-

ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނު

(ގާނޫނު ނަންބަރު 2001-02)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިގާނޫނަކީ، ދިވެހިރާއްޖޭގައި މަދަނީ ވައިގެ އުޅަނދު ރަޖިސްޓްރީކުރުމާއި، ދުއްވުމާއި، މަދަނީ އެއަރޮޑްރޯމް ހެދުމާއި، ރަޖިސްޓްރީ ކުރުމާއި، ހިންގުމާއި، ބޭނުންކުރުމާއި، މަދަނީ ވައިގެ އުޅަނދާއި، އެއަރޮޑްރޯމްތަކާ ގުޅޭ އެހެނިހެން ކަންތައްތަކާއި، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި، މި އެންމެހައި ކަންކަމާބެހޭ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ވައިގެ ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުން

ދިވެރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރު ތަރައްގީކުރެވޭނެ ގޮތްތައް ހޯދައި، ރާއްޖެއާ އެހެނިހެން ގައުމުތަކާ ދޭތެރޭ ވައިގެ ދަތުރުފަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއެކު ގުޅުން ގާއިމްކޮށް އަދި އެ ގުޅުން ބަދަހިކޮށް، ވައިގެ ދަތުރުފަތުރުގެ ނިޔަމިކަމަށް ބޭނުންވާ ކަންތައްތައް ހަމަޖައްސައި، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރާބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓާނީ، މިނިސްޓްރީންނެވެ.

 

އެއަރޮޑްރޯމް

3 ވަނަ މާއްދާ - ރަޖިސްޓަރީކުރުން   

ދިވެހިރާއްޖޭގައި މަދަނީ އެއަރޮޑްރޯމް ހަދައި ރަޖިސްޓަރީކޮށް ބޭނުންކުރަންވާނީ، މިގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

4 ވަނަ މާއްދާއެއަރޮޑްރޯމް ހެދުން

(ހ) ދިވެހިރާއްޖޭގައި މަދަނީ އެއަރޮޑްރޯމެއް ހަދަންވާނީ، ދިވެހިރާއްޖޭގެ ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން އެކަމަށް ބޭނުންވާ ބިން ނުވަތަ ތަން ހޯދުމަށްފަހު، ހަދަން ބޭނުންވާ އެއަރޮޑްރޯމުގެ ކުރެހުންތަކާއި އޭގެ ތަފްސީލްތަކާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނާ މައްލޫމާތު، މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) ދިވެހިރާއްޖޭގައި މަދަނީ އެއަރޮޑްރޯމެއް ހިންގަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން އެ އެއަރޮޑްރޯމެއް މިނިސްޓްރީގައި ރަޖިސްޓަރީކޮށް، މިނިސްޓްރީން އެއަރރޮޑްރޯމް ހިންގުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

 

5 ވަނަ މާއްދާ - އެއަރޮޑްރޯމުގެ ވަށައިގެން ކަނޑައެޅޭ ސަލާމަތީ ސަރަހައްދު

މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތައްޓަކައި ކޮންމެ މަދަނީ އެއަރޮޑްރޯމެއްގެ ވަށައިގެން ވަކި ސަރަހައްދެއް ކަނޑައަޅައި އެ ސަރަހައްދުގެ ތެރޭގައި ތިރީގައި ބުނެފައިވާ ކަންތައްތައް ކުރުމާބެހޭ މިންގަނޑުތަކެއް ކަނޑައަޅައި އެކަންކަމާބެހޭ ގަވާއިދު ހެދުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) އިމާރާތްކުރުމާއި، އެކިއެކި ބިނާ ހެދުން.

(ށ) ގަސް އިންދައި ހެއްދުމާއި، ދަނޑުގޮވާން ކުރުން.

(ނ) އެކިބާވަތްބާވަތުގެ އުޅަނދު ދުއްވުމާއި ބޭއްވުން.

(ރ) އަލިކުރުމާއި ދޫނި ގެންގުޅުމާއި، ވައިގެ ތެރޭގައި އެއްޗެހި ގެންގުޅުންފަދަ ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ކުރުން.

 

6 ވަނަ މާއްދާ – ސަލާމަތީ ސަރަހައްދުގައި ސަރަހައްދުގައި މިންގަނޑުތައް ހިފެހެއްޓުން

މިގާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ސަރަހައްދުގެ ތެރޭގައި އެ މާއްދާގައި ބުނެފައިވާ ކަމެއް އެ މާއްދާގައި ބުނެފައިވާ މިންގަނޑުތަކާ ނުވަތަ ގަވާއިދާ ހިލާފު ގޮތަކަށްވާނަމަ އެކަމެއް އެ މިންގަނޑުތަކާ ނުވަތަ ގަވާއިދާ އެއްގޮތަށް ބެހެއްޓުމަށް އެންގުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން އެ މިންގަނޑުތަކާ ނުވަތަ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމަކީ އެ ސަރަހައްދު ކަނޑައެޅުމުގެ ކުރިން ކޮށްފައިވާ ކަމެއްނަމަ، އެކަމެއް އެ މިންގަނޑުތަކާ ނުވަތަ ގަވާއިދާ އެއްގޮތަށް ބަދަލުކުރުމަށްޓަކައި އެތަނެއްގެ ވެރިފަރާތުން ނުވަތަ އެކަމެއް ކުރާ މީހެއްގެ އަތުން ހިނގާ ހަރަދާއި، އެކަމެއް އެ މިންގަނޑުތަކާ ނުވަތަ ގަވާއިދާ އެގޮތްކުރުމުގެ ސަބަބުން އެމީހަކަށް ނުވަތަ އެފަރާތަކަށް ލިބޭ ގެއްލުމެއްގެ އަދްލުވެރި ބަދަލު، އެސަރަހައްދެއް ގުޅިފައިވާ އެއަރޯޑްރޯމުގެ ވެރިފަރާތުން އެމީހަކަށް ނުވަތަ އެފަރާތަކަށް ދޭންވާނެއެވެ.

 

ވައިގެ އުޅަނދު

7 ވަނަ މާއްދާ - ރަޖިސްޓަރީކުރުމާއި ދުއްވުން

ދިވެހިރާއްޖޭގައި މަދަނީ ވައިގެއުޅަނދު ރަޖިސްޓަރީކުރަންވާނީ، އަދި ދުއްވަންވާނީ، މިގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

8 ވަނަ މާއްދާ - ރަޖިސްޓަރީ ކޮށްދިނުމުގެ ށަރްތުތައް

ދިވެހިރާއްޖޭގައި މަދަނީ ވައިގެ އުޅަނދެއް ރަޖިސްޓަރީ ކޮށްދެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ އުޅަނދެއް ރޖިސްޓަރީ ކުރުމަށްއެދި މިނިސްޓަރީއަށް ހުށަހެޅުމުން، ތިރީގައި ބުނެފައިވާ ށަރްތުތައް ފުރިހަމަވެފައި ވާނަމައެވެ.

(ހ) ރަޖިސްޓަރީ ކުރުމަށްއެދޭ އުޅަނދަކީ، އެހެން ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް ކަމަށް ނުވުން.

(ށ) އުޅަނދު ރަޖިސްޓަރީކުރުމަށް އެދޭ ފަރާތަކީ :-

  1. ދިވެހި ސަރުކާރަށް ކަމައްވުން، ނުވަތަ
  2. ދިވެހިރައްޔިތަކު ކަމަށްވުން، ނުވަތަ
  3. ދިވެހި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް ނުވަތަ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމަށްވުން، ނުވަތަ
  4. ދިވެހިރާއްޖޭގައި ދިރިއުޅޭ، ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރި ހިންގާ ބިދޭސީއަކު ކަމަށްވުން، ނުވަތަ
  5. ދިވެހިރާއްޖޭގައި ވިޔަފާރި ހިންގާ، ބޭރު ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޖަމްއީޔާއެއް ނުވަތަ ޖަމާއަތެއް ކަމަށްވުން.

 

9 ވަނަ މާއްދާރަޖިސްޓަރީ ކުރިކަމުގެ ލިޔުން

މިގާނޫނުގެ 8 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ އުޅަނދެއް ރަޖިސްޓަރީ ކޮށްދިނުމަށްފަހު، އެ އުޅަނދެއް ރަޖިސްޓަރ ކޮށްދިނުމަށްފަހު، އެ އުޅަނދެއް ރަޖިސްޓަރީ ކޮށްފައިވާކަމުގެ ލިޔުމެއް އެ އުޅަނދަކަށް މިނިސްޓްރީން ދޫކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - މިލްކުވެރިކަމާ ބެހޭ މައުލޫމާތު ބެލެހެއްޓުން

ދިވެހި ރާއްޖޭގައި ރަޖިސްޓަރީކުރެވޭ މަދަނީ ވައިގެ އުޅަނދުގެ މިލްކުވެރި ފަރާތްތަކާއި، އެފަދަ އެއްވެސް އުޅަނދަކާ ގުޅޭގޮތުން ރަހުނު ހިފާ މީހެއްގެ ގޮތުން ނުވަތަ އެނޫންގޮތަކުން ނަމަވެސް، އެއްވެސް ފަރާތަކަށް ހައްގެއް ލިބިފައިވާނަމަ އެފަރާތްތަކާއި، އެފަރާތްތަކަށް ލިބިފައިވާ ހައްގުތަކުގެ މައްލޫމާތު، މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

 

11 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލުކުރުން

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަދަނީ ވައިގެ އުޅަނދަކާ ގުޅޭގޮތުން ތިރީގައި ބުނެފައިމިވާ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، އެ އުޅަނދެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) އުޅަނދު ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅި މައުލޫމަތެއް ބަދަލުވުން.

(ށ) އުޅަނދު ނައްތާލުން ނުވަތަ އެއްގޮތަކަށްވެސް ނުދުއްވޭވަރަށް ހަލާކުވުން.

(ނ) ކުއްޔަށްހިފައިގެން ދުއްވުމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް، ކުއްޔަށްހިފުމަށް ކޮށްފައިވާ އެގްރީމަންޓުގެ މުއްދަތު ހަމަވުން ނުވަތަ ބާތިލުވުން.

(ރ) އެފަރާތެއްގެ ނަމުގައި އުޅަނދެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކީ، މި ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ފަރާތެއް ކަމަށް ނުވުން.

(ބ) އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ރަޖިސްޓަރީ ބާތިލު ކުރުމަށް އެދި ހުށަހެޅުން.

 

ވައިގެ ދަތުރުފަތުރުގެ ހިދުމަތްދިނުމުގެ ހުއްދަ

12 ވަނަ މާއްދާ - ވައިގެ ދަތުރު ފަތުރުގެ ހިދުމަތް ދިނުން

ދިވެހި ރާއްޖޭގައި އެއްވެސް ފަރާތަކުން، މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭންވާނީ، މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށްފަހުގައެވެ.

 

13 ވަނަ މާއްދާ - ހުއްދަ ދޫކުރެވޭ ފަރާތްތައް

މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދިނުމުގެ ހުއްދަ ދޫކުރާނީ، އެ ހުއްދައަށް އެދޭ ފަރާތަކީ ވައިގެ ދަތުރު ފަތުރުގެ ހިދުމަތްތައް ރައްކާތެރިކަމާއެކު ދިނުމަށް ބޭނުންވާ މާލީ ތަނަވަސްކަމާއި، ވަސީލަތްތަކާއި، ފަސޭހަތަކާއި ގާބިލު މީހުންނާއި އިންތިޒާމުތައް ފުރިހަމަވެފައިވާ ފަރާތެއް ކަމަށް ވާނަމައެވެ.

 

 

އެެއަރވާދިނަސް ސެޓްފިކެޓް

14 ވަނަ މާއްދާ - އެއަރވާދިނަސް ސެޓްފިކެޓް           

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް މަދަނީ ވައިގެ އުޅަނދެއް ދުއްވަން ވާނީ، މިނިސްޓްރީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ އުޅަނދަކަށް އެއަރވާދިނަސް ސެޓްފިކެޓެއް ހޯދުމަށްފަހުގައެވެ.

(ށ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މަދަނީ ވައިގެ އުޅަނދު ފަހަރަށް އެއަރވާދިނަސް ސެޓްފިކެޓް ދޫކުރެވޭނީ، އެ އުޅަނދެއް ބަނދެފައިވާ ގޮތަކަށާއި، އުޅަނދުގެ އިންޖީނަށާއި، އުޅަނދުގައިވާ ސާމާނަށާއި، އުޅަނދުގެ ސަލާމަތީ ކަންތައްތައް ހަމަޖެހިފައިވާ ގޮތަށާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަންތައްތައް ބަލައި، އެކަންތައްތައް މިނިސްޓްރީން ކަނޑައަޅާ ފެންވަރަށް ހުރިނަމައެވެ.

 

ފަޅުވެރިން

15 ވަނަ މާއްދާ - އުޅަނދު ދުއްވާ މީހުންނާއި ފަޅުވެރިންނާއި އިންޖިނޭރުން ހުއްދަހޯދުން

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މަދަނީ ވައިގެ އުޅަނދު ދުއްވަންވާނީ، އަދި އެ އުޅަނދުގެ ފަޅުވެރިންގެ ގޮތުގަޔާއި އިންޖިނޭރުންގެ ގޮތުގައި ތިބެންވާނީ، މިނިސްޓްރީން އެކަމަށް ހުއްދަ ދީފައިވާ މީހުންނެވެ.

 

16 ވަނަ މާއްދާ - ހުއްދަދެވޭ މީހުން

މަދަނީ ވައިގެ އުޅަނދު ދުއްވުމުގެ ހުއްދައާއި، މަދަނީ ވައިގެ އުޅަނދުގެ ފަޅުވެރިކަމާއި، އިންޖިނޭރުކަން ކުރުމުގެ ހުއްދަ މިނިސްޓްރީން ދޭންވާނީ، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެމަތިން މިނިސްޓްރީން ކަނޑައަޅާ ފެންވަރަށް ތަމްރީނު ލިބި، ފާސްވެފައިވާ މީހުންނަށެވެ.

 

ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން

17 ވަނަ މާއްދާ - ސަލާމަތީ މިންގަޑުތަކާ ބެހޭ ގަވާއިދު ހެދުން

(ހ) ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށާއި، ވައިގެ އުޅަނދުފަހަރުން ދަތުރުކުރާ މީހުންނާއި އުފުލާ މުދަލުގެ ސަލާމަތަށްޓަކައި، އަދި އެފަދަ އުޅަނދުން މެދުވެރިވެދާނެ ނުރައްކަލަކުން އާންމުން ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އެކިއެކި ކަންކަމުގައި އަމަލުކުރަންޖެހޭނެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ހަދަންޖެހޭ ގަވާއިދުތައް މިނިސްޓްރީން ހަދަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅާ މިންގަޑުތަކާއި އުސޫލުތަކާއި ގަވާއިދުތައް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެކަންކަމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބުނެފައިވާ ވަރަށްވުރެ ދަށްވެގެން ނުވަތަ އުނިވެގެން ނުވާނެއެވެ.

 

ބަލައި ފާސްކުރުން

18 ވަނަ މާއްދާ - އެއަރޮޑްރޯމާއި އުޅަނދުފަހަރުގެ ސަލާމަތީ ކަންތައްތައް ބެލުން

(ހ) މަދަނީ ވައިގެ ދަތުރުފަތުރު ކުރުމަށް އެކި ފަރާތްތަކުން ބޭނުންކުރާ އުޅަނދާއި އުޅަނދުފަހަރުގެ އިންޖީނާއި ތަކެއްޗާއި އުޅަނދުފަހަރުގެ އެހެނިހެން ކަންތައްތަކާއި، އެއަރޮޑްރޯމްތައް، މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، ކަނޑައަޅާ މިންގަޑުތަކާ އެއްގޮތަށް ހުރިތޯ ބެލުމަށާއި، އެތަކެއްޗާއި ތަންތަން ސަލާމަތީގޮތުން އެކަށީގެންވާ ފެންވަރެއްގައި ހުރިތޯ ބެލުމުގެ ގޮތުން އެތަކެއްޗާއި ތަންތަން، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން ބަލަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ބޭނުމަށް މިނިސްޓްރީން ބަލަން ބޭނުންވާ އުޅަނދަށާއި، އެއަރޮޑްރޯމަށާއި، އިމާރާތަށާއި ތަންތަނަށް ވަދެ އެތަންތަނާއި، އެތަންތަނުގައި ހުންނަ ލިޔުންތައް ބަލައި، މިނިސްޓްރީއަށް ބޭނުންވާ ލިޔުންތައް ނަކަލުކުރުމުގެ އިހްތިޔާރާއި ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ - ސަލާމަތީ ކަންތައްތައް އިސްލާހުކުރުމަށް އެންގުމާއި ހުއްދަ ހިފެހެއްޓުމާއި ބާތިލުކުރުން

(ހ) މިގާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވާ އެއްޗެއް ނުވަތަ ތަނެއް އެމާއްދާގައި ބުނެފައިވާ ގޮތުގެމަތިން ބަލާއިރު، އެ އެއްޗެއް ނުވަތަ އެތަނެއް ނުވަތަ އެ އެއްޗަކާ ނުވަތަ އެތަނަކާ ގުޅޭކަމެއް ވަނީ މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް ނުވަތަ ސަލާމަތީގޮތުން އެކަށީގެންނުވާ ފެންވަރަކަށް ނުވަތަ ގޮތަކަށް ކަމަށްވާނަމަ، އެ އެއްޗެއް ނުވަތަ އެތަނެއް ނުވަތަ އެކަމެއް އިސްލާހު ކުރުމަށް އެންގުމުގެ ބާރާއި، އެކަމެއް އިސްލާހުކުރުމަށްފަހުގައި ނޫނީ އެ އެއްޗެއް ނުވަތަ ތަނެއް، މަދަނީ ވައިގެ ދަތުރުފަތުރު ކުރުމަށް ބޭނުން ނުކުރުމަށް އެންގުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ދޫކޮށްފައިވާ މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދިނުމުގެ ހުއްދައެއް ނުވަތަ އެއަރވާދިނަސް ސެޓްފިކެޓެއް ނުވަތަ ވައިގެ އުޅަނދު ދުއްވުމުގެ ހުއްދައެއް ނުވަތަ ވައިގެ އުޅަނދުގެ ފަޅުވެރިއެއްގެ ހުއްދައެއް، ނުވަތަ ވައިގެ އުޅަނދުގެ އިންޖިނޭރެއްގެ ހުއްދަ ނުވަތަ އެނޫންވެސް ހުއްދައެއް ލިބިފައިވާ ފަރާތަކުން މިގާނޫނާ ނުވަތަ މިގާނޫނުގެ ދަށުން ހަދާ ގަވާއިދާ ނުވަތަ އެ ހުއްދައިގެ ށަރްތަކާ ހިލާފުވެއްޖެނަމަ، ނުވަތަ އެފަރާތަކަށް ދޫކޮށްފައިވާ ހުއްދައެއް އެފަރާތަކަށް ދޫކޮށްފައި އޮތުމަކީ އެފަރާތަކާގުޅޭ ވައިގެ ދަތުރުފަތުރަށް ނުރައްކާތެރިވެދާނެ ކަމެއް ކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ، އެފަރާތަކަށް ދޫކޮށްފައިވާ  ހުއްދަ ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

އެކްސިޑެންޓް ތަހްގީގުކުރުން

20 ވަނަ މާއްދާ - އެކްސިޑެންޓް ތަހްގީގުކުރުން

(ހ) ދިވެހިރާއްޖޭގައި ދިމާވާ މަދަނީ ވައިގެ އުޅަނދުގެ އެކްސިޑެންޓާއި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މަދަނީ ވައިގެ އުޅަނދަށް ދިމާވާ އެކްސިޑެންޓް، އެއެކްސިޑެންޓެއް ހިނގަންދިމާވި ސަބަބެއް ހޯދައި ބެލުމަށްޓަކައި މިނިސްޓްރީން ތަހްގީގުކުރަންވާނެއެވެ. 

(ށ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މަދަނީ ވައިގެ އުޅަނދަށް ރާއްޖޭންބޭރުގައި ދިމާވާ އެކްސިޑެންޓް، އެ އެކްސިޑެންޓެއް ހިނގި ގައުމެއްގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދައާއެކު، އެކަމަށް ހަމަޖެހިފައިވާ އުސޫލެއްގެމަތިން ތަހުގީގުކުރުމުގެ ނުވަތަ އެހާދިސާއެއް ތަހްގީގު ކުރުމުގައި ބައިވެރިވުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

(ނ) ދިވެހިރާއްޖޭގައި އަސްކަރީ ބޭނުމަށް ވަކިކުރެވިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިނގާ މަދަނީ ވައިގެ އުޅަނދުގެ އެކްސިޑެންޓް ތަހްގީގުކުރާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީން ނުވަތަ އެމިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ރ) މަދަނީ ވައިގެ އުޅަނދަށް ދިމާވާ އެކްސިޑެންޓް، މި މާއްދާގެ ދަށުން ތަހްގީގުކުރުމުގައި އެ އެކްސިޑެންޓް ހިނގުމުގައި އެއްވެސްފަރާތެއްގެ ކުށެއްވޭތޯ ބެލުމަށްޓަކައި ކުރަންޖެހޭ ތަހްގީގުތައް ކުރާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީންނެވެ.

(ބ) މި މާއްދާގެ ދަށުން ކުރާ ތަހުގީގުތަކުގެ އަލީގައި، މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް، މިނިސްޓްރީން އަޅަންވާނެއެވެ.

 

އެހެނިހެން ކަންތައްތައް

21 ވަނަ މާއްދާ - ގަވައިދުން ދުއްވާ ދުއްވުމުގައި ދިމާވާ އުނދަގުލަށް، އުލަނދުން ޒިންމާނުވުން

މިގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވައިދާ ހިލާފުނުވެ، ވައިގެ އުޅަނދަކުން އެ   އުޅަނދެއްގެ އާންމު ދުއްވުމުގައި، އާންމުކޮށް މީހަކަށް ނުވަތަ ބަޔަކަށްވާ އުނދަގުލަކަށް ނުވަތަ ތުރާލަކަށް، އެ އުޅަދެއްގެ ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.

 

22 ވަނަ މާއްދާ - ބޭރުގައުމުތަކުން ދޫކުރާ ހުއްދަ ގަބޫލުކުރުން

ބައިނަލް އަގްވާމީ މަދަނީ ވައިގެ ދަތުރު ފަތުރާ ބެހޭ ޖަމްއިއްޔާގެ މެންބަރުން 1944 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ފާސްކޮށް، ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރާބެހޭ މުއާހަދާގައި ބައިވެރިވެފައިވާ ގައުމަކުން، މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދްމަތްދިނުމަށާއި، މަދަނީ ވައިގެ އުޅަނދު ދުއްވުމަށާއި، މަދަނީ ވައިގެ އުޅަނދުގެ ފަޅުވެރިކަންކުރުމަށާއި، އިންޖިނޭރުކަންކުރުމަށް ދޫކޮއްފައިވާ ހުއްދަ، ދިވެހިރާއްޖޭގައި ގަބޫލުކުރެވޭނޭ ށަރްތުތައް ކަނޑައަޅައި، އެފަދަ ހުއްދަ ގަބޫލުކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ފީ ނެގުމާއި ފީގެ އަދަދު ކަނޑައެޅުން

މި ގާނޫނުގެދަށުން ރަޖިސްޓްރީކުރަންޖެހޭ ތަކެއްޗާއި ތަންތަން ރަޖިސްޓްރީކުރުމަށް ފީ ނެގުމާއި، މި ގާނޫނުގެ ދަށުން ދޫކުރެވޭ ސެޓްފިކެޓުތަކާއި، ހުއްދަތައް ހޯދުމަށާއި އާކުރުމަށާއި އެ ހުއްދަތަކަށް ފީ ނެގުމާއި، މިގޮތުން ނަގާ ފީގެ އަދަދު ކަނޑައެޅުމުގެ އިހްތިޔާރާއި ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - އަދަބު

(ހ) މިގާނޫނުގެ ދަށުން ސެޓްފިކެޓެއް ނުވަތަ ހުއްދައެއް ހޯދައިގެން ކުރަންޖެހޭ ކަމެއް، އެ ސެޓްފިކެޓެއް ނުވަތަ އެ ހުއްދައެއް ނުހޯދައި ކޮށްފި މީހެއްގެ އަދަބަކީ، 50،000 (ފަންސާސްހާސް) ރުފިޔާއާއި، 500،000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 6 މަސްދުވަހާ 2 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

(ށ) މިގާނޫނުގެ ދަށުން ދޫކޮށްފައިވާ ސެޓްފިކެޓަކަށް ނުވަތަ ހުއްދައަކަށް ނުވަތަ އެނޫންވެސް ލިޔުމަކަށް އަމިއްލައަށް ބަދަލުގެނެސްފި މީހެއްގެ އަދަބަކީ، 5،000 (ފަސްހާސް) ރުފިޔާއާއި، 50،000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 6 މަސްދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުމެވެ.

(ނ) މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ގޮތަކަށް މަދަނީ ވައިގެ އުޅަނދެއް ދުއްވައިފި މީހެއްގެ އަދަބަކީ، 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުމެވެ.

(ރ) މިގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ވަކިގޮތަކަށް އަމަލުކުރުމަށް މި މާއްދާގެ އެހެން އަކުރެއްގައި ބުނެފައި ނުވާނަމަ، އެފަރާތެއް 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

25ވަނަ މާއްދާ - ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރުން

މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ގޮތުންނާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ބެހޭގޮތުން ހެދިފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެތެރެއިން، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ މުއާހަދާތަކުގެ ދަށުން ދިވެހިރާއްޖެއިން ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން، ސީދާ މިނިސްޓްރީން ކުރަންޖެހޭ ކަންތައްތައް މިނިސްޓްރީން ކުރަންޖެހޭ ކަންތައްތައް މިނިސްޓްރީން ކުރަންވާނެއެވެ. އަދި އެ މުއާހަދާތަކުގެ ދަށުން ސަރުކާރުގެ އެހެން ފަރާތަކުން ކުރަންޖެހޭ ކަމެއްވާނަމަ، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ފަރާތަކުން އެކަމެއް ކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ގަވާއިދާ ހަދައި ހިންގުން

(ހ) މިގާނޫނުގެ އެހެން މާއްދާތަކުގައި ބުނެފައިވާ ގަވާއިދުތަކުގެ އިތުރަށް، މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އަދި މި ގާނޫނުގެ ދަށުން ހަދާ އެންމެހައި ގަވާއިދުތައް ހިންގާނީ، މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އިދާރީގޮތުން އަޅާނޭ ފިޔަވަޅުތަކާއި، ކުރެވޭނީ ޖޫރިމަނާތައް އެ ގަވާއިދުގައި ކަނޑައަޅައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އެ ގަވާއިދުގެ ދަށުން އަމަލުކުރުމުގެ އިހްތިޔާރާއި ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން ކަނޑައެޅޭ ޖޫރިމަނާ، މި ގާނޫނުގެ 24 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ އަދަދަށްވުރެ ބޮޑުވެގެން ނުވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ގޮތްނޫން ގޮތަކަށް އަމަލުކުރުމަކީ އެވަގުތަކު އެކަމަކަށްއޮތް އެންމެ މަންފާބޮޑު ގޮތްކަމަށްވެފައި، އެގޮތަކީ މަދަނީ ވައިގެ ދަތުރުފަތުރަށް ނުރައްކަލެއް މެދުވެރިނުވާނޭ ގޮތެއް ކަމަށް ވާނަމަ، އެގޮތަކަށް އެކަމެއްގައި އެފަހަރަކު އަމަލުކުރުމުގެ ހުއްދަދިނުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - ގާނޫނު ހިންގޭނެ ދާއިރާ

ދިވެހިރާއްޖޭގައި ސަރަހައްދުގެ ތެރޭގައިވާ އަދި ދުއްވާ އެންމެހައި މަދަނީ ވައިގެ އުޅަނދުފަހަރުގެ މައްޗަށާއި، ރާއްޖޭން ބޭރުގައި ވިނަމަވެސް، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އެންމެހައި މަދަނީ ވައިގެ އުޅަނދުފަހަރުގެ މައްޗަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ހިންގޭނެއެވެ.

 

28 ވަނަ މާއްދާ - މާނަ

މިގާނޫނުގައި، އެ އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ:

(ހ) "އެއަރޮޑްރޯމް" ކަމަށް ބުނެފައި އެވަނީ، ވައިގެ އުޅަނދު ޖައްސައި ނެގުމަށް ކަނޑައަޅައި، ތައްޔާރުކޮށް، އެކަމުގެ ވަސީލަތްތައް ގާއިމްކޮށްފައިވާ ކޮންމެ ތަނަކަށެވެ.

(ށ) "ވައިގެ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ވައިގެ ތެރެއިން ދުއްވުމަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗެކަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭށަނާއި އެ މިނިސްޓްރީގެ މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ބަޔަކަށެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު