ޖިނާއީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-12) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2022-21)
(މި ގާނޫނަށް އަމަލުކުރަން ފެށީ 24 ނޮވެމްބަރު 2022 ގައި)
ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 68 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބަންދުން ދޫކުރާއިރު ފުރުން މަނާކުރުން 68
(ހ) މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ނުވަތަ 65 ވަނަ މާއްދާގެ ދަށުން ނުވަތަ 66 ވަނަ މާއްދާގެ ދަށުން އަމުރެއް ކުރުމާ އެކުއެކީގައި، އެ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު، ނުވަތަ އޭނާ އެ ވަގުތަކު ހުރި ރަށް ނޫން އެހެން ރަށަކަށް ފުރައިގެންދިއުން މަނާކުރުމުގެ ނުވަތަ ދިވެހިރާއްޖެއިން ބޭރަށްދިއުން މަނާކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި "ޕާސްޕޯޓް" ކަމަށް ބުނެފައި އެވަނީ، ކަމާބެހޭ ރަސްމީ އިދާރާއަކުން ވަކި ފަރާތަކަށް ދޫކޮށްފައިވާ ޕާސްޕޯޓާއި ދަތުރުކުރުމަށް ސައްހަވާ އެނޫންވެސް ރަސްމީ ކޮންމެ ލިޔުމެއް ހިމެނޭގޮތުންނެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 75 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފުރުން މަނާކުރުން 75.
(ހ) މީހަކު ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކޮށްފިކަމަށް ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އަދި އޭނާ ފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކުރުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގަނެފައިވާ މައްސަލައެއްނަމަ، އެ އަމުރަށް އެދެންވާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި:
- "ޕާސްޕޯޓް" އަށް ދީފައި އެވަނީ، މި ގާނޫނުގެ 68 ވަނަ މާއްދާގެ (ށ) ގައި އެ ލަފްޒަށް ދީފައިވާ މާނަކުރުމެވެ.
- "ފުރުން މަނާކުރުން" ކަމަށް ބުނެފައި އެވަނީ، މި މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި ކުށުގެ ތުހުމަތުގައިވާ މީހާ ދިވެހިރާއްޖެއިން ބޭރަށް ފުރައިގެންދިއުން ހުއްޓުވުމަށެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މީހަކު ފުރުން މަނާކުރުމަށް އެދި ކޯޓަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- ފުރުން މަނާކުރަން ބޭނުންވާ މީހާގެ ނަމާއި އެޑްރެހާއި، ޕާސްޕޯޓެއް އޮތްނަމަ، ޕާސްޕޯޓުގެ މައުލޫމާތު؛
- އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
- އޭނާއާ އެ ކުށާ ގުޅުވައިދޭ ހެކީގެ މައުލޫމާތު؛
- އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ބެލެވޭ ސަބަބު، އަދި ލިބިފައިވާ އިންޓެލިޖެންސްގެ މައުލޫމާތު ނުވަތަ ހެކި؛
- އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބު؛
- އެ އަމުރުގެ ދަށުން އޭނާ ފުރުން މަނާކުރަން ބޭނުންވާ މުއްދަތު.
(ރ) މީހަކު ފުރުން މަނާކުރުމަށް މި މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- އަމުރު ނިސްބަތްވާ މީހާގެ ނަމާއި އެޑްރެހާއި، ޕާސްޕޯޓެއް އޮތްނަމަ، ޕާސްޕޯޓުގެ މައުލޫމާތު؛
- އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
- އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަން ބޭނުންވާ ސަބަބު؛
- އަމުރު ދެމިއޮންނާނެ މުއްދަތު؛
- އެ އަމުރުގެ ދަށުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓޭ ކަމާއި، އެ މުއްދަތުގައި އޭނާ ދިވެހިރާއްޖެއިން ފުރައިގެންދިއުން މަނާކުރެވޭކަން؛
- އަމުރު ނެރޭ ތާރީހާއި ގަޑިއާއި، ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި، އަދި ކޯޓުގެ ތައްގަނޑު.
(ބ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރެއް ނެރެދިނުމަށް އެދިއްޖެނަމަ، އެ އަމުރު ފަނޑިޔާރު ނެރެދޭންވާނީ، އަންނަނިވި ކަންކަން އެ މީހަކާ ގުޅޭގޮތުން ފުރިހަމަވާނަމައެވެ.
- އަމުރު ނިސްބަތްވާ ފަރާތުން ކުރިކަމަށް ބުނާ ކުށާ އޭނާއާ ގުޅުވައިދޭ ހެކި ލިބިފައިވުން؛ ނުވަތަ
- އަމުރު ނިސްބަތްވާ ފަރާތަކީ ކުށެއް ކުރަންއުޅޭ ފަރާތެއް ކަމަށް ބެލެވޭ ފަރާތެއްނަމަ، ކަމާ ގުޅޭގޮތުން އިންޓެލިޖެންސްގެ މައުލޫމާތުލިބިފައިވުން؛ އަދި
- އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން؛ އަދި
- އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުން.
(ޅ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާމެދު، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަންވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ކޯޓުން އަމުރެއް ނެރޭ ވަގުތު، އެ އަމުރު ތަންފީޒުކުރުމަށްޓަކައި، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ އަމުރަށް އެދުނު އިދާރާއާ ކޯޓުން އެ އަމުރު ހަވާލުކުރަންވާނެއެވެ. އަދި އެ އިދާރާއަށް އެ އަމުރު ލިބުމާއެކު ލަސްކުރުމެއްނެތި، އެ އަމުރުގެ ކޮޕީއެއް މޯލްޑިވްސް އިމިގްރޭށަނަށް ފޮނުވަންވާނެއެވެ.
(އ) މި މާއްދާގެ ދަށުން މީހަކު ފުރުން މަނާކުރުމަށް ނެރޭ އަމުރެއްގެ މައުލޫމާތު، ވީއެންމެ އަވަހަކަށް އެ މީހަކަށް ފޮނުވަންވާނެއެވެ. އަދި އެ އަމުރުގެ ކޮޕީއެއް އެންމެ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެ މީހަކަށް
ފޮނުވަންވާނެއެވެ.
(ވ) މި މާއްދާގެ ދަށުން ނެރޭ އަމުރުގައި ބަޔާންކުރާ މުއްދަތު ހަމަނުވަނީސް މި މާއްދާގެ ދަށުން މީހަކު ފުރުން މަނާކުރުމުގެ މަގްސަދު ހާސިލުވެއްޖެނަމަ، އެ އަމުރަށް އެދުނު އިދާރާއިން، ލަސްނުކޮށް އޭނާގެ ޕާސްޕޯޓު ހިފެހެއްޓި ހިފެހެއްޓުން ނިމުމަކަށް ގެނައުމަށް މޯލްޑިވްސް އިމިގްރޭށަނަށް އަންގަންވާނެއެވެ. އަދި އެ އަމުރަށް އެދުނު އިދާރާއިން، އެ އަމުރު ރައްދުވާ މީހާއަށްވެސް ލަސްނުކޮށް އެކަން އަންގަންވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 94 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބަންދުގައިވާ މީހުންގެ މައްޗަށް ދައުވާކުރުމުގެ މުއްދަތު 94.
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުކޮށްފައިވާ މީހެއްނަމަ، އޭނާ މި ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދައުވާއެއް އުފުލަންވާނެއެވެ.
(ށ) ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ބަންދުކޮށްފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދައުވާއެއް އުފުލަންވާނެއެވެ.
(ނ) ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، ނުވަތަ އޭނާ ދޫކޮށްލާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށްވާނަމަ، އޭނާ ބަންދުން ދޫކޮށްލާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދައުވާއެއް އުފުލަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އަދި (ނ) ގައި ކަނޑައަޅާފައިވާ މުއްދަތުތައް އެފަދައިން ކަނޑައަޅާފައި ވީނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީއެންމެ އަވަހަކަށް އެފަދަ މައްސަލަތަކުގެ ތަހްގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވަން މަސައްކަތްކުރަންވާނެއެވެ. އަދި މައްސަލައެއްގައި
ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީއެންމެ އަވަހަކަށް އެ މައްސަލައިގައި ދައުވާ އުފުލުމާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މަސައްކަތްކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި،އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައިކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށްހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ޕްރޮސިކިއުޓަރ ޖެނެރަލްއިތުރުކޮށްދޭ މުއްދަތު، 60 (ފަސްދޮޅަސް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ. އަދި މުއްދަތު އިތުރުކޮށްދޭއިރު، އިތުރުކޮށްދެވޭނީ ފަހަރަކު 15 (ފަނަރަ) ދުވަހަށްވުރެ ދިގުނުވާނެ ގޮތަށެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅާނީ، ގާނޫނު ތަންފީޒުކުރާ އިދާރާއިންނެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް އެކަމާމެދު ނިންމާ ގޮތެއް، ސަބަބާއެކު، ލިޔުމުން ބަޔާންކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތުގައި ތަހްގީގު ފުރިހަމަކުރުމަށްފަހު ދައުވާކުރުމަށްޓަކައި ހުށަނޭޅިއްޖެނަމަ، ނުވަތަ ދައުވާކުރާ މިންވަރަށް ހެކި ލިބިފައިނުވާނަމަ، ތަހްގީގީ އިދާރާއިން އެ މީހަކު ބަންދުން ދޫކޮށްލަންވާނެއެވެ.
(އ) މި މާއްދާގެ (ކ) ގެ ދަށުން މީހަކު ބަންދުން ދޫކޮށްލާއިރު، މި ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އެ މީހަކު ފުރުން މަނާކުރަންޖެހޭ ހާލަތެއްވާނަމަ، އެކަމަށް އެދި ތަހްގީގީ އިދާރާއިން ކޯޓަށް ހުށަހެޅިދާނެއެވެ.
(ވ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތުގައި ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ދައުވާ އުފުލުމަށް ބޭނުންވާ ހެކި ލިބިފައިނެތުމުގެ ސަބަބުން ތަހްގީގު ފުރިހަމަނުކުރެވޭ ހާލަތުގައި ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުން ދޫކޮށްލި ނަމަވެސް، އެ މައްސަލައެއްގައި ފަހުން އާ ހެކި ލިބިއްޖެނަމަ، އެފަދަ އާ ހެއްކާއެކު އެ މައްސަލައެއްގައި އެ މީހެއްގެ މައްޗަށް ދައުވާކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(މ) މި މާއްދާގެ (ވ) ގެ ބޭނުމަށްޓަކައި "އާ ހެކި" ކަމަށް ބުނެފައި އެވަނީ، އެ މައްސަލައެއްގެ ތަހްގީގު ހިންގިއިރު، ތަހްގީގީ އިދާރާއިން އެކަށީގެންވާ މިންވަރަށް މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކާއި، އެ މައްސަލައެއްގެ ތަހްގީގު ހިންގިއިރު އެ ހެކި ވުޖޫދުގައިވީ ނަމަވެސް، އެ ހެއްކަށް ވާސި ލުވެވިފައިނުވުމުގެ ސަބަބުން ހާމަވެފައިނުވާ ހެއްކަށެވެ.
(ފ) އާ ހެކި ލިބުމާ ގުޅިގެން މި މާއްދާގެ (ވ) ގެ ދަށުން މީހެއްގެ މައްޗަށްދައުވާ އުފުލާނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި، ދައުވާ އުފުލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެ މީހެއްގެ މައްޗަށް ދައުވާ އުފުލަންވާނެއެވެ. އަދި އެ ހާލަތުގައިވެސް އެފަދަ ދައުވާއެއް ކުރެވޭނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 61 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، ކުށް ކުރި ވަގުތުން ފެށިގެން 8 (އަށެއް) އަހަރު ދުވަސް ނުވަތަ ޖުނަހުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، އެ ކުށް ކުރި ވަގުތުން ފެށިގެން 3 (ތިނެއް) އަހަރު ދުވަސް ފާއިތުވެފައިނުވާނަމައެވެ.
(ދ) މި މާއްދާގެ (ފ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ކީރިތި ގުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާއި، މީހެއްގެ މަރާ ގުޅިގެން ތުހުމަތުކުރެވޭ މައްސަލަތަކުގައި، އާ ހެކި ލިބިގެން ދައުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތުން އިސްތިސްނާވެގެންވެއެވެ.
(ތ) މި މާއްދާގެ (ވ) ގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހެއްގެ މައްޗަށް ދައުވާކުރާ ހާލަތުގައި، މި ގާނޫނުގައި މީހަކު ބަންދުކުރަން ހުއްދަކުރާ ސަބަބެއް އޮތްކަމުގައިވާނަމަ، އެ މީހަކު ބަންދުގައި ބެހެއްޓުމަށް ތަހްގީގީ އިދާރާއަށް އެދެވިދާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 96 ވަނަ މާއްދާ އުނިކުރުން.
ކުށަށް އިއުތިރާފުވާ މީހުންގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލުމާއި އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުން 96.
(ހ) ކުށުގެ ތުހުމަތުގައިވާ މީހަކު ތަހްގީގުގައި ކުށަށް އިއުތިރާފުވާން ބޭނުންކަމަށް ބުނެފިނަމަ، އަންނަނިވި ބާވަތްތަކުގެ އެއްބަސްވުންތަކުގެ ތެރެއިން އެއްބަސްވުމެއް އޭނާއާއެކު ވުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
- މި ގާނޫނުގެ 100 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމެއް؛
- މި ގާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމެއް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމެއް ކުށުގެ ތުހުމަތުގައިވާ މީހާއާއެކު ވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމިއްލަ އިހްތިޔާރުގައި ހުށަހެޅިދާނެއެވެ. ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާއަށްވެސް ހުށަހެޅިދާނެއެވެ.
(ނ) ކުށުގެ ތުހުމަތުގައިވާ މީހަކު ތަހްގީގުގައި ކުށަށް އިއުތިރާފުވާން ބޭނުންކަމަށް ބުނެފިނަމަ، އޭނާއާ ތަހްގީގުގައި ސުވާލުކުރެވެމުންދާއިރު އެ މަޖިލީހަށް ހާޒިރުވެ، ތުހުމަތުކުރެވޭ މީހާ ކުށަށް އިއުތިރާފުވޭތޯ ބެލުމަށް އޭނާއާ ވާހަކަދެއްކުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވާހަކަދައްކާއިރު، ތުހުމަތުކުރެވޭ މީހާ ކުށަށް އިއުތިރާފުވޭތޯ ބެލުމަށް ތިރީގައި ބަޔާންކޮށްފައިވާފަދަ ކަންކަން އޭނާއަށް ހުށަހެޅުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
- އޭނާގެ މައްޗަށް އިތުރު ދައުވާއެއް ނުކުރުން؛
- އޭނާގެ މައްޗަށް ކޮށްފައިވާ ބައެއް ދައުވާ އަނބުރާ ގެންދިއުން؛
- ކުށުގެ އަދަބު ލުއިކޮށްދޭން އެދޭނަމަ، އަދަބު ލުއިކޮށްދެވިދާނެ ގޮތްތައް.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 101 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިތުރު ކުށެއް ކުރުން 101.
މި ގާނޫނުގެ މި ބައިގެ ދަށުން ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ ނިންމާ މައްސަލައެއް، އެ މައްސަލައެއްގެ ބާވަތުން، އެ މައްސަލަ ނިންމާ ތާރީހުން ފެށިގެން، ނަސޭހަތުގެ އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ، 6( ހައެއް( މަހާއި 3 (ތިނެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތެއްގައި، ނަސޭހަތް ދެވުނު މީހާ އިތުރު ކުށެއް ކޮށްފިނަމަ، އޭނާގެ މައްޗަށް އެ ކުށުގެ ދައުވާއާއެކު، އެ ކުށާ ގުޅިގެން ނަސޭހަތް ދެވުނު ކުށުގެ ދައުވާވެސް ކުރަންވާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 104 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިއުތިރާފުގެ އެއްބަސްވުން 104
(ހ) ކުށުގެ ތުހުމަތުގައިވާ މީހަކު، ތަހްގީގު މަރުހަލާގައި، ނުވަތަ އޭނާގެ މައްޗަށް ދައުވާ އުފުލޭ ހާލަތުގައި އިބްތިދާއީ އަޑުއެހުން ނިމުމުގެ ކުރިން ކުށަށް އިއުތިރާފުވެއްޖެނަމަ، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އޭނާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަ ލްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމެއް ކުށުގެ ތުހުމަތުގައިވާ މީހާއާއެކު ވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމިއްލަ އިހްތިޔާރުގައި ހުށަހެޅިދާނެއެވެ. ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާއަށްވެސް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހަކު ކުށަށް އިއުތިރާފުވާ ހާލަތުގައި، އޭނާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވާންވާނީ، އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.
- ކުށުގެ ތުހުމަތުގައިވާ މީހާ ވާ އިއުތިރާފަކީ، ކުށުގެ ހުރިހާ ރުކުންތަކާއި އުންސުރުތަކަށް، ތަފްސީލީ ގޮތެއްގައިވާ އިއުތިރާފެއްކަމަށްވުން؛ އަދި
- އޭނާގެ އެ އިއުތިރާފުގައި ހިމެނޭ ކަންކަމާއި، އެހާތަނަށް ތަހްގީގަށް ހޯދިފައިވާ ހޯދުންތަކާއި ތަހްގީގަށް ލިބިފައިވާ ހެއްކާ އެކަށީގެންވާ ނިސްބަތަކަށް ދިމާވުން؛ އަދި
- ތަހްގީގަށް އެހާތަނަށް ހޯދިފައިވާ ހެކި އޭނާ އިއުތިރާފުވާ ކުށް އޭނާގެ މައްޗަށް ސާބިތުކުރުމަށް ވާގިވެރިވުން؛ އަދި
- އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ދައުލަތުން ދިނުމަށް ހުށަހަޅާ ލުއިތަކަކީ، ދައުވާ ލިބޭ ފަ ރާތުން ފޯރުކޮށްދޭ މައުލޫމާތުން އުފައްދައިދޭ ނަތީޖާއާ ވަޒަންހަމަވާ ލުއިތަކަކަށްވުން.
(ރ) ކުށުގެ ތުހުމަތުގައިވާ މީހަކު ތަހްގީގުގައި ކުށަށް އިއުތިރާފުވެއްޖެނަމަ، އެކަން، ވީއެންމެ އަވަހަކަށް، އަދި ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ގާނޫނު ތަންފީޒުކުރާ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަންގަންވާނެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމެއް ވުމަށް ކުށުގެ ތުހުމަތުގައިވާ މީހާ ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން، އެ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެންގުމުން، ކުށުގެ ތުހުމަތުކުރެވޭ މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު މަށްވަރާކުރެވި، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އިއުތިރާފުގެ އެއްބަސްވުމެއް ވެވިދާނެއެވެ. އަދި އެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ކުރާ މަށްވަރާގައި، މި މާއްދާގައި ބަޔާންކުރާ އެއްބަސްވުމުގައި ހިމެނުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ހުށަހެޅުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
- އަންނަނިވި ކަންކަން ފުރިހަމަވާނަމަ، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ އަމަލުގައި ހިމެނޭ ކަންކަމުގެ ތެރެއިން ވަކިވަކި ދައުވާ އުފުލިދާނެ އެހެން އަމަލުތަކާ ގުޅިގެން ދައުވާއެއް ނުކުރުމަށް ނުވަތަ އެހެން ކުށެއްގެ ދައުވާއެއް ނުކުރުމަށް ނުވަތަ އޭނާގެ މައްޗަށް ކޮށްފައިވާ އެހެން ދައުވާއެއް އަނބުރާ ގެނައުމަށް؛
- ކުށުގެ ބާވަތުން އެ ކުށަކީ ކުޑަ ކުށަކަށްވެފައި، އެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލުމުގައި ހާސިލުވާނެ އާންމު މަސްލަހަތެއް ނެތުން؛ ނުވަތަ
- އެ ކުށުގެ އަދަބަކީ ނުވަތަ އެ ކުށުގެ ނަތީޖާއަކީ، އިއުތިރާފުގެ އެއްބަސްވުން ނިސްބަތްވާ ކުށް ސާބިތުކުރުމަށް އިތުރު ވަރުގަދަކަމެއް ގެނެސްދޭ ކަމަކަށްނުވުން؛ ނުވަތަ
- އެ ކުށުގެ ދައުވާގެ ށަރީއަތް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިމުމުގެ ފުރުސަތު ކުޑަވުމާއެކު، ދައުވާ ލިބޭ ފަރާތާއެކު ވާ އިއުތިރާފުގެ އެއްބަސްވުމުގެ ނަތީޖާގެ ބޭރުން، އޭނާއަށް އިތުރު ކުށެއްގެ ދައުވާ އުފުލައި އަދަބު ލިބުމަކީ، އޭނާ ޖަވާބުދާރީކުރުވުމަށް ނުވަތަ މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމަކަށްނުވުން.
- ކުށުގެ އަދަބު ލުއިކޮށްދޭން އެދޭނަމަ، އަދަބު ލުއިކޮށްދެވިދާނެ ގޮތްތައް.
(ކ) މި މާއްދާގެ ދަށުން ވެވޭ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކުރެވޭނީ އަންނަނިވި ގޮތުގެމަތިންނެވެ.
- އިއުތިރާފުގެ އެއްބަސްވުމެއްވަނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކުރާ ކުށަކާ ގުޅިގެންނަމަ، އެ ކުށަށް އެއްބަސްވެވޭ އަދަބު، ގާނޫނުލްއުގޫބާތުގެ 1002 ވަނަ މާއްދާގައި ހިމެނޭ، ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި އެ ދަރަޖައިގެ ކުށަކަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ކުޑަވެގެންނުވާނެއެވެ.
- އިއުތިރާފުގެ އެއްބަސްވުމެއްވަނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކުރާ ކުށަކާ ގުޅިގެންނަމަ، އެ ކުށަށް އެއްބަސްވެވޭ އަދަބު، ގާނޫނުލްއުގޫބާތުގެ 1005 ވަނަ މާއްދާގައި ހިމެނޭ، އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލުގައި ބަޔާންކުރާ ގޮތަށް ބަދަލުކޮށް، އެގޮތުގެމަތިން އެއްބަސްވުމުގައި ހިމެނިދާނެއެވެ.
- އިއުތިރާފުގެ އެއްބަސްވުމެއްވަނީ ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނެއްގައި ބަޔާންކުރާ ކުށަކާ ގުޅިގެންނަމަ، އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބުގެ ދެބައިކުޅަ އެއްބަޔަށްވުރެ އަދަބު ކުޑައެއް ނުކުރެވޭނެއެވެ. އަދި ގާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަނުވާނެ އަދަބަކަށް އެއްބަސްވެވިދާނެއެވެ.
(އ) އިއުތިރާފުގެ އެއްބަސްވުމެއް ވުމަށްޓަކައި، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މަށްވަރާތައް ފެށޭއިރު، ކުށުގެ ތުހުމަތުގައިވާ މީހާ ގާނޫނީ ވަކީލެއް އައްޔަންކޮށްފައިނުވާނަމަ، ގާނޫނީ ވަކީލެއް އައްޔަންކުރުމުގެ ފުރުސަތު އޭނާއަށް އޮތްކަން ގާނޫނު ތަންފީޒުކުރާ އިދާރާއިން އޭނާއަށް އަންގަންވާނެއެވެ. އަދި ކުށުގެ ތުހުމަތުގައިވާ މީހާ ގާނޫނީ ވަކީލެއް އައްޔަންކުރުމަށް ބޭނުންކަމަށް ބުނެފިނަމަ، ގާނޫނީ ވަކީލެއް އައްޔަންކުރުމަށްޓަކައި އެކަށީގެންވާ ފުރުސަތެއް ގާނޫނު ތަންފީޒުކުރާ އިދާރާއިން އޭނާއަށް ދޭންވާނެއެވެ.
(ވ) މި މާއްދާގެ (އ) އެހެން އޮތްނަމަވެސް، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ގާނޫނީ ވަކީލަކު އައްޔަންކުރުމަށް ލިބޭ ފުރުސަތު ކުށުގެ ތުހުމަތުގައިވާ މީހާ ދޫކޮށްލައިފިނަމަ، ވަކީލެއްގެ އެހީތެރިކަމާ ނުލައި އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(މ) މި މާއްދާގައިވާ ގޮތުގެމަތިން، ކުށުގެ ތުހުމަތުކުރެވޭ މީހާއާއި، ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް ނިންމައިފިނަމަ، އެ މީހަކު ކުށަށް އިއުތިރާފުވާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ދައުވާ އުފުލުމަށްޓަކައި މައްސަލައިގައި އެހާތަނަށް ލިބިފައިވާ އެންމެހައި ހެއްކާއެކު މައްސަލައިގެ ލިޔުންތައް ގާނޫނު ތަންފީޒުކުރާ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ. ނަމަވެސް، ކުށުގެ ތުހުމަތުގައިވާ މީހާއަކީ މި ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ ތަހްގީގުކުރުމުގެ މުއްދަތު އެ މީހެއްގެ މައްޗަށް ހިނގާ މީހެއް ކަމުގައިވެފައި، އޭނާ ކުށަށް އިއުތިރާފުވާތާ 5 (ފަހެއް) ދުވަސް ހަމަވުމުގެ ކުރިން މި ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވާނެނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން ދައުވާކުރުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާއިން އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.
(ފ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ އިއުތިރާފުގެ އެއްބަސްވުމެއް ހެދުމާގުޅޭ ތަފްސީލީ އިޖުރާއަތުތައް، މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ (10) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) (10) އޭނާ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން 107 ކުށަށް އިއުތިރާފުވެއްޖެނަމަ، އޭނާގެ މައްސަލަ މި ގާނޫނުގެ 162 ވަނަ މާއްދާގެ ދަށުން އަވަސްނިޔާއިން ބެލޭނެކަން ނުވަތަ މި ގާނޫނުގެ 108 ވަނަ މާއްދާގެ (ރ) ގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި ނިންމޭނެކަން އެންގުން.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 108 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެނަމަ، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ށަރީއަތް، މި ގާނޫނުގެ 17 ވަނަ ބާބުގައިވާ ގޮތުގެމަތިން ހިންގުމަކާ ނުލައި ، މި ގާނޫނުގެ 23 ވަނަ ބާބުގެ ދަށުން އެ މައްސަލަ އަވަސްނިޔާއިން ނިންމުމަށްޓަކައި ށަރީއަތުގެ އަޑުއެހުމެއް ބޭއްވޭނެ ކަމުގައި ނުވަތަ މި މާއްދާގެ (ރ) ގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބަލައި ނިންމޭނެކަން ދައުވާ ލިބޭ މީހާއަށް ފަނޑިޔާރު އަންގަންވާނެއެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 108 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) މި މާއްދާގެ ދަށުން ހުށަހަޅާ އެއްބަސްވުމަކީ، އެހާތަނަށް 108 މައްސަލައިގައި ލިބިފައިވާ ހެއްކަށް ބަލާއިރު، ނުވަތަ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގައި ހިމެނޭ މުހިންމު ކަންކަމަށް އެކަށީގެންވާ މިންވަރަކަށް ރިއާޔަތްކުރުމެއްނެތި ހުށަހަޅާފައިވާ އެއްބަސްވުމެއްނަމަ، އެ އެއްބަސްވުމާމެދު އަލުން ވިސްނުމަށް އެންގުމުގެ ބާރު، ނުވަތަ އެއްބަސްވުން ބަލައިނުގަތުމަށް ނިންމުމުގެ ބާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. މި މާއްދާގެ (ނ) ގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިއުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަތުންނަމަ، އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި، އެ ށަރީއަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ފަނޑިޔާރު އަދަބު ކަނޑައަޅައި، ހުކުމްކުރަންވާނެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 108 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(އ) ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވާ ހާލަތުގައި، އެ އިއުތިރާފާއި 108 މި ގާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ފަނޑިޔާރު ސާފުކޮށްދޭ ކަންކަން، ލިޔުމުން ނުވަތަ ވީޑިއޯ ނުވަތަ އޯޑިއޯ މެދުވެރިކޮށް، ރެކޯޑުކުރެވިފައި އޮންނަންވާނެއެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 108 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ (ވ) އުނިކުރުން.
(ވ) އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެނަމަ، އެ މައްސަލަ އަވަސްނިޔާއިން ނިންމުމަށްޓަކައި ށަރީއަތުގެ އަޑުއެހުމެއް ބާއްވަންވާނެއެވެ.
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 109 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މި ގާނޫނުގެ 107 ވަނަ މާއްދާގައި ބުނާ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތުން ދައުވާއަށް އިންކާރުކުރާ، ނުވަތަ އިއުތިރާފުން ރުޖޫއަވާ ހާލަތެއް މެދުވެރިވެދާނެކަމަށް ބަލައި، އިއުތިރާފުގެ އެއްބަސްވުމެއް ހިމެނޭ މައްސަލައެއް ކޯޓަށް ހުށަހަޅާއިރު، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަހްގީގު އިތުރަށް ފުރިހަމަކުރުމުގެ ފުރުސަތު ދައުލަތުން ބޭނުންވާކަން ނުވަތަ ނޫންކަން ބަޔާންކޮށް ލިޔުމުން ހުށަހަޅަންވާނެއެވެ. މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި، ދައުވާ ލިބޭ ފަރާތުން ދައުވާއަށް އިންކާރުކޮށްފިނަމަ، އަދި މި މާއްދާގައިވާ ގޮތުގެމަތިން ދައުލަތުން އެފަދައިން ލިޔުމުން އެދިފައިވާނަމަ، ތަހްގީގު އިތުރަށް ފުރިހަމަކުރުމުގެ ފުރުސަތު ފަނޑިޔާރު ދައުލަތަށް ދޭންވާނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 118 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މައްސަލައިގައި ހިމެނޭ ފަރާތަކުން މި މާއްދާގައިވާ ގޮތުގެމަތިން ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ކޯޓަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމަކާމެދު ގޮތެއް ނިންމުމަށް ވީއެންމެ އަވަހަކަށް ކޯޓުން އަޑުއެހުމެއް ބާއްވަންވާނެއެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 118 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(އ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ލިބޭ ފުރުސަތުގައި، ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ގޮތުގައި އެއް ހުށަހެޅުމަށްވުރެ ގިނަ ހުށަހެޅުން ށަރީއަތަށް ހުށަހެޅިއްޖެ ހާލަތެއްގައި، އެ އެންމެހައި ހުށަހެޅުމަކާމެދު ގޮތެއް ނިންމުމަށްޓަކައި އެއް އަޑުއެހުން ބޭއްވުމަށް މި މާއްދާ ހުރަހެއްނާޅައެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ). (5) ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަކަށް އެދުން؛
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 144 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ށަރީއަތުގެ މަރުހަލާގައި އިއުތިރާފުގެ އެއްބަސްވުމެއްވުން 1-144
(ހ) މި ގާނޫނުގެ 138 ވަނަ މާއްދާގެ ދަށުން އިބްތިދާއީ އަޑުއެހުން ނިންމައި ށަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްއާއި، ކުށުގެ ދައުވާ އުފުލިފައިވާ މީހާ، އިއުތިރާފުގެ އެއްބަސްވުމެއް ވާން ބޭނުންނަމަ، މި ގާނޫނުގެ 150 ވަނަ މާއްދާގެ ދަށުން ހުލާސާ ބަޔާން ހުށަހެޅުމުގެ ށަރީއަތުގެ މަޖިލިސް ފެށުމުގެ ކުރިން، އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި، އެ ފަރާތްތަކުން ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުށަހެޅުމުން، އެކަމުގައި މަށްވަރާކޮށް ގޮތެއް ނިންމުމަށް، 15 (ފަނަރަ) ދުވަހުގެ ފުރުސަތެއް ދިނުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. މިފަދައިން ކޮންމެ މައްސަލައެއްގައިވެސް މަށްވަރާކޮށް ގޮތެއް ނިންމުމަށް ފުރުސަތު ދެވޭނީ އެއް ފަހަރުއެވެ. އެ ފުރުސަތު ނުދޭން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުމަކީ އިސްތިއުނާފުކުރެވޭނެ ނިންމުމެއް ނޫނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ އެއްބަސްވުމުގައި އަންނަނިވި ކަންކަމަށް އެއްބަސްވެވިދާނެއެވެ.
- ދައުވާ ލިބޭ މީހާގެ މައްޗަށް ހުށަހެޅިފައިވާ ދައުވާތަކުގެ ތެރެއިން ހުރިހާ ދައުވާތަކަކަށް ނުވަތަ ބައެއް ދައުވާތަކަށް އިއުތިރާފުވުން؛
- ދައުވާ ލިބޭ މީހާގެ ފަރާތުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހިމެނޭ އެހެން ބައެއްގެ މައްޗަށް ހެކިބަސް ދިނުމަށް، ނުވަތަ ކުށް ކޮށްފައިވާ ގޮތާބެހޭ އިތުރު މައުލޫމާތު، ނުވަތަ ހެކި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ގަބޫލުކުރެވޭ މިންވަރަށް ފޯރުކޮށްދިނުން؛
- މި ގާނޫނުގެ 104 ވަނަ މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާނަމަ، އޭނާގެ މައްޗަށް ހުށަހަޅާފައިވާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތައް އަނބުރާ ގެންދިއުން؛
- ދައުވާ ލިބޭ މީހާއަށް ދެވޭނެ އަދަބާ ބެހޭގޮތުން އެއްބަސްވުން.
(ރ) މި މާއްދާގެ (ށ) ގެ ދަށުން އެއްބަސްވުމެއް ވުމުގެ ކުރިން، މި ގާނޫނުގެ 104 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކުރަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއް ބަލައިގަތުމަށް ކޯޓުން ނިންމައިފިނަމަ، އެ އެއްބަސްވުމުގައިވާ ގޮތުގެމަތިން އަމަލުކުރުމަށް މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ލާޒިމުވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ހުށަހަޅާ އެއްބަސްވުމެއް ބަލައިގަތުމަށް ނުވަތަ ބަލައިނުގަތުމަށް ނިންމާ ނިންމުމަކީ، އިސްތިއުނާފަށް ހުށަހެ ޅޭނެ ނިންމުމެއް ނޫނެވެ. އަދި އެފަދަ އެއްބަސްވުމަކާމެދު ށަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ފާޅުކުރި ހިޔާލެއްގެ ސަބަބުން، ނުވަތަ ދެއްކި ވާހަކައެއްގެ ސަބަބުން ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް އުފަންކޮށް ހުށަހަޅައިގެންނުވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ހުށަހަޅާ އެއްބަސްވުމަކީ، އެހާތަނަށް މައްސަލައިގައި ލިބިފައިވާ ހެއްކަށް ބަލާއިރު، ނުވަތަ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގައި ހިމެނޭ މުހިންމު ކަންކަމަށް އެކަށީގެންވާ ވަރަށް ރިއާޔަތްކުރުމެއްނެތި ހުށަހަޅާފައިވާ އެއްބަސްވުމެއްނަމަ، އެ އެއްބަސްވުމާމެދު އަލުން ވިސްނުމަށް އެންގުމުގެ، ނުވަތަ އެއްބަސްވުން ބަލައިނުގަތުމަށް ނިންމުމުގެ ބާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.
(އ) މި މާއްދާގެ ދަށުން ހަދާ އެއްބަސްވުން ބަލައިނުގަތުމަށް ފަނޑިޔާރު ނިންމައިފިނަމަ، މި ގާނޫނުގައިވާ ގޮތުގެމަތިން ށަރީއަތުން އެ މައްސަލައެއް ކުރިއަށްގެންގޮސް އެ މައްސަލައާމެދު ގޮތެއް ނިންމަންވާނެއެވެ.
17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 149 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަށް އެދުން 149.
(ހ) ޖިނާއީ މައްސަލައެއްގައި ހިންގޭ ށަރީއަތެއްގައި ހެކިބަސްދޭ މީހަކީ މި މާއްދާގެ (ށ) ގައި ބަޔާންކުރާ ސަބަބަށްޓަކައި ހިމާޔަތް ލިބިދޭންޖެހޭ މީހެއް ކަމަށް ދައުލަތަށް ގަބޫލުކުރެވިއްޖެނަމަ، ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ކޯޓަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅޭނީ، އޭނާ ހެކިބަސްދޭ ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލު އޮތްކަމުގައި އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ ގަބޫލުކުރެވޭނަމައެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ހެކިބަސްދޭ މީހާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލެއް އޮތުމުގެ ތެރޭގައި އޭނާގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ އާއިލާގެ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ހާލަތްތައް ހިމެނެއެވެ.
(ރ) ހެކިބަސްދޭ މީހަކީ ހިމާޔަތްދޭންޖެހޭ މީހެއް ކަމަށް ބަޔާންކޮށް މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ކޯޓަށް ހުށަހަޅާއިރު، އެ ނިންމުމަށް ވާސި ލުވި ސަބަބު ބަޔާންކުރަންވާނެއެވެ.
(ބ) ހެކިބަސްދޭ މީހާ ހެކިބަސްދޭ ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލު އޮތްކަމުގައި އޭނާއަށް ގަބޫލުކުރެވޭނަމަ، އޭނާއަކީ ހިމާޔަތްދޭންޖެހޭ މީހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށް ދައުލަތުގެ ކިބައިން އެދުމުގެ ހައްގު، ހެކިބަސްދޭ މީހާއަށްވެސް ލިބިގެންވެއެވެ.
(ޅ) މި ގާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ހެކިބަސްދޭ މީހަކީ ހިމާޔަތްދޭންޖެހޭ މީހެއް ކަމަށް ދެނެގަނެވުނީ މައްސަލައިގެ ށަރީއަތް ފެށުމުގެ ފަހުން ކަމުގައިވާނަމަ، އެފަދަ ހުށަހެޅުމެއް، ށަރީއަތް ފެށުމުގެ ފަހުން ހުށަހެޅުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.
(ކ) ހެކިބަސްދޭ މީހަކު ހިމާޔަތްކުރުމުގެ އަމުރަކަށް އެދެނީ، މި މާއްދާގެ (ޅ) ގެ ދަށުން ކަމުގައިވާނަމަ، އެފަދަ ހުށަހެޅުމެއް ކޯޓަށް ހުށަހަޅާއިރު، އެ ހުށަހެޅުން ށަރީއަތް ފެށުމުގެ ފަހުން ހުށަހެޅި ސަބަބު ބަޔާންކުރަންވާނެއެވެ.
18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 149 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.
ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރު 1-149
(ހ) މި ގާނޫނުގެ 149 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ކޯޓަށް ހުށަހަޅާ ހުށަހެޅުމެއް ބެލުމަށްފަހު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ހެކިބަސްދޭ މީހާއަކީ ހިމާޔަތް ލިބިދޭންޖެހޭ މީހެއް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އޭނާއަށް ހިމާޔަތްދޭންޖެހޭ މިންވަރު ދަރަޖަކޮށް، އޭނާ ހިމާޔަތްކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށާއި ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހެކިބަސްދޭ މީހަކު ހިމާޔަތްކުރުމުގެ އަމުރެއް ނެރެދިނުމުގައި، އަންނަނިވި ކަންކަމަށް ފަނޑިޔާރު ރިއާޔަތްކުރަންވާނެއެވެ.
- މި ގާނޫނުގެ 149 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން، ހެކިބަސްދޭ މީހާއަށް ހިމާޔަތްދޭންޖެހޭ ސަބަބު ކަމަށް ދައުލަތުން ހުށަހަޅާ ސަބަބުތަކާއި އޭގެ ތަފްސީލު؛
- ދައުވާ ލިބޭ ފަރާތުން ކުރި ކުށުގެ ތަހްގީގު ހިންގި ފަރާތުން ހުށަހަޅާ ކަންކަން؛
- ހެކިބަސްދޭ މީހާއަށް ހިމާޔަތްދިނުމުން، އޭނާ ހެކިބަސްދޭ މައްސަލައިގެ ށަރީއަތް އިންސާފުވެރިކަމާއެކު ހިންގުމަށް އެހީތެރިވެދޭނެ މިންވަރު؛
- ހެކިބަސްދޭ މީހާގެ ހެކިބަސް، އެ ހެކިބަސްދޭ މައްސަލައަކަށް މުހިންމުވާ މިންވަރު؛
- ހެކިބަސްދޭ މީހާގެ ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ މައްސަލައިގެ ބާވަތުން އާންމު މަސްލަހަތަށް އަސަރުކުރާނެ މިންވަރު.
(ނ) ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރު ތަންފީޒުކުރާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
(ރ) ހެކިބަސްދޭ މީހަކު ހިމާޔަތްކުރުމުގެ އަމުރެއް މި މާއްދާގެ ދަށުން ކޯޓުން ކުރާ ހާލަތުގައި، މި މާއްދާގެ (ނ) ގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން އެ އަމުރު ތަންފީޒުކުރުމުގައި، އެ މީހާއަށް ހިމާޔަތްދޭންޖެހޭ މިންވަރާއި ދަރަޖަ ކަނޑައެޅުމާބެހޭ އުސޫލުތަކާއި، އެނޫންވެސް އެ މީހަކަށް ހިމާޔަތްދިނުމާގުޅޭ ތަފްސީލީ އުސޫލުތައް، މި ގާނޫނުގެ ދަށުން އެ ހިދުމަތުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި މި ގަވާއިދު މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލަންވާނެއެވެ.
ހިމާޔަތްކުރެވޭ ހެކީންގެ ހެކިބަސް ނެގުން 2-149
(ހ) ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނަގަންވާނީ ށަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް މި ގާނޫނުގެ 147 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރެއް މި ގާނޫނުގެ 1-149 ވަނަ މާއް ދާގެ (ހ) ގެ ދަށުން ނެރޭ ހާލަތުގައި، އެފަދަ ފަރާތެއްގެ ހެކިބަސް ނަގަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހެކިބަސްދޭ މީހާ ހިމާޔަތްކޮށް، ރައްކާތެރިކުރެވޭނެ ގޮތެއްގެމަތިންނެވެ.
(ށ) ހެކިބަސްދޭ މީހަކީ މި ގާނޫނުގެ 1-149 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިމާޔަތްދިނުމަށް އަމުރުކޮށްފައިވާ މީހެއްނަމަ، ކުށުގެ ތުހުމަތުގައިވާ މީހާގެ ހާޒިރުގައި ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާއަށް ހެކިބަސްދޭ ފަރާތަކީ ކާކުކަން އެނގިދާނެފަދަ ގޮތަކަށް ށަރީއަތުގެ މަޖިލީހުގައި ހެކިބަސްދޭ މީހާއާ އެއްވެސް ސުވާލެއް ކުރުމުގެ ފުރުސަތު ފަނޑިޔާރު ދީގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ އުސޫލު އެއްގޮތަށް ދެމެހެއްޓުމަށްޓަކައި، މި ގާނޫނުގެ 1-149 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިމާޔަތްކުރުމަށް އަމުރުކޮށްފައިވާ މީހުންގެ ހެކިބަސް ނެގުމުގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
- ހެކިބަސްދޭ މީހާއަކީ ކާކުކަން ހާމަނުވާގޮތަށް އޭނާގެ އަޑު ބަދަލުކުރުމަށްފަހު އޯޑިއޯ ނުވަތަ އަޑު ފޮނުވައިދޭ ވަސީލަތެއްގެ ޒަރީއާއިން އޭނާއާ ސުވާލުކޮށް، އޭނާގެ ހެކިބަސް ނެގުން؛
- އެ މީހަކީ ކާކުކަން ހާމަނުވާގޮތަށް މަންޒަރު ބަދަލުކުރުމަށްފަހު ވީޑިއޯގެ ޒަރީއާ އިން އޭނާއާ ސުވާލުކޮށް، އޭނާގެ ހެކިބަސް ނެގުން؛
- ށަރީއަތް ފެށުމުގެ ކުރިން ނަގާފައިވާ ހެކިބަސް ކޯޓަށް އިއްވުން؛
- ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ހާޒިރެއްގައި ނޫން ގޮތަކަށް ހެކިބަސް ނެގުން.
(ރ) ދައުވާ ލިބޭ ފަރާތް ނުވަތަ އޭނާގެ ވަކީލު، މި ގާނޫނުގެ ދަށުން ހިމާޔަތްދޭން ކޯޓުން އަމުރުކޮށްފައިވާ ހެކިބަސްދޭ މީހަކާ ކުރާ ސުވާލުތަކުގެ ތެރޭގައި އޭނާއަކީ ކާކުކަން ހާމަވެދާނެ ސުވާލެއް ހިމެނޭނަމަ، އެފަދަ ސުވާލުތަކަށް އޭނާ ޖަވާބުދޭންނުޖެހޭ ކަމަށް ފަނޑިޔާރު ކަނޑައަޅަންވާނެއެވެ.
(ބ) ހެކިބަސްދޭ މީހާއަކީ ކާކުކަން އެނގޭނެ މައުލޫމާތާއި އަދި އޭނާއަށް ހިމާޔަތްދިނުމުގެ ގޮތުން އޭނާ ވަކި ތަނެއްގައި ބެހެއްޓިފައިވާނަމަ، އެ ތަނެއްގެ މައުލޫމާތު، އޭނާ ހިމާޔަތްކުރުމުގެ އަމުރު ނެރުނު ފަނޑިޔާރު ކަނޑައަޅާ ބަޔަކަށް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ޅ) ހެކިބަސްދޭ މީހާއަކީ ކާކުކަން ހާމަނުކުރުމަށް އޭނާއާ ގުޅޭގޮތުން ސިއްރުކުރާ މައުލޫމާތު، ތަހްގީގު މަރުހަލާގައިވެސް، އަދި ދައުވާކުރުމާމެދު ގޮތެއް ނިންމުމުގެ މަރުހަލާގައިވެސް ސިއްރުގެ ގޮތުގައި ދަމަހައްޓަންވާނެއެވެ. އަދި މައްސަލަ ނިމުމަށްފަހުގައިވެސް އެ މައުލޫމާތު ސިއްރުގެ ގޮތުގައި ދަމަހައްޓަންވާނެއެވެ.
19 މާއްދާ - ބުނެވިދިޔަ ގާނޫނުގެ 156 ވަނަ މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) (8) ދައުވާ ލިބޭ މީހާގެ މައްޗަށް ކަނޑައެޅޭ އަދަބު، މި ގާނޫނުގެ 104 ވަނަ މާއްދާ ނުވަތަ މި ގާނޫނުގެ 1-144 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމެއްގައިވާ ގޮތުގެމަތިން ލުއިކޮށްދޭނަމަ، އެކަން؛
20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 162 ވަނަ މާއްދާގެ (ރ) އުނިކުރުން.
(ރ) ދައުވާ ލިބޭ ފަރާތަކީ، މި ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއްނަމަ، އަދި އެ އެއްބަސްވުމަކީ އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ބަލައިގެންފައިވާ އެއްބަސްވުމެއްނަމަ، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ، އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިންނެވެ.
21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 168 ވަނަ މާއްދާގެ (ށ) އަދި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) ޖިނާއީ ބޮޑެތި ކުށްތަކުގެ ށަރީއަތްތަކުގައި، މައްސަލައިގައި ހިމެނޭ ހަސްމުންނާއި، ހެކީންނާއި، ހަބީރުން އަނގަބަހުން ދައްކާ ވާހަކަތަކުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑުކުރަންވާނެއެވެ. އަދި މައްސަލައިގެ ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓާއެކު، އެ ރިޕޯޓުގެ ބައެއްގެ ގޮތުގައި އެ ރެކޯޑިންގ ހިމަނާފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މައްސަލައިގައި ހިމެނޭ ހަސްމުންނާއި، ހެކީންނާއި، ހަބީރުން އަނގަބަހުން ދައްކާ ވާހަކަތަކުގެ ރެކޯޑެއް ލިޔުމުން ހޯދުމަށް މައްސަލައިގެ ހަސްމަކު އެދިއްޖެނަމަ، އެކަމަށް އެދޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިޔުމުން އެ ރެކޯޑު ދޭންވާނެއެވެ. އަދި އެކަމަށްޓަކައި އެކަށޭނަ ފީއެއް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 169 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
މައްސަލައިގެ ރެކޯޑިންގ އަޑުއެހުމާއި ބަޔާންތައް ބެލުމުގެ ފުރުސަތު 169.
(ހ) ށަރީއަތުގައި ހިނގަމުންދާ މައްސަލަތަކުގައި ދައުލަތުން ނުވަތަ ދައުވާ ލިބޭ ފަރާތުން އެދެފިނަމަ، ށަރީއަތުގެ އަޑުއެހުންތަކުގެ ރެކޯޑިންގ އަޑުއެހުމުގެ އަދި/ނުވަތަ ބެލުމުގެ ފުރުސަތު އެ ފަރާތަކަށް ކޯޓުން ދޭންވާނެއެވެ. އަދި އެ ރެކޯޑިންގގެ ކޮޕީއެއް ހޯދުމަށް އެއިން ފަރާތަކުން އެދިއްޖެނަމަ އެ ކޮޕީއެއް އެ ފަރާތަކަށް ފޯރުކޮށްދޭންވާނެއެވެ.
23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 170 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކޯޓުގެ ހުރުމަތް ކެނޑުން 170.
ހިނގަމުންދާ ށަރީއަތެއްގެ އެއްވެސް މަރުހަލާއެއްގައި އެއްވެސް ފަރާތަކުން ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ހިންގައިފިނަމަ، އެ ފަރާތަކާމެދު، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން ފިޔަވަޅުއެޅުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.
24 ބުނެވިދިޔަ ގާނޫނުގެ 198 ވަނަ މާއްދާގެ (ރ) އަދި (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ނެރެފައިވާ އަމުރެއް ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނަމަ، އެ އަމުރެއް ނެރޭ ތާރީހުން ފެށިގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި އިސްތިއުނާފުކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ނުވަތަ (ރ) ގައިވާ ގޮތުގެމަތިން ކޯޓުން ނެރޭ އަމުރެއް ނުވަތަ ނިންމާ ނިންމުމެއް އިސްތިއުނާފުކުރުމުން، އެފަދައިން އިސްތިއުނާފުކުރާ ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އަމުރާމެދު ނުވަތަ އެ ނިންމުމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 198 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ޅ) ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް ނުވަތަ ށަރީއަތުގެ މަރުހަލާގައި ކޯޓަކުން ނެރެފައިވާ އަމުރެއް އިސްތިއުނާފުކުރުމަށް މި މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެއް ފަނޑިޔާރަކަށް އެ މައްސަލައާމެދު ގޮތެއް ކަނޑައެޅިދާނެއެވެ.
26 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
ޖިނާއީ އިޖްރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-12)
ކޮންސޮލިޑޭޓެޑް ގާނޫނު
ޖިނާއީ އިޖްރާއަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2016-12)
ކިޔުންތެރިންގެ ހިޔާލު