އާންމު އިންތިހާބުގެ ގާނޫނު
(ގާނޫނު ނަންބަރު 1981-05)
(ގާނޫނު ނަންބަރު 2008-11 ގެ 78 ވަނަ މާއްދާއިން އުވާލެވިފައި)
(ނޯޓް: ގާނޫނު ނަންބަރު 1981-05 ތަފާތު ދެގާނަކަށް ދެވިފައިވޭ)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމާބެހޭ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "އާންމު އިންތިހާބުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - އާންމު އިންތިހާބު
ގާނޫނުއަސާސީގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބާއި، ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
3 ވަނަ މާއްދާ - ހިންގައި ބެލެހެއްޓުން
ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށާއި، ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބުތައް ބާއްވައި، އެ އިންތިހާބުތަކާބެހޭ ހުރިހާކަމެއް ހިންގައި ބަލަހައްޓާނީ، ކޮމިށަނަރ އޮފް އިލެކްށަންސެވެ.
4 ވަނަ މާއްދާ - އިންތިހާބާބެހޭ ކޮމިޓީ
އިންތިހާބާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމުގައި، ކޮމިށަނަރ އޮފް އިލެކްށަންސަށް ލަފާދިނުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަސްމީހުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އޮންނަންވާނެއެވެ.
މި ކޮމިޓީގައި، އިންތިހާބަށް ކުރިމަތިލާފައިވާ އެއްވެސް ކެންޑިޑޭޓަކު، ނުވަތަ އެއިން މީހެއްގެ މަންމަ، ބައްޕަ ނުވަތަ އަންބަކު، ފިރިއަކު، ދަރިއަކު ހިމަނައިގެން ނުވާނެއެވެ.
5 ވަނަ މާއްދާ - ވޯޓުދެވޭނެ މީހުން
(ހ) އާންމު އިންތިހާބުތަކުގައި ވޯޓުދެވޭނީ ގާނޫނުއަސާސީ ގެ 134 ވަނަ މާއްދާގައި ބުނެފައިވާ ސިފަތައް ފުރިހަމަވާ މީހުންނަށެވެ.
(ށ) އާންމު އިންތިހާބުގައި ވޯޓުދިނުމުގެ އުމުރު ހަމަވާ މީހުންގެ ރަޖިސްޓަރީއެއް، ކޮމިށަނަރ އޮފް އިލެކްށަންސް ތައްޔާރުކުރަން ވާނެއެވެ. އަދި މި ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަންތާރީހު، މި ރަޖިސްޓަރީން އެނގެން އޮންނަންވާނެއެވެ. އުފަން ތާރީހު އެނގެންނެތް، އުމުރުން އެކާވީސް އަހަރު ފުރިފައިވާކަމާމެދު ށައްކުނުވާ މީހުންގެ އުފަން އަހަރު މި ރަޖިސްޓަރީގައި އޮތުމުން ފުދޭނެއެވެ.
6 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް އިއްލާން ކުރުން
(ހ) ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ހަތަރު މަސްދުވަސް ކުރިން އާމަޖިލީހަށް ކުރިމަތިލުމަށް އެދޭ މީހުން ހޯދުމަށް އިއްލާނު ކުރަންވާނެއެވެ.
(ށ) ރައްޔިތުންގެ ހާއްސަ މަޖިލީހަށް ކުރިމަތިލުމަށް އެދޭ މީހުން ހޯދުމަށް އިއްލާނުކުރާނީ، ގާނޫނުއަސާސީ ގެ 94 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، އެ މަޖިލިސް އެކުލަވާލުމަށް ކޮމިށަނަރ އޮފް އިލެކްށަންސަށް ރައީސުލްޖުމްހޫރިއްޔާ އެންގުމުންނެވެ.
(ނ) ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެކަމާއި، އެގޮނޑިއަށް އިންތިހާބުކުރާ މެންބަރަކަށް ޖަލްސާތަކަށް ހާޒިރުވެވޭހާ މުއްދަތަށް ރައްޔިތުންގެ ހާއްސަ މަޖިލިސް ދެމި އޮންނާނެކަމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސަށް ފެނިގެން، ދިވެހިރާއްޖޭގެ ޖުމަހޫރިއްޔާގެ ގާނޫނުއަސާސީ ގެ 105 ވަނަ މާއްދާގެ 1 ގައިވާގޮތުގެ މަތިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް، ކޮމިށަނަރ އޮފް އިލެކްށަންސަށް އެކަން އަންގާ ދުވަހުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި އެގޮނޑިއަށް އަލުން މެންބަރަކު އިންތިހާބު ކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގައިބުނެފައިވާ އިންތިހާބަށް ކުރިމަތިލުމަށް މަދުވެގެން އެއްމަސްދުވަހުގެ މުއްދަތު ދޭންވާނެއެވެ. ބައިއިލެކްށަނެއްގައިނަމަ، ފަނަރަ ދުވަހަށްވުރެ ކުރުނޫން މުއްދަތެއް ދޭންވާނެއެވެ.
7 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުން
(ހ) މި ގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލުމަށް އިއްލާނު ކުރުމުން، އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހުން އެމުއްދަތުގެ ތެރޭގައި އެކަމަށްއެދި 2،000 ރުފިޔާގެ ޑިޕޮޒިޓަކާއެކު ލިޔުމަކުން ކޮމިށަނަރ އޮފް އިލެކްށަންސަށް ހުށަހަޅަންވާނެއެވެ. އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ފޮނުވާ ލިޔުމުގައި، ތިރީގައި ބުނެފައިމިވާ މައްލޫމާތު ހުންނަންވާނެއެވެ.
- ފުރިހަމަނަމާއި އެޑްރެސް
- ޖިންސް
- އުފަން ތާރީހު
- އެންމެފަހުން އުޅުނު އެޑްރެސް
- ދިރިއުޅުމަށްކުރާ މަސައްކަތް (ވަޒީފާގެ ނަމާއެކު)
- ކުރިމަތިލާ ދާއިރާ
(ށ) އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި، އެއްދާއިރާއަކަށް ކުރިމަތިލާފައިވާ މީހަކަށް، އޭނާގެ ނަން އަނބުރާގެނެސް، އެހެން ދާއިރާއަކަށް ކުރިމަތިލެވިދާނެއެވެ.
(ނ) އެއް އިންތިހާބެއްގައި އެކަކަށް އެއްދާއިރާއަށްވުރެ ގިނަ ދާއިރާތަކަކަށް ކުރިމައްޗެއް ނުލެވޭނެއެވެ.
(ރ) އިންތިހާބަށް ކުރިމަތިލުމުގެ ށަރްތު ހަމަނުވުމުގެ ސަބަބުން ކުރިމަތި ނުލެވުނު މީހުންނަށާއި، އިންތިހާބުގައި އެދާއިރާއެއްގައި ވޯޓުދިން މީހުންގެ %5 ން ފެށިގެން މަތީ އަދަދަކަށް ވޯޓު ލިބުނު މީހުންނަށް މި މާއްދާގެ (ހ) ގައިބުނެފައިވާ ޑިޕޮޒިޓް، އަނބުރާ ދޭންވާނެއެވެ.
8 ވަނަ މާއްދާ - ކުރިމަތިލާ މީހުންގައި ހުންނަންޖެހޭ ސިފަތައް
ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށާއިރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުތަކަށް ކުރިމަތިލާންވާނީ، ގާނޫނުއަސާސީގެ 66 ވަނަ މާއްދާގައި ބުނެފައިވާ ސިފަތައް ފުރިހަމަވާ މީހުންނެވެ.
9 ވަނަ މާއްދާ - ކެންޑިޑޭޓުންގެ ނަން އިއްލާނު ކުރުން
(ހ) ރައްޔިތުންގެ މަޖިލީހަށް ނުވަތަ ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމުގައި، ބައިއިލެކްށަނެއްގައިނޫނީ ވޯޓުނެގުން ބާއްވާ ތާރީހުގެ އެއްމަސްދުވަހުގެ ކުރިން ކެންޑިޑޭޓުންގެ ނަންތައް، ކޮމިށަނަރ އޮފް އިލެކްށަންސް އިއްލާނު ކުރަންވާނެއެވެ.
(ށ) ބައިއިލެކްށަނެއްގައިނަމަ، ވޯޓުނެގުން ބާއްވާ ތާރީހުގެ މަދުވެގެން ދިހަދުވަސް ކުރިން، ކެންޑިޑޭޓުންގެ ނަންތައް، ކޮމިށަނަރ އޮފް އިލެކްށަންސް އިއްލާނު ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ކުރާ އިއްލާނުގައި، ކެންޑިޑޭޓުންގެ ލިސްޓު ތަރުތީބު ކުރާނީ، އިންތިހާބަށް ކުރިމަތިލުމުގެ ށަރްތު ފުރިހަމަވާ މީހުންގެ މެދުގައި ގުރުއަތުލައިގެންނެވެ.
10 ވަނަ މާއްދާ – ތާއީދުހޯދުމަށް މަސައްކަތްކުރުން
(ހ) ރައްޔިތުންގެ މަޖިލީހަށް ނުވަތަ ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް، އެމީހުން އިންތިހާބަށް ކުރިމަތިލާފައިވާ ދާއިރާގެ މީހުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިގެންވެއެވެ. ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި، ކެންޑިޑޭޓުންނަށް ތިރީގައި މިވާ ކަންތައްތައް ކުރެވިދާނެއެވެ.
- އެދާއިރާއެއްގެ މީހުންނާ ބައްދަލުކުރުމާއި ވާހަކަދެއްކުން.
- އެ ދާއިރާއެއްގެ މީހުންނަށް ސިޓީފޮނުވުމާއި ފޮޓޯއާއި ސްޓިކާއާއި ލިޔުންފަދަ ތަކެތި ބެހުމާއި އެތަކެތި އާންމުކޮށް ފެންނާނޭހެން ބެހެއްޓުން.
- ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށްގެން އިށްތިހާރު ކުރުން.
- ނިށާން ގެންގުޅުން.
(ށ) މި މާއްދާގެ (ހ) ގެ 2، 3، 4 ގައިވާ ތަކެތި، ބޭނުންކުރުމުގެ ކުރިން، ކޮމިށަނަރ އޮފް އިލެކްށަންސަށް ހުށަހަޅައި ފާސް ކުރަންވާނެއެވެ. އަދި މި ގާނޫނުގެ ހަތްވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާއިރު، މިތަކެތި ފާސްކުރުމަށް ކޮމިށަނަރ އޮފް އިލެކްށަންސަށް ހުށަހަޅަންވާނެއެވެ. ކެންޑިޑޭޓުންގެ ލިސްޓު އިއްލާނު ކުރުމުގެ ކުރިން، ކޮމިށަނަރ އޮފް އިލެކްށަންސް މިތަކެތި ފާސްކޮށް ނިންމަން ވާނެއެވެ.
(ނ) އެއްވެސް ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނޭ އެއްވެސްކަމެއް ކޮށްގެން ނުވާނެއެވެ.
11 ވަނަ މާއްދާ - ތާއީދު ހޯދުމަށް ހަރަދު ކުރުމާއި ފައިސާ ހޯދި ގޮތުގެ ތަފްސީލު ދިނުން
(ހ) ކެންޑިޑޭޓަކު އެމީހަކު ކުރިމަތިލާފައިވާ ދާއިރާގެ މީހުންގެ ތާއީދު ހޯދުމަށް ހަރަދު ކުރަންވާނީ، އެދާއިރާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 100 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދުގެ ތެރެޔަށް، އެ ދާއިރާއަކީ، އެއް ރަށަށްވުރެ ގިނަ ރަށްރަށުގައި މީހުން ދިރިއުޅޭ ދާއިރާއެއްނަމަ، އެ ދާއިރާއެއްގައި ހުރި މީހުންއުޅޭ ކޮންމެ ރަށަކަށް އިސްވެބުނެވުނު ފައިސާގެ އަދަދުގެ 10 ގެ މަގުން ހިސާބުކުރުމުންޖެހޭ އަދަދު އެއްކުރުމުން ނުކުންނަ ޖުމްލަ އަދަދަށްވުރެ ގިނަނުވާނޭ އަދަދަކަށެވެ.
(ށ) ކޮންމެ ކެންޑިޑޭޓަކުވެސް އެމީހަކު ކުރިމަތިލާފައިވާ ދާއިރާގެ މީހުންގެ ތާއީދުހޯދުމަށް މަސައްކަތްކުރުމަށް ފައިސާ ހޯދިގޮތުގެ ތަފްސީލާއި، އެފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލު، އިންތިހާބު ބާއްވާ ތާރީހުން ފެށިގެން ސާދަދުވަހުގެ ތެރޭގައި ކޮމިށަނަރ އޮފް އިލެކްށަންސަށް ހުށަހަޅަންވާނެއެވެ.
12 ވަނަ މާއްދާ - ވޯޓުނަގާ ދުވަސް
އިންތިހާބުތަކުގައި ވޯޓުނަގާދުވަސް ކަނޑައަޅާނީ، ކޮމިށަނަރ އޮފް އިލެކްށަންސެވެ. ވޯޓުނަގާ ދުވަހުގެ މަދުވެގެން ހަތްދުވަހުގެ ކުރިން ކޮމިށަނަރ އޮފް އިލެކްށަންސް އެދުވަހުގެ ތާރީހު، އިއްލާނު ކުރަންވާނެއެވެ.
13 ވަނަ މާއްދާ - ވޯޓުނަގާ ދުވަހުކުރުން މަނާ ކަންތައްތައް
(ހ) އިންތިހާބުގައި ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ކުރުންމަނާ ކަންތައްތައް ހަވީރު 6.00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6.00 އާ ދެމެދު، އެއްވެސް މީހަކު ތިރީގައި މިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްގެންނުވާނެއެވެ.
- މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް.
- ދުއްވާ އެއްޗެހީގައި އިންތިހާބާބެހޭ ޕޯސްޓަރާއި ސްޓިކާފަދަ ތަކެތި އެއްވެސް ގޮތަކަށް ބަހައްޓައިގެން ދުއްވުން.
- އަޑުގަދަކުރުމަށް ބޭނުންކުރާ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އިންތިހާބާބެހޭ ވާހަކަދެއްކުން.
- އެއްވެސް މީހަކު ވޯޓުދޭން ގަސްދު ކުރާ ކެންޑިޑޭޓެއްގެ ނަން، ނުވަތަ ވޯޓުދިން ކެންޑިޑޭޓެއްގެ ނަން ހާމަކުރުން. ނުވަތަ އެމީހަކު ވަކި ކެންޑިޑޭޓަކަށް ވޯޓުނުދޭކަމަށް ނުވަތަ ވޯޓު ނުދޭނޭކަމަށް ބުނުން. ނުވަތަ ވަކި ކެންޑިޑޭޓަކަށް ވޯޓުދިނުމަށް ނުވަތަ ނުދިނުމަށް ބާރުއަޅައި ވާހަކަދެއްކުން.
(ށ) ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 6.00 ން ފެށިގެން ވޯޓުނަގައި ނިމެންދެން ވޯޓުލާ ސަރަހައްދުގެ ތެރޭގައި، ތިރީގައި މިވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
- އިންތިހާބާބެހޭ ގޮތުން އިންތިހާބުގެ ކަންތައް ހިންގާ ފަރާތުން ގެންގުޅެންޖެހޭ ލިޔުންތައް ފިޔަވައި، އިންތިހާބާބެހޭ އެއްވެސް ލިޔުމެއް، ކެންޑިޑޭޓެއްގެ ފޮޓޯއެއް، ޕޯސްޓަރެއް، ސްޓިކާއެއް، ނިށާނެއްފަދަ އެއްވެސް އެއްޗެއް ގެންގުޅުން.
- ވޯޓުލާން އަންނަ އެއްވެސް މީހަކު ވޯޓުލައި ނިމުމަށްފަހު، އެ ސަރަހައްދުގައި ހުރުން.
- ކެންޑިޑޭޓަކު، ވޯޓުލުމަށް ވޯޓުލާ ސަރަހައްދުގެ ތެރެއަށް ވަންނަ ވަނުމުގެ އިތުރަށް، އެ ސަރަހައްދަށް ވަނުމާއި އެސަރަހައްދުގެ ތެރޭގައި ހުރުން.
- ވޯޓުލާން އަންނަ އެއްވެސްމީހަކު އެމީހަކަށް ދޫކުރާ ވޯޓުކަރުދާސް ހިފައިގެން އެ ސަރަހައްދުން ބޭރަށްދިޔުން.
14 ވަނަ މާއްދާ - ކެންޑިޑޭޓުންގެ ނަން އާންމުންނަށް ފެންނަ ގޮތަށް ބެހެއްޓުން
ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގަޔާއި، ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި، އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް އިއްލާނު ކޮށްފައިވާ ތަރުތީބުން، ރަނގަޅަށް ކިޔަން އެނގޭނެހެން ލިޔެ، ވޯޓުނަގާ ދުވަހު، ވޯޓުލާ ކޮންމެ ސަރަހައްދެއްގައި އާންމުންނަށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.
15 ވަނަ މާއްދާ - ވޯޓު ކަރުދާސް ދޫކުރުމާއި ވޯޓުދިނުން
(ހ) އިންތިހާބުތަކުގައި ވޯޓުދޭނީ، ކޮމިށަނަރ އޮފް އިލެކްށަންސް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓުކަރުދާހުގައެވެ. އިންތިހާބުގެ ކަންތައް ހިންގާ ފަރާތުން މިވޯޓު ކަރުދާސް ދޫކުރަންވާނީ، ވޯޓުފޮށި ހުންނަތަނަށް ވޯޓުލާމީހާ އައުމުން، އެމީހެއްގެ އަތަށެވެ. އިންތިހާބުގެ ކަންތައް ހިންގާ ފަރާތުން މި ގާނޫނުގެ 17 ވަނަ މާއްދާގައި ބުނެފައިވާފަދަ ނުކުޅެދޭ މީހަކަށްވެސް ވޯޓުކަރުދާސް ދޫކުރަންވާނީ އެމީހެއްގެ އަތަށެވެ.
(ށ) އިންތިހާބުގެ ކަންތައް ހިންގާ ފަރާތުން ވޯޓުކަރުދާސް ދޫކުރުމާ ހަވާލުވެގެންތިބޭ މީހުންގެ ތެރެއިން އެއްވެސް މީހަކު، ވޯޓުދިނުމުގެ ހައްގު ލިބިގެންނުވާ މީހަކަށް ވޯޓުކަރުދާސް ދޫކޮށްގެންނުވާނެއެވެ.
(ނ) މި ގާނޫނުގެ 17 ވަނަ މާއްދާގައި ބުނެފައިވާފަދަ ނުކުޅެދޭ މީހަކު އެ މާއްދާގައިވާ ގޮތުގެމަތިން، ވޯޓުދިނުމުގައި އެމީހާއަށް އެހީވެދޭ މީހާއަތަށް ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ދޭ ދިނުން ފިޔަވައި، އެހެންގޮތަކަށް، އެއްވެސް މީހަކު އެމީހަކަށް ދޫކުރި ވޯޓުކަރުދާސް އެހެން މީހެއްގެއަތަށް ދީގެންނުވާނެއެވެ.
(ރ) ވޯޓުލާ ކޮންމެ ސަރަހައްދެއްގައި، އެސަރަހައްދަކުން ވޯޓުކަރުދާސް ދޫކުރެވުނު މީހުންގެ ފުރިހަމަނަމާއި، އެޑްރެހާއި، އުމުރާއި، އަތޮޅާއި، ރަށް އެނގޭނެހެން ލިޔެފައިވާ ލިސްޓެއް އޮންނަންވާނެއެވެ.
16 ވަނަ މާއްދާ – ވޯޓުދިނުން
(ހ) ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށްބާއްވާ އިންތިހާބުގަޔާއި، ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުދޭނީ، ކެންޑިޑޭޓުންގެ ތެރެއިން ތިމާއަށް ފެންނަ މީހަކަށް ނުވަތަ ބަޔަކަށެވެ.
(ށ) ވޯޓުދިނުން ފުރިހަމަވާނީ، ވޯޓު ކަރުދާހުގައި، މިމާއްދާގައިވާ ގޮތުގެމަތިން، ތިމާއަށް ފެންނަ މީހެއްގެ ނުވަތަ މީހުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައި، ވޯޓުކަރުދާސް ވޯޓުފޮށްޓަށް ވައްޓާލުމުންނެވެ.
17 ވަނަ މާއްދާ - ވޯޓު ކަރުދާހުގައި ފާހަގަޖެހުން
(ހ) ވޯޓުދޭ މީހާ، ވޯޓުކަރުދާހުގައި ރަނގަޅު ފާހަގަ ޖަހަންވާނީ، އެމީހަކު އަމިއްލައަށެވެ. ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެހެންމީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަ ކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ނުކުޅެދޭމީހަކަށް އެހީވެދޭ މީހާ ފިޔަވައި އެހެން އެއްވެސް މީހަކު، އަނެކެއްގެ ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެއްވެސް ގޮތަކުން ބައިވެރިވެގެން ނުވާނެއެވެ.
(ނ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ނުކުޅެދޭ މީހަކަށް ވޯޓުކަރުދާހުގައި ފާހަގަ ޖަހައިދިނުމުގައި، ކޮންމެ މީހަކަށްވެސް އިންތިހާބެއްގައި އެހީވެދެވޭނީ، ހަމައެކަނި އެކަކަށެވެ.
(ރ) އިންތިހާބުގެ ކަންތައް ހިންގާ ފަރާތުން ވޯޓުލާ ސަރަހައްދުގައި ބައިތިއްބާފައިވާ މީހުންގެ ތެރެއިން މީހަކު، ނުވަތަ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓަކު ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި އެއްވެސްމީހަކަށް އެހީވެދީގެން ނުވާނެއެވެ.
18 ވަނަ މާއްދާ - ވޯޓުނަގަން ފެށުމާއި ވޯޓުނެގުން ނިންމުން
(ހ) ވޯޓުނަގަން ފަށަންވާނީ، އިންތިހާބު އޮންނަ ދުވަހުގެ ހެނދުނު 7.00 ގައެވެ. އާންމު ގޮތެއްގައި ވޯޓުނެގުން ނިންމައި ވޯޓުފޮށި ބަންދުކުރަންވާނީ، އިންތިހާބު ބާއްވާ ދުވަހުގެރޭ 7.00 ގައެވެ. ހުކުރު ދުވަހަކު ވޯޓުނެގުން ބާއްވާނަމަ، ވޯޓުނެގުން ހުކުރުވަގުތަށް މެދުކަނޑާލާފައި ހުކުރުގެފަހުން ވޯޓުނަގަން ފެށުމާއި، މެދުކަނޑާލާ ގަޑިއާއި އަލުން ފަށާގަޑި ކަނޑައެޅުމާއި، އެދުވަހު ވޯޓުނެގުން ނިންމާގަޑި ކަނޑައެޅުމާއި، ރަމަޒާންމަހު ވޯޓުނެގުން ބާއްވާނަމަ، ވޯޓުނަގަން ފަށާގަޑި ކަނޑައެޅުމާއި، ވޯޓުނެގުން އިރުއޮއްސޭ ވަގުތަށް މެދުކަނޑާލާފައި އަލުން ވޯޓުނަގަން ފެށުމާއި، މެދުކަނޑާލާ ގަޑިއާއި އަލުން ފަށާގަޑި ކަނޑައެޅުމާއި، ރަމަޒާންމަހު ވޯޓުނެގުން ނިންމާގަޑި ކަނޑައެޅުމާއި، މިކަންކަމުގެ އިހްތިޔާރު، ކޮމިށަނަރ އޮފް އިލެކްށަންސަށް ލިބިގެންވެއެވެ. މިއިން ކޮންމެ ގޮތެއްގައިވެސް ވޯޓު ނަގާދުވަހު ވޯޓުނެގުން އޮންނަ ވަގުތުގެ ދިގުމިން ޖުމްލަ ދިހަ ގަޑިއިރަށްވުރެ މަދުވެގެން ނުވާނެއެވެ. އަދި ވޯޓުނަގަން ފަށާގަޑިއާއި، މެދުކަނޑާލަންޖެހޭނަމަ މެދުކަނޑާލާ ގަޑިއާއި، އަލުން ފަށާގަޑިއާއި ވޯޓުނެގުން ނިންމާގަޑި، ވޯޓުނަގާ ދުވަހުގެ މަދުވެގެން ހަތްދުވަސްކުރިން ކޮމިށަނަރ އޮފް އިލެކްށަންސް އިއްލާނު ކުރަންވާނެއެވެ.
(ށ) ވޯޓުނެގުން ނިންމާ ގަޑިޖެހޭއިރު، ވޯޓުދޭ ސަރަހައްދުގައި ވޯޓުލާން ބަޔަކު އައިސްތިބިނަމަ، އެބަޔަކު ވޯޓުލައި ނިމެންދެން ވޯޓުފޮށި ބަންދުނުކޮށް ބަހައްޓަންވާނެއެވެ.
(ނ) އެދާއިރާއެއްގައި ތިބި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ އެންމެން ގަޑިޖެހުމުގެ ކުރިން ވޯޓުލައި ނިމިއްޖެނަމަ، އެވަގުތަކުން ފެށިގެން ވޯޓުނެގުން ނިންމައި ވޯޓުފޮށި ބަންދުކުރުމަކީ، ހުއްދަ ކަމެކެވެ.
19 ވަނަ މާއްދާ - ވޯޓުފޮށި ބަންދުކުރުން
(ހ) ވޯޓުނެގުން ނިމުމާއެކު، ކޮމިށަނަރ އޮފް އިލެކްށަންސް ކަނޑައަޅާފައިވާ ގޮތެއްގެމަތިން، ހަމައެވަގުތު އެތާނގައި ވޯޓުފޮށި ބަންދުކޮށް ސިލުޖަހަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވޯޓުފޮށި ބަންދުކޮށް ސިލުޖެހުމަށްފަހު، ކޮމިށަނަރ އޮފް އިލެކްށަންސް ކަނޑައަޅާފައިވާ ގޮތެއްގެ މަތިން، ވޯޓުގުނުމަށް ކަނޑައެޅިފައިވާ ތަނަކަށް ވޯޓުފޮށި ގެންދަންވާނެއެވެ.
20 ވަނަ މާއްދާ - ކަން ހިނގިގޮތުގެ ރިޕޯޓު
(ހ) ވޯޓުލާ ކޮންމެ ސަރަހައްދެއްގައި ވޯޓުނަގަން ފެށީއްސުރެ ވޯޓުނަގާ ނިމުމާ ދެމެދު ކަންތައް ހިނގިގޮތުގެ ރިޕޯޓެއް ލިޔެ، އެ ރިޕޯޓުގައި އެސަރަހައްދަކާ ހަވާލުވެހުރި އެންމެ އިސްމީހަކު ސޮއިކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރިޕޯޓުގައި ލިޔަން ކޮމިށަނަރ އޮފް އިލެކްށަންސް ކަނޑައަޅާފައިވާ ހުރިހާ މައްލޫމާތެއް އެ ރިޕޯޓުގައި ހަމައަށް ހުންނަންވާނެއެވެ.
21 ވަނަ މާއްދާ – ވޯޓުގުނުން
ވޯޓު ގުނުމަށް ހަމަޖެހިފައިވާ ތަނަކަށް ވޯޓުފޮށިތައް ގެނެސް ހަމަވުމާއެކު، ވޯޓު ގުނުމުގެ މަސައްކަތް ވީހާއަވަހަކަށް ފަށަންވާނެއެވެ. ވޯޓު ގުނުމަށްޓަކާ، ވޯޓުފޮށިތައް ކަނޑައި ވޯޓުތައްބަލައި، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާ ހޯދާނީ، ކޮމިށަނަރ އޮފް އިލެކްށަންސް އެކަމަށް ކަނޑައަޅާ ބަޔެކެވެ.
22 ވަނަ މާއްދާ - މެންބަރުން ހޮވޭގޮތް
(ހ) ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގަޔާއި، ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ހޮވޭނީ، އެއިންތިހާބަކީ ދެމީހުން ހޮވުމަށް ބޭއްވި އިންތިހާބެއްނަމަ، އެންމެގިނަ ވޯޓުލިބުނު ދެ ކެންޑިޑޭޓުންނެވެ. އެކަކު ހޮވުމަށް ބޭއްވި އިންތިހާބެއްނަމަ، އެންމެ ގިނަވޯޓު ލިބުނު ކެންޑިޑޭޓެވެ.
(ށ) ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބެއްގައި ނުވަތަ ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބެއްގައި، ވޯޓު އެއްވަރުވުމުގެ ސަބަބުން އިންތިހާބުގައި ހޮވުނު ދެމީހަކު ނުވަތަ މީހަކު ކަނޑަނޭޅިއްޖެނަމަ، އެއްވަރުވި ބަޔެއްގެ މެދުގައި އަލުން ވޯޓުނެގުން ބާއްވާނީއެވެ. އަދި އެ އިންތިހާބެއްގައި، ހޮވަން ހަމަޖެހިފައިވާ އަދަދަށް ހޮވެންދެން މިގޮތުގެ މަތިން ވޯޓުނަގަމުން ގެންދާނީއެވެ.
23 ވަނަ މާއްދާ - ބޭނުންވާ އަދަދަށް ނުވަތަ އެއަށްވުރެ މަދުން ކުރިމަތިލުން
ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބެއްގައި ނުވަތަ ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބެއްގައި، އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު އިންތިހާބަށް ކުރިމަތިލާފައިވަނީ، އެދާއިރާއަކުން މެންބަރުން ހޮވުމަށް ބޭނުންވާ އަދަދަށް، ނުވަތަ އެއަށްވުރެ މަދު އަދަދަކަށް ކަމުގައިވާނަމަ، ށަރްތު ހަމަވާ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓު އެދާއިރާއަކަށް ހޮވުނީކަމަށް ކަނޑައަޅައި އިއްލާނު ކުރަންވާނެއެވެ. އަދި މިގޮތަށް ހަމަޖެއްސުމުން ހޮވަންޖެހޭ އަދަދަށްވުރެ މަދުވާނަމަ، މަދުވާ މެންބަރު ހޮވުމަށް، ވީހާ އަވަހަކަށް އިންތިހާބެއް ބާއްވަންވާނެއެވެ.
24 ވަނަ މާއްދާ - ބާތިލު ވޯޓު
ތިރީގައިމިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ، ބާތިލު ވޯޓެކެވެ.
(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިށަނަރ އޮފް އިލެކްށަންސް ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު.
(ށ) އިންތިހާބުގައި ހޮވަން ކަނޑައެޅިފައިވާ އަދަދުނޫން އަދަދަކަށް ވޯޓުކަރުދާހުގައި ފާހަގަޖަހާފައިވާނަމަ އެވޯޓު ކަރުދާހުގައިވާ ވޯޓު.
(ނ) ވޯޓުދީފައިވަނީ ކާކަށްކަން ނޭނގޭ ވޯޓު.
(ރ) ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު.
25 ވަނަ މާއްދާ - އިންތިހާބު ބާތިލުކުރުން
(ހ) ތިރީގައިމިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަހައްދެއްގެ އިންތިހާބުގެ ނަތީޖާއަށް އަސަރެއް ފޯރާފައިވާކަމަށް ފެނިއްޖެނަމަ، އެ ދާއިރާއެއްގެ އިންތިހާބު ބާތިލުކޮށް، އަލުން އިންތިހާބު ބާއްވަންވާނެއެވެ.
- އިންތިހާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން.
- އިންތިހާބީ ހައްގެއްގެ ފައިދާ، ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިށްވަތު ދިނުން.
- އިންތިހާބާބެހޭ ގާނޫނާއި، ގަވާއިދުތަކާ ހިލާފަށް އަމަލުކުރުން.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އިންތިހާބު ބާތިލުކޮށް އަލުން އިންތިހާބު ބާއްވަން ކަނޑައަޅާނީ، ގާނޫނުއަސާސީގެ 135 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އިންތިހާބާބެހޭ ށަކުވާތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ކޯޓަކުން ނިންމާގޮތެއްގެ މަތިންނެވެ.
26 ވަނަ މާއްދާ - ކުށާއި އަދަބު
(ހ) އެއްވެސް އިންތިހާބެއްގެ ތެރޭގައި، ތިރީގައިމިވާ ކަންކަމުންކުރެ ކަމެއްކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށެކެވެ.
- އިންތިހާބަށް ކުރިމަތިލުމަށް ދޮގު މައްލޫމާތުދިނުން.
- އިންތިހާބާބެހޭ ކަންތައް ހިންގާ ފަރާތުގެ މުވައްޒަފަކު، އިންތިހާބަށް ކުރިމަތިލުމަށް އެއްވެސް ފަރާތަކުން ފޮނުވާ ލިޔުމެއް ނައްތާލުން، ނުވަތަ އެލިޔުމަކާމެދު ގަވާއިދުން އަމަލުކުރަންޖެހޭ ގޮތަކަށް އަމަލުނުކުރުން، ނުވަތަ އެލިޔުމަކާމެދު އެއްވެސް ގޮތަކުން އިހުމާލުވުން.
- ވޯޓު ކަރުދާސް ވިއްކުން. ނުވަތަ ގާނޫނީގޮތުން ހުއްދަ ލިބިފައިނުވާ އެއްވެސް ފަރާތަކަށް ވޯޓުކަރުދާސް ދޫކުރުން ނުވަތަ ދިނުން.
- ގާނޫނީގޮތުން ހުއްދަ ވޯޓުކަރުދާސް ނޫން އެހެން އެއްވެސް އެއްޗެއް ވޯޓުފޮށްޓަށްލުން.
- ވޯޓުލާ ސަރަހައްދުން ބޭރަށް ގާނޫނާ ހިލާފަށް ވޯޓުކަރުދާސް ގެންދިއުން.
- ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން މެނުވީ އިންތިހާބުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ޕެކެޓެއް، ނުވަތަ ވޯޓުކަރުދާސްލާފައިވާ ފޮށްޓެއް، ނުވަތަ ވޯޓުކަރުދާސް ލާފައިވާ މިނޫންވެސް އެއްޗެއް ހުޅުވައި، ވޯޓުފޮށްޓެއް ކަނޑައި، އެއިން ވޯޓުކަރުދާސް ނަގައި ބެލުން. ނުވަތަ މިއިން އެއްޗެއް ހަލާކުކުރުން. ނުވަތަ މިއިން އެއްޗަކަށް ގެއްލުމެއް ދިނުން.
- ކޮމިށަނަރ އޮފް އިލެކްށަންސްގެ ހުއްދައެއްނެތި ވޯޓުކަރުދާސް ނުވަތަ ވޯޓުކަރުދާހުގެ ގޮތުގައި އިންތިހާބުގައި ބޭނުން ކުރެވިދާނެ ފަދަ އެއްޗެއް ޗާޕުކުރުން.
- ވޯޓުދިނުމުގެ ހައްގުނެތި އެއްވެސް އިންތިހާބެއްގައި ވޯޓު ދިނުން.
- އިންތިހާބުގައި ވޯޓުކަރުދާސް ހުންނާނެ ގޮތާމެދު ކޮމިށަނަރ އޮފް އިލެކްށަންސް ފިޔަވައި، އެއްވެސް ފަރާތަކުން އިއްލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިށްތިހާރެއް ކުރުން.
- ގާނޫނީގޮތުން ބެލެހެއްޓުން ލާޒިމުކުރާ މައްލޫމާތު ނެގުމުގައި، އެނގިހުރެ ދޮގު ނުވަތަ ފުރިހަމަނޫން މައްލޫމާތު ނެގުން.
- ވޯޓުދިނުމަށް އެއްވެސްމީހަކަށް ދަތިކުރުން، ނުވަތަ ވޯޓު ދިނުމަށް އެއްވެސް މީހަކަށް ހުރަސްއެޅުން.
- ގަސްދުގައި، ސައްހަ ވޯޓެއް ބާތިލު ވޯޓަކަށް ގުނުން، ނުވަތަ ސައްހަ ވޯޓެއް ނުގުނައި ދޫކޮށްލުން، ނުވަތަ ގަސްދުގައި ބާތިލު ވޯޓެއް ސައްހަ ވޯޓަކަށް ގުނުން، ނުވަތަ އެއް ކެންޑިޑޭޓަކަށް ދީފައިވާ ވޯޓު، އަނެއް ކެންޑިޑޭޓެއްގެ ނަމުގައި ގުނުން.
- ވޯޓުލާ ސަރަހައްދުގައި އިންތިހާބުގެ ކަންތައްތައް ހިންގާ ފަރާތުން ވޯޓުނެގުމުގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެ ތިބޭ މީހުންގެ ތެރެއިން މީހަކު، ނުވަތަ އެނޫން މީހަކުނަމަވެސް، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުކަމެއް ކުރުން. ނުވަތަ އެފަދަ އަމަލެއް ކުރުމަށް އެއްވެސް މާނައެއްގައި އެހީވުން. ނުވަތަ އެމީހެއްގެ ވާޖިބު އަދާކުރުމުގައި އިހުމާލުވުމުގެ ސަބަބުން އެފަދަ އަމަލެއް ކުރުމަށް މަގުފަހިވުން.
- އިންތިހާބުގެ ކަންތައްތައް ހިންގާ ފަރާތުގެ މުވައްޒަފަކު، ނުވަތަ އެފަރާތުން ވޯޓުނެގުމުގެ ކަމެއް ބެލެހެއްޓުމާ ހަވާލުކޮށްފައިވާ އެއްވެސްމީހަކު، ނުވަތަ ކަމާބެހޭ އެއްވެސް ރަސްމީ ފަރާތަކުން ވިޔަސް، ވޯޓުނެގުން ނިންމުމުގެ ކުރިން، ވޯޓުލީ މީހުންގެ ނަމާއި، ވޯޓުލީ މީހުންގެ އަދަދާއި، ވޯޓުނުލާ މީހުންގެ ނަމާއި ވޯޓުނުލާ މީހުންގެ އަދަދު ރަސްމީގޮތުން އަންގަންޖެހޭ ފަރާތަކަށް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެންގުން.
- އިންތިހާބުގައި އެއްވެސްމީހަކު، އެހެން މީހެއްގެ ނަމުގައި ވޯޓުދިނުން ނުވަތަ އެކަކު އެއްފަހަރަށްވުރެ ގިނަފަހަރު ވޯޓުދިނުން.
- ކޮމިށަނަރ އޮފް އިލެކްށަންސް އަންގާ ތަނަކަށް ވޯޓުފޮށި ރައްދުކުރާއިރު، މިގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވޯޓުފޮށި ބަންދުކުރުމާ ހަވާލުވެހުރި މީހަކު ގަސްދުގައި ނުވަތަ އޭނާގެ އިހުމާލުން ވޯޓުފޮށި ބަންދުނުކޮށް ހުރުން، ނުވަތަ ވޯޓުނަގަން ފެށުމާއި ވޯޓުނެގުން ނިންމުމާ ދެމެދުގައި، ނުވަތަ ވޯޓުގުނަން ހަމަޖެހިފައިވާ ތަނަށް ވޯޓުފޮށި ރައްދުކުރުމުގެ ކުރީގައި ވޯޓުފޮށި ކަނޑައި ވޯޓުތައް ބަލައި ހެދުން، ނުވަތަ ވޯޓު ބަދަލުކޮށް އުނިއިތުރުކޮށް ހެދުން.
- މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާގޮތާ ހިލާފަށް ވޯޓުނެގުން ހުއްޓާލުން.
- (ހ) މި ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވޯޓުލާ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ކެންޑިޑޭޓުންގެ ލިސްޓުގައިވާ ނަންތަކުގެ ތެރެއިން ނަމެއް ބަދަލުކޮށް، އެ ލިސްޓަށް އުނިއިތުރު ގެނައުން.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، ހަމަސްދުވަހާއި ދެއަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން، ނުވަތަ 500 ރުފިޔާ އާއި 5،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ނ) މި މާއްދާގެ ދަށުން ކުށްވެރިވި މީހަކީ، އިންތިހާބުގެ ކަންތައް ހިންގާ ފަރާތުން އިންތިހާބާބެހޭ ކަމެއް ހަވާލުކޮށްފައިހުރި މީހަކު ކަމުގައިވާނަމަ، މިމާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ އަދަބުގެ އިތުރަށް ހަމަސްދުވަހާއި އެއްއަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ. ނުވަތަ އަރުވާލެވޭނެއެވެ. ނުވަތަ ގޭގައި ބަންދުކުރެވޭނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށަކާބެހޭ މައްލޫމާތު ސިއްރުކުރި މީހެއްގެ އަދަބަކީ ތިން މަސްދުވަހާއި އެއްއަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން، ނުވަތަ 250 ރުފިޔާއާއި 2,500 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
27 ވަނަ މާއްދާ
(ހ) މިގާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި، މި ގާނޫނުގައި މަނާކޮށްފައިވާ ކަމެއްކޮށްފި މީހަކު، ނުވަތަ މި ގާނޫނުގައި ވަކިގޮތަކަށް ކުރުމަށް ކަނޑައެޅިފައިވާ ކަމެއް އެނޫން ގޮތަކަށް ކޮށްފިމީހަކު، ނުވަތަ ކުރަންއުޅެފި މީހަކު، މިގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި ކަމެއްގެ ކުޑަ ބޮޑުމިނަށްބަލައި، ތިންމަސްދުވަހާއި އެއްއަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން، ނުވަތަ 500 ރުފިޔާއާއި 4,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
28 ވަނަ މާއްދާ - ކެންޑިޑޭޓަކު ކުށެއްކުރުން ނުވަތަ ކުށެއްގައި ބައިވެރިވުން
ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ނުވަތަ ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބެއްގައި ކެންޑިޑޭޓަކު މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ، ނުވަތަ އެއިން ކުށެއްކުރުމުގައި ކެންޑިޑޭޓަކު ބައިވެރިވެއްޖެނަމަ، މި ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމުގެ އިތުރަށް، އެމީހަކު އެ އިންތިހާބަށް ކުރިމަތިލާފައިވާ ކުރިމަތިލުން ބާތިލުކުރެވޭނެއެވެ.
29 ވަނަ މާއްދާ – މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު
އިންތިހާބާ ބެހޭގޮތުން ގާނޫނާއި ގަވާއިދު މަނާކުރާ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިކަން އެނގިއްޖެނަމަ، ނުވަތަ އިންތިހާބު ބޭއްވުނުގޮތާ ބެހޭގޮތުން ށަކުވާއެއް އޮތްނަމަ، ސަބަބާއި ތަފްސީލާއި ހެއްކާއެކު، އިންތިހާބު ބޭއްވި ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ގާނޫނުއަސާސީގެ 135 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އިންތިހާބާބެހޭ ށަކުވާތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ކޯޓަކަށް ހުށަހަޅަންވާނެއެވެ.
30 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ، ކޮމިށަނަރ އޮފް އިލެކްށަންސެވެ.
(ށ) ވޯޓުލާ ސަރަހައްދުތަކާއި، އެ ސަރަހައްދުތަކުގައި ވޯޓުފޮށި ބަހައްޓާނޭ ތަންތަން ކަނޑައެޅުމާއި، ވޯޓުފޮށި ބަހައްޓަންވާނޭ ގޮތާއި، ވޯޓުފޮށި ބަލަހައްޓަން ތިބޭ މުވައްޒަފުން އެސަރަހައްދުގައި ތިބެންވާނެގޮތާއި، ތިބެންވާނެ ހިސާބު ކަނޑައެޅުމާއި، ވޯޓުކަރުދާސް ދޫކުރެވޭ މީހުންގެ ލިސްޓު ތައްޔާރުކުރުމާ ބެހޭގޮތުން އަމަލުކުރަންވާ ގޮތުގެ ގަވާއިދުތައް ހަދައި، މިގަވާއިދުތައް ކޮމިށަނަރ އޮފް އިލެކްށަންސް އިއްލާނު ކުރަންވާނެއެވެ.
31 ވަނަ މާއްދާ - މާނަ
"ދާއިރާ" ކަމަށް ބުނެފައިއެވަނީ، ގާނޫނު އަސާސީގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ދާއިރާތަކަށެވެ.
"ވޯޓުނެގުން ނިންމުން" ކަމަށް ބުނެފައިއެވަނީ، ވޯޓުނެގުން ނިންމުމަށް ކަނޑައެޅިފައިވާ ގަޑިޖެހިގެން ވޯޓުނެގުން ހުއްޓާލުމަށްފަހު، އެކަން އެންގުމުގެ ގޮތުން "ވޯޓުނެގުން ބަންދުވީ" މިހެން ބޮޑުއަކުރުން ލިޔެފައިވާ ލިޔުމެއް، އާންމުކޮށް ފެންނާނޭހެން ވޯޓުފޮށި ކައިރީގައި ބެހެއްޓުމަށެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު