-

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2014-16)

 

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ވަޒީފާ އަދާކުރާ ތަންތަނާއި ތައުލީމު ދޭ ތަންތަނާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި، މިނޫންވެސް އިޖްތިމާއީ ހިދުމަތްދޭ އެހެނިހެން ތަންތަނުގައި ދިމާވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތައް ހުއްޓުވުމަށްޓަކައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ކަންކަން ހުއްޓުވުމުގައި އެކި ފަރާތްތަކުގެ ޒިންމާ ބަޔާންކުރުމާއި، އެފަދަ ކަންކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ކަމަށް ބުނެފައިއެވަނީ، މީހެއްގެ ނުގަބޫލުގައި އެހެން މީހަކު އޭނާއާ ދެކޮޅަށް ނުވަތަ އޭނާއަށް ނިސްބަތްކޮށް ޖިންސީ އަމަލެއް ހިންގުމަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި މީހަކާ ދެކޮޅަށް ނުވަތަ މީހަކަށް ނިސްބަތްކޮށް ޖިންސީ އަމަލެއް ހިންގުން ކަމުގައި ބެލޭނީ، އެ އަމަލު ހިންގާ މީހާ ދައްކާ ވާހަކައަކުން، ނުވަތަ ބުނާ ބަސްތަކަކުން، ނުވަތަ ލިޔާ ލިޔުމަކުން، ނުވަތަ ދައްކާ ކުރެހުމަކުން ނުވަތަ ތަސްވީރަކުން ނުވަތަ އިއްވާ އަޑަކުން، ނުވަތަ ކުރާ އިށާރާތަކުން ނުވަތަ ކުރާ ހަރަކާތަކުން ނުވަތަ ބަލާ ބެލުމަކުން ކުރާ އެނޫންވެސް އަމަލެއްގެ ސަބަބުން އެ އަމަލު އެމީހަކާ ދެކޮޅަށް ހިންގޭ މީހާއަށް ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ދިއުމަށެވެ.

(ނ) މީހަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގައިފި ކަމަށް މި މާއްދާގެ ބޭނުމަށްޓަކައި ކަނޑައެޅުމުގައި ބަލާނެ މިންގަނޑު ކަމުގައި ވާނީ، އެ އަމަލު ހިންގުމުގައި ވަށައިގެންވާ އެންމެހައި ހާލަތްތަކަށް ރިއާޔަތްކުރުމާއެކު، އެ އަމަލުގެ ސަބަބުން، އެ އަމަލު ރައްދުވާ ފަރާތަށް ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ހިނގައިދާނެ ކަމަށް މުޖުތަމައުގައި އުޅޭ ސަލާމަތް ބުއްދި ހުރި މީހަކަށް ގަބޫލުކުރެވޭ މިންގަނޑެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި މީހަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމުގެ އަމަލެއް މި މާއްދާގައިވާ ގޮތުގެމަތިން ހިންގިކަމުގައި ކަނޑައަޅާނީ، މަދަނީ މިންގަނޑުންނެވެ.

 

ދެވަނަ ބާބު

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުން

3 ވަނަ މާއްދާ - ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަ ނުކުރުމާއި ގޯނާ ނުކުރުން

ވަޒީފާދޭ ފަރާތުން ނުވަތަ ވަޒީފާ އަދާކުރާ ތަނުގައި މަސައްކަތްކުރާ އެހެން ފަރާތަކުން ނަމަވެސް، އެފަރާތެއްގެ ދަށުން ނުވަތަ އެފަރާތާ އެކުގައި މަސައްކަތްކުރާ އެހެން ފަރާތަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގައިގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ - ވަޒީފާއަށް އެދި އަންނަ ފަރާތްތައް

(ހ) ވަޒީފާ އަދާކުރާ ތަނަކަށް ވަޒީފާއަކަށް އެދި އަންނަ ފަރާތަކަށް އެ ވަޒީފާ ލިބޭނީ، ވަޒީފާދޭ ފަރާތުން ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތައް ބަލައިގަނެގެން ކަމަށް ހީކުރެވޭފަދަ ގޮތަކަށް ވަޒީފާދޭ ފަރާތުގެ އަމަލުތައް ބަހައްޓައިގެން ނުވާނެއެވެ.

(ށ) ވަޒީފާދޭ ފަރާތުން ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތައް ބަލައިގަތުމަކީ، ވަޒީފާ ދިނުމުގައި ބަލާ މިންގަނޑެއްކަމަށް ވަޒީފާއަށް އެދި އަންނަ ފަރާތަކަށް އެއްވެސް މިންވަރަކަށް ހީކުރެވޭފަދަ ގޮތަކަށް ވަޒީފާދޭ ފަރާތުގެ ބަހުރުވަ ނުވަތަ އަމަލުތައް ބަހައްޓައިގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ - ވަޒީފާގައި ދެމިހުރުމާއި ކުރިއަށް ދިއުން

މުވައްޒަފަކަށް ވަޒީފާގައި ދެމިހުރެވޭނީ ނުވަތަ ކުރިއަށްދެވޭނީ ވަޒީފާދޭ ފަރާތުން ނުވަތަ ވަޒީފާ އަދާކުރާ ތަނުގައި މަސައްކަތްކުރާ އެހެން ފަރާތަކުން ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ނުވަތަ އަމަލުތަކެއް ބަލައިގަނެގެން ކަމަށް އެ މުވައްޒަފަކަށް ގަބޫލުކުރެވޭފަދަ ގޮތަކަށް ވަޒީފާދޭ ފަރާތުގެ އަމަލުތައް ބަހައްޓައިގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - ހައްގުތަކުން މަހްރޫމު ނުކުރުން

(ހ) ވަޒީފާ އަދާކުރާ އެންމެހައި ފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތަކާއި މަންފާތަކާއި ވަޒީފާގެ ކުރިއެރުން، ވަޒީފާދޭ ފަރާތުން ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތައް ބަލައިގަންނަ ފަރާތްތަކަށް ލިބޭނެފަދަ ގޮތަކަށް ނުވަތަ އެފަދަ ފަރާތްތަކަށް އިސްކަންދޭނެކަން ދޭހަވާނެ ގޮތަކަށް ނުވަތަ އެފަދަ އަމަލުތައް ބަލައިނުގަންނަ ފަރާތަކަށް ލިބިނުދެވޭނެފަދަ ގޮތަކަށް، ވަޒީފާ އަދާކުރާ ތަނެއްގެ މަސައްކަތުގެ މާހައުލު ބައްޓަންވެފައި އޮވެގެން ނުވާނެއެވެ.

(ށ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލަކާ ގުޅިގެން މި ގާނޫނުގެ ދަށުން ބެލޭ މައްސަލައެއްގައި އެފަދަ މައްސަލައެއް ހުށަހަޅާ ފަރާތަކަށް ނުވަތަ ހެކިބަސްދޭ ފަރާތަކަށް ނުވަތަ އެފަދަ މައްސަލައެއް ހުށަހަޅާ ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކަށް އެ ސަބަބަށްޓަކައި ވަޒީފާ ލިބުމުގެ ފުރުސަތުން ނުވަތަ ވަޒީފާގައި ދެމިހުރުމުގެ ހައްގަށް ނުވަތަ ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުސަތުން ނުވަތަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ އެނޫންވެސް ހައްގަކުން އެއިން ފަރާތެއް މަހްރޫމްކޮށްގެން ނުވާނެއެވެ.

 

7 ވަނަ މާއްދާ - ވަޒީފާދޭ ފަރާތުން އެކަށީގެންވާ ފިޔަވަޅު އެޅުން

(ހ) ވަޒީފާގެ މާހައުލަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތަކުން ރައްކާތެރިވެގެންވާ، އެފަދަ ކަންކަމުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތަށް ނޭދެވޭ އަސަރުނުކުރާ މާހައުލަކަށް ހެދުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ށ) މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގާ ކަމަށް ވަޒީފާދޭ ފަރާތަށް އެނގިއްޖެނަމަ ނުވަތަ އެފަރާތުގެ ސަމާލުކަމަށް އެފަދަ ކަމެއް ގެނެވިއްޖެނަމަ އެ އަމަލެއް އެމީހަކާމެދު ހިންގުނު ފަރާތަށް އިތުރު ގެއްލުމެއް ލިބުނަ ނުދީ އެފަދަ ކަންކަން ހުއްޓުވުމަށް ވަޒީފާދޭ ފަރާތުން ފިޔަވަޅު އަޅަންވާނެއެވެ.

(ނ) ވަޒީފާ އަދާކުރާ ތަނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިނގާކަން އެނގިހުރެ އެފަދަ އަމަލު ހުއްޓުވުމަށް ވަޒީފާދޭ ފަރާތުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާނަމަ، އެކަމުގެ ސަބަބުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ތަހައްމަލު ކުރަންޖެހުނު ފަރާތަށް ލިބޭ ގެއްލުމަށް ވަޒީފާދޭ ފަރާތުން ޒިންމާ އުފުލަންޖެހޭނެއެވެ.

 

8 ވަނަ މާއްދާ - ޖިންސީ ފުރައްސާރަކުރުމާ ބެހޭގޮތުން ގެންގުޅޭ ސިޔާސަތު އާންމުކޮށް ފެންނާނެފަދަ ގޮތަކަށް ބެހެއްޓުން

(ހ) ޖިންސީ ފުރައްސާރަކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫންކަމަށާއި، އެފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން އަދި ޖިންސީ ފުރައްސާރަކުރުމާ ބެހޭގޮތުން އެ ތަނުގައި ގެންގުޅޭ ސިޔާސަތުތައް، އެ ތަނުގެ މުވައްޒަފުންނަށާއި އެ ތަނަށް ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ފެންނާނެފަދަ ގޮތަކަށް ވަޒީފާ އަދާކުރާ ކޮންމެ ތަނެއްގައި ބެހެއްޓިފައި ހުންނަންވާނެއެވެ.

(ށ) ޖިންސީ ފުރައްސާރަކުރުމާ ބެހޭގޮތުން ށަކުވާއެއް ހުށަހަޅަން ބޭނުން ފަރާތްތަކަށް ށަކުވާ ހުށަހެޅޭނެ ފޯމާއި، ށަކުވާ ހުށަހަޅަންވީ އުސޫލު އަދި އެކަމާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތައް އާންމުކޮށް އެނގެން ހުންނާނެ ފަދަ އިންތިޒާމެއް ވަޒީފާ އަދާކުރާ ތަންތަނުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.

(ނ) ޖިންސީ ފުރައްސާރަކުރުމާ ބެހޭގޮތުން ވަޒީފާ އަދާކުރާ ތަނުގައި ގެންގުޅޭ ސިޔާސަތުތައް، އެ ތަނުގެ މުވައްޒަފުންނަށް ސާފުކޮށް ކިޔައިދޭންވާނެއެވެ.

 

ތިންވަނަ ބާބު

މަރުކަޒުތަކުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުން

9 ވަނަ މާއްދާ - މަރުކަޒުތަކުގައި ޖިންސީ ފުރައްސާރަ ނުކުރުން ނުވަތަ ގޯނާ ނުކުރުން

މަރުކަޒެއްގެ ވެރިޔަކު ނުވަތަ އެ މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތަކުން، އެ މަރުކަޒަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޖިންސީ ފުރައްސާރަކޮށް ނުވަތަ ގޯނާކޮށްގެން ނުވާނެއެވެ. ނުވަތަ އެ މަރުކަޒަކީ ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ މަރުކަޒެއްނަމަ އެ ތަނުގައި ބަލަހައްޓަމުންދާ ކުޑަކުދިން ނުވަތަ މީހުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާކޮށްގެން ނުވާނެއެވެ. އަދި ހަމައެހެންމެ އެ މަރުކަޒަކަށް ހިދުމަތް ހޯދަން އަންނަ ފަރާތަކުން އެ މަރުކަޒުގައި ހިދުމަތް ފޯރުކޮށްދޭން ހުންނަ ފަރާތަކަށް ޖިންސީ ފުރައްސާރަކޮށް ނުވަތަ ގޯނާކޮށްގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - މަރުކަޒުތަކުގެ ވެރިންގެ ޒިންމާ

މަރުކަޒުތަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކާމެދު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގުން މަނާކޮށް، އެކަމުގައި ގެންގުޅޭ ސިޔާސަތު އެކަށައަޅައި، އެ ސިޔާސަތުތައް އެ މަރުކަޒުގައި މަސައްކަތްކުރާ އަދި އެ މަރުކަޒަކަށް ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހާމަކޮށްދީ، އެ މަރުކަޒަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުން ރައްކާތެރިވެގެންވާ މަރުކަޒުތަކަކަށް ހެދުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަކީ އެފަދަ މަރުކަޒުތަކުގައި ތިބޭ ވެރިންގެ ޒިންމާއެކެވެ.

 

11 ވަނަ މާއްދާ - މަރުކަޒުތަކުގެ ވެރިންނާއި މުވައްޒަފުންގެ އަމަލުތައް ބަހައްޓަންވީ ގޮތް

އަންނަނިވި ކަންކަމަށް މަގުފަހިވާ ގޮތަކަށް ނުވަތަ ހިދުމަތް ހޯދުމަށް މަރުކަޒަކަށް އަންނަ ފަރާތްތަކަށް އެއިން ކަމެއް ދޭހަވާފަދަ ގޮތަކަށް، މަރުކަޒުތަކުގެ ވެރިންނާއި މުވައްޒަފުންގެ އަމަލުތައް ބަހައްޓައިގެން ނުވާނެއެވެ.

(ހ) މަރުކަޒުން ހިދުމަތް ލިބިގަތުމަށް އަންނަ ފަރާތަކަށް އެ ފުރުސަތު ދެވޭނީ އެ މަރުކަޒެއްގެ ވެރިޔެއް ނުވަތަ މުވައްޒަފެއް ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ބަލައިގަންނަ ފަރާތްތަކަށް ކަން؛

(ށ) މަރުކަޒަކުން ޖާގައެއް ހޯދޭނީ ނުވަތަ އެ ތަނުން ފޯރުކޮށްދޭ ހިދުމަތެއް އަވަސް ކޮށްދޭނީ، އެ މަރުކަޒެއްގެ ވެރިޔަކު ނުވަތަ މުވައްޒަފަކު ހިންގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ބަލައިގަތުމުންކަން؛

(ނ) މަރުކަޒުތަކުން ހަމަހަމަ ގޮތެއްގައި ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ބަލައިގަންނަ ފަރާތްތަކަށް އިސްކަންދޭނެކަން؛

(ރ) މަރުކަޒަކީ ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ ތަނެއްނަމަ، އެ ތަނެއްގައި، ތިބޭ ކުޑަކުދިން ނުވަތަ މީހުންނަށް ލިބެންޖެހޭ ހިދުމަތެއް ނުވަތަ މަންފާއެއް ނުވަތަ ލުޔެއް ލިބޭނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ބަލައިގަތުމުންކަން؛

(ބ) މަރުކަޒުތަކުން ގަވާއިދާ އެއްގޮތަށް ވަކިކުރަންޖެހުނު ނަމަވެސް، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ބަލައިގަންނަ ފަރާތްތައް ވަކިނުކޮށް ބައިތިއްބާނެކަން.

 

12 ވަނަ މާއްދާ - ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުން ރައްކާތެރިވެގެންވާ ތަންތަނަށް ހެދުން

މަރުކަޒުތަކުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ނުވަތަ މަރުކަޒަކީ ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ ތަނެއްނަމަ، އެ ތަނުގައި ތިބޭ ކުޑަކުދިންނަށް ނުވަތަ މީހުންނަށް އެ ތަންތަނަކީ ރައްކާތެރި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ފަދަ ނޭދެވޭ އަމަލުތަކުން ސަލާމަތްވެގެންވާ ތަންތަން ކަމުގައި ހެދުމަކީ މަރުކަޒުތަކުގެ ވެރިންގެ ޒިންމާއެކެވެ.

 

13 ވަނަ މާއްދާ - ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ގެންގުޅޭ ސިޔާސަތު އާންމުކޮށް ފެންނާނެފަދަ ގޮތަކަށް ބެހެއްޓުން

(ހ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫންކަމަށާއި، އެފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން އެ މަރުކަޒަކުން ގެންގުޅޭ ސިޔާސަތުތައް، އެ މަރުކަޒުތަކަށް ހިދުމަތް ލިބިގަންނަން އަންނަ ހުރިހާ ފަރާތްތަކަށް ނުވަތަ އެ މަރުކަޒަކީ ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ ތަނެއްނަމަ، އެ ތަނުގައި ތިބޭ ކުޑަކުދިންނަށް ނުވަތަ މީހުންނަށް ފެންނާނެފަދަ ގޮތަކަށް އެފަދަ މަރުކަޒުތަކުގައި ބެހެއްޓިފައި ހުންނަންވާނެއެވެ.

(ށ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ށަކުވާއެއް ހުށަހަޅަން ބޭނުން ފަރާތްތަކަށް ށަކުވާ ހުށަހަޅާނެ ފޯމާއި، ށަކުވާ ހުށަހަޅަންވީ އުސޫލު އަދި އެކަމާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތައް އާންމުކޮށް އެނގެން ހުންނާނެފަދަ އިންތިޒާމެއް އެފަދަ މަރުކަޒުތަކުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.

 (ނ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން މަރުކަޒުތަކުން ގެންގުޅޭ ސިޔާސަތުތައް، އެފަދަ މަރުކަޒުތަކުން އިންތިޒާމުކުރާ ގޮތެއްގެމަތިން ހިދުމަތް ލިބިގަތުމަށް ށައުގުވެރިވާ ފަރާތްތަކަށް ސާފުކޮށް ކިޔައިދޭންވާނެއެވެ.

 

ހަތަރުވަނަ ބާބު

ށަކުވާ ހުށަހެޅުން

14 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ހައްގު

(ހ) ވަޒީފާ އަދާކުރާ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފަކާމެދު ވަޒީފާދޭ ފަރާތުން ނުވަތަ އެ ތަނުގައި މަސައްކަތްކުރާ އެހެން ފަރާތަކުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގައިފިނަމަ، ވަޒީފާ އަދާކުރާ ތަނުގައި މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް މައްސަލަ ހުށަހެޅުމުގެ ހައްގު އެ މުވައްޒަފަކަށް ލިބިގެންވެއެވެ.

(ށ) މަރުކަޒެއްގެ ވެރިން ނުވަތަ އެ މަރުކަޒެއްގައި މަސައްކަތްކުރާ އެހެން ފަރާތަކުން އެ މަރުކަޒަށް ހިދުމަތް ހޯދަން އަންނަ ފަރާތަކާމެދު ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގައިފިނަމަ، އެ މަރުކަޒުގައި މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް މައްސަލަ ހުށަހެޅުމުގެ ހައްގު އެމީހަކަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ބަލައިގަންނަ ފަރާތްތަކަށް އިސްކަންދިނުމުން ށަކުވާ ހުށަހެޅުން

ވަޒީފާދޭ ފަރާތުން ކުރާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ބަލައިގަންނަ ފަރާތަކަށް ވަކި ވަޒީފާއެއް ލިބިފައިވާނަމަ ނުވަތަ ވަޒީފާގެ ކުރިއެރުމެއް ލިބިފައިވާނަމަ، އެފަދަ އަމަލެއް ބަލައިނުގަތުމުގެ ސަބަބުން ވަޒީފާ ނުލިބުނު ފަރާތަށް ނުވަތަ ވަޒީފާގެ ކުރިއެރުން ނުލިބުނު ފަރާތަށް، ވަޒީފާދޭ ފަރާތާ ދެކޮޅަށް ށަކުވާ ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ވަޒީފާ އަދާކުރާ އެހެން ތަނަކަށް ނުވަތަ އެހެން މަރުކަޒަކަށް ށަކުވާ ހުށަހެޅުން

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއްގެ ށަކުވާ ރައްދުވާ ފަރާތަކީ ށަކުވާ ހުށަހެޅި ފަރާތާ އެއް ތަނެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ނުވާނަމަ، ށަކުވާ ރައްދުވާ ފަރާތް މަސައްކަތްކުރާ ތަނެއްގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ށަކުވާ ހުށަހެޅުމުގެ ހައްގު ށަކުވާ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ

(ހ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ހުށަހެޅޭ ށަކުވާތައް ބަލައި ތަހްގީގުކޮށް ފިޔަވަޅު އެޅުމަށްޓަކައި، 30 (ތިރީސް) މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކޮންމެ ތަނެއްގައި އަދި، ކޮންމެ މަރުކަޒެއްގައި "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި ވީނަމަވެސް، ކޮމިޓީއެއް އުފެއްދޭ މިންވަރަށްވުރެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގައި، އެ ތަނެއްގެ މައި އިދާރާގައި ނުވަތަ މައި ކުންފުނީގައި ނުވަތަ އެ ތަނަކީ ޑިޕާޓްމަންޓެއްނަމަ، ކަމާބެހޭ މިނިސްޓްރީގައި އެފަދަ ކޮމިޓީއެއް އެކުލަވާލާފައި އޮތުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ނ)  މި  މާއްދާގެ (ހ) އަދި (ށ) އެހެންއޮތް ނަމަވެސް، ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިވަން މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހާއި، ގާނޫނުން އުފައްދާފައިވާ ކޮންމެ ކޯޓެއްގައި މި މާއްދާގެ (ހ) ގައި ބުނާ ކޮމިޓީ އުފެއްދުމަށް މި ގާނޫނު ލާޒިމުކުރެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެންއޮތް ނަމަވެސް، ކޯޓުތަކުގެ ތެރެއިން 30 މުވައްޒަފުން ހަމަނުވާ ކޯޓުތަކުގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތައް ބެލުމަށްޓަކައި މި މާއްދާގެ (ހ) ގައިވާ ކޮމިޓީ ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގައި އުފައްދަންވާނެއެވެ.

(ބ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ދަށުން ވަޒީފާ އަދާކުރާ ތަންތަނުގައާއި މަރުކަޒުތަކުގައި އެކުލަވާލަންޖެހޭ ށަކުވާ ކޮމިޓީ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ނިންމަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ނުވަތަ (ށ) ނުވަތަ (ނ) ގައިވާ ގޮތުގެމަތިން ށަކުވާ ކޮމިޓީއެއް އުފައްދާފައިނުވާ ތަންތާނގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތަކާބެހޭ މައްސަލަތައް ހުށަހަޅާނީ، ސީދާ ޓްރައިބިއުނަލަށެވެ.

 

18 ވަނަ މާއްދާ - ކޮމިޓީ އެކުލަވާލުން

(ހ) ށަކުވާ ކޮމިޓީ އެކުލަވާލާނީ ވަޒީފާ އަދާކުރާ ތަނެއްގެ ނުވަތަ މަރުކަޒެއްގެ ހިއުމަން ރިސޯސްއާބެހޭ ސެކްށަނުންނެވެ.  ނުވަތަ އެފަދަ ސެކްށަނެއް ނެތް ތަނެއްނަމަ، އެ ތަނެއްގެ އެންމެ އިސް ވެރިޔާއެވެ.

(ށ) ކޮމިޓީ އެކުލަވާލާނީ 3 (ތިނެއް) މެންބަރުންގެ މައްޗަށެވެ.

(ނ) ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހަމަޖައްސާނީ އެ ތަނެއް ނުވަތަ މަރުކަޒެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ވެރިންގެ ތެރެއިން ބަޔެކެވެ.

(ރ) ކޮމިޓީގައި މަދުވެގެން 1 (އެކެއް) އަންހެން މެންބަރަކު އިންނަންވާނެއެވެ.

(ބ) ކޮމިޓީގެ މެންބަރުންގެ ތެރެއިން ކޮމިޓީއަށް ޗެއަރ ޕަރސަންއެއް އިންތިހާބުކުރަންވާނެއެވެ.

(ޅ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގާފައިވާކަމުގެ ށަކުވާއެއް އެފަރާތަކާމެދު ހުށަހެޅިފައިވާ ފަރާތެއް ނުވަތަ އެފަދަ އަމަލެއް ހިންގިކަމަށް އެފަރާތެއްގެ މައްޗަށް ސާބިތުވެ ފިޔަވަޅު އަޅާފައިވާ ފަރާތެއް ކޮމިޓީގައި ހިމެނިގެން ނުވާނެއެވެ.

(ކ) ކޮމިޓީގައި، އެ ކޮމިޓީ ނިސްބަތްވާ މުއައްސަސާގެ މުވައްޒަފުން ފިޔަވައި އެހެން ފަރާތެއް ހިމެނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

19 ވަނަ މާއްދާ - ކޮމިޓީގެ ޒިންމާއާއި މަސްއޫލިއްޔަތު

ށަކުވާ ކޮމިޓީގެ ޒިންމާއާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫންކަން އާންމުކޮށް އެނގޭނެފަދަ ގޮތަކަށް ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ މަރުކަޒުތަކުގައި ފެންނަން ހުންނާނެހެން ބެހެއްޓުން؛

(ށ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާ ބެހޭގޮތުން މުވައްޒަފުންނަށް ނުވަތަ ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން؛

(ނ) މަރުކަޒަކީ ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ ތަނެއްނަމަ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާ ބެހޭގޮތުން އެ ތާނގައި ތިބޭ ކުޑަކުދިން ނުވަތަ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން؛

(ރ) އެ ތަނެއް ނުވަތަ މަރުކަޒެއްގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލަކާ ބެހޭގޮތުން ށަކުވާއެއް ހުށަހެޅިއްޖެނަމަ ނުވަތަ އެފަދަ އަމަލެއް ހިނގާ ކަމަށް މަގްބޫލު ސަބަބަކާހުރެ ގަބޫލުކުރެވިއްޖެނަމަ، އެ ށަކުވާ ނުވަތަ ތުހުމަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ ބަޔަކު ހާޒިރުކޮށް، ބަޔާން ނަގައި ހެކިބަސް ހޯދުން؛

(ބ) ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ހުށަހެޅޭ ށަކުވާތަކާ ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުން؛

(ޅ) ށަކުވާއަކާ ގުޅިގެން ކުރަންޖެހޭ ތަހްގީގުތައްކޮށް، ށަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ސާބިތުވެއްޖެނަމަ، ވަޒީފާއާބެހޭ ގާނޫނާ ހިލާފު ނުވާނެ ގޮތެއްގެމަތިން އޭނާއާމެދު އެކަށީގެންވާ ފިޔަވަޅުއެޅުން؛

(ކ) ށަކުވާއަކާ ގުޅިގެން ކުރަންޖެހޭ ތަހްގީގުތައް ކޮށް، އެ ށަކުވާއަކީ ޖިނާއީ ކުށަކާ ގުޅޭ ށަކުވާއެއްނަމަ، އެ މައްސަލަ އިތުރަށް  ތަހްގީގުކުރުމަށް ކަމާބެހޭ ފަރާތަށް ހުށަހެޅުމަށް ށަކުވާ ހުށަހެޅި ފަރާތަށް އެންގުމާއި އެކަން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން؛

(އ) މައްސަލަ ބެލުމަށްފަހު، ށަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގިކަމަށް ސާބިތުވެއްޖެނަމަ، އޭގެ ސަބަބުން މުވައްޒަފަށް ގެއްލިފައިވާ އިނާޔަތެއް ނުވަތަ ވަޒީފާގެ ކުރިއެރުމެއް ނުވަތަ އެހެންވެސް ހައްގެއް ހޯދުމަށް ފުރުސަތު ފަހިކޮށްދިނުން؛ ނުވަތަ ށަކުވާ ހުށަހެޅީ މަރުކަޒަކުން ހިދުމަތެއް ހޯދުމަށް ދިޔަ ފަރާތެއްނަމަ، އޭގެ ސަބަބުން އޭނާއަށް ގެއްލިފައިވާ ފުރުސަތެއް ނުވަތަ ހައްގެއް ހޯދުމަށް ފުރުސަތު ފަހިކޮށްދިނުން.

 

20 ވަނަ މާއްދާ - ކޮމިޓީން މައްސަލަ ބެލުން

(ހ) ށަކުވާ ކޮމިޓީން އެ ކޮމިޓީއަށް ހުށަހެޅޭ މައްސަލަ ބެލުމުގައި އަމަލުކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

(ށ) ށަކުވާ ކޮމިޓީގެ މަސައްކަތް ކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް، ވަޒީފާ އަދާކުރާ ތަނުން ނުވަތަ މަރުކަޒަކުން ހަމަޖައްސައިދޭންވާނެއެވެ.

 

21 ވަނަ މާއްދާ - ށަކުވާ ހުށަހަޅާ އަދި ރައްދުވާ ފަރާތުގެ ހައްގުތައް

(ހ) ށަކުވާ ކޮމިޓީއަށް ހުށަހެޅޭ ށަކުވާތައް އެ ކޮމިޓީން ބެލުމުގައި ށަކުވާ ހުށަހަޅާ ފަރާތަށް އަންނަނިވި ފުރުސަތުތައް ދޭންވާނެއެވެ.

  1. އޭނާ ހުށަހަޅާ މައްސަލަ ތަފްސީލުކޮށް ބަޔާންކޮށްދިނުމަށް؛
  2. އޭނާ ހާޒިރުކުރަން އެދޭ ހެކިން ހާޒިރުކުރުމަށް.

(ށ)    ށަކުވާ ކޮމިޓީއަށް ހުށަހެޅޭ ށަކުވާތަކުގެ ތެރެއިން ށަކުވާއެއް ބެލުމުގައި އެ މައްސަލަ ރައްދުވާ ފަރާތަށް އަންނަނިވި މައުލޫމާތާއި ފުރުސަތު ދޭންވާނެއެވެ.

  1. ހުށަހެޅިފައިވާ މައްސަލައިގެ ތަފްސީލު؛
  2. މައްސަލައިގައި ދިފާއު ހުށަހެޅުމުގެ ފުރުސަތު.

 

22 ވަނަ މާއްދާ - ކޮމިޓީއަށް އެޅިދާނެ ފިޔަވަޅުތައް

(ހ) ށަކުވާ ކޮމިޓީން މައްސަލަ ބެލުމަށްފަހު ކޮމިޓީން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި އަންނަނިވި ކަންކަން ހިމެނިދާނެއެވެ.

  1. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގި ފަރާތަށް އެފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ލިޔުމުން ނަސޭހަތްތެރިވުން؛
  2. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގި ފަރާތަށް އެފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެ ލިޔުމުން އިންޒާރުދިނުން؛
  3. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގި ފަރާތް ވަކި މުއްދަތަކަށް ވަޒީފާއިން ސަސްޕެންޑްކުރުން؛
  4. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގި ފަރާތް އަދާކުރަމުން ދިޔަ ޒިންމާއިން ވަކިކުރުން؛
  5. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގި ފަރާތް އަދާކުރަމުން ދިޔަ ވަޒީފާއަށްވުރެ ދަށު ދަރަޖައެއްގެ ވަޒީފާއަކަށް ބަދަލުކުރުން؛
  6. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގި ފަރާތް ވަޒީފާއިން ވަކިކުރުން.

(ށ) މި މާއްދާގެ ދަށުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ހިންގި ފަރާތަކާމެދު އަޅާ ފިޔަވަޅުތައް އެފަރާތެއްގެ ވަޒީފާގެ ރެކޯޑުގައި ހިމަނަންވާނެއެވެ.

 

23 ވަނަ މާއްދާ - މައްސަލަ ބަލައި ނިންމުމުގެ ވަގުތު

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެއެވެ.

 

24 ވަނަ މާއްދާ - ކޮމިޓީގެ މެންބަރަކަށް ރައްދުވާ ށަކުވާ

ށަކުވާ ރައްދުވާ ފަރާތަކީ ކޮމިޓީގެ މެންބަރެއް ކަމުގައިވާނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޮމިޓީއަށް އަމަލުކުރެވިދާނެއެވެ.

(ހ) ށަކުވާ ހުށަހަޅާ ފަރާތުން އެ ށަކުވާއެއް ސީދާ ޓްރައިބިއުނަލަށް ހުށަހެޅުން؛ ނުވަތަ

(ށ) ށަކުވާ ރައްދުވާ ފަރާތް އެ މައްސަލަ ބެލުމުން ތަނާޒުލުކުރުވުމާއެކު، އޭނާ ކޮމިޓީގައި ނުހިމެނޭގޮތަށް އެ މައްސަލަ ބެލުން؛

(ނ) ށަކުވާ ހުށަހެޅި ފަރާތުގެ ރުހުމާއެކު، އެ ތަނެއްގެ ހިއުމަން ރިސޯސް ސެކްށަނުން ނުވަތަ އެ ތަނެއްގެ އެންމެ އިސްކޮށް ހުރި ވެރިޔަކު ވަގުތީ ކޮމިޓީއެއް އެކުލަވާލުން.

 

25 ވަނަ މާއްދާ - ކޮމިޓީ ނުއުފައްދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގައިވާ ފަދައިން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އުފެއްދުމަށް މި ގާނޫނުގެ 17 ވަނަ މާއްދާއިން ލާޒިމުކުރާ ތަންތަނުން، މި ގާނޫނު ފާސްވެ ތަސްދީގުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެފަދަ ކޮމިޓީއެއް އުފެއްދުމަށްފަހު، އެ މައުލޫމާތު ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގާނޫނުގެ 17 ވަނަ މާއްދާގައިވާ ފަދައިން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއެއް އުފެއްދުމަށް މި ގާނޫނުގެ 17 ވަނަ މާއްދާއިން ލާޒިމުކުރާ ތަންތާނގައި ނުވަތަ  މަރުކަޒުތަކުގައި އެފަދަ ކޮމިޓީއެއް ގާއިމުކޮށްފައި ނުވާނަމަ، އެކަމުގެ ށަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލަ ބަލައި، އެ ތަނުގައި ނުވަތަ އެ މަރުކަޒުގައި ށަކުވާ ކޮމިޓީއެއް ގާއިމުކޮށްފައި ނުވާނަމަ، އެ ތަނެއް ނުވަތަ މަރުކަޒެއް 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

 

26 ވަނަ މާއްދާ - ކޮމިޓީން މައްސަލަ ނިންމުމުން ޓްރައިބިއުނަލަށް ހުށަހެޅުން

(ހ) ށަކުވާ ކޮމިޓީން ނިންމާ ނިންމުމެއް އެ މައްސަލަ ހުށަހެޅި ފަރާތަށް ގަބޫލުނުކުރެވޭނަމަ، ކޮމިޓީން އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 180 (ސަތޭކައަށްޑިހަ) ދުވަހުގެ ތެރޭގައި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓަރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިދެވޭނީ، މި ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ށަކުވާ ކޮމިޓީއަށް މައްސަލަ ހުށަހަޅައި، އެ ކޮމިޓީން މައްސަލަ ނިންމުމަށްފަހުގައެވެ.

(ނ) މައްސަލަ ބެލުމަށްފަހު، ށަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގިކަމަށް ސާބިތުވެއްޖެނަމަ، އެކަމުގެ ސަބަބުން ށަކުވާ ހުށަހެޅި ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ހައްގު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، މި ގާނޫނުގައިވާ ގޮތުގެމަތިން ކޮމިޓީއަށް ށަކުވާ ހުށަހަޅާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމާފައި ނުވާނަމަ، އެ މައްސަލައެއް ސީދާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިހްތިޔާރު ށަކުވާ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.

 

ފަސްވަނަ ބާބު

ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން

27 ވަނަ މާއްދާ - ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން

މި ގާނޫނުގެ 17 ވަނަ މާއްދާގެ (ޅ) ގެ ދަށުން ނުވަތަ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ 26 ވަނަ މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ހައްގު، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް އެމީހަކާ ދެކޮޅަށް ހިންގޭ މީހަކަށް ލިބިގެންވެއެވެ.

 

28 ވަނަ މާއްދާ - ޓްރައިބިއުނަލަށް ހުށަނޭޅޭނެ ބާވަތުގެ މައްސަލަ

(ހ) ހުށަހެޅިފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ގޮތުން ކުރެވުނު އަމަލެއް ނުވަތަ ކަމެއް ހިނގާދިޔަތާ 12 (ބާރަ) މަސްދުވަސް ފާއިތުވެފައިވާ ށަކުވާއެއް ޓްރައިބިއުނަލަށް ހުށައެއްނޭޅޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެންއޮތް ނަމަވެސް، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު ރައްދުވާ ފަރާތަކީ ކުޑަކުއްޖެއް ކަމުގައިވާނަމަ، އެ ކުޑަކުއްޖަކަށް 18 (އަށާރަ) އަހަރު ފުރުމަށްފަހު 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އެކުއްޖަކަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - މައްސަލަ ބެލުމުގައި އިންސާފުވެރިވުން

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލަންވާނީ، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑުން، އަދި އަދުލު އިންސާފު ގާއިމުކުރުމުގެ އަސާސްގެ މައްޗަށް ބިނާކޮށެވެ.

 

30 ވަނަ މާއްދާ - މައްސަލަ ބަލައި ނިންމުމުގެ ވަގުތު

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެއެވެ.

 

31 ވަނަ މާއްދާ - މައްސަލައިގެ އަޑުއެހުން ސިއްރުކުރުން

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އާންމު މަސްލަހަތެއް ނުހިމެނޭ މައްސަލައެއްގެ މައުލޫމާތު އާންމު ނުކުރުމަށް ނުވަތަ އެފަދަ މައްސަލައެއް އާންމުންނަށް ހުޅުވާނުލައި ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ - އެޅިދާނެ ފިޔަވަޅުތައް

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތަކުގެ މައްސަލަތައް ބެލުމަށްފަހު އެ އަމަލުތަކުގެ ކުޑަބޮޑު މިނަށް ބަލައި ތިރީގައިމިވާ ފިޔަވަޅުތައް އެޅުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ހ) މައްސަލައެއް ރައްދުވާ ފަރާތުން ކޮށްފައިވާ އަމަލަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމެއް ކަމަށް ނިންމައި، އެފަދަ އަމަލުތައް ކުރުން ވަގުތުން ހުއްޓާލުމަށާއި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ލިޔުމުން އެންގުން؛

(ށ) މައްސަލަ ރައްދުވާ ފަރާތުން ހިންގާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުގެ ސަބަބުން ށަކުވާ ހުށަހެޅި ފަރާތުގެ އެއްވެސް ހައްގެއް ނިގުޅައިގަނެވިފައިވާނަމަ އެ ހައްގެއް އަނބުރާ ހޯދައިދިނުމަށް އަމުރުކޮށް ލިޔުމުން އެކަން އެންގުން؛

(ނ) މައްސަލަ ރައްދުވާ ފަރާތަކީ މައްސަލަ ހުށަހެޅި ފަރާތާ އެކުގައި މަސައްކަތްކުރާ ފަރާތެއްނަމަ އެފަރާތުގެ އަމަލުތައް ހުއްޓުވައި އެފަދަ އަމަލެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ވަޒީފާދޭ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަޒީފާދޭ ފަރާތަށް ލިޔުމުން އެންގުން؛

(ރ) މައްސަލަ ރައްދުވާ ފަރާތުން ހިންގާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުން؛

(ބ) ޓްރައިބިއުނަލަށް އަޅަން ފެންނަ އިތުރު ފިޔަވަޅެއް އެޅުން.

 

33 ވަނަ މާއްދާ – ބަދަލުދިނުން

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއްގެ ސަބަބުން ގެއްލުން ލިބުނު ފަރާތަކަށް ބަދަލު ނަގައިދިނުމުގައި، އަންނަނިވި ކަންތައްތަކަށް ޓްރައިބިއުނަލުން ރިއާޔަތްކުރަންވާނެއެވެ.

(ހ) ށަކުވާ ހުށަހެޅި ފަރާތަށް ނަފްސާނީގޮތުން ލިބިފައިވާ ގެއްލުން؛

(ށ) އެ އަމަލުގެ ސަބަބުން ގެއްލިފައިވާ ވާޒީފާގެ ފުރުސަތުތައް ނުވަތަ ވަޒީފާގެ ކުރިއެރުން؛

(ނ) އެ އަމަލުގެ ސަބަބުން މަރުކަޒަކުން ހިދުމަތް ހޯދާ ފަރާތަށް ގެއްލިފައިވާ ފުރުސަތުތައް ނުވަތަ ލިބިފައިވާ މާއްދީ ގެއްލުން؛

(ރ) އެ އަމަލުގެ ސަބަބުން ލިބުނު ގެއްލުމަށް ބޭސްފަރުވާ ހޯދުމަށް ނުވަތަ ނަފްސާނީ އެހީ ހޯދުމަށް ހިނގާފައިވާ ހަރަދު؛

(ބ) މައްސަލަ ރައްދުވާ ފަރާތަށް ލިބޭ އާމްދަނީ.

 

34 ވަނަ މާއްދާ - މުސާރައިން ކެނޑޭގޮތަށް ބަދަލުދިނުން

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް މި ގާނޫނުގެ ދަށުން ސާބިތުވެއްޖެ ފަރާތަކަށް ބަދަލުދިނުމަށް މި ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ޓްރައިބިއުނަލުން އަންގާ އެންގުމަކާ އެފަރާތުން ހިލާފުވެއްޖެނަމަ، އެފަރާތެއްގެ މުސާރައިން ކެނޑޭގޮތަށް އެ އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް ދޭންޖެހޭ ބަދަލުދިނުމަށް ވަޒީފާދޭ ފަރާތަށް އެންގުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

35 ވަނަ މާއްދާ – އިސްތިއުނާފުކުރުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި ގާނޫނުގެ ދަށުން ޓްރައިބިއުނަލުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމުގައި އަމަލުކުރާނީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) ޓްރައިބިއުނަލުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމުގައި މުއްދަތު ގުނާނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

ހަވަނަ ބާބު

އެހެނިހެން

36 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

37 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ، ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް އިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި، ވަޒީފާ އަދާކުރާ ތަންތަނުގައި ގާއިމުކުރާ ށަކުވާ ކޮމިޓީއަކާއި، ހިދުމަތްދޭ މަރުކަޒުތަކާއި ކުޑަކުދިން ނުވަތަ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި ގާއިމުކުރާ ށަކުވާ ކޮމިޓީތަކުން މައްސަލަ ބަލާނެ ގޮތާއި މައްސަލަ ބެލުމުގައި އަމަލުކުރާނެ އުސޫލު ވަކިން ބަޔާންކުރަންވާނެއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުތައް ހަދައި އާންމުކުރަންވާނެއެވެ.

 

38 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު" މި އިބާރާތަށް ދީފައިއެވަނީ، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ މާނަކުރުމެވެ. އޭގެތެރޭގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުގެ ށިކާރައަކަށްވާ ފަރާތުގެ ނުރުހުމުގައި ކުރާ އަންނަނިވި ކަންކަން ހިމެނެއެވެ؛

  1. ފޮށުމުގެ ގޮތުން ތުނބުން ފުމުން.
  2. އުނދަގޫވާ ގޮތަށް ޖިންސީ ގުނަވަނަކަށް ބެލުން.
  3. ހަށިގަނޑުގެ އެއްވެސް ތަނެއްގައި ބީހުން.
  4. ބެއްދުން.
  5. ސަލާމްކުރުމުގެ ގޮތުން އަތުގައި ހިފުމަށްފަހު، ދޫނުކޮށް އަތަށް ފިއްތުން ނުވަތަ ކޮއްޓުން.
  6. އޮރިޔާން ކާޑު ނުވަތަ ބަދުއަހްލާގީ އަމަލު ހިންގަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯ ނުވަތަ ކުރެހުން ނުވަތަ ވީޑިއޯ ދައްކާ ހެދުން.
  7. ފޮށުމުގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ނިސްބަތްކޮށް ޖިންސީ ގޮތުން ނޭދެވޭ ވާހަކަ ދައްކާ ސަމާސާކުރުން.
  8. ވަޒީފާ ދެވޭނީ ނުވަތަ ވަޒީފާގައި ދެމިހުރެވޭނީ ނުވަތަ ވަޒީފާގައި ކުރިއެރުމުގެ ފުރުސަތު ލިބޭނީ ނުވަތަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ އެނޫންވެސް ކުރިއެރުމެއް ލިބިދެވޭނީ، ބަދަލުގައި ޖިންސީ އެދުމެއް ފުއްދައިދިނުމުން ނުވަތަ ޖިންސީ ފުރައްސާރަކުރުމުގެ ނުވަތަ ގޯނާކުރުމުގެ އަމަލެއް ބަލައިގަތުމުން ކަމަށް ދޭހަވާ ގޮތަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ހުށަހަޅާ ހުށަހެޅުންތައް.

(ށ) "ށަކުވާ ހުށަހަޅާ ފަރާތް" ކަމަށް ބުނެފައިއެވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް އެމީހަކާ ދެކޮޅަށް ހިންގޭ، އެ އަމަލުގެ ށިކާރައަކަށްވާ މީހާއަށެވެ.

(ނ) "ށަކުވާ ރައްދުވާ ފަރާތް" ކަމަށް ބުނެފައިއެވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގާ މީހާއަށެވެ.

(ރ) "ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައިއެވަނީ، ވަޒީފާދޭ ފަރާތާއި، ވަޒީފާ އަދާކުރާ ތަނުގެ އެހެން ވެރިން ހިމެނޭގޮތުންނެވެ.

(ބ) "މަރުކަޒުގެ ވެރިން" ކަމަށް ބުނެފައިއެވަނީ، މަރުކަޒެއްގެ ހިންގުމުގެ އެންމެ އިސް ފަރާތާއި، އެ ތަނުގެ އިސް ވެރިންނަށެވެ.

(ޅ) "މަރުކަޒު" ކަމަށް ބުނެފައިއެވަނީ، ތައުލީމީ މަރުކަޒުތަކާއި، ޖަލުތަކާއި، ކުޑަކުދިން ބަލަހައްޓާ ތަންތަނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ ތަންތަނާއި، މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، ކުޅިވަރާބެހޭ މަރުކަޒުތަކާއި އިޖްތިމާއީ މަރުކަޒުތަކާއި އެނޫންވެސް އާންމުންނަށް ހިދުމަތް ފޯރުކޮށްދޭ އެންމެހައި ތަންތަނަށެވެ.

(ކ) "މަރުކަޒަށް ހިދުމަތް ހޯދަން އަންނަ ފަރާތްތައް" ކަމަށް ބުނެފައިއެވަނީ، ތައުލީމީ މަރުކަޒަކަށް ނިސްބަތްކޮށް ކަމުގައިވާނަމަ، އެ ތަނެއްގައި ތައުލީމު ހާސިލުކުރުމަށް އަންނަ ދަރިވަރުންނަށެވެ. އެނޫން ބާވަތެއްގެ މަރުކަޒެއްނަމަ، އެ މަރުކަޒަކުން ފޯރުކޮށްދޭ ހިދުމަތެއް ލިބިގަތުމަށް އެ މަރުކަޒަށް އަންނަ ފަރާތްތަކަށެވެ.

(އ) "ކޮމިޓީ" ނުވަތަ "ށަކުވާ ކޮމިޓީ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރާ ތަންތަނުގައި އަދި މަރުކަޒުތަކުގައި ގާއިމުކުރާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށެވެ.

(ވ) "ޓްރައިބިއުނަލް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.

(މ) "ބަލައިގަތުން" ކަމަށް ބުނެފައިއެވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލަކަށް ރުހުމަށް ނުވަތަ ގަބޫލުކުރުމަށް ނުވަތަ އެއްބަސްވުމަށް ނުވަތަ އެއްބާރުލުމަށެވެ.

 

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-377)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު