-

ހެއްކާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2022-11)

(މި ގާނޫނުގެ 149ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 1976-24 އާއި ގާނޫނު ނަންބަރު 1972-14 އުވާލެވިފައި)

(މި ގާނޫނަށް އަމަލުކުރަން ފަށާނީ 18 ޖެނުއަރީ 2023 ގައި)

 

ފުރަތަމަ ބައި ފެށުން  

އެއްވަނަ ބާބު

ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ހެއްކާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނުގެ ބޭނުން

މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މަގްސަދުތައް ހާސިލުކުރުމެވެ.

(ހ) ގާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުން ށަރީއަތްކުރެވުމުގެ ހައްގު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްސީލުކޮށް ގާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން؛

(ށ) ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، މައްސަލައާ ގުޅުންހުރި މިންވަރަށް ބުރަވެ ހެކި ބައިކުރެވޭ ގޮތްތައް ބަޔާންކުރުން؛

(ނ) ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިބަސް ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައެޅުން؛

(ރ) މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައި ކަމެއް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުން؛

(ބ) ހެކި ހުށަހެޅުމަކާ ނުލައި، ސާބިތުވެގެންވާ ކަންކަމުގެ ގޮތުގައި، ކޯޓުން ބަލައިގަންނާނެ ކަންކަން ބަޔާންކުރުން؛

(ޅ) ހެކީގެ ގޮތުގައި ހުށަނޭޅޭނެ، އިމްތިޔާޒު ލިބިގެންވާ ކަންކަން ބަޔާންކުރުން؛

(ކ) ދައުލަތުގެ އިދާރާތަކުން ހިންގާ ތަހްގީގުތަކާއި އެފަދަ ތަންތަނުން ބަލާ މައްސަލަތަކުގައި ކަމާ ގުޅުންހުރި ނިސްބަތަށް، މި ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަށް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ރަދީފު

(ހ) މި ގާނޫނު އެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫ މުތައް، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައި އެވަނީއެވެ.

(ށ) މި ގާނޫނުގައި ބޭނުންކޮށްފައިވާ ލަފްޒުތަކާއި އިބާރާތްތަކުގެ ތެރެއިން ހާއްސަ މާނަކުރުމެއް ދީފައިވާ ލަފްޒުތަކާއި އިބާރާތްތަކުގެ ރަދީފު، މި ގާނޫނުގެ 151 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.

 

4 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ

(ހ) މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތައް، އަންނަނިވި މައްސަލަތަކުގެ މައްޗަށް ހިނގާނެއެވެ.

  1. ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކުގައި ހިނގާ މަދަނީ އަދި ޖިނާއީ މައްސަލަތައް؛
  2. ދިވެހިރާއްޖޭގެ އެންމެހައި ޓްރައިބިއުނަލްތަކުގައި ހިނގާ މައްސަލަތައް.

(ށ) ދައުލަތުގެ އިދާރާއަކުން ހިންގާ ތަހްގީގެއްގައި ނުވަތަ އެފަދަ ތަނަކުން ބަލަމުންދާ މައްސަލައެއްގައި، ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގެ މަސްއޫލިއްޔަތެއް އެ އިދާރާއާ ހަވާލުވެފައިވާނަމަ، އެ މަސްއޫލިއްޔަތާގުޅޭ ނިސްބަތަށް، މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތައް އެ އިދާރާއަކުން ތަހްގީގުކުރަމުންދާ ނުވަތަ ބަލަމުންދާ މައްސަލައެއްގެ މައްޗަށް ހިނގާނެއެވެ އޭގެ ތެރޭގައި، އަންނަނިވި ބާވަތުގެ މައްސަލަތައް ހިމެނެއެވެ.

  1. ކަމެއް ތަހްގީގުކޮށް ފިޔަވަޅުއެޅުމުގެ ބާރު ލިބިގެންވާ ދައުލަތުގެ އިދާރާތަކުން ތަހްގީގުކުރާ ނުވަތަ ފިޔަވަޅުއަޅާ މައްސަލަތައް؛
  2. ދައުލަތުގެ އިދާރާއަކުން، އެ އިދާރާއެއްގެ ފެންވަރުގައި، ކަމެއް ތަހްގީގުކޮށް، އެ އިދާރާގައި ހިމެނޭ މީހެއްގެ މައްޗަށް ތައުދީބީ ފިޔަވަޅުއެޅުމުގެ ބާރު އޮވެގެން ބަލާ މައްސަލަތައް.

(ނ) ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމާ ގުޅޭގޮތުން މި ގާނޫނުގައި ވަކި އުސޫލުތަކެއް ކަނޑައަޅާފައި އެވަނީ އެކަންކަމާގުޅޭ ހަމަތައް ކަނޑައެޅުމުގެ ބޭނުމުގައެވެ އެކަންކަމާގުޅޭ ތަފްސީލީ އިޖުރާއަތުތަކެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނުވަތަ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ ހާލަތުގައި، މި ގާނޫނުގައިވާ އުސޫލުތައް ނެގެހެއްޓުމާއެކު އަމަލުކުރަންވާނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނުވަތަ މަދަނީ އިޖުރާއަތުގެ ގާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ ހާއްސަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) މި ގާނޫނުގެ 149 ވަނަ މާއްދާގައި ބަޔާންކުރާ ގާނޫނުތައް ފިޔަވައި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރަން ފަށާފައިވާ ނުވަތަ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން އަމަލުކުރަން ފަށާ އެހެން ގާނޫނެއްގައި، މި ގާނޫނުގައިވާ އުސޫލަކާ ހިލާފަށް ހެއްކާބެހޭ ވަކި ހާއްސަ އުސޫލެއް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެ ގާނޫނެއްގައި ބަޔާންކޮށްފައިވާ އެ ހާއްސަ އުސޫލު، މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުގެ މައްޗަށް ހިނގާނެއެވެ އަދި، އެ ނިސްބަތަށް، މި ގާނޫނުގެ ކަމާބެހޭ އުސޫލު ހިފެހެއްޓިގެންވެއެވެ.

(ބ) ރައްޔިތުންގެ މަޖިލީހުގައި ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ބަލާ މައްސަލައެއްގައި، ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމާ ގުޅޭގޮތުން އެ މަޖިލީހުން ކަމާބެހޭ އުސޫލެއް ކަނޑައަޅާފައިވާނަމަ، މި ގާނޫނުގެ މައްޗަށް ހިނގާނީ އެ އުސޫލެކެވެ އަދި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށް އެ މަޖިލީހަށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން ލިބިދޭ އިމްތިޔާޒަށް މި ގާނޫނުގެ ސަބަބުން ހުރަހެއްނާޅައެވެ.

 

5 ވަނަ މާއްދާ - ގާނޫނު މާނަކުރުން

(ހ) މި ގާނޫނުގައި ވަކި ބަހެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތް، މި ގާނޫނުގެ ދެވަނަ ބާބުގައިއެވާ މަފްހޫމުތަކުގެ ރަދީފުގައި ބަޔާންކޮށްދީފައިވާނަމަ، އެ ބަހަކަށް ނުވަތަ އިބާރާތަކަށް ދީފައި އެވަނީ އެ ބާބުގައި ބަޔާންކޮށްދީފައިވާ މާނަކުރުމެވެ.

(ށ) މި ގާނޫނުގައި ވަކި ބަހެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތް، މި ގާނޫނުގެ 151 ވަނަ މާއްދާގައިއެވާ ރަދީފުގައި ބަޔާންކޮށްދީފައިވާނަމަ، އެ ބަހަކަށް ނުވަތަ އިބާރާތަކަށް ދީފައި އެވަނީ އެ ރަދީފުގައި ބަޔާންކޮށްދީފައިވާ މާނަކުރުމެވެ.

(ނ) މި ގާނޫނުގައި ބޭނުންކޮށްފައިވާ ބަހެއް ނުވަތަ އިބާރާތެއް މި ގާނޫނުގެ ދެވަނަ ބާބުގައިއެވާ މަފްހޫމުތަކުގެ ރަދީފުގައި ނުވަތަ މި ގާނޫނުގެ 151 ވަނަ މާއްދާގައިއެވާ ރަދީފުގައި މާނަކޮށްދީފައިނުވާ ހާލަތުގައި، އެ ބަހެއް ނުވަތަ އިބާރާތެއް، ގާނޫނު ނަންބަރު 2011-04 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްދީފައިވާނަމަ، އެ ބަހެއް ނުވަތަ އިބާރާތަކަށް ދީފައި އެވަނީ އެ ގާނޫނުގައި ބަޔާންވެގެންވާ މާނަކުރުމެވެ.

 

6 ވަނަ މާއްދާ - އިސްލާމީ ށަރީއާއަށް ރިއާޔަތްކުރެވޭނެ ހާލަތްތަކާއި އިސްލާމްދީނުގެ އަސްލަށް އިސްކަންދޭންޖެހޭ ހާލަތްތައް

(ހ) ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެހެން ގާނޫނެއްގައި ހާއްސަ އުސޫލުތަކެއް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމާ ގުޅޭގޮތުންނާއި، ކަމެއް ސާބިތުކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާ ގުޅޭގޮތުންނާއި، ސާބިތުކުރުމުގެ ޒިންމާއާ ގުޅޭގޮތުން އަމަލުކުރާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ އަދި މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ހެއްކާގުޅޭ ވަކި އުސޫލެއް ކަނޑައެޅިފައި ނެތް ކަންކަމުގައި، ގާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާ ފަދައިން، އިސްލާމީ ށަރީއަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ކޯޓުތަކުން ރިއާޔަތްކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ށ) ދިމާވާ ވަކި ކަމެއްގައި އަމަލުކުރުމަށް މި ގާނޫނުގައި މައުޒޫއީގޮތުން އުސޫލެއް ބަޔާންކޮށްފައި އޮތްނަމަވެސް، އެކަމުގައި އަމަލުކުރުން ލާޒިމު ހާއްސަ އުސޫލެއް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައިވާނަމަ، އެ ހާލަތުގައި އަމަލުކުރާނީ، އިސްލާމްދީނުގެ އަސްލުގައި ކަނޑައަޅާފައިވާ ހާއްސަ އުސޫލަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާއްސަ އުސޫލަށް އަމަލުކުރި ނަމަވެސް، އެފަދަ ހާއްސަ އުސޫލެއްގެ ދާއިރާގެ ތެރޭގައި ސާފުކޮށް ހިމެނިފައިވާކަމަށް ފެންނަން ނެތް ކޮންމެ ކަމެއްގައި އަމަލުކުރާނީ، މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލަށެވެ.

 

ދެވަނަ ބާބު

މަފްހޫމުތަކުގެ ރަދީފު

 

7 ވަނަ މާއްދާ - މަފްހޫމުތަކުގެ އަސާސް

މި ގާނޫނުގެ 8 ވަނަ މާއްދާއިން ފެށިގެން 36 ވަނަ މާއްދާގެ ނިޔަލަށް ބަޔާންވެގެންވާ ލަފްޒުތަކާއި އިބާރާތްތަކަކީ، މި ގާނޫނު އެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމުތަކެވެ އެ މަފްހޫމުތައް އެ މާއްދާތަކުގައި ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ މި ގާނޫނުގެ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، ނުވަތަ މާނަކުރަންވާނީ،އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 

8 ވަނަ މާއްދާ - ހެކި

"ހެކި" ކަމަށް ބުނެފައި އެވަނީ، ވަކި ވާގިއާއެއް ވުޖޫދުގައި ވާކަން ނުވަތަ ނުވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، މި ގާނޫނުގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ށަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކަށް ޖުމްލަކޮށް، އަދި، އެއިން ކޮންމެ ބާވަތެއްގެ ހެއްކަކަށާއި، އެއިން ކޮންމެ ބާވަތެއްގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ވަކިވަކި ކަންކަމަށާއި އެއްޗެއްސަށް، ވަކިވަކިންނެވެ.

 

9 ވަނަ މާއްދާ - ހެކިބަސް

"ހެކިބަސް" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާ، ށަރީއަތުގެ މަޖިލީހުގައި، ހުވާކޮށްގެންހުރެ، އަނގަބަހުން ނުވަތަ އިށާރާތުން ދޭ ބަޔާނަށެވެ.

 

10 ވަނަ މާއްދާ - ހެކިބަސް ދިނުން

"ހެކިބަސް ދިނުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ށަރީއަތުގައި ސުވާލުކުރެވޭ މަރުހަލާތަކުގައި އެ ސުވާލުތަކަށް ދޭ ޖަވާބަށެވެ ނުވަތަ އެ ސުވާލުތަކަށް ޖަވާބުދެވޭގޮތަށް ހެކިބަސް ދޭ މީހާ ދޭ ބަޔާނަށެވެ.

 

11 ވަނަ މާއްދާ - ހެކިބަސް ނެގުން

"ހެކިބަސް ނެގުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ށަރީއަތުގައި ސުވާލުކުރެވޭ މަރުހަލާތަކުގައި ސުވާލުކުރެވޭ ކުރުމަށެވެ ނުވަތަ އެގޮތުން ކުރެވޭ ސުވާލަށެވެ.

 

12 ވަނަ މާއްދާ - ހެކިބަސް ދޭ މީހާ

"ހެކިބަސް ދޭ މީހާ" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދިނުމަށްޓަކައި ކޯޓަށް ހާޒިރުވެހުރި މީހާއާއި، ށަރީއަތުގައި ހެކިބަސް ދޭ މީހާއާއި، ށަރީއަތުގައި ހެކިބަސް ދީފައިވާ މީހާއާއި، ށަރީއަތުގައި ހެކިބަސް ދިނުމަށް ހާޒިރުވުމަށް އެންގޭ މީހާ ހިމެނޭގޮތުންނެވެ.

 

13 ވަނަ މާއްދާ - ހަބީރުގެ ރައުޔު

"ހަބީރުގެ ރައުޔު" ކަމަށް ބުނެފައި އެވަނީ، ވަކި ވާގިއާއަކުން ނުވަތަ ވާގިއާތަކަކުން ނުވަތަ ވަކި ހެއްކަކުން ނުވަތަ ހެކީގައި އެކުލެވިގެންވާ ވަކި ކަމަކުން ރަމްޒުކޮށްދޭ ނުވަތަ ދޭހަކޮށްދޭ މާނަ ނުވަތަ ނަތީޖާ ނުވަތަ އެއިން ދޭހަކޮށްދޭ ކަމެއް ކޯޓަށް ބަޔާންކޮށްދިނުމަށްޓަކައި ކަމުގެ އެކަށީގެންވާ އިލްމު ނުވަތަ ތަމްރީނު ނުވަތަ ތަޖުރިބާ ހުރި މީހަކު ކޯޓަށް ދޭ ރައުޔަށެވެ.

 

14 ވަނަ މާއްދާ - ނާދިރުވުން

"ނާދިރުވުން" ކަމަށް ބުނެފައި އެވަނީ، ކަމެއް ނުވުން ގާތްވުމުގެ ނިސްބަތަށެވެ.

 

15 ވަނަ މާއްދާ - ނާދިރުވުމުގެ އުސޫލު

"ނާދިރުވުމުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ވަކި މީހަކު ވަކި ކަމެއް ކުރީ ދެ ހާލަތެއްގައި ކަމުގައިވެފައި، އެ ދެ ހާލަތުގެ އެއްގޮތްކަމުން ނުވަތަ އެ ދެ ހާލަތުގައި ހިމެނޭ ކަންކަމުގެ އެއްގޮތްކަމުން، އެ ދެ ހާލަތަކީ އިއްތިފާގަކުން ހިނގައިދިޔަ ދެ ހާލަތް ކަމަށް ގަބޫލުކުރުމަކީ ނާދިރު ކަމެއް ކަމަށް ބަލައިގަތުމުގެ އުސޫލަށެވެ.

 

16 ވަނަ މާއްދާ - ރައުޔު

"ރައުޔު" ކަމަށް ބުނެފައި އެވަނީ، ފެންނަންހުރި ކަމެއް ނުވަތަ އެއްޗެއް ތިމާގެ ސިކުނޑިން ވަޒަންކުރުމުން ތިމާއަށް އެއިން ދޭހަވާ ދޭހަވުމަށެވެ އަދި ކުރިމަތީގައިވާ ވާގިއާއެއް ނުވަތަ ވާގިއާތަކެއް ތިމާއަށް ފެނުމުން ނުވަތަ އަޑުއިވުމުން ނުވަތަ ތަޖުރިބާކުރެވުމުން، ތިމާއަށް އެއިން ލިބިގަނެވޭ ދޭހަވެސް ހިމެނޭގޮތުންނެވެ.

 

17 ވަނަ މާއްދާ - ރީ -އެގްޒެމިންކުރުން

"ރީ-އެގްޒެމިންކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާ ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން އޭނާއާ އަލުން ސުވާލުކުރުމަށެވެ ނުވަތަ އެ މަރުހަލާގައި އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.

 

18 ވަނަ މާއްދާ - ކާފީ ހެކި

"ކާފީ ހެކި" ކަމަށް ބުނެފައި އެވަނީ، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ މިންގަނޑަށް ފުދޭ ނިސްބަތަށް ލިބިފައިވާ ހެއްކަށެވެ ނުވަތަ އެ މިންވަރަށް ހެކި ލިބުމަށެވެ.

 

19 ވަނަ މާއްދާ - ކިތާބީ ހެކި

"ކިތާބީ ހެކި" ކަމަށް ބުނެފައި އެވަނީ، ހުސޫމާތެއް އުފެދިފައިވާ ވާގިއާއެއް ސާބިތުކޮށްދިނުމަށް ށަރީއަތަށް ހުށަހެޅޭ ލިޔުމަށެވެ.

 

20 ވަނަ މާއްދާ - ކްރޮސް -އެގްޒެމިންކުރުން

"ކްރޮސް-އެގްޒެމިންކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާއާ، ހެކިބަސް ދޭ މީހެއްގެ ގޮތުގައި އޭނާ ހުށަހެޅި ފަރާތުން ސުވާލުކޮށް ނިމުމުން، އެ މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ނުވަތަ ފަރާތްތަކުން، އެ ހެކިބަސް ދޭ މީހާ ދިން ހެކިބަހުގެ މައްޗަށް އޭނާއާ ސުވާލުކުރުމަށެވެ. ނުވަތަ އެ މަރުހަލާގައި އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.

 

21 ވަނަ މާއްދާ - އިހްތިމާލު

"އިހްތިމާލު" ކަމަށް ބުނެފައި އެވަނީ، ކަމެއް ވުން ގާތްވުމުގެ ނިސްބަތަށެވެ.

 

22 ވަނަ މާއްދާ - އިހްތިމާލުގެ އުސޫލު

"އިހްތިމާލުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ދައުވާލިބޭ ފަރާތުން، މާޒީވެ ގޮސްފައިވާ ވަކި ހާލަތެއްގައި ވަކި ގޮތަކަށް އަމަލުކޮށްފައިވުމުން، ނުވަތަ ވަކި ވިސްނުމެއްގައި ވަކި އަމަލެއް ކޮށްފައިވުމުން، ހިނގަމުންދާ މައްސަލައާ ގުޅުންހުރި ހާލަތުގައިވެސް އޭނާ އަމަލު ކުރީ މާޒީވެ ގޮސްފައިވާ ހާލަތުގައި އޭނާ އަމަލުކުރި ފަދައިން، ނުވަތަ މާޒީވެ ގޮސްފައިވާ ހާލަތުގައިވެސް އޭނާ އަމަލުކުރި ވިސްނުމުގައިކަން ބަޔާންކޮށްދިނުމުގެ އުސޫލަށެވެ.

 

23 ވަނަ މާއްދާ - އިއުތިރާފު

"އިއުތިރާފު" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ގެ ތުހުމަތުކުރެވޭ މީހާ އޭނާއާމެދު ތުހުމަތުކުރެވޭ ކުށުގެ އެންމެހައި އުންސުރުތަކަށް، އެއްވެސް މަޖުބޫރުކުރުވުމެއް ނެތި، ބުއްދި ސަލާމަތުންހުރެ، އަމިއްލަ އިހްތިޔާރުގައި އެއްބަސްވާ އެއްބަސްވުމަށެވެ.

 

24 ވަނަ މާއްދާ - އިވުނު ކަމަށް ބުނާ ހެކި

"އިވުނު ކަމަށް ބުނާ ހެކި" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހަކު، އޭނާގެ ހިއްސަކުން އޭނާއަށް ކަނޑައެޅިގެން ފެނުނު ނުވަތަ އިވުނު ނުވަތަ އިހްސާސްކުރެވުނު އެއްޗެއް ނުވަތަ ކަމެއް ބަޔާންކުރުމުގެ ބަދަލުގައި، އެހެން މީހަކަށް ވަކި އެއްޗެއް ނުވަތަ ކަމެއް ފެނުނު ކަމަށް ނުވަތަ އެހެން މީހަކަށް ވަކި އެއްޗެއް އަޑުއިވުނު ކަމަށް ނުވަތަ އިހްސާސްކުރެވުނު ކަމަށް އެމީހަކު ބުނާ ބުނުމެއް، ހެކިބަސް ދޭ މީހާއަށް އަޑުއިވުނު ކަމުގެ މައްޗަށް ދޭ ހެކިބަހަށެވެ.

 

25 ވަނަ މާއްދާ - އިތުބާރުގެ އުސޫލު

"އިތުބާރުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާގެ މައްޗަށް ނުވަތަ އޭނާ ދޭ ހެކިބަހުގެ މައްޗަށް ކޯޓަށް ބުރަވެ އިތުބާރުކުރެވިދާނެ ނިސްބަތް ދައްކައިދިނުމުގެ ގޮތުން ހެކި ހުށަހެޅުމުގެ އުސޫލަށް، ނުވަތަ އެ އިތުބާރު ނަފީކުރުމުގެ ގޮތުން ހުށަހަޅާ ހެކި ހުށަހެޅުމުގެ އުސޫލަށެވެ.

 

26 ވަނަ މާއްދާ - އިގްރާރު

"އިގްރާރު" ކަމަށް ބުނެފައި އެވަނީ، އިއުތިރާފަކަށް ނުވާގޮތަށް، ހަސްމަކު ނުވަތަ ކުށުގެ ތުހުމަތުކުރެވޭ މީހަކު ވަކި ވާގިއާއެއް ވުޖޫދުގައިވާ ކަމަށް،އަނގަބަހުން ނުވަތަ ލިޔުމުން ނުވަތަ އަމަލުން އެއްބަސްވާ އެއްބަސްވުމަށެވެ.

 

27 ވަނަ މާއްދާ - އެގްޒެމިންކުރުން

"އެގްޒެމިންކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާއާ، ހެކިބަސް ދިނުމަށް އޭނާ ހުށަހެޅި ފަރާތުން ސުވާލުކުރުމަށެވެ ނުވަތަ އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.

 

28 ވަނަ މާއްދާ - ވާގިއާ

"ވާގިއާ" ކަމަށް ބުނެފައި އެވަނީ، ށަރީއަތުގައި އޮތް މައްސަލައެއް ސާބިތުވުމާއި ނުވުން އެ މައްޗަށް ބިނާވެގެންވާ ހަގީގަތްތަކާއި އަސްލުތަކާއި ނުކުތާތައް ހިމެނޭގޮތުން، އެ މައްސަލައެއްގައި ސާބިތުކޮށްދޭންޖެހޭ ކޮންމެ ހަގީގަތަކަށް ނުވަތަ އަސްލަކަށް ނުވަތަ ކަމަކަށް އިށާރާތްކޮށް، ''ފެކްޓް'' ގެ މާނައިގައެވެ.

 

29 ވަނަ މާއްދާ - މާއްދީ ހެކި

"މާއްދީ ހެކި" ކަމަށް ބުނެފައި އެވަނީ، ވަކި ވާގިއާއެއް ސާބިތުކޮށްދިނުމަށް ށަރީއަތުން ބަލައި ވަޒަންކުރުމަށް ހުށަހެޅޭ މާއްދީ ކޮންމެ އެއްޗަކަށެވެ.

 

30 ވަނަ މާއްދާ - ފުރަތަމަ ދަރަޖައިގެ ހެކި

"ފުރަތަމަ ދަރަޖައިގެ ހެކި" ކަމަށް ބުނެފައި އެވަނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުވާ ހެއްކަށެވެ.

 

31 ވަނަ މާއްދާ - ދެވަނަ ދަރަޖައިގެ ހެކި

"ދެވަނަ ދަރަޖައިގެ ހެކި" ކަމަށް ބުނެފައި އެވަނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުކޮށްނުދޭ، އެހެންނަމަވެސް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ހެއްކަށެވެ.

 

32 ވަނަ މާއްދާ - ލީޑިންގ ސުވާލު

"ލީޑިންގ ސުވާލު" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ނެގުމުގެ މަރުހަލާގައި ހެކިބަސް ދޭ މީހާއާ ސުވާލުކުރެވޭ ހިނދު، ކުރެވޭ ސުވާލަށް ހޯދުމަށް އެދޭ ޖަވާބުވެސް އެ ސުވާލުން ދޭހަވެގެންދާ ގޮތަށް ކުރާ ނުވަތަ ތަރުތީބުކުރެވޭ ސުވާލަށެވެ.

 

33 ވަނަ މާއްދާ - ގުޅުން ހުރުން

"ގުޅުން ހުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ސާބިތުކުރުމަށް ބޭނުންވާ ވާގިއާއަކާއި، އެ ވާގިއާއެއް ސާބިތުކުރުމަށް ބޭނުންވާ ހެއްކާ ދެމެދު އޮންނަ ގާނޫނީ އަދި މާއްދީ ގުޅުމަށެވެ.

 

34 ވަނަ މާއްދާ - ސާބިތުކުރުމުގެ މިންގަނޑު

"ސާބިތުކުރުމުގެ މިންގަނޑު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލައެއްގައި ދައުވާއެއް ސާބިތުވާނެ މިންގަނޑު ކަމުގައި، ނުވަތަ ޖިނާއީ ކުށެއް ނުވަތަ އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށެއް ސާބިތުވާނެ މިންގަނޑު ކަމުގައި މި ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށެވެ.

 

35 ވަނަ މާއްދާ - ސާބިތުކުރުމަށް އެހީވެދޭ ނިސްބަތް

"ސާބިތުކުރުމަށް އެހީވެދޭ ނިސްބަތް" ކަމަށް ބުނެފައި އެވަނީ، ވާގިއާއެއް ވުޖޫދުގައިވާކަން ސާބިތުކުރުމަށްޓަކައި ގުޅުންހުރި ކަމަށް ފެންނަ ހެކި، އެ ވާގިއާއެއް ސާބިތުކުރުމަށް ބޭނުންތެރިވާ ނުވަތަ އެހީތެރިވާ ނިސްބަތަށެވެ.

 

36 ވަނަ މާއްދާ - ށަފަހީ ހެކި

"ށަފަހީ ހެކި" ކަމަށް ބުނެފައި އެވަނީ، ހުސޫމާތެއް އުފެދިފައިވާ ވަކި ވާގިއާއަކާ ގުޅޭގޮތުން ހެކިބަސް ދޭ މީހާ ށަރީއަތުގެ މަޖިލީހަށް ހާޒިރުވެހުރެ،އެ މަޖިލީހުގައި އޭނާ އަނގަބަހުން ދޭ ހެކިބަހަށެވެ.

 

ދެވަނަ ބައި

ހެކި ހުށަހެޅުން

ތިންވަނަ ބާބު

ހެކީގެ ބާވަތްތައް

 

37 ވަނަ މާއްދާ - ވަސީލަތަށް ބުރަވެ ހެކި ބައިކުރެވޭ ގޮތް

ކޯޓަށް ހެކި ހުށަހެޅޭ ވަސީލަތްތަކަށް ބުރަވެ، މި ގާނޫނުގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅޭ ށަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކެވެ.

(ހ) ށަފަހީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، ހެކިބަސް ދޭ މީހާ ށަރީއަތުގެ މަޖިލީހަށް ހާޒިރުވެހުރެ، އޭނާ އަނގަބަހުން އެ މަޖިލީހުގައި ދޭ ބަޔާނެވެ.

(ށ) ކިތާބީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، މައްސަލައިގައި ހިމެނޭ ފަރާތަކުން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާ، ވަކި ވާގިއާއެއް ވުޖޫދުގައިއޮތްކަން ހެކިކޮށްދޭ ލިޔުމެވެ.

(ނ) މާއްދީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އަންނަނިވި ބާވަތުގެ އެއްޗެއްސެވެ.

  1. ކިތާބީ ހެއްކަށްވެސް، ނުވަތަ ށަފަހީ ހެއްކަށްވެސް ނުވާގޮތުން، ވަކި ވާގިއާއެއް ސާބިތުކޮށްދިނުމަށް ހެކީގެ ގޮތުގައި ހުށަހަޅާ މާއްދީ އެއްޗެހި؛
  2. ފޮރެންސިކް ހެކި؛ 
  3. ވަކި މެށިނަކުން ވަކިގޮތަކަށް ނެރެދޭ ނަތީޖާ ނުވަތަ ލޮގް؛ 
  4. އޯޑިއޯ، ވީޑިއޯ، ފޮޓޯއާއި އެފަދަ އެއްޗެހި؛ 
  5. ސައިންޓިފިކް ދަލީލުތަކާއި ތަހްލީލުތަކުގެ ނަތީޖާ؛ 
  6. ކޯޓުގައި ހަދާ ނުވަތަ ދައްކާ ޑެމޮންސްޓްރޭށަންތަކާއި އެކްސްޕެރިމަންޓްތަކާއި ގްރާފްތަކާއި ޗާޓުތައް؛ އަދި 
  7. މެށިން ބޭނުންކޮށްގެން ހަދާ ނުވަތަ ދައްކާ އެއްޗެހި

 

38 ވަނަ މާއްދާ - ދަރަޖައަށް ބުރަވެ، ހެކި ބައިކުރެވޭ ގޮތް

ކޯޓަށް ބަލައިގަންނަ ހެކީގެ ތެރެއިން، ހެކީގެ ދަރަޖައަށް ބުރަވެ، ކޯޓުން ވަޒަންކުރާނެ ހެކި ބެހިގެންވަނީ، އަންނަނިވި ދެ ބަޔަށެވެ.

(ހ) ފުރަތަމަ ދަރަޖައިގެ ހެކި؛ 
(ށ) ދެވަނަ ދަރަޖައިގެ ހެކި.

 

39 ވަނަ މާއްދާ - ފުރަތަމަ ދަރަޖައިގެ ހެކި

(ހ) ފުރަތަމަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުވާ ހެއްކެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ފުރަތަމަ ދަރަޖައިގެ ހެކީގެ ތެރޭގައި ހިމެނެނީ، އަންނަނިވި ބާވަތުގެ ހެއްކެވެ.

  1. ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަމަށް މަންޒަރު ދުށް ނުވަތަ އަޑުއެހި މީހާ ދޭ ހެކިބަސް؛
  2. މައްސަލަ ރައްދުވާ ފަރާތުން ށަރީއަތުގައި ވާ އިއުތިރާފު؛ 
  3. ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި.

 

 

40 ވަނަ މާއްދާ - ދެވަނަ ދަރަޖައިގެ ހެކި

(ހ) ދެވަނަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުކޮށްނުދޭ، އެހެންނަމަވެސް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ހެއްކެވެ.

(ށ) ދެވަނަ ދަރަޖައިގެ ހެކީގެ ތެރޭގައި ހިމެނެނީ، ފުރަތަމަ ދަރަޖައިގެ ހެއްކަށް ނުވާގޮތަށް ހުށަހެޅޭ، އަދި މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ބަލައިގަނެވޭ ކޮންމެ ހެއްކެކެވެ.

 

41 ވަނަ މާއްދާ - ގުޅުމަށް ބުރަވެ، ހެކި ބައިކުރެވޭ ގޮތް

(ހ) ކޯޓަށް ބަލައިގަންނަ ހެކީގެ ތެރެއިން، ހެކި ވަޒަންކުރުމުގެ އުސޫލަށް ބިނާކޮށް، ކޯޓުން ވަޒަންކުރާ ހެކި ބެހިގެންވަނީ އަންނަނިވި ދެ ބަޔަށެވެ.

  1. މާއްދީގޮތުން ގުޅުން ހުރުން؛ 
  2. ގާނޫނީގޮތުން ގުޅުން ހުރުން.

(ށ) މާއްދީގޮތުން ގުޅުންހުރި ހެކި ކަމުގައި ބެލެވޭނީ، އެ ހެއްކެއް ބަލައިގަތުމުން، ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުކޮށްދިނުމަށް ބާރު ލިއްބައިދޭ ހެއްކާއި، އެ ހެއްކެއް ބަލައިގަތުމުން، ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމަށް އެހީތެރިވެދޭ ހެއްކެވެ.

(ނ) ގާނޫނީގޮތުން ގުޅުންހުރި ހެކި ކަމުގައި ބެލެވޭނީ، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި، އެ ހެއްކެއް ބަލައިގަތުމަށް ގާނޫނުއަސާސީން ނުވަތަ މި ގާނޫނުން ނުވަތަ އެނޫންވެސް ގާނޫނަކުން މަނާނުކުރާ ހެއްކެވެ.

  1. ގާނޫނާ ހިލާފަށް ހޯދާފައިވާ ހެއްކަށްވުން؛ 
  2. މީހަކަށް މަޖުބޫރުކޮށްގެން ހޯދާފައިވާ ބަޔާނަކަށްވުން؛ 
  3. މި ގާނޫނުގައި ހިމެނޭ ވަކި އުސޫލެއް މި ގާނޫނުގައި އެހެން އޮތުމުގެ ސަބަބުން ވަޒަންކުރެވެން ނެތް ހެއްކަށްވުން.

 

ހަތަރުވަނަ ބާބު

ށަފަހީ ހެކި

 

42 ވަނަ މާއްދާ - ށަފަހީ ހެކި ހުށަހެޅުން

(ހ) ލިޔުމަކުން ސާބިތުވާން އޮތް ވާގިއާއެއް ފިޔަވައި، އެހެން ވާގިއާއެއް ސާބިތުކުރުމަށް ށަފަހީ ހެކި ހުށަހެޅިދާނެއެވެ.

(ށ) ހެކިބަސް ދޭ މީހާ ށަރީއަތުގެ މަޖިލީހުގައި ދޭ ށަފަހީ ހެކި ވާންވާނީ، ހެކިބަސް ދެވޭ ކަމެއް، އޭނާއަށް އަމިއްލައަށް ތަޖުރިބާކުރެވިފައިވާ ގޮތް ބަޔާންކުރުމުގެ ގޮތުން ސަރީހަ އިބާރާތުން، ތެދުބަހުން ދޭ ހެކިބަހަށެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ހެކިބަސް ދޭ ފަރާތަށް އަމިއްލައަށް ކަމެއް ތަޖުރިބާކުރެވިފައިވުން ކަމަށް ބެލެވޭނީ، ވަކި އެއްޗެއް ނުވަތަ ކަމެއް އޭނާއަށް ކަނޑައެޅިގެން ފެނުމަށް ނުވަތަ އިވުމަށް ނުވަތަ އެނޫންވެސް ގޮތަކަށް އޭނާގެ ހިއްސަކުން ކަނޑައެޅިގެން އިހްސާސްކުރެވިފައިވުމަށެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) ގެ ބޭނުމަށްޓަކައި، ހެކިބަސް ދޭ މީހާއަށް އަމިއްލައަށް ތަޖުރިބާކުރެވިފައިވާ އެއްޗެއް ނުވަތަ ކަމެއް ބަޔާންކުރުމުގެ ގޮތުން ދޭ ހެކިބަހަކީ، އަންނަނިވި ފަދައިން ދޭ ހެކިބަހެވެ.

  1. ހެކިބަހަކީ، ފެނުނު ކަމެއް ސާބިތުކޮށްދިނުމަށް ދޭ ހެކިބަހެއްނަމަ، އެ ހެކިބަހެއް ވާންވާނީ، އެމީހެއްގެ ލޮލަށް ފެނުނު ކަމެއް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.
  2. ހެކިބަހަކީ، އަޑުއިވުނު ކަމެއް ނުވަތަ އެއްޗެއް ސާބިތުކޮށްދިނުމަށް ދޭ ހެކިބަހެއްނަމަ، އެ ހެކިބަހެއް ވާންވާނީ، އެމީހަކަށް ސީދާ އަޑުއިވުނު ކަމެއް ނުވަތަ އެއްޗެއް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.
  3. މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ހާލަތްތަކުގެ އިތުރުން، ހެކިބަސް ދޭ ކަމަކީ، ހިއްސަކުން ނުވަތަ އެނޫންވެސް ގޮތަކުން އިހްސާސްކުރެވޭ ޒާތުގެ ކަމެއްނަމަ، އެ ހެކިބަހެއް ވާންވާނީ، އެމީހަކަށް އިހްސާސްކުރެވުނު ކަމެއް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.

(ބ) ހެކިބަސް ދޭ ފަރާތުން ދޭ ހެކިބަ ހަކީ، ވަކި ކަމަކާ ގުޅޭގޮތުން އޭނާ ހާމަކުރާ ރައުޔު ކަމަށްވާނަމަ، ނުވަތަ އޭނާ ދެކޭގޮތް ބިނާވެފައިވާ ސަބަބުތައް ކަމަށްވާނަމަ، އެ ހެކިބަހެއް ވާންވާނީ، އެކަމެއްގެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އޭނާ ދެކޭގޮތް ނުވަތަ އެ ސަބަބުތައް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.

(ޅ) ވަކި ކަމަކާ ގުޅޭގޮތުން ހަބީރެއްގެ ރައުޔާއި، އެ ރައުޔު ބިނާކޮށްފައިވާ ސަބަބުތައް ބަޔާންކޮށް، އާންމުކޮށް ލިބޭ ގޮތަށް ލިޔެފައިވާ ލިޔުން ސާބިތުކޮށްދިނުމަށްޓަކައި، އަންނަނިވި ހާލަތްތަކުގައި އެ ލިޔުމެއްކޯޓަށް ހުށަހެޅިދާނެއެވެ.

  1. އެ ލިޔުން ލިޔުނު މީހާ މަރުވެފައިވާނަމަ؛ 
  2. އެ ލިޔުން ލިޔުނު މީހާ ހޯދައި ނުފެނިފައިވާނަމަ؛ 
  3. އެ ލިޔުން ލިޔުނު މީހާ ހެކިބަސް ދިނުމަށް ނުކުޅެދިފައިވާނަމަ؛ 
  4. އެ ލިޔުން ލިޔުނު މީހާ ހެކިބަސް ދިނުމަށްޓަކައި ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ހޭދަވެގެން ކަމުގައި ށަރީއަތަށް ގަބޫލުކުރެވޭނަމަ؛
  5. އެ ލިޔުން ލިޔުނު މީހާ ހެކިބަސް ދިނުމަށްޓަކައި ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ހަރަދެއް ކޮށްގެން ކަމުގައި ށަރީއަތަށް ގަބޫލުކުރެވޭނަމަ.

 

43 ވަނަ މާއްދާ - ށަފަހީ ހެއްކާ ގުޅޭގޮތުން މާއްދީ ހެއްކެއް ހުށަހެޅުން

މާއްދީ އެއްވެސް އެއްޗެއް ވުޖޫދުގައިވާ ކަމަށް ނުވަތަ އެ އެއްޗެއް އޮތް ހާލަތާ ގުޅޭގޮތުން ހެކިބަސް ދޭ މީހާ ށަރީއަތުގެ މަޖިލީހުގައި ހެކިބަސް ދޭ ހާލަތްތަކުގައި، އެ ހެކިބަހުގައި ބަޔާންކުރާ މާއްދީ އެއްވެސް އެއްޗެއް ކޯޓުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، އެ އެއްޗެއް ކޯޓަށް ހުށަހެޅުމަށް އެންގިދާނެއެވެ.

 

44 ވަނަ މާއްދާ - ށަފަހީ ހެކި ހުށަހެޅުމުގެ މަރުހަލާގައި ކިތާބީ ހެކި ހުށަހެޅުން

ށަފަހީ ހެކި ހުށަހެޅުމުގެ މަރުހަލާގައިވެސް، މައްސަލައިގައި ސާބިތުކުރަން ބޭނުންވާ ވާގިއާއަކާ ގުޅުންހުރި ލިޔުން، އެ މައްސަލަ ސާބިތުކުރަން ބޭނުންވާ ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅިދާނެއެވެ.

 

ފަސްވަނަ ބާބު

ހެކިބަސް ދޭ ފަރާތްތައް

 

45 ވަނަ މާއްދާ - ހެކިބަސް ދޭ ފަރާތަށް ސީދާ ކަމެއް އެނގިފައި އޮވެގެން މެނުވީ އެކަމުގައި ހެކިބަސް ނުދިނުން

ވަކި ވާގިއާއެއް ސާބިތުކޮށްދިނުމަށްޓަކައި ހެކިބަސް ދޭ ފަރާތަކަށް ހެކިބަސް ދެވޭނީ، އޭނާ އަމިއްލައަށް އެކަމެއް ތަޖުރިބާކުރެވިފައިވާ ކަމަށް ބެލުމަށް ކާފީ ހެކި ހުށަހަޅާފައިވާނަމައެވެ.

 

46 ވަނަ މާއްދާ - ހެކިބަސް ދިނުމުގެ ގާބިލުކަން ހުރި ފަރާތްތައް

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހެކިބަސް ދިނުމުގެ ގާބިލުކަން ހުރި ކޮންމެ ފަރާތަކަށް، ވަކި ވާގިއާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކިބަސް ދެވިދާނެއެވެ.

(ށ) އަންނަނިވި ށަރުތުތައް ފުރިހަމަވާ މީހަ ކީ، ވަކި ވާގިއާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކިބަސް ދިނުމަށް ގާބިލު މީހަކު ކަމުގައި ބެލެވޭނެއެވެ.

  1. މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހަކު ކަމުގައިވުން؛ އަދި 
  2. ހެކިބަސް ދޭންވާނީ ތެދު ހަގީގަތަށްކަން ދެނެގަތުމުގެ ގާބިލުކަން ހުރި މީހަކު ކަމުގައިވުން؛ އަދި 
  3. ކުރެވޭ ސުވާލު ވިސްނައިގަތުމަށް ނުވަތަ ދެނެގަތުމަށް ނުވަތަ އެއަށް ދޭނެ ޖަވާބެއް ބަޔާންކޮށްދިނުމުގެ ކުޅެދުންތެރިކަން ހުރި މީހަކު ކަމުގައިވުން.

 

47 ވަނަ މާއްދާ - ހެކިބަސް ދޭ މީހާގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް

(ހ) ހެކިބަސް ދޭ މީހާގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އުމުރުން 15 (ފަނަރަ) އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން؛
  2. ބުއްދި ސަލާމަތުންހުރި މީހަކު ކަމުގައިވުން؛ 
  3. ހެކިބަސް ދިނުމުގެ އަދުލުވެރިކަން ފުރިހަމަވާ މީހަކު ކަމުގައިވުން؛
  4. މި ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި، މި ގާނޫނުގައިވާ ގޮތުގެމަތިން ހެކިބަސް ދިނުމަށް ކޯޓުން ލާޒިމުކުރާ ކުރުން ފިޔަވައި، އިތުރު އެއްވެސް އެހެން މަޖުބޫރުކުރުވުމެއް ނެތި، އަމިއްލަ އިހްތިޔާރުގައި ހެކިބަސް ދޭ މީހަކު ކަމުގައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތަކުގެ އިތުރުން، ހެކިބަސް ދޭ މީހާއަކީ މުސްލިމަކު ކަމުގައި ވާންޖެހޭނެ ކަމަށް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައިވާ ކަންކަމުގައި، ހެކިބަސް ދޭ މީހާއަކީ މުސްލިމަކު ކަމުގައިވާންޖެހޭނެއެވެ.

 

48 ވަނަ މާއްދާ - ހެކިބަސް ދިނުމުގެ އަދުލުވެ ރިކަން ހުރުން

(ހ) ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތައް ފިޔަވައި، އެނޫން ފަރާތްތަކަކީ، ހެކިބަސް ދިނުމުގެ އަދުލުވެރިކަން ފުރިހަމަވާ ފަރާތްތަކެއް ކަމުގައި ބަލަންވާނެއެވެ.

(ށ) ހެކިބަސް ދޭ ފަރާތުގެ ތެދުވެރިކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ފަރާތްތަކަކީ، ހެކިބަސް ދިނުމުގެ އަދުލުވެރިކަން ގެއްލިފައިވާ ފަރާތްތަކެއް ކަމުގައި ބެލޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތަކީ، އެފަރާތެއްގެ ތެދުވެރިކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދިފައިވާ ފަރާތެއް ކަމުގައި ބެލޭނެއެވެ.

  1. ގަޒްފުގެ ކުށް؛ 
  2. ދޮގުހެކި ދިނުމުގެ ކުށް؛ 
  3. ވައްކަން، ޓެކުން، ހިޔާނާތް އަދި ފޭރުމުގެ ކުށްތައް؛ 
  4. އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ ކުށްތައް؛ 
  5. ކޮރަޕްށަންގެ ކުށްތައް؛ 
  6. އެނޫންވެސް އޮޅުވާލުމުގެ އަމަލުތަކުގެ މައްޗަށް އެކުލެވޭ ކުށްތައް.

 

49 ވަނަ މާއްދާ - ހެކިބަސް ދިނުމުގެ އަދުލުވެރިކަން ފުރިހަމަނުވާ ފަރާތުގެ ހެކިބަސް

(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ )3 )ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ވަކި ވާގިއާއަކާ ގުޅޭގޮތުން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން ފަރާތެއް ނެތް ހާލަތެއްގައި، ހެކިބަސް ދިނުމުގެ އަދުލުވެރިކަން ފުރިހަމަނުވާ ފަރާތެއްގެ ހެކިބަސް ބަލައިގަތުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލު، މި ގާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއްސާބިތުވެފައިވާ ފަރާތަކާ ގުޅޭގޮތަކުން ނުހިނގާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހެކިބަސް ދިނުމުގެ އަދުލުވެރިކަން ފުރިހަމަނުވާ ފަރާތެއްގެ ހެކިބަސް ކޯޓުން ބަލައިގަންނަންވާނީ، މި ގާނޫނުގެ 46ވަނަ މާއްދާއާއި 47 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ އެހެން ށަރުތުތައް އެފަރާތުގެ ކިބައިގައި ފުރިހަމަވާނަމައެވެ.

(ރ) މި މާއްދާގެ ދަށުން ނަގާ ހެކިބަހަކީ، މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ ފުރަތަމަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ހެކިބަހެއް ނޫނެވެ.

 

50 ވަނަ މާއްދާ - ކުޑަކުދިންގެ ހެކިބަސް

(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ވަކި ވާގިއާއަކާ ގުޅޭގޮތުން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން ފަރާތެއް ނެތް ހާލަތެއްގައި، އުމުރުން 15 (ފަނަރަ) އަހަރު ފުރިފައިނުވާ ކުޑަކުއްޖެއްގެ ހެކިބަސް ބަލައިގަތުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުޑަކުއްޖެއްގެ ހެކިބަސް ކޯޓުން ނަގަންވާނީ، މި ގާނޫނުގެ 46 ވަނަ މާއްދާއާއި 47 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ އެހެން ށަރުތުތައް އެ ކުއްޖާގެ ކިބައިގައި ފުރިހަމަވާނަމައެވެ.

ނ) މި މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހެކިބަސް ނެގުމުގައި، މި ގާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ހެކިބަސް ދޭ ފަރާތުން ކުރަންޖެހޭ ހުވާކުރުން ކުޑަކުއްޖާގެ މައްޗަށް ލާޒިމުކޮށްގެން ނުވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ނަގާ ހެކިބަހަކީ، މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ ފުރަތަމަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ހެކިބަހެއް ނޫނެވެ.

(ބ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އެ މާއްދާތަކުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަނުވާ ހާލަތުގައި ނެގޭ ކުޑަކުދިންގެ ހެކިބަސް ކޯޓަށް ބަލައިގަނެވޭނެ ކަމުގައި ވަކި ގާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެ ގާނޫނެއްގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންގެ ހެކިބަސް ބަލައިގަތުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

 

51 ވަނަ މާއްދާ - ހެކިބަސް ނަގައިގެންނުވާނެ ހާލަތްތައް

މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހެކިބަސް ދޭ މީހާއަކީ މައްސަލައިގެ ހަސްމަކާ ފުށުއަރާ މަސްލަހަތެއް އޮތް ނުވަތަ މައްސަލައިގެ ހަސްމަކާ އަދާވާތްތެރިކަމެއް އޮތް މީހަކު ކަމުގައިވާނަމަ، އެ މައްސަލައެއްގައި އެމީހެއްގެ ހެކިބަސް ނަގައިގެންނުވާނެއެވެ.

 

52 ވަނަ މާއްދާ - ހެކިބަސް ދިނުން ލާޒިމުކުރުން

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހެކިބަސް ދިނުމުގެ ގާބިލުކަން ހުރި ކޮންމެ މީހަކީ، ހެކިބަސް ދިނުމަށް ކޯޓަށް ލާޒިމުކުރެވިދާނެ މީހެކެވެ.

 

53 ވަނަ މާއްދާ - ކުޑަކުދިންގެ ހެކިބަސްހެކިބަސް ދިނުން ލާޒިމު ނުކުރެވޭނެ މީހުން

(ހ) މި ގާނޫނުގެ 52 ވަނަ މާއްދާ އެހެން އޮތްނަމަވެސް، ހެކިބަސް ދޭ މީހަކާ ގުޅޭގޮތުން އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާ ކަމަށް ށަރީއަތަށް ގަބޫލުކުރެވޭ ހާލަތުގައި، ހެކިބަސްދިނުމަށް އެމީހަކަށް ލާޒިމުކޮށްގެންނުވާނެއެވެ.

  1. ވަކި ވާގިއާއަކާ ގުޅޭގޮތުން އެހާތަނަށް ކާފީ ހެކި ލިބިފައިވުން؛ 
  2. ވަކި ވާގިއާއަކާ ގުޅޭގޮތުން ކާފީ ހެއްކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން މީހުން ތިބުން؛
  3. ށަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ފަނޑިޔާރުކަން ކުރާ މީހަކު އެ މައްސަލައާ ގުޅޭގޮތުން ހެކިބަސް ދޭންޖެހުން؛
  4. މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ ފަރާތެއް، އެ މައްސަލައިގައި ދައުވާކުރާ ފަރާތުގެ ހެއްކަކަށް ވާންޖެހުން؛
  5. ޖިނާއީ ދައުވާއެއް ކުރަނީ އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް، އެއް ދައުވާއެއްގެ ގޮތުގައި، އެ އެންމެންގެ މައްޗަށް އެކުގައި ކަމުގައިވާނަމަ، އެމީހުންގެ ތެރެއިން މީހަކަށް އެމީހުންގެ ތެރެއިން އެހެން މީހެއްގެ މައްޗަށް ހެކިބަސް ދޭންޖެހުން؛
  6. ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތަކާއި، ހެކިބަސް ދިނުމަށް ލާޒިމުކުރުމުން ގާނޫނަކުން އިމްތިޔާޒު ލިބިގެންވާ ފަރާތްތައް.

(ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އެހެން އޮތްކަމުގައިވީނަމަވެސް، ޖިނާއީ ދައުވާއެއް އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް ކުރަނީ ވަކިވަކި ދައުވާތަކެއްގެ ގޮތުގައި ކަމުގައިވާނަމަ، އެމީހުންގެ ތެރެއިން މީހަކަށް، އެމީހުންގެ ތެރެއިން އެހެން މީހެއްގެ މައްޗަށް، އެއްކޮޅަށް ނުވަތަ ދެކޮޅަށްވެސް، ހެކިބަސް ދެވިދާނެއެވެ.

(ނ) ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ ފަރާތް، ދައުވާކުރާ ފަރާތުން ހެކިބަސް ދޭ މީހެއްގެ ގޮތުގައި ހާޒިރުކުރަން މި ގާނޫނު ހުއްދަކުރާ ހާލަތްތަކުގައި، ދައުވާކުރާ ފަރާތުގެ ހެއްކެއްގެ ގޮތުގައި ދައުވާލިބޭ ފަރާތަށް ހެކިބަސް ދެވިދާނެއެވެ.

 

54 ވަނަ މާއްދާ - ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުމަށް އުޒުރުވެރިވުން

(ހ) ޖިނާއީ މައްސަލައެއްގައި ހެކިބަސް ދޭ މީހާއަކީ، ކުށުގެ ދައުވާލިބޭ މީހާއާ އަންނަނިވި ބާވަތުގެ ގުޅުމެއް އޮތް މީހަކު ކަމުގައިވާނަމަ، އޭނާގެ މައްޗަށް ދައުވާކުރެވޭ ކުށާ ގުޅުންހުރި ހެކިބަސް ދިނުމަށް، ނުވަތަ ކުށުގެ ދައުވާލިބޭ މީހާއާއި އޭނާއާ ދެމެދު ހިނގާފައިވާ މުއާސަލާތެއްގެ މައުލޫމާތެއް ދިނުމަށް، އެ ދައުވާއާ ގުޅިގެން ހެކިބަސް ދޭ މީހެއްގެ ގޮތުގައި ހާޒިރުވެ ހެކިބަސް ދިނުމަށް އޭނާއަށް އުޒުރުވެރިވެވިދާނެއެވެ.

  1. އަނބިމީހާ ނުވަތަ ފިރިމީހާ؛ 
  2. މައިންބަފައިން ނުވަތަ ބެލެނިވެރިޔާ؛ 
  3. ދަރިއެއް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތެއް ހެކިބަސް ދިނުމަށް އަންގާ ވަގުތު، އޭނާއަށް އެ ހައްގު އޮތްކަން އެނގިފައިނުވިނަމަވެސް، އޭނާއަށް އެ ހައްގު އޮތްކަން އެނގުމާއެކު، ހެކިބަސް ދިނުމުން އޭނާއަށް އުޒުރުވެރިވެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އަނބިމީހާ ނުވަތަ ފިރިމީހާ ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލު ހިނގިއިރު އޭނާ އިނދެގެން އުޅުނު އެހެންނަމަވެސް ފަހުން ވަރިކޮށްފައިވާ ނުވަތަ ވަރިވެފައިވާ ފަރާތްވެސް ހިމެނޭގޮތުންނެވެ.

 

55 ވަނަ މާއްދާ - ހެކިބަސް ދިނުމަށް އުޒުރުވެރިވުމުން ކޯޓުން ގޮތެއް ކަނޑައެޅުން

(ހ) މި ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން މީހަކު ހެކިބަސް ދިނުމަށް އުޒުރުވެރިވެއްޖެ ހިނދެއްގައި، އޭނާއަށް ހެކިބަސް ދިނުން ލާޒިމުކުރަން ޖެހޭކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޯޓުން ގޮތެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. އޭނާ ހެކިބަސް ދީފިނަމަ، އޭނާއަށް އެއްވެސް ގެއްލުމެއް ލިބިދާނެކަން؛
  2. އޭނާ ހެކިބަސް ދީފިނަމަ، އޭނާއާއި ކުށުގެ ތުހުމަތުކުރެވޭ މީހާއާ ދެމެދު އޮތް ގުޅުމަށް ބޮޑު ހީނަރުކަމެއް އަތުވެދާނެކަން؛
  3. އޭނާ ހެކިބަސް ދީފިނަމަ އޭނާއަށް ދިމާވެދާނެ ނުރައްކަލާއި އޭނާ ހެކިބަސްނުދީފިނަމަ ދިމާވެދާނެ ގެއްލުމާ އަޅައިބަލާއިރު، އިސްކަން ދޭންޖެހޭނީ ކޮން ކަމަކަށްކަން؛
  4. ކުށުގެ ދައުވާކުރެވޭ މީހާގެ މައްޗަށް އުފުލިފައިވާ ދައުވާގެ ކުޑަބޮޑުމިން؛
  5. ހެކިބަސް ދޭންޖެހޭ މީހާ ދޭންޖެހޭ ހެކިބަހުގެ މުހިންމުކަމާއި، އެ ހެކިބަސް، ކުށް ސާބިތުކުރުމަށް އެހީތެރިވެދޭނެ ނިސްބަތް؛
  6. އޭނާ ހެކިބަސް ދޭ ވާގިއާއާ ގުޅޭގޮތުން ހެކިބަސް ދޭން އެއްބަސްވާ އެހެން މީހަކު ދައުވާކުރާ ފަރާތަށް ލިބިފައިވާކަން ނުވަތަ ނޫންކަން؛
  7. ކުށުގެ ދައުވާލިބޭ މީހާއާ ހެކިބަސް ދޭ މީހާއާހުރި ގުޅުމުގެ ބާވަތް؛
  8. ހެކިބަސް ދޭ މީހާ ދޭ ހެކިބަހުގައިވާ މައުލޫމާތަކީ، އޭނާއާއި ކުށުގެ ދައުވާލިބޭ މީހާއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އިތުބާރުކޮށް ސިއްރެއްގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްޗެއް ނުވަތަ ކަމަކަށްވެފައި، އެއީ ހާމަކުރަންޖެހޭ މައުލޫމާތެއްކަން  ނުވަތަ ނޫންކަން.

 

56 ވަނަ މާއްދާ - ހެކިބަސް ދިނުމަށް އުޒުރުވެރިނުވެވޭނެ ކުށްތައް

މި ގާނޫނުގެ 54 ވަނަ މާއްދާ އެހެން އޮތްނަމަވެސް، ޖިނާއީ ބޮޑު ކުށެއްގެ ދައުވާއެއްގައި ނުވަތަ ކުޑަކުދިންނާ ދެކޮޅަށް ހިންގޭ ކުށެއްގެ ދައުވާއެއްގައި ނުވަތަ ޖިންސީ ގޯނާގެ ކުށެއްގެ ދައުވާއެއްގައި ނުވަތަ ގެވެށި އަނިޔާގެ ކުށެއްގެ ދައުވާއެއްގައި ވަކި ވާގިއާއަކާ ގުޅޭގޮތުން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން ފަރާތެއް ނެތް ހާލަތެއްގައި، އެ މާއްދާގައި ބަޔާންކުރާ ފަރާތަކާ ގުޅޭގޮތުން މި ގާނޫނުގެ 53 ވަނަ މާއްދާގަ އި ބަޔާންވެގެންވާ އުސޫލު ނުހިނގާނަމަ، އެފަރާތެއް އެފަދަ ކުށެއްގެ ދައުވާއެއްގައި ހެކިބަސް ދިނުމަށް ލާޒިމުކުރުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ.

 

ހަވަނަ ބާބު

ކިތާބީ ހެކި

އެއްވަނަ ބައި - ކިތާބީ ހެކީގެ ބާވަތްތައް ލިޔުމެއްގައިވާ އެއްޗެއް ސާބިތުކުރުން

 

57 ވަނަ މާއްދާ - ލިޔުމެއްގައިވާ އެއްވެސް އެއްޗެއް އަންނަނިވި ދެ ގޮތުގެ ތެރެއިން ގޮތަކަށް، ހެކި ހުށަހަޅައިގެން ސާބިތުކުރެވިދާނެއެވެ.

(ހ) ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި؛

(ށ) ދެވަނަ ދަރަޖައިގެ ކިތާބީ ހެކި.

 

58 ވަނަ މާއްދާ - ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި

(ހ) މި ގާނޫނުގެ 57 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ފުރަތަމަ ދަރަޖައިގެ ކިތާބީ ހެއްކަކީ ކިތާބީ ހެކީގެ ގޮތުގައި ށަރީއަތަށް ހުށަހަޅާ ލިޔުމެއްގެ އަސްލެވެ.

(ށ) މި ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގައި މެނުވީ، ލިޔުމެއްގައިވާ އެއްވެސް އެއްޗެއް ސާބިތުކުރެވޭނީ، ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި ހުށަހަޅައިގެންނެވެ.

 

59 ވަނަ މާއްދާ - ދެވަނަ ދަރަޖައިގެ ކިތާބީ ހެކި

(ހ) ދެވަނަ ދަރަޖައިގެ ކިތާބީ ހެއްކަކީ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތްތަކުގައި މެނުވީ ށަރީއަތަށް ބަލައިގަނެވޭނެ ހެއްކެއް ނޫނެވެ.

(ށ) ދެވަނަ ދަރަޖައިގެ ކިތާބީ ހެކީގެ ތެރޭގައި، އަންނަނިވި އެއްޗެހި ހިމެނެއެވެ.

  1. އަސްލާ އެއްގޮތް ކަމަށް ބަޔާންކުރާ ކޮޕީ؛
  2. ލިޔުމުގެ އަސްލު ނުގެއްލޭނެކަން ޔަގީންވާފަދަ މެށިނެއް ނުވަތަ އެހެން ވަސީލަތެއް ބޭނުންކޮށްގެން އެ ލިޔުމެއްގެ އަސްލުން ނަކަލުކޮށްފައިވާ އަދި އޭގެ ތެދުކަން ޔަގީންކޮށްފައިވާ ކޮޕީ.

(ނ) އަންނަނިވި ހާލަތްތަކުގައި، ލިޔުމެއް ވުޖޫދުގައިވާކަން ނުވަތަ ނުވާކަން ސާބިތުކޮށްދިނުމަށްޓަކައި، ނުވަތަ އެ ލިޔުމެއް އޮތް ހާލަތު ސާބިތުކޮށްދިނުމަށްޓަކައި، ނުވަތަ އެ ލިޔުމެއްގައިވާ އެއްޗެއް ސާބިތުކޮށްދިނުމަށްޓަކައި ދެވަނަ ދަރަޖައިގެ ކިތާބީ ހެކި ހުށަހެޅިދާނެއެވެ.

  1. ލިޔުމެއްގެ އަސްލު އޮތީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ކިބައިގައި ނުވަތަ އޭނާގެ ބާރުގެ ދަށުގައި ކަމަށްވެފައި، އެ ލިޔުން ހުށަހެޅުމަށް ކޯޓުން އެންގުމުން، އެ ލިޔުން ކޯޓަށް ހުށަހަޅާފައިނުވުން:
    1. އެ ލިޔުން އެމީހަކާ ދެކޮޅަށް ސާބިތުކުރުމަށް ހުށަހެޅިފައިވާ މީހާ؛
    2. ކޯޓުގެ އިހްތިސާސް ނުހިނގާ ތަނެއްގައި ހުރި މީހާ؛
    3. އެ ލިޔުން ހުށަހެޅުމަށް ގާނޫނީގޮތުން ލާޒިމުވާ މީހާ.
  2. އެ ލިޔުން އެމީހަކާ ދެކޮޅަށް ސާބިތުކުރަން ހުށަހެޅިފައިވާ މީހާ ނުވަތަ އޭނާ ތަމްސީލުކުރާ މީހަކު އެ ލިޔުމުގެ އަސްލު ވުޖޫދުގައިވާ ކަމާމެދު ނުވަތަ ނުވާކަމާމެދު، ނުވަތަ ލިޔުން އޮތް ހާލަތު ނުވަތަ ލިޔުމުގައިވާ އެއްޗަކާ ގުޅޭގޮތުން ލިޔުމުން އިގްރާރެއްވެފައި އޮތުން؛
  3. އެ ލިޔުމުގެ އަސްލު ގެއްލިފައިވުމުގެ ސަބަބުން ނުވަތަ ނެތިގޮސްފައިވުމުގެ ސަބަބުން، ނުވަތަ ހެކި ހުށަހަޅާ ފަރާތުގެ ފަރުވާކުޑަކުރުމެއް ނުވަތަ އިހުމާލެއް ނުހިމެނޭ އެހެން ކަމެއް މެދުވެރިވުމުގެ ސަބަބުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ލިޔުން ކޯޓަށް ހުށަހެޅެން ނެތުން؛
  4. ލިޔުމެއްގެ އަސްލަކީ، ފަސޭހައިން އެއް ތަނުން އަނެއް ތަނަށް ގެންދެވޭފަދަ އެއްޗަކަށް ނުވުން؛
  5. ލިޔުމެއްގެ އަސްލަކީ، ދައުލަތުގެ ރަސްމީ ލިޔުމަކަށްވުން؛ 
  6. ލިޔުމެއްގެ އަސްލަކީ، އެ ލިޔުމުގެ އަސްލާ އެއްގޮތް ކަމަށް ބަޔާންކުރާ ކޮޕީ ކޯޓަށް ހެކީގެ ގޮތުގައި ހުށަހެޅުމަށް މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ހުއްދަކުރެވިފައިވާ ލިޔުމަކަށްވުން؛
  7. ލިޔުމެއްގެ އަސްލަކީ، ތަފާތު ގިނަ ލިޔުންތަކެއްގެ މައްޗަށް އެކުލެވޭ ލިޔުމެއް ކަމަށްވެފައި، އެ ލިޔުންތަކުން ސާބިތުކުރަން ބޭނުންވާ ކަމަކީ އެ ލިޔުންތައް އެކުގައި ބެލުމުން ފެންނާނެ ނަތީޖާއެއް ކަމަށްވާނަމަ، އެ ލިޔުންތައް ކޯޓުން ބެލުމަކީ ދަތިކަމެއް ކަމަށްވުން.

(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތްތަކުގައި، ލިޔުމުގައިވާ އެއްޗަކާ ގުޅޭގޮތުން ހުށަހަޅާ ދެވަނަ ދަރަޖައިގެ ހެކި ށަރީއަތަށް ގަބޫލުކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ލިޔުމުން ވާ އިގްރާރު ށަރީއަތަށް ގަބޫލުކުރެވޭނެއެވެ.

(ޅ) މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރާއި (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެ އަކުރުތަކުގައި ބަޔާންކުރާ ލިޔުމުގެ އަސްލާ އެއްގޮތް ކަމަށް ބަޔާންކުރާ ކޮޕީ ފިޔަވައި ދެވަނަ ދަރަޖައިގެ އެހެން ހެއްކެއް ށަރީއަތަށް ގަބޫލެއް ނުކުރެވޭނެއެވެ.

(ކ) މި މާއްދާގެ (ނ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެ އަކުރުގައި ބަޔާންކުރާފަދަ ލިޔުންތައް ދިރާސާކުރުމުގެ ހުނަރު ލިބިފައިވާ މީހަކަށް، އެ ލިޔުންތައް ދިރާސާކުރުމަށްފަހު އެ ލިޔުންތަކުން ދޭހަވާ އާންމު ނަތީޖާއާ ގުޅޭގޮތުން ށަރީއަތަށް ހެކިބަސް ދެވިދާނެއެވެ.

 

60 ވަނަ މާއްދާ - އަތުލިޔުން ނުވަތަ ސޮއި ސާބިތުކުރުން

ލިޔުމެއް ނުވަތަ ލިޔުމެއްގެ ވަކި ބައެއް ލިޔެފައިވަނީ، ނުވަތަ ލިޔުމެއްގައި ސޮއިކޮށްފައިވަނީ، ވަކި މީހަކު ކަމަށް ބުނާނަމަ، އެމީހަކު ލިޔެފައިވާ ކަމަށް ބުނާ ބައި ލިޔެފައިވަނީ އެމީހަކުކަން، ނުވަތަ އެ ލިޔުމުގައި ސޮއިކޮށްފައިވަނީ އެމީހަކުކަން، އެ ލިޔުން ށަރީއަތަށް ހުށަހެޅި ފަރާތުން ސާބިތުކޮށްދޭންވާނެއެވެ.

 

61 ވަނަ މާއްދާ - ރަސްމީ ލިޔުންތައް

ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކަކީ ރަސްމީ ލިޔުން ކަމުގައި ބެލޭނެއެވެ.

(ހ) ދައުލަތުގެ އިދާރާއަކުން ކޮށްފައިވާ ކަންކަން ނުވަތަ ހިންގާފައިވާ ހަރަކާތްތައް އެ މައްޗަށް އެކުލެވޭ ގޮތަށް، އެ އިދާރާއަކުން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން އުފައްދާ ނުވަތަ އެކުލަވާލާ ލިޔުން؛

(ށ) ދައުލަތުގެ އިދާރާއަކުން ކޮށްފައިވާ ކަންކަން ނުވަތަ ހިންގާފައިވާ ހަރަކާތްތައް އެ އިދާރާއަކުން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ރެކޯޑަށްޓަކައި ބެހެއްޓިފައިވާ ލި ޔުން؛

(ނ) ބޭރު ދައުލަތެއްގެ ރަސްމީ އިދާރާއަކުން ކޮށްފައިވާ ކަންކަން ނުވަތަ ހިންގާފައިވާ ހަރަކާތްތައް އެ މައްޗަށް އެކުލެވޭ ގޮތަށް އެއިން ތަނަކުން އުފައްދާ ނުވަތަ އެކުލަވާލާ ލިޔުން؛

(ރ) ބޭރު ދައުލަތެއްގެ ރަސްމީ އިދާރާއަކުން ކޮށްފައިވާ ކަންކަން ނުވަތަ ހިންގާފައިވާ ހަރަކާތްތައް އެއިން ތަނަކުން ރެކޯޑަށްޓަކައި ބެހެއްޓިފައިވާ ލިޔުން؛

(ބ) ދައުލަތުގެ އިދާރާއަކުން ބަލަހައްޓާ އަމިއްލަ ފަރާތެއްގެ މައުލޫމާތު ހިމެނޭ ރަސްމީ ރެކޯޑު.

 

62 ވަނަ މާއްދާ - އަމިއްލަ ފަރާތްތަކުގެ ލިޔުންތައް

ރަސްމީ ލިޔުން ފިޔަވައި އެހެން ކޮންމެ ލިޔުމަކީ، އަމިއްލަ ފަރާތްތަކުގެ ލިޔުން ކަމުގައި ބެލޭނެއެވެ.

 

63 ވަނަ މާއްދާ - ރަސްމީ ލިޔުމުގެ އަސްލާ އެއްގޮތްކަން ބަޔާންކުރާ ކޮޕީ

މި ގާނޫނުގެ ބޭނުމަށްޓަކައި ރަސްމީ ލިޔުމެއްގެ އަސްލާ އެއްގޮތް ކަމަށް ބަޔާންކުރާ ކޮޕީއަކީ ސައްހަ ކޮޕީއެއް ކަމަށް ބެލޭނީ، އެ ކޮޕީއާ ގުޅޭގޮތުން ދައުލަތުގެ އެ އިދާރާއަކުން އަންނަނިވި ކަންކަން ފުރިހަމަކޮށްފައިވާނަމައެވެ.

(ހ) އެ ލިޔުމުގެ ކޮޕީގައި، އެ ކޮޕީއަކީ ލިޔުމުގެ ނުވަތަ ލިޔުމުގެ ބައެއްގެ އަސްލާ އެއްގޮތް ކޮޕީއެއްކަން ބަޔާންކުރާ ތައްގަނޑު ޖަހާފައިވުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތައްގަނޑު ޖަހާފައިވުމާއެކު، އެ ތައްގަނޑު ޖެހި ތާރީހާއި، އެ ތައްގަނޑު ޖެހި މުވައްޒަފުގެ ނަމާއި މަގާމު ބަޔާންކޮށްފައިވުން؛

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ މުވައްޒަފަކީ، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާގެ ސިއްކަޖެހުމުގެ ހުއްދަ އޮތް ފަރާތެއް ކަމަށްވެފައި، އެ ކޮޕީގައި އެ އިދާރާގެ ސިއްކަޖަހާފައި އޮތުން.

 

ދެވަނަ ބައި - އިލެކްޓްރޯނިކް ހެކި

 

64 ވަނަ މާއްދާ - އިލެކްޓްރޯނިކް ހެކި، ވަސީލަތް އަދި ޑޭޓާ

މި ބާބުގެ ބޭނުމަށްޓަކައި އަންނަނިވި އިބާރާތްތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "އިލެކްޓްރޯނިކް ހެކި" ކަމަށް ބުނެފައި އެވަނީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ށަރީއަތުގައި ހުސޫމާތް އުފެދިފައިވާ ވާގިއާއެއް ސާބިތުކުރުމަށް ނުވަތަ ނަފީކުރުމަށް ބޭނުންކުރެވިދާނެ، ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ އެފަދަ އެހެން ޑިވައިސްއެއްގައި ނުވަތަ އެފަދަ ސިސްޓަމެއް ނުވަތަ ޑިވައިސްއެއް މެދުވެރިކޮށް އެއްވެސް ވަސީލަތެއްގައި، ރައްކާކޮށްފައިވާ ނުވަތަ ރެކޯޑުކޮށްފައިވާ، އަދި މީހަކަށް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ އެފަދަ އެހެން ޑިވައިސްއަކަށް ދެނެގަނެވޭނެ، ނުވަތަ ދޭހަކުރެވޭނެ ގޮތަށް ހުންނަ ޑޭޓާ އަށެވެ އޭގެ ތެރޭގައި، ޑިސްޕްލޭކޮށްފައިވާ ނުވަތަ ޕްރިންޓްކޮށްފައިވާ ނުވަތަ ޖެނެރޭޓްކޮށްފައިވާ ނުވަތަ އެނޫން ގޮތަކަށް އެ ސިސްޓަމަކުން ނުވަތަ ޑިވައިސްއަކުން ބޭރުކޮށްފައިވާ ޑޭޓާ ހިމެނެއެވެ.

(ށ) "އިލެކްޓްރޯނިކް ވަސީލަތް" ކަމަށް ބުނެފައި އެވަނީ، އެ އެއްޗެއްގައި ނުވަތަ އެ އެއްޗެއް މެދުވެރިކޮށް ޑޭޓާ ރައްކާކޮށްފައިވާ ނުވަތަ ރެކޯޑުކޮށްފައިވާ ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ އެފަދަ އެހެން ޑިވައިސްއާއި، އިލެކްޓްރޯނިކް ހެއްކެއް ރެކޯޑުކުރުމާއި ރައްކާތެރިކުރުމާ ގުޅޭގޮތުން އަމަލުކުރެވޭ އިޖުރާއަތުތައްވެސް ހިމެނޭގޮތުންނެވެ

(ނ) "ޑޭޓާ" ކަމަށް ބުނެފައި އެވަނީ، މައުލޫމާތު ނުވަތަ މަފްހޫމެއް، ކޮންމެ ސިފައެއްގައިވިޔަސް ރަމްޒުކޮށްދޭ ކޮންމެ އެއްޗަކަށެވެ.

 

65 ވަނަ މާއްދާ - އިލެކްޓްރޯނިކް ހެކި ށަރީއަތަށް ގަބޫލުކުރުން

(ހ) ވަކި ހެއްކަކީ އިލެކްޓްރޯނިކް ހެއްކަކަށްވާތީ، ހަމައެކަނި އެ ސަބަބަށްޓަކައި އެ އެއްޗެއް ހެކީގެ ގޮތުގައި ބަލައިނުގަތުމަކީ، މަގުބޫލު ސަބަބެއް ނޫނެވެ.
(ށ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އިލެކްޓްރޯނިކް ޑޭޓާއަކީ އިލެކްޓްރޯނިކް ވަސީލަތެއް އާންމުކޮށް ބޭނުންކުރާ ކުރުމުގެ ތެރޭގައި ޖެނެރޭޓްކޮށްފައިވާ ޑޭޓާއެއް  ކަމަށްވާނަމަ، އެ ޑޭޓާއެއްގައި ހިމެނޭ ވާގިއާއެއް ސާބިތުކުރުމަށްޓަކައި، އެ ޑޭޓާއެއް ނުވަތަ އެ ޑޭޓާގައި ހިމެނޭ ބަޔާނެއް، ހެކީގެ ގޮތުގައި 
ގަބޫލުކުރެވިދާނެއެވެ.

(ނ) އިލެކްޓްރޯނިކް ޑޭޓާ ޖެނެރޭޓްކޮށްފައިވަނީ ސީދާ އެ ޑޭޓާ ޖެނެރޭޓްކުރި އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށްގެން ކަމުގައިވީނަމަވެސް ނުވަތަ އެކަމަށް އެކަށީގެންވާ އެހެން ވަސީލަތެއް ބޭނުންކޮށްގެން ކަމުގައިވީނަމަވެސް، އަދި އެ ޑޭޓާ ތައްޔާރުކުރުމުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން މީހެއްގެ ބައިވެރިވުން ލިބިފައިވީނަމަވެސް، އެ ޑޭޓާ ތައްޔާރުކޮށްފައިވަނީ އެ ޑޭޓާ ޖެނެރޭޓްކުރި އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށްގެން ކަމުގައި ބެލޭނެއެވެ.

(ރ) އިލެކްޓްރޯނިކް ޑޭޓާ ޖެނެރޭޓްކޮށްފައިވަނީ، މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގެ ށަރީއަތް ފެށުނު ފަހުން ކަމުގައިވީނަމަވެސް، ނުވަތަ އެ މައްސަލައެއްގެ ތަހްގީގު ފެށުނު ފަހުން ކަމުގައިވީނަމަވެސް، އެ ޑޭޓާއަކީ ގަބޫލުކުރެވޭނެ ހެއްކެކެވެ.

 

66 ވަނަ މާއްދާ - އިލެކްޓްރޯނިކް ހެކީގެ ސައްހަކަން ސާބިތުކޮށްދިނުން

(ހ) އިލެކްޓްރޯނިކް ޑޭޓާއެއް ނުވަތަ ހެއްކެއް ށަރީއަތަށް ހުށަހަޅާ ފަރާތަކުން، އެ ޑޭޓާ ނުވަތަ ހެކީގެ ސައްހަކަން ސާބިތުކޮށްދިނުން ލާޒިމުވެގެންވެއެވެ އެގޮތުން، އެ އިލެކްޓްރޯނިކް ޑޭޓާއަކީ ނުވަތަ ހެއްކަކީ އެ ޑޭޓާ ނުވަތަ ހެކި ހުށަހަޅާ ފަރާތުން ބުނާ ޑޭޓާކަމަށް 
ނުވަތަ ހެކިކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ހެކި ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) އިލެކްޓްރޯނިކް ޑޭޓާއެއްގެ ނުވަތަ ހެއްކެއްގެ ސައްހަކަން ސާބިތުކުރުމަށްޓަކައި، އެ ޑޭޓާއެއް ނުވަތަ ހެއްކެއް ހުށަހަޅާ ފަރާތުން އަންނަނިވި ކަންކަން ހިމަނައި ސޮއިކޮށްފައިވާ އެފިޑެވިޓެއް ކޯޓަށް ހުށަހެޅިދާނެއެވެ އަދި މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެފަދަ އެފިޑެވިޓަކީ އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކީގެ ސައްހަކަން ސާބިތުކޮށްދޭ އެކަށީގެންވާ ހެއްކެއް ކަމުގައި ކޯޓުން ބަލަންވާނެއެވެ.

  1. އިލެކްޓްރޯނިކް ހެކީގެ ސައްހަކަން އެފަރާތުން ކަށަވަރުކޮށްފައިވާނެކަމާއި، އެ ހެކީގެ ޗެއިން އޮފް ކަސްޓަޑީ އެކަށީގެންވާ ފަރުވާތެރިކަމާއެކު ބެލެހެއްޓިފައިވާނެކަން ޔަގީންކޮށްދޭކަން؛ އަދި 
  2. އިލެކްޓްރޯނިކް ހެކީގެ ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަން ދެމެހެއްޓުމަށްޓަކައި އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާއި ފުރިހަމަކުރެވުނު އިޖުރާއަތުތަކުގެ އެކަށީގެންވާ ތަފްސީލު

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ށަރީއަތަށް ހުށަހަޅާފައިވާ އިލެކްޓްރޯނިކް ޑޭޓާއެއްގެ ނުވަތަ ހެއްކެއްގެ ސައްހަކަމާމެދު ނުވަތަ އެ ޑޭޓާއެއްގެ ނުވަތަ ހެއްކެއްގެ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފައްދާ ފަރާތަކުން، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއްގެ ސަބަބުން އެ އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކި ނުވަތަ އޭގެ ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަމަށް އެކަށީގެންވާ މިންވަރަކަށް އަސަރުކޮށްފައިވާ ކަމަށް ށަރީއަތަށް ގަބޫލުކުރެވޭ މިންވަރަށް ސާބިތުކޮށްދީފިނަމަ، އެ މާއްދާގައި ބަޔާންކުރާ އެފިޑެވިޓަކީ އިލެކްޓްރޯނިކް ހެކީގެ ސައްހަކަން ސާބިތުކޮށްދޭ އެކަށީގެންވާ ހެއްކެއް ކަމުގައި ކޯޓުން ބަލައިގެންނުވާނެއެވެ.

  1. އިލެކްޓްރޯނިކް ޑޭޓާގައި ނުވަތަ ހެކީގައި ކުށެއް ނުވަތަ އޮޅުމެއް އޮތުން؛
  2. އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކި އޮޅުވާލާފައިވުން؛ 
  3. އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކީގެ ޗެއިން އޮފް ކަސްޓަޑީ ބެލެހެއްޓުމުގެ އިޖުރާއަތުތަކުގައި އުނިކަމެއް ހުރުން؛
  4. އިލެކްޓްރޯނިކް ޑޭޓާއަށް ނުވަތަ ހެއްކަށް އިތުބާރުނުކުރެވޭނެ އެނޫންވެސް ސަބަބެއް އޮތުން.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ށަރީއަތަށް ހުށަހަޅާފައިވާ އިލެކްޓްރޯނިކް ޑޭޓާއެއްގެ ނުވަތަ ހެއްކެއްގެ ސައްހަކަމާމެދު ނުވަތަ އޭގެ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފައްދާ ފަރާތަކުން އެދިއްޖެ ހިނދެއްގައި އަންނަނިވި ލިޔުންތައް، އެ ހެކި ހުށަހެޅި ފަރާތުން ފޯރުކޮށްދޭންވާނެއެވެ.

  1. އިލެކްޓްރޯނިކް ޑޭޓާއެއްގެ ނުވަތަ ހެއްކެއްގެ ސައްހަކަމާމެދު ނުވަތަ އޭގެ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފައްދާ ފަރާތުން އައްޔަންކުރާ ހަބީރުންނަށް އެ ޑޭޓާގެ ނުވަތަ ހެކީގެ ފޮރެންސިކް ތަހްލީލެއް ކުރެވޭނެ ގޮތުން، އެ ޑޭޓާ ނުވަތަ ހެކީގެ ނަކަލެއް؛ އަދި
  2. އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކި ހޯދައި އެ ޑޭޓާ ނުވަތަ ހެކި ގެންގުޅުމުގައި އަޅާފައިވާ އެންމެހައި ފިޔަވަޅުތަކާއި ފުރިހަމަކުރެވުނު އިޖުރާއަތުތަކުގެ އެކަށީގެންވާ ތަފްސީލު.

(ބ) ކޯޓަށް ހުށަހެޅިފައިވާ އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކީގެ ސައްހަކަމާމެދު ނުވަތަ އޭގެ ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަމާމެދު ސުވާލު އުފައްދާ ފަރާތަކަށް، އެ ޑޭޓާ ނުވަތަ ހެކި ނެގުމާއި އޭގެ ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަމާ ގުޅޭގޮތުން ހެކިބަސް ދޭނެ ފަރާތެއް ހާޒިރު ކޮށް އެފަރާތް ކްރޮސް-އެގްޒެމިންކުރުމުގެ ހައްގު ލިބިގެންވެއެވެ އަދި މިފަދައިން ކްރޮސް-އެގްޒެމިންކުރުމަށްޓަކައި އެ ހެކިން ހާޒިރުކުރުމަށް ފަނޑިޔާރު ނިންމަންވާނީ އެ ހެކިން ހާޒިރުކޮށް ހެކިބަސް ނަގަންޖެހޭ ބޭނުމެއް އޮތްކަމުގައި ކޯޓަށް ގަބޫލުކުރެވޭނަމައެވެ.

(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކި ހޯދައި ނަގާފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ހުރި ސަރވިސް ޕްރޮވައިޑަރއެއް މެދުވެރިކޮށް ކަމުގައިވާނަމަ، އެ ޑޭޓާ ނުވަތަ ހެކީގެ ސައްހަކަމާމެދު ނުވަތަ އޭގެ ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަމާމެދު ސުވާލު އުފައްދާ ފަރާތަކަށް، އެ ސަރވިސް ޕްރޮވައިޑަރގެ ހެއްކެއް ހާޒިރުކޮށް އެފަރާތް ކްރޮސް-އެގްޒެމިންކުރުމުގެ ހައްގު ލިބޭނީ އަންނަނިވި ހާލަތުގައި އެކަންޏެވެ.

  1. އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކި އޮޅުވާލުމުގައި ސަރވިސް ޕްރޮވައިޑަރގެ މަސްލަހަތެއް އޮތްކަމުގެ އެކަށީގެންވާ ތުހުމަތެއް އޮތުން؛
  2. ޑޭޓާ ނުވަތަ ހެކި ނެގުމުގައި ނުވަތަ އެ ޑޭޓާ ނުވަތަ ހެކި ފޮނުވުމުގައި ސަރވިސް ޕްރޮވައިޑަރ ގޯހެއް ހަދާފައިވާކަމުގައި ނުވަތަ ސަރވިސް ޕްރޮވައިޑަރ އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކީގެ ޗެއިން އޮފް ކަސްޓަޑީ ބެލެހެއްޓުމުގެ އިޖުރާއަތުތަކުގައި އުނިކަމެއް ހުރިކަމުގައި ބެލެވޭނެފަދަ އެކަށީގެންވާ ހެކި ހުރުން؛
  3. ސަރވިސް ޕްރޮވައިޑަރއާމެދު އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް އުފެދިފައިވާ ނުރަނގަޅު ތަސައްވުރެއްގެ ސަބަބުން އެ ސަރވިސް ޕްރޮވައިޑަރގެ ފަރާތުން ހާޒިރުކުރެވޭ ހެއްކެއް ކްރޮސް-އެގްޒެމިންކުރުމަކީ އެކަށީގެންވާ ކަމަކަށްވުން؛
  4. އިލެކްޓްރޯނިކް ޑޭޓާއެއް ނުވަތަ ހެއްކަށް އިތުބާރުނުކުރެވޭނެ އެނޫންވެސް ސަބަބެއް އޮތުން.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ހައްގު އިލެކްޓްރޯނިކް ޑޭޓާ ނުވަތަ ހެކީގެ ސައްހަކަމާމެދު ނުވަތަ އޭގެ ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަމާމެދު ސުވާލު އުފައްދާ ފަރާތަށް ލިބޭނީ، ކްރޮސް-އެގްޒެމިންކުރުމަށް ހެއްކެއްގެ ގޮތުގައި ހާޒިރުވުމަށް ސަރވިސް ޕްރޮވައިޑަރއަށް ނިސްބަތްވާ ހެކިވެރިޔާ އެއްބަސްވުމާއެކު، އެފަރާތުގެ ހެކިބަސް ނެގުމަށް ހާޒިރުކުރުމަށް ޑޭޓާ ނުވަތަ ހެކި ހުށަހަޅާ ފަރާތުން ކޯޓަށް ގަބޫލުކުރެވޭނެފަދަ އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާނަމައެވެ.

 

67 ވަނަ މާއްދާ - އިލެކްޓްރޯނިކް ވަސީލަތުގެ ސައްހަކަމާއި އިލެކްޓްރޯނިކް ހެ ކީގެ ބުރަދަން ކަނޑައެޅުން

(ހ) އެނޫން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އިލެކްޓްރޯނިކް ޑޭޓާއެއް ރެކޯޑުކޮށްފައިވާ ނުވަތަ ރައްކާކޮށްފައިވާ އިލެކްޓްރޯނިކް ވަސީލަތަކީ ސައްހަ ވަސީލަތެއް ކަމުގައި އަންނަނިވި ހާލަތްތަކުގައި ކޯޓުން ބަލަންވާނެއެވެ.

  1. ހުރިހާ ވަގުތެއްގައިވެސް އެ ވަސީލަތް ރަނގަޅަށް މަސައްކަތްކުރާކަމުގެ ހެކި ހުށަހަޅާފައިވުން ނުވަތަ އެ ވަސީލަތް ރަނގަޅަށް މަސައްކަތް ނުކުރިނަމަވެސް، އެފަދައިން އެ ވަސީލަތް ރަނގަޅަށް މަސައްކަތްނުކުރުމުގެ ސަބަބުން އެ ވަސީލަތުގައި ރެކޯޑުކޮށްފައިވާ ނުވަތަ ރައްކާކޮށްފައިވާ ޑޭޓާގެ ސައްހަކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ހެކި ހުށަހަޅާފައިވުމާއެކު، އެ ހެކީގެ ސައްހަކަމާމެދު ސުވާލު އުފައްދާނެ އެހެން އެއްވެސް އެކަށީގެންވާ ސަބަބެއް ނެތުން؛
  2. އެ އިލެކްޓްރޯނިކް ޑޭޓާއަކީ، އެ ޑޭޓާ ހުށަހަޅާ ފަރާތާ ތައާރުޒުވާ މަސްލަހަތެއް އޮތް ހަސްމަކު ރެކޯޑުކޮށްފައިވާ ނުވަތަ ރައްކާކޮށްފައިވާ ޑޭޓާއެއްކަން ސާބިތުކޮށްދެވިފައިވުން؛
  3. އެ އިލެކްޓްރޯނިކް ޑޭޓާއަކީ، އެ މައްސަލައިގެ ހަސްމަކަށް ނުވާ ފަރާތަކުން، އޭނާގެ ވިޔަފާރީގެ އާންމު މަސައްކަތުގެ ތެރޭގައި ރެކޯޑުކޮށްފައިވާ ނުވަތަ ރައްކާކޮށްފައިވާ ޑޭޓާއެއް ކަމަށް ވެފައި، އެނާ އެކަން ކޮށްފައިވަނީ އެ ޑޭޓާ ހުށަހެޅި ފަރާތުގެ އެއްވެސް ނުފޫޒެއް ނުވަތަ ބާރެއް އޮވެގެން ނޫން ކަމަށް ސާބިތުކޮށްދެވިފައިވުން
  4. (ށ) އިލެކްޓްރޯނިކް ޑޭޓާއެއް މައްސަލައެއްގެ ހެއްކެއްގެ ގޮތުގައި ބަލައިގަނެ އެއަށް ބުރަދަން ދިނުމުގައި، އެ ޑޭޓާއެއްގެ ބާވަތަށާއި، ބޭނުމަށާއި، ޑޭޓާގެ ނުވަތަ ޑޭޓާގައިވާ ބަޔާނުގެ ތެދުކަމަށާއި، އެ ޑޭޓާއެއް ރެކޯޑުކޮށް ނުވަތަ ރައްކާކުރުމުގައި އަމަލުކުރާ އުސޫލުތަކާއި މިންގަނޑުތަކާއި، އެ ޑޭޓާގައި ނުވަތަ އެ ޑޭޓާގައިވާ ބަޔާނާ ގުޅުންހުރި އެނޫން އެންމެހައި ހާލަތްތަކާ ގުޅޭގޮތުން ހުށަހަޅާ ހެއްކަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅޭ އިލެކްޓްރޯނިކް ޑޭޓާއަށް ނުވަތަ އެ ޑޭޓާގައިވާ ބަޔާނަކަށް ދެވޭ ބުރަދަން ކަނޑައެޅުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

  1. އިލެކްޓްރޯނިކް ޑޭޓާގައި ނުވަތަ އެ ޑޭޓާގައިވާ ބަޔާނުގައި ހިމެނޭ ވާގިއާއެއް ވުޖޫދަށް އައިސްފައިވާ ވަގުތާއި، އެ ވާގިއާއަކާގުޅޭ މައުލޫމާތު ޖެނެރޭޓްކުރި އިލެކްޓްރޯނިކް ވަސީލަތަށް އެޅުމާ ދެމެދު ހޭދަވި މުއްދަތު؛
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މައުލޫމާތު އިލެކްޓްރޯނިކް ވަސީލަތަށް އެޅި މީހާ ނުވަތަ އެ މަސައްކަތްކުރުމަށް ހަވާލުވެހުރި މީހާ ނުވަތަ ވަސީލަތް މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ޑޭޓާ ބެލެހެއްޓުމާ ހަވާލުވެހުރި މީހާ، އެ ޑޭޓާ ގައިވާ ވާގިއާ އޮޅުވާލުމަށް ނުވަތަ ފޮރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ބެލުމަށް އެއްވެސް ސަބަބެއް އޮތްކަން ނުވަތަ ނެތްކަން.

 

ތިންވަނަ ބައި - ކިތާބީ ހެކި ހުރެއްޖެނަމަ ށަފަހީ ހެކި އެއްކިބާކުރުން

 

68 ވަނަ މާއްދާ - ކޮންޓްރެކްޓެއްގެ ށަރުތުތައް ލިޔު މުން ބަޔާންކުރުން

ކޮންޓްރެކްޓެއްގެ ބައިވެރިން އަމަލުކުރުން ލާޒިމު ށަރުތެއް އެ ކޮންޓްރެކްޓްގައި ނުވަތަ އެހެން ލިޔުމެއްގައި ލިޔެފައިވާ ހާލަތުގައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން ހެއްކެއް ފިޔަވައި އެހެން ހެއްކެއް ށަރީއަތަށް ގަބޫލެއް ނުކުރެވޭނެއެވެ.

(ހ) އެ ކޮންޓްރެކްޓެއްގެ ދަށުން ލާޒިމުކުރާ ށަރުތެއް ބަޔާންކުރާ ލިޔުން؛

(ށ) މި ގާނޫނުގެ ދަށުން ދެވަނަ ދަރަޖައިގެ ހެކި ށަރީއަތަށް ގަބޫލުކުރެވޭނެކަމަށް ކަނޑައަޅާފައިވާ ހާލަތެއްގައިނަމަ، އެ ކޮންޓްރެކްޓް ނުވަތަ އެ ލިޔުމުގައިވާ ކަންކަމާ ގުޅޭގޮތުން ހުރި ދެވަނަ ދަރަޖައިގެ ހެކި.

 

69 ވަނަ މާއްދާ - އަނގަބަހުން ވެފައިވާ އެއްބަސްވުންތަކާގުޅޭ ހެކި އެއްކިބާކުރުން

(ހ) ކޮންޓްރެކްޓެއްގައި ހިމެނޭ ށަރުތަކީ، ލިޔުމުން އޮތުން ގާނޫނު ލާޒިމުކުރާ ށަރުތަކަށްވެފައި، އެ ށަރުތު، މި ގާނޫނުގެ 68 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންޓްރެކްޓެއްގައި ލިޔެފައި އޮތްކަން ސާބިތުވެފައިވާ ހިނދެއްގައި، އެ ށަރުތު ބަދަލުކުރުމަށްޓަކައި ނުވަތަ އެ ށަރުތާމެދު ހިލާފު އުފެއްދުމަށްޓަކައި ނުވަތަ އެ ށަރުތަށް އުނިއިތުރެއް ގެނައުމުގެ ގޮތުން، އެ ކޮންޓްރެކްޓެއްގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނުވަތަ އެފަރާތްތައް ތަމްސީލުކުރާ ފަރާތްތަކުގެ މެދުގައި އަނގަބަހުންވެފައިވާ އެއްވެސް އެއްބަސްވުމެއް ނުވަތަ އެއިން ފަރާތަކުން ދީފައިވާ އެއްވެސް ބަޔާނެއް ހެކީގެ ގޮތުގައި ކޯޓަށް ހުށައެއްނޭޅޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އަންނަނިވި ހާލަތްތަކުގައި، އެ މާއްދާގައި ބަޔާންކުރާ ކޮންޓްރެކްޓެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނުވަތަ އެފަރާތްތައް ތަމްސީލުކުރާ ފަރާތްތަކުގެ މެދުގައި އަނގަބަހުން ވެފައިވާ އެއްބަސްވުމެއް ނުވަތަ އެއިން ފަރާތަކުން ދީފައިވާ ބަޔާނެއް ހެކީގެ ގޮތުގައި ހުށަހެޅިދާނެއެވެ.

  1. އަންނަނިވި ފަދަ ވާގިއާއެއްގެ ސަބަބުން ކޮންޓްރެކްޓަކީ، ސައްހަނޫން ނުވަތަ ބާތިލު ލިޔުމެއްކަމަށް ކަނޑައަޅާ ވާގިއާއެއް ސާބިތުކުރުމަށް، ނުވަތަ އެ ކޮންޓްރެކްޓުގައި ހިމެނޭ ފަރާތްތަކަށް އެފަދައިން ކަނޑައަޅައިދިނުމަށް އެދި ކޯޓުގައި އެދުމުގެ ހައްގު ލިބިދޭ ވާގިއާއެއް ސާބިތުކުރުމަށް:
    1. އެ ކޮންޓްރެކްޓެއްގައި މީހަކު ބައިވެރިކުރުވާފައިވަނީ ބިރުދައްކައިގެން ނުވަތަ ހަގީގަތް އޮޅުވާލައިގެން ނުވަތަ ނުރަނގަޅު ނުފޫޒެއް ބޭނުންކޮށްގެން ނުވަތަ އަނިޔާއެއް ދީފާނެކަމުގެ ބިރުދައްކައިގެން ކަމަށްވުން؛
    2. އެ ކޮންޓްރެކްޓަކީ ޣައިރު ގާނޫނީ އެއްޗަކަށްވުން؛
    3. އެ ކޮންޓްރެކްޓުގައި ހިމެނޭ ފަރާތަކީ އެފަދަ މުއާމަލާތެއް ކުރުމަށް ނުވަތަ ކޮންޓްރެކްޓެއް ކުރުމަށް ގާނޫނު ގަބޫލުކުރާފަދަ މީހަކަށް ނުވުން؛
    4. އެ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ތާރީހު ސައްހަނުވުން؛
    5. އެ ކޮންޓްރެކްޓުގައި ބައިވެރިވާ ފަރާތްތަކަށް ކަމެއްގެ ހަގީގަތް އޮތްގޮތް ނުވަތަ ގާނޫނުގައި ކަމެއް އޮތްގޮތް އޮޅިފައި އޮތުން.
  2. ކޮންޓްރެކްޓުގެ ބައިވެރިން ލިޔުމުން އެއްބަސްވެފައިވާ ށަރުތުތަކާ ހިލާފު ނުއުފެދޭ އިތުރު ށަރުތުތަކަށް އަނގަބަހުން ވަކި އެއްބަސްވުމެއް ވެފައިވާކަން ސާބިތުކުރުމަށް؛
  3. ކޮންޓްރެކްޓުގެ ދަށުން އޭގެ ބައިވެރިން އެ މައްޗަށް އަމަލުކުރުމަށް ލާޒިމުކުރާ ށަރުތުތަކަށް އަމަލުކުރަން ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ވަކި ށަރުތަކާ ނުވަތަ ށަރުތުތަކަކާ ގުޅޭގޮތުން އެ ބައިވެރިންގެ މެދުގައި އަނގަބަހުން ވަކި އެއްބަސްވުމެއް ވެފައިވާކަން ސާބިތުކުރުމަށް؛
  4. ކޮންޓްރެކްޓެއްގައި ބައިވެރިވާ ފަރާތްތަކުން، އެ ކޮންޓްރެކްޓެއްގެ ދަށުން އެ މައްޗަށް އަމަލުކުރުމަށް އެއްބަސްވެފައިވާ ށަރުތުތައް ލިޔުމުން އޮތުމަށް ގާނޫނަކުން ލާޒިމުކުރާ ހާލަތްތައް ފިޔަވައި، ނުވަތަ ގާނޫނުގައިވާ ގޮތުގެމަތިން އެފަދަ ލިޔުމެއް ރަޖިސްޓަރީކޮށްފައިވާ ހާލަތްތައް ފިޔަވައި، އެ ކޮންޓްރެކްޓް ބާތިލުކުރުމާ ގުޅޭގޮތުން ނުވަތަ އޭގައި ހިމެނޭ ށަރުތެއް ބަދަލުކުރުމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި އަނގަބަހުން ވަކި އެއްބަސްވުމެއް ވެފައިވާކަން ސާބިތުކުރުމަށް؛
  5. ލިޔުމުގައި ބޭނުންކޮށްފައިވާ އެއްޗެއް ވުޖޫދުގައިވާ ވާގިއާއަކާގުޅޭ މިންވަރު ދައްކުވައިދޭ ކަމެއް ސާބިތުކުރުމަށް.

 

70 ވަނަ މާއްދާ - ދެނެގަތުމަށް އު ނދަގޫ ބަހެއް ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅުން

އަންނަނިވި ބާވަތުގެ ބަހެއް ނުވަތަ އިބާރާތެއް ކޮންޓްރެކްޓެއްގައި ނުވަތަ ލިޔުމެއްގައި އޮވެއްޖެނަމަ، އެ ބަހެއް ނުވަތަ އިބާރާތެއްގެ މާނަ ސާބިތުކޮށްދިނުމަށްޓަކައި، އިތުރު ހެކި ކޯޓަށް ހުށަހެޅިދާނެއެވެ.

(ހ) މާނަ ދެނެގަތުމަށް އުނދަގޫ ބަހެއް ނުވަތަ އިބާރާތެއް؛

(ށ) ވާހަކަ ދެއްކުމުގައި ނުވަތަ ލިޔުމުގައި އާންމުކޮށް ބޭނުންނުކުރާ ބަހެއް ނުވަތަ އިބާރާތެއް؛

(ނ) ވަކި އިބާރާތެއްގެ ނުވަތަ ބަހެއްގެ ކުރުގޮތް؛

(ރ) ވަކި ވަގުތަކަށް ނުވަތަ ވަކި މުނާސަބަތަކަށް ހާއްސަކޮށް ބޭނުންކުރާ ބަހެއް ނުވަތަ އިބާރާތެއް؛

(ބ) ވަކި ފަންނަކަށް ނުވަތަ ސިނާއަތަކަށް ނުވަތަ ވިޔަފާރިއަކަށް ހާއްސަކޮށް ބޭނުންކުރާ ބަހެއް ނުވަތަ އިބާރާތެއް؛

(ޅ) ވަކި ސަރަހައްދެއްގައި ނުވަތަ ވަކި އަވަށެއްގައި ނުވަތަ ވަކި ރަށެއްގައި ދިރިއުޅޭ ބަޔަކު ބޭނުންކުރާ ބަހެއް ނުވަތަ އިބާރާތެއް.

 

71 ވަނަ މާއްދާ - ލިޔުމެއްގައި އެއްބަސްވެފައިވާ ށަރުތެއް ބަދަލުވެފައިވާ ކަމަށް ހެކިބަސް ދެވިދާނެ ފަރާތް

ލިޔުމުން އޮތް ކޮންޓްރެކްޓެއްގައި ހިމެނޭ ބައިވެރިން އެ މައްޗަށް އަމަލުކުރުމަށް އެއްބަސްވެފައިވާ އެއްވެސް ށަރުތަކަށް ބަދަލުއަތުވެދާނެ އެއްބަސްވުމެއް އަނގަބަހުން ވެފައިވާނަމަ، އެ އެއްބަސްވުން ސާބިތުކުރުމުގެ ގޮތުން ހެކި ހުށަހެޅޭނީ އެ ކޮންޓްރެކްޓުގެ ނުވަތަ ލިޔުމުގެ ބައިވެރިންނަށާއި، އެމީހުންގެ މަސްލަހަތު ރައްކާތެރިކުރުމާ ހަވާލުވެތިބި ފަރާތްތަކަށާއި، އެ މައްސަލައިގައި މަސްލަހަތެއް ހިމެނޭ އެހެން ފަރާތްތަކަށެވެ.

 

72 ވަނަ މާއްދާ - ގާނޫނުގެ 68 ވަނަ މާއްދާއިން ފެށިގެން 71 ވަނަ މާއްދާ ގެ ނިޔަލަށް ބަޔާންކޮށްފައިވާ އުސޫލުތައް ނުހިނގުން

މި ގާނޫނުގެ 68 ވަނަ މާއްދާއާއި، 69 ވަނަ މާއްދާއާއި، 70 ވަނަ މާއްދާއާއި، 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް އުސޫލެއް ވަސިއްޔަތުން ދޭ ދިނުމަކަށް ނުހިނގާނެއެވެ.

 

ހަތްވަނަ ބާބު

އިގްރާރާއި އިއުތިރާފު

ށަރީއަތުގެ މަޖިލީހުގައިވާ

 

73 ވަނަ މާއްދާ - އިއުތިރާފު

(ހ) ޖިނާއީ މައްސަލައެއްގެ ށަރީއަތުގެ މަޖިލީހުގައި، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ނުވަތަ ދައުވާލިބޭ ފަރާތް، ފަނޑިޔާރެއްގެ ކުރިމަތީގައިވާ އިއުތިރާފަކީ މި ގާނޫނުގައި، ނުވަތަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހަމައެކަނިއެ އިއުތިރާފުގެ މައްޗަށް ބިނާކޮށް، އެ އިއުތިރާފުވި މީހާގެ މައްޗަށް ކުށް ސާބިތުކުރުމަށް ފުދޭނެ ކާފީ ހެއްކެކެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހާގެ އިއުތިރާފު ބަލައިގަނެވޭނީ އެ އިއުތިރާފަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެމަތިން ވެފައިވާ އިއުތިރާފެއް ކަމުގައިވާނަމައެވެ.

 

74 ވަނަ މާއްދާ - ށަރީއަތުގެ މަޖިލިސް ފިޔަވައި އެހެން ތަނެއްގައިވާ އިއުތިރާފު

ށަރީއަތުގެ މަޖިލިސް ފިޔަވައި އެހެން ތަނެއްގައި މީހަކު ވެފައިވާ އިއުތިރާފު ސާބިތުކުރެވޭނީ ހެކި ސާބިތުކުރުމަށް ކަނޑައަޅާފައިވާ އާންމު އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

75 ވަނަ މާއްދާ - މަރު ބަލީގައިވާ މީހަކު ވާ އިގްރާރު

އެހެން މީހެއްގެ ހައްގަކާ ބެހޭގޮތުން މަރު ބަލީގައިވާ މީހަކު ވާ އިގްރާރަކީ،ސައްހަ އިގްރާރެއް ކަމުގައި ބެލޭނެއެވެ.

 

76 ވަނަ މާއްދާ - އިއުތިރާފު ނުވަތަ އިގްރާރުވާ މީހުންގައި ހުރުން ލާޒިމު ސިފަތައް

(ހ) ކަމަކަށް އިއުތިރާފުވާ މީހާ ނުވަތަ އިގްރާރުވާ މީހާ، އެ އިއުތިރާފުވާ ނުވަތަ އިގްރާރުވާ ވަގުތު، އޭނާގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އެމީހަކީ ބާލިޣުވެފައިވާ މީހަކު ކަމުގައިވުން؛ 
  2. އެމީހަކީ ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން؛ 
  3. އޭނާ އެ އިއުތިރާފުވަނީ، ނުވަތަ އެ އިގްރާރުވަނީ އަމިއްލަ އިހްތިޔާރުގައި، އެއްވެސް މަޖުބޫރު ކުރުވުމެއްނެތި ކަމުގައިވުން.

(ށ) އެހެންގޮތަކަށް ސާބިތުނުވާހާ ހިނދަކު، އަންނަނިވި މީހުން ވާ އިއުތިރާފަކީ ނުވަތަ އިގްރާރަކީ ސައްހަ އިއުތިރާފެއް ނުވަތަ އިގްރާރެއް ކަމުގައެއް ނުބެލެވޭނެއެވެ.

  1. އުމުރުން 15 (ފަނަރަ) އަހަރު ވެފައިނުވާ ކުޑަކުދިން؛ 
  2. ބުއްދި ހަމަނުޖެހޭ މީހުން؛ 
  3. ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ނުވަތަ މީހަކު ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތުން، އޭނާގެ ބެލުމުގެ ދަށުގައިވާ މީހާގެ ނަމުގައިވާ އިއުތިރާފު ނުވަތަ އިގްރާރު.

 

77 ވަނަ މާއްދާ - މައްސަލައިގައި ހިމެނޭ ހަސްމެއް ނުވަތަ ހަސްމެއްގެ އެޖެންޓުން ވާ އިގްރާރު

(ހ) މައްސަލައިގައި ހިމެނޭ ހަސްމެއް ނުވަތަ އެ ހަސްމެއްގެ އެޖެންޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ މީހަކީ، އެ ހަސްމެއް ތަމްސީލުކުރުމުގެ ސީދާ ނުވަތަ ނުސީދާ ހުއްދަ ލިބިފައިވާ މީހެއް ކަމުގައި އެ މައްސަލައިގެ އެންމެހައި ހާލަތްތަކަށް ރިއާޔަތްކުރާއިރު ކޯޓަށް ގަބޫލުކުރެވޭ މީހަކު ށަރީއަތުގައި ދޭ ބަޔާނަކީ ސައްހަ އިގްރާރެއް ކަމުގައި ބެލޭނެއެވެ.

(ށ) ވަކި މީހަކީ މައްސަލައެއްގައި ހިމެނޭ ހަސްމެއް އެ ދައުވާގައި ތަމްސީލުކުރާ ފަރާތް ކަމަށްވާނަމަ، އެމީހަކު ދޭ ބަޔާނަކީ ސައްހަ އިގްރާރެއް ކަމުގައި ބެލޭނީ، އޭނާ އެ ބަޔާން ދިނީ އޭނާ ތަމްސީލުކުރާ ފަރާތް ތަމްސީލުކުރުމަށް އޭނާއަށް ދީފައިވާ ހުއްދަ ދެމިއޮތް  ހިނދެއްގައި ކަމަށްވާނަމައެވެ.

(ނ) ދައުވާ އެ މައްޗަށް ބިނާވެފައިވާ މައްސަލައާ ގުޅޭގޮތުން މިލްކުވެރިކަމުގެ މަސްލަހަތެއް ނުވަތަ މާލީ މަސްލަހަތެއް އޮތް މީހަކު އެ މަސްލަހަތާ ގުޅޭގޮތުން ދީފައިވާ ބަޔާނަކީ، އަދި ދައުވާ އެ މައްޗަށް ބިނާވެފައިވާ މައްސަލައިގެ ހަސްމުންނަށް ވަކި މަސްލަހަތެއް ލިބިދެނީ ވަކި ބައެއްގެ ފަރާތުން ކަމުގައިވާނަމަ، އެ ބަޔަކު ދީފައިވާ ބަޔާނަކީ، އެ ބަޔާން ދިންއިރު، އެފަދަ މަސްލަހަތެއް ދެމިއޮތް ހިނދެއްގައި ދީފައިވާ ބަޔާނެއް ކަމުގައިވާނަމަ، އެ ބަޔާނަކީ ސައްހަ އިގްރާރެއް ކަމުގައި ބެލޭނެއެވެ.

 

78 ވަނަ މާއްދާ - މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ވާ އިގްރާރު

މީހަކު ވަކި ކަމަކާ ގުޅޭގޮތުން ވާ އިގްރާރަކީ ސައްހަ އިގްރާރެއް ކަމުގައި ބެލޭނެއެވެ ނަމަވެސް އެފަދަ އިގްރާރެއް ބޭނުންކުރެވޭނީ އޭނާއާ ދެކޮޅަށް، ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކުރުމަށް އޭނާ ކަނޑައަޅާ ފަރާތަކާ ދެކޮޅަށެވެ އެމީހެއްގެ ނުވަތަ އެމީހެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް އޭނާ ކަނޑައަޅާ ފަރާތެއްގެ ދިފާއުގައި އެފަދަ އިގްރާރެއް ބޭނުންކުރެވޭނީ އަންނަނިވި ހާލަތްތަކުގައި އެކަންޏެވެ.

(ހ) އެ ބަޔާނަކީ، އެ ބަޔާން ދިން މީހާ މަރުވެއްޖެ ހާލަތެއްގައި، މި ގާނޫނުގެ 118 ވަނަ މާއްދާގެ ދަށުން ތިންވަނަ ފަރާތަކަށް މުހިންމު ބަޔާނަކަށްވުން؛

(ށ) އެ ބަޔާނަކީ، އެ މައްސަލައަކަށް މުހިންމު ނަފްސާނީ ހާލަތެއް ނުވަތަ ޖިސްމާނީ ހާލަތެއް އޮތްކަމާމެދު ދީފައިވާ ބަޔާނަކަށްވެފައި، އެ ބަޔާން ދީފައިވަނީ، އެ ހާލަތު މެދުވެރިވި ވަގުތު ނުވަތަ އެ ހާލަތު މެދުވެރިވި ކަމަށް ބެލެވޭ ވަގުތުގައި ކަމަށްވެފައި، އެ ހާލަތު އޮތްކަން ސާބިތުކުރުމަށް ބާރުލިބިދޭ ގޮތަކަށް އެ ހާލަތުގައި ހުރި މީހާގެ އަމަލުތައް ހުރުން.

 

79 ވަނަ މާއްދާ - ލިޔުމެއްގައިވާ ކަމަކާ ގުޅިގެން އަނގަބަހުން ވެފައިވާ އިގްރާރު

ލިޔުމެއްގައި ހިމެނޭ ކަމަކާ ގުޅޭގޮތުން މީހަކު އަނގަބަހުން ވާ އިގްރާރު ށަރީއަތަށް ގަބޫލުކުރެވޭނީ، އެ ލިޔުން ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވާ ހަސްމަށް އެ ލިޔުމުގައި ހިމެނޭ ކަމަކާ ގުޅޭގޮތުން ދެވަނަ ދަރަޖައިގެ ހެކި ހުށަހެޅުމަށް މި ގާނޫނުގެ ދަށުން ފުރުސަތު ލިބިދޭ ކަމުގައިވާނަމަ، ނުވަތަ ހުށަހެޅިފައިވާ ލިޔުމުގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާނަމައެވެ.

 

80 ވަނަ މާއްދާ - މަދަނީ މަ އްސަލަތަކުގައި ހެކީގެ ގޮތުގައި ހުށަނޭޅޭނެ އިގްރާރު

ވަކި އިގްރާރަކީ، ހެކީގެ ގޮތުގައި ބޭނުންނުކުރެވޭނެ ކަމަށް ށަރުތުކޮށް ވެފައިވާ އިގްރާރެއް ކަމުގައިވާނަމަ، ނުވަތަ ވަކި އިގްރާރަކީ، އެ އިގްރާރެއް ވެފައިވާ ހާލަތަށް ބަލާއިރު މައްސަލައިގައި ހިމެނޭ ހަސްމުން ވަކި ކަމަކާ ގުޅޭގޮތުން ހެކި ހުށަނޭޅުމަށް އެއްބަސްވެފައިވާ ކަމަކާ ގުޅޭގޮތުން ވެފައިވާ އިގްރާރެއްކަމަށް ށަރީއަތަށް ގަބޫލުކުރެވޭ ހާލަތެއްގައި ވެފައިވާ އިގްރާރެއް ކަމުގައިވާނަމަ، އެފަދަ އިގްރާރެއް މަދަނީ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހުށައެއްނޭޅޭނެއެވެ.

 

81 ވަނަ މާއްދާ - ބިރުދެއްކުމުގެ ސަބަބުން ނުވަތަ ވަކި ކަމެއް ކޮށްދިނުމަށް ވެފައިވާ ވައުދެއްގެ ސަބަބުން ވާ އިއުތިރާފު ޖިނާއީ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހުށަނޭޅުން

(ހ) ޖިނާއީ ކުށެއްގެ ތުހުމަތުގައިވާ މީހަކު އިއުތިރާފެއް ވެފައިވަނީ އޭނާއާމެދު އުފުލިފައިވާ ދައުވާއާ ގުޅޭގޮތުން، އެމީހަކު ހުރި މަގާމުގެގޮތުން އެ ދައުވާއާ ގުޅޭގޮތުން ބާރެއް ފޯރުވިދާނެ ކަމަށް ކުށުގެ ތުހުމަތުގައިވާ މީހާއަށް ގަބޫލުކުރެވޭ މީހަކު އޭނާއަށް ބިރުދެއްކުމުގެ ސަބަބުން، ނުވަތަ އޭނާ އެ އިއުތިރާފުވެއްޖެނަމަ އޭނާއާމެދު އުފުލިފައިވާ ދައުވާއާ ގުޅޭގޮތުން އޭނާއަށް ފައިދާއެއް ލިބިދާނެކަމަށް، ނުވަތަ ވަގުތީގޮތުން ނަމަވެސް އޭނާއަށް ލިބެން އޮތްކަމަށް ބެލެވޭ ގެއްލުމެއް ފަސްކުރެވޭނެ ކަމަށް އޭނާއަށް ގަބޫލުކުރެވިގެން ކަމަށް، ށަރީއަތަށް ގަބޫލުކުރެވޭފަދަ މިންވަރަކަށް ސާބިތުކޮށްދީފިހިނދެއްގައި، ކަމާގުޅޭ ގާނޫނަކުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެފަދަ އިއުތިރާފެއް ޖިނާއީ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހުށައެއްނޭޅޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިއުތިރާފެއް ވެފައިވަނީ، އެ އިއުތިރާފުވުމުގައި ކުށުގެ ތުހުމަތުގައިވާ މީހާއަށް ގަބޫލުކުރެވިފައި އޮތް ގަބޫލުކުރުން ނެތިގޮސްފައިވަނިކޮށް ކަމަށް ށަރީއަތަށް ގަބޫލުކުރެވޭނަމަ، އެ އިއުތިރާފެއް ހެކީގެ ގޮތުގައި ށަރީއަތުގެ މަޖިލީހަށް ބަލައިގަނެވިދާނެއެވެ.

 

82 ވަނަ މާއްދާ - ވަކި ކުށަކާ ގުޅިގެން މީހަކުވާ އިއު ތިރާފު އޭނާއާއި އެ ކުށުގައި ބައިވެރިވާ އެހެން ފަރާތްތަކާ ދެކޮޅަށް ބޭނުންކުރެވުން

ވަކި ކުށަކާ ގުޅިގެން އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ އުފުލިފައިވާ ހިނދެއްގައި، އެ ކުށް ކުރުމުގައި ބައިވެރިވި މީހަކު އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް އަދި އެކަމުގައި ބައިވެރިވިކަމަށް ބެލެވޭ އެހެން ބަޔަކާ ދެކޮޅަށްވާ އިއުތިރާފެއް ށަރީއަތަށް ގަބޫލުކޮށްފި ކަމުގައިވާނަމަ، އެ އިއުތިރާފުވީ މީހާއާއި އޭނާގެ އިއުތިރާފުގައި ބަޔާންކުރާ އެހެން ފަރާތްތަކާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި އެ އިއުތިރާފު ބޭނުންކުރެވިދާނެ އެވެ.

 

83 ވަނަ މާއްދާ - އިގްރާރަކީ ކާފީ ހެއްކެއް ކަމުގައި ނުބެލުން  

ވަކި ކަމަކާ ގުޅޭގޮތުން މީހަކުވެފައިވާ އިގްރާރަކީ، އެ އިގްރާރުގައި ބަޔާންކުރާ ވާގިއާއެއް ވުޖޫދުގައި އޮތްކަމަށް ސާބިތުކުރުމަށް، އޭގެ ޒާތުގައި ކާފީ ހެއްކެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

84 ވަނަ މާއްދާ - އިގްރާރުން ރުޖޫއަވުން

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއްގައި ފިޔަވައި، އެހެން ހާލަތްތަކުގައި ފަނޑިޔާރެއްގެ ކުރިމަތީގައި މީހަކުވެފައިވާ އިގްރާރަކުން ރުޖޫއައެއް ނުވެވޭނެއެވެ.

(ށ) މީހަކު އިގްރާރުވީ، އޭނާ އެ އިގްރާރުވީ ހަގީގަތާ ގުޅޭގޮތުން އޭނާއަށް އޮޅުވާލުމުގެ ސަބަބުން، ނުވަތަ އެކަމެއްގެ ހަގީގަތް އޭނާއަށް އޮޅިފައި އޮތުމުގެ ސަބަބުންކަން، ށަރީއަތަށް ގަބޫލުކުރެވޭފަދަ މިންވަރަކަށް ސާބިތުކޮށްދީފިނަމަ، އެ އިގްރާރުން އޭނާއަށް ރުޖޫއަވެވިދާނެއެވެ އެފަދަ ހާލަތެއްގައި އޭނާގެ މައްޗަށް ކަމެއް ސާބިތުކުރުމަށްޓަކައި އެ އިގްރާރުގެ މައްޗަށް އެއްވެސް ބުރަދަނެއް ނުދެވޭނެއެވެ.

 

85 ވަނަ މާއްދާ - އިއުތިރާފުން ރުޖޫއަވުން

މި ގާނޫނުގެ 84 ވަނަ މާއްދާގެ (ށ) ގައި އިގްރާރަކުން ރުޖޫއަވެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި ޖިނާއީ ކުށަކަށް އިއުތިރާފުވެފައިވާ މީހަކަށް އޭނާގެ އިއުތިރާފުން ރުޖޫއަވެވިދާނެއެވެ.

 

އަށްވަނަ ބާބު

މާއްދީ ހެކި

 

86 ވަނަ މާއްދާ - މާއްދީ ހެކި ބަލައިގަތުން

(ހ) މި ގާނޫނުގެ 37 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މާއްދީ ހެއްކަކީ، މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަނެވޭނެ އެއްޗެ އްސެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މާއްދީ ހެކި ހުށަހެޅޭނީ، ށަރީއަތުން ބަލަމުންދާ މައްސަލައާ އެ ހެކި ގުޅުންހުރި ކަމަށް ދައްކުވައިދީފައިވާނަމަ، އަދި އެ އެއްޗަކަށް އެއްވެސް އުނިއިތުރެއް ގެނެސްފައިނުވާނަމައެވެ.

(ނ) މާއްދީ ހެކީގެ ގޮތުގައި ހުށަހެޅިދާނެ ވަކި އެއްޗެހިތަކެއް މި ގާނޫނުގެ 37 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވީނަމަވެސް، އެ އެއްޗެހީގެ އިތުރަށްވެސް، މައްސަލައިގެ އަދުލު އިންސާފު ދެމެހެއްޓުމަށްޓަކައި، ށަފަހީ ހެއްކަށް ނުވަތަ ކިތާބީ ހެއްކަށް ނުވާ އެހެން އެއްޗެހި، މާއްދީ ހެކީގެ ގިންތީގެ ތެރޭގައި ހުށަހެޅުމަށް ފުރުސަތު ދެވިދާނެ ކަމަށް ކޯޓަށް ފެނިއްޖެނަމަ، މި މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި، އެފަދަ އެއްޗެހި، ހެކީގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު ދިނުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

87 ވަނަ މާއްދާ - ޑެމޮންސްޓްރޭށަނުން ދައްކުވައިދިނުން

(ހ) ވަކި ކަމެއް ހިނގާގޮތް ދައްކުވައިދިނުމަށްޓަކައި ޑެމޮންސްޓްރޭށަނަކުން ނުވަތަ އެކްސްޕެރިމަންޓަކުން ނުވަތަ އިންސްޕެކްށަނަކުން އެކަމެއް ދައްކުވައިދީގެން ހެކި ހުށަހެޅިދާނެއެވެ.

(ށ) ޑެމޮންސްޓްރޭށަނަކުން ނުވަތަ އެކްސްޕެރިމަންޓަކުން ނުވަތަ އިންސްޕެކްށަނަކުން ކޯޓަށް ދޭހަވާ ކަންކަން މައްސަލައާ ގުޅުންހުރި ކަމަށްވާނަމަ، އެ މައްސަލަ ސާބިތުކުރަން ބޭނުންވާ ހެކީގެ ގޮތުގައި އެކަންކަން ހުށަހެޅިދާނެއެވެ.

 

88 ވަނަ މާއްދާ - އޯޑިއޯ ނުވަތަ ވީޑިއޯ ބަޔާން

(ހ) ކުށުގެ ތަހްގީގެއްގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ދީފައިވާ އިންޓަރވިއު އޭނާ ދީފައިވަނީ، އޭނާގެ ވަކީލުގެ ހާޒިރުގައި ކަމުގައިވާނަމަ ނުވަތަ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ފުރުސަތު ގާނޫނުގައިވާ ގޮތުގެމަތިން ދޫކޮށްލުމަށްފަހުގައި ވަކީލެއްގެ ޣައިރު ހާޒިރުގައި ކަމުގައިވާނަމަ އަދި، އަމިއްލަ އިހްތިޔާރުގައި އެއްވެސް މަޖުބޫރުކުރުވުމެއް ނެތި ކަމަށްވާނަމަ، އެ އިންޓަރވިއުގެ އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑިންގ، އެ ކުށުގެ ށަރީއަތުގައި ހެއްކެއްގެ ގޮތުގައި ބަލައިގަންނަންވާނެއެވެ އަދި، އޭނާ އެ އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑިންގގައި ދައްކާފައިވާ ވާހަކަ، ލިޔެ، އޭނާ ލައްވާ އެ ލިޔުމުގައި ސޮއިކުރުވުމަކީ، ލާޒިމުކަމެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑިންގއަކީ، މީހަކު ލިޔުމުން ލިޔެ ސޮއިކޮށް ހެކިންގެ ހާޒިރުގައި ދޭ ބަޔާނެކޭ އެއްފަދައިން، ހެއްކެއްގެ ގޮތުގައި ށަރީއަތުން ގަބޫލުކުރަންވާނެ އެއްޗެއްސެވެ.

 

89 ވަނަ މާއްދާ - ފޮރެންސިކް ހެކި ހުށަހެޅުން

(ހ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނުވަތަ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނެގޭ ފޮރެންސިކް ހެއްކަކީ، އަދި އެ މައްޗަށް ބިނާކޮށް ހަބީރުން ތައްޔާރުކޮށްފައިވާ އެކިއެކި ރިޕޯޓުތަކަކީ ށަރީއަތުގެ މަޖިލީހުގައި ހެކީގެ ގޮތުގައި ގަބޫލުކުރެވޭނެ އެއްޗެއްސެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ފޮރެންސިކް ހެކި" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މައުލޫމާތާއި ތަކެތި ހިމެނޭގޮތުންނެވެ.

  1. އިނގިލީގެ ނިށާނާއި، ޑީއެންއޭ ގެ މައުލޫމާތާއި، ފޮޓޯއާއި، އެތެރެހަށީގެ ފޮޓޯއާއި، އެތެރެހަށީގެ ސާމްޕަލް ހިމެނޭގޮތުން ސައިންސާއި ޓެކްނޮލޮޖީގެ ޒަރީއާއިން ހޯދޭ އެފަދަ މައުލޫމާތު؛
  2. މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ހަދާ އޮޓޮޕްސީން ލިބިދޭ މައުލޫމާތު؛
  3. ކުށެއް ކުރުމުގައި ބޭނުންކުރި އެއްޗެއް ނުވަތަ ކުށް ކުރި ފަރާތް ނުވަތަ އަނިޔާ ލިބުނު ފަރާތް ނުވަތަ ކުށުގެ ވެށިން ފެންނަ މާއްދީ ހެއްކެއް ތަހްލީލުކުރުމުން ދެނެގަނެވޭ މައުލޫމާތު.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ރިޕޯޓެއް ށަރީއަތަށް ގަބޫލުކުރެވޭނީ، އެ ރިޕޯޓަކީ އެ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ނަމާއިސޮޔާއެކު، ދޫކޮށްފައިވާ ރިޕޯޓެއް ކަމުގައިވާނަމައެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ހެކީގެ ގޮތުގައި ހުށަހެޅޭ ލިޔުމަކީ ކޮމްޕިއުޓަރުން ނުވަތަ މެށިނަކުން އެއްވެސް އެއްޗެއް އެނަލައިޒްކުރުމަށްފަހު އެކަމެއްގެ ނަތީޖާ ބަޔާންކޮށް އޭގެ އަމިއްލަ ޒާތުގައި ޖެނެރޭޓްކުރާ ލިޔުމެއް ކަމަށްވާނަމަ، އެ ލިޔުމުގައި މީހެއްގެ ސޮއި ނެތްނަމަވެސް އެ ލިޔުން ހެއްކެއްގެ ގޮތުގައި ށަރީއަތަށް ގަބޫލުކުރެވޭނެއެވެ.

 

90 ވަނަ މާއްދާ - ބޭރު ގައުމެއްގައި ހޯދޭ ފޮ ރެންސިކް ހެކި

ބޭރު ގައުމުތަކުން ހޯދައި ހުށަހަޅާ ފޮރެންސިކް ހެއްކަކީ މި ގާނޫނުގައިވާ އުސޫލުތަކާ ތައާރުޒުނުވާ ގޮތަށް ހޯދައި އަދި ހުށަހަޅާ ހެކި ކަމުގައިވާނަމަ، އެ ހެކި، ދިވެހިރާއްޖެއިން ހޯދައި ހުށަހަޅާ ފޮރެންސިކް ހެއްކާ އެއް އުސޫލަކުން ހެކީގެ ގޮތުގައި ބަލައިގަނެވޭނެއެވެ.

 

91 ވަނަ މާއްދާ - ފޮރެންސިކް ހެކިން ދެނެގަނެވޭ މައުލޫމާތު ދަފްތަރުކުރުމާއި ރައްކާކުރުން

މި ބާބުގައި ބަޔާންކުރާ ފޮރެންސިކް ހެކީގެ ތެރެއިން މި ގާނޫ ނުގެ 89 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އިނގިލީގެ ނިށާނާއި ޑީއެންއޭ ގެ މައުލޫމާތު ދަފްތަރުކޮށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން، އަދި އެ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތަކަށް ކޯޓުން ރައްކާކޮށްފައި ބެހެއްޓިދާނެއެވެ.

 

92 ވަނަ މާއްދާ - ފޮރެންސިކް ހެކި ގަބޫލުކުރުމުގެ ށަރުތު

މި ގާނޫނުގެ ދަށުން ކޯޓަށް ހުށަހެޅޭ ފޮރެންސިކް ހެކި ށަރީއަތަށް ގަބޫލުކުރެވޭނީ، އެ ހެކި ހޯދާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނުވަތަ އެނޫންވެސް ކަމާބެހޭ ގާނޫނެއްގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައިވާނަމައެވެ.

 

ނުވަވަނަ ބާބު

ހެކިބަސް ނެގުން

 

93 ވަނަ މާއްދާ - ހެކިބަސް ދޭ މީހުން ކަނޑައެޅުން

(ހ) ށަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހެކިބަސް ދޭނެ މީހުންގެ ގޮތުގައި ވަކި ބަޔަކު ހުށަހަޅަން އެ މައްސަލައިގައި ހިމެނޭ ހަސްމަކުބޭނުންވާނަމަ، އެކަން، ދައުވާ ހުށަހަޅާހިނދު، ނުވަތަ ދައުވާއަށް ފުރަތަމަ ޖަވާބުދާރީވާހިނދު ފާހަގަކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތު ފާއިތުވުމަށްފަހު، ހެކިބަސް ދޭނެ މީހުން ހުށަހެޅޭނީ، މައްސަލައިގައި ކުރިން ފާހަގަވެފައިނުވާ ކަމެއް، މައްސަލަ ކުރިޔަށްގެންދިޔުމުގައި ފާހަގަވުމާއެކު، އެގޮތަށް އެ ފާހަގަވި ކަމަކީ މައްސަލައިގެ އަސްލާ ގުޅުންހުރި ކަމަކަށްވެފައި، އެކަމާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަކީ، މައްސަލައާމެދު ގޮތެއް ނިންމުމަށް ސީދާގޮތުގައި ވާގިވެރިވާނެ އަސާސީ ކަމެއް ކަމުގައި ށަރީއަތަށް ގަބޫލުކުރެވިގެން، އެ ފުރުސަތު ކޯޓުން ދީފި ހާލަތެއްގައި އެކަންޏެވެ.

 

94 ވަނަ މާއްދާ - ހުވާ މަތީ ހެކިބަސް ދިނުން

(ހ) ށަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ހެކިބަސް ދޭ މީހަކީ، މުސްލިމަކު ކަމުގައިވާނަމަ، އޭނާގެ ހެކިބަސް ނަގަންވާނީ، އަންނަނިވި ހުވާ ކުރުވުމަށްފަހުގައެވެ.

"އަހުރެން )މީހާގެ ނަން( [ކޯޓުގެ ނަން] ގައި ހިނގަމުންދާ މި މައްސަލައިގައި، މި ށަރީއަތުގެ މަޖިލީހުގައި އަހުރެންނާ ކުރެވޭ ސުވާލުތަކަށް ޖަވާބުދިނުމުގައާއި އަހުރެން ބުނާ ކޮންމެ ބަހެއް ބުނުމުގައި ތެދު ބުނުމަށާއި، ހަގީގަތާ ހިލާފަށް އެއްވެސް ބަހެއް ނުބުނުމަށް، މާތްالله ގަންދީ ހުވާކުރަމެވެ"

(ށ) ހެކިބަސް ދެނީ، ޣައިރު މުސްލިމަކު ކަމުގައިވާނަމަ، އޭނާގެ ހެކިބަސް ނަގަންވާނީ، އަންނަނިވި އަ ހުދުގައި ސޮއިކުރުވުމަށްފަހުގައެވެ.

"އަހުރެން، )މީހާގެ ނަން( [ކޯޓުގެ ނަން] ގައި ހިނގަމުންދާ މި މައްސަލައިގައި، މި ށަރީއަތުގެ މަޖިލީހުގައި އަހުރެންނާ ކުރެވޭ ސުވާލުތަކަށް ޖަވާބުދިނުމުގައާއި އަހުރެން ބުނާ ކޮންމެ ބަހެއް ބުނުމުގައި ތެދު ބުނުމަށާއި، ހަގީގަތާ ހިލާފަށް އެއްވެސް ބަހެއް ނުބުނުމަށް އަހުދުވެ، އިގްރާރުވަމެވެ".

 

95 ވަނަ މާއްދާ - ތަރުޖަމާނުން

(ހ) މައްސަލައެއްގައި ހެކިބަސް ދޭ ފަރާތެއްގެ ތަރުޖަމާނެއްގެ ދައުރު އަދާކުރާ މީހާ ވާންވާނީ، އެކަން ކުރުމަށް އެކަށޭނަ ފަރާތަކަށެވެ އަދި އެފަރާތުން އެކަން ކުރަންވާނީ، ތެދު ތަރުޖަމާއެއް ކުރުމަށް އިގްރާރުވެ، އަންނަނިވި އަހުދުގައި ސޮއިކުރުމަށްފަހުގައެވެ.

"އަހުރެން، (މީހާގެ ނަން) [ކޯޓުގެ ނަން] ގައި ހިނގަމުންދާ މި މައްސަލައިގައި، މި ށަރީއަތުގެ މަޖިލީހުގައި ތަރުޖަމާނެއްގެ ހައިސިއްޔަތުން މަސައްކަތްކުރާނީ، އެއްވެސް އޮޅުވާލުމެއް ނުވަތަ ފޮރުވުމެއް ނެތި، އަހުރެންގެ ކުޅަދާނަކަން ތަންދިން އެންމެ ފުރިހަމައަށް ހެކިބަސް ދޭ ފަރާތުގެ ހެކިބަސް ތަރުޖަމާކޮށްދިނުމަށްޓަކައި، އިހްލާސްތެރިކަމާ އެކުގައެވެ".

(ށ) މި މާއްދާގެ ބޭނުމަށްޓަކައި "ތަރުޖަމާކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ ފަރާތެއް އަނގަބަހުން ދޭ ހެކިބަސް ދިނުމުގައި އެފަރާތުން ވާހަކަ ދައްކާ ބަސް ނުވަތަ ބަހުރުވަ ފިޔަވައި އެހެން ބަހަކުން ނުވަތަ ބަހުރުވަޔަކުން ބުނެދިނުމަށް ނުވަތަ މައްސަލައެއްގައި ހެކިބަސް ދޭ ފަރާތެއް ހެކިބަސް ދެނީ އިށާރާތުން ކަމަށްވާނަމަ އެ ހެކިބަސް ދިނުމުގައި އެފަރާތުން އިށާރާތުން ބަޔާންކުރާ ކަންކަން އަނގަބަހުން ބުނެދިނުމަށެވެ.

 

96 ވަނަ މާއްދާ - ހެކިބަސް ދޭ މީހުންނާ ސުވާލުކުރުމުގެ އުސޫލުތައް ކަނޑައެޅުން

(ހ) މި ގާނޫނުގައި ނުވަތަ ޖިނާއީ އިޖުރާއަތާގުޅޭ ގާނޫނެއްގައި ނުވަތަ މަދަނީ އިޖުރާއަތާގުޅޭ ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހެކިބަސް ނެގުމުގެ ވަގުތުގައި ދިމާވާ އަންނަނިވި ކަންކަމާ ގުޅޭގޮތުން ދޭންޖެހޭ ކަމަށް ކޯޓަށް ފެންނަ  އިރުށާދުތައް ދެ ވިދާނެއެވެ

  1. ހެކިބަސް ދޭ މީހުންނާ ސުވާލުކުރަންވީ ގޮތް؛ 
  2. ހެކިބަސް ދޭ މީހުންނާ ސުވާލުކުރުމުގައި ކިތާބީ ހެކި ހުށަހަޅާނެ ގޮތް؛
  3. ހެކިބަސް ދޭ މީހުންނާ ސުވާލުކުރުމުގައި މާއްދީ ހެކި ހުށަހަޅާނެ ގޮތް؛
  4. ހެކިބަސް ދޭ މީހުންނާ އެކި ފަރާތްތަކުން ސުވާލުކުރަންވީ ތަރުތީބު؛
  5. ހެކިބަސް ދޭ މީހުންނާ ސުވާލުކުރުމުގައި އެކި ފަރާތްތަކަށް ފުރުސަތު ލިބިދެވޭ ގޮތް؛
  6. ހެކިބަސް ދޭ މީހުންނާ ސުވާލުކުރުމުގައި މީހަކު އަމަލުކުރާ ގޮތް ނުވަތަ ސުލޫކު ބަހައްޓާ ގޮތް

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނީ، ކަމާ ގުޅޭގޮތުން މި ގާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައިނުވާ ހާލަތުގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލަކަށް އެންމެ ފުރިހަމަގޮތުގައި އަމަލުކުރުމަށްޓަކައި، ކޯޓުން ވަކި ގޮތެއް ކަނޑައެޅުން މުހިންމުކަމަށް ކޯޓަށް ފެންނަ ހާލަތްތަކުގައެވެ.

 

97 ވަނަ މާއްދާ - ހެކިބަސް ނެގުމުގެ މަރުހަލާތައް

ހެކިބަސް ދޭ މީހުންނާ ސުވާލުކުރުމު ގެ މަރުހަލާތަކަކީ، އެގްޒެމިންކުރުމުގެ މަރުހަލާއާއި، ކްރޮސް-އެގްޒެމިންކުރުމުގެ މަރުހަލާއާއި، ރީ-އެގްޒެމިންކުރުމުގެ މަރުހަލާއެވެ.

 

98 ވަނަ މާއްދާ - އެގްޒެމިންކުރުމުގެ މަރުހަލާ

ހެކިބަސް ނެގުމުގެ ފުރަތަމަ މަރުހަލާއަކީ، އެގްޒެމިންކުރުމުގެ މަރުހަލާއެވެ އެ މަރުހަލާއަކީ، އެ ހެކިބަސް ދޭ މީހާ ހެކިބަސް ދިނުމަށް ހުށަހެޅި ފަރާތުން، އޭނާ ހުށަހެޅި ދައުވާއާގުޅޭ، އަދި އެ ދައުވާއަށް ފަހިވާގޮތަށް ނުވަތަ ވާގިވެރިވާ ގޮތަށްހުރި ކަންކަމުގައި ހެކިބަސް ދިނުމަށް އެފަރާތަށް ފުރުސަތު ދެވޭ މަރުހަލާއެވެ.

 

99 ވަނަ މާއްދާ - ކްރޮސް -އެގްޒެމިންކުރުމުގެ މަރުހަލާ

(ހ) ކްރޮސް-އެގްޒެމިންކުރުމުގެ މަރުހަލާއަކީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާ، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން އޭނާ އެގްޒެމިންކުރުމުގެ މަރުހަލާ ނިމުމުން، އަނެއް ފަރާތުން އޭނާއާ ސުވާލުކުރުމުގެ މަރުހަލާއެވެ އެ މަރުހަލާއަކީ، އެގްޒެމިންކުރާ މަރުހަލާގައި ހެކިބަސް ދޭ މީހާ ދިން ހެކިބަހުގެ ތެދުކަންޔަގީންކުރުމަށްޓަކައި ނުވަތަ އޭގައި ދެކޮޅުނުޖެހޭ ކަމެއްވާނަމަ އެކަމާމެދު ސުވާލުއުފެއްދުމަށާއި، އޭނާގެ ހެކިބަހުން އެފަރާތަށް ބޭނުންކުރެވިދާނެ މައުލޫމާތު ހޯދުމަށް، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތަށް ފުރުސަތު ދެވޭ މަރުހަލާއެވެ.

(ށ) ހެކިބަސް ދޭ މީހަކު ކްރޮސް-އެގްޒެމިންކުރެވޭނީ އޭނާ އެގްޒެމިންކުރުމުގެ މަރުހަލާގައި އޭނާ ދިން ހެކިބަހުގައި ހިމެނުނުކަންކަމާ ގުޅޭގޮތުން އެކަންޏެވެ.

 

100 ވަނަ މާއްދާ - ރީ -އެގްޒެމިންކުރުމުގެ މަރުހަލާ

(ހ) ރީ-އެގްޒެމިންކުރުމުގެ މަރުހަލާއަކީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާ ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން އޭނާއާ އަލުން ސުވާލުކުރުމުގެ މަރުހަލާއެވެ އެ މަރުހަލާއަކީ، ކްރޮސް-އެގްޒެމިންކުރާ މަރުހަލާގައި އަނެއް ފަރާތުން ކުރާ ސުވާލެއްގެ ސަބަބުން، ނުވަތަ ހެކިބަސް ދޭ މީހާ އެ ސުވާލުތަކަށް ދޭ ޖަވާބެއްގެ ސަބަބުން އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން މައްސަލައިގައި ހުށަހަޅާފައިވާ ކަންކަމަށް ފަހިނުވާ ކަމެއް ނުވަތަ ސުވާލުއުފެދޭ ކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން، އެކަންކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ހެކިބަސް ދޭ މީހާ ހުށަހެޅި ފަރާތަށް ފުރުސަތު ދެވޭ މަރުހަލާއެވެ.

(ށ) ހެކިބަސް ދޭ މީހަކު ރީ-އެގްޒެމިންކުރެވޭނީ، އެމީހަކު ކްރޮސް-އެގްޒެމިންކުރުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަކުން އެމީހަކު ކްރޮސް-އެގްޒެމިންކޮށް ނިމުމުންނެވެ.

 

101 ވަނަ މާއްދާ - ސުވާލުކުރެވިދާނެ ގޮތާއި ޖަވާބު ދެވިދާނެ ގޮތް

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މައްސަލައިގައި ހިމެނޭ ކޮންމެ ހަސްމަކަށްމެ ހެކިބަސް ދޭ މީހުންނާ ސުވާލުކުރެވިދާނެއެވެ.

(ށ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ނުވަތަ ކޯޓުން އެހެންގޮތަކަށް އަމުރުނުކުރާހާ ހިނދަކު، މައްސަލައިގައި ހިމެނޭ ހަސްމަކު ބޭނުންވާ ބީދައަކުން، މައްސަލައާ ގުޅޭގޮތުން ހެކިބަސް ދޭ މީހަކާ ސުވާލުކުރެވިދާނެއެވެ.

(ނ) ހެކިބަސް ދޭ މީހާ، ހެކިބަސް ދިނުމުގައި އޭނާއާ ކުރެވޭ ސުވާލުތަކަށް ކުރު ޖަވާބުތަކަކުން ހެކިބަސް ދެވިދާނެއެވެ ނުވަތަ އޭނާގެ ފަރާތުން ހެކިބަސް ދިނުމަށް ބޭނުންވާ ކަމެއްގެ މައްޗަށް ބިނާކޮށް އަނގަބަހުން ދޭ ބަޔާނެއްގެ ގޮތުގައި ހެކިބަސް ދެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ޖިންސީ ކުށުގެ މައްސަލަތަކުގައި، އަނިޔާ ލިބުނުކަމަށް ބުނާ މީހުންނާއި، އަދި ޖިނާއީ މައްސަލަތަކުގައި ކުޑަކުދިންނާ ސުވާލުކުރާނީ ދައުވާލިބޭ ފަރާތުގެ ވަކީލު ނުވަތަ ފަނޑިޔާރު މެދުވެރިކޮށެވެ.

 

102 ވަނަ މާއްދާ - ނުކުޅެދުންތެރިކަމެއް ހުރި ފަރާތަކުން ހެކިބަސް ދިނުން

(ހ) ހެކިބަސް ދޭ ފަރާތަކީ، ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން ސާފުކޮށް މުއާސަލާތުނުކުރެވޭ ފަރާތެއްނަމަ، އޭނާ ބުނާ އެއްޗެއް ސާފުކޮށްދެވޭނެ އެކަށީގެންވާ ވަސީލަތެއް މެދުވެރިކޮށް އޭނާގެ ހެކިބަސް ނެގުމަށް ކޯޓަށް ހުއްދަކުރެވިދާނެއެވެ.

(ށ) ހެކިބަސް ދޭ ފަރާތަކީ، ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން ސާފުކޮށް މުއާސަލާތުނުކުރެވޭ ފަރާތެއް ކަމުގައިވެފައި، އޭނާއަކީ، މި ގާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތު ފުރިހަމަވާ ފަރާތެއް ކަމުގައިވާނަމަ، އޭނާ ބުނާ އެއްޗެއް ސާފުކޮށްދެވޭނެ އެކަށީގެންވާ ވަސީލަތެއް މެދުވެރިކޮށް އޭނާގެ ހެކިބަސް ނެގުމަށް ކޯޓަށް ހުއްދަކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި ހެކިބަސް ދޭ މީހެއްގެ ހެކިބަސް ނެގުމުގައި ބޭނުންކުރާ ވަސީލަތަކީ އެކަށީގެންވާ ވަސީލަތެއްކަން ކަނޑައެޅުމުގައި، އެ ވަސީލަތަކީ އެ ހެކިބަސް ނެގުމަށް ބޭނުންކުރުމަށް ކޮންމެހެން ބޭނުންވާ، އަދި އިތުބާރުކުރެވޭ ވަސީލަތެއްތޯ ކޯޓުން ބަލަންވާނެއެވެ

(ރ) މި މާއްދާގެ ބޭނުމަށްޓަކައި އަންނަނިވި ކަންކަމާ ގުޅޭގޮތުން ކޯޓަށް އިރުށާދުދެވިދާނެއެވެ.

  1. މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ހެކިބަސް ދޭ މީހަކާ ސުވާލުކުރެވޭނެ ގޮތް؛
  2. މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ މީހެއްގެ ހެކިބަސް ނެގުމުގައި އަމަލުކުރެވިދާނެ ގޮތް.

 

103 ވަނަ މާއްދާ - ހަނދާން ތާޒާކުރުމަށް މަސައްކަތްކުރުން

(ހ) ހެކިބަސް ދޭ މީހާ ށަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިނުމުގައި އޭނާގެ ހަނދާން ތާޒާކުރުމުގެ ގޮތުން އެއްވެސް ލިޔުމެއް، ކޯޓުގެ ހުއްދައާ ނުލައި، ބަލައިގެންނުވާނެއެވެ.

(ށ) ވަކި ވާގިއާއަކާ ގުޅޭގޮތުން ނުވަތަ ރައުޔަކާ ގުޅޭގޮތުން ހެކިބަސް ދޭ މީހާ އޭނާގެ ހަނދާން ތާޒާކުރުމުގެ ގޮތުން، ށަރީއަތުގެ މަޖިލީހުގައި ހެކިބަސް ދޭ ވަގުތު، ކޯޓުގެ ހުއްދަ ނެތި، އެއްވެސް ލިޔުމެއް ބަލައި، އޭގެ އެހީތެރިކަން ހޯދައިގެން ނުވާނެއެވެ.

(ނ) ހެކިބަސް ދޭ މީހާ ހަނދާން ތާޒާކުރުމަށްޓަކައި، ވަކި ލިޔުމެއް ބެލުމަށް ކޯޓުން ހުއްދަދިނުމުގައި، އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

  1. އެ ލިޔުމަށް ނުބަލައި، އެ ހެކިބަސް ދެވޭ ވާގިއާއެއް ނުވަތަ ރައުޔަކާ ބެހޭގޮތުން އޭނާގެ ހަނދާން އަމިއްލައަށް ތާޒާކުރެވިދާނެކަން ނުވަތަ ނޫންކަން؛
  2. ހެކިބަސް ދޭ މީހާ ބަލަން ބޭނުންވާ ނުވަތަ ބޭނުންކުރަން ބޭނުންވާ ލިޔުމަކީ، އަންނަނިވި ކަންކަމުގެ މައްޗަށް އޮތް ލިޔުމަކަށްވުން:
    1. އެ ލިޔުމުގައިވާ ކަންކަން އޭނާ ލިޔުމުން iބަޔާންކުރިއިރު، އެކަންކަން އޭނާގެ ހަނދާނުގައި ތާޒާކޮށް ހުރުން؛ އަދި
    2. ބަޔާންކޮށްފައިވަނީ، ހަގީގަތާ އެ ލިޔުމުގައިވާ ކަންކަން އެއްގޮތަށް ތެދުބަހުން ކަމަށް، އެކަންކަން އޭނާ ލިޔުމުން ބަޔާންކުރިއިރު، އޭނާ ބަލައިގެންފައިވުން.

 

104 ވަނަ މާއްދާ - އެ ގްޒެމި ންކުރުމުގައި ނުވަތަ ރީ -އެގްޒެމިންކުރުމުގައި ލީޑިންގ ސުވާލުކުރުން

އަންނަނިވި ހާލަތްތަކުގައި މެނުވީ، ހެކިބަސް ދޭ މީހަކު އެގްޒެމިންކުރުމުގައި ނުވަތަ ރީ-އެގްޒެމިންކުރުމުގައި، އޭނާއާ ލީޑިންގ ސުވާލެއް ކުރިމަތިކުރުވައިގެންނުވާނެއެވެ.

(ހ) ހެކިބަސް ދޭ މީހާއަކީ މި ގާނޫނުގެ 105 ވަނަ މާއްދާގައި ބަޔާންކުރާފަދަ ފަރާތަކަށް ވާ ހާލަތުގައި ކޯޓުގެ ހުއްދައާއެކު އޭނާއާ ކުރެވޭ ސުވާލު؛

(ށ) ހެކިބަހާ ސީދާ ގުޅޭ ކަމަކަށް ނުވާގޮތުން، ހެކިބަސް ދޭ މީހާ ދޭ ހެކިބަހުގެ އިބްތިދާއީ ކަމަކާގުޅޭ ސުވާލަކަށް އެ ސުވާލުވުން؛

(ނ) މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތެއްވެސް، ވަކީލުން މެދުވެރިކޮށް ތަމްސީލުކުރެވެމުންދާ ހާލަތުގައި، އެއްވެސް ފަރާތަކުން އެކަމަށް އިއުތިރާޒުނުކުރުން ނުވަތަ އެ ސުވާލުކުރެވެނީ މައްސަލައިގައި ހިމެނޭ އެންމެހައި ހަސްމުންގެ އެއްބަސްވުމާ އެކުގައި ކަމަށްވުން؛

(ރ) އެ ސުވާލަކީ، މައްސަލައިގައި ސުވާލު އުފެދިފައިވާ ކަންތަކާ ގުޅޭ ސުވާލަކަށް ނުވުން؛

(ބ) ހެކިބަސް ދޭ މީހާގެ ތައުލީމަށް ނުވަތަ ތަމްރީނަށް ނުވަތަ ތަޖުރިބާއަށް ނުވަތަ އިލްމަށް ބިނާކޮށް ވަކި ސުވާލަކަށް ދޭ ޖަވާބު ހޯދުމަށްޓަކައި ކުރެވޭ ސުވާލަކަށް އެ ސުވާލުވުން އަދި އެ ސުވާލުގެ މަގްސަދަކީ އޭނާގެ ރައު ޔެއް ހޯދުން ކަމުގައިވުމާއި، އެ ރައުޔު ގުޅެނީ ހެކިބަސް ދީފައިވާ ނުވަތަ ދޭން ގަސްދުކުރާ މައްސަލަ އާ ކަމުގައިވުން.

 

105 ވަނަ މާއްދާ - އެއްބާރުލުން ނުދޭ ހެކިންނާ ސުވާލުކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި މައްސަލައެއްގައި ހިމެނޭ ފަރާތަކުން ހެކިބަސް ދިނުމަށް ހުށަހަޅާ މީހަކު، އެގްޒެމިންކުރުމުގެ މަރުހަލާގައި، އެ މަރުހަލާގައި ސުވާލުކުރާ އުސޫލުން ސުވާލުކުރުމުގެ ބަދަލުގައި، ކްރޮސް-އެގްޒެމިންކުރުމުގައި ސުވާލުކުރާ އުސޫލުން، ކޯޓުގެ ހުއްދައާއެކު ސުވާލުކުރެވިދާނެއެވެ.

  1. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތަށް ފަހިނުވާގޮތަށް އޭނާ ހެކިބަސް ދިނުން؛
  2. އޭނާއަށް ކަނޑައެޅިގެން އެނގޭ ކަމުގައި ބެލެވޭ މައުލޫމާތެއް ދިނުމުގައި، އެއްބާރުލުން ނުދޭކަމަށް، ނުވަތަ ތެދު ނިޔަތުގައި ހެކިބަސް ދިނުމަށް ފަސްޖެހެމުންދާ ކަމަށް، ނުވަތަ ތެދު ނިޔަތުގައި ހެކިބަސް ދިނުމުގައި ކުރަންވާ ވަރަށް މަސައްކަތްނުކުރާ ކަމަށް ކޯޓަށް ފާހަގަވުން؛
  3. ހެކިބަސް ދޭ މީހާ އެ ހެކިބަސް ދޭ ކަމެއްގައި ދިމާނުވާ ދެ ވާހަކައެއް ބުނުން

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރެވޭ ސުވާލުތަކަކީ، ކްރޮސް- އެގްޒެމިންކުރުމުގެ މަރުހަލާގައި ކުރެވުނު ސުވާލުތަކެއް ކަމުގައި ބެލުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ސުވާލުކުރަންވާނީ، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތްނޫން އަނެއް ފަރާތުން ނުވަތަ ފަރާތްތަކުން ހެކިބަސް ދޭ މީހާ ކްރޮސް-އެގްޒެމިންކުރުމުގެ ކުރިންނެވެ.

 

106 ވަނަ މާއްދާ - ރީ -އެގްޒެމިންކުރުމުގައި ސުވާލު ކުރެވޭނެ ދާއިރާ

ރީ- އެގްޒެމިންކުރުމުގެ މަރުހަލާގައި ހެކިބަސް ދޭ މީހާއާ ސުވާލުކުރެވޭނީ ކްރޮސް-އެގްޒެމިންކުރުމުގެ މަރުހަލާގައި އޭނާ ދިން ހެކިބަހާ ބެހޭގޮތުން އެކަންޏެވެ.

 

107 ވަނަ މާއްދާ - ކްރޮސް -އެގްޒެމިންކުރުމުގައި ސުވާ ލެއް ނުކުރުމަށް ނުވަތަ ޖަވާބެއް ނުދިނުމަށް އެންގުން

(ހ) ކްރޮސް-އެގްޒެމިންކުރުމުގެ މަރުހަލާގައި، ހެކިބަސް ދޭ މީހާއާ ކުރެވޭ ސުވާލަކަށް ޖަވާބުނުދިނުމަށް ނުވަތަ ވަކި ސުވާލެއް އޭނާއާ ކުރުން ހުއްޓުވުމަށް އަންނަނިވި ހާލަތްތަކުގައި ކޯޓަށް އަމުރުކުރެވިދާނެއެވެ.

  1. އެ ސުވާލަކީ ހަގީގަތް އޮޅޭގޮތަށް ކުރާ ސުވާލަކަށްވުން؛ 
  2. އެ ސުވާލަކީ، ހެކިބަސް ދޭ ފަރާތް ރުޅިއެރުވުމަށް ނުވަތަ ބިރުގެންނެވުމަށް ނުވަތަ އޭނާގެ ހިތްނުތަނަވަސްކުރުމަށް ނުވަތަ އޭނާ ކުޑައިމީސްކުރުމުގެ ގޮތުން ކުރާ ސުވާލަކަށްވުން؛
  3. އެ ސުވާލަކީ، ހެކިވެރިޔާ ހެކިބަސް ދޭ ކަމާ ގުޅުމެއް ނެތް ސުވާލަކަށްވުން؛
  4. އެ ސުވާލަކީ، ކުރިން ކޮށްފައިވާ ސުވާލަކަށްވުން

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ހެކިބަސް ދޭ މީހަކާ ސުވާލުކުރުމުގައި، ސުވާލުކުރުމަށްފަހު ޖަވާބުދޭން ފުރުސަތުނުދީ، ސުވާލު ތަކުރާރުކުރުމަކީ ހެކިބަސް ދޭ މީހާ ރުޅިއެރުވުމުގެގޮތުން ނުވަތަ ބިރުގެންނެވުމުގެ ގޮތުން ނުވަތަ އޭނާގެހިތްނުތަނަވަސްކުރުމުގެ ގޮތުން ނުވަތަ އޭނާ ކުޑައިމީސްކުރުމުގެ ގޮތުން ކުރާ ކަމެއް ކަމުގައި ބެލެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ގޮތެއް ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ކޯޓަށް ރިއާޔަތްކުރެވިދާނެއެވެ.

  1. ހެކިބަސް ދޭ މީހާގެ އުމުރު؛ 
  2. ހެކިބަސް ދޭ މީހާގެ ށަހްސިއްޔަތާއި ތައުލީމާއި އޭނާގެ މިޒާޖު؛
  3. ހެކިބަސް ދޭ މީހާ އެއްބާރުލުން ދެމުންދާ މިންވަރު؛ 
  4. ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން ނުވަތަ އިލްމީގޮތުން އެއްވެސް ނުކުޅެދުންތެރިކަމެއް ހެކިބަސް ދޭ މީހާގައި ހުރުން.

 

108 ވަނަ މާއްދާ - ކްރޮސް -އެގްޒެމިންކުރުމުގައި ލީޑިންގ ސުވާލުކުރުން

(ހ) ކްރޮސް-އެގްޒެމިންކުރުމުގެ މަރުހަލާގައި، ކޯޓުން މަނާނުކުރާހާ ހިނދަކު، ހެކިބަސް ދޭ މީހާއާ ލީޑިންގ ސުވާލުކުރެވިދާނެއެވެ.

(ށ) ލީޑިންގ ސުވާލެއްކުރުން މަނާކުރުމުގައި، އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

  1. އެގްޒެމިންކުރުމުގެ މަރުހަލާގައި ހެކިބަސް ދިނުމުގައި ހެކިބަސް ދޭ މީހާ ދެއްކި ވާހަކައަކީ، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ހަސްމަށް ފަހިވާގޮތަށް އޮތް ވާހަކައަކަށް ނުވުން؛
  2. ކްރޮސް-އެގްޒެމިންކު ރާ މީހާގެ މަސްލަހަތާއި ހެކިބަސް ދޭ މީހާގެ މަސްލަހަތާ އެއް ގޮތްވުން؛
  3. ކްރޮސް-އެގްޒެމިންކު ރާ ހަސްމާމެދު އެ ހެކިބަސް ދޭ މީހާ ހަމްދަރުދީވާކަން ފާހަގަވުން؛
  4. ހެކިބަސް ދޭ މީހާގެ އުމުރާއި އޭނާގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުވަތަ އިލްމީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އޭނާ ދޭ ހެކިބަހަށް އަސަރުކޮށްފާނެކަމަށް ފާހަގަވުން.

 

109 ވަނަ މާއްދާ - ތަހްގީގީ އިދާރާއެއްގެ އޮފިސަރުން ބަޔާންދިނުން

(ހ) މި ގާނޫނުގެ 103 ވަނަ މާއްދާ އެހެން އޮތްނަމަވެސް، ޖިނާއީ މައްސަލައެއްގައި، ތަހްގީގީ އިދާރާއެއްގެ އޮފިސަރަކު ކުރިން ލިޔުމުންދީފައިވާ ބަޔާނަކާ ގުޅޭގޮތުން، އޭނާ ށަރީއަތުގެ މަޖިލީހުގައި ހެކިބަސްދޭ ކަމަށްވާނަމަ، އޭނާގެ ފަރާތުން ހެކިބަސް ދިނުމަށް ބޭނުންވާ ކަމެއްގެ މައްޗަށް ބިނާކޮށް، އޭނާ ކުރިން ލިޔުމުން ދީފައިވާ ބަޔާން ށަރީއަތުގެމަޖިލީހުގައި ބެލުމުގެ ފުރުސަތު ދެވިދާނެއެވެ އަދި އެ ބަޔާނަކާގުޅިގެން ހެކިބަސް ދިނުމުގައި އޭނާއާ ކުރެވޭ ސުވާލުތަކަށް ޖަވާބުދީ، ހެކިބަސް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތަހްގީގީ އިދާރާއެއްގެ އޮފިސަރަކަށް ހެކިބަސް ދެވޭނީ، އަންނަނިވި ކަންކަން ފުރިހަމަވެފައިވާ ހާލަތުގައެވެ.

އޭނާގެ ހެކިބަސް ބިނާވާ ބަޔާނަކީ، އެ ބަޔާނުގައިވާ ހާދިސާތައް ހިނގައިދިޔަ ވަގުތު ނުވަތަ އެއާވިދިގެން މާގިނަ ވަގުތުތަކެއް ފާއިތުނުވަނީސް، އޭނާ ލިޔުމުން ދީފައިވާ ބަޔާނަކަށްވުން؛

އެ ބަޔާނުގައި އޭނާ ސޮއިކޮށްފައިވުން؛ 

ކުށުގެ ތުހުމަތުކުރެވޭ މީހާއަށް އެ ލިޔުމުގެ ކޮޕީއެއް ދީފައިވުން

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ތަހްގީގީ އިދާރާއެއްގެ އޮފިސަރަކީ މި ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކުރާފަދަ ހެކިބަސް ދޭ ފަރާތެއް ކަމުގައިވާ ހާލަތުގައި، އެ ހައިސިއްޔަތުން އޭނާ މި ގާނޫނުގެ ކަމާބެހޭ މާއްދާތަކުގެ ދަށުން ހެކިބަސް ދިނުމަކަށް ހުރަހެއްނާޅައެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި، ތަހްގީގީ އިދާރާއެއްގެ އޮފިސަރެއް ކަމަށް ބުނެފައި އެވަނީ، އެ ބަޔާން ފުރަތަމަ ލިޔުމުން ލިޔުނުއިރު އެފަދަ އިދާރާއެއްގެ އޮފިސަރެއްގެ މަގާމުގައި ހުރި ނުވަތަ އެފަދަ މަސްއޫލިއްޔަތެއް އަދާކުރަމުންދާ މީހާއަށެވެ އަދި، އެ ބަޔާން ލިޔުމުން ދިން ފަހުން އޭނާ އެ މަގާމުން ނުވަތަ އެ އިދާރާއިން ވަކިވެފައިވީނަމަވެސް، އޭނާއަކީ، އެ ބަޔާނާ ގުޅޭގޮތުން، ހެއްކެއްގެ ގޮތުގައި ށަރީއަތުގައި ހިނގަމުންދާ މައްސަލަ އެއްގައި ކޯޓަށް ހާޒިރުކޮށް، އެ ބަޔާނާ ގުޅޭގޮތުން ސުވާލުކުރެވިދާނެ މީހެކެވެ.

 

110 ވަނަ މާއްދާ - ހެކިބަސް ދޭ ފަރާތުގެ އަދުލުވެރިކަމާމެދު ސުވާލުއުފެއްދުން

(ހ) ހެކިބަސް ދޭ ފަރާތަކީ ހެކިބަސް ދިނުމުގެ އަދުލުވެރިކަން ފުރިހަމަވާ ފަރާތެއް ނޫންކަމުގައި ބަޔާންކޮށް، އޭނާގެ ހެކިބަސް ދިނުމުގެ އަދުލުވެރިކަމާމެދު ސުވާލުއުފައްދައި، އެ ހެކިބަސް ދޭ ފަރާތް އެ މައްސަލައެއްގައި ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ މައްސަލައިގައި ހިމެނޭ ހަސްމެއްގެ ފަރާތުން ކޯޓަށް ހުށަހަޅައިފިނަމަ، ހެކިބަސް ދޭ ފަރާތުގެ އަދުލުވެރިކަމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ހެކިބަސް ދޭ ފަރާތެއްގެ އަދުލުވެރިކަން ކޯޓުން ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ހެކިބަސް ދޭ ފަރާތުގެ ހެކިބަސް ދިނުމުގެ އަދުލުވެރިކަމާމެދު ސުވާލުއުފައްދައި ކޯޓަށް ހުށަހަޅާފައިވާ ސަބަބުތައް އެގޮތުގެމަތިން ހުރިކަން ނުވަތަ ނެތްކަން؛
  2. ހެކިބަސް ދޭ ފަރާތުން ކޮށްފައިވާ އަމަލަކީ ހެކިބަސް ދިނުމުގެ އަދުލުވެރިކަން ގެއްލޭފަދަ އަމަލެއްކަން ނުވަތަ ނޫންކަން؛
  3. ހެކިބަސް ދިނުމުގެ އަދުލުވެރިކަން ގެއްލޭފަދަ އަމަލެއް ކޮށްފައިވާނަމަ އެ އަމަލުކޮށްފައިވާ ވަގުތާއި ހެކިބަސް ދޭ ވާގިއާ ހިނގާފައިވާ ވަގުތާއި، އެ ދެމެދުގައި ހޭދަވެފައިވާ ވަގުތު؛
  4. ހެކިބަސް ދިނުމުގެ އަދުލުވެރިކަން ގެއްލޭފަދަ އަމަލެއް ކޮށްފައިވާނަމަ އެ އަމަލުގެ ބާވަތާއި ހެކިބަސް ދޭ މައްސަލައިގެ ބާވަތާ ގުޅުންހުރި މިންވަރު؛
  5. ހެކިބަސް ދިނުމުގެ އަދުލުވެރިކަން ގެއްލޭފަދަ އަމަލު ތަކުރާރުކޮށްފައިވާނަމަ، އެފަދައިން ތަކުރާރުކޮށްފައިވާ މިންވަރު؛
  6. ހެކިބަސް ދޭ ފަރާތުގެ އިންސާފުވެރިކަމާއި ތެދުވެރިކަމަށް ބާރުދޭ ކަމަށް ކޯޓަށް ހުށަހެޅިފައިވާ ކަމެއްވާނަމަ އެކަން.

 

111 ވަނަ މާއްދާ - ތައާރުޒުވާ ބަޔާން ހުށަހެޅުން

(ހ) ކްރޮސް-އެގްޒެމިންކުރަމުން ގެންދެވޭ މީހާ ދައްކަމުންދާ ވާހަކައާ ދިމާނުވާގޮތަށް އޭނާ އެހެން ވާހަކައެއް ދައްކާފައި އޮތްކަން ލިޔުމުންނުވަތަ އެނޫންވެސް ގޮތަކުން ރެ ކޯޑުކުރެވިފައި އޮތްކަމުގައިވާނަމަ، އެކަން އެ ވަގުތު ހުށަހަޅައި، ކޯޓުގެ ސަމާލުކަމަށް ގެނެވިދާނެއެވެ.

(ށ) ކްރޮސް-އެގްޒެމިންކުރަމުން ގެންދެވޭ މީހާ ވަކި ކަމަކާ ގުޅޭގޮތުން ދައްކާ ވާހަކައާ އިދިކޮޅަށް ނުވަތަ އެ ވާހަކައާ ދިމާނުވާގޮތަށް ހަމަ އެކަމާ ގުޅޭގޮތުން އެހެން މީހަކު ދައްކާފައިވާ ވާހަކައެއް ލިޔުމެއްގައި ނުވަތަ އެނޫންވެސް ގޮތަކަށް ރެކޯޑުކުރެވިފައިވާނަމަ، އެކަން އެ ވަގުތު ހުށަހަޅައި، ކޯޓުގެ ސަމާލުކަމަށް ގެނެވިދާނެއެވެ.

 

112 ވަނަ މާއްދާ - ހެކިބަސް ދޭ މީހުން ކޯޓަށް ހާޒި ރުކުރުން

(ހ) މި ގާނޫނުގެ ދަށުން ހެކިބަސް ދޭ މީހުން ކޯޓަށް ހާޒިރުވެ ހެކިބަސް ދޭނީ، އެމީހުންނަކީ ހެކިބަސް ދޭނެ މީހުންކަން، ދައުވާކުރާ ފަރާތުން ނުވަތަ ދައުވާލިބޭ ފަރާތުން ފާހަގަކޮށް، ކޯޓުގައި އެދުމުން، ކަމާ ގުޅޭގޮތުން ކޯޓުން ކުރާ އަމުރެއްގެ ދަށުން އެމީހަކު ކޯޓަށް ހާޒިރުކޮށްގެންނެވެ.

(ށ) ހެކިބަސް ދޭ މީހުން ކޯޓަށް ހާޒިރުކުރުމުގައި ކޯޓުން އަމަލުކުރާނީ، ޖިނާއީ އިޖުރާއަތުގެ ނުވަތަ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

113 ވަނަ މާއްދާ - ހެކިބަސް ދިނުމަށް ހާޒިރުވުމުގެ އަމުރުކުރުމަކާ ނުލައި ހެކިބަސް ނެގުން

(ހ) ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުވުމުގެ އަމުރެއް ކޯޓުން ކޮށްފައިނުވާ މީހަކު މައްސަލައިގައި ހިމެނޭ ފަރާތަކާއެކު، ނުވަތަ މައްސަލަ އަޑުއެހުމުގެ ބޭނުމުގައި، ށަރީއަތުގެ މަޖިލީހުގައި ހާޒިރުވެހުރި ހާލަތެއްގައި، އޭނާއަކީ، ހެކިބަސް ދިނުމަށް މި ގާނޫނުގެ ދަށުން ލާޒިމުކުރެވިދާނެ މީހެއް ކަމުގައިވާނަމަ، ވަކި ކަމަކާ ގުޅޭގޮތުން އެ ވަގުތު އޭނާ ހެކިބަސް ދިނުމަށް، ކޯޓަށް ލާޒިމުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަންގާ އެންގުމަކާ އެއްގޮތްވާ ގޮތުގެމަތިން އޭނާ އެ ވަގުތު ހެކިބަސްނުދީފިނަމަ، ހެކިބަސް ދިނުމުގެ އަމުރެއް ކޮށްގެން ކޯޓަށް ހާޒިރުވާންޖެހޭ މީހާ ހެކިބަސް ނުދީފި ހާލަތެއްގައި އަމަލުކުރެވޭ އުސޫލުން އޭނާއާމެދުވެސް އަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

ތިންވަނަ ބައި

ހެކި ވަޒަންކުރުން 

ދިހަވަނަ ބާބު

ގުޅުން ހުރުން

 

114 ވަނަ މާއްދާ - ގުޅުންހުރި ހެކި

ވަކި ވާގިއާއަކާއި ވަކި ހެއްކަކާމެދު ގުޅުންހުރި ހެކި ކަމަށް ބެލެވޭނީ، ގާނޫނީގޮތުން ގުޅުންހުރި ހެއްކެއް، މާއްދީގޮތުން ގުޅުންހުރުމުގެ ސަބަބުން، އެ ހެއްކެއް ކޯޓަށް ބަލައިގެންފި ކަމަށްވާނަމަ، ށަރީއަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާގިއާއެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށްވާނަމައެވެ.

 

115 ވަނަ މާއްދާ - ގުޅުން ނެތް ސަބަބެއްކަމަށް ނުބެލުން

އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައި އޮތުމަކީ، އޭގެ ޒާތުގައި ހެއްކެއް އެއީ ގުޅުންހުރި ހެއްކެއް ނޫންކަމަށް ކަނޑައެޅުމަށް އޮތް ސަބަބެއްނޫނެވެ.

(ހ) އެ ހެކި ގުޅެނީ ހެކިބަސް ދިން މީހާގެ އިތުބާރު އޮތް މިންވަރެއްގެ މައްޗަށް ކަމުގައިވުން؛

(ށ) އެ ހެކި ގުޅެނީ ބަލައިގަނެވެން ހުރި އެހެން ހެއްކަކާ ކަމުގައިވުން؛

(ނ) އެ ހެކި ގުޅެނީ ހޯދަންޖެހޭ ހެއްކެއް ހޯދިފައިނުވާ ކަމުގެ މައްޗަށް ކަމުގައިވުން.

 

116 ވަނަ މާއްދާ - ގުޅުންހުރި ހެކި ބަލައިގަތުން

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ގުޅުންހުރި ހެއްކަކީ ކޯޓަށް ބަލައިގަނެވޭނެ ހެއްކެވެ.

(ށ) ގުޅުންހުރި ހެއްކަށް ނުވާ ހެއްކަކީ ކޯޓަށް ބަލައިގަނެވޭނެ ހެއްކެއް ނޫނެވެ.

 

އެގާރަވަނަ ބާބު

އިވުނު ކަމަށް ބުނާ ހެކި

 

117 ވަނަ މާއްދާ - އިވުނު ކަމަށް ބުނާ ހެކި

(ހ) އިވުނު ކަމަށް ބުނާ ހެއްކަކީ، އޭގެ ޒާތުގައި ހެކީގެ ގޮތުގައި ށަރީއަތަށް ބަލައިގަނެވޭނެ ހެއްކެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ ދަށުން އިސްތިސްނާކުރެވޭ ހާލަތެއް ވުޖޫދުގައި އޮތްކަމަށްވާނަމަ، އިވުނު ކަމަށް ބުނާ ހެއްކަކީ، ށަރީއަތަށް ބަލައިގަނެވިދާނެ ހެއްކެކެވެ.

(ނ) އިވުނު ކަމަށް ބުނާ ހެއްކަކީ ދެވަނަ ދަރަޖައިގެ ހެއްކެވެ.

 

118 ވަނަ މާއްދާ - އިވުނު ކަމަށް ބުނާ ހެކީގެ ތެރެއިން ބަލައިގަނެވޭނެ ހެކި

އިވުނު ކަމަށް ބުނާ ހެކީގެ ތެރެއިން، މި ގާނޫނުގެ ދަށުން ބަލައިގަނެވޭނެ ބާވަތުގެ ހެކި ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މަރުގެ ތުންފަތްމަތީގައި އޮތް މީހާ މަރުވުމުގެ ކުރިން، ވަކި ކަމަކާ ބެހޭގޮތުން ނުވަތަ ވަކި އެއްޗަކާ ބެހޭގޮތުން ބުނާބުނުން އެއީ، އެކަން ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށްޓަކައި ހުށަހެޅިދާނެ ހެއްކެކެވެ އަދި މަރުވިމީހާ އެ ވާހަކަ ދެއްކި އަޑުއިވުނު މީހަކު، މަރުވިމީހާއަށް ހަވާލާދީ، އޭނާ ބުނީ ތެދު ބުނުމެއްކަން ސާބިތުކޮށްދިނުމަށްޓަކައި، އެކަން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) ކުއްލިއަކަށް ދިމާވާ ކަމެއް ނުވަތަ ކުއްލިއަކަށް ދިމާވާ ހާލަތެއް ދިމާވާހިނދު އެކަމަށް ދެވޭ ރައްދެއްގެ ގޮތުގައި، ކުއްލިއަކަށް ތިމާއަށް ބުނެވޭ ވާހަކަ ނުވަތަ ތިމާއަށް ދައްކުވައިދެވޭ ނިށާންތައް ނުވަތަ ތިމާއަށް ކުރެވޭ އިށާރާތްތައް، އެ ވަގުތު ފެނުނު މީހަކަށް އެ އިށާރާތްތައް އޭނާ ކުރި ކަމަށް ހަވާލާދީ، އެ ހާލަތު ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށްޓަކައި އެކަން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.

(ނ) ކަމެއް ދިމާވާ ހާލަތުގައި އެ ތަނެއްގައި އެ ވަގުތު ތިބި ބަޔަކަށް އެކަމެއް ފެނުނު ގޮތް މީހަކަށް ކިޔައިދީފައިވާނަމަ، އެކަމެއް ދިމާވިކަން ސާބިތުކޮށްދިނުމަށްޓަކައި، އެ ވާހަކަ ކިޔައިދިން މީހުންނަށް ހަވާލާދީ، އެ ވާހަކަ އޭނާއަށް ކޯޓަށް ހެކީގެ ގޮތުގައި ހުށަހެޅިދާނެއެވެ

(ރ) ތިމާގެ އަމިއްލަ މާލީ މަސްލަހަތަކާ ދެކޮޅަށް ނުވަތަ ތިމާގެ އަމިއްލަ ޖިނާއީ މަސްލަހަތަކާ ދެކޮޅަށް މީހަކު ބުނާ ބަހެއް އެގޮތަށް ބުނި އަޑު އެހި މީހާއަށް، އެކަން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.

(ބ) ދައުލަތުގެ މުވައްޒަފަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރަސްމީ ރެކޯޑެއްގައި ހިމަނާފައިވާ މައުލޫމާތެއް، ނުވަތަ އެ ގައުމެއްގެ ގާނޫނުން ވަކި މަސްއޫލިއްޔަތެއް ހަވާލުކޮށްފައިވާ މީހަކު އެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހިމެނޭ ވާގިއާއަކާ ގުޅޭގޮތުން ރަސްމީ ރެކޯޑެއްގައި ހިމަނާފައިވާ މައުލޫމާތެއް ދުށް މީހަކު، އެ ރެކޯޑަކުން އެ އެއްޗެއް ދުށް ކަމަށް ށަރީއަތުގެ މަޖިލީހުގައި ބުނާ ބުނުމަކީ، އެ ރެކޯޑުގައި އޮތް އެއްޗެއް ވުޖޫދުގައި އޮތްކަމަށް ސާބިތުކޮށްދިނުމަށްޓަކައި ކޯޓަށް ހުށަހެޅިދާނެ ހެއްކެކެވެ.

(ޅ) ވިޔަފާރީގެ މުއާމަލާތްތަކުގައި، އާންމުކޮށް ގަވާއިދުން ބަލަހައްޓާ ހިސާބުތަކުގައި ހިމެނޭ މައުލޫމާތެއް ދުށް މީހަކު، އެ ހިސާބުތަކުން އެ އެއްޗެއް ދުށް ކަމަށް ކޯޓުގައި ބުނާ ބުނުމަކީ، އެ ހިސާބުތަކުގައި އޮތް އެއްޗެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށްޓަކައި ކޯޓަށް ހުށަހެޅިދާނެ ހެއްކެކެވެ.

(ކ) ތިމާގެ މައްޗަށް ކުރެވޭ ތުހުމަތަކުން ދިފާއުވުމަށްޓަކައި، މީޑިއާގައި ނުވަތަ އެހެންވެސް އާންމު ތަނެއްގައި ދައްކާފައިވާ ވާހަކަ އަޑުއިވުނު މީހަކު، އޭނާ އެ ވާހަކަ ދެއްކިކަން ބަޔާންކޮށްދިނުމަށްޓަކައި، އެކަން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.

(އ) އެހެން ށަރީއަތެއްގައި މީހަކު ދީފައިވާ ހެކިބަހަކީ، ފަހުން ހިނގަމުންދާ ށަރީއަތެއްގައި، އެމީހަކާ ދެކޮޅަށް، ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެ ހެއްކެކެވެ.

(ވ) ވިޔަފާރީގެ އާންމު އުސޫލުގެ ދަށުން ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ހިމެނޭގޮތުން، މީހަކު ދީފައިވާ ބަޔާން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.

  1. ވިޔަފާރީގައި ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އާންމުކޮށް ބަލަހައްޓާ ލިޔެކިޔުމުގައި އޭނާ ފާހަގަކޮށްފައިވާ އެއްޗެއް ނުވަތަ ކަމެއް؛
  2. ފައިސާއެއް ނުވަތަ މުދަލެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އެނޫންވެސް ބާވަތެއްގެ މުދަލަކާ ހަވާލުވި ކަމަށް ބަޔާންކޮށް އޭނާ ލިޔެފައިވާ ނުވަތަ ސޮއިކޮށްފައިވާ ލިޔުމެއް؛
  3. އޭނާ ލިޔެފައިވާ ނުވަތަ ސޮއިކޮށްފައިވާ ވިޔަފާރީގެ މުއާމަލާތަކާބެހޭ ލިޔުމެއް؛
  4. އޭނާ ލިޔެފައިވާ ނުވަތަ ސޮއިކޮށްފައިވާ ސިޓީއެއް ނުވަތަ އެނޫންވެސް އާންމުކޮށް ތާރީހު ޖަހަންޖެހޭ ލިޔުމެއްގެ ތާރީހު ބަޔާންކޮށްދީފައިވާ ބަޔާނެއް.

(މ) ބައެއްގެ މެދުގައި ލޭގެ ގުޅުމެއް ނުވަތަ ކާވެނީގެ ގުޅުމެއް ނުވަތަ ބެލެނިވެރިކަމުގެ ގުޅުމެއް އޮތްކަމާމެދު އެފަދަ ގުޅުމެއްގެ ހާއްސަ މައުލޫމާތެއް ލިބިފައިވާ މީހަކު ދީފައިވާ ބަޔާނެއް ދީފައިވަނީ، އެފަދަ ގުޅުމެއް އޮތްކަމާމެދު ދެބަސްވުމެއް އުފެދުމުގެ ކުރިން ކަމުގައި ވާނަމަ، އެކަން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.

(ފ) މަރުވެފައިވާ ބައެއްގެ މެދުގައި ލޭގެ ގުޅުމެއް ނުވަތަ ކާވެނީގެ ގުޅުމެއް ނުވަތަ ބެލެނިވެރިކަމުގެ ގުޅުމެއް އޮތްކަމާމެދު އެމީހުން ނިސްބަތްވާ އާއިލާއާ ގުޅޭގޮތުން ވަސިއްޔަތެއްގައި ނުވަތަ އެއްބަސްވުމެއްގައި ނުވަތަ އާއިލާގެ ނަސަބު ދައްކައިދޭ ލިޔުމެއްގައި ނުވަތަ އެނޫންވެސް އެފަދަ ކަންކަން ބަޔާންކުރާ ލިޔުމެއްގައި މީހަކު ބަޔާނެއް ދީފައިވަނީ، އެފަދަ ގުޅުމެއް އޮތްކަމާމެދު ދެބަސްވުމެއް އުފެދުމުގެ ކުރިން ކަމުގައިވާނަމަ، އެކަން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.

(ދ) ދައުލަތުގެ މުވައްޒަފަކު އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދީފައިވާ ބަޔާނެއް، ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.

 

119 ވަނަ މާއްދާ - އިވުނު ކަމަށް ބުނާ ހެކި ބަލައިގަނެވޭނެ ހާލަތްތައް

އިވުނު ކަމަށް ބުނާ ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް މި ގާނޫނުގެ 118 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހެކި ހުށަހެޅޭނީ، އެ ހެކިބަހުގައި ވަކި ކަމެއް ކުރި ކަމަށް ނުވަތަ ވަކި އެއްޗެއް ބުނި ކަމަށް ހަވާލާދެވޭ މީހަކީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ މީހެއް ކަމަށް ށަރީއަތަށް ގަބޫލުކުރެވޭ ހާލަތުގައި، ކޯޓުގެ ހުއްދައާ އެކުގައެވެ.

(ހ) ހޯދާ ނުފެނިފައިވާ މީހަކަށްވުން؛

(ށ) ބަޔާނެއް ދިނުމަށްފަހު ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުވުމަށް ނުކުޅެދޭ ހާލަތެއްގައިވާ މީހަކަށްވުން؛

(ނ) އެމީހަކު ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްގެން ކަމަށްވުން؛

(ރ) އެމީހަކު ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ހަރަދެއް ކޮށްގެން ކަމަށްވުން؛

(ބ) މަރުވެފައިވާ މީހަކަށްވުން.

 

ބާރަވަނަ ބާބު

ރައުޔުގެ އުސޫލު

 

120 ވަނަ މާއްދާ - ރައުޔު

(ހ) ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަމަށް މީހަކު ދޭ ރައުޔަކީ، މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، އޭގެ ޒާތުގައި ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ރައުޔެއް ނޫނެވެ

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ބާރު ލިބިގެން ދޫކުރާ ލިޔުމެއްގައި ނުވަތަ ރަސްމީ ސެޓްފިކެޓެއްގައި ނުވަތަ ރަސްމީ ލިޔުމެއްގައި، ސަބަބުތަކެއް ބަޔާންކޮށް އެ ސަބަބުތަކުގެ މައްޗަށް، އެ ލިޔުމުގައި ސޮއިކުރާ ފަރާތުން ރައުޔެއް ލިޔެފައިވާނަމަ، އެ ރައުޔަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލު ހިނގާނެ ރައު ޔެއް ނޫނެވެ އަދި އެފަދަ ރައުޔަކީ، ހެކީގެ ގޮތުގައި ބަލައިގަނެވިދާނެ ރައުޔެކެވެ

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި ކަމެއް ވުޖޫދުގައި އޮތްކަމަށް މީހަކު ދޭ ރައު ޔަކީ، އެކަމެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމަށް ނޫން އެހެން ބޭނުމެއްގައި ހުށަހެޅޭ ރައުޔެއް ކަމުގައިވާނަމަ، އެ ބޭނުމަށްޓަކައި އެ ރައުޔެއް ބަލައިގަނެވިދާނެއެވެ

(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ހޯދޭ ހަބީރުންގެ ރައުޔަކީ، މި މާއްދާގެ (ހ) ގައި ބުނާ އުސޫލު ހިނގާނެ ރައުޔެއް ނޫނެވެ އަދި އެފަދަ ރައުޔަކީ ހެކީގެ ގޮތުގައި ބަލައިގަނެވިދާނެ ރައުޔެކެވެ.

 

121 ވަނަ މާއްދާ - ހަބީރުން ނޫން މީހުން ފާޅުކުރާ ރައުޔު ބަލައިގަތުން

ހަބީރަކަށް ނުވާ މީހަކު، އަންނަނިވި ހާލަތްތަކުގައި، ފާޅުކުރާ ރައުޔަކީ ހެކީގެ ގޮތުގައި ބަލައިގަނެވިދާނެ ރައުޔެކެވެ.

(ހ) އޭނާ ފާޅުކުރާ ރައުޔަކީ އޭނާއަށް ފެނުނު ނުވަތަ އަޑުއިވުނު ނުވަތަ ވިސްނައިގަނެވުނު ނުވަތަ ތަޖުރިބާކުރެވުނު ހާލަތެއް ނުވަތަ ހާދިސާއަކާ ނުވަތަ އެއްޗަކާ ގުޅޭގޮތުން އޭނާ ހާމަކުރާ ރައު ޔަކަށްވުން؛ އަދި

(ށ) އެ ހިނގައިދިޔަ ހާދިސާގައި ނުވަތަ ހާލަތެއްގައި ނުވަތަ ކަމެއްގައި އޭނާއަށް އެ ވިސްނައިގަނެވުނު ގޮތް ނުވަތަ ދޭހަކުރެވުނު ގޮތް އެނގުން މުހިންމުވެފައިވުން.

 

122 ވަނަ މާއްދާ - ހަބީރުންގެ ރައުޔު ކޯޓަށް ބަލައިގަތުން

(ހ) ހަބީރުންގެ ރައުޔަކީ، ހެކީގެ ގޮތުގައި ކޯޓަށް ބަލައިގަނެވިދާނެ ރައުޔެކެވެ.

(ށ) ހަބީރުންގެ ރައުޔު ކޯޓަށް ބަލައިގަނެވޭނީ އަންނަނިވި ހާލަތްތަކުގައި އެކަންޏެވެ.

  1. ހަބީރަކަށް ވަކި ދާއިރާއެއްގެ ތަމްރީނު ނުވަތަ ތަޖުރިބާ ނުވަތަ ތައުލީމު ލިބިފައިވާ ކަމަށް ބުނާ ދާއިރާއަކީ، އެފަދަ ހާއްސަ ތައުލީމު ނުވަތަ ތަމްރީނު ނުވަތަ ތަޖުރިބާގެ ދާއިރާއެއް ކަމުގައި އާންމުކޮށް މީހުން ބަލައިގަނެފައިވާ ދާއިރާއަކަށްވުން؛
  2. ހަބީރަކީ އޭނާގެ ޒާތުގައި ވަކި ތައުލީމެއް ނުވަތަ ތަމްރީނެއް ނުވަތަ ތަޖުރިބާއެއްގެ ދާއިރާއެއްގައި އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ހުރި މީހެއް ކަމަށް ގަބޫލުކުރެވެން އޮތުމާއި، އެފަދަ ތައުލީމާއި ތަޖުރިބާ ހުރުމުގެ ސަބަބުން އެ ރައުޔު ކޯޓަށް ދެވޭ ފެންވަރުގެ މީހެއް ކަމަށް ގަބޫލުކު ރެވެން އޮތުން؛
  3. ހަބީރުގެ ފަރާތުން ހޯދަންޖެހޭ މައުލޫމާތަކީ، ކަމުގެ ބާވަތުން މައްސަލައިގައި ނުހިމެނޭ ތިންވަނަ ފަރާތެއްގެ ރައުޔު ކޯޓަށް މުހިންމުވާ ކަމެއް ކަމުގައިވުން އަދި އެއީ ކޯޓަށް އޭގެ ޒާތުގައި ކަމެއް ނިންމުމަށް އެހީތެރިވެދޭނެ ރައުޔަކަށްވުން؛
  4. އެ ރައުޔަކީ، މައްސަލައިގެ ހުކުމް ކޯޓުން ކަނޑައެޅުމުގެ ކުރިން، އެ މައްސަލައިގެ ހުކުމް ކަނޑައަޅައިދޭ ރައުޔެއް ކަމުގައި ބެލެވިދާނެ ރައުޔެއް ކަމަށް ނުވުން؛
  5. ހަބީރުގެ ރައުޔު ބިނާވެފައިވާ މައިގަނޑު ވާގިއާތަކަކީ ނުވަތަ އަސްލުތަކަކީ އެހެން ހަބީރަކަށް އެއާ ދެކޮޅު ހެދިދާނެ ނުވަތަ ޖަދަލުކުރެވިދާނެ ރައުޔަކަށް ނުވުން؛
  6. ހަބީރު ހާމަކުރާ ރައުޔަކީ، ސީދާ ވަކި ފަރާތެއްގެ މަސްލަހަތު އިސްކުރުމުގެ ގޮތުން ދޭ ރައުޔަކަށްނުވުން.

 

ތޭރަވަނަ ބާބު

އިހްތިމާލުގެ އުސޫލު

 

123 ވަނަ މާއްދާ - އިހްތިމާލުގެ އުސޫލު

އިހްތިމާލުގެ އުސޫލުން ހެއްކެއް ކޯޓަށް ބަލައިގަންނާނީ، އެ ހެއްކެއް ބަލައިގަތުމުން މައްސަލައާގުޅޭ ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަން ނުވަތަ ނެތްކަން ވަޒަންކުރުމުގައި، ކޯޓަށް އެހީތެރިކަމެއް ލިބޭ ހެއްކަކަށް، އެ އުސޫލުގެ ދަށުން ބަލައިގަނެވޭ ހެކި ވާނަމައެވެ.

 

124 ވަނަ މާއްދާ - އިހްތިމާލުގެ އުސޫލުގައި ރިއާޔަތްކުރަންޖެހޭ ކަންކަން

އިހްތިމާލުގެ އުސޫލު ބޭނުންކުރުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

(ހ) އެއްގޮތަކަށް އޭނާ އަމަލުކޮށްފައިވާ ހާލަތްތަކުގެ ނިސްބަތް؛

(ށ) އެއްގޮތަކަށް އަމަލުކުރި ހާލަތްތަކުގެ ތެރޭގައި ނުވަތަ ދެމެދުގައި ހިނގާފައިވާ ވަގުތުގެ ދުރުމިން؛

(ނ) އެއްގޮތް ހާލަތްތަކުގައި އޭނާ އެއްގޮތަކަށް ކޮށްފައިވާ އަމަލު ތިމާގެވާ ނިސްބަތް ނުވަތަ އެއްގޮތްވާ ނިސްބަތް؛

(ރ) އެއްގޮތަށް އޭނާ އަމަލުކޮށްފައިވާ ހާލަތްތަކުގެ އެއްގޮތްކަން؛

(ބ) އޭނާގެ އަމަލުތަކުގެ މައްޗަށް ވިސްނާއިރު އޭނާ އަމަލުކުރަމުންދާގޮތުގެ ވަކި ބައްޓަމެއް ދެނެގަނެވޭކަން ނުވަތަ ނޫންކަން، ނުވަތަ ވަކިކަމެއް އޭނާ ކުރަމުންދާ އުސޫލު ދެނެގަނެވޭކަން ނުވަތަ ނޫންކަން؛

(ޅ) އިހްތިމާލުގެ އުސޫލުގެ ދަށުން ހުށަހަޅާ ހެ އްކާމެދު އެއްވެސް ފަރާތަކުން ށައްކު އުފައްދައި އިންކާރުކޮށްފައިވާނަމަ، އެކަން؛

(ކ) އިހްތިމާލުގެ އުސޫލުން އެއް ފަރާތުން ހެކި ހުށަހަޅަނީ، އިހްތިމާލުގެ އުސޫލުން އެހެން ފަރާތަކުން ހުށަހަޅާފައިވާ ހެއްކަކަށް ޖަދަލުކުރުމުގެ ގޮތުންކަން ނުވަތަ ނަފީކުރުމުގެ ގޮތުންކަން ނުވަތަ ނޫންކަން.

 

ސާދަވަނަ ބާބު

ނާދިރުވުމުގެ އުސޫލު

 

125 ވަނަ މާއްދާ - ނާދިރުވުމުގެ އުސޫލު ބަލައިގަތުން

ނާދިރުވުމުގެ އުސޫލުގެ ދަށުން ކޯޓަށް ހެއްކެއް ބަލައިގަންނާނީ، އެ ހެއްކެއް ބަލައިގަތުމުން، ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަން ނުވަތަ ނެތްކަން ވަޒަންކުރުމުގައި، ކޯޓަށް އެހީތެރިކަމެއް ލިބޭނެ ހެއްކަކަށް، އެ އުސޫލުގެ ދަށުން ބަލައިގަނެވޭ ހެކި ވާނަމައެވެ.

 

126 ވަނަ މާއްދާ - ނާދިރުވުމުގެ އުސޫލުގައި ރިއާޔަތްކުރަންޖެހޭ ކަންކަން

ނާދިރުވުމުގެ އުސޫލު ކޯޓަށް ބަލައިގަތުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

(ހ) ހިނގާ ގޮސްފައިވާ ދެ ހާދިސާގެ ދޭތެރޭގައި ހިނގާފައިވާ ވަގުތު ނުވަތަ އެ ދެ ހާދިސާ ހިނގާފައިވާ ގާތްމިން؛

(ށ) އެއް ހާދިސާ އަނެއް ހާދިސާއާ ގުޅެނީ ކިހާ ނިސްބަތަކަށްކަން؛

(ނ) އެއް ހާދިސާގައި ހިނގާފައިވާ ކަންކަން އަނެއް ހާދިސާގައި ހިނގާފައިވަނީ ކިހާ ނިސްބަތަކަށްކަން؛

(ރ) އެ ހާދިސާތައް ތަކުރާރުވެފައިވާ ނިސްބަތް؛

(ބ) އެއިން ކޮންމެ ހާދިސާއެއްގައި ވަށައިގެންވާ ހާލަތްތައް؛

(ޅ) އެއިން ކޮންމެ ހާދިސާއަކުން ފާހަގަކުރެވޭ އެއްގޮތް ސިފަތައް؛

(ކ) އެއިން ކޮންމެ ހާދިސާއެއް ހިނގުމަށް މެދުވެރިވެފައިވާ މައިގަނޑު ސަބަބުތައް.

 

ފަނަރަވަނަ ބާބު

އިތުބާރުގެ އުސޫލު

 

127 ވަނަ މާއްދާ - އިތުބާރުކުރެވޭ ނިސްބަތުގެ އުސޫލު

(ހ) އިތުބާރުކުރެވޭ ނިސްބަތުގެ އުސޫލުގެ ދަށުން ހުށަހަޅާ ހެއްކަކީ، މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، އޭގެ ޒާތުގައި، ކޯޓަށް ބަލައިގަނެވޭނެ ހެއްކެއް ނޫނެވެ.

(ށ) އަންނަނިވި ހާލަތްތަކުގައި މެނުވީ، އިތުބާރުކުރެވޭ ނިސްބަތުގެ އުސޫލުން ހުށަހެޅޭ ހެކި، ކޯޓަށް ބަލައެއް ނުގަނެވޭނެއެވެ.

  1. ކްރޮސް-އެގްޒެމިންކުރާ ވަގުތު ހުށަހެޅޭ ހެކި؛ 
  2. ކްރޮސް-އެގްޒެމިންކުރާ ވަގުތުގައި ހެކިބަސް ދޭ މީހަކު ދައްކާ ވާހަކައަކާ ގުޅިގެން އޭނާއަށް އިތުބާރުކުރެވެން އޮތް ނިސްބަތް ދައްކައިދިނުމަށް ހުށަހެޅޭ ހެކި؛
  3. ކްރޮސް-އެގްޒެމިންކުރުމުގައި ހެކިބަސް ދޭ މީހާ އިންކާރުކުރާ ކަމެއް އޮތީ އެނޫން ގޮތަކަށްކަން ދައްކައިދިނުމަށް ހުށަހެޅޭ ހެކި؛
  4. ކުށެއްގެ ތުހުމަތުކުރެވޭ މީހާއަށް އިތުބާރުކުރެވެން އޮތް ނިސްބަތް ދައްކައިދޭ ހެކި.

 

128 ވަނަ މާއްދާ - ކްރޮސް -އެގްޒެމިންކުރެވޭ ވަގުތު ނަފީކުރުމުގެ ގޮތުން ހުށަހެޅޭ ހެކި

(ހ) ހެކިބަސް ދޭ މީހާ ދައްކާފައިވާ ވާހަކައެއް ނަފީކުރުމުގެ ގޮތުން ކްރޮސް-އެގްޒެމިންކުރެވޭ ވަގުތު ހުށަހެޅޭ ހެކީގެ މައްޗަށް އިތުބާރުކުރެވޭ ނިސްބަތުގެ އުސޫލެއް ނުހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހެކި ހުށަހެޅޭނީ، އެ ހުށަހެޅޭ ހެކީގެ ސަބަބުން، ވަކި ވާގިއާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމަށް އެހީތެރިވެދޭނަމައެވެ.

 

129 ވަނަ މާއްދާ - ނުރަނގަޅު ނިޔަތް ސާބިތުކޮށްދޭ ހެކި

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް، ހެކިބަސް ދޭ މީހާގެ ކިބައިގައި ހުރިކަން ސާބިތުކޮށްދިނުމަށްޓަކައި، ހުށަހެޅޭ ހެކީގެ މައްޗަށް އިތުބާރުކުރެވޭ ނިސްބަތުގެ އުސޫލެއް ނުހިނގާނެއެވެ

  1. އޭނާ ވަކި ފަރާތަކަށް ޖެހިފައިވާކަން ނުވަތަ އޭނާ ވަކި ގޮތަކަށް ވާހަކަދެއްކުމުގައި ތެދުނޫން މައުލޫމާތު ދިނުމުގެ ނިޔަތް ނުވަތަ މަގްސަދު އޭނާގެ ކިބައިގައި އޮތްކަން؛
  2. އޭނާ ދިން ހެކިބަހުގައި ބަޔާންކޮށްފައިވާ ކަންކަން އޭނާއަށް އެނގިފައި އޮތުން ލާއިގުނޫންކަން؛
  3. އެހެން ފަހަރެއްގައި އެހެންގޮތަކަށް ހަމަ އެ ވާހަކަ ދައްކާފައިވާކަން؛
  4. މައްސަލައާ ގުޅުންހުރި ބާވަތެއްގެ ކުށެއް ސާބިތުވެފައިވާކަން؛ 
  5. ތެދު ހަގީގަތް ބަޔާންކުރަންޖެހޭ ލާޒިމު ދަނޑިވަޅެއްގައި އެނގިހުރެ ގަސްދުގައި ނުވަތަ ފަރުވާކުޑަކަމާއެކު ތެދުނޫން މައުލޫމާތު ދީފައިވާކަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް ހެއްކެއް ކޯޓަށް ހުށަހެޅޭނީ، އެ ހެކިބަސް ދިން މީހާއާ ވަކިން، އެހެން މަސްދަރުތަކުގެ މައްޗަށް ބިނާކޮށް ހޯދާ ހެއްކަށް އެ ހެކި ވުމާއެކު، އެ ތުހުމަތުތަކުގެ އަސްލަށް ހެކިބަސް ދޭ މީހާ އިންކާރުކުރާ ކަމުގައިވާނަމަ އެކަންޏެވެ.

 

ސޯޅަވަނަ ބާބު

އިމްތިޔާޒު ލިބިގެންވާ މުއާމަލާތްތައް

 

130 ވަނަ މާއްދާ - ދެމަފިރިންގެ ދެމެދުގައި ދެކެވޭ ވާހަކައަށް ލިބިދޭ އިމްތިޔާޒު

(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ކާވެނީގެ ގުޅުމެއް ދެމިއޮތްއިރު، އެ ގުޅުމުގެ އަސާސްގެ މަތީގައި، އަނބިމީހާއަށް ފިރިމީހާގެ ފަރާތުން ލިބިފައިވާ މައުލޫމާތާއި ފިރިމީހާއަށް އަނބިމީހާގެ ފަރާތުން ލިބިފައިވާ މައުލޫމާތު ހެއްކެއްގެ ގޮތުގައި ހުށަހެޅުމަށް މަޖުބޫރެއް ނުކުރެވޭނެއެވެ އަދި، އެފަދަ މައުލޫމާތެއް އެ ދެމަފިރިންގެ ތެރެއިން މީހެއްގެ ފަރާތުން އެހެން މީހަކަށް ލިބިފައިވާނަމަ، އެމީހަކަށް އެ މައުލޫމާތެއް ދިން ފަރާތުގެ ނުވަތަ އެފަރާތެއް ތަމްސީލުކުރާ ފަރާތެއްގެ ހުއްދަ ނެތި އެ މައުލޫމާތެއްވެސް ހެއްކެއްގެ ގޮތުގައި ހުށައެއްނޭޅޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ދެމަފިރިންގެ ތެރެއިން އެކަކު، އަނެކާއާ ދެކޮޅަށް ކުރާ ޖިނާއީ ކުށެއްގެ ސަބަބުން، އެ ކުށް ކުރި މީހާގެ މައްޗަށް އުފުލޭ ޖިނާއީ ދައުވާއަކާ ގުޅިގެން މައުލޫމާތު ހާމަކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) ދެމަފިރިންގެ ދެމެދުގައި ދެކެވޭ ވާހަކަތަކަށް މި މާއްދާގެ (ހ) އިން ލިބިދޭ އިމްތިޔާޒު ދެމަފިރިން ވަރިވުމަށްފަހުގައިވެސް ދެމިއޮންނާނެއެވެ.

 

131 ވަނަ މާއްދާ - ދައުލަތުގެ އިދާރާއެއްގައި ހުރި މައުލޫމާތު

ދައުލަތުގެ އިދާރާއަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތުގެ ތެރެއިން، ކަމާގުޅޭ ގާނޫނެއްގެ ދަށުން ދޫކުރުން މަނާކުރެވިގެންވާ ނުވަތަ ދޫކުރުން ހިފެހެއްޓިގެންވާ މައުލޫމާތެއް، އެ މައުލޫމާތެއް ނިސްބަތްވާ އިދާރާގެ ކަމާބެހޭ މީހެއްގެ ހުއްދަ ލިބިގެން މެނުވީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިގެން ނުވާނެއެވެ.

 

132 ވަނަ މާއްދާ - ރަސްމީ މުއާމަލާތްތަކަށް ލިބިގެންވާ ރައްކާތެރިކަން

ދައުލަތުގެ މުވައްޒަފަކަށް އޭނާގެ މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ ސިއްރު މައުލޫމާތެއް ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅޭނީ، އެފަދަ މައުލޫމާތު ހާމަކުރުމަށް އެ މައުލޫމާތެއް އެމީހަކަށް ލިބުނު ދައުލަތުގެ އިދާރާގައި ކަމާ ގުޅޭގޮތުން އަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން ނުވަތަ އެފަދަ މައުލޫމާތު ހާމަކުރުމަށް ގާނޫނަކުން ހުއްދަކުރާ ހާލަތެއްގައި އެ މައުލޫމާތު ހާމަކުރުމަށް އެ ގާނޫނުގައި އަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިންނެވެ.

 

133 ވަނަ މާއްދާ - ކުށެއް ކުރި ކަމުގެ މައުލޫމާތު ހާމަކުރާ ފަރާތަށް ލިބިދޭ ރައްކާތެރިކަން

މީހަކު ކުށެއް ކުރި ކަމުގެ މައުލޫމާތު ދޭ ފަރާތަކީ، ނުވަތަ އެކަމުގެ މައުލޫމާތު ރިޕޯޓުކުރި ފަރާތަކީ، ކާކުކަން ނުވަތަ އެކަމުގެ މައުލޫމާތު ފަނޑިޔާރަކަށް ނުވަތަ ފުލުހަކަށް ލިބުނީ ކިހިނެއްކަން އަންގައިދޭ މައުލޫމާތު ހެކީގެ ގޮތުގައި ހުށަހެޅުމަށް، އެ ފަނޑިޔާރަކަށް ނުވަތަ ފުލުހަކަށް މަޖުބޫރުކޮށްގެން ނުވާނެއެވެ

 

134 ވަނަ މާއްދާ - ވަކީލާއި މުވައްކިލާ ދެމެދު ބަދަލުކުރެވޭ މައުލޫމާތަށް ލިބިދޭ ރައްކާތެރިކަން

(ހ) މުވައްކިލަކު ގާނޫނީ ވަކީލާ ހަވާލުކުރި މައްސަލައަކާ ގުޅިގެން ނުވަތަ މަސައްކަތަކާ ގުޅިގެން، އެ ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކައެއް ނުވަތަ ބަދަލުކުރެވުނު މައުލޫމާތެއް ނުވަތަ ގާނޫނީ ވަކީލު އޭނާގެ މުވައްކިލު ތަމްސީލުކުރުމުގެ ތެރޭގައި ލިބިފައިވާ އެއްވެސް މައުލޫމާތެއް ނުވަތަ ކަމަކާ ގުޅޭގޮތުން ގާނޫނީ ވަކީލު މުވައްކިލަށް ދީފައިވާ ގާނޫނީ ލަފައެއްގެ ބައެއްވިޔަސް މުވައްކިލުގެ ހުއްދަ ލިބިގެން މެނުވީ ގާނޫނީ ވަކީލު ހާމަކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ގާނޫނީ ވަކީލާއި މުވައްކިލާ ދެމެދު ވާހަކައެއް ދެކެވުނީ ނުވަތަ ލިޔުމެއް ނުވަތަ މައުލޫމާތެއް ބަދަލުކުރެވުނީ ގާނޫނާ ހިލާފު އަމަލެއް ކުރުމަށް ކަމުގައިވާނަމަ އެފަދަ މައުލޫމާތަށް މި މާއްދާގެ (ހ) ގެ ދަށުން ރައްކާތެރިކަމެއް ލިބިގެނެއް ނުވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނާ މައުލޫމާތެއް ގާނޫނީ ވަކީލަށް ލިބުނީ ސީދާ މުވައްކިލުގެ ފަރާތުން ކަމުގައިވިޔަސް ނުވަތަ ނުވިޔަސް ނުވަތަ އޭނާ ތަމްސީލުކުރާ ފަރާތެއްގެ ކިބައިން ކަމުގައިވިޔަސް ނުވަތަ ނުވިޔަސް މި މާއްދާގެ (ހ) ގެ ދަށުން ލިބިދޭ އިމްތިޔާޒު އެ މައުލޫމާތަށް ލިބިގެންވެއެވެ.

(ރ) މުވައްކިލު ގާނޫނީ ވަކީލު އައްޔަންކުރި ކުރުން ނިމުމަކަށް އައި ކަމުގައިވީނަމަވެސް، މުވައްކިލާއި ގާނޫނީ ވަކީލުގެ ދެމެދުގައި ބަދަލުކުރެވޭ މައުލޫމާތަށް މި މާއްދާގެ (ހ) ގެ ދަށުން ލިބިގެންވާ އިމްތިޔާޒު ދެމިއޮންނާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކުރާ އުސޫލުތައް ގާނޫނީ ވަކީލުގެ ދަށުން މަސައްކަތްކުރާ އޭނާގެ މުވައްޒަފުންނާއި އެހީތެރިންގެ މައްޗަށްވެސް ހިނގާނެއެވެ

 

135 ވަނަ މާއްދާ - ގާނޫނީ ވަކީލާއެކު ކުރެވޭ މުއާމަލާތަށް ލިބިދޭ ރައްކާތެރިކަން

(ހ) ގާނޫނީ ވަކީލާއި އޭނާގެ މުވައްކިލާ ދެމެދު ކޮށްފައިވާ މުއާމަލާތަކާގުޅޭ މައުލޫމާތެއް ށަރީއަތަށް ހާމަކުރުމަށް އެމީހަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މުވައްކިލުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހަޅައިފިނަމަ، އެ ހެކިބަސް ހޯދުމަށް ބޭނުންވާ ކަމާގުޅޭ މައުލޫމާތެއް ކޮންމެހެން ބޭނުންވާ މިންވަރަށް ހާމަކުރުމަށް ނުވަތަ ހެކި އިތުރަށް ތަފްސީލުކުރުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް މައުލޫމާތެއް ހާމަކުރުމަށް އެ ގާނޫނީ ވަކީލަށް ކޯޓުން އެންގިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ގާނޫނީ ވަކީލާއި އޭނާގެ މުވައްކިލާ ދެމެދު ގާނޫނާ ހިލާފު އަމަލެއް ކުރުމަށް ރާވާފައިވާ ކަމުގެ ތުހުމަތުކުރެވޭ ހިނދު، އެކަމާ ގުޅުންހުރި ނިސްބަތަށް މައުލޫމާތު ހާމަކުރުމަށް ކޯޓުން އެ ވަކީލުގެ މައްޗަށް ލާޒިމުކުރެވިދާނެއެވެ.

 

136 ވަނަ މާއްދާ - ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުނުކުރުން

(ހ) ނޫސްވެރިއެއްގެ ހައިސިއްޔަތުން އެ ނޫސްވެރިޔަކަށް އެއްވެސް ފަރާތަކުން މައުލޫމާތެއް ދީފައިވަނީ މަސްދަރު ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި، އެފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހްގީގުކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ނުވަތަ ދައުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ށަރީއަތުން އަމުރުކުރެވިދާނެއެވެ އެގޮތުން، މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނީ އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމާއެކު މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމައެވެ.

  1. ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން؛
  2. ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތްކަމެއްކަން؛
  3. ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު މާ ބޮޑު ހާލަތެއްކަމަށް އެ ހާލަތުވާކަން؛
  4. ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދައުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުން އޭނާއަށް ބަރީއަވެވޭނެގޮތް ނުވެ، އޭނާގެ މައްޗަށް ނާއިންސާފު ހުކުމެއްކޮށް ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން؛
  5. ނޫސްވެރިޔާގެ މަސްދަރު އެނގުމަކީ މައްސަލައަށް ކޮންމެހެން މުހިންމުވާ އަދި މައްސަލައާ ސީދާ ގުޅުންވާ ކަމެއްކަމަށްވާކަން؛
  6. ނޫސްވެރިޔާ ނުވަތަ އޭނާ ނޫސްވެރިކަމުގެ ވަޒީފާއަދާކުރާ ތަން މެދުވެރިނުކޮށް، ނޫސްވެރިޔާގެ މަސްދަރު އެނގުމަށް ކުރެވެން ހުރި އެންމެހައި މަސައްކަތެއް އެކަށީގެންވާ މިންވަރަށް ކޮށްގެންވެސް އެ މަސްދަރު އެނގިފައިނުވާކަން؛
  7. ނޫސްވެރިޔާގެ މަސްދަރާ ހަވާލާދީ ހާމަކުރި މައުލޫމާތަކީ އޭގައި އެއްވެސް އަސާސެއް އެކުލެވިގެންނުވާ މައުލޫމާތެއްކަން އެނގެން އޮތް މައުލޫމާތަކަށް އެ މައުލޫމާތު ނުވާކަން؛
  8. ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކުރުމަށް އެދިފައިވަނީ ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއަޅައި ދަތިކުރުމުގެ މަގްސަދުގައި ނޫންކަން.

(ނ) މި މާއްދާގެ (ށ) ގައިވާ ކަންކަން މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމުގައި ށަރީއަތުން ރިއާޔަތްކުރަންވާނީ، އެ އަކުރުގައިވާ ކަންކަމުގެ ތެރެއިން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކޮށްދިނުމަށް އެދި ށަރީއަތަށް ހުށަހެޅި ފަރާތުގެ ހުށަހެޅުމާ ގުޅުންހުރި ކަންކަމަށެވެ.

 

ހަތަރުވަނަ ބައި

ސާބިތުކުރުމުގެ މިންގަނޑާއި ސާބިތުކުރުމުގެ ޒިންމާ

ސަތާރަވަނަ ބާބު

ސާބިތުކުރުމުގެ މިންގަނޑު

 

137 ވަނަ މާއްދާ - މަދަނީ މައްސަލަ

(ހ) މަދަނީ މައްސަލައެއްގައި ދައުވާއެއް ސާބިތުވާނީ، މަދަނީ މިންގަނޑުންނެވެ.

(ށ) މަދަނީ މައްސަލައެއްގައި މަދަނީ މިންގަނޑުން ދައުވާއެއް ސާބިތުވުމަކީ، ދައުވާކުރާ ފަރާތުން ހުށަހަޅާ ކަމެއް ވުޖޫދުގައި ނެތުމަށްވުރެ އެކަމެއް ވުޖޫދުގައި އޮތުން ގާތް ކަމަށް ކޯޓަށް ގަބޫލުކުރެވޭ ހާލަތުގައި، އެކަމެއް އެފަދައިން ސާބިތުވާ ކަމަށް ކޯޓުން ކަނޑައަޅައި މައްސަލަ ނިންމުމެވެ.

(ނ) މަދަނީ މިންގަނޑުން ކަމެއް ނިންމުމުގައި އަންނަނިވި ކަންކަމަށް ކޯޓަށް ރިއާޔަތްކުރެވިދާނެއެވެ.

  1. މައްސަލައިގެ ބާވަތް؛ 
  2. މައްސަލައިގައި ހުށަހަޅާފައިވާ ދިފާއުގެ ބާވަތް؛ 
  3. މައްސަލައިގައި ހިމެނޭ ކަންކަމުގެ ނުވަތަ އެ މައްސަލަ ބިނާވެފައިވާ މައިގަނޑު އަސްލުތަކުގެ ބާވަތް؛
  4. ދައުވާކުރެވުނު ކަންކަމުގެ ކުޑަބޮޑުމިން.

 

138 ވަނަ މާއްދާ - ޖިނާއީ މައްސަލަ

(ހ) މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ކޯޓުން ކަނޑައަޅަންވާނީ، އޭނާ އެ ކުށް ކުރިކަން ޖިނާއީ މިންގަނޑުން ސާބިތުކޮށްދެވިއްޖެނަމައެވެ.

(ށ) ޖިނާއީ މިންގަނޑުން ކުށް ސާބިތުކޮށްދިނުން ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހާ އެ ކުށް ކުރިކަން އެކަށީގެންވާ މިންވަރެއްގެ ށައްކެއް ނެތި ށަރީއަތަށް ސާބިތުކޮށްދިނުމަށެވެ.

(ނ) ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ ފަރާތުން ހުށަހަޅާ ދިފާއު، ވުޖޫދުގައި ނެތުމަށްވުރެ ވުޖޫދުގައި އޮތްކަމަށް ށަރީއަތަށް ގަބޫލުކުރެވޭ ހާލަތުގައި، އޭނާގެ ދިފާއު އޭނާއާ އެއްކޮޅަށް ސާބިތުވާ ކަމަށް ކޯޓުން ނިންމަންވާނެއެވެ

 

139 ވަނަ މާއްދާ - މަދަނީ މައްސަލަތަކުގެ އިތުރުން ޖިނާއީ މައްސަލަތަކުގައި މަދަނީ މިންގަނޑު ތަތްބީގުކުރެވޭނެ ހާލަތްތައް

(ހ) މި މާއްދާގެ ބޭނުމަށްޓަކައި ''މަދަނީ މިންގަނޑު'' ކަމަށް ބުނެފައި އެވަނީ، ކަމެއް ވުޖޫދުގައި ނެތުމަށްވުރެ ވުޖޫދުގައި އޮތުން ގާތްވުމުގެ މިންގަނޑަށެވެ.

(ށ) މަދަނީ މައްސަލަތަކުގައިވެސް، އަދި ޖިނާއީ މައްސަލަތަކުގައިވެސް، ކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ވަކިވަކި ނުކުތާތަކުގެ ތެރެއިން ނުކުތާއެއް، ނުވަތަ ވަގާއިއުގެ ތެރެއިން ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަށްޓަކައި ބަލާނެ މިންގަނޑަކީ މަދަނީ މިންގަނޑެވެ.

(ނ) މަދަނީ މައްސަލައެއްގައި، ދައުވާކުރާ ފަރާތުގެ ކޮޅަށް ނުވަތަ މައްސަލައިގައި ދައުވާލިބޭ ފަރާތުގެ ކޮޅަށް މައްސަލަ ނިންމުމުގައި ބަލާނީ، އެ ދެފަރާތުގެ މައްޗަށް ވަކިވަކިން މަދަނީ މިންގަނޑު ސާބިތުކުރެވެން ހުރި ކަންކަމުގެ މުޅި ޖުމްލަ ވަޒަންކުރާއިރު، މަދަނީ މިންގަނޑާ އެއް ފެންވަރަށް، ދައުވާކުރާ ފަރާތުގެ ކޮޅަށް، ނުވަތަ ދައުވާލިބޭ ފަރާތުގެ ކޮޅަށް އެކަމެއް ސާބިތުވޭތޯއެވެ.

(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ޖިނާއީ މައްސަލައެއްގައި، ދައުވާކުރާ ފަރާތުގެ ކޮޅަށް މައްސަލަ ނިންމުމުގައި ބަލާނީ، ދައުވާކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރެއިން ވަކިވަކިން މަދަނީ މިންގަނޑުން ސާބިތުކުރެވެން ހުރި ކަންކަމުގެ މުޅި ޖުމްލަ ވަޒަންކުރާއިރު، ޖިނާއީ މިންގަނޑުން އެ ދައުވާއެއް ސާބިތުވޭތޯއެވެ.

 

140 ވަނަ މާއްދާ - އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުން

(ހ) މި ގާނޫނުގެ 138 ވަނަ މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، އިސްލާމްދީނުގައި ހައްދު ނުވަތަ ގިސާސް ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުކުރަންވާނީ، އަދި އެ ކުށުގެ އަދަބެއްގެ ގޮތުން ގިސާސްގެ އަދަބު ނުވަތަ ހައްދުގެ އަދަބު ދިނުމަށް ކޯޓުން ހުކުމް ކުރަންވާނީ، އެ ކުށް އޭނާ ކުރިކަން އެއްވެސް ށައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިއްޖެނަމައެވެ.

(ށ) އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ޒިނޭގެ ކުށް މީހެއްގެ މައްޗަށް ސާބިތުކުރެވޭނީ 4 (ހަތަރެއް) ފިރިހެނުންގެ ހެކިބަހުން ނުވަތަ ތުހުމަތުކުރެވޭ ފަރާތުގެ އަމިއްލަ އިއުތިރާފުންނެވެ.

(ނ) ޒިނޭގެ ކުށް ފިޔަވައި، އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ގިސާސް ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުކުރެވޭނީ 2 (ދޭއް) ފިރިހެނުންގެ ހެކިބަހުން ނުވަތަ ތުހުމަތުކުރެވޭ ފަރާތުގެ އަމިއްލަ އިއުތިރާފުންނެވެ

(ރ) އިސްލާމްދީނުގައި ހައްދު ނުވަތަ ގިސާސް ކަނޑައެޅިފައިވާ ކުށެއް މި މާއްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން މީހެއްގެ މައްޗަށް ސާބިތުވާކަމަށް ކޯޓަކުން ކަނޑައަޅަންވާނީ، އެ މާއްދާތަކުގައި ބަޔާންކުރާ ހެކިންގެ ހެކިބަހަކީ، ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ވާ އިއުތިރާފަކީ، މި ގާނޫނާއި، އެ ކުށްތައް ބަޔާންކޮށްފައިވާ އެހެން ގާނޫނެއްގައި އެއިންކުށަކަށް އިއުތިރާފުވާ ފަރާތެއް ނުވަތަ ހެކިބަސް ދޭ ފަރާތެއްގެކިބައިގައި ފުރިހަމަވާންޖެހޭކަމަށް ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ، ނުވަތަ އެފަދަ ށަރުތުތައް ގާނޫނެއްގައި ކަނޑައަޅާފައިނުވާހާލަތުގައި އެ ކުށަކަށް އިއުތިރާފުވާ ފަރާތެއް ނުވަތަ ހެކިބަސް ދޭފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭކަމަށް އިސްލާމީ ށަރީއަތުގައިބަޔާންކުރާ އެންމެހައި ށަރުތުތައް ފުރިހަމަވާ ހެކިބަހެއް ނުވަތައިއުތިރާފެއް ކަމުގައިވާނަމައެވެ.

(ބ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އިސްލާމްދީނުގައި ހައްދު ނުވަތަ ގިސާސް ކަނޑައެޅިފައިވާ ކުށެއް އެ އަކުރުގައި ބަޔާންކުރާ މިންގަނޑުން ސާބިތުނުވިނަމަވެސް، އެ ކުށް، މި ގާނޫނުގެ 138 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މިންގަނޑުން ސާބިތުވާނަމަ، އެ ކުށަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އެހެން އަދަބެއް ދެވިދާނެއެވެ.

 

141 ވަނަ މާއްދާ - ހެކިބަސް ދޭ މީހުންގެ އަދަދު 

ކަމެއް ސާބިތުކުރުމަށް ހެކިބަސް ދޭ މީހުން ވަކި އަދަދަކަށް ބޭނުންވާނެ ކަމަށް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައިވާނަމަ، އެކަމެއް ސާބިތުކުރުމަށް އެ އަދަދަށް ހެކިބަސް ދޭ މީހުން ބޭނުންވާނެއެވެ.

 

142 ވަނަ މާއްދާ - އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް

ކަމެއް ސާބިތުކުރުމަށް ވަކި އަދަދަކަށް ފިރިހެނުންގެ ހެކިބަސް ބޭނުންވާނެ ކަމަށް ނުވަތަ ވަކި އަދަދަކަށް އަންހެނުންގެ ހެކިބަސް ބޭނުންވާނެ ކަމަށް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައިވާނަމަ، އެކަމެއް ސާބިތުކުރުމަށް އެ އަދަދަށް ފިރިހެނުންގެ ނުވަތަ އަންހެނުންގެ ހެކިބަސް ބޭނުންވާނެއެވެ އެނޫން ހާލަތްތަކުގައި، ފިރިހެނުންނާއި އަންހެނުންގެ ހެކިބަސް ހަމަހަމަވެގެންވެއެވެ.

 

143 ވަނަ މާއްދާ - ޣައިރު މުސްލިމުންގެ ހެކިބަސް

މުސްލިމެއްގެ މައްޗަށް ކަމެއް ސާބިތުކުރުމަށް ޣައިރު މުސްލިމެއްގެ ހެކިބަސް ހުށަނޭޅޭނެ ކަމަށް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައިވާ ކަންކަމާއި ހާލަތްތަކުގައި ފިޔަވައި އެނޫން ކަންކަމާއި ހާލަތްތަކުގައި، ޣައިރު މުސްލިމެއްގެ ހެކިބަސް މުސްލިމެއްގެ ހެކިބަހާ ހަމަހަމަވެގެންވެއެވެ.

 

144 ވަނަ މާއްދާ - ހެކި ހުށަހެޅުމެއް ނެތި ސާބިތުވެގެންވާ ކަންކަން

(ހ)  މައްސަލަ ހިންގޭ ކޯޓު ނިސްބަތްވާ ށަރުއީ ދާއިރާގައި އާންމުކޮށް އެނގޭ އަދި ދެބަސްވުމެއް ނެތި ގަބޫލުކުރެވޭ ކަންކަމާއި، އެ މަސްދަރެއްގެ ސައްހަކަމާމެދު އާންމު އުސޫލުން ސުވާލުނުއުފެދޭ މަސްދަރަކުން ސައްހަކަމާއެކު އަދި އިތުރު ސާބިތުކުރުމަކާ ނުލައި އެނގެންހުރި ކަންކަމަކީ، ހެކި ހުށަހެޅުމަކާ ނުލައި، ކޯޓަށް ސާބިތުވެގެންވާ ކަންކަން ކަމުގައި ބެލެވޭނެ ކަންކަމެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ހެކި ހުށަހެޅުމަކާ ނުލައި ސާބިތުވެގެންވާ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ އެންމެހައި ގާނޫނުތަކާއި، ކުރިން އަމަލުކުރަމުންދިޔަ އެންމެހައި ގާނޫނުތަކާއި، އެއިން ގާނޫނަކުން ބާރު ލިބިގެން ހަދާ ގަވާއިދުތައް؛
  2. ދައުލަތުގެ ނިށާނާއި، ވެރިކަން ހިންގާ ފަރާތުގެ ސިއްކައާއި، ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކުގެ ސިއްކައާއި، ށަރުއީ ދާއިރާގައި ހިމެނޭ އިދާރާތަކުގެ ސިއްކައާއި، ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމިޓީތަކުގެ ސިއްކައާއި، ގާނޫނަކުން ބާރު ލިބިގެން ބޭނުންކުރާ އެނޫންވެސް ސިއްކައާއި، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރު ގައުމުތަކުގެ އެމްބަސީތަކުގެ ސިއްކަ؛
  3. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިހާބުކުރާ މީހުން؛
  4. ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ މީހުން؛ 
  5. މުސްތަގިއްލު މަގާމުތަކަށް އައްޔަންކުރާ މީހުން؛ 
  6. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމަށް އިންތިހާބުކުރާ މީހުން؛
  7. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ގާނޫނުން އުފައްދާ ކައުންސިލުތަކަށް އިންތިހާބުކުރާ މީހުން؛
  8. ދިވެހިރާއްޖޭގެ ގައުމީ ދިދައާއި ގައުމީ ބަހާއި ދައުލަތުގެ ދީން؛ 
  9. ގުދުރަތީގޮތުން ކަންހިނގާ ގޮތާއި، ގުދުރަތީގޮތުން ގަޑިތައް ބެހިފައިވާ ގޮތާއި، ބައިނަލްއަގްވާމީ ގޮތުން ވަގުތުތައް ބަހާފައިވާ ޒޯނުތަކާއި، ޖިއޮގްރަފީގެގޮތުން ދުނިޔޭގެ ބައްރުތަކާއި ގައުމުތައް ބަހާލެވިފައިވާ ގޮތް؛
  10. ސަރުކާރުން ކަނޑައަޅާފައިވާ ރަސްމީ ބަންދު ދުވަސްތަކާއި މުނާސަބަތުތަކާއި ހަފްތާގެ ހަތްދުވަސް ތަރުތީބުވެ ހިނގަމުންދާ ގޮތް؛
  11. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތައް؛
  12. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ޖަމާއަތްތައް؛
  13. ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ގައުމުތައް؛
  14. ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ރަޖިސްޓްރާރުންނާއި، ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީވަކީލުން؛
  15. ހެއްކެއް ހުށަހެޅުމަކާ ނުލައި ށަރީއަތަށް ގަބޫލުކުރަންވާނެ ކަމަށް އެހެން ގާނޫނަކުން ކަނޑައަޅާ ކޮންމެ ކަމެއް.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ވަކި ކަމަކީ ހެކި ހުށަހެޅުމަކާ ނުލައި، ކޯޓަށް ސާބިތުވެގެންވާ ކަންކަން ކަމުގައި ކޯޓުން އަމިއްލައަށް ބެލިދާނެއެވެ ނުވަތަ ވަކި ކަމަކީ ހެކި ހުށަހެޅުމަކާ ނުލައި، ކޯޓަށް ސާބިތުވެގެންވާ ކަންކަން ކަމުގައިބަލައިގަތުމަށް އެދި ކަމާގުޅޭ މައުލޫމާތާއެކު ހަސްމަކަށް ހުށަހެޅިދާނެއެވެ.

 

އަށާރަވަނަ ބާބު

ސާބިތުކޮށްދިނުމުގެ ޒިންމާ

 

145 ވަނަ މާއްދާ - އާންމު އުސޫލު

(ހ) މި ގާނޫނުގައި ނުވަތަ އެހެންވެސް ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ތިމާއަށް ލިބިދޭ ގާނޫނީ ހައްގެއް ނުވަތަ އަނެއް މީހާ އުފުލަންޖެހޭ ގާނޫނީ ޒިންމާއެއް އޮތްކަމަށްބުނެ ދައުވާއެއް އުފުލައިފިނަމަ، އެކަމެއް އެގޮތަށް އޮތްކަން ސާބިތުކޮށްދޭނީ އެ ދައުވާއެއް އުފުލާ ފަރާތުންނެވެ.

(ށ) ވަކި ކަމެއް ވުޖޫދުގައިވާކަން ނުވަތަ ނުވާކަން ސާބިތުކުރުން ލާޒިމުވާ ހާލަތުގައި، އެކަމެއް ސާބިތުކުރުމުގެ ޒިންމާ އޮންނާނީ، މި ގާނޫނުގައި ނުވަތަ އެހެންވެސް ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެކަމެއް ވުޖޫދުގައިވާ ކަމަށް ނުވަތަ ނުވާކަމަށް ބުނާ ފަރާތުގެ ކިބައިގައެވެ.

(ނ) މި ގާނޫނުގައި ނުވަތަ އެހެންވެސް ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދައުވާއެއް ސާބިތުކުރުމުގެ ޒިންމާ އޮންނާނީ، އެ ދައުވާ އެ މައްޗަށް ބިނާވެފައިވާ ކަމަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ހަސްމުންކުރެ ހަސްމަކަށް އެއްވެސް ހެއްކެއް ހުށަނޭޅިއްޖެނަމަ، އެ ހަސްމަކާ ދެކޮޅަށް އެކަމެއް ސާބިތުވާނެ ހަސްމަށެވެ.

(ރ) ވަކި ކަމަކާ ގުޅޭގޮތުން ހެކިބަސް ދޭ މީހަކު އެހެން ކަމެއް ސާބިތުކޮށްދީގެން މެނުވީ އެ ހެކިބަސް ދޭ ކަންތައް ސާބިތުކޮށްދެވެން ނެތްނަމަ، އެކަމެއްވެސް ސާބިތުކުރުމުގެ ޒިންމާ އޮންނާނީ، އެ ހެކިބަސް ދޭ މީހާއަށެވެ.

(ބ) ޖިނާއީ ކުށެއްގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ މީހަކު، ގާނޫނުލްއުގޫބާތުން ނުވަތަ އެ ކުށް ކަނޑައަޅާ އެނޫންވެސް ގާނޫނަކުން އެ ކުށާ ގުޅޭގޮތުން ލިބިދޭ ދިފާއެއް އޭނާއަށް ލިބިދޭ ކަމަށް ބުނާނަމަ، އޭނާއަށް އެ ދިފާއު ލިބިދޭކަން ސާބިތުކުރުމުގެ ޒިންމާ އޮންނާނީ، އޭނާގެ މައްޗަށެވެ އެފަދަ ދިފާއެއް އޮތްކަން މަދަނީ މިންގަނޑުން އޭނާއަށް ސާބިތުކޮށްނުދެވިއްޖެނަމަ، އޭނާއަށް އެ ދިފާއު ލިބިގެން ނުވާކަމަށް ކޯޓުން ކަނޑައަޅަންވާނެއެވެ.

(ޅ) ވަކި ކަމެއް އޮތީ ވަކި ގޮތަކަށްކަން އާންމުކޮށް އެނގޭ ކަމެއްގައި، އެނޫން ގޮތަކަށް އެކަމެއް ކުރި ނުވަތަ ނުކޮށް ދޫކޮށްލި މީހަކު އެކަން ކުރީ ނުވަތަ ނުކޮށް ދޫކޮށްލީ ކޮން މަގްސަދެއްގައިކަން ސާބިތުކޮށްދިނުމަކީ އެމީހެއްގެ ޒިންމާއެކެވެ.

 

146 ވަނަ މާއްދާ - ހާއްސަ އުސޫލު

(ހ) ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ތެރެއިން ހައްގެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާފައިވާކަމަށް ބުނެ ހުށަހަޅާ ދައުވާތަކުގައި، އެ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަށީގެންވާ މިންވަރަށްކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ނުވަތަ އެ ހައްގެއް ނުވަތަ މިނިވަންކަން ހިފެހެއްޓި ފަރާތެއްގެ ޒިންމާއެކެވެ.

(ށ) ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތަކުގައި، ދައުވާކުރާ ފަރާތް ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

 

ފަސްވަނަ ބައި

އެހެނިހެން ކަންކަން

ނަވާރަވަނަ ބާބު

އާންމު ކަންކަން

 

147 ވަނަ މާއްދާ - ޓްރައިބިއުނަލްތަކާއި ދައުލަތުގެ އިދާރާތަކުގެ މައްޗަށް ގާނޫނު ހިންގުން

އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގައި ކޯޓުތަކަށް ނުވަތަ ށަރީއަތަށް ނިސްބަތްކޮށް، ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ކޯޓުތަކުން ނުވަތަ ށަރީއަތުން ތަބާވާންޖެހޭ އުސޫލުތައް ކަމުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމާއި، ކޯޓުތަކުން ނުވަތަ ށަރީއަތުން ބަލައިގަންނަ ހެކީގައި ފުރިހަމަވާންޖެހޭ ށަރުތުތަކާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އެންމެހައި ކަންކަމާއި، ހެކި ސާބިތުކުރުމުގެ ޒިންމާއާއި ސާބިތުކުރުމުގެ މިންގަނޑުތަކާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އެންމެހައި އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް ޓްރައިބިއުނަލްތަކުގެ މައްޗަށް ހިނގާނެއެވެ އަދި ކަމާގުޅޭ ނިސްބަތަށް، ދައުލަތުގެ އިދާރާތަކުގެ ތެރެއިން މައްސަލަ ބަލާ އެނޫންވެސް ފަރާތްތަކުގެ މައްޗަށް ހިނގާނެއެވެ.

 

148 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގެ ދަށުން ކޯޓުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް، ހަދާނީ، މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުނުވާ ގޮތެއްގެމަތިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

149 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އަންނަނިވި ދެ ގާނޫނު އުވުނީއެވެ.

(ހ) ގާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ގާނޫނު)؛

(ށ) ގާނޫނު ނަންބަރު 72/14ޖ (އަންހެނުންގެ ހެކިބަހުގެ ގާނޫނު).

 

150 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް،ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

151 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހާޒިރުކުރެވެން ނެތް މީހުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 118 ވަނަ މާއްދާގައި ބަޔާންކުރާ މީހުންނަށެވެ.

(ށ) "ހަސްމު" ކަމަށް ބުނެފައި އެވަނީ، ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ދައުވާކުރާ ފަރާތް ނުވަތަ ދައުވާލިބޭ ފަރާތް ޖުމްލަކޮށް، އަދި އެއިން ކޮންމެ ފަރާތަކަށް ވަކިން ނިސްބަތްކުރެވޭ ގޮތަށެވެ.

(ނ) "ކޮމްޕިއުޓަރ" ކަމަށް ބުނެފައި އެވަނީ، މައުލޫމާތު ބޭނުންކުރެވޭ އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އިލެކްޓްރޯކެމިކަލް ސާމާނާއި، މިފަދަ ގުޅުންހުރި ތަކެއްޗާއި، އަދި ހިސާބު ހެދުމަށާއި، ހަމަ ބޭނުންކޮށްގެން ކުރާ ކަންކަމަށާއި، މައުލޫމާތު ރައްކާކުރުމަށާއި އަދި މުއާމަލާތް ފަހިކޮށްދޭ ގުޅުންހުރި ނުވަތަ އެ ބާވަތުގެ ތަކެއްޗާ ގުޅައިގެން މިފަދަ ކަމެއްކުރެވޭ ތަކެއްޗަށެވެ ނަމަވެސް އެ މާނައިގައި ތިރީގައި ބަޔާންކުރެވޭ އެއްޗެހި ނުހިމެނޭގޮތުންނެވެ.

  1. އޮޓޮމެޓިކް ޓައިޕްރައިޓަރ، ޓައިޕްސެޓަރ؛ 
  2. ހިފާގެންގުޅޭ ކަ ލްކިއުލޭޓަރ؛ 
  3. ޕްރޮގްރާމްނުކުރެވޭ ނުވަތަ މައުލޫމާތު ރައްކާނުކުރެވޭ ޒާތުގެ ތަކެތި؛
  4. އެހެންވެސް މި ބާވަތުގެ ތަކެތި ކަމުގައި ދައުލަތުގެ ކަމާގުޅޭ އިދާރާއަކުން ކަނޑައަޅައި ސަރުކާރުގެ ގެޒެޓު މެދުވެރިކޮށް އިއުލާންކުރާ ތަކެތި.

(ރ) "އެތެރެހަށީގެ ފޮޓޯ" ކަމަށް ބުނެފައި އެވަނީ، އެކްސް-ރޭ، ސްކޭން ނުވަތަ އެތެރެހަށި ދައްކުވައިދޭ އެނޫންވެސް ފޮޓޯއަށެވެ.

(ބ) "އެތެރެހަށީގެ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ އެތެރެއަށް އެއްޗެއް ފޮނުވައިގެން ނުވަތަ އެނޫންވެސް ގޮތަކުން ހަށިގަނޑުގެ އެތެރެއިން ނަގާ ސާމްޕަލަށެވެ.

(ޅ) "އޮޓޮޕްސީ" ކަމަށް ބުނެފައި އެވަނީ، މަރުވެފައިވާ މީހަކު ނުވަތަ އެއްޗެއް މަރުވި ސަބަބާއި، ހަށިގަނޑަށް ލިބިފައިވާ ގެއްލުންތަކާއި، ހަށިގަނޑަށް ޖެހިފައިވާ ބައްޔެއް ނުވަތަ އެނޫންވެސް އައިބެއް ދެނެގަތުމަށްޓަކައި އެ ހަށިގަނޑު ބަލައި، އެ ހަށިގަނޑުން ސާމްޕަލް ނަގައިގެން ތަހްލީލުތައް ކުރުމަށެވެ.

(ކ) "ފޮރެންސިކް ހެކި" ކަމަށް ބުނެފައި އެވަނީ، ފޮރެންސިކް ޕްރޮސީޖަރެއް މެދުވެރިކޮށް ހޯދޭ ހެއްކަށެވެ.

(އ) "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމަތީ ހިދުމަތްތަކާއި ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލުތަކާއި އެ ތަންތަނާ ގުޅިފައިވާ އެންމެހައި އިދާރާތައް ހިމެނޭގޮތުގެމަތިންނެވެ އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނެއްމެ ހިމެނޭގޮތުންނެވެ.

(ވ) "ލިޔުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ވަސީލަތްތައް ހިމެނޭގޮތުން، އެއްވެސް ބާވަތެއްގެ މައުލޫމާތެއް ރެކޯޑުކޮށްފައިވާ އެއްޗަކަށެވެ.

  1. ލިޔުމުން ނުވަތަ ޗާޕްކޮށްފައި އޮތް އެއްޗެއް (ޗާޓެއް ނުވަތަ ޕްލޭނެއް ނުވަތަ ގްރާފެއް ނުވަތަ ކުރެހުމެއް ކަމުގައިވިޔަސް)؛
  2. އިލެކްޓްރޯނިކް ވަސީލަތަކުން ވާސިލުވެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރ ފައިލެއް؛
  3. ފޮޓޯ؛ 
  4. އަޑު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ޑިސްކެއް ނުވަތަ ޓޭޕެއް ނުވަތަ ފިލްމެއް ނުވަތަ ރޯލެއް؛
  5. މަންޒަރު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ފިލްމެއް ނުވަތަ ނެގަޓިވެއް ނުވަތަ އެނޫންވެސް އެއްޗެއް.

(މ) "ޑީއެންއޭ" ކަމަށް ބުނެފައި އެވަނީ، ޑީއޮކްސީރައިބޯނިއުކްލިއެކް އެސިޑް (deoxyribonucleic aid) އަށެވެ.

(ފ) "ޑީއެންއޭ ގެ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ބޭރުން ނުވަތަ އެތެރެއިން ނުވަތަ އެނޫންވެސް ގޮތަކަށް ނެގޭ ބޮޑީސާމްޕަލް ބޭނުންކޮށްގެން ކުރާ ޑީއެންއޭ ގެ ތަހްލީލުތަކުން ލިބޭ ޖެނެޓިކް މައުލޫމާތަށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ހެއްކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-01 - ސްޕްރީމް ކޯޓުގެ)

 

އުވި ގާނޫނު

  1. ހެއްކާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 24/1976)
  2. އަންހެނުންގެ ހެކިބަހުގެ ގާނޫނު (ގާނޫނު ނަންބަރު 14/1972)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު