-

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2022-16)

(މި ގާނޫނަށް އަމަލުކުރަން ފެށީ 24 އޮކްޓޫބަރު 2022 ގައި)

ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މާލީ ކަންކަން 22.

(ހ) ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން، ބާ ކައުންސިލަށް އެ އަހަރަކު ލިބޭނެ އާމްދަނީއާއި، ކެޕިޓަލް އަދި ރިކަރަންޓް ހަރަދުތައް ވަކިން އެނގޭނެހެން ތައްޔާރުކުރެވޭ ބަޖެޓެއް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ފާސްކުރަންވާނެއެވެ.

(ށ) ބާ ކައުންސިލުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އަދަދެއްގެ ފައިސާރައްޔިތުންގެ މަޖިލީހުން ފާސްކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ މަގްސަދު ހާސިލުކުރުމަށްޓަކައި، ބާ ކައުންސިލަށް ކުރިއަށް އޮތް އަހަރަށް ބޭނުންވާނެ ބަޖެޓް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ދައުލަތުގެ މާލީ ކަންކަން ހިންގުމާ ހަވާލުވެފައިވާ ވުޒާރާއަށް ބާ ކައުންސިލުން ހުށަހަޅަންވާނެއެވެ.

(ރ) ބާ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭ އެންމެހައި ފައިސާ ޖަމާކުރަންވާނީ، ބާ ކައުންސިލުގެ ނަމުގައި ހުޅުވާ ބޭންކް އެކައުންޓަށެވެ. އަދި ބާ ކައުންސިލުގެ އެންމެހައި ހަރަދުތައް ބަލަހައްޓަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ބ) ބާ ކައުންސިލުގެ ފައިސާގެ ހިސާބުތައް، ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދު ވަކިން އެނގޭނެހެން، ބާ ކައުންސިލުން ގަވާއިދުން ބަލަހައްޓަންވާނެއެވެ.

(ޅ) ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައިސާ ހޯދުމުގެ ބާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ. އަދި މިގޮތުން ހޯދާ ފައިސާ ބޭނުންކުރާނީ ބާ ކައުންސިލު ހިންގުމަށްޓަކައެވެ.

  1. ގާނޫނީ ވަކީލުން ދައްކާ ޗަންދާ؛ 
  2. ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި، ހުއްދަ އައުކުރުމާއި، ސެޓްފިކެޓް އަލުން ހެއްދުން ފަދަ ކަންކަމަށް ނެގޭ ފީ؛
  3. އިދާރީ ނުވަތަ ސުލޫކީ ފިޔަވަޅެއްގެ ގޮތުގައި ނެގޭ ޖޫރިމަނާ؛ 
  4. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކުންނާއި، އަމިއްލަ ފަރާތްތަކުންނާއި ބޭރުގެ ގައުމުތަކުން ލިބޭ މާލީ އެހީ؛
  5. ބާ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނެގޭ ފީ؛ 
  6. ބާ ކައުންސިލުގެ ފަރާތުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުން ލިބޭ ފައިސާ؛
  7. ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބާ ކައުންސިލުން ހިންގާ އެނޫންވެސް ހަރަކާތްތަކުން ލިބޭ އާމްދަނީއާއި ފައިސާ.

(ކ) ބާ ކައުންސިލުގެ މާލީ ހިސާބުތައް އަހަރަކު އެއްފަހަރު ލައިސަންސްޑް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓްކޮށް، އޮޑިޓް ރިޕޯޓެއް އެކުލަވާލަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ އޮޑިޓް ރިޕޯޓު ، ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކުރުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމްގެ ދާއިރާއާއި އޮނިގަނޑު ކަނޑައަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ބާ ކައުންސިލުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ބާ ކައުންސިލުން އެކުލަވާލާ ތަމްރީނު ޕްރޮގްރާމަކީ، ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ގާނޫނީ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މައުލޫމާތު ލިބޭގޮތަށް ފަރުމާކުރެވޭ ތަމްރީނު ޕްރޮގްރާމަކަށް ވާންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ (ރ) އަދި (ބ) އުނިކުރުން.

(ރ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ތަމްރީނު ފުރިހަމަކުރާ ފަރާތުން ތަމްރީނު ފުރިހަމަކުރި ތަނެއްގެ ވެރިންގެ ތެރެއިން އެފަރާތަށް ސީދާ ގޮތުން އިރުށާދު ދީ، އެފަރާތުގެ މަސައްކަތް ގާތުން ބެލި ފަރާތެއްގެ ކިބައިން ތަމްރީނު ފުރިހަމަކުރާ ފަރާތުން ފުރިހަމަކުރި ތަމްރީނާއި މަސައްކަތާ ގުޅޭގޮތުން ދީފައިވާ ރިޕޯޓެއް ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތުތަކަކީ ކޮބައިކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ހިމަނައި ށަރުތު ކަނޑައެޅުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ ބޭނުމަށްޓަކައި، "ތަނެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ހިދުމަތްދޭ ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، އޮފީސްތަކާއި، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ލޯ ޕްރެކްޓިސްތަކާއި ލޯ ފަރމްތައްހިމެނޭގޮތުންނެވެ.

 

5 ވަނަ މާއްދާ - 5 .ބުނެވިދިޔަ ގާނޫނުގެ 1-33 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ (ބ) އުނިކުރުން.

33-1 (ބ). ގާނޫނީ ވަކީލުކަމުގެ ހުވައި އައު ކުރުމުގެ ގޮތުން، މި މާއްދާގެ (ރ) ގެ 33 ދަށުން ގާނޫނީ ވަކީލުކަމުގެ ހުވައިކުރާ ހުރިހާ ފަރާތްތަކުން، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ބާ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބާ އިމްތިހާނުގައި ބައިވެރިވުން ލާޒިމުވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

53-1 - ދައުލަތުގެ ވަކީލުންގެ ސުލޫކީ ކަންކަން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ސުލޫކީ ހަމަތައް، ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެންމެހައި ގާނޫނީ ވަކީލުންގެ މައްޗަށް ހިނގާނެއެވެ. އެހެންނަމަވެސް، ދައުލަތުގެ ވަކީލުން، އެމީހުންގެ ރަސްމީ ހައިސިއްޔަތުން ދައުލަތް ތަމްސީލުކުރުމުގެ ގޮތުން އަދާކުރާ ޒިންމާއާ ގުޅިގެން އެ ވަކީލުން ޖަވާބުދާރީވާނީ، އެމީހުން ނިސްބަތްވާ ދައުލަތުގެ އިދާރާއަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ދައުލަތުގެ ވަކީލުން" ކަމަށް ބުނެފައި އެވަނީ، އެޓަރނީ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެ ދެފަރާތުން އައްޔަންކުރާ ގާނޫނީ ވަކީލުންނަށެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވަކީލުންގެ ސުލޫކީ ކަންކަން ބެލުން 54.

(ހ) ގާނޫނީ ވަކީލުން ނަގަހައްޓަންޖެހޭނެ ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލަކާ ނުވަތަ ސުލޫކީ މިންގަނޑަކާ، ނުވަތަ ވަކީލުންގެ ސުލޫކާއި، ވަކީލާއި މުވައްކިލުގެ ގުޅުމާ ގުޅޭގޮތުން މި ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެއްގައި ބަޔާންކޮށްފައިވާ އުސޫލަކާ ނުވަތަ ސުލޫކީ މިންގަނޑަކާ ގާނޫނީ ވަކީލަކު ހިލާފުވެއްޖެނަމަ، އަދި އޭނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އަމަލަކީ، ގާނޫނީ ފަންނުގެ އަސާސްތަކާއި އަދުލު އިންސާފު ގާއިމުކުރުމުގެ ހަމަތައް ނެގެހެއްޓުމަށްޓަކައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އޭނާ ތަބާވާންޖެހޭ ހަމަތަކާއި އުސޫލުތަކާ ހިލާފު، ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭފަދަ އަމަލެއް ކަމުގައިވާނަމަ، އެ ވަކީލެއްގެ ށަކުވާ ބާ ކައުންސިލަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަކުވާ ހުށަހެޅުމުގެ ހައްގު، ކޮންމެ ފަރާތަކަށްމެ ލިބިގެންވެއެވެ. އަދި އެފަދަ މައްސަލަތައް، ބާ ކައުންސިލު ގެ އަމިއްލަ އިސްނެގުމުގައިވެސް އެ ކައުންސިލަށް ބެލިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން މައްސަލައެއް ބަލަންވާނީ، ގާނޫނީ ވަކީލު ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އަމަލަކީ، ގާނޫނީ ފަންނުގެ އަސާސްތަކާއި އަދުލު އިންސާފު ގާއިމުކުރުމުގެ ހަމަތައް ނެގެހެއްޓުމަށްޓަކައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އޭނާ ތަބާވާންޖެހޭ ހަމަތަކާއި އުސޫލުތަކާ ހިލާފު، ގާނޫނީ ފަންނުގެ ދާއިރާގެ އިތުބާރު ގެއްލޭފަދަ އަމަލެއް ކަމުގައިވާނަމައެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ށަކުވާބަލާ އިޖުރާއަތު 55.

(ހ) މި ގާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ބާ ކައުންސިލުން ބަލާ ހާލަތުގައި، އެ މައްސަލައެއް ބެލުމަށްޓަކައި ބާ ކައުންސިލުގެ ސުލޫކީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުންގެ މައްޗަށް ހިމެނޭ ޕެނަލެއް އެކުލަވާލުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވެއެވެ. އަދި މައްސަލައިގެ ހަގީގަތްތައް ދެނެގަތުމަށްޓަކައި އެ މައްސަލައެއް ތަހުގީގުކޮށް، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަޔާން ނެގުމުގެ ބާރު އެ ކޮމިޓީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު