖަވާބު، ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑަށް ހާޒިރުވެ، ހުލާސާގޮތެއްގައި ހުށަހެޅުމުގެ ފުރުސަތު؛
- ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމާއި ލިބިގަތުމުގެ ފުރުސަތު.
(ށ) އެއްވެސް މައްސަލައަކާހުރެ، މި ގަވާއިދުގެ 48 ވަނަ މައްދާގެ (ށ) ގެ (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އިދާރީ ފިޔަވަޅެއް އެޅުމަށް މިނިސްޓަރަށް ލަފާދޭނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިދާރީ އެއްވެސް ފިޔަވަޅެއް ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުން މުވައްޒަފެއްގެ މައްޗަށް އެޅުމަށް ނިންމައިފިނަމަ، އެކަން މުވައްޒަފަށް ލިޔުމުން އަންގާ ވަގުތު، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި، ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުން މައްސަލަ ނިންމިގޮތުގެ ރިޕޯޓު އެ މުވައްޒަފަކަށް ދޭންވާނެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 92 ވަނަ މާއްދާ އަންނިވިގޮތަށް އިސްލާހުކުރުން.
އިގްރާރުވުން 92.
މި ބާބުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުގައި މުވައްޒަފުން ބައިވެރިކުރުމުގެ ކުރިން ކަސްޓަމްސްއަށް ހިދުމަތްކުރުމަށް ށަރުތުކޮށް އިގުރާރު ކުރުވަން ވާނެއެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 7 އުނިކުރުން.
12 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަންފަށާނީ، ދިވެހި ސަރުކަރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-35)
ކިޔުންތެރިންގެ ހިޔާލު