-

ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-12)

(ގާނޫނު ނަންބަރު 2022-12)

(މި ގާނޫނަށް އަމަލުކުރަން ފެށީ 18 ޖުލައި 2022 ގައި)

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރާއިރު، އެ އުފެއްދުންތަކާ އެކަށީގެންވާ އުމުރުފުރާތަކަށް ކަނޑައެޅޭ ގިންތިތަކަށް ފެތޭގޮތަށް އާންމުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މައިގަނޑު މަގްސަދަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތަކަކީ އެ އުފެއްދުމެއް އާންމުކުރާއިރު އެ އުފެއްދުމަކާ އެކަށީގެންވާ އުމުރުފުރާއަކަށް ކަނޑައެޅޭ ގިންތިއަކަށް ފެތޭގޮތަށް އާންމުކުރެވޭ އުފެއްދުންތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް އެކަށައެޅުމެވެ.

 

3 ވަނަ މާއްދާ - ނޭށަނަލް ބިއުރޯ އޮފް ކްލެސިފިކޭށަން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކޮށް އާންމުކުރާ ފަންނީ އުފެއްދުންތައް ގިންތިކުރުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކޮށް، މި ގާނޫނު ތަންފީޒުކުރާނީ މިނިސްޓްރީގެ  ދަށުން ހިނގަމުންދާ ނޭށަނަލް ބިއުރޯ އޮފް ކްލެސިފިކޭށަނުންނެވެ.

(ށ) ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.

(ނ) މި ގާނޫނު ތަންފީޒުކުރުމާއި ހިންގުމާ ގުޅޭގޮތުން ނޭށަނަލް ބިއުރޯ އޮފް ކްލެސިފިކޭށަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް މި ގާނޫނުގައި ބަޔާންކުރާ ގިންތިތަކަށް ފެތޭގޮތަށް އާންމުކުރުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައަޅައި، އާންމުކުރުން؛
  2. ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރެވެނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން؛
  3. ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކޮށް އާންމުކުރާ ފަންނީ އުފެއްދުންތަކުގެ ގިންތިތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުން؛
  4. މި ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު މި ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުން؛
  5. ބިއުރޯއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި މި ގާނޫނުގައި ކަނޑައަޅާފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން;
  6. މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުންތައް އާންމުކުރުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލައި، އެކަން މޮނިޓަރކުރުން.

 

4 ވަނަ މާއްދާ - މިނިސްޓަރުގެ މަސްއޫލިއްޔަތުތައް

މި ގާނޫނު ތަންފީޒުކުރުމާއި ހިންގުމުގައި މިނިސްޓަރުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި އުފައްދާ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތަކުގެ ގިންތިތަކާގުޅޭ މައިގަނޑު ސިޔާސަތުތައް، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅުން؛

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރެވެމުންދާކަން ކަށަވަރުކުރުން؛

(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ބިއުރޯގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަމުންދާކަން ކަށަވަރުކުރުން.

 

ދެވަނަ ބާބު

ފަންނީ އުފެއްދުންތަކާގުޅޭ އުސޫލުތައް

 

5 ވަނަ މާއްދާ - ގިންތިކުރަންޖެހޭ ފަންނީ އުފެއްދުންތައް

ދިވެހިރާއްޖޭގައި އުފައްދާ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރާ އަންނަނިވި ފަންނީ އުފެއްދުންތައް އާންމުކުރަންވާނީ، މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ގިންތިއަކަށް ފެތޭ ގޮތުގެމަތިންނެވެ.

(ހ) ފިލްމު؛

(ށ) ސައުންޑް ރެކޯޑިންގ؛

(ނ) ވީޑިއޯ ގޭމް ނުވަތަ އިލެކްޓްރޯނިކް ގޭމް؛

(ރ) ފޮޓޯއާއި ކުރެހުން؛

(ބ) ޕަރފޯމިންގ އާޓްސް؛

(ޅ) އަދަބީ އުފެއްދުން؛

(ކ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން އާންމުކުރާ ޗެނަލްތައް؛

(އ) އިށްތިހާރު.

 

6 ވަނަ މާއްދާ - ފަންނީ އުފެއްދުންތައް ގިންތިކުރުން

މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ އެއްވެސް ފަންނީ އުފެއްދުމެއް އާންމުކުރުމުގެ ކުރިން، އެ އުފެއްދުން އާންމުކުރާ ފަރާތުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ އުފެއްދުން ގިންތިކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - އިސްތިސްނާވާ ފަންނުވެރި އުފެއްދުންތައް

އަންނަނިވި ފަންނުވެރި އުފެއްދުންތަކުގެ މައްޗަކަށް މި ގާނޫނެއް ނުހިނގާނެއެވެ.

(ހ) ވިޔަފާރި ބޭނުމަށް ނުވާގޮތަށް ނުވަތަ ވިޔަފާރިއެއް ކުރިއެރުވުންކަމަށް ނުވާގޮތަށް މީސްމީޑިއާގައި ނުވަތަ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް އާންމު ފަރުދުން އަމިއްލަ ބޭނުމަށް އާންމުކުރާ ފަންނުވެރި އުފެއްދުންތައް؛

(ށ) ދިވެހިރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް އަންނަ ފަސިންޖަރުން އެމީހުންގެ އަމިއްލަ ބޭނުމަށް ގެންނަ ފަންނީ އުފެއްދުންތައް؛

(ނ) އަމިއްލަ ބޭނުމަށް ޑައުންލޯޑްކުރާ ނުވަތަ ސްޓްރީމްކުރާ ފަންނީ އުފެއްދުންތައް؛

(ރ) ކިޔަވައިދިނުމަށް ބޭނުންކުރާ ޓެކްސްޓް ފޮތާއި، އިލްމީ އަދި ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް އެކުލަވާލެވޭ ލިޔުމާއި ކަރުދާސް.

 

8 ވަނަ މާއްދާ - ފަންނީ އުފެއްދުންތައް ބިއުރޯއަށް ހުށަހެޅުން

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ މަދުވެގެން 14 (ސާދަ) ދުވަ ހުގެ ކުރިން، އެ އުފެއްދުމެއް އާންމުކުރާ ފަރާތުން އެ އުފެއްދުން ގިންތިކުރުމަށްފަހު ބިއުރޯއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބިއުރޯއަށް ހުށަހަޅާ ފަންނީ އުފެއްދުމެއްގެ ގިންތިކަމުގައި އުފެއްދުން އާންމުކުރާ ފަރާތުން ބަޔާންކޮށްފައިވާ ގިންތިއަށް މި ގާނޫނުގައިވާ ގޮތުގެމަތިން އެ އުފެއްދުމެއް ނުފެތޭނަމަ، އެ ހުށަހެޅުމެއް ބިއުރޯއަށް ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން އެ އުފެއްދުން ފެތޭ ގިންތިއަކީ ކޮބައިކަން ބިއުރޯއިން އެފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ބިއުރޯއިން އަންގާ އެންގުމަށްފަހު ފަންނީ އުފެއްދުން އާންމުކުރާ ފަރާތަށް އެ އުފެއްދުމެއް އާންމުކުރެވޭނީ، އެ އެންގުމުގައި ބަޔާންކުރާ ގޮތުގެމަތިން މި ގާނޫނާ އެއްގޮތަށް  އެ އުފެއްދުމެއް އެކަށީގެންވާ ގޮތަށް ގިންތިކުރުމަށް ފަހުގައެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ފަންނީ އުފެއްދުން ބިއުރޯއަށް ހުށަހަޅާނެގޮތުގެ އުސޫލާއި، މި މާއްދާގެ (ށ) ގެ ދަށުން އެ ހުށަހެޅުމާމެދު ބިއުރޯއިން އަމަލުކުރާނެގޮތުގެ އުސޫލު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި ގާނޫނުގެ ދަށުން އާންމުކުރެވޭ ފަންނީ އުފެއްދުންތައް މި މާއްދާގެ (ހ) ގައިވާ މުއްދަތުގެ ތެރޭގައި ބިއުރޯއަށް ހުށަނާޅާ ފަރާތްތަކާމެދު، އަދި މި މާއްދާގެ (ށ) ގެ ދަށުން ބިއުރޯއިން އަންގާ އެންގުމަކާ ހިލާފަށް ފަންނީ އުފެއްދުމެއް އާންމުކުރާ ފަރާތްތަކާމެދު މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއެޅުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.

(ޅ) ފަންނީ އުފެއްދުންތައް އާންމުކުރާ ފަރާތްތަކުން މި މާއްދާގެ (ހ) ގެ ދަށުން ބިއުރޯއަށް ހުށަހަޅާ އުފެއްދުންތަކުގެ މައުލޫމާތު ހިމެނޭ ދަފްތަރެއް ބިއުރޯއިން އެކުލަވާލައި، އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.

 

9 ވަނަ މާއްދާ - ފަންނީ އުފެއްދުންތަކުގެ ގިންތިތައް

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުންތައް އާންމުކުރަންވާނީ، އަންނަނިވި ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭ ގޮތަށެވެ.

  1. ހުރިހާ އުމުރުފުރައެއްގެ މީހުން ބެލުމަށް، ނުވަތަ އަޑުއެހުމަށް ނުވަތަ ކިޔުމަށް އެކަށީގެންވާ އުފެއްދުންތަކުގެ ގިންތި؛
  2. ބެލެނިވެރިއެއްގެ އިރުށާދުގެ ދަށުން ކުޑަކުދިން ބެލުމަށް، ނުވަތަ އަޑުއެހުމަށް ނުވަތަ ކިޔުމަށް އެކަށީގެންވާ އުފެއްދުންތަކުގެ ގިންތި؛
  3. އެ އުފެއްދުމެއްގައި ހިމެނޭ ކޮންޓެންޓްގެ ގޮތުން، އެ އުފެއްދުން ބެލުމަށް، ނުވަތަ އަޑުއެހުމަށް، ނުވަތަ ކިޔުމަށް އެކަށީގެންވާ ވަކި އުމުރުފުރާތަކަކަށް ބިނާކޮށް ކަނޑައެޅޭ އުފެއްދުންތަކުގެ ގިންތި؛
  4. ވަކި ފަންނެއްގެ ބަޔަކު ބެލުމަށް، ނުވަތަ އަޑުއެހުމަށް، ނުވަތަ ކިޔުމަށް އެކަށީގެންވާ އުފެއްދުންތަކުގެ ގިންތި.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ އަކުރުގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވަކި ފަންނެއްގެ ބަޔަކު ބެލުމަށް، ނުވަތަ އަޑުއެހުމަށް، ނުވަތަ ކިޔުމަށް އެކަށީގެންވާ އުފެއްދުންތަކުގެ ގިންތިއަށް ނިސްބަތްވާ އުފެއްދުންތައް މި ގާނޫނުގެ ދަށުން ގިންތިކުރެވޭނީ ފަންނީ ނުވަތަ އިލްމީ ބޭނުމަކަށްޓަކައި، ވަކި ފަންނެއްގެ ބަޔަކު ނުވަތަ ވަކި އިލްމެއް އުނގެނޭ ބަޔަކު ބެލުން ހުއްދަކުރާ ގޮތަށެވެ. އަދި، އެފަދަ އުފެއްދުންތައް އާންމުކުރުމަކީ މަނާކަމެކެވެ.

(ނ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ފަންނީ އުފެއްދުމެއް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިއަކަށް ނުފެތޭ ގޮތަށް، ނުވަތަ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމަކާ ނުލައި އާންމުކުރުމާއި ފޯރުކޮށްދިނުމަކީ މަނާކަމެކެވެ.

 

10 ވަނަ މާއްދާ - ފަންނީ އުފެއްދުންތަކުގެ ށަރުތު ކަނޑައެޅުން

މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ ގިންތިއަކަށް ފެތޭ ފަންނީ އުފެއްދުންތަކުގައި ފުރިހަމަވާންޖެހޭ ށަރުތުތަކާއި، އެ ގިންތިއަކަށް ނިސްބަތްވާ ފަންނީ އުފެއްދުންތައް ބެލުމަށް އެކަށީގެންވާ އުމުރުފުރާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި، އެ ށަރުތުތައް ކަނޑައެޅުމުގައި ބިއުރޯއިން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ހ) އާންމު އިޖްތިމާއީ މިންގަނޑު؛

(ށ) ބޭނުންކުރުމަށް އެކަށީގެންވާ ބަހުރުވަ؛

(ނ) ފައިދާހުރި މައުލޫމާތު އެކުލެވެންވާނެ މިންވަރު.

 

11 ވަނަ މާއްދާ - އާންމުކުރުން ހުއްދަނޫން ކޮންޓެންޓް

އަންނަނިވި ކަންކަން ހިމެނޭ ކޮންޓެންޓް އާންމުކުރުމަކީ މަނާކަމެކެވެ.

(ހ) އިސްލާމްދީނާ ހިލާފު އަދި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލުތަކާއި ބަހުރުވަ ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދިނުމުގެ އަމަލުތަކާއި ބަހުރުވަ، ނުވަތަ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް އުނިކަމެއް އަންނަ އަމަލުތަކާއި ބަހުރުވަ؛

(ށ) ޖިންސީ ގުނަވަންތައް ހާމަވާ މަންޒަރު ނުވަތަ ޖިންސީ ގުޅުން ހިންގާ މަންޒަރު.

 

12 ވަނަ މާއްދާ - ގިންތި އަންގައިދޭ ނިށާނާއި އުމުރުފުރާ، އަދި ހާއްސަވާ ފަރާތްތައް ހިމެނުން

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުންތައް އާންމުކުރާއިރު، އެ އުފެއްދުމެއް ނިސްބަތްވާ ގިންތި އަންގައިދޭ ނިށާނާއި، އެ ގިންތިއަށް ބިނާކޮށް އެ އުފެއްދުމެއް ބެލުން، ނުވަތަ އަޑުއެހުން، ނުވަތަ ކިޔުން އެކަށީގެންވާ އުމުރުފުރާ ނުވަތަ އެ އުފެއްދުމެއް ހާއްސަވާ ފަރާތްތައް އެނގޭނެ މައުލޫމާތު އެ އުފެއްދުމުގައި އާންމުކޮށް ހިމަނަންވާނެއެވެ.

(ށ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުންތަކުގެ ތެރެއިން އުފެއްދުމެއް އާންމުކޮށް ދައްކާ ތަނެއްގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިށާނާއި މައުލޫމާތު އާންމުކޮށް ފެންނާނެހެން ބަހައްޓާފައި ހުންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިށާނާއި މައުލޫމާތު ހުންނަންވީ ގޮތާއި، ފަންނީ އުފެއްދުންތަކުގައި އެ ނިށާނާއި މައުލޫމާތު ހިމަނަންވީ ގޮތް، އަދި އެ އުފެއްދުންތައް އާންމުކޮށް ދައްކާ ތަންތަނުގައި އެކަންކަން ބަހައްޓަންވީ ގޮތުގެ ތަފްސީލު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ތިންވަނަ ބާބު

ގާނޫނާ ހިލާފުވުން

 

13 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި ބެލުން

މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ފަންނީ އުފެއްދުމެއް ނުވަތަ އެ އުފެއްދުމެއްގެ ކޮންޓެންޓެއް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް އާންމުކޮށްފައިވާކަމަށް އެއްވެސް ފަރާތަކަށް ފެނިއްޖެނަމަ އެކަމުގެ ށަކުވާ އެފަރާތަކުން ބިއުރޯއަށް ލިޔުމުން ހުށަހެޅިދާނެއެވެ. އަދި، ރަސްމީ ބަންދުނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެ ށަކުވާ ބެލުމާމެދު ބިއުރޯއިން ގޮތެއް ނިންމަންވާނެއެވެ.

 

14 ވަނަ މާއްދާ - މޮނިޓަރކުރުމުގެ ބާރު

މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުންތައް އާންމުކުރުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލައި، އެކަން މޮނިޓަރކުރުމަކީ ބިއުރޯގެ ޒިންމާއެކެވެ.

 

15 ވަނަ މާއްދާ - ގިންތި އިސްލާހުކުރުމަށް އެންގުން 

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުމަކާ ގުޅޭގޮތުން މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ށަކުވާއެއް ބެލުމަށްފަހު، ނުވަތަ މި ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ބިއުރޯއިން އެފަދަ އުފެއްދުމެއް މޮނިޓަރކޮށް ބެލުމަށްފަހު، އެ އުފެއްދުމެއް ނުވަތަ އެ އުފެއްދުމެއްގެ ކޮންޓެންޓް އާންމުކޮށްފައިވަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށްކަމަށް ބިއުރޯއަށް ގަބޫލުކުރެވިއްޖެނަމަ، އެ އުފެއްދުމެއްގެ ގިންތި އިސްލާހުކުރުމަށް ނުވަތަ އެ އުފެއްދުމެއްގައި މަނާ ކޮންޓެންޓް ހިމެނޭނަމަ އެކަން އެފަރާތަށް ބިއުރޯއިން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބިއުރޯއިން އެންގުމެއް އަންގާ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް އެ އުފެއްދުމެއް ނުވަތަ އެ އުފެއްދުމެއްގެ ކޮންޓެންޓް އާންމުކުރުން ނުވަތަ ފޯރުކޮށްދިނުން ވަގުތީގޮތުން މެދުކަނޑާލުމަށް އެ އުފެއްދުމެއް އާންމުކުރާ ނުވަތަ ފޯރުކުރާ ފަރާތަށް ބިއުރޯއިން އެންގިދާނެއެ ވެ. އަދި، އެފަދަ އެންގުމެއް އަންގާފައިވަނިކޮށް، އެ އެންގުމާ އެއްގޮތަށް  އިސްލާހުކުރުމަކާ ނުލައި އެ އެންގުމުގެ މުއްދަތުގައި އެ އުފެއްދުމެއް ނުވަތަ އެ އުފެއްދުމެއްގެ ކޮންޓެންޓް އާންމުކުރުމަކީ ނުވަތަ ފޯރުކޮށްދިނުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ބިއުރޯއިން ނިންމާ ނިންމުން ނިންމާތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ވީއެންމެ އަވަހަކަށް އެ އުފެއްދުމެއް އާންމުކުރާ ފަރާތަށް ނުވަތަ ފޯރުކޮށްދޭ ފަރާތަށް ބިއުރޯއިން އެކަން ލިޔުމުން އަންގަންވާނެއެވެ. އަދި، އެކަމާ ގުޅޭގޮތުން ބިއުރޯއަށް ޖަވާބުދާރީވުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތު އެފަރާތަކަށް ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުމެއް އެންގުމުގައި އަމަލުކުރާނެގޮތުގެ އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ނިންމުން ށާއިއުކުރުން

(ހ) ފަންނީ އުފެއްދުމެއް ނުވަތަ އެ އުފެއްދުމެއްގެ ކޮންޓެންޓް އާންމުކުރުން ނުވަތަ ފޯރުކޮށްދިނުން ވަގުތީގޮތުން މެދުކަނޑާލުމަށް އެންގުމަށް މި ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން ބިއުރޯއިން ނިންމައިފިނަމަ، އެ ނިންމުން ނިންމާތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރު ތެރޭގައި ބިއުރޯއިން އެ ނިންމުން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބިއުރޯއިން ށާއިއުކުރާ ނިންމުމުގައި ހިމަނަންވީ ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ބިއުރޯގެ ނިންމުން މުރާޖައާކުރުމަށް އެދި ހުށަހެޅުން

(ހ) މި ގާނޫނުގެ ދަށުން ބިއުރޯއިން ނިންމާ ނިންމުމެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަން ލިބޭކަމަށް އެފަރާތަކަށް ގަބޫލުކުރެވިއްޖެނަމަ، ބިއުރޯގެ ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ބިއުރޯއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުރާޖައާކޮށްދިނުމަށް އެދި މައްސަލައެއް ހުށަހެޅުމުން، އެ ހުށަހެޅުން ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މައްސަލައާމެދު ބިއުރޯއިން ގޮތެއް ނިންމައި، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި، އެ މުއްދަތުގެ ތެރޭގައި އެ ނިންމުން ބިއުރޯއިން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނާ ހިލާފުވެފައިވާ މިންވަރަށް ރިއާޔަތްކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް އަންނަނިވި ގޮތުގެމަތިން ފިޔަވަޅުއެޅުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.

  1. މި ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 5،000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން؛
  2. މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ތަކުރާރުކޮށްފިނަމަ، ތަކުރާރުކޮށް ގާނޫނާ ހިލާފުވާ ކޮންމެ ފަހަރަކު، މި މާއްދާގެ

(ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކޮށްފައިވާ ޖޫރިމަނާގެ އިތުރުން، އިތުރު 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައި، ގާނޫނާ ހިލާފަށް ކުރާ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާކުރާނެ އަދަދުތަކާއި، ޖޫރިމަނާކުރުމުގެ އުސޫލުތައް ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.

 

ހަތަރުވަނަ ބާބު

އެހެނިހެން ކަންކަން

 

19 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދާނީ ބިއުރޯއިންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - އުވާލެވޭ ގަވާއިދުތައް

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2008-06 (އާންމު ގަވާއިދުތަކާބެހޭ ގާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނޭ އަންނަނިވި ގަވާއިދުތައް އުވުނީއެވެ.

(ހ) ގިންތި ކަނޑައެޅުމާއި، ދަރަޖަކުރުމުގެ ގަވާއިދު؛

(ށ) ރީބްރޯޑްކާސްޓްކުރާ ޗެނަލް ކްލެސިފައިކުރުމުގެ ގަވާއިދު؛

(ނ) ދިވެހިރާއްޖޭގައި ށާއިއުކުރާ އަދަބިއްޔާތު ފާސްކުރުމުގެ ގަވާއިދު.

 

21 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

22 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.

(ހ) "ފަންނީ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަޑު ހިމަނައިގެން ނުވަތަ އަޑު ނުހިމަނާ އުފައްދާ ހުރިހާ ބާވަތެއްގެ ހަރަކާތްކުރާ ނުވަތަ ހަރަކާތްނުކުރާ ފޮޓޯ، ނުވަތަ ކުރެހުން ހުންނަ އުފެއްދުންތަކަށާއި، ފޮތަށާއި، ޅެމަށާއި، ލަވައަށާއި، ޑްރާމާއަށާއި ތަމްސީލަށާއި، ނެށުމަށާއި، ސްޓޭޖްށޯވފަދަ އުފެއްދުންތަކުގެ ތެރެއިން، ބްރޯޑްކާސްޓިންގ ނުވަތަ ވެބް ސްޓްރީމިންގ ނުވަތަ ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް، ނުވަތަ އެނޫންވެސް ގޮތަކަށް އާންމުކުރާ އުފެއްދުމަށެވެ.

(ށ) "ފިލްމު" ކަމަށް ބުނެފައި އެވަނީ، ފިލްމެއް ނުވަތަ ވީޑިއޯ ރެކޯޑިންގއެއް ނުވަތަ ފަހުން ދެއްކުމަށްޓަކައި ރެކޯޑުކުރެވިފައިވާ ވިށުއަލް މޫވިންގ އިމޭޖްތަކެއްގެ މައްޗަށް އެކުލެވޭ އެނޫންވެސް ރެކޯޑިންގއަށެވެ. އޭގެ ތެރޭގައި، ފިލްމެއްގެ ބައެއް ނުވަތަ ފިލްމެއްގެ ކޮޕީއެއް ނުވަތަ ފިލްމެއްގެ ބައެއްގެ ކޮޕީވެސް ހިމެނެއެވެ.

(ނ) "ގިންތިކުރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން، އެ އުފެއްދުމެއް އެންމެ އެކަށީގެންވަނީ ކޮން ގިންތިއަކަށްކަން، މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ކަނޑައެޅުމަށެވެ.

(ރ) "އާންމުކުރުން" ކަމަށް ބުނެފައި އެވަނީ، ށާއިއުކުރުމާއި، ރެކޯޑުކޮށްގެން ވިއްކުމާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ނުވަތަ ވެބްސްޓްރީމިންގ ހިދުމަތްތައް ހިމެނޭގޮތުން އެކި ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް ފެންނަގޮތަށް، ނުވަތަ ބެލޭގޮތަށް، ނުވަތަ އަޑު އިވޭގޮތަށް، ނުވަތަ ކިޔޭގޮތަށް ބެހެއްޓުމާއި، ދެއްކުމާއި ހުށަހެޅުމަށެވެ.

(ބ) "ވީޑިއޯ ރެކޯޑިންގ" ކަމަށް ބުނެފައި އެވަނީ، އަޑު ހިމަނައިގެން ނުވަތަ އަޑު ނުހިމަނާ އުފައްދާ، ހަރަކާތްކުރާ ނުވަތަ ހަރަކާތްނުކުރާ މަންޒަރު ހިމެނޭ ހުރިހާ ބާވަތެއްގެ އުފެއްދުންތަކަށެވެ.

(ޅ) "އަދަބީ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ފޮތާއި، މަޒުމޫނާއި، ވާހަކައާއި، ޅެމާއި، ވަޒަން ބަހުރުވަ (ބަންޖާއި، ފަރިއްސާއި، ރައިވަރާއި، ކާއާއި، އަންބާ ހިމެނޭގޮތުން) އާއި ލަވަފަދަ، ބަސް ބޭނުންކޮށްގެން މާނައެއް ދޭހަވާފަދަ ގޮތަކަށް އުފައްދާފައި ހުންނަ ކޮންމެ ފަންނީ އުފެއްދުމަކަށެވެ.

(ކ) "ޅެން" ކަމަށް ބުނެފައި އެވަނީ، ހިތުގައި އުފެދޭ ށުއޫރެއް ނުވަތަ ހިތަށް ވައްދާ ށުއޫރެއް، މާނައެއް ދޭހަވާގޮތަށް ވަޒަނަކަށް ފެތޭނެހެން ބައިތުތަކެއްގެ މައްޗަށް އެކުލަވާލައިގެން ފާޅުކުރާ ބަސްތަކަށާއި، ބަންޖާއި، ކާއާއި، އަންބާއާއި، ފަރިހި އަދި ރައިވަރުފަދަ ތަކެއް ޗަށެވެ.

(އ) "ލަވަ" ކަމަށް ބުނެފައި އެވަނީ، މިޔުޒިކުގެ ހަމަޔަށް ފެތޭ، މިޔުޒިކީ ހަމައެއްގެ ރާގަކަށް ކިޔޭގޮތަށް އުފައްދާފައި ހުންނަ އަދަބީ އުފެއްދުންތަކަށެވެ.

(ވ) "ވީޑިއޯ ގޭމް ނުވަތަ އިލެކްޓްރޯނިކް ގޭމް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ގޭމްތަކާއި، ސީޑީތައް ނުވަތަ އެހެންވެސް އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ތަފާތު ގޭމްތަކަށެވެ.

(މ) "ރީބްރޯޑްކާސްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ހުއްދަ ލިބިގެން ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ މަރުކަޒަކުން، އެހެން ބައެއްގެ ކޮންޓެންޓް އެއްވެސް އުނިއިތުރެއް ނުގެނެސް އަލުން ބްރޯޑްކާސްޓްކުރުމަށެވެ.

(ފ) "ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ފަންނީ އުފެއްދުމެއްގައި ހުންނަ މަންޒަރު، ނުވަތަ އަޑު، ނުވަތަ މަންޒަރާއި އަޑު، ނުވަތަ ލިޔުމަށެވެ.

(ދ) "ޕަރފޯމިންގ އާޓްސް" ކަމަށް ބުނެފައި އެވަނީ، ލަވައާއި، މިޔުޒިކާއި، ނެށުމާއި، ތަމްސީލްފަދަ ޕަރފޯމިންގ އާޓްސް އެކުލެވޭ ށޯވއަށެވެ.

(ތ) "ނޭށަނަލް ބިއުރޯ އޮފް ކްލެސިފިކޭށަން" ނުވަތަ "ބިއުރޯ" ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2006-13 (7 ފެބުރުވަރީ 2006) ދެންނެވުމުން އުފައްދައި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ ނޭށަނަލް ބިއުރޯ އޮފް ކްލެސިފިކޭށަނަށެވެ.

(ލ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފަންނުވެރިކަން ހިމާޔަތްކޮށް ދެމެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ގ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ފަންނުވެރިކަން ހިމާޔަތްކޮށް ދެމެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-168)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު